ހެނދު ހެނދުނާ ލަޔާލް ކޮޓަރިން ނިކުންނަން ދިޔައިރު އަފްލާކް އޮތީ އަނެއްކާ ވެސް އަރާ އޮށޯވެ ނިދައިފައެވެ. ފަތިސް ނަމާދު ކޮށްގެން ކަސްރަތު ޖައްސާމީހާ މިއަދު ނިދިގަނޑެއް އަޅައިލަން ބޭނުންވީ ކީއްވެ ކަމެއް ނޭނގެއެވެ. ލަޔާލްމެން ރަށުގައި ވީ މަދު ދުވަސްކޮޅުގެ އަސަރު ކުރީ ނޫންކަމެއް ވެސް ނޭނގެއެވެ. ލަޔާލް ކޮޓަރިން ނިކުމެފައި ކުދި ފިޔަވަޅު ތަކެއްގައި ސިޑިން ފައިބައިގެން އައިއިރު އަޒީ އެއްއަތުން ޖޫސް ތައްޓެއް ހިފާލައިގެން ހުރީ ފޯނެއްގައެވެ. އެއޮތް ހެނދުނާ އަޒީ ގުޅައިގެން އުޅެނީ ކާކަށްބާއޭ ހިތުގައި ސުވާލު އުފެދުނެވެ. ކައިރިއަށް ދެވުނު ފަހުން އަޒީގެ ބައެއް ޖުމްލަތައް ވެސް އޭނާއަށް އިވިއްޖެއެވެ.

"މީގަ އަނީސާގެ ހިޔާލު ހުރިގޮތް ބަލާކަށް ނޫން އަހަރެން މިގުޅީ. އަހަރެންގެ ނިންމުން އަންގާލަން. އަނީސާ ރުހުނަސް އަދި ދެކޮޅުހެދިއަސް އަހަރެން ނަތާ ފޮނުވައިލާނަން." އަޒީ ގެ އަޑުގައި ރުޅިވެރިކަމެއް ވިއެވެ. ފޯން ބާއްވާފައި އެނބުރިލިއިރު ލަޔާލް ހުރުމުން އޭނާ ކުޑަކޮށް ސިހުނެވެ. އެވަގުތު ނަތާގެ ވާހަކަ ދެކެވުނު އަޑު އަހާފައި ލަޔާލް އަށް ވެސް ހުރެވުނީ މޮޅިވެފައެވެ. އަޒީ އެގޮތަށް ނިންމި ކަމުގައި ވާނަމަ އޭގެ ފަހަތުގައި ވާ ސަބަބަކީ ޚުދު އޭނާއެވެ. "ނަތާ ބޭރަށް ފޮނުވައިލަން ވެގެން މިއުޅެނީ." ލަޔާލްއަށް އަޑު އިވިއްޖެކަން އެނގުމުން އިތުރަށް ސިއްރު ކުރާކަށް އަޒީ ނޫޅެއެވެ. "އެވަރަށް އިތުބާރު ކޮށްފަ އެހާ ލޯބިން ގެންގުޅުނީމަ ނަތާވެސް ދިނީ ކެހި." އަޒީ މޮޅިވެރި ގޮތަކަށް އިސްޖަހައިލަމުން "ނަތާވެސް" އޭ ބުނެ އެއިޝާރާތް ކުރާ ދެވަނަ ފަރާތަކީ އަނީސާކަން ލަޔާލްއަށް ވިސްނުނެވެ. އޭނާ ދޭނެ ޖަވާބެއް ނޭނގިގެން އިސްޖަހާލައިގެން ހުއްޓާ އަޒީ ޖޫސްތަށި ހުސްކޮށްލާފައި ގޮސް ކާކޮޓަރިއަށް ވަދެއްޖެއެވެ. ތުންފަތް ހަފައިލާފައި އެހުރި ގޮތަށް ގޮސް ގޯތިތެރެއަށް އޭނާ ނިކުމެލިއެވެ. ޑްރައިވަރު ކާރުގެ ލޯގަނޑުތައް ފުހެން އޮއްވާ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ހިތަށް އައި ކުއްލި ހިޔާލާއެކު ލަޔާލް ހިނގައިގަނެގެން ގޮސް ހުއްޓުނީ ކާރު ކައިރިއަށެވެ. "ޑްރައިވަރ އަހަރެން ބުނާތާކަށް ހިނގާބަލަ!" ލަޔާލް އާދައިގެ ގޮތަކަށް ބުނެލިއެވެ. ޑްރައިވަރ މަސައްކަތް ހުއްޓާލައިފައި އަވަހަށް ގޮސް ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލަދިނެވެ. ލަޔާލް ގޮސް އިށީނުމާއެކު އޭނާ ކުރިއަށް އަރާފައި އިސާހިތަކު ކާރު ދުއްވާލައިގެން ގޮސް މަގަށް ނިކުމެއްޖެއެވެ. އަޒީ އަނީސާގެ ވާހަކަ ދެއްކި އަޑު އަހާފައި އޭނާ ކުއްލިއަކަށް ބައްޕަ މަތިން ހަނދާންވީއެވެ. ބައްޕަ ނުފެންނަތާ ދުވަސްކޮޅެއް ފަހުން މިއަދު ހަމަ ކުއްލިއަކަށް ބައްދަލު ކޮށްލާ ހިތްވީއެވެ. 

ޑްރައިވަރު އަނބުރާ ގެއަށް ފޮނުވާލައިފައި ލަޔާލް މުޝައްރަފްގެ ގެއަށް ވަދެގެން ދިޔައިރު އެކަކުވެސް ފެންނާކަށް ނެތެވެ. އޭނާ ލިވިންރޫމްގެ މެދުގައި ވަށައިގެން ލޯ ހިންގަން ހުރެފައި ބަދިގެއަށް ބޯ ދިއްކޮށްލިއިރު ނޯކަރު މީހާ ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން އުޅެއެވެ. ލަޔާލް ސުވާލު ކޮށްލުމުން ނޯކަރު ބުނީ އަދި އެކަކުވެސް ހޭލައިގެން ތިރިއަށް ނުފައިބާ ކަމަށެވެ. ލަޔާލް ވިސްނަން ހުރެލާފައި ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. އޭނާ އެގޭގައި ހޭދަ ކުރި މަދު ދުވަސްކޮޅު ނިދި ކޮޓަރި ކައިރިއަށް ގޮސް މަޑުކޮށްލިއިރު ނަސީބަކުން ހުރީ ތަޅު ނުލައެވެ. ލަޔާލް އެކޮޓަރިއަށް ވަދެ ފޮތިގަނޑު ކަހާލައިގެން ހުއްޓެވެ. މަގުގައި ދެކޮޅަށް ދުއްވާ ކާރުތައް އެވަގުތު ވެސް މަންޒިލާ ދިމާއަށް ދަތުރު ކުރަނީއެވެ. އެކަމަކު އޭނާ މިއަދު އެހުރީ ދާނޭ މަންޒިލެއް ނޭނގި ހުއްޓިފައެވެ. މާބަނޑު ވުމަކީ ލަޔާލްއަށް ލިބުނު އެންމެ ބޮޑު އެއް އުފާކަން ޔަޤީނެވެ. އެކަމަކު އެޚަބަރާއި އެކު އޭނާ އަށް ހަތަރު އަނގޮޅިއެއްގެ ކަންމައްޗަށް އައިސް މަޑުކޮށްލެވުނީއެވެ. އަފްލާކްގެ ހަޤީޤަތް އެނގުނު ހިސާބުން ކައިވެނި ރޫޅާލަން ހިތުން ހުރިހާ ނިންމުމެއް ނިންމިއެވެ. އެކަމަކު މިހާރު.....މިހާރު އޭނާ ބަނޑުގައިވާ ދަރިފުޅާއި މެދު ވެސް އެބަ ވިސްނަން ޖެހެއެވެ. 

ލަޔާލްއަށް ވިސްނޭ އެއްޗަކީ އަފްލާކް ފަހަރެއްގައި ވެސް އޭނާ އެދަރިފުޅާއިގެން އެހެން ތާކަށް ދިޔަކަ ނުދޭނެއެވެ. ދެން އޮތީ އޭނާ އެދަރިފުޅާއި ދުރުގައި ހުރުމެވެ. ނޫނެކެވެ. ނޫނެކެވެ. އެހިޔާލުން ވެސް ލަޔާލްއަށް ދެފަރާތަށް ބޯ ހޫރުވާލެވިއްޖެއެވެ. ހުވަފެނެއްގައި ވެސް އޭނާ އެފަދަ އަނިޔާވެރިއަކަށް ނުވާނެއެވެ. އަމިއްލަ ތަޖުރިބާ އޮތީ ފެންނާށެވެ. ވީއިރު އޭނާއަށް ލިބޭ ދަރިއަކަށް އެފަދަ ތަޖުރިބާއެއް ކުރާކަށް އޭނާ ނުޖައްސާނެއެވެ. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް މެއެވެ.

ކުޑަދޮރު ކައިރީގައި ހުންނަތާ އިރުގަނޑެއް ފަހުން ނޭފަތުގައި ވަހެއް ޖެހިލައިފިއެވެ. ލަޔާލް އެނބުރި ބަލައިލިއިރު އަނީސާ ތަބަކުގައި ނާސްތާ ހިފައިގެން އައިސް ވަންނަނީއެވެ. ތަށީގައި އޮތް ބިސްގަނޑުގެ ވަސް އިތުރަށް ގަދަވެގެން ދިޔައީ އެވަގުތުއެވެ. ބަލަހައްޓައިގެން ހުރެފައި ދެފަހަރަކު އެސްފިޔަ ޖަހާލެވުނު ކަމެވެ. ދެން ކުއްލިއަކަށް އަނގަމަތީ އަތް އަޅާލައިގެން ދުވެފައި ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.

އަނީސާއަށް ލޯބޮޑު ކޮށްލެވުނެވެ. އަވަސް އަވަހަށް ތަބައް އެތަނުން ތަނެއްގައި ބަހައްޓާފައި ދުވެފައި ގޮސް ލަޔާލްގެ ފަހަތުން ވަދެއްޖެއެވެ. މުށިގަނޑު މަތީ ދެކަކޫ ޖަހާލައިގެން ލަޔާލް އޯކާދެމިފައި ތިން ފަހަރަށް ހޮޑުލައިފިއެވެ. އޭގެ ފަހުންވެސް އެތަކެއް ފަހަރު އޯކާދެމެވިފައި ބަނޑުގައި އެއްޗެއް ނެތުމުން ހޮޑެއް ނައެވެ. އަނީސާއަށް ފެނުނީ އެހާ އަވަހަށް ވެސް ލަޔާލްގެ މޫނުން ފެންދަމައިލި ތަނެވެ. މުޅި ކުއްޖާ ދާހިއްލާލައި ވަރުބަލިކަން އެމޫނުން ފެންނަން ފެށިއެވެ. އަނީސާ އަވަހަށް ކޮޓަރިއަށް ވަދެފައި ފެންފުޅިއެއް ހިފައިގެން އައިސް ފާޚާނާ ފްލެޝްކޮށްލާފައި ލަޔާލް އަތުގައި ހިފައިގެން ނަގައިފިއެވެ. ފެންފުޅި ދިނުމުން ލަޔާލް އަނގަ ފާޑަކަށް ހަދައިގެން ހުރެގެން ދެކޯވަރެއް ބޯލިއެވެ. "ލަޔާލް ބަލީތަ؟ ކިހިނެއް ވެގެން ހޮޑު ލެވުނީ؟" އަނީސާ ޝައްކެއްގެ މަތީ ހުރެގެން އިތުރަށް އޮޅުން ފިލުވަން ސުވާލު ކުރިއެވެ. "އޮމްލެޓްގެ ވަސް ޖެހުނީމަ މޭބޮޑުކުރީ." ލަޔާލް ކަންބޮޑުވެފައި ހުރެ ޖަވާބުދިނެވެ. އަނީސާ ބަލަން ހުރިގޮތުން އޭނާއަށް އުދަނގޫ ވިއެވެ. އެކަކަށް އެނގުނަސް އެންމެންނަށް އެނގޭނެއެވެ. "އެހެންވިއްޔާ މަޑުކުރޭ. އެތަށި ބޭރަށް ލައިފަ އަންނާނަން." ލަޔާލް ނިކުންނަން އުޅެނިކޮށް އަނީސާ އަތުގައި ހިފާފައި ހުއްޓުވިއެވެ. ލަޔާލް ބޯ ޖަހާލައިގެން ހުއްޓުނެވެ. 

އަނީސާ ނިކުމެފައި ތަބަކުގައި ހުރި ޖޫސްތަށި ނަގާ ބަހައްޓާފައި ދެންހުރި އެއްޗެހި ނެރުނެވެ. އިރުކޮޅަކުން އައިސް ވަދެފައި ކޮޓަރީގައި ހުރި އެއަރ ފްރެޝްނާ ފުޅި ޖަހައި ވަސް ރަނގަޅު ކޮށްލިއެވެ. ލަޔާލްއަށް ގޮވައިލުމުން ފާޚާނާއިން ނިކުމެގެން އައިސް އެނދުގެ މަގަތުގައި އިށީންދެލިއެވެ. "އަފްލާކްއަށް އިނގޭތަ؟" އަނީސާ ކުއްލިއަކަށް ކޮށްލި އެސުވާލުން ލަޔާލް އަށް ތެޅިގަނެވުނެވެ. ދެލޯ ބޮޑުކޮށްގެން އެމޫނަށް ބަލައިލާފައި އޭނާއަށް އިނދެވުނީ ނޭވާވެސް ނުލައެވެ. އަނީސާއަށް އެހާ ފަސޭހައިން އެނގުނީ ކިހިނެއް ހެއްޔެވެ؟ "ކޮ..ކޮންވާހަކައެއް؟"

ލަޔާލް ނޭނގޭކަމަށް ހެދިފައި އަނީސާ ގެނެސް ނަގައި ދިއްކޮށްލި ޖޫސްތަށީގައި ހިފީ ދެފިކުރެއްގައި ހުރެއެވެ. "މަންމައަށް ހީވަނީ ލަޔާލް ބަނޑުބޮޑުހެން.....ދޮގެއްތަ މީ؟" އަނީސާ ކައިރީގައި އިށީންދެފައި އަހައިލުމުން ލަޔާލްއަށް ބަލަން އިނދެވުނީއެވެ. އެހާ ސާފު ބަހުން ސުވާލު ކުރުމުން ދޮގު ހަދަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އެހެން ނޫނަސް އެއީ މިހާރު އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަޤީޤަތެވެ. ދޮގު ހަދައިގެން އޮޅުވާލައިފިނަމަ އެއީ ދަރިފުޅަށްވެސް ދެވޭ ކެއްސެކެވެ. "ޕްލީޒް މަންމާ! އަދި އަފްލާކް ކައިރީ މިވާހަކަ ނުބުނާތި!" ލަޔާލް ޖޫސްތަށި ސައިޑު ޓޭބަލް މަތީ ބަހައްޓާފައި އަނީސާގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. ލަޔާލްގެ އެހަރާކާތުގެ ސަބަބުން އަނީސާގެ ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުން ވެސް ފިލައިގެން ދިޔައެވެ. ހައިރާންވެފައި އޭނާ އިނދެގެން އެމޫނުގެ ކުލަވަރު ދިރާސާ ކުރަން މަސައްކަތް ފެށިއެވެ. "އެއީ ކީއްވެ؟" އަނީސާ ސުވާލު ކޮށްލުމުން ލަޔާލްއަށް ޖަވާބެއް ނުދެވުނެވެ. ދެލޯ މަރާ ބާރު ކޮށްލަމުން އޭނާ އިސްޖަހާލައިގެން އިރުކޮޅަކު އިނދެފައި ލޯ ހުޅުވާލިއެވެ. ދެން ތުންފަތުގައި ދަތް އަޅާލަމުން ދުރު ބަލާލައިފިއެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ؟ 

"ލަޔާލްއަށް އިނގޭތަ.....އަހަރެންވެސް އަފްލާކްއަށް ބަލިވެ އިނދެ އެކަން ސިއްރު ކުރަން މަސައްކަތް ކުރިން." އިރުކޮޅެއްގެ ހިމޭން ކަމަށްފަހު އަނީސާ ވާހަކަ ދެއްކި އަޑަށް ލަޔާލް ބަލައިލިއެވެ. "އެކި މީހުންގެ ވިސްނުން ހުންނާނީ އެކި ގޮތަށް. އަހަރެންގެ ހަޔާތުގެ އެއްވެސް ވާހަކައެއް މީގެ ކުރިންވެސް އެހެން މީހަކަށް ކިޔާދީފައި ނުވަނީ ކޮންމެ ކޮންމެ މީހަކަށް ނުވިސްނޭނެތީ. އަހަރެންނަށް ފުރަތަމަ މުޝައްރަފް ފެނުނުއިރު އެއީ އަޒީގެ އެންމެ ގާތް އެކުވެރިޔާ. 
އެކުވެރިކަމާއި އެއްވަރަށް އެއްބަނޑު އެއްބަފާވަންތަކަން އެދެމީހުންގެ ކިބައިން އޭރު ފެނުނު." އަނީސާ ބުނެލި ވާހަކައިން ލަޔާލް އާޝޯހު ކޮށްލިއެވެ. ޤަބޫލު ނުކުރެވިފައި އޭނާ އިނީ އަނގަ ހުޅުވާލި ގޮތަށް ލައްޕަން ނޭނގިފައެވެ.

"ތެދެއް މީ ލަޔާލް. އަޒީ އޭރުވެސް ނުހަނު ތަނަވަސް. އަޒީއަށް ނުލިބޭ އެއްޗެއް ނޯވޭ. އަދި އެހުރިހާ އެއްޗެއް އަޒީ ޝެއަރ ކުރާ ފަރާތަކީ މުޝައްރަފް. ފެންވަރުގެ ގޮތުން އެހާ ތަފާތު ކަމެއް ހުރި ދެޒުވާނުން އެގޮތަށް އެންމެ ގާތް ދެއެކުވެރިން ފަދައިން އުޅޭތީ ހައިރާން ނުވާ އެކަކުވެސް ނެތް. ޚުދު އަހަރެންވެސް. އަދި ހުރިހާ އެންމެން ތިބޭނީ އަޒީއަށް ހިތް ކިޔާފައި. މުއްސަނދި ކަމާއި އެކު ރީތިކަން ލިބިއްޖެއްޔާ އެއީ ދެން ހުރިހާ ގޮތަކުން އެންމެ ފުރިހަމަ ވީ. އެކަމަކު އަހަރެންނަށް ގަޔާވެވުނީ މުޝައްރަފްއާ. އަދި މުޝައްރަފްގެ ހިތްވެސް ފުރަތަމަ ނަޒަރުން އަހަރެންގެ އެއްޗަކަށް ވެއްޖެ. އަހަރުމެން އެކަކު އަނެކަކާއި ވާހަކަ ދައްކައި ގުޅުން ބަދަހި ވެގެން އައިއިރު އަޒީގެ ހިތުގައި އޮތް އެއްޗެއް ކުޑަކޮށްވެސް ނޭނގޭ. މުޝައްރަފް މަޑުކުރީ ރަނގަޅު ވަގުތެއް އައީމަ އަޒީ ސަޕްރައިޒް ކޮށްލާފަ އަހަރެމެންގެ ގުޅުމުގެ ވާހަކަ ދައްކަން. އޭރު އަޒީ ހިތުލައިގެން އުޅެނީ އަހަރެން އޭނާގެ އަންބަކަށް ހަދަން. ކަންވީ މިހާރުވެސް އެކަން އޮންނަ ގޮތަށް. އަޒީ އެއީ މުޝައްރަފްގެ އެންމެ ގާތް އެކުވެރިޔާ އެކަމަކު މުޝައްރަފް ނިކަމެއްޗަކަށް ވެފަ އަޒީ މުއްސަންޖަކަށް ވުމުން އާޚިރުގައި އަހަރެން ހާސިލް ވީ އަޒީއަށް. މައިންބަފައިންގެ ކުރިމަތީގައި އަހަރެންގެ އެއްވެސް ބާރެއް ނެތް. 

ކައިވެންޏަށް ފަހު މުޝައްރަފް ފުރައިގެން ދިޔައީ ރަށަށް. ކުޑަ ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ ކަމަށް އަހަރެންނަށް ހީކުރެވުނު. މުޝައްރަފް އާއި ދުރުގަ ހުންނަން އަހަރެން ހުރިހާ މަސައްކަތެއް ކުރިން. އެކަމަކު ކާމިޔާބު ވީ ކުޑަ ދުވަސްކޮޅަކު. ކައިވެންޏަށް ފަހު ދުވަސްގަނޑެއް ފަހުން މުޝައްރަފް އަނެއްކާ ވެސް މާލެ އައިސް އަހަރުމެން ގެއަށް އައި. ދެން ހަމަ ވަކިން އުޅެން މިހޭނެނީއޭ ހިތަށް އަރައިގެން ހުއްޓާ އެކަމެއް ހިނގީ. ލަޔާލްއަށް އެނގޭތަ އެދުވަހު މުޝައްރަފް އައިސް ބައްދަލު ކޮށްފައި ދިޔަފަހުން އަހަރެން ކުރި ހުރިހާ ހިތްވަރެއް ވަގުތުން ފެނަށް ވެގެން ދިޔައީ. އަލުން އެހަނދާންތައް ހިތާއި ސިކުނޑި ވަށާލި. ޖެހިގެން އައި ދުވަހާއި ހަމައަށް ސިކުންތެއް ނުދޭ އަހަރެން މުޝައްރަފް ގެ ހިޔާލެއްގައި ނުހުންނަ. އަޒީ އާއިމެދު އުފެދެން ފެށި ކަމަށް ހީކުރެވުނު ގާތްކަން ވެސް ހަމަ އެދުވަހުން އެދުވަހަށް އަލުން ފޫހިކަމަށް ބަދަލުވެގެން ދިޔަ. 

ޖެހިގެން އައި ދުވަހު އަހަރެން އިސްވެ މުޝައްރަފް އާއި ބައްދަލު ކުރީ ބާކީ ހުރި އެހެން ހުރިހާ ކަމެއް ބޮއްސުންލާން ދޫކޮށްލައިފަ. ހިތުގައި ކަނޑައެޅިން ވަރިވާނީއޭ. ހަމައެކަނި މުޝައްރަފްގެ މީހަކަށޭ އަހަރެން ވާނީ. އަޒީއަށް މިބަހުރުއިން ސިޓީއެއްވެސް ލިޔެފަ އަލަމާރީގައި ބާއްވައިފަ ގޮސް އުޅެނިކޮށް ބަނޑުބޮޑުކަން އެނގުނީ. އެހިސާބުން އަހަރެން ބޭނުންވީ އެކަން ސިއްރު ކުރަން. އެކަމަކު ބަނޑުބޮޑުކަން އެނގުނު ހިސާބުން މުޝައްރަފްގެ ހަރަކާތް ތައް ހުރީ އިދިކޮޅަށް. އެދުވަހު އެވަގުތު ހިތަށް ކުރި އަސަރުގައި އޭނާ އެދުނީ ދަރިފުޅަށްޓަކައި އަހަރެން އަލުން އަޒީގެ ކައިރިއަށް ދާން. ވަރަށް ދެރަވި. ދުވަހަކުވެސް ހިއެއް ނުކުރަން މުޝައްރަފް އެހެން ބުނެފާނެ ކަމަކަށް. އެކަމަކު އެދުވަހު ވެސް އަހަރެން ކަންތައް ކުރީ މުޝައްރަފް އެދުނު ގޮތަށް. ވަކިވަމުން އަހަރެން ބުނިން އެކަނި އަހަރެން އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދިޔަކަސް ނުވާނެއޭ. މުޝައްރަފް ވެސް ޖެހޭނެއޭ އަހަރެން މަތިން ހަނދާން ނައްތާލަން. ގެއަށް އައިސް ބެލިއިރު ނަސީބަކުން އަޒީއަށް ސިޓީވެސް ނުފެނޭ. ދެން ހަމަ ކުއްލިއަކަށް ލިބުނީ މުޝައްރަފް ކައިވެނި ކުރި ޚަބަރު. "އަނީސާ އެހިސާބުން މެދުކަނޑާލައިފައި ލަޔާލް އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. 

"އެއީ އަހަރެން މަންމަ." ލަޔާލް ވިސްނަން އިނދެފައި އަނީސާގެ އެހިމޭންކަމުން ދެނެގަނެގެން ބުނެލިއެވެ. 

"ފަހަރެއްގައިވެސް ހިއެއް ނުކުރަން އެއީ އަހަރެންނަށް ސާބިތު ކުރަން މުޝައްރަފް ކުރި ކައިވެންޏެއް ކަމަކަށް. އެގޮތަށް އަންހެނެއްގެ ދިރިއުޅުމާއި ކުޅެލަފާނެ ކަމަކަށް އުންމީދެއް ނުކުރަން. އެކަމަކު އެކައިވެނީގެ ސަބަބުން އަހަރެންނަށް އިތުރު ހިތްވަރެއް ލިބުނު އަޒީ އާއެކު އިތުރަށް ކުރިއަށް ދާން. އަފްލާކް ލިބުމަށް ފަހު އަމިއްލަ އުފާމަތިން ހިނދުކޮޅަކަށް ހަނދާން ނެތުނު. އެތުއްތު މޫނުން ހިނިތުންވުން ދެކެފައި އަހަރެން ހުންނަނީ އުފަލުން. އަފްލާކް އަށްފަހު މަފާޒް އާއި ޔާނިޒް ލިބުނީ އަހަރު ދެކޮޅު. ދެން ނަތާ. ކުދިން ކޮޅު އެއީ އަހަރެންގެ ހިތުގެ ހުސްކަން ފިލުވާލަދިން ސަބަބަކީ. އެކަމަކު......އަހަރެންނަށް ނޭނގުނީ ވަގުތު އައުމުން ހިތުގައި ނިދާފައި އޮތް އިހްސާސްތައް އަލުން ހޭލާނެކަން. ނަތާ އަށް ބަލިވެ އިންދާ އެއްދުވަހަކު މަގުމަތިން ލީޒާ ފެނުނީ އެހެން ފިރިހެނަކާ އެކު. ބަނޑުވެސް ބޮޑު. 

އަހަރެންގެ ކައިރީގައި ހުރި އެކުވެރިއަކު ކައިރީ އަހާލުމުން އެނގުނީ ލީޒާ މުޝައްރަފް އާއި ވަކިވެގެން މާލެ އައިސް އެހެން މީހަކާއި އިނދެގެން އެއީ ބަލިވެ އިން ދެވަނަ ފަހަރު ކަމަށް. ގެއަށް ގޮސް ހިނދުކޮޅަކަށް ވެސް މުޝައްރަފް މަތިން ވިސްނުން ހުއްޓައެއް ނުލެވުނު. ލީޒާ ދޫކޮށްލުމަށް ފަހު މުޝައްރަފް ދިޔަތަނަކާއި ވީ ގޮތެއް އޮޅުން ފިލުވަން ކެތްމަދުވި. އަޒީ ކައިރީ ސުވާލު ކޮށްލުމުން އެނގުނީ ބޭރަށް ކިޔަވަން ދިޔަކަން. އަދި އަޒީއާ ވެސް ކުރިން އޮންނަ ގުޅުން ނެތްކަމަށް އަޒީ ބުނި. ދެން އަހަރެންނަށް މުޝައްރަފް ފެނުނީ ޕާޓީއަކުން. މަތީ ފަންތީގެ ގިނަ ބަޔަކަށް ދައުވަތު ދެވިފައިވާ އެޕާޓީއަށް ދިޔަފަހުން އެނގުނީވެސް އެއީ މުޝައްރަފް އަލަށް އުފެއްދި ކޮމްޕެނީން މުޅިން އާ ދެ ބްރާންޗެއް ލޯންޗް ކުރުމުގެ ރަސްމިއްޔާތުކަން. އެސްފިޔަ ޖަހާލާހައި ހިނދުކޮޅެއް ތެރޭ މުޝައްރަފްގެ ވިޔަފާރި ތަރައްޤީކޮށް އަޒީއަށްވެސް ގޮން ޖަހާލި. އަދި އޭނާ މާލެ އެރިފަހުން ވެސް އަހަރެއްހާ ދުވަސްފަހުން އަހަރެން މަންމަމެން ގެއަށް ގޮސް އުޅުނު ދުވަހެއްގައި އެތަނަށް ގޮސް އިންނަން އެހީ އެމީހުންގެ ކުރިމަތީގައި.

މާކުރިން އަމިއްލަ ނިކަމެތިކަމުން ހާސިލް ނުވި ލޯބި މުއްސަންޖެއްގެ ގޮތުގައި ހާސިލް ކުރަން އެދުވަހު އައީ. އަދި އެއީ އަހަރެންގެ ހިތުގެ ހުސްކަން އަލުން އިހްސާސް ވި ދުވަސް. މައިންވަންތަ ކުލުނާއި ކުދިންގެ އުފާވެރިކަމުގެ އިތުރަށްވެސް އަމިއްލަ އިހްސާސް ތަކަކާއި އަމިއްލަ އުފާތަކެއް ވާކަން އަލުން ޤަބޫލު ކުރެވުނު ދުވަސް. މަންމަމެން ތިބި އެއްޗެއް ނުބުނެވިފަ. އަހަރެން ގެއަށް ދިޔައީ ޖަވާބެއް ނުދީ. އެކަމަކު އެންމެ ފަހުން އަހަރެން ބޭނުންވީ އެތައް އަހަރަކުން ނުވި ކަންތައް ލިބުނު ފުރުސަތުގައި ކާމިޔާބު ކުރަން. އެނގޭ އެދުވަހުގެ އެނިންމުން އަހަރެން ނިންމީ އެކަނި އަމިއްލަ ނަފްސަށް އިހްސާންތެރިވެފައިކަން. ދަރިންވެސް ބޭނުންވި. އަދި މުޝައްރަފް ވެސް. އެކަމަކު އެއްވެސް މީހަކަށް ހުރިހާ އުފަލެއް ނުލިބޭނެ. އަހަރުތަކެއް ވަންދެން އަހަރެން އިޚުތިޔާރު ކުރީ އެކުދިން. އަދި ދެން އޮތް އަހަރުތަކަށް އަހަރެންގެ ހިތް." އަނިސާ ހުރިހާ ވާހަކައެއް ކިޔައިދީފައި ފުން ނޭވައެއް ދޫކޮށްލިއެވެ. 

ލަޔާލް ހިމޭނުން އަނގައިން ނުބުނެވިފައި އިންއިރު އޭނާއަށް ވެސް ކަންތައްތަކެއް އޮޅުން ފިލައިފިއެވެ. ކުރިން ސަހާމާ ވެސް ވަނީ ބައެއް ވާހަކަތައް ކިޔައިދީފައެވެ. މިއަދު އަނެއްކާ އަނީސާގެ ވާހަކަ އަހާފައި އެދުވަހު ލީޒާގެ ހިތަށް ކުރާނެ އަސަރު އިހްސާސް ކުރެވިއްޖެއެވެ. އެމަންމަ އެދުވަހު ކުރި އިހްސާސަކީ މިއަދު އޭނާ ކުރަމުން މިދާ އިހްސާސެވެ. ލޯބީވާ ފަރާތުގެ ހިތް މިލްކު ނުވި ކަމުގެ އިހްސާސެވެ. ހަމައެކަނި އަމިއްލަ މަޤްސަދެއް ހާސިލް ކުރުމަށްޓަކައި އިހްސާސްތަކާއި ކުޅެލި ކަމުގެ އިހްސާސެވެ. އެދުވަހު މަންމަވެސް ބައްޕަ ކުރި ކުށުގެ ސަޒާ ދިނީ ބަނޑުއަޅައި ވިހޭ ދަރިފުޅަށެވެ. ބައްޕަ ދިން ހިތާމައިގެ ބަދަލުގައި މަންމަ އޭނާ ދޫކޮށްލީއެވެ. މިއަދު އޭނާ ވެސް އަފްލާކްގެ ސަބަބުން ތާރީޚު އަނބުރާ އިއާދަ ކުރަންވީ ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. ލަޔާލް އަވަހަށް ކޮޅަށް ތެދުވެއްޖެއެވެ. އަނީސާ ބަލައިލުމުން އޭނާ ދެއަތް ދެއަތާއި އުނގުޅާލަމުން ގޮސް އަނެއްކާ ކުޑަދޮރު ކައިރިއަށް ހުއްޓުނެވެ.

"ކީއްވެ އަހަރެންނަށް ތިހުރިހާ ވާހަކައެއް ކިޔައިދިނީ؟ އެހެން މީހަކަށް އަންޑަސްޓޭންޑް ނުވި ވާހަކައެއް އަހަރެންނަށް ވެދާނެ ކަމަށް ހީކުރެވުނީ ކިހިނެއް؟" ލަޔާލް ބޭރުބަލަން ހުރެގެން ސުވާލު ކުރިއެވެ. ލަޔާލް މިހުރިހާ ވާހަކައެއް މިކިޔައިދިނީ އެއްޗެއް އަންގައިދޭން. ބުނަން މިއުޅެނީ ޖެހޭ ކުޑަ ކުޑަ މައްސަލައަކާއި ހެދި ވަކިވުމުގެ ހިޔާލު ދޫކޮށްލާށޭ. މަންމައަށް ލަޔާލް އަފްލާކް ދެކެ ވަރަށް ލޯބިވާކަން އެނގޭ. އެހެންވެ މިބުނަނީ ވަކިވެގެން ދިޔަސް ދުރަކު ނުހުރެވޭނެއޭ. ލިބޭނީ ހަމައެކަނި ދެރައެކޭ. ލަޔާލްއަށް ވެސް. އަދި ބަނޑުގައި ތި އޮތް ދަރިފުޅަށް ވެސް. ވަކިވާފަހުން އަފްލާކްގެ ހަޔާތަށް އެހެން ކުއްޖަކު އަތުވެއްޖެއްޔާ ދެވަނަ ފަހަރަށް އެފުރުސަތު ވެސް އޮންނާނީ ނުލިބިފަ. މަންމައަށް އެނގޭ އަފްލާކްގެ މިޒާޖު ހުންނަގޮތް. އެދުވަހު މުޝައްރަފް ކަންތައް ކުރިހެން އަފްލާކް ވެސް ފަހަކަށް ނުޖެހޭނެ ލަޔާލްއަށް ދައްކަން އެހެން ކުއްޖަކު ހަޔާތަށް ގެންނާކަށް. އަދި އެކުއްޖަކު ގޮވައިގެން އުމުރު ދުވަހުވެސް ކެތްކޮށްފާނެ އެކަމަކު ލަޔާލް ކައިރިއަކު އަދި އެހެން މީހަކު ކައިރިއަކު ވެސް އާދޭސް ކުރާކަށް އަފްލާކް ނުދާނެ." އަނީސާ އައިސް ލަޔާލްގެ ކޮނޑުގައި އަތް ބާއްވައިލައިގެން ކިޔައިދިނެވެ.

ލަޔާލް އިރުކޮޅެއް ފަހުން އެނބުރިފައި ބައްޕަ ކޮބައިތޯ ސުވާލު ކުރިއެވެ. "އޮފީހަށް ދިޔައީ. ނިކުމެގެން ދިޔަފަހުން ލަޔާލް އައިސް އުޅޭ ވާހަކަ ނޯކަރު ބުނީ." އަނީސާ ޖަވާބުދިނެވެ. ލަޔާލް ގެއަށް ދާންވެއްޖެ ކަމަށް ބުނެ ކޮޓަރިން ނިކުމެގެން ދިޔަ ފަހުން އަނީސާ ގޮސް މޯބައިލް ހޯދައިލިއެވެ. ދެފިކުރެއްގައި ހުރެގެން އޭނާ އަފްލާކްގެ ނަންބަރަށް ގުޅާލިއެވެ. ފޯނު ކަންފަތުގައި ޖެހުމުން ރިންގްގެ އަޑުވެސް ހިތުގެ ތެޅުން އަވަސް ކުރުވިއެވެ. އަފްލާކް ފޯނު ނަގާތަނުން އޭނާއަށް ވާހަކަ ނުދެއްކިދާނެތީ ކަންބޮޑުވިއެވެ. ލަޔާލްގެ ނަން ބުނާއިރަށް އަޑު ނާހައި ކަނޑާވެސް ލަފާނެއެވެ. އެހެން މީހުން ޒާތީ ދިރިއުޅުމަށް ވަންނަން އަފްލާކް ފަހަރެއްގައި ވެސް ބޭނުމެއް ނުވާނެއެވެ. އަމުދުން އޭނާ އެއީ އެފަދައިން ޒާތީ ކަންތަކަށް ފާޑު ކިޔަން އަފްލާކް ބޭނުންވާނެ ފަހު މީހާއެވެ. ކޮންމެ ގޮތެއް ވިއަސް އަނީސާ ހުރީ އަޒުމްގައި ހިފަހައްޓައިގެންނެވެ. އޭނާ ދެއްކި އެހުރިހާ ވާހަކައަށް ފަހުވެސް ލަޔާލްގެ މޫނުން އޭނާއަށް ދޭހަވީ އޭނާ އެދުނު ފަދައިން އަފްލާކްގެ ކައިރީ އެއުފާވެރި ޚަބަރު ނުބުނާނެ ކަމެވެ. އެހެނެއް ކަމަކު އެއީ އަނީސާގެ އުފަން ދަރިފުޅެވެ. އަފްލާކް އަދި ކިތަންމެ ނަފްރަތު ކުރިއަސް ވާން އުޅޭ މާމަ ދަރިފުޅާއެކު ލަޔާލް ފިލައިގެން ދާކަށް އޭނާ ދޫކޮށެއް ނުލާނެއެވެ.

އެނބުރި ގޮސް ލަޔާލް ގެއަށް ވަންއިރު ކާކޮޓަރިން ވާހަކަ ދައްކާ އަޑު އިވެއެވެ. އޭނާ ނިކަން މަޑުން ފިޔަވަޅު ނަގަމުން އެމީހުންނަށް ނުފެނި ދާން އުޅެނިކޮށް ހުރަސް ކަނޑާލިތަން ޔާނިޒްއަށް ފެނިގެން ގޮވައިފިއެވެ. "ލަޔާ! ކެއަރފުލް. ވަރަށް ހީވޭ ޕަނިޝްމެންޓް ރެޑީގަ ހުރިހެން." ޔާނިޒް ލާނެތް ހިނިތުން ވުމަކާ އެކު ބުނެލި ވާހަކަ ލަޔާލްއަށް ދޭހައެއް ނުވިއެވެ. "ދޮންބެ ވަރަށް ހޯދި. ލަޔާގެ ފޯނަށް ގުޅިއިރު ކޮޓަރީގަ އޮތީ. މާމައްޗަށް ނުދަނީސް ޑްރައިވަރު ބުނީމަ ގޮސް ކޮޓަރީގަ ވީ." ލަޔާލް ވާނުވާ ނޭނގިފައި ބަލަން ހުއްޓާ މަފާޒް އޮޅުންފިލުވައިދިނެވެ. "ތީހަމަ ހީވާގޮތް. ލާކް ނުކުރާނެ ޕަނިޝްއެއް. އެއަށްވުރެ މާ ލޯބިވާނެ." ޔަޝާރު އިނދެފައި ހީލަމުން އެދެމީހުންނާއި ދެކޮޅަށް ވާހަކަދެއްކިއެވެ. ލަޔާލް ހައިރާންވީ މަފާޒް އާއި ޔަޝާރު އެހާ ހަމަޖެހިފައި ކައިރީގައި ތިބީމައެވެ. އޭނާ ފުރައިގެން ދާން ތައްޔާރުވެފައި ވަނިކޮށް ދެމީހުން ކުރި ޒުވާބެއްގައި ޔަޝާރު ވަރި ކުރާށޭ ބުނި އަޑެއް ވެސް އޮތީ އިވިފައެވެ. އަދި މަފާޒްވެސް ވަރިކުރަންވީހޭ ކިޔައިގެން ދޫނުކޮށް ވާހަކަ ދައްކާފައިވެއެވެ. އޭނާ އެވާހަކަ އަފްލާކް އާއި ދައްކަން ނިންމައިގެން ހުރެފައި ފަހުން ހަނދާނުން ކައްސާލީއެވެ. މިހާރު ރަނގަޅައްވިއްޔާ މައްސަލަ ހައްލުވެ ދެމީހުން ސުލްހަ ވީއެވެ. 

ކޮޓަރިއާއި ހަމައަށް ގޮސްފައި ކުޑަކޮށް ޖެހިލުންވެ ހުރެގެން ލަޔާލް ދޮރު ހުޅުވާލިއެވެ. އަފްލާކް އެނދުގައި ބަންޑުން އޮތުމުން ހީވަނީ އަދިވެސް ނިދާފައި އޮތްހެންނެވެ. އެކަމަކު އެއީ ހަމައެކަނި ހީވާގޮތެއްކަން ލަޔާލްއަށް އެނގުނެވެ. އޭނާ ސިއްރު ސިއްރުން ދޮރު ކައިރި ކޮށްލާފައި ކުދި ފިޔަވަޅު ތަކެއްގައި އައިސް އެނދު ކައިރިއަށް ހުއްޓުނެވެ. އަފްލާކް އަށް ގޮވައިލަން އުޅެފައި ކަންބޮޑުވެގެން ދެއަތް ދެއަތާއި ގުޅުވާލައިގެން ހުރެވުނެވެ. "ކޮންމެހެން ރުޅި އަންނާނެކަމެއް ނެތް. ރުޅިއައުމުގެ ހައްޤެއް ލާކް އަކަށް ނޯންނާނެ. ރުޅި އަންނަން ޖެހޭނެ މީހަކީ އަހަރެން." ލަޔާލް ވިސްނަން ހުރެފައި ރުޅި އައި ކަމަށް ހެދިގެން ދެބުމަ ގޮށް ޖަހާލިއެވެ. އޭނާ ވާހަކަ ދެއްކި އަޑަށް އަފްލާކް ކުއްލިއަކަށް މަގަތަށް ފުރޮޅިލާފައި ތެދުވެ އެނދުން ތިރިއަށް ދެފައި އެލުވައިލިއެވެ. އަފްލާކް ބަލަން ފެށުމުން ލަޔާލް ހަށަން ބަނދެލާފައި ބަލައިލީ ދުރަށެވެ. "ކާކު ބުނި ވާހަކައެއް ތީ؟ އަހަރެން ނާދޭ ރުޅިއެއް." އަފްލާކް ތެދުވެފައި ކައިރިއަށް ޖެހިލަން އުޅުމުން ލަޔާލް ފަހަތަށް ދެފިޔަވަޅު އަޅައި ދުރަށް ޖެހިއްޖެއެވެ. އެހަރަކާތުން ވެސް އޭނާ ހިތްހަމަ ނުޖެހިފައިވާ ވަރު އަފްލާކްއަށް އަންގަން ބޭނުންވިއެވެ. 

"ކޮބާ އަހަރެން ބުނި ކަންތައް ކުރިންތަ؟" އަފްލާކް އިތުރަށް ކުރިއަށް ނުގޮސް ހުއްޓިފައި އެހިއެވެ. ލަޔާލް ހާސްވެގެން ހަށަން މޮހާލި ހިސާބަކީ އެއީއެވެ. "އާ...ޓެސްޓް ކޮށްފިން." ޖަވާބުދިން އިރު ލަޔާލް އަނެއްކާ ވެސް ހުރީ ހަމަޖެހޭ ގޮތް ދައްކާލައިގެންނެވެ. "ދެން ކޮބާ ރިޒަލްޓް؟" އަފްލާކް އަނެއްކާ ވެސް ސުވާލު ކުރިއެވެ. ލަޔާލް ހީވަނީ އޭނާ ނާހަނީސް އެއްވެސް ވާހަކައެއް ނުބުނާން ހުވާކޮށްގެން ހުރިހެންނެވެ. "ރިޒަލްޓް އައިއިރު ބުނަން ޖެހޭ ވަރު ކަމެއް އޮތިއްޔާ އަހަރެން ބުނާނެއެއްނު. ލާކް އަހަރެންނަށް ޓްރަސްޓެއް ނުކުރަންދޯ؟" ލަޔާލް އަނެއް ފަރާތަށް އެނބުރިފައި ގޮސް ފޯނު ނަގައިގެން ކުޅެން ފެށިއެވެ. އެމޫނުން ކަމެއް ވީ ކަމަށް ވެސް ނުހަދައެވެ. "އޯލްރައިޓް. އައި ޓްރަސްޓް ޔޫ. އެނގޭ ބުނަން ޖެހޭވަރު ކަމެއް އޮތިއްޔާ ލަޔާ ބުނާނެކަން." އަފްލާކް އެހެން ބުނެލާފައި ގޮސް ފަޚާނާ އަށް ވަދެ ދޮރު ލައްޕާލިއިރު ތުންފަތުގައި ލާނެތް ހިނިތުންވުމެއް ވިއެވެ. މޫނު ދޮންނަ ތަށީގައި ދެއަތުން ހިފަހައްޓާލައި ލޯގަނޑަށް ބަލައިލި އިރު ލޮލުގައި އުފާވެރި ކަރުނަތައް ވިދައެވެ. އަނީސާ ގުޅާފައި ދިން ޚަބަރުން އޭނާގެ ހުރިހާ ނާރެއްގައި އުފާވެރިކަމުގެ ރާޅު ދައުރުވާން ފަށައިފިއެވެ. ކަންބޮޑުވެގެން އުޅުނު ހުރިހާ ކަމެއް އިރާދަ ކުރެއްވިއްޔާ ދެން ހައްލު ވެދާނެއެވެ. ލަޔާލް ކިތަންމެ ބޭނުން ނުވިއަސް، ބަނޑުގައި އޮތް ދަރިފުޅުގެ ހައްޤުގައި ވެސް ދެން ޖެހޭނީ އޭނާއެކު ދިރިއުޅޭށެވެ.

މާލެ އައިފަހުން ނަތާ އޮންނަނީ ކޮޓަރިން ނުނިކުމެއެވެ. އަދި އެކޮޓަރިއަށް އިތުރު މީހަކު ވަންނާކަށް ވެސް އޭނާ ހުއްދައެއް ނުދެއެވެ. ރާމިޒާ ކާއެއްޗެހި ހިފައިގެން އައިސް ގޮވަން ފެށުމުން ހިތަށް އަރައިފި ފަހަރަކު ވިއްޔާ ކާއެއްޗެހި ވައްދައިގެން ކައެވެ. އެކަމަކު ގިނައީ ނުކާ ފަހަރެވެ. އަފްލާކް އާއި މަފާޒްގެ އިތުރުން އަޒީވެސް ނަތާ އާއި ވާހަކަ ދައްކަން މަސައްކަތް ކޮށްފިއެވެ. އެކަމަކު ނަތާގެ ޖަވާބަކީ ނޫނެކެވެ. އޭނާ އެތަނުން އެކަކާއި ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ފުރަތަމަ ދެދުވަހު އޭނާ ހުރީ ރާފިލް އާއި ވެސް އެއްވެސް ކޮންޓެކްޓެއް ނުބާއްވައެވެ. ރާފިލް ކަންތައް ކުރިގޮތުން ރާފިލް ދެކެވެސް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ލަޔާލް އަދި ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް ނޫނީ އަފްލާކް އެގުޅުމާއި ނުރުހުނު ކަމުގައި ވިޔަސް އެދެމީހުންގެ ކައިވެންޏަށް ބުރޫ އަރާނެހެން ރާފިލް ހަޤީޤަތް ހާމަ ކޮށްލި ކަމީ އޭނާ މާ ގަބޫލުވި ކަމެއް ނޫނެވެ. ނަތާއަށް ހަމަ ހީވަނީއެވެ. އަފްލާކް އިރެއްގައި އެހެން ބުނެ ކައިވެނި ކުރަން ނިންމި ނަމަވެސް ލަޔާލްދެކެ އަފްލާކް ލޯބިވެއެވެ. އަދި އެވާހަކަ ފާޅު ނުވެ އޮތްނަމަ ފަހަރެއްގައި ވެސް ލަޔާލްއަށް ޝަކުވާ ކުރާނެ ފުރުސަތު އަފްލާކް ނުދޭނެއެވެ. ދެދުވަސް ފަހުން ގުޅާލި ފަހުން ރާފިލް ވެސް އެނބުރި އައިކަން ނަތާއަށް އޮތީ އެނގިފައެވެ. މިހާރު އޭނާ ކަންބޮޑުވަނީ މަގެއްގެ މަތިން ނަމަވެސް އަފްލާކް އާއި ރާފިލް އެކަކު އަނެކަކު ކުރިމައްޗަށް އަރައިފާނެތީ އެވެ.

ބަނޑުބޮޑުވިކަން ސިއްރު ކުރުމަށްޓަކައި ލަޔާލް ހުރީ ހުރިހާ ރާސްތާއެއް އަމިއްލަ ކުރަން ތައްޔާރަށެވެ. އޭނާ އެގޮތް މިގޮތުން އޮޅުންފިލުވި މައުލޫމާތުގެ އެހީ ހޯދަން ފެށިއެވެ. އެއްދުވަހު ހެނދުނު އެނދުން ނުތެދުވެ އޮވެގެން ފާރޮށި ކުޑިތަކެއް ކާން އޮއްވާ އަފްލާކް ފުރޮޅިލުމުން ފުންމައިގެން ތެދުވެ އަވަހަށް ތަށި ސައިޑު ޓޭބަލްގެ ވަތްގަނޑަކަށް ލައި ފޮރުވައިފިއެވެ. ރާމިޒާ ލައްވާ ބާޒާރުން ގަނެގެން ގެނައި ހުތް އަނބުތަކެއް ކާން ކޮޓަރި ތަޅުލައިގެން ހަވީރު އިންދާ އަފްލާކް އައިސް ޓަކި ޖަހާލުމުން ތަށި ބެހެއްޓީ އަލަމާރީގައެވެ. އަފްލާކް ވަދެގެން އައިސް ދޮރު ތަޅުލައިގެން ކުރަނީ ކީއްހޭ އަހާލާއިރަށް ޝައްކު ކުރަނީއޭ ކިޔައި ކުނި މޫނު ދައްކައިފިއެވެ. އަފްލާކް ފާޚާނާއަށް ވަންނަން ދިޔައިރު ފައިދަށުގައި އޮތް އަނބު ތޮށި ކޮޅެއް ފެނިގެން ނަގާފައި ކޯއްޗެއްކަން ދެނެގަތެވެ. "ލަޔާ! މީ ހުތް އަނބު ތޮށި ކޮޅެއް ނޫންތަ؟" އަފްލާކް ހަމަ ގަސްތުގައި ލަޔާލް ތަޅުވާލަންވެގެން އެހިއެވެ. "ނޭނގެ. އަހަރެންނަށް ކިހިނެއް އެނގޭނީ." ލަޔާލް އައިސް ބަލައިލާފައި ވަގުތުން ނޭނގޭ ކަމަށް ހެދިއެވެ. އަފްލާކް ގާތަށް ހިނިއައިސްގެން އަނެއް ފަރާތަށް އެނބުރިފައި ދިއުމުން ލަޔާލް އަނގަމަތީ ދެއަތް އަޅާލައިގެން ކަންބޮޑުވެފައި ހުއްޓެވެ.

އެރޭ ނިދަންވެގެން ލަޔާލް އޮތްވައި އަފްލާކް ތަންކޮޅެއް އަވަހަށް އައިސް ކޮޓަރިއަށް ވަނެވެ. ލަޔާލް އޭރު އަދި ހެދުން ބަދަލު ކޮށްގެން އިނީ ފޯނުން މެސެޖެއް ކިޔާލަން އިށީންދެއެވެ. އެހެން ރޭރޭ އަފްލާކް އަންނައިރަށް ނިދާފައި ކަމަށް ހެދިގެން އޮވެފައި މިރޭ ކެހި ލިބުނީއެވެ. އަފްލާކް ފެންނައިރަށް އޭނާ ކަންބޮޑުވެގެން އަވަހަށް ފޯނު ބާއްވާފައި އެނދުގައި އޮށޯވެއްޖެއެވެ. އަފްލާކް އެކައްޗެއް ވެސް ނުބުނެ އައިސް މަގަތުގައި އޮށޯވެލާފައި އޭނާގެ ކަނދުރާގައި "ފިންގަރ ވޯކް" ޖައްސައިލުމުން ހީލި ކަރުވައިގަނެގެން ތެޅިގަނެވުނެވެ.

ކޮމެންޓް 0