ހެނދުނު ތެދުވެ ފޮތިގަނޑު ކަހައިލުމުން އިރުގެ ރަން ދޯދި ތަކުން ކޮޓަރި ތެރެ ފުރިގެން އައެވެ. ލަޔާލްގެ ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލައިފައި ސިޑިން ފައިބައިގެން ދިޔައީ ނިދަންލީ ހަރުވާޅާއި އަތްދިގު ޓީޝާޓާ އެކުގައެވެ. ފިނި ފައިބާ ދުވަސް ވަރަކަށް ވުމުން ފަތިސް ދަމަށް އަޅައިފިއްޔާ ފިނިކަމުން އޭނާ ނިދަނީ ވެސް ފަންކާ ނިއްވާފައި އަދި އެވަރުން ނުވެގެން ރަޖާވެސް އަޅައިގެންނެވެ. ލަޔާލްގެ ދެފަޔަށް ފިނި ނުވަންނާނެހެން ސްޕަންޖް ޖެހި މަޑު ފައިވާނަކަށް އަރާލައިފައި ހުއްޓެވެ. އޭނާ ގޮސް ބަދިގެއަށް ވަދެފައި ކަޅު ސައިތައްޓެއް ހަދާލައިގެން މޭޒު ދޮށުގައި އިށީންދެލިއެވެ. އިރުކޮޅަކުން ފިޔަވަޅުގެ އަޑާއި އެކު ކޮންމެވެސް މީހަކު ދުވެފައި އަންނަ އަޑު އިވިގެން ތެދުވެވުނެވެ. ލަޔާލް ގޮސް ދޮރާއި ކައިރިވެފައި ބަލައިލުމުން ސިހުމެއް ލިބުނެވެ. ޔާނިޒް ދެކޮޅު ބަލަމުން ވަގެއްހެން ސިޑިން އަރައިގެން ދިޔަ މަންޒަރު އޭނާއަށް ރަނގަޅަށްވެސް ފެނިއްޖެއެވެ. ވިސްނައިލުމުން ލަޔާލް ހަނދާންވިއެވެ. ފާއިތުވެގެން މިދިޔަ ދެތިން ހަތަރު ހަފްތާއެއްގެ ތެރޭގައި ޔާނިޒް ފެންނަނީ ކުރި އާއި ތަފާތު ކޮށެވެ. ގިނަ ވަގުތު ބޭރުގައި ހޭދަ ކުރުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. ކުރިންހެން އޭނާ އާއި ވެސް މާ ގިނައިން ސަމާސަ ކޮށެއް ނޫޅެއެވެ. ލަޔާލް ހަނދާން އެބަހުއްޓެވެ. ޔާނިޒް އެއީ އޭނާ މިގެއިން ފުރަތަމަ އައުމާއެކު އެންމެ ގާތްކަމެއް ބެހެއްޓި އެކަކެވެ. އަބަދުވެސް ސަމާސަ ކޮށް އޭނާގެ ހިތުން ހާއްސަ އެކުވެރި ކަމެއް ޔާނިޒް އަތުލާފައި ވެއެވެ. އެކަމަކު މިހާރު މިފެންނަނީ ތަފާތު ޔާނިޒް އެކެވެ.

ޔާނިޒް ގޮސް ގެއްލުނު ފަހުން ނަތާ ސިޑިން ފައިބައިގެން އަންނާތީ ފެނުނެވެ. ލަޔާލް އެނބުރި ގޮސް ގޮނޑީގައި އިށީންދެފައި ސައިބޯން ފެށިއެވެ. "އެއީ ތެދެއްތަ؟ ދޮންބެ މިރޭ އަންނަނީތަ؟" ނަތާ އައިސް ފެންފޮދެއް ބޯލާފައި ސުވާލު ކުރިއެވެ. ލަޔާލް ބޯޖަހައިލާފައި ނަތާ ބަލައިލުމުން ހިނިތުންވެލިއެވެ. ދެ ހަފްތާއަށްފަހު އަފްލާކް މިއަދު އެނބުރި އަންނަނީ އެވެ. އެހިޔާލުން ލަޔާލްގެ ހިތްވެސް އަނެއްކާ އަވަސްވެލައިފިއެވެ. އޭނާ ހަނދާން އެބަހުއްޓެވެ. އަފްލާކް ރޭގެ ވަގުތެއްގައި ގުޅާފައި އެޚަބަރު ދިނިއްސުރެ އޭނާގެ ހިތް ހިނދުކޮޅަކަށްވެސް މައިތިރިވެ ނުލައެވެ. ލަޔާލް ހިޔާލަކަށް ގެއްލިފައި އިންދާ ނަތާ ކޮފީމަގު ހިފައިގެން އެނބުރި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. 

އޯލެވެލް އިމްތިހާނު ނިމި ޗުއްޓީ ވެފައި ވުމުން ހެނދުނުގެ ވަގުތުވެސް އޭނާ ދާނެ ތަނެއް ނޯވެއެވެ. ނަތާ ކޮފީމަގު ސައިޑު ޓޭބަލް މަތީ ބަހައްޓައިގެން އެނދަށް އަރައި އިނީ ލެޕްޓޮޕް އުނގަށް ލައިގެންނެވެ. ރޭ ތިނެއް ޖެހިއިރު ހޭލި ގޮތަށް އޭނާ އެއިންނަނީ ނުނިދައެވެ. ފެނުނު ބިރުވެރި ހުވަފެނަކަށް ފަހު ނިދި ފިލާ ގޮތްވުމުން ތެދުވެ ސީރީސްއެއް ބަލަން ފެށީއެވެ. ބަންޤި ގޮވުމުން ނަމާދު ކޮށްލަން ވެގެން ހިނދުކޮޅަކަށް އެކަން މެދުކަނޑާލި އެވެ. ދެހަފްތާ ކުރިން ރިސޯޓުގައި ހިނގި ހާދިސާއަށްފަހު އަދިވެސް ބައެއްފަހަރު އޭނާގެ ހިތް ބިރުގަންނަ ގޮތްވެއެވެ. ގެނބެމުން ދިޔައިރު ކުރެވުނު އިހްސާސް ހުވަފެނުގައި އޮވެގެން ތަކުރާރުކޮށް އިހްސާސް ކުރެވޭތަން އާދެއެވެ. ނަތާ އަމިއްލަ ނަފްސަށް އަޑުލައެވެ. އެވަރުގެ މޮޔަކަމެއް އޭނާ ކުރަން ނިންމި ގޮތަކާއި މެދު އަމިއްލަ ނަފްސަށް ވެސް ސުވާލު ކުރިމަތި ކުރެއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި އޭނާ ފާފަ ފުއްސެވުމަށް އެދި ދުއާކޮށް އެކުށަށް ތަޢުބާއަށް އެދެއެވެ. 

އެރޭގެ ހާދިސާއަށްފަހު ރާފިލްވެސް ފުރައިގެން ދިޔައީއެވެ. އެކަމަކު ނަތާއަށް ހީވަނީ ޗުއްޓީއަކީ ރާފިލް ދެއްކި ބަހަނާއެއް ކަމުގައެވެ. އެކަމަކު ރާފިލް ފުރައިގެން އެދިޔައީ އޭނާ ދެކެ ރުޅި އައިސްގެން ކަމުގައެވެ. އެހެންނޫންނަމަ އޭނާ ސަލާމަށް ކޮށްފައި މޫނުވެސް ދައްކާނުލައި އަނެއްދުވަހު ފުރައިގެން ދާނެ ހެއްޔެވެ؟ އެހެނެއް ކަމަކު ނަތާ ހުރީ ރާފިލްއަށް ޝުކުރު އަދާ ކުރަން ނިންމައިގެންނެވެ. ބައެއްފަހަރު ހިތަށް އަރައެވެ. އޭނާގެ ސަލާމަތް ރާފިލްގެ އަތްމައްޗަށް އައީ ކިހިނެތް ހެއްޔެވެ؟ ވެދާނެއެވެ. އޭނާގެ ފުރާނަ ސަލާމަތްވާން ހުރުމުން ރާފިލްއަށް ކޮންމެވެސް ގޮތަކުން އެތަނަށް އާދެވުނީ އެވެ. އެކަމަކުވެސް ބައެއްފަހަރު އުންމީދު ކުރެވެނީއެވެ. ލޯބިނުވާކަން ތަކުރާރުކޮށް އެތައް ފަހަރު ސާބިތު ވެފައި ވީ ނަމަވެސް ހުވަފެން ދެކެވެނީއެވެ. ހިތަށް އަރައެވެ. އެހެން އެންމެންގެ ތެރެއިން އެކަނި ރާފިލްއަށް އޭނާ ފެނުން އިއްތިފާޤަކަށް ވެދާނެ ހެއްޔެވެ؟

ލަޔާލް އެނބުރި ގޮސް ކޮޓަރީގައި އުޅެނިކޮށް މީހަކު ދޮރުފަތުގައި ޓަކި ޖަހާލިއެވެ. ތުވާލިން އިސްތަށިގަނޑު ހިއްކަމުން އޭނާ ދޮރާއި ދިމާއަށް އެނބުރި ކާކުތޯ އަހައިފި އެވެ. ސަހާމާ ބޭރުގައި ހުރެފައި ޖަވާބު ދިނުމުން އޭނާ ހުއްދަދިނެވެ. ކައިވެނީގެ ހަފްލާއަށްފަހު އަޒީ އެދިގެން ސަހާމާމެން ފުރުން ލަސްކޮށްލީ އެވެ. ލަޔާލްގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަފްލާކްގެ ދަރިފުޅުގެ ހަޤީޤަތް އެންމެ ކުރިން އެނގޭ އެކަކަށް ސަހާމާ ވާން ޖެހޭނެ ކަމުގައި އަޒީ ގަބޫލު ކުރެއެވެ. އެހަޤީޤަތް އަހާފައި ސަހާމާވެސް ނިންމީ އަފްލާކް ބުނަންދެން ލަޔާލްއަށް ސިއްރު ކުރުމަށެވެ. އެއިން އެކަކަށްވެސް ނޭނގެނީ ލަޔާލްއަށް ސިއްރުވެފައި އެއްވެސް ހަޤީޤަތެއް ނެތްކަމެވެ.

"ލަޔާލް! މަންމަ ނިންމައިފިން މިރޭ ފުރާ ބޯޓުން ރަށަށް ދާން." ސަހާމާ ވަދެ އިށީންދެލީ ލަޔާލް އެނދުގައެވެ. ކައިވެންޏަށް ފަހުވެސް ލަޔާލް އުޅެނީ މީގެ ކުރިންވެސް އުޅުނު ކޮޓަރީގައެވެ. އަޒީ އާއި ގޭގެ އެހެން މީހުން އޭނާ ކައިރީ އަފްލާކްގެ ކޮޓަރިއަށް ބަދަލުވާން އެދުމުން ލަޔާލްގެ ޖަވާބަކަށް ވީ އެކޮޓަރިއަށް ބަދަލުވާނީ އަފްލާކް އައިސް ގެންދިޔަ ދުވަހަކުން ކަމުގައެވެ. "މިރޭ ލާކްއަށްވެސް އާދެވޭނީ." ލަޔާލް އެހެން ބުނެލި އިރު ސަހާމާގެ ނިންމުމާމެދު އެހާ ހިތްހަމަ ނުޖެހޭކަން ފައުޅުވިއެވެ. "ލަޔާލްއަށް އެނގެއެއްނު މިހާރު އަހުމަދު ހިތާނު ކުރަން އޮތް ދުވަސްވެސް ކައިރިވަނީ. ރަށަށް ގޮސް އަދި ކިތަންމެ ތައްޔާރީއެއް ވާން ޖެހޭ." ސަހާމާ ރައްދުގައި ވާހަކަ ދެއްކިއެވެ. "ތިހެން ބުނީމަ ހިތަށް އަރަނީ އަހަރެން ނެތިސް ކުޑަމަންމައަށް ހާދަ އުދަނގޫވާނެއޭ. ކައިވެނި ނުކޮށް ހުރިނަމަ މިހާރު އަހަރެންވެސް ހުންނާނީ ރަށުގައި." ލަޔާލް ތުވާލީ ބާއްވާފައި އައިސް ސަހާމާގެ ކައިރީގައި އިށީންދެލިއެވެ. 

"އަފްލާކް އައީމަ ދެމީހުން އެއްކޮށް ދިޔައީމަވީއެއްނު." ސަހާމާ ހިޔާލު ފައުޅުކުރިއެވެ. ލަޔާލް އެއަޑު އިވިގެން ކުއްލިއަކަށް އެއްޗެއް ބުނަން އަނގަ ހުޅުވާލައިފައިވެސް ހުއްޓާލައިފި އެވެ. އަފްލާކް ރުހޭ ކަމަށްވާނަމަ އެގޮތް އޭނާވެސް ބޭނުމެވެ. ބަންދުގައި ރަށުގެ ގިނަ އާއިލާތައް އެކި ހިސާބުން އެނބުރި ދާނެއެވެ. މަޖާ ކުރުމާއި އެކިކަހަލަ ޕްރޮގްރާމްތައް ރޭވިގެން ދާނެއެވެ. އެކަމަކު އަފްލާކްގެ ހަޔާތަށް އައި ކުއްލި ބަދަލަށް ހޭނެން ވަގުތު ބޭނުން ވެފައިވާ މިދަނޑިވަޅުގައި އޭނާގެ އެދުން ކާމިޔާބު ވެދާނެހެން ހާދަ ހީނުވެއެވެ.

ލަޔާލް ތެދުވެގެން ގޮސް ފުނާ އަޅަން ހުއްޓާ ސަހާމާގެ ދެފިރިހެން ކުދީން ސަކަރާތް ޖަހަމުން އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. ހެދިނެހެދިއެއް ނޭނގި އިރުކޮޅަކުން ފެނުނީ ލިޔާ މޭޒު މަތީ ހުރި ލަޔާލްގެ ފޮތްތައް ތިރިއަށް އޮއްސާލިތަނެވެ. ސަހާމާ އެކުދިންނަށް އަޑުލައިގެންފައި ގޮސް ފޮތްތައް ބަރިއަކަށް ނަގަމުން ދަނިކޮށް ހުއްޓުން އެރިއެވެ. ލަޔާލް ފުނާ އަޅައި ނިމިގެން އެނބުރި ލުމުން ސަހާމާއަށް އައި ބަދަލު ފާހަގަ ކުރެވިއްޖެއެވެ. 

"ލަޔާލްއަށް މިފޮޓޯ ލިބުނީ ކިހިނެތް؟" ލަޔާލް ބަލަހައްޓައިގެން ހުއްޓާ ސަހާމާ ތެދުވެފައި ދައްކައިލީ ލީޒާގެ ފޮޓޯއެވެ. "ކުޑަމަންމަގެ އަލްބަމް އިން ފެނުނީ. ފޮޓޯގަނޑެއްގެ ދަށުގައި ފޮރުވާފަ އިންދާ ނެގީ." ލަޔާލް ޖަވާބު ދިންއިރު އަޑުގައި ލަދުވެތިކަމެއް ވިއެވެ. ސަހާމާ އެއްޗެއް ނުބުނެ ގޮސް އަނެއްކާވެސް އިށީންދެލީ އެނދުގައެވެ. ނަސީބަކުން އަހުމަދާއި އަބީން ވެސް ދުވެފައި ބޭރަށް ހިނގައްޖެއެވެ. "މީ ލީޒާ އާއި އަހަރެން ފުރަތަމަ މާލެ ފައިބަން އައިސް ހުރެފައި ނެގި ފޮޓޯއެއް." ލަޔާލް ޖެހިލުން ވެފައި ހުރެގެން ގޮސް ކައިރިއަށް ހުއްޓުމުން ސަހާމާ ފެށީ އޭނާ އުންމީދުވެސް ނުކޮށް ހުރި ވާހަކައެކެވެ. "ގޭގެ ހުރިހާ ކަމެއް ކޮށްފައި ލިބޭ ވަގުތުކޮޅު އަހަރެމެން ދަނީ ކިޔަވަން. އެތަނުން އަހަރެމެންނަށް ލަޔާލްގެ ބައްޕަ ފުރަތަމަ ފެނުނީ. އެކުލާސް ހިންގަނީ މުޝައްރަފްމެން ގޭގެ ބައެއްގައި." ސަހާމާ ވާހަކަ ފަށައިގެން ކުރިއަށް ދާން ފެށުމުން ލަޔާލް ކައިރީގައި އިށީންދެ އަޑު އަހަން ފެށިއެވެ. އޭނާގެ އުމުރުން މިވީ ހުރިހާ ދުވަހު ސަހާމާ ދުވަހަކުވެސް އެގޮތަށް މާޒީގެ ވާގަކަ ދައްކާފައެއް ނުވެއެވެ. ހަމައެކަނި ކިޔައިދިނީ އޭނާގެ މަންމަ އާއި ބައްޕަ ވަރިވެގެން ދެހިސާބެއްގައި މުޅިން އާ ދިރިއުޅުމެއް ފަށައިގެން އުޅޭ ވާހަކައެވެ. 

"ލީޒާއަށް މުޝައްރަފް ކަމުދާން ފެށީ ފުރަތަމަ ދުވަހުން ފެށިގެން. އެކަން އަހަރެންނަށްވެސް އިހްސާސްވި. ލީޒާ ނުބުންޏެއް ކަމަކު އެއްބަނޑު އެއްބަފާ ދައްތަ ކަމަށް ވީތީ ލީޒާގެ އުޅުމާއި އަމަލުތައް ހުންނަ ގޮތުން ހިތުގައި އޮންނަ އެއްޗެހިވެސް ގިނަ ފަހަރަށް އަހަރެންނަށް އޮޅުންފިލަނީ ކިޔައިނުދެނީސް. އެހެން އުޅެފަ އެއްދުވަހަކު އައިސް ބުނީ މުޝައްރަފް އިންނަން އެހި ވާހަކަ. ވަރަށް ރަނގަޅަށް ހަނދާން އެބަހުރި ލީޒާ އެދުވަހު އުފާވެފައި ހުރި މިންވަރު. ދުވަހަކުވެސް އެމޫނުން އެވަރުގެ އުފަލެއް އަހަރެން ނުދެކެން. ކައިވެނި ކޮށްގެން ފުރަތަމަ ދުވަސްކޮޅު މުޝައްރަފް ލީޒާ އާއި އަހަރެން ގޮވައިގެން ރަށަށްވެސް ދިޔަ. ދެން ދުވަސްކޮޅަކުން ކުއްލި އަކަށް މާލެ ދާން ޖެހިއްޖެއޭ ކިޔައިފަ ދިޔަ މީހާ ޚަބަރެއް ނުވީ. ބަނޑުބޮޑުކަން ލީޒާއަށް އެނގުނު ދުވަހު ލިބުނީ ސިޓީއެއް. އޭގައި އޮތީ މުޝައްރަފްގެ ކައިވެންޏަކީ ވަކި މަޤްސަދަކަށްޓަކައި ކުޅެވިގެންދިޔަ ޑްރާމާއެއްގެ ބައެއް ކަމަށާއި ދުވަހަކުވެސް ލޯބިނުވާ ވާހަކަ. އަދި ވަރިކުރި ވާހަކަ. ލީޒާގެ ހިތް ހަލާކުވި. ރޮއިރޮއި ބޮޑު ބައްޔަކަށް ވި. އެހާލެއްގައި ވިހާންދެން އުޅެފައި ލަޔާލް ލިބުނު ފަހުން ހިސާބަކަށް އުޅުމަށް ބަދަލުއައި. ލަޔާލްގެ ހިނިތުންވުން ދެކޭ ކޮންމެ ފަހަރަކު ލީޒާވެސް ހިނިތުންވޭ. ކުޑަމަންމަ ހީކުރީ ދެން ލީޒާ މުޅިން ހަމައަކަށް އެޅެނީ ކަމަށް. އެކަމަކު އެއީ ހަމައެކަނި ކުރެވުނު ކުށްހީއެއް. އަހަރުވާން މަހަކަށް ވެފައި އޮތްވާ އެއްދުވަހަކު ބޭރުގައި އުޅެފައި އައިތަނުން ކުޑަމަންމަގެ ކަންފަތުގައި ޖެހުނީ ލަޔާލް ރޯއަޑު. މުޅި ގެ ހޯދާ، ގޮވާވެސް ލީޒާއެއް ނުފެނުނު. އޭގެ އިރުގަނޑެއް ފަހުން މޭޒުމަތީ އޮތް ސިޓީއެއް ފެނުނީ." ސަހާމާ ވާހަކަ މެދުކަނޑާލައިފައި މޫނު އަނބުރައިލި އިރު ދެލޯ ވަނީ ފެންކަޅިވެފައެވެ. 

"ކީކޭ އެސިޓީގައި އޮތީ؟" ލަޔާލް އިނދެފައި ދަނޑިވަޅު ލިބުމުން ސުވާލުކޮށްލީ އެވަގުތުއެވެ. ސަހާމާ ޖަވާބުދޭން އުޅެފައި އިސްޖަހައިލުމުން ލަޔާލްގެ ހިތް ތެޅިގަތެވެ. "ބުނެބަލަ ކުޑަމަންމާ! ކީކޭ މަންމަ ލިޔެފަ އޮތީ؟" ލަޔާލްއަށް ކެތްނުވެގެން ސަހާމާގެ އަތުގައި ހިފައި ތަޅުވައިލިއެވެ.

"އޭގައި ވަރަށް ގިނަ ވާހަކަ ހުރި. އެންމެ ރަނގަޅު ވާނީ ލަޔާލް އަމިއްލައަށް ކިއްޔާ. ބޭނުމިއްޔާ އަދިވެސް އެސިޓީ އޮންނާނެ ރައްކާކޮށްފައި." ސަހާމާގެ ޖަވާބަކީ އެއީއެވެ. ސަހާމާގެ އެޖަވާބުން ލަޔާލްއަށް އެއްކަމެއް އޮޅުންފިލިއެވެ. ސިޓީގައި ލީޒާ ލިޔެފައި ހުރި ވާހަކަ ތަކަކީ ސަހާމާއަށް ކިޔައިދެވޭ ވަރަށްވުރެ ކަޅު ވާހަކަތަކެކެވެ.

ހަވީރުގެ ވަގުތެވެ. ނަތާ ތައްޔާރުވެލައިގެން މިއަދު ބޭރަށް ނިކުތީ ފިރާގެ އެދުމަކަށެވެ. ދުވަސްތަކެއް ކުރީން ޖެހުނު ކުޑަ މައްސަލައެއްގައި ދެއެކުވެރީން ދޭތެރޭ ދުރުކަމެއް އައި ނަމަވެސް ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި އަލުން ކުރީގެ ގުޅުން އިއާދަ ވެއްޖެއެވެ. މަގުމަތީން ފިރާ ފެނިގެން އައިސް މަޢާފަށް އެދިފައި އޭނާގެ އެކުވެރިކަން ބޭނުން ވާހަކަ ބުނީއެވެ. 

ނަތާ ތަންކޮޅެއް ދުރަށް ކާރު މަޑު ކުރުވާފައި ފިރާމެން ގެ ހުންނަ ގޯޅިގަނޑަށް ވަދެގެން ދިޔައެވެ. ނަސީބަކުން މާދުރަށް ދާން ނުޖެހި ފިރާ އާއި ބައްދަލުވެއްޖެއެވެ. އެކުގައި ފިރާގެ ކޮއްކޮ ސީމާ ހުރުމުން ނަތާ ހައެ ޖަހައިލި އެވެ. ތިންކުދިން ހިނގާލައިފައި މިސްރާބު ޖެހީ ގާޑިޔާތަކާއި ދިމާއަށެވެ. އެމީހުންނަށް ދެވުނު އިރު އަދިވެސް ދެކުއްޖަކު އިންތިޒާރުގައި ތިއްބެވެ. ހައްތަހާވެސް އެކުވެރީންނެވެ. ޗުއްޓީ ވުމަށްފަހު އެގޮތަށް އެކުވެރިން ތަކާއި އެއްތަނަކުން ބައްދަލު ވުމުން ނަތާވެސް ހުރީ އުފާވެފައެވެ. އެންމެން މަސްކާށި ކާލަން ވެގެން ފާރުބުރި މަތީ ތިބެގެން މަޖާ ވާހަކަ ދައްކާފައި ސަކަރާތް ޖެހިއެވެ. ނިންމައިލާފައި މީރު ބިލަތްގަނޑަކަށް އޯޑަރ ދީގެން ތިއްބާ އެއްލި ކަޅިއަކުން ނަތާއަށް ރާފިލް ފެނުނީ ހަމަ ކުއްލި އަކަށެވެ. ސައިކަލު ފަހަތަށް މަންމަ އަރުވައިގެން ރާފިލް ދިޔައީ ގެއަށް ކަންނޭގެ އެވެ. ހިތަށް އެރިއެވެ. ރާފިލް މާލެ އައީ ކޮންއިރަކު ހެއްޔެވެ؟

"އޭ ގައިޒް. އަހަރެން ހަމަ ކުއްލިއަކަށް މިހަނދާންވީ. އެބަޖެހޭ ތަނަކަށް ޖައްސާލަން." ނަތާ ވިސްނައިލާފައި ކުއްލިއަކަށް ބަހަނާއެއް ހޯދައިލިއެވެ. އިތުރު ކުއްޖަކު އެއްޗެއް ބުނާނެ ފުރުސަތެއް ނުވެސްދީ އޭނާ ދުވެލާފައި ގޮސް މަގު ހުރަސްކުރިއެވެ. ނަތާ ކާރަށް ގުޅީވެސް އެކުވެރިންގެ ލޯމަތިން ގެއްލުނީމައެވެ. މިފަހަރުވެސް އޭނާ ކާރު މަޑުކުރުވީ ރާފިލްގެ ގެއާއި ދުރަށެވެ. ޑްރައިވަރަށް އޮޅިގެން ނަމަވެސް އޭނާ އެގެއަށް އައި ވާހަކަ އާއިލާގެ އިތުރު މީހަކު ކައިރީ ބުނާކަށް ނަތާ ފުރުސަތެއް ނުދޭނެއެވެ. 

ނަތާ ބެލް ޖަހާފައި އިންތިޒާރުގައި ހުއްޓާ ދޮރު ހުޅުވީ ގޭގައި އުޅޭ ނޯކަރެވެ. ވަށައިގެން ލޯ ހިންގައިލާފައި މީހަކު ނެތުމުން އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ. ވަކި ހިސާބަކުން ހުއްޓިފައި ރާފިލް ކޮބައިތޯ ނޯކަރު ކުރެން އަހައިފިއެވެ. "ރާފިލް ކޮޓަރީގައި." ނޯކަރު ދިނީ ނަތާ އެންމެ ބޭނުންވި ޖަވާބެވެ. އޭނާ މިވަގުތުން ބޭނުން ވަނީވެސް ރާފިލް އާއި އެކަހެރިކޮށް ބައްދަލު ކުރާށެވެ. ނަތާ ކުޑަކޮށް ޖެހިލުންވެ ހުރެގެން ގޮސް ދޮރުފަތުގައި ޓަކި ޖަހައިލި އެވެ. ރާފިލް އެތެރޭގައި އިނދެފައި ވަންނާށޭ ގޮވައިލުމުން އެވަގުތަށް އަތްފައިވެސް ފިނިވެލިއެވެ. ދޮރުފަތް ދުރުކޮށްލާފައި ފުރަތަމަ ބޯ ދިއްކޮށްލީއެވެ. ރާފިލް ލިޔާމޭޒު ކައިރީ އިނީ ލެޕްޓޮޕްގެ ސްކްރީނަށް ބަލަހައްޓައިގެންނެވެ. ނަތާ އެތެރެއަށް ވަންތަނާ އެދިމާއަށް ކަޅިއެއް އެއްލާފައި ވަގުތުން ކޮޅަށް ތެދުވިއެވެ. 

"ނަތާ ކީއްކުރަނީ؟" ރާފިލްގެ އަޑުގައި ރުންކުރު ކަމެއް ހުއްޓެވެ. "އަދިވެސް ރުޅިއައިސްފަތަ؟" ނަތާއަށް ބުނެލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ ކަންބޮޑުވެގެން ތުންފަތުގައި ދަތް އަޅައިލައިފި އެވެ. "އަހަރެން ކޮން ރުޅިއެއް އަންނާކަށް؟ ނަތާގެ އަމިއްލަ ލައިފްވިއްޔަ. ނަތާ ބޭނުން ކޮންމެ ގޮތެއް ހެދީމަ ވީނު." ރާފިލް ފުރަގަސްދީފައި ގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ. "އަހަރެން މިއައީ ޝުކުރު އަދާކުރަންވެގެން." ނަތާ ބުނެލިއެވެ. އޭނާ އިރުކޮޅަކު ހުރެލާފައި ރާފިލް އިތުރު ވާހަކައެއް ނުދައްކާނެކަން ޔަޤީން ވުމުން ނިކުމެގެން އައިއިރު ލޮލުގައި ކަރުނަތައް ގިނަވެފައި ހުއްޓެވެ.

ސަހާމާގެ އާއިލާ ރަށަށް ފުރުވާލައިފައި ލަޔާލް އައިސް ކޮޓަރީގައި އިނީ އަދިވެސް އެއް ހިޔާލެއްގައެވެ. ސަހާމާ ކިޔައިދިން ވާހަކަތަކަށްފަހު ހިނދުކޮޅަކަށް ވެސް އޭނާގެ ސިކުނޑި އެހިޔާލުތައް ނުދެއެވެ. ވިސްނި ވަރަކަށް އޭނާގެ ހިޔާލުތައްވެސް ދިޔައީ އެކި ގޮތްގޮތަށް އެނބުރެމުންނެވެ. މަންމަގެ މަޤާމުގައި ހުރެ ވިސްނައިލުމުން އޭނާއަށް މަންމަގެ މާބޮޑު ކުށެއް ނުފެނެއެވެ. ބައްޕަގެ ފަރާތުން މަންމަގެ ހިތަށް ކުރީ ކިހާ ވަރެއްކަން އޭނައާއި ކުޑަމަންމައަށް އިހްސާސް ވާނީ ކިހިނެތް ހެއްޔެވެ؟ އެމީހެއްގެ ހިތަށް ކުރާ އަސަރު އެނގޭނީ އެކަނި އެމީހަކަށެވެ. އެކަމަކު ބައްޕަދެކެ ކުރި ނަފްރަތެއް އޭނާއަށް އަމާޒުކޮށް އޭނާގެ ނިކަމެތިކޮށްލިކަން އެއީ ޔަޤީނުންވެސް މަޔަކަށްވެ ހުރެ ލީޒާ ހެދި ގޯހެކެވެ.

އެގާރަ ޖެހިއިރު ލަޔާލްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އިންތިޒާރުގައި އިންނައިރު އެއް މިނިޓްވެސް ހީވަނީ އެއްގަޑިއިރު ހެންނެވެ. ލޯގަނޑު ކުރިމައްޗަށް އޭނާއަށް އެރުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އަތުކުރީގައި އޮތް ގަޑިއަށްވެސް ސިކުންތަކު ދެފަހަރު ކަހަލަ ގޮތަކަށް ކަޅި އެއްލެއެވެ. ބޭރުން މީހެއްގެ ފިޔަވަޅު އަޑު އިވިއްޖެއްޔާ ފުންމައިގެން ތެދުވެފައި ގޮސް ދޮރު ހުޅުވާލައެވެ. މިހާލެއްގައި ލަޔާލް އިންދައި ބާރަ ޖަހައި ފަނަރަ މިނިޓް ހިނގައިފި އެވެ. އަނެއްކާ އަފްލާކް މިރޭ ނާންނަނީ ބާވައޭ ހިތަށް އަރައިގެން ދެކޮޅަށް ހިނގަން ހުއްޓާ ދޮރު ހުޅުވައިލީ ނަތާއެވެ. 

"ނަތާ!" ލަޔާލް ހާސްވެފައި ހުރުމުން ނަތާއަށް ގޮވައިލެވުނީ އާދައިގެ ވަރަށް ވުރެ ބާރަށެވެ. "ދޮންބެ ފްލައިޓު ޑިލޭވި ވާހަކަ ބުނަން މިއައީ. ފަތިހު އަންނަ ވާހަކަ ބުނީ." ނަތާގެ ވާހަކަ އަހާފައި ލަޔާލް މާޔޫސްވެއްޖެއެވެ. އެމޫނު ރީނދޫވެގެން ދިޔަކަން ނަތާއަށްވެސް ފާހަގަވިއެވެ. ލަޔާލް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރުމުން ނަތާ "ގުޑްނައިޓް" އޭ ބުނެލާފައި ނިކުމެގެން ދިޔައީއެވެ. "ކީއްވެބާ އެވާހަކަ ބުނަން އަހަރެންގެ ފޯނަށް ނުގުޅީ؟" ލަޔާލް އަމިއްލައަށް ސުވާލު ކޮށްލަމުން ގޮސް ފޯނު ހޯދަނިކޮށް ފެނުނީ ބާލީސް ދަށުގައި އޮތްވައެވެ. އަފްލާކްގެ ނަންބަރުން ގުޅާފައި އޮތްތަން ފެނުމުން އޭނައަށް ވީގޮތް އޮޅުން ފިލައިފި އެވެ. ލަޔާލް ފޯނަށް ބަލަހައްޓައިގެން އިނދެފައި އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީހެއް ގެނެސް މެޔާލައި ފިއްތާލައިގެން އޮތްވާ އިރުކޮޅަކުން ދެލޯ ފުރިގެން އައީ ކަރުނައެވެ. އެހާ ވަރަށް އުންމީދު ކޮށްގެން ހުއްޓާ މިދިމާވި ގޮތުން ހިތަށް ތަދުވެއްޖެއެވެ. ކައިވެންޏަށް ފަހު ދެހަފްތާ އޭނާ ހޭދަ ކޮށްލީ އެކަނި އަފްލާކްގެ އަޑު އަހާލައިގެންނެވެ. މިރޭ އިންތިޒާރުގެ ނިމުން އަންނާނެ ކަމަށް ހީކޮށްގެން ހުއްޓާ އެކަންވެސް ނާކާމިޔާބުވީއެވެ.

ރޮއި ރޮއި ހިތުގެ އުދާސްގަނޑު ބޭރުވުމުން ލަޔާލްގެ ލޮލަށް ނިދީގެ އަސަރު ކުރަން ފެށިއެވެ. ހެދުން ބަދަލު ކޮށްލައިގެން އޭނާ ބޮކި ދިއްލައިގެން އޮށޯތީ ފޯނުވެސް އެލާމް ކޮށްފައެވެ. އަފްލާކް އަންނައިރު ހޭލާ ހުންނަން އޭނާ ކޮންމެހެންވެސް ބޭނުމެވެ.

ފުން ނިދީގައި ލަޔާލް އޮތްވާ ހުވަފެނެއް ފެންނަން ފެށިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލައިފައި ކޮންމެވެސް މީހަކު ވަނީއެވެ. ފަނޑުއަލީގެ ތެރެއިން ފެނުނު އެއީ ކަޅު ހިޔަންޏެއް ފަދައެވެ. ނުހަނު ފިރިހެންވަންތަ ހިނގުމެއް ގައި އައިސް އެމީހަކު ހުއްޓިލީ ލަޔާލްގެ މަގަތުގައެވެ. ގުދުވެލައިގެން އޭނާގެ މޫނަށް އެޅިފައި އޮތް އިސްތަށިކޮޅެއް ދުރުކޮށްލަ ދިނެވެ." ލާކް!" ނިދީގައިވެސް ލަޔާލްގެ ދުލުން ނިކުތީ އެނަމެވެ. "ބޭބީ އައެމް ހިއަރ." އެއީ އަފްލާކްގެ އަޑެވެ. ބަލަން ހުރެލާފައި އިރުކޮޅަކުން އަފްލާކް އައިސް އޮށޯވެލީ އެނދުގެ އަނެއްފަރާތުގައި އޮތް ހުސްތަނުގައެވެ. ލަޔާލް ނިދީގައި އަނެއްފަރާތަށް ފުރޮޅިލުމުން ވަދެވުނީ އަފްލާކްގެ އަތުތެރެއަށެވެ. ހަމައެކަނި ނޭވާގެ ހޫނުކަން އެމޫނަށް ކޮށްފައި އިރުކޮޅަކުން އެފިނި ތުންފަތުގެ ބީހުންތައް މުޅި މޫނާއި ކަނދުރާއަށް ކުރަން ފެށިއެވެ. ހޭލެވިއްޖެނަމަ ހުވަފެން ވިއްސި ވިހާލިވެދާނެތީ އުޅޭ ފަދަ ގޮތަކަށް ލޯ މަރާލައިގެން އޮވެފައިވެސް ލަޔާލް ދޭތެރެއަކުން ހީލައެވެ. ރަޖާ ހަށިގަނޑާއި ވަކިވި ފަހުންވެސް ލަޔާލްގެ ހަށިގަނޑަށް ފިނީގެ މާބޮޑު އަސަރެއް ނުކުރީ އަފްލާކްގެ ބީހުންތަކުން އެހަށިގަނޑުގައި އުފެދެމުން ދިޔަ އުދާހުގެ ސަބަބުންނެވެ. އެކަމަކު ހިތާއި ރޫޚުގައި ވީ ފިނިކަމެވެ. އެންމެ ފަހުން ލޯބިވެރިޔާގެ މީހަކަށް އޭނާ ވެއްޖެއެވެ. އިންތިޒާރުގެ ފޮނި ނިމުން އަތުވެއްޖެއެވެ. އިރުގަނޑެއް ފަހުން ވަރުބަލި ކަމާއެކު ނިދަން އޮތްއިރުވެސް ލަޔާލްގެ ތުންފަތުގައި ހިނިތުންވުން ނުފިލައި ހުއްޓެވެ. އަފްލާކްގެ މޭމަތީގައި އޭނާ އޮތްއިރު އެބާރުގަދަ ދެއަތުން އޭނާ ވަށާލައިފައި އޮތެވެ. ދައްކަން ބޭނުންވި ވާހަކަތައް ލަޔާލް މަޑުޖައްސައިލީ އިރުގެ އަލިކަން ފޯރަން ދެންނެވެ.

އާ ދުވަހަކަށް އަރައިގެން އައި އިރުގެ ފުރަތަމަ ދޯދިތައް ބިއްލޫރިގަނޑު ފުރާނާލައިފައި އައިސް ލަޔާލްގެ މޫނަށް އެޅުނެވެ. ނިދިން ހޭލެވިފައި ލޯ ހުޅުވައިލުމުން އޭނާއަށް ފޮތިގަނޑު ކުޑަކޮށް ކަހާލައިފައި ހުއްޓާ ފެނުނެވެ. ތެދުވެ އިށީންދެފައި އަމިއްލަ ހަށިގަނޑާމެދު ވިސްނާލެވުމުން ރޭގެ ހާދިސާ ހަނދާންވިއެވެ. ލަދުން މޫނު ފޮރުވާލައިފައި އޭނާ އަވަހަށް ފާޚާނާއަށް ވަދެ ފެންވަރާލައިފި އެވެ. ގަޑި ބަލާލައިފައި އަފްލާކްގެ މޫނު ދެކިލަންވެގެން އޭނާ ނިކަން ބާރަށް ތިރިއަށް ދިޔައެވެ. ބަދިގޭގައި ކޮފީބޯން ތިބި މަފާޒް އާއި ނަތާގެ ކައިރީގައި އަފްލާކް ވެސް އިނެވެ. މާދުރުން ލަޔާލްގެ މޫނަށް ހައިރާންކަން ވެރިވީ އަފްލާކްގެ މޫނުން ނިދާ ހޭލި ވައްތަރު ނުޖެހީމައެވެ. ލައިގެން ހުރި އަންނައުނުވެސް ބުނެލީ ހަމަ އެވާހަކައެވެ. "ދެންމެ އައީ." އެވަގުތު އޭނާ ގޮސް ހުއްޓުނުތަނުން އަފްލާކް ދިން ޖަވާބުވެސް ލަޔާލްގެ ސިކުނޑިއަށް ޒަލްޒަލާއެއް ގެނުވައިފި އެވެ.

ކޮމެންޓް 0