ހަތަރު އަހަރު ފަސް
އެރައިވަލް އިން ނިކުމެފައި ނަތާގެ ދެލޯ ފަރާތް ފަރާތަށް ދަތުރު ކޮށްލި އެވެ. ހީކުރި ގޮތާއި ޚިލާފަށް އޭނާ ބަލާ އައިސް ހުރީ ޑްރައިވަރެވެ. "ހަތަރު އަހަރަށްފަހު ކޮންފަދަ ވާމް ވެލްކަމްއެއް." ނަތާ ފުން ނޭވައެއް ލައިފައި ޝޯލްމަތީ އަޅާފައި އިން އައިނު ތިރިކޮށްލައިގެން ލޮލުގައި އަޅާފައި ޓްރޯލީ ދުއްވަމުން ހިނގައިގަތެވެ. އަބެޔާ ހެދުމާއި ޝޯލްގައި އޭނާ އަރަބި މޮޑެލްއެއް ފަދައެވެ. ވަށައިގެންވި ކޮންމެ ލޮލެއް ހުއްޓިފައި ހުރީ އެސޫރައަށެވެ. ނަތާ ގޮސް ޑްރައިވަރާއި ހަމަކޮށްފައި އިތުރު މީހަކު ނާންނަނީތޯ އަހައިލިއެވެ. ޑްރައިވަރ ފިނި ގޮތަކަށް ބޯ ޖަހައިލުމާއެކު ލަގޭޖް ހިފައިގެން އެއަރ ޕޯޓުން ނިކުންނަން މިސްރާބު ޖެހިއެވެ.

ކުޑައިރުކޮޅެއް ފަހުން މާލެ ދެވުނުއިރު ކާރު އޮތީ ތައްޔާރުގައެވެ. ނަތާމެންގެ އިންތިޒާރުގައި ކާރުގެ ދޮރުފަތުގައި ލެނގިލައިގެން ހުރި ޒުވާން އާ މޫނުގެ ވެރިޔާ ދުރަށް ޖެހިލައިފައި ނަތާ އިށީންނަން ފަހަތު ސީޓުގެ ދޮރުފަތް ހުޅުވާލަ ދިނެވެ. ނަތާ އަރާ އިށީނުމާއެކު އެދެމީހުންވެގެން ލަގޭޖް އަރުވާފައި ކުރީ ސީޓުގައި އިށީންދެ ކާރު ދުއްވާލައިފި އެވެ. ގޭޓުން ކާރު ވަދެގެން ދިޔައިރު ނަތާ އިނީ ބަލާށެވެ. އޭނާއަށް ހީވީ ނުބައި ގެއަކަށް އާދެވުނު ހެންނެވެ. އިމާރާތް އަދި އެހުރިގޮތަށް ހުއްޓެއް ކަމަކު މޫނުމަތި ހުރީ މުޅިން ބަދަލުވެފައެވެ. ގޯތިތެރޭ ކުރިން ހުސްކޮށް އޮންނަ ތަންކޮޅުގައި މާމެލާމެލި ހައްދައި މުޅިން ފެހިކުލަ ޖެހިފައެވެ. ނަތާ ކާރުން ފައިބާފައި ރަތްގާތަކު މަތިން ގެއަށް ވަންނަން ދިޔައިރު އެއްފަރާތެއްގައި ޖަހާފައި ހުރި ނިކަން ބޮޑު އުނިގަސްގަނޑެއްގައި ހިއްޕާލައިގެން ހެދިފައިވާ ޕެޝަން ފުރުޓް ވެލެއްގައި ރަތްބޮކި އެލުވާފައި އޮތް ކަހަލައެވެ. 

ނަތާ އެންމެ ކުރީގައި ގޮސް ގޭގެ ދޮރު ހުޅުވާފައި ވަންތަނުން ކުއްލި ސިހުމެއް ލިބުނެވެ. ލިވިންރޫމް އޮތީ މީހުންތަކުން ފުރިފައެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ގާތްތިމާގެ މީހުންނާއި އެކުވެރީންނެވެ. މުޅިންވެސް އެއާއިލާ އާއި ކޮންމެވެސް ގުޅިފައިވާ މީސްތަކުންނެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައިވެސް ނަތާއަށް ފާހަގަ ކުރެވުނީ އެއިން ކޮންމެ މޫނެއްގައި ވި ހިތާމައެވެ. ލޯތަކަށް ޖަމާވެފައިވާ ކަރުނައެވެ. ވަގުތުން އޭނާގެ މޭގަނޑު ތުރު ތުރު ލާން ފެށިއެވެ. ފިނިވެފައި ހުރެގެން މީހުންގަނޑު ދުރު ކުރަމުން ނަތާ އެތެރެއަށް ވަދެގެން ދިޔައެވެ. ގޭމީހަކު ފެނޭތޯ ހޯދަނިކޮށް މަފާޒް ފެނުނެވެ. މަފާޒްގެ ކައިރީގައި ޔަޝާރުވެސް ރޮވިފައި ހުއްޓެވެ. ނަތާ ގޮސް އެދެމީހުން ކައިރިއަށް ހުއްޓުނުއިރު ޔާނިޒް ތަންކޮޅެއް ދުރުގައި ސިޑީގެ ހަރުފަތެއްގައި އިސްޖެހިފައި އިނެވެ. ލަޔާލް ހަތް އަހަރުގެ ޖީންގެ ގައިގައި ބައްދާލައިގެން ސޯފާގައި އިނދެ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. މީހުންގަނޑުގެ މެދުގައި ކަފުން ކޮށްފައި ބާއްވާފައި އޮތް މައްޔިތާ ނަތާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. މޫނު ބަލަން އައިސް ތިބި ދެމީހަކު މައްޔިތާގެ މޫނަށް ނިވާ އަޅައިގެން ހުރުމުން ނަތާއަށް އަދި އެއީ ކާކުކަން ވަކިވާ ގޮތެއް ނުވިއެވެ. މަފާޒްއަށް ގޮވާލަން އުޅެފައި ނަތާ ކުދި ފިޔަވަޅުތަކެއްގައި ދާން ފެށީ މައްޔިތާ ބާއްވާފައި އޮތް މޭޒާއި ދިމާއަށެވެ. 

ކަޅު ހެދުމުގައި ހުރި އަންހެންކުއްޖަކު މޭޒު ކައިރިއަށް ހުއްޓުނުތަން ފެނިގެން މަފާޒް އާއި ޔަޝާރުވެސް ޝައުޤުވެރި ކަމާއެކު ބަލައިލިއެވެ. އެއީ ނަތާކަން ފާހަގަ ވެފައި މަފާޒްގެ ލޮލަށް ކަރުނަތައް ގިނަވެގެން އައެވެ. ކަފުން ކޮށްފައި އޮތް ސޫރަ ފެންނަ ވަގުތު ނަތާއަށް ވާނެ ގޮތް ލަފާކޮށްލަންވެސް ދައްޗެވެ. ނަތާ އެދެމީހުން ދުރަށް ދާންދެން ފަހަތުގައި މަޑުކޮށްލައިގެން ހުއްޓާ މަފާޒް އަވަހަށް ގޮސް ނަތާގެ ފުރަގަހަށް ހުއްޓުނެވެ. ކުރިމަތީގައި ތިބި ދެމީހުން ދާންވެގެން ހިނގައިގަތީ އެވަގުތުއެވެ. ނަތާ ފުރަތަމަވެސް ދެލޯ މަރައި ތަގުޅި ކޮށްލިއެވެ. ފުންކޮށް ދެތިން ނޭވައެއް ލީތަނާ ކޮންމެވެސް މީހަކު އަތުގައި ހިފާ ބާރުކޮށްލިކަން އިހްސާސްވިއެވެ. އެމީހަކަށްވުރެ ބޮޑަށް ނަތާ ބަލަން ބޭނުންވެފައި ހުރީ ކުރިމަތީގައި އޮތް މީހެއް މޫނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ނަތާ ލަސްލަހުން އެސްފިޔަތައް ދުރުކޮށްލިއެވެ. ދެވަނަ ސިކުންތުގައި ހޯސްލާފައި ލޮލަށް ޖަމާވި ކަރުނައިން މަންޒަރު ފުސްވެގެން ދިޔައެވެ. 

"ބައްޕަ...ނޫން ނޫން...." ދެފަރާތަށް ބޯ ހޫރުވާލައިފައި ނަތާ އަނގަމަތީ އަތް އަޅައިލީ ބާރަށް ރޮވެން އުޅޭހެން ހީވެގެންނެވެ. އެވަގުތު ކައިރީގައި ހުރި މަފާޒް އޭނާގެ އަތަށް އަދިވެސް ބޮޑަށް ބާރު ކޮށްލިއެވެ. "ކިހިނެތް...؟" އަޑު ބެދިގެން ނަތާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އެހުރިގޮތަށް އަނގަމަތި ނިވާކޮށްލައިގެން ހުރެ ނަތާ ދުއްވައިގަތީ މީހުންތަކާއި ދުރަށެވެ. ޔާނިޒް ސިޑިމަތީ އިނދެފައި ނަތާގެ ފިޔަވަޅުތަކުގެ އަޑަށް އިސްއުފުލާލިއެވެ. އޭނާ އެއްޗެއް ބުނަން އަނގަ ހުޅުވާލުމުގެ ކުރިން ނަތާ މައްޗަށް އަރައިގެން ހިނގައްޖެއެވެ. މަފާޒް ނަތާގެ ފަހަތުން އައި މީހާ، ކޮޅަށް ތެދުވި ޔާނިޒްއަށް ބަލާލައިފައި ދެމީހުން އެކުގައި ކަހަލަ ގޮތަކަށް ނަތާގެ ފަހަތުން ސިޑިން އަރައިގެން ދިޔައެވެ.

ނަތާގެ ކޮޓަރި ދޮރު ހުޅުވާލައިފައި ދެބެންނަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. ބަންޑުން އެނދަށް ވެއްޓިގަނެގެން ނަތާ ގިސްލަ ގިސްލާފައި ރޮނީއެވެ. ކޮއްކޮގެ ރުއިމުގެ އަޑު އަހާފައި އެމީހުންގެ ހިތަށްވެސް އިތުރަށް އަސަރު ކޮށްފިއެވެ. "ނަތާ!" މަފާޒް ގޮސް އެނދުގެ މަގަތުގައި އިށީންނަމުން ނުހަނު ލޯބިން ގޮވާލިއެވެ. ޔާނިޒް ހަށަން ބަނދެލައިގެން ގޮސް ހުއްޓިލީ ކުޑަ ދޮރު ކައިރިއަށެވެ. "ވަރަށް ކުއްލި ގޮތަކަށް ބައްޕަ ނިޔާވީ. އިއްޔެވެސް ނުލާހިކު ހިތްހަމަ ޖެހިގެން އުޅެފަ ރޭވެސް ނަތާ އަންނާތީ ޕާޓީގެ ޑެކަރޭޝަން ހުންނަން ޖެހޭނެ ގޮތް ކިޔައިދިން. ހެނދުނު ނުތެދުވެގެން ދިޔަތަނާ ޔަޝާރުއަށް ފުރަތަމަ އެނގުނީ." މަފާޒް ނަތާގެ އިސްތަށިގަނޑުގައި ފިރުމާލައިފައި ވީ ގޮތް އޮޅުންފިލުވައި ދިނެވެ.

މެންދުރު ނަމާދަށްފަހު އަޒީގެ ކަށު ނަމާދު ކޮށްފައި ވަޅުލުމުގެ ރަސްމިއްޔާތު އޮތެވެ. ސަހަރާއަށް ނަތާމެން އައީ ވަޅުލުމުގެ ރަސްމިއްޔާތަށެވެ. ނަތާ ކާރުން ފޭބިއިރު ލޮލުގައި ކަރުނަ ގިނަވެގެން ދެންމެ ދެންމެ އޮހިގެންފާނެ ކަހަލައެވެ. ޔަޝާރު އާއި ލަޔާލް ތިބީ އެކަކު އަނެކަކު އަތުގައި ހިފާލައިގެން ކައިރި ކައިރީގައެވެ. ނަތާ ލޮލުގައި އަވި އައިނު އަޅާލައިގެން ކަރުނަތައް ފޮރުވަން މަސައްކަތް ކުރިއެވެ. މަފާޒް އާއި ޔާނިޒް އެހެންމީހުންނާއި ބައިވެރިވެގެން ސަންދޯއް ވަޅަށް ތިރިކުރަން ފެށިއިރު ފެންނަ ހިސާބުގައި ނަތާމެން ތިއްބެވެ. އަނެއް ދެއަންހެން ކުދީންނަށްވުރެ ލަޔާލްގެ ހާލު ދެރަހެން އެވަގުތުވެސް ހީވެއެވެ. އޭނާއަށް ކޮޅަށް ހުރުންވެސް ދަތިވާހެން ހީވިއެވެ. ޔަޝާރުގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން ހުރިއިރު ލޮލުން ފަހަރަކު ކަރުނަ ތިއްކެއް ވެއްޓިގެން ކޯތާފަތުން ތިރިއަށް ރޮނގު ދެމެމުން ދިޔައެވެ. އަޒީގެ މަރާއެކު އޭނާ މިއަދު ކުރިއަށްވުރެ ބޮޑަށް ހިތްވަރު އެލިއްޖެއެވެ. އަޒީ ދުނިޔޭގައި ހުރިއިރު ކޮންމެ ފަހަރަކު އޭނާ ބަލިކަށިވުމުން އުންމީދު އާލާކޮށްދިނެވެ. އަފްލާކް ނެތް ދުވަހެއް އަޔަސް ދިރިހުންނަން އޭނާއަށް މަޤްސަދެއް ވާކަން ހަނދާން ކޮށްދެއެވެ. ތުއްތު ޝިވަމްގެ ހިޔަނީގައި އޭނާއަށް ހަޔާތުގެ ދެން އޮތްބައި ހޭދަ ކުރެވިދާނެ ކަމުގެ ޔަޤީންކަން ދިނެވެ.

ލޯބިވާ ބައްޕަ އާއެކު ދުނިޔަވީ ހުރިހާ އުފަލަކަށްވެސް އެމީހުން މަރުހަބާ ކިޔާފައި ގެއަށް އައި ކަހަލައެވެ. ގޭގެ ދޮރުން ވަނުމާއެކު ފަހަރަކު މީހަކު އެމީހެއްގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފިއެވެ. ފަޅުވެފައިވާ ލިވިންރޫމުގައި މަރުގެ ހިމޭންކަން ނޫނީ ނުވެއެވެ. ލަޔާލް ފޯނު ނަގާފައި ބައްޕަގެ ނަންބަރަށް ގުޅާލައިގެން ޝިވަމް އާއި ޖީންގެ ޚަބަރު ބަލާލިއެވެ. ޝިވަމް ހެނދުނުއްސުރެ ގެންގުޅެނީ އަނީސާ އެވެ. ޖީން އެގެއަށް ފޮނުވާލީ ވަޅުލުމުގެ ރަސްމިއްޔާތުގެ ބައިވެރިވާން ދިއުމުގެ ކުރީންނެވެ. ލަޔާލް ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ ރީތިވެލިއެވެ. ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރެ ކޮޓަރިން ނިކުންއިރު ކަރުނަތައް ލޮލުގައި ވިދައެވެ. އޭނާ ކުދި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން ގޮސް ހަތަރުވަނަ ބުރީގައިވާ ކޮޓަރިއެއްގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. މެޝިންތައް ގުޅާފައި އޮތް އަފްލާކްގެ ކައިރީގައި ނޫރީ ހުރެފައި އެނބުރި ބަލައިލިއެވެ. ނޫރީ އަކީ އަފްލާކްގެ ނަރުހެވެ. 

"ލަޔާލް! ތިއައީ ދޯ؟ ހަމަ ދެންމެ މި ކާންދީ ނިމުނީ." ނޫރީ އާދައިގެ ގޮތަކަށް ވާހަކަދެއްކިއެވެ. ލަޔާލް ބޯ ޖަހައިލައިފައި ގޮސް އެނދު ކައިރީ ހުރި ގޮނޑީގައި އިށީންދެލުމުން ނޫރީ ނިކުމެގެން ދިޔައީއެވެ. ލަޔާލްގެ ނަޒަރު އަފްލާކްގެ މޫނަށް ހުއްޓުނު ހިނދު ކެތްކުރަން ދަތިވިއެވެ. ހިތަށްއެރިއެވެ. އަފްލާކް ދުވަހެއްގެ ކޮޅުންވެސް ތެދުވެއްޖެއްޔާ އެންމެ ދެރަވާނީ ބައްޕަގެ ޖަނާޒާގައި ބައިވެރި ނުވެވުނީތީއެވެ. ނޫނީ އަފްލާކްވެސް އެގޮތުގައި އޮވެ އަޒީ ފަދައިން ނިމިގެން ދާނީ ނޫންކަމެއްވެސް ނޭނގެއެވެ. ދެފަރާތަށް ބޯހޫރާލައިފައި ލަޔާލް ފުންމައިގެން ތެދުވިއެވެ. ނޫނެކެވެ. ނޫނެކެވެ. އޭނާ އަމިއްލަ ހިތަށް އަޑު ލައިގަތެވެ. އޭނާ އެފަދަ ހިޔާލެއްވެސް ކުރީ ކިހިނެތް ހެއްޔެވެ؟ 

"ލާކް! ލަޔާލް ގަދަ ހިތްވަރުން ގޮވާލައިފައި އަފްލާކްގެ އަތްތިލައިގައި ހިފަހައްޓާލިއެވެ. "ކުރިން ދުވަހު މެދުކަނޑާލި ވާހަކަ ކިޔައިދޭންވީ ދޯ. ވާހަކައިގެ އަނެއް ބައި ކިޔާހިތުން ރޭގަ ނުވެސް ނިދޭ. އެކަމަކު ލާކްއަށް ނީއްވާ ނުކިޔަންވެގެން މަޑުކުރީ." ލަޔާލް އެއްފަރާތުގައި ހުރި ސައިޓު ޓޭބަލް މަތިން ފޮތެއް ނަގައިގެން ގޮނޑީގައި ހަމަޖެހިލިއެވެ. އޭނާ އަފްލާކް އާއި ވާހަކަ ދައްކާ އުޅެނީ އާދައިގެ އެހެން މީހުންނާއިވެސް ވާހަކަ ދައްކާ ގޮތަށެވެ. ނޫރީވެސް އިރުޝާދު ދީފައި ވަނީ އެގޮތަށެވެ. ހިތް ރޮއި ރޮއި އިން ހާލުވެސް އެހިތާމަތައް އަފްލާކް އަށް ސިއްރުކުރަން މިއަދުވެސް އޭނާއަށް މަޖުބޫރުވެފައިވެއެވެ. ކުރެވޭ ކުޑަ ކަމަކުން އަފްލާކްގެ ހާލަތު އިތުރަށް ގޯސްވެ އަތް ނުފޯރާ ހިސާބަށް ދާކަށް ލަޔާލް ނޭނދެއެވެ. އެންމެ ފުރަތަމަ އަފްލާކްއަށް އެހާލު ޖެހުނީވެސް އޭނާގެ ކުށުންނެވެ. ބައެއްފަހަރު އޭނާ ހިތަށް އަރައެވެ. އެދުވަހު އެކްސިޑެންޓް ނުހިނގިނަމަ ކަންތައް އޮންނާނީ ކިހިނެތް ބާވައެވެ؟

ހޮސްޕިޓަލުގައި އަފްލާކް އޮތްވައި އާނާވެސް ހާލު ދެކެން ދިޔައެވެ. ރާފިލް އާއެކު ވަދެގެން ދިއުމުން ލަޔާލް ފުރަތަމަ ހީކުރީ ރާފިލްގެ އެކުވެރިއެއް ކަމަށެވެ. ރާފިލް އާނާއޭ މުޚާތަބު ކުރި އަޑު އަހާފައި އޭނާ ހަމައިން ނައްޓައިގެން ގޮސް އާނާގެ ގަޔަށް ބޮލަށް އަރައިގަތެވެ. ތަނެއް ދޮރެއް ނުބަލައި އާނާގެ މޫނުގައި ގޮށްމުށުގެ އެތިފަހަރެއް އަޅައިލުމުން އަތަށް ތަދުވެގެން ހަފްތާއެއް ވަންދެން އެއަތް ގުޑުވާލަން ނުކެރި ދިޔައެވެ. އާނާގެ ބޮލުގައި ހުރިހާ ކަމެއް ޒިންމާ އަޅުވައިގެން ހުރެފައި އާނާ ފުރައިގެން ދިޔަ ޚަބަރު ލިބުމުން އަނެއްކާވެސް އަމިއްލަ ނަފްސް ކުށްވެރި ކޮށްފައި އޭނާ ރުއެވެ.

އެރޭ އަށެއް ޖެހިފަހުން ދޮރުފަތުގައި ޓަކި ޖަހާއަޑަށް ނަތާ އެނދުން ބޯ ހިއްލައިލިއެވެ. ދުޅަވެފައިވާ ލޮލާއި ހޭވިފައިވާ އިސްތަށިގަނޑާއެކު އޭނާ ތެދުވާ ހިތެއް ނުވިއެވެ. ހެނދުނުއްސުރެ އެއްޗެއް ނުކައި އޮތުމުން ގައިގައި ހިތްވަރެއްވެސް ނެތެވެ. ހައްތަހާ ބޮޑަށް ބާލީހުގައި މޫނު ފޮރުވާލައިގެން އޮތްވާ ދޮރު ހުޅުވުނު އަޑު އިވުނެވެ. "ނަތާ!" ފިރާގެ އަޑު ކަންފަތުގައި ޖެހުމުން ނަތާ ދިޔައީ ސިއްސައިގެންނެވެ. އޭނާ އަވަހަށް ފުންމައިގެން ތެދުވިއެވެ. "ނަތޫ....." ފިރާ މޮޅިވެރި މޫނަކާއެކު އައިސް ނަތާގެ މަގަތުގައި އިށީންދެލިއެވެ. "ފާތުން ފަރާތުން އެނގުނީ ނަތާ އައިކަން. އެހެންވެ މިއައީ. އަހަރެން ސަހަރާއަށް ގޮސް އުޅުނުއިރުވެސް ނުދެކެން." ފިރާ ނަތާގެ ކޮނޑުގައި ހިފާލައިގެން ހުރެ ވާހަކަދެއްކިއެވެ. "އައި މިސްޑް ޔޫ ސޯ މަޗް." ނަތާ އެއްޗެއް ނުބުނެ ބަލަން އިނުމުން ފިރާ އަނެއްކާވެސް ވާހަކަދެއްކިއެވެ. "އަހަރެންވެސް...." ނަތާގެ ލޮލަށް ކަރުނަ ގިނަވެގެން ދިއުމާއެކު ހިނިތުންވެލެވުނެވެ. ފިރާ އޭނާ އެންމެ ބޭނުންވި ވަގުތު އެގޮތަށް އައުމުން އޭނާގެ ހިތަށް އުފާވެރިކަން ގެނެސް ދިނެވެ. ފިރާ ކުރު ނުކޮށް ކިޔަން ފެށުމުން ނަތާ ބޭރަށް ދާން އެއްބަސްވިއެވެ. ފެންވަރާލައިގެން އޭނާ ނިކުމެ ތައްޔާރު ވާން ހުރިއިރު ހުޅުވާފައި ހުރި ލެޕްޓޮޕުން ފިރާ ފޮޓޯތައް ބަލަން އިނެވެ. 

ނަތާ ޝޯލްއަޅައި ނިމިގެން އެނބުރިލި އިރަށް ފިރާގެ ފޯން ރިންގް އަޑު އަހާފައި ފާޑަކަށް ހުއްޓުން އެރިއެވެ. ރިންގް ޓޯން އަކަށް ފިރާ ލައިފައި ހުރީ "އެ ޑްރޮޕް އިން ދި އޯޝަން" މި ލަވައެވެ. ނަތާ ހަނދާނަށް އައީ ސަހަރާއިން ނިކުންނަނިކޮށް މީހަކު ބަލާހެން ހީވެގެން މޫނު އަނބުރައިލި އިރު ރާފިލް ބަލަން ހުރި ގޮތެވެ. ނަތާ ހިނިތުންވެލަން އުޅެވެސް ކާމިޔާބެއް ނުވިއެވެ. ރާފިލް ބީރަތްޓެއްސެއް ބަލަން ހުރެފައި އެންމެ ކުރީގައި ނިކުމެގެން ދިޔައީއެވެ. ރާފިލް އާއި ބެހޭގޮތުން ނަތާގެ ހިތުގައި ސުވާލުތައް ހުރި ނަމަވެސް އެކަކު ކައިރީވެސް އެވާހަކަ ދައްކާކަށް ނުކެރުނެވެ. ފިރާ ކުރެން އަހަން އުޅެފައިވެސް ނަތާ ފަސްޖެހުނީ އަދި މާ އަވަސްކަމަށް ނިންމާފައެވެ. އެހެންނޫނަސް މާލޭގައި އުޅެންޏާ ދެން ރާފިލްގެ ޚަބަރުވެސް ލިބިދާނެއެވެ.

ނަތާމެން ނިކުންނަން ދަނިކޮށް ޔާނިޒް ގެއަށް ވަދެގެން އައީ އަންހެން ކުއްޖަކު އަތުގައި ހިފާލައިގެންނެވެ. "ކުޑަބޭ!" ނަތާއަށް ގޮވާލެވުނެވެ. އެހާ ދުވަސްވީއިރު އަދިވެސް ޔާނިޒްގެ މިޒާޖަށް ބަދަލެއް އައިސްފައިވާ ހެނެއް ހިއެއް ނުވެއެވެ. "ހޭއި. މީ ޝާލީ އިނގޭ. ޖީއެފް." ޔާނިޒް ހަމަޖެހިލާފައި އެއަންހެންކުއްޖާ ތައާރަފް ކޮށްދިނެވެ. ނަތާ އެއްޗެއް ބުނަން އުޅެފައިވެސް ޝާލީއާއި ފިރާއަށް ވިސްނާފައި ނިކުމެގެން ދިޔައީއެވެ. ޝާލީ ޔާނިޒްގެ މުލައްދަނޑީގައި ހިފާލައިގެން ހުރެ ދެމީހުން ސިޑިން އަރަން އައިއިރު މަފާޒް މަތީގައި އެމަންޒަރު ބަލަން ހުއްޓެވެ. ޔާނިޒްގެ އޭނާގެ ހިތާމަތަކަށް ފިލަން އެއުޅޭ ގޮތް މަފާޒްއަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. މިއަދުވެސް ބައްޕަ ވަޅުލާފައި ސަހަރާއިން ނިކުތް މީހާ އަދި ކިރިޔާ ގެއަށް އެއައީއެވެ.

"ޔާނިޒް. އިހަށް މަޑުކޮށްލަބަލަ!" ޔާނިޒްމެން އަރައި ހަމަވުމާއެކު މަފާޒް ބުނެލިއެވެ. ޔާނިޒް ޝާލީ ކައިރީ ކޮޓަރިއަށް ދާން ބުނެފައި މަޑުކޮށްލިއެވެ. މަފާޒް ހުރީ ޝާލީ ގޮސް ކޮޓަރިއަށް ވަންނާންދެންނެވެ. "ނިޒް. އަހަރެންނަށް އަންޑަސްޓޭންޑްވޭ ނިޒްގެ ހިތަށް ކުރާނެ އަސަރު. އެއްކަމަކުން އަރައި ނުގަނެވި އުޅެނިކޮށް އަނެއްކާ މިކަމެއް މިދިމާވީ. އެކަމަކު ތީ އުޅެންވާނެ ގޮތެއް ނޫން. ދެދުވަހަކު އެއްކުއްޖަކާއި ވާހަކައެއް ނުދައްކާ. ކައިވެންޏަކާއި ނުލައި ތިގޮތަށް އަންހެން ކުދިން ގެނެސް ދެމީހުން ކޮޓަރި ތެރޭގައި އުޅެންޏާ ދެރަކަމެއް ދިމާވެދާނެ. ކޮންމެވެސް އެއްކުއްޖަކު ހިޔާރު ކޮށްފަ ކައިވެނި ކުރަންވީނު." މަފާޒް ވާހަކަ ދައްކައި ނިމުނުއިރު ޔާނިޒް ހުރީ ދުރު ބަލަހައްޓައިގެންނެވެ. މަފާޒްގެ އެ ވާހަކަތަކަށް އޭނާގެ ފުށުން އެއްވެސް ޝައުޤު ވެރިކަމެއް ނުފެނުނެވެ. "ކައިވެނި ކުރަން ޖެހޭނީ ލައިފް ޓައިމް އެކު އުޅޭނެ ކުއްޖަކާއި. އެކަހަލަ ކުއްޖަކާއި ދިމައެއް ނުވޭ." ޔާނިޒް ފަރުވާ ކުޑަ ގޮތަކަށް ރައްދު ދީފައި ހިނގައިގަތެވެ. މަފާޒް ގޮވާލި ނަމަވެސް އެއަޑު ނާހައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕައި ތަޅުލައިފިއެވެ.

ޝާލީ ފެންނަން ނެތިގެން ވަށައިގެން ހޯދައިލުމުން ހުޅުވިފައި ހުރި ފާޚާނާގެ ދޮރު ފެނުނެވެ. ޔާނިޒް ގަމީހުގެ ގޮށްތައް ނައްޓަމުން ގޮސް ފާޚާނާގެ ދޮރުން ވަންއިރު ޝާލީ ބިލިގާ ތެރޭގައި އެތައްހާސް ކުދި ބޮކިތައް ފޭރާމަކަށް ހަދައިގެން އިނެވެ. ޔާނިޒް ބަލައިލުމުން ރަކި ގޮތަކަށް ހީލައިފައި އަތް ފޯރާ ފަށުގައި ހުރި ކުޑަ ބޯތައްޓަކުން ތާޒާ ސްޓްރޯބެރީއަށް ނަގައި އެތިކޮޅެއް ވަކިކޮށްލާފައި ކާން ފެށިއެވެ. ޔާނިޒް ޖިންސް ބާލާފައި ބޮކްސާއަށް ހަދާލައިގެން ޝާލީގެ އަނެއްފަރާތުގައި ބިލިގާގައި އިށީންދެފައި އެއަތުގައި ހިފައި ކުއްލިއެއް ޖަހާފައި ޝާލީ ގެނެސް އަތުތެރެއަށް ލިއެވެ.

ނަތާގެ ހިތް އުފާކޮށް ދިނުމަށްޓަކައި ފިރާ ހުރީ އަތުކުރި އޮޅާލައިފައެވެ. ޓްރޭޑަރސް މަތީގައި އޮތް ކެއުމަށް ދައުވަތު ދީފައި ހުރީ މުޅީންވެސް ނަތާގެ އެކުވެރިންނަށެވެ. ހަތަރު އަހަރު ތެރޭގައި އެމީހުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ވާހަކަ ނަތާ އެހީ ޝައުޤުވެރި ވެފައެވެ. އެމީހުން ދައްކާ މަޖާ ވާހަކަތަކުން ނަތާއަށްވެސް ނުހީއެއް ނީނދެވެއެވެ. ހައިވެފައި ހުރުމުން ނަތާއަށް ކޮންމެވެސް ވަރަކަށް ކެވުނެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ބައްޕަގެ ހިޔާލުތަކާއި ދުރަށް ދެވުމުން އޭނާ ހުރީ ހަމަޖެހިލާފައެވެ. 

އެގާރަ ޖަހަން ކައިރިވެފައި ހުއްޓައި ހުރިހާ އެކުވެރީން ވަކިވެގެން އެމީހެއްގެ އަމިއްލަ މަންޒިލަށް މިސްރާބު ފެށިއެވެ. ނަތާ ޑްރައިވަރަށް ގުޅާފައި ކާރުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓާ މަފާޒް ގުޅިއެވެ. ނަތާ ބުނެ ނުލައި ބޭރަށް އައުމުން މަފާޒް ހުރީ ހިތްހަމަ ނުޖެހިފައެވެ. ނަތާ މަޢާފަށް އެދިފައި ކުޑަ އިރުކޮޅަކުން ގެއަށް ދާނެ ވާހަކަ ބުންޏެވެ. ޑްރައިވަރ އައިސް ކާރު މަޑުކޮށްލުމުން އަރާ އިށީންދެފައި އޭނާ ހެޑްސެޓް އަޅާލިއެވެ. ޕްލޭ ލިސްޓްގައި އެންމެ ކުރީގައި އިނީ ނަތާ އަބަދުވެސް އެންމެ ގިނައިން ޖަހާ އުޅޭ ލަވައެވެ. "އެ ޑްރޮޕް އިން ދި އޯޝަން" އެވެ. އިސާހިތަކު މާޒީގެ މަންޒަރުތައްވެސް އޭނާގެ ސިކުނޑީގެ ލޯގަނޑަށް އަރާ ފައިބަން ފެށިއެވެ. ކުލާސް ފެށިގެން ނިމޭންދެން އޭނާ ރާފިލްއަށް ބަލަން އިންނަ ގޮތެވެ. އޭނާ އަޅައިގަނެފައި ހުންނަ ކަން ނުދެނަ ހުރި ކަމަށް ހަދައިގެން ރާފިލް ކަންތައް ކުރާ ގޮތެވެ. އެކަމަކު ބައެއް ފަހަރަށް ފަޚުރުވެރި ވެލާފައި އެއް މިޔަކަނުން ހިނިތުންވެލާ ގޮތެވެ. ޓިއުޝަންގެ ބަހަނާގައި ރާފިލް ގެއަށް ގެނެސް ލޯބިވާކަން ފައުޅު ކުރުމުން ރާފިލް ރުޅި އައިސްގެން ދުރުގައި ހުންނަ ކުރި މަސައްކަތެވެ. ޚުދު ނަތާވެސް އެގޮތަށް ހޭނި އެންމެ ފަހުން އެހިޔާލު ދޫކޮށްލަން ކައިރިވެފައި ވަނިކޮށް ލަޔާލްގެ ރަށުގައި ހުއްޓާ ރާފިލްގެ ކެތްތެރިކަން ކޮޅުންލައި އެންމެ ފަހުން އެއްބަސްވެގެން ދެން އައި ދުވަސްތަކެވެ. ހުވަފެން ސީދާވެފައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަފްލާކްގެ ނުފޫޒުން އެހުވަފެން ފުނޑު ފުނޑުވެގެން ދިޔަ ހިތާމަވެރި ދުވަހެވެ. 

ހުވަފެނެއްގައި އޮވެފައި ހޭލެވުނު މީހަކު ފަދައިން ނަތާ ތެޅިގެންފައި ހަށިގަނޑު ތެދުކޮށްލިއެވެ. އޭނާ އަދި އައި ފަހުން އަފްލާކްގެ ކައިރިއަށް ނުވަންނަކަން ހަނދާންވީއެވެ. ނަތާ ނިންމީ ގެއަށް ދާ ގޮތަށް ފުރަތަމަވެސް އަފްލާކް އޮންނަ ކޮޓަރިއަށް ދާށެވެ. ގެއަށް ދެވުމުން އޭނާ ހަލުވި ފިޔަވަޅު ތަކެއްގައި ސިޑިން އަރަން ދިޔައެވެ. ލަޔާލް ޝިވަމް ކޮނޑަށް ލައިގެން ކޮޓަރިން ނިކުތްތަން ފެނިގެން އޭނާ ކައިރިއަށް ޖެހިލިއެވެ. ގެއަށް އައީއްސުރެ އޭނާއަށް ޝިވަމްވެސް ނުފެނެއެވެ. "ޝިވަމް އަދިވެސް ނުނިދަނީތަ؟" ނަތާ ސުވާލު ކޮށްލިއެވެ. "ނިދިފަ އޮވެފަ ހޭލައިގެން މިއުޅެނީ. ބަނޑުހައި ވެގެން އުޅޭތީ ބުއްތައްޓެއް ދޭން މިދަނީ. ޖީންވެސް ނިދާފައި އޮތީމަ މީނަ އެކަނި ނީންނާނެތީ ގޮވައިގެން މިދަނީ." ލަޔާލް ޖަވާބުދިނެވެ. "ގެނޭ އަހަރެން އުރާނަން. ލަޔާ ދޭ ތައްޔާރު ކޮށްގެން ގެންނަން." ނަތާ ދެއަތް ދިއްކޮށްލަމުން ބުނެލިއެވެ. ލަޔާލް ބޯ ޖަހައިލާފައި ޝިވަމް ނަތާގެ އަތަށް ދިނެވެ. ނަތާ ޝިވަމް އުރާލައިގެން ވަނީ ލަޔާލްގެ ކޮޓަރިއަށެވެ. އިރުކޮޅަކުން ލަޔާލް އައިސް ވަނުމުން ޝިވަމް ހަވާލު ކޮށްފައި އޭނާ އަފްލާކް އޮންނަތަން އޮޅުންފިލުވައިގެން ނިކުންނަން ދިޔައެވެ. 

ދޮރާއި ހަމައިން ނަތާ ހުއްޓިފައި ބަލަން ހުއްޓެވެ. ލަޔާލް އަދި ކުރިއަށްވުރެވެސް ހިއްކެވެ. ލަޔާލްގެ ދިގު އެސްފިޔަތައް މިހާރުވެސް އެހުރީ ތެމިފައެވެ. އެކަޅު ކަޅު ދެލޮލުން އިންތިހާ ދަރަޖައިގެ ވޭން ނަތާއަށް ފާހަގަވިއެވެ. އަފްލާކް އާއި ނުލައި ލަޔާލް ހަތަރު އަހަރު ވާންދެން ކެތްކުރި ގޮތަކާއިމެދުވެސް އޭނާ ސުވާލު އުފެދުނެވެ. ނަތާ ދޮރު ލައްޕާލައިފައި ގޮސް އަފްލާކް އޮންނަ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަދެއްޖެއެވެ. އެވަގުތު އަފްލާކްގެ ސޫރަ ދެކެފައި ވަގުތުން އޭނާގެ ދެލޯ ކަރުނުން ތެންމާލިއެވެ. އެއޮތް ވަރުގަދަ ކޮށް ހުރި އަފްލާކްގެ ހަށިގަނޑުވެސް މިހާރު ހިކި ކަމުން މުޅި މީހާވެސް ހީވަނީ ކުޑަވެފައި އޮތް ހެންނެވެ. އަބަދުވެސް އަލިގަދަ މޫނުގައި މިއަދު ދިރުމެއް ނެތެވެ. ނަތާ ގޮސް އަފްލާކްގެ ކައިރިއަށް ހުއްޓި ގުދުވެލައިގެން އެނިތުގައި ބޮސްދިނެވެ. 

"ދޮންބޭ ދެން ތެދުވަން އުޅޭ. މިހާރު އަހަރެންވެސް ކިޔަވައި ނިމިގެން މިއައީ. ދެންމެ މިއައީ ޝިވަމް އުރާލައިފަ. ހީވަނީ ހަމަ ދޮންބެ ކުޑަކޮށްލާފަ ހުރިހެން. އެހާވެސް ވައްތަރު." ނަތާ އަފްލާކްގެ އަތްތިލަ ނަގައި މުށުތެރޭގައި ހިފަހައްޓާލައިގެން ވާހަކަ ދެއްކިއެވެ.

ޝާލީއަށް ނިދޭހާއިރު ކޮށްފައި ޔާނިޒް ތެދުވެ ބާލީސްތަކުގައި ލެނގިލިއެވެ. ހުދު ރަޖައެއް އޮޅާލައިގެން އޮތްއިރުވެސް ޝާލީގެ އޮމާން ކޮނޑާއި ބުރަކަށީގެ ބޮޑުބައެއް އޮތީ ހާމަވެފައެވެ. ފަންއިސްތަށިތައް މޫނުމައްޗަށް ފެތުރިފައި އޮތުމުން ޔާނިޒް ބަލަން އިނދެފައި އެއިސްތަށިތައް ދުރުކޮށްލިއެވެ. އޭނާ ތެދުވެގެން ގޮސް އަލަމާރިން ނެގި ހަރުވާޅު ލައިގެން ބެލްކަންޏަށް ނިކުމެލިއިރު ނަލަ ވައިރޯޅިތައް އެތާ ހުރި ގަސްތަކާއި ސަމާސަ ކުރަނީއެވެ. ނިކުންނަމުން އަތަށް ލީ ފޯނު ހުޅުވާފައި ސްޕީޑް ޑައިލް އިން އެކަކަށް އޮބާލިއެވެ. ސްޕީކަރަށް ލައިގެން ހުއްޓާ ފޯނު ރިންގް ވަމުން ގޮސް ކެނޑުނެވެ. ދެވަނަ ފަހަރަށް ގުޅިއިރު އޮތީ ނިއްވާލައިފައެވެ. ރުޅި އައިސްގެން މުށުތެރޭގައި ފޯނު ބޮނޑިކޮށްލި ގޮތުން ފުނޑު ފުނޑު ވެގެން ނުދާ ކަމެއްވެސް ނޭނގެއެވެ. އަނެއް އަތުން ރެއިލިންއަށް ބާރުކޮށްލައިގެން ހުރެލާފައި އަނެއްފަރާތަށް އެނބުރި އޭނާ ބާރު ބާރަށް ގޮސް ކޮޓަރިން ނިކުތެވެ. ހަލުވިކޮށް ސިޑިން ފައިބައިގެން ގޮސް ލިވިންރޫމަށް ނިކުތްއިރު އެތަން އޮތީ ފަޅުވެފައެވެ. ޔާނިޒް ބަދިގެއަށް ވަދެ ލައިޓް ދިއްލާލައިފައި ހޫނު ކޮފީއެއް ހަދާލައިގެން ނިކުމެ ލިވިންރޫމް ސޯފާއަކަށް ވެއްޓިގަނެގެން އިނދެފައި ޓީވީ ހުޅުވާލައިފި އެވެ. ކޮފީގެ ފޮދުވަރުތައް އަރުން އެތެރެ ވަމުން ދިޔައިރު ލޯ ހުއްޓިފައި ހުރީ ޓީވީގެ ސްކްރީނަށް ނަމަވެސް ސިކުނޑީގައި ދައުރުވަމުން ދިޔައީ މުޅިން އެހެން ހިޔާލު ތަކެކެވެ.

ކޮމެންޓް 0