ދެލޯ މަރައި ތަގުޅިކޮށްލަމުން ލަޔާލް އަމިއްލަ ނަފްސް ކޮންޓްރޯލްގެ ދަށަށް ގެނައެވެ. ހިތާއި ދެކޮޅަށް ވިއަސް އަފްލާކްގެ އަތްތިލައިގައި ހިފާ ދުރަށް ފޮޅުވާލިއެވެ. އަދި ފުންމައިގެން ތެދުވެ އެނދުން ތިރިއަށް ދެފައި އެލުވާލުމާއެކު ބާލީހެއް ނަގައިފި އެވެ. "ކޮންތާކަށް ތިދަނީ؟" ލަޔާލްގެ ފުރަތަމަ ހަރަކާތުން ހައިރާންކަން ލިބިފައި ހުއްޓާ ދެން ކަންތައް ކުރަން ފެށި ގޮތުން އަފްލާކްއަށް ތެދުވެ އިށީންދެވުނެވެ. ލަޔާލް އަދި ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް އެގޮތަށް އޭނާގެ އެދުމާއި ދެކޮޅު ހަދާފާނެ ކަމަކަށް ހީކުރެވިފައެއް ނެތެވެ.
"ނިދަން." ލަޔާލް ކުރު ޖަވާބެއް ދީފައި ގޮސް ސޯފާގައި އޮށޯނަންނަން ތައްޔާރު ވިއެވެ. "އަހަރެން އަތްލީމައި އުދަނގޫ ވަނީތަ؟" އަފްލާކްއަށް އަދިވެސް ޤަބޫލު ކުރަން ދަތިވެފައި އިނދެގެން އަހާލެވުނެވެ. އެއަޑަށް ލަޔާލް އެނބުރި ބަލާލައިފައި ޖަވާބެއް ނުދީ އޮށޯވެ ލޯމަރާލުމުން އޭނާގެ ލޭ ހޫނުވެގެން އައެވެ. ލަޔާލްގެ އެއަޅާލުން ކުޑަ ކަން އޭނާގެ ހިތަށް ދަތި ކޮށްފިއެވެ. މިވަރުން ދަންޏާ ކުރިއަށް ވާނެގޮތް ލަފާ ކޮށްލަންވެސް ދައްޗެވެ. "ޖަވާބު ދީބަލަ ލަޔާލް! އަހަރެން މިރޫމްގެ ހަތަރު ފާރަކާއި ނޫނޭ މި ސުވާލު ކުރަނީ." އަފްލާކް ހަރުކަށި އަޑަކުން އިތުރަށް ވާހަކަ ދެއްކިއެވެ. " އަމިއްލަ ނަފްސް ބޭޒާރު ވާ އަޑު އަމިއްލަ ކަންފަތުން އަހާ ހިތުންތަ ތިއުޅެނީ؟ ތިހާ އިންޓްރެސްޓް ވެގެން އުޅެންޏާ ބުނެދީފާނަން. އާ އެހެންވެގެން މިއައީ. އުދަނގޫ ވޭ ލާކް އަތްލިއަސް. ބަލާލިއަސް. ހިތުގައި އަހަރެންނާ މެދު އިހްސާސެއް ނުވާއިރު ކޮންމެހެން ޕްރެޓެންޑް ކުރުމުގެ ބޭނުމެއް ނެތް. އަހަރެން އަހަރެންގެ ހަށިގަނޑު ލާކް ހިތްހަމަ ޖައްސަން ޔޫސްކޮށްލާ އެއްޗަކަށް ހެދިއަކަ ނުދޭނަން. އެދުވަސް މާޒީވެއްޖެ. ހަޤީޤަތް ހާމަވެއްޖެ. އަމިއްލަ އެދުން ފުއްދަން ކޮންމެވެސް އެހެން މީހަކު ހޯދާ. އަހަރެން ބޭނުން އިތުރަށް އެއްވެސް ގުޅުމެއް ބާއްވާކަށް. ބޭނުމީ ވަކިވާން." ލަޔާލް ލޯހުޅުވާލައިފައި ވާހަކަ ދައްކައި ނިމުނުއިރު އަފްލާކް އައިސް ހުރީ ކުރިމަތީގައެވެ. އޭނާގެ އަތުގައި އަފްލާކް ހިފައި ކުއްލި އަކަށް ޖަހާފައި ކޮޅަށް ނަގައިގެން ކައިރިކޮށްލުމުން ރުޅިވެރި ދެލޯ ދެކެފައި ރަނގަޅަށްވެސް ހިތް ރޫރޫ އަޅާލިއެވެ. "ބުނަން ލަޔާލް. ދެންވެސް ހުރިހާ ކަމެއް ވާނީ އަހަރެން ބޭނުން ގޮތަކަށް. ދޫކޮށެއްވެސް ނުލާނަން. އަދި ބޭނުން ހާ ގޮތަކަށް އުޅުނަކަވެސް ނުދޭނަން. "ލަޔާލް ގެ އަތްތިލައަށް ބާރު ކޮށްލައިގެން ހުރެ އަފްލާކް ދިނީ އިންޒާރެކެވެ. އެމޫނާއި ލޯ އެކަމަށް ހެކި ދިނެވެ. އޭނާ ބޭނުން ވަނީ އަދިވެސް ލަޔާލް އާއިމެދު އޭނާގެ ބާރު އޮތްކަން ސާބިތު ކުރާށެވެ.
އަފްލާކްގެ އެޖުމްލަ ތަކުން ލަޔާލް ވީ ފޫހި ބުނެދޭކަށްވެސް ނޭނގުނެވެ. އަތް ފޮޅުވާލައިފައި އޭނާ އެނބުރުނީ އަނެއް ފަރާތަށެވެ. "ތީ ހަމަ ހީވާ ގޮތް. އަހަރެން ނުރުހޭ ކަމެއް ގަދަކަމުން ނުކުރެވޭނެ. އެހެންނޫނަސް ކިޔަމަން ވާން ޖެހޭނީ ފިރިމީހާއަށް. ބޯ ލަނބަން ޖެހޭނީ އޭނާގެ އަމުރު ތަކަށް. ލާކް ތީ ކައިވެނީގެ މާތް ގުޅުން ގޭމްއަކަށް ހެދިމީހާއެއްނު. އަމިއްލަ މަޤްސަދެއް ހާސިލް ކުރަން އަހަރެންގެ އިހްސާސް ތަކާއި ކުޅެލި އާޓިސްޓެއްނު ތީ. ޔޫ ޑިޒާވް އެން އޮސްކާ." ލަޔާލް ހަށަން ބަނދެލަމުން ދޫނުކުރަން ވެގެން ރައްދު ދިނެވެ. އަފްލާކްގެ ލޭ އިތުރަށް ހޫނުވެ އަތުން ފައިން ގޯހެއް ހެދިދާނެހެން ހީވުމުން އެންމެ ރަނގަޅު ގޮތަކަށް ވިސްނުނީ ނިކުމެގެން ދިއުމެވެ. މާބޮޑަށް ޒުވާބު ކުރަން ވެއްޖެއްޔާ ބޭނުން ނޫން ވާހަކަތައްވެސް ދޫ މައްޗަށް އައުން ގާތެވެ. އޭނާ ބާރު ބާރަށް ދޮރާއި ދިމާއަށް ދަމުން އަތް ފޯރާ ފަށުގައި ހުރި ބިއްލޫރި ވާސްއެއްގައި އަތުން ޖަހައި ވައްޓާލިއެވެ. ވާސްވެއްޓި ކުދި ކުދިވެގެން ދިޔަ އަޑާއެކު އޭގެ ބިއްލޫރިތައް އެތަން މިތަނަށް ފެތުރިގަތެވެ. އަފްލާކް ދޮރު ޖަހާފައި ނިކުމެގެން ދިއުމުން ލަޔާލް ވެއްޓިގަތީ އަނެއްކާވެސް ސޯފާއަށެވެ.
"ކީވެތަ ތިދިޔައީ؟ އަދިވެސް މިކޮޓަރީގައި ހަލާކު ކުރާނެ އެއްޗެހި އެބަހުއްޓޭ. ރުޅި އައީމަ ދެން ހުރިހާ ކަމެއް ހަމަވީ. ރުޅި އަންނަން އެނގެނީ ލާކްއަށް އެކަނި ވިއްޔަ. މަށަށް ނޯވޭ ރުޅިވެސް އާދެވޭކަށް. އަހަރެން ހަމަ ރުޅި އަންނައިރަށް އެދިޔައީނު ގަދަ ކޮށްލާފަ. ގޯޑް.... އައި ޖަސް ވޯނަ ކިލް ހިމް." ލަޔާލް އެކަނި އިނދެގެން އެތިވަރު ގޮވާފައި އިރުކޮޅެއް ވީއިރު ލޮލުގައި ކަރުނަތައް ގިނަވެގެން ކޯތާފަތްމައްޗަށް ފައިބައިގަތެވެ. މޫނު ފޮރުވާލައިގެން އިނދެފައި އޭނާ އޮށޯތީވެސް ކޮޓަރި ސާފު ނުކޮށް އޮތް ގޮތަށް ބާއްވައިފައެވެ.
އަފްލާކް ކޮރިޑޯ ހުރަސް ކޮށްފައި ދަނިކޮށް މަފާޒް ކޮޓަރިން ނިކުމެފައި ގޮވާލުމުން ހުއްޓުނެވެ. "ދޮންބެ ކައިރީ ވާހަކައެއް ދައްކާލަން ވެފަ އެބައޮތް." މަފާޒް ބުނެލިއެވެ. އަފްލާކް އެއްޗެއް ނުބުނެ ހުރެގެން ވައިބްރޭޓްވި ފޯނު ނަގައި ބަލައިލާފައި އަނެއްކާ ޖީބަށް ލީ މުހިންމު ފޯނަކަށް ނުވާތީއެވެ. ދެބެން އެއް ހަމައެއްގައި ހުރެގެން ގޮސް އެދިމާއިން ނިކުމެވެން ހުންނަ ބެލްކަންޏަށް ދިޔައެވެ. އާދައިގެ ވަރަކަށް ވައި ޖެހެމުން ދިޔައިރު އުޑުގައިވެސް ހިސާބަކަށް ތަރި ފެންނަން ހުއްޓެވެ. "ބުނަން މިއުޅެނީ ނިއު އިޔަރ ނައިޓް ސެލެބްރޭޓް ކުރަން ހިގާށޭ. ގޭގައިވެސް މިހާރު ފުދޭވަރަކަށް މީހުން ތިބީމަ މަޖާކޮށްލެވޭނެ." ދެބެން ތަންކޮޅެއް ދުރު ދުރުގައި ރެއިލިންގެ ދެހިސާބެއްގައި ހުރެފައި މަފާޒް ފުރަތަމަ ފެށިއެވެ. އަފްލާކް އެއަޑު އިވިގެން މޫނު އަނބުރާލައިފައި ވަކި އެއްޗެއް ނުބުންޏެވެ. މޫޑް ގޯސްވެފައި ހުއްޓާ މަފާޒް މިފެށީ އެންމެ އެކަށޭނަ ވާހަކައެއް ނޫނެވެ. "މިބުނީ އަނެއްހެން މާބޮޑަކަށް ނޫން. ހަމަ އެންޖޯއި ކޮށްލަން. މަޖާ ކުޅިވަރެއް ކުޅެލާ އެއްޗެއް ކާލާ އެހެން އުޅެފަ ޓުއެލްގަ ކޭކް ފަޅާނީ." މަފާޒް އަށް އަފްލާކްގެ މޫނުގެ ކުލަވަރު ފެނިގެން ހިސާބަކަށް ކަންބޮޑުވެފައި އިތުރަށް ބުނެލިއެވެ. "އޯކޭ ވާނެ. މަފާޒް ހަމަޖައްސާ." އަފްލާކް އެހިސާބުން ކުރު ކޮށްލާފައި ދާން އެނބުރިލި އިރު ޔަޝާރު އައިސް ހުރީ ތަބަކެއްގައި ތިންކޮފީ މަގު ބަހައްޓައިގެންނެވެ. ޔަޝާރު އޭނާގެ ކައިރިއަށް ޖެހިލައިފައި ކުޑަކޮށް ތަބައް އުފުލާލުމުން އަފްލާކް މަގެއް ނަގައިގެން އަނެއްކާވެސް ހުއްޓުނެވެ. މަފާޒްއަށް އެއް މަގު ދީފައި އަނެއް މަގު ހިފައިގެން ޔަޝާރު ގޮސް އެތާހުރި ހުދު އުނދޯލީގައި އެއްފައި މައްޗަށް އަނެއްފައި ލައިގެން އިށީންދެލިއެވެ. ތިންމީހުން ކޮފީއަށް އިންސާފު ކުރަމުން ކުރިއަށް އޮތް ރޭގެ އިންތިޒާމްތަކާއި މެދު ވާހަކަ ދައްކަން ތިއްބާ އިރުކޮޅަކުން ޔާނިޒްވެސް އެތަނަށް ނިކުމެއްޖެއެވެ.
ލަޔާލް ހެނދުނު ތެދުވިއިރު އެނދުގައި އޮވެވުމުން ނިކަން ހައިރާންވިއެވެ. ތެދުވެ ވަށައިގެން ހޯދައިލުމުން އަފްލާކް ފެނުނީ ސޯފާގައި އޮތްވައެވެ. އަދި ކޮޓަރި ތެރެވެސް އޮތީ ސާފު ކޮށްފައެވެ. ތެދުވެގެން ލަޔާލްއަށް ދެވުނީ އަފްލާކްގެ ކައިރި އަށެވެ. ސޯފާގެ ކައިރިއަށް ހުއްޓިލައިގެން އެރީތި މޫނަށް ބަލަން ހުރެވުނެވެ. ގަދަ ނިދީގައި އޮންނައިރު އެމޫނު ކިހާ ސާފު ހެއްޔެވެ؟ ލަޔާލް ދާންވެގެން އެނބުރިލި އިރު އަފްލާކްވެސް ނިދިން ހޭލެވިގެން ލޯ ހުޅުވައިލީއެވެ. އެކަން ނުދެނެ ހުރެ އޭނާ ގޮސް ފާޚާނާއަށް ވަދެ ފެންވަރަން ހުއްޓާ އަފްލާކް ދޮރު ހުޅުވާލައިފައި ވަނެވެ. ލަޔާލްއަށް ލިބުނީ ޝޮކެކެވެ. އަވަސް އަވަހަށް މެއާއި ހިސާބުން ދެއަތް ހުރަސް ކޮށްލައިގެން ތުވާލި ނަގަން ވެގެން ކުރިއަށް ފިޔަވަޅެއް އަޅާލި ތަނާ އަފްލާކް އެއަށްވުރެ ކުރިން ތުވާލި ނަގައިފިއެވެ. ރުޅިއައިސްގެން ތުންފަތުގައި ދަތް އަޅާލެވުނު ގޮތުން ތަދުވެސް ވިއެވެ. އަލިފާން ކަނި ބުރައިގަތް ދެލޮލަށް ކަރުނަވެސް ގިނަވިއެވެ. އެފަދަ ކޮންމެ ހަރަކާތަކުން އޭނާގެ ބާރެއް ނެތްކަން އިހްސާސްވެފައި ލަޔާލް ކަރުނަތައް ކޮންޓްރޯލެއް ނުކުރެވެއެވެ. "ބޭނުންތަ؟" އަފްލާކް ބަލާނެ ވަރަކަށް ބަލައި ނިމުމުން ކުރިއަށް ފިޔަވަޅެއް އަޅާލައިފައި އެހިއެވެ.
ލަޔާލް އިސްޖެހިފައި ހުއްޓާ އަފްލާކް އައިސް ކައިރިވެލައިގެން ތުވާލި ދިއްކޮށްލުމުން އެހުރިގޮތަށް ހުރެ ތުވާލީގައި ހިފަން އަތް އުފުލައިލިއެވެ. "އުޕްސް....." އަފްލާކް ފާޑަކަށް އިއްވާލިއެވެ. ލަޔާލް ބަލައިލިއިރު އަފްލާކް ތުވާލި ވައްޓައިލީ ފެންއަޅާ ފުރާފައި އޮތް ބިލިގާއަށެވެ. އިސާހިތަކު ތުވާލި އެކީ ތެމި ފޯވެއްޖެއެވެ. "ސޮރީ." އަފްލާކް ނުލަފާ ގޮތަކަށް ހިނިތުންވެފައި ނިކުމެގެން ދިއުމުން ލަޔާލް ހުރީ އަދިވެސް ގުޑިނުލެވިފައެވެ. އިރުގަނޑެއް ފަހުން ގުދުވެލާފައި ތުވާލީގެ ކަނުގައި ހިފައި ފެނުން ކުޑަކޮށް އުފުލާލުމަށްފަހު އަނެއްކާވެސް އެތެރެއަށް ދޫކޮށްލިއެވެ. އޭނާއަށް އިނގެއެވެ. އަފްލާކް އިންތިޒާރުގައި އިންނާނީ އޭނާ ކޮޓަރިއަށް ނިކުންނާން ދެންނެވެ.
ލަޔާލް އަދިވެސް އިރުކޮޅެއް ވާންދެން ހުރެފައި ދޮރު ހުޅުވައި ލެއްޕި އަޑު އިވުމުން އަވަހަށް ގޮސް ބޯދިއްކޮށްލައިފި އެވެ. އަފްލާކް ފެންނަން ނެތުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނާ ހަމަޖެހުމާއެކު ގޮސް އަލަމާރިން އިތުރު ތުވާއްޔެއް ނަގަންވެގެން މައްޗަށް އަތް ފޯރުވާލައިގެން ހުއްޓާ އަފްލާކް ނިކުތީ ކުރިއްސުރެ ހުޅުވާފައި ހުރި ދޮރުފަތް ފުރަގަހުންނެވެ. ލަޔާލްއަށް އަފްލާކް އެތާ އުޅޭކަންވެސް އެނގުނީ ބަނޑާއި ހިސާބުން ދެއަތް ވަށާލައި ގެންގޮސް ގައިގައި ޖައްސާލީމައެވެ. ވަގުތުން އޭނާއަށް ހަޅޭތްލަވައި ގަނެވުނެވެ. "ޝޫޝޝ..... އަފްލާކް ފުރަތަމަވެސް ބޯ ގުދުކޮށްލައިގެން ތުންފަތް ޖައްސައިލީ ލަޔާލްގެ ކަނދުރާގައެވެ. އެވަގުތު ކަރަންޓްގެ ރާޅުތައް ނާރުތަކުގައި ދަތުރު ކޮށްލީ ވަކި ގޮތެއް ބަލާފައެއް ނޫނެވެ. ލަޔާލްގެ ދެއަތް އުފުލި އަފްލާކްގެ ދެއަތްތިލައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ދެވަނަ ސިކުންތުގައި އަފްލާކް އޭނާ ދޫކޮށްލައިފައި ދުރަށް ޖެހިލައިފިއެވެ. ހައިރާންވެގެން ލަޔާލްއަށް އެނބުރި ބަލާލެވުނެވެ. އަފްލާކް ގޮސް އެނދުގައި އިށީންދެ އިނީ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެންނެވެ.
އަފްލާކް ސާބިތު ކޮށްދޭން އެމަސައްކަތް ކުރަނީ ކޯއްޗެއް ހެއްޔެވެ؟ އޭނާ އަފްލާކްއަށް ބޭނުން ވާކަން ހެއްޔެވެ؟ އެހެންވިއްޔާ އޭނާވެސް މިފަހަރު ސާބިތު ކޮށްދޭނެއެވެ. އޭނާ އަފްލާކްއަށް ބޭނުން ވާވަރަށް ވުރެ ބޮޑަށް އަފްލާކް އޭނާއަށް ބޭނުން ވާނެއެވެ. އަދި އޭނާ އަފްލާކް ކައިރީ އާދޭސް ކުރާނެ ކަމަށް ހީ ނުކުރާށެވެ. އެއީ ނުވާނެ ކަމެކެވެ. ލަޔާލް ހިތާއި ހިތުން ވާހަކަ ދައްކަމުން ތުވާއްޔާއި ހެދުން ހިފައިގެން އަނެއްކާވެސް ވަނީ ފާޚާނާ އަށެވެ. އޭނާ ހެދުން ލައިގެން ނިކުތްއިރު އަފްލާކް ނަސީބަކުން ނެތެވެ.
ނަތާ ހަވީރު ލެޕްޓޮޕް ހުޅުވާލައިގެން އިންދާ ދޮރު ދަށުން ސިޓީ އުރައެއް އެތެރެ ކޮށްލިތަން ފެނުނެވެ. އޭނާ ޝައުޤުވެރިވެފައި ހުރެގެން ގޮސް ސިޓީ އުރަ ހިފައިގެން އައިސް އެނދަށް އަރާފައި އެތެރޭގައި އޮތް އެއްޗެއް ބަލާލިއެވެ. އެއީ ކާޑެކެވެ. އާ އަހަރު ފާހަގަ ކުރުމުގެ ހަފްލާއަކަށް ދައުވަތު ދީފައި "ވެނިއު" އަކަށް އަމިއްލަ ގޭގެ ނަން ޖަހާފައެވެ. ނަތާ ގާތަށް ހިނިއައެވެ. ހިތަށް އެރިއެވެ. އެއީ ޔާނިޒްގެ ކަމަކަށް ނޫނީ ނުވާނެއެވެ. އޭނާ ރުއްސަން ޔާނިޒް ދަންނާނެއެވެ. އިރުކޮޅަކުން ޓަކި ޖަހާލުމުން ނަތާ އަވަހަށް ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ހުދު ކަރުދާހަކުން ޕާރސަލް ކޮށްފައިވާ ފޮށިގަނޑެކެވެ. ނަތާ ދޮރު ތަޅުލާފައި ޕާރސަލް ހިފައިގެން އައިސް އެނދުގައި އިށީންދެލިއެވެ. މަތީ ގައި އިން ޓައީ މޮއްސައިލާފައި ކަރުދާސް ފިލުވާލައިގެން ފޮށީގެ މަތި ހިއްލާލިއިރު ހެދުމެކެވެ. ނަތާ ހެދުން ނަގައި މޭގައި ޖައްސާލައިގެން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. ރަތް ކުލައިގެ ހެދުން ރީތި ކަމުން ނަތާ އުފާވެފައި ހުރެވުނީ ހިނިތުންވެފައެވެ. އެކަމަކު ސިކުނޑި އަރާރުން ވާން ފެށީ އާއިލާ ތެރެއަށް މިރޭ ނިކުތުމާއި މެދުގައެވެ.
ނަތާ ފަދައިން ޔަޝާރު އާއި ލަޔާލްއަށްވެސް ކާޑާއިއެކު ޕާރސަލް ކޮށްފައި އޮތް ހެދުމެއް ލިބުނެވެ. މެންދުރު އެނބުރި ފަހުން ގޭގެ ތިން ފިރިހެން ކުދިން ވަންތަނެއް އެކަކަށްވެސް ނޭނގުނެވެ. ޔަޝާރު އާއި ލަޔާލް ދިމާވެގެން އެވާހަކަ ބުނުމުން ލަޔާލް އަޅައެއް ނުލިއެވެ. އޭނާ ހެނދުނުއްސުރެ އައިސް ހުރި ރުޅިގަނޑު އަދިވެސް ފިންޏެއް ނުވެއެވެ. ޔަޝާރުގެ ހިޔާލަކީ ތިން ފިރިހެނުން ވެގެން ރޭގެ މަޖާ ގަނޑަށް ކަންތައް ތަކެއް ރާވަނީ ކަމުގައެވެ. ލަޔާލް އެއްޗެއް ނުބުނެއެވެ. އޭނާގެ އެހާ ޝައުޤެއްވެސް ނެތެވެ.
ޖީން ގެންގޮސް ކޮޓަރީގައި ބައިންދައިގެން ލަޔާލް ހަވީރު އުޅުނެވެ. ތުއްތު ޖީންއަށް މިހާރު ދިވެހި ބައެއް ބަސްތައްވެސް އެނގެއެވެ. ޖީން ކުޅެމުން ވާހަކަ ދައްކާއިރު ލަޔާލް އިންނަނީ ލޯބިން ފުރިފައި ބަލާށެވެ. ބައެއްފަހަރު ބަނޑުގައި ފިރުމާލެވެނީ ހިނިތުންވެފައެވެ. އިރާދަ ކުރެއްވިއްޔާ އެދަރިފުޅުވެސް ދުނިޔެއަށް އައިސްގެން އޭނާގެ ހިތަށް އުފާވެރިކަން ގެނެސްދޭނެއެވެ.
ހަމަޖެހިފައިވާ ގަޑިއަށް ނަތާ ފިޔަވައި ދެންތިބި ހުރިހާ އަންހެން ކުދިންތައް ތައްޔާރުވެގެން ކޮޓަރި ތަކުން ނިކުމެފައި އެއްތާކަށް ދިޔައެވެ. ޖީން ކަޅު ކުލައިގެ ހެދުން ކޮޅެއްގައި ރީތި ކަމުން ފަހަރަކު މީހަކު އުރާލައި މޫނުގައި ވަސްގަނެލައެވެ. ޝާމީވެސް ހުރީ ނިކަން ހެދިލައިގެންނެވެ. އެމީހުން ނަތާގެ ކޮޓަރި ދޮރު ފެންނަ ހިސާބުގައި ތިއްބާ ޔާނިޒް އައީ މަތިންނެވެ. އަތްދިގު ކަޅު ޓީޝާޓަކާއި ޖިންސެއްގައި ޔާނިޒްވެސް އެހެން ރޭތަކާއި ތަފާތެވެ. ފަންއިސްތަށިގަނޑު ފަހަތަށް އޮމާން ކޮށްލާފައި އޮތުމުން ހީވަނީ އެހެން މީހެއް ހެންނެވެ. ޔާނިޒްގެ އިރުޝާދުގެ މަތިން އެމީހުން ހަތަރުވަނަ ބުރިއަށް އަރާފައި ތިބެވުނީ އާޝޯހުވެފައެވެ. ފުރިހަމަކަމުން އަދި ޕާޓީއެއް ވަރު ނުވިއެއް ކަމަކު އެއީ ކުޑަވަރެއްގެ މަޖާގަނޑެކޭ ބުނެވޭކަށް ނެތެވެ.
އެކި ހިސާބުގައި އިސްކޮޅާއި އެއްވަރުގެ އުއްބައްތި ސްޓޭންޑްތައް ބަހައްޓާލައި އަދި ހޯލްތެރޭގައި ހުރި ދިގު މޭޒުގައި "ނިއު އިޔަރ 2014" ޖަހާފައިވާ ކޭކެއްގެ އިތުރުން ތަފާތު ވައްތަރުގެ "ކޭންޑީސް" އާއި ލޮނު ލުއި ކާނާތައް ރީތި ޑިޒައިންތަކަށް ހުރި ތަށިތަކުގައި ހުއްޓެވެ. ލަޔާލްމެން ގޮސް ސޯފާތަކުގައި އިށީންދެލުމުން އަފްލާކް އާއި މަފާޒް އައިސް ހުއްޓިފައި ނަތާ ކޮބައިތޯ އެހިއެވެ. އެކަކަށްވެސް ޖަވާބު ނުދެވިފައި ހުއްޓާ ޔާނިޒް ނަތާ ބަލައި ކަމަށް ބުނެ ނިކުމެގެން ދިޔައެވެ. އެވަގުތު ލަޔާލްގެ ސަމާލުކަން ދަމައިގަތީ އަފްލާކް އަތުގައި އޮތް ގިޓައެވެ. ހިތަށް އެރިއެވެ. ރަނގަޅަށް ވިއްޔާ ގިޓާ ކުޅޭކަށް ނުވެސް އެނގޭނެއެވެ. ޖީން ކިޔަން ފެށުމުން ޝާމީ ކުޑަ ބޯތައްޓަކަށް ދެތިން ވައްތަރެއްގެ ކޭންޑީސް އަޅައިގެން ގެނެސް ބެހެއްޓުމުން ކާން ފަށައިފިއެވެ. ލަޔާލްވެސް އެތަނުން އެއްޗެއް ނަގައިގެން ހަފަން ފެށިއެވެ. އޭނާ އިނީ ގަސްތުގައި އަފްލާކް އާއި ހަތަރު ކަޅި ހަމަ ނުކުރާން ނިންމައިގެންނެވެ. އިރުކޮޅަކުން ކަންފަތުގައި ޖެހިލި ހިތްގައިމު އަޑާއެކު ވަށައިގެން ހޯދައިލިއިރު އަފްލާކް ގިޓާ ކުޅެން ފެށީއެވެ. ލަޔާލް ޝައުޤުވެރިވެފައި އެކަމަކު ނޫން ކަމަށް ހެދިގެން އިންދާ އަފްލާކް ފެށީ މިލަވައެވެ.
"ޔާރާ ހާސިލްވުމުން އަދިވެސް ހާސިލް ކުރަން، ބޭނުންވަނީއޭ މިވާ ލޯއްބަކުން. މިބިމާއި އުޑާ، ކައުނާ ފަޒާ، ހޯދާ ބެލީމޭ ލޯބިވާ...ނުދެކެމޭ ދެވަނައެއް، ތިފަދަ މޫނެއް ހުވާ..."
ހައިރާންވެފައި ލަޔާލްއަށް އިނދެވުނީ އަފްލާކް ލަވަ ކިޔަން ފެށީމައެއް ނޫނެވެ. އެކަމަކު އެއީ އޭނާ އެހެން އެކަކަށްވެސް ނުއިއްވާ ލަފްޒް ތަކަކަށް ވާތީއެވެ. މާކުރިން ޕިއާނޯ ކުޅެން ރަށުގައި އިނދެގެން އަމިއްލައަށް ހަދާލި ލަވައެކެވެ، މާލެ އައިސް އެއްދުވަހަކު އެގޭގައި ހުންނަ ޕިއާނޯ ފެނިގެން އެލަވަ ކިއެވެ. އެދުވަހު ކޮންމެވެސް މީހަކު ސިއްރުން ފިލާ އަޑު އަހަން ހުރެފައި ދުވެފައި ދިޔަ އަޑު އިވިގެން ހޯދާ ވަނީ ނުފެނިފައެވެ. އެކަމަކު މިހާރު ޔަޤީން ވެއްޖެއެވެ. އެމީހަކީ އަފްލާކްއެވެ. އަދި އެންމެ ފަހު ތަންކޮޅު އަފްލާކް އެކިޔާލީ އަމިއްލައަށް އިތުރު ކޮށްލައިގެންނެވެ.
"ދޮންބޭ. ނަތާ ނެތް، އަހަރެން މިއައީ މުޅިގެ ހޯދާފައި." އިރުކޮޅަކުން ޔާނިޒް އެނބުރި އައިސް ބުނެލި ވާހަކައަކުން އެންމެން ސިހިއްޖެއެވެ.