ލަޔާލްގެ ސިކުނޑި މަސައްކަތް ކުރަން އިރުކޮޅެއް ނެގިއެވެ. އެއިރު މާހިން ދެތިން ފަހަރަށް އޭނާގެ ނަމުން ގޮވާލައިފި އެވެ. "ރޯންގް ނަންބަރ." ލަޔާލް ފޯން ކަނޑާލައިފައި އަފްލާކްއަށް ބުނެލި އެވެ. މާހިން އަނެއްކާ ގުޅަން ވާއިރަށް ފޯން ސައިލެންޓަށް ލައިފައި އަވަހަށް ޖިންސްގެ ޖީބަށް ކޮށްޕައިލި އެވެ. ނަސީބަކުން އަފްލާކްއަށް ޝައްކެއް ނުވެއެވެ. 

މަސައްކަތުގެ ބައިވެރިން ހަމަވާން ފެށުމުން ދެމަފިރިން ގެއަށް ވަންއިރު ސަހާމާ ބޮޑު އުނދޯލި ހެއްލާލަން އިނީ ފެންޑާގައެވެ. އެއުނދޯލީގައި ތަންމަތި ހަދައިގެން އަހުމަދާއި އަލީ ނިދާފައި ތިއްބެވެ. ސަހާމާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތީގައި އަޅުވާފައި ހުރި ޓީވީއަށެވެ. "ޖީން ނިދީތަ؟" ލަޔާލްމެން ފެނިގެން ސަހާމާ ގޮވައިލި އެވެ. ލަޔާލް ނޭނގެއޭ ބުނެފައި އަފްލާކް އާއި ދެމީހުންވެގެން ޝާމީމެން އޮންނަ ކޮޓަރިއަށް ގޮސް ވަދެއްޖެއެވެ. ޖީން ނިންދަން އެނދަށް އެރި ގޮތަށް ޝާމީ ވެސް އޮތީ ނިދި އައިސް ލޯ ކުޑަވެފައެވެ. އެކަމަކު އެދެމަފިރީން ފެނިގެން ކުއްލި އަކަށް ތެދުވެގެން ދުރަށް ޖެހިލައިފި އެވެ. ފިޔާތޮށި ކުލައިގެ ނިދާ ހެދުން ކޮޅެއްގައި ޖީން ނިކަން ލޯއްބެވެ. ނިދިފައި އޮތްއިރު ފަންކާގެ ވަޔާއެކު ފަން އިސްތަށިގަނޑުގެ ބައެއް މޫނު މައްޗަށް ފެތުރިފައި އޮތެވެ. 

އަފްލާކް ގޮސް މަގަތުގައި އިށީންދެފައި ނިދިފައި އޮތް ޖީންގެ މޫނުގައި ވަސްގަނެލައި ނިތުގައިވެސް ތުންފަތް ޖައްސައިލި އެވެ. ހީ ކުރިވަރަށް ވުރެވެސް ފަސޭހައިން ޖީން ރާއްޖޭގެ މާހައުލަށް ހޭނެމުން އެބަ އާދެއެވެ. އޭނާ އެހުންނަނީ އެކަމާއި އިންތިހާއަށް އުފާވެފައެވެ. އިރާދަ ކުރެއްވިއްޔާ ދުވަސްކޮޅަކުން މުޅިން ހަމައަކަށް އެޅިދާނެއެވެ. "ޝާމީ ބޭރަށް ދާން ބޭނުންތަ؟ އަހަރުމެން މިދަނީ ކުޑަކޮށް ހިނގާލަން ވެގެން." ލަޔާލް ޖީންގެ ކައިރިއަށް ހުއްޓިފައި ދައުވަތު ދިނެވެ. "ނޫނޭ. އަހަރެން މިރޭ ވަރަށް ނިދި އާދޭ އެބަ. ދެން އެހެން ފަހަރަކުން." ޝާމީ އެވަގުތުވެސް އާފުރިލި އެވެ. އަފްލާކް ތެދުވެގެން އައުމުން ދެޒުވާނުން އަތު ގުޅުވާލައިގެން ކޮޓަރިން ނިކުތެވެ. ސަހާމާއަށް އަންގައިލާފައި އެމީހުން ގެއިން ނިކުމެގެން މިސްރާބު ޖެހީ ފަރުހޫދުގެ ގެއަށެވެ. ހުރިހާ މަގެއްގައި ހޮޅިބުރި ޖަހައި އަލިކޮށްފައި އޮތަސް ބައެއް ހިސާބުތަކުގައި ހޮޅިބުރި އަނދާފައި ހުރުމުން އަނދިރި ގަޑުތަކާއިވެސް ދިމާވެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި ލަޔާލް އަތަށް ބާރު ކޮށްލާ ގޮތުން އަފްލާކް ދިމާކޮށްލައެވެ. އަމިއްލަ ރަށަށް ވިއަސް އޭނާ އިރެއްގައި ވެސް ރޭގަނޑު އެކަނި ބޭރަކަށް ނުދެއެވެ. އަބަދުވެސް ރިޒޫ ނޫނީ ކޮންމެވެސް ތިމާގެ ކުއްޖަކު އެކުގައި ހުންނާނެއެވެ. 

ފިހާރައެއް ކުރިމަތިން ފެނިގެން އަފްލާކް ޗުއިންގަމް ގަންނަން ބޭނުންވިއެވެ. ލަޔާލް ކައިރީ މަޑުކުރަން ބުނެފައި އޭނާ ވަދެގެން ދިއުމުން ފުރަތަމަވެސް ފޯން ނަގައި ޗެކް ކޮށްލެވުނެވެ. މެސެޖެއް އޮތުމުން ލަޔާލްއަށް ޔަޤީންވިއެވެ. މާހިން ނޫން މީހަކު އެގަޑީގައި މެސެޖެއް ނުކުރާނެއެވެ. ލަޔާލް ކަންބޮޑުވެފައި ހުރެގެން މެސެޖް ހުޅުވައިލުމުން ފެނުނީ ހުސް މެސެޖެއް އޮތްވައެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ ލަޔާލްއަށް އިނގިލީގައި ދަތް އަޅައިލެވުނެވެ. ވިސްނަން ހުއްޓައި އަފްލާކް އެނބުރި އަންނަތަން ފެނިގެން އަނެއްކާ ފޯނު ޖީބަށް ލައިފިއެވެ. އެމީހުނަށް ދެވުނުއިރު ރާފިލް ނިކުމެ ހުރީ މަގުމަތީގައެވެ. ކޮންމެވެސް މީހަކާއި ފޯނުން ވާހަކަ ދައްކަމުން ގޭގެ ފާރުން ބޭރަށް އެލިފައިވާ ގަހެއްގެ އޮފިގަނޑަކުން ފަތް ނައްޓައެވެ. "އެހެން މީހުން ރިލޭޝަން ޝިޕްގައި އުޅޭއިރު ތިމާވެއްޓަށް ފައިދާ ކުރަނީ. އެހެންމީހުން މާ ވިއްޔަ ފޮޅުވަނީ. މީނަ މިކުރާ ކަމަކީ ފަތްތައް ހަލާކު ކުރަނީ. ތީ ކޮންކަހަލަ ރިލޭޝަން ޝިޕެއް އަނެއްކާ؟" ލަޔާލް ގޮސް ހުއްޓިފައި ދިމާކޮށްލި އެވެ. ރާފިލް ހެވިފައި ފޯނު ބާއްވަނީ ބުނެ ކަނޑާލައިފި އެވެ. 

"ލާކް ހިނގާ ކޮފީއެއް ބޯލަން. މިތާ ކައިރީގައި އެބަހުރި ވަރަށް ފެންވަރުގެ ކޮފީ ޝޮޕެއް." ރާފިލް ބުނެލިއެވެ. "އާ. އެއީ ސަޅި ތަނެއް." ލަޔާލްވެސް ރާފިލް އާއި އެއްބައި ވެލިއެވެ. "ދެންމެ ކައިގެން މިއައީވެސް އެކަމަކުވެސް ހިނގާ ދޯ. ލަޔާ ކިހިނެތް ހަދާނީ؟ ނަތާ ކައިރީ މަޑުކުރަންވީނު." އަފްލާކް ދެފިކުރެއްގައި ހުރެފައި އެންމެ ފަހުން ނިންމީ ރާފިލްގެ ދައުވަތު ޤަބޫލު ކުރާށެވެ. "ނަތާ ނެތް ގެއަކު. މިގޭގަ އުޅޭ ބޯއިގެ ސައިކު ފަހަތުގަ ބުރުޖަހަން ދިޔައީ." ރާފިލް ހިތްހަމަ ނުޖެހިފައި ހުރިވަރު އެނގެނީ ނާޝިފްގެ ނަންވެސް ދޫމައްޗަށް ގެންނަން ބޭނުން ނުވީމައެވެ. "އަޅާނުލާ އިރުކޮޅަކުން އަތުވެދާނެ. އެހެންނޫނަސް ނެފް ވަރަށް ޑީސެންޓް ވާނެ." އަފްލާކްގެ ނިތަށް ރޫ ގިނަވި ތަން ފެނިގެން ލަޔާލް އަވަހަށް ބުނެލިއެވެ. "ގިނައިރު ވަންޏާ ނަތާއަށް ގުޅައިގެން ގެއަށް ގެންނާތި!" އަފްލާކް ދަމުން ލަޔާލްއަށް އެންގިއެވެ. 

އެމީހުން ގޮސް ގެއްލުމުން ލަޔާލް އަނެއްކާވެސް މެސެޖް ހުޅުވައިގެން ހުއްޓާ އިތުރު މެސެޖެއް އަތުވެއްޖެއެވެ. "ހޭއި ރެޑް ރޯސް؟ ވަސްއަޕް؟" މާހިންގެ ދެވަނަ މެސެޖް ފެނިފައި ލަޔާލް ސިއްސައިގެން ގޮސް ވަށައިގެން ހޯދައިލެވުނެވެ. އޭނާ އަދިވެސް ލައިގެން ހުރީ ހަވީރު ފެންވަރައިގެން ލީ ރަތް ގަމީސްކަން މާހިންއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ "ކޮންތާކު ތިހުރީ؟" ލަޔާލް ރިޕްލައި ކޮށްލިއެވެ. "ނެކްސްޓް ޓު ޔޫ." ޖަވާބު ފެނިފައި ލަޔާލް ހައްތަހާ ފިނިވެއެވެ. ދެވަނަ ފަހަރަށް ހޯދައިލަންވެސް ނުކެރިފައި އޭނާ ހުއްޓާ ތުން ގޮއްވައިލި އަޑު އައެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އަޑު އައި ދިމާއަށް މޫނު އަނބުރައިލެވުނެވެ. މާހިން ނިކުމެ ހުރީ ޖެހިގެން ހުރިގޭ ދޮރުމަތީގައެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްގައި ސްމާޓްކަން އިންތިހާއެވެ. ފަންއިސްތަށިގަނޑުގެ ބައެއް ނިތްމައްޗަށް އެޅިފައި އޮތެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި ލަޔާލް ހުއްޓައި މާހިން ހިނގައިގަތުމުން މޭގަނޑު ތުރު ތުރު އަޅަން ފެށިއެވެ. މާހިން އައިސް ހުއްޓިލީ ސީދާ ލަޔާލް ކުރިމައްޗަށެވެ. 

"ހާލު ކިހިނެތްތަ؟" މާހިން ހަތަރުކަޅި ހަމަކޮށްފައި އެހިއެވެ. "ރަނގަޅު." ފޯނު ޖީބަށް ލައިފައި ފިނިވެފައިވާ ދެއަތްތިލައިން ގަމީހުގެ ގޮށަކާއި ކުޅެމުން ލަޔާލް އިސްޖަހައިލި އެވެ. ދެއަހަރު ފަހުން އަދިވެސް މާހިން ފެނުމުން އޭނާއަށް މިބަދަލުތައް އަންނަންވީ ސަބަބެއް ނުވިސްނުނެވެ. ލަޔާލް ހިތުގެ އަޑިން ޤަބޫލު ކުރި ގޮތުގައި އަފްލާކް ދެކެ ލޯބިވެވުމުން މާހިންއަށް ޓަކައި އެހިތުގައިވި ޖަޒްބާތުތައް ނެތި ހިނގައްޖެއެވެ. "މިތާ ކީއްތިކުރަނީ؟" އަނެއްކާވެސް ވާހަކަ ދެއްކީ މާހިންއެވެ. އިސް އޮބައިލައިގެން ހުރިއިރުވެސް ލަޔާލްގެ މޫނު އައީ ރަތްވަމުންނެވެ. އެހާ ކައިރީގައި ހުރެ މާހިން އޭނާއަށް ބަލާވަރުން މާބޮޑަށްވެސް ރަކި ވެއްޖެއެވެ. "ކަމެއް ނުކުރަން. މިގެއަށް އައިސްލީ." ލަޔާލް އެވަރުންވެސް މާހިންގެ ކޮންމެ ސުވާލަކަށް ބަރާބަރަށް ޖަވާބު ދެމުން ދިޔައެވެ. މާހިންގެ ކުރިމަތީގައި ނުހުރެ ގެއަށް ވަންނަން ދާންވީއޭ ހިތަށް އަރާފައިވެސް އަމަލު ކުރާކަށް ނުކެރުނެވެ. އޭނާ އެގޮތަށް ކަންތައް ކުރުމުން މާހިން ކުރާނީ ކޮން ކަހަލަ އަސަރެއް ހެއްޔެވެ؟ 

"ވާހަކައެއް ދައްކާލަން ވެފަ އެބައޮތް. ކޮންއިރަކުން ފްރީވާނީ؟' މާހިންގެ ތިންވަނަ ސުވާލު އަހާފައި ލަޔާލްއަށް އިސްއުފުލައިލަން މަޖުބޫރު ވެއްޖެއެވެ. އެދެލޮލުން، ކަންބޮޑުވެފައިވާ ވަރު މާހިންއަށްވެސް މިފަހަރު ފެންނާނެއެވެ. "ހާދަ ޓެންސް ވީ. ނޫޅެމޭ ގަޑި ކިޔައިގެން ތަނަކަށް ގެންދާކަށް. ލަޔާ ބޭނުމިއްޔާ މިގަޑިވެސް އޯކޭ." ލަޔާލްގެ ކުލަވަރު ފާހަގަ ވެގެން މާހިން ހީލިއެވެ. "ނޫން. ނޫން. މިތާގަ ތިއްބާ މީހަކަށް ފެނިގެން ކޮންމެފަދަ ވާހަކައެއް ދައްކަފާނެ. އިނގެ އެއްނު މިރަށު މީހުންނަކީ ވާހަކަ ހެދުމުގެ މާހިރުންކަން." ލަޔާލް ކުރީގެ ހަނދާނެއް އާކޮށްދިނެވެ. "އޯލްރައިޓް." މާހިން ކޮންމެހެން ލަޔާލްއަށް މަޖުބޫރު ކުރާކަށް ހިޔާލެއް ނުކުރެއެވެ. އޭނާއަށް އިނގެއެވެ. މިގަޑީގައި ނޫނިއްޔާ އެހެން ގަޑިއަކުން ނަމަވެސް ލަޔާލް އޭނާއަށް ފުރުސަތު ދޭނެއެވެ. "ފްރީ ގަޑިއެއް މެސެޖް ކޮށްލާނަން." އަފްލާކް މަތިން ހަނދާންވެފައި ލަޔާލް އަވަހަށް އެތަނުން ދާންވެގެން ބުނެލިއެވެ. މާހިން އެއްޗެއް ބުނަން އުޅެފައިވެސް ލަޔާލް ގެއަށް ވަންނަން ހިނގައިގަތުމުން ބަލަހައްޓައިގެން ހުރީއެވެ.

ނަތާމެން ސައިކަލު ބުރު ނިންމާލައިފައި އައިސް ވަންއިރު ރިޒޫ އާއި ޔާނިޒް ތިބީ ރާޒުވާ ކުޅެން ސިޓިންރޫމް ގައެވެ. ލަޔާލް ކައިރީގައި ހުރި ސޯފާއެއްގައި އިނދެގެން އިންބޮކްސްގައި ހުރި މެސެޖްތައް ޑިލީޓް ކުރަނީއެވެ. ނަތާ ދުވެލާފައި ގޮސް ކައިރިއަށް ޖެހިގަތުމުން ލަޔާލް ސިހިގެން ގޮސް ފޯނުވެސް އަތުން ދޫވިއެވެ. "ނަތާ!" ފޯނު ވެއްޓި ޓައިލްސްމަތީ ޖެހުނު ގޮތަށް އެކިބައިތައް އެކި ތަނަށް ބުރުއްސައިގެން ދިއުމުން ލަޔާލްއަށް ބާރަށް ބުނެލެވުނެވެ. "އޯހ ސޮރީ." ނަތާ ދެރަވެގެން ތުން ދަމައިލާފައި ފޯނުގެ ބައިތައް ހޮވައިގެން ގެނެސް ލަޔާލް އަތަށް ދިނެވެ. ނާޝިފް އެތަނުން ހުސް ސޯފާ ގޮނޑިއެއްގައި އިށީންދެ ރިޒޫމެން ގެ ކުޅިގަނޑަށް ކަޅި ހިންގަން ފެށިއެވެ. އަންނަ ފޯރީގައި ރިޒޫ ގިނަ ފަހަރަށް އިންނަނީ ސޯފާއަށް ދެފައި އަރުވައިގެން ދެކަކޫ ޖަހައިގެންނެވެ. ޔާނިޒްވެސް ނިކަން ޝައުޤުވެރިވެފައި ކުޅެން އިނެވެ.

"އަހަރެން ދަނީ." ލަޔާލް ކުއްލި އަކަށް ތެދުވެފައި ނިކުންނަން ދިޔައެވެ. "ކިހިނެތްވީ؟" އެވަގުތު ނާޝިފް އަހައިލި އެވެ. އެއަޑު އިވިގެން ނަތާވެސް ލަޔާލްގެ މޫނަށް ބަލާލައިފިއެވެ. "ކުޑަކަމެއް ހަނދާންވެގެން." ލަޔާލްގެ ޖަވާބު އިވިގެން އެކަކުވެސް ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އައި މަގުމަތީގައި އިރުއިރުކޮޅާ ބިރުން އަފްލާކް އަތަށް ބާރު ކުރި ކުއްޖާ އެނބުރި ދިޔަ މަގުމަތީގައި އެފަދަ އެއްވެސް ހިޔާލެއް ނެތެވެ. ހިޔާލެއް އަންނާނީވެސް ސިކުނޑިން ހުސް ޖާގައެއް ލިބިގެން ނޫން ހެއްޔެވެ؟ ލަޔާލް އެގެއިން ނިކުތީއްސުރެ އެނބުރި ގޮސް ކޮޓަރިއަށް ވަންނާންދެން ހިތުގައި އޮތީ މާހިންގެ ހިޔާލު ތަކެވެ. 

ގޭޓުން ވަންއިރު އަޒީ އާއި ސަހާމާގެ ދެމަފިރިން ދުފާލަން ތިބީ ގޯތިތެރޭ ހުރި ޖޯލިފަތީގައެވެ. މަސައްކަތުގެ ބައިވެރިން އޭރު ޖޯޝާއި ފޯރީގައި ކުރިއަށް ދިޔައެވެ. މުޅި އެތަން އަލި ކޮށްލާފައި އޮތުމުން ލަޔާލްއަށް ކުޑަކޮށް އުދަނގޫވެސް ވިއެވެ. އޭނާ ބޭނުންވީ އެކަކުގެ ލޮލުގައިވެސް އަޅައި ނުގަނެ ގެއަށް ވަންނާށެވެ. އަޒީ ސުވާލު ކުރުމުން އަފްލާކް ވީތަން ބުނެފައި އޭނާ އަވަހަށް ގެއަށް ވަދެއްޖެއެވެ. ފުރަތަމަ ކަމެއް ގެ ގޮތުން ޖީންގެ ކޮޓަރި ޗެކްކޮށްލިއެވެ. ޖީން އަދިވެސް އޮތީ ގަދަ ނިދީގައެވެ.

ލަޔާލް ކޮޓަރި ތަޅުލައިފައި ފުރަތަމަވެސް ގޮސް އަލަމާރި ކައިރީގައި އިށީންދެލިއެވެ. ބެޑްޝީޓް އަޅާފައި ހުރި ވަތްގަނޑު ދަމާލައިފައި އޭގެ ދަށުގައި ފޮރުވި ފޮޓޯތައް ނަގައި ޓައިލްސް މަތީގައި އަތުރާލައިގެން ބަލަން ފެށުމުން އިއްޔެ ވީ ކަމެއްހެން މާޒީގެ ދުވަސްތައް ހަނދާނަށް އަންނަން ފެށިއެވެ. އޭނާއަށް މާހިން ފުރަތަމަ ކަމުދާން ފެށީ އުމުރުން ސާދަ އަހަރުގައެވެ. މާލޭގައި ކިޔަވަން ހުރެފައި މާހިން ރަށަށް އަންނަނީ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. އަވަށު ހުރިހާ ކުދިން މާހިން ރީތިވެގެން ވަށައިގެން އެނބުރޭއިރު އޭނާ ހުންނަނީ ސިއްރުން ބަލާށެވެ. ކުރިމަތީގައި ހުންނަ ގޭގައި އުޅޭތީ ކޮންމެ ދުވަހަކު އެތައް ފަހަރަކު މާހިންގެ ކުރިމައްޗަށް އޭނައަށް އެރެއެވެ. ހެނދުނު ހެނދުނާ ކުނިކަހާފައި އެއަށްފަހުވެސް މަގުމައްޗަށް ފަތެއް ވެއްޓޭތޯ އޭނާ ފާރައަށް ހުންނަނީ މާހިންގެ މޫނު ދެކޭ ހިތުންނެވެ. ބައެއް ދުވަސް ދުވަހު މަގުމައްޗާއި ކައިރިއަށް ހުންނަ ހިރުނދު ގަހަށް އަރައި އޮފިތައް ހޫރައިގެންވެސް މަގަށް ފަތް އަޅައެވެ. އޭނާ ކުނިކަހަން އުޅޭއިރު މާހިން އަބަދުވެސް އުޅޭނީ އެގޭ ގޯތިތެރޭގައި ހުންނަ ގުރާ ކޮށި ކައިރީގައެވެ. މާހިންގެ ކަމަކީ އެއީއެވެ. ހުރިހާ އަންހެން ކުދިން އޭނާއަށްޓަކައި ފިދާވާން އެދިގެން ހުންނައިރުވެސް މާހިންގެ ޝައުޤުވެރިކަމާއި ގުޅިފައި ވަނީ ގުރާ ކޮށްޓާއި ތިރީގައި އޮންނަ މަސް ފެންގަނޑެވެ. 

ހަފްތާއަކު ދެފަހަރު ކަހަލަ ގޮތަކަށް މާހިން ފެންގަނޑު ހިއްކައި އާ ފެން އަޅައެވެ. ގުރާ ކޮށީގެ ކޮންމެވެސް މަރާމާތެއް ނުކުރާ ދުވަހެއްވެސް މަދުވާނެއެވެ. ގަޑިން ގަޑިއަށް އެސޮރުމެންނަށް ކާނާ ދިނުމުގައި މާހިން އެއްފަހަރުވެސް އިހުމާލު ނުވެއެވެ. ލަޔާލް އެގޮތުގައި މާހިންއަށް ފާރަލާތާ ތިންވަނަ އަހަރަށް އޮތްވައި ދެން އައި ބޮޑު ބަންދުގައި ރަށަށް އައީ އަންހެންކުއްޖަކު ގޮވައިގެންނެވެ. އެދުވަހު ލަޔާލްގެ ހިތް ހަލާކުވިއެވެ. މާހިން އެ ބީރަތްޓެހި ކުއްޖާގެ އަތުގައި ހިފާލައިގެން ހުރި މަންޒަރެއް ފެނުނު ދުވަހެއްގައި ރޮއި ރޮއި ދެލޯ ދުޅަވިއެވެ. އުންމީދު ކަނޑާލި ގޮތަށް މާހިންގެ ނަންވެސް ހިތުން ފުހެލަން ނިންމިއެވެ. އެހެން އުޅެނިކޮށް އެއްދުވަހަކު ރިޒޫ ގެނެސްދިނީ ނޯޓެކެވެ. ލަޔާލް އެ ނޯޓް ކިޔާލިއިރު އެއީ ކޮންމެވެސް ކުއްޖަކު ބައްދަލު ކުރަން ގަޑި ކިޔާފައި އޮތް ނޯޓެކެވެ. ލަޔާލް ސުވާލުކޮށް ވަރުބަލި ވީއިރު ރިޒޫ އެއީ ކާކުކަން ބުނެދޭކަށް ނޫޅުނެވެ. އެމީހަކު އެނގޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ކިޔާފައިވާ ގަޑިއަށް އެތަނަކަށް ދިއުމެވެ. 

ފޫހިވެފައި ހުރެގެން ލަޔާލް ތައްޔާރުވިއެވެ. މަންމަ ކައިރީ ބަހަނާ ދެއްކީވެސް ރިޒޫއެވެ. ދެމީހުން އަތިރިމައްޗަށް ނިކުތްއިރު ދޮންވެލިގަނޑުގެ މެދުގައި ފުރަގަސްދީގެން ފިރިހެނަކު ހުއްޓެވެ. ފުދޭވަރަކަށް އަނދިރިކޮށް އޮތުމުން ކާކު ކަމެއް އޮޅުން ފިލާވަރެއް ނޫނެވެ. ރިޒޫ އަތުގައި ހިފައިގެން އުޅެނިކޮށްވެސް ވަކި ހިސާބަކުން ލަޔާލްއަށް ކެހި ދީފައި އަތް ފޮޅުވާލައިގެން ގޮސް ކައިރީ ހުރި ގަސްތަކެއް ފުރަގަހަށް ވަދެ ފިލައިފިއެވެ. ލަޔާލް ހިސާބަކަށް ޖެހިލުންވެފައި ހުރެ ގޮސް ހުއްޓިލީ ޒުވާނާގެ ފުރަގަހަށެވެ. ވައިރޯޅީގެ އެހީގައި ނޭފަތުގައި އައިސް ޖެހުނު ހިތްގައިމު ސެންޓްގެ ވަހުން ހުރިހާ ހިއްސެއް ހޭލައްވާލިއެވެ. ދެޖީބަށް އަތް ޖަހާލައިގެން އޭނާ ހުއްޓި ހުރިއިރު ނިކަން ފިރިހެންވަންތައެވެ. "އަހަރެން މިހުރީ އައިސް. ދެން ބުނެބަލަ ކީއްކުރަން ބައްދަލު ކުރަން ބޭނުންވަނީ؟" ހިމޭނުން ހުރެލައިފައި ލަޔާލް އައިސް ހުރިކަން އަންގައިލިއެވެ. އެވަގުތު އެޒުވާނާ ފަސްއެނބުރި ބަލައިލިއެވެ. ނޭވާލާން ހަނދާން ނެތިފައި ލަޔާލް ހުރީ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިފައެވެ. ބައްދަލު ކުރަންވެގެން އޭނާއަށް ގަޑިކީ ފަރާތަކީ މާހިންއެވެ. 

އިތުރު ބުނާނެ އެއްޗެއްވެސް އެވަގުތު ލަޔާލްގެ ދުލަކަށް ނައެވެ. މާހިން ކައިރިވެލައިފައި އޭނާގެ އަތުގައި ހިފާލައިގެން ހުރެ ދެއްކީ އިވޭނެ ކަމަށް ދުވަހަކުވެސް އުންމީދު ނުކުރާ ވާހަކަ ތަކެކެވެ. އެމޫނު ދެކެލުމަށްޓަކައި ކޮންމެ ދުވަހަކު ކުނިކަހަން ނިކުންނަ ކޮންމެ ވަގުތަކީ ޚުދު މާހިންވެސް ހަމައެކަނި އޭނާ ދެކެލުމަށްޓަކައި ގުރާ ކޮށި ބަހަނާއަކަށް ހަދައިގެން ނިކުތް ވަގުތު ތަކެއް ކަމެވެ. މާހިންގެ ޝައުޤަކީ ހަޤީޤަތުގައި އެގުރާ ކޮށްޓާއި މަސްފެންގަނޑު ނޫން ކަމާއި އެއީ ހަމައެކަނި އޭނާއަށްޓަކައި މާހިން ކުރި ކަންތައްތަކެއް ކަމެވެ. ހުރިހާ ހުވަފެންތަކެއް ސީދާވިހެން ލަޔާލްއަށް ހީވިއެވެ. އޭނާ އެއީ އެވަގުތު ދުނިޔޭގައި ހުރި އެންމެ އުފާވެރި އަންހެން ކުއްޖާ ކަމުގައި ހިތާއި ހިތުން އެއްބަސް ވެވުނެވެ.

އެދުވަހުން ފެށިގެން ޖެހިގެން އައި އަހަރު ފެށޭންދެން ދެމީހުންގެ ސިއްރު ބައްދަލުވުން ތައް ކުރިއަށް ދިޔައެވެ. މާހިން އޭނާއަށްވުރެ ހައަހަރު ދޮށީވެފައި މާލޭގައި ކިޔަވަން އުޅުނެއް ކަމަކު ޖިސްމާނީ އެއްވެސް ގުޅުމެއް އެދެމެދުގައި އޮތީ ނުހިނގައެވެ. ބޮޑު ވަރަކަށްވެސް މާހިން ކުރާ ކަމަކީ އަތުގައި ހިފާލުމެވެ. އާ އަހަރު ފެށުމާއެކު މާހިން ދިނީ މުޅިން އާ ޚަބަރެކެވެ. ދެން އޮތް އަހަރުތަކުގެ ކިޔެވުން އޭނާ ކުރިއަށް ގެންދާނީ ރާއްޖޭން ބޭރުގައި ކަމެވެ. ފުރަންވެގެން މާހިން ބައްދަލު ކޮށްފައި ލޯބިވާ ކަން ތަކުރާރުކޮށް ފައުޅު ކުރިއެވެ. އެކަމަކު އެއީ އެދެމެދުގައި ބަދަލު ކުރެވުނު ފަހު ވާހަކަ ކޮޅު ކަމަށް ވެގެން ދިޔައެވެ. މާހިން ބޭރަށް ދިޔަ ގޮތަށް ޚަބަރު ލިބުންވެސް ހުއްޓުނީއެވެ. ދެއަހަރު ވާންދެން ލަޔާލް ހުރީ އިންތިޒާރުގައެވެ. މާހިންގެ މެސެޖެއް ނޫނީ ފޯން ކޯލެއްވެސް ލިބޭނެ ކަމަށް އޭނާ އުންމީދު ކުރިއެވެ. އެކަމަކު....

ކޮންމެވެސް މީހަކު ތަޅުގައި ހިފި އަޑަށް ލަޔާލް ފުންމައިގެން ތެދުވިއެވެ. "ލަޔާލް! ދޮރު ހުޅުވަބަލަ!" އަފްލާކްގެ އަޑު އަހާފައި އޭނާގެ ހިތް ތެޅެން ފެށީ ނުހަނު ބާރަށެވެ. ލަޔާލް އަވަހަށް ހުރިހާ ފޮޓޯތައް ކުރިން ހުރި ތަނުގައި ފޮރުވާފައި ގޮސް ދޮރު ހުޅުވައިލިއެވެ. "ދޮރު ތަޅުލައިގެން ކީއްތި ކުރަނީ؟" އަފްލާކްގެ ތޫނު ލޮލުން ބަލައިލި ގޮތުން ލަޔާލް ސިހިއްޖެ އެވެ. "އަމް... ހޫނުވާތީ... ފެންވަރަން ވެގެން ތަޅުލީ..." ވިސްނައިލާފައި ހިތަށް އައި ފުރަތަމަ ހިޔާލު ލަޔާލް ބޭރުކޮށްލި އެވެ. "އެހެންތަ... އަހަރެންނަކަށް ނެތްތަ ޗާންސެއް؟ ކޮފީ ބޮއިގެން އައީމަ ކުޑަކޮށް ދާހިއްލާލައިފި." އަފްލާކް ދޮރު ލައްޕާފައި ލަޔާލް އުނަގަނޑުގައި އެއް އަތް އަޅުވާލައިގެން ކައިރިއަށް ގެނައެވެ. "ޗާންސް އެބައޮތް. އެކަމަކު ބާތް ޓަބް ވަރަށް ކުޑަ." ލަޔާލްގެ ދެއަތް އަފްލާކްގެ ކަރުގައި އަޅުވާލައިގެން ސީދާ އެދެލޮލަށް ބަލަން ފެށިއެވެ. "ކުޑައިއްޔާ އަދި މާރަނގަޅެއްނު." އަފްލާކް އަނެއް އަތުން ލަޔާލް ނިއްކުރިން ވަކިވެފައިވާ އިސްތަށި ކޮޅަކާއި ކުޅެލާފައި ޝަހާދަތް އިނގިލި ކޯތާފަތުގައި ހިންގަމުން އައިސް އެރީތި ތުންފަތާއި ހަމައިން ހުއްޓާލިއެވެ. ރަކިވާ ގޮތްވެގެން ލަޔާލް އެސްފިޔަތައް ތިރިކޮށްލި އިރު އެއިނގިލި ދަތްދޮޅި ދަށަށް ލައި މައްޗަށް އުފުލާލިއެވެ. ހަތަރު ކަޅި ހަމަކޮށްލުމުން ލަޔާލްއަށް ފެނުނީ އަފްލާކްގެ މޫނު އެންމެ ކައިރީގައި ވަނިކޮށެވެ. އިސާހިތަކު ލޯ މެރި ދެއަތްތިލައިން އަފްލާކްގެ އިސްތަށިގަނޑަށް ވާންކޮށްލެވުނެވެ. ބިމުން މައްޗަށް ހަށިގަނޑު އުފުލުނުކަން ލަޔާލްއަށް އިހްސާސް ވިއިރު އަފްލާކް ހުރީ އެނދާއި ހިސާބުގައެވެ. އެނދުގައި އޭނާ ބައިންދާފައި ސިކުންތު ކޮޅެއްގެ ބްރޭކެއް ނަގައިގެން ގައިގައި އޮތް ޓީޝާޓް ބާލައި ތިރިއަށް ދޫކޮށްލިއެވެ. 

ލަޔާލް އެވަގުތުކޮޅުގެ ބޭނުން ކޮށްގެން ލައިޓް ފަނޑުކޮށްލާފައި އެނބުރި ނުލެވެނީސް އަފްލާކް މަޑުމަޑުން ކޮށްޕާލައި އޭނާ އެނދުމައްޗަށް ވައްޓާލައިފި އެވެ. ލަޔާލް ގަމީހުގެ ގޮށްތައް ނައްޓަން އުޅުމުގެ ބަދަލުގައި އަފްލާކް ގޮށްފަތީގައި ހިފައި ދަމައިގަތުމުން ހުރިހާ ގޮށެއް އައީ ގަމީހުންވެސް ވަކިވެގެންނެވެ. އެބިޔަހަށިގަނޑު ލަޔާލްއަށް ބުރައަކަށް ވެދާނެތީ ގުދުވެލައިގެން އޮތުމުން އަފްލާކް ކަރުގައި އަޅާފައި އޮތް ފަށުގެ ފޫ ކޭއްތިލާ ގޮތުންވެސް ލަޔާލްގެ ހިއްސުތަކަށް ވާން ކުރުވިއެވެ. ކޮންމެ ބީހިލުމެއް ކޮންމެ، ހަރަކާތެއް އަލިފާން ކަންޏެއް ފަދައިން ދެޖިސްމުގައި ރޯކޮށްލި ހުޅުގަނޑު ބޮޑު އަލިފާންގަނޑަކަށް ވެގެން ނިއްވައިނުލެވޭ ހިސާބަކަށް ހިނގައްޖެއެވެ. ދެން އެއަލިފާންގަނޑު ފިނިވާން އެތައް އިރެއް ނަގާނެއެވެ.

އެންމެން ނިދަންވެގެން ކޮޓަރި ތަކަށް ވަންފަހުންވެސް ނަތާ އިނީ ނާޝިފް އާއި ދެމީހުން ރާޒުވާ ކުޅޭށެވެ. ނަތާއަށް އެންމެ ކަމުދިޔައީ ކުރި ލިބޭތީއެވެ. އޭނާއަށް ނޭނގެނީ ނާޝިފް ހަމަ ގަސްތުގައި ބައެއް ފަހަރު ދޫކޮށްލަނީ ކަމެވެ. "ދެން ނިންމާލަންވީ ދޯ." ގަނޑެއް ނިމުމުން ނާޝިފް ގަޑިއަށް ކަޅިއެއް އެއްލާފައި ބުނެލިއެވެ. "ދެން ނޫން. އަދި އެއްގަނޑު." ނަތާ އާދޭސް ކުރަމުން ނާޝިފްގެ އަތްތިލަ މަތީގައި ހިފަހައްޓާލިއެވެ. ރާފިލް ކޮޓަރީގައި އުޅެފައި ބޭރަށް ނިކުމެވުނީ އިއްތިފާޤުން އެވަގުތު ކޮޅަށެވެ. ނާޝިފް އާއި ނަތާގެ ގުޅިފައިވާ އަތްތިލަ ފެނިގެން އޭނާ ބާރު ބާރަށް ގޮސް ބަދިގެއަށް ވަދެ ފެން ތައްޓެއް ފުރާލައިގެން އެއްނޭވައިން ހުސްކޮށްލިއެވެ. އެނބުރި އައިސް ކޮޓަރިއަށް ވަންނަން ދިމާ ކުރިއިރު ނަތާމެން ތިބީ އަނެއްގަނޑު ފަށައިގެންނެވެ. އޭނާ ދެކޮޅަށް ހުރަސް ކޮށްފައި ދިޔައިރު ނަތާ އެންމެ ފަހަރަކުވެސް ބަލާނުލައެވެ. 

ރާފިލް ފޯނު ހިފައިގެން ބާރު ބާރަށް ދެކޮޅަށް ހިނގަ ހިނގާފައި އެންމެ ފަހުން ނަތާއަށް މެސެޖް ކޮށްލި އެވެ. ކުޅީގެ ފޯރީގައި ހުރެގެން މެސެޖް ހުޅުވައިލުމުން ނަތާއަށް އަމިއްލަ ލޮލުގެ ފެނުމަށްވެސް ޝައްކު ކުރެވުނެވެ. ޤަބޫލު ނުކުރެވިގެން އެސްފިޔަތައް ތަޅުވާލައިފައި އޭނާ ދެވަނަ ފަހަރަށްވެސް މެސެޖް ކިޔައިލިއެވެ. ރާފިލް ލިޔެފައި އޮތީ "މީޓް މީ ރައިޓް ނައު" މިހެންނެވެ. ވަގުތުން އޭނާ ކުޅޭ ހިތް ކެނޑުނެވެ. "އަހަރެން ކުއްލިއަކަށް ނިދި އަތުވެއްޖެ." ނަތާ ވިސްނައިލާފައި އާ ފުރޭކަމަށް ހެދިގެން އެކްޓް ދައްކާލިއެވެ. "ހެހެ...އޯކޭ..." ނާޝިފް ހިނިގަނޑަކާއެކު ކުޅުން ހުއްޓާލައިފައި ރާޒުވާ ކުޅިތައް ނަގަން ފެށުމުން ނަތާ އަވަހަށް ތެދުވެގެން ކޮޓަރިއަށް ވަނެވެ. ލޯގަނޑު ކައިރީގައި ހުރެގެން އޭނާ އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލި އެވެ. ހިތަށް އެރިއެވެ. ރާފިލްގެ ހިތަށް މިފަހަރު އަސަރު ކޮށްފިތާއެވެ. އެކަމަކު ހާދަ އަވަހަކަށެވެ. ދެން އިރުކޮޅަކުން ހިޔާލު ބަދަލުވެގެން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. ރާފިލްގެ ހިތް އެހާ ފަސޭހައިން ބަދަލެއް ނުވާނެއެވެ. އެއީ ހިތެއް ނޫނެވެ. ހިލަގަނޑެކެވެ. އުންމީދު ކޮށްގެން ހުއްޓާ މިފަހަރުވެސް ގެން ގޮއްސައި ބުނާނީ ކޮންމެހެން އޭނައަށް ދައްކަން ނާޝިފް އާއި އެކީ އުޅުނަސް ހިތަށް އަސަރު ނުކުރާ ވާހަކައެވެ. 

އެހިޔާލުން ނަތާގެ ލޯ ފެންކަޅި ކޮށްލިއެވެ. ފޮތިގަނޑު ކަހާލައިފައި ނާޝިފް ކޮޓަރިއަށް ވަންކަން ޔަޤީން ވުމުން އޭނާ ނިކުތް އިރު ގޭގެ މައިދޮރުވެސް ހުރީ ތަޅުލައިފައެވެ. ސިޓިންރޫމަށް ވެރިވެފައިވާ ފަނޑު އަލީގައި ސިއްރު ސިއްރުން ގޮސް ރާފިލް ކޮޓަރި ތަޅުގައި ނަތާ ހިފާލިއެވެ. އެދޮރުވެސް ހުރީ އޭނާއަށް ޓަކައި ހުޅުވާލެވިފައެވެ. ނަތާ އެތެރެއަށް ވަދެފައި ދޮރު ލައްޕައިލި އިރު ރާފިލް ފެންނާކަށް ނެތެވެ. އޭނާ ވަށައިގެން ކަޅި ހިންގަމުން ރާފިލްއަށް ގޮވަން އުޅެނިކޮށް ފާޚާނާގެ ދޮރު ހުޅުވާލައިފައި ރާފިލް ނިކުތެވެ. "ކީއްކުރަން މީޓް ކުރަން ބުނީ؟" ނަތާ ރުން ކުރު ގޮތަކަށް ސުވާލު ކޮށްލައިފައި ހަށަން ބަނދެލައިފި އެވެ. 

"ބުނަން ނަތާ! ބޭކާރު ކަމެއް ތިކުރަނީ. އުންމީދު ނުކުރާތި ތި ކުޅޭ ޑްރާމާ ތަކުން މަގޭ ހިތަށް އަސަރު ކުރާނެއޭ. ހިތަށް ނާރުވާތި ބޭނުން ވެގެން ތިއުޅޭ ކަންތައް ހާސިލް ވާނެއޭ. އަހަރެންގެ ހިތް ދުވަހަކުވެސް ބަދަލެއް ނުވާނެ. ތިހާ ކުޑަ ކުއްޖަކަށް ޓަކައި އަހަރެންގެ ހިތުގައި ލޯބި އުފެދުން އެއީ ވާނެ ކަމެއް ނޫން. އަހަރެމެން ދެމީހުން އެއްވެސް ގޮތަކުން އެކަށީގެން ނުވޭ. އަދި ލާކްވެސް ދުވަހެއްގެ ކޮޅުންވެސް އެފަދަ ގުޅުމަކާއި ޤަބޫލެއް ނުވާނެ. ވީއިރު މިކަހަލަ ދުނިޔެ ގަބޫލު ނުކުރާ ކަމަކާއި ހެދިގެން އަހަރެން އަހަރެންގެ އެކުވެރިޔާ އާއި ދެމެދު އޮތް ދުވަސްވީ އެކުވެރިކަމަށް ބުރޫ އަރުވަން ވީ ކީއްކުރަން؟" ރާފިލް ދެބުމަ ގޮށް ޖަހާލައިގެން ހުރެ އެތިވަރު ގޮވަމުން އައިސް ހުއްޓިލީ ނަތާގެ ކުރިމައްޗަށެވެ. 

ކުރިއަށްވުރެވެސް އެދެލޮލަށް ކަރުނަ ގިނަވެގެން ދިއުމާއެކު ނަތާ އިސްޖަހާލިތަނާ ރާފިލް އެދެކޮނޑުގައި ހިފެހެއްޓި ގޮތަށް ގެންގޮސް ތަތްކޮށްލީ ފާރުގައެވެ. ރާފިލްގެ އެހަރަކާތުން ނަތާ ހައިރާންވެގެން އިސްއުފުލާލުމުން ސިހުމެއް ލިބުނެވެ. ހަތަރުކަޅި ހަމަކޮށްގެން ހުރިއިރު ރާފިލްގެ ލޮލުގައި ވީ މީގެ ކުރިން ދުވަހަކުވެސް އޭނާ ދެކުނު ކުލައެއް ނޫނެވެ. ހައިރާންވެފައި ނަތާ ހުއްޓައި ރާފިލް މޫނު ކައިރިކޮށްލީ ކުއްލި އަކަށެވެ. އެތުންފަތުގައި ބޮސްދީފައި ދާދި އަވަހަށް ދުރަށްވެސް ޖެހިލައިފި އެވެ. އެސްފިޔަ ޖަހައިލަ ޖަހައިލާ ނަތާއަށް ހުރެވުނީ ދެންމެ އެހިނގާ ދިޔަ ކަމަކީ ހަޤީޤަތެއް ކަން ނުވަތަ ހުވަފެނެއްކަން ވަކި ކުރަން ނޭނގިފައެވެ. "އޭމް އައި ޑްރީމިން؟" ނަތާއަށް ބުނެވުނެވެ. ދެވަނަ ސިކުންތުގައި ރާފިލް އަނެއްކާވެސް ކައިރިވެލައިފައި އޭނާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.

ކޮމެންޓް 0