ލޯ މަރައިލަން ނަތާ ބޭނުން ނުވީ އަދިވެސް އެހަޤީޤަތެއް ކަން ޔަޤީން ކުރަން ދަތިވެފައެވެ. އެހާ ކައިރިން ރާފިލްގެ ދެލޯ ފެންނަން ހުއްޓާވެސް ފިނިވެފައިވާ ދެއަތްތިލަ އުފުލާލައި ގެން އެމޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އެދެއަތްތިލަ މަތީގައި ރާފިލްގެ ދެއަތްތިލައިން ހިފަހައްޓާލައިފައި ދުރަށް ޖެހިލީ އެވަގުތުއެވެ. ނޭވާ ހަމައަކަށް އަޅުވަން ވެގެން އޭނާ އިރުކޮޅަކު މަޑުކޮށްލައިގެން ހުރީ ނިތާއި ނިތް ޖައްސާލައި ގެންނެވެ. ނަތާ އަދިވެސް އެސްފިޔަ ޖަހާލުމެއްނެތި ބަލަހައްޓައިގެން ހުއްޓާ ރާފިލް ލޯ މަރައިލާފައި ހުޅުވައިލިއެވެ. 

"ހަޤީޤަތަކީ ދެންމެ މިބުނި ހުރިހާ ވާހަކައެއްގެ އިދިކޮޅު." ރާފިލް ނިތްކުރި ދުރުކޮށްލައިގެން އެމޫނަށް ތޫނު ނަޒަރެއް ދިނެވެ. ނަތާ ހުރީ އިތުރަށް ވާހަކަ ނުދެއްކި ފައެވެ. ބަސް ބުނަން ބޭނުން ވިއަސް ދޫ ހަރަކާތެއް ނުކުރިއެވެ. ޚުދު ރާފިލްވެސް އިންތިޒާރު ކޮށްގެން ހުރީ ނަތާ އެއްޗެއް ބުނާނެ ވަގުތަކަށެވެ. އޭނާގެ އެއަމަލާއި ބަހަށް ނަތާގެ ރައްދު އަންނާނެ ގޮތެއް ބަލަން އޭނާ ބޭނުމެވެ. އެކަމަކު ހިމޭން ކަން ފިޔަވައި އިތުރު އެކައްޗެއްވެސް ނަތާގެ ފުށުން ނުފެނުނެވެ. ކަރުނަ ގިނަވެ ދެލޮލުގައި ވިދަން ފެށި ފަހުން ތުންފަތް ހަރަކާތް ކޮށްލިތަން ފެނުނެވެ. އެކަމަކު ބަސް ބުނުމުގެ ކުރީން ފޯން ރިންގް ވާން ފެށި އަޑަށް ދެމީހުންގެ ސަމާލުކަންވެސް އެއަޑަށް ހުއްޓިއްޖެއެވެ. ނަތާ ބަލަހައްޓައިގެން ހުއްޓާ ރާފިލް ޖީބުން ފޯނު ނަގައި ސްކްރީނަށް ބަލައިލާފައި އަދިވެސް އެއްފަހަރު ނަތާގެ މޫނަށް ބަލައިލިއެވެ. ދެން ފޯނު ނަގައި ކަންފަތުގައި ޖަހާފައި ގޮސް ސިއްރު ސިއްރުން ދޮރު ހުޅުވާލައިގެން ނިކުމެއްޖެއެވެ.

ރާފިލް ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް އަތް ދިއްކޮށްލައިގެން ނަތާ ހުއްޓައި ލޮލުން ކަރުނައިގެ ސައިލާބު ދެމިގަތީ ކުޑަވެސް ހިފެހެއްޓުމެއް ނެތިއެވެ. އޭނާ އެއީ އެތައް ދުވަހެއްގެ އިންތިޒާރުގެ ފޮނި ނިމުން ފެނިފައި ކަރުނަ އެޅި ފުރަތަމަ އިންސާނާ ނޫން ކަމެއްވެސް ނޭނގެއެވެ. ދޮރު ލައްޕާލައިފައި އެނދަށް ވެއްޓި ގަނެގެން އޮވެ ނަތާ ރޮއި ރޮއިފައި ދޭތެރެއަކުން ހޭންވެސް ފަށައެވެ. ނިދި ޖެހުމުން ހުވަފެނުގައިވެސް ފެނުނީ ރާފިލްއެވެ. އެތަކެއް ފަހަރު އެމޫނާއި ތުންފަތުގައި ބޮސްދީފައި ލޯބި ވާކަން ހާމަ ކުރާ ތަނެވެ. އުފަލުން އެދެލޯ ފުރި ރާފިލްގެ ކޮނޑުގައި ބޯ އަޅާލައިގެން ކަރުނަ އަޅާ ތަނެވެ.

ޖެހިގެން އައި ހެނދުނު ވީ ހާއްސަ ދުވަހަކަށެވެ. އެތައް ދުވަހެއް ވާންދެން ކުރި އިންތިޒާރުގެ ނިމުން ގެނެސް ދިން މުޅިން އާ ހެނދުނަކަށެވެ. ލޯ ހުޅުވައިލުމުން ކޮވެލި ތަކުގެ މިއުޒިކީ އަޑު ނަތާއަށް އެންމެ ހިތްގައިމު ވިއެވެ. ނިދީގެ އަސަރު ފިލައި ތެދުވެގެން ގޮސް ފޮތިގަނޑު ކަހައިލުމުން އިރުގެ ފުރަތަމަ ދޯދިތައްވެސް ހަންގަނޑުގައި ޖެހިފައި ކުރުވީ މުޅިން އަރާމު އިހްސާސެކެވެ. ފިނި ފިނި ފެނުން ފެންވަރާލައިގެން ނިކުމެ ފުރަތަމަވެސް ފޯނުން ލަވައެއް ޖަހައިލިއެވެ. ތުވާލި ގަނޑާއެކު ހެއަރ ޑްރަޔަރއިން އިސްތަށިގަނޑު ހިއްކަން އިނދެގެން އެލަވައިގެ އަޑު ދަށުން ކިޔައެވެ. ދެން ތެދުވެ އިސްތިރި ކުރަން ހުރެފައިވެސް ދޭތެރެއަކުން ނަށާލައެވެ. މޭކަޕެއް ނެތިވެސް ކޮޓަރިން ނިކުމެގެން އައިއިރު ދެކޯތާފަތަށް ވެރިވެފައިވާ ކުލައިން ބްލަޝްކޮޅެއް އުނގުޅާލައިފައި ހުރި ކަހަލައެވެ. ރާފިލްގެ ކޮޓަރި ކައިރިއަށް ދެވުމުން މަޑު ޖެހިލާފައި ދޮރާއި ދިމާއަށް އޭނާ ބަލައިލީ ރާފިލްވެސް އެތާ ހުރުމުން ބަލައިލާނެ ފަދަ ގޮތަކަށެވެ. ދެވަނަ ސިކުންތުގައި ރަކިވެފައި ކުއްޖަކު ފަދައިން ދުވެލާފައި ގޮސް ބަދިގެއަށް ވަދެއްޖެއެވެ. ރިޒޫގެ މަންމަ އާއި ދެމީހުން ރޮށި ފިހަން ހުރެފައި ކުއްލި އަކަށް ބަލައިލުމުން ނޫން ކަމަށް ހެދިފައި ކޮފީ ގިރަން ތައްޔާރު ވެއްޖެއެވެ. 

ނަތާ ކޮފީ މަގު ހިފައިގެން ނިކުމެލީ ގޯތިތެރެއަށެވެ. ޖޯލިފަތީގައި އިށީންނަން އުޅެފައި އޭނާ ގޮސް ގަސްތު ތެރޭގައި ހުރެ ފޮޅިފާ މަތާކުގައި ފިރުމާލި އެވެ. އެމާތައްވެސް މިއަދު ކުލަ ރީތިވެފައިވާހެން ނަތާއަށް ހީވިއެވެ. ކޮފީ ކޯވަރެއް ބޯލައިފައި އޭނާ ކުޑަކޮށް ގުދު ވެލައިގެން ފިޔާތޮށި ފިނިފެން މަލަކުން ވަސް ބަލައިލި އެވެ. މާތަކަށް މާ ބޮޑަށް ލޯބި ޖެހިފައި ހުރުމުން މާ ބިންނަން ނޫޅެ އެނބުރި ގޮސް އިށީންދެލީ ޖޯލިފަތީގައެވެ. ލަސްލަހުން ކޮފީގެ ފޮދުވަރުތައް އަރުން އެތެރެ ކުރަމުން ދިޔައިރު ފެންނަ ކޮންމެ މީހަކަށް އެމޫނުގައިވާ ތާޒާ ކަމާއި ހިތްހަމަޖެހުން ފައުޅު ވާނޭކަން ކަށަވަރެވެ. މަގުމަތިން ދަމުން ބަލައިލާ ކޮންމެ މީހަކަށް އޭނާ އުފާވެރި ހިނިތުންވުމެއް ހަދިޔާ ކޮށްލަނީ އެއިގެ ތެރެއިން ގިނަ މީހުން އެއީ ކުޑަވެސް ދެކެފަރިތަ ކަމެއް ނެތްމީހުންނަށް ވާއިރެވެ. ރާފިލް ކޮޓަރިން ނިކުމެގެން އައިސް ނަތާގެ މި އާދަޔާ ޙިލާފް މިޒާޖު ބަލައިލަން މަޑުކޮށްލައިގެން ހުރީ މައި ދޮރަށްވުރެ ބޭރުގައިވާ ދެތަނބުން ކުރެ އެއް ތަނބު ކައިރީގައެވެ.

"މޯނިން....." އިރުކޮޅަކުން އޭނާ ބުނެލައިފި އެވެ. ސިހިގެން ދިޔަ ނަތާ ތެޅިގަތް ގޮތުން ކޮފީތަށިން އެތިފޮދެއް ބަންޑުން ވެއްޖެއެވެ. އެތަން ފެނިގެން ރާފިލްއަށް ކައިރިއަށް އާދެވުނު ގޮތެއްވެސް ނޭނގުނެވެ. އަވަހަށް ތިރީގައި ކުޑަ ކަކޫ ޖަހާލައިފައި ނަތާގެ އަތުގައި ހިފާލައިގެން ތަދުވިތޯ ސުވާލު ކޮށްލިއެވެ. އިސްއުފުލައިލުމުން ނަތާ ހިނދުކޮޅަކަށް ބަސް ހުއްޓުނީއެވެ. ރާފިލްގެ ދެލޮލުން އެލޯބި ދެކޭ ހިތުން އޭނާ ހާދަ އިންތިޒާރެއް ކޮށްފިއެވެ. އެއަޅާލުމާއި އޯގާތެރިކަން އިހްސާސް ކުރާ ހިތުން ކޮންމެ ދުވަހަކު އޭނާ ތެޅި ފޮޅެއެވެ. މިއަދު އެހުވަފެންތައް ހަޤީޤަތަކަށް ވެގެން އަންނަން ފެށުމުން ހުވަފެނަކަށް ވުރެވެސް ހަޤީޤަތާއި ދުރު އެއްޗެއްހެން ހީވަނީ ކީއްވެ ހެއްޔެވެ؟

"ނަސީބަކުން ބިންމައްޗަށް އެޅުނީ." ރާފިލް އަތަށް ބާރު ކޮށްލުމުން ނަތާއަށް ހޭވެރިކަން ވެގެން ޖަވާބު ދިނެވެ. އެއަޑު އަހާފައި ރާފިލް ފުން ނޭވައެއް ދޫކޮށްލައި ޖެހިގެން ހުރި ޖޯލީގައި އިށީންދެއްޖެއެވެ. "ކޮފީއެއް ގެނެސްދެންތަ؟" ނަތާ ކުއްލި އަކަށް އެހިއެވެ. ޖޯލިން ތެދުވަން ތައްޔާރު ކޮށްލިތަނާ ރާފިލް އޭނާގެ ކަކޫމަތީގައި އަތް ބާއްވައިލުމުން ހުއްޓެން މަޖުބޫރުވިއެވެ. "ނަތާ އަހަރެން ބޭނުން ވާހަކަ ދައްކަން." ރާފިލް އެހާ ކައިރީގައި އިނދެ ބަލަން ފެށުމުން ނަތާއަށް އުދަނގޫވިއެވެ. މިހާރު މިވަނީ ޔަޤީނުންވެސް ކުރިން ނުވާ ގޮތްތަކެކެވެ. އިރެއްގައި އޭނާ އެބަލައިލުމަށް އެދި އެދި ވިއެވެ. އެކަމަކު މިހާރު ލަދު ގަންނަން ފަށައިފިއެވެ. "ކޮން ވާހަކައެއް؟" ނަތާ އިސްޖަހާލިއެވެ. "ރޭގެ ވާހަކަ." ރާފިލް ސާފު ބަހުން ހަނދާން ކޮށްދިނެވެ. "ރޭގެ ވާހަކަ އެއީ އެހެންވީމަ ހަޤީޤަތެއް ދޯ.....؟" ނަތާ ބޭނުންވެސް އަދިވެސް ޔަޤީން ކުރާށެވެ. ރޭ ނުސީދާ ބަހުން ވިއަސް ލޯބިވާކަން ހާމަ ކޮށްފައި މިއަދު ރާފިލް ތެދުވީ އެކަމާއި ހިތާމަކޮށް ލަދުގަނެގެން ނޫންކަން ސާބިތު ކުރާށެވެ. "ނަތާ އިޓް ވޯޒް ރިއަލް.... އަހަރެން ދެއްކި ވާހަކަވެސް. އެކިސް ވެސް. އަދި އަހަރެން ކުޑަކޮށްވެސް ރިގްރެޓްއެއް ނުކުރަން އެކަންތައްތަކެއް....." ރާފިލްގެ ޖުމްލަ އެހިސާބުން ކުރުކޮށްލަން ޖެހުނީ ގޯތިތެރެއަށް ވަދެގެން އައި އަފްލާކް ފެނިފައެވެ. ނަތާއަށްވެސް އަފްލާކް ފެނިގެން އަވަހަށް ތެދުވެފައި ގޮސް އެތެރެއަށް ވަދެއްޖެއެވެ. އެތައް ދުވަހަކަށް ފަހު އަފްލާކް އާއި ވާހަކަ ދައްކަން ރާފިލް އަށް އުދަނގޫވި ދުވަހަކަށް މިއަދު ވިއެވެ. އެތެރެ އެތެރެއިން ކުށްވެރި އިހްސާސެއް އޭނާގެ ސިކުނޑީގައި ވިއެވެ. އޭނާއަށް އެނގެއެވެ. އަފްލާކް ދުނިޔޭގެ އެހެން އެންމެންނަށް ޝައްކު ކުރިއަސް ނަތާ އާއި ގުޅިގެން އޭނައަށް ޝައްކެއް ނުކުރާނެއެވެ. އެއް ގޮތަކުން އެއީ ފައިދާއަކަށްވިއަސް ރާފިލް އުފާ ނުވަނީ އެހެންވެއެވެ. އޭނާ ހިތަށް އަރައެވެ. ދުވަހެއްގެ ކޮޅުންވެސް އޭނާއަށް އަފްލާކްއަށް ވިސްނައިދެވިދާނެ ބާވައެވެ. ދުވަހެއްގެ ކޮޅުންވެސް އަފްލާކް އޭނާ އާއި ނަތާގެ ގުޅުމަށް އެއްބަސް ވެދާނެ ބާވައެވެ.

ރޭގަނޑުގެ ވަގުތެވެ. ދަށުގައި ގަދަޔަށް އަލިފާން އަންދައި ގްރިލް މަތީގައި އަތުރާފައިވާ ކުކުޅާއި ސޮސެޖްތައް ފިހެވެމުން ދިޔަ ވަސް އެތައް ހިސާބު ދުރަކަށް ފެތުރިފައިވެއެވެ. އުޑުގައި ރަނި ކުރަމުން ދިޔަ ހަނދުގެ ރިހި އައްޔަށްވެސް ގޮން ޖަހައިލަމުން އެއަލިފާންގަނޑުގެ ރަތް އަލީން ދޮންވެލިގަނޑުގެ ބޮޑުބައެއް ޖަރީ ކޮށްފައިވެއެވެ. ހިތްގައިމު ވަރަކަށް ޖެހިލާ މަޑު ވައިރޯޅި ތަކުން ފިނި ހޫނުމިން އެންމެ ހެއުވަރު ވަރެއްގައި ހިފަހައްޓާފައި އޮތެވެ. އަލިފާންގަނޑުގެ ވަށައިގެން ކަހަލަ ގޮތަކަށް އެކި ތަންކޮޅުގައި ކުދި ޤުރޫޕް ހަދައިގެން މީހުން ތިއްބެވެ. ފިހަން އަޅާފައި ހުރި އެއްޗެހި ފުށުން ޖަހަން ކައިރިވެގެން އުޅެނީ އެކި ފަހަރު އެކި މީހުންނެވެ. ލަޔާލް އާއި އަފްލާކް އަތު ގުޅުވާލައިގެން ހިނގަމުން ގޮސް ރާޅު ބީހިލާ ތެތްފަސްގަނޑަށް ނިކުތެވެ. ކުރިއަށް ދިޔަ ވަރަކަށް ދެޒުވާނުންގެ ފިޔަވަޅުގެ ނިޝާން ބިންވަޅު ނެގެމުން ދިޔައެވެ. އަތްދިގު ސްވެޓަރަކާއި ޖިންސެއްގައި ހުރިއިރުވެސް ޖެހިލާ ރޯޅިން ލަޔާލް ހީކަރުވައި ގަނެއެވެ. އަފްލާކް އެގޮތަށް އަތުގައި ހިފާލައިގެން ހުންނާތީ އެހަށިގަޑުން ހޫނު ނުލިބޭނަމަ އޭނާގެ ދަތްޕިލަވެސް ތުރު ތުރު އަޅަން ފަށާނެތާ މިހާރު ކިތަންމެ އިރެކެވެ. އިރުކޮޅަކުން އިސްތަށިގަނޑުވެސް ނިއުޅާލިއެވެ. އެހެން ހެދުމުން ކަރާއި ކަނދުރާއަށް ފިނީގެ އަސަރު ކުރާލެއް ކުޑައެވެ. 

"ސްޓޭ ސްޓިލް..." ހިމޭންކަމުގައި ނުހަނު ދުރަށް ދެވުނު ފަހުން އަފްލާކް ކުއްލި އަކަށް ހުއްޓި ލަޔާލް ކުރިމައްޗަށް އަރައިފިއެވެ. ވާނުވާ ނޭނގިފައި ލަޔާލް ބަލަން ހުއްޓާ އުނަގަނޑުގައި އަފްލާކް ދެއަތުން ވަށާލި ގޮތަށް ގެނެސް މޭގައި ޖައްސައިލާފައި ތުންފަތުގައި ބޮސްދިނެވެ. "ވަޓް ވޯޒް ދެޓް ފޯރ؟" އަފްލާކް ދުރަށް ޖެހިލުމުން ލަޔާލް ހީގެންފައި އަހައިލިއެވެ. "ވަރަށް ކުރިއްސުރެ ކުރަން ބޭނުންވެފަ ހުރި ކަމެއް މީ. މިހާ ހިތްގައިމު ރޭގަނޑެއްގައި މިކަހަލަ ރީތި ބީޗެއްގައި ހުރެގެން ތި ތުންފަތުގައި ކިސްކޮށްލަން." އަފްލާކް ޖަވާބު ދީފައި އަދިވެސް އެއްފަހަރު އެތުންފަތުގައި ބޮސްދިނެވެ. "އިތުރު ވިޝްއެއް ނެތްތަ؟" ލަޔާލްވެސް އެވާހަކަ އާއި ގަޔާވެގެން އަފްލާކްގެ ކަރުގައި ދެއަތް އަޅުވާލައިފި އެވެ. ހަނދުވަރުގެ އަލީން ފެންވެރިފައިވާއިރު އެރީތި ދެލޯ ކުރިއަށްވުރެވެސް ތޫނު ކަމަށް ދައްކައެވެ. "މިރޭ މިގަޑީގައި ކުރެވޭނެ ކަމެއް ނޫން ދެން މައިންޑަ އިނީ." އަފްލާކްގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ވައިރޯޅިތަކުގެ ގޯނާއިން އެފަންއިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައިވާއިރުވެސް ރީތި ގޮތެއް ދައްކައެވެ. "ބުނެބަލަ!" ލަޔާލް އިނގިލި ތަކުން އަފްލާކް ކޮނޑަށް ބާރު ކޮށްލައިފައި ބޮޑާ ހާކައިލިއެވެ. "ފުރަތަމަ ސްކިނީ ޑިޕްއެއް ހަދާލަން ބޭނުމީ އެއަށްފަހު މިތާގައި ޓެންޓް ޖަހައިގެން މުޅި ރޭގަނޑު ރޮމޭންސް ކުރަން." ލަޔާލްގެ ކަންފަތާއި އަނގަ ކައިރި ކޮށްލައިގެން ވައިއަޑުން އޭނާ އިއްވައިލި އެވެ. ރަކިވެގެން ލަޔާލް ބޯ ޖައްސައިލީ އަފްލާކްގެ ކޮނޑުގައެވެ. 

"ފަޅު ރަށަކަށް ދެމީހުން އެކަނި ދަނިކޮށް ތިވިޝްވެސް ފުރިހަމަ ވެދާނެ." ލަޔާލް އިރުކޮޅަކުން ބުނެލި އަޑު އިވުނެވެ. އަފްލާކްގެ ހަށިގަނޑުގައި އޭނާ ރީތިކޮށް ބައްދައިލި އެވެ. "ކީއްވެ ފަޅު ރަށަކަށް ދާންވީ؟ ހަމަ މިރަށުގައި ހުރެވެސް ފުރިހަމަ ކުރެވިދާނެ. އެއްރެއަކުން ދެމީހުން އެކަނި އައިސް ބީޗްގައި ޓެންޓް ޖަހާނީ. އާންމުކޮށް މީހުން ވެސް އަންނަ ހިސާބެއް ނޫނެއްނު މީ." އަފްލާކް ބުނެލިއެވެ. ލަޔާލް އެއްޗެއް ނުބުނެ ހުއްޓައި އިރުކޮޅަކުން ފޯނު ރިންގް ވިއެވެ. "މިހާރު އަހަރުމެން ނުފެނިގެން އެގުޅަނީ. ކާއެއްޗެހި ރެޑީ ވީ ކަންނޭނގެ." ލަޔާލް ދުރަށް ޖެހިލި ގޮތަށް ފޯން ނަގައި ބަލައިލާފައި ވާހަކަދެއްކިއެވެ. ޔާނިޒްގެ ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި އެމީހުން އެބުރި އައި ކޮޅަށް ހިނގައިގަތެވެ.

ދެވުނު އިރު އެންމެން ކާން ފަށައިފިއެވެ. ތައްޓަކަށް ހުރިހާ ވައްތަރަކުން ހަމަ ކޮށްލައިގެން އަފްލާކް ގޮސް އިށީންދެލީ ރާފިލްގެ ކައިރީގައެވެ. ލަޔާލް އިނީ ނަތާގެ ކައިރީގައި ރިޒޫ ކޮންމެވެސް މަޖާ ވާހަކައެއް ދައްކާތީ އަޑު އަހާށެވެ. އަޒީ އާއި ދެންތިބި ބޮޑެތި މީހުންވެސް ހޭވައްޓާލައިފައި ކެއުމާއިގެން މަޝްއޫލު ވެގެން އުޅެއެވެ. "ނަތާ މިއަދު ހާދަ ޗޭންޖޭ. ޝީ ސީމްސް ހެޕީ." އެއްލި ކަޅިއަކުން ނަތާގެ އުފާވެރި މޫނު ފެނިގެން އަފްލާކް ބުނެލިއެވެ. ރާފިލް ސިއްސައިގެން ގޮއްސައި އެކުވެރިޔާގެ މޫނަށް ބަލައިލިއެވެ. ނަސީބަކުން އަފްލާކް އަދިވެސް ބަލަން އިނީ ނަތާ އަށެވެ. "އަޅެ ރާފިލްއަކަށް ނޯޓިސްއެއް ނުކުރެވޭތަ؟ މުޅި ދުވަހުވެސް އޭނަ ހީލާފަ ނުހުންނަ އެންމެ ވަގުތުކޮޅެއް ނާދޭ." އަފްލާކް ސުވާލު ކޮށްލުމުން ރާފިލް ކާން އިން ކުކުޅު ފައިވެސް އަތުން ދޫ ނުވީ ކިރިޔާއެވެ. "ހީވޭ ދޯ..." އޭނާ ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލާފައި އެއްބައި ވެލިއެވެ. "މިރަށުން ކޮންމެވެސް ކުއްޖަކާއި ގުޅުމެއް ފެށުނީ ކަންނޭނގެ." އަފްލާކް އަނެއްކާވެސް ބުނެލި އެވެ.

"ޝާމީ އެގުޅީ. ރެޑީވެއްޖެހޯ އެހީ. އޭނަ ހައިވީ ކަންނޭނގެ. ހިނގާ އޭނާއަށް ގެންގޮސް ދޭން." ނަތާއަށް ފޯނެއް އައިސްގެން ވާހަކަ ދައްކާލައިފައި ކޮތަޅަކަށް ބާބެކިއު ކޮށްފައި ހުރި އެއްޗެހި އަޅަން ފެށިއެވެ. ތަންކޮޅެއް ދަންވެފައިވުމުން ޖީން އެތަނަށް ގެންނާކަށް އަފްލާކް ބޭނުމެއް ނުވިއެވެ. އެހެންވެ ޝާމީވެސް ބެހެއްޓީ ގޭގައެވެ. ނަތާ އެދިގެން އެކުގައި ރިޒޫ ދާންވެގެން ހިނގައިގަތް ތަނާ އަފްލާކް ގޮވައިލާފައި އެދުނީ ރާފިލްވެސް އެކުގައި ގެންދިއުމަށެވެ. ނަތާ ފަދައިން ރާފިލްއަށްވެސް މިފަހަރު އަނެއްކާ ސިހުމެއް ލިބުނެވެ. "މިހާ ދުރުން ގެއަށް ދާއިރު ފިރިހެނަކު އެކުގައި ހުރުން ބުއްދިވެރި ވާނެ." އަފްލާކްގެ ހިޔާލު ފައުޅު ކުރިއެވެ. ދެކޮޅު ހެދުމުގެ ގޮތުން އެކަކުވެސް އެއްޗެއް ނުބުނެއެވެ. "އަހަރެން ބޭނުން ވަނީ ރާފިލް ނަތާއަށް ބަލަން. އޭނަ އެގުޅުން ބާއްވަނީ ކާކުކަން އެބަ ހޯދަން ޖެހޭ." ރާފިލް ތެދުވަން އުޅެނިކޮށް އަތުގައި ހިފައި ސިއްރު ސިއްރުން އަފްލާކް ބުނެލި ވާހަކައިން ހިތުގެ ތެޅުން އަވަސްވިއެވެ. އޭނާ ބޯ ޖަހައިލާފައި ތެދުވެގެން ދިޔައެވެ.

"އަހަރެން މަޑުކުރާނީ އިނގޭ. ރާފިލް ދަންޏާ އޯކޭއެއްނު." ރިޒޫ އެހިސާބުން ހިޔާލު ބަދަލުވިއެވެ. ނަތާ ބޯ ޖަހައިލާފައި ރާފިލް އާއި ދެމީހުން ހިނގައިގަނެގެން ގޮސް އެއްގަމަށް އަރައިފިއެވެ. ނުފެންނަ ހިސާބަކަށް ދެވުމުން ރާފިލް ފުރަތަމަވެސް ނަތާގެ އުނަގަނޑުގައި އަތް އަޅުވާލައިފައި ކައިރިއަށް ގެނައެވެ. "އިނގޭތަ ލާކް ބުނި ވާހަކައެއް؟ އޭނައަށް އެނގިއްޖެ ނަތާ ކޮންމެވެސް ކަންތައްގަނޑެއް ފަށައިގެން އުޅޭކަން..." ރާފިލް ބުނެލި ވާހަކައިން ނަތާގެ މޭގަނޑު އަނގައަށް އައެވެ. ތެޅިގަނެފައި ބާރު ބާރަށް އެއަތުގައި ހިފަހައްޓާ ލެވިއްޖެއެވެ. "ލާކް އަހަރެން ނަތާ އެކު ފޮނުވީ ސްޕައި ކުރަން. އޭނަ ބޭނުން ވަނީ ނަތާ ގުޅުން އުފައްދައިގެން ތިއުޅޭ ފަރާތަކީ ކާކުކަން ހޯދަން..." ރާފިލް އިތުރަށް ކިޔައިދިނެވެ. "ވެއިޓް އަ މިނިޓް... ތީގެ މާނައަކީ ދޮންބެއަކަށް ނޭނގެއޭދޯ؟" ނަތާ ހުއްޓިފައި އިތުރަށް ޔަޤީން ކުރަންވެގެން އަހައިލިއެވެ. ރާފިލް އެއްބަސްވުމުން އޭނާ ދޫކޮށްލީ ހަމަޖެހުމުގެ ނޭވައެކެވެ. އެކަމަކު އެގޮތަށް ސިއްރު ކޮށްގެން އުޅެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ކޮންމެ ގޮތެއް ވިއަސް ފާޅު ކުރަން ޖެހޭނެ ދުވަހެއް އަންނާނެއެވެ.

ދެޒުވާނުން ގޯތިތެރެއަށް ވަދެގެން ދިޔައިރު އެކަކުވެސް ފެންނަން ނެތެވެ. ދޮރުކައިރީ ހުއްޓިފައި ނަތާ ޓަކި ޖަހާލުމުން ޝާމީ ބޯ ދިއްކޮށްލައިފިއެވެ. "ވަރަށް ހައިވެފަ މިހުންނަނީ. ދާންވީ ދޯ އަވަހަށް ކާން. ތިމީހުން މަޑުކޮށްލަން ވީނު އިރުކޮޅަކު. ޖީން ހޭލަފާނެ." ޝާމީ ކޮތަޅުގައި ހިފާފައި ވާހަކަދެއްކިއެވެ. ނަތާ ބޯ ޖަހައިލުމުން ޝާމީ ދުވެލާފައި ނިކުމެގެން ގޮސް ވަނީ ގެއާއި ވަކިން ހަދާފައިވާ ކާގެއަށެވެ. ފުރުސަތަކަށް ބަލަން އިން ރާފިލް ނަތާގެ އަތުގައި ހިފައިލީ އެވަގުތުއެވެ. ހެނދުނެއްސުރެ އޭނާ އެހުންނަނީ ދެމީހުން އެކަނިވެލާނެ ވަގުތު ކޮޅެއް ނުލިބިފައެވެ. ނަތާ އެއްޗެއް ނުބުނެ އުޅެނިކޮށް ރާފިލް ކޮޓަރީގެ ދޮރު ހުޅުވާލައިފައި ނަތާ ގޮވައިގެން އެތެރެއަށް ވަދެއްޖެއެވެ. 

ކޮމެންޓް 0