އެހެން އެންމެންގެ ސަމާލުކަން ލަޔާލް އާއި ލީޒާ ހޯދާފައި ވަނިކޮށް ޝާމީ ތެދުވެގެން މަޑުމަޑުން ގޮސް އެންމެ ކައިރީގައިވާ ބަދިގޭގެ ދޮރުން އެތެރެއަށް ދެމިގެންފިއެވެ. އޭނާ ފްރިޖުން ނެގި ފެންފުޅިން ދިގު ބިއްލޫރި ތައްޓެއް ފުރާލައިގެން ގޮސް ހުއްޓުނީ ކުޑަދޮރު ކައިރި އަށެވެ. ފެނަށް ދަހިވެފައިވާ ކުއްޖަކު ފަދައިން އެއް ނޭވައިން ފެންތަށި ހުސްކޮށްލާފައި ދާރަމަތީ ބެހެއްޓި އިރު ހުރީ މައިނޭވާ ލެވިފައެވެ. ލޮލަށް ފެނުނު މަންޒަރު އަދިވެސް ޤަބޫލު ނުކުރެވިގެން އުޅޭ ކަހަލައެވެ. ދެއަތުގެ އިނގިލިތަކާއި ކުޅެމުން ދެކޮޅަށް ހިނގާލައިފައި އަނެއްކާވެސް އޭނާ ހުއްޓުނީ ކުޑަދޮރު ކައިރި އަށެވެ. ސިކުނޑީގައި އެއްފަހަރާ އެތަކެއް ސުވާލު އުފެދިގެން ބޮޑު ހައިޖާނު ގަނޑަކަށް ވެއްޖެއެވެ. މަންމަގެ ފުރަތަމަ ދަރިއަކީ ލަޔާލް ހެއްޔެވެ؟ ލަޔާލް އަކީ ބައްޕަ އާއި އޭނާގެ މަންމަ ކައިވެނި ކުރީ ކޮންއިރަކު ހެއްޔެވެ؟ ސުވާލު ތަކުގެ ޖަވާބު ބޭނުންވި ނަމަވެސް އޮޅުން ފިލުވާނެ ގޮތެއް ޝާމީ އަކަށް ނުވިސްނުނެވެ. އޭނާ ސުވާލު ކުރަން ފަށައިފިއްޔާ މިގޭ މީހުންނަށް ޝައްކު ވެދާނެ އެވެ.
ޝާމީ ގޮނޑިއަކަށް އެއްފައި ނަގައިގެން މޭޒު ކައިރީގައި އިންނަތާ އިރުގަނޑެއް ފަހުން ބޭރުން މީހުން ވާހަކަ ދެއްކުމުގެ އަޑު މަޑުވެލިކަން އިހްސާސްވިއެވެ. އިރުކޮޅަކުން ރާމިޒާ ތަށިތަކެއް ތަބަކަށް ލައިގެން އައިސް ވަދެއްޖެއެވެ. ޝާމީ ސުވާލު ކޮށްލުމުން ލީޒާ ގެއިން ނިކުމެއްޖެކަން އޮޅުންފިލި އެވެ. އޭނާ އަވަހަށް ބޭރަށް ނިކުންނަން ދުއްވައިގަނެގެން ދަނިކޮށް ދޮރާއި ހަމައިން ކޮންމެވެސް މީހަކު ގައިގައި ލައިގެންފިއެވެ. "ޝާމީ!" އަފްލާކްގެ އަޑު އިވިފައި ޝާމީގެ މެޔަށް ފިނިވެގެން ދިޔައެވެ. އަވަހަށް ދުރަށް ޖެހިލާފައި އިސްޖަހައިލައިގެން ހުއްޓާވެސް މޫނު ރަތްވެގެން އައެވެ. އަފްލާކްއަށް އެކަން ފާހަގަވެގެން އިތުރު އެއްޗެއް ނުބުނެ އެތެރެއަށް ވަދެއްޖެއެވެ.
ޝާމީ ސިޑިން އަރަން ދާން އުޅެފައި ހިތަށް އެރި އެއްޗަކުން ހުއްޓިފައި އެނބުރި ބަލައިލީ އަފްލާކް އަށެވެ. އަފްލާކް ފެންފުޅިއެއް ނަގައިގެން ހުރީ މޭޒު ކައިރީގައެވެ. ފެންބޯން ހުރެފައި އެއްލި ކަޅިއަކުން އަފްލާކްއަށް އޭނާ ފެނުނުކަން އެނގިގެން އިޚުތިޔާރެއްނެތި ފާރާއި ނިވާވެލެވިއްޖެއެވެ. އިނގިލީގައި ދަތް އަޅާލައިގެން ހުރެ އޭނާ ގޮސް ސިޑީގެ ހަރުފަތްތައް ގިރާ ކޮށްލައިފައި ލަޔާލް ހޯދަންވެގެން މައްޗަށް ދިޔައެވެ.
ޝާމީ އެކޮޓަރި ކައިރިއަށް ހުއްޓިފައި ދޮރުފަތުގައި ޓަކި ޖަހާލިއެވެ. ލަޔާލް އެތެރެއިން ވަންނާށޭ ގޮވާލުމުން މަޑުމަޑުން ދޮރު ހުޅުވާލައިފައި ވަނެވެ. ޖީން ކައިރީގައި ބައިންދައިގެން އެނދުގައި ލަޔާލް އިނެވެ. އިރު އޮއްސެންމުން އައި އެވަގުތު ކުޑަދޮރު ކައިރީ ކަހާލައިފައިވާ ހުދު ކާޓޭންއަށް މަޑު އޮރެންޖް ކުލައެއް ވެރިވެފައި ވެއެވެ. ޝާމީ ވަދެގެން އައިސް ލަޔާލް ކައިރިއަށް ހުއްޓިފައި ވާހަކަދައްކަން ވެގެން ތައްޔާރު ވެލިއެވެ. "ޝާމީއަށް ދެންމެ ފެނުނު ދޯ އަހަރެންގެ މަންމަ؟" އެވަގުތު ލަޔާލް އަހާލި އެއްޗަކުން އޭނާ ވާހަކަދައްކަން ހުޅުވާލި އަނގަ އަނެއްކާ ލައްޕާލެވުނީއެވެ. "އިނގޭތަ އަހަރެންގެ މަންމަ އަހަންނަށް މިލިބުނީ ވިހި އަހަރުފަހުން....." ލަޔާލް އުފާވެފައި އިންވަރުން އެކަން ހިއްސާ ކުރަން ބޭނުންވެފައި ކިޔައިދިނެވެ. ލަޔާލް ހަތަރުކަޅި ހަމަކޮށްލުމުން ޝާމީ ގަދަކަމުން ހިނިތުންވެލައިފައި ކައިރީގައި އިށީންދެލިއެވެ. ޖީން ފޮތެއް ހުޅުވާލައިގެން އިނުމުން އޭނާ ޖީންގެ ކޮލުގައި ކޮށްޓައިލާފައި ފޮތް ކިޔަނީހޭ އަހާލިއެވެ. "ޝާމީ ޖީން ބަލައިތަ ތިއައީ؟ ޖީން ނަމާދު ކޮށްގެން ދޯ ދާނީ." ބަންޤި ގޮވަން ފެށުމުން ލަޔާލް ތެދުވެފައި ވާހަކަދެއްކިއެވެ. ދައްކަން އައި ވާހަކަ ފަހަށް ބާއްވައިފައި ޝާމީ ނިކުމެގެން ދިޔައެވެ. އޭނާ އެކުން ލަޔާލް ކައިރިއަށް އައީ ގެއަށް ދާން އެއްދުވަހުގެ ވިއަސް ޗުއްޓީއެއް ހަމަޖައްސަދޭށޭ ބުނަން ވެގެންނެވެ. މިއަދު ހިނގާދިޔަ ހާދިސާއަށްފަހު އޭނާ ކޮންމެހެން ގެއަށް ވަދެލަން ބޭނުން ވެއެވެ.
ޖީން ކައިރީގައި ބަހައްޓައިގެން ލަޔާލް ނަމާދުކޮށް ނިންމިތަނާ އަފްލާކް ދޮރު ހުޅުވާލައިފައި ވަނެވެ. ސަލާމް ދީގެން ދެއަންހެން ކުދިން ނަމާދު ދޮޅީގައި ތިއްބާ ފެނުމުން އަފްލާކްގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ. އަފްލާކް އައިސް ކައިރިއަށް ހުއްޓިފައި ޖީންގެ ހަރަކާތްތަކަށް ބަލަން ފެށިއެވެ. ޖީން ދުޢާއަށް ދެއަތް ނަގައިގެން އިނދެފައި ތިރިކޮށްލިއެވެ. ނަމާދު ދޮޅި އާއި ސްޓާކިން ބާލައި މުސައްލަ މަތީ ބާއްވާފައި ކުޑަ ކުޑަ ޖީން ތެދުވެގެން ގޮސް ހުއްޓުނީ އަފްލާކް ކައިރިއަށެވެ. ލަޔާލް މުސައްލަ ފަތްޖަހަން އުޅުނުއިރު އަފްލާކް ޖީން އުރާލައިގެން ގޮސް އިށީންދެލީ އެނދުގައެވެ. "ޑެޑީ ޕްރޭ ކުރިތަ؟" ޖީން އަފްލާކް އާއި ސުވާލު ކުރިއެވެ. ލަޔާލް މުސައްލަ އަލަމާރިއަށް ލާން ހުރެފައި ކުޑަކޮށް ހިނިއައިސް ބަލައިލިއެވެ. "ޑެޑީ މިސްކިތަށް ގޮސް ޕްރޭ ކުރީ." އަފްލާކް ބޯ ޖަހައިލުމާއެކު ޖީންގެ ސުވާލަށް ޖަވާބުދިނެވެ. ޖީން ކުރިންވެސް ގެންގުޅުނު ފޮޓޯ ފޮތް ހުޅުވައިގެން އޭގައިވާ ތަސްވީރުތައް ދައްކައި ސުވާލު ކުރަން ފެށުމުން އަފްލާކް ނުހަނު ގަޔާވެފައި ކައިރީގައި އިނެވެ. ލަޔާލް ބަލަހައްޓައިގެން ހުރެލާފައި ގޮސް އަލަމާރި ހުޅުވައިގެން ކޮނޑުގައި އަޅުވާފައިވާ ހެދުންތައް ބަލަން ފެށިއެވެ.
ލީޒާ އެދިޔައީ މިރޭ ކެއުމަށް ދާން ދައުވަތު ދީފައެވެ. މިހާރުވެސް އޭނާ އެހުންނަނީ ވަގުތު ދާލެއް ލަސްވެފައެވެ. ފުރަތަމަ ފަހަރަށް މަންމަގެ އަތުން ހަދާފައިވާ ކާއެއްޗެއް އޭނާއަށް ނަސީބު މިންވަރު ކުރައްވާނެއެވެ. ލަޔާލްއަށް ކަމުދިޔަ ހެދުން ނަގައި އިސްތިރި ކުރަންވެގެން ހުއްޓައި ޖީން ޝާމީ ކައިރިއަށް ދާން ކިޔަން ފެށުމުން އަފްލާކް ނިކުތެވެ.
އަފްލާކް ގޮސް ޝާމީ ކޮޓަރި ދޮރުފަތުގައި ޓަކިދީފައި މަޑުކޮށްލައިގެން ހުއްޓާ ޝާމީ ދޮރު ހުޅުވާލިއެވެ. ޖީންއަށް ޝާމީ ފެނުމުން އަވަހަށް ހެވިލާފައި އެތެރެއަށް ދެމިގެންފިއެވެ. އަފްލާކް އަނބުރާލައިފައި ދާން އުޅެނިކޮށް ޝާމީ ގޮވާލި އަޑަށް ހުއްޓެވުނެވެ. އޭނާ އެނބުރި ބަލައިލިއިރު ޝާމީ ހުރީ ތަޅުގައި ހިފަހައްޓާލައިގެން ދޮރު ހުޅުވާލި ގޮތަށެވެ. "ކުޑަ ކަމަކު ހުއްދަ ހޯދާލަން ބޭނުން." ޝާމީ އަދަބުވެރި ކަމާއެކު އެދުނެވެ. ފުރުސަތު ލިބުމުން އޭނާ ނިންމީ ޖެހިލުން ކަނޑާފައި އަފްލާކް އާއި ކުރިމަތިލާށެވެ. "ކޮންކަމަކު؟" އަފްލާކް ހަށަން ބަނދެލައިގެން ހުއްޓުނެވެ. "މިރޭ ގެއަށް ގޮސްލަން ބޭނުންވެގެން." ޝާމީ ހާމަކުރިއެވެ. އެވަގުތު އަފްލާކްގެ ބުމަ އަރުވައިލުމުން އޭނާ ކަންބޮޑުވިއެވެ. "ހަމަ މިރޭ؟" އަފްލާކް އަހާލިއެވެ. "ތިކޮޅުން މައްސަލައެއް ނެތިއްޔާ މިރޭ ދާން ބޭނުމީ." ޝާމީ ހުރީ ވަރަށް އުންމީދު ކޮށްގެންނެވެ. "މިރޭ އެބަޖެހޭ ލަޔާލް މަންމަގެ ގޮސްލަން. ދެންމެ އައިސް އުޅެފަ މިރޭ ކެއުމަށް ދައުވަތު ދީފައި އެދިޔައީ. ޝާމީއަށް ލަސް ނުވަންޏާ އަހަރުމެން މިރޭ އައީމަ ދާންވީނު." އަފްލާކް ވާހަކަ ދައްކާ ނިމުނުއިރު ޝާމީ ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެމޫނުގެ ކުލަ ރީނދޫވެ ނިއްކުރިން ދާ ހިލެން ފެށިއެވެ. "ނޫނޭ އެހާ ލަހުން ދިއުން މުހިންމެއް ނޫން. ދެން އެހެން ފަހަރަކުން." ކިތަންމެ ބޭނުންވިއަސް އެކަމަށް ބާރު އަޅާކަށް ޝާމީ އަކަށް ނުކެރުނެވެ. އޭނާ ތުންފަތުގައި ދަތް އަޅާލައިގެން ހުރެފައި އަފްލާކް ފުރަގަސްދީގެން ދާން ފެށުމުން ދޮރު ލައްޕާލިއެވެ. އެނދުގައި އިށީންދެފައި ފުރަތަމަވެސް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ކޮންމެ ގޮތެއްވިއަސް ލަޔާލް މެނަށްވުރެ ކުރީން އޭނާ ގެއަށް ދާން ބޭނުމެވެ.
ޝާމީ ޖީންއަށް ކާންދީފައި އެރޭ ތަންކޮޅެއް އަވަހަށް ނިންދަވައިފި އެވެ. އޭނާ ހާސްކަމާއިއެކު ދެކޮޅަށް ހިނގަން ހުއްޓާ ހިޔާލެއް އައެވެ. ޔާނިޒްގެ ފަރާތުން ކަމަކަށް އެދުން އެއީ މިވަގުތަށް އޭނާ ކުރަން ބޭނުން ފަހު ކަންތަކެވެ. އެކަމަކު އެނޫން ގޮތެއްވެސް ނެތެވެ. ޔާނިޒް ނޫނިއްޔާ އޭނާއަށް އެހީއެއް ވެވޭނެ އިތުރު މީހަކު ހުރި ހެނެއް ހިއެއް ނުވެއެވެ. ޝާމީ ކޮޓަރިން ނިކުމެ ދެފަރާތް ބަލާލިއިރު ކޮރިޑޯ އޮތީ ހުސްކޮށެވެ. އޭނާ ސިއްރު ފިޔަވަޅު ތަކެއްގައި ގޮސް ޔާނިޒް ކޮޓަރި ދޮރުފަތުގައި ޓަކި ޖަހާލުމުން ޖަވާބެއް ނައެވެ. ވިސްނައިލާފައި މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ކޮޓަރި އެތެރެ އޮތީ ހުސްކޮށެވެ. އެކަމަކު ފާޚާނާ ތެރެއިން އިގިރޭސި ލަވައެއްގެ އަޑު އިވެމުން ދިޔައެވެ. ޝާމީ ތަރުތީބު ގެއްލިފައިވާ ކޮޓަރީގެ އެތަން މިތަނަށް ނަޒަރު ހިންގަމުން ވަދެގެން ގޮސް ފާޚާނާ ކުރިމައްޗަށް ހުއްޓުނެވެ. ދެފިކުރެއްގައި ހުރެފައި އޭނާ ޔާނިޒްގެ ނަމުން ގޮވާލިއެވެ.
"ޔެސް." ބިލިގާގެ ފެންގަނޑު ތެރޭގައި ހަމަޖެހިލައިގެން އޮވެފައި ޔާނިޒް ޖަވާބުދިނެވެ. ޝާމީގެ އަޑު އިވިގެން އޭނާ ލަވައިގެ އަޑު މަޑުކޮށްލި އެވެ. "ނިމެން އުޅޭތަ؟ އަހަރެން ވާހަކައެއް ބުނަން އައިސް މިހުރީ." ޝާމީ ދޮރުފަތާއި އަނގަ ކައިރި ކޮށްލައިގެން އިއްވާލި އެވެ. "ނޭނގެ ތި ކިޔާ އެއްޗެއް." ޔާނިޒް ޖަވާބު ދޭން އުޅެނިކޮށް އެސިކުނޑިއަށް ލާނެތް ހިޔާލެއް ވެރިވެގެން ވާހަކަ ބަދަލު ކޮށްލިއެވެ. " ދޮރު ހުޅުވާފަ ތިކިޔާ އެއްޗެއް ކިޔާބަލަ!" އެވަގުތު ޝާމީ ތަކުރާރު ކޮށްލުމުން އަދިވެސް އޮޅުން ނުފިލާ ކަމަށް ހެދިގެން އޭނާ ބުނެލިއެވެ. "މޮޔަވީތަ؟" ޝާމީއަށް ބުނެވުނެވެ. ދޮރު ހުޅުވާއިރު ޔާނިޒް ހުންނާނެ ގޮތް ހިތަށް އަރާފައި އޭނާ ރަކިވެސް ވެއްޖެއެވެ. "ނިކުތީމަ ވާހަކަ ދައްކާނީ." ޝާމީ އަދިވެސް އެއްފަހަރު ގަޑިއަށް ނަޒަރެއް ދީފައި ކޮޓަރި ތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅަކުން ޔާނިޒް ފާޚާނާގެ ދޮރު ހުޅުވި އަޑަށް އޭނާ ކޮޓަރީގެ ދޮރާއި ދިމާއަށް މޫނު ބަހައްޓައިގެން ހުރީ ލޯވެސް މަރައިގެންނެވެ.
"ތިއައީތަ؟" ޔާނިޒް ވަންކަން ޔަޤީން ކުރުމުގެ ގޮތުން ޝާމީ އެހިއެވެ. "މި އައީ." ޔާނިޒްގެ އަޑު އައީ ސީދާ އޭނާގެ ފުރަގަހުންނެވެ. ޝާމީ ފިނިވެގެން ދެއަތްތިލަ ގުޅުވާލެވުނެވެ.
"ނޯ ވޮރީސް ގާރލް. ނޭކެޑްކޮށެއް ނޫން މިހުރީ." ޝާމީ އަދިވެސް ފުރަގަސްދީގެން ހުރުމުން ޔާނިޒްއަށް ވިސްނިގެން ބުނެލިއެވެ. ހަމަޖެހުމުގެ ނޭވައެއް ލައިފައި ޝާމީ އެނބުރި ބަލައިލިއެވެ. ޔާނިޒް ހުރީ އުނުގައި ތުވާލި އޮޅާލައިގެންނެވެ. ހާމަވެފައިވާ އެރީތި ހަށިގަނޑު ފުރަތަމަ ފަހަރަށް ފެނުމުން ޝާމީއަށް ބަލަން ހުރެވުނެވެ. ދެވަނަ ސިކުންތުގައި އިސްޖަހާލައިފައި ވާހަކަ ދެއްކޭތޯ މަސައްކަތް ފެށިއެވެ. "އަހަރެން މިރޭ ކޮންމެހެން ގެއަށް ގޮސްލަން ޖެހިގެން މިއުޅެނީ. ނީޑް ހެލްޕް. ނިޒްގެ ބްރޯމެންވެސް މިރޭ ބޭރަށް ދޭ. އަހަރެން ހަމައެކަނި ބޭނުން ވަނީ ކުޑަ ވަގުތު ކޮޅެއް. ޖީން ރޭގަނޑު ނިދައިފަ ނުވެސް ހޭލާނެ. އެކަމަކުވެސް އެކަނި ބާއްވާފަ ނުދާންވެގެން." ޝާމީ ވާހަކަ ފަށާފައި ޔާނިޒްގެ އެހާ ކައިރީގައި ނުހުންނަން ވެގެން އެއް ފަރާތަށް ދާން ހިނގައިގަތްތަނާ ފައިދަށުގައި އޮތް ކޮންމެވެސް އެއްޗަކަށް އެރިފައި ކައްސާލައިފި އެވެ. މޭގަނޑު ފިނިވެގެން ދިއުމުން އޭނާއަށް ހަޅޭތްލައި ގަނެވުނެވެ. ޔާނިޒްވެސް ތެޅިގެންފައި އޭނާ ސަލާމަތް ކުރަންވެގެން ކުރިއަށް ފިޔަވަޅެއް އަޅާފައި އަތްދިއްކޮށްލިއެވެ. ޝާމީއަށް އެއަތުގައި ހިފެހެއްޓުނުވެސް މެއެވެ. އެކަމަކު އޭރު ޔާނިޒްގެ ފައިވެސް އޮތީ ކަހާލައިފި އެވެ. ކޮންޓްރޯލެއް ނެތި ދެހަށިގަނޑު ފިޔަވަޅެއް ހާ ކައިރީގައި ހުރި އެނދަށް ޖެހުނެވެ.
ލޯ ހުޅުވައިލުމުން ޝާމީއަށް އިހްސާސްވީ އޭނާއަށް އޮވެވުނީ ތިރީގައި ޓައިލްސް މަތީ ނޫންކަމެވެ. އެކަމަކު އެނދުގައި ޔާނިޒްގެ ގައިމަތީގައެވެ. އޭނާ އަވަހަށް ތެޅިގެންފައި ހިންދެމިލަން އުޅެނިކޮށް އެމޫނަށް ހުއްޓިފައިވާ ޔާނިޒްގެ ދެލޯ ފެނުނެވެ. ދެވަނަ ސިކުންތުގައި އޭނާ އަވަހަށް އެނދުން ފުންމާލައިފި އެވެ. "ޝާމީ!" ދޮރާއި ހަމައަށް ގޮއްސައި ޔާނިޒް ގޮވާލުމުން ޝާމީއަށް ހުއްޓެވުނެވެ. "ކިހިނެތްވީ؟" ޝާމީ ހުރީ ފަސްއެނބުރި ނުލާން ނިންމައިގެންނެވެ. "ބުނަން އައި ވާހަކަ ނިމުނީތަ؟" ޔާނިޒް އެހިއެވެ. "އާ. އަހަރެން އަންނަން ދެން ނިޒް ޖީން ކައިރީ މަޑުކޮށްލަދޭނަންތަ؟ ބޭނުމެއް ނޫން މިގޭ އެހެން މީހަކަށް މިކަން އެނގޭކަށް.ހާއްސަކޮށް ލަޔާލްމެނަށް." ޝާމީ ހުއްޓިފައި ކުއްލިއަކަށް އެނބުރުނެވެ. "އޯކޭ." ޔާނިޒް އެއްބަސްވިއެވެ. "ތޭންކްސް." ޝާމީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅެފައި ގެއްލުނީއެވެ. އޭނާ އަނެއް ފަރާތަށް އެނބުރިފައި ގޮސް ކޮޓަރިއަށް ވަންއިރުވެސް ޔާނިޒްގެ ޖިސްމުގެ މީރުވަސް ނޭފަތުގައި ހަރުލާފައި ވާހެން ހީވިއެވެ.
ލަޔާލް ތައްޔާރުވެގެން ތިރިއަށް ދިޔައިރު އަފްލާކް ކުރިއްސުރެ އިންތިޒާރުގައި އިނީ ލިވިންރޫމް ސޯފާގައެވެ. ލަޔާލް އަންނަތަން ފެނިގެން އޭނާ ތެދުވެފައި އަޒީ ކައިރީ ބޭރަށް ދާ ވާހަކަ ބުނެލިއެވެ. ލަޔާލް ނިކުންނަން ވާއިރަށް އަފްލާކް ގަރާޖުގައި އޮތް ކާރު ނެރެގެން އޮތެވެ. އޭނާ ގޮސް އިށީންދެފައި ދެމަފިރީން ކާރުގައި ލީޒާގެ ގެއަށް ދާން މިސްރާބު ޖަހައިފިއެވެ.
"ޔޫ ލުކް ހެޕީ." ލަޔާލްގެ ބަބުޅަމުން ދިޔަ މޫނަށް ކަޅިއެއް އެއްލައިފައި އަފްލާކް ބުނެލިއެވެ. "އަސްލުވެސް ވަރަށް ހެޕީވެފަ މިއިނީ." ލަޔާލް އަރިވެލައިފައި އަފްލާކްގެ ކޮނޑުގައި ބޯ ޖައްސާލިއެވެ. އެވަގުތު ރިންގް ވާން ފެށި ފޯނުގެ އަޑަށް ދެމީހުންނަށް އެއްފަހަރާ ސްކްރީނަށް އަރާފައިވާ ނަން ކިޔާލެވުނެވެ. ލަޔާލް ދަތްކުނޑި ވިކާލައިފައި އަފްލާކް އަށްވުރެ ކުރީން ފޯނު އަތަށް ނަގައިފިއެވެ. "ޑޯންޓް!" ލަޔާލް ފޯނު ނަގައިފާނެހެން ހީވެގެން އަފްލާކް ބުނެލިއެވެ. ލަޔާލްގެ ކުރިމަތީގައި އެއީ ކަނޑުގައި އަޅާލި ރޮނގެއް ފަދައެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ. "ހަލޯ އާނާ." އެކޮޅުން އާނާ ދެފަހަރަކު ހަލޯއޭ ބުނި ފަހުން ލަޔާލް ބުނެލިއެވެ. އަފްލާކް ދެބުމަ ކައިރިކޮށްލައިގެން ހުރެ ލޮލާއި ބޮލުން ފޯނު އިތުރަށް ކުރިއަށް ނުގެންދިއުމަށް އަންގަމުން ދިޔައެވެ. "އެނގިއްޖެތަ ކާކުކަން؟ މީ ލަޔާލް. ލާކްގެ ވައިފް. ލިބެން އުޅޭ ދެވަނަ ދަރިފުޅުގެ މަންމަ. އާނާ ތީ އަފްލާކްގެ ކާކު؟" ލަޔާލް ޖެހިލުމެއް ނެތި ވާހަކަ ދެއްކިއެވެ.
"މީ އަފްލާކްގެ ފްރެންޑެއް." އެކޮޅުން އާނާ އިރުކޮޅަކު ހިމޭނުން ހުރެފައި ޖަވާބުދިނެވެ. "އެހެންތަ؟ ކޮންކަހަލަ ފްރެންޑެއް؟" ލަޔާލް މިފަހަރު ސުވާލު ކުރީ އަފްލާކްއަށްވެސް އިވޭނެހެން ސްޕީކަރަށް ލައިފައެވެ. "ތިބުނީ؟" އާނާގެ އަޑުގައި ތަފާތު ކަމެއް އެކުލެވުނެވެ. "އަހަރެން މިއަހަނީ ރޭގަނޑު ދަންވަރު އަނބިމީހާ ކައިރީ އަފްލާކް އޮތްވާ އިރުއިރު ކޮޅާ ގުޅަން ތީ ކޮންކަހަލަ ފްރެންޑެއްހޭ؟" ލަޔާލް އެވާހަކަ ބުނެލިއިރަށް އަފްލާކް ހުންގާނުން އެއް އަތް ދޫކޮށްލައިފައި ފޯނު އަތުލަން ތެޅިގަތެވެ. "ކީއްވެ އެއްޗެކޭ ނުބުނީ އާނާ!" ލަޔާލް އަވަހަށް ފޯނު ދުރަށް ލައިގެން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭނާ އިން ކައިރީގައި ލޯގަނޑުގައި ފޯނު ޖެހޭ ހިސާބުގައި ހިފަހައްޓައިގެން ހުރުމުން އަފްލާކްއަށް ކާރު ދުއްވަމުން އަތެއް ނުވާނެއެވެ.
"ލާކް ކައިރީ އަހަންވީނު." އާނާގެ ޖަވާބު އައެވެ. ލަޔާލްއަށް ބަލައިލެވުނީ އަފްލާކްގެ މޫނަށެވެ. "އަހަރެން ބޭނުމީ އާނާ ބުނާ އަޑު އަހަން." ލަޔާލް ގޮތް ދޫ ކުރާކަށް ނޫޅެއެވެ. "ނޭނގެންޏާ ބުނެދީފާނަން. އަހަރެން ނަކީ ލާކްގެ އަލަތު އަނބިމީހާއަށް ވުރެ ހާއްސަ ވި އެކުވެރިޔާ. އަހަރެން މީ ލާކް ސާރާ އާއި މެރީ ކޮށްގެން ހުރެ ގުޅުން ބޭއްވި އެކުވެރިޔާ." އާނާގެ ވާހަކަ އެހިސާބަށް ދިޔައިރަށް އަފްލާކް ކާރުގެ ބުރެކި ޖައްސާފައި ލަޔާލް އަތުން ފޯނު އަތުލައިގެން ކަނޑާލައިފިއެވެ. "ކީއްވެ ކަނޑާލީ؟ އޭނަގެ ވާހަކަ ކުރިއަށް ގެންދަން ފުރުސަތު ނުދިނީ ކީއްވެ؟" އަފްލާކްއަށް ފެނުނީ ލަޔާލްގެ ދެލޮލަށް ޖަމާވަމުން އައި ކަރުނަ ތަކާއިއެކުވެސް އަލިފާން ކަނި ބުރަން ފެށި ތަނެވެ. "ލަޔާލް ނުޖެހޭނެ އާނާ އާއި އެގޮތަށް ވާހަކަ ދައްކާކަށް. އޭނަވެސް ރުޅިއައިސްގެން އެގޮތަށް އެވާހަކަ ދެއްކީ." އަފްލާކް ހިތްހަމަ ނުޖެހިފައި އިނދެވެސް މަޑުމައިތިރިކޮށް ބުނެލިއެވެ. "ތިބުނީ އޭނާގެ ވާހައިގައި އެއްވެސް ހަޤީޤަތެއް ނުވެއޭތަ؟" ލަޔާލް ކައިރިވެލާފައި އަފްލާކްގެ ގަމީހުގައި ދެއަތުން ހިފައި ބޮނޑިކޮށްލިއެވެ. ހަތަރުކަޅި ހަމަކޮށްގެން އަފްލާކް އިނދެފައި އިސްޖަހައިލުމުން ލަޔާލްއަށް ޖަވާބު ލިބުނެވެ. އެވަގުތު އޭނާގެ މޫނުގައި ބޮނޑިއެއް އެޅި ނަމަވެސް ނުވާވަރަށް މޫނުން ދިލަ އަރައިގެން ދިޔަހެން ހީވިއެވެ.
ބަހެއް ނުބުނެ އޭނާ އަފްލާކްގެ ގަމީހުން ދޫކޮށްލައިފައި އަނެއް ފަރާތަށް އެނބުރި ސީޓް ބެލްޓް ނައްޓާލި ތަނުން އަފްލާކް އަވަހަށް އަތުގައި ހިފެހެއްޓިއެވެ. "ދޫ ކުރޭ އަހަރެން އަތުން." ލަޔާލް ހަޅޭތްލަވައިގަތް ނަމަވެސް އަފްލާކް އިނީ ދޫ ނުކުރަން ވެގެންނެވެ. ބަލަން އިނދެފައި ލަޔާލް ކުރި ކަމަކީ އަފްލާކްގެ އަތުގައި ނިކަން ބާރަށް ދަތް އަޅައި ކަނޑާލީއެވެ. ވީ ތަދުން ތެޅިގެންފައި އަފްލާކްއަށް ލަޔާލް އަތުން ދޫކޮށްލެވިއްޖެއެވެ. އޭނާއަށް ބަލައިލެވުނު އިރު އަތުން ލޭ އަންނަނީއެވެ. ދެން އިވުނީ ކާރުގެ ދޮރުފަތް ހުޅުވުނު އަޑެވެ. އަފްލާކް އަވަސް ނަޒަރެއް ދިންއިރު ލަޔާލް ކާރުން ފައިބައިފިއެވެ. "ލަޔާލް!" އޭނާ ބާރު ބާރަށް ގޮވާލިއެވެ. ލަޔާލް އެއަޑު ނާހައި ބާރު ބާރަށް ދޮރު ޖަހާފައި ދުއްވާފައިދިޔަ އެތައް ބައިވަރު އުޅަނދެއްގެ ކުރިމަތިން މަގު ހުރަސް ކުރަން ހިނގައިގެންފިއެވެ.