އަނގައިން ބޭރުވި ހަޅޭކުގެ އަޑު ކެނޑުނު އިރު ލަޔާލް އިނީ ފުންމައިގެން ތެދުވެ ތިރިއަށް ދެފައި އެލުވައިލައިގެންނެވެ. "އަފްލާކް! ކޮންތާކު ތިހުރީ؟ އަހަރެން އެކަނިކޮށްލާފަ ދިޔައީތަ؟" ލަޔާލް ބިރުގަނެފައިވާ މިންވަރު އަޑުން ދޭހަ ކޮށްދިނެވެ. އަނދިރީގެ ތެރެއިން އެއްވެސް އެއްޗެއް ފާހަގަ ވާން ނެތުމުން އޭނާ އިނީ ތިރިއަށް ފައިބަން ވެސް ޖެހިލުންވެފައެވެ. "ޓޯކް ޓު މީ އަފްލާކް." ލަޔާލް ހިތްވަރު ކޮށްލައިފައި އެންމެ ފަހުން ފައިބައިފި އެވެ. ބޯޑުގެ ކައިރި ފަށުގައި އަތް ކާތްތަމުން އޭނާ މަޑުމަޑުން ކުރިއަށް ދިޔައެވެ. އަފްލާކް އެވަރުންވެސް ހުރީ އަނގައިން ނުބުނަން ވެގެންނެވެ. ލަޔާލްގެ ހުރި ހިތްވަރެއް އިމްތިހާނު ކޮށްލަން ނޫންކަމެއްވެސް ނޭނގެއެވެ.
"އަޅެ އަހަރެން ބިރުގަންނަވަން ވެގެންތަ އަނގައިން ނުބުނެ ތިހުންނަނީ؟ ވަރަށް އުފާވޭ ދޯ އަހަރެންނަށް ދެރަ ގޮތް ގޮތް ހަދާލެވުނީމަ...." ލަޔާލްގެ ޖުމްލަ ނުނިމެނީސް އަފްލާކްގެ ގައިގައި އަޅައިގެންފައި މަތަވިއެވެ. ހިސާބަކަށް ލޯ ހޭނިފައި ހުރުމުން ލަޔާލްއަށް އަފްލާކް ފެނުނީ ކަޅު ހިޔަންޏެއް ފަދައިންނެވެ. އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ހިތަށް ވަނީ އޭނާ ބެލި އެންމެހާ ބިރުވެރި ފިލްމު ތަކުގެ އެކި މަންޒަރު ތަކެވެ. ނުބައި ވަސްވާހުން ލަޔާލް ހިތް ފުރިގެން އައީ އެހެންވެގެންނެވެ. އެއީ އަފްލާކް ކަމާއިމެދުވެސް އޭނާއަށް ޝައްކު ވެއްޖެއެވެ.
"ތީ އަފްލާކްއެއް ނޫން......" ލަޔާލް އަނެއްފަރާތަށް އެނބުރިފައި އަނެއްކާވެސް ބިލިއާޑް ބޯޑުގެ އެހީ ހޯދައިގެން ގޮސް ހުއްޓިލީ ދުރުގައެވެ. ލަޔާލް ކޮންމެވެސް އެއްޗެކޭ ކިޔާހެން ހީވެގެން އަފްލާކް ފޯނު އަލީގައި ގޮސް ކުރިމައްޗަށް ހުއްޓިލި އިރު ލަޔާލް މޫނުގައި ދެއަތް އަޅައިގެން ހުރެ ތުންތަޅުވަމުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަވައެވެ. ހިނިއައިސްގެން އަފްލާކް އަވަހަށް ބޮޑުވައި އިނގިލި އެޅީ ތުންފަތުގައެވެ. ލަޔާލްއަށް އޭނާ ހޭތަން ފެނިއްޖެއްޔާ ނޮޅައިލާކަށްވެސް ފަހަކަށް ނުޖެހޭނެއޭ ހިތަށް އެރިއެވެ. އަފްލާކް އެމޫނަށް ބަލަން ހުރެލައިފައި ވާހަކަ ނުދައްކަން ވެގެން އިރުކޮޅަކުން ކަރު ކެހިލައިފި އެވެ. ލަޔާލް ސިހިފައި މޫނުން ދެއަތް ނެގުމުން ފޯނު އަލީގައި އަފްލާކް ފެނުނެވެ. "ދެން ނުބުނާތި ޝަހާދަތް ކިޔާށޭ!" ލަޔާލް ވާހަކަ ދައްކަން ތައްޔާރު ވިތަނާ އަފްލާކް އެއަށްވުރެ ކުރިން ބުނެލައިފި އެވެ.
"ހިނގާ އަހަރެން ގޮވައިގެން އެހެންމީހުން ކައިރިއަށް." ލަޔާލް ބޭނުންވާ ގޮތް ހާމަކޮށްލި އެވެ. އޭނާ ސީރިއަސްވެފައި ހުރިވަރުން އަފްލާކްގެ ވާހަކައަށް މާބޮޑު ސަމާލު ކަމެއް ނުބެހެއްޓިއެވެ. "އޯކޭ." އަފްލާކް ދޮރާއި ދިމާއަށް އެނބުރިލި ތަނުން ސިހޭ ގޮތްވިއެވެ. ލަޔާލް ދެއަތުން ހިފެހެއްޓީ އޭނާގެ މުލައްދަނޑީގައެވެ. ކުރިއަށް ހިނގަމުން ދިޔައިރު އޭނާ އިރު އިރުކޮޅާ ފަސްއެނބުރިފައި ބަލައިލައެވެ. "ތިހާ ޑިމް ލައިޓެއްގައި ކިހިނެއް ފައިބާނީ. ވެއްޓިދާނެ." ސިޑިއާއި ހަމައަށް ދެވުމުން ލަޔާލް ކަންބޮޑުވެއްޖެއެވެ. "އެހެންވިއްޔާ މިތާ މަޑުކުރޭ. އަހަރެން އަންނާނަން ޓޯޗެއް ހޯދައިގެން." އަފްލާކް އެހެން ބުނެލި އިރުވެސް އެނގެއެވެ. ލަޔާލް އެގޮތާއި އެއްބަހެއް ނުވާނެއެވެ. "ނުކެރޭނެ." ލަޔާލް އަވަސް އަވަހަށް ދެކޮޅު ހެދިއެވެ. "އޯލްރައިޓް. މިގުޅަނީ ނިޒްއަށް. އޭނަ ޓޯޗެއް ގެންނަން ދެން މިތާ މަޑުކުރާނީ." އަފްލާކް ޔާނިޒްގެ ނަންބަރަށް ގުޅާފައި ކަންފަތުގައި ޖަހާލިއެވެ. ލަޔާލް އެއަތުން ދޫކޮށްލައިފައި އަނދިރީގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ކަންތައް ކުރަންވީ ގޮތް ޔާނިޒްއަށް އަންގާފައި އަފްލާކް ފޯނު ހިފައިގެން އިށީންދެލީ ސިޑީގެ މަތީ ހަރުފަތުގައެވެ.
"ކީއްވެ އަނދިރިދެކެ ތިހާ ބިރުގަންނަނީ؟" ސިކުންތުކޮޅެއްގެ ހިމޭން ކަމަށްފަހު ވާހަކަ ފެށީ އަފްލާކް އެވެ. "އެއީ އަހަރެން މީ އެހެން އަންހެން ކުދިން ކަހަލަ ޑެލިކޭޓް ކުއްޖެއް ނޫންވީމަ." ލަޔާލް ޖަވާބުދިނެވެ. "ތިބުނީ؟" އަފްލާކްއަށް ނުވިސްނިގެން އަހައިލިއެވެ. "އެހެން އަންހެން ކުދިން އަނދިރީގެ ތެރެއިން ބިރުވެރި އެއްޗެއް ފެންނަ އިރަށްވެސް ހަޅޭއްލައިގެންފަ ފެއިންޓް ވާނީ. ދެން ހޭއަރާއިރު ހުންނާނީ ހުރިހާ ކަމެއް ރަނގަޅުވެފަ. އެކަމަކު އަހަރެން ސްޓްރޯންގް ކަމުން ފެއިންޓެއްވެސް ނުވާނެ. އަހަރެން ޖެހޭނީ އެއެއްޗެކާއި ފިލަން ދުވަން. އެއެއްޗަކާއި ކުރިމަތިލާން. ޑިފީޓް ނުކުރާހާ ހިނދަކު ނިމުމެއް ނެތް. އެހެންވެ އެކަހަލަ ކަމަކާއި ދިމާވެދާނެތީ ބިރުގަންނަނީ." ލަޔާލް ޖަވާބު އަފްލާކްއަށް މަޖާވިއެވެ. ފޯނާއި ކުޅެން އިނުމުން މޫނަށް އެޅިފައިވާ ސްކްރީނުގެ އަލީގައި އަފްލާކްގެ ތުންފަތަށް ވެރިވި ހިނިތުންވުން ލަޔާލް ދުށްޓެވެ. އޭނާ އެސްފިޔަ ޖަހައިލަން ނޭނގިފައި ހުރެ، އަފްލާކް ކައިރީ އިށީންދެލަންވެގެން ހަރުފަތުގައި ފައި އެޅުނު ގޮތަކުން އަރި އަޅައިލިއެވެ. ވާނުވާ ރޭކައިލި އިރު އޮވެވުނީ އަފްލާކްގެ އަތުތެރޭގައެވެ. ތެދުވަންވެގެން ތެޅިގަތުމުން އެދެމެދުގައި އޮތް އިންޗިއެއްގެ ދުރުމިންވެސް ނެތި މޫނާއި މޫނު ޖެހި ފިތިއްޖެއެވެ. ދެން ހަމަ ކުއްލި އަކަށް އަފްލާކް އޭނާގެ ދެކޮނޑުގައި ހިފާފައި ނަގައި ދުރުގައި ބައިންދައިފިއެވެ. ލަދުން ގޮސް ލަޔާލްއަށް ނޭވާ ނުލެވިފައި އިނދެވުނެވެ. އަފްލާކްގެ މޫނަށް ދެވަނަ ފަހަރަށް ބަލައިލާނެ ހިތްވަރެއްވެސް ނެތެވެ. ޔާނިޒް އައީ އެގޮތުގައި ހިމޭންވެފައި ދެމީހުން ތިއްބައެވެ.
ތިންމީހުން ތިރިއަށް ދިޔައިރު ސިޓިންރޫމްގައި އުއްބައްތި ދިއްލައިގެން އެންމެން ތިބީ ސޯފާތަކުގައެވެ. "ކުޑައިރުކޮޅެއް ވާނެ ކަމަށް ވަނީ ކަރަންޓް އަންނަން." ލަޔާލް ގޮސް އިށީންދެފައި ސުވާލު ކޮށްލުމުން އަޒީ ޖަވާބު ދިނެވެ. އަފްލާކް ގޮސް އިށީންދެލީ ވަކިން ހުރި ސޯފާގައެވެ. އިރުކޮޅަކުން ބެލް ޖަހާއަޑަށް ރާމިޒާ ގޮއްސައި އެނބުރި އައިއިރު ފަހަތުގައި ރާފިލް އާއި އެކުގައި އިތުރު ޒުވާނަކު ހުއްޓެވެ. "މިތާކައިރީގައި ހުއްޓާ ކަރަންޓް ދިޔައީމަ މިއައީ." ރާފިލް އެކި މީހުންނަށް ބަލައިލާފައި އައިސް ޔަޝާރު ކައިރީގައި އިށީންދެއްޖެއެވެ. "މީ އަހަރެމެން ގޭގަ އެންމެ ހަނގަށް ހުންނަ މީހާ އަރިއާން." ރާފިލް އެކުގައި އައި ޒުވާނާ ތައާރަފް ކޮށްދިނެވެ. އަރިއާންއަށް އިންނަން ޖެހުނީ ނަތާގެ ކައިރީގައެވެ. ރާފިލް ދެއްކި ވާހަކަ އަހާފައި ނަތާގެ ނަޒަރުވެސް އަރިއާންއަށް ހުއްޓުނެވެ. އިސްކޮޅުން ރާފިލްއަށް ކުރުވެފައި މޫނުމަތިންވެސް ޅަވައްތަރު ޖަހައެވެ. މީގެ ކުރިން އަރިއާން ފެނިފައި ނުވަނީ ބޭރުގައި ކިޔަވަން އުޅުނީމައެވެ. ދިމާވި މައްސަލަ އަކާއި ހުރެ އަރިއާން ކިއެވުން މެދުކަނޑާލާފައި ރާއްޖެއަށް ބަދަލުވީއެވެ.
"މިހެން ނުތިބެ ކަރަންޓް އަންނަން ވާއިރަށް ކަމެއް ކޮށްލަން ދާންވީނު. ކެންޑެލް ލައިޓްގަ އުޅުމަކީވެސް ހާދަ މަޖަ ކަމެކޭ." ޔަޝާރު އިނދެފައި ހިޔާލު ފައުޅު ކުރިއެވެ. މަފާޒް ތާއީދު ކޮށްފައި ކުރާނީ ކޮންކަމެއްތޯ އެހިއެވެ. "ހިނގާ ބިރުވެރި ވާހަކަ ކިޔަން." ނަތާ ކުއްލި އަކަށް ބުނެލައިފިއެވެ. "މަޖާވާނެ." ޔާނިޒް ވަގުތުން އެއްބައިވިއެވެ. ދެންތިބި މީހުންނަށްވެސް ކަމުދިޔައެވެ. "ބައްޕައަށް އިނގޭނެ ކުރީ ޒަމާނުގެ ސަޅި ވާހަކަތައް." ޔަޝާރު ބުނެލިއެވެ. އަޒީ ހިނިއައިސް އިނދެފައި ވާހަކަ ފަށަން ތައްޔާރު ވުމުން ނަތާ އިހަށް މަޑުކުރަން އެދިފައި ރާމިޒާ ގޮވައިގެން ގޮސް ބޮޑު ބިއްލޫރި ބޯތައްޓަކަށް އެކި ވައްތަރުގެ ލުއިކާނާ ޕެކެޓްތައް އަޅައިގެން އައެވެ. ފްރިޖްގައި ފިނިކޮށް ހުރި އެނަރޖީ ޑްރިންކްތަކެއް ގެނައުމުން ފިރިހެންވެރިން ނަގައި ބޯން ފަށައިފި އެވެ.
"ދެން ފަށާ!" ނަތާ ސޯފާއަށް ދެފައި ނަގައިގެން އިނދެ ޗީޒްބޯލް ޕެކެޓް ކަނޑައިލިއެވެ. އަޒީ ދެވާހަކައެއް ކިޔާފައި ބޭސް ކާގަޑި ޖެހިގެން ތެދުވެއްޖެއެވެ. "އަހަރެން ކިޔައިދީފާނަން ރަށުގަ ދިމާވި ކަމެއްގެ ވާހަކަ." ލަޔާލް ވާހަކަދެއްކި އަޑަށް އެންމެންގެ ނަޒަރު އެމޫނަށް އަމާޒުވިއެވެ. އެއްފަހަރާ އެހުރިހާ ލޯތައް ހުއްޓިފައިވާތަން ފެނިގެން އޭނާ މުޅިން ފިނިވިއެވެ. ހާއްސަކޮށް އަފްލާކްގެ ތޫނު ލޮލުން އޭނާގެ ހިތަށް އުދަނގޫ ކޮށްފިއެވެ. "އެންމެ އިސްޖަހާ އޭރުން ކުރިއަށް ގެންދާނީ." ލަޔާލްއަށް ކެތްނުވެގެން ވާހަކަ މެދުކަނޑާލައިފައި ބުނެފިއެވެ. އެއަޑަށް އަފްލާކް ނޫން އެންމެން ހުނެވެ. އަފްލާކް އިނީ ސީރިއަސް ވެފައެވެ.
އިރުކޮޅަކުން ބަލައިލި އިރު ހުރިހާ އަންހެން ކުދިން ބިރުން ތިބިތަން ފެނިގެން ސަމާސަކޮށްލަން ޔާނިޒް ހިތަށް އެރިއެވެ. ޚުދު ލަޔާލްވެސް ވާހަކަ ކިޔަމުން އަދި ވަށައިގެން ލޯ ހިންގައެވެ. ޔާނިޒް ނޫންކަމަށް ހެދިފައި ސޯފާގެ ލެނގޭބައި މަތީގައި އަތްއަޅައިލީ ވަރަށް ވިސްނައިގެންނެވެ. ދެން ހަމަ ކުއްލިއަކަށް ކައިރީގައި އިން ލަޔާލްގެ ކޮނޑުގައި ކޮށްޓާލައިފި އެވެ. ދެން ހީވީ މުޅި އެތަނުގައި އަލިފާން ރޯވިހެންނެވެ. ލަޔާލް ހަޅޭއްލައިގެންފައި ފުންމައިގެން ތެދުވީ ސޯފާމައްޗަށް ކޮޅަށެވެ. އަތުގައި އޮތް ކުޝަން އޭނާ އެޅީ މޫނުގައެވެ. އަނެއްކޮޅުން ނަތާ އާއި ޔަޝާރު ރޮއި ހަޅޭއްލަވަމުން ދެމީހުން ދެކޮޅަށް ދުއްވައިގެންފިއެވެ. ޔާނިޒް އަނގަމަތީ އަތް އަޅައިގެން ހެމުން ތެދުވެފައި ދެންތިބި މީހުންނަށް އިޝާރާތް ކޮށްލުމުން އެންމެންވެސް ދެނެގަތެވެ. ލަޔާލް އެކަނި ބަހައްޓާފައި އެންމެން ތެދުވެގެން ގޮސް އެކި ތަނަށް ވަދެ ފިލައިފި އެވެ. އޭރުވެސް ދުރުން ޔަޝާރުމެންގެ އަޑު އާދެއެވެ. ލަޔާލް ބާލީސް މޫނުން ވަކިކޮށްލީ ހުރިހާ އަޑެއް ކެނޑި ހިމޭންވީމައެވެ. އޭނާއަށް ފެނުނީ މުޅި ލިވިންރޫމް ފަޅުވެފައި އޮތްވައެވެ. ފެންނަ ހިސާބުގައިވެސް މީހަކު ނެތީއެވެ.
ނަތާ މައިތިރި ކުރެވުނީ ޔާނިޒް އަށެވެ. ޔާނިޒް ގޮސް އަނގަމަތީ އަތްއަޅައިފައި ކަންވީގޮތް އޮޅުން ފިލުވައި ދިނުމުން ހުއްޓާލައިފި އެވެ. އެކަމަކު ޔާނިޒް އަނގަމަތީން އަތް ނެގިއިރަށް ފުރަތަމަވެސް ޔާނިޒް މޭގައި ގޮށްމުށުން ޖެހިއެވެ. "އާހ... ހާދަ ބާރުގަދައޭ..." ޔާނިޒްއަށް ތަދުވެގެން އަނގައަށް ގޮތެއް ހަދާލި އެވެ. ލަޔާލްއަށް ނުފެނި އުޅުމަށް އަންގާފައި ޔާނިޒް ދިއުމުން ނަތާ އެނބުރިލި އިރު އަރިއާން ހުއްޓެވެ. "ހައެ!" ނަތާ ހައެ ޖަހައިލުމުން އަރިއާން ވެސް އޭގެ ޖަވާބުދިނެވެ. ރާމިޒާ ހުރީ ނަސީބަކުން މީހުން އުޅޭ ހުރިހާ ހިސާބެއްގައި އުއްބައްތި ދިއްލާފައެވެ. "ހިނގާ މައްޗަށް. އެހެން މީހުން މަތީގަ ކަންނޭނގެ ވާނީ." ނަތާ ހިނގައިގަތުމުން އަރިއާންވެސް އެކުގައި ދިޔައެވެ. "އެއްކޮށް ބަދަލުވީތަ މިކޮޅަށް؟ ނޫނީ ޗުއްޓީތަ؟" ސިޑިން އަރަމުން ނަތާ އަހައިލިއެވެ. "މިކޮޅަށް ޗޭންޖްވީ. މިކޮޅުގަ އޭލެވެލްވެސް. ނަތާ ސީއެޗްއެސްސީގައިތަ ކިޔަވަނީ؟" އަރިއާން ރެޑްބުލް ދަޅުން ކޯވަރެއް ދަމާލައިފައި ނަތާ އާއި ސުވާލެއް ކުރިމަތި ކުރިއެވެ. ނަތާ ބޯ ޖަހައިލުމުން "ވަރަށް ރަނގަޅޭ" ބުނެ ހިނިތުންވެލައިފި އެވެ.
ސިޑިން އެރިއިރު އެންމެން ހޭއަޑު އައީ ކުޅިވަރު ކުޅޭ ކޮޓަރިންނެވެ. އެމީހުން ގޮސް ދޮރުމައްޗަށް ހުއްޓުމުން އުއްބައްތި އަލީގައި ބިލިއާޑް ކުޅެން ތިބި އެންމެން ބަލައިލި އެވެ. އެއްލި ކަޅިއަކުން ނަތާގެ ނަޒަރު ރާފިލްއަށް ހުއްޓުނު އިރު ޚުދު ރާފިލްވެސް ބަލަން ހުރީ އެދެމީހުންނަށެވެ. ނަތާ އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލައިފައި ކުރިއަށް ދާންވެގެން އަރިއާންގެ އަތުގައި ހިފައިލުމުން އޭނާވެސް ކުއްލި އަކަށް ބަލާލައިފި އެވެ. "ހިނގާ އެކޮޅަށް." ނަތާ ހީލައިފައި އަރިއާން ގޮވައިގެން ގޮސް ފާރުކައިރީ ހުރި ބޯޅަވައްތަރުގެ ދެގޮނޑީގައި ޖައްސާލިއެވެ. އިރުކޮޅަކުން ނަތާ ބަލައިލި އިރު ރާފިލް ފޯނެއް އައިސްގެން އެތަނުން ނިކުންނަނީއެވެ.
ފޯނު ނިންމާފައި ރާފިލް ހިނގައިގަތީ ކުރިއަށެވެ. އޭނާ ކޮރިޑޯގެ މެދުން ހިނގާލައިފައި ގޮސް އެންމެ ކޮޅުގައިވާ ތަނަވަސް ބެލްކަންޏަށް ނިކުމެއްޖެއެވެ. ހަނދުވަރުގެ އަލީން މުޅި ބެލްކަނި އަލިވެފައި އޮތުމުން ނިކަން ހިތްގައިމެވެ. ބީޗްޗެއަރ ފާޑުގެ ގޮނޑިއެއް އެތާ ހުރިތަން ފެނިގެން އޭގައި ޖައްސާލަން ގޮއްސައި ހުއްޓުން އެރިއެވެ. އަފްލާކް އޮތީ އެގޮނޑީގައި އޮށޯވެ އުޑާއި ދިމާއަށް ލޯ ހުއްޓާލައިގެންނެވެ. "ކޮން ވިސްނުމެއްގައި؟" ރާފިލް ވާހަކަ ދެއްކި އަޑަށް އަފްލާކް ބަލައިލާފައި ވަކި ޖަވާބެއް ނުދިނެވެ.
ލަޔާލް ކަންބޮޑުވެފައި ހުރެ ހުރިހާ ދިމާއަކަށް ލޯ ހިންގަމުން ސިޑިއާއި ދިމާއަށް ދަނިކޮށް ރާމިޒާ ނިކުތްތަން ފެނިގެން އެހެން މީހުންނާއި ބެހޭ ގޮތުން ސުވާލު ކޮށްފިއެވެ. އަޒީ ވީ ކޮޓަރީގައި ކަމަށާއި ދެންތިބި މީހުން މައްޗަށް ދިޔަ ވާހަކަ ބުނުމުން އޭނާއަށް ވީ ގޮތް ވިސްނުނެވެ. ލަޔާލް މައްޗަށް ދިއުމުގެ ހިޔާލު ދޫކޮށްލައިފައި އައިސް އިށީންދެލީ އަނެއްކާ ވެސް ސޯފާގައެވެ. ކުޑައިރުކޮޅެއް ކުރިން އަފްލާކް އާއި ދެމެދު ހިނގާ ދިޔަ ހާދިސާ ހަނދާންވެފައި އެކަނި ހުރެވެސް ލަދުން މޫނުގައި އަތް އެޅުނެވެ. އަފްލާކްގެ ނޭވާގެ މީރުވަސް އަދިވެސް ނޭފަތުގައި ހަރުލާފައި ވާހެން ލަޔާލްއަށް ހީވިއެވެ. އޭނާ ދެއަތްތިލަ ބޮނޑިކޮށްލައިފައި މޭގައި ޖައްސާލައިގެން ހުއްޓާ ހުޅުވާފައިވާ ގޭގެ ދޮރުން ކޮންމެވެސް މީހަކު ވަންތަން ފެނުނެވެ. ލަޔާލް ހީކުރީ ގޭގެ ކޮންމެ ވެސް މީހަކު ކަމަށެވެ. އެހެންވެ އަޅައިނުލައި އިނދެފައި ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ފުންމައިގެން ތެދުވެވުނެވެ. ގޭ އެންމެން އެތެރޭގައި އުޅެނިކޮށް ބޭރުން އައިސް ވަންނާނީ ކާކު ހެއްޔެވެ؟
ލަޔާލް ބިރުން ހުރެވެސް ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި މައްޗަށް އަރައިގެން ދިޔައެވެ. އޭނާ ފަހަރަކު ކޮޓަރިއަށް ދޮރު ހުޅުވައިގެން ބަލަން އުޅެފައިވެސް މާބޮޑަށް ޖެހިލުންވެގެން އެހިޔާލު ދޫކޮށްލިއެވެ. ގޭގެ ބޮޑު މީހަކަށް އެންގިންޏާ މާ ރަނގަޅު ވާނެއޭ ހިތަށް އެރިއެވެ. ލަޔާލް ފަހަރަކު މީހަކަށް ގޮވަމުން ތިންވަނަ ބުރިއަށް އެރިއިރު މީހަކު ހިނގާފައި ދަނިކޮށް ފެނުނެވެ. ކޮރިޑޯއަށް އަލި ކުރުމަށް ދިއްލާފައިވާ ދެ އުއްބައްތީގެ އަލީގައި އެމީހަކު ލައިގެން ހުރީ ހޫޑީއެއްކަން ފާހަގަވިއެވެ. "ވަގެއް. ވަގެއް." ލަޔާލް ކުއްލި އަކަށް ހަޅޭއްލަވައި ގެންފިއެވެ. އެމީހާ އެނބުރި ބަލައިލާފައި ދުއްވައިގަތީ އެވަގުތުއެވެ. ލަޔާލްވެސް ހަޅޭއްލަވަމުން ފަހަތުން ދުއްވައިގަތީއެވެ. މައްޗަށް އަރަން އުޅެގެން އެމީހާ އަތުނުވެދާނެ ކަމުގެ ބިރު އޮތުމުން ބިރާއި ކުރިމަތިލާން ގަސްތު ކުރީއެވެ.
ލަޔާލް ގޮސް އެމީހާ ވަން ކޮޓަރި ފާހަގަ ކޮށްގެން ދޮރު ހުޅުވައިލި އިރު އަތްފައިވެސް ފިނިވެއްޖެއެވެ. އެވަރުންވެސް ހިތްވަރުން ދުލެއް ނުކުރެއެވެ. އެތެރެއިން މީހަކު ނުފެނިގެން އޭނާ ހޯދަމުން ދަނިކޮށް އެމީހާ ނިކުތީ ދޮރާއި ފާރާއި ދޭތެރެއިންނެވެ. ކައިރިއަށް ދާން ފެށުމުން ޖީބުން އޭނާ ނެގީ ކުޑަ ވަރެއްގެ ވަޅިއެކެވެ. ލަޔާލް ބިރުން ފިޔަވަޅެއް ފަހަތަށް ޖެހިލި ތަނާ އޭނާ ދޮރާއި ދިމާއަށް އެނބުރި ނިކުންނަން އުޅެގެންފިއެވެ. ލަޔާލް ބަލާކަށް ނުހުރެ ހަޅޭއްލަވައިގެންފައި ގޮސް އޭނާގެ ކޮނޑުގައި އެލިގަތުމުން ދެމީހުން އެއްފަހަރާ ޓައިލްސް މައްޗަށް ގުޅައަކަށް ޖެހުނެވެ.
އިރުކޮޅަކުން ލަޔާލްގެ ހަޅޭކުގެ އަޑު ކޮންމެވެސް އެކަކަށް އިވިގެން އެންމެން ދުވަމުން އައިސް ހުއްޓުނު އިރު ޓައިލްސް މަތީގައި ދެމީހުން އޮވެފައި އެކަކު ތެދުވީއެވެ. "އޯހ ގޯޑް ލަޔާލް!" ނަތާ ބާރަކަށް ހަޅޭއްލައިގެންފައި ރޮއިގަތީ ލަޔާލް އޮތް ގޮތް ފެނިގެންނެވެ. އަދި ކޮޅަށް ތެދުވި މީހާ ކުރިމަތީގައި އެންމެން ތިއްބާ ފެނުމުން ބިރުން ހުއްޓިއްޖެއެވެ. އަފްލާކް އެއްފަހަރު ލަޔާލްއަށް އަނެއްފަހަރު ޒުވާނާއަށް ބަލާލައިފައި އޭނާގެ ކަރުގައި ހިފާ ގެންގޮސް ތަތްކޮށްލީ ފާރުގައެވެ.