ޝިވަމް ރޯން ފެށުމުން ހިތާއި ދެކޮޅަށް ނަމަވެސް ލަޔާލް އަަށް މަޖުބޫރު ވެގެން އަފްލާކް އަތުތެރެއިން ނިކުތެވެ. އަފްލާކްގެ އަތުތެރެއިން ބޭރުގައިވެސް އަދި އެހެން ދުނިޔެއެއް ވާކަން އޭނާ ހަނނދާންވީ ދެނެވެ. ލަޔާލް ޝިވަމް އުރާލުމަށްފަހު އަފްލާކް އަތުގައި ހިފައިގެން އެނދާއި ހަމައަށް ދާން އެހީތެރިވެ ދިނެވެ. ގިނައިރު ވަންދެން ކޮޅަށް ހުރުމާއި އެކަނި ހިނގުން އަދި އަފްލާކްއަށް އުދަނގުލެވެ. އެދަރިފުޅުގެ އިތުރަށް އަފްލާކްވެސް އެއީ މިވަގުތު އޭނާގެ އެހީތެރިކަން އެންމެ ފުރިހަމައަށް ބޭނުން ވެފައިވާ ފަރާތެކެވެ. ޝިވަމް ބަނޑުހައި ވެފައި ހުންނާނެތީ ބުއްތައްޓެއް ދޭން ބޭރަށް ނިކުމެފައި އޭނާ އައީ ޝިވަމް ނަތާ އާއި ހަވާލު ކޮށްފައެވެ. ލަޔާލް އެހީތެރިވެގެން އަފްލާކް ކޮޓަރި އާއި ހަމައަށް ގެންދިޔައެވެ. ދޮރު ހުޅުވާލައިފައި އަފްލާކްއަށް ހުރެވުނީ ހައިރާންކަމެއްގެ ތެރޭގައެވެ. 

ކޮޓަރި އޮތީ ހަތަރު އަހަރު ކުރިން އޭނާ ދުށް ގޮތަށެވެ. "ލާކް ކޯމާއަށް ދިޔަ ފަހުން އަހަރެން ނިދަނީ ކުދިން ކޮޓަރީގައި ޝިވަމް އާއި އެއް އެނދެއްގަ." އަފްލާކް ބަލަން ހުރި ގޮތުން ލަޔާލްއަށް ވިސްނިގެން ބުނެލިއެވެ. "އަންނާނަން ޝިވަމް ގޮވައިގެން. އޭނައަށް މިހާރު އާދަވެފަ ހުންނަނީ އަހަރެން ކައިރީގަ ނިދަން. އޭނާ އަފްލާކް ގެންގޮސް އެނދުގައި ބައިންދާފައި ތެދުވެ ހިންދެމިލަމުން ލަޔާލް ވާހަކަދެއްކިއެވެ. އަފްލާކް ބޯ ޖަހާލިތަން ބަލަން ހުރެފައި އޭނާ ނިކުމެގެން ދިޔައެވެ. 

ލަޔާލް ގޮސް ވަންއިރު ނަތާ ޝިވަމް ކައިރީގައި ބާއްވައިގެން ވާހަކަ ކިޔައިދެނީއެވެ. އެކަމަކު ލަޔާލް ފެނުނު އިރަށް ޝިވަމް ބޯ ހިއްލާލައިފިއެވެ. އޭރު ނިދި އައިސްގެން ކިރިޔާ ލޯ ހުޅުވޭ ކަމެވެ. އެވަރުވާއިރުވެސް ޝިވަމް ގޮތުގައި ހިފަހައްޓާލައިގެން ހުރީ މަންމަ ކައިރީ ނޫނީ ނުނިދާން ކަމަށެވެ. އަފްލާކް ފަދައިން ގޮތުގަ ހިފަހައްޓަން ދަނެއެވެ. "ލަޔާ ބުނަން މީ ހަމަ ކުޑަ ކުޑަ ދޮންބެ. ނިދި ނިދި އޮތްވާ ކޮންމެ ފަހަރަކު ލޯ ބޮޑުކޮށްލާފަ ތެދުވަނީ މަންމަ ކައިރީ އޮވެ ނޫން ގޮތަކަށް ނިދިދާނެތީ. އެހާ އިންޓްރެސްޓިވް ވާހަކައެއް ކިޔައިދޭން ފެށީމަވެސް އިރު އިރުކޮޅާ އެބަ ބުނޭ މަންމި ކޮބާހޭ؟" ނަތާ ކޮޅަށް ތެދުވެފައި ހިނިއައިސް ހުރެގެން ކިޔައިދިނެވެ. "ހެހެ މަންމިގެ ދޫނި އަވަހަށް އާދޭ! ލަޔާލް ހިނިތުންވެފައި ދެއަތް ހުޅުވައިލުމުން ޝިވަމް އެނދުން ފައިބައިގެން އަވަހަށް ދުވެފައި އައެވެ. "ނަތާވެސް ދެން ދޭ ނިދަން. ގުޑްނައިޓް." ލަޔާލް ޝިވަމް އުރާލައި މޫނުގައި ވަސްގަނެލާފައި އެނބުރި ނަތާއަށް ބަލައިލަމުން ބުނެލިއެވެ. ނަތާ ބޯ ޖަހާލައިފައި ނިކުމެގެން ދިއުމުން އޭނާ ނިދިފައި އޮތް ޖީންއަށް ބަލައިލާފައި ދޮރު ލައްޕާލިއެވެ.

ލަޔާލް އެނބުރި ދިޔައިރު އަފްލާކް އިނީ ލަޔާލްގެ ފޯނު ނަގައިގެން އޭގައި ހުރި ކުދިވެރިންގެ ފޮޓޯތައް ބަލާށެވެ. ޝިވަމް އެނދުގައި ބާއްވައި ކައިރީގައި އޮށޯވެލައިގެން އޭނާ ޝަހާދަތުގެ ދެކަލިމަ ކިއުއްވިއެވެ. ޝިވަމް އެންމެ އަހާ ހިތްވާ ވާހަކަ ކިޔައިދޭން އޮވެފައި އިރުކޮޅަކުން ބަލާލިއިރު އޮތީ ގަދައަށް ނިދައިފައެވެ. ލަޔާލް ލޯއްބާއެކު، ޝިވަމްގެ މޫނަށް ފައިބާފައި އޮތް ފަން އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލާފައި އެނިތުގައި ތުންފަތް ޖައްސާލިއެވެ. އޮށޯވެގެން އޮތް ގޮތަށް އޮވެފައި އަފްލާކް އާއި ވީ ފަރާތަށް އެނބުރިލިއިރު އަފްލާކް އަދިވެސް ފޮޓޯ ބަލަން ބާލީސްތަކުގައި ލައްގަނެލައިގެން އިނެވެ. ލަޔާލް އެމޫނަށް ބަލަހައްޓައިގެން އޮވެލާފައި ތެދުވެ އަފްލާކްގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އަފްލާކް އަދިވެސް ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެފައި އަރިވެލައިގެން ލަޔާލްގެ ބޮލާއި ބޯ ޖައްސާލިއެވެ. "ބަނޑުހައިތަ؟ ކޯއްޗެއް ކާނީ؟" ލަޔާލް ސުވާލު ކުރިއެވެ. އަފްލާކް އެމޫނަށް ބަލައިލާފައި ވަކި ޖަވާބެއް ނުދިނެވެ. ބުނާނެ އެއްޗެއް ނުވެސް އެނގުނީއެވެ. އެހާ ދުވަސްފަހުން އޭނާއަށް ކާން ކެރޭނެ އެއްޗަކާއިމެދުވެސް ސުވާލު އުފެދުނެވެ.

ކޮޓަރީގައި ކޮންމެވެސް މީހަކު ޓަކި ޖަހާލުމުން ލަޔާލް އެނދުން ފައިބައިގެން ގޮސް ދޮރު ހުޅުވާލިއެވެ. "ނޫރީ ބުނެގެން އަފްލާކްއަށް ކެއްކި ސޫޕް މިހުރީ." ރާމިޒާ ދޮރުމަތީ ތަބަކެއް ހިފައިގެން ހުރެފައި ބުނެލިއެވެ. "ވާއު!" ލަޔާލްއަށް ލިބުނު ހައިރާން ކަމާއެކު ބުނެލެވުނެވެ. ނޫރީ އަފްލާކް އާއިމެދު އަޅާލާވަރު ދެކެފައި އޭނާ ހިތްހަމަޖެހުނެވެ. ލަޔާލް ތަބަކުގައި ހިފާފައި ދޮރުލައްޕާލިއެވެ. "ނޫރީ ކިހާ ރަނގަޅު." ލަޔާލް ގޮސް އަފްލާކްގެ މަގަތުގައި އިށީންދެފައި ތަބަކުގައި ހުރި ބޯތަށީގެ މަތި ނަގައި ސައިޑު ޓޭބަލް މަތީ ބާއްވައިލަމުން ބުނެލިއެވެ. އާވި އަރަ އަރާ ހުރި ސޫޕް ތަށިން ކުޅު ދިޔާވާ ފަދަ ހިތްގައިމު ވަހެއް ނޭފަތުގައި ހަރުލިއެވެ. އަފްލާކްވެސް ފޯނު ބާއްވާފައި ކާހިތްވެގެން ތައްޓަށް ބަލައިލިއެވެ. ލަޔާލް ފުރަތަމަ ސަމުސާ ނަގައި އަނގަ އާއި ކައިރިކޮށްލަދިނުމުން އަފްލާކް ބަލަން ހުރި ގޮތުން ވީ ކިހިނެތްތޯ އަހައިލެވުނެވެ. "ކާން ނުކެރިދާނެހެން ހީވަނީތަ؟ ލެޓް މީ ޗެކް.." ލަޔާލް އަފްލާކްއަށްވުރެ ކުރިން އަމިއްލަ ސިކުނޑިން ވިސްނައިލާފައި ގޮތެއް ނިންމިއެވެ. އޭނާ ސޫޕް ފޮދެއް ރަހަ ބަލާލައިފައި އުފާވެރިކޮށް ހިނިތުންވެލިއެވެ، ޔަމީ..." ދެވަނަ ފަހަރަށް އަފްލާކްއަށް ސަަމުސާ ދިއްކޮށްލަމުން އޭނާ ބުނެލިއެވެ. ފަސްޖެހުމެއް ނެތި އަފްލާކް ސޫޕް ފޮދު ބޯލިއެވެ. އެމޫނުންވެސް ކަމުދިޔަކަން ދޭހަވިއެވެ. "ކުވައިޓް ޑިލީޝަސް..." އަފްލާކް ބުމަ އަރުވާލިއެވެ.

ކޮޓަރިއަށް ދެވުމުން ނަތާ ފުރަތަމަވެސް ފޯނު ހޯދައިލި އެވެ. ރާފިލް ހިތަށް އަރައިފާނެ އެއްޗަކަމާއި މެދު އޭނާ ކަންބޮޑުވިއެވެ. ގަޑި ބަލާލިއިރު މާބޮޑަށް ލަސްވެއްޖެއެވެ. ދެން ބޭރަށް ދާނެހާ މޫސުމެއް ނެތެވެ. ނަތާ އެނދަށް އަރައި އުނަގަނޑާއި ހިސާބުން ރަޖާ އަޅާލައިގެން އިނދެފައި އަނެއްކާވެސް އަތަށް ނެގީ ފޯނެވެ. ރާފިލްއަށް ވީ ގޮތް އަންގާ ނުލެވުނިއްޔާ މިރޭ ނިދި އަންނާނެ ވައްތަރެއް ނުޖަހައެވެ. ނަތާ ނިންމީ އިސްވެ ރާފިލް އާއި ވާހަކަ ދައްކާށެވެ. ހަތަރު އަހަރު އޭނާއަށް މަޑުކުރެވިއްޖެއެވެ. އިތުރަށް އަދި ކިހާ ދުވަހަކު މަޑުކުރެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. މިފަހަރު އޭނާ ހަނި ފުރުސަތެއްވެސް ދޫކޮށް ނުލާނެއެވެ.

ރާފިލް ނަންބަރަށް ޑައިލް ކޮށްފައި ފޯނު ކަންފަތުގައި ޖަހައިގެން ނަތާ ތިރިއަށް ޖެހިލައިގެން ރީތިކޮށް އޮށޯވެލިއެވެ. އިރުކޮޅެއް ނުވެ ރާފިލް ފޯނު ނަގާފައި ހަލޯއޭ ބުނެލައިފިއެވެ. "ސޮރީ ރާފިލް. ސަމްތިން ކޭމް އަޕް." ނަތާ ރާފިލްއަށް ފުރުސަތެއް ނުދީ ފަށައިގެން ވާހަކަ ދެއްކިއެވެ. "ކަމެއް ނޫން." ރާފިލްގެ އަޑުގައި ނުރުހުމެއް ނެތެވެ. "ދެން މިރޭ މާލަސްވެސް ވެއްޖެ ދޯ. ހައު އެބައުޓް ޓުމޯރޯ؟ ބްރޭކް ގަޑީގަ ލަންޗަށްވެސް ދެވިދާނެ މީޓްކޮށްލަން." ނަތާ އަވަހަށް ވާހަކަދެއްކިއެވެ. "ރަނގަޅު ވާނެ." ރާފިލް ދެކޮޅެއް ނުހަދައެވެ. "ނާހާނަންތަ އަހަންނަށް ނުދެވުނީ އަސްލު ކީއްވެގެންކަން؟" ނަތާގެ ބޭނުންވީ އަފްލާކްގެ ވާހަކަ ރާފިލްއަށް އަންގާށެވެ. މައްސަލަތަކެއް އެދެމެދުގައި ހުއްޓަސް ދެޒުވާނުންނަކީ ދުވަސްވީ އެކުވެރީންނެވެ. "އޯކޭ ކިޔައި ނުދިނަސް. އަހަރެންނަށް އިނގޭ ބޮޑުކަމެއް ވެގެން ނޫނީ ނަތާ ނައިސް ނުހުންނާނެކަން." ރާފިލް ބުނެލިއެވެ. ނަތާ އިތުރަށް ވާހަކަ ދައްކަން އުޅެފައި އެއަޑު އަހައިގެން މަޑު ޖެހިލެވުނެވެ. ނުސީދާ ބަހުން ރާފިލް އެބުނީ އޭނާއަށް އިތުބާރު ކުރާ ވާހަކަ ހެއްޔެވެ؟ އެހާ ދުވަސްފަހުން އަދިވެސް އިތުބާރު އޮތް ކަމުގައިވާނަމަ އެއީ ޔަޤީނުންވެސް ފެހި ސިގްނަލް އެކެވެ.

"އަޑު އަހާބަލަ ޔޫ ޑިޒާވް ޓު ނޯ... ދޮންބެ ހޭއަރައިފި." ނަތާ އުފަލާއެކު އިއްވާލިއެވެ. "ސީރިއަސްކޮށްތަ؟ ވާއު... ވަރަށް އުފާވެރި ޚަބަރެއް ތިދިނީ. ގްރޭޓް..." ރާފިލް އުފާވިވަރު އަޑުންނާއި ކުއްލި ހީލުމުން ރަނގަޅަށް ދޭހަވެގެން ދިޔައެވެ. "ކޮބާ ދެން ލަޔާ؟ ވަރަށް އުފާވެފަ ދޯ ހުރީ...؟" ރާފިލް ހަމަ އެސިކުންތުގައި އެހިއެވެ. އަފްލާކްގެ ނަމާއެކު އޭނާގެ ހަނދާނުގައި އެންމެ އަވަހަށް ހަރުލައިގެން ދިޔައީ އެނަމެވެ. "ހޫމ... ލަޔާގެ އުފާވެރިކަން ދުލަކުން ގަލަމަކުން އެކްސްޕްރެސް ކުރެވޭ ވަރަށްވުރެ މަތީގަ ހުރީ." ނަތާ ހެމުން ހެމުން ކިޔައިދިނެވެ. ސިކުންތުކޮޅެއް ފަހުން ނަތާ ހިނިގަނޑު މައިތިރިވެގެން ވިސްނާލިއިރު ވެރިވެފައި ވަނީ ފުން ހިމޭން ކަމެކެވެ. ނަތާގެ ހިތް ތެޅިގަތީ އެވަގުތުއެވެ. އޭނާ ދެން ބުނަންވީ އެއްޗެއް ނޭނގިފައި އޮތްވާ ރާފިލް ނަމުން ގޮވާލިއެވެ. "ކީކޭ؟" ކެތްތެރިކަން ކުޑަވެފައި ނަތާއަށް އަހާލެވުނެވެ. "އަހަރެން ވަރަށް ބައިވަރު ވާހަކަ ދައްކަން ބޭނުން. އެކަމަކު ފޯނަކުން ނޫން. ވޯނަ މީޓް ޔޫ.. މާދަންވެސް ލަސް. ބޭނުމީ ވީ އެންމެ އަވަހަކަށް މީޓްކުރަން. ހިތަށް އަރަނީ މިހާރު މިވަގުތުވެސް ނަތާ ކައިރިއަށް ހިނގައިދާނަމޭ. ހަމަތެދެއް މިބުނީ މިވަރަށް ޑެސްޕަރޭޓް ނުވޭ ދުވަހަކުވެސް." ރާފިލް ދެއްކި ވާހަކަތައް އަހަން ނަތާ އޮތީ ލޯމަރާލައިގެންނެވެ. އަސަރު ކޮށްގެން އެސްފިޔަތައް ފޫދުއްވައިލާފައި ކަރުނަ އަންނަން ފެށިއެވެ. އެއީ އޭނާގެވެސް ހާލެވެ. މާދަމާގެ އިރު އެރުންވެސް އޭނާއަށް ލަހެވެ. ބޭނުމީ މިހާރުން މިހާރަށް ހިތުގައި ހުރިއްޔާ ހުރި ވާހަކައެއް ރާފިލް ކުރިމައްޗަށް ބަންޑުން ކޮށްލާށެވެ. ހަތަރު އަހަރު ވެގެން ދިޔައިރު އަދިވެސް އޭނާގެ ހިތް ބަދަލު ނުވާކަން ރާފިލްއަށް އަންގާށެވެ. 

"ނަތާ! އެބަ ހުރިންތަ؟" އިރުގަނޑެއް ވީ އިރުވެސް ނަތާ ރައްދު ނުދިނުމުން ރާފިލް ކަންބޮޑުވިއެވެ. ނަތާ ވާހަކަ ދައްކަންވެގެން އުޅެ ފުރަތަމަ އަޑެއް ނުނިކުތެވެ. ކުޑަކޮށް ކަރުކެހިލާފައި އޭނާ ހޫމ އަޅުވާލިއެވެ. "ރޮނީތަ؟" ރާފިލް ކޮށްލި ސުވާލުން ނަތާ ސިހުނެވެ. ބިރުގަނެގެން ވަށައިގެން ހޯދައިލެވުނެވެ. "ކޮންތާކު ތިހުރީ؟" ނަތާއަށް އަހާލެވުނެވެ. އެވަގުތު ރާފިލް ލުއި ހިނިގަނޑެއް ޖަހާލިއެވެ. "ރަނގަޅަށް ދޯ މި ހީކުރެވުނީ." ރާފިލް ބުނެލިއެވެ. ނަތާ ވަކި އެއްޗެއް ނުބުނެ ހުރެފައި އިރުގަނޑެއް ވިއިރުވެސް ރާފިލް ވާހަކަ ނުދެއްކުމުން ހައިރާންވެގެން ދެފަހަރަކު ހަލޯއޭ ބުނެލައިފައި ޝައްކުވެގެން ބަލައިލިއިރު ފޯނު އޮތީ ނިވިފައެވެ. ފުން ނޭވައެއް ލައިފައި އޭނާ ރަޖާ އަޅައިލީ ބޮލުގައެވެ. ދެން ރާފިލް އާއި ބައްދަލުވާނީ އިރާދަ ކުރެއްވިއްޔާ މާދަމާއޭ ހިތަށް އަރައިގެން ނިދޭތޯ މަސައްކަތް ފެށިއެވެ.

އަފްލާކް ސޫޕް ހުސްކުރި ތަށި ހިފައިގެން ލަޔާލް ތިރިއަށް ދިޔައިރު އެކަކުވެސް ފެންނާކަށް ނެތެވެ. ގަޑިން އޭރު ބާރަ ގަޑި ބައިވެއްޖެއެވެ. އޭނާ ބަދިގެއަށް ވަދެފައި އެނބުރި ދާންވެގެން ނިކުމެވުނީ ޔާނިޒް ކުރިމައްޗަށެވެ. ޔާނިޒް އަވަސް އަރުވާލައިފައި ލަޔާލް ފަސްދީ ސިޑިއާއި ދިމާއަށް ދާން ފެށިއެވެ. 

"ނިޒް!" ލަޔާލް ގޮވާލި އަޑަށް ޔާނިޒް ހުއްޓުނެވެ. އެއްޗެއް ނުބުނިތާގައި އޭނާ ފަސްއެނބުރި ބަލައެއްވެސް ނުލިއެވެ. "އިނގޭތަ ލާކް ހޭއެރިކަން؟" ލަޔާލް ސުވާލު ކުރި އަޑަށް ޔާނިޒް ސިހިގެން އެނބުރި ބަލައިލީ ޤަބޫލު ނުކުރެވިފައި ހުރި ގޮތަކަށެވެ. އެއީ ތެދެއްކަން ޔަޤީން ކޮށްދިނުމަށްޓަކައި ލަޔާލް ބޯ ޖަހައިލި އެވެ. "މިހާރު މާ ލަސްވެއްޖެ މާދަން ހެނދުނުން ބައްދަލު ކުރާނީ." ޔާނިޒް ދެވަނަ ސިކުންތުގައި އެމޫނުގައިވި އުފާވެރި ކުލަވަރު ބަދަލު ކޮށްލާފައި އަނެއްްފަރާތަށް އެނބުރުނެވެ. ލަޔާލް އެއްޗެއް ނުބުނެ ޔާނިޒް ގޮސް ގެއްލޭންދެން ބަލަން ހުރީއެވެ. އޭނާގެ ހިތުގައި ޔާނިޒް އާމެދު ޝަކުވާއެއް ނެތެވެ. އެއާއި ޚިލާފަށް އޭނާ ދެރަވީ ޔާނިޒްއަށް ޝާމީ ނުލިބުނު ސަބަބެއް ކަމުގައި ޚުދު އޭނާ ވީތީއެވެ. ދެރައީ ކުރިން އެކަން ކުޑަކޮށްވެސް އެނގިފައި ނުވީތިއެވެ. އެހެންނޫންނަމަ އޭނާ ކޮންމެވެސް ގޮތަކުން ޝާމީ އާއި ޔާނިޒް ކާމިޔާބު ކުރެވޭފަދަ މަގެއް ހޯދީހެވެ.

ލަޔާލް ކޮޓަރިއަށް ދިޔައިރު ހުރީ ވިސްނުމަކަށް ގެއްލިފައެވެ. އޭނާ އިސްޖަހައިގެން ހުރެ އަލަމާރި ކައިރިއަށް ޖެހިލާފައި ނިދާ ހެދުން ހިފައިގެން ފާޚާނާއަށް ވަނެވެ. މޫނު ދޮންނަ ތަށި ކައިރީގައި ހުރެ އިސްކުރު ދޫކޮށްލައިފައި މޫނަށް ފެންގޮށްޓެއް ވިއްސާލުމާއެކު ލަޔާލްގެ ނަޒަރު ލޯގަނޑާއި އަމާޒުވިއެވެ. ލަޔާލް އަދިވެސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ލީޒާގެ ހިނިތުންވުން ފަހަތުގައި ފޮރުވިފައިވި ކެހިވެރި ސޫރަ އޭނާއަށް ފެނުނު ދުވަސް އެއީ އެންމެ ނުބައި ދުވަސް ތަކު ތެރޭގައި ގުނާލެވުނު ދުވަހެކެވެ. އެކަމަކު އެހެނޭ ކިޔާފައި އޭނާ ޝާމީ އާއިމެދު ކުޑަކޮށްވެސް ހިތް ނުބައެއް ނުކުރެއެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ލަޔާލްއަށް ޝާމީ އާއި މެދު ދެކެވިފައިވަނީ ކޮއްކޮއެއް ފަދަ ކުއްޖެއްގެ ގޮތުގައެވެ. އަދި ޝާމީގެ ވަފާތެރި ކަމާއި އޭނާގެ ދަރިންނަށް ހުންނަ ކުލުނުގެ ސަބަބުން އޭނާ ޝާމީ އަގު ވަޒަން ކުރެއެވެ. ގެއިން ނިކުމެގެން ދިއުމުގެ ހިޔާލުވެސް ގެންގުޅުނީ ޝާމީ އަމިއްލަ އަށެވެ. ލަޔާލް ޝާމީ ނުހުއްޓުވީ މަޖުބޫރު ނުކުރަން ވެގެންނެވެ. އެކަމަކު އެންމެ ފަހުން އިލްޒާމު އެޅިފައި މިއޮތީ އޭނާގެ ބޮލުގައެވެ.

އަފްލާކް ލޯ މަރާލައިގެން އޮވެފައި ލަޔާލް ގޮސް ކައިރީގައި އޮށޯތުމުން ލޯ ހުޅުވާލިއެވެ. "ކިހިނެތްވީ؟" އެވަގުތު ލަޔާލްގެ ލޮލުން އޭނާއަށް ނުތަނަވަސްކަން ފާހަގަވިއެވެ. "ކަމެއް ނުވޭ..." ލަޔާލް ގަސްތު ކުރީ ޔާނިޒްގެ ވާހަކަ ސިއްރު ކުރާށެވެ. އަފްލާކްއަށް އަދި ގޭގައި ހިނގާ ހުރިހާ ވާހަކައެއް އެންގުން މުހިންމެއް ނޫނެވެ. އެނގިގެން އެދެބެން ދޭތެރޭ މައްސަލައެއް ނިކުތުން އެއީ ލަޔާލް އެދޭނެ ފަހު ކަންތަކެވެ. "ކޮބާ ބައްޕަ މިރޭ؟" އަފްލާކް ގެ ކުއްލި ސުވާލުން ލަޔާލްއަށް ނޭވާ ނުލެވިފައި އޮވެވުނެވެ. އޭނާގެ ސިކުނޑި މަސައްކަތް ކުރަންވެސް ވަގުތުކޮޅެއް ނެގިއެވެ. އަފްލާކް އަދި ހަމައަކަށް ނޭޅިގެން އުޅެނިކޮށް އަޒީގެ ވާހަކަ ބުނެގެން ކޮންމެފަދަ ގޮތެއްވެސް ވެދާނެއެވެ. "އަމް.. ބައްޕަ މިރޭ ތަންކޮޅެއް އަވަހަށް ނިދައިފި." އުދަނގުލުން އޭނާ ދޮގެއް ހަދާލިއެވެ. "އާދެބަލަ ކައިރިއަށް!" އަފްލާކް ބަލަން އޮވެފައި ބުނެލިއެވެ. ލަޔާލް އެންމެ ކައިރިވެލައިގެން އަފްލާކްގެ މޭގައި ބޯ އަޅާލުމުން ހިތަށްވެސް ފަސޭހަވިއެވެ. "އައި މިސްޑް ޔޫ..." އިޚުތިޔާރެއް ނެތި ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފުހެލާފައި ލަޔާލް ބުނެލިއެވެ. "އައި ލަވް ޔޫ..." ޖަވާބުގައި އަފްލާކް އިއްވާލިއެވެ. "އައި މީން އިޓް..." ލަޔާލް އެއްޗެއް ނުބުނަނީސް އަފްލާކް އިތުރުކޮށްލިއެވެ. ލަޔާލްގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. "އަހަންނަށް އިނގޭ. އައި ޓްރަސްޓް ޔޫ. ލާކް ނުޖެހޭނެ ދުވަހަކުވެސް ބުނާ ވާހަކައެއް ޔަޤީންކޮށްދޭކަށް.... ކުރިންވެސް އަހަރެން ލާކްގެ ވާހަކަ ޤަބޫލު ނުކުރީ ގޮތްދޫ ނުކުރަންވެގެން. އެކަމަކު ޑީޕް ޑައުން އަހަރެންނަށް އިހްސާސްވި ލާކް އަހަރެންދެކެ ލޯބިވާކަން....." ލަޔާލް ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކިއިރު ހޫނު ކަރުނަތައް އަފްލާކްގެ ގެ މޭމަތި ތެންމަމުން އައެވެ. 

"އެކަމަކު އަހަރެން ބޭނުން ކިޔައިދޭން. ހުރިހާ ކަމެއް އޮޅުންފިލުވަ ދޭން. މައްސަލަތަކެއް ހުއްޓަ އެކަންކަން ހަނދާން ނައްތާލުމަކީ އަދި ހައްލެއް ނޫން. އެހެންނޫނަސް ލަޔާލްއަށް އެނގިފައި ނުވާ ކަންތައްތަކެއް އަހަރެން ސައިޑުގަ އެބަހުރި." އަފްލާކް ޖަވާބުގައި ބުނެލިއެވެ. "ލާކް ބޭނުން ގޮތެއް." ލަޔާލް ދެކޮޅެއް ނުހަދައެވެ. 

އަހަރު ތަކަކަށްފަހު ނުހަނު އަރާމުކޮށް ނިދާލެވޭނެ ރެއެއްކަމުގައި އެރޭވިއެވެ. އެކަމަކު ލަޔާލްއަށް ދިމާވީ އިދިކޮޅަށެވެ. އޭނާގެ ހިތް ބިރުގަންނަނީ ނިދިފައި ހޭލެވޭއިރަށް އަފްލާކް ކައިރީގައި ނޯވެދާނެތީއެވެ. ހޭލެވޭއިރު ހިނގާދިޔަ ހުރިހާ ހާދިސާއެއް އެއީ ހުވަފެނެއް ކަމުގައި ވެދާނެތީއެވެ. 

ފަތިސް ދަމަށް އަޅާފައި ހުއްޓާ ވާރޭ ވެހޭއަޑު އިވޭހެން ލަޔާލްއަށް ހީވިއެވެ. ރޭގަނޑުގެ ހިމޭންކަމުގައި ބޭރުގެ އަޑުތައް ކަންފަތާއި ހަމައަށް ބޮޑަށް ފޯރައެވެ. ލަޔާލް ލޯ ހުޅުވައިލާފައި ތެދުވެ އެނދުން ތިރިއަށް ދެފައި އެލުވާލުމާއެކު ސިއްސައިގެން ދިޔައެވެ. ދެފަހަރަކު އެސްފިޔަ ޖަހާލައިފައި ހުޅުވާލި ނަމަވެސް މަންޒަރު ބަދަލެއް ނުވެއެވެ. ލަޔާލްއަށް ފެނުނީ އެނދުގައި އަފްލާކް އޮތްތަން ހުސްކޮށް އޮތްވައެވެ. އަނެއްކާ އެއީ ފެނުނު ހުވަފެނެއް ހެއްޔެވެ؟ އެހުރިހާ ކަމަކީ ހަޤީޤަތުގައިވެސް ބިލާހެއް ހެއްޔެވެ؟ ލަޔާލް ފުންމައިގެން ތެދުވެފައި ވަށައިގެން ހޯދާލިއިރު ފިނީގައިވެސް އޭނާ ދާހިއްލާލިއެވެ.

ކޮމެންޓް 0