އަފްލާކްގެ ވާހަކަ އަހާފައި އިތުރަށް އެންމެ ސިކުންތެއްވެސް ލަސް ކުރާކަށް ދެބެން ކުރެ އެކަކުވެސް ބޭނުމެއް ނުވިއެވެ. އެކަމަކު ގެއިން ނިކުންނަން ގޮސް ގޮއްސައި ޝާމީ ކުއްލިއަކަށް ހުއްޓިއްޖެއެވެ. "މަންމަ ދުވާލު ޑިއުޓީ އިންނަ ދުވަސްތަކުގަ އިރުއޮއްސޭއިރު ނިމިގެން އައިސް ވަރަށް އަވަހަށް ނިދާނެ." ލަޔާލް ސުވާލު ކޮށްލުމުން ޝާމީ އަތު ކުރީ އޮތް ގަޑިއަށް ނަޒަރެއް ދެމުން ޖަވާބުދިނެވެ. "މިހާރު ދިހައެއް ޖަހަން އުޅެނީ. މިގަޑީ ގޮސްގެން މަންމަ ލޮލު އެތެރެއެއް ނުފެންނާނެ." ޝާމީ މާޔޫސްކަމާއެކު ބުނެލިއެވެ. "އިޓްސް އޯލްރައިޓް. މާދަން ދާނީ." ލަޔާލް ލުއި ހިނިތުންވުމަކާއެކު ޝާމީ އަތުގައި ހިފާލައިގެން އުންމީދު އާކޮށްދިނެވެ. އެގޮތާއި އެއްބަސްވެގެން ދެބެން އެހިސާބުން ވަކިވީއެވެ.

"ސޯ؟ ނިދަންތަ ތިދަނީ؟" އަފްލާކްމެން ގޮސް ކޮޓަރިއަށް ވަން ހިސާބުން ޔާނިޒް ހިނގަ ހިނގާ ހުރި ޝާމީ އަތުގައި ހިފާލިއެވެ. ވިސްނުމަކަށް ގެއްލިފައި ހުރި ގޮތަކަށް ޝާމީ މޫނު އަނބުރާލައިފައި ބޯ ޖަހާލިއެވެ. "ހާދަ އަވަހަކަށް؟ ހިނގާބަލަ ކޮފީއެއް ހަދައިދޭން." ޔާނިޒް އެއަތަށް ދަމާލައި ކައިރިއަށް ގެނައެވެ. "އޯކޭ." ޝާމީ ނުހަނު ފަސޭހައިން އެއްބަސްވެގެން ތިރިއަށް ދާން އެނބުރުނެވެ. "ކޮފީ ހިފައިގެން އާދޭ އިނގޭ. އައިލް ބީ އިން ރޫމް." ޔާނިޒް ދެއަތްކުޅުގައި އަތްވިދެލައިގެން ކޮޓަރި ދޮރުމަތީ ހުއްޓިފައި ދުރުވަމުން ދިޔަ ޝާމީއަށް ގޮވައިލިއެވެ. ޝާމީ ބޯ ޖަހައިލީ އެނބުރި ބަލައިލުމަކާއި ނުލައެވެ. 

ޔާނިޒް ކޮޓަރިއަށް ވަދެފައި ލެޕްޓޮޕް ދަބަހަށް ލައި ޒިޕު އަޅުވާލުމާއެކު އަލަމާރި ތެރެއިން ދެތިން ފައިލެއްވެސް ނެގިއެވެ. މަދަމާ ހެނދުނު އޮންނަ ޕްރެޒެންޓޭޝަންގެ މަސައްކަތް އަދި މުޅިން ނުނިމޭތީ ކޮންމެހެން އެކަން ކުރަން އެބަ ޖެހެއެވެ. ޝާމީ އައީ އޭނާ އިންތިޒާރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައެވެ. "ޓޫ؟" ތަބަކުގައި ދެމަގު ހުއްޓާ ފެނުމުން ޔާނިޒްއަށް ބުނެލެވުނެވެ. ހަޤީޤަތުގައި އޭނާއަށް ލިބުނު އެއީ އިތުރު ހިތްހަމަ ޖެހުމެކެވެ. "ހޫމ.. ހިތަށް އެރީ ނިޒް ކައިރީ އިނދެގެން އަހަރެެންވެސް ކޮފީއެއް ބޯލާނީއޭ." ޝާމީ ޖަވާބުދީފައި ތަބައް ބަހައްޓަން ދާން އުޅެނިކޮށް ޔާނިޒް މުލައްދަނޑީގައި ހިފާ ހުއްޓުވިއެވެ. "ދާން މިއުޅެނީ ސްޓަޑީ ރޫމަށް. މާދަން އޮންނަ ޕްރެޒެންޓޭޝަން އަދި މުޅިން ކޮމްޕްލީޓް ނުކުރެވިގެން މިއުޅެނީ." ޔާނިޒް ވާހަކަދެއްކިއެވެ. ޔާނިޒް ދަބަހާއި ފައިލްތައް ހިފައިގެން ހިނގައިގަތުމުން ޝާމީ ދެބަހެއްނެތި ބޯ ޖަހާލައިފައި އެކުގައި ދިޔައެވެ.

ސްޓަޑީރޫމް ކައިރިއަށް ދެވުމުން ދޮރު ހުޅުވާފައި ޔާނިޒް ލައިޓްތައް ޖައްސައިލުމުން ޝާމީއަށް ހުރެވުނީ ހައިރާންވެފައެވެ. އޭނާ މިގޭގައި ހޭދަވި ދުވަސްތަކުގައި ދުވަހަކުވެސް މިތަން ދެކެފައެއް ނުވެއެވެ. މެދުގައި ކުޑަވަރެއްގެ ދެމޭޒާއި ވަށައިގެން ގޮނޑި ހުރެފައި ހަފަރާތުން ހަރުގަނޑުތަކުގައި އެތައް ބައިވަރު ފޮތްތަކުން ފުރިފައި އޮތެވެ. އެއްފަރާތެއްގައި ކޮމްޕިއުޓަރ އަކާއި އަދި އެންމެ އެއްފަރާތަށް ވާ ގޮތަށް ދިގު ސޯފާއެއްވެސް ބަހައްޓާފައި ހުއްޓެވެ. އޭނާ ކުޑައިރުވެސް އަމިއްލަ ގޭގައި މިފަދަ ތަނެއް ހެދުމުގެ ހުވަފެން ދެކެއެވެ. ދޭތެރެއަކުން އައިސް ވާހަކަ ކިޔާލަން އޮންނަން ކިހާ މަޖާވާނެ ހެއްޔެވެ؟ "އަހަރެން ވޯކް ކުރާ ގަޑީގައި ޝާމީ ކުރިމަތީ ފެންނަ ހިސާބުގައި އިނިއްޔާ މޯޓިވޭޓްވާނެ. އެހެންނޫނީ ނިދިގެން ވެއްޓިފަ އޮންނާނީ." ޝާމީ އެތެރެއަށް ވަދެފައި ޔާނިޒް އިށިން މޭޒުގެ އެއްފަރާތެއްގައި ތަބައް ބެހެއްޓިހާއިރުން ޔާނިޒް ބުނެލިއެވެ. ލެޕްޓޮޕް ނަގާފައި ޔާނިޒް ގޮނޑީގައި ހަމަޖެހިލުމުން ޝާމީ ކޮފީމަގު ހިފައިގެން ގޮސް އިށީންދެލީ ސޯފާގައެވެ. ވަށައިގެން ލޯ ހިންގަން އިނދެފައި އޭނާ ކޮފީ މަގު ކުރިމަތީ ހުރި ކުޑަ ބިއްލޫރި މޭޒުގައި ބަހައްޓާލަމުން ތެދުވިއެވެ. " ނިޒްގެ މިވާޝަން އަދި އަލަށް މިފެނުނީ. އަހަންނަށް ކުރިއަކުން ނޭނގެ ނިޒް ވޯކް ކުރުމަށް އެހާ އިންޓްރެސްޓް ހުންނަ ކަމެއް." އެންމެ ކައިރިއަށް ހުރި ހަރުގަނޑުން ޝާމީ ފޮތެއް މަތީގައި ނަން ބަލަން ހުރެގެން އިއްވާލިއެވެ. ކޮފީތަށި ތުނބުގައި ޖަހައިގެން އިނދެފައި ޔާނިޒް އެއަޑު އިވިގެން ބަލާލިއެވެ. ކޮފީ ކޯވަރެއް އަރުން އެތެރެ ކޮށްލި ގޮތަށް މަގު ތިރިކޮށްލާފައި އޭނާ ފުރަތަމަވެސް ޖަހާލީ ހިނިގަނޑެކެވެ. 

"ކުރިއަށް އޮތްތަނުގައި އަދި އަހަރެންގެ ކިތަންމެ ވާޝަންއެއް ކިތަންމެ ޓެލެންޓެއް ފެނިގެންދާނެ." ޔާނިޒް ލާނެތް ގޮތަކަށް ހެވިފައި އިނދެގެން ޖަވާބުދިނެވެ. ޝާމީއަށް އެބުނި އެއްޗެއް ކޮންމެވެސް ވަރަކަށް ދޭހަވެގެން ރަކި ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ އަތުގައި އޮތް ވާހަކަ ފޮތް ހިފައިގެން އިށީންދެލީ ސޯފާގައެވެ. ކޮފީ ބޯން އިނދެފައި ގިނައިރެއް ނުވެ ތެދުވެގެން ގޮސް ކުޑަ ދޮރު ހުޅުވާލައިގެން ބޭރު ބަލަން ފެށިއެވެ. ދުރާއި ކައިރީގައިވާ އިމާރާތްތަކުގެ އަލިތައް ނުހަނު ހިތްގައިމު ގޮތެއްގައި ފައުޅުވާން ހުއްޓެވެ. އެތެރޭގައި ޖަހާފައިވާ ފަންކާގެ އިތުރަށް ތާޒާ ވައިރޯޅިތައް އައިސް މޫނުގައި ބީހެން ފެށުމުން ޝާމީ ހުރީ އިތުރަށް ހަމަޖެހިފައެވެ. ފުރަގަހަށް ދޫކޮށްލާފައި އޮތް ފަން އިސްތަށިތައްވެސް އުފަލުން ހީވަނީ އެހެން ކަމެއް ހެންނެވެ. އެއިސްތަށިތައް ވައިގެ ތެރޭގައި އުދުއްސަމުން ދިޔަ ރޯޅިތައް ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރަމުން ދިޔައެވެ. ޔާނިޒް އޭރުވެސް މަސައްކަތުގައި ގެއްލިފައި އިނުމުން ޝާމީ އުޅޭ ނޫޅޭ ގޮތެއް ނޭނގެއެވެ. އޭނާއަށް އެނގެއެވެ. އޭނާގެ ސަމާލުކަން ހިނދުކޮޅަކަށްވެސް ޝާމީއަށް ހުއްޓިއްޖެެއްޔާ މަސައްކަތް ކުރުމުގެ މޫޑު ގެއްލިދާނެއެވެ. އެތަނަށް ވަނީއްސުރެ އިސްއުފުލައި ނުލާން ނިންމައިގެން އިނީ އެހެންވެއެވެ.

އިރުގަނޑެއް ފަހުން ޝާމީ ހީކަރުވައިގެންގެން އަވަހަށް ދޮރު ލައްޕާ ބަންދު ކުރިއެވެ. ގަޑިއަށް ނަޒަރެއް ދިންއިރު އެގާރަ ޖަހަން ކައިރިވެއްޖެއެވެ. އާފުރޭ ގޮތްވެގެން އަނގަމަތީ އަތް އަޅާލައިފައި އޭނާ އެނބުރި ގޮސް ކުރިން އިން ސޯފާގައި އިށީނެވެ. ޝާމީ ސޯފާއަށް ދެފައި ނަގައިގެން ދިގު ދިގަށް އޮށޯވެލިއެވެ. ކުޝަންއެއް ނަގައި ބައްދާލުމުން އިތުރަށް އަރާމުގައި އޮވެވުނެވެ. 

ޔާނިޒް މަސައްކަތް ނިމިގެން އިސް އުފުލާލިއިރު ޝާމީ ނިދިފައި އޮތެވެ. މޭމަތީގައި ކިޔަން ގެންގުޅުނު ފޮތް ހުޅުވާފައި ބަންޑުން އޮތްއިރު ފަންކާއިން އައިސް އައިސް ހުރި ވައިގައި މޫނަށް ބައެއް އިސްތަށިތައް ނިވާ އަޅާފައެވެ. ކުރު ގެޅިލައިގެން އޮތް ގޮތުން ފިނިވެގެން އުޅޭކަން ދޭހަވެއެވެ. ޔާނިޒްގެ ހަމްދަރްދީން ފުރިގެން އައެވެ. އެވަރުވީއިރުވެސް ޝާމީ ކޮޓަރިއަށް ދިއުމުގެ ހުއްދައަކަށް ނޭދެއެވެ. އޭނާ ދަބަސް ޕެކް ކޮށްފައި ފައިލާއި މަސައްކަތް ގެންގުޅުނު އިތުރު ފޮތްތައްވެސް ތަރު ތީބު ކޮށްލަމުން ތެދުވިއެވެ. ކައިރިއަށް ގޮސް އޭނާ ކުޑަގޮތަކަށް އިށީންދެލީ މޭޒުގައެވެ. ބަލަހައްޓައިގެން އިނދެފައި ޔާނިޒް ގުދުވެލައިފައި ފުމެލުމުން އެރީތި ލޮލަށް ނިވާ އަޅައިގެން އޮތް އިސްތަށިކޮޅު އެއްފަރާތްވިއެވެ. ހަމައެހިނދުން ޝާމީވެސް ލަސްލަހުން އެސްފިޔަތައް ދުރުކޮށްލައިފި އެވެ. ނުހަނު ކައިރީގައިވާ ޔާނިޒްގެ މޫނު ފެނިގެން އޭނާ އެސްފިޔަޖަހާލުމާއެކު އަވަހަށް ތެދުވަން ވެގެން ތެޅިގަތުމުން ހައްތަހާ ބޮޑަށް ކައިރިވީއެވެ. 

އެވަގުތު ޔާނިޒްގެ ހޫނު ނޭވާ މޫނަށް އެޅިފައި އިޚުތިޔާރެއް ނެތިވެސް ލޯ މަރައިލެވުނެވެ. ޔާނިޒް ދެކުނީ އެއީ ދައުވަތެއް ކަމުގައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނާ ހިތުގެ މުރާދު ހާޞިލް ކޮށްފައި މޫނު ދުރުކޮށްލިއެވެ. ދެވަނަ ފަހަރަށް ލޯ ހުޅުވައިލިއިރު ޝާމީ އޮތީ ލަދުން ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ. ޔާނިޒް ކޮޅަށް ތެދުވެ ހިންދެމިލުމުން އޭނާ އަވަހަށް ދެފައި އެލުވާލައިފައި ބިމުގައި ފައި ޖެހުމުން ކުއްލިއަކަށް ތެދުވިއެވެ. "އަހަރެން އެދުނު ފަދައިން ހެލްޕް ވެދިނީމަ ގިފްޓް އިނގޭ އެއީ..." ޔާނިޒް ބުނެލި އެއްޗަކުން ޝާމީއަށް ހެވުނެވެ. އޭނާ ހުސްވެފައި ހުރި މަގު އަތަށް ނަގައިގެން ތަބައް ކައިރިއަށް ދާން ހިނގައިގަތްތަނާ ޔާނިޒް އަތުގައި ހިފައިލުމުން އަނެއްކާވެސް މަޖުބޫރުވީ ހުއްޓޭށެވެ. "ބަސްއަހައިގެން އުޅެންޏާ އަދިވެސް މިކަހަލަ ކިތަންމެ ގިފްޓެއް ކުރިއަށް އޮތް ތަނުގައި ލިބޭނެ." ޔާނިޒް ކައިރިވެލައިފައި އެވާހަކަ އިއްވައިލީ ސީދާ ޝާމީގެ ކަންފަތް ދޮށުގައެވެ. "ވެޑިންގެ ފަހުން." ޝާމީ އަވަހަށް އަތް ފޮޅުވާލައިފައި ދަމުން ރައްދު ދިނެވެ. ޔާނިޒް އެގޮތުގައި ހިނިއައިސް ހުއްޓާ ޝާމީ ތަބައް ނަގައިގެން ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ.

ނިދަންވެގެން ކޮޓަރިއަށް ވަދެފައިވެސް އަދި ޝާމީއަށް އުދަނގޫ ނުކޮށްލާ ޔާނިޒްގެ ލޮލަކަށް ނިންޖެއް ނައެވެ. އޭނާ އެނދުގައި ހަމަޖެހިލައިގެން އޮވެފައި ފޯނު ނަގައި ޝާމީއަށް ގުޅާލިއެވެ. "ހަލޯ..." ފޯނު ނެގިއިރު ޝާމީގެ އަޑުގައި ނިދީގެ އަސަރު ހުއްޓެވެ. "ކިހިނެތްވީ؟" ޝާމީ އަހާލިއެވެ. "ނުނިދިގެން މިގުޅީ. އަންނަންވީނު ނިންދަވާލަން." ޔާނިޒް އަރިއަކަށް އޮވެ ކަންނޭލުގައި ބައްދާލިއެވެ. ކައިރީގައި ޝާމީ އޮތަސް ބޮނޑިކޮށްލާނެ ފަދަ ގޮތަކަށެވެ. "ތީ އެއްވެސް ކަމެއް ނޫން. އެންމެ މިނިޓެއްގެ ކަމެއް ތީ." ޝާމީގެ ރާގު ކުއްލިއަކަށް ބަދަލުވިއެވެ. "އެހެންތަ؟ އެއީ ކިހިނެތް. ނިކަން އަހަރެންނަށްވެސް ބުނެދީބަލަ ޝާމީ ތި ބޭނުން ކުރާ ޓެކްނިކް." ޔާނިޒް އަހައިލީ ނުހަނު ޝައުޤުވެރިވެފައެވެ. "ލަކުޑި ގަނޑަކުން ބޮލުގައި ޖަހާފަ." ޝާމީ ބާރަށް ހީގަތެވެ. ޔާނިޒްއަށް ވީ ގޮތަކީ އުންމީދު ކުރި ޖަވާބާއި ހިލާފް ވުމުން ފާޑަކަށް އަނގަ ހަދާލެވުނީއެވެ. "އޭރުން ދެން ނުވެސް ހޭލާނެއެއްނު ދުވަހެއްގެ ކޮޅުންވެސް." އިރުކޮޅަކުން ޔާނިޒްވެސް ޝާމީގެ ހުނުމުގައި ބައިވެރިވިއެވެ. 

"އެންމެ ރަނގަޅު. އަހަރެން ވާހަކައެއް އަހާލަންތަ؟" ޔާނިޒްއަށް ކުއްލި ހަނދާނެއް އައިސްގެން އެދުނެވެ. ޝާމީ ވަގުތުން ހޫމ އަޅުވާލީ އެއްބަސްވަމުންނެވެ. "ޝާމީ އެއްފަހަރުވެސް ނުބުނަމެއްނު މިއޮތްހާ ދުވަހު އަހަރެން ދޫކޮށްލައިފަ ގޮސް އުޅުނީ ކޮންތާކު ކަމެއް. ކުރީ ކީއްކަމެއް." ޔާނިޒް ހަނދާން ކޮށްދިނެވެ. އެއީ މިހާރު އޭނާގެ ހިތުގައި އޮތް ހަމައެކަނި ސުވާލެވެ. އޮޅުން ނުފިލާ އޮތް ހަމައެކަނި ވާހަކައެވެ.

"ވެލް.... ލަޔާއަށް މަންމަގެ ހަޤީޤަތް އެނގުނީމަ މަންމަ ރުޅި އައީ އަހަރެންދެކެ. އެހެންނުވާންވީ ސަބަބެއް ނެތް. އަހަރެންގެ ސަބަބުން އެނގުނީ. ހަމައެކަނި އެކަމެއް ނޫން އަހަރެން އެދުވަހު މަންމަ އާއި ދިމާއަށް ކީ ދަރިއަކު މަޔަކާއި ދިމާއަށް ކިޔާކަހަލަވެސް އެއްޗެއް ނޫން. ބުނެއެއްނު މައިންބަފައިން ކޮންމެގޮތަކަށް ކަންތައް ކުރިއަސް ޗުއްޕުވެސް ނުބުނާށޭ. ޤަބޫލު ކުރަން އެދުވަހު އަހަރެން ބޭނުން ކުރި ބަސްމަގަށްވުރެ ރީތި ބަހަކުންވެސް ލަޔާދައްތައަށް ހަޤީޤަތް ކިޔައިދެވުނީސްކަން. އަދި މިހާރު މަންމަގެ ރިއަލް ފީލިންގްސްތައް އެނގުނީމަ އިހްސާސްވޭ އެދުވަހު މަންމައަށް ކުރާނެ އަސަރު. އެނީވޭ ދެން އެވާހަކަ ބާއްވާ. ނިޒް އަހަރެންނަށް ލަޔާދައްތަ އެއީ ކާކުކަން ފުރަތަމަ އެނގުނު ދުވަހުން ފެށިގެން ވަރަށް ހިތަށްއަރާ ލަޔާދައްތަ މަންމަ އާއި ނުލާ އުޅެބޮޑުވީ ކޮންތާކު ބާވައޭ. މިގޭތެރެއިން އޮޅުންފިލި ކަންކަމުގެ އެހީގައި އަހަރެން ބޮޑުދައިތަގެ މައުލޫމާތު ހޯދައިގެން އެރަށަށް ދިޔައީ. އެތާގައި އުޅުނުއިރު އައި ފެލްޓް ބްލެސްޑް. ބޮޑުދައިތަ ކަންތައް ކުރީ އަހަރެން އެއީ ދަރިއެއްހެން. މަންމަގެ ލޯބި އަދި ނުލިބުނެއް ކަމަކު ލަޔާދައްތަ އުޅުނީ މާ ހެޕީ ލައިފްއެއްކަން އަހަރެންނަށް އިހްސާސްވި އެދުވަސްވަރު. އިނގޭތަ ބޮޑުދައިތަ ކިޔައިދިން މަންމަގެ ލަވް ސްޓޯރީ. މަންމަ ލަޔާ ބައްޕަދެކެ ލޯބިވާވަރު. ނައު އައި ނޯ އެވަރުން އުޅެނިކޮށް އެގޮތަށް މީހަކު ކެހިދިނީމަ ކުރާނެ އަސަރު. މޯމް އެއީ އޭގެ ދިރިހުރި މިސާލެއް. މަންމައަށް ލޯބި ހާޞިލްވެސްވި. އެކަމަކު އޭގެ ސަބަބުން ބާކީ އޮތް މުޅި ހަޔާތް ބަރުބާދުވީ. ހިތަށްއަރާ ލަޔާގެ ބައްޕަ ކުޑަކޮށްވެސް ރިގްރެޓްއެއް ނުކުރޭބާވައޭ މަންމައާއިމެދު ކަންތައް ކުރެވުނު ގޮތް. މިބުނީ އަދި ލޯބި ނުވިއެއް ކަމަކު އިންސާނެއްގެ ހައިސިއްޔަތުން އެކަމާއި ހިތާމަކޮށް މައާފަށް އެދެން ބޭނުމެއް ނުވާނެބާވައޭ. އަހަންނަށް ހީވޭ މަންމަ ކައިރިން އޭނަ މަޢާފަށް އެދިއްޖެއްޔާ މަންމައަށްވެސް އެއީ ލިބޭނެ ހަމަޖެހުމެެއް ހެން. ނޫންތަ؟" ޝާމީގެ ވާހަކަ ނިންމައިލަމުން ޔާނިޒް ކުރެން އަހައިލިއެވެ. 

ޖަޒުބާތީވެފައި ޔާނިޒް އޮވެ ހޫމ އަޅުވާލިއެވެ. ލޯއްބާއި ނުލާ ދިރިއުޅުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެންމެ ރަނގަޅަށް އިހްސާސްވެފަ ހުރި އެކަކީ އޭނާއެވެ. ބަނޑުއަޅައި މައިމީހާވެސް ވަނީ މިސާލު ދައްކައިފައެވެ. އަނީސާވެސް އަޒީގެ އަންބެއްގެ މަޤާމުގައި މިހާތަނަށް ޖެހޭންދެން ހުރިނަމަ ވާނީ އަނެއް ލީޒާއަށް ނޫންކަމެއް ނޭނގެއެވެ. އެހިޔާލުން ޔާނިޒްއަށް ދެފަރަތާށް ބޯ ހޫރުވާލެވުނެވެ.

ހެނދުނެވެ. އުޑުމައްޗަށް ބަލައިލުމުން މޫސުން ގޯސްވާން އުޅޭ ކަމުގެ އަލާމާތްތައް ފެންނަން ފެށިއެވެ. މުޝައްރަފް އޮފީސް ހެދުން އަޅާލައިގެން ތިރިއަށް ދިޔައިރު އަނީސާ ހުރީ ނާސްތާ ތައްޔާރު ކޮށްފައެވެ. "އިނގޭތަ ދެންމެ މަފާޒް ގުޅާފަ ބުނި ވާހަކައެއް. ލަޔާލް އާއި އަފްލާކްގެ ކައިވެންޏަށް ފަސް އަހަރު ފުރެނީ އަންނަ ހަފްތާގައޭ. އެމީހުން އެންމެންވެގެން ސަޕްރައިޒް ޕާޓީއެއް ބާއްވަން އުޅެނީ." އަނީސާ މުޝައްރަފްއަށް ނާސްތާ ކުރެވޭނެހެން ތަށިތައް ކައިރިކޮށްދޭން ހުރެފައި ވާހަކަ ދެއްކިއެވެ. "އެހެންތަ؟" މުޝައްރަފްގެ މޫނުން ހިނިތުންވުމެއް ފައުޅުވިއެވެ. "އަހަރެންގެ ޔާނިޒްގެ ކައިވެނިވެސް ހަމަ އެދުވަހުން ކުރުވަން އެމީހުން ތައްޔާރުވަނީ. ޔާނިޒްއާއި އެކުއްޖާއަށް އޮޅުވާލައިގެން ކޮންމެވެސް ގޮތަކުން އެމީހުން ލައްވާ ފޯމުގައި ސޮއިވެސް ކުރުވައިފި." އަނީސާ އިތުރު ތަފްޞީލަށް ދިޔައެވެ. "އެހެންވިއްޔާ އަހަރުމެން ވާނެ އެމީހުންނަށް ހުރިހާ ގޮތަކުން އެއްބާރު ލުން ދޭން. ޔާނިޒް ކޮން ކުއްޖަކާތަ ކައިވެނި ކުރަނީ؟" މުޝައްރަފް ވަކި މަޤްސަދެއް ނެތި ސުވާލު ކޮށްލިއެވެ. "އެގޭގައި ލަޔާލްގެ ދަރިން ބަލަން ހުރި ކުއްޖާ. އަހަރެން ކައިރީ ލަޔާލް ބުނި އެއީ އޭނާގެ އެއްބަނޑު ކޮއްކޮއޭ. އެހެންވިއްޔާ އެކުއްޖާ އެއީ ލީޒާގެ ކުއްޖެއް ދޯ." އަނީސާ ޖަވާބު ދީފައި މުޝައްރަފްއަށް ނަޒަރެއް ދިނެވެ. ކޮފީތަށި ތުނބުގައި ޖަހަން އުޅެފައި އަނީސާގެ ފަހު ޖުމްލަ އިވިގެން އޭނާގެ އަތުން ހަރަކާތް ހުއްޓުނެވެ. އޭނާ ބަލާލިއިރު އަނީސާ ބަލަން ހުރެފައި އަވަހަށް ނަޒަރު ބަދަލު ކޮށްލަނީއެވެ. އިތުރު އެއްޗެއް ނުބުނެ މުޝައްރަފް ނާސްތާ ކޮށް ނިމިގެން ގެއިން ނިކުތެވެ.

އޮފީހާއި ދިމާއަށް ކާރު ދަތުރު ކުރަމުން ދިޔައިރު އޭނާގެ ސިކުނޑީގައި ހަރުލާފައި އަނީސާ ދެއްކި ވާހަކައެވެ. ފާއިތުވި އެތަކެއް އަހަރު ތެރޭގައި ލީޒާ މަތިން އޭނާ ހަނދާންވި އެއީ ފުރަތަމަ ފަހަރެއް ނޫނެވެ. ލަޔާލްގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކުވެސް އެކުށްވެރި މާޒީ އޭނާގެ ހަނދާނުގެ ލޯގަނޑަށް އަރައި ފައިބައެވެ. ލީޒާ މިހާރު އުޅެނީ ކިހިނެތް ކޮން ހާލެއްގައި ބާވައޭ އޭނާ ހިތަށް އެރި ފަހަރު މަދެއް ނޫނެވެ. ޒުވާން ޖޯޝުގައި އަދި ކޮންމެ ފަދަ ގޮތަކަށް ކަންތައް ކޮށްފައި ވިއަސް ވަކި ހިސާބަކުން އޭނާއަށްވެސް ކުރެވުނީ ކުށެއްކަން ޤަބޫލު ކުރެވިއްޖެއެވެ. އެކަމަކު ލީޒާ އާއި ބައްދަލު ކުރަން އޭނާ މިހާތަނަށް ދުވަހަކުވެސް މަސައްކަތް ކޮށްފައެއް ނުވެއެވެ.

ހިޔާލު ތަކެއްގައި ބަނދެވިގެން އިނދެ މުޝައްރަފް ކާރު އަނބުރާލަން ޑްރައިވަރަށް އެންގިއެވެ. އެލްޒީ ކެފޭގެ ދޮރު ފެންނަ ހިސާބު އެމަގުގެ އެއްފަރާތަށް ޑްރައިވަރ ކާރު މަޑުކޮށްލިއެވެ. ލީޒާ އެތާ މަސައްކަތް ކުރާކަން އޭނާއަށް އެނގުނީ މީގެ ހަ މަހެއްހާ ކުރިންނެވެ. ރައްޓެއްސަކާއި ވާހަކަ ދައްކާލަން ކާރު މަޑުކޮށްގެން އިންދާ ލީޒާ ކުރި ކަނޑާފައި ގޮސް އެތަނަށް ވަންތަން ފެނިގެން އެއީ ކާކުކަން ރަނގަޅަށް އެނގި ހުރެ އެކުވެރިޔާ ކައިރިން އެހީއެވެ. އެކުވެރިޔާގެ ފަރާތުން އެނގުނީ ލީޒާ އެކެފޭގައި ކޭޝިއަރއެއްގެ މަޤާމު ފުރާތާ އެތަކެއް އަހަރު ފާއިތުވެފައިވާ ކަމެވެ. 

ވިސްނަން އިނދެފައި މުޝައްރަފް ކާރުން ފޭބިއިރު ތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. އޭނާ ހަރުކޮށް ހިނގާފައި ގޮސް ކެފޭގެ ބިއްލޫރި ދޮރުގައި ހިފާ އެތެރެއަށް ހުޅުވާލިއެވެ. ލީޒާ ކައުންޓަރގައި މަސައްކަތުގައި އިނުމުން މުޝައްރަފް ވަދެގެން ގޮސް ކައިރިއަށް ހުއްޓުނު ކަމެއް ނޭނގެއެވެ. އޭނާ އޯޑަރ ނޯޓް ކޮށް ނިމެން ވާއިރަށް މުޝަރަފް ކައުންޓަރ މޭޒުގައި ދެއަތް އަޅުވާލައިގެން ހުއްޓި ހުރީ ސީދާ ލީޒާގެ ކުރިމަތީގައެވެ. "ކޯއްޗެއްތޯ ބޭނު....." އިރުކޮޅަކުން ފޯނު ބާއްވާފައި އިސް އުފުލާލި ލީޒާއަކަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ދެލޯ ބޮޑުކޮށްގެން އޭނާ ހުރީ ބިރެއް ފެނިގެން ބަލަން ހުރި މީހަކު ފަދައިންނެވެ. "ކަޅު ކޮފީއެއް ބޭނުމީ." މުޝައްރަފް އާދައިގެ ގޮތަކަށް ބުނެލިއެވެ. "ހޫމ.. ކޮފީއެއް ލިބިދާނެ." ލީޒާ އަވަހަށް އިސްޖަހާލިއިރު އަޑުގައިވި އެކުލެވުނު ތުރު ތުރު މުޝައްރަފްއަށް ވެސް ފާހަގަވިއެވެ. ލީޒާ އެނބުރިފައި ފަހަތުގައި ހުރި ވޭޓަރ ގޮވައި މުޝައްރަފްއަށް ކޮފީއެއް ތައްޔާރު ކުރުމަށް އެންގިއެވެ. އޭނާ އެނބުރުނުއިރު މުޝައްރަފް އަދިވެސް ހުރީ ބަލަހައްޓައިގެންނެވެ. 

"އެނގިއްޖެތަ އަހަރެން؟" ކުއްލިއަކަށް މުޝައްރަފް އަހާލިއެވެ. ލީޒާ ހަތަރުކަޅި ހަމަކޮށްލީ ހައިރާންވެފައެވެ. "އެނގިއްޖެދޯ." ލީޒާ ވާހަކަ ނުދެއްކުމުން އަނެއްކާވެސް އެއްޗެއް ބުނީ މުޝައްރަފެވެ. ޖަވާބުގައި ލީޒާ ހަމައެކަނި ބޯ ޖަހައިލީއެވެ. އިތުރު އެއްޗެއް ނުބުނެ މުޝައްރަފް ގޮސް ހުސް މޭޒެއް ހޯދައިގެން އިށީނެވެ. އިރުކޮޅަކުން ވޭޓަރ ކޮފީ ގެންގޮސް ދިނުމުން ހިމޭން ކަމާއެކު އިނދެ ބޮމުން ދިޔައިރު ދޭތެރެއަކުން ލީޒާގެ ހަރަކާތްތަކަށް ބަލައެވެ. ލީޒާވެސް ހަމައެފަދައެވެ. ގިނައީ މުޝައްރަފްގެ ހަރަކާތްތަކަށް ބަލާ ވަގުތެވެ. މުޝައްރަފް އެތަނަށް ވަންފަހުން އޭނާއަށް ރަނގަޅަށް ކަމެއްވެސް ކުރެވޭ ގޮތެއް ނުވިއެވެ. ކަސްޓަމަރުންގެ އޯޑަރތައް ނޯޓް ކުރެވުނީ އެތައް ފަހަރަކު ކިޔައިގެންނެވެ. ކޮންމެ އައިޓަމެއް ތަކުރާރުކޮށް ބުނެގެން ނޫނީ އިވޭ ކަމަކަށް ނުވެއެވެ. 

އެންމެފަހުން ބޮލުގައި ރިއްސަން ފެށުމުން ވޭޓަރަކު ކައުންޓަރ ގައި ބައިންދާފައި އޭނާ ވަނީ ބަދިގެ ބަޔަށެވެ. ލީޒާ ގޮސް ބަދިގެ ބައިގައި ހުޅުވެން ހުރި ކުޑަ ދޮރެއް ހުޅުވާލައިގެން ބޭރު ބަލަން ހުއްޓާ އިރުގަނޑެއް ފަހުން ވޭޓަރަކު އައިސް ބުނީ ހޯދަން އައިސް ހުރި ވާހަކައެވެ. އެވަގުތު ހިތް ދިޔައީ ފުންމަ ފުންމައިގެންނެވެ. މުޝައްރަފް އެންމެ ފަހުން ބައްދަލު ކުރަންވެސް އެދުނީ ހެއްޔެވެ؟ ތެޅި ތެޅި އޮތް ހިތަކާއެކު އޭނާ ނިކުމެ ބަލައިލިއިރު އެއްވެސް މީހަކު ލޮލުގައި އަޅައެއް ނުގަތެވެ. ދޮރުގައިވެސް ހުރީ ބަންދު ބޯޑު އަޅުވާފައެވެ. އެވަގުތު ވޭޓަރ އައިސް އިޝާރާތް ކޮށްލީ ދުރުގައި ހުރި މޭޒަކަށެވެ. ލީޒާގެ ނަޒަރު އެމޭޒު ދޮށުގައި ތިބި ލަޔާލް އާއި ޝާމީއަށް ހުއްޓިފައި މެއަށް ފިނިވެގެން ދިޔައެވެ. ލަޔާލްމެން ބަލަން ތިބެފައި އަތުން ހަނާ އަޅައިލުމުން އޭނާ ދެފިކުރެއްގައި ހުރެގެން ގޮސް ކައިރިއަށް ހުއްޓުނެވެ.

"މަންމާ! މިތާ އިށީންދެބަލަ!" ލަޔާލް މޫނު އުފުލާލައިގެން އިނދެ ލީޒާގެ އަތުގައި ހިފާލިއެވެ. އެވަގު ކަންފަތަށް އިވުނު އަޑު ލީޒާއަށް ޤަބޫލު ކުރަން ދަތިވިއެވެ. "މަންމާ. އަހަރެމެން މިއައީ މަންމަ ކައިރީ މުހިންމު ވާހަކައެއް ބުނަން." ޝާމީވެސް ހަމަ އެހާ ލޯބިން ބުނެލިއެވެ. ވާނުވާ ނޭނގި ހައިރާންވެފައި ހުރެގެން ލީޒާ ގޮނޑި ދަމާލިއެވެ. ޖަޒުބާތީ ވެގެން އޭނާއަށް ރުޅި މޫނެއް ނުދެއްކުނެވެ. "މަންމާ އަހަރެންނަށް މާފު ކުރޭ." ޝާމީ އާއި ލަޔާލް ބުނެލީ އެއް އަޑުންނެވެ. ދެފަހަރު ދެދަރީންގެ މޫނަށް ލީޒާ ބަލަން ފެށީ ދެލޯ ބޮޑު ކޮށްފައެވެ. ވާން މިއުޅެނީ ކިހިނެތް ހެއްޔެވެ؟ ފުރަތަމަ މުޝައްރަފްއެެވެ. ދެން މިދެކުދީން އައިސް މިދައްކަނީ ކޮންފަދަ އަޖައިބު ކުރުވަނިވި ވާހަކައެއް ހެއްޔެވެ؟ "މަންމާ އަހަރެންގެ އެއްވެސް ޝަކުވާ އެއް ނެތް. އެނގޭ މަންމަ އަހަރެން ދޫކޮށްލާފައި އައީ ބޭނުން ވެގެން ނޫންކަން. އެކަމަކު އެއީ ބައްޕައަށް ދެރައެއް ދޭނެ ކޮންމެވެސް ކަމެއް ކުރުމުގެ ގޮތުންކަން. އަހަރެންނަށް އިހްސާސްވޭ އެދުވަހު މަންމަގެ މަޤާމުގައި އަހަރެން ހުރިނަމަވެސް ކަންތައް ކެރެވޭނީ އެފަދަ ގޮތަކަށް ކަން." ލަޔާލް ލީޒާ އިށީނުމުން އެއަތުން ދޫކޮށް ނުލައި އިނދެގެން ވާހަކަ ދެއްކިއެވެ. "އަދި އަހަރެންވެސް ޤަބޫލު ކުރަން މަންމަ އަހަރެންނާއިމެދު ފަރުވާ ކުޑަކޮށްލީ ލޯބިނުވާތީއެއް ނޫންކަން. ފުރަތަމަ މަންމަ ހިތްހަމަ ޖެހިގެނެއްނު އެހެން މީހަކަށް އަޅައިލެވޭނީ. މަންމަ އެންމެ ބޭނުންވި ދުވަހު އުޅެން ޖެހުނީ އެއްވެސް މީހެއްގެ އަޅާލުމެއްނެތި އެކަނިމާއެކަނި. އެންމެ ކުޑަ މިނުން ފިރިހެނަކަށް ވެގެން އާއިލާގެ ފައިސާގެ ހަރަދުތައްވެސް ބަލަހައްޓަން ޖެހުނީ މަންމައަށް. ތެދެއް މިބުނަނީ މަންމަ ދެން ނުޖެހޭނެ ތިހެން އުޅޭކަށް އަހަރުމެން މަންމައަށް އެހީވާނަން. އަޅައިލާނަން." ޝާމީ ފެންކަޅިވެފައި އިނދެ ލީޒާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. 

"މިއަދު މަންމަގެ ހުރިހާ ކުށަކަށް މަޢާފު ކޮށްފަ އަހަރެމެން މިއެދެނީ އެންމެ ކަމަކަށް. އެއީ މަންމަގެ ލޯބި. މަންމަގެ އަޅާލުން. އަދި މަންމަ އަހަރުމެންނާއި އަހަރުމެން ގެއަށް ދިރިއުޅެން ދިއުމަށް. އަހަރެމެން މަންމަ ބަލަހައްޓާނަން." ލަޔާލް މިފަހަރު ވާހަކަ ދެއްކުމުގެ ކުރިން ޝާމީއަށްވެސް ބަލައިލާފައި ދެމީހުންގެ ފަރާތުން ބުނެލިއެވެ. އިތުރަށް ލީޒާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ އެދެލޯ ކަރުނުން ފުރި ބަންޑުން ވާން ނެގީ ސިކުންތު ކޮޅެކެވެ. ވާހަކަ ދައްކަން އުޅެ އަޑު ބޭރު ނުވެގެން އޭނާ ދެކުދީންގެ އަތުގައި އެކީ ހިފާލައި ބާރު ކޮށްލިއެވެ. އުފާވެރި ކަމުގެ ކަރުނަތައް ލޮލުންފައިބާ ހާލު ލަޔާލް އާއި ޝާމީ މަންމަގެެ ކޮނޑުގައި ބޯ އަޅާލައިގެން އިނެވެ.

އެއް ހަފްތާ ފާއިތުވެގެން ދިޔައީ ދާދި އަވަހަށެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަލުން އުފާވެރިކަން އައިސްފައިވާ ގޭތެރޭގައި އެއް ގަޑި އިރުވެސް އެމީހުނަށް އެއް މިނިޓް ފަދައިން ކުރެވެ. ރާފިލް އާއި ނަތާވެސް އެއް ހަފްތާ ވަންދެން ރިސޯޓެއްގައި އުޅެފައި އައުމުން ގޭގައި މަދު އެކަކު ނެތެވެ. އަނެއްކޮޅުން ލީޒާ އެގެއަށް ބަދަލު ވުމުން ޝާމީ އާއި ލަޔާލް ހުންނަނީ އުފަލުން ފޮޅިފައެވެ. ކުދިވެރިން ގެންގުޅުމުގައިވެސް މަންމަގެ އެހީތެރިކަން ލަޔާލްއަށް އެންމެ ފުރިހަމައަށް ލިބެމުން ދިޔައެވެ. ހާއްސަކޮށް ޝިވަމް ހުންނަނީ ލީޒާ އާއި ހެދި މޮޔަވެފައެވެ.

މުޅިން އާ ދުވަހެކެވެ ބަލާލި ކޮންމެ ދިމާއަކުން ތައްޔާރީ ތަކުގައި އެންމެން އުޅޭތަން ފެންނަނީ އަވަދިނެތިއެވެ. ރޭގަނޑު އޮންނަ ޕާޓީއަކީ ލަޔާލް އާއި އަފްލާކްގެ ފަސްވަނަ ވެޑިން އެނިވަރސަރީ ފާހަގަ ކުރުން ކަމުގައި ޔާނިޒް އާއި ޝާމީ ކައިރީ ބުނެވުނެވެ. އަނެއްކޮޅުން އަފްލާކް އާއި ލަޔާލްގެ ކަންފަތަށް އަރުވާފައި ހުރީ އެހެން އަޑެކެވެ. އެއީ ޔާނިޒް އާއި ޝާމީގެ އަލަތު ކައިވެނީގެ ހަފްލާއަށް ވެގެންދާނެ ކަމުގައެވެ. ހަޤީޤަތް އެނގެނީ ދެންތިބި މީހުންނަށެވެ. އެއްކޮޅުން އަފްލާކް އާއި ލަޔާލް ނިކަން ސިއްރުން ޔާނިޒްމެނަށް އެނގިދާނެތީ އުޅޭއިރު ޝާމީމެންގެ ހާލަކީވެސް އެއީއެވެ. ނަތާ ހުރިހާ މަންޒަރު ބަލަމުން އެދުވަހުވެސް ބަނޑަށް ހީހީފައި ހިތާއި ހިތުން އެމީހުނާއި މަލާމާތް ކުރެއެވެ.

ރޭގަނޑެވެ. ހަމަޖެހިފައިވާ ގަޑިއަށް މެހުމާނުން އަންނަ ގަޑި ކައިރިވިއިރު މަދު މީހަކު ފިޔަވައި ދެންތިބި އެންމެން ތައްޔާރު ވެގެން ތިރިއަށް އަތުވެއްޖެއެވެ. ޝާމީ އާއި ޔާނިޒް އައީ އެކުއެކީގައެވެ. ހޯލްތެރޭގައި ހުރިމޭޒެއް ދޮށުގައި ނުދަންނަ މީހަކާއެކު ދެން ތިބީ މަފާޒް އާއި ރާފިލްއެވެ. ޝާމީމެން ފޭބިހާއިރު ލަޔާލް އާއި ޔަޝާރު އައިސް ދެމީހުންގެ އަތުގައި ހިފައިގެން ގެންގޮސް އެމީހުންގެ ކުރިމަތީ ހުސްކޮށް ހުރި ދެގޮނޑީގައި ބޭންދިއެވެ. ހައިރާންވެފައި ދެޒުވާނުން އެކަކު އަނެކަކަށް ބަލަން ތިއްބާ ކޮންމެވެސް ދިމާއަކުން ނިކުމެގެން އައިސް އިށީންތަން ފެނުނީ ޝާމީގެ ބައްޕައެވެ. އަރުޝަދުވެސް އެވަގުތު ހުރީ ނިކަން ރީތިވެލައިގެންނެވެ.

"ވަޓްސް ގޯއިން އޮން؟" މަފާޒްއަށް ނީނދެވިގެން އަހާލިއެވެ. "ސްޕްރައިޒް. އިޓްސް ޔޯ ވެޑިން." މަފާޒް ކުރިމަތީ އިނދެފައި ޖަވާބުދިނެވެ. "ވަޓް؟ ތީ ކިހިނެތްވާނެ ކަމެއް؟ ކައިވެނީގެ ފޯމު ނުފުރާ ރަން ނުކިޔައި...." ޔާނިޒް އަދިވެސް ހުރީ ހައިރާންވެފައެވެ. ޝާމީގެ ހާލަކީވެސް އެއީއެވެ. "ހަނދާން ކޮށްބަލަ މިދިޔަ ހަފްތާގައި އޮފީހުގައި އިންދާ ސޮއިކުރި ޑޮކިއުމެންޓްތައް. އެތަނުން އެކައްޗަކީ ކައިވެނީގެ ފޯމް." މަފާޒް ހަނދާން ކޮށްދިނެވެ. އެވާހަކަ ބުނުމުން ޝާމީ ހަނދާންނަށް އައީ ލަޔާލް އޭނާ ލައްވާ ސޮއި ކުރުވި ކަރުދާސް މަތިންނެވެ. ސޮއި ކުރާށޭ ބުނިތަނުން ކޯއްޗެއްކަންވެސް ބަލާނުލައި ސޮއި ކުރީ ލަޔާލްއަށް ކުރާ އިތުބާރަކުންނެވެ. ޝާމީ އެނބުރިފައި ބަލާލިއިރު ލަޔާލް ހިނި އައިސް ހުރެގެން އެއްލޯ މަރާލިއެވެ. ދެފަރާތަށް ބޯ ހޫރާލުމާއެކު އޭނާ އަނެއްކާވެސް ކުރިމަތީ ތިބި މީހުންނަށް ނަޒަރު ހުއްޓާލިއެވެ. "ދެން ނާހާތީ ރަންކީ ދުވަހު ވީ ކިހިނެތްހޭ؟ ނިޒް ކައިރީ ރީތިކޮށް އެހިން ޝާމީ ކައިރިއަށް ދާންވީހޭ ރަންކިޔަން. އެން ޔޫ ސެޑް ޔެސް." މަފާޒް އިތުރަށް ކިޔައިދިނެވެ. " އަހަރެން ހީކުރީ ސަމާސައެއް ކަމަށް." ޔާނިޒް ހިނި އައިސް ބުނެލިއެވެ. 

"އަހަރެން ކައިރިއަށް މިމީހުން އައިސް އެހީމަ ޖަވާބު ދިންއިރު އަހަރެންވެސް ހީކުރީ އަދި ސީރިއަސް ކޮށް ކުރާ ކަމެއް ނޫން ކަަަމަށް." ޝާމީ އިތުރު ކޮށްލިއެވެ. އޮޅުން ބޮޅުންތައް ފިލައި ކަން އޮތް ގޮތް އެހިސާބުން ސާފުވުމުން ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ކުރިއަށް ދާން ފެށިއެވެ. ކައިރީގައި އާއިލާގެ ހުރިހާ މެމްބަރުން ބަލަން ތިއްބެވެ. ލަޔާލް ލީޒާ އަތުގައި ހިފާލައިގެން ހުރިއިރު އެލޮލުގައި އުފާވެރި ކަމުގެ ކަރުނަ ވިދައެވެ. އަފްލާކް ހުރީ ޝިވަމް އުރާލައިގެންނެވެ.

ކައިވެނީގެ ރަސްމިއްޔާތު ނިމިގެން އަލަތު ދެމަފިރީން އަނެއްްކާވެސް މައްޗަށް ގެންގޮސް ރެއަށް ހާއްސަ ކުރެވިފައިވާ ހެދުން އަޅުވައި ތައްޔާރު ކޮށްގެން ގެނައެވެ. އޭރު މެހުމާނުން އަންނަން ފަށައިފިއެވެ. ޔާނިޒްގެ އަތުގައި ހިފާލައިގެން ޝާމީ ހުރިއިރު އެއީ މިވަގުތު ދުނިޔެމަތީ ހުރި އެންމެ އުފާވެރި ފުރާނައޭ ބުނެގެން ދޮގަކަށް ނުވާނެއެވެ. އެލޮލަށް ޖަމާވެފައިވާ ކަރުނައިން ލޮލުގެ ކަޅުކަން ގަދަވެ ރީތިކަން އިތުރުވެފައި ވެއެވެ. ފިޔާތޮށި ތުންފަތުން ސިކުންތަކަށް ހިނިތުން ފިލާނުދެއެވެ. ބައްޕަ އާއި މަންމަވެސް މިރޭ އެކުވެރިކޮށް ވާހަކަ ދައްކައި އުޅޭތަން ފެނުމުން އެއްވެސް ނުތަނަވަސްކަމެއް ނެތެވެ. އަފްލާކް އަނީސާ އާއި މެދު ބެހެއްޓި ގާތްކަންވެސް އެންމެނަށް ފާހަގަވިއެވެ. ކުރިން އެމީހުން ހީކޮށްގެން ތިބީ އަފްލާކް ނަތާގެ އުފަލަށްޓަކައި އެރޭ އަނީސާ ގެނަ ކަމުގައިވިއަސް އަފްލާކްގެ ހިތުން އަނީސާއަށް މާފު ނުކުރާކަމަށެވެ. ފުރުސަތު ލިބުމުން ލަޔާލްވެސް އެސުވާލު އަފްލާކް އާއި ކޮށްލިއެވެ. "ލަޔާ އަހަރެންނަށް މާފު ކުރިއިރު ކީއްވެ އަހަރެންނަށް މަންމައަށް މާފު ނުކުރެވެންވީ؟" އެވަގުތު އަފްލާކް އެހިއެވެ. "ކޮބާ ތީގެ މާނައަކީ؟" ލަޔާލް ހުރީ އޮޅިފައެވެ. "މާނައަކީ އަހަރެން އެވަރުގެ ކަމެއް ކުރީމަވެސް ވާލޯބިން ލަޔާ އަހަރެންނަށް މަޢާފު ކުރީ. ހަމައެގޮތަށް މަންމަ ކުރި ކަމެއްވިއްޔާ ކުރީވެސް ލޯއްބަށްޓަކައި. ކިހިނެތް އެނގެނީ މަންމަ އެގޮތަށް ކަންތައް ނުކުރިނަމަ ލަޔާ މަންމަގެ މަޤާމުގައި ހުންނާނީ އަހަރެންގެ މަންމަ ނޫންކަމެއް. އެހެންނޫނަސް ވެދިޔަ ކަމެއް ވެދިޔައީ. ބައްޕަވެސް މިއަދު ދުނިޔެއަކު ނެތް. މަންމަ އަހަރެންގެ ކުރިމަތީގައި ދުނިޔޭގައި އުޅޭހާ ހިނދަކު އަހަރެންގެ މަންމަގެ ލޯއްބާއި އަޅާލުން ބޭނުން." އަފްލާކްގެ ޖަވާބަކީ އެއީއެވެ. އަފްލާކްގެ އެވިސްނުން އެނގިގެން ލަޔާލްވެސް އިންތިހާއަށް އުފާވިއެވެ.

ބާރަ ޖަހަން ކައިރިވީއިރު މެހުމާނުން މަދުވާން ފަށައިފިއެވެ. ވެޑިން އެނިވަރސަރީ ފާހަގަ ކުރުން އޮތީވެސް ހަމައެކަނި އާއިލާ މީހުންގެ ތެރޭގައެވެ. ބާރަ ޖަހަން ދިހަވަރަކަށް މިނިޓަށްވީއިރު ހުސްވެފައިވާ ހޯލް ތެރޭގައި ހަމައެކަނި ތިބީ އާއިލާ މީހުންނާއި ގާތް އެކުވެރިންނަށް ވެއްޖެއެވެ. ޝާމީ އާއި ޔާނިޒްވެސް އޭރު ކޮޅަށް ހުރެ ދެފައި ވާޅުވާ ގޮތް ވެގެން ގޮނޑިއެއްގައި އިށީންދެލައިފިއެވެ. ލީޒާ ކުދިވެރިން ނިންދަންވެގެން ދިޔަ މީހާ އެނބުރި އައިއިރު ގިނަ ބަޔަކު އެއްތަނެއްގައި ތިބީ ފޮޓޯ ނެގުމުގައެވެ. އޭނާ އަރްޝަދު ގެއަށް ދާ ވާހަކަ ބުނެގެން ގޭޓާއި ހަމައަށް ގޮއްސައި އަންނަނިކޮށް މުޝައްރަފް ކުރިމައްޗަށް ނިކުތީ ގަރާޖަށް ވަންނަ ދޮރުގެ ދެފަރާތުގައިވާ ތަނބުން ކުރެ އެއް ތަނބުގެ ފުރަގަހުންނެވެ. "ލީޒާ!" އެވަގުތު ލީޒާ ނުފެންނަ ކަމަށް ހަދާފައި ދޮރާއި ދިމާއަށް ދަނިކޮށް މުޝައްރަފް ގޮވާލި އަޑަށް ހުއްޓެވިއްޖެއެވެ. ލީޒާ އެނބުރި ބަލައިނުލައި އުޅެނިކޮށް މުޝައްރަފް އައިސް ހުއްޓުނީ އޭނާގެ ފުރަގަހުގައެވެ.

"އަހަރެން އެއްޗެއް ބުނަން ފުރުސަތު ދެވިދާނެތަ؟" މުޝައްރަފް އެހިއެވެ. ލީޒާ ދެއަތް ދެއަތާއި ހިފަހައްޓާލަމުން ބޯ ޖަހައިލިއެވެ. "ލީޒާ އަހަރެންނަކީ ލީޒާގެ ކުށްވެރިއެއް. މިއަދު އަހަރެން މިހެން ބުނެގެން ޤަބޫލު ކުރަންވެސް ދަތިވެދާނެ. އެކަމަކު އަހަރެން ވަރަށް ހިތާމަ ކުރަން ލީޒާ އާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން. އަމިއްލަ އެދުމެއް ހާޞިލް ކުރުމަށްޓަކައި އަހަރެން ލީޒާގެ ހަޔާތް ބަރުބާދު ކޮށްލީ އެއްވެސް ރަހުމެއްނެތި. އެއަނިޔާގެ ޝިކާރައަަކށް ލަޔާލްވެސް ވީ ޚުދު އަހަރެންގެ ކުށުން. އޭގައި ކުށްވެރިއަކީ ލީޒާއެއް ނޫން. އަހަރެން. އެނގޭ މައާފު އެލަފްޒަކީ އަހަރެން ކަހަލަ މީހަކަށް ހައްޤު އެއްޗެއް ނޫންކަންވެސް. އެކަމަކު އަހަރެން ލީޒާ ކައިރިން ވަރަށް އާދޭހާއެކު މިއަދު މަޢާފަށް އެދެން. މާފު ނުކުރިއަސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އެކަމަކު މައާފަށް އެދިގެން އަހަރެންގެ ކުށުން ބައެއް އުނިވާނެ ކަމަށް ޤަބޫލު ކުރަން. ޔަޤީނުންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް މިއަދު ލިބިއްޖެ." މުޝައްރަފް ބޭނުންވި ވާހަކަތައް ނިންމާލަމުން ލީޒާގެ ކޮނޑުގައި މަޑުމަޑުން ހިފާ އޮއްބާލިއެވެ. އަދި ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލާ ގޭގެ ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ. 

"މައާފު ކޮށްފިން." އިރުކޮޅެއް ނުވެ ލީޒާގެ ޖުމްލަ އަހާފައި އޭނާގެ ދެފައި ހީވީ ބިމުގައި ތަތްލި ހެންނެވެ. ސިހިފައި އެނބުރި ބަލައިލީ އިވުނު އަޑު ޤަބޫލު ނުކުރެވިގެންނެވެ. "ލަޔާލް އަހަރެންނަށް މަޢާފު ކުރިއިރު މުޝައްރަފްއަށް މަޢާފު ނުކުރެވެންވީ ސަބަބެއް ނެތް. އަހަރެންގެ ކުށަކީ އަހަރެންގެ ނަޒަރުގައި މުޝައްރަފް ކުރި ކުށަށްވުރެ ބޮޑު ކުށެއް. އެހެންނޫނަސް މަޢާފަށް އެދޭމީހާއަށްވުރެ މަޢާފު ކުރާ މީހާ މަތިވެރި." ލީޒާ ހިނިތުންވެފައި ބުނެލިއެވެ. ލީޒާ ކައިރިންލައިފައި ގޮސް ގެއަށް ވަންނާންދެން މުޝައްރަފް ދެން ހުރީ ހިމޭން ވެފައެވެ. އިރުކޮޅެއްވީއިރު އޭނާ އުފަލާއެކު ހިނިތުންވެ ލީޒާ ދިޔަ މަގުން ގޮސް ގެއަށް ވަދެއްޖެއެވެ. ލީޒާ ހޯދަމުން ދޮރާއި ހަމައަށް އައިސް ހުރި ލަޔާލްއަށް އެހުރިހާ އަޑެއް އިވުނެވެ. އޭނާ އެއްފަރާތަކަށް ޖެހިލީ ލީޒާ ވަންނަން ދިޔަ ވަގުތުއެވެ. ލަޔާލް ގޮސް ޝާމީގެ ކަންފަތަށް އެވާހަކަތައް އިއްވި ހިސާބުން ޝާމީ އުފަލުން އޭނާގެ ގައިގައި އޮޅުލައިގެންފިއެވެ. 

ބާރަ ޖެހިތަނާ ރާމިޒާ ބަދިގެއިން ނިކުތީ ކޭކު ހިފައިގެންނެވެ. ޝާމީ އާއި ވާހަކައިގައި ހުރެފައި އެއްލި ކަޅިއަކުން ލަޔާލްއަށް ކޭކު ފެނިގެން ހައިރާންވިއެވެ. އެއީ ޔަޤީނުންވެސް ޝާމީމެން ވެޑިން ކޭކެއް ނޫނެވެ. އެންމެން ވަށްބުރެއްހެން ކޭކު ވަށާލަން ދިއުމުން ލަޔާލް އާއި އަފްލާކްވެސް މިވާނުވާ ނޭނގި ހުރެ އެމީހުންނާއި ބައިވެރިވިއެވެ. އެމީހުންނަށް ކޭކުގައި ލިޔެފައިވާ ލިއުންކޮޅު ފެނުނީ އެވަގުތުއެވެ. "ސަޕްރައިޒް!" ޔާނިޒް އެންމެ ކުރިއަށް ޖެހިލާފައި ލަޔާލް އާއި އަފްލާކްއަށް ބަލަން ހުރެގެން އިއްވާލިއެވެ. "ސަޕްރައިޒް ދެވޭނީ ދޮންބެއަށް އެކަންޏެއް ނޫންކަން އިނގޭދޯ މިހާރު." ޔާނިޒް އެހެން ބުނުމުން އެންމެން ހީގަތެވެ. ކޭކު ފަޅައި ނިމިގެން މުޝައްރަފްމެން ފޮނުވައިލާފައި ހުރިހާ ޖޯޑުތައް މައްޗަށް ދާން މިސްރާބު ޖެހިއެވެ. "އެކަމަކު ދޮންބެމެން ތިކުރި ކަމަކުން މަށަށް ވަރަށް ދެރަ ގޮތެއް މި ދިމާވީ." ސިޑިއާއި ހަމައިގައި ތިބެފައި ޔާނިޒް ބުނެލިއެވެ. "އެޔޯ؟" އެންމެންގެ ނަޒަރު ޔާނިޒްއަށް ހުއްޓިގެން ދިޔައެވެ. ސުވާލު ކޮށްލީވެސް އެންމެން އެއްއަޑުންނެވެ. 

"މަށަށް ސިއްރުން ނާންގާ އުޅުނީމަ ހަނީމޫން ޓްރިޕް ނުރޭވުނީ." ޔާނިޒް އަނގައަށް ގޮތެއް ހަދާލިއެވެ. ޝާމީ ލަދުން އަވަހަށް އިސްޖެހިއެވެ. "ހެހެ ނޯ ވޮރީސް ހަނީމޫން އޮތީ ހަމަޖެހިފަ." އަފްލާކް ޖީބުން ނެގި ޓިކެޓްތައް ޔާނިޒް އަތަށް ދިނެވެ. އެންމެން ޔާނިޒް އާއި ދިމާކޮށްފައި އެންމެ ކުރީން މައްޗަށް ފޮނުވާލީ އެމީހުންނެވެ.

ކޮޓަރިއަށް ވަދެފައި ޔާނިޒް ފުރަތަމަވެސް ގޮސް އެތަން މިތަން ހޯދަން ފެށުމުން ޝާމީ ހައިރާންވެފައި ބަލަން ހުއްޓެވެ. "އަހަރެންނަށް އަޑު އިވުނު ދޮންބެ އާއި ރާފިލް އަހަރުންނޭ ކިޔައިގެން ޗުކު ޗުކު ލައްވާ އަޑު. ވަރަށް ޔަޤީން އެމީހުން ކޮންމެވެސް ޓްރެޕްއެއް މިތާ އިންނާނެކަން." ޔާނިޒް ވާހަކަދެއްކިއެވެ. ޔާނިޒް އެ ހޯދި ހޯދުމުގައި އެނދުމަތީ ހުރި ފިނިފެންމަލުގެ ޑިޒައިންވެސް ހަލާކު ކޮށްލިއެވެ. ނާކާމިޔާބު ވެގެން ގަމީހުގެ ބެގީ ނައްޓާލަމުން އެނދަށް ވެއްޓިގެންތަނުން ގޮސް ޖެހުނީ ޓައިލްސްމަތީގައެވެ. އެނދުގައި ބެޑްޝީޓް އަޅާފައި އޮތްއިރު ތިރީގެ ފިލާތައް ނަގައި ގޮދަޑިވެސް ނަގާފައި ހުރީ ނިކަން ތުނި ގޮދަޑިއެއްގައި ބެޑްޝީޓް އަޅައިފައެވެ.

ގަހަނާތައް ބާލަން ލޯގަނޑު ކުރިމަތީ ހުރެފައި އަޑުފަތްގަނޑު އިވިގެން އެނބުރި ބަލާލި ޝާމީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެނދުގެ މެދުން ވަޅުގަނޑެއް ހެދިފައި އޮތް އިރު ޔާނިޒް އޮތީ އެވަޅުގަނޑުގައެވެ. އޭނާ ހެމުން ހެމުން ބަނޑުގައި އަތް އަޅައިގެން އިށީންދެވުނީ އެތާ ހުރި ގޮނޑީގައެވެ. އެތަން ބަލަން އޮވެފައި ޔާނިޒް ތެދުވި ގޮތަށް އައިސް ޝާމީގެ އުނަގަނޑުގައި ވަށާލައި ކޮޅަށް ނެގުމުން އިސާހިތަކު ހިނިގަނޑު މައިތިރިވެއްޖެއެވެ. ލަދުރަކި ނަޒަރަކުން އޭނާ ޔާނިޒްގެ މޫނަށް ބަލަން ހުއްޓައި އަތްދަނޑި މައްޗަށް އުފުލާލައިގެން ގެންގޮސް ބޭއްވީ އެނދު ކޮޅުގައި ހުރި ބޮޑު ސޯފާގައެވެ. އެވަގުތު ކޮޓަރިތެރެއަށް އަނދިރިވެގެން ދިއުމުން ޝާމީއަށް ހަޅޭތްލަވައިގަނެވުނެވެ. 

"ވަޓް ދަ..." ޔާނިޒް ޖުމްލަ ފުރިހަމައެއް ނުކުރެއެވެ. "ހުރެބަލަ މާދަން އިރު އަރާއިރަށް އެންމެންގެ ލައިފް ލިވިން ހެލްއަކަށް ހަދާނަން." ޔާނިޒް އެތިވަރު ގޮވަމުން ތެދުވެ ފޯނު އަލީގައި ގޮސް ބެލިއިރު އުއްބައްތިއެއްހާ ހިސާބުވެސް އެތާކު ނެތެވެ. އެމީހުން ތިބީ ލަނޑުދޭން ހުރިހާ ގޮތަކުން ރާވައިފައެވެ. އެކަމަކު އުއްބައްތިއެއް އޮންނާނެތަން ހަނދާންވެގެން އޭނާ އަލަމާރި ހުޅުވާފައި ނެގިއެވެ. އުއްބައްތި ރޯކޮށްލުމުން އޭގެ ރަތް އަލީގައި އިތުރަށް މާހައުލު އިޝްޤީ ކޮށް ދައްކައެވެ. ޔާނިޒް ކެތްތެރިކަމެއް ނެތި ޝާމީ އަތުތެރެއަށް ގެނެސްލީއިރު ދެޖިސްމުގައި އަލިފާންގަނޑު ހުޅުފަޅައިފިއެވެ.

ކުދިންގެ ކޮޓަރީގައި އޮތް ލީޒާ އާއި ވާހަކަ ދައްކައިލާފައި ލަޔާލް އައިސް ކޮޓަރިއަށް ވަންއިރު ބާރަގަޑި ބައިވެއްޖެއެވެ. އަފްލާކް ފެންނަން ނެތުމުން އޭނާ ދެފަރާތް ހޯދައިލާފައި ފާޚާނާގައި އުޅޭކަމަށް ނިންމިއެވެ. ލަޔާލް ލޯގަނޑު ކުރިމައްޗަށް ހުއްޓި އިސްތަށިގަނޑުގައި ޖަހާފައި ދަތިތައް ނައްޓައި މިނިވަން ކޮށްލިއެވެ. އޭނާ ލައިގެން ހުރި ބަރު ހެދުން ބާލަން ވެގެން ޒިބު ތިރި ނުކުރެވިގެން އުޅެނިކޮށް ފާޚާނާގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެނބުރި ބަލައިލިއިރު އަފްލާކް ނިކުތީ ފެންވަރައިގެންނެވެ. އުނުގައި އޮޅާފައި އޮތް ހުދު ތުވާއްޔާއެކު ފެނުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރި ހަށިގަނޑު ފެންނަނީ ނިކަން ހިތްލަންބުވާ ގޮތަކަށެވެ. ތެމިފައިވާ އިސްތަށިތަކާއެކު އެތޫނު ދެލޮލުން ބަލާލި ގޮތުން ލަޔާލް ފިނިވިއެވެ. 

"ހެލްޕް ވެދެންތަ؟" ލަޔާލް ނުވެސް އެދެނީސް އަފްލާކް އައިސް ޒިބު ތިރިކޮށްލަ ދީފިއެވެ. ދެވަނަ ސިކުންތުގައި އަފްލާކްގެ ފިނި ހިފާފައިވާ އިނގިލިތައް ހިންގާލީ ލަޔާލްގެ ބުރަކަށީގައެވެ. ތެޅިގަނެފައި ލަޔާލްއަށް އެނބުރި ބަލާލެވުނެވެ. ލާނެތް ހިނިތުންވުމަކާއެކު އަފްލާކް އޭނާގެ އުނަގަނޑުގައި އެއްއަތުން ހިފައި ކައިރިއަށް ގެނައެވެ. ތެމިފައިވާ އިސްތަށިގަނޑާއެކު ދެފަރާތަށް ބޯ ހޫރާލުމުން ފެންތިކިތައް އައިސް ލަޔާލްގެ މޫނު ތެންމާލުމުން އޭނާއަށް ތުއި ހަޅޭކެއްގެ އަޑު އިއްވާލެވުނެވެ. "ދެން ލާކް. ހާދަ ނޯޓީއޭ..." ލަޔާލް އަތުން މޫނު ފުހެމުން ބުނެލިއެވެ. އަފްލާކް ކުރިއަށްވުރެވެސް ކައިރިވެލުމުން ނޭވާ ލާން އޭނާ ހަނދާން ނެތުނެވެ. 

ނުނިދިފައި ކޮޓަރީގައި އޮތް ލީޒާ އެނދުން ތެދުވެ ތިރިއަށް ދެފައި އެލުވާލިއެވެ. އޭނާ އޮތް އެނދުގައި ޝިވަމް ނިދިފައި އޮތް އިރު ކުރިމަތީ ހުރި އަނެއް އެނދުގައި ޖީންއެވެ. ލިޒާ ތެދުވެގެން ގޮސް އަލަމާރިން ނެގި ނިކަން ކުރީގެ ފޮޓޯގަނޑެއް ހިފައިގެން ގޮސް ހުއްޓުނީ ހުޅުވާފައިވާ ކުޑަދޮރު ކައިރިއަށެވެ. ލީޒާ އެފޮޓޯގަނޑުގައިވާ ދެމީހުންނަށް ރަނގަޅަށް ބަލައިލިއެވެ. އެކަކީ މުޝައްރަފްއެވެ. އަދި އަނެކަކީ ޚުދު އޭނާއެވެ. އެއި ލީޒާއަށް ދުނިޔޭގެ ހުރިހާ އުފަލެއް މިލްކްވި ކަމަށް ހީކުރެވުނު ދުވަހެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ އެއުފާވެރިކަން އުމުރު ދުވަހުގެ ވޭނަކަށް ވެގެންދިޔައެވެ. މުޝައްރަފް ދިން އަނިޔާގެ ބަދަލު އޭނާގެ ހިތުގެ އެތިކޮޅެއް ފަދަ ލަޔާލް ފަރާތުން ހޯދަން މަސައްކަތް ކުރެވުނެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. ޝާމީއާއި ހަމްދާނުވެސް އޭނާ ބާކީ ކޮށްލިއެވެ. މިއަދު އެހުރިހާ ކަމެއް ވެދިއުމަށްފަހު އޭނާއަށް އަނެއްކާވެސް ހަމަޖެހުން ލިބިއްޖެއެވެ. ލަޔާލް އާއި ޝާމީ އޭނާއަށް މާފުކޮށް އެކުދިންގެ ހަޔާތުން މަޤާމު ދީފިއެވެ. އަދި މުޝައްރަފް.... އެނަން ހިތަށް އައުމުން ލީޒާގެ ލޯ ފެންކަޅިވިއެވެ. މުޅި އުމުރަށް ނުލިބުނަސް އަދި ކީއް ހެއްޔެވެ؟ އޭނާއަށް ދުވަސް ކޮޅަކަށް ނަމަވެސް ހިތްއެދޭ ލޯބި ލިބުނެވެ. އެލޯބީގެ ނިޝާން އެހުރީ ކުރިމަތީގައެވެ. ލަޔާލްގެ މަޢާފު ލިބުމަށްފަހު އަދި މިއަދު މުޝައްރަފްވެސް އޭނާ ދޭތެރޭ ދެކެނީ އޭނާ ކުރިން ހީކުރި ދަށު ދަރަޖައިގެ ބޭނުން ނޫން ކުނިކޮޅެއް ކަމުގައި ނޫންކަން އެނގިއްޖެއެވެ. މުޝައްރަފްގެ ހިތުގައި އޭނާއަށްޓަކައި ދުވަހެއްގެ ކޮޅުންވެސް ލޯބި ނުއުފެދުނަސް އޭނާއަށްޓަކައި އެހިތުގައި ޤަދަރު ދެވިފައި ވާކަން އޮޅުން ފިލައިފިއެވެ. އިތުރަށް ދުނިޔެއިން އޮތީ ކޮން އުފަލެއް ހެއްޔެވެ؟ އެހެންނޫނަސް ދުނިޔެމަތީގައި އެއްވެސް މީހަކަށް ހުރިހާ އުފަލެއް ހާޞިލެއް ނުވާނެއެވެ.

ނިމުނީ

ކޮމެންޓް 0