އަވަސް އަވަހަށް ލަޔާލް ނަގައިގަނެގެން ގޮސް އެނދުގައި ބާއްވާފައި އަފްލާކް މޭޒު ކައިރިއަށް ޖެހިލައިގެން ފެން ތައްޓެއް އަޅައި ފުރާލިއެވެ. "ލަޔާ! ލޯ ހުޅުވަލަބަލަ. ލަޔާ!" މަގަތުގައި އިށީންދެފައި ލަޔާލްއަށް ގޮވަމުން އޭނާ ފެންގޮށްޓެއް މޫނަށް ވިއްސާލުމަށްފަހު އަތް ކާއްތައިލި އެވެ. މިގޮތަށް ދެތިން ފަހަރު ކަންތައް ކުރި ފަހުން ލަޔާލް އެސްފިޔަތައް ތަޅުވައިލި އެވެ. "ލަޔާ! ޔޫ އޯކޭ؟" އަފްލާކް ވާހަކަ ދެއްކި އަޑަށް ލޯ ހުޅުވައިލާފައި ލަޔާލް އެންމެ ފުރަތަމަ ފާޑަކަށް ވަށައިގެން ހޯދައިލީ އެވެ. "ކިހިނެތްވީ؟" ލަޔާލް އަތުން މޫނުގައި ހުރި ފެންތައް ފުހެލަމުން ތެދުވެ އަފްލާކް އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. "ނޭނގެ ހަމަ އެއްގޮތަކަށްވެސް. އަހަރެންނަށް ފެނުނު އިރު ލަޔާލް އޮތީ ދޮރު ކައިރީގައި ވެއްޓިފަ." އަފްލާކް އޮޅުން ފިލުވައިދިނެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ލަޔާލް ދާންވެގެން ތެދުވިތަނާ އަނެއްކާވެސް ބޮލަށް އެނބުރުން އަރައިގެން އަރި އަޅާލި އެވެ. 

"ކެއަރ ފުލް!" އަވަސް އަވަހަށް ލަޔާލްގެ އަތުގައި ހިފާލުމާއެކު އަފްލާކްއަށް އެހެން ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. ބިމުގައި ފައި ހަރުލުމުން ލަޔާލް ފުރަތަމަވެސް އަފްލާކްގެ އަތް ފޮޅުވައިލީ ރުޅިވެރި ކަމާއެކުގައެވެ. އެދެބުމަ ކައިރި ކޮށްލުމާއެކު ކުއްލިއަކަށް އަނެއްފަރާތަށް އެނބުރުނެވެ. އެކަމަކު އޭނާއަށް ޔަޤީންވި އެއްޗަކީ އިތުރަށް ކުރިއަށް ދާނެ ބާރު ހަށިގަނޑުގައި ނެތްކަމެވެ. ހަމަ ކުއްލިއަކަށް ވަރުބަލިކަން އިހްސާސް ކުރެވެން ފެށިއެވެ. ރޭގަނޑު މާ ކުޑަ އެތިކޮޅަކުން ފުއްދައިލުމުގެ ނަތީޖާ ކަމަށް ވެދާނެއެވެ. އެހެނެއް ކަމަކު އެކަން އަފްލާކްއަށް ދައްކާކަށް ބޭނުމެއް ނުވިއެވެ. އަފްލާކްގެ ކުރިމަތީގައި ބަލިކަށި ކަމުގެ ކުޑަ މިންވަރެއްވެސް ފައުޅުވާކަށް ދެން ނުރުހެވޭނެއެވެ. އަފްލާކް ހީކޮށްގެން އެހުންނަނީ ހަޤީޤަތް ހާމަވުމުން އޭނާ ހިތާމައިން ކުދި ކުދި ވެދާނެ ކަމަށް ހެއްޔެވެ؟ އަފްލާކްގެ އެ ހީ ކުށްހީ އަކަށް ބަދަލު ކޮށްލާނީ އެލޮލުން އެންމެ ކަރުނައެއްވެސް ވައްޓާނުލާ ހިފަހައްޓައިގެންނެވެ.

ކުރިއަށް ދިއުމުގެ ބަދަލުގައި އިރުކޮޅަކަށް ލަޔާލް އިށީންދެލައިފި އެވެ. ނިއްކުރީގައި އަތް ހާކައިލަމުން އޭނާ ފުންކޮށް ދެތިން ނޭވައެއް ލިއެވެ. އަފްލާކް ނުހަނު ކައިރީގައި އެމަންޒަރު ބަލަން ހުރެފައި ސައިޑު ޓޭބަލް މަތީ ބެހެއްޓި ފެންތަށި ނަގައި ދިއްކޮށްލީ ނަމުން ގޮވާލައިފައެވެ. ފެންތަށީގައި ހިފާފައި އޭނާ ކަރު ތެންމާލިއެވެ. "ތީ ކޮންއިރަކު ވާން ފެށި ގޮތެއް؟" ލަޔާލްގެ ހަރަކާތްތަކަށް ބަލަން ހުރެގެން އަފްލާކް އެހިއެވެ. ނޭނގެއޭ ބުނުމުގެ ގޮތުން ކޮނޑު އަރުވައިލާފައި ލަޔާލް ފެންތަށި ބެހެއްޓީ އަނެއްކާވެސް ސައިޑު ޓޭބަލް މަތީގައެވެ. އަފްލާކް މަގަތުގައި އިށީންދެފައި އޭނާއަށް އިށީންދެވޭނެހެން ބާލީސްތައް އެނދުގެ ފަޑީގައި އަތުރައިލަދިނެވެ. "އިރުކޮޅަކުން ރަނގަޅު ވެދާނެ." ލަޔާލް އެތަނަށް ނުދާން ވެގެން ބުނެލި އެވެ. ބަލަހައްޓައިގެން ހުރެލާފައި އަފްލާކް ޖެހިލީ އަނެއްކާވެސް އަލަމާރި ކައިރި އަށެވެ. ލަޔާލް އެކަނި ބައިންދާފައި ކޮޓަރިން ނުނިކުންނަން ވެގެން އޭނާ ފޮއްޓަށް އެއްޗެހި އަޅާ ކަމަށް ހެދުނެވެ. 

ކުޑައިރުކޮޅެއް ފަހުން ކޮންމެވެސް މީހަކު ދޮރުފަތުގައި ޓަކި ދޭ އަޑަށް އަފްލާކް ގޮސް ދޮރު ހުޅުވައިލި އެވެ. ސަހާމާ ފެނުމުން ވަންނަން ތަން ދީފައި އަފްލާކް ނިކުމެގެން ދިޔައެވެ. "އެހާ ކުއްލި އަކަށް ދާން ޖެހުނީމަ ދެރަވެފައިތަ ތިއިނީ؟" ލަޔާލްގެ މޫނު ފެނިގެން ސަހާމާ ހީކުރީ ދާންޖެހިގެން ވީ ގޮތެއް ކަމަށެވެ. ކައިރީގައި އިށީންދެފައި ލަޔާލްގެ ކޮނޑުގައި އޭނާ ފިރުމާލިއެވެ. ލަޔާލް ޖަވާބު ދިނުމުގެ ބަދަލުގައި ބަލަހައްޓައިގެން އިނީއެވެ. ސަހާމާ އެބުނީ މުޅިއަކުން ދޮގު ވާހަކައެއްވެސް ނޫނެވެ. ދާން ޖެހޭތީ އޭނާ ދެރަވެއެވެ. " އެއްގޮތަކަށްވެސް ދެރަވާނެ ކަމެއް ނެތް. ކަންބޮޑުވާނެ ކަމެއް ނެތް. ލަޔާލް ނެތަސް ކުޑަމަންމައަށް އުދަނގުލެއް ނުވާނެ. ކުރިން އެހެން ހީކޮށްގެން ލަޔާލް ގެންނަން ބޭނުންވީ. އެކަމަކު އެހީވާން މިހާރުވެސް ފުދޭވަރަކަށް ކުދިން އައިސް އެބަ އުޅޭ. މިކަން އެއްކިބައިގައި އޮތަސް ލަޔާލް މިހާރު އިސްކަން ދޭން ޖެހޭނީ ފިރިމީހާގެ އާއިލާއަށް." ސަހާމާގެ ނުހަނު މަޑުމައިތިރި ކަމާއެކު ލަޔާލްއަށް ވިސްނައިދިނެވެ. "އެކަމަކު ކުޑަ މަންމާ. ހާދަ އަވަހޭ. ރަނގަޅަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ދާން މިޖެހުނީ. ކުޑަ މަންމަ އަޅެ ބުނެބަލަ އަފްލާކް ކައިރީ އަހަރެން އަދި ދުވަސްކޮޅަކު މިކޮޅުގަ ބަހައްޓަދޭށޭ." ލަޔާލް މޮޅިވެފައި އެދުމުން ސަހާމާ އެއިސްތަށިގަނޑުގައި ފިރުމާލަދިނެވެ. "ނޫނޭ. އޭރުން ކަމަކު ނުދާނެ. އަދި ހާއްސަކޮށް ކައިވެނީގެ މިހާ ކުރީކޮޅު އަފްލާކްވެސް ބޭނުމެއް ނުވާނެ ލަޔާލް އެކަނި މިކޮޅުގަ ބަހައްޓާފަ ދާކަށެއް. މިފަހަރު ދެން ދޭ. އިރާދަ ކުރެއްވިއްޔާ އަދި ވަރަށް އަވަހަށް އާދެވޭނެ." ސަހާމާ އެގޮތާއި ޤަބޫލެއް ނުވިއެވެ. ލަޔާލް އިތުރަށް އާދޭސް ނުކުރަން ވެގެން ބޯ ޖަހައިލާފައި ނިޔަފަތި ހަފަން ފެށިއެވެ. 

ސަހާމާ އިރުކޮޅަކު ބަލަން އިނދެފައި އިތުރު އެއްޗެއް ނުބުނެ ނިކުމެގެން ދިއުމުން ލަޔާލް އެނދު ބިތްދޮށަށް ޖެހިލައިގެން ބާލީހުގައި ބޯ އަޅައިލިއެވެ. އަތު ކުރީގައި އޮތް ގަޑިއަށް ނަޒަރެއް ދިންއިރު އެގާރަ ޖަހައިފި އެވެ. ގިނަ ވަގުތެއްވެސް ނެތެވެ. ލަޔާލް ނެތް ހިތްވަރާއި އެކުވެސް އެނދުން ފައިބައިގެން އަލަމާރި ކައިރިއަށް ދިޔައެވެ. އޭނާއަށް އެނގެއެވެ. ދެކޮޅު ހެދިޔަސް އަފްލާކް އޭނާ ނުލައެއް ނުދާނެއެވެ. ދެން އޮތް ގޮތަކީ މާލެ ގޮސް ހަމަޖެހިލައިގެން ގޮތެއް ނިންމުމެވެ. އެހެންނޫނަސް މިދަނޑިވަޅުގައި އޭނާގެ ސަބަބުން ކުޑަ މަންމަ އާއި އާއިލާއަށް ދެރައެއް ލިބިގެން ނުވާނެއެވެ. ލަޔާލް އަމިއްލަ ހިތަށް ވިސްނައިދީފައި ފޮށި ތައްޔާރު ކޮށް ނިމުނު ފަހުން އަފްލާކް ދޮރު ހުޅުވާލައިފައި ވަނެވެ.

"ނައު ދެޓްސް މައި ގާރލް." ލަޔާލް ތައްޔާރު ވެގެން އިންތަން ދެކެފައި އަފްލާކް ހިތްހަމަޖެހުނެވެ. އޭނާ އައިސް ކައިރިއަށް ހުއްޓިފައި ޖިންސްގެ ޖީބުން ކޮންމެވެސް އެއްޗެއް ނަގައި ދިއްކޮށްލިއެވެ. ލަޔާލް އިސްއުފުލާލައިފައި އެއީ ކޯއްޗެއްކަން އެނގުމުން ފުންމައިގެން ތެދުވިއެވެ. "ލާކް ހީކުރީ އަހަރެން ޕްރެގްނެންޓް ކަމަށްތަ؟" ލަޔާލް އެހެން ބުނެލިއިރު އަމިއްލަ ހިތަށް އެހިޔާލު ނުވަނީތީ ހައިރާން ވިއެވެ. "މެންސެސް ޗެކްކޮށްލީމަ މިއެނގުނީ. ޔޫ އާ ލޭޓް." އަފްލާކް ދައްކައިލީ ލަޔާލްގެ ފޯނެވެ. އެފޯނުގައި އޭނާ ހުރިހާ މަހެއްގެ ރެކޯޑް ބަލަހައްޓާކަން އަފްލާކްއަށްވެސް އޮތީ އެނގިފައެވެ. "ގެނޭ ތި!" ލަޔާލް ފުރަތަމަވެސް ފޯނު ޖަހައިގަތެވެ. އެންމެ ކުރިން އޭނާގެ ހިޔާލު ދާންވީ ހިސާބަކަށް އަފްލާކްގެ ވިސްނުން ދިއުމުން ހުރެވުނީ ހިތްހަމަ ނުޖެހިފައެވެ. "މިނޫނަކަސް ލޭޓް ވޭ...." ލަޔާލް އަފްލާކްގެ ވާހަކަ އެއީ ކުށްހީއަކަށް ވެދާނެ ކަމަށް ދައްކަން ބޭނުންވިއެވެ. އެކަމަކު ހިތް މޭގެ ތެރޭގައި އޮވެ ތެޅެން ފެށީ އޮބި އޮންނަ ވަރަކަށް ނޫނެވެ. އަފްލާކްގެ އެޝައްކު ހަޤީޤަތަކަށް ވެއްޖެއްޔާ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ 

އޭނާ އަފްލާކް ދިއްކޮށްލައިގެން ހުރި ޕްރެގްނެންސީ ޓެސްޓް ކިޓްގައި ނުހިފައި ނިކުންނަން ދާން ހީކޮށްލިއެވެ. އަނެއް ފަރާތަށް އެނބުރިފައިވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. "ފަހަރެއްގައި މީ ކުށްހީއަކަށްވެސް ވެދާނެ. އެކަމަކު ޗެކް ކޮށްލުމުގައި ގޯހެއް ނެތެއްނު." އަފްލާކް އެއްލި އަތުން ލަޔާލްގެ ކޮނޑުގައި ހިފާ ބާރުކޮށްލައިގެން ވާހަކަ ދެއްކިއެވެ. "ދެން ހަމަ މިހާރު މިގަޑީގައިތަ؟ ތާޓީ މިނިޓްސް ކުރިން ޗެކިންއަށްވެސް ދާންޖެހޭނެ އެއްނު......" ލަޔާލް ތެޅި ތެޅި އޮތް ހިތަކާއެކު އެކަމުން މަނާވެ ގަންނާނެ ގޮތެއް ވޭތޯ މަސައްކަތް ކުރިއެވެ. "އޯލްރައިޓް. އެކަމަކު މާލެ ގޮއްސަ ނުވާނެ ލަސްކޮށްގެނެއް. މިކަހަލަ ކަންތައް ތަކަކީ ކުރީކޮޅުގައި އެނގެން ޖެހޭނެ ކަންކަން." އަފްލާކް މާބޮޑަށް ބާރު ނާޅަންވެގެން ހުއްޓާލިއެވެ. ކިތަންމެ ވަރަށް ކެތްމަދުވިއަސް އަމިއްލަ ހިތަށް އޭނާ ވިސްނައިދިނެވެ. ލަޔާލްވެސް އެއުޅެނީ ބިރުން ކަންނޭނގެއެވެ. "މާލެ އެރުމާއެކު ފަސްޓް ތިން. ޔަޤީން." ލަޔާލް ޔަޤީންކަން ދިނެވެ. އަފްލާކް ގަޑި ބަލާލައިފައި ފޮށި ކައިރިއަށް ދިޔަ ވަގުތު އޭނާ މޭގައި އަތް އަޅާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.

ޚިތާނު ގޭގައި އެއްބަޔަކު ތިބެން ޖެހުމުން އެންމެނަށް ފުރުވަން ދެވޭ ގޮތެއް ނުވިއެވެ. އެހެންވެ އެމީސް މީހުނާއި ސަލާމް ކުރުން އޮތީ ގޭތެރެއިންނެވެ. ލަޔާލް ސަހާމާގެ އަތުގައި ހިފާލައިގެން ގޭޓާއި ހަމައަށް އާދެވުނު ފަހުން ކުއްލިއަކަށް ހުއްޓިފައި އެންމެނަށް ފުރަގަސްދިނެވެ. އަފްލާކްގެ ކައިރީގައި ޔާނިޒް ހުރެފައި އަތުގައި ކޮށްޓާލަމުން އެމަންޒަރު ދައްކައިލި އެވެ. އަޒީ އާއި އެކުގައި ނަތާ އާއި ނާޝިފްމެން އޭރު ހިނގައިގަނެގެން ކުރިއަށް ދިޔައެވެ. އެމީހުން ތިބީ ޝާމީ ޖީން ގޮވައިގެން ނިކުންނަން ދެނެވެ. ޖީން ފެންބޯން ބޭނުން ވާހަކަ ބުނީ ގޭޓާއި ހަމައަށް ނިކުމެފައެވެ. 

"ލަޔާލް!" ފުރަގަސްދީގެން ހުއްޓެއް ކަމަކު ލަޔާލް ރޯކަން ސަހާމާއަށް އެނގުނެވެ. އޭނާ އެއަތަށް ބާރު ކޮށްލައިފައި ކޮނޑުގައި ހިފައި މަގަތަށް އަނބުރައިލަން އުޅުމުން ލަޔާލް ގަދަކޮށްލާފައި ހުރީ ފުރަގަސްދީގެންނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އެހެން މީހަކަށް ފެންނާކަށް އޭނާ ނޭދެއެވެ. "ލަޔާލް! މިހާރު ޖީންވެސް ނިކުތީ. ދެން ހިނގާ ދާން." ޝާމީ ޖީން ގޮވައިގެން އައިސް ނިކުތުމުން ސަހާމާ އަނެއްކާވެސް ގޮވައިލާފައި ވާހަކަ ދެއްކިއެވެ. ލަޔާލް ހިތްވަރު ކޮށްލާފައި އެއްއަތުން ކަރުނަތައް ފުހެލައިގެން އަވަހަށް އެނބުރުނެވެ. އަފްލާކް އާއި ޔާނިޒް ނުބަލާ ކަމަށް ހެދެންވެގެން އަނެއް ފަރާތަށް މޫނު އަނބުރާލީ އެވަގުތުއެވެ. އެންމެން ހިނގައިގަތުމުން އޭނާ އަދިވެސް އެއްފަހަރު ސަހާމާގެ މޫނަށް ބަލައިލިއެވެ. އަތާއި އަތް ވަކި ކޮށްލަން އުޅެގެން ލަޔާލްއަށް ކާމިޔާބެއް ނުވިއެވެ. އޭނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ދޫވެސް މިފަހަރު އޭނާއަށް އެއްބާރުލުމެއް ނުދިނެވެ. 

ވަކި ހިސާބަކަށް ދެވުނު ފަހުން އަފްލާކް އެނބުރި ބަލައިލި އިރު އަދިވެސް ލަޔާލް އަންނަތަނެއް ނުފެނެއެވެ. ކަންބޮޑުވެގެން ހުއްޓިފައި އޭނާ ޔާނިޒްމެނަށް ކުރިއަށް ދާން ބުނެފައި އެނބުރި އައިކޮޅަށް ހިނގައިގެންފިއެވެ. ދެވުނުއިރު ލަޔާލް ސަހާމާގެ ގައިގައި އޮޅުލައިގަނެގެން ހުރެ ރޮނީއެވެ. އެއަޑުގައި އިންތިހާ ދަރަޖައިގެ ވޭން ފޮރުވިފައި ވިއެވެ. ހަމްދަރްދީވެފައި އޭނާ ބަލަން ހުއްޓާ ސަހާމާ އަތުން އިޝާރާތް ކޮށްލުމުން ލަޔާލްގެ ކޮނޑުގައި ހިފައި އެދެމީހުން ދުރުކޮށްލަން ސަހާމާއަށް އެހީތެރި ވެދިނެވެ. "އިޓްސް އޯލްރައިޓް ލަޔާ. އިރާދަ ކުރެއްވިއްޔާ އަދި ވަރަށް އަވަހަށް އަހަރުމެން އަންނާނަން." ކުޑަ ކުއްޖަކު ރުއްސަން އުޅޭ ފަދަ ގޮތަކަށް އަފްލާކް ބުނެލިއެވެ. ލަޔާލް ގިސްލަމުން ކަރުނަތައް ފުހެލާފައި އެންމެ ފަހުން ދާން ހިނގައިގެންފިއެވެ. އެދެލޯ ރަތްވެ މުޅި މޫނަށް ފިޔާތޮށި ކުލަ އަރާފައި ހުރިތަން ފެނުމުން އަފްލާކްގެ ހިތަށް ތަދު ވެލައިފި އެވެ. އޭނާ އެއްޗެއް ބުނަން އުޅެފައިވެސް ހުއްޓާލިއެވެ. 

ދުރު ދުރުގައި ތިބެގެން ހިނގަމުން ދިޔައިރު ދެބީރަތްޓެހިން ފަދައެވެ. ވައިރޯޅިތަކާއެކު ލަޔާލްގެ އިސްތަށިގަނޑު ދެފަރާތަށް އުދުއްސަމުން ދިޔައިރު އޭނާ ހުރީ ދެއަތް ހުރަސް ކޮށްލައިގެންނެވެ. ލަޔާލް ހީކަރުވަނީކަން އިހްސާސް ވެފައިވެސް އަފްލާކްއަށް މަޖުބޫރުވީ ދުރުގައި ހުންނާށެވެ. ގާތްކޮށްލުމުގެ އެދުން ހިތުގައި އޮވެމެ ދެއަތްތިލަ އޭނާ ކޮށްޕައިލީ ޖިންސްގެ ޖީބަށެވެ. ގޯޅި އަޅަން ކައިރިވެފައި ހުއްޓާ ސައިކަލެއްގެ އަޑު އިވުމުން ދެމީހުން މަޑުޖެހިލިތަނާ އެސައިކަލު ނިކުމެފައި ހުއްޓައިލީ އެމީހުންގެ ކުރިމައްޗަށެވެ. "ލަޔާލް!" ލައިޓްގެ ސަބަބުން އޭގައި އިން މީހެއް ވަކި ނުކުރެވިގެން އުޅެނިކޮށް ގޮވާލިއެވެ. ވަގުތުން ލަޔާލްގެ ހިތް ފުންމައިގެން ދިޔައެވެ. އެއީ މާހިންގެ އަޑެވެ. އެވަގުތު އަފްލާކްވެސް މޫނު އަނބުރާލައިފައި އޭނާއަށް ބަލަން ފެށިއެވެ. "ލަޔާލް ފުރަނީތަ؟ ނުވެސް ބުނަމެއްނު." ލަޔާލް ކޮނޑުގައި އޮތް އަތް ދަބަސް ފެނިގެން މާހިން ސައިކަލު ދޫކޮށްލާފައި އަވަހަށް އައިސް ކައިރިއަށް ހުއްޓިއްޖެއެވެ. ޖަވާބު ދިނުމުގެ ކުރީން ލަޔާލް ފުރަތަމަ އަފްލާކްއަށް ނަޒަރެއް ދިނެވެ. އެތޫނު ލޮލުން އެދެމީހުންނަށް ބަލަހައްޓައިގެން ހުރި ގޮތް ދެކިފައި ހިތަށް ނުލަފާ ހިޔާލެއް އައެވެ. "ދެންމެ ދާގޮތަށް ވީ." ލަޔާލް ޖަވާބު ދީފައި ކުރިއަށް ފިޔަވަޅެއް އަޅައިލަމުން މާހިން އާއި ދެމެދު އޮތް ދުރުމިން ކައިރި ކޮށްލިއެވެ. "ދެން؟" މާހިން އެންމެ ބަހަކުން އެތަކެއް ސުވާލު ލަޔާލްއަށް ހުށައަޅައިލިއެވެ. "ކޯލް މީ!" ލަޔާލްވެސް ހަމަ އެފަދަ ގޮތަކަށް ޖަވާބު ދިނެވެ. "އޯކޭ ދެން... ގުޅާނަން." މާހިން ހިނިތުންވަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. "ބައި." ލަޔާލް އެއަތުގައި ހިފާލައިގެން އިރުކޮޅަކު ހުރެފައި ޖަވާބުދިނެވެ. 

މާހިން ގޮސް ސައިކަލަށް އަރާފައި ނައްޓައިލުމުން ލަޔާލް އަނެއްކާވެސް ހިނގައިގަތެވެ. "އެއީ ކާކު؟" އަފްލާކް އޭނާ އާއި އެއް ހަމައެއްގައި ހިނގައިގެންފައި ފުރަތަމަވެސް ސުވާލު ކުރިއެވެ. "އަހަރެންގެ ފަސްޓް ކްރަޝް." ލަޔާލް ހިނގަމުން ދިޔަ މަގަށް ކަޅި ހުއްޓާލައިގެން ހުރެފައި ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ. އަފްލާކް އެޖަވާބު އަހާފައި ރުޅި އައިސްގެން ޖިންސްގެ ޖީބުގައި އަތް މުށްކަވާލި ގޮތަށް އަނެއް އަތުން ނިތްކުރީގައިވެސް ހިފަހައްޓާލިއެވެ. ޒުވާބު ކުރަން ޖެހިދާނެތީ އެވަގުތަށް އެވާހަކަ ނުދެއްކަން އޭނާ ނިންމިއެވެ. އެކަމަކު މުޅި ދަތުރު ހޭދަވެގެން ދިޔައީ އެހިޔާލެއްގައެވެ. ސިކުނޑިއަށް ބާރު ކުރިވަރުން ބޮލުގެ ރިހުމަކަށް ވިއެވެ.

މާލެ ދެވުނުއިރު އެރޭ މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ގަރާޖަށް ކާރު މަޑުކޮށްލުމާއެކު ލަޔާލް އެންމެ ކުރީން ފައިބައިގެން ގޮސް ގެއަށް ވަނެވެ. އަޒީ އޭރުވެސް ނަތާ ކައިރީ ވާހަކަތަކެއް ދައްކާތީ އަފްލާކް ނިކުމެގެން ދިޔައީ އެމީހުންނާއި އެއް ހަމައެއްގައި ހުރެގެންނެވެ. ލަޔާލް ޖީންގެ ހާލެއްވެސް ބަލައި ނުލީ ހިތުގައި ރާވައިފައި އޮތް ގޮތަށް ކަންތައް ނުކުރެވިދާނެތީއެވެ. އޭނާ ކޮޓަރިއަށް ވަދެ ދަބަސް ދޫކޮށްލައިފައި އެންމެ ފުރަތަމަ ކަމަކަށް ނިދާ ހެދުން ލިއެވެ. އަދި އަވަސް އަވަހަށް ރަޖާ ދަށަށް ވަދެ ނިދަން އޮށޯވެއްޖެއެވެ. އޭގެ އިރުކޮޅެއް ފަހުން އަފްލާކް ދޮރު ހުޅުވާލައިފައި ވަނެވެ. އޭނާ ސޫޓް ކޭސް ފާރު ކައިރީ ބަހައްޓާފައި ވަނީ ފާޚާނާއަށެވެ. ލަޔާލް ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތްވާ އަފްލާކް ނިކުތް އަޑަށް އަނެއްކާ ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. އިސްތަށިގަނޑުން ފެންފޮޅަމުން އަފްލާކް އައިސް ހުއްޓިލީ އަލަމާރި ކައިރިއަށެވެ. ޝަވަރ ޖެލްގެ ވަސް ކޮޓަރި ތެރޭގައި ހިފައިލީ ދާދި އަވަހަށެވެ. ސޯޓެއް ނަގައި ލައިގެން އެނބުރި އައިސް މަގަތުގައި އިށީންދެލުމުން ލަޔާލް އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަފްލާކް މޫނު އަނބުރައިލައިފައި ލަޔާލްއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. ލޮލުގައި ނިދީގެ އަސަރު ނެތަސް އޭނާ ބޯ ދަށަށް އެއް އަތްލައިގެން އޮށޯވެލިއެވެ. 

ލަޔާލް އިރުކޮޅަކުން އަނެއް ފަރާތަށް ފުރޮޅިލީ ލޯމަރައިގެން އޮންނައިރުވެސް އަފްލާކް ބަލާހެން ހީވެ އުދަނގޫ ވެގެންނެވެ. ހިތް ނެގި ނެގިފައި ޖެހެން ފެށީ ސިއްރު ފަޅާ އަރައިފާނެތީއެވެ. އިރުގަނޑެއް ފަހުން ލަޔާލްއަށް ނިދިފައި އޮތްވާ ސިއްސައިގެން ދިޔައެވެ. ނިދީގައި އަފްލާކް ކައިރިވެލުމުން ހަޅޭތްލަވައި ނުގަނެވުނީ ކިރިޔާއެވެ. ތެޅިގެންފައި އަވަސް އަވަހަށް މަގަތަށް އެނބުރި ބަލައިލެވުނެވެ. މެރިފައިވާ އަފްލާކްގެ ދެލޯ ދެކެފައި ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނު ނަމަވެސް ހިތް ތެޅެމުން ދިޔައީ ފެން ނެތް ތަނެއްގައި އޮތް ރޯމަހެއް ފަދައިންނެވެ. އެހާ އަވަހަށް ނިއްކުރީން ދާވެސް ހިލިއްޖެއެވެ. ބަލަހައްޓައިގެން އޮވެލައިފައި އޭނާ ތެދުވެ އެނދުން ތިރިއަށް ދެފައި އެލުވާލައިގެން ސައިޑު ޓޭބަލް މަތީ ހުރި ފެންފުޅިން ތައްޓަކަށް އަޅައި ފުރާލިއެވެ. ނިއްކުރިން ދާ ފުހެލާފައި މަދު މަދުން ފެންތަށި ބޮއި ހުސްކޮށްލާފައި ގަޑިވެސް ބަލައިލި އެވެ. ފަތިސް ވާކަށް ގިނައިރެއް ދެން ނެތެވެ. އަމުދުން ލޮލުގައި ނިދީގެ އަސަރެއްވެސް ނުވެއެވެ. ލަޔާލް ހެޑްބޯޑް މައްޗަށް އަތް ފޯރުވާލައިފައި ކުރިން ކިޔަން ފަށާފައިވާ ވާހަކަ ފޮތެއް ނެގިއެވެ. ސައިޓު ޓޭބަލް ދިއްލުމުގެހިޔާލު ދޫކޮށްލީ އަފްލާކްއަށް އުދަނގޫ ވެގެން ހޭލެވިދާނެތީ އެވެ. 

ލަޔާލް އިތުރަށް ނުނިދާން ވެގެން ގަޑި ބަލަ ބަލާ އިންދާ ކުއްލި އަކަށް އައި ހިޔާލަކުން އަވަހަށް ތެދުވެވުނެވެ. އޭނާ ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް އަތް ދަބަސް ތެރެއިން ޕްރެގްނެންސީ ޓެސްޓް ކިޓް ނަގައިގެން ފާޚާނާއަށް ވަދެއްޖެއެވެ. 

ނަތީޖާގެ ވަގުތު އައިއިރު ހިތް ތެޅެމުން ދިޔައީ ބިރުގަންނަހާ ބާރަށެވެ. ފުންކޮށް ދެތިން ނޭވައެއް ލައިފައި އޭނާ ދެތިން ފަހަރަށް ލޯ މަރައި ހުޅުވައިލި ފަހުން ނަތީޖާ އޮތީ ފެންނާށެވެ. "ލާކްއަށް އެނގިއްޖެއްޔާ ދުވަސް ދިޔައީ. ނުބުނާނަން. ނުބުނާނަން. ބޭނުމެއް ނޫން އިތުރަށް ކުޑަވެސް ބާރެއް ދޭކަށް. ލާކް ހީކުރާ ކަހަލަ އަދިވެސް ހުރިހާ ބާރެއް އޮތީ އޭނާގެ އަތުގައޭ. އަހަރެން ޖެހޭނީ އަދިވެސް ޓޯއި ހެދިގެން ހުންނާށޭ. ދެން ނުވާނެ... އެކަމަކު އަހަރެން... އަހަރެން ޕްރެގްނެންޓް... ޔެސް އައެމް ގޮނަ ބީ އަ މޯމް... ގޯޑް....އިޓްސް އެމޭޒިން...." ލަޔާލް ލޯގަނޑަށް ބަލަން ހުރެގެން ވާހަކަ ދައްކަމުން އިރުކޮޅެއް ވީއިރު ލޮލަށް ކަރުނަތައް ޖަމާވެގެން އައެވެ. އުފާވެރި ކުޑަ ކުއްޖެއްހެން އެތަކެއް ފަހަރު އޭނާ ތަންމިނަށް ހިނިތުންވެލިއެވެ. އެކަމަކު އަނެއްކާވެސް ނިކުންނަން ވީއިރަށް މޫޑު ބަދަލުވިއެވެ. ލަޔާލް އަފްލާކްއަށް ފެނިދާނެތީ ޓެސްޓް ހެދި ކިޓް ޑަސްބިނަށް ލުމުގެ ކުރިން ކަރުދާސް ކޮޅެއް އޮޅާލައި ކޯއްޗެއްކަން ވަކި ކުރަން ނޭނގޭވަރު ކުރިއެވެ. ހަމަޖެހުމުގެ ނޭވައެއް ލައިފައި އައިސް ދޮރު ހުޅުވައިލުމުން އަފްލާކް ފެނުނީ ކުރިމަތީގައި ހުއްޓައެވެ. ވައްކަން ކުރަން އުޅެނިކޮށް އަތުލައިގަތް ވަގެއް ފަދައިން އެވަގުތު ލަޔާލް ސިއްސައިގެން ދިޔައެވެ.

ކޮމެންޓް 0