ފަތިސް ނަމާދު ކޮށްލައިގެން ދެން އަލުން ނިދަން އުޅެ، ނަތާގެ ލޮލަކަށް ނިންޖެއް ނައެވެ. ރޭވެސް ބޮޑުބައެއް އޭނާ ހޭދަކޮށްލީ ނިދި ނައިސްގެންނެވެ. ރާފިލް ދެފަހަރު މަތީން ފޯން ކުރިއިރުވެސް ސްކްރީނަށް ބަލަހައްޓައިގެން ނަގަން ނުކެރިފައި އޮތީއެވެ. މިހާރު ހިތަށް އަރަނީ އެފޯނަށް ޖަވާބު ދެވުނު ނަމައެވެ. ނޫނިއްޔާ މިއަދު ސުކޫލުން ދިމާވެގެން ދައްކާނެ ބަހަނާއެއް ހޯދަންވީއެވެ. ނަތާ ފޮތިގަނޑު ކަހާލިއިރު ބޭރު އަދިވެސް އޮތީ ފުދޭވަރަކަށް އަނދިރި ކޮށެވެ. ބަނޑު ހައިވެފައި ހުރުމުން އޭނާ ހެދުން ބަދަލު ކޮށްގެން ތިރިއަށް ދިޔައެވެ. ބަދިގެއަށް ވަންއިރު އަފްލާކް ކޮފީ މަގެއް ކައިރި ކޮށްލައިގެން އެކަނި އިނެވެ. މޫނަށް ބަލައިލުމުން ނިދާ ހޭލި ވައްތަރެއް ނުޖަހައެވެ. 

"މޯނިން!" ނަތާ ގޮސް ކަބަޑަކަށް އަތް ފޯރުވާލައިފައި ނެގި ފުރުޓް ލޫޕް ފުޅިއަކާއި ފްރިޖުން ކިރު ޕެކެޓެއް ގެނެސް މޭޒު މަތީ ބެހެއްޓިއެވެ. "މޯނިން ސިސް." އަފްލާކް ނަތާއަށް ނަޒަރެއް ދިނެވެ. "ރޭގައި ނުނިދަނީތަ؟" ނަތާ ބޯތައްޓެއް ގެނެސް ކައިރިކޮށްލައިގެން އިށީންދެފައި މެދާކަށް ހަމައަށް ކިރު އަޅައި އޭގެ ތެރެއަށް ފުރުޓް ލޫޕް އަޅައި ފުރާލިއެވެ. "ފަތިސް ނަމާދު ކޮށްގެން ނިދި ނައީ." ނަތާ މޭޒުމަތީ ހުރި ސަމުސާ އަޅާ އެއްޗާއި ދިމާއަށް ދާން ތެދުވިތަނުން އަފްލާކް ކައިރީގައި އިން މީހާ ސަމުސަލެއް ނަގާފައި ދިއްކޮށްލައިފި އެވެ. "ތޭންކްސް." ނަތާ ހިނިތުންވެފައި ކާން ފެށިއެވެ. "ހުއްދަ އޮތިއްޔާ ވާހަކައެއް އަހާލަންތަ؟" ނަތާ ސުވާލު ކޮށްލި ގޮތުން އަފްލާކް ގާތަށް ހިނި އައެވެ. "ކޮންއިރަކު ނަތާ ހުއްދަ ހޯދާފަ ވާހަކަ އަހަން ފެށީ؟" އަފްލާކް ބުނެލިއެވެ. "ދޮންބެ އަހަރުންނަށް ކުލޫއެއްވެސް ނުދީ ސީދާ ވެޑިން އާއި ހަމައަށް ދިޔަ ދުވަހުން ފެށިގެން." ނަތާގެ ހިތުގައި އުފެދިފައިވާ ޝަކުވާ ފުރަތަމަ ފަހަރަށް ހާމަކޮށްލިއެވެ. "އޯހ." އަފްލާކްއަށް ބުނެލެވުނެވެ. އޭނާ ދެއަތްނަގައި މޭޒުގައި އުޅަބޮށި ވިއްދާލައިގެން ގުޅުވާލި އަތްތިލަ ޖައްސައިލީ ތުންފަތުގައެވެ. 

"ދެން ބުނެބަލަ ހަޤީޤަތުގައިވެސް ލަޔާ ކަމުގޮސްގެންތަ ތިގޮތަށް ނިންމީ؟ މިބުނީ.... ބައްޕަގެ އެދުމަކަށްތަ؟ އަހަރެންނަށް އެނގޭވިއްޔަ ދޮންބެ ޑިވޯސްވި ފަހުން ބައްޕަ ދެވަނަ ކައިވެންޏެއް ކުރުވަން ހުންނަވަރު." ދެބެން ކުރިއްސުރެވެސް އެކަކު އަނެކެއްގެ ވާހަކަތައް ހިއްސާ ކޮށްފައިވާތީ ނަތާ އެގޮތަށް ވާހަކަ ދައްކާކަށް ކުޑަވެސް ޖެހިލުމެއް ނުވެއެވެ. "ސަޕްރައިޒިންލީ....... ޔެސް، އަހަރެން ލަޔާދެކެ ލޯބިވޭ." އަފްލާކް ފުރަތަމަ ބަހާއި ދެން ބުނި ބަސްތައް ދުރުކޮށްލި ގޮތުން އަމިއްލަ ނަފްސަށް ވެސް ޔަޤީންކޮށްދިން ކަހަލައެވެ. އިސް އުފުލައިލުމުން ނަތާ ފެނުނީ ހިނިތުންވެފައި އިންދައެވެ. "އޯވ.... ދޮންބޭ އަހަރެން ވަރަށް ވަރަށް އުފާވެއްޖެ...." ނަތާ އުފަލުން ފޮޅިފައި ބުނެލިއެވެ. އިރުކޮޅަކުން އަފްލާކް ތެދުވެގެން ދިއުމުން އޭނާ ކާން އިނީ އަނެއްކާވެސް ރާފިލްގެ ހިޔާލުގައެވެ. 

ކުލާހަށް ވަދެފައި ނަތާ ފުރަތަމަވެސް ޓައިމްޓޭބަލް ޗެކްކޮށްލިއެވެ. ދެވަނަ އަށް ރާފިލްގެ މާއްދާ އޮތުމުން އޭނާ ކަންބޮޑުވީ ވަކި ވަރަކަށް ނޫނެވެ. ފުރަތަމަ ގަޑި ނިމުމުން ހިތްވެސް އަވަސްވިކަން އެނގުނެވެ. ރާފިލް ދޮރުން ވަދެފައި އައިސް މޭޒު ކައިރީ ހުއްޓެން ވާއިރަށް ނަތާވެސް އެހެން ކުދިން ފަދައިން އިޙުތިރާމް އަދާކުރުމަށްޓަކައި ކޮޅަށް ތެދުވެ ސަލާމް ގޮވިއެވެ. އެކަމަކު އޭނާ ހުރީ ގަސްތުގައި އެމޫނަށް ނުބަލަން ވެގެން އިސްޖަހާލައިގެންނެވެ. ނަތާގެ އެނުތަނަވަސްކަން ދެގުނައަށް އިތުރުވެގެން ދިޔައީ ވަކި ހިސާބަކުން ކުދިންނަށް ނޯޓް ނަގަން ހަވާލު ކޮށްފައި ރާފިލް ސީދާ އޭނާގެ ކައިރިއަށް އަންނަތަން ފެނިގެންނެވެ. "ހޭއި!" ރާފިލް އައިސް ހުއްޓިފައި ތަންކޮޅެއް މަޑުން ބުނެލިއެވެ. ނަސީބަކުން ކައިރީގައި އިން ކުއްޖާ އިނީ މަސައްކަތުގައި ގެއްލިފައެވެ. ކޮންމެވެސް ކުއްޖަކާއި ވާހަކައެއް ދައްކާށެވެ. "ރޭގައި އަހަރެން ގުޅިން." ރާފިލް އޭނާ އިން މޭޒު ކަނުގައި އެއް އަތް ވިއްދާލައިގެން ކުޑަކޮށް ގުދުވެލިއެވެ. "ޔަރ. ހެނދުނު ހޭލާފަ ބަލައިލި އިރު އިން މިސްކޯލެއް." ނަތާ އިސްޖަހައިގެން އިނދެފައި ދޮގެއް ހަދައިލިއެވެ. އެވަގުތު އަތްވެސް ތުރު ތުރު އަޅާލިއެވެ. ރާފިލް ފުންކޮށް ބަލައިލައިފިނަމަ ނޯޓުގެ ވަކި ހިސާބަކުން އަކުރުތަކަށް ވެފައި އިން ގޮތް ފާހަގަ ކުރެވޭނެއެވެ. އެކަމަކު ރާފިލްގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ އެކަނި ނަތާގެ މޫނަށެވެ. 

"އެކަމަކު މެސެޖް ކޮށްފަ އެހާ އަވަހަށް ގުޅީމަވެސް ނޭނގުނުތަ؟" ރާފިލްއަށް ނަތާގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. "މެސެޖް ކޮށްފަ ފޯން ބޭއްވުނީ ދުރުގަ. އެކުން ސައިލެންޓަށް ލެވިފަ އޮތީމަ." ނަތާ ފުރަތަމަ ދޮގަށްޓަކައި ދެވަނަ ދޮގެއްވެސް ހަދާލައިފިއެވެ. "އަހަރެން ގުޅީ ޝުކުރު އަދާކުރަން ވެގެން." ރާފިލް ބުނެލި އެއްޗަކުން މިފަހަރު ނަތާއަށް އިސް އުފުލައި އެމޫނަށް ބަލައިލެވިއްޖެއެވެ. "ވައި؟" ނަތާއަށް ބުނެވުނެވެ. އޭނާގެ ލޮލުގައި ހައިރާންކަން ވިއެވެ. ރާފިލް ޖަވާބު ދޭން އުޅެފައި އިތުރު ކުއްޖަކު ގޮވައިލުމުން ތެދުވެގެން އެދިމާއަށް ދިޔައީއެވެ.

ބްރޭކް ގަޑީގައި ލަޔާލް ކޮލެޖުން ނިކުންނަން އައިއިރު ތަފާތު ކަމެއް ފާހަގަވިއެވެ. ގޭޓު ކައިރީގައި ތިބި ކޮންމެ ކުއްޖެއްގެ ނަޒަރު މަގުގެ އަނެއްފަރާތަށް ހުއްޓިފައި ވާތީއެވެ. އޭނާ ނިކުމެފައި ބަލައިލުމުން ފުރަތަމަ ޤަބޫލު ނުކުރެވިފައި ބަލަން ހުރެވުނީއެވެ. އަފްލާކް ކާރު އެއްފަރާތުގައި ބާއްވައިގެން ފޯނެއްގައި ހުރީ ދޮރުފަތުގައި ލެނގިލައިގެންނެވެ. ލައިގެން ހުރި ހުދު އަތްދިގު ގަމީހާއި ކަޅު ފަޓްލޫނާއެކު އަވި އައިނެއް އަޅާލައިފައި ހުރުމުން ވަކިން ފުރިހަމައެވެ. ނިކުމެ ތިބި ހުރިހާ ކުދިންގެ ނަޒަރު ހުއްޓިފައި ހުރީ އޭނާގެ އަފްލާކްއަށް ކަން އެނގިގެން ލަޔާލްގެ ހިތުގައި ހަސަދައިގެ ހުޅުކޮޅެއްވެސް ރޯވެގެން ދިޔައެވެ. އޭނާ ބާރު ބާރަށް ހިނގާލައިފައި މަގު ހުރަސް ކުރަނިކޮށް އަފްލާކްއަށް ފެނިގެން ފޯން ނިންމާލައިފައި ޖީބަށް ލައިފިއެވެ. "ލާކް. މިތާގައި ކީއް ތި ކުރަނީ؟" ލަޔާލް ފުރަތަމަވެސް އެހިއެވެ. "ލަޔާ ނިކުންނަންދެން މި މަޑުކުރީ. އަވަހަށް އަރާ ކާރަށް." އަފްލާކް ހިނިތުންވެލައިފައި އަނެއްފަރާތަށް އެނބުރި ދޮރުފަތް ހުޅުވާލައިފިއެވެ. 

"ސީރިއަސްކޮށްތަ؟ އެކަމަކު..." ލަޔާލްގެ ވާހަކަ ފުރިހަމަ ނުވެގެން އުޅެނިކޮށް އެއަތުގައި އަފްލާކް ހިފަހައްޓައިލުމުން ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ. އަފްލާކް އޭނާ ކާރަށް އަރުވާފައި އަނެއްފަރާތުން ގޮސް އަރައި އިށީންނުމުން އެވަގުތުވެސް ހަނދާނަށް އައީ ރޭގެ ހާދިސާއެވެ. ވަގުތުން ލަޔާލްގެ މޫނަށް މަޑު ރަތްކުލައެއް ވެރިވެގެން އައެވެ. "ޔޫ އާ ބްލަޝިން!" އަފްލާކް ކާރު އަނބުރާލައިފައި އެމޫނަށް ނަޒަރެއް ދިނުމުން ފާހަގަވިއެވެ. "ނޫން. ތި ހީވާ ގޮތް." ލަޔާލް ނޫންކަމަށް ހެދިފައި ބަލަން ފެށީ މަގުމައްޗަށެވެ. "ހެހެ......" އަފްލާކް ހީލިއެވެ.

އަފްލާކް ކާރު މަޑުކޮށްލީ އެލްޒީ ކެފޭ ކައިރިއަށެވެ. ލަޔާލްއަށް އެކަން އެނގުނީ ކާރުން ފޭބި ފަހުންނެވެ. "ކީއްވެ މިތަނަށް ތިއައީ؟" ކަންބޮޑުވި ވަރުން ލަޔާލްއަށް ބުނެވުނެވެ. އެންމެ ފަހުން އައި ދުވަހު އޭނާއަށް ބުނެވުނު ވާހަކައަކުން ލީޒާ މިހާރު ހުންނާނީ ސުވާލު އުފެދިފައިކަން ޔަޤީނެވެ. އަނެއްކާ އަފްލާކް އާއި ދެމީހުން ތިއްބާ އައިސް ސުވާލެއް ކޮށްފިއްޔާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ "މިތަނަށް މިއައީ ދެމީހުން އެކީގައި ކާންވެގެން." ލަޔާލް ހުއްޓި ކެފޭއަށް ބަލަހައްޓައިގެން ހުއްޓައި އަފްލާކް އައިސް އަނެއްކާވެސް އަތުގައި ހިފާލައިފިއެވެ.

ދެޒުވާނުން ގޮސް ވަދެފައި އެއްފަރާތެއްގައި ހުރި މޭޒެއްގެ ދޮށުގައި އިށީންދެއްޖެއެވެ. ލަޔާލް ދަބަސް އުނގުމަތީ ބާއްވާލައިގެން އިނދެފައި ކައުންޓަރ ދޮށުގައި އިން ލީޒާއަށް ސިއްރު ނަޒަރެއް ދިނެވެ. އާދައިގެ މަތިން އޭނާ ފޯނެއްގައި އިނދެގެން އޯޑަރއެއް ނޯޓް ކުރަމުން ދިޔައެވެ. ނަސީބަކުން އެމީހުންގެ އޯޑަރ ނަގަން އައީ އެތާ އުޅޭ ވޭޓަރުން ކުރެ އެކަކެވެ. "މެޑަމްގެ ކޮންމެ ދުވަހެއްގެ އޯޑަރތަ ގެންނަންވީ؟" ވޭޓަރ އަފްލާކް ބުނި އެއްޗެހި ނޯޓް ކޮށްފައި ބުނެލިއެވެ. ލަޔާލްގެ ހިތްވެސް ދިޔައީ ފުންމަ ފުންމައިގެންނެވެ. ފުރަތަމަވެސް ބަލައިލެވުނީ އަފްލާކްގެ މޫނަށެވެ. ވޭޓަރ ދެއްކި ވާހަކަ އިވިގެން އަފްލާކްވެސް ބަލަން އިނީ ހައިރާންވެފައި އިން ފަދަ ގޮތަކަށެވެ. 

"ނޫން. މިއަދު އަހަރެން ކާނީ ލާކް ގެންނަ އެއްޗެއް. ލާކް އޯޑަރ ދީބަލަ." ލަޔާލް ގަދަކަމުން ހިނިތުންވެފައި އަފްލާކްއަށް ފުރުސަތު ދިނެވެ. "ލަޔާ ކޮންމެ ދުވަހަކު މިތަނަށް އަންނަންތަ؟" ވޭޓަރ ދިއުމުން އަފްލާކް އަހައިލިއެވެ. އިސް އުފުލައިލިއިރު އަފްލާކް ބަލަން އިނީ ކަމެއް އޮޅުން ފިލުވަން މަސައްކަތް ކުރާ ފަދަ ގޮތަކަށެވެ. "ކުއްޖަކު ބުނި މިތާގަ ކާއެއްޗެހި މީރު ވާހަކަ. އެހެންވެ މިތަނަށް ފުރަތަމަ އާދެވުނީ. ދެން ހަމަ އޭނަ ބުނިހެން އެއްޗެހި މީރުވީމަ އާދައަކަށް ހެދީ." ލަޔާލް ޖަވާބުދިނެވެ. އަފްލާކް ބަލަން އިނދެލާފައި ހަމައެކަނި ހިނިތުންވެލިއެވެ. އެކަމަކު އޭނާގެ ސިކުނޑީގައި އެހެން ކަހަލަ ހައިޖާނެއް އެނބުރެން ފެށިއެވެ. ލަޔާލް ކޮންމެވެސް ކަމެއް ސިއްރު ކުރާ ކަމުގައި އެދެލޯ އޭނާއަށް އަންގައިދީފި އެވެ. ނަސީބަކުން ދެން އޮތް ވަގުތުތައް ހޭދަވެގެން ދިޔައީ ލަޔާލް އުންމީދު ކުރާއި ހިލާފަށެވެ. ލީޒާވެސް މާ ބުރަކޮށް އުޅެން ޖެހުމުން އޭނާއާއި ބައްދަލު ކުރާކަށް ނާދެއެވެ. ނޫނީ ފަހަރުގައި ލީޒާ ސުވާލު ކުރަން ބޭނުންވިއަސް ދެވަނަ މީހަކު އިނުމުން އެހިޔާލު ދޫކޮށްލީ ކަމަށް ވެދާނެއެވެ.

އެރޭ ލަޔާލް ގޭގައި ހުއްޓައި އަޒީގެ ފޯނެއް އައެވެ. އަޒީ އެދުނީ ކައިވެނީގެ ކާޑް ހޮވުމަށާއި އަދި ރޭގަނޑުގެ ކެއުމުގައި ބައިވެރި ވުމަށްޓަކައި އެގެއަށް ދިއުމަށެވެ. ލަޔާލް އަވަހަށް ކުރަން އިން މަސައްކަތް ހުއްޓާލައިފައި ފުރަތަމަވެސް އަލަމާރި ހުޅުވާލައިގެން ހެދުންތައް ހާވަން ފެށިއެވެ. އަނީސާ އައީ ލަޔާލް ފަހަރަކު ހެދުމެއް ނަގައި ގައިގައި ޖައްސައިލާފައި ލޯގަނޑަށް ނަޒަރެއް ދެމުން ދަނިކޮށެވެ. "ބޭރަށް ދާންތަ ތިއުޅެނީ؟" އަނީސާ ސުވާލު ކުރިއެވެ. ލަޔާލް ބޯ ޖަހައިލާފައި އޭނާއަށް ކަމުދިޔަ ހެދުން ހިފައިގެން ފާޚާނާއާއި ދިމާއަށް ދާން ފެށިއެވެ. "މީ ލަޔާލްގެ ބައްޕަ ދިން ކާޑްތަކެއް. މިތަނުން ކަމުދާ ކާޑެއް ހޮވާފަ ބާއްވާށޭ ބައްޕަ ބުނީ." ތަންކޮޅަކަށް ގޮއްސައި އަނީސާގެ ވާހަކަ އިވިގެން ލަޔާލްއަށް ހުއްޓެވުނެވެ. "ކިހިނެތްވީ؟" އެވަގުތު ލަޔާލްގެ މޫނުން ފެނުނު ކަންބޮޑުވުން ފާހަގަ ކުރެވިގެން އަނީސާ އަހާލައިފިއެވެ. "ދެންމެ ލާކްގެ ބައްޕަވެސް ގުޅާފަ އެބުނީ އެގެއަށް ކާޑް ސެލެކްޓް ކުރަން ދާން." ލަޔާލް ޖަވާބު ދީފައި ތުންފަތުގައި ދަތް އަޅައިލިއެވެ. "އެހެންވިއްޔާ ތިދާއިރު މިއެއްޗެހިވެސް ހިފައިގެން ދޭ. އަފްލާކް އަށާއި ދެކުދީންނަށް ކަމުދާ ކާޑެއް ހޮވީމަ ނިމުނީނު." އަނީސާ އެހެން ބުނެފައި ހިނިތުންވެލި ނަމަވެސް ވާނޭ ގޮތް ގާތްގަނޑަކަށް ލަފާ ކޮށްލެވުނެވެ. އެއީ އޭނާގެ ގެއިން ފޮނުވި އެއްޗެއްކަން އެނގިއްޖެއްޔާ އަފްލާކް ކީއްކުރަން އެގޭ އެކަކުވެސް އޭގައި އަތް ނުލާނެއެވެ.

އަނީސާ ނިކުމެގެން ދިއުމުން ލަޔާލް ހެދުން ލައިގެން ރީތި ވާން ހުރިއިރުވެސް ވިސްނެނީ ދެންވާނެ ގޮތަކާއި މެދުގައެވެ. މިކައިވެންޏާއި އެކު ދެއާއިލާގައި އަނެއްކާ ހަމަނުޖެހުން ގަނޑެއް އުފެދިދާނެތީ އޭނާ އިންތިހާއަށް ކަންބޮޑުވެއެވެ. ޔާނިޒް ގުޅީ އޭނާ ތައްޔާރުވެ ނިމުނުތަނާއެވެ. އަވަހަށް ފޯން ނަގައި ކަންފަތާއި ކޮނޑާއި ދޭތެރޭ ފިއްތާލައިގެން ހުރެ އަތް ދަބަސް ތެރެއަށް އޭނާ އަނީސާ ދިން ކާޑުތައް ލިއެވެ. ނިކުމެގެން ދާން ފެށުމުން މުޝައްރަފް ފެނިގެން ސުވާލު ކޮށްލިތަނަ ނަސީބަކުން ޖަވާބު ދިނީ އަނީސާއެވެ. "މާ ލަސްނުވެ ގެއަށް އަންނަންވާނެ." މުޝައްރަފް ޓީވީއަށް ނަޒަރު ހުއްޓާލަމުން އިއްވައިލިއެވެ. ލަޔާލް އަވަހަށް ގޮސް ނިކުތްއިރު ޔާނިޒް ކާރުގައި އިނެވެ.

"ނިޒް ކައިރީ ވާހަކައެއް އަހައިލިއްޔާ ކިޔައިދޭނަންތަ؟" ލަޔާލް ކާރަށް އަރާފައި ބުނެލިއެވެ. "އަހާ ވާހަކައެއްގެ ގޮތުން ދޯ އިނގޭނީ؟" ޔާނިޒް ހެވިލާފައި ލަޔާލްއަށް ނަޒަރެއް ދިނެވެ. "އަހަރެންނަށް ކިޔައިދީބަލަ ލާކްގެ އެކްސް ވައިފްއަށް ވީގޮތް. މިބުނީ އެދެމީހުން ޑިވޯސް ވިގޮތް އެނގޭތަ؟" ލަޔާލް އެދުނެވެ. "ތިސުވާލު ދޮންބެ އާއި ކުރިއްޔާ ރަނގަޅު ވާނީ. އައެމް ޝުއަރ ތިސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް ދެވޭނީވެސް ދޮންބެއަށް." އަފްލާކްގެ ޒާތީ ވާހަކަ ދައްކަން ޔާނިޒް ބޭނުން ނުވާކަން އަދިވެސް އެއްފަހަރު ލަޔާލްއަށް ސާބިތުވިއެވެ. "ތިއެއްނު މައްސަލައަކީ. ލާކް ކައިރީ އަހަން ނުކެރިގެން ނިޒް ކައިރީ މިއަހަނީ." ލަޔާލް ތުންކޮޅު އޫކޮށްފައި ހަށަން ބަނދެލީ ޔާނިޒްދެކެ ހިތްހަމަ ނުޖެހިގެންނެވެ. "ކަމްއޯން ލަޔާ. ދެން މިހާރު ދޮންބެގެ ޕާސްޓް ޑިގް ކޮށްގެން ކޮންކަމެއް ހާސިލް ވާނީ؟ އެންމެ ރަނގަޅުވާނީ އެކަމާއި ނުވިސްނިއްޔާ." ފުރަތަމަ ފަހަރަށް ޔާނިޒް ދެއްކީ ހައްތަހާވެސް ރަނގަޅު ވާހަކަތަކެވެ. މައްސަލައަކީ އެވާހަކަތައް ޤަބޫލު ނުކުރެވުމެއްވެސް ނޫނެވެ. ލަޔާލްއަށް އޮޅުން ނުފިލައިގެން އެއުޅޭ ކަމަކީ އެހާ ދުވަހު ދެވަނަ ކައިވެންޏަކަށް ތައްޔާރު ނުވެ ހުރެފައި ހަމަ ކުއްލިއަކަށް އޭނާ އާއި އިންނަން އަފްލާކް ރުހުނު ގޮތެވެ. ލޯބިވެއޭ ބުނެލުމުން ހިތާއި ރޫޚުން އޭނަ އެވަނީ އުފާވެފައެވެ. އެކަމަކު އެ އުފާވެރި ކަމަކީ ކުޑަ ދުވަސްކޮޅެއްގެ މެހުމާނަކަށް ވާން ހިތް ނޭދެނީއެވެ. 

ރާފިލްއަށްވެސް އަފްލާކް ދައުވަތު ދިނެވެ. އުފާވެރި މާހައުލެއްގައި މޭޒު ދޮށުގައި އެންމެން ތިބެގެން ކެއުމާއިގެން ކުރިއަށް ދިޔައިރު މަޖާ ވާހަކަތައްވެސް ދެކެވެމުން ދިޔައެވެ. ހިމޭންވެފައި އިނީ ހަމައެކަނި ނަތާއެވެ. ސިއްރު ސިއްރުން އޭނާއަށް ބެލެނީ ރާފިލްގެ މޫނަށެވެ. އަފްލާކްމެންގެ ވާހަކައިގައި ބައިވެރިވެގެން ދޭތެރެއަކުން ހިނިގަނޑެއް ޖަހާލިއަސް ރާފިލްގެ ހިތް މޭގެ ތެރޭގައި އޮވެ ކަރުނަ އަޅަމުން ދާނެއޭ ހިތަށް އަރައިފައި އޭނާ ދެރަވަނީއެވެ. ކެއުން ނިންމާފައި ލިވިންރޫމް ސޯފާތަކުގައި އެންމެން ތިބެގެން ކާޑެއްގެ ހޮވުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ. ލަޔާލް ފަހަރަކު ކާޑެއް ބަލައިލާފައި އެތަނުން އެންމެ ކަމުދިޔަ ކާޑް އަފްލާކްއަށް ދައްކައިލިއެވެ. އެކާޑު އަފްލާކްއަށްވެސް ކަމުދިޔައެވެ. "މަށަށް ސަޅިވީ މިކާޑު." ނަތާއަށް ކަމުދިޔަ ކާޑު ނަގައި އަފްލާކްއަށް ދައްކައިލިއެވެ. "ރާފިލް އާއި ނަތާގެ ޓޭސްޓް އެކައްޗެއް ދޯ." އަފްލާކްއަށް އެފެނިގެން ހެވިލާފައި އެކުވެރިއަށް ކަޅިއެއް އެއްލިއެވެ. އެއަޑު އިވިގެން ނަތާ ސިހިފައި ބަލައިލި އިރު ރާފިލްވެސް ބަލައިލަނީއެވެ. ހަތަރުކަޅި ހަމަވުމުން ނަތާ އަވަހަށް ކާޑު ބާއްވާފައި އިތުރު ކާޑެއް ނެގިއެވެ.

"ލާކް!...." ލަޔާލް ގޮވައިލާފައި އަފްލާކް ބަލައިލުމުން އިސްޖަހައިލީ ކަންބޮޑުވެފައި އިން ގޮތަކަށެވެ. "ކިހިނެތްވީ؟" އަޒީއަށްވެސް ލަޔާލްގެ ކިބައިން ތަފާތު ކަމެއް ފާހަގަވެގެން ސުވާލު ކޮށްލިއެވެ. "އަމް.... އަހަރެން ގެއިން އަންނަން އުޅެނިކޮށް ބައްޕަ ދީފަ ހުރި ކާޑުތަކެއް މީ." ލަޔާލް އިސްޖަހައިގެން އިނދެފައި ދަބަހުން ނެގި ކާޑުތައް މޭޒުމަތީ އަތުރައިލިއެވެ. ވަގުތުން ތަނަށް ހަމަހިމޭންކަން ވެރިވެގެން އައެވެ. އަފްލާކް އަތުގައި އޮތް ކާޑްވެސް މޭޒުމަތީ ބާއްވާފައި ދުރަށް ޖެހިލައިގެން ސޯފާގައި ބުރަކަށި ޖައްސާލިއެވެ. ދެންތިބި އެންމެންވެސް ތިބީ އަނގައިން ބުނަން ބޭނުން ނުވެފައި ކަހަލައެވެ. "އައެމް ސޮރީ.... އަހަރެން ފަހަރެއްގައިވެސް....." ލަޔާލް އެކި މީހުންގެ މޫނަށް ބަލައިލާފައި ވާހަކަ ދައްކަން އުދަނގޫވެގެން ކުއްލިއަކަށް ތެދުވެފައި ދުއްވައިގަތީ ސިޑިއާއި ދިމާއަށެވެ. އޭނާއަށް ސިޑިން އެރުނުއިރު ދެލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ. ލަޔާލް ހުއްޓުނީވެސް ކޮޓަރިއަށް ވަދެވުނީމައެވެ. ވަށައިގެން ނަޒަރެއް ދީފައި އޭނާ ގޮސް އެނދަށް ވެއްޓިގަނެގެން ބާލީހުގައި މޫނު ފޮރުވާލިއެވެ. ކުރެވުނު ކަންތަކާއިހެދި ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. އެކަމަކު ބައްޕަގެ އެދުމަށްވެސް ދެކޮޅު ހަދާނީ ކީކޭ ކިޔާފައި ހެއްޔެވެ؟

އިރުކޮޅެއް ފަހުން އަފްލާކް ދޮރު ހުޅުވައިލިއެވެ. ލަޔާލް ބޯހިއްލައި ނުލަން ނިންމައިގެން އޮތްވައި އޭނާ އައިސް އިށީންދެލީ އެނދުގައެވެ. "ސޮރީ ބޭބީ." އަފްލާކް އޭނާގެ ކަންފަތާއި އަނގަ ކައިރި ކޮށްލާފައި ވައިއަޑުން ބުނެލިއެވެ. ލަޔާލް ކުރި ކަމަކީ ހައްތަހާ ބޮޑަށް ބާލީހުގައި މޫނު ފޮރުވައިލީއެވެ. ކުއްލި ހަނދާނަކަށް ވެގެން އޭނާގެ ކަންފަތުގައި ހަރުލީ މީގެ ދުވަސްތަކެއް ކުރީން އަފްލާކް ފޯނުން ވާހަކަ ދައްކަމުން އެހެން ފަރާތަކާއި މުޚާތަބުކޮށް އެބަސް ބޭނުން ކުރި ގޮތެވެ. ވަގުތުން ލޮލަށް އިތުރު ކަރުނަތައް ޖަމާވެގެން ހިފަހައްޓައި ލެވޭ ގޮތެއް ނުވިއެވެ. "ލަޔާ!" އަފްލާކް އަނެއްކާވެސް ގުދުވެލައިގެން އޮވެ ލަޔާލްގެ މޫނަށް ނިވާ އަޅައިފައި އޮތް އިސްތަށިގަނޑު އެއްފަރާތް ކުރެވޭތޯ އުޅުނެވެ.

"ލާކް އަހަރެން ބުނާ ކަމެއް ކޮށްދޭނަންތަ؟" ލަޔާލް ގަދަކަމުން ކަރުނަތައް ކޮންޓްރޯލް ކޮށްފައި ތެދުވިއެވެ. ކަރުނަތައް އަދި ފުހެވިފައި ހުއްޓަސް ލަޔާލް ރޮއިފައި ހުރިކަން އެލޮލުން އެނގެއެވެ. "އަވަހަށް ބުނޭ!" އަފްލާކް ތެދުވެ އިށީންދެފައި ލަޔާލްގެ ކޮނޑުގައި ހިފައި ގެނެސް ކައިރިކޮށްލިއެވެ. "ޕްރޮމިސް މީ. ދުވަހަކުވެސް އަހަރެންނަށް އެއްވެސް ކަމެއް ސިއްރު ނުކުރާން." ލަޔާލްގެ ޖުމްލަ ނިންމާފައި އަތްތިލަ ހުޅުވާލައިގެން ދިއްކޮށްލުމުން އަފްލާކް އިނީ ފާޑަކަށް ހުއްޓުން އަރާފައި ބަލާށެވެ.

އަފްލާކް އާއި ލަޔާލްއަށްފަހު އަޒީ އާއި ޔަޝާރުމެން ދެމަފިރީންވެސް އެތަން ދޫކޮށް ތެދުވެގެން ހިނގައްޖެއެވެ. ޔާނިޒްއަށް ފޯނެއް އައިސްގެން އަވަހަށް ތެދުވިތަން ފެނުމުން ރާފިލް ފަދައިން ނަތާވެސް ބަލައިލިއެވެ. ފޯން ނަގާފައި ވަށައިގެން ބަލަމުން ނިކުންނަން ދިޔަ ގޮތުން ބޮޑު ކަމެއް ސިއްރު ކުރަން އުޅޭ ކަހަލައެވެ. "ހައެ!" ޔާނިޒް ނިކުތްފަހުން ރާފިލް އިނދެފައި ބުނެލިއެވެ. ނަތާ އިސް އުފުލައިލާފައި ބަލައިލި ނަމަވެސް ތުންފަތަށް ވެރި ކުރަން އުޅުނު ހިނިތުންވުން އަތުން ދޫވެގެން ދިޔައީއެވެ. ނަތާ އެތަނުން ދިއުމުގެ ގޮތުން ކަރު ހިއްކައިގަނެއްޖެއޭ ކިޔާފައި ތެދުވިއެވެ. "ރާފިލް ބޭނުންތަ އެއްވެސް އެއްޗެއް؟" ނަތާ ތަންކޮޅަކަށް ގޮއްސައި ހުއްޓި އަހާލިއެވެ. ރާފިލް ދެފަރާތަށް ބޯ ހޫރާލުމުން އޭނާ އަވަހަށް ގޮސް ބަދިގެއަށް ވަދެއްޖެއެވެ. ނަތާ ބިއްލޫރި ތައްޓެއްގެ ކިރިޔާ ފޫ ފޮރުވޭ ވަރަށް ފެންތިއްކެއް ޖަހައިގެން ބޯ ލައިފައި ދާންވެގެން އެނބުރިލި ތަނުން ދިޔައީ ސިހިގެންނެވެ. ރާފިލް އައިސް ހުރީ ފަހަތުގައި ޖައްސާފައެވެ.

ކޮމެންޓް 0