އުދަރެހަށް ރަތް ވިލާތައް އެއްވަމުން އައެވެ. ވައިރޯޅި މަޑުވެފައި ކަނޑުގެ ލޮނުގަނޑު ހިމޭންކޮށް އޮތުމުން ދެކޭ މީހަކަށް އެއީ އެންމެ ފުރިހަމަ މަންޒަރަށް ވެގެން ދާނެއެވެ. ކިރު ކުލައިގެ ވެލިގަނޑުގައި ބޮސްދީފައި ރާޅުތައް ދަމައިލަނީ ދެގޮތެއް ނުވެ އެއް ރާގަކަށެވެ. ނަތާ ގޮނޑު ދޮށަށް ފޭބީ މީހުން އެންމެ މަދު ދިމާ ފާހަގަ ކޮށްގެންނެވެ. އަރައިގެން ހުރި ބޫޓު އަތަށް ނަގައިގެން ކުރިއަށް ދިޔަ ވަރަކަށް ފަހަތަށް ފިޔަވަޅުގެ ނިޝާން ދޫވަމުން ދެއެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ޖަމްޕްސޫޓްއަށް ވެސް ރަތްވިލާ ކުލަ އެޅިފައި ހުރުމުން ނުހަނު ހިތްގައިމު ގޮތް ދައްކައެވެ. ވަކި ހިސާބަކުން ނަތާގެ ސަމާލުކަން ދަމައިގަތީ ރާޅުތަކު ތެރޭގައި އެކި ފަހަރު އެކި މިސްރާބަށް ދަތުރު ކުރަމުން ދިޔަ ބިއްލޫރި ފުޅިއެކެވެ. ބަލަން ހުރެލާފައި އޭނާ ތަންކޮޅެއް ބާރަށް ގޮސް އެފުޅި އަތަށް ނަގައިފިއެވެ. އެވަގުތު ލޮނުގަނޑު އައިސް އެދެފައިގައި ބޮސްދިނުމުން އަވަހަށް ކުޑަ ކުއްޖެއްހެން ފަހަތަށް ފުންމައިގެންފައި ސަލާމަތް ހޯދައިފި އެވެ. ފެހި ބިއްލޫރީގެ އެއީ ނުހަނު ބައްޓަންވެސް ރީތި ފުޅިއެކެވެ. ނަތާގެ ޝައުޤުވެރިކަން ކުރިއަށްވުރެވެސް އިތުރު ވެގެން ދިޔައީ އެތެރޭގައި އެއްޗެއް އޮތްކަން ފާހަގަ ކުރެވުނީމައެވެ. އެހުރިތަނަށް ބޫޓު ވައްޓައިލާފައި އޭނާ ފުޅީގެ އަނގައަށް ޖަހާފައިވާ އުނގުރި ނައްޓާލުމުގެ މަސައްކަތް ފެށިއެވެ. ނަސީބަކުން މާ އުދަނގުލެއް ނުވިއެވެ. އެތެރޭގައި އޮތީ އޮޅާލައިފައި އޮތް ކަރުދާސް ގަނޑެއް ކަން ޔަޤީންވި ހިސާބަކީ އެއީ އެވެ. ނަތާ އުނގުރި ނަގާފައި ފުޅީގެ ތުންވަރިއަށް ޝަހާދަތް އިނގިލި ލައްވައިގެން ކުޑަ މަސައްކަތަކުން އެކަރުދާސް ގަނޑު ނެރެފި އެވެ. 

"ކީކޭ އޮތީ؟" ކަރުދާސް ގަނޑު ނިއުޅާލުމަށްފަހު އޭގައި އޮތް ލިއުންކޮޅު ކިޔާލިތަނުން ފަހަތުން އަޑުއައެވެ. ސިހުނު ވަރުން ނަތާގެ ހިތްވެސް ދިޔައީ ފުންމަ ފުންމައިގެންނެވެ. އެނބުރި ބަލައިލުމުން އެމޫނުގައިވި ބިރުވެރިކަން ފެނުނު ކޮންމެ މީހަކަށް ފާހަގަ ކުރެވޭނެއެވެ. ނުހަނު ހިތްގައިމު ގޮތަކަށް، ޖިންސް ޖީބަށް ދެއަތް ޖަހާލައިގެން ރާފިލް ހުރީ ހިނިތުންވެފައެވެ. ނަތާ އެންމެ ހައިރާންވީ ހިލަމެއްވެސް ނުވެ ރާފިލް އައިސް ފަހަތުގައި ޖައްސާފައި ހުރުމުންނެވެ. ބިރުވެރި ފިލްމު ތަކުގައި ޖިންނިންވެސް ފެންނާނީ އެގޮތަށް ކުއްލި އަކަށެވެ. "އޯހ އައެމް ސޮރީ. އަނެއްކާވެސް ނަތާ ބިރުގަންނަވާ ލެވުނީ ދޯ؟" ނަތާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރާފިލް އަނެއްކާވެސް ބުނެލިއެވެ. ފުން ނޭވައަކާއެކު ނަތާގެ ނަޒަރު އަނެއްކާވެސް ހުއްޓައިލީ އަތުގައި އޮތް ކަރުދާސް ގަނޑަށެވެ. 

"އެއްވެސް ހަޤީޤަތެއް ނެތް ފިލްމީ ޑައިލޮގެއް." ނަތާ ފާޑަކަށް ތުންފަތުގައި ދަތް އަޅައިލާފައި އިރުކޮޅަކުން ކަރުދާސް ކޮޅު ރާފިލްއަށް ދިއްކޮށްލި އެވެ. އޭގައި އޮތް އެއްޗެއް ކިޔައިދޭ ހިތެއް އޭނާގެ ނެތެވެ. "ޑްރީމް ބިގް! ވަން ޑޭ އިޓް ވިލް އޯލް ކަމް ޓުރޫ." ރާފިލް ނަތާއަށް އަޑު އިވޭވަރަށް ކިޔައިލި އެވެ. އޭނާ ކަރުދާސްކޮޅު ކުރިން އޮތް ގޮތަށް އޮޅާލައިފައި ބަލައިލި އިރު ނަތާ ބަލަހައްޓައިގެން ހުރީ އުދަރެހާއި ދިމާއަށެވެ. "ކިހާ ބޮޑު ތެދެއް މީގަ ލިޔެފަ މިއޮތީ." ރާފިލް ފިޔަވަޅެއް ކުރިއަށް ޖެހިލާފައި ނަތާގެ މޫނަށް ބަލަން ފެށިއެވެ. "ތިންކް އެބައުޓް އިޓް. "ނަތާ އަހުމަދު އަޒީގެ" ކުޑަ އެންމެ ހުވަފެނެއް އޮތްކަން އެނގުނަސް ހުރިހާ ބްރަދާރސް އަތުކުރި އޮޅައިލާނެ އެކަމެއް ފުއްދައި ދޭން. ދެން ހުރީ ބައްޕަ. ނަތާ ބުނެފިއްޔާ ދެލޯވެސް ދޭން ތައްޔާރަށް ހުންނާނީ. ކަމްއޯން ގާރލް. ޔޫ އާ ލައިކް އެ ޕްރިންސެސް. ދެން ކީއްވެ ތިގޮތަށް ވިސްނަނީ؟ އެޓްލީސްޓް ތެދުކުރަން ތިބޭނުންވާ ހުވަފެންތަކުގެ ވާހަކަ ފެމެލީ ގެ ކަންފަތާއި ހަމައަށް ފޯރުކޮށްބަލަ." ރާފިލްގެ މަޤްސަދަކަށް ވީ ނަތާގެ މާޔޫސްކަން ދުރު ކޮށްދިނުމެވެ. 

"ރަނގަޅަށް ތިބުނީ. އަހަރެން ފެމެލީ އަހަރެން އެދޭ ކޮންމެ ކަމެއް ކޮށްދޭނެ. ހުރިހާ ހުވަފެނެއް ތެދުކޮށްދޭނެ. އެކަމަކު.... ޓޫ ބޭޑް އެމީހުންނަށް އަހަރެންގެ އެންމެބޮޑު ހުވަފެން ތެދެއް ނުކޮށްދެވޭނެ. އެމީހުން ކިތަންމެ މަސައްކަތެއް ކުރިއަސް ރާފިލްގެ ހިތުގައި އަހަރެންނަށް ޓަކައި މަޤާމެއް ނުހެދޭނެ." ނަތާ ކުއްލިއަކަށް މޫނު އަނބުރައިލާފައި ވާހަކަދެއްކި ގޮތުން ރާފިލް ހުރީ ހައިރާންވެފައެވެ. އެލޮލުގައި ވިދަން ފެށި ކަރުނަތައް އެކަނިވެސް ނަތާއަށް އަސަރު ކޮށްފައިވާ މިންވަރު ބަޔާން ކޮށްދެއެވެ. ރާފިލް އަދި އުންމީދު ކޮށްގެން އެހުންނަނީ ނަތާ މިހާރު އޭނާ ހަނދާން ނައްތާލައިފައި ދިރިއުޅުމުގައި ކުރި އަރައިގަނެފި ކަމަށެވެ.

"ކީކޭ އަހަރެން ބުނާނީވެސް. އިނގޭ އަހަރެން މިވަގުތު ބުނާ އެއްވެސް އެއްޗަކީ ނަތާއަށް އެހީއަކަށް ނުވާނެކަން. އެކަމަކުވެސް ބުނެލަން ބޭނުން... ނަތާއަށް މިގޮތަށް ދިމާވީމަ އަހަރެން ދެރަވާ ވާހަކަ." ރާފިލް އިސް ޖަހައިލަމުން މައިތިރި އަޑަކުން ބުނެލިއެވެ. ނަތާ އަނެއްކާވެސް ދުރުބަލައިލަމުން ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލިއެވެ.

"ނިކަން ވިސްނާލަބަލަ. ނަތާއަށް އަދި ސޯޅަ އަހަރު. އަހަރެމެން ދެމީހުން އަދި ގުޅުނު ކަމުގައި ވިއަސް ކައިވެންޏަކާއި ހިސާބަކަށް ދެވޭނީ ދެއަހަރު ފަހުން. ޤަބޫލު ކުރަން މިވަގުތު ދަތިވެދާނެ އެކަމަކު ޓްރަސްޓް މީ ނަތާ، ދެއަހަރު ތެރޭގައި ހީވެސް ނުކުރާ މިންވަރަށް ކަންތައްތައް ބަދަލުވެގެން ދާނެ. ހިޔާލަށް ބަދަލު އަންނާނެ. ތީ އަދި ކުޑަ ކުއްޖެއް. ހެޔޮ ވިސްނުން އަންނަން އަދި ވަގުތު ނަގާނެ." ރާފިލް ވާހަކަ ދައްކަމުން ދަނިކޮށް ނަތާ ކުއްލި އަކަށް ބަލައިލުމުން މެދުކަނޑާލެވުނެވެ. "ރާފިލް ކީކޭ ބުނަން ތިއުޅެނީ؟ ދެއަހަރު ވާންދެން އަހަރެންނަށް އިންތިޒާރު ނުކުރެވޭނެ އޭތަ؟ ދެއަހަރު ތެރޭގައި އަހަރެންގެ ހިތް ބަދަލު ވާނެއޭތަ؟ އަހަރެންގެ ލޯބި ފަނޑުވެގެން ދާނެއޭތަ؟ ތީ ރާފިލްގެ ވިސްނުން ކަމުގައި ވަންޏާ ލެޓް މީ ޓެލް ޔޫ! ކުރިއަށް ދެއަހަރު ކީއްކުރަން ކުރިއަށް އޮތް ނުވަދިހަ އަހަރުވެސް އަހަރެން ލޯބިވާނެ ހަމައެކަނި މީހަކީ ތީ. އަދި އެކަނިވެރި ކަމުގައި އުމުރު ހުސްކޮށްލަން ޖެހުނަސް ދެވަނަ ފިރިހެނަކާއި ކައިވެންޏެއް ނުކުރާނަން. އިޓްސް އެ ޕްރޮމިސް." ނަތާ ރުޅިއައިސްގެން ރާފިލް ގަމީހުގައި ހިފާ ދެއަތުން ބޮނޑިކޮށްލި އިރު ދެލޮލުގައި އެއްވެފައިވާ ކަރުނަތަކާއެކުވެސް އަލިފާން ކަނި ބުރާހެން ހީވިއެވެ. ރާފިލްއަށް ހުރެވުނީ ހިނދު ކޮޅަކަށް އަނގައިން ނުބުނެވިފައެވެ. 

"ނަތާއަށް ގޯސްކޮށް ތިވިސްނެނީ. އަހަރެން މީން ކުރި ގޮތަކީ އަދި ތިއެއް ނޫން." ނަތާ ދެއަތް ތިރިކޮށްލާފައި ދާން ހިނގައިގަތް ފަހުން ރާފިލް ގޮވިއެވެ. އެކަމަކު ނަތާ އެއަޑެއް ނާހައެވެ. ހިނގުނު އެންމެ ބާރަކަށް އެއްގަމަށް އަރައިގެން ގޮސް ގެއްލުނީއެވެ. 
ކޮޓަރިއަށް ވަދެފައި ފުރަތަމަ ފަނަރަ މިނިޓް ނަތާ ހޭދަކޮށްލީ ރުއިމުގައެވެ. ކަރުނަތައް ފޭދިގެން ދިއުމުން ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. ލަޔާލްގެ ކޮޓަރީގައި ބިއުޓީޝަނުން އުޅޭނެކަން ހަނދާން ހުއްޓަސް އޭނާ ބޭނުންވީ އެކަނި ތައްޔާރު ވެލާށެވެ. އެވަރަކުން މޭކަޕްކޮށް ފަރިވެގެން އޭނާ ނިކުންނަން ވީ ކޮން ބޭނުމަކު ހެއްޔެވެ؟ ކިތަންމެ ވަރަށް ރީތި ވެގެން ނިކުތަސް ރާފިލް ބަލައެއް ނުލާނެއެވެ. ނަތާ ތުވާލި އޮޅައިގެން ނިކުމެ އެނދުމަތީ އޮތް "ޑްރެސް ބޭގް" ޒިބު ކަހާލިއެވެ. ކުޑަ ވިދުމެއް ހުރި އަޅި ލޭހުގައި ފަހާފައިވާ މެކްސީ ނުހަނު ރީއްޗެވެ. ނަތާ ހެދުން ލައިގެން ރީތިވާން ހުރެފައި އިސްތަށިގަނޑުވެސް ބޭއްވީ ވޫލްކޮޅެއް ޖަހައި ހައްޔަރު ކޮށްލާފައި ގެނެސް އެއްފަރާތުން ކޮނޑުމަތީގައެވެ. ލޮލުގައި އަނދުން އަޅާލައި ތުންފަތުގައި އެކަނި ލިޕް ގްލޮސް ޖައްސައިލުމުން އޭނާއަށް ނިމުނީ އެވެ. ނަތާ ފައިވާނަށް އަރާލައިގެން ލަޔާލް ކޮބައިތޯ ގޮސް ދޮރު ހުޅުވައިލާފައި ހިނިތުން ވެވުނެވެ.

ލަޔާލް ދޮރާއި ފުރަގަސްދީގެން ހުރީ ކުޑަ ދޮރުން ބޭރު ބަލާށެވެ. ލައިގެން ހުރި ހެދުމުގެ ފަސްބައި އެތައް ހިސާބު ދުރަކަށް ފެތުރިފައި އޮތްގޮތުން ފެއަރީ ޓޭލްއެއްގެ މަންޒަރެއް ފަދައެވެ. ނަތާ މޯބައިލް ހިއްލާލައިފައި ފޮޓޯއެއް ނެގިއެވެ. އޭނާ ގޮސް ދޮރުގެ އަނެއް ކައިރީގައި ހުއްޓިފައި ލަޔާލް މޫނަށް ބަލައިލުމުން ހައިރާންކަމެއް ލިބުނެވެ. އާ ކައިވެންނަކަށް ތައްޔާރުވެފައިވާ އަންހެން ކުއްޖެއްގައި ހުންނަންވީ އުފާވެރި ކަމެއް އެމޫނަކު ނުވެއެވެ. "ކޮންކަމަކާއި ތި ވިސްނަނީ؟" ނަތާ ލަޔާލްގެ ކޮނޑުގައި ހިފައިލަމުން ނުހަނު ގާތް ގޮތަކަށް އަހައިލި އެވެ. މޫނު އަނބުރާލައިފައި ލަޔާލް ހުރީ ފުރަތަމަ ދޭނެ ޖަވާބެއް ނޭނގިފައި ކަހަލައެވެ. "ލާކް ދުށިންތަ؟" ލަޔާލް ކޮށްލި ސުވާލުން ނަތާއަށް މަޖާވިއެވެ. 

"ދޮންބެ ނުފެނިގެންތަ މޫޑީވެފަ ތިހުންނަނީ؟ ކަމްއޯން ޑާލްސް. ދިހަ ވަރަކަށް މިނިޓްފަހުން ދޮންބެ ވިލް ބީ އޯލް ޔުއަރސް. ސޯ ޗިލް.!" ނަތާ ހީގެންފައި ބުނެލިއެވެ. "ތިއެއްނު އެންމެ ކަންބޮޑު ވާ ކަމަކީ. ޓެން މިނިޓް ފަހުން ވާނެ ގޮތަކާއި މެދު މި ވިސްނެނީ." ލަޔާލް އެއްވެސް ކަމެއް ސިއްރު ކުރާކަށް ނޫޅެއެވެ. "ކޮބާ ތީގެ މާނައަކީ؟ އަހަރެން ހީކުރީ ދޮންބެއާއި މެރީ ކުރެވޭތީ ލަޔާ އުފާކަމަށް ވާނީ." ނަތާއަށް އެކައްޗެއްވެސް ނުވިސްނުނެވެ. ލަޔާލް ބަލައިލި އިރު އޭނާ ހުރީ ނިތަށް ރޫ ގިނަ ކޮށްލައިގެންނެވެ. "އޯހ އައި ގެޓް އިޓް. ބިރުން ދޯ ތިއުޅެނީ؟" ނަތާއަށް އިރުކޮޅަކުން ވިސްނިގެން ނުލަފާ ގޮތަކަށް ހީލައިފި އެވެ. ލަޔާލް ޖަވާބެއް ނުދިނީ އެއީވެސް މުޅިން ދޮގު ވާހަކައަކަށް ނުވާތީއެވެ. އެކަމަކު ހަޤީޤަތަކީ އަދި އެއެއްނޫނެވެ. ކަންބޮޑު ވަނީ ލިބެން އެއުޅޭ މަޤާމަކީ ކުރިން އެމެރިކަން ކުއްޖަކު ހުރެފައި ދިޔަ މަޤާމަކަށް ވާތީއެވެ. ހިތަށް އަރަނީ އަފްލާކްގެ ކުރީގެ އަނބިމީހާ ފުރައިދިންހާ ފުރިހަމައަށް އޭނާއަށް އެމަޤާމް ފުރައިދެވިދާނެ ބާވައެވެ؟ 

ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ލަޔާލްގެ ހިތުގެ ތެޅުންވެސް އަވަސް ވަމުން އައެވެ. ނަތާގެ ކައިރީގައި ހުރެގެން ކައިވެނީގެ މާލަމަށް އޭނާ ގޮސް ވަންއިރު ހަތަރެސްފައި ފިނިކަމުން ގަނޑުވެދާން ކައިރިވެއްޖެއެވެ. އާއިލާގެ އެންމެންނާއި އެކުވެރި ރަހުމަތްތެރީންގެ މަދު ބަޔަކު އިންތިޒާރުގައި ތިއްބެވެ. ނަތާ، ލަޔާލް ގެންގޮސް ގޮނޑިއެއް ދަމާލައިފައި މޭޒު ކައިރީ ބޭންދުމުން އެވަގުތުވެސް އަފްލާކް ކޮބައިތޯ ހޯދައިލެވުނެވެ. ހެކިވެރީންނާއި މުހިންމު އެންމެން ޖަމާވެފައިވާ އެތަނުގައި މަދީ ހަމައެކަނި އަފްލާކް އެވެ. ނަތާ ފަހަތަށް ގޮސް ޔާނިޒްގެ ކައިރިއަށް ހުއްޓިލައިގެން އިސް އުފުލައިލި ތަނާ ރާފިލް ފެނުނީ ބަލަހައްޓައިގެން ހުއްޓައެވެ. ވަގުތުން މެއަށް ގޮތެއް ވެލިއެވެ. އެވަގުތު ރާފިލް އަވަހަށް އެހެން ދިމާއަކަށް ބަލަން ފެށުމުން އޭނާވެސް މޫނު އަނބުރާލައިފިއެވެ.

ކުކުޅު ބިސް ބުރަށް ހުރި މޭޒުގެ އެއްފަރާތެއްގައި އަލަތު ދެމަފިރިންނާއެކު ތިބެވެން ހުރި ދެގޮނޑީގައި މުޝައްރަފްމެން ދެމަފިރީންނެވެ. އަނެއްފަރާތުގައި އަޒީ އާއި ހެކިވެރީންގެ ދެމީހުން ތިބިއިރު ގާޟީ އިނީ ކޮޅުގައި އެކަނި ހުރި ގޮނޑިއެއްގައެވެ. ތަންކޮޅެއް ދުރުގައި ދެއާއިލާގެ ދެންތިބި މެމްބަރުންނާއި އިތުރަށް ރާފިލް އާއި އަދިވެސް އާއިލާގެ ދެތިން ހަތަރު އެކުވެރިއަކު ތިއްބެވެ. ނުހަނު ފުރިހަމައަށް ޒީނަތްތެރި ކުރެވިފައިވާ މާހައުލުގައި ވި އުފާވެރި ކަމާއި އެއްވަރަށް ލޯތަކުން ސިއްރު ކުލަތަކެއްވެސް ދައްކުވައިދެއެވެ. ވާނީވެސް އެހެންނެވެ. މިއަދު، ހާލަތު ނިޔާ ކުރި ގޮތުން އެއްމޭޒު ދޮށަށް އައިސް ތިބި ނަމަވެސް ދެއާއިލާގެ މެދުގައި އޮތީ ދުވަސްވީ ދުޝްމަންކަމެވެ.

"ކޮބާތަ އަފްލާކް؟" އަޒީއަށް ނީނދެވިގެން ވާހަކަދެއްކިއެވެ. އޭނާގެ ތިން ދަރީން އެކަކު އަނެކަކަށް ބަލައިލީ ދޭނެ ޖަވާބެއް ނޭނގިގެންނެވެ. "ލާކް ދިޔައީ ފްރެންޑަކު ރިސީވް ކުރަން ފާލަން ކައިރިއަށް. މިހާރު އަންނާނެ." މަފާޒް ހުރެފައި އިއްވައިލިއެވެ. "އާ މިއޮތް އައީނު." އަޒީ އިތުރު އެއްޗެއް ބުނަން އުޅެފައި ދޮރުން ވަން އަފްލާކް ފެނިގެން ބާރަށް ބުނެލިއެވެ. އެހެން އެންމެން ފަދައިން ލަޔާލްގެ ނަޒަރުވެސް އެދިމާއަށް ދަތުރު ކޮށްލި އެވެ. ދެވަނަ ސިކުންތުގައި އެމޫނަށް ހައިރާންކަން ވެރިވެގެން އައެވެ. އަފްލާކްގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން އެތެރެއަށް ވަނީ ބޭރު ކުއްޖެކެވެ. އިސްކޮޅާއި ރޫފަ ހުރެފައި ހުދު ހަމެއްގެ ވެރި އެއަންހެންކުއްޖާގެ ލޮލުގެ ކުލަ އާއި އިސްތަށިގަނޑު ވެސް ތަފާތެވެ. "އަނެއްކާ އެއީ؟" ލަޔާލްގެ ހިތް ތެޅިގަތީ އެހިތަށް އަރާ ފައިބައިގެން ދިޔަ ހިޔާލަކުންނެވެ. ނޭވާ ނުލެވިފައި އިނދެގެން ހެދުމުގެ ތަންކޮޅެއްގައި ހިފާ މުށުތެރޭގައި ބާރު ކޮށްލެވުނެވެ. "ލަޔާ! މީޓް ޖެނީ! އެން ޖެނީ ޝިޒް ލަޔާ." އަފްލާކް އައިސް ކައިރިއަށް ހުއްޓިފައި ލަޔާލް އާއި ޖެނީއަށް އެކަކު އަނެކަކު ތައާރަފް ކޮށްދިނެވެ. ޖެނީ ހެވިލާފައި ސަލާމަށް އަތް ދިއްކޮށްލުމުން ލަޔާލް އިނީ ފުރަތަމަ ބަލަހައްޓައި ގެންނެވެ. 

"ޖެނީއަކީ ވަރަށް ކްލޯސް ފްރެންޑެއް." އަފްލާކް ވާހަކަދެއްކި އަޑަށް ލަޔާލް ސިހިފައި އިރުކޮޅަކުން ސަލާމް ކޮށްލައިފި އެވެ. އެހިސާބުން އަފްލާކް ހުސް ގޮނޑީގައި އިށީންދެލުމުން ޖެނީ ގޮސް ހުއްޓިލީ ނަތާގެ ކައިރި އަށެވެ. ޔާނިޒް ކުރިއްސުރެވެސް ބަލަން ހުރެފައި ޖެނީގެ ކައިރިއަށް ޖެހިލިއެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ކައިވެނި ކުރެވިއްޖެއެވެ. އަފްލާކްގެ ދުލުން "އަނބި ޤަބޫލު ކޮށްފީމޭ" ބުނެލި އަޑު ލަޔާލްގެ ކަންފަތުގައި ޖެހިފައި ވަގުތުން ލޮލަށް ކަރުނަ އެއްވިއެވެ. ފެންކަޅިވެފައިވާ ދެލޮލުން އެމޫނަށް ބަލަން އިނދެވުނީ އަދިވެސް ޔަޤީން ނުވެގެން އުޅޭ ފަދަ ގޮތަކަށެވެ. ދުރުގައި ތިބި މީހުންގެ ތަރުހީބުގެ އަޑާއިއެކުހެން އެންމެން ކޮޅަށް ތެދުވެފައި ސަލާމް ގަލާން ކުރުމުގެ ވަގުތު ކޮޅެއް ދިޔައެވެ. އެއަށްފަހު ޔަޝާރު އާއި ނަތާ އައިސް އޭނާގެ ދެއަތުގައި ހިފައިގެން އެތަނުން ނިކުންނަން ދާން ފެށިއެވެ. ދެކޮޅު ހެދުމުގެ ގޮތުން އެއްޗެއް ނުބުނެވުނު ނަމަވެސް ލަޔާލްއަށް އެނބުރި އެނބުރިފައި ފަހަތަށް ބެލުނެވެ. އަފްލާކްގެ ވަށާލައިގެން ތިބި އެކުވެރިންނާއި ހިނިތުންވެފައި ސަލާމް ކުރަން ހުރެފައި ލަޔާލްއަށް ކުއްލި ނަޒަރެއް ދިނީ ދޮރުން ނިކުމެ ނިކުމެ ހުއްޓައެވެ. ހަންޖަރެއްގެ މިޔަފަދަ ތޫނު ދެލޮލުން އަދިވެސް އެއްފަހަރު ލަޔާލްގެ ހިތާއި ކުޅެލުމުގައި އަފްލާކް ކާމިޔާބު ކޮށްފިއެވެ. 

އެތަނުން ނިކުމެގެން ގޮސް ސްޓޭޖް ކޮޅުގައި ހުއްޓޭންދެން ލަޔާލް އުޅުނީ އެހެން ދުނިޔެއެއްގައެވެ. ނަތާ އާއި ޔަޝާރު ކައިރީގައި ތިބެގެން އޭނާ އާއި ދިމާކޮށް ހީ ހެދިއިރުވެސް ބުދެއްހެން ދުރުބަލަން ހުއްޓެވެ.

ހަމަޖެހިފައިވާ ގަޑިއަށް ލޯންޗްތައް އައިސް ފާލަން ކައިރި ފުރާލިއެވެ. މެހުމާނުންގެ ޤުރޫޕްތައް އަލަތު ދެމަފިރީންނާއި ސަލާމްކޮށް މަރުހަބާ ކިޔާފައި މޭޒުތަކުގައި އިށީންނަމުން ދިޔައެވެ. ދުރު ދުރަށް ފެތުރިފައިވާ ވެލިގަނޑުގެ އެކިހިސާބުގައި އަތުރާފައިވާ އެތައް ސަތޭކަ މޭޒު ހުއްޓެވެ. ވެލިގަނޑުގައި ވަޅު ކޮނެގެން ބަހައްޓާފައިވާ އުއްބައްތި ތަކުގެ އަލިތައް އެކި ހިސާބުގައި ބަހައްޓާފައިވާ ތަނބުތަކުގައި އޮޅާފައިވާ ލޭސްތަކަށް އެޅިފައި ހުންނައިރު ވަރަށް ފުރިހަމައެވެ. މެހުމާނުންގެ ހުނުމާއި މަޖާ ވާހަކަތަކުން އުފާވެރި ކަމުގެ ވައިރޯޅިތައް މުޅި ހިސާބުގަނޑުގައި ދަތުރު ކުރަމުން ދިޔައެވެ. ގޮނޑު ދޮށަށް ޖަހާ ރާޅުގެ މިއުޒިކާއި އެކި ހިސާބުގައި ބަހައްޓާފައިވާ ސްޕީކަރތަކުން އިވެމުން އައި މިއުޒިކްގެ އަޑު އެކުވެގެން އަންނައިރު އެހާމެ ހިތްގައިމެވެ.

ބަޑި ބޭހުގެ ކުޅިވަރު ރާވާފައި އޮތީ ޕާޓީ ނިމޭ ގަޑި އާއި ކައިރި ކޮށްފައެވެ. ލަޔާލްއަށް އެކަން އެނގުނު ހިސާބުން ފެށިގެން އެއީވެސް އިންތިޒާރުގެ ލިސްޓަށް އިތުރުވި ނަންބަރަކަށް ވިއެވެ. އޭނާގެ މުޅި ހަޔާތުގައި މީ އެފަދަ މަންޒަރެއް ހަމަ ލޮލުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. 

ޕާޓީ ކުރިއަށް ދިޔައިރުވެސް ނަތާ އުޅުނީ އެހެން އެންމެނާއި ހިލާފަށެވެ. އެންމެން އަފްލާކްމެންގެ އުފަލުގައި ހުރިހާ ހިތާމައެއް ހަނދާން ނައްތާލައިގެން ތިބި ނަމަވެސް ނަތާއަށް އެކަންވީ ނުކުރެވުނު ކަމަކަށެވެ. ހާއްސަކޮށް ވަކި ހިސާބަކުން އެރަށަށް އައި މެހުމާނުންގެ ތެރެއިން އަންހެން ކުއްޖަކު ރާފިލް އާއި ބައްދަލުވި ހިސާބުން އޭނާއަށް އިތުރު ދިމާއަކަށް ނުބެލެއެވެ. އެއް މޭޒެއްގެ ދޮށުގައި ތިބެ ކަމުން އެކަކު އަނެކަކަށް ހީ ސަމާސާ ކުރަމުން ދިޔަ މަންޒަރު ބަލަން އޭނާއަށް ކެތްވަނީއެއް ނޫނެވެ. ކިތަންމެ ފަހަރަކު ތެދުވެގެން ދާން ހިތަށްއެރިއެވެ. އެއެންމެންގެ ތެރޭގައި ގޮސް އަންހެން ކުއްޖާގެ މޫނުގައި ބޮނޑިއެއް އަޅަން ހިޔާލު ކުރެވުނެވެ. ނޫނީ ކޮންމެވެސް ގޮތަކުން އޮޅުވާލައިގެން ގެންގޮސް ފާލަން ކޮޅުން މޫދަށް ކޮށްޕާލަން ހިތަށް އެރިއެވެ.

ނިމޭ ގަޑިއަށް ބަޑިބޭހުގެ ކުޅިވަރުތައް ފެށިގެން ހިނގައްޖެއެވެ. އެހުރިހާއިރު ހިތުގައި އަތް އަޅައިގެން ހުރި ނަތާގެ ކެތްތެރިކަން ކޮޅުންލި ހިސާބަކީ ވެސް އެއީ އެވެ. ވައިގެ ތެރެއަށް އަރައިގެންދާ ކުލަތަކުން އުފާ ލިބިގަންނަމުން ރާފިލް އާއި އެއަންހެންކުއްޖާ އަތާއި އަތް ގުޅުވާލުމުން ނަތާ ބަލާކަށް ނުހުރެ ހިނގައިގެންފިއެވެ. ދެފަޔަށް ލެވުނު އެންމެ ބާރެއް ލައިފައި ކުރިއަށް ދިޔަ ނަތާގެ ދެފައިކޮޅު ވާގި ހުސްވާހެން ހީވެގެން ހުއްޓުނެވެ. އޭނާއަށް އާދެވިފައި ހުރީ ކިހާ ދުރަކަށް ކަން އިހްސާސްވި ހިސާބަކީ ވެސް އެއީއެވެ. އެނބުރި ބަލައިލުމުން ޕާޓީ މައިދާނުގައި ދިއްލިފައިވާ ބޮކިތައްވެސް ފެނުނީ ނިކަން ކުދި ކޮށެވެ. ދެބޫޓް ކިބަ ބާލައިގެން ވެލިގަނޑުގައި އޭނާ އިށީންދެލިއެވެ. އުޑާއި ދިމާއަށް މޫނު އުފުލައިލުމުން ވައިގެ ތެރެއަށް އަރައިގެން ދިޔަ އަޖައިބު ކުރުވަނިވި ކުލަތައް ދެކެފައި ލޮލުން ފޭދިގެން އަންނަން ފެށީ ކަރުނައެވެ. ހިނދުކޮޅެއްގެ ތެރޭގައި މަންޒަރު ފުސްވެ ލޯ ފުހެލަން މަޖުބޫރުވިއެވެ. އިރުކޮޅަކުން އޭނާ ސިއްސައިގެން ދިޔައީ ދެފައި ތެންމާލައިފައި ދިޔަ ރާޅެއްގެ ސަބަބުންނެވެ. ކޮޅަށް ތެދުވެފައި ކަނޑާއި ދިމާއަށް ނަޒަރެއް ދިނުމުން ހިތުތެރޭގައި މޮޔަ ހިޔާލެއް އުފެދިގެން ސިކުނޑިއަށް ބާރު ފޯރުވައިލަން ނެގީ މަދު މިނިޓް ކޮޅެކެވެ. ހިޔާލެއް ފިކުރެއްނެތި އޭނާ މޫދަށް އެރިގެން ކުރިއަށް ދިޔައިރު ފެންނަ މީހަކަށް ހީވާނީ އެއީ ޗާބީ ދީފައިވާ ބުދެއް ހެންނެވެ. 

ބަލިކަށިކަށި ވުމުން ނުބައި މަގު އިޚުތިޔާރު ކުރުމަކީ ބައެއް ފަހަރު އިންސާނާގެ ތޮބީއަތާއި ގުޅިގެންދާ ކަމެކެވެ. އެކަމަކު އެފަދަ ކިތަންމެ ވަގުތެއްގައި އަލުން ހެޔޮ ވިސްނުން ވެސް އާދެއެވެ. މިގޮތަށް ގިނަ ފަހަރު ހެޔޮ ވިސްނުން އަންނައިރު އަތް ނުފޯރާ ހިސާބަކަށް އެކަން ކަން ގޮއްސައި ހުރެއެވެ. ނަތާއަށްވެސް ވީ އެހެންނެވެ. މި ކުރެވެނީ މޮޔަކަމެއްކަން އިހްސާސްވި އިރު ލޮނުގަނޑު ނޭފަތު ކުރިއާއި ހަމަ ވެއްޖެއެވެ. އެނބުރި ދާންވެގެން ތެޅި ގަތުމުގެ ނަތީޖާއަކަށް ވީ އޮއިވަރުގައި ޖެހިފައި ހައްތަހާ ބޭރަށް ދަމައިގަތުމެވެ. އިސާހިތަކު އެއަނޑި ނޭގޭ ލޮނުގަނޑުގެ ތެރެއަށް އެހަށިގަނޑު ގެނބިގެން ދިޔައެވެ.

ޕާޓީ ނިމިގެން މެހުމާނުންތައް ފުރުވަން އެއްބަޔަކު ހަވާލުވިއެވެ. އެހުރިހާއިރު ދެމީހުން އެކުގައި އުޅެފައި އެންމެ ފަހު ވަގުތު ލަޔާލްއަށް ޖެހުނީ އަނެއްކާވެސް ފިރިމީހާ އާއި ވަކިވެލާށެވެ. ޔަޝާރު އޭނާ އަތުގައި ހިފައިގެން ކޮޓަރިއަށް ގެންދަން އުޅެނިކޮށް އަނީސާ އައިސް އެކަން ކުރާނީ އޭނާއޭ ބުނެ ޒިންމާ އަތުލައިގެންފިއެވެ. ލަޔާލް ހުރީ އެކައްޗެއް ވެސް ނުބުނެއެވެ. އަނީސާ އޭނާ ގެންގޮސް ބައިންދާފައި ދިރިއުޅުމުގެ ވާހަކަ ދައްކަން ފެށީ މަންމައަކު ފަދައިންނެވެ. ލަޔާލްގެ ހިތަށް ތަދުވީ އެމަޤާމުގައި ލީޒާ ނެތީތީއެވެ. އަނީސާ ދިޔަފަހުން ސަހާމާ އާއި ދެކުދީންވެސް އައިސް އިރުކޮޅެއް ވާންދެން ކައިރީގައި ތިއްބެވެ. 

ލަޔާލް އެކަނިވުމުން ތެދުވެގެން ގޮސް ދޮރުފޮތިގަނޑު ކަހާލިތަނާ ހިޔަންޏެއް ފެނުނުހެން ހީވިއެވެ. ކުރިއަށްވުރެވެސް ކައިރިއަށް ޖެހިލާފައި އޭނާ ބަލައިލުމުން ދުރުގައި ހުރި ގަސްތަކު ތެރޭގައި ތިބި ދެމީހެއްގެ ހިޔަނި ބިންމައްޗަށް އެޅިފައިވާތީ ސާފުކޮށް ފެނުނެވެ. އޭނާ ބަލަން ހުއްޓައި ކަންފަތުގައި ޖެހުނު އަޑު ޤަބޫލެއް ނުކުރެވުނެވެ. ލަޔާލް ހެދުން ކޮށި ކޮށްލައިގެން ކުޑަދޮރުން ބޭރަށް ފައިބާފައި ގަސްތަކު ތެރެއިން ވަދެގެން ގޮސް ހުއްޓިލީ ދައްކާ ވާހަކަ އިވޭ ހިސާބުގައެވެ.

ކޮމެންޓް 0