ފިޔަވަޅުގެ އަޑު ކައިރި ވަމުން ދިޔަ ވަރަކަށް ލަޔާލްގެ ހިތްވެސް އަވަސް ވަމުން އައެވެ. ކޮޓަރިތެރެ ފިނިކޮށްލާފައި ހުއްޓާވެސް އިރުކޮޅަކުން ނިއްކުރިން ދާތިކި ވިދަން ފެށިއެވެ. އަފްލާކް އައިސް ފުރަގަހަށް ހުއްޓިފައި އުނަގަނޑުގައި އަތް އަޅުވާލި ގޮތުން ވަގުތުން ނޭވާ ލާން ހަނދާން ނެތުނެވެ. "ނިންޖެއް ނާދޭތަ؟" އަފްލާކްގެ އަޑު އާދައިގެ ވަރަށް ވުރެ ބަރުހެން ހީވިއެވެ. "ކުޑަކޮށް." ލަޔާލް ޖަވާބުދީފައި އިސްއުފުލައިލުމުން ޑްރެސިން ޓޭބަލްގައި ހަރުކޮށްފައިވާ ލޯގަނޑުން ދެމީހުންގެ ސޫރަ ފެނުނެވެ.
ހިސާބަކަށް ހޭވިފައިވާ އަފްލާކްގެ އިސްތަށިގަނޑުން ބައެއް އިސްތަށި ކޮޅުތައް ނިތްމައްޗަށް އެޅިފައި ވާތީ ނުހަނު ހިތްގައިމު ގޮތެއް ހުއްޓެވެ. އެކަމަކު އެދެލޯ ކުރި އާއި ޚިލާފު ގޮތެއް ދެއްކިއެވެ. އަބަދުހެން އެހުންނަ ވިދުމެއް މިއަދަކު ނެތެވެ. "ޔޫ އޯކޭ؟" ކަންބޮޑުވެގެން ލަޔާލްއަށް ބުނެވުނެވެ. އަވަހަށް އަނެއްފަރާތަށް އެނބުރިފައި އޭނާ އަފްލާކްގެ މޫނުގައި ދެއަތުން ހިފަހައްޓާލި އެވެ. "އައެމް ފައިން." ލުއި ހިނިތުން ވުމަކާއެކު ފަހަތަށް ލަނބާލައިގެން ހުރި އަތް އުފުލާލައިފައި ރަތް ފިނިފެންމަލެއް ދައްކައިލުމުން ލަޔާލްގެ ހިތް ނަށައިލިއެވެ.
"އާވ.....ސޯ ބިއުޓިފުލް." ލަޔާލް ފޮނިވެގެން މަލުގައި ހިފައިލަން އުޅެނިކޮށް އަފްލާކް މާ ދުރުކޮށްލުމުން އަނގައަށް ގޮތެއް ހަދައިލެވުނެވެ. "ގޮތެއްގެ މަތިން ލިބޭނީ......" އަފްލާކް ކުރިއަށް ވުރެވެސް ކައިރިވެލަމުން މަލުގެ ފިޔަތަކުން މަޑުމަޑުން ލަޔާލްގެ މޫނުގައި ފިރުމަން ފެށިއެވެ. "ބުނެބަލަ!" ލަޔާލް ވާހަކަ ދެއްކި އިރު ކޯތާފަތަށް ރަތްކުލަ ވެރިވަމުން އައެވެ. "ކުރަންވީ ކަމަކީ.. ލޯ މަރަންވީ." އަފްލާކް އަނެއް އަތުން ލަޔާލް ލޯމަތީ އަތް އަޅާ ނިވާ ކޮށްލަމުން ޖަވާބު ދިނެވެ. "އޯހ." ލަޔާލް އަޑެއް ލައްވާލައިފައި ވިސްނަން ހުއްޓާ އަފްލާކް އަތްތިރި ކޮށްލާފައި އެއަތުން އޭނާގެ އުނަގަނޑުގައި ވަށާލައިގެން ކުރިއަށް ދާން ފެށިއެވެ. ލޯ މަރައިގެން ހުރުމުން ލަޔާލްގެ ފިޔަވަޅުތައް ހުރީ ލަސްވެފައެވެ. އަފްލާކް ކައިރީގައި ހުއްޓެއް ކަމަކު ކުރިއަށް ދާން އޭނާ ޖެހިލުންވިއެވެ.
"އޯލްރައިޓް! ދެން ހުޅުވާ!" އިރުގަނޑަކު ހިނގާފައި އަފްލާކް ހުއްދަދިނެވެ. ލޯ ހުޅުވައިލުމުން ކުރިމަތިން ކޮޓަރިއެއްގެ ދޮރު ފެންނަން ހުއްޓެވެ. ލަޔާލް މޫނު އަނބުރާލައިފައި ބަލައިލުމުން އަފްލާކް ބަލަން ހުރެލާފައި އެކޮޓަރީގެ ދޮރު ހުޅުވާލަ ދިނެވެ. ވަގުތުން ލަޔާލްއަށް ލޯ ބޮޑުކޮށްލެވުނެވެ. އަނގަމަތީގައި އަތް އަޅާލައިގެން އޭނާ ކޮޓަރިއަށް ވަދެ ހުރެ ވަށައިގެން ބަލަން ފެށިއެވެ. ގިނަ އަދަދަކަށް އުއްބައްތި ދިއްލާފައިވާ ކޮޓަރި ތެރެ އެއީ ދުވަސްތަކެއް ކުރީން އޭނާގެ ކައިވެނީގެ ރެއަށް ތައްޔާރު ކުރެވުނު ކޮޓަރި އާއި އެއްވެސް ތަފާތެއް ނެތެވެ. "ލާކް! އިޓްސް ޕަރފެކްޓް." ލަޔާލް ފޮނިވެގެން މުޅި ކޮޓަރި ތެރޭގައި ބުރެއް އަޅާލައިފައި ގޮސް އެނދުގައި އިށީންދެލިއެވެ. އެވަގުތު ސައިޑްޓޭބަލް މަތީ ހުރި ބިއްލޫރި ބޯތަށި މަތި މައްޗަށް އަޅާފައިވާ ސްޓޯބެރީތައް ފެނިގެން އެކަތި ނަގާފައި ކާލިއެވެ. ދޮރު ލައްޕާ ލައިފައި އަފްލާކް އައިސްފިނިފެންމާ ދިއްކޮށްލުމުން ލަޔާލް މަލުގައި ހިފައިފިއެވެ. ލަޔާލް މަލުގައި ތުންފަތް ޖައްސާލައިގެން ހުއްޓާ އަފްލާކް ސައިޑް ޓޭބަލްގެ ވަތްގަނޑެއް ދަމާލައިފައި ކުޑަ ޕާރސަލް ފޮއްޓެއް ނަގައިގެން ދިއްކޮށްލިއެވެ.
"މި ކޯއްޗެއް؟" ލަޔާލް ފޮށީގައި ހިފާފައި ސުވާލު ކުރިއެވެ. "ވެޑިން ގިފްޓް. ވެޑިން ނައިޓްގަ ދޭންވެގެން ހުރީ. އެނގެއެއްނު އެރޭ ވީގޮތް." އަފްލާކްވެސް އެނދުގައި އިށީންދެލި އެވެ. ލަޔާލް ފިނިފެންމާ ސައިޑްޓޭބަލް މަތީ ބާއްވާފައި އަފްލާކްގެ މޭގައި ލައްވެލިއެވެ. އޭނާ ބަލަން އިނދެފައި ފޮށީގެ މެދުގައިގައިވާ ޓައީގެ އެއް ފަށަށް ދަމާލައިފައި ރިބަން ފަށް މޮހާލުމާއެކު މަތި ހިއްލާލިއެވެ. މަހުމާ ފޮށީގެ މެދުގައި އިން އަތުކުރީ ގަޑީގެ ފުޅާ މިނުގައި ހުންނާނީ ސެންޓިމީޓަރެކެވެ. އުޅައެއްގެ ޑިޒައިނަށް ފަރުމާ ކޮށްފައިވާ ގަޑީގައި ގިނަ އަދަދަކަށް ހުދު އަލިމަސް ބޭނުން ކޮށްފައި ހުރުމުން ރީތިކަން އިންތިހާއެވެ. "ތެންކިއު." ފޮށި ދުރުގައި ބަހައްޓާފައި ލަޔާލް އެނބުރިލި އިރު އަފްލާކް ބަލަހައްޓައިގެން އިންގޮތުން ރަކިވި އެވެ. އިސްއޮބައިލަން ތައްޔާރުވެލި ތަނާ އަފްލާކް އޭނާގެ ދަތްދޮޅި ދަށަށް ޝަހާދަތް އިނގިލި ލައްވާލައި އެކަން ހުއްޓުވިއެވެ.
"ކިސް މީ!" އަފްލާކްގެ ބޭނުމަކީ ލަޔާލް ލައްވާ އިސްނެގުވުމެވެ. އެކަމަކު އެއަޑު އިވިގެން ލަޔާލް ހައްތަހާ ބޮޑަށް ރަކިވާ ގޮތްވިއެވެ. އެކަމަކު އޭނާ ހިތްވަރުން ދެރައެއް ނުކުރިއެވެ. ހިތަށް އެރިއެވެ. ފިރިމީހާގެ މައްޗަށް އޭނާގެ ހައްޤު ނެތިއްޔާ ދެން އޮންނަނީ ވަކި ކާކުގެ ހައްޤެއް ހެއްޔެވެ؟ ލަޔާލް ތުންފަތުގައި ދަތް އަޅާލަން އިނދެފައި އިރުކޮޅަކުން އެމޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެކަމަކު ކާމިޔާބު ވާގޮތެއް ނުވިއެވެ. އަފްލާކްގެ ފޯން ރިންގް ވާން ފެށި އަޑަށް ދުރަށް ޖެހިލެވިއްޖެއެވެ. "ލެޓް އިޓް ރިންގް." އަފްލާކް އަނެއްކާވެސް ކައިރިވެލައިފި އެވެ. "ނޫނޭ. ޖީން ހޭލީކަމަށްވެސް ވެދާނެ. ބަލާބަ ޝާމީގެ ކޯލެއްތޯ!" ލަޔާލް ހަނދާން ކޮށްދިނެވެ. އަފްލާކް އެއަޑު އަހާފައި ޖީބުގައި އޮތް ފޯން ނަގައި ބަލައިލި އެވެ. "ކީކޭ ޝާމީ؟" ފޯން ނަގައި ކަންފަތުގައި ޖަހައިލަމުން އޭނާ ފުރަތަމަވެސް ބުނެލިއެވެ. ޝާމީގެ އަޑަށްވުރެ ކުރީން ޖީންގެ ރުއިމުގެ އަޑު އަހާފައި ހިތަށް ކުއްލި ލޮޅުމެއް އައެވެ. "ކިހިނެތްވީ ޖީންއަށް؟" އަފްލާކް ފުންމައިގެން ތެދުވިތަން ފެނިފައި ލަޔާލްއަށްވެސް ތެދުވެވިއްޖެއެވެ.
ލަޔާލް މެނަށް ދެވުނުއިރު ޝާމީ ޖީން ކޮނޑު މައްޗަށް ލައިގެން ދެކޮޅަށް ހިނގަމުން ނާނާ ކިޔައެވެ. އެކަމަކު ޖީންއަށް އެއިން އެއްވެސް އަސަރެއް ކުރާ ހެނެއް ހިއެއް ނުވެއެވެ. ޝާމީގެ ބުރަކަށީ ދެއަތުން ތަޅަ ތަޅާފައި ރޮމުން ދިޔައިރު މޮޔަވެގެން އުޅޭ ކަހަލައެވެ. ދޮރާއި ހަމައަށް ގޮއްސައި ލަޔާލްއަށްވެސް ފަސް ޖެހެވުނެވެ. އެކަމަކު އަފްލާކް ގޮސް އަވަހަށް ޝާމީ އަތުން އެކުއްޖާ އަތުލައިފިއެވެ. "އީޒީ ސްވީޓް ހާޓް! އީޒީ....." އަފްލާކްގެ ހިތަށް އަސަރު ކުރިވަރުން ޖީން މޭގައި ޖައްސާލައިގެން އެތަކެއް ފަހަރު އިސްތަށިގަނޑުގައި ބޮސްދިނެވެ. ޖީންއަށް ކޮންމެވެސް ބުއިމެއް ގެނެސްދޭން އެންގުމުން ޝާމީ ދުވެފައި ނިކުމެގެން ދިޔައެވެ. ލަޔާލް އެތެރެއަށް ވަނީ ޖީންގެ އަޑު މަޑުވާ އަތަށް އެޅީމައެވެ. ޝާމީ ވެނީލާ ކިރު ޕެކެޓެއް ގެނެސް ދިނުމުން ނަސީބަކުން އަފްލާކްގެ އެހީގައި ޖީން އެހުސްކޮށްލި އެވެ. އިރުކޮޅަކުން ރުއިންވެސް މެދުކެނޑިއްޖެއެވެ. އެކަމަކު ކޮނޑުމައްޗަށް ލައި ނިދާހައި ވުމުން ގެންގޮސް ބޭއްވިތަނާ އަނެއްކާ ރޯން ފެށިއެވެ. "ލާކް އޮންނަންވީ އެއްނު ޖީން ކައިރީ." ލަޔާލް ހުރެފައި ހިޔާލެއް ދިނެވެ. އަފްލާކް އެއްޗެއް ނުބުނި ނަމަވެސް އެހިޔާލަށް ތާއީދު ކުރެވުނެވެ. އޭނާ ގޮސް އެނދުގައި އެއްފަރާތެއްގައި އޮށޯވެ ކައިރީގައި ޖީން ބާއްވައިލިއެވެ. ކުޑަކޮށް ލޯ ހުޅުވައިލާފައި ޖީން އަފްލާކްގެ ގައިގައި ބައްދައިލައިގެން ރީތިކޮށް ނިދާލައިފިއެވެ. ލަޔާލް އަތުން އިޝާރާތް ކޮށްލުމުން ޝާމީ ވެސް ގޮސް ނިދަން އޮށޯވެއްޖެއެވެ. ނިކުންނަން ވެގެން ތަންކޮޅަކަށް ގޮއްސައި ލަޔާލް އެނބުރި ބަލާލި އިރު އަފްލާކް އޮތީ ލޯމަރާލައިގެންނެވެ. ދެބަފައިން ނިދާފައި އޮތް އިރު ރީތިކަމުންވެސް ލަޔާލްއަށް ބަލަން ހުރެވުނެވެ.
ލަޔާލް އެނބުރި ގޮސް ކޮޓަރިއަށް ވަދެފައި ދޮރު ލައްޕާލިއެވެ. ބޮކި ނިއްވާލުމުން ހަމައެކަނި އުއްބައްތި އަލީގައި ހިތްގައިމުކަން އިތުރު ކަމަށް ދައްކައެވެ. ލަޔާލް ގޮސް ދެފައި ވަށްކޮށްލައިގެން އެނދުގައި އިނދެފައި ސްޓޯބެރީ އަޅާފައި ހުރި ބޯތަށި ނަގައި އުނގަށްލައިގެން ކާން ފެށިއެވެ. އަނގަ ހުއްޓައި ނުލައި ކާން އިންދާ އިރުކޮޅަކުން ލޮލުން ވެއްޓުނީ ކަރުނަ ތިއްކެކެވެ. ލަޔާލް އަވަސް އަވަހަށް ކޯތާފަތް ފުހެލާފައި ލުއި އަޑަކުން ހީލައިފި އެވެ. ސިކުންތުކޮޅެއް ފަހުން އަނެއް ކަރުނަތިކި ވެއްޓުނެވެ. ކައިކައި އިން ސްޓޯބެރީ ބޯތައްޓަށް ލައިފައި ސައިޑްޓޭބަލް މަތީގައި އޭނަ ބެހެއްޓިއެވެ. އަނގަމަތީގައި އަތް އަޅައިލުމުން އަޑު ބޭރެއް ނުވިއެވެ. އެކަމަކު ލޮލުން ކަރުނަ އަންނަން ފެށީ ހިފެހެއްޓުމެއް ނެތިއެވެ.
"އަހަރެންނަށް ކިހިނެތްތަ މިވަނީ؟ އަހަރެން ދެރައެއް ނުވޭ. އަހަރެން ދެރައެއް ނުވޭ ޖީން އާއި އެކު ލާކް ޝެއަރ ކުރަން ޖެހޭތީއެއް. ޖެލަސްއެއްވެސް ނުވޭ. ޝީޒް ސޯ ކިއުޓް. އައި ލަވް ހަރ. ދެން ކީއްވެތަ މި ރޮވެނީ؟" ކަރުނަ ފުހެމުން ލަޔާލް އެކަނިމާ އެކަނި ވާހަކަ ދެއްކިއެވެ. ހީވަނީ އަމިއްލަ ހިތަށް ޔަޤީންކޮށްދޭން އުޅޭ ހެންނެވެ. ދެން ކުއްލިއަކަށް ތެދުވެގެން ގޮސް ފޮތިގަނޑު ކަހާލައިފިއެވެ. އަނދިރީގެ ތެރެއިން ކުދިބޮޑު އިމާރާތްތަކުގެ އަލިތައް ފެންނަނީ އަޖައިބު ކުރުވާފަދަ ރީތި ގޮތަކަށެވެ. ކުޑަދޮރު ކަހައިލުމުން މޫނުގައި އައިސް ބީހެން ފެށި ވައިރޯޅިތައްވެސް ނިކަން އަރާމެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން ލަޔާލްގެ ހިތަށް ހަމަޖެހުމެއް ނުގެނެވުނެވެ. ތަކުރާރުކޮށް އޭނާ ބުނަމުން ދިޔައީ އެއްވާހަކައެކެވެ. އޭނާގެ ހިތަށް ކުޑަވެސް ރިހުމެއްއެއް ވޭނެ ނުލިބޭ ކަމަށެވެ. ޖީންގެ ސަބަބުން އެއްވެސް ކަމެއް ބަދަލު ނުވާ ކަމަށެވެ.
ކުޑަދޮރު އެހުރި ގޮތަށް ދޫކޮށްލައިފައި ލަޔާލް ގޮސް ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. މިނިޓަކު ދެތިން ފަހަރަށް އޭނާ ގަޑިއަށް ކަޅިއެއް އެއްލައެވެ. އެންމެ ފަހުން ނުވެ ނުދާނެ ގޮތްވެސް ވެއްޖެއެވެ. ވިސްނައި ވިސްނާ ސިކުނޑި ހަމައިން ނައްޓައިލުމުން ކޮޓަރީގައި ހުރި ދިރުން ނެތް ތަކެއްޗަށްވެސް ބޮނޑި ބާލަން ފެށިއެވެ. ޓައިލްސް މަތީގައި އަތުރާފައިވާ ހުރިހާ އުއްބައްތިއެއްގައި އޭނާ ކޮޅު ފައިން ޖަހައި އެތަން މިތަނަށް ބުރުއްސާލިއެވެ. އެނދުގެ ބެޑްޝީޓް ދަމައިގަނެފައި ގުޅައަކަށް ޖަހައި ހޫރާލިއެވެ. ސައިޑު ޓޭބަލް މަތީ ހުރި ލައިޓާއި ސްޓޯބެރީ އަޅާފައި ހުރި ބޯތަށީގައިވެސް އަތުން ޖަހާ ވައްޓާލިއެވެ. ހަމަޖެހުމެއް ލިބުނީ އެއަށްފަހުގައެވެ. ތަރުތީބު ގެއްލިފައިވާ ކޮޓަރި ތެރެއަށް ވަށައިގެން ބަލައިލާފައި އެންމެފަހުން އެނދަށް ވެއްޓިގެންފި އެވެ. ޖީންގެ ކޮޓަރިއަށް ދާންވެގެން ހެދުން ބަދަލު ކުރި ގޮތަށް އޭނާ އޮތީވެސް އެހެދުމުގައެވެ.
ޖީންގެ ކައިރީގައި އޮވެ އަފްލާކްއަށްވެސް އިރުގަނޑަކު ނިދުނެވެ. ހޭލެވިގެން އޭނާ ގަޑި ބަލައިލި އިރު ތިނެއް ޖެހީއެވެ. ލަޔާލް މަތިން ހަނދާންވެފައި އޭނާ ނިދި ފިލައިފިއެވެ. ޖީންގެ މޫނުގައި ބޮސްދީފައި އަފްލާކް ތެދުވެ އިށީނެވެ. ޖެހިގެން އޮތް އެނދުގައި ޝާމީވެސް އޮތީ ގަދައަށް ނިދާފައެވެ. އަޑެއްވެސް ލައްވައި ނުލާ ގޮސް ކޮޓަރިން ނިކުމެގެން ދިގު ފިޔަވަޅުތަކެއްގައި އަފްލާކް ދިޔައެވެ.
ކޮޓަރިއަށް ވަދެފައި އަފްލާކް ހުރީ ފުރަތަމަ ހިނގައިގަންނަން ނޭނގިފައެވެ. އެތަނުގެ ހާލަތަށް ބަލައިލުމުން ތޫފާނެއް އައިއްސައި އޮތް ފަދައެވެ. ތުންފަތުގައި ދަތް އަޅައިލަ އަޅައިލާ އަފްލާކްއަށް ހުރެވުނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. ނިދިފައި އޮތް ލަޔާލްއަށް ބަލައިލުމުން ހަމްދަރްދީ ވެވުނެވެ. އޮތީވެސް ކުޑަކޮށް ކުރު ގެޅިލައިގެންނެވެ. ހުޅުވާފައި ހުރި ކުޑަ ދޮރު ފެނުމުން އަފްލާކްއަށް ސަބަބު އޮޅުން ފިލިއެވެ. ހިތަށް އެރިއެވެ. ލަޔާލްގެ މަޤާމުގައި އެހެން ކުއްޖަކު ހުރިނަމަވެސް އަސަރު ނުކޮށް ނުދާނެއެވެ. ފިނި ފައިބާ މިދުވަސްވަރު އެގޮތަށް ހުރަހެއްނެތި ކުޑަދޮރުން ވަންނަމުން ދިޔަ ވައިރޯޅި ތަކުގެ ސަބަބުން ގަނޑު ކޮށްލަފާނެ ކަހަލައެވެ. އަފްލާކް ގޮސް ފުރަތަމަ ދޮރު ލައްޕައި ފޮތިގަނޑު ދަމައިލި އެވެ.
"ބޭބީ! ވޭކް އަޕް!" އެނބުރި އައިސް މަގަތުގައި އިށީންދެފައި ލަޔާލް ކަންފަތް ދޮށުގައި އަފްލާކް ބުނެލިއެވެ. އޭނާ ކައިރީގައި އިނދެގެން ބައެއްކަހަލަ ކުދި ގޯނާ ކޮށްލި ފަހުން ލަޔާލް ހޭލައިގެން ފުރަތަމަވެސް ފުންމައިގެން ތެދުވިއެވެ. ދެރައީ ރުޅިގަދަ ވެފައި ހުންނައިރު ފަހުން ވާނެ ގޮތަކާއި މެދު ހިޔާލު ނުކުރެވޭތީއެވެ. ލަޔާލް ހީކޮށްގެން ހުރީވެސް އިރު އެރުމުގެ ކުރީން އަފްލާކް ލޮލަށް ނުފެންނާނެ ކަމަށެވެ. އަދި ހެނދުނު އެންމެ ފުރަތަމަ ތެދުވެފައި ކޮޓަރި ސާފު ކުރަން އޭނާ ހުރީ ނިންމައިގެންނެވެ. "ލާކް...." ލަޔާލް ވާހަކަ ދައްކަން ވެގެން ތުންފަތް ތަޅުވައިލި ތަނާ އަފްލާކް ޝަހާދަތް އިނގިލި ބެހެއްޓީ އޭނާގެ ތުންފަތުގައެވެ. ވަގުތުން ލަޔާލްގެ ލޮލަށް ކަރުނަ ގިނަވިއެވެ. އޭނާ ހިތަށް އެރީ އަފްލާކް ހިތްހަމަ ނުޖެހުނު ވަރުން އޭނާ އަމިއްލަ ދިފާޢުގައި އެއްޗެއް ބުނެލާނެ ފުރުސަތެއްވެސް ދޭން ބޭނުން ނުވީ ކަމަށެވެ.
"އަހަރެން މިއައީ ވާހަކަ ދައްކާކަށް ނޫން. ވާހަކަ ދައްކާނީ އިރުއެރީމަ." ކަންފަތާއި އަނގަ ކައިރިކޮށްލާފައި ވައިއަޑުން އަފްލާކް ބުނެލިއެވެ. އެއަޑު ކަންފަތުގައި ޖެހިފައި ސިކުންތުކޮޅެއް ފަހުން ލަޔާލްގެ ކަނދުރާގައި އަފްލާކްގެ ތުންފަތް ބީހިލުމުން ހުރިހާ ހިސާބަކަށް އެނގުން ވެލިއެވެ. އިޚުތިޔާރެއްނެތި ދެއަތްތިލަ މުށްކަވާލެވުނެވެ. ލޯމަރާލައިގެން އޭނާ އިންދާ އަފްލާކް ހިންދެމިލާފައި މޫނު ކައިރިކޮށްލުމުން ސިހުނެވެ. ލޯ ހުޅުވައިލުމުން އެތޫނު ދެލޯވެސް ލަޔާލްގެ ހިތް މަސްތު ކޮށްފިއެވެ. ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިން އޭނާ އަފްލާކްގެ މޫނުގައި ދެއަތުން ހިފާލައި ކައިރިކޮށްލައިގެން ބޮސްދޭން ފެށިއެވެ. އިރުކޮޅެއް ވީއިރު ނޭވާ ކޮޅަށް ގޮސް މުޅި ކުއްޖާ ހުއްޓެން ކައިރިވި އެވެ. އަފްލާކް ގަދަކަމުން އޭނާ ދުރު ކޮށްލައިފައި އެނދުގައި ބާއްވައިލުމުން ކަޅި ޖަހައިނުލައި ބަލަން އޮތެވެ. އަފްލާކް ލައިގެން ހުރި ޓީޝާޓްގެ ކަރުވަޅުގައި ހިފައި ދަމައިގެންފައި ހަށިގަނޑާއި ވަކިކޮށްލައި ތިރިއަށް ދޫކޮށްލިއެވެ. ހިސާބަކަށް ހާމަވެފައިވާ ލަޔާލްގެ ހިނދި ހިނދި ބަނޑު އަފްލާކްގެ ސަމާލުކަމަށް އައީ އެވަގުތުއެވެ. ބަލަން އިނދެފައި އޭނާ ޓޮޕްކޮޅުގެ ތިރީގައި ހިފައި އަދިވެސް ބޮޑަށް މައްޗަށް އަރުވާލައިގެން އިނގިލިތައް ހިންގާލިއެވެ. ގިޓައެއްގެ ނަރުތަކާއި ކުޅެލުމުން ރާގު އަންނަހެން ލަޔާލްގެ ކޯތާފަތަށް ރަތް ކުލަ އަރައި ހަށިގަނޑަށްވެސް ބަދަލު އައެވެ. ލައިގެން ހުރި ބޯ ޖިންސާއެކުވެސް އަފްލާކް ފައިގައި ފިރުމާލުމުން އިހްސާސްތައް އިތުރަށް ވަރުގަދަ ވެގެން އައެވެ. އަދިވެސް ފިނީގެ އަސަރު ހުރުމުން އެހާމެ އިޝްޤީއެވެ. އިރުކޮޅެއް ވީއިރު ފިނީގެ މައްޗަށް ކުރި ހޯދި އެއްޗެއް ކަމުގައި އުދާސް ވެގެން އައެވެ. އަދިވެސް ބައެއް އުއްބައްތިތައް ސަލާމަތުން ހުރީތީވެ އޭގެ އަލީގައި ފާރަށް އެޅިފައިވާ ދެހިޔަނިވެސް އެއީ އެކައްޗެއް ކަމުގައި ފެންނަން ފެށިއެވެ. ގަޑި ހިނގާ ގޮތްވެސް އެމީހުނަށް ލަފާ ކޮށްލެވުނީ ފަތިސް ނަމާދު ބަންޤި ގޮވަން ފެށުމުންނެވެ. ވެފައި ހުރި ވަރުބައްޔާއެކު އިރުކޮޅަކު އަރާމު ކުރަން ތިބެފައި ފުރަތަމަ ފެންވަރަން ވަނީ އަފްލާކްއެވެ.
އަފްލާކް މިސްކިތަށް ދާން ނިކުތްފަހުން ލަޔާލްވެސް ފެންވަރާލައިގެން އައިސް ފަތިހުގެ ވާޖިބު އަދާކޮށްލިއެވެ. އޭނާ ކޮޓަރިން ނިކުމެގެން ތިރިއަށް ފައިބަނިކޮށް އަންހެން ކުއްޖެއްގެ ރުއިމުގެ އަޑު ކަންފަތުގައި ހަރުލިއެވެ. ވިސްނާލިއިރު އޭނައަށް ހުރެވުނީ ދެވަނަ ބުރީގައެވެ. ލަޔާލްއަށް އެނގެއެވެ. ޔަޝާރު އާއި ނަތާގެ ކޮޓަރިވެސް ހުންނާނީ އެބައިގައެވެ. ލަޔާލް ކަންފަތް ދީގެން ހުރެ އަޑު އަންނަ ދިމާ ފާހަގަ ކޮށްގެން ދަނިކޮށް ޔަޝާރު ކޮޓަރި ދޮރު ހުޅުވިފައި ހުއްޓާ ފެނުނެވެ. ދޮރާއި ކައިރިވެލުމުން އެއީ ޔަޝާރުގެ ރުއިމުގެ އަޑުކަންވެސް އެނގުނެވެ. ވާނުވާ ނޭނގިފައި ލަޔާލް ހުއްޓާ މަފާޒް އާއި ޔަޝާރު ދެއްކި ވާހަކަ އިވިގެން ހައިރާންވި ވަރުން އަނގަ ހުޅުވިފައި ހުރެވުނެވެ.
އަފްލާކް އަންނަން ވާއިރަށް ލަޔާލް ކޮފީއެއް ތައްޔާރު ކޮށްލިއެވެ. ފިޔަވަޅުގެ އަޑު އިވިގެން އޭނާ އަވަހަށް ނިކުމެފައި ޔާނިޒް ފެނިގެން ހުއްޓެވިއްޖެއެވެ. އެވަގުތު ލަޔާލް ފެނިފައި ޔާނިޒްއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. "މިއޮތް ފަތިހާ ކޮންތާކުން ތިއަންނަނީ؟" ލަޔާލް ފިޔަވަޅެއް އަޅާލައިފައި ގޮސް ހުއްޓުނީ ޔާނިޒް ކުރިމަތީގައެވެ. "ހެހެ.. ލަޔާ ކީއްތިކުރަނީ މިގަޑީގަ؟ ރޭގަ ނުނިދަނީ ދޯ." ޔާނިޒް ހީގެންފައި މައުޟޫ ބަދަލު ކޮށްލަން އުޅުނެވެ. "ވާހަކަ ބަދަލު ކުރަން ނޫޅޭ ނިޒް. އަހަރެން މިހާރު ދެދުވަހަކު ދެކެފިން ނިޒް ތިއުޅޭ ގޮތް. ވަޓްސް ގޯއިން އޮން؟" ލަޔާލް ހަށަން ބަނދެލައިގެން ޒިންމާދާރު ބެލެނިވެރިއެއްހެން ސުވާލު ކުރުމުން ޔާނިޒްގެ ކުލަ ރީނދޫ ވިއެވެ. "ޖަވާބު ދިނީމަ ދެވޭނީ؟" ޔާނިޒް އިސްތަށިގަނޑަށް އިނގިލިތައް މަހާލައިފައި ތިރިކޮށްލައިގެން ހޭން ފެށުމުން ލަޔާލް ސީރިއަސްކަން ހާމަކުރިއެވެ. "އައެމް ގޭ." ޔާނިޒް ޖަވާބު ދިން އަޑު ލަޔާލް އެހީ ކަންފަތަށް ޖެހި ގުގުރިއެއްގެ މިސާލުގައެވެ.
"އީއު! ވޮމިޓްސް....." އޭނާއަށް އަނގައަށް ނުބައި ވައްތަރެއް ޖައްސާލެވިއްޖެއެވެ. "ދޮގެއް ތީ. ޤަބޫލެއް ނުކުރާނަން." ޔާނިޒް ރައްދު ނުދީ ހިނގައިގަތުމުން ލަޔާލް ބާރަށް ބުނެލިއެވެ. "ބިލީވް ވަޓް ޔޫ ވޯންޓް." އެއަޑަށް ޔާނިޒް ކުއްލިއަކަށް ހުއްޓިފައި އެނބުރި ބަލައިލިއެވެ. "ނިޒް މޮޔަވީތަ؟ ތިހެން ބުނީތީވެސް ކުފުރު ވާނެ. ސީރީސް ބަލައިގެން އޭގައި މީހުން އުޅޭ ހުރިހާ ގޮތަކަށް އުޅޭކަށް ނުޖެހެއޭ..." ލަޔާލް ބާރަށް އެވާހަކަތައް ގޮވާލި ނަމަވެސް ޔާނިޒް އެއަޑު ނާހައި ސިޑިން އަރައިގެން ގޮސް ގެއްލުނެވެ. "ކީކޭ ތިކިޔަނީ؟" ދެން އިވުނީ އަފްލާކްގެ އަޑެވެ. "ނިޒް ބުނީ އޭނަ ގޭ އޯ..." ލަޔާލް އެއްވެސް ކަމެއް ސިއްރު ކުރާކަށް ނޫޅެއެވެ. "ހެހެ... ލަޔާ ޤަބޫލު ކުރަންތަ އޭނަ ދައްކާ ވާހަކަ." އަފްލާކް ހިނިގަނޑެއް ޖަހާލައިފައި އައިސް ފަހަތުން ލަޔާލްގެ ގައިގައި ބައްދާލައިފިއެވެ. "މީހަކަށް ފެނިދާނެ." ލަޔާލް ވިސްނައިލީ ހުރެވުނު ތަނާ މެދުގައެވެ. އޭނަ ހަނދާން އެބަހުއްޓެވެ. މިގޭ މީހުން އަބަދުވެސް ހެނދުނާ ހޭލައިގެން ތިރިއަށް އަންނާނެއެވެ.
އަޒީ ހުރިހާ އެންމެންނާއި އެއްކޮށް ބައްދަލު ކުރަން ބޭނުން ވާހަކަ އަންގާފައި އޮތުމުން މެންދުރު ކެއުމަށް އެންމެން ހާޟިރުވިއެވެ. އޮފް ދުވަހަކަށް ވުމުން މަފާޒް އާއި އަފްލާކްވެސް އޮފީހަކަށް ނުދެއެވެ. "ލަޔާލް ކުޑަ މަންމަ ދެއްކި ވާހަކަ އަކާއި ގުޅިގެން ހުރިހާ ކުދިންނާއި ބައްދަލު ކޮށްލަން މިޖެހުނީ." އަޒީ އެކި މީހުންގެ މޫނަށް ވަކި ވަކިން ނަޒަރެއް ދީފައި ފެށިއެވެ. ލަޔާލް އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ކުޑަ މަންމަ ދައްކައިގެން އެއުޅެނީ ކޮންކަހަލަ ވާހަކައެއްކަން އޭނާއަށް ލަފާވެސް ކޮށްނުލެވުނެވެ. "ސަހާމާ އެދެނީ އަހަރުމެން އާއިލާ މިބޮޑު ޗުއްޓީގައި އެރަށަށް ގޮސްލަން." އަޒީގެ ވާހަކަ އަހާފައި ލަޔާލްއަށް ލޯ ބޮޑު ކޮށްލެވުނެވެ. އޭނާ އުފާވި ވަރު މޫނަށް އެރި ކުލަވަރުން އެކަނިވެސް ފާހަގަވިއެވެ. އެކަމަކު އެއްޗެއް ބުނަން އުޅެފައި އަފްލާކްގެ ވިސްނުން ހުރި ގޮތެއް ނޭނގޭތީ ފަސް ޖެހިލެވުނީއެވެ. "ލަޔާ ކީކޭ ބުނަނީ؟" އަފްލާކް ސުވާލު ކޮށްލީ ސީދާ ލަޔާލް އާއެވެ. "ލާކް ބޭނުން ގޮތެއް." ލަޔާލްއަށް ބޭނުން ވާ ގޮތް ހާމައެއް ނުކުރެވުނެވެ. އޭނާ ހިތާއި ހިތުން ދުޢާ ކޮށްކޮށް ހުރީ ކޮންމެވެސް ގޮތަކުން އަފްލާކްގެ ހިތުގައި ދަތުރުގެ ޝައުޤުވެރިކަން އުފެދުމަށެވެ.
"އޯލްރައިޓް. އަހަރެން ދާން ތައްޔާރު." އިރުކޮޅަކުން އަފްލާކް ބުނެލިއެވެ. ޔާނިޒް އާއި ނަތާވެސް އަފްލާކްއަށް ތާއީދު ކުރިއެވެ. އަނގައިން ނުބުނެ ތިބީ ޔަޝާރުމެން ދެމަފިރީންނެވެ. "އަހަރެންނާއި ޔަޝާރު މަޑުކުރާނީ ގޭގައި." މަފާޒް އެންމެ ފަހުން ބުނެލިއެވެ. ލަޔާލްގެ ނަޒަރު އެދެމީހުންނަށް ހުއްޓުނު ހިސާބަކީ އެއީއެވެ. ހެނދުނު އިވުނު ވާހަކަ ތަކަށްފަހު އޭނާއަށް ލަފާކޮށްލެވުނެވެ. އެދެމީހުން މިދަތުރެއް ނުދާނެއެވެ. ނަސީބަކުން އަޒީވެސް މަފާޒް މެންނަށް މާބޮޑަށް ބާރު އަޅާކަށް މަސައްކަތެއް ނުކުރެއެވެ.
މަޝްވަރާތައް ކުރެވުނު ދުވަހުން ފެށިގެން ތިން ވަނައަށް ވީ ދުވަހު އަޒީގެ އާއިލާ ތިބީ ފުރަން އައިސް އެއަރޕޯޓް ގައެވެ. ބޯޓަށް އަރަން ދިޔައިރު ނަތާގެ ނަޒަރު ހުއްޓިފައި ހުރީ ރާފިލް އަށެވެ. ރާފިލް އެދަތުރުގައި ބައިވެރިވާކަން އޭނާއަށް އެނގުނީ އެންމެ ފަހު ވަގުތު ފުރަން އައީމައެވެ.