އިރުގެ ރަން ދޯދިތައް ބިއްލޫރިގަނޑު ފުރާނާލައިފައި އައިސް ނަތާގެ ދޮން މޫނަށް އެޅިފައި ނިދިން ހޭލައްވައިލި އެވެ. ލޯ ހުޅުވައިލުމުން އިހްސާސްވީ އޭނާއަށް އޮވެވުނީ ލިވިންރޫމްގައި ހުރި ސޯފާއެއްގައި ކަމެވެ. ތެދުވެ އިށިން ވަގުތު ގައިމަތީ އޮތް ރަޖާ ފެނިގެން ނަތާ ހަނދާންވިއެވެ. ރޭ ކޮފީ ބޯން ނިކުމެ އުޅެފައި ޖައްސާލި ތަނާ ކޮންމެވެސް މީހަކު އެރަޖާ ގައިމަތީ ފަތުރާލަދިނީ އެވެ. އެކަމަކު އެސްފިޔަތައް ކަންނެތް ވެފައިވާ މިންވަރުން އެއީ ކާކުތޯ ބަލާކަށް ނަތާ ނޫޅުނެވެ. އޭނާ ބަލައިލި އިރު ރޭ ބޯން ގެނަ ކޮފީ ތަށިވެސް އެންމެ ކޯވަރެއް ބުއިގޮތަށް ހުއްޓެވެ. އަދި ދޮރު ފޮތިތައްވެސް އެހުރީ އޭރު ކަހައިލި ގޮތަށެވެ. ނަތާ ރަޖާގަނޑު ހިފައިގެން ދުވެލާފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭނާ ތައްޔާރު ވާން ހުރެފައި ފޯން ބަލައިލި އިރު މެސެޖެއް އޮތެވެ. ހުޅުވާލައިފައި ނަތާއަށް ހިނިތުންވެ ލެވުނެވެ. ޔާނިޒްގެ މެސެޖުގައި އޮތީ "ސޮރީ ސިސް" މިހެން ލިޔެލައިފައެވެ.

ނަތާ ތައްޔާރުވެގެން ނިކުތް އިރު ނޯކަރަކު ފިޔަވާ އިތުރު މީހަކު ފެންނާކަށް ނެތެވެ. އޭނާ ސުވާލު ކޮށްލުމުން އެނގުނީ ގޭގެ ބޮޑު ދެމީހުން ތެދުވެގެން މަސައްކަތަށް ދާން މިސްރާބު ޖަހާފައިވާ ކަމެވެ. ގަޑި ބަލައިލި އިރު ސުކޫލަށް ދިއުމާއި މެދު މާގިނަ ވަގުތެއްވެސް ނެތެވެ. "ހިނގާ އަހަރެން ގެއަށް ގެންގޮސްދޭނަން." ނަތާ ފޯން ނަގާފައި ގޭ ނަންބަރަށް ގުޅަން އުޅެނިކޮށް ރާފިލް ބުނެލި އަޑު އައެވެ. އެނބުރި ބަލައިލުމުން ރާފިލް ފެނުނީ އައިސް ކައިރިއަށް ހުއްޓުނު ތަނެވެ. މުށި ކުލައިގެ އަތްދިގު ގަމީހާއި ހުދު ފަޓްލޫނުގައި ފުރިހަމަކަމުން ވެސް އޭނާއަށް ބަލަން ހުރެވުނެވެ. ދެކޮޅު ހަދަން ހިތް ބުނެލި ނަމަވެސް ވަގުތު ދަތިކަމުން އޭނާ ނިންމީ ރާފިލްގެ އެދައުވަތު ޤަބޫލު ކުރާށެވެ 

"ކޮބާ އަރިއާން؟ ހޭލައިފިތަ؟" ދެމީހުން ކާރަށް އަރާފައި ނަތާ ސުވާލު ކުރިއެވެ. "ގޮވާފަ މިއައީ." ރާފިލް ކާރު ސްޓާޓް ކޮށްލައިފިއެވެ. އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަން އުދަނގޫ ކުރަން ފެށުމުން ނަތާ ފޯން ނަގާފައި ޖަހާނެ ލަވައެއް ހޯދަން ފެށިއެވެ. އަނެއްކާވެސް ނަތާ ޖަހައިލީ ހަމަ އެލަވައެވެ. އެންމެ ގުޅޭ ލަވައެވެ. ރޮން ޕޯޕްގެ "އަ ޑްރޮޕް އިން ދި އޯޝަން" މިލަވައެވެ. 

"ނަތާ އަހަރެން މިއުޅެނީ މެރީ ކުރަން." ލަވަ ނިމުނުތަނާ ރާފިލް ވާހަކަ ދެއްކިއެވެ. ނަތާ ކުއްލި އަކަށް މޫނު އަނބުރައިލި އިރު ހުދި ކަފަ ކޮޅަކަށް ވެއްޖެއެވެ. އެދެލޮލަށް ކަރުނަތައް ޖަމާވިތަން މިފަހަރު ރާފިލްއަށް ވެސް ފެނުނެވެ. "ވެލް....." ނަތާ އެއްޗެއް ބުނަން އުޅެފައިވެސް ވާހަކަ ދައްކަން އުދަނގޫވެގެން ތުންފަތުގައި ދަތް އަޅައިލެވުނެވެ. ދެން އޮތް ވަގުތުކޮޅު ހިމޭންކަމާއި އެކު އިނދެފައި ގެއާއި ހަމައަށް ދެވުމުން އޭނާ ނިކުމެގެން ދިޔައީ ރާފިލްއަށް ޝުކުރު ވެސް އަދާ ނުކޮށެވެ. 

ނަތާ ގެއަށް ވަންއިރު އަޒީ އޮފީހަށް ދާން ތައްޔާރުވެގެން ސިޑިން ފައިބަނީއެވެ. "ނަތާ! ދަރިފުޅު ފޯނަށް ކިހިނެތް ހަދައިގެން. ބައްޕަ ހާދަ ވަރަކަށް ގުޅައިފީމޭ. ދޭ އަވަހަށް ފެންވަރަން. ނެތް ގިނަ ވަގުތެއް." އަޒީ ހެދީ އެއްވެސް ކަމެއް ނުވާކަމަށެވެ. "ފޯނު ހަމަ ރަނގަޅު. ނޭނގެ ތި ވީގޮތެއް." ނަތާ ޖަވާބު ދީފައި ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ފާޚާނާއަށް ވަދެ މާގަނޑު ދޫކޮށްލުމުން އިތުރަށް ކަރުނަތައް ހިފެހެއްޓުންވީ ނުކުޅެދުނު ކަމަށެވެ. ބޮލަށް ފައިބަމުންދިޔަ އެތައް ހާސް ފެންތިކި ތަކާއިއެކު އެކަރުނަތައްވެސް އޮހޮރިގެން ދާން ފަށައިފިއެވެ. ނަތާ މޫނުގައި ދެއަތް އަޅާފައި ޅަކުއްޖެއްހެން އަޑުގާ ނެތްތަނަށް ރޮއިގަތެވެ. އެންމެފަހުން ރާފިލް އެދިނީ މުޅި އުމުރުގައިވެސް ލިބިގެންދާނެ އެންމެ ނުބައި ޚަބަރެވެ. ކެތްވާނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ "ލަވް ސްޓޯރީ" އަދި ރަނގަޅަށް ނުފެށިގެން އުޅެނިކޮށް ނިމުމުގެ ސިއްކަ ޖެހުނީއެވެ.

ލަޔާލް ތެދުވިއިރު މާބޮޑަށް ކޮނޑުގައި ރިއްސާތީ ކޮލެޖަށް ނުދާން ނިންމިއެވެ. އެވަރަށް ރިހެންޏާ އޭނާއަށް ގަލަމެއްވެސް ހިފަހައްޓާ ނުލެވޭނެއެވެ. އެކަމަކު ގަޑިން ގަޑިއަށް ބޭސްކާން ވާނެތީ މޫނު ދޮވެލައިގެން ތިރިއަށް ދާން ނިންމިއެވެ. ޔާނިޒް ނިކުތީ ލަޔާލް އެކޮޓަރި ހުރަސް ކުރަނިކޮށެވެ. "ލަޔާ!" އެވަގުތު ޔާނިޒް ގޮވައިލުމުން ލަޔާލް ހުއްޓުނެވެ. މޫނަށް ބަލައިލުމުން ލަޔާލްއަށް ފެނުނީ ލަދުވެތިކަމެވެ. އަދިވެސް ރޭގެ ހާދިސާ ހަނދާން ނައްތާނުލެވިގެން އުޅޭ ކަހަލައެވެ. "ރޭ ހިނގާދި ކަންތަކާ ވަރަށް ބޮޑަށް ސޮރީ. ވޮޒަންޓް އިންޓެންޝަނަލް." ޔާނިޒް ލަޔާލް ކުރިމައްޗަށް ހުއްޓިފައި ވާހަކަ ދެއްކިއެވެ. "މަޢާފަށް އެދެންވީ އަހަރެން ކައިރިއަކުން ނޫން ނިޒް. ނަތާ ކައިރިން." ލަޔާލް ބުނެލިއެވެ. ޔާނިޒް ބޯ ޖަހައިލާފައި އިރުކޮޅަކު އެއްޗެއް ނުބުނެ ހުއްޓެވެ. އެއަށްފަހު ދެމީހުން އެކުގައި ތިރިއަށް ދިޔައެވެ.

މޭޒު ދޮށުން އަފްލާކް ފެންނަން ނެތިގެން ސުވާލު އުފެދިފައި އިންދާ ވީ ގޮތް އެނގުނީ އަޒީ ދެއްކި ވާހަކަ އަކުންނެވެ. މާ މުހިންމު މީޓިން އަކަށް ތައްޔާރު ވާންވެގެން އަފްލާކް ތަންކޮޅެއް އަވަހަށް ދިޔައީއެވެ. ސައިބޯން އިނދެފައި ކޮންމެ މީހަކުވެސް ފުރަތަމަ ލަޔާލްގެ ހާލު އަހައިލި އެވެ. ލަޔާލް އިނީ އުފަލުންނެވެ. އެގޭގެ އެންމެންވެސް އަމިއްލަ އާއިލާ ފަދައިން އޭނާއަށް އަޅާލައެވެ. 

އޮފީހަށް ދިޔަ މީހުންނާއެކުގައި ހެން ޔާނިޒް ވެސް ބޭރަށް ނިކުތުމުން ލަޔާލް ފޫހިން ހަލާކުވިއެވެ. އެންމެ ދެރަވީ ބްރޭކް ގަޑީގައި މަންމަ ނުފެންނާނެތީއެވެ. ހިތަށް އެރިއެވެ. އާދަވެގެން ކޮންމެ ދުވަހަކު ފެނިފައި މިއަދު އެކަނި ނުފެނިގެން މަންމަ އޭނާ މަތިން ހަނދާން ވާނެ ހެއްޔެވެ؟ މަންމަ އާއި ގުޅިގެން ލަޔާލްގެ ހަނދާނަށް އައީ ނިޔާފް އެވެ. އޭނާ އަވަހަށް ފޯން ނަގާފައި ނިޔާފް ނަންބަރަށް ގުޅަން ފެށިއެވެ. އެދުވަހު އަފްލާކް ބިރުދައްކައިގެން ކުރިކަމެއް އަދިވެސް އޭނާއަށް އެނގިފައެއް ނެތެވެ. އިރުކޮޅެއް ވީއިރު އޭނާ ރަނގަޅަށްވެސް ހައިރާންވެއްޖެއެވެ. ނިޔާފް އޭނާގެ ފޯނަކަށް ޖަވާބެއް ނުދިނެވެ.

ލަޔާލް ކޮޓަރިއަށް ދާންވެގެން ދަނިކޮށް ނަތާ ކޮޓަރިން ލަވައެއްގެ އަޑު އިވިގެން ބަލައިލެވުނެވެ. ނަތާ ސުކޫލަށް ނުދާކަން އަދި ކިރިޔާ އެނގުނީއެވެ. އޭނާ ޓަކި ޖަހާލައިފައި ވަދެގެން ދިޔައިރުވެސް ނަތާ ބަލައެއް ނުލައެވެ. ކައިރިއަށް ގޮސް ހުއްޓުމުން ލަޔާލްއަށް ލޯ ބޮޑު ކޮށްލެވުނެވެ. ނަތާ އެނދުގައި ދެފައި ވަށްކޮށްލައިގެން އިނދެ ކައިރީގައި ހުރި ތަފާތު ވައްތަރުގެ އެތައް ބައިވަރު މިނާ ފަށްތަކުން ފަހަރަކު ފަށެއް ކަނޑާލައިފައި މިނާތައް ކުރިމަތީ ހުރި ބިއްލޫރި ބޯތައްޓަށް އަޅަމުން ދިޔައެވެ. "ކީއްތި ކުރަނީ؟" ލަޔާލް އެތާހުރި އެގްޒެކިއުޓިވް ގޮނޑިއެއްގައި އިށީންދެލިއެވެ. 

"މިއުޅެނީ މީގެން ކެވެލިކޮޅުތަކެއް ހަދަން. އިޓްސް ފަން. އެއްވެސް ކަމަކުން ހާޓް ވަންޏާ އަހަރެން ކުރާ ކަމަކީ އެކަމެއް ހަނދާން ނައްތާލަނީ. އެހެން ކަމަކަށް އެޓެންޝަން އަނބުރާލަނީ. އެއީ މިކުރާ ކަމަކީ." ނަތާ އަދިވެސް ބަލަން އިނީ ކުރަން އިން މަސައްކަތަށެވެ. "އޯހ... ތިހެން ބުނީމަ އަހައިލެވިދާނެތަ އެއީ ކޮންކަމެއްކަން؟" ލަޔާލް އެތަނުން ފަށެއް ނަގައިގެން އަތުތެރޭ ގެންގުޅެލަމުން އެހިއެވެ. "ރާފިލް މެރީ ކުރަނީ." ޖަވާބު އައީ ނަތާއަށް ނުވެސް އެނގިއެވެ. ދެވަނަ ސިކުންތުގައި އޭނާ ކުއްލި އަކަށް މޫނު އަނބުރައިލި އިރު އިނދެވުނީ ބިރުއް ފެނިގެން ބަލަން އިން ކުއްޖެއް ހެންނެވެ. "ރާފިލް ތިބުނީ ނަތާ ދޮންބެގެ އެކުވެރިޔާގެ ވާހަކަ؟ ޔަޝާރުގެ ދޮންބެ؟" ލަޔާލް އެހާ އަވަހަށް ނަގައިގެންފިއެވެ. "ހެޔޮނުވާނެ އެކަކު ކައިރީވެސް ނުބުނާތި. ޕްރޮމިސް މީ!" ނަތާ އަވަސް އަވަހަށް ލަޔާލް އަތުގައި ހިފާފައި އާދޭސް ކުރިއެވެ. "ޕްރޮމިސް. ޕްރޮމިސް." ނަތާއަށް ވީވަރު ފެނިގެން ލަޔާލް އަވަހަށް އެއްބަސްވިއެވެ. ނަތާ ހަމަޖެހުމުގެ ނޭވައެއް ލައިފައި އަނެއްކާވެސް އެނބުރުނީ ކުރަން އިން މަސައްކަތަށެވެ. އިރުކޮޅަކުން ލަޔާލް ނުވެސް އަހަނީސް ރާފިލްގެ ވާހަކަ ފެށުނީއްސުރެ ކިޔައިދީފި އެވެ. ހަޤީޤަތުގައި އެވާހަކަތައް ހިއްސާކޮށްގެން ނަތާއަށް ނުހަނު ފަސޭހަވެސް ވިއެވެ. 

ޔާނިޒް ބޭރަށް ދިޔަގޮތަށް ހަވީރު އެނބުރި އައީ ނަތާއަށް މާބޮނޑިއެއް ހިފައިގެންނެވެ. ލިވިންރޫމްގައި އެންމެ ބޮޑު ދެމީހުން ފިޔަވައި އެހެން އެންމެން ތިއްބާ ގޮސް ޓައިލްސްމަތީ ކުޑަކަކޫ ޖަހާފައި މާބޮނޑި ނަތާއަށް ދިއްކޮށްލުމުން ފުރަތަމަ އިނީ ނުހިފާށެވެ. އެކަމަކު ހެނދުނުވެސް ޔާނިޒްގެ މެސެޖް ފެނުނު ވަގުތު އޭނާގެ ރުޅިގަނޑު އެކަށް ފިނިވިއެވެ. ނަތާގެ މަޤްސަދަކީ ހަމައެކަނި ގަދަކޮށްލުމެވެ. އޭނާއަށް އެނގެއެވެ. ޔާނިޒް އޭނާ ރުޅި އަރުވާފައި ރުއްސުމާއި ހަމައަށް ދިއުމުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. "ސޮރީ." ޔާނިޒް މަޢާފަށް އެދިފައި އަނެއްކާ ދިއްކޮށްލި އެވެ. ނަތާއަށް ކެތްވީ އެހާއިރަށެވެ. އަވަހަށް މާބޮނޑީގައި ހިފާފައި ހިނިތުން ވެ ލެވިއްޖެއެވެ. "ދެން ބުނޭ މަޢާފުކޮށްފީމޭ!" ޔާނިޒް އެދުނެވެ. ނަތާ އަވަހަށް ނޫންކަމަށް ހެދިފައި އެއްފައި މައްޗަށް އަނެއް ފައި ނަގަމުން ދުރު ބަލަން ފެށިއެވެ. "އަދި މިއޮތީ." މިފަހަރު ނަތާ ބަލައިލި އިރު ޔާނިޒް އަތުގައި އޮތީ ސިނަމާ ޓިކެޓްއެކެވެ. "އިޓްސް ވަޓް ޔޫ ވޯނެޑް ނަތާ. ޑިނަރ އެން މޫވީ. ޓޭބަލްވެސް ބުކް ކޮށްފިން ފެމެލީ އެންމެންނަށް. އަދި ޓިކެޓް ވެސް." ޔާނިޒް އަދިވެސް ތިރީގައި އިނދެފައި ވާހަކަ ދެއްކިއެވެ. "ވާއު!" މަފާޒް އަށް ކޮފީ ތައްޓެއް ހިފައިގެން އައިސް ހުއްޓުނު ޔަޝާރުއަށް އިވިގެން ބުނެލެވުނެވެ. ލަޔާލްވެސް އިނީ ޔާނިޒް ނަތާދެކެ ލޯބިވާވަރު ފެނި ހައިރާންވެފައެވެ.

"އޭ ދެން ނިޒްއަށް މާފުކުރޭ ނަތާ!" މަފާޒް ގޮވާލިއެވެ. "އެއީ ތެދެއް ނަތާ. އެހެންނޫނީ އަހަރުމެންގެ ޑިނަރ އެން މޫވީ ޕްރޮގްރާމް ކެންސަލްވެދާނެ." ޔަޝާރު ހެވިލާފައި އިށީންދެލީ މަފާޒްގެ ކައިރީގައެވެ. "އެކަމަކު އަހަރެންނަކަށް ނުކެރޭނެ ދާކަށް. މިހުރީ އަހަރެން ހުރި ގޮތަކީ. އަދިވެސް ހީވަނީ މަމީއެއްހެން." ލަޔާލް އިނދެފައި އެންމެން ހިމޭންވި ތަނުން ބުނެލައިފި އެވެ. "އެއީ ތެދެއް. އޭނަ އަދި ރެސްޓް ކުރަން ޖެހޭނެ." ޔާނިޒް އެއަޑު އިވިގެން ރައްދު ދޭން އުޅެނިކޮށް އަޒީ އާއި އަފްލާކް އެދިމާއަށް އަންނަމުން އަޒީ ވާހަކަ ދެއްކިއެވެ. 

"އޯކޭ ކުޑަބޭ. އެޕޮލޮޖީ އެކްސެޕްޓެޑް." ނަތާ އިރުކޮޅަކުން މާބޮނޑީގައި ވަސް ގަނެލާފައި އިއްވިއެވެ. ޔާނިޒް އުފަލުން ހެވިލާފައި އުނގުމަތީ އޮތް ކުޝަންގައި ގޮށްމުށުން ޖަހައިލި އެވެ. އެވަގުތު ލަޔާލް ބަލަން އިންތަން ފެނިގެން އޭނާގެ ލާނެތް ގޮތުގައި އެއްލޯ މަރާލައިފިއެވެ. އެތަން ފެނުނީ އެދެމީހުންނަށް ކުރިމަތިވާ ގޮތަށް އައިސް އިށީން އަފްލާކް އަށެވެ. ޔާނިޒްއަށް އަފްލާކް ބަލާހެން ހީވެގެން ހަތަރު ކަޅި ހަމަކޮށްލުމުން ހިންދިރުވައިލަން އުދަނގޫ ވެއްޖެއެވެ. އެލޮލުގައިވި ކުލަވަރު އެކަނިވެސް އޭނާ ބިރުގަންނަވާލިއެވެ. ހީވީ ކުށެއް ކުރެވިގެން އިންޒާރެއް ދިން ހެންނެވެ. ޔާނިޒްއަށް ނުވިސްނުނީ އަފްލާކް އެހާ ސީރިއަސްވެފައި އޭނާއަށް ބަލައިލީ ކީއްވެ ކަމެވެ.

އަށެއް ޖަހަން ކައިރިވެފައި ހުއްޓާ އެންމެން ތައްޔާރުވެގެން ނިކުތްއިރު ލަޔާލްވެސް ދޮރާއި ހަމައަށް އައެވެ. އަފްލާކް ކޮންމެވެސް މަސައްކަތެއް ނިންމުމުގެ ބަހަނާގައި ދެކޮޅު ހެދިކަން އެނގުނީއްސުރެ ލަޔާލް އެހުންނަނީ އުފަލުންނެވެ. ލަޔާލް އެންމެން ގޭޓުން ނިކުތްތަން ބަލަން ހުރެފައި ދޮރު ލެއްޕިއެވެ. އެނބުރި ބަލައިލުމުން ލިވިންރޫމް ފެނުނީ މުޅިން ފަޅުވެފައި ވަނިކޮށެވެ. އޭނާ އަވަހަށް ގޮސް ކޮޓަރިއަށް ވަދެފައި ފުރަތަމަވެސް އިސްކަން ދިނީ ރީތި ވެލުމަށެވެ. މެންދުރު ބޭސްގަނޑު ބަދަލުކުރި އިރު ރާމިޒާ ފުނާ އަޅައިދިން ފަހުން އެއިސްތަށިގަނޑުގެ ތަރުތީބު އޮތީ ގެއްލިފައެވެ. ލަޔާލް އެއްއަތުން ފުނާ އަޅަންވެގެން ކުރި މަސައްކަތުން ރުޅިގަދަ ވިއެވެ. ފަނެއް ކަމަކު އިސްތަށިގަނޑު ބޯކަމުން އެއްއަތުން ކުރެވޭވަރު ކަމަކަށް ނުވިއެވެ. އޭނާ ދެން ހަދާނެ ގޮތެއް ނޭނގިގެން މަތި މަތިން ފުނާ ކާއްތައިލާފައި އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލީއެވެ. ތުންފަތުގައިވެސް ލިޕް ގްލޮސް ހާކައި ހެދުމަށް ސެންޓް ޖަހައިލި އެވެ. ނިކުންނަން އުޅެފައި އަނެއްކާ ހިޔާލު ބަދަލުވެގެން އައިސް ލައިގެން ހުރި ގަމީސް ބާލާފައި އެތެރެއިން ކަޅު ޕެޓީ ކޮޅަކާއެކު ލޭސް ފޮތީގެ "ބެޓްވިންގް" ކޮޅަކަށް ބަދަލު ކޮށްލިއެވެ. 

ލަޔާލް ނިކުމެފައި ދެކޮޅު ބަލަމުން ތިރިއަށް ފައިބައިގެން ދިޔައެވެ. އޭނާ މިގޮތަށް މަތިން ބައިން ޖެހިގެން އުޅެން ފަށައިފިއްޔާ އަފްލާކް ރުޅި ނާންނާނެ ބާވައޭ ހިތާއި ސުވާލު ކޮށްލެވުނެވެ. އޭނާ ޓީވީ ހުޅުވައިގެން ފޫހިވެފައި އިންދާ އަފްލާކް އަންނަތަން ފެނުނީ ސިޑިން ފައިބައިގެންނެވެ. "ހޭއި!" ލަޔާލް ފެނިގެން އަފްލާކް ގޮވައިލުމުން އޭނާއަށް ކޮޅަށް ތެދުވެވިއްޖެއެވެ. "ތީތަ ރެސްޓް ކުރަންވެގެން ގޭގައި އިން މީހާ." އަފްލާކް ދިމާކޮށްލާ ފަދަ ގޮތަކަށް އިއްވައިލި އެވެ. "ރޫމްގަ ވަރަށް ބޯރިން. އެހެންވެ. އަފްލާކް ކީއްކުރަނީ؟" ލަޔާލް ޖެހިލުންވެފައި ހުރެވެސް ސުވާލު ކުރިއެވެ. "ވޯކް.... ކޮފީއެއް ބަލައި މިއައީވެސް." އަފްލާކް ޖަވާބު ދީފައި ގޮސް ބަދިގެއަށް ވަނެވެ. ލަޔާލް ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިންތިޒާރުގައި އިންދާ އިރުކޮޅަކުން ނިކުމެގެން އަނެއްކާވެސް ސިޑި އާއި ދިމާއަށް ދާތަން ފެނުނެވެ. "ޔޫ ނޯ ވަޓް؟" އަފްލާކް ފުރަތަމަ ހަރުފަތުގައި ފައި އަޅަން އުޅެފައި އެނބުރި ވާހަކަ ދެއްކި އަޑު އިވުނެވެ. "ލަޔާލް އެކަނިވަންޏާ އަހަރެން އަތުވެދާނަން މިތަނަށް. މިބުނީ މަސައްކަތް ކުރަން." އަފްލާކްގެ ވާހަކަ އިވިގެން ލަޔާލްގެ ހިތް ފޮޅިގެން އައި ގޮތުން ފުންމައި ނުގަނެވުނީ ކިރިޔާއެވެ. 

"އުދަނގުލެއް ނުވާނެތަ އަހަރެން ޓީވީ ބަލާތީ؟" ލަޔާލް ހިތުގައި އަތް އަޅާފައިވެސް މަސައްކަތް ކުރީ އޭނާގެ ހިތުގެ ހާލު ސިއްރު ކުރާށެވެ. "ނޮޓް އެޓް އޯލް." އަފްލާކް ޖަވާބު ދީފައި މައްޗަށް ދިޔައެވެ. އިރުކޮޅަކުން އައީ ލެޕްޓޮޕް ދަބަސް ކޮނޑުގައި އަޅުވާލައިގެންނެވެ.

އަފްލާކް ލެޕްޓޮޕާއެކު އަދިވެސް ދެތިން ފައިލެއް ނަގައިގެން އިނދެ މަސައްކަތް ފެށިއެވެ. "އޯހ ޔެސް." ޗެނަލްތައް ބަދަލު ކުރަނިކޮށް ލަޔާލްއަށް ބްރޭކިން ޑޯންގެ ފުރަތަމަ ބައި ފެށެން އުޅޭކަން އެނގިގެން ހަޅޭއްލަވައި ގަނެވުނެވެ. "އިޓްސް ބްރޭކިން ޑޯން. އަހަރެން އަދި ނުވެސް ބަލަން." ލަޔާލް ފޮނިވެފައި ރީތިކޮށް ހަމަޖެހިލިއެވެ. ފިލްމް ފަށާފައި އިރުކޮޅަކުން އެޑްވާޑްމެންގެ ކައިވެންޏަށް ފަހު ހަނީމޫންގެ މަންޒަރުތައް ދައްކަން ފެށުމުން ލަޔާލް ހަދާނެ ގޮތް ބޮޑުވިއެވެ. ނިޔަފަތި ހަފަން ފަށާފައި އޭނާއަށް ބަލައިލެވުނީ އަފްލާކް ބަލަން އިންތޯއެވެ. އެވަގުތު މުޅި މޫނު ރަތް ލޭކޮޅަކަށް ވިއެވެ. އަފްލާކް ކޮފީ ފޮދެއް ރަހަ ބަލާލަންވެގެން ޖޯޑު ހިއްލާލައިފައި ބަލަން އިނީ ޓީވީ އަށެވެ. ދެވަނަ ސިކުންތުގައި އެދެލޯ ލަޔާލްގެ މޫނަށް ހުއްޓިއްޖެއެވެ. ގަނޑުފެންތަކެއްގެ ތެރެއަށް ގެނބިގެން ދިޔަސް ނުވާނެ މިންވަރަށް މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ލަދުންގޮސް ހުރިތަނަށް ވިރިގެން ދާން ތައްޔާރު ވެއްޖެއެވެ. އަފްލާކްވެސް އެތޫނު ދެލޮލުން ހުއްޓުމެއްނެތި ލަޔާލްގެ މޫނަށް ބަލަމުން ދަނީއެވެ. ހީވަނީ ނަޒަރު އެއްފަރާތް ނުކޮށްލެވިގެން އުޅޭ ހެންނެވެ.

ކޮމެންޓް 0