އަޒީ ހިނިތުންވެފައި ބަލަހައްޓައިގެން އިންދާ މަފާޒް އައިސް އިށީންދެލީ ޖެހިގެން ހުރި ގޮނޑީގައި އަފްލާކް ކައިރީގަ އެވެ. ޔަޝާރު އެބަ އަންނަމޭ ބުނެފައި ނިކުމެގެން ދިޔައެވެ. ލަޔާލް އިނީ ބަލާށެވެ. މަފާޒް އަދި އަފްލާކް އާއި ސިފައިގެ ގޮތުން ކިތަންމެ ވައްތަރު ވިއަސް ވާހަކަ ދެއްކުމުގައި ހިތްހެޔޮ ރާގަކާއި ދޭތެރެއަކުން ހިނިތުންވެލާއިރު މޫނު އުޖާލާ ވެދާ ގޮތުން މިޒާޖުގެ ތަފާތުކަން ފާހަގަވިއެވެ. 

"ދަރިފުޅަށް ހަނދާން އެބަހުރިތަ ސަހާމާ ދައްތަ؟ މީ ސަހާމާ ދައްތައަށް ބޮޑުދައިތަ ކިޔާ ކުއްޖެއް. ލަޔާލް. މިގޭގައި ކިޔަވަން ހުންނަނީ." އަޒީ އިނދެފައި އެމީހުން ދައްކަމުން ދިޔަ ވާހަކައިގެ މެދުތެރޭން ކަހަލަ ގޮތަކަށް ލަޔާލް ތައާރަފް ކޮށްދިނެވެ. އެއަޑަށް ލަޔާލް ސިހުނު ވަރުން އަތުގައި ހުރި ސައިތަށިވެސް ބަންޑުން ނުވީ ކިރިޔާއެވެ. އިސް އުފުލައިލުމުން މަފާޒް ފެނުނީ ހިނިތުންވެފައި އިންދައެވެ. "މަފާޒް." ހަތަރުކަޅި ހަމަވުމުން ގާތްގޮތަކަށް މަފާޒް އަމިއްލަ ތައާރަފް ދިނެވެ. އަފްލާކް އެވަގުތުވެސް އިނީ އިސްޖަހާލައިގެންނެވެ. އެކަމަކު ޔަޤީނުންވެސް ލަޔާލްގެ ތައާރަފް އޭނާއަށް މިފަހަރު އިވޭނެ އެވެ. އިރުކޮޅަކުން ނަތާ ތެދުވެގެން ނިކުންނަން ދާން ފެށުމުން ލަޔާލް އަވަހަށް ފުންމައިގެން ތެދުވެފައި ނަތާ ފަހަތުން އަޅުވައިލި އެވެ. އެކަމަކު އެއީ އެތަނުން ނިކުމެވޭން ދެންނެވެ. ލަޔާލްގެ ފޯނަށް ކުޑަ މަންމަ ގުޅީ އެވަގުތުއެވެ. އޭނާ ފޯނުން ވާހަކަ ދައްކަމުން މައްޗަށް އަރައިގެން ދަނިކޮށް ކޮރިޑޯގެ އެންމެ ބިތްދޮށުގައިވާ ކޮޓަރިން ޔަޝާރު ނިކުމެގެން އަންނާތީ ފެނުނީ ކަރުދާސް ކޮތަޅެއް ހިފައިގެންނެވެ. 

ލަޔާލް އަށް އަދި ކިރިޔާ ރަނގަޅަށް އެސޫރަ ފެނުނީއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޔަޝާރުގެ މޫނު އެއީ އޭނާ ކޮންމެވެސް ތާކުން ދެކެފައިވާ މޫނެއް ކަމުގައި ހިތް އެންގީވެސް ހަމަ އެފިޔަވަޅު މަތީގައި ހުއްޓައެވެ. ޔަޝާރު ފަރި ހިނގުމެއްގައި ކައިރި ވަމުން އައިއިރު ވިހުރާލެވިފައިވާ ފަން އިސްތަށިގަނޑު ކޮނޑުމަތީގައި އޮތެވެ. ކަޅު ދެލޮލުގައި ހިތްހަމަ ޖެހުމާއި މޫނުގައި އަޖައިބެއް ފަދަ ވިދުމެއް އެކުލެވިފައި ވިއެވެ.

"ކީކޭ ކުޑަ މަންމާ؟" ޔަޝާރު އައިސް ހަމަވާން ވާއިރަށް ލަޔާލް އަވަހަށް ކޮޓަރިއަށް ދެމިގަތެވެ. އޭނާ ފޯން ނިންމައިލާފައި އެނދުގައި އޮތީ ޔަޝާރު އާއި މެދު ވިސްނުމުގައެވެ. އެކަމަކު އޭނާ ހަނދާން ކުރަން އުޅެވެސް އެމޫނެއް ނޭނގުނެވެ. އެހިސާބުން ލަޔާލް ނިންމީ އެއީ ނުދަންނަ މޫނެއް ކަމަށެވެ. މާލޭގައި އުޅޭއިރު ކޮންމެ ސައުވީސް ގަޑިއަކުންވެސް އެތަކެއް މޫނު ފެނި ގެއްލެއެވެ. ވެދާނެއެވެ. ޔަޝާރު ހަނީމޫނަށް ފުރުމުގެ ކުރިން މަގުމަތިން ނަމަވެސް އޭނާއަށް ފެނިފައިވަނީއެވެ. 

އެރޭގެ ކެއުމުން އަވަދިވެގެން އެންމެން ތިބީ ލިވިންރޫމް ސޯފާތަކުގައެވެ. މަފާޒްމެން ހަނީމޫން ނިންމާފައި ގެނަ ހަދިޔާތައް ބެހުންވެސް އޮތީ އެގަޑީގައެވެ. ސޯފާތަކުގެ މެދުގައި ކުޑަ މޭޒުމަތި ފުރާލައިފައި ޕާރސަލްތައް ހުއްޓެވެ. ލަޔާލް އެތާ ނުހުންނަންވެގެން ފޯނެއް އައި ކަމަށް ހެދިފައި އަވަހަށް މައްޗަށް އަރައިގެން ދިޔައެވެ. އެކަނިވުމުން އޭނާ ގަސްތުކުރީ މަތީބައި އެއްކޮށް ބަލައިލާށެވެ. އެހެންނޫނަސް ގޭގެ އެއްވެސް ތަނަކަށް ވަނުން އެކަކުވެސް މަނައެއް ނުކުރެއެވެ. ލަޔާލް ފޯން ޖިންސްގެ ޖީބަށް ލައިފައި ތިންވަނަ ބުރިއަށް އަރަންވެގެން ސިޑީގެ ހަރުފަތްތައް ގިރާކުރަން ފެށިއެވެ. ލައިގެން ހުރި ގަމީހުގެ އަތްކުރި ރޫޅިގެން ދިއުމުން މައްޗަށް އަރާފައި ފުރަތަމަވެސް އަތްކުރި އޮޅައިލި އެވެ. އެއްފަރާތުން ކޮޓަރި ތަކަށް ދެވެން ކޮރިޑޯއެއް ލައިފައި އަނެއް ފަރާތުގައި ބެލްކަންޏަށް ނިކުމެވެން މަގެއް އޮތެވެ. ލަޔާލް ދެކޮޅަށް ބަލާލައިފައި ހިނގައިގަތީ ބެލްކަންޏަށް ދެވެން އޮންނަ މަގުންނެވެ. 

ލަޔާލް ގޮސް ކޮޅާއި ހަމައަށް ނިކުމެވުމުން އެނގުނީ އެއީ ބެލްކަންޏެއް ނޫންކަމެވެ. ކުޑަވަރެއްގެ ލިވިންރޫމެކޭ ކިއިދާނެއެވެ. ދިގު ސޯފާއަކާއި ވަކިން ހުރި އެއް ސޯފާގެ ގޮނޑީގެ އިތުރަށް އެތާގައި ހުރީ ޕިއާނޯ އެކެވެ. އަދި މަގުމައްޗާއި ވީ ފަރާތައް ހުޅުވެން ނިކަން ދިގު ކުޑަދޮރުތައް ބަހައްޓާފައި ވެއެވެ. ފޮތިގަނޑު ކަހާލައިފައި ހުރުމުން އެވަގުތުވެސް ތިރީގައިވާ އިމާރާތްތައް ފެނެއެވެ. ލަޔާލް ގޮސް ޕިއާނޯގެ ކައިރީގައި ހުރި ކުރެހުން އަޅާފައިވާ ތަނބުގައި ދެއަތް އަޅުވާލައިގެން ހުއްޓުނެވެ. އެތަނުގެ މުށިތައްވެސް މަޑު ފެހި ކުލައެއްގައި ހުރެފައި އެކި ހިސާބުގައި ގަސްމުށިތައް ބަހައްޓާފައި ހުރުމުން ނުހަނު ހިތްގައިމެވެ. ވިސްނާލައިފައި ޕިއާނޯގެ ކުރިމަތީގައި ލަޔާލް އިށީންދެލިއެވެ. ކިޔަވަން އައުމުގެ ކުރީން އޭނާ އަވަށްޓެރި ގެއެއްގައި އުޅޭ އެކުވެރި އަކާއި އެކުގޮސް ޕިއާނޯ ކުޅެހަދައެވެ. އަދި އޭނާ އަށް އެންމެ ރީތިވެގެން ކުޅޭ ރާގަށް އަމިއްލައަށް ލަވައެއްވެސް ހަދައިގެން ކިޔައެވެ. ލަޔާލް އަދިވެސް އެއްފަހަރު އެނބުރި ބަލާލައިފައި ޕިއާނޯގެ ފިތްތައް މަތީ ދެއަތްތިލަ ބާއްވައިލި އެވެ. ހިތަށް ލިބުނު ހަމަޖެހުމަކުން ވަގުތުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލޯ މަރައިލާފައި އޭނާ ޕިއާނޯ ކުޅެން ފެށުމުން އިޚުތިޔާރެއް ނެތި ލަވަވެސް ކިޔެން ފެށިއެވެ.

ޔާރާ ހާސިލްވުމުން އަދިވެސް ހާސިލް ކުރަން
ބޭނުންވަނީއޭ މި ވާ ލޯއްބަކުން
މިބިމާއި އުޑާ ކައުނާ ފަޒާ
ހޯދާ ބެލީމޭ ލޯބިވާ.........

ލަޔާލްގެ ލަވަ ފުރިހަމަ ނުވަނީސް ކޮންމެވެސް މީހަކު ދުއްވައިގަތް އަޑަށް ސިއްސައިގެން ގޮއްސައި ޕިއާނޯއިން ދެއަތް ނެގިއްޖެއެވެ. ލޯ ބޮޑުކޮށްފައި އެނބުރި ބަލައިލުމުން އެކަކުވެސް ނުފެނުނެވެ. އޭނާ އިތުރަށް ކަންބޮޑުވީ އެހެންނެވެ. ލަޔާލް އަވަހަށް ތެދުވެފައި ގޮސް ކޮރިޑޯ ބަލައިލީ މީހަކު ކޮޓަރިއަށް ވަންނަތަން ވިއަސް ފެނޭތޯއެވެ. ކުރިންވެސް ވީ ގޮތަށް އިޝާރާތެއް ނުފެނުމުން ތުންފަތުގައި ދަތް އަޅައިލާފައި އަވަހަށް މިސްރާބު ޖެހީ ތިރިއަށެވެ. 

ޖެހިގެން އައި ދުވަހު ލަޔާލް ކޮލެޖަށް ދާން ތައްޔާރުވެގެން ނިކުތްއިރު ނަތާވެސް ދަބަސް އަޅުވާލައިގެން ލިވިންރޫމްގައި ހުއްޓެވެ. "ހާދަ ހީވެއޭ ކަމަކާއި ކަންބޮޑުވެފަ ހުރިހެން." ލަޔާލް އަތުގައި އޮތް ޗުއިންގަމެއް ނިއުޅާލައިގެން ހަފަން ފެށިއެވެ. "ހޫމ.. މިރޭ ޕޭރެންޓް މީޓިން އޮންނާތީ." ނަތާ ތުންކޮޅު އޫކޮށްލީ ކަންބޮޑުވެފައި ހުރެއެވެ. ލަޔާލް ލުއި ހީލުމަކާއެކު ކައިރިން ފިޔަވަޅުގެ އަޑު އިވިގެން ބަލައިލި ތަނާ އަފްލާކް ފެނުނީ ކުރިމަތިންނެވެ. މަޑުފެހި ކުލައިގެ އަތްދިގު ގަމީހާއި ހުދު ފަޓްލޫނުގައި ޓައީ އަޅައިލައިގެން ހުރިއިރު ރީތިކަމާއި ސްމާޓްކަން އޭގެ އިންތިހާއެވެ. އަފްލާކް ފޯނެއްގައި ހުރެގެން އޭނާގެ ކައިރިން ލައިފައި ގޮސް ފުރަގަހަށް ގެއްލޭންދެން ލަޔާލް ހުރީ ފާޑަކަށް ހުއްޓިފައެވެ. ދެން ހަމަ އެސިކުންތުގައި ޅަކުއްޖެއްހެން ރޮވޭ ފާޑަށް "އޯ އެމް ޖީ" އޭ ކިޔާލައިފިއެވެ. "ކިހިނެތްވީ؟" ނަތާއަށް ވީގޮތެއް ނޭނގުނެވެ. "އަހަރެންގެ އަނގައިގަ އޮތް ޗުއިންގަމް ކިރުގަނޑު އެ ދިރުނީ." ލަޔާލް ޖަވާބު ދިންއިރު އަފްލާކް އަދި ނުނިކުމެ ދޮރުކައިރީ ހުރީ އެކޮޅުން ދައްކަމުން ދިޔަ ވާހަކަ އަޑު އަހާށެވެ. އެވަގުތު ލަޔާލްގެ އަޑަށް އެނބުރި ބަލައިލުމުން ނަތާ ކުރި ސުވާލާއި ލަޔާލްގެ ފަރާތުން ލިބިގެން ދިޔަ ޖަވާބުވެސް އަފްލާކްއަށް ރީތިކޮށް އިވުނެވެ. 

"އަޖައިބެއް ތީ. ދެން ހަމަ ކަމެއްނުވެ ކާން ހުންނަ ޗުއިންގަމް ކިރުގަނޑު ދިރޭތަ؟" ނަތާއަށް އެކަންވީ އަރަތަކަށެވެ. ލަޔާލް ބިރުން ދުވެފައި ގޮސް ފްރިޖުން ކުޑަ ފެންފުޅިއެއް ނަގައިގެން ހުސްކޮށްލިއެވެ. އެހެންވެ ސައިބޯނެ ތަނެއް ނެތިގެން ކޮލެޖަށް ދިޔައީ ސައިވެސް ނުބޮއެވެ.

ނަތާ ކުލާހަށް ވަދެފައި އެހެން ކުދިންނަށްވުރެ ކުރީން ގޮނޑީގައި ހަމަޖެހިލިއެވެ. ފުރަތަމަ އޮންނަ "އިކޮނޮމިކްސް" ގަޑީގައި އޭނާ މިއަދު އިންނާނީ ކަމާއި ވެގެންނެވެ. އޯލެވެލް އަހަރު ފަރުވާ ކުޑަވެގެން އުޅޭނެ އެއްވެސް ދުވަސްވަރެއް ނާންނާނެއެވެ. އަހަރު ފެށުނީއްސުރެ ނިމޭންދެންވެސް އުޅެން ޖެހޭނީ ކިޔަވާށެވެ. އެކަމަކު ނަތާއަށް ގިނަ ވަގުތު ހޭދަ ކުރެވެނީ އެކުވެރިންނާއެކު މަޖާ ކުރުމުގައެވެ. އެކަމަކު އިކޮނޮމިކްސް ގަޑި އެއީ ނަތާގެ "ފެވަރިޓް" އެވެ. ކޮންމެހެން ކިޔަވާ ހިތަކުން ނޫނެވެ. ކިޔަވައިދޭ މުދައްރިސްގެ ސަބަބުންނެވެ. އިކޮނޮމިކްސް ކިޔަވައިދޭން ރާފިލް ކުލާހަށް ވަނީއްސުރެ ނިކުންނަން ދެން އޭނާ އިންނަނީ އެހެން ދުނިޔެ އެއްގައެވެ. ނަތާ ބަލަނީ ރާފިލްގެ މޫނަށެވެ. އެމޫނަށް އަރާ ފައިބަމުންދާ ކުލަ ތަކަށެވެ. ކިޔަވައިދޭ އިރު ގެންނަ ހަރަކާތްތަކާއި ބައެއްފަހަރު ހިނިތުން ވެލުމުން އަޑިވެގެންދާ ކޮލަށެވެ. ބޯޑުގައި ރާފިލް ލިޔާ "ނޯޓް" ނަތާއަށް ފެންނަނީ ކުރަހާލެވޭ ހިތްތަކެއް ފަދައިންނެވެ. ފަހަރެއްގައިވެސް އޭނާ އާއި ސުވާލެއް ކުރިމަތި ކޮށްފިނަމަ ކޮޅަށް ތެދުވެފައި އޭނާ ހުންނަނީ ބަސް ހުސްވެފައެވެ. ކުލާހުގައި ދައްކާ ވާހަކަ ނޭނގި ޖަވާބުދޭން އެނގޭނީ ކިހިނެތް ހެއްޔެވެ؟ އެފަދަ ކޮންމެ ވަގުތަކު ކުދިންގެ ހުނުމާއި މަލާމާތް ނަތާއަށް ރައްދުވެއެވެ. ހިސާބު، އެކައުންޓް ކަހަލަ އެއްޗެހިން މަތީ މާކްސް ފަސޭހަ ކަމާއިއެކު އޭނާ ހޯދައެވެ. އެކަމަކު ނޯޓްތައް ކިޔަން އެވާ ފޫއްސަކުން އިކޮނޮމިސްކް ކަހަލަ މާއްދާތައް ހިތަށް ވަންނަ ގޮތެއް ނުހުރެއެވެ.

"އޭ ޕާޓު! އަނެއްކާ ހާލު ރަނގަޅުތަ މިއަދު؟" ނަތާގެ އާދަޔާ ޚިލާފު ހަރަކާތް ފާހަގަ ކުރެވިގެން ކައިރީގައި އިށީން ޒޫނީ އަހާލައިފިއެވެ. "މިރޭ ޕޭރެންޓް މީޓިންގައި ރާފިލް ސަރ ބައްޕަ ކައިރީ ކިޔާނެ އެއްޗެއްވެސް ނޭނގެ." ނަތާ ސަބަބު ބުނެދިނެވެ. "އޯހ." ޒޫނީއަށް ލައްވައިލެވުނީ އެއަޑެވެ. އެވަގުތު ރާފިލް އެތެރެއަށް ވަދެ ދަބަސް މޭޒުމަތީ ބާއްވައިލާފައި ދަރިވަރުންނާއި ކުރިމަތި ލިއެވެ. އަތްދިގު ހުދު ގަމީހާއެކު އަޅިކުލައިގެ ޓަކްސިޑޯއާއި ފަޓްލޫނުގައި މިއަދުވެސް އެހާމެ ހިތްދަމައިގަންނަ ގޮތް ހުއްޓެވެ. ރާފިލް، ހުޅުވަންވީ ސޮފްހާ ނަންބަރ ބުނެދިނުމުން އެންމެ ކުރިން އެކަން ކުރި ކުއްޖަކަށް ނަތާ ވާނެއެވެ. އިސް ޖަހައިގެން އޭނާ އިނީ ރާފިލްގެ މޫނަށް ނުބަލަން ކަހަލައެވެ. އެގަޑި ނިމޭންދެންވެސް ނަތާ އެގޮތުގައި ހިފެހެއްޓިއެވެ. ނިކުމެގެން ދިއުމުގެ ކުރީން ރާފިލްވެސް އައިސް "ހާލު ރަނގަޅު ހެއްޔޭ" އަހައިލީ އެއާދަޔާ ހިލާފް މިޒާޖު ދެކެފައެވެ. ނަތާ އިސްޖެހިފައި އިނދެގެން ޖަވާބު ދިނުމުން ރާފިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ދޮރުން ނިކުންދާންވެސް އެހިނިތުންވުން ދެމި ހުއްޓެވެ. އެހެން ދުވަސް ދުވަހު ނަތާ އަބަދުވެސް އިންނަނީ ބަލަހައްޓައިގެންނެވެ. އޭނާއަށް ފެންނައިރަށް ނޫން ކަމަށް ހަދާފައި އެހެން ދިމާއަކަށް ބަލައިލާނެއެވެ. އެކަމަކު އެބެލުމުގައި އެހެން ހުރިހާ ކުދިންނާއި ތަފާތު ގޮތެއް ހުންނަކަން ޚުދު ރާފިލްއަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ. 

"ޕޭރެންޓް މީޓިން" ހީ ކުރި ގޮތަށް ނުދިއުމުން ނަތާ ހުރީ ނުހަނު ހައިރާންވެފައެވެ. ރާފިލް ހަމަ ގަސްތުގައި އޭނާ ކުލާހުގައި އުޅޭ ގޮތުގެ ވާހަކަ އޮއްބައިލީ ކީއްވެ ހެއްޔެވެ؟ ގެއަށް އައިސްވެސް ނަތާއަށް ވިސްނެނީ އެކަމާއެވެ. ކުއްލިއަކަށް ހިޔާލެއް އައިސްގެން އަފްލާކްގެ ފޯނުން ރާފިލްގެ ނަންބަރ ހޯދަން އޭނާ ނިންމިއެވެ. ރާފިލް އެއީ އަފްލާކްގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން އެކަކެވެ. އެކަން ކުރާނެ ގޮތެއް ނޭނގިގެން އޭނާ ދިޔައީ ޔާނިޒްގެ ކައިރި އަށެވެ. ކޮންމެ ގޮތެއްވިއަސް ފާޅުގައި ފޯނު ދޭން ބުނެފިއްޔާ ސަބަބު ހޯދަން އަފްލާކް ބޭނުން ވާނެއެވެ. 

"ކުޑަބޭ!" ނަތާ ދޮރު ހުޅުވައިލާފައި ޔާނިޒް ފެންނަން ނެތުމުން ގޮވައިލިއެވެ. ފާޚާނާއަށް ފެން އެޅޭ އަޑު އިވުމުން އޭނާ ގަސްތު ކުރީ މަޑުކޮށްލާށެވެ. އެތަން މިތަނަށް އުކާފައިވާ އެއްޗެހިތައް ފެނިގެން ނޭފަތް ހަދާލައިފައި ކޮޓަރިތެރެ ކޮނެލަން ހިތަށް އެރިއެވެ. ޑްރެސިންޓޭބަލް މަތީ ކަނޑާލައިފައި އޮތް މާޝްމެލޯ ޕެކެޓެއް ނެގިތަނާ ދަށުގައި އޮތް އަނގޮޓި ލޮލުގައި އަޅައިގަތެވެ. ނަތާއަށް ލޯ ބޮޑު ކޮށްލެވުނެވެ. އެއީ އޭނާގެ އަނގޮޓިއެކެވެ. "އެފް." ރުޅި އައިސްގެން ނަތާ ބުނެލިއެވެ. އެވަގުތު ފަހަތުން އަޑު އިވިގެން ބަލައިލިއިރު ޔާނިޒް ތުވާލިގަނޑާއެކު ފާޚާނާއިން ނިކުންނަނީއެވެ. "ޑޯންޓް ޔޫ ޑެއަރ!" ނަތާ އަނގޮޓި ނެގިތަން ފެނިގެން ޔާނިޒް ދުވެފައި އައެވެ. "މީ މަގޭ ރިންގެއް. ކުޑަބެ އަންހެން ކުދިންނަށް އަނގޮޓި ދޭން ބޭނުންވަންޏާ ބައްޕަ ކައިރީ ބުނީމަ ވީނު." ނަތާ އަނގޮޓި ނަގައި ފުރަގަހަށްލިއެވެ. "ތީ ނަތާގެ ރިންގެއް ނޫނޭ." ޔާނިޒް މަސައްކަތް ކުރީ އޮޅުވައިލާށެވެ. "ހީކުރީ މަ އެހާ ސްޓުޕިޑް ކަމަށްތަ؟ އޯހ ޕްލީޒް." ނަތާ ޔާނިޒްގެ މޭގައި އަތް އަޅައި ކޮށްޕައިލާފައި އަވަހަށް ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ފަހަތުން ދުވަން އުޅެނިކޮށް ޔާނިޒްއަށް ލިބުނީ ލަނޑެކެވެ. އުނުގައި އޮތް ތުވާލި ކޮންމެވެސް ގޮތަކުން ޑްރެސިންޓޭބަލްގެ ކަނެއްގައި އެޅިފައި ތުވާލި ނިއުޅިގެން ތިރިއަށް ވެއްޓުނީއެވެ. ނަތާ ގޮސް ގެއްލުނު އިރު ދޮރުމަތީގައި ހުރީ އަޑުގަދަވެގެން އައިސް އެތާ ހުއްޓުނު ލަޔާލް އެވެ. 

އެވަގުތު ޔާނިޒް ހުރި ގޮތް ފެނުނީވެސް ލަޔާލް އަށެވެ. ލަޔާލް އަނގަމަތީގައި އަތް އަޅާފައި އަނެއްފަރާތަށް އެނބުރުނު ތަނުން ކޮންމެވެސް މީހެއްގެ ގައިގައި ލައިގެންފިއެވެ. "ބަލައިގެން އުޅެބަލަ!" އެއީ އަނެއްކާވެސް އަފްލާކްގެ އަޑެވެ. "އައެމް ސޯ ސޮރީ." ލަޔާލް އަވަސް އަވަހަށް ދުރަށް ޖެހިލައިފި އެވެ. އަފްލާކް ގެ އަޑު އިވުމުން އޭނާގެ ހިނިގަނޑުވެސް މަތަވެއްޖެއެވެ. "ކީއްވެތަ އަބަދު އަފްލާކް ގައިގަ ލައިގަންނަނީ؟ އެކަމަކުވެސް އައި ހޭޓް ޔޫ." އަފްލާކް އެއްޗެއް ނުބުނެ ފަސްދިން ފަހުން ލަޔާލް އަމިއްލަ ނަފްސާއި މުޚާތަބު ކުރިއެވެ. "އެއްޗެކޭ ބުނިންތަ؟" އަފްލާކްއަށް ލަޔާލް ވާހަކަދެއްކި އަޑު އިވިގެން އެނބުރިފައި އަހައިލި އެވެ. ވަގުތުން ލަޔާލްގެ މޭގަނޑު ފިނި ވާގޮތް ވިއެވެ. އަފްލާކް ނުފެންނަ ގޮތަށް އަނގައަށް ގޮތެއް ހަދާލައިފައި އޭނާ އެނބުރި ބަލައިލިއިރު ހުރީ ނިކަން މައުސޫމުވެފައެވެ. ލަޔާލް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލުމުން އަފްލާކް އަވަހަށް ގޮސް ގެއްލުނެވެ.

ލަޔާލް ކޮޓަރީގައި އުޅެނިކޮށް ޔާނިޒް އައެވެ. "ހޭއި ބޭބް." އަތުގައި ހުރި ކޮފީ މަގާއެކު ޔާނިޒް ވަދެ ގޮވައިލި އެވެ. "ކީކޭ ޕޯން ސްޓާރ؟" ލަޔާލް އެނބުރިފައި ބުނެލި އެއްޗަކުން ޔާނިޒް ގާތަށް ހިނިއައެވެ. "ހާދަ ހެއްވައޭ. ކޮބާތަ އޭގަ އަހަރެން ޕޯން ސްޓާރ އަކަށްވެފަ؟" ޔާނިޒް އައިސް އިށީންދެލީ ލަޔާލްގެ އެނދުގައެވެ. "އަސަރު ކޮށްފި ދޯ. ދެން މަށަށް އެހެންވެސް ބުނެވިދާނެ. މަށަށް ނުފެންނަ އެއްޗެއް ނެތްވިއްޔަ." ލަޔާލް ހުރީ ލާނެތް މޫޑެއްގައެވެ. އިސްތަށިގަނޑުގައި ފުނާ އަޅައި ނިމިގެން އޭނާ ކޮޓަރިން ނިކުންނަން ދިއުމުން ޔާނިޒް ފަހަތުން ދިޔައެވެ.

ބަދިގެއަށް ވަދެ ލަޔާލްވެސް ކޮފީއެއް ހަދައިލިއެވެ. ތަންކޮޅެއް ލަސް ވާންދެން ނުނިދައި ފިލާވަޅު ދަސްކޮށްލަން އޭނާ ނިންމާފައި އޮތީއެވެ. ލަޔާލް ނިކުތްއިރު ސޯފާތަކުގައި ގޭގެ ހުރިހާ ފިރިހެން ކުދިން ތިބީ ކޮންމެވެސް ފުޓްބޯޅަ މެޗެއް ބަލަން ތައްޔާރު ވެގެންނެވެ. އެމީހުންނަށް އޭނާ ފާހަގަ ނުކުރެވޭނެ ކަމަށް ހީކޮށްގެން ލަޔާލް ހިނގަ ހިނގާ ހުއްޓާ މަފާޒް ގޮވާލައިފިއެވެ. "ކީކޭ؟" ލަޔާލް އެނބުރި ބަލައިލި އިރު ރަނގަޅަށްވެސް އަތުގައި ތުރު ތުރެއް ހަރުލައިފި އެވެ. "ހަމަ ގޮވާލީ." މަފާޒް ޖަވާބުދީފައި އަފްލާކް އާއި ދިމާއަށް ކުޑަކޮށް އަރިވެލައިގެން ކޮންމެވެސް އެއްޗެއް ބުނެފައި ސިއްރުން ހީލިއެވެ. އެވަގުތު އަފްލާކްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިތަން ފެނިގެން ލަޔާލް އައީ ރުޅިއެވެ. ހިތަށްއެރިއެވެ. އަފްލާކްވެސް ހަމަ އޭނާއަށް މަލާމާތް ކޮށްފައި ހެނީއެވެ. ލަޔާލް އަނެއްފަރާތަށް މޫނު އަނބުރާލަން އުޅެނިކޮށް އަފްލާކް ހަތަރުކަޅި ހަމަކޮށްލުމުން އަތުގައި ހުރި ކޮފީ މަގު މަތިންވެސް ހަނދާން ނެތިއްޖެއެވެ. ނަތީޖާއަކަށް ވީ ކޮފީތަށި ވެއްޓި ތެޅުމެވެ. "އައްދެ ކިހިނެއް ތިހެދީ؟" މަފާޒް ފުންމައިގެން ތެދުވެފައި އަހައިލިއެވެ. ލަޔާލް ރަކިވެގެން ލޮލަށް ކަރުނަތައް ޖަމާވީ ހިތާމައަށްވުރެ ބޮޑަށް ރުޅި އައިސްގެންނެވެ. އޭގެ ބަދަލު ހިފައިލަން އޭނާ ނިންމީއެތަނުން އެކަކުވެސް ހީނުކުރާ ފަދަ ގޮތަކަށެވެ. "ލަޔާ. އަތަށް ހޫނުވީތަ؟" ޔާނިޒް ހަމްދަރްދީ ވެފައި އައިސް ކައިރިއަށް ހުއްޓުނެވެ. 

ސިޑިން ފައިބައިގެން އަޒީ އައިސް ފުރަގަހުގައި ހުރި ކަމެއް ލަޔާލްއަކަށް ނޭނގެއެވެ. "ނޫން. އަތަށް ހޫނުވީއެއް ނޫން. އޭނަ ވިންކް ކުރީ." ލަޔާލް އިނގިލި ދިއްކޮށްލީ ސީދާ އަފްލާކް އަށެވެ. އަދި އެންމެން ހައިރާންކަމުގެ ތެރެއަށް ދޫކޮށްލާފައި އަނެއްފަރާތަށް އެނބުރި ދުއްވައިގަނެގެން ގޮސް ލޯމަތިން ގެއްލުނެވެ.

ކޮމެންޓް 0