އެލާމް އަޅަން ފެށި ފޯންގެ އަޑާއި އެކު ހޭވަނިވި ލަޔާލް، ކަންނެތް ވެފައިވާ އެސްފިޔަތައް ދުރުކޮށްލިއެވެ. ދޮރު ފޮތިތައް ދަމާފައި ހުންނައިރު އިރުގެ އެންމެ ދޯދި ފަށެއްވެސް ވަދެފައި ނުވާ ކޮޓަރި ތެރެއަށް އަދިވެސް ހީވަނީ ރޭގަނޑު ހެންނެވެ. ލަޔާލް އާ ފުރެމުން ތެދުވެފައި އެނދުން ތިރިއަށް ދެފައި އެލުވައިލި އެވެ. ލައިގެން އޮވެވުނީ އިއްޔެ ހަވީރު ފެންވަރައިގެން ލީ ހެދުމެވެ. އަދި އެންމެ ހައިރާން ވާން ޖެހުނީ އެނދުމަތީގައި އެއްވެސް ބާލީހެއް ނެތީމައެވެ. ޓައިލްސް މަތީގައި އެ ހުރިހާ އެއްޗެއް އުކިފައިވާ ގޮތުން ކުޑަވަރެއްގެ ތޫފާނެއް އައިސްފައިވާ ފަދައެވެ. "އޯހ ކްރެޕް." ލަޔާލް ހައިރާން ކަމާއެކު ކޮޓަރި ތެރެއަށް ބަލަން އިނދެފައި ތެދުވީ ކުއްލި އަކަށެވެ. ދެވަނަ ސިކުންތުގައި ކަންބޮޑުވެގެން ޝަހާދަތް އިނގިލި ދެ ދަތްޕިލަ ދޭތެރޭގައި ފިއްތަން ފެށުނެވެ.
ރޭ އޭނާ އައި ރުޅީގައި ވިސްނާ ނުލައި ހުރެގެން އެކުރީ ކީއް ހެއްޔެވެ؟ ދެން އޭނާ އަފްލާކްގެ ކުރިމައްޗަށް އަރާނެ ގޮތެއްވެސް ހިޔާލަކަށް ނާދެއެވެ. ޔަޤީނެވެ. އަފްލާކް ފަސޭހައިން އެކަން ދޫކޮށްލަން ހިޔާލު ވެސް ނުކުރާނެއެވެ. ކޮންމެވެސް ސިފައެއްގައި އޭނާއަށް އޭގެ އަދަބު ލިބޭނެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އައިސްކޮޅެއް ފަދަ ޓައިލްސް ތަކުން ދެފަޔަށް ކުރި ފިންޏަށްވުރެ ލަޔާލްގެ މޭގަނޑު ފިނި ކުރުވީ އަފްލާކްގެ ހިޔާލު ތަކެވެ. ތިރީގައި ބަހައްޓާފައި ހުރި މަޑު ފައިވާނަށް ދެފައި ކޮށްޕާލައިގެން ގޮސް ފާޚާނާއަށް ވަންފަހުން އަދިވެސް ހުރެވުނީ ދެން ވާނެ ގޮތަކާއި މެދު ވިސްނުމުގައެވެ. ހެނދުނު އާންމުކޮށް ހޫނު ފެނުން ފެންވަރާ ކުއްޖާ މިއަދު ފިނި ފެނުން ފެންވަރާލީ އެތެރެހަށީގައި އުފެދުނު އުދާސްގަނޑު ބޭރުކޮށްލަން ކަންނޭނގެއެވެ.
ނިކުމެ ލަޔާލް ފުރަތަމަ ވެސް ފޮތިތައް ކަހައިލި އެވެ. އިރުގެ ރަން ދޯދިތަކުން ކޮޓަރި ތެރެ ފުރިގެން ދިއުމުން ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ގެނުވައިފިއެވެ. އެނދު ތަންމަތި އެ އޮތް ގޮތަށް ބާއްވާފައި ލަޔާލް ބެލީ އަވަހަށް ތައްޔާރު ވެވޭތޯއެވެ. މިއަދު އޭނާއަށް ވީ ކަމަކީ ގޭގައި އުޅޭ އިތުރު މީހަކަށް ނުފެނި ކޮލެޖަށް ދިއުމެވެ. ދަބަސް ބަލައި ލިޔާ މޭޒު ކައިރިއަށް ޖެހިލާފައި އޭނާ ހައިރާން ވިއެވެ. ދަބަސް މަތީގައި އެ އޮތީ ރިހި ކެވެލި ކޮޅެކެވެ. ލަޔާލް ތުންފަތް ހަފައިލާފައި ކެވެލިކޮޅު ނަގައި އަތްތިލަ މަތީ ބާއްވައިލި އެވެ. ހިތަށް އެރިއެވެ. ރޭ ހަދިޔާ ބަހާފައި މަފާޒް އޭނާއަށް ގެނައި ހަދިޔާ ކަމަށް ވެދާނެ އެވެ. އެކަމަކު ކެވެލިކޮޅު ކޮޓަރި ތެރެއަށް ލީ ކޮންއިރަކު ހެއްޔެވެ؟ އެވާނީ އޭނަ ތިންވަނަ ބުރީގައި ޕިއާނޯ ކުޅެން އިންދާ ކަމަށެވެ.
ވިސްނުމުގައި އިތުރަށް ވަގުތު ބޭކާރު ކުރަން ނުހަދައި ލަޔާލް ދަބަސް ކޮނޑުގައި އަޅުވާލައިގެން ނިކުތެވެ. ސިއްރު ފިޔަވަޅު ތަކެއްގައި އޭނާ ސިޑިން ފައިބައިގެން ދިޔައިރު ނަސީބަކުން އެކަކުވެސް ފެންނާކަށް ނެތެވެ. ބަދިގެ ދޮރު ހުރަސް ކުރިތަނާ ރާމިޒާއަށް ފެނިގެން ސައިބޯން ބުނި ވަގުތުވެސް އޭނާ ސިއްސައިގެން ދިޔައެވެ. ކަންބޮޑުވެފައި އޭނާއަށް ވަށައިގެން ހޯދައިލެވުނީ އަޑު އިވޭ ހިސާބުގައި އަޒީ ނަމަވެސް ހުރިތޯއެވެ. އޭނާ ހަނދާން އެބަހުއްޓެވެ. ރޭ އަފްލާކް ބޮލުގައި ދޮގު އިލްޒާމް އަޅުވާފައި އެނބުރިލި އިރު އަޒީ ހުރީ ކުރިމަތީގައެވެ. އެހެންވެ އޭނާ ބެލީ އަވަހަށް ގޮސް ކޮޓަރިއަށް ދެމިގަނެވޭތޯއެވެ. ފަހުން ޔާނިޒް ވެސް ގޮސް ދޮރުފަތުގައި ޓަކި ޖެހިއެވެ. އެކަމަކު އޭނާ އަފްލާކް ދެކެ އައި ރުޅި ޔާނިޒް އާއި ގޭގެ އެންމެންނަށް އަމާޒް ކޮށްގެން ކޮޓަރި ތެރެއަށް އެރުޅިގަނޑު ބޭލީއެވެ. ފޮތް ނުކިއުނުތާގައި ނިދުނީއެއްވެސް ނޫނެވެ. ހިތްހަމަ ނުޖެހުނު ވަރުން ނިދި ލޮލާއި ރުޅިވި ގޮތަށް އެނބުރި އައީއެއް ނޫނެވެ. ހީވާގޮތުން އޭނާއަށް ނިދުނު އިރު ދޭއްވެސް ޖަހައިފާނެއެވެ.
ލަޔާލް ހަމަޖެހިގެން ނޭވައެއް ލީ ވެސް ގޭޓުން ނިކުމެވުނީމައެވެ. ހަމްދު އަޅާފައި މަޑުމަޑުން ހިތާއި ދިމާލު މޭގައި އޭނާ ފިރުމައިލިއެވެ. އެވަރުންވެސް ހިނގުމަށް ލަސް ކަމެއް ނުގެނެސް ދެން ކޮލެޖާއި ދިމާއަށް މިސްރާބު ޖަހައިފި އެވެ.
ސައި ގަޑީގައި ލަޔާލް ފެންނަން ނެތިގެން އަޒީ ސުވާލު ކުރިމަތި ކުރިއެވެ. ލަޔާލް މާ ހެނދުނަކާ ނިކުމެގެން ދިޔަ ވާހަކަ ބުނުމުން މަފާޒްއަށް ބަލައިލެވުނީ އަފްލާކްގެ މޫނަށެވެ. ކައިރީގައި މަފާޒްގެ އަންހެނުން ޔަޝާރު ހިމޭން ކަމާއިއެކު ސައިބޯން އިނެވެ. ޔަޝާރު ހަނީމޫން ނިންމާފައި އައިސް އަނެއްކާ ވެސް ވަޒީފާއަށް ދާން ފެށީއެވެ. އަނބިމީހާ އެހާ ވަރަށް ލޯބިކުރާ މަސައްކަތާއި ދުރު ކުރާކަށް މަފާޒް ވެސް ކޮންމެހެން ބާރެއް ނާޅައެވެ. އިރުކޮޅަކުން އަޒީ ލުއި ހުނުމެއްގެ އަޑު ބޭރު ކޮށްލުމުން ދެ ފިރިހެން ދަރިންގެ ނަޒަރު އެމޫނަށް ހުއްޓޭ ގޮތް ވިއެވެ. "ކިހިނެއްވީ ބައްޕާ؟" ޔަޝާރު އިސް އުފުލައިލާފައި ސުވާލު ކުރިއެވެ.
"ބައްޕަ ހަމަ ހައިރާންވި ލަޔާލް ކަންތައް ކުރި ގޮތުން. އެއްގޮތަކަށްވެސް ހިއެއް ނުކުރަން އެކުއްޖާގެ އެހާ ހިތްވަރެއް ހުރެދާނެ ކަމަށް." އަޒީ ދެއްކީ ރޭގެ ވާހަކައެވެ. "ލަޔާލް ބަލައިލި ތަނާ އަހަރެމެންނަށް ހެވުނީމަ އޭނަ ރުޅިއައީ. ހީވީ ކަންނޭނގެ މަލާމާތް ކުރީއޭ." މަފާޒްވެސް އެހުނުމުގައި ބައިވެރިވި އެވެ. ވާނުވާ ނޭނގިފައި އިނީ ޔަޝާރު އެވެ. "ހިތްވަރުގަދަކަން އެނގިއްޖެއެއްނު. ހެނދުނު އެންމެން ނުތެދުވަނީސް ކޮލެޖަށްވެސް ދިޔައީ ފިލައިގެން." އެހުރިހާއިރު ހިމޭނުން އިން އަފްލާކްގެ ތުންފަތް މަތީގައި ކުޅެލީ ފަތަޚައިގެ ހިނިތުން ވުމެކެވެ. ލަޔާލް ކުރެވުނު ކަންތަކާއި މެދު ލަދުވެތި ވެއްޖެކަން އެނގުމުން އޭނާއަށް ކާމިޔާބު ލިބިއްޖެއެވެ. ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކު އޭނާ އާއި ދެކޮޅަށް ތެދުވެ ބަސް ބުނީ ރޭގައެވެ. ކުޑަ ހިނދުކޮޅަކަށް ޚުދު އޭނާވެސް ހައިރާން ކަމުގައި އިނެވެ. އެކަމަކު މިހާރު އެކުށްހީ ދުރުވެއްޖެއެވެ. އެއީ ރުޅިއޭ މިކިޔާ ޖަޒްބާތުގައި ޖެހިގެން ކުރެވުނު ކަމެކެވެ. ކެރި ހުރެގެން ހިންގި އަމަލެއް ނޫނެވެ.
ބްރޭކް ގަޑީގައި ލަޔާލް ވަނީ ކޮލެޖް ކެންޓީނަށެވެ. އަދިވެސް އޭނާގެ ހިޔާލުތައް ގުޅިފައި ހުރީ އަފްލާކް އާއެވެ. އެހެންވެ ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. އައިސްކޮފީ އަކަށް އޯޑަރ ދީފައި އޭނާ މޯބައިލް ނަގައިގެން އިންބޮކްސްގައި ހުރި މެސެޖްތައް ކިޔަން ފެށިއެވެ. ރަށުން އައި ފަހުން ކުޑަ މަންމަގެ ދެ ފިރިހެން ކުދީން އެކި ފަހަރު މަތިން ފޮނުވާފައިވާ މެސެޖްތައް ފެނިފައި ހިތަށް ހިސާބެއްގެ އުފަލެއް ލިބުނެވެ. އިރުކޮޅެއް ފަހުން އިތުރު ކުއްޖަކު އައިސް އިށީންދެފައި ދެއްކީ އާ މުދައްރިސަކު ކިޔަވައިދޭން އަންނަ ވާހަކައެވެ. ލަޔާލް އެވާހަކަ އަކާއި މާ ގަޔައެއް ނުވިއެވެ. މިއަދު އޭނާ ކިޔެވުން ދެކެވެސް ފޫހި ވެފައިވާ ދުވަހެކެވެ. "އަފްލާކް" އޭ ކިއުނު ފިރިހެނާގެ ހިޔާލުތައް ކަޅުވިލާގަނޑެއްހެން ބޯމަތިވެފައެވެ. "އެއީ ތެދެއް ލަޔާ އުޅެނީ ޑެއިޒީ ގޭގަތަ؟" ހުސްނާ އިނދެފައި ސުވާލު ކުރިއެވެ. ލަޔާލް ފަރުވާ ކުޑަ ގޮތަކަށް ހޫމ އަޅުވައިލާފައި ވޭޓަރ ގެނެސްދިން ކޮފީތަށި ބޯން ފަށައިފިއެވެ.
"އަޅޭ... ލަޔާ ހާދަ ލަކީއޭ. ޑެއިޒީ ބްރަދާރސްގެ ތެރޭގައި އެގޭގައި.... އިރު އަރާފަ އޮއްސޭ ގޮތްވެސް ނޭނގެ ދޯ." ލަޔާލް އެކުވެރިޔާ މޭގައި އަތް އަޅައިގެން އިނދެ ތަން މިނަށް ހިނިތުންވެފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. "ލޮލަށް ފެންނަ އެއްޗަކީ ހަޤީޤަތެއް ނޫން." ލަޔާލްގެ ޖަވާބަކީ އެއީއެވެ. "ތިބުނީ؟" ހުސްނާ ލޯ ބޮޑުކޮށްލިއެވެ. "ވިދާހާ އެއްޗަކީ ރަނެއް ނޫނޭ." ލަޔާލް އަނެއްކާވެސް ވާހަކަ ދެއްކީ ނުސީދާ ބަހުންނެވެ. އެވަގުތު ހުސްނާގެ މޯބައިލަށް މެސެޖެއް އައިސްގެން ތެދުވީ ނަސީބޭ ލަޔާލް ހިތަށް އެރިއެވެ. އޭނާ އުޅޭ ގޭ މީހުންގެ ވާހަކަ ދުރު މީހުންގެ ކައިރީ ކިޔާކަށް އެއް ގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ހުސްނާގެ ހިޔާލު އެހުރީ މުޅިން އިދިކޮޅަށެވެ.
"ބިލް ދައްކައިފި." ލަޔާލް ވޭޓަރަށް ފައިސާ ހަވާލު ކުރަން އުޅެން ފެށުމުން ލިބުނު ޖަވާބު އޭނާ ސިއްސުވައިލި އެވެ. "ކާކު ދެއްކީ؟" ލަޔާލް ސުވާލު ކުރިއެވެ. "އަހަރެން ދެއްކީ." ދާދި ކައިރިން އަޑު އިވިގެން ބަލައިލި އިރު މަފާޒް ހުރީ ހިނިތުންވެފައެވެ. "މިތާ އިށީންނަންތަ؟" ލަޔާލް އެއްޗެއް ނުބުނެ އިސްޖަހައިލުމުން މަފާޒް އެހިއެވެ. ލަޔާލް ހަމައެކަނި ބޯ ޖަހައިލާފައި އިނީ ފާޑަކަށް އަނގަ ސަކަރާތްވެފައެވެ. "ކޮފީއަކަށް ދަރަނިވެރި ވެފަ އޮތީމަ ބިލް ދައްކައިދިނީ." މަފާޒް ބުނެލިއެވެ. އެވަގުތު ކެންޓީނުގައި ތިބި ގިނަ އަދަދެއްގެ ކުދިންގެ ނަޒަރު އެމޭޒަށް ހުއްޓިގެން ދިޔައެވެ. ބޭރަށް ނިކުމެފައި އައި ހުސްނާވެސް މަފާޒް ފެނިގެން އަންނަން ނުކެރިފައި އެކަމަކު ދުރުގައި ހުރެ ކަޅި ޖަހައި ނުލައި ބަލަން ފެށިއެވެ. "ރޭގައި ވީ ކަންތަކާއި ރުޅިންތަ އަދިވެސް ތި އިންނަނީ. ލަޔާލްއަށް ހާޓް ކުރެވުނު ކަމަށް ވަންޏާ ސޮރީ." މަފާޒް ބަލަން އިނީ ލަޔާލްގެ މޫނަށެވެ. ލަޔާލް އެވަރުންވެސް ޖަވާބެއް ނުދެއެވެ.
"ބޭނުންތަ އަހަރެން ދެއްކީ ކޮން ވާހަކައެއް ކަން އޮޅުން ފިލުވަން؟" މަފާޒް އިތުރަށް ބުނެލިއެވެ. އެވަގުތު ލަޔާލް ކުއްލި އަކަށް އިސް އުފުލައިލުމުން މަފާޒްއަށް ޖަވާބު ލިބުނެވެ. އެލޮލުން އެކަނިވެސް ޝައުޤުވެރިކަން ފައުޅުވިއެވެ. "ލަޔާ ހިކިކަމުން އަހަރެން ހިތަށް އެރި އެއްޗެއް ދޮންބެ ކައިރީ ބުނީ. އަހަރެން ބުނީ ލަޔާ ގައިގަ ހަގްކޮށްލިއަސް ފީލްއެއްވެސް ނުވާނެއޭ ހިކި ކަމުން އިލޮއްޓެއް ހެނޭ ހީވަނީ." މަފާޒްގެ ވާހަކަ ނިމުނު އިރު ލަޔާލް އިނީ އަނގަ ހުޅުވިފައެވެ. ލަޔާލް ހިތަށް އެރިއެވެ. އަފްލާކް އެއޮތް ސީރިއަސް މީހާ ހިނިއައީ އެހެންވެ ހެއްޔެވެ؟ ގަބޫލެއްވެސް ނުކުރެވެއެވެ. "އެހެންވެ އަހަރެން އެޑްވައިސް އެއް މިދެނީ ދެންވެސް ކައިގެން ކުޑަކޮށް ފަލަވެލަން އުޅޭ. އެހެންނޫނީ ބޯއިފްރެންޑް އެކުގައި އުޅޭނީ ދެދުވަސް ވާންދެން." މަފާޒް ލުއި ހުނުމުގެ އަޑާއެކު ލަޔާލްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލި އެވެ. ލަޔާލް ގާތަށްވެސް ހިނިއައީ އެހިސާބުންނެވެ. ސިފައިގެ ގޮތުން އަދި އަފްލާކް އާއި ބޮޑަށް ވައްތަރު ވިއަސް މިޒާޖު ބޮޑަށް ގުޅެނީ ޔާނިޒް އާއޭ އޭނާ ހިތަށް އެރިއެވެ.
"އިޓްސް އޯކޭ." ލަޔާލް ހިނިގަނޑު މައިތިރި ކޮށްފައި ބުނެލިއެވެ. "ދެޓްސް މައި ގާރލް." މަފާޒް ތެދުވީ އަތު ކުރީގައި އޮތް ގަޑިއަށް ނަޒަރެއް ދީފައެވެ. މަފާޒް ދާން އުޅެފައި އޭނާ އެތަނަށް އައި ސަބަބު ބުނެދިނެވެ. އެހިސާބުން ލަޔާލް އަށް އެނގުނީ ހުސްނާ އެބުނި މުދައްރިސަކީ ޔަޝާރު ކަމެވެ. ޔަޝާރު މަފާޒް އާއި އިނުމުގެ ކުރީން ހެލްތް މިނިސްޓްރީގެ މަތީ މަޤާމެއްގައި ހުރިއިރުވެސް ކޮލެޖަށް ކުލާސް ނަގައިދޭން ދިޔައެވެ. ފަހުން މަފާޒް އާއި އިން ފަހުން މިނިސްޓްރީގެ ވަޒީފާ ދޫކޮށްލާފަވެސް ކިޔަވައިދޭން އޭނާ ބޭނުންވީއެވެ.
ލަޔާލް ހަވީރު ގެއަށް ގޮސް ވަންއިރު ލިވިންރޫމް ސޯފާތަކުގައި އަފްލާކް އާއި އިތުރު ޒުވާނަކު އިނެވެ. "ޔާޝް!" އެޒުވާނާއަށް ލަޔާލްގެ ފިޔަވަޅު އަޑު އިވިގެން ތެދުވެ ބަލައިލާފައި ލަޔާލް ފެނުމުން "އޯހ" އޭ ބުނެލައިފިއެވެ. "އަހަރެންގެ ކޮއްކޮ ޔާޝްއެއް ނޫންދޯ." ރާފިލްގެ ވާހަކައިން އަފްލާކްވެސް އެދިމާއަށް ބަލައިލައިފި އެވެ. އެވަގުތު ލަޔާލްގެ ހަތަރެސްފައި ފިނިވެގެން ދިއުމުން ހިނގަންވެސް އުދަނގޫވިއެވެ. އެމޫނު ރަތްވެ ލޭކޮޅަކަށް ވިތަން ރާފިލްއަށްވެސް ފެންނާނެއެވެ. "ޕްރިޓީ ގާރލް." ލަޔާލް ގޮސް ސިޑިން އަރަން ފެށުމުން ރާފިލް އިށީންދެފައި އަދިވެސް ލަޔާލްއަށް ބަލަމުން ބުނެލިއެވެ. އަފްލާކް ނޫން ކަމަށް ހެދިފައި ބަލަހައްޓައިގެން އިނީ ޓީވީގެ ސްކްރީނަށެވެ. "އޭނަ ހާދަ ވަރަކަށް ބްލަޝް ވެގެންނޭ އެދިޔައީ." ރާފިލް ދެންވެސް ބުނެލީ ލަޔާލްގެ ވާހަކައެކެވެ. "ލާކް! އާ ޔޫ އިވެން ލިސަނިން؟" އަފްލާކްގެ އެ އަޅާލުން ކުޑަކަން ރާފިލްގެ ސަމާލުކަމަށް އައެވެ. "ކީކޭތަ ތި ކިޔަނީ؟" އަފްލާކް އަތުގައި އޮތް ގޭމް އަތްގަނޑު އުނގުމަތީ ބާއްވައިލަމުން ރާފިލްއަށް ނަޒަރެއް ދިނެވެ. "އަޅާނުލާ." ދޮރުމަތިން ފިޔަވަޅުގެ އަޑު އިވިފައި މަފާޒް އާއި ޔަޝާރު ދައްކައިލުމުން ރާފިލް އެވާހަކަ މެދުކަނޑާލިއެވެ.
ލަޔާލް ދަމުން ކައިރި ކޮށްލިއިރު ނަތާ އުޅެނީ އަލަމާރި އެކަށް ޓައިލްސް މައްޗަށް އަޅާލައިގެންނެވެ. "މާތްކަލާކޯ! ތޫފާނެއް އައިއްސާތަ؟" ލަޔާލްއަށް ކުޑަކޮށް ހެވުނެވެ. "މިއުޅެނީ ލާން ކަމުދާ ހެދުމެއް ނުފެނިގެން." ނަތާ ދޮރާއި ދިމާއަށް ބަލައިވެސް ނުލައި ހެދުންތައް ހާވަމުން ދިޔައެވެ. "ހާއްސަ ދުވަހަކީތަ؟" ލަޔާލް އޮޅުން ފިލުވާ ހިތްވިއެވެ. އޭނާ އެތެރެއަށް ވަދެގެން އައިސް ދަބަހާއި ފޮތްތައް އެނދު މަތީ ބަހައްޓައިގެން މަގަތުގައި އިށީންދެލިއެވެ. "ނޫން." ނަތާ ބުނަން އުޅެފައިވެސް ހިޔާލު ބަދަލުވެގެން އޮޅުވައިލިއެވެ. ލަޔާލް އެގެއަށް އައިތާ ގިނަ ދުވަހެއް އަދި ނުވާއިރު އެއީ އިތުބާރު ހިފޭ ކަހަލަ ކުއްޖެއްތޯވެސް ބަލަން ޖެހެއެވެ.
ނަތާ ރީތި ވެލައިގެން ތިރިއަށް ފޭބިއިރު ހިތުގައި އޮތީ އެންމެ އެދުމެކެވެ. އެކަހެރި ގޮތެއްގައި ރާފިލް އާއި ވާހަކަ ދައްކައިލުމެވެ. ސައި ގަޑީގައި ރާފިލްގެ ބައިވެރިވުން އެ މާހައުލަށް އިތުރު އުފާވެރި ކަމެއް ގެނެސް ދިނެވެ. ލަޔާލްވެސް ނުފައިބަން އުޅެފައި އަޒީ ބަލައި ފޮނުވުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ. ނަސީބަކުން އޭނާއަށް އިންނަން ޖެހުނީވެސް އަފްލާކް އާއި އެންމެ ދުރުގައެވެ. ކުލާސް ތެރެއިން ބައްދަލުވެ ވާހަކަ ދެކެފައި ވުމުން ޔަޝާރުގެ އެކުވެރިކަން ލަޔާލްއަށް ލިބެން ފެށީވެސް އެހިސާބުންނެވެ. ޔަޝާރުވެސް އެގޭގެ އެހެން މީހުން ފަދައިން ހިތްހެޔޮ ވެފައި އެކުވެރިއެވެ.
ނަތާ ބޭނުންވި ފަދަ ފުރުސަތެއް ނުލިބިގެން މޫޑް ހަރާބު ވެފައި ހުއްޓާ ރާފިލް ގެއަށް ދާން ނިކުތީ އެކަންޏެވެ. އޭރު އިރުއޮއްސެން ކައިރިވެފައި ވުމުން އަނދިރިކަން ވެރިވާން ފަށާފައި ވެއެވެ. ރާފިލް އަށް ގޭޓާއި ހަމައަށް ދެވުނު ތަނާ ނަތާ ދުވެފައި ދަމުން ގޮވައިލިއެވެ. "ސަރ! ޕްލީޒް ގިމް މީ އެ ސެކް. އެއްޗެއް އަހައިލަން." ނަތާ ހުއްޓިފައި މައި ނޭވާ ލަމުން ވާހަކަ ދެއްކިއެވެ. އެއިސްތަށިގަނޑު ވެސް ހޭވި މޫނު މައްޗަށް އިސްތަށިތައް ފައިބައި ގަތެވެ. އެހާމެ އަވަހަށް ދޮން ނިއްކުރީގައި މުތީހެން ބަރި ޖަހައިލީ ދާ ތިކިތަކެވެ. "އަހާބަލަ!" ރާފިލް ގޭޓުގެ ތޭރިއެއްގައި އެއް އަތުން ހިފަހައްޓާލައިފައި ހުއްޓިލި ގޮތް ނުހަނު ހިތްގައިމެވެ. އެދެލޯ މޫނަށް އަމާޒުވެގެން ދިއުމުން ނަތާއަށް ވާހަކަ ދައްކަންވެސް އުދަނގޫވިއެވެ. "ޕޭރެންޓް މީޓިންގައި އަޅުގަނޑުގެ ބިހޭވިއަރ ހުންނަ ގޮތުގެ ވާހަކަ ނަންނުގަތީ ކީއްވެތޯ؟" ނަތާ ސީދާ މައުޟޫއަށް ދިޔައެވެ. އެވަގުތު ރާފިލްގެ މޫނުން ހިނިތުންވުމެއް ފައުޅުވެގެން ދިޔައެވެ.
"އެއީ ނަތާއަށް ދިން ސެކަންޑް ޗާންސެއް ކަމުގައި ބަލާ. އުންމީދު ކުރަން އޭގެ ނަތީޖާ ފެނިގެންދާނެ ކަމަށް." ރާފިލް ޖަވާބު ދީފައި އެނބުރި ލުމުން ނަތާ ހުރީ ހައިރާންވެފައެވެ. އުފާވެސް ވިއެވެ. ރާފިލް އޭނާ އާމެދު އެރޮނގުން ނަމަވެސް ހާއްސަ ކަމެއް ބެހެއްޓީތީ ހިތްހަމަ ޖެހުނެވެ. "ތޭންކްސް." ރާފިލް ގޮސް މަގުގެ އަނެއް ފަޅީފައި ހުރި ސައިކަލަށް އެރި ފަހުން ނަތާ ގޮވައިލިއެވެ. އެސައިކަލު ދުއްވައިލި ފަހުން އޭނާ އެތެރެއަށް ވަންނަން ދިޔައިރު ސިކުނޑީގައި އެނބުރެމުން ދިޔައީ އަދި މުޅިން އާ ހިޔާލެކެވެ.
ސައި ގަޑީގައި ޔާނިޒްގެ ޚަބަރެއް ނުވި ތާގައި އިރު އޮއްސުނު އިރުވެސް ލޮލަކަށް ނުފެނުނެވެ. ލަޔާލް އެހެންވެ އެކޮޓަރިއަށް ދިޔައީ ޔާނިޒް ކޮބައިތޯ ބަލަން ވެގެންނެވެ. ސޯފާގައި ދިގު ދެމިލައިގެން އިގިރޭސި ވާހަކަ ފޮތެއް ކިޔަން އޮތް ޔާނިޒް ފެނިފައި ލަޔާލްއަށް ވަގުތުން ހީގަނެވިއްޖެއެވެ. "މޫނު ދައްކައި ނުލައި އޮވެގެން ތީ ތަ ކުރި ކަމަކީ؟" ލަޔާލް ގޮސް ޔާނިޒް ފައި ކުޑަކޮށް ބިތްދޮށަށް ޖައްސާލައިފައި މަގަތުގައި އިށީނެވެ. "457 ސަފްހާ އެއް ކަމަކު ނުކިޔާ ވަރުގެ ވާހަކައެއް ނޫން މީ." ޔާނިޒް ތެދުވެ އިށީންދެފައި ލަޔާލް އަތަށް ފޮތް ދިނެވެ. "ނިމުނީ؟" ލަޔާލް ނިތް އަރުވާލައިފައި ގަނޑު އުކައިލިއެވެ. ޔާނިޒް ބޯ ޖަހައިލިއެވެ. "ދެން ބުނެބަލަ ކީއްވެތަ އެވަރަކުން މި ވާހަކަ ތިކިޔާ ނިންމާލީ؟ ކިހިނެއް ވަނީ މީގަ؟" ލަޔާލް އިތުރަށް ސުވާލު ކުރިއެވެ. "ތީ އިނގޭ ވާހަކަ އަކީ. ހަމަ މުޅިންވެސް ރޮމޭންސް އެން ސެކްސް. އަދި އެހާ ޑީޓެއިލް ކޮށް ސިފަކޮށްލާފަ ހުންނަނީ... އާވްވްވްވްވް...." ޔާނިޒް ތެދުވެގެން ގޮސް ފެން ފުޅިން ކޯވަރެއް ބޯލާފައި ލަޔާލް ބަލައިލުމުން އެއްލޯ މަރައިލިއެވެ.
"ދެން ފާޚާނާއަށް ވަންނާކަށް ނުޖެހޭތަ؟" ލަޔާލް ކޮށްލި ސުވާލުން ޔާނިޒް ކޮށި ނާރައި ދިޔައީވެސް ކިރިޔާއެވެ. "އިނޮސެންޓް ސިފައެއްގަ ހުއްޓަސް ހަމަ ޑެވިލްއެއް ތީ." ޔާނިޒް ދެފަރާތަށް ބޯ ހޫރައިލީ ލަޔާލްގެ ވާހަކަ އިވިފައެވެ. ލަޔާލް ހީހީފައި ފޯނު ރިންގް ވާން ފެށުމުން ސްކްރީނަށް ބަލައިލި އެވެ. ދެވަނަ ސިކުންތުގައި އެމޫނުގެ ކުލައަށް ހިސާބެއްގެ ބަދަލެއް އަތުވެއްޖެއެވެ. ފޮތް ސޯފާއަށް ދޫކޮށްލައިފައި އޭނާ ނިކުތީ ފޯން ކަންފަތުގައި ޖަހާލައިގެން ބޭރަށެވެ.
ލަޔާލް ވާހަކަ ދައްކަމުން ސިޑިން ފައިބައިގެން ތިރިއަށް ދިޔައިރު ވަށައިގެން ހޯދިއެވެ. އެކަކުވެސް ފެންނަން ނެތުމުން އޭނާ ހިތްހަމަ ޖެހިފައި ނިކުމެގެން ދިޔައީ ގޭޓާއި ދިމާއަށެވެ. އެވަގުތު ލަޔާލް ގޮސް ގޭޓު ކައިރިއަށް ހުއްޓިފައި ފަސްއެނބުރި ވަގެއް ހެން އަދި އެއްފަހަރު ހޯދައިލިއެވެ. ބޭރަށް ދާންވެގެން ނިކުމެ ކާރަށް އަރައި އިން އަފްލާކްގެ ލޮލުގައި މި މަންޒަރު އަޅައި ގަތުމުން ކާރުގެ ބޮކި ނިވާލައިފައި އިނީ ލަޔާލް ކުރާ ކަމެއް ބަލަން ވެގެންނެވެ. އިރުކޮޅަކުން ސައިކަލެއްގައި އައިސް މަޑުކޮށްލީ ޒުވާން ފިރިހެނެކެވެ. ލަޔާލް ގޭޓުން ނިކުމެފައި ޒުވާނާގެ ކައިރިއަށް ހުއްޓި ދެމީހުންގެ މެދުގައި ކޮންމެވެސް ވާހަކައެއް ދެކެވުނު ތަން ފެނުނެވެ. ދެން ޒުވާނާ ކޮނޑުގައި އަޅުވާފައި އޮތް ދަބަހުން ކޮންމެވެސް ކަރުދާސްކޮޅެއް ނަގައި ދީފައި ވަކިވެގެން ދިޔައީއެވެ. އެހިސާބުން ލަޔާލްވެސް ގެއަށް ވަންނަން ވެގެން އެނބުރިފައި ހިނގައިގަތެވެ.
ލަޔާލް އަތުގައި އޮތް ކަރުދާސް ކޮޅުގައިވާ އެއްޗަކަށް ބަލާލައިފައި ކޮށްޕާލީ ޖިންސްގެ ޖީބަށެވެ. އަދި ހަމަޖެހުމާއެކު ގެއަށް ވަންނަން ދިޔައެވެ. ވަކި ހިސާބަކަށް އޭނާއަށް ދެވުނު ތަނާ ގަރާޖުގައި އޮތް ކަޅު އެސްޔޫވީގެ ހެޑްލައިޓް ދިއްލިގެން ދިއުމުން ސިއްސައިގެން ގޮއްސައި ފަހަތަށް ދެ ފިޔަވަޅު އެޅުނެވެ. އެތެރޭގައި ހުރި މީހަކަށް އޭނާ ކުރި ކަންތައް ފެންނާނޭ ހިތަށް އަރައި އޭނާގެ ހިތް ނެގި ނެގިފައި ޖެހެން ފެށިއެވެ. އެވަގުތު ކާރު އައިސް ކުރިމައްޗަށް ހުއްޓާފައި އަފްލާކް ނިކުމެއްޖެއެވެ. ހީވީ ފެނުނުކަން އަންގާލަން ވެގެން ކުރި ކަމެއް ހެންނެވެ. އަދި އެމޫނުން ބޮޑާކަމާއި ރުޅިވެރިކަން ލަޔާލްއަށް ފާހަގަވިއެވެ.