މެންދުރެވެ. ހޫނު ގަދަ ދުވަހަކަށް ވެފައި ވައިރޯޅި ވެސް މަޑެވެ. ގޯތިތެރޭގައި އޮތް ހުސްތަންކޮޅުގައި ޕޮޓް ބަހައްޓައިގެން ހައްދާފައިވާ މަދު ގަސްތައްވެސް ފެންނަނީ މިލާފައިވާ ފަދަ ގޮތަކަށެވެ. ނަތާ ގޭޓުން ވަދެގެން އައިއިރު ލޮލުގައި ގިނަވެފައިވާ ކަރުނަތަކާއި އެކު މޫނުގެ ކުލަ ވަނީ އޮއްސިފައެވެ. ގަޑީގެ ގޮތުން ސިޓިންރޫމް ވެސް އޭރު އޮތީ ފަޅުވެފައެވެ. ނަތާ ގޮސް ދަބަހާއި ފޮތްތައް ކުޑަ މޭޒުމައްޗަށް ދޫކޮށްލައިގެން ވެއްޓިގަތީ ސޯފާ އަށެވެ. ތުންފަތުގައި ދަތް އަޅައިލި ފަހުންވެސް ކަރުނަތައް ނުހިފޭއްޓިގެން އޮހިގަތެވެ. އޭނާ ޅަކުއްޖެއްހެން ތުން ފިއްތައިލާފައި ކުޝަން އެއްގައި ބައްދާލައިގެން ބަންޑުން އޮށޯވެލައިފި އެވެ. އިރުކޮޅަކުން ފިޔަވަޅުގެ އަޑު އިވެން ފެށުމުން ނަތާ ކުރިއަށްވުރެ ބޮޑަށް މޫނު ފޮރުވައިލީ ރޯކަން ނާންގަން ވެގެންނެވެ. އެވަގުތު ޔާނިޒް އައިސް ކައިރީގައި އިށީންދެލީ ކޮފީއެއް ބޮމުންނެވެ.
"ކޮންއިރަކުތަ އަހަރެމެންގެ ގާރލް ކްރައި ބޭބީއަކަށް ވީ؟" ނަތާ އޮތް ގޮތުން ޔާނިޒްއަށް ފުރަތަމަވެސް އެނގިއްޖެއެވެ. "ނުރޮން." ނަތާ ސިއްރުން ލޯ ފުހެލާފައި ތެދުވެގެން އަވަހަށް ދާން އުޅުނެވެ. އެކަމަކު އޭނާއަށް ފުރަގަސް ދެވުނުއިރު ޔާނިޒް އިނީ އަތުގައި ހިފަހައްޓާލައިގެންނެވެ. "ޓެލްމީ! ކުލާހުގައި ކަމެއް ހިނގީތަ؟" ޔާނިޒް އޯގާތެރި ކަމާއެކު ސުވާލު ކޮށްލުމުން ނަތާގެ ހިތަށް އިތުރަށް އަސަރު ކުރިއެވެ. "ނެތް ބުނެވޭކަށް. އިޓްސް ޕާރސަނަލް." ނަތާ ފުރަގަސްދީގެން ދުވެފައި ގޮސް ސިޑިން އަރަން ފެށިއެވެ.
ކޮޓަރިއަށް ވަދެވުމުން އިތުރަށް ކަރުނަތައް ކޮންޓްރޯލް ކުރާކަށް އޭނާ ނުހަދައެވެ. ނަތާ އެނދަށް ވެއްޓި ގަނެގެން ރޯން އޮތްއިރު ރާފިލްގެ ލަފްޒްތައް ކަންފަތުގައި ގުގުމާފައި ހުއްޓެވެ. "އަހަރެން އަޑު އަހާނީ ވަކި ކަހަލަ ވާހަކައެއް. ދައްކަން ތިއުޅޭ ވާހަކަ އަކީ ދަރިވަރަކާއި މުދައްރިސެއްގެ މެދުގައި ދެކެވެން އެކަށީގެންވާ ފަދަ ވާހަކައެއް ކަމުގައި ވާނަމަ. އަހަރެމެންގެ މެދުގައި މިއަށްވުރެ އިތުރަށް އެއްވެސް ގުޅުމެއް ނުބޭއްވޭނެ. ހީ ނުކުރާތި ނަތާއަށް ކުރެވުނީ މާ މޮޅު ކަމެކޭ. ހަމަ ހުވާކޮށްފަ މިބުނަނީ ތީ އަފްލާކްގެ ކޮއްކޮ ނޫންނަމަ އަހަރެން މިމައްސަލަ ޕްރިންސިޕަލް އާއި ހަމައަށްވެސް ގެންގޮއްސަ ހުއްޓާލީހީ."
ލަޔާލް ކޮލެޖުން ގެއަށް އައީ އެކުވެރި ކުދިން ތަކަކާއެކު ބޭރަށް ދާން ޕްރޮގްރާމް ރާވައިފައެވެ. އެކަމަކު ވަރުބަލި ވެފައި ހުރުމުން ޖައްސާލި ތަނާ އޭނާއަށް ނިދިފައި ހޭލެވުނު އިރު ވަގުތު ކުޑަތަން ވެއްޖެއެވެ. ލަޔާލް ފެންވަރަން ވެގެން ގޮސް ފާޚާނާއަށް ވަދެފައި އިރުކޮޅަކުން ހަޅޭއްލަވަމުން ނިކުތެވެ. ފާޚާނާ ތެރެއިން ކުރަތްޕެއް ފެނުނީއެވެ. އޭނާ ފެންވަރާ އެއްޗެހި ހިފައިގެން ނަތާގެ ކޮޓަރިއަށް ވަންއިރު ނަތާ އޮތީ މެންދުރު އެނދުގައި ޖައްސާލި ގޮތަށެވެ. "ނަތާ އަހަރެން ފާޚާނާގަ ކުރައްޕެއް އޮތީމަ ވަންނަން ނުކެރިގެން މިއައީ. އޯކޭތަ ފެންވަރާލިއަސް؟" ލަޔާލް ގޮސް ނަތާގެ މަގަތުގައި އިށީންދެފައި ވާހަކަ ދެއްކިއެވެ. ނަތާ އޮތް ގޮތަށް އޮވެ ބޯ ޖަހައިލުމުން އޭނާ ވަދެ ފެންވަރަން ފެށިއެވެ.
ލަޔާލް އަވަސް އަވަހަށް ފެންވަރާލައިގެން ފެންހިއްކިފަހުން އެނގުނީ ލާނެ ހެދުމެއް ނުގެނެވޭކަމެވެ. އަވަސް އަރުވާލާފައި ހުރުމުން އޭނާ ގެންނަން ނެގި ހެދުން ކޮޓަރީގައި ބާއްވާފައި އާދެވުނު އިރުވެސް ނޭނގުނީ އެވެ. ލަޔާލް އަމިއްލަ ނަފްސަށް އަޑުލައިގެންފައި ނަތާއަށް ގޮވަން ފަށައިފި އެވެ. އެއަޑު އިވުނީ އެކޮޓަރި ހުޅުވާލައިފައި ވަން އަފްލާކްގެ ކަންފަތުގައެވެ. ނަތާ ކުލާސް ނިންމާފައި އައިއްސުރެ ކޮޓަރިން ނުނިކުންނަ ވާހަކަ މަފާޒް ފަރާތުން އެނގިގެން އޭނާ އައީ ވީގޮތެއް އޮޅުން ފިލުވާށެވެ. އެކަމަކު ކޮޓަރިއަށް ވަނުމުން ފެނުނީ ހުސްކޮށް އޮތްވައެވެ. "ނަތާ އަހަރެން ލާނެ ހެދުމެއް ނުގެނެވޭ. ޕްލީޒް ދޭބަ ހެދުން ގެނެސްދޭން. އޮންނާނެ އެނދުމަތީގަ." ފާޚާނާގަ އުޅެނީ ލަޔާލްކަން އަފްލާކްއަށް ރަނގަޅަށް އޮޅުންފިލީ އެހެން ބުނީމައެވެ. އެވަގުތު ހިތަށް އައި ކުއްލި ހިޔާލަކުން އޭނާއަށް ފާޑަކަށް ހެވިއްޖެއެވެ. "ފުރަތަމަ ބުނޭ ފޮޓޯގަނޑު ވީތަން!" އަފްލާކް ގޮސް ފާޚާނާ ކައިރިއަށް ހުއްޓިފައި ވާހަކަ ދެއްކިއެވެ. އެއަޑަށް ލަޔާލް ސިހިފައި ހިނދުކޮޅަކަށް ހިމޭން ވެއްޖެއެވެ. ބޭރުގައި ހުރީ އަފްލާކް ކަން އިނގިގެން އޭނާ ކަންބޮޑުވެފައި ނިޔަފަތި ހަފަން ފެށުނެވެ.
"ސްޓިލް ހިއަރ." ލަޔާލް އެއްޗެއް ނުބުނެ ހުންނަން ފެށުމުން އަފްލާކް އަނެއްކާ ގޮވައިލި އެވެ. "ފޮޓޯގަނޑު ހުންނާނެ ޑާޓް ބޯޑު މެދުގަ އެރޯއެއް ހަރާފަ." ލަޔާލް ރުޅިގަދަވެގެން ބުނެވުނެވެ. "އޯކޭ އެހެންވިއްޔާ އަހަރެން ދަނީ." އަފްލާކް ގޮތް ދައްކާލަން ވެގެން ހިނގައިގަތެވެ. ލަޔާލްއަށް މިފަހަރު އޭނާގެ ބޭނުން ނުޖެހޭނެ އެއްގޮތް ނެތްކަން ޔަޤީންވާ ކަހަލައެވެ. "އޯލްރައިޓް. ބުނެފާނަން. އެކަމަކު ޕްރޮމިސް ކުރޭ ނަތާއަށް އަހަރެންގެ މެސެޖް ފޯރުކޮށްދޭނެ ކަމަށް." ލަޔާލް އެހެން ގޮތެއް ނެތުމުން ހަތިޔާރު ބެހެއްޓިއެވެ. "ޕްރޮމިސް." އިރުކޮޅަކުން އަފްލާކް އިއްވައިލި އެވެ. "އޮންނާނެ އަހަރެން ބޯއަޅާ ބާލީސް ދަށުގައި." އެހެން ބުނެލި އިރު ލަޔާލް ލަދުވެސް ގަތެވެ. އަފްލާކް ހިތަށް އަރައިފާނެ އެއްޗަކާއި މެދު އޭނާ އިންތިހާއަށް ކަންބޮޑު ވެއްޖެއެވެ. އެކަމަކު މިފަހަރު ކަންތައް ދިމާވީ ގޮތްދޫ ނުކޮށް ހުންނަ ފަދަ ގޮތަކަށް ނޫނެވެ.
އަފްލާކް ދިގު ފިޔަވަޅު ތަކެއްގައި ނިކުމެގެން ގޮސް ލަޔާލް ކޮޓަރި ކައިރިއަށް ހުއްޓި ވަށައިގެން ހޯދައިލި އެވެ. އެތެރެއަށް ވަންނަން އޭނާ ބޭނުންވީ އިތުރު މީހަކަށް ނުފެނިއެވެ. ފޮޓޯގަނޑު ފެނިގެން އަފްލާކް އެހިފައިގެން ނިކުމެފައި ލަޔާލް ބުނި ކަންތައް ހަވާލު ކުރީ ރާމިޒާ އަށެވެ. ލަޔާލް އޭރު ފާޚާނާ ތެރޭގައި ހުރެގެން ދެކޮޅަށް ހިނގަނީއެވެ. ރާމިޒާ ގޮސް ހެދުން ދިނުމުން ލައިގެން ނިކުމެފައި އަވަހަށް ގޮސް ފުރަތަމަ ވެސް ކޮޓަރި ތެރެ ޗެކްކޮށްލެވުނެވެ. އަފްލާކް އަނެއްކާ އޭނާ ރުޅިއަރުވަން ކަމެއް ކޮށްފަވެސް ހުރެފާނެއެވެ. ތަފާތު ކަމެއް ނުފެނުމުން ރީތިވެލައިގެން އޭނާ ހުއްދަ ހޯދަން ތިރިއަށް ގޮސް ފޭބުނީ ގޭގެ ހުރިހާ ކުދިންގެ ކުރިމައްޗަށެވެ. ލިވިންރޫމް ސޯފާތަކުގައި ނަތާ މެދުގައި ބައިންދައިގެން އެންމެން ތިއްބެވެ. އެވަގުތު ފިޔަވަޅުގެ އަޑު އިވިގެން އެންމެން އެއްފަހަރާ ބަލައިލުމުން ލަޔާލްއަށް ހިނގުނީވެސް ކިރިޔާ އެވެ. ހާއްސަކޮށް އަފްލާކްގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައިވާތަން ފެނިގެން ހިތް ނެގި ނެގިފައި ޖެހެން ފެށިއެވެ. އޭނާ އެވަރުންވެސް ހިތްވަރު ކޮށްފައި ބޭނުންވާ ކަންތަކުގެ ވާހަކަ ބުނެލިއެވެ. ހުއްދަ ލިބުމުން ކުޑަ ކުއްޖެއްހެން އުފަލާއެކު ހީލިއެވެ.
ޖެހިގެން އައި ދުވަހު ނަތާ ސުކޫލަށް ދާން ނުނިކުތުމުން ގޮސް ބެލިއިރު އޮތީ ހުން އައިއްސައެވެ. ދެލޮލަށް ބަލައިލުމުން ހީވަނީ ރޭ ހަތަރު ދަމު އެއްގޮތަކަށް ވެސް ނުނިދާ ހުރިހެންނެވެ. އަޒީ ވަގުތުން ނަތާގެ ޚިދުމަތުގައި ވަގުތު ހުސްކޮށްލިއެވެ. އޮފީސް ކެންސަލް ކޮށްފައި އޭނާ ނިންމީ ގޭގައި އިންނަ ގޮތަށެވެ. ދެންތިބި މަފާޒް އާއި އަފްލާކްވެސް އޮފީހަށް ދިޔައެއް ކަމަކު އިރު އިރުކޮޅާ ގުޅާފައި ނަތާގެ ހާލު ބަލައެވެ. ޚުދު ލަޔާލްވެސް ނިކުމެގެން ދިޔައީ ކަންބޮޑުވެފައި ހުރެގެންނެވެ. ނަތާގެ މޫނަށް ބަލައިލި ވަގުތު އޭނާއަށް ހީވީ އެތައް ދުވަހެއް ވާންދެން ބަލި އެނދުގައި އޮތް ކުއްޖެއްގެ މޫނަށް ބަލައިލެވުނު ހެންނެވެ.
އާދައިގެ މަތިން ބްރޭކް ގަޑިއަށް ލަޔާލް މިސްރާބު ޖެހީ އެލްޒީ ކެފޭއަށް ދިއުމަށެވެ. ވިއްސާރަ ނަގާފައި އޮތުމުން އޭނާގެ ފިޔަވަޅުތައް ހުރީ ބާރު ކޮށްލާފައެވެ. ލަޔާލް ގޮސް ހުސްމޭޒެއް ހޯދައިގެން އިށީންދެފައި ފުރަތަމަވެސް މެންގޯ ޝޭކް އިން އެތިކޮޅެއް ރަހަ ބަލައިލި އެވެ. ލީޒާގެ އުޖާލާ މޫނަށް ކަޅިއެއް އެއްލާފައި އޭނާ ކަޕް ކޭކް ނަގައި ކާލަން ތައްޔާރު ކޮށްލި ތަނާ ކޮންމެވެސް މީހަކު އެ ޖަހައިގެންފިއެވެ. އިސް އުފުލައިލުމުން ކުރިމަތިން ނިޔާފް ފެނިގެން ލަޔާލްގެ މޫނުމަތި ބަނަވިއެވެ. "ހައެ ލަޔާ." ނިޔާފް އެއްލޯ މަރައިލާފައި ހަމަޖެހިލައިގެން ކޭކް ކައި ހުސްކޮށްލީ ދާދި އަވަހަށެވެ. އަދި ލޮލުގައި އަޅާފައި އޮތް ނަންބަރ އައިނު ރީތިކޮށްލާފައި ސީދާ މޫނަށް ލޯ ހުއްޓައިލިއެވެ. "ކީއްތި ކުރަނީ މިތާގަ؟" ލަޔާލް ފޫހި ރާގެއްގައި އަހާލިއެވެ. "އަދިވެސް ޖަވާބު ނުދެމެއްނު." ނިޔާފް ދެއްކީ އެހެން ވާހަކައެކެވެ. "ކަމްއޯން ނާރޑް. ކުރިންވެސް ބުނީމެއްނު އަހަރެންނަށް އެކަމެއް ނުވާނެއޭ." ލަޔާލް ޖަވާބުދިނެވެ. "މަށަށް އެނގޭ ލަޔާލް ދޮގު ހަދަނީކަން. ބޯއިފްރެންޑެއް ހުރިނަމަ ކީއްވެ މަށަށް ނޭނގި ހުންނާނީ. ލަޔާ ހީނުކުރާ މިންވަރަށް މަ ލަޔާގެ މައުލޫމާތު ހޯދައިފިން. ވަން މޯ ތިން، ކާމިޔާބު ކުރާނެ ގޮތްތައް ނެތިގެނެއް ނޫން އިނގޭ މިއަހަނީ. ތަންކޮޅެއް ޑީސެންޓް ކޮށް މިކަން ކުރަންވެގެން. އެހެންނޫންނަމަ މިކަން ކުރާނެ ގޮތްތައް އެބަހުރި." ނިޔާޒް ކުއްލިއަކަށް ލަޔާލްގެ މެންކޯ ޝޭކް ވެސް ކައިރިއަށް ޖައްސާލައިގެން ބޯން ފަށައިފިއެވެ. ލަޔާލް އެއްޗެއް ނުބުނި ނަމަވެސް ރުޅިއައިސް ރަތްވިއެވެ. "ފަލަކަމުން ބެރެއްވަރު ވިއަސް ފޮނިއެއްޗެހި ކެއުން ހުއްޓާ ނުލާތި." ލަޔާލް ދަތްކުނޑި ވިކާފައި ހިތާއި ހިތުން އަޑުލިއެވެ.
"ކޮންތާކަށް ތިދަނީ؟" ނިޔާފް މެންގޯ ޝޭކް ހުސްކޮށްލައިފައި ތެދުވިތަން ފެނިގެން ލަޔާލްއަށް އަހައިލެވުނެވެ. "ހާސްނުވޭ އަހަރެން ލީޒާ ކައިރީ އެއްވެސް ވާހަކައެއް ނުބުނާނަން." ނިޔާފް އެއްލޯ މަރާފައި ނިކުމެގެން ދިއުމުން ލަޔާލްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާ ހަނދާން އެބަހުއްޓެވެ. މާލެ އައިތާ މަހެއް ފަހުން އޭނާއަށް ނިޔާފް ބައްދަލުވީ ލީޒާ ހޯދަމުން ގޮސް އެގެއަށް ވަތް ދުވަހެވެ. ރަށުން ލިބުނު މައުލޫމާތުގެ އެހީގައި އޭނާ އެގެއަށް ގޮސް ސުވާލު ކުރުމުން އެނގުނީ ލީޒާ އެގޭ ބޮޑުމީހާ ކައިރިން ވަރިވެގެން ނިކުތްތާ އެތަކެއް އަހަރުވެފައިވާ ކަމެވެ. އޭނާ ނިކުމެގެން އަންނަނިކޮށް ނިޔާފް ގޮވާފައި އައިސް ލީޒާގެ މައުލޫމާތު ލިބިދާނެ ކަމަށް ބުނީ އަމިއްލަ އަށެވެ. އަދި އޭނާ އެކަން ކޮށްދޭނެ ކަމަށް ބުނީވެސް އަމިއްލައަށް ފެނިގެންނެވެ. އެކަމަކު އެޑްރެސް ލިބުނު ހިސާބުން ބައްދަލު ކޮށްފައި ބުނެލީ މައުލޫމާތު ލިބޭނީ ޝަރުތެއްގެ މަތިން ކަމަށެވެ. ލަޔާލް ލީޒާ ހޯދަން ބޭނުންވެފައި ހުރިވަރުން އާއެކޭ ބުނެ އެއްބަސްވީ އެއީ ކޮން ޝަރުތެއްތޯވެސް އަހައިނުލައެވެ. ނިޔާފް ފެންނަ ފެނުމަށް ރަނގަޅު ކުއްޖެއް ވައްތަރު ޖަހާތީ އޭނާ މާ ބޮޑަކަށް ފަރުވާލެއްވެސް ނުބަހައްޓައެވެ. އެކަމަކު ކުރީ ރޭ ގުޅާފައި އެޑްރެސް ދޭން ބޭނުންވަނީ އަތުން އަތަށޭ ބުނެފައި ބައްދަލު ކޮށްގެން ބުނެލީ "ގާރލްފްރެންޑް" އަކަށް ވެދޭށެވެ. ލަޔާލްގެ ބޮލަށް އުޑު ވެއްޓެން އައިހެން އެވަގުތު ހީވިއެވެ. އިރުކޮޅަކުން އޭނާ ހަމައަކަށް އެޅުނީ ނިޔާފް ކައިރީގައި ބޯއިފްރެންޑެއް ހުރެއޭ ކިޔައި ދޮގު ހަދައިގެން ނިޔާފް އެވާހަކަ ގަބޫލު ކުރީމައެވެ. އެކަމަކު މިހާރު ހީވަނީ ހެކިވެސް ދައްކަން ޖެހޭ ހިސާބަށް އައީ ހެންނެވެ.
ލަޔާލް ހަވީރު ގެއަށް ވަދެގެން ދިޔައިރު އަދި ކިރިޔާ ވާރޭ ވެހެން ފެށީއެވެ. ކުޑަކޮށް ތެމިފައި ހުރެގެން އެތެރެއަށް ވަދެފައި އޭނާ ފުރަތަމަވެސް ދިމާ ކުރީ ކާކޮޓަރިއަށް ވަންނާށެވެ. ލަޔާލް ދަބަހާއި ފޮތްތައް މޭޒުމަތީ ބަހައްޓާފައި ފްރިޖް ހުޅުވައިގެން ބިއްލޫރި ތައްޓަކަށް އައިސް ކިއުބް އަޅައި ފުރާލިއެވެ. ތަށީގެ މެދާއި ހަމައަށް ޖޫސް އަޅާފައި އޭނާ އިށީންދެލީ މޭޒުގެ ކޮޅުގައި ހުންނަ ގޮނޑީގައެވެ. ލަޔާލް ހާސްކަމާއެކު ޓައިލްސް މަތީގައި ބޫޓުން ތަޅަމުން ޖޫސްތަށީން ފޮދުވަރުތައް އަރުން އެތެރެ ކުރަމުން ބަލަން އިނީ ކުޑަދޮރުން ބޭރަށެވެ. ވަޔާއިއެކު އައި ވާރޭ ތިކިތައް ބިއްލޫރި ގަނޑުގައި ބޮސްދީފައި ތިރިއަށް ދެމެމުން ދިޔައީ ބަލާ ފޫހިނުވާ ފަދަ ގޮތަކަށެވެ.
"ހޭއި ޕްރިޓީ! ހާދަ ހާސްވެފަ ތިއިންނަނީ ކީއްވެ؟" ޔާނިޒް އައިސް ވަދެފައި ލަޔާލް ފެނިގެން ވާހަކަދެއްކިއެވެ. ޔާނިޒްގެ ފަހަތުން ވަން އަފްލާކްއަށް ވެސް ލަޔާލް ބޯން އިން ޖޫސްތައްޓާއި މޫނުގެ ކުލަވަރު އާދަޔާ ހިލާފްވިއެވެ. "ސުވާލު ކުރާނީ ހެލްޕް ވެވޭވަރުގެ ގަޓްއެއް ހުރިއްޔާ." ލަޔާލް އިސް އުފުލާފައި ދިން ޖަވާބު އަފްލާކްގެ ކަންފަތުގައިވެސް ހަރުލައިގެން ދިޔައެވެ. އަފްލާކް ކޮފީއެއް ހަދަން ހުރެފައި އެމީހުންގެ ވާހަކައަށް ކަންފަތް ދިނެވެ. "އޮފްކޯސް. ކީއްވެ ހެލްޕް ނުވެވޭނީ؟" ޔާނިޒް ލަޔާލް އިން ގޮނޑީގެ ލެނގޭބައިގައި އަތް ބާއްވާލައިފައި މޭޒާއި ދިމާވާ ގޮތަށް ކުޑަކޮށް ގުދުވެގެން އެމޫނަށް ކަޅި ހުއްޓައިލިއެވެ. "ވިލް އޫ ބީ މައި ބޯއިފްރެންޑް." ލަޔާލް ބުނެލީ މަޑުމަޑުންނެވެ. އެކަމަކު އަފްލާކްއަށް ރީތިކޮށް އިވުނެވެ. ސިހުނު ވަރުން އޭނާއަށް އެނބުރި ބަލައިނުލެވުނީ ކިރިޔާއެވެ.
"އެކަމަކު ޓެމްޕޮރަރީ ކޮށް އިނގޭ. ހަމައެކަނި މީހަކަށް ދައްކާލަން." ޔާނިޒްގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުން ފެނިގެން ލަޔާލް އިނގިލި އަމާޒުކޮށްފައި ހަރުކަށިކޮށް ގޮތް ދައްކައިލިއެވެ. "ހެހެހެ... އޯކޭ އޭ." ޔާނިޒް ޖެހިގެން ހުރި ގޮނޑީގައި އިށީންދެފައި ހީލިއެވެ.
"އަސްލު ނާރޑްއެއްވީމަ އަހަރެން އޭނަގެ ހެލްޕް ބޭނުން ކުރީވެސް. މިހާރު މިއެނގެނީ ތިހެން ނޯޓީކޮށް އުޅޭ ބޯއީސްއަށްވުރެ ނާރޑް ކުދިން މާ ނުބައިކަން. މީހުން ކިޔައެއްނު މަޑުން ހުންނަ ގުރާ ބާރަށް ދައިގަންނާނޭ. އެހެން ކަންނޭނގެ އެވަނީ." އަފްލާކް ކޮފީތަށި ހިފައިގެން ނިކުމެގެން ދިޔަތަން ފެނިގެން ލަޔާލް އާދައިގެ ރާގުގައި ވާހަކަދެއްކިއެވެ. ދެމީހުންކުރެ އެކަކަށްވެސް ރޭކައި ނުލީ އަފްލާކް ދޮރު ކައިރީގައި އެވާހަކަ އަޑު އަހަން ހުރި ކަމެވެ.
"ސޯ ކޮބާ ޕްލޭންއަކީ؟" ޔާނިޒް އިރުކޮޅަކުން އަހައިލިއެވެ. "ހިނގާ މިރޭ ދެމީހުން ޑިނަރއަށް ދާން. މަ އޭނައަށްވެސް އިންވައިޓް ކުރާނަން." ލަޔާލްގެ ހިޔާލު ފާޅު ކުރިއެވެ. ޔާނިޒް އެކަމާއި އެއްބަސްވެ ބޯ ޖަހާފައި ނިކުންނަން ދާ އަޑު އިވިގެން އަފްލާކް އަވަހަށް ގޮސް ސިޑިން އެރިއެވެ.
އަފްލާކް ކޮފީތަށި ހިފައިގެން ގޮސް ވަންއިރު ނަތާ އެނދުގައި އޮށޯވެލައިގެން ވާހަކަ ފޮތެއް ކިޔަން އޮތެވެ. ނަތާގެ ހާލު ބޮޑުތަން ރަނގަޅުވެފައި ވިއަސް ބަސް މަދެވެ. ރާފިލްގެ ފޯން އައީ އަފްލާކް ވަދެ ހުއްޓައެވެ. "މިރޭ ނެތޭ ދެވޭކަށް." އެކޮޅުން ރާފިލް ރޭގަނޑުގެ ކެއުމަށް ދިން ދައުވަތު އޭނާ ގަބޫލު ނުކުރީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. "އެއީ ކީއްވެ؟" ރާފިލް އޮޅުން ފިލުވަން ބޭނުންވިއެވެ. "މިއުޅެނީ ނަތާ ވަރަށް ބަލިވެގެން. އޭނަ ކައިރީ ހުންނަން އެބަޖެހޭ. ބައްޕަވެސް މިރޭ ބޭރަށް ދާ ވާހަކަ ބުނެފަ އޮތީމަ." އަފްލާކް ފުރަތަމަ ފަހަރަށް އެކުވެރިޔާއަށް ދޮގުހަދަން ޖެހުމުން އުދަނގޫވެސް ވިއެވެ. އެކަމަކު ހިތުތެރޭގައި އެހެން ޕްލޭންއެއް ކުރިއަށް ދިއުމުން ރާފިލް އާއި އެއްބައި ވެވޭކަށް ނެތެވެ.
"ކާކު ކައިރީ ތިބުނީ އަހަރެން ބަލިވެއޭ." ނަތާ ބަލަން އޮވެފައި އަފްލާކް ފޯނު ބޭއްވުމުން އަވަހަށް އަހައިލިއެވެ. އަފްލާކް ރަކިވެސް ވިއެވެ. އޭނާ ހީކުރީ އަދި ނަތާ ފޮތް ކިޔަން އޮތުމުން އެވާހަކަ ސާފު ނުވާނެ ކަމަށެވެ. އެވަގުތު އެއީ ރާފިލްއޭ އަފްލާކް ބުނެލުމުން ނަތާގެ މެއަށް ފިނިވިއެވެ. އޭނާ ބަލި ޚަބަރު ލިބިގެން ނަމަވެސް ރާފިލް ގުޅާނެ ނަމައޭ ހިތަށް އެރިއެވެ. ވަގުތު ތަކަކަށް ފަހު އަނެއްކާވެސް ރާފިލް ހަނދާންވެފައި ނަތާގެ ލޯ ފެންކަޅިވި އެވެ. ކަރުނަ އަތުވެދާނެތީ އޭނާ ތުންފަތުގައި ދަތް އަޅާލައިފައި ވާހަކައަށް ސަމާލުކަން ހުއްޓާލެވޭތޯ މަސައްކަތް ކުރިއެވެ.
އަށެއް ޖަހަން ކައިރިވެފައި ހުއްޓާ ލަޔާލް އާއި ޔާނިޒް އެކުއެކީގައި ސިޑިން ފައިބައިގެން އައިއިރު ފެނުނު ކޮންމެ މީހަކު ލޯބޮޑު ކޮށްލިއެވެ. މަފާޒްގެ ކައިރީގައި ޔަޝާރު އިނދެފައި "ދެމީހުން ހާދަ ގުޅެއޭ" ބުނެލި އަޑު ދުރުގައި ހުރި އަފްލާކްއަށް ވެސް އިވުނެވެ. އަޒީ ނަމާދުން އައިސް ގެއަށް ވަންތަނާ އަޒީގެ ނަޒަރުވެސް އެދެމީހުންނަށް ހުއްޓުނެވެ. ހުއްދަ ހޯދައިގެން އެމީހުން ނިކުމެގެން ދިޔަތާ އިރުކޮޅެއް ނުވަނީސް އަފްލާކްވެސް ގޮސް ކާރަށް އަރާފައި ދުއްވާލައިފި އެވެ.