ކަންފަތާއި ވަކިކޮށްލި ފޯން ތިރިކޮށްލައި ދެއަތުން ބާރަށް ހިފަހައްޓާލައިގެން ލަޔާލްއަށް ހުރެވުނެވެ. ސިކުނޑީގައި އެއްފަހަރާ އެތައް ހާސް ސުވާލުތަކެއް ބުރު ޖަހަން ފެށިއެވެ. އިރުކޮޅަކުން އޭނާ މަޑު ހިނގުމެއްގައި ގޮސް ކުޑަ ދޮރުތައް ލައްޕައި ފޮތިގަނޑު ދަމާލިއެވެ. ވެހޭ ވާރޭގެ އަޑު މަޑުވި ނަމަވެސް ދޭތެރެއަކުން ވިދުވަރުގެ އައްޔާއެކު ގުގުރައި ގަނެއެވެ. ލަޔާލް އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލުމަށްޓަކައި ވާހަކަ ފޮތެއް ނަގައިގެން ކިޔޭތޯ އުޅުނެވެ. ސަފްހާއެއް ނިމުނުއިރު އެތަކެއް ފަހަރު އަތު ކުރީ ގަޑިއަށް ނަޒަރެއް ދެވުނެވެ. އަދި ހަމަ ކިޔަމުން ދިޔައިރުވެސް އިރު އިރުކޮޅާ ސިކުނޑީގައި ގުގުމާލަނީ މާހިންގެ ވާހަކަ ކޮޅެވެ. ފޮތް ލައްޕާލައިގެން ލަޔާލް ވިސްނާލަން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މީހަކަށް ކަމެއް އެނގެން ވެއްޖެއްޔާ ކޮންމެފަދަ ކަމެއްވެސް މެދުވެރި ވެދާނެއެވެ. އެކަމަކު ހިތަށް އަރަނީ ހަމަ މިރޭ އެކަމެއް ހިނގީ އިއްތިފާޤަކުން ހެއްޔެވެ؟ އަފްލާކް މުޅި ދުވަހު ވީތަނެއް ނޭނގި އުޅުމާއި މާހިންއަށް އޭނާގެ ކައިވެނީގެ ޚަބަރު ލިބުމުގައި އެއްވެސް ވަރެއްގެ ގުޅުމެއް ވޭ ހެއްޔެވެ؟ 

އެގާރަ ޖެހިއިރުވެސް ލަޔާލްގެ ލޮލަކަށް ނިންޖެއް ނައެވެ. ބަނޑު ހައިވެގެން އޭނާ ދެން ދިޔައީ ތިރިއަށެވެ. އަޒީ އާއި މަފާޒް ސޯފާގައި ވާހަކައެއްގައި ތިބެފައި ލަޔާލް ފެނިގެން ހަނާ އަޅައިލުމުން ގޮސް ކައިރިއަށް ހުއްޓުނެވެ. މަފާޒް ދިނީ އުފާވެރި ޚަބަރެކެވެ. އަފްލާކް ކުޑައިރުކޮޅެއްގެ ތެރޭގައި އެނބުރި ގެއަށް އަންނަނީ އެވެ. ވަގުތުން ބޮލުން ބަރެއް ނެގުނުހެން ލަޔާލްއަށް ހީވިއެވެ. ފުން ނޭވައެއް ދޫކޮށްލަމުން ހިތާއި ދިމާއިން މޭގައި އަތް އަޅާލެވިއްޖެއެވެ. އެމަންޒަރު ފެނި އަޒީ އާއި މަފާޒް އެކަކު އަނެކަކުގެ މެދުގައި ނަޒަރެއް ބަދަލު ކޮށްލަމުން ހިނިތުން ވެލިއެވެ.

ލަޔާލް ގޮސް ފްރިޖް ހުޅުވައިގެން އޮތްވައި ޔަޝާރު ވެސް ވަނެވެ. "ކޯއްޗެއް ހޯދާލަނީ؟" ޔަޝާރު ކޮފީ ތައްޔާރު ކުރަން ހުރެގެން އެހިއެވެ. "ހައިވެގެން އެއްޗެއް ކާހިތުން މިއުޅެނީ." ލަޔާލް ހިންދެމިލައިފައި އެނބުރި ޔަޝާރުއަށް ބަލައިލަމުން ޖަވާބު ދިނެވެ. އަނެއްކާވެސް ފްރިޖާއި ދިމާއަށް ގުދުވެލައިފައި އޭނާ ނެގީ ރަތް އާފަލެކެވެ. "ހޮޓް މައިލޯއެއް ހަދައިދެންތަ؟ ވަރަށް ފިންޏެއްނު." ލަޔާލް ފެންފޮދަކުން އާފަލް ދޮވެލައިގެން އެތަނުން ގޮނޑިއެއްގައި އަތް އަޅުވާލި ގޮތަށް ކާން ފެށިތަނާ ޔަޝާރު ސުވާލު ކުރިއެވެ. އޭނާ ބަލައިލީ ވެހެމުން ދިޔަ ވާރެއަށެވެ. ކުޑަ ދޮރު ހުޅުވާފައި ހުރުމުން ވަޔާއެކު ވަދެފައިވާ ފެންތިކި ތަކުގެ އަސަރު ޓައިލްސްތަކުގެ ވަކި ހިސާބެއްގައި ފައުޅުވާން ހުއްޓެވެ. އެވަގުތު ލަޔާލް ހެވިލާފައި ބޯ ޖަހާލިއިރު ލޮލުގައި ވިދުމެއް ވިއެވެ. ޔަޝާރުގެ އެގާތްކަން އޭނާއަށް އަބަދުވެސް އުފާވެރިކަން ގެނެސްދެއެވެ. ހިތަށް އަރައެވެ. އޭނާގެ ދައްތައެއް ހުރި ނަމަވެސް ޔަޝާރުހާ ރަނގަޅު ވާނެއެވެ. އެހާ ލޯބިވާނެއެވެ.

"ހިނގާ މައްޗަށް. ރޫމް ކައިރިއަށް ދެވުނީމަ ލަޔާގެ ހޮޓްމައިލޯ ތަށި ދޭނަން." ޔަޝާރު ދެކޮފީ އާއި ހޮޓްމައިލޯ ތަށި ތަބަކަށް ލައިގެން ހިނގައިގަތެވެ. ނިކުތްއިރު މަފާޒް ފެންނާކަށް ނެތެވެ. އަޒީ ނަތާއަށް ގުޅައިގެން އިނދެފައި އެކަން އަންގައިލުމުން ސަލާމް ރައްދު ކޮށްދޭން އެދިފައި އެމީހުން މައްޗަށް އަރައިގެން ދިޔައެވެ. ކޮޓަރި އާއި ހަމައިން މައިލޯ ތަށި ނަގައިގެން ލަޔާލް ގުޑްނައިޓް އޭ ބުނެލިއެވެ. ޔަޝާރު ހިނިތުން ވުމާއެކު ރައްދު ދީފައި ހިނގައިގަތުމުން އޭނާ އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

ލަޔާލް އެނދަށް އަރައި އުނަގަނޑާއި ހަމައިން ރަޖާ އަޅާލައިގެން މައިލޯ ތަށި ބޯން އިންދައި ދޮރު ހުޅުވާލައިފައި އަފްލާކް ވަދެއްޖެއެވެ. "ކޮންތާކުން ތިއައީ؟" ލަޔާލް މައިލޯ ތަށި ސައިޑް ޓޭބަލް މަތީ ބަހައްޓާފައި އަވަސް އަވަހަށް އަހާލިއެވެ. "ބޭރުން." އަފްލާކް ތެމިފައިވާ އިސްތަށިގަނޑުން ފެންތައް ފޮޅަމުން އައިސް އަލަމާރި ކައިރިއަށް ހުއްޓިފައި ހުޅުވާލިއެވެ. ފެނުގެ އަސަރު ހިފައިފައިވާ ޓީޝާޓުގެ ކަރުވަޅުގައި ހިފައި ބޮލުން ވަކި ކޮށްލި ގޮތަށް އެނދުން ތެދުވި ލަޔާލް އާއި ދިމާއަށް އެއްލިއެވެ. "މަށަށްވެސް ތިކަން އެނގެއޭ. މިއަހަނީ ކޮންތާކުންހޭ؟" ލަޔާލް ފަސޭހަ ކަމާއެކު ޓީޝާޓް ހިފައި ދެއަތުން ބޮނޑި ކޮށްލައިގެން އައިސް ހުއްޓުނީ އަފްލާކްގެ ފުރަގަހަށެވެ. "އަހަރެން ދިޔައީ ލަޔާލްގެ މާހިން އާއި ބައްދަލު ކުރަން." އަފްލާކް އިތުރު ޓީޝާޓެއް ނަގައި ބޮލަށް ވައްޓާލައިގެން އެނބުރިފައި ޖަވާބު ދިނެވެ. ޔަޤީނާއި ގާތަށް ހީވެފައި އޮތަސް އަފްލާކް ސާފު ބަހުން ބުނެލުމުން ލަޔާލްއަށް ސިހުމެއް ލިބުނެވެ. "ކީއްވެ؟" ލަޔާލް ދެދަތްޕިލަ ޖައްސާ ބާރު ކޮށްލަމުން ސުވާލު ކުރިއެވެ. އަފްލާކް ބަލަހައްޓައިގެން ހުރެލައިފައި ކުއްލި އަކަށް މޫނުގައި ދެއަތުން ހިފަހައްޓައިލުމުން ލަޔާލްއަށް ތެޅިގަނެވުނެވެ. "ސަބަބު، އައި ލަވް ޔޫ. އެން އައި ޑޯން ވޯނަ ލޫސް ޔޫ." އަފްލާކް އެހެން ބުނެލި ގޮތުން ހީވީ ހިތުން އިއްވާލި ވާހަކައެއް ހެންނެވެ. އެއީ ތެދެއް ކަމުގައި ޤަބޫލު ކުރަން ލަޔާލްގެ ހިތް އެދި ގޮވާލި އެވެ. 

"ދޮގު. ހުސް ދޮގު." އަފްލާކް ދެއަތް ތިރިކޮށްލަފައި ދާން ވެގެން ފަސް ދިނުމުން ލަޔާލް ބާރަކަށް ބުނެލައިފި އެވެ. ހުރި ފިޔަވަޅު މަތީގައި އަފްލާކް ހުއްޓުނެވެ. ލަސްލަހުން އެނބުރި ބަލައިލި އިރު ލަޔާލްގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

"ތެދެއް. އިރެއްގައި އަހަރެން މަސައްކަތް ކުރިން ލަޔާލްގެ ލައިފް އާއި ކުޅެލަން. އެކަމަކު އެދުވަސް މާޒީ ވެއްޖެ. މިހާރު އަހަރެންނަށް ވިސްނެން ފެށީ އޭރު އެދުވަހުވެސް ، އަހަރެންގެ މަޤްސަދަކީ ލަޔާލް އަހަރެންގެ އެކަނި ހައްޤަކަށް ހެދުން ކަން. ރާފިލް ކައިރީ އަހަރެން ބުނިން ލަޔާ ސައިޒަށް ތިރި ކޮށްލާނެ ވާހަކަ އާއި އަދިވެސް މިކަހަލަ އެތައް އެއްޗެއް. އެކަމަކު ޓްރަސްޓް މީ އަހަންނަށް ލަޔާ ފުރަތަމަ ކަމުދިޔައީވެސް ލަޔާގެ ގަޓުގެ ސަބަބުން. އަހަރެން ބޭނުން ނުވީ އެކްސެޕްޓް ކުރަން ސާރާގެ މަޤާމަށް އެހެން ކުއްޖަކަށް އާދެވިދާނެކަން." އަފްލާކް ހަތަރު ކަޅި ހަމަކޮށްލައިގެން ހުރެ ނުހަނު މަޑުމައިތިރި އަޑަކުން ކިޔައިދިނެވެ. އޭނާގެ ވާހަކަތައް ނިމުމުން ލަޔާލްވެސް ހިމޭންވެފައި ހުރީ ބުނާނެ އިތުރު އެއްޗެއް ނޭނގިފައި ކަހަލައެވެ. ނޫނީ އަފްލާކްގެ އެވާހަކައިން ދޮގު. ތެދު ވަކި ކުރަން މަސައްކަތް ކުރަނީއެވެ.

"ޤަބޫލެއް ނުކުރެވޭނެ. ދެން އިތުބާރެއް ނުކުރެވޭނެ. ދެވަނަ ފަހަރަށް ހިތް ހަލާކު ވެދާނެތީ ބިރުގަނޭ....... ވަރަށް ބިރުގަނޭ....." ލޮލުން ވެއްޓުނު ކަރުނަ ތިކި އެއް އަތުން ފުހެލާފައި ލަޔާލް ބުނެލިއެވެ. އެޖަވާބު އަހާފައި އަފްލާކްގެ ހިތަށް ކުރި އަސަރު މޫނާއި ފެންކަޅިވި ދެލޮލުން ފައުޅު ކޮށްދިނެވެ. އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލައިފައި ނިތުގައި އަތް ހާކައިލަމުން އިސްޖަހާލިއެވެ. 

"ގެއްލުނު އިތުބާރު އަލުން ހޯދަން ކިހިނެތް އަހަރެން ހަދަންވީ؟ ޓެލް މީ! އަހަރެން ކޮން ކަމެއް ކުރިއްޔާ ލަޔާލް ޤަބޫލު ކުރާނީ؟" ވިސްނާލަން ހުރެފައި އަފްލާކް ސުވާލު ކުރިއިރު އެކަމަށް ބޭނުން ވެފައިވާވަރު އަޑުންވެސް އެނގުނެވެ. "ނޭނގެ. އަހަންނަކަށް ނޭނގެ. އަހަންނަށް އެނގޭހާވެސް އެއްޗަކީ ދެން އިތުބާރު ކުރަން ވަރަށް އުދަނގޫ ވާނެކަން. ލާކް ކޮންމެ ކަމެއް ކުރިއަސް ކޮންމެ ވާހަކައެއް ދެއްކިއަސް އަހަންނަށް ހީވާނީ ފޭކްއެއްހެން." ލަޔާލް އަނެއްކާވެސް ލޯ ފުހެލައިފައި އަނެއް ފަރާތަށް އެނބުރިގެން ގޮސް އަތުގައި އޮތް ޓީޝާޓް ދާވަށިގަނޑަށް ވައްޓާލިއެވެ. ނުރޯންވެގެން ތުންފަތުގައި ދަތް އަޅާލައިފައި އޭނާ ގޮސް އެނދުގައި އިށީންތަނާ ދޮރުފަތުގައި ޓަކި ދިން އަޑަށް އަފްލާކް ގޮސް ދޮރު ހުޅުވައިލިއެވެ. 

ދޮރުމަތީގައި ޝާމީ ހުރީ ޖީން އަތުގައި ހިފަހައްޓާލައިގެންނެވެ. ޖީން ބާރަށް ރޮނީއެވެ. އަފްލާކް ސުވާލު ކޮށްލުމުން ޝާމީ ބުނީ ޖީންއަށް ބިރުވެރި ހުވަފެނެއް ފެނުނު ވާހަކައެވެ. އަދި ބައްޕަ ކައިރިއަށް ދާން ކިޔާވަރުން ގެނައީއެވެ. "އިޓްސް އޯކޭ ބޭބީ. ޑެޑީ އިޒް ހިއަރ. ޖީން ޑެޑީ ކައިރީ މިރޭ ނިދާނީ." އަފްލާކް ޖީން އުރާލައިގެން ނިކުތީ ލަޔާލްއަށް ބަލައިވެސް ނުލައެވެ. ދޮރު ލެއްޕުނު އަޑަށް ލަޔާލް އެނބުރި ބަލާލައިފައި މޫނުގައި ދެއަތް އެޅި ގޮތަށް މަޑުމަޑުން ބާލީހާއި ދިމާއަށް ގުދުވިއެވެ. އެކަނި ވުމުން ޅަ ކުއްޖެއް ފަދައިން ކަރުނަ އޮއްސަން ފެށިއެވެ.

އަނެއް ކޮޓަރީގައި ޖީން ކައިރީގައި ބާއްވައިގެން އަފްލާކް އޮވެފައި ޖީންއަށް ނިދުނު ފަހުން އެ ތުއްތު މޫނުގައި ބޮސްދީފައި ތެދުވިއެވެ. ދެއަތް ދެއަތާއި އުނގުޅާލަން އިނދެފައި އޭނާ ސައިޑު ޓޭބަލް މަތީ ބަރިއަކަށް އަރުވާފައި ހުރި ޖީންގެ ފޮތްތަކުން ފޮތެއް ނަގައިގެން ހުޅުވާލިއެވެ. އެއުމުރުގެ ކުއްޖަކާއި ބަލާފައި ޖީންގެ މަސައްކަތްތައް ފާހަގަ ކޮށްލެވޭ ވަރަށް ރަނގަޅެވެ. ޖީންގެ ކުޑަ ކުޑަ އަތުން ކޮށްފައިވާ އެމަސައްކަތް ތައް ފެނިގެން އޭނާއަށް ހިނިތުންވެލެވުނެވެ. އަދި ދެވަނަ ފަހަރަށްވެސް ގުދުވެލާފައި ޖީންގެ ނިތުގައި އޭނާ ބޮސްދިނެވެ. ލަޔާލް މަތިން ހަނދާން ވެފައިވެސް އޭނާ ނިންމީ މިރޭ ޖީންގެ ކައިރީގައި އޮންނަ ގޮތަށެވެ. ދެވަނަ ފަހަރަށް ހޭލެވިގެން ޖީން އަނެއްކާ ބިރުގަނެފާނެއެވެ. އަފްލާކް އަތުކުރީ އޮތް ގަޑި ބާލާފައި ސައިޑު ޓޭބަލް މަތީ ބާއްވައިލުމަށް ފަހު އެނދުގައި އޮށޯވެލައި ދެބަފައިން ގައިގައި އެއްކޮށް ރަޖާ އަޅާލިއެވެ. 

ނިދި ހަލާކު ވުމުން ޝާމީގެ ލޮލަކަށް ނިންޖެއް ނައެވެ. އޭނާ އެނދުގައި ފުރޮޅިލާފައި ގަޑި ބަލާލިއިރު އަދި ކިރިޔާ ބާރަ ގަޑި ބައެވެ. ފަހަކަށް އައިސް ގިނަ ރޭ ރޭ ޖީންގެ ކޮޓަރީގައި އޮންނާތީ އޭނާއަށް ރީތިކޮށް ނިދެނީވެސް އެކޮޓަރީގައެވެ. ޝާމީ ލައިގެން ހުރި އަތް ކުރު ޓީޝާޓާއި ހަރުވާޅުގައި ކޮޓަރިން ނިކުތެވެ. މީހެއްގެ ހިލަމެއް ނެތުމުން އޭނާ ހިނގަމުން ހިނގަމުން ތިރިއަށް ދިޔައެވެ. ފޫހިވެފައި ހުރެގެން ޝާމީ ވަނީ ބަދިގެއަށެވެ. ޖީންގެ ނެނީ އެއްގެ މަޤާމުގައި އުޅުނަސް އެގޭގައި އޭނާއަށް މަނާ ކަމެއް ނޯވެއެވެ. އަޒީ ނަތާ އެކޭ އެއް ގޮތަށް އޭނާ އާ މެދު ކަންތައް ބަހައްޓައެވެ. މަފާޒް އާއި އަފްލާކްވެސް ކޮއްކޮއެއްހެން ވާހަކަ ދައްކައެވެ. ޝާމީ ފޫހިކަން ކަނޑުވާ ލުމަށްޓަކައި ފްރިޖުން އައިސް ކްރީމް ތައްޓަކާއެކު ސަމުސަލެއް ހިފައިގެން ނިކުމެ ސޯފާއަށް ދެފައި ނަގައިގެން ކާން އިނެވެ. ޓީވީ އަޅުވާފައި ޗެނަލްތައް ބަދަލު ކުރަނިކޮށް ކަމުދާ އެއްޗަކާއި ދިމާވިއެވެ. ޝާމީ ގަޔާވެފައި އިންދާ މަތިން ފިޔަވަޅު ތަކެއްގެ އަޑު އިވިގެން ސިހިފައި ބަލައިލެވުނެވެ. ޔާނިޒް އާއި އެކު އެއުމުރުގެ ދެޒުވާނުން ހަރުކޮށް ސިޑިން ފައިބައިގެން އާދެއެވެ. ޝާމީ ކަންބޮޑުވެފައި ބަލަހައްޓައިގެން އިންދާ އެތިން މީހުން އައިސް އަރާ ހަމަވިއެވެ. ޔާނިޒްއަށް ޝާމީ އެތާ އިންކަންވެސް އެނގުނީ ޓީވީ ހުޅުވާފައި ހުރީމައެވެ. އޭނާ ހޯދައިލާފައި ޝާމީ ފެނިގެން ބަލަހައްޓައިގެން ހުއްޓެވެ. 

އެވަގުތު އެތަނުން އެކުވެރިއަކު ޔާނިޒް ކަންފަތް ދޮށުގައި ސިއްރުން އެއްޗެކޭ ބުނެލުމުން ކުޑަކޮށް ހެވިލާފައި ޖަވާބުގައި ހަމަ އެހާ މަޑުން އެއްޗެކޭ ބުނެލައިފިއެވެ. އިތުރަށް މަޑު ކުރުމަކާ ނުލާ ތިންމީހުން ދޮރާއި ހަމައަށް ގޮސް ހުއްޓިފައި ޔާނިޒް ތަޅުދަނޑިން ދޮރު ހުޅުވައިގެން ހުރެ ދެއެކުވެރިންނަށް ވަދާޢު ކިޔައި ފޮނުވާލިއެވެ. ޝާމީ އެތަން ބަލަން އިނދެފައި ޔާނިޒް ދޮރު ތަޅުލާފައި އެނބުރި ލުމުން ނޫން ކަމަށް ހެދިފައި އަވަހަށް ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. ޔާނިޒްއަށް ޝާމީގެ މި ހަރަކާތް ފެނިގެން ކުޑަކޮށް ހެވިފައި ހުރެގެން އައިސް އަރިމަތީގައި ހުންނަ ސޯފާގެ ފުރަގަހުގައި ޝާމީއަށް ކުރިމަތި ވާނެހެން ހުއްޓިލިއެވެ. ޝާމީ އަދިވެސް ޓީވީއަށް ބަލަން އިނުމުން އޭނާވެސް ކަޅިއެއް އެއްލާފައި އަނެއްކާ އެމޫނަށް ބަލާލައިފިއެވެ. އަބަދުވެސް ހުޅި ޖަހައި ހައްޔަރު ކޮށްފައިވާ ފަން އިސްތަށިގަނޑު ނިއުޅާލައިފައި އޮތް އިރު ރޭގަނޑެއް ފަދައިން އެދޮން މޫނުގެ ދެފަރާތުން ފައުޅު ވަމުން ދެއެވެ. އަތް ކުރުގައި ޓީޝާޓުގައި ދެއަތްވެސް އޮމާންވެފައި ދޮން ކަމުން ޔާނިޒްގެ ސަމާލުކަން ހުއްޓުނެވެ. މިއޮތް ހުރިހާ ދުވަހު އެންމެ ކައިރީގައި ޝާމީ އުޅުނު އިރު ފާހަގަ ނުކުރެވުނު އެތައް ކަމެއް އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޔާނިޒްއަށް ފާހަގަ ކުރެވިއްޖެއެވެ.

"ނުނިދާ ހާދަ ލަސްވަންދެން ތިއިނީ." ޔާނިޒް ސޯފާމަތިން ފުންމާލައިގެން އިށީންދެފައި ކުޝަންއެއް ނަގައި މެޔާލައި ބޮނޑި ކޮށްލި ގޮތަށް ވާހަކަ ދެއްކިއެވެ. ޝާމީ ހައިރާން ކަމާއެކު މޫނު އަނބުރާލައިފައި ބަލައިލި އެވެ. އެގެއިން އޭނާ އާއި އެންމެ ބީރަތްޓެހީ ޔާނިޒްއެވެ. މިއަދާއި ހަމައަށް އެދެމީހުން މެދުގައި ވާހަކަ ދެކެވުނު ދުވަސްތައް އަތުގެ އިނގިލި ތަކުން ގުނާ ލެވޭހާ މަދުވާނެއެވެ. ވާހަކަ ދެކެވިފައި ހުރީވެސް ގޭގެ ކޮންމެވެސް މެމްބަރަކާއި ގުޅިގެން އެމީހަކު ކޮބައިތޯ އަހައިލުން ކަހަލަ ގޮތް ގޮތަށެވެ. "ޖީން ހޭލައިގެން ތެދުވިތަނާ ނިދި ފިލީ." ޝާމީ އައިސް ކްރީމް ސަމުސަލެއް އަނގައަށް ލައިގެން ކަމުން ވާހަކަ ދެއްކި ގޮތުން ނިކަން މީރުވާނެ ވައްތަރު ޖެހިއެވެ. އެހާ ފިނީގައި ޝާމީ އައިސް ކްރީމް ކާން އިނީތީވެސް އޭނާއަށް ވީ އަޖައިބަކަށެވެ. "ދަނީ.... ޔާނިޒް ތެދުވެފައި ކުޝަން ސޯފާ މައްޗަށް ލިއެވެ. ޝާމީ އަނެއްކާވެސް ބަލައިލާފައި ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލުމުން އޭނާ ފުރަގަސްދީފައި ހިނގައިގަތެވެ. ތަންކޮޅަކަށް ގޮއްސައި ހުއްޓި ދެއަތް ދެއަތާއި ގުޅުވާލައިގެން އެނބުރުނު އިރު ޝާމީ އަނެއްކާވެސް ބަލަން އިނީ ޓީވީ އަށެވެ. 

"ޝާމީ! ޔާނިޒް ގޮވައިލާފައި ޝާމީގެ ސަމާލުކަން ހޯދިއެވެ. "އަބަދު އިސްތަށިގަނޑުގައި ހުޅި ޖަހައިގެން އުޅުމަށްވުރެ ތިހެން ދޫކޮށްލީމަ ޑަބަލް ރީތި." ޔާނިޒް އެހެން ބުނެލިއިރު އެމޫނަށް މަޑު ރަތް ކުލައެއް ވެރިވިއެވެ. އަންހެން ކުއްޖަކަށް ތައުރީފް ކޮށްފައި އޭނާ ކަންބޮޑުވި އެއީ ފުރަތަމަ ފަހަރެވެ. ޝާމީ އެއްޗެއް ނުބުނެ ލޯ ބޮޑުކޮށްގެން ބަލަން އިނުމުން އޭނާ ގަދަކަމުން ހިނިތުންވެލައިފައި އަވަހަށް ސިޑިން އަރައިގެން ކޮޓަރިއަށް ދިޔައެވެ.

ރޮއި ރޮއި އޮތް ލަޔާލްއަށް ނިދުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. ހޭލެވިގެން ތެދުވިއިރު ކޮޓަރީގައި ބޮކިތައްވެސް ހުރީ ނިވާނުލައެވެ. ގަޑި ބަލާލައިފައި ލަޔާލް ފާޚާނާއަށް ވަދެ ވުޟޫ ކޮށްލައިގެން ނިކުމެ ނަމާދަށް އެރިއެވެ. ނަމާދުކޮށް އަވަދި ވެގެން ލަޔާލް ފޮތިގަނޑު ކަހާލިއިރު އަދިވެސް ވާރޭ ވެހެއެވެ. އެކަމަކު ތުނި ކޮށެވެ. ލަޔާލް ގޮސް ޖީންގެ ކޮޓަރި ދޮރު ހުޅުވާލުމުން ހައިރާން ކަމެއް ލިބިގެން ދިޔައެވެ. ޖީން އޮތީ އެނދުގައި އެކަންޏެވެ. ގަޑި ބަލައިލި އިރު ހައެއް ޖަހަން އުޅެއެވެ. އަފްލާކް ކަސްރަތު ޖައްސަން ވެގެން ނިކުތީ ކަމަށް ހީކޮށްގެން ގޮސް ބެލިއިރު އެތާކުވެސް ނެތެވެ. އޭނާ ހާސްވެފައި ހުރެގެން ތިރިއަށް ގޮސް ރާމިޒާ ފެނިގެން އަހައިލުމުން އަފްލާކް މިއަދު ކަސްރަތަށް ދިޔައީ ބޭރަށް ކަމަށް ބުންޏެވެ. 

ޗުއްޓީ ހަމަކޮށްފައި އަފްލާކް ހެނދުނު އޮފީހަށް ނިކުންނަން ފެށިއެވެ. ކޮލެޖްގެ ކިއެވުން އަދިވެސް ނުފެށޭތީ ލަޔާލް ހުންނަނީ ގޭގައެވެ. އެއް ގޮތަކުން އެއީ ނަސީބަކަށް ވިއެވެ. ބޭރުތެރޭގައި އުޅެން އެންމެ އުދަނގޫ ވާނީވެސް ފުރަތަމަ ތިން މަހެވެ. އަފްލާކް އޮފީހުން އައިސް ލަޔާލް ގޮވައިގެން ހޮސްޕިޓަލަށް ގޮއްސައި އައި ފަހުން ކާނެ ބޭސްތަކެއްވެސް އިތުރުވީއެވެ. ބޭސްކާން އަބަދުވެސް ފޫހިވާ ލަޔާލްއަށް އެއީ ބޮޑު ވޭނެކަށް ވިއެވެ. ބޭސް ކާޑްތައް ފެންނައިރުވެސް ހޮޑު އަންނަހެން ހީވެއެވެ. އެކަމަކުވެސް ހިތްވަރު ކޮށްފައި ގަޑިން ގަޑިއަށް ބޭސްކާން އޭނާ ސަމާލުކަން ދިނެވެ. އަފްލާކްވެސް ހަމަ ކޮންމެ ގަޑިއެއްގައި ގަވާއިދުން ސުވާލު ކޮށް އޭނާ ބޭސް ކެއިތޯ ބަލައެވެ.

ފުރަތަމަ ހަތަރު މަސް ފާއިތުވުމަށްފަހު ލަޔާލްއަށް ވަރަށް ބޮޑު ތަން ފަސޭހަވިއެވެ. ހޮޑުލުން ކޮންޓްރޯލްވެ އަދި ކިރިޔާ ކާއެއްޗެއްސާއި އޭނާ ގަޔާވާން ފެށީއެވެ. ގިނައިން ކާން ފެށުމުން ކުޑަކޮށް ފަލަވެސް ވެއްޖެއެވެ. ދެކޮލަށްވެސް ކުޑަކޮށް މަސްއަރައި ވާންވެލައިފައި ހުންނައިރު ރީތިކަން އިތުރު ކޮށްދެއެވެ. އެހާ އަވަހަށް ބަނޑުންވެސް އެނގެން ފެށިއެވެ. ލަޔާލް ކުރިން އެހާ ބަނޑު ހިނދިކޮށް ހުންނާތީ އަވަހަށް ފާހަގަ ވާން ފެށީއެވެ. މިހާރު އޭނާ ގޭގައި އުޅޭއިރު ގިނައިން ލަނީވެސް ހަށިގަނޑަށް އަރާމު ކޮޓަން ފޮތީގެ ޓީޝާޓާއި ޓޮޕް އެއްޗެއްސެވެ. ކޮލެޖަށް ދާއިރު ގަޔަށް ދޫ ގަމީސް އަދިވެސް ލައެވެ.

ހަވީރުގެ ވަގުތެވެ. ލަޔާލް ގޭގައި އުޅެނިކޮށް އަފްލާކް މެސެޖް ކޮށްލާފައި އޮތީ ފަހެއް ޖަހާއިރަށް ބޭރަށް ދާން ތައްޔާރު ވެގެން ހުރުމަށެވެ. އޭނާ ގަޑި ބަލާލިއިރު މާގިނަ ވަގުތެއް ނެތެވެ. ހެދުން ބަދަލު ކޮށްގެން ނިކުމެ އަވަހަށް ފުނާ އަޅައި އޮމާން ކޮށްލިއެވެ. މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައި ލިޕް ގްލޮސް އުނގުޅާލުމަށްފަހު ދެތުންފަތް ކާއްތައިލިއެވެ. ލައިގެން ހުރި ކަޅު ކުލައިގެ ލޭސް ގަމީހުގެ އެތެރެއިން ޕެޓީކޮޅެއް ލާފައި ހުންނައިރު ދޮން ދޮން ދެއަތާއި ކޮނޑު ދޮން ކަމުން ވިދައެވެ. ކަށި މައްޗާއި ހަމައަށް އަންނަ ހުދު ސްކިނީ އެކު ތިރި ފައިވާނަކަށް އަރައިލައިގެން ކޮޓަރިން ނިކުތްއިރު އަފްލާކް އައިސް ހުއްޓެނީއެވެ. "ގިވް މީ އެ މިނެޓް." އަފްލާކް އޭނާގެ ކޮނޑުގައި ހިފަހައްޓާލައިފައި ވަދެގެން ދިޔައެވެ. ލަޔާލް ތިރިއަށް ގޮސް ލިވިން ރޫމްގައި އިންދާ އިރުކޮޅަކުން ނިކުމެގެން އައީ ކަޅު ޓީޝާޓަކާއި ޖިންސެއްގައި ހުރެގެންނެވެ.

ކާރުގައި ލަޔާލް އިނީ ހިމޭނުން ވިސްނުމަކަށް ގެއްލިފައެވެ. އަފްލާކްވެސް ހީވަނީ ކޮންމެވެސް ކަމަކާއި ހިޔާލު ކުރާހެންނެވެ. ފަހަކަށް އައިސް ދެމީހުންގެ މެދުގައި ހަމަނުޖެހުން ކުޑަވެފައި ވިއަސް ބަސް މަދެވެ.

އިރުގަނޑެއް ފަހުން އަފްލާކް ކާރު މަޑުކޮށްލުމުން ލަޔާލް ބޭރު ބަލާލިއިރު ކުރިމަތިން އެލްޒީ ކެފޭ ފެންނަން ހުއްޓެވެ. އޭނާ ހައިރާންވެފައި ހުރެގެން ކާރުން ފައިބާފައި އަފްލާކްގެ ފަހަތުން ގޮސް ކެފޭގެ ދޮރު ހުޅުވާލައިފައި ވަދެއްޖެއެވެ. ކައުންޓަރގައި ލީޒާ އިނދެފައި އެދެމީހުން ފެނިގެން ބަލައިލި ގޮތް ވަރަށް ވެސް ތަފާތެވެ. ލަޔާލްގެ ހިތް ބާރަށް ތެޅެން ފެށުމުން ހިންދިރުވައި ލެވުނީވެސް އުދަނގުލުންނެވެ. އޭނާ ކުރިއަށް ދާން ނޭގިފައި ހުއްޓާ އަފްލާކް އަތުގައި ހިފައިލުމުން ސިހިފައި ބަލައިލެވުނީއެވެ. އަފްލާކް އޭނާ ގެންގޮސް ބެއިންދީ ކުރީން އަބަދުވެސް އައިސް އިންނަ މޭޒު ކައިރީގައެވެ. ލަޔާލް ދައްކާނެ ވާހަކައެއްވެސް ނޭނގިފައި ލީޒާއަށް ބަލަން އިންދާ އިރުކޮޅަކުން ލީޒާ ތެދުވެގެން އައިސް ކައިރިއަށް ހުއްޓިއްޖެއެވެ.

ކޮމެންޓް 0