ނަސީބަކުން އަޒީ އިނީ ފޯނެއްގައެވެ. އެހެންވެ ލަޔާލް އާއި މެދު ޔާނިޒް ހަރަކާތް ބެހެއްޓި ގޮތެއް ނަގައެއް ނުގަނެވެއެވެ. ލަޔާލްވެސް ބޭނުންވީ އެގޮތެވެ. ހިތަށް އެރިއެވެ. ކަމަކަށް ވާ ކަހަލަ ކަމަކާއި ނުލައި އަޒީބެ ނުތަވަސް ކުރުވަންވީ ކީއްކުރަން ހެއްޔެވެ؟ އިރުކޮޅަކުން ނަތާ ސިޑިން ފައިބައިގެން އައިސްފައި ބެލް ޖެހި އަޑަށް ދޮރާއި ދިމާއަށް ދުއްވައިގެންފިއެވެ. އެވަގުތު ޔާނިޒް ސޯފާގެ ލެނގޭ ބައިން ބުރަކަށި ދުރުކޮށްލައިގެން ޝައުޤުވެރި ވެފައި އެދިމާއަށް ލޯ ހުއްޓައިލި އެވެ. ލަޔާލްގެ ހިތް އޭރު އަދި މުޅިން ހަމައަކަށް ނޭޅި އޮތްވާވެސް ޔާނިޒްގެ މި ހަރަކާތް ދެކެފައި ހިނިއަންނަން އުޅުނެވެ. އަވަސް އަވަހަށް ތުންފަތުގައި ދަތް އަޅައި ނުލެވުނު ނަމަ ޔަޤީނުންވެސް އަޑު ބޭރުވީހެވެ.

ފިރާ އެއް ދުވަހަށް އައި އިރުވެސް ކޮނޑުގައި އަޅުވާފައިވާ ބޮޑު އަތް ދަބަސް އޮތީ ފުއްޕާލައިފައެވެ. ލައިގެން ހުރި ކުރު ތިރިގަނޑާއި ކިރިޔާ ހަރަކާތެއް ކޮށްލިއަސް ބަނޑު ފެންނަ ވަރުގެ ޓޮޕަށްވުރެ ލަޔާލްއަށް އުދަނގޫވީ ހާވާލެވިފައިވާ ބުޅި އިސްތަށިގަނޑު ފެނިފައެވެ. ހިތަށްއެރިއެވެ. ގޭގައި ފުނަލެއްވެސް ނުގެން ގުޅެނީ ހެއްޔެވެ؟ ކުޑަމިނުން ވޫލްކޮޅެއް ޖަހާލުން ކީއް ހެއްޔެވެ؟

އަޒީ ފޯން ނިންމާލައިފައި ނަތާމެން އަންނަތަން ފެނިގެން އުފަލާއެކު މަރުހަބާ ކިއެވެ. ރާމިޒާ ކައިރިވެފައި ސައި ހަދައި ދިނުމުން އުފާވެރި މާހައުލެއްގައި އެންމެން ތިބެ ސައިބޯން ފަށައިފި އެވެ. ނަތާ އާއި ފިރާ ޖެހި ޖެހިގެން ތިބެ އަމިއްލަ ވާހަކަ ކުރިއަށް ގެންދިޔައިރު ޔާނިޒް އެނޫން ދިމާއެއް ނުބަލައެވެ. އަދި ފިރާވެސް ދޭތެރެ އަކުން ތުއިވެފައި ޔާނިޒްއަށް ނަޒަރެއް ދެއެވެ. އިރު އިރުކޮޅާ އިސްތަށިގަނޑާއި ކުޅެލުމާއި ވާހަކަ ދައްކާއިރު އަނގައަށް ޖައްސާ ވައްތަރު ތައްވެސް އެއީ ޔާނިޒް އެތާ އިނދެގެން ވާ ކަމެއްކަން ލަޔާލްއަށް ވިސްނުނެވެ. އަނެއް ކޮޅުގައި އަޒީ އާއި އަފްލާކް ދައްކަނީ ވިޔަފާރީގެ ކޮންމެވެސް ވާހަކަ ތަކެކެވެ. ލަޔާލް ދެބައި މީހުންގެ މެދުގައި އިނދެ ހިމޭން ކަމާއެކު ސައިބޮމުން ދިޔައިރު އެއް ފަހަރުވެސް އަފްލާކް އާއި ދިމާއަށް ބަލައިލާކަށް ނުކެރެއެވެ. ފަހަރެއްގައި ވެސް އޭނާ ބަލާލާ އިރެއްގައި އަފްލާކް އޮޅިގެން ދެވޭ ނަޒަރަކުން ހަތަރުކަޅި ހަމަވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ޝައުޤުވެރިކަން އަފްލާކް އަތުލާފައިވާކަން އެނގޭކަށް ލަޔާލް ކުޑަކޮށްވެސް ނޭދެއެވެ.

އެންމެން ސައިން ނިމުނު ފަހުން ރާމިޒާ އައިސް ތަށިތައް ނަގަން ފެށިއެވެ. އެވަގުތު ފިރާ އަތުގައި ހިފައިގެން ނަތާ ދުއްވައިގަތީ ސިޑި އާއި ދިމާއަށެވެ. އަޒީ ޓީވީ ހުޅުވައިގެން ކޮންމެވެސް ސިޔާސީ ޕްރޮގްރާމެއް ބަލަން ފެށުމުން ޔާނިޒް އަވަހަށް ފުންމައިގެން ތެދުވެއްޖެއެވެ. އަފްލާކް އިނުމުން ލަޔާލް އިނީ ތެދުވަން ނުކެރިފައެވެ. ހިތަށް އެރިއެވެ. އަނެއްކާ އޭނާއަށް ހިނގަން ނޭނގިގެން ދެފައި އޮޅިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އިރުކޮޅަކުން އަފްލާކްގެ ފޯން ރިންގް ވެގެން ބޭރަށް ޖެހިލުމުން ލަޔާލް ބޭނުންވި ފުރުސަތު ލިބުނެވެ. އޭނާ ތެދުވެފައި ފުރަތަމަވެސް ދިމާ ކުރީ ސިޑި އާއި ދިމާއަށެވެ. ކޮޓަރި އާއި ދިމާއަށް ދިޔައިރު ޔާނިޒް ނަތާގެ ކޮޓަރި ކައިރީ ހުރުމުން ޖެއްސުން ކޮށްލާ ހިތް ލަޔާލްވިއެވެ. "ކޮންކަމެއް؟" ލަޔާލް ގޮސް ވާހަކަ ދައްކަން ފެށުމުން ޔާނިޒް އަވަހަށް އޭނާގެ އަނގަމަތީ އަތް އަޅައިފިއެވެ. 

"އަޑުގަދަ ނުކޮށްބަލަ. މަ ސިއްރުންނޭ މިއުޅެނީ." ޔާނިޒް ހުޅުވިފައިވާ ދޮރު ދާރައިން ދެއަންހެން ކުދިންގެ ހަރަކާތްތަކަށް ބަލަނީއެވެ. އެނދުގައި ނަތާ އާއި ފިރާ އޮވެގެން ލެޕްޓޮޕް އިން ފޮޓޯތަކެއް ބަލަމުން ދިޔައެވެ.. "ސާބަސް. ތިހެން އުޅެނިކޮށް ފެންނަންނުވާ މަންޒަރެއް ފެނިއްޖެއްޔާ." ލަޔާލް ގަދަ ކަމުން އެއަތް ދުރުކޮށްލައިފައި ދެން ވާހަކަ ދެއްކީ ވައިއަޑުންނެވެ. "ފެންނަން ނުވާ މަންޒަރެއް؟ ތިބުނީ އަހަރެންގެ ކޮއްކޮ އަކީ ލެޒް އެކޭތަ؟" ޔާނިޒްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. "ވެރީ ފަނީ." ލަޔާލް ތުން އަނބުރާލައިފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހައިލިއެވެ. ފޯން ބަލައިލި އިރު ކުޑަ މަންމަގެ މިސްކޯލެއް އިނެވެ. ލަޔާލް އަވަހަށް އެނަންބަރަށް ޑައިލް ކޮށްލާފައި ގޮސް ކުޑަ ދޮރު ހުޅުވާލައިގެން ހުރީ ބޭރު ބަލާށެވެ. އެކޮޅުން ފޯން ނެގުމުން ކުޑަ މަންމަގެ އިތުރަށްވެސް ގޭގައި އުޅޭ ކުދިވެރިންނާއި ވާހަކަ ދެއްކިއެވެ. އެކުދިން އޭނާގެ މަތިން ހަނދާން ކުރާ ވާހަކަ ބުނުމުން ލޯ ފެންކަޅިވެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. 

ފޯން ނިންމާލައިފައި ގޮސް ފޮތްތައް ހުޅުވާލައިގެން ލިޔާ މޭޒު ކައިރީ ލަޔާލް އިންދައި އިރުގަނޑެއް ފަހުން ކޮންމެވެސް މީހަކު ޓަކި ޖަހާލައިފިއެވެ. "ކީކޭ؟" ދޮރުމަތީގައި ރާމިޒާ ހުއްޓާ ފެނިގެން ލަޔާލް ސުވާލު ކޮށްލިއެވެ. "ނަތާ ބުނެގެން އަނބުމަޖާ ތައްޔާރު ކޮށްފަ ހުންނާނެ. ނަތާ ބުނީ ލަޔާލްއަށްވެސް ގޮވާށޭ." ރާމިޒާ ޖަވާބު ދީފައި އެނބުރިލުމުން ލަޔާލް ފުރަތަމަ ވަނީ އެތެރެއަށެވެ. ލޯގަނޑު ކައިރިއަށް ހުއްޓި ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލައިގެން އޭނާ ތިރިއަށް ފޭބިއެވެ. ސޯފާތަކުގައި ނަތާ އާއި ފިރާ ތިބެގެން އަނބު މަޖާ ކަމުން ކުޅިވެގެން އުޅެއެވެ. "ލަޔާލް! އާދޭ އަނބު މަޖާ ކާން." ނަތާ ދައުވަތު ދިނެވެ. ލަޔާލް ގޮސް ކައިރިވެފައި ކުޑަ ބޯ ތައްޓަކަށް އެތިކޮޅެއް އަޅައިގެން ސަމުސަލެއް ކައިލިއެވެ. ވަގުތުން ދެލޮލަށް ފެންތައް ޖަމާވިއެވެ. 

"މަށަށް މިކެވުނީ ކުޅީގެ ޑެފިނޭޝަން. ހުވާ ދެން ކެތެއް ނުވާނެ." ފިރާ ކާން އިން ތަށި ބަހައްޓާފައި ސިޑި އާއި ދިމާއަށް ދުއްވައިގަތެވެ. "ކޮންތާކަށް ތި ދަނީ؟ ބަދިގޭގެ ފެން ހުންނާނެ." ނަތާ ގޮވައިލި އެވެ. "ދަބަހުން ޗޮކްލެޓްއެއް ބަލައި މިދަނީ. ފެނަކުން މި ކުޅިއެއް ނުފިލާނެ." ފިރާ ނޭފަތް ދަމަމުންވެސް ހުއްޓި ނަތާގެ ސުވާލަށް ޖަވާބު ދިނެވެ. ލަޔާލް ކާން އިދެފައި އިސް އުފުލައިލެވުނު ވަގުތު ސިޑީގެ މަތީ ހަރުފަތާ ހިސާބުން ކޮންމެވެސް މީހަކު ފިރާ އަތަށް ދަމައިލިތަން ފެނުނެވެ. އެމީހަކު އެތާހުރި މަސްނޫއީ ގަހާއި ނިވާވެފައި ހުރުމުން ކާކުކަން ސާފު ވާ ގޮތެއް ނުވިއެވެ. އެވާނީ ޔާނިޒްގެ ކަމަކަށޭ ހިތަށް އަރާފައި ލަޔާލް އިސްޖަހައިލި އެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު ދުވެފައި ތިރިއަށް ފައިބާ އަޑު އިވިގެން ދެމީހުންނަށްވެސް އެދިމާއަށް ބަލައިލެވުނެވެ.

"ރާމިޒައްތާ ފެން! ފެން ގެނޭ!" ޔާނިޒް ދުވެފައި އައިސް ބަދިގެއަށް ދެމި ގަތުމުން ދެ އަންހެން ކުދީންނަށް ބަލައިލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. "ކުޅިވެގެން ޗޮކްލެޓް ބަލައި ދިޔައީ ފިރާ. އެކަމަކު ކުޅިވެގެން މިއައީ ނިޒް." ނަތާ ލޯ ބޮޑުކޮށްލައިފައި ޖުމްލަ ނިންމާލުމުން ލަޔާލް އިނީ ފުރަތަމަ ހޭން ނުކެރިފައެވެ. ދެވަނަ ސިކުންތުގައި ނަތާ ކެއުން ހުއްޓާލައިފައި ބަދިގެއަށް ވަންނަން އުޅެނިކޮށް ޔާނިޒް ނިކުތްއިރު ހުރީ ލައިގެން ހުރި ޓީޝާޓްގެ މޭމައްޗާއިއެކު ތެމިފައެވެ. އަވަހަށް ފެންބޯން އުޅެގެން ފެންފުޅި ބަންޑުންވީ ކަން ޔަޤީނެވެ. "ކުޑަބެ ކައިރީ އަހަރެން ކީކޭ ބުނީ؟" ނަތާ ގޮސް ޔާނިޒްގެ ކުރިމައްޗަށް ހުއްޓިފައި ހަށަން ބަނދެލިއިރު ލޮލުގައި ވީ ތަފާތު ކުލައެކެވެ. "ކީކޭ ބުނީ؟" ޔާނިޒް އަނގައަށް ގޮތެއް ހަދާލައިފި އެވެ. ނަތާއަށް އެނގިއްޖެކަން އެނގުމުން އޭނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. 

"އަހަރެން ބުނީ އަހަރެން މިގެއަށް ގެންނަ އެއްވެސް ފްރެންޑަކާއި ކުޑަބެ ފްލާޓްކޮށް މޭކްއައުޓްކޮށް ހަދައިގެން ނުވާނޭ." ނަތާ ރުޅިގަދަވީ ޔާނިޒް އެނގޭ ކަމަށްވެސް ހަދާނުލީމައެވެ. "ދެން ފަހަރަކުން ނޫނީ ރޫލް ބްރޭކްއެއް ނުކުރާނަން." ޔާނިޒްގެ ޖަވާބު އެއީ އަލިފާންގަނޑަކަށް އަޅައިލި ޕެޓްރޯލް އެއްޗެއް ފަދައެވެ. ނަތާ ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިފައި ޔާނިޒް އިސްތަށިގަނޑަށް އަތް ފޯރުވާލައިގެން ދަމަން ފެށުމުން ލަޔާލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"ވަޓްސް ގޯއިން އޮން؟" އަފްލާކްގެ ހަރުކަށި އަޑު އައީ އެންމެންގެ ފުރަގަހުންނެވެ. ނަތާ އާއި ޔާނިޒް ފަދައިން ލަޔާލްވެސް ސިހިފައި އެނބުރި ބަލައިލި އެވެ. ވަގުތުން ލަޔާލްގެ ހިނިގަނޑު މަތަވިއެވެ. އަފްލާކް ހުއްޓިލައިގެން ހުރީ ވަންނަ ދޮރު ކައިރީގައެވެ. އެސީރިއަސް މޫނުގައި ހަރުކަށި ގޮތެއް ހުންނައިރު އަދި ވަކީން ޝަހުސިއްޔަތު ވަރުގަދަ ކަމަށް ދައްކައެވެ.

"ނަތާ!" އެކަކުވެސް ޖަވާބު ނުދިނުމުން އަފްލާކް މުޚާތަބް ކުރީ ނަތާ އަށެވެ. "ހަނދާން ކުރާތީ މަށަށްވެސް ބުނެވޭނެ ވާހަކަ އެބަހުރި." ޔާނިޒް ނަތާއަށް އެކަނި އިވޭވަރަށް ބުނެލި ޖުމްލައަށްފަހު ނަތާ އަނގަ ހުޅުވާކަށްވެސް ބޭނުމެއް ނުވިއެވެ. "ނަތާ މާބޮޑަށް ބަނޑުހައިވީ." ޔާނިޒް ކައިރީ އަހައިލުމުން ދިން ޖަވާބަކީ އެއީއެވެ. ލަޔާލް ބަލައިލި އިރު ޔާނިޒް ހުރީ ހަމަޖެހިލާފައެވެ. އެކަމަކު އެވާހަކަ އަފްލާކްވެސް ގަބޫލު ނުކުރާނެކަން އޭނާއަށް ލަފާ ކޮށްލެވުނެވެ.

"ކޭން ޔޫ؟" ލަޔާލް ތުން ބައްދައިގެން ހުއްޓާ އަފްލާކް ކުރިއަށް ފިޔަވަޅެއް އަޅާލައިފައި އައިސް ކުރިމައްޗަށް ހުއްޓިއްޖެއެވެ. ވަގުތުން އޭނާގެ މޭގަނޑު ފިނިވެ ގަނޑު ފެންކޮޅަކާއި އެއްވަރު ވިއެވެ. "އަމް....." ޖަވާބު ދޭން ބޭނުންވިއަސް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ހާއްސަކޮށް އަފްލާކްގެ ކުރިމަތީގައި އެފަދަ ވާހަކައެއް ބުނަން ޖެހުމުން އޭނާ ލަދުވެސް ގަނެއްޖެއެވެ. "ނުބުނެވުނެއްނު." އަފްލާކް ރުޅިއައިސްގެން ބާރަށް ބުނެލުމުން ލަޔާލް ދިޔައީ ސިއްސައިގެންނެވެ. ނިއްކުރިން ފިނި ދަލެއްވެސް ނިކުންނަން ފަށައިފިއެވެ. "ދެން ފަހަރަކުން މިކަހަލަ މަންޒަރެއް ފެނިގެން ނުވާނެ!" އަފްލާކް އަމުރު ކޮށްލައިފައި ވަދެގެން ދިއުމުން ނަތާ އާއި ޔާނިޒްވެސް ދެފަރާތަށް ހިނގައިގެންފިއެވެ.

ނަތާ އައިސް ހުރި ރުޅީގައި ދިޔަ ގޮތަށް ގޮސް ފިރާ އަނބުރާ ފޮނުވާލައިފި އެވެ. ލަޔާލްއަށް ފެނުނު އިރު ނަތާ އޮތީ އެނދުގައި އޮށޯވެލައިގެން ވިސްނުމަކަށް ގެއްލިފައެވެ. ކޮޓަރީގެ ދޮރުވެސް ހުރީ ހުޅުވާ އަޅާފައެވެ. ބަލަން ހުރެލާފައި ލަޔާލް އެދޮރުފަތުގައި ޓަކި ޖަހާލިއެވެ. އެތެރެއަށް ވަނުމުގެ ހުއްދަ ނަތާ ދިނީ އަތުގެ އިޝާރާތުންނެވެ. "ނިޒް ދެކެ ރުޅިއައިސްފާތަ؟" ލަޔާލް ގޮސް ހުއްޓިލީ ކޮޅަށެވެ. ފިޔާތޮށި ކުލައިގެ ފާރުތަކުން ޒީނަތްތެރި ވެފައިވާ ކޮޓަރީގައި ހުރިހާ ފަރނީޗަރ ތަކާއި ދޮރު ފޮތިތައްވެސް އެކުލައިގައި ހުރުމުން ހިތްގައިމެވެ. "ކުޑަބެއާ ހެދި މަށަށް ނޯވޭ ގެއަށް ފްރެންޑަކު ގެނެވޭކަށް. އަދި އަހަރެން ހައިރާން ވަނީ ކޮންމެ ކުއްޖަކުވެސް އެހާ ފަސޭހައިން އޭނައަށް ފޯލްވާތީ. ހީވާކަހަލަ އެމީހުން އަހަންނާއި ގުޅުން އުފައްދަނީވެސް އޭނައާއި ހަމައަށް ވާސިލްވާށޭ." ނަތާ ތެދުވެފައި ދެފައި ވަށްކޮށްލައިގެން ހަމަޖެހިލިއެވެ. 

"އެހެންނު ވާނީ ނިޒް އެހާ ރީތިވީމަ." ލަޔާލް ހީލިއެވެ. ނަތާ ފާޑަކަށް އަނގަ ހަދާލައިފައި ގޮސް ހުޅުވައިލީ ޑްރެސިންޓޭބަލް މަތީ ހުރި ކުޑަ ކުޑަ ގަހަނާ އަޅާ ފޮށްޓެވެ. "އިޓްސް ފޯ ޔޫ." ނަތާ އެފޮށީގެ ތެރެއިން ނެގި ހިމަ ފަށް ލަޔާލްއަށް ދިއްކޮށްލިއެވެ. "ހިފާބަލަ!" ލަޔާލް ކަންބޮޑުވެފައި ހުއްޓާ ނަތާ އެދުނެވެ. ލަޔާލް ފަށުގައި ހިފާފައި އަތްތިލަ ތެރޭގައި ބާއްވައިގެން އެއަށް ފުން ނަޒަރެއް ދިނެވެ. ރިހި ފަށެކެވެ. އަދި ފުލުގައި "ބެސްޓް ފްރެންޑްސް" މި ލަފްޒް ކަނޑާ ނަގާފައި ހުއްޓެވެ. "ތީ މިއަދު ފިރާގެ ބާތްޑޭ ވީމަ އޭނައަށް ދޭންވެގެން ހެއްދި ފަށެއް." ލަޔާލް ސުވާލު އުފެދިފައި ހުއްޓާ ނަތާ ކިޔައިދިނެވެ. 

"އެހެންވީއިރު މިފަށް ދޭންވާނީވެސް އޭނައަށް." ލަޔާލް ކުއްލިއަކަށް ބުނެލިއެވެ. "ނޫނޭ. އަދި ކިރިޔާ އަހަންނަށް މިއިނގުނީ އޭނަ އަބަދު މިގެއަށް ނާދެވިގެން އުޅެނީ ކީއްވެކަން. ކޮންމެހެން އަހަރެންގެ އެކުވެރިކަމެއް ނޫން އޭނަ ބޭނުން ވަނީ." ނަތާގެ މޫނުން ފޫހިކަން ފެނިގެން ދިޔައެވެ. އެނބުރި އައިސް އެނދަށް ވެއްޓިގެންފައި ލަޔާލް ދެއްކި އިތުރު އެއްވެސް ވާހަކަ އަކަށް އޭނާ ޖަވާބެއް ނުދިނެވެ. 

ފަށް ބާއްވާފައި ލަޔާލް ނިކުމެގެން ދަނިކޮށް ޔާނިޒް ފެނުނީ ފުރަގަހުންނެވެ. "ޖާރކް!" ނަތާގެ ވާހަކަ އަށްފަހު ހިތްހަމަ ނުޖެހިފައި ހުރެގެން ލަޔާލް ގޮވައިލީ ނުހަނު ބާރަށެވެ. ދެވަނަ ސިކުންތުގައި އޭނާގެ ދެކަކުލުން ވާގި ދޫވާ ގޮތްވިއެވެ. އޭނާ ވާހަކަ ދެއްކި އަޑަށް އެނބުރި ލައިގެން ހުއްޓި ހުރީ ޔާނިޒްއެއް ނޫނެވެ. "އަހަރެން ބުނީ..... އަހަރެން ބުނީ ތޭންކްސްއޭ." އަފްލާކް ފާޑަކަށް ބަލަން ހުރެފައި ކައިރިއަށް އަންނަން ފެށުމުން ލަޔާލް ފަހަތަށް ޖެހިލި އެވެ. ބުނަން އުޅުނު ޖުމްލަވެސް ފުރިހަމަ ވީ ވަރަކުންނެވެ. "ކޮންކަމަކާ؟" އަފްލާކް ފަރުވާ ކުޑަ ގޮތަކަށް މޫނު އަނބުރައިލި އެވެ. ހީވަނީ އަބަދުވެސް ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައި ހުންނަ ހެންނެވެ. "މޯނިން ގަޑީގަ އަހަރެން ސަލާމަތް ކޮށްދިނީމަ. އެގަޑީގައި ތޭންކްސް ނުބުނެވުނީ ބިރުގަނެފަ ހުރީމަ." ލަޔާލް ހިތްވަރު ކޮށްލާފައި ވާހަކަ ދެއްކިއެވެ. އަފްލާކް އެހާ ކައިރީގައި ހުރުމުން އޭނާގެ ހިތް އޮތީ އާދަޔާ ހިލާފަށް ތެޅި ތެޅިއެވެ. "ހޫމ..." އަފްލާކް ކުރިންވެސް ބުނި ފަރުވާ ކުޑަ ގޮތުގައި ހޫމ އަޅުވާލައިފައި އަނެއް ފަރާތަށް އެނބުރި ހިނގައިގެންފިއެވެ. 

އަފްލާކް ގޮސް ގެއްލުނު ފަހުން ލަޔާލް ކޮޓަރިއަށް ވަންއިރު ހުރީ މޫޑް ހަރާބު ވެފައެވެ. އޭނާ ފުރަތަމަ ފަހަރަށް އަފްލާކް ދެކެ ރުޅިވެސް އަތުވެއްޖެއެވެ. "ފޮނި މީހެއް. ބޮޑާ މީހެއް. އަޅެ އެއަށްވުރެ ރީތި ގޮތަކަށް އަނގައިން ބުނަން ނޭނގޭތަ އެމީހާ ގަނޑަށް؟ ހިތަށް އަރާ އަބަދު ރުޅި އައިސްފަ އެހުންނަނީ ކާކު ދެކެ ބާއޭ؟ ހާދަ ފޫއްސެއްވެއްޖޭ މަ." ހިތުގެ އުދާސްގަނޑު ލަޔާލް ބޭރުކޮށްލީ ލޯގަނޑު ކުރިމައްޗަށް އަރާފައެވެ. ހަވީރު ސައިބޯކަށްވެސް އޭނާ ނުފައިބައެވެ. ހިނގާ ދިޔަ ކަންތައް ތަކަށްފަހު އަފްލާކްދެކެ ފާޑެއްގެ ފޫއްސެއް އޭނާ ވެއްޖެއެވެ.

"ކޮބާ ލަޔާލް މިއަދު؟" އަޒީއަށް ލަޔާލް ނެތްކަން ފާހަގަވެގެން އަހާލައިފިއެވެ. ސައިމޭޒު ދޮށުގައި އެވަގުތު އެހެން ނަތާ އާއި އަފްލާކްވެސް އިނެވެ. ޔާނިޒް ހަވީރު ކޮންމެވެސް ތާކަށް ހިނގައްޖެއެވެ. "ކޮޓަރީގަ. އަހަރެން ގޮވީމަ ބުނީ މިއަދު ސައިނުބޯނެ ވާހަކަ." ރާމިޒާ އެންމެންނަށް ސައި ޖޯޑުތައް ކައިރިކޮށްދޭން ހުރެފައި ޖަވާބު ދިނެވެ. "އެހެން ކިހިނެއް ކަމުދާނީ؟ ރާމިޒާ ބުނޭ ލަޔާލް ކައިރީ އަހަރެން ބުނެގެންނޭ." އަޒީއަށް އެގޮތް ކަމަކު ނުދިޔައެވެ. 

ރާމިޒާ ގޮސް ދެއްކި ވާހަކައިން އޮންނަން ނުކެރިގެން ލަޔާލް ތިރިއަށް ފޭބިއެވެ. ސައިމޭޒު ދޮށަށް ގޮސް ހުއްޓިފައި އަފްލާކް އިނުމުން އަނބުރާލައިފައި ދާންވެސް ހިތް ބުނެލިއެވެ. އެވަގުތު ނަތާ ގޮވާލައިފައި ހިނިތުން ވެލުމުން އާ ހިތްވަރެއް ލިބިގެން އޭނާ އިށީނެވެ. ލަޔާލް ބަލައިލި އިރު އަފްލާކްގެ މޫނުގައި އެވަގުތުވެސް ހުރީ އަބަދު ފެންނަ ސީރިއަސް ކަމެވެ. "ލަޔާލްގެ ކުޑަމަންމަ ގުޅި މެންދުރު." އަޒީ އިނދެފައި ބުނެލިއެވެ. "އަހަންނަށް ގުޅާފަ ހުރި ހެނދުނު." ލަޔާލްވެސް ބައިވެރިވިއެވެ. "މާދަމާ އަންނަ މީހަކު އަތުގަ ހަދިޔާތަކެއް ފޮނުވި ވާހަކަ ބުނީ." އަޒީ އިތުރަށް އޮޅުންފިލުވައި ދިނެވެ. އެވަގުތު ކޮންމެވެސް މީހަކު ބެލް ޖަހާ އަޑަށް ރާމިޒާ ދުވެފައި ގޮސް ބޭރަށް ނިކުމެއްޖެއެވެ. އިރު ކޮޅަކުން ފިޔަވަޅުތަކެއްގެ އަޑު އިވިފައި ދޮރުމައްޗަށް އައިސް ހުއްޓުނީ ޒުވާން އަންހެން ކުއްޖަކާއި ފިރިހެނެކެވެ. އަނެއްކާވެސް ރީތި ރީތި ދެމީހުންނެވެ. ލަޔާލް އެންމެ ހައިރާންވީ އެޒުވާނާ އަފްލާކް އާއި ވައްތަރު ކަމުންނެވެ. އަދި އަންހެންކުއްޖާ އެއީ އެންމެ ގުޅޭ ޖޯޑެވެ.

"ސަޕްރައިޒް!" ދެމީހުން އެއްއަޑަކުން އެހެން ބުނެލާފައި އަވަހަށް އެތެރެއަށް ވަންނަން އައެވެ. އެވަގުތު ނަތާ އެންމެ ކުރިން ތެދުވެފައި ދުވެ ގޮސް ޒުވާނާގެ ގައިގައި އޮޅުލައިގެންފިއެވެ. ލަޔާލް ހައިރާންވެފައި ހުއްޓާ އަފްލާކްގެ މޫނުމަތިންވެސް ހިތްހަމަ ޖެހުން ފެނިގެން ދިޔައެވެ.

ކޮމެންޓް 0