ލަޔާލް ކުރާނެ ކަމެއް ނޭނގިގެން ވިސްނައިލާފައި ކުއްލި އަކަށް ކޮޅަށް ތެދުވެއްޖެއެވެ. އަފްލާކް ބަލަހައްޓައިގެން އިނުމުން ކަރުހިއްކައި ގަނެއްޖެއޭ ބުނެފައި އަވަހަށް ބެލީ ކުރިމަތިން ދުރަށް ދެވޭތޯއެވެ. ބަދިގެއަށް ވަންނަން ދިޔައިރު ދެފައި ނޯޅި ހުންނާނެ އެކޭވެސް ހިތެއް ނުބުނެއެވެ. ނަސީބަކުން ހީކުރި ގޮތަކަށް ނުވިއެވެ. އެކަމަކު އެތެރެއަށް ދެމިގަނެފައި އޭނާ ފުރަތަމަ ވެސް މޭޒުގައި ހިފަހައްޓާލައިގެން ހުއްޓެވުނެވެ. އަދިވެސް ހީވަނީ އަފްލާކް ކުރިމަތީގައި ބަލަހައްޓައިގެން ހުރި ހެންނެވެ. ދެއަތުން މޫނު ފޮރުވާލައިގެން އިރުކޮޅަކު ހުރެފައި ޖެހިލީ ފްރިޖް ކައިރި އަށެވެ. ފެންފުޅިއެއް ނަގައިގެން ތައްޓަކަށް އަޅާފައި އަދިވެސް ރަކިވެގެން އިނގިލީގައި ދަތް އެޅުނެވެ. ދެން އޭނާ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އަލުން އަފްލާކް ކުރިމައްޗަށް ނިކުންނާނެ ހިތްވަރެއް ވެސް ނެތެވެ.

"ލަޔާ! ޔޫ އޯކޭ؟" ގިނައިރުވެގެން އަފްލާކް ގޮވާލައިފި އެވެ. ލަޔާލް ދިޔައީ ފާޑަކަށް ސިހިގެންނެވެ. އެކަމަކު އެއީ އަފްލާކް ގޮވާލައިގެނެއް ނޫނެވެ. އެގޮތަށް އޭނާގެ ނަން ބޭނުން ކުރި އަޑު އަހާފައެވެ. ލަޔާލް ފުރަތަމަ ދުވަހުއްސުރެ ވެސް އެހުންނަނީ ފާހަގަ ކޮށްގެންނެވެ. އަފްލާކް އޭނާ އާއި ދިމާއަށް ކޮންމެ އެއްޗެއް ކިޔަސް ފަހަރެއްގައި ވެސް ނަމަކުން ނުގޮވައެވެ. "މި ނިކުންނަނީ." އަފްލާކް ހިތްހަމަ ޖައްސައި ދޭން ޖަވާބު ދީފައި ލަޔާލް އަނެއްކާ ކަންބޮޑުވިއެވެ. ދުލުން ބުނެލަން ފަސޭހައެއް ކަމަކު ހަމަ ކުރިމަތިލާން ފަސްޖެހެވެނީއެވެ. އެތާގައި އެވަގުތު ޔާނިޒް އިން ނަމަވެސް އޭނާ އެވަރަކަށް ލަދެއް ނުގަތީހެވެ. 

"ހޭއި! އެއްވެސް ކަމެއް ގޯސްކޮށް ދަންޏާ ނުބުނެ ނުހުންނާތި އިނގޭ. ބައްޕަމެން އެދިޔައީ އަހަރެން ރެސްޕޮންސިބަލް ވާން ޖެހޭނެ ކަމަށް ބުނެފަ. އަހަރެން ފަހަރެއްގައި ވެސް ބޭނުމެއް ނޫން ފެއިލް ވާކަށް." ލަޔާލް ނިކުމެގެން އަންނަތަން ދެކެފައި އަފްލާކް ތެދުވެ ވާހަކަ ދެއްކި އެވެ. އެއަޑުގައި މިފަހަރު ސީރިއަސް ކަން ވިއެވެ. އަދި އަފްލާކްގެ އެޖަވާބުން ލަޔާލްގެ ހިތަށް ވެސް ނުބައި އަސަރެއް ކޮށްފިއެވެ. ހިތަށް އެރިއެވެ. އަފްލާކްގެ އެއަޅާލުމާއި ގާތް ކަމަކީ ބައްޕަ އެދިގެން ކުރާ ކަމެއް ހެއްޔެވެ؟ އެއާދަޔާ ޚިލާފް ސިފަ ތަކާއި ގުޅިފައި ވަނީ އޭނާގެ ބަލި ހާލަތު ހެއްޔެވެ؟ ލަޔާލްގެ ލޮލަށް ކަރުނަ ގިނަ ވެލައިފި އެވެ. ކުށްހީއެއްގައި ހުރެގެން އޭނާއަށް އުންމީދު ތަކެއް ކުރެވުނީ އެވެ. "އަހަރެން ބޭނުމީ ރެސްޓް ނަގަން." ލަޔާލް އަނެއް ފަރާތަށް އެނބުރިފައި ސިޑިއާއި ދިމާއަށް ދާން ހިނގައިގެންފިއެވެ. "ދެން ކޮންއިރަކުން ކަނީ؟" އަފްލާކް އަހާލިއެވެ. "ނެތް ކާހިތެއް." އޭނާ ހުއްޓިފައި ވެސް ފަސްއެނބުރި ބަލައެއް ނުލިއެވެ. "ނޯ ވޭ. ނުކައި ނުދެވޭނެ އެއްވެސް ތާކަށް. އަދި ބޭސް ވެސް ކާންޖެހެ އެއްނު. ތިހެން އުޅެގެން ރަނގަޅެއް ނުވާނެ." އަފްލާކް ގޮސް ލަޔާލް ފުރަގަހަށް ހުއްޓިފައި ކޮނޑުގައި ހިފައި މަގަތަށް އަނބުރާލަން އުޅުނެވެ. ލަޔާލް ވީ ފާޑެއްގެ ފޫއްސެކެވެ. 

"ނުކާނަން. މިބުނީނު ނުކާނަމޭ." ލަޔާލް ގޮތް ދޫ ނުކުރަންވެގެން ދުއްވައިގަތް ތަނާ އަފްލާކް އަތުގައި ހިފަހައްޓައިލުމުން ކުރިއަކަށް ނުދެވުނެވެ. "ކޮން ގޮތަކަށް ތިއުޅެނީ؟" އަފްލާކްގެ އަޑަށްވެސް ހަރުކަށި ކަމެއް އަތުވެއްޖެއެވެ. "ޔޫ ކޭންޓް ފޯސް މީ!" ލަޔާލް އަފްލާކްގެ އަތް ފޮޅުވާލަން ވެގެން ބޭކާރު މަސައްކަތް ތަކެއް ކުރަމުން ބުނެލިއެވެ. "ޔެސް އައި ކޭން." އަފްލާކްއަށް އާ ހިތްވަރެއް ލިބުނު ކަހަލައެވެ. ލަޔާލް އަތަށް ކުއްލިއެއް ޖަހާފައި ކައިރިއަށް ދަމައިލުމުން އައިސް ތަތްވީ އަފްލާކް މޭގައެވެ. ދެވަނަ ސިކުންތުގައި އޭނާ ލަޔާލް ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން އެދެއަތްތިލައިގައި ހިފައި ގުޑުވާ ނުލެވޭ ވަރަށް ހިފަހައްޓާލި އެވެ.

ތުނިކޮށް ހުރި އަފްލާކްގެ ތުނބުޅިން ކަށި ކަށި ލަވާފަދަ ގޮތެއް ވެގެން ލަޔާލްގެ މުޅިހަށިގަނޑުން ހީބިހި ނަގައިގަތެވެ. އެ ހޫނު ނޭވާތައް ވެސް އޭނާގެ ކޮނޑާއި ކަންފަތަށް އެޅެން ފެށުމުން ހިތް އަވަސް ވެއްޖެއެވެ. "އަހަރެންގެ އަނގަ. އަހަރެންގެ ބާރު. ދެން ކިހިނެއް އަފްލާކް މަޖުބޫރު ކުރެވޭނީ؟ އަހަރެން ބޭނުން ނެތިއްޔާ ކާކަށްވެސް ނުދެވޭނެ. އަނގައަށް އެޅިއަސް ދިރުވާލިއްޔާ އެއްނު. އެހެންނޫނަސް ކޮންމެހެން ބައްޕައަށް ޓަކައި އަހަރެންގެ ކަންތަކާއި ޒިންމާވާނެ ކަމެއްނެތް. މީހަކު ޒިންމާ ނުވިއެއް ކަމަކު އަހަރެންނަށް އަދި އަމިއްލަ ހާލަށް އުޅެވިދާނެ." ލަޔާލް، ކުޑަކުއްޖަކު ބޮޑާހާކާ ފަދައިން އެތިވަރު ގޮވާލިއެވެ. "އޯހ...!" ލަޔާލްގެ ވާހަކަ އިވިގެން އަފްލާކްއަށް ބުނެލެވުނެވެ. ލަޔާލްގެ ހިތް އޮތްގޮތް އެނގިގެން އަޖައިބެއްފަދަ ހަމަޖެހުމެއް ހިތަށް ލިބިގެން ދިޔައެވެ. ބޮޑު ކާމިޔާބެއް ފަދައިން އިހްސާސްވިއެވެ. އޭނާ ގާތަށް ހިނިވެސް އަތުވެއްޖެއެވެ. އެކަމަކު އަޑު ބޭރުވުމުގެ ކުރިން ތުންފަތުގައި ދަތް އަޅާލައިފައި ލަޔާލް އިސްތަށިގަނޑުގައި މޫނު ފޮރުވާލިއެވެ. "ލަޔާލް ނުކަންޏާ އަހަރެންވެސް ނުކާނަމޭ ބުނެފިއްޔާ؟ އޭރުންވެސް ނުކާނަންތަ؟" އަފްލާކް އަދިވެސް ހުރީ ލަޔާލް ހިފަހައްޓައިގެންނެވެ. ލިބިފައި ހުރި ޒަޚަމްތަކަށް ތަދުވެދާނެތީ ލަޔާލްވެސް މާބޮޑަށް ގަދަ ދައްކާކަށް ނޫޅެއެވެ. އަފްލާކްގެ ވަރުގަދަކަން ކުރިން ވެސް އޮތީ ވަޒަން ކުރެވިފައެވެ. 

"ތިހެން ބުނެގެން އެއްވެސް ކަމެއް ބަދަލެއް ނުވާނެ." ލަޔާލް މިފަހަރު ޖަވާބުދޭން ވަގުތު ނެގިއެވެ. އަފްލާކްގެ އެގައިގޯޅި ކަމުން ވާހަކަ ދައްކަންވެސް އުދަނގޫވިއެވެ. ކުއްލި އަކަށް އަފްލާކް އޭނާ އަތުން ދޫކޮށްލައިފައި ދުރުވެލައިފި އެވެ. އަފްލާކް ދެން ހަދާނެ ގޮތަކާމެދު ލަޔާލް ވިސްނަން ހުއްޓާ އައިސް ހުއްޓުނީ ކުރިމަތީގައެވެ.

"ޓެލް މީ! ކޮންކަމެއްތަ ބަދަލު ކުރަންވީ؟" އަފްލާކް ސާފު ބަހުން ސުވާލު ކޮށްލިއެވެ. "އަފްލާކް ތިހުރިހާ ކަމެއް ތިކުރަނީ ބައްޕަ ބުނެގެން ނޫންކަމަށް ނުވާނެ. ތިއަޅާލުމާއި އެކުވެރިކަމަކީ ހިތާއި ގުޅިފައިވާ ކަންކަމަށް ނުވާނެ." ލަޔާލް ވާހަކަ ދެއްކީ އެކަނި ހިތަށް އިވޭ ވަރަށެވެ. އެކަމަކު ދެތުންފަތް ހުރީ ތަޅުލެވިފައެވެ. އޭނާ ކިތަންމެ ބޭނުން ވިއަސް އަފްލާކްގެ ކުރިމަތީގައި އެވާހަކަތައް ބަންޑުން ކޮށްލުމުގެ ހިތްވަރެއް ނުކުރެވުނެވެ. ކިތަންމެ ކެރޭ ކުއްޖަކަށް ވެސް އަމިއްލަ ހިތާއި އެހިތުގެ އިހްސާސް ތަކާއި ހަމައަށް އައުމުން ބަލިކަށިވާ ގޮތްވެއެވެ. އޭނާ އަފްލާކް އާއި މެދު ދެކޭ ގޮތަށް އަފްލާކް އޭނާ އާއި މެދު ދެކެން ބުނާނީ ކިހިނެތް ހެއްޔެވެ؟ "ލަޔާ.... ކޮންވާހަކައެއް އަހަރެން ކައިރީ ބުނަން ނުކެރިގެން ތިއުޅެނީ؟" އަފްލާކް ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ހިފަހައްޓައިލީ ލަޔާލްގެ އިނގިލިތަކުގައެވެ. ބަލަހައްޓައިގެން ހުރެލާފައި އެއަތުގެ މަތީ ފަރާތުގައި ބޮޑުވައި އިނގިލި ހިންގާލި ގޮތްވެސް އެހާމެ އޯގާތެރިއެވެ. ލަޔާލްގެ ހިތް ފުރިގެން އަތުވެއްޖެއެވެ. ހިފެހެއްޓުމެއްނެތި ދެލޮލަށް މުތީތައް ގިނަވިއެވެ.

"އަހަރެން ކާނަން." ލަޔާލް ކުއްލި އަކަށް އަތްދަމައިގެންފައި ބުނެލީ ހަމައެކަނި އެހެންނެވެ. އަދި ބާރަށް ހިނގާލައިފައި ބަދިގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އަފްލާކްއަށް ވިސްނުނެވެ. ލަޔާލް ގޮތްދޫކޮށްފައި ކާންވެސް އެއްބަސް ވެދާނެއެވެ. އެކަމަކު ހިތުގައި ފޮރުވައިގެން އެއުޅޭ ހަޤީޤަތް ދުލާއި ހަމައަށް ގެންނާކަށް ތައްޔާރެއް ނޫނެވެ. ހިތަށް އެރިއެވެ. އެއްގޮތަކުން ބަލާއިރު އެވީގޮތްވެސް ގޯހެއް ނޫނެވެ. މިހާރު އޭނާ ލަޔާލްއަށް ޕްރެޝަރ ކުރަން އެލިބުނީ ރަނުގެ ފުރުސަތެކެވެ. "ދެޓްސް މައި ގާރލް." އަފްލާކް ހިނގައިގަނެފައި ބުނެލިއެވެ. އަފްލާކްއަށް ދެވުނުއިރު ލަޔާލް ދެތައްޓަށް ކާއެއްޗެހި އަޅަން ތައްޔާރު ވެއްޖެއެވެ. "ލަޔާ އިށީންދޭ. އަހަރެން ކާއެއްޗެހި އަޅައިދޭނަން." އަފްލާކް އަވަހަށް ލަޔާލް އަތުން ތަށިތައް އަތުލާފައި ގޮނޑީގައި ބައިންދައިފި އެވެ. ރިހޭ ކޮނޑާއެކު ލަޔާލްއަށް އެކަން އުދަނގޫވާނެ ވަރު އަފްލާކްއަށް އަންދާޒާ ކޮށްލެވުނީއެވެ. ލަޔާލްއަށް އަނެއްކާވެސް ލިބުނީ ހައިރާން ކަމެކެވެ. ބޭރު ފުށުން އެހާ ބޮޑާ ގޮތެއް ގެންގުޅޭ ޒުވާނާ އެކަހަލަ ކަންތައްވެސް އަމިއްލަ އަތުން ކުރާކަން ފުރަތަމަ ފަހަރަށް އެނގުނީއެވެ. "ރާމިޒައްތައަށް ގޮވަންވީނު." ލަޔާލް ބުނެލިއެވެ. "ރާމިޒައްތަ ބޭރަށް ގޮސްވީ." އަފްލާކް ޖަވާބުދީފައި ދެތަށި ގެނެސް މޭޒުގެ ދެފަރާތުގައި ބެހެއްޓިއެވެ. ދެމީހުން އެކަކު އަނެކަކުގެ ކުރިމަތީ އިނދެގެން ކާން ފަށައިފި އެވެ. 

"ބައްޕާ! ކާކު ގުޅީ؟ އަފްލާކްތަ؟" އަޒީ އެންމެ ކުރިން ނިންމާލައިފައި ތެދުވެގެން އައިސް ރެއިލިން ކައިރީ ތިރި ބަލަން ހުއްޓާ މަފާޒް ވާހަކަ ދެއްކިއެވެ. އަޒީ އޭރު ފޯން ނިންމާލައިފައި ފަޓްލޫނު ޖީބަށް ލަނީއެވެ. "ނޫނޭ. އަފްލާކްއެއް ނޫން." އަޒީ މަފާޒް މޫނަށް ބަލައިލާފައި ޖަވާބުދިނެވެ. "އަފްލާކްއަށް އަހަރެން މެސެޖް ކޮށްލިން. ބުނި މިތިބީ ކާށޭ." މަފާޒް ރެއިލިންގައި ބުރަކަށި ޖެހޭ ގޮތަށް ހުރެފައި ބަލައިލީ މޭޒު ދޮށުގައި ފޮނި އެއްޗެހި ކާންތިބި ޔަޝާރުމެންނަށެވެ. "ބައްޕައަށް ވަރަށް ކަމުދޭ ލަޔާލް." އިރުކޮޅަކުން އަޒީ ބުނެލި އެއްޗަކުން މަފާޒްގެ ނަޒަރު އެމޫނަށް ހުއްޓުނެވެ. "އަފްލާކް އާއި ވަރަށް ގުޅޭ. ދަރިފުޅަށް ހީވަނީ ކިހިނެތް؟" އަޒީ މަފާޒްގެ ލަފާ އެހިއެވެ. "ބައްޕައަށް ފެންނަ ގޮތް އެންމެ ރަނގަޅުވާނެ. އަހަރެންނަށް ވެސް ވަރަށް ރަނގަޅު ލަޔާލް ދާއިމީ ގޮތެއްގައި އަހަރުމެން ފެމެލީގައި ހުންނާނެ ގޮތެއް ވެއްޖެއްޔާ. އައި ލައިކް ހަރ. އެކަމަކު ސުވާލަކީ ލާކްއަށް އެގޮތް ކަމުހިނގައިދާނެ ބާއޭ؟ ބައްޕައަށް އެނގެއެއްނު ލާކްގެ ގޮތް. އަދި މީގެ ކުރިން ކޮންމެ ފަހަރަކު ބައްޕަ ލާކްގެ ކައިވެނި ކުރުވަން އުޅުނު ކޮންމެ ފަހަރަކު ކަންތައް ކުރިގޮތްވެސް" މަފާޒް މާޒީގެ ދުވަސްތައް ހަނދާން އާކޮށްލަމުން ވާހަކަދެއްކިއެވެ. "އެކަމަކު މިފަހަރު ބައްޕައަށް ހީވަނީ ތަފާތުހެން. ބައްޕައަށް ހީވަނީ އަފްލާކްއަށް ލަޔާލް ކަމުދާހެން." އަޒީގެ އަޑުގައި އުންމީދުވިއެވެ. މަފާޒް ވަކި އެއްޗެއް ނުބުނެ ހުރެފައިވެސް ހިނިތުން ވެލިއެވެ.

"ނިޔާފް ކައިރީ ދެއްކީ ކޮން ވާހަކައެއް؟" ލަޔާލް ކެއުމުގެ ތެރެއިން ކުއްލި އަކަށް އިނދެފައި ބުނެލިއެވެ. އެއަޑަށް، އަފްލާކް އަނގައަށް ލާން ނެގި ސަމުސާ އަނބުރާ ތަށި ތެރޭގައި ބާއްވާފައި އިސް އުފުލައިލި އެވެ. "ގުޅާފަ އަހާބަލަ!" އަފްލާކް އިނދެފައި ދިން ޖަވާބު ލަޔާލްއަކަށް ކަމަކު ނުދިޔައެވެ. "އަހަރެން ގުޅީމަ އޭނަ މިހާރު ފޯނެއް ނުނަގާ." ލަޔާލް އަވަހަށް ބުނެލިއެވެ. އަފްލާކް ބަލަހައްޓައިގެން އިނދެފައި މޯބައިލް ނަގައިގެން ކޮންމެވެސް ނަންބަރަކަށް ޑައިލް ކޮށްލައިފިއެވެ. ދެން ފެނުނީ ސްޕީކަރ އޮންކޮށްފައި މޭޒުމަތީ ބޭއްވިތަނެވެ. ލަޔާލް އަށް ނިޔާފް ފޯނަށް ލައިފައި އިން ލަވައިގެ ރާގު އިވިފައިވެސް ފާޑަކަށް ހިތް ތެޅިލިއެވެ. "އަދި އެއްފަހަރު އައެމް ސޮރީ. ހުވާކޮށްފަ މިބުނީ އެރޭގެ ފަހުން އަހަރެން ލަޔާލްއަށް އުދަނގުލެއް ނުކުރަން. ދުވަހަކުވެސް ނުވެސް ކުރާނަން. އަހަރެން އޭނަ ގުޅީމަ ފޯނެއްވެސް ނުނަގަން. ލަޔާލް އެއީ މިއަދުން ފެށިގެން އަހަރެން ދަންނަވެސް ކުއްޖެއް ނޫން. އައި ޕްރޮމިސް." ނިޔާފް ނޭވާ އަވަސްވެފައިވާ މީހަކު ފަދައިން އެއްފަހަރުން އަމުނާލިއެވެ. ލަޔާލްއަށް އެއަޑު އިވިފައި ފުންމައިގެން ކޮޅަށް ތެދުވިލެއް ބާރުކަމުން ގޮނޑިވެސް ވެއްޓި ޖެހުނެވެ. 

"އަފްލާކް އޭނާއަށް ކީއްކުރީ؟" ލަޔާލް ދެލޯ ބޮޑުކޮށްފައި އެހިއެވެ. "ކަމެއް ނުކުރަން." އަފްލާކް ފަހަތަށް ޖެހިލައި ގޮނޑީގައި ބުރަކަށި ޖައްސާލަމުން ޖަވާބުދިނެވެ. "ދެން ކީކޭ ބުނީ އޭނަ ކައިރީ؟" ލަޔާލް އަދިވެސް ހުރީ ލޯބޮޑުކޮށްގެންނެވެ. "ބުނޭ އަފްލާކް! އަކުރުން އަކުރަށް އަހަރެންނަށް ކިޔައިދީ!" ހީވަނީ ލަޔާލް ހިތްހަމަ ނުޖެހިގެން އުޅެނީ އަފްލާކް ދެކެ ހެންނެވެ. "ލަޔާލް ހަމަޖެހިބަލަ. އަހަރެން އޭނާއަށް މަރުގެ އިންޒާރެއް ނުދެން. އަހަރެން ހަމައެކަނި ބުނީ މީގެ ފަހުން ދުވަހަކުވެސް ލަޔާލްއަށް އުދަނގޫކޮށްގެން ނުވާނެއޭ. ދެޓްސް އިޓް." އަފްލާކްގެ ޖަވާބަށްފަހު ލަޔާލް އިރުކޮޅަކު ހިމޭނުން ހުރެފައި ހުސްވެފައިވާ ތަށި ހިފައިގެން ޖެހިލީ ސިންކު ކައިރި އަށެވެ.

ލަޔާލްއަށް ފިޔަވަޅުގެ އަޑު އިވިގެން ބަލައިލި އިރު އަފްލާކް ނިކުންނަން ދަނީއެވެ. "ތޭންކްސް." ލަޔާލް އަވަހަށް އިއްވައިލި އެވެ. "ދެން ނުބުނާތި އެއީވެސް ބައްޕަ ބުނެގެން ކުރި ކަމެކޭ." އަފްލާކް ފިޔަވަޅަކަށް ހުއްޓިފައި ބުނެލައިފި އެވެ. ލަޔާލް ކުރިން ކިއުނު އެއްޗިއްސާއި މެދު ލަދުވެތިވެފައި އިސްޖަހައިލެވުނެވެ. އޭނާ ފެންތައްޓެއް ބޯލައިގެން ނިކުތްއިރު އަފްލާކް ފެންނަން ނެތުމުން ފާޑަކަށް މާޔޫސް ވާގޮތްވިއެވެ. އަފްލާކް އެދިޔައީ ލެޕްޓޮޕް ވެސް ހިފައިގެންނެވެ. އޭނާދެކެ ހިތްހަމަ ނުޖެހުނީކަން ޔަޤީނެވެ. ނޫނީ މަސައްކަތް ނިމުނީ ކަމަށްވެސް ވެދާނެއެވެ. ލަޔާލް އަމިއްލަ ހިތަށް ވިސްނައިދެމުން އައިސް ޓީވީ ބަލަން ޖައްސައިލި އެވެ. އެހެން އިނދެފައިވެސް އިރުއިރުކޮޅާ ސިޑިއާއި ދިމާއަށް ބަލައިލެވެނީ އަފްލާކް ނިކުމެގެން އަތުވެދާނެ ކަމަށް ކުރެވޭ އުންމީދެއްގެ ބޮޑުކަމުންނެވެ. ފިލްމުވެސް އޭރު އެންމެ ނޭވާ ހިފަހައްޓަން ޖެހޭ ހިސާބަށް އަތުވެއްޖެއެވެ. ލަޔާލް ކުޝަންއެއް ގައި ބޯއަޅާލައިގެން އޮތީ ސޯފާގައި ރީތިކޮށް ދިގުދެމިލައިގެންނެވެ. ފިލްމް ނިމުމުން އެހެން އޮވެފައި ގަޑި ބަލާލަން ވެގެން މޫނު އަނބުރައިލި ތަނުން އޭނާގެ ނަޒަރު ކުޑަ ދޮރުން ބޭރަށް ހުއްޓޭ ގޮތްވިއެވެ. ލަޔާލްގެ ސަމާލުކަން ދަމައިގަތީ މެދުއުޑުގައި ރަނިކަން ކުރަމުން ދިޔަ ބުރުހަމަ ހަނދެވެ. އޭނާ ތެދުވެގެން ކުދި ފިޔަވަޅުތަކެއްގައި ގޮސް ކުޑަ ދޮރު ކައިރިއަށް ހުއްޓުނެވެ. 

އެހިސާބުން ލަޔާލްގެ ކަންފަތުގައި ޖެހުނީ އަފްލާކްގެ އަޑެވެ. އަފްލާކް ބޭރުގައި ހުރެގެން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަނީ އެވެ. ލަޔާލްއަށް ލިބުނު ހައިރާން ކަމާއި އެއްވަރަށް އެއީ ކާކުތޯ ބަލަންވެސް ބޭނުންވިއެވެ. އޭނާ ސިއްރު ސިއްރުން ނިކުމެފައި ބަލައިލުމުން އަފްލާކް ހުއްޓާ ފެނުނީ ގަރާޖުގެ ތަނބެއްގައި ލެނގިލައިގެންނެވެ. އެހިސާބުން ލަޔާލްއަށް އެނގުނީ އަފްލާކް ވާހަކަ ދައްކަމުން ދިޔައީ ފޯނުން ކަމެވެ. ބައިގަޑިއިރު ވަންދެން އަފްލާކް އެހުރީ ކާކުގެ ފޯނެއްގައި ހެއްޔެވެ؟ ލަޔާލްގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ. ޔަޤީނުންވެސް އެއީ ހާއްސަ ފަރާތެކެވެ. އޭނާ މަޑުމަޑުން ކުރިއަށް ޖެހިލާފައި ދައްކާ ވާހަކަ ސާފުވޭތޯ ކަންފަތް ހުޅުވައިލިއެވެ. ދެވަނަ ސިކުންތުގައި ދެއަތް މުށްކަވާލެވުނެވެ. އިގިރޭސި ބަހުން އަފްލާކް ދައްކަމުން ދިޔަ ވާހަކަތައް މުޚާތަބު ކުރަމުން ދިޔައީ ކޮންމެވެސް އަންހެން ކުއްޖަކާއި ކަން ޔަޤީނެވެ. ލަޔާލް އަޑު އަހަން ހުރި އެއް މިނިޓްވެސް ފަސްވަރަކަށް ފަހަރު އަފްލާކްގެ ދުލުން އެފަރާތަށް މުޚާތަބުކޮށް "ބޭބީ" އޭ ބުނެލި އަޑު އައެވެ. އިތުރަށް އަހާކަށް އޭނާ ބޭނުމެއްވެސް ނުވިއެވެ. އެނބުރި އައިސް ގެއަށް ވަދެފައި މަޑުކޮށްލުމެއްވެސް ނެތި އޭނާ ދިޔައީ ކޮޓަރި އަށެވެ.

އެނދުގައި އޮށޯވެލައިގެން ލަޔާލް އޮތްވައި ފުރަތަމަ ކަރުނަތިކި ވެއްޓުނީ އަތްތިލަ މައްޗަށެވެ. އެކަރުނަތިކި ދެކެފައި ޚުދު އޭނާވެސް ހައިރާން ކަމުގައި ބަލަން އޮތެވެ. ކަރުނަ އައީ ފެށުނީއްސުރެ ވެސް އޭނާ އާއި އެންމެ ދުރުގައިވާ އެކައްޗެވެ. އެކުވެރިންވެސް ބުނެއެވެ. އޭނާ ކިތަންމެ ދެރަވިއަސް ލޮލުން ކަރުނައެއް ވައްޓައެއް ނުލާނެއެވެ. ހިތްވަރުގަދަ ފިރިހެނަކު ފަދައިން ކަރުނަތައް ދިރުވާލާނެއެވެ. ލަޔާލްއަށް ވިސްނުނެވެ. އޭނާއަށް ގޯހެއް ހެދުނީއެވެ. އަމިއްލަ ފެންވަރު އޮޅުނީއެވެ. އަފްލާކް ފަދަ ޒުވާނަކު އޭނާފަދަ ކުއްޖަކާއި މެދު އެފަދަ ނަޒަރަކުން ނުދެކޭނެއެވެ. އަފްލާކްގެ އަންބެއްގެ މަޤާމަށް ގެންނާނީ ހުރިހާ ގޮތަކުންވެސް އޭނާ އާއި އެކަށީގެންވާ އަންހެން ކުއްޖެކެވެ. އަފްލާކްގެ އެކުވެރިކަންވެސް އޭނާފަދަ ކުއްޖަކަށް އެއީ ބޮޑުވަރެކެވެ. ވީއިރު ލޯއްބާއިމެދު ސުވާލެއް ވެސް ނުއުފެދެއެވެ. އަފްލާކް ހަމައެކަނި އަޒީ އާއި އާއިލާގެ އެންމެން ފަދައިން ގޭގައި ގެންގުޅޭ ކުއްޖާކަށް އިހްސާންތެރިވީ އެވެ. އެއިހްސާންތެރި ކަމަށް އެހެން ނަމެއް ދޭން މިއުޅެވުނީ އޭނާއަށެވެ. ހިތްވެސް ކިހާ މޮޔަ ހެއްޔެވެ؟ މައްސަލަ އެއްނެތެވެ. ވެދިޔަކަމެއް ވެ ނިމުނީއެވެ. އެކަމަކު އަފްލާކް އާއި ދުރުގައި އުޅުން އެއީ ދެން އޭނާއަށް އޮތް އެންމެ މޮޅު ގޮތެވެ. ނޫނިއްޔާ ހިތަށް ލިބޭ އަނިޔާ މާބޮޑު ވާނެއެވެ.

ތަޤްދީރުވެސް ހީވަނީ ލަޔާލްގެ ކޮޅަށް ބުރަވެފައިވާ ހެންނެވެ. ޖެހިގެން އައި ދުވަހު އަފްލާކް ވިޔަފާރި ދަތުރެއްގައި ރާއްޖެއިން ބޭރަށް ދާން ފުރައިފިއެވެ. އޭނާ ބޭނުންވި ދުރުމިން އެންމެ ރަނގަޅަށް ވެސް ލިބުނީ އެވެ. ހެއްދެވި ފަރާތަށް ޝުކުރު އަދާކޮށްފައި އޭނާ އަނެއްކާވެސް އާ އަޒުމަކާއިގެން ކުރިއަށް ދާން ފެށިއެވެ. ޢީދު ބަންދަށް ރަށަށް ގޮސްލާފައި އާދެވުނު އިރު އޭނާ ހުރީ މުޅިންހެން ސިކުނޑި ތާޒާ ވެލައިފައެވެ. ގޭގައި ކުދިވެރިންނާއި އެކު ސަކަރާތް ޖަހައި އަދި ރަށުގައި ތިބި އެކުވެރިންނާ އެކު މަޖާ އެތަކެއް ވަގުތު އޭނާ ހޭދަކުރިއެވެ.

ހަވީރުގެ ވަގުތެކެވެ. ލަޔާލް ބޭރަށް ދާންވެގެން ރީތިވެލައިގެން ކޮޓަރިން ނިކުތްތަނާ އަފްލާކް ފެނުނީ ކުރިމަތިންނެވެ. އޭނާ އަވަސް އަވަހަށް ކުރިއަށް ހިނގައިގަތްތަނާ އަފްލާކް ގޮވައިލުމުން ހުއްޓެވުނެވެ. "މިފަހަރު ރަށުން އައިފަހުން ހާދަ ހީވެއޭ ދުރު ދުރުން އުޅޭހެން." އަފްލާކް ބުނެލި އެއްޗަކުން ލަޔާލް އެނބުރި ބަލާލައިފައި ދެފަރާތަށް ބޯ ހޫރުވައިލި އެވެ. "މައި މިސްޓޭކް." އަފްލާކް އައިސް ހުއްޓުނީ ލަޔާލް ކުރިމަތީގައެވެ. "އަދިވެސް ނުބުނަމެއްނު." އަފްލާކް އިޝާރާތް ކުރީ މާކުރީގެ ވާހަކައަކަށެވެ. "ކޮން ވާހަކައެއް؟" ލަޔާލް ގަސްތުގައި ނޭނގޭ ކަމަށް ހަދައިލީއެވެ. "ޑޯން ޕްލޭ ޑަމް. އަހަންނަށް އިނގޭ ލަޔާ ތީ އެހާ ފަސޭހައިން ކަންކަން ހަނދާން ނެތޭ ކުއްޖެއް ނޫންކަން. އަހަރެން ފުރުމުގެ ކުރީން އެހީމެއްނު ވާހަކައެއް. ލަޔާ އަހަރެން ކައިރީ ބުނަން ބޭނުންވާ ވާހަކަ؟" އަފްލާކް ހެވިލާފައި ކައިރިއަށް ފިޔަވަޅެއް އަޅައިލުމުން ލަޔާލް ޖެހިލީ ފަހަތަށެވެ. "ނެތް ހަނދާނެއް މިހާރު." ލަޔާލް އަނެއްކާވެސް ދިނީ އެއްކަހަލަ ޖަވާބެކެވެ. "ހަނދާން ނެތީތަ ނޫނީ ބުނަން ބޭނުން ނުވަނީތަ؟ އެކަމަކު އަހަރެން މީ ކުރަން ބޭނުން ކަމެއްވިއްޔާ ކޮށްފަ ހުއްޓާލާ މީހެއް. އެނގެއްނު އެކަން." އަފްލާކް އަދިވެސް ކައިރިއަށް ޖެހިލުމުން ލަޔާލް ފަހަތަށް ގޮސް ކޮޓަރި ދޮރުފަތުގައި ބުރަކަށި ޖެހުނެވެ. 

"އައެމް ލިސަނިން. އަވަހަށް ކޮންފެސް ކުރޭ!" އަފްލާކް ދޮރުފަތުގައި ދެއަތް ވިއްދާލުމުން ލަޔާލް ހުރީ ހައްޔަރުވެފައެވެ. "ގައިމުވެސް އަހަރެން ބުނަން ބޭނުން ވާހަކައެއް ނެތް. ވެދާނެ އަފްލާކް ކަމަށް އަހަރެން ކައިރީ ވާހަކައެއް ބުނަން ބޭނުންވެގެން ތިއުޅެނީ." ލަޔާލް ހަތަރު ކަޅި ހަމަކޮށްލާފައި ޖެހިލުމެއްނެތި އިއްވައިލި އެވެ. "ނޮޕް." އަފްލާކް ބަލަހައްޓައިގެން ހުރެލައިފައި ފޯން ރިންގް ވާން ފެށުމުން ދުރަށް ޖެހުނެވެ. ލަޔާލް އަވަހަށް ފުރުސަތުގެ ބޭނުން ހިފާފައި ތިރިއަށް ދިޔައިރު ސޯފާތަކުގައި އަޒީ އާއި މަފާޒް ތިއްބެވެ. ޔަޝާރު އައީ ރާމިޒާ އާއި ބައިވެރި ވެގެން ހަވީރުގެ ސައި ހިފައިގެންނެވެ.

އަޒީ ފޯނެއްގައި އިނދެފައި އަތުން އިޝާރާތް ކޮށްލުމުން ލަޔާލް ގޮސް ކައިރިއަށް ހުއްޓުނެވެ. "މިތާ އިށީންދެބަލަ! އަޒީބެ ވަރަށް މުހިންމު ވާހަކައެއް ދައްކަން." އަޒީ ސޯފާގެ ކަނާތް ފަރާތުން ހުސްތަނުގައި އަތް ބާއްވާލައިފައި އެދުނެވެ. ލަޔާލް ގޮސް އިށީންއިރު މަފާޒް އާއި ޔަޝާރުގެ ނަޒަރުވެސް އޭނާއަށް ހުއްޓާ ފެނުނެވެ. "ލަޔާލް މިގެނައީ އަޒީބެގެ ވަރަށް ބޮޑު އެދުމެއްގެ ވާހަކަ ބުނަން. ލަޔާލް ކުޑަ މަންމަ ކައިރީވެސް ބުނެފިން. ސަހާމާގެ ވާހަކަ އަކީ ލަޔާލްގެ ރުހުން އޮތިއްޔާ އޭނާއަށް އެންމެ ރަނގަޅޭ. ދެން އޮތީ ލަޔާލް ދެކޭގޮތެއް. އެގޮތެއް އެނގިގެން އެނގޭނީ އަފްލާކް ރުއްސަން. އަޒީބެއަށް ވަރަށް ހީވޭ އަފްލާކްވެސް މިކަމާއި ރުހޭނެހެން. " އަޒީގެ ވާހަކައިން ލަޔާލްއަށް އެކައްޗެއްވެސް އޮޅުމެއް ނުފިލިއެވެ. "އެޓްލީސްޓް ލަޔާ ޤަބޫލިއްޔާ ލާކް އޯކޭ ކުރަން އަހަރުމެންނަށް މަސައްކަތް ކުރެވިދާނެ." މަފާޒްވެސް އިނދެފައި އިތުރު ކޮށްލިއެވެ. "މިހާރު އަހަރެން ބިރުގަނެއްޖެ. ކޮން ވާހަކައެއްތަ؟ ކޮން އެދުމެއްތަ؟" ލަޔާލް ދެއަތް ނަގައި މޭގައި ޖައްސާލަމުން ބުނެލިއެވެ. 

ކޮމެންޓް 0