އަފްލާކް މޫނު ފުހެލާފައި ތުވާލި ތިރިއަށް އެލުވައިލުމުން ލަޔާލް ފެނިގެން ކުޑަކޮށް ސިހުނެވެ. ލައިގެން ހުރި ބޮކްސާ ކޮޅާއެކު އެހަށިގަނޑު ހާމަވެފައިވާތަން ފެނިގެން އެވަގުތު ވެސް ލަދުގަތީ ލަޔާލް އެވެ. އޭނާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރިފައި މިއައީ ކާން ހޯދަން ވެގެންނޭ ބުނެ ވާހަކައެއް ހަދާލައިފި އެވެ. "އައްދެ އަންބަކަށް ނުވަނީސް އަންބެއްހެން ބިހޭވް ކުރަން ފެށީތަ؟ ހީވޭ ވަރަށް ވާހިތްވާހެން." އަފްލާކް ތުވާލި އެނދު މައްޗަށް ހޫރާލައިފައި ލަޔާލް ހިނގައިގަތްތަނުން އަވަހަށް އަތުގައި ހިފާ ހުއްޓުވައިފި އެވެ. ވަގުތުން ލަޔާލްގެ ހަތަރެސްފައި ފިނިވެގެން އައެވެ. 

"ތިހާ ކެތްމަދުވެފަ ހުރިނަމަ މިހާރު އާއެކޭ ބުނެފިތާ ކޮންއިރެއް؟" ލަޔާލް އެވަރުންވެސް ހިތްވަރުން ދެރައެއް ނުކުރިއެވެ. "ތީގެ މާނައަކީ އިންނާކަށް ބޭނުމެއް ނުވެއޭތަ؟" އަފްލާކް ކުއްލި އަކަށް އޭނާ މަގަތަށް އަނބުރާލާފައި ހަތަރު ކަޅި ހަމަކޮށްލައިފި އެވެ. އެދެލޮލުން ސީރިއަސްކަން ފެނިގެން ލަޔާލް ކަންބޮޑުވިއެވެ. އެހެންނޫނަސް އަފްލާކްގެ ހަޔާތުގެ ބައިވެރިއަކަށް ވުމަކީ އޭނާ ފެށުނީއްސުރެވެސް ދެކެމުން އަންނަ ހުވަފެނެކެވެ. ނޫނެކޭ ބުނެފިއްޔާ އަމިއްލަ ނަފްސަށް ވެސް އެއީ ވެވޭ ހިޔާނާތެކެވެ. "ދެން ތީ ކޮންވާހަކައެއް މިގަޑީގަ؟ ހިނގާ އަވަހަށް ކާން ދާން. އެންމެން އެބަތިބި އިންތިޒާރުގަ." ލަޔާލް އަދިވެސް ގަދަކޮށްލަން ވެގެން ޖަވާބުދޭކަށް ނޫޅުނެވެ. "ދެން މިއަތުން ދޫކުރާނީ ޖަވާބު ލިބުނީމަ." އަފްލާކް ހައްތަހާ ބޮޑަށް ލަޔާލްގެ އަތަށް ބާރުކޮށްލި އެވެ. 

"ޔެސް އޯ ނޯ؟" ލަޔާލް އިތުރު އެއްޗެއް ބުނަން އަނގަ ހުޅުވާލި ތަނުން އަފްލާކް ބުނެލި އެވެ. ދެން ހަދާނެ ގޮތެއް ނޭނގިގެން ވިސްނައިލި ތަނާ ލަޔާލްއަށް މޮޅު ހިޔާލެއް އައެވެ. "އަޒީބެ!" އޭނާ ދޮރާއި ދިމާއަށް މޫނު އަނބުރާލައިފައި ބުނެލި ގޮތުން އަފްލާކް އެއަތުން ދޫކޮށްލީ ހަޤީޤަތުގައި ވެސް އަޒީ އެކޮޓަރި ދޮރުމައްޗަށް އެރީ ކަމަށް ހީކޮށްފައެވެ. ފުރުސަތު ލިބުމުން ލަޔާލް ދުވެލާފައި ގޮސް ކޮޓަރިން ނިކުމެފައި އަދި ދިއުމުގެ ކުރިން ދޫ ނެރެލިއެވެ. ލަޔާލްގެ އެހަރަކާތުން އަފްލާކްގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. ލަޔާލްގެ އެފަދަ ހަރަކާތްތަކުން، ރުޅިއައުމުގެ ބަދަލުގައި އޭނާއަށް މިހާރު ލިބެނީ ފާޑެއްގެ ހިތްހަމަ ޖެހުމެކެވެ.

ޖެހިގެން އައި ދުވަހު ހެނދުނުއްސުރެ ވާރޭ ވެހެމުން ދިޔައެވެ. ދޭތެރެ އަކުން ތުނިކޮށްލާއިވެސް ކެރި ކަނޑައިގެން ނުދެއެވެ. ހަވީރުގެ ވަގުތެވެ. ނަތާ އެކުވެރި ކުދިން ކޮޅަކާއެކު ކޮފީ ބޯންވެގެން ކުޑަވަރެއްގެ ރެސްޓޯރެންޓަކަށް ވަނެވެ. އެންމެން މަޖާ ވާހަކަ ދައްކާފައި ހީހީ ތިއްބައި އެއް ކުއްޖަކު ހިމޭން ވުމަށް ބުނެލުމުން ނަތާވެސް ގަދަކަމުން ހިނިގަނޑު ކޮންޓްރޯލް ކުރިއެވެ. "ކިހިނެތްވީ؟" ނަތާ އެންމެ ކައިރީގައި ހުރި ޒާނާގެ އަތުގައި ކޮށްޓައިލި އެވެ. "ލުކް. އެއޮތް ވަންނަނީ ރާފިލް ސަރ." ޒާނާ އިޝާރާތް ކޮށްލީ ދޮރާއި ދިމާއަށެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލައިލި ނަމަވެސް ތަދުވީ ނަތާގެ ހިތަށެވެ. ރާފިލްގެ އަތުގައި ހިފާލައިގެން އަންހެން ކުއްޖަކު ހުރެފައި ދެމީހުން އެކީ ގޮސް ދުރުގައި ހުރި މޭޒު ދޮށުގައި އިށީން އިރު ދެލޯބިވެރިން ފަދައެވެ. ރާފިލް ހިނިތުންވެފައި އަންހެންކުއްޖާގެ އިސްތަށިގަނޑުން ފެންފޮޅައިދޭން އުޅުނު ގޮތް ފެނިފައި ނަތާއަށް ކެތްވީއެއް ނޫނެވެ. 

"އެ މަންޖެ އަތުގައި ހިފާ މަގުމައްޗަށް ނެރެ ހައި ސްޕީޑް އެއްގައި އަންނަ ބަހެއްގެ ކުރިމައްޗަށް އަރުވަންވީ." ނަތާ ދަތްކުނޑި ވިކާފައި ބުނެލި ޖުމްލަ ދެންތިބި ކުދިންނަށްވެސް އިވުނެވެ. "އޯވ....!" ޒާނާ އަނގައަށް ގޮތެއް ހަދާލައިފި އެވެ. ދެން އިން ފަޒީނާ ނަތާ ކައިރީ އެއީ ކީއްވެތޯ ސުވާލު ކުރިއެވެ. "ތިމީހުންނަށް ނޭނގިދާނެ. އެކަމަކު އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ އެއީ ކޮން ގާރލްއެއް ކަން. ދެފަހަރު އެކަކާއި ރައްޓެހިވެގެން ނޫޅެވޭ މަންޖެއެއް އެއީ." ނަތާ އަދިވެސް އެދެމީހުންނަށް ބަލަން އިނދެގެން ހޫނު ހޫނު ކޮފީ ޖޯޑުވެސް އަވަހަކަށް ހުސް ކޮށްލައިފި އެވެ.

"ދެން އެހެންވިއްޔާ ސަރ ކައިރީ ބުނަންވީއެއްނު. މަވެސް ބޭނުމެއް ނުވޭ އެކަހަލަ ކުއްޖަކާއި ސަރ ގުޅޭކަށް. އެހާ ރީތި ބިޓެއްވިއްޔަ." ފަޒީނާ ޖުމްލަ ނިންމާލި އިރު އިނީ ކޯތާފަތުގައި އަތް އަޅާލައިގެން ހިނިތުންވެފައެވެ. "ބުނާނީ އެއްނޫން. ހެކި ދައްކާނީ." ނަތާ ގަދަ އަޒުމަކާއެކު ބުނެލި އެވެ. ރާފިލް ފުރަގަސްދީގެން އިނުމުން ނަތާމެން އެތާ ތިބިކަމެއް ނޭނގެއެވެ. އިރުކޮޅަކުން އެންމެން ތެދުވެފައި ނިކުންނަން ދިޔައެވެ. ވަކި ހިސާބަކުން ނަތާގެ ހިޔާލު ބަދަލުވެގެން ރާފިލްމެން ތިބި މޭޒާއި ދިމާއަށް ދާން ފެށުމުން އެހެން އެކަކަށްވެސް އޭނާ ހުއްޓުވޭ ގޮތެއް ނުވިއެވެ. 

"ހޭއި ހައްޖާ! އިޓްސް ޔޫ...." ނަތާ އެދެމީހުންގެ މެދަށް ހުއްޓިފައި ވާހަކަ ދެއްކި އިރު ބަލަހައްޓައިގެން ހުރީ ހަމައެކަނި ހައްޖަގެ މޫނަށެވެ. އެއަޑަށް ރާފިލްވެސް މޫނު އަނބުރާލައިފައި ނަތާ ފެނިގެން އެމޫނުގެ ކުލައަށް ބަދަލު އައެވެ. "ނަތާ.....ކިހިނެތްތަ؟ މިތާ ކީއްކުރަނީ؟" ހައްޖަ އިނީ އުފާވެފައެވެ. "އެކުވެރި ކުދިން ކޮޅަކާއެކު ކޮފީއަކަށް އައީ. މިހާރު ދަނީ މި." ނަތާ ޖަވާބު ދީފައި ރާފިލްގެ މޫނަށް ބަލައިލި އިރު ރާފިލް އިނީ އިސްޖަހައިގެންނެވެ. "ރާފިލް ސަރ؟" ނަތާ ވަރަށް މޮޅެވެ. އޭނާއަށް ރާފިލް އިންކަން އެނގުނު ކަމަށް ހެދީވެސް ދެނެވެ. "ނަތާ ދަންނަންތަ ރާފިލް؟" ހައްޖައަށް ނަތާ ބުނެލި ޖުމްލަ އިވިގެން ސުވާލު ކުރިއެވެ. "ދަންނަން. އަހަރެންގެ ޓީޗަރެއް." ނަތާ ރާފިލްއަށް ބަލަން އިނދެގެން ޖަވާބުދިނެވެ. "އޯހ އެހެންދޯ. ރާފިލް މީ އަހަރެންގެ ބޯއިފްރެންޑް." ހައްޖަ ފޮނިވެފައި ރާފިލް އެއީ ކާކުކަން ބުނެލި ވަގުތު ނަތާއަށް ހީވީ މޫނުގައި ގޮށްމުށުގެ އެތިފަހަރެއް އަޅާލި ހެންނެވެ. ގާތްގަނޑަކަށް އެނގިފައި އޮތަސް މޫނުމަތީގައި ބުނެލުމުން ހިތަށް ވީ ތަދު މާބޮޑެވެ. ހައްޖަގެ ވާހަކައަށް އިޖާބަ ދިނުމުގެ ގޮތުން އެވަގުތު ރާފިލްވެސް އިސްއުފުލައި ހަތަރުކަޅި ހަމަކޮށްލިއެވެ. އެކަމަކު އެތުންފަތަށް ވެރި ކުރުވަން އުޅުނު ހިނިތުންވުން ވުޖޫދަށް އައުމުގެ ކުރީން އޮބިގެން ދިޔައީއެވެ. "ގުޑް ޓު ސީ ޔޫ ހައްޖާ. ދެން ދަނީ." ނަތާގެ ލޮލަށް ގިނަވި ކަރުނަތަކާއެކު އަވަހަށް އެނބުރިފައި ގޮސް ދޮރުން ނިކުތެވެ. 

"ނަތާ ކީއްކުރަން އެމީހުން ކައިރިއަށް ދިޔައީ؟" އެހެން ހުރިހާ ކުދިން ދިޔަފަހުން ޒާނާ ސުވާލު ކުރީ ދެމީހުން އެކަނިވީމައެވެ. "ނޭނގެ..... އަހަރެންނަށް އެދެމީހުން ފެނުނުކަން ރާފިލްއަށް އަންގާލަން ބޭނުންވީ ކަންނޭނގެ." ނަތާ ޖަވާބުދިނެވެ. ޒާނާ ބާލުވާފައި ޑްރައިވަރު ކާރު އަނބުރައިލީ ގެއާއި ދިމާއަށެވެ. ކާރުގެ ލޯގަނޑުގައި ފެންތިކި ބޮސްދީފައި ތިރިއަށް ފިރުކެމުން ދިޔަހެން ނަތާގެ ލޮލުން ކަރުނަތައް ފައިބައިގަތީ ދެނެވެ. 

ގެއަށް ގޮސް ނަތާ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އެހިޔާލު ހިނދުކޮޅަކަށް ވެސް ހިތުން ފިލައިދާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެވާހަކަ ބުނަން އޭނާ ގެއިންވެސް ނިކުތީއެވެ. އޭރު ނުވަގަޑި ބައިވާން އުޅެއެވެ. ވާރޭވެސް ފުދޭވަރަކަށް ބޯކޮށް ވެހެމުން ދިޔައެވެ. އޭނާގެ ވިސްނުމުގައި އެވަގުތު އިތުރު އެއްކަމެއް ނުވެއެވެ. ނަތާ އެވާރޭގައި ތެމި ފޯވެގެން ގޮސް ބެލް ޖަހައިލުމުން ދޮރު ހުޅުވީ ގޭގައި އުޅޭ ނޯކަރެވެ. އޭނާ އެދިގެން ނޯކަރ ރާފިލްއަށް ގޮވަން ދިއުމުން ޕޯޓިކޯއިން ފައިބައިގެން އައިސް ވެހޭވާރޭގައި މަޑުކޮށްލައިގެން ހުއްޓެވެ.

ރާފިލް ކުޑަ ހިފައިގެން ނިކުމެފައި ބަލައިލުމުން އަދި އެއީ ކާކު ކަމެއް ފާހަގައެއްނުވިއެވެ. ނަތާ ހުރީ ފުރަގަސްދީގެންނެވެ. "ނަތާ!" ރާފިލް އައިސް ނަތާގެ ކޮނޑުގައި ހިފާ މަގަތަށް އަނބުރާލައިފައި ދެވަނަ ސިކުންތުގައި ބާރަށް ބުނެލެވުނެވެ. "ނަތާ މިވާރޭގައި ކީއްތިކުރަނީ؟ ތެމިފޯވީއެއްނު. އާދޭ އެތެރެއަށް." ރާފިލް ނަތާގެ އަތުގައި ހިފާފައި އަވަހަށް ދޮރާއި ދިމާއަށް ހިނގައިގަންނަން އުޅުނެވެ. "ނޫން ނޫން ރާފިލް. އަހަރެން އެތެރެއަކަށް ނުދާނަން. އަހަރެން ހަމައެކަނި މިއައީ ރާފިލްއަށް މުހިންމު ކަމެއް އަންގާލަން ވެގެން." ނަތާ ވަގުތުން ރާފިލްގެ އަތް ނައްޓުވާލައިފައި މަނާ ކުރިއެވެ. ރާފިލްއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އޭނާގެ ލޯބީގައި ނަތާ ހަމަ ރަނގަޅަށްވެސް މޮޔަ ވީބާއޭ ހިތަށް އެރިއެވެ. އެހެންނޫންނަމަ މިއޮތްފަދަ ތޫފާނީ ރޭ ތެމިފޯވެގެން ވާހަކަ އަންގަން އަންނާނެ ހެއްޔެވެ؟ އޭނާ ހަމަ ހައިރާން ވެއްޖެއެވެ. "އެކަމަކު ތިވާހަކަ ބުނެވިދާނެއެއްނު އެތެރެއަށް ވަދެފަވެސް. ހިނގާ. އެތެރެއަށް ގޮސް ޗޭންޖް ކުރީމަ އަހަރެން ނަތާ ދައްކާ ވާހަކަ ޤަބޫލު ކުރާނީ." ރާފިލްވެސް ގަދަކޮށްލިއެވެ. އަޅައިގެން ހުރި ކުޑަ އާއިއެކުވެސް ވަޔާއި އައި ފެންތިކިތަކުން ސަލާމަތް ވެވޭ ގޮތެއް ނުވިއެވެ. އިސާހިތަކު ރާފިލްވެސް ތެމި ފޯވެއްޖެއެވެ. 

"ރާފިލް. ހައްޖައަކީ ރަނގަޅު ކުއްޖެއް ނޫން." ނަތާ އެތެރެއަށް ދާން ދެކޮޅު ހަދާފައި ބުނެލިއެވެ. ރާފިލް އަނެއްފަރާތަށް އެނބުރިފައިވެސް ކުއްލިއަކަށް އެނބުރި ނަތާގެ މޫނަށް ބަލައިލީ އަޖައިބެއް ފެނިގެން ބަލާލި ހެންނެވެ. "އަހަރެންނަށް އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭތީ މިބުނަނީ. ހައްޖަ އެކިފަހަރު އެކި ކުދިންނާއި ގުޅިގެން އުޅޭނީ. ލައިފް ޕާޓްނަރުންނާމެދު އޭނާ ދުވަހަކުވެސް ސީރިއަސްއެއް ނުވާނެ. އަދި އަހަރެން ބޭނުމެއް ނުވޭ އެކަހަލަ ކުއްޖެއްގެ ސަބަބުން ރާފިލްގެ ހާޓް ބްރޭކް ވާކަށް." ނަތާގެ ވާހަކަތައް ވެހޭ ވާރޭގެ ތެރެއަށް އޮބިގެން ދިޔައެވެ. ރާފިލް ބަލަހައްޓައިގެން ހުރީ ހިމޭންވެފައެވެ. އޭނާ އެވަރަށް ދެރަ ކޮށްލީމައިވެސް ނަތާ އެއައީ އޭނާގެ ހިތަށް ލިބިދާނެ އަނިޔާ އަކުން ސަލާމަތް ކުރަން ހެއްޔެވެ؟ 

"ކޮބާ ތިދެއްކި ވާހަކަތަކުގެ ހެއްކަކީ؟ ހެކި ދެއްކިދާނެތަ؟" ރާފިލް އިރުކޮޅަކުން ބުނެލި ޖުމްލަ އެއީ ކަންފަތަށް އެޅި ހޮނު ގުގުރިއެއް ފަދައެވެ. ވަގުތުން ލޮލުން ކަރުނަ އައެވެ. އެކަމަކު އެކަރުނަތައް ދާދި އަވަހަށް ވާރޭތިކިތަކުން ދޮވެލައިފިއެވެ. "ރާފިލް އަހަރެންގެ ވާހަކަ ޤަބޫލެއް ނުކުރަންތަ؟ އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟" ނަތާގެ ދެލޯ ބޮޑުވިއެވެ. ރާފިލް ދޭނެ ޖަވާބަކަށް އިންތިޒާރު ކޮށްގެން ހުރިއިރު ހިތް އޮތީ ތެޅިލަ ތެޅިލައެވެ. "އަހަރެން ހައްޖައަށް އިތުބާރު ކުރަން. ނަތާ ތިވާހަކަ ކިޔައިދިނުމުގެ ކުރީން ހައްޖަ އަހަރެންނަށް ތިވާހަކަ ކިޔައިދީފި. އޭނަ ކިޔައިދިން ނަތާގެ ބޭބެ ޔާނިޒް އާއި ގުޅިގެން އުޅުނު ދުވަސްވަރުގެ ވާހަކަ. އެކަމަކު ވަރަށް ބޮޑަށް ތޭންކްސް އަހަންނާއި މެދު ތިވަރަށް ވިސްނީމަ." ރާފިލް ޖުމްލަ ނިންމައިލުމުން ނަތާ އިރުކޮޅެއް ވާންދެން ބަލަން ހުއްޓެވެ. ދެންހަމަ ކުއްލިއަކަށް މޫނުގައި ދެއަތް އަޅާފައި އަޑުން އަޑު ނަގައި ރޯން ފަށައިފިއެވެ.

"ކިހިނެތް ތިވީ؟" ރާފިލްއަށް ބުނެވުނެވެ. އެއަށްފަހު އޭނާ ދެއްކި އެއްވެސް ވާހަކައެއް ނަތާ ނޭހިއެވެ. ހުއްޓުވަން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ވާތަނެއް ނުފެނުނެވެ. އިރުކޮޅަކުން ރޮއިރޮއިފައި ދުއްވައިގަތީ އެގެއިން ނިކުންނާށެވެ. ރާފިލް ބާރު ބާރަށް ގޮވައިލާފައި ނަތާ ނިކުމެގެން ދިޔައިރު ހުރެވުނީ އެދިމާއަށް އަތް ދިއްކޮށްލައިގެންނެވެ.

ރާފިލް ގެއަށް ވަދެ ތެތްހެދުން ބަދަލު ކޮށްލައިގެން އިށީންދެލީ ލިޔާމޭޒު ކައިރީގައެވެ. އެކަމަކު ކުރަން އުޅުނު މަސައްކަތް ކުރިއަށް ނުދިޔައީ ނަތާގެ ހިޔާލުތައް ހިތަށް އުދަނގޫ ކުރަން ފެށުމުންނެވެ. އެގޮތަށް ދެރަވެގެން ނަތާ ދިއުމުން ނަތާގެ ހާލު ބަލައިނުލައި ހުންނަން އަދި މާ ދަތިވިއެވެ. އޭނާގެ ލޯބީގައި ނަތާ މިވިއްސާރަ ރޭވެސް ތެމިގެން އެކަނި އައީއެވެ. ދެން އަނެއްކާ ރޮމުން ނިކުމެގެން ދުވާނީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. "އަނެއްކާ ގެއަށް ނުގޮސް އެހެންތާކަށް ދިޔައިއްޔާ.....؟" ރާފިލް އަވަހަށް ފޯން ނަގާފައި އަފްލާކްގެ ނަންބަރަށް ގުޅަން ތައްޔާރުވެލި އެވެ. ހިޔާލު ބަދަލުވީ އަނެއްކާވެސް އެހާ އަވަހަށެވެ. ހިތަށް އެރިއެވެ. އަފްލާކްއަށް ގުޅިއަސް ނަތާގެ ވާހަކަ އޮޅުން ފިލާނެ ގޮތެއް ނޯންނާނެއެވެ. ކޮންމެ ގޮތެއްވިއަސް ސާފު ބަހުން އަހާކަށް ނުކެރޭނެއެވެ. ރާފިލް ވިސްނައިލާފައި އެންމެ ފަހުން މެސެޖް ކުރީ ނަތާގެ މޯބައިލަށެވެ. 

ނަތާ ކިބިހި އަޅަ އަޅާފައި އިރުއިރުކޮޅާ ނޭފަތް ފޮޅައިލައެވެ. ރާފިލްގެ މެސެޖް އައި އިރުވެސް އޭނާ އިނީ އެނދުގައި ދެފައި ވަށްކޮށްލައިގެން ޓިޝޫ ފޮށި ކައިރިކޮށްލައިގެންނެވެ. "ޔޫ އޯކޭ؟ ގެއަށް ދެވިއްޖެތަ؟" މެސެޖް ހުޅުވާލިއިރު ރާފިލް ލިޔެފައި އޮތެވެ. ނަތާ ޖަވާބު ދޭން އުޅެފައިވެސް ފޯނު ހޫރާލީ ދުރަށެވެ. އިރުކޮޅަކުން ރާމިޒާ ވަދެގެން އައިސް ދިއްކޮށްލި ހޫނުފެން ބޯތައްޓަށް މޫނު ދިމާކޮށްގެން ބޮލާއެކު ތުވާއްޔަކުން ނިވާކޮށްލިއެވެ. 

ލަޔާލް އެސައިމެންޓް ނިންމާފައި ނިދަން ތައްޔާރު ވަނިކޮށް ކޮންމެވެސް މީހަކު ދޮރުގައި ޓަކި ޖަހައިލިއެވެ. ލައިގެން ހުރި ކުރު ޓީޝާޓާއި ސޯޓާއެކު ދޮރު ހުޅުވަން އޭނާ ޖެހިލުންވިއެވެ. "ކާކު؟" ލަޔާލް އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން ދޮރުފަތާއި ކައިރިވެލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެމީހަކު އަނެއްކާވެސް ޓަކި ޖަހާލައިފިއެވެ. "އޯހ ގޯޑް. ބޮޑުކަމެއްނު މިދެން. ޔަޤީނޭ އެ ނިޒް ނޫން މީހަކަށް ނުވާނެ. ހުވާ ފިސާރި ނުފޮރޮއްޕާން ފިރިހެނެއް އެއީ." ލަޔާލް ކުދި ކިޔައިގެންފައި ދޮރު ހުޅުވައިލި ތަނުން ދެލޯ ބޮޑުވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އަވަސް އަވަހަށް ލައްޕާލަންވެސް އުޅުނެވެ. އެކަމަކު އަފްލާކް އެއަށްވުރެ ހުޝިޔާރެވެ. ލަޔާލްއަށް ކާމިޔާބު ވުމުގެ ކުރީން ދޮރުފަތާއި ދާރައާއި ދޭތެރެއަށް އަތްކޮށްޕާލުމުން ލަޔާލްއަށް ޖެހުނީ ހުއްޓޭށެވެ. 

"ޝިޓް." ލަޔާލް ބޭނުން ގޮތް ނުވުމުން މޫނު ހަދާފައި އަނެއްފަރާތަށް އެނބުރުނެވެ. "ހިނގާބަލަ އަހަރެންނާއެކު!" އަފްލާކް ފަހަތުގައި ހުރެފައި ލަޔާލް އަތުގައި ހިފައި ދޮރާއި ދިމާއަށް ދަމައިލިއެވެ. "ކޮންތާކަށް؟ ކީއްކުރަން؟ ނުކެރޭނެ ދާކަށް. ލާކްއަށް ނުފެނޭތަ އަހަރެން މިހުރިގޮތް؟" ލަޔާލް އަނެއް އަތުން، ލައިގެން ހުރި ހެދުމަށް އިޝާރާތް ކޮށްލައިފައި ދެކޮޅު ހެދިއެވެ. "ދެން ހަމަ ކޮންމެ ކަމަކާއި ފައިޓް ކުރަން ޖެހޭތަ؟" އަފްލާކް ހަރުކަށި ގޮތް ދައްކައިލުމުން ލަޔާލް ފާޑަކަށް އަނގަ ސަކަރާތްވިއެވެ. "ބޭރުގަ އެކަކުވެސް ނެތް. ޓްރަސްޓް މީ!" އަފްލާކް އިތުރު ވަގުތު ބޭކާރު ކުރުމަކާ ނުލައި ލަޔާލް ގޮވައިގެން ކޮޓަރިން ނިކުމެއްޖެއެވެ. 

ނަތާ ހޫނުފެން ބޯތައްޓަށް މޫނު ދިއްކޮށްގެން އިންދައި ދޮރުފަތުގައި ޓަކި ޖަހާލި އަޑު އައެވެ. އޭނާ އަވަސް އަވަހަށް ތުވާލި ނަގާފައި ބަލައިލުމުން މުޅި މޫނު ހުދުވެގެން ދިޔައެވެ. ދޮރުމަތީގައި ހުރީ އެތަނުން ފެނިދާނެ ކަމަށް އޭނާ ދުވަހެއްގައި އުންމީދު ނުކުރާ ފަރާތެކެވެ. ރާފިލްއެވެ. "ރާފިލް!" ނަތާ ޓިޝޫއަކުން ނޭފަތް ފޮޅައިލާފައި ގޮވައިލިއެވެ. "އެތެރެއަށް ވަންނަންތަ؟" ރާފިލް ބަލަހައްޓައިގެން ހުރެފައި އަހައިލި އެވެ. ނަތާ ބޯ ޖަހައިލާފައި އަވަހަށް ބޯތަށްޓާއި ތުވާލި ހިފައިގެން ގޮސް ވަނީ ފާޚާނާ އަށެވެ. ފެންނަނީ ހުވަފެނެއް ނޫންކަން ޔަޤީން ކޮށްލުމަށްޓަކައި އޭނާ އަމިއްލައަށް އަތުގައިވެސް ވިކައިގަތެވެ. "އައުޗް!" ނަތާއަށް އަޑު ލައްވައިލެވުނެވެ. ބޭރުން ރާފިލް ކިހިނެތްވީހޭ އަހައިލުމުން އަވަހަށް އެތަކެތި ބަހައްޓާފައި ނިކުމެ ޓިޝޫ އިން ގާތްގަނޑަކަށް ފުރިފައިވާ ޑަސްބިންވެސް ދުރަށް ގެންގޮސް ބެހެއްޓިއެވެ. ނަތާ އެނބުރިލި އިރު ރާފިލް އަދިވެސް ހުރީ އެނދުކައިރީގައި ކޮޅަށެވެ.

"އަންގާނުލާ އާދެވުނީތީ މަޢާފަށް އެދެން. ރާމިޒައްތަ ދޮރު ހުޅުވީ. އެކަކުވެސް ފެންނަން ނެތީމަ އަހަރެން އެކަނި އައީ." ރާފިލް އިސްއުފުލައި ލައިފައި ހަތަރުކަޅި ހަމަކޮށްލުމުން ނަތާ އަވަހަށް ކައިރީގައި ހުރި ގޮނޑީގައި އިށީންނަން އިޝާރާތް ކުރިއެވެ. 

"ދޮންބެއަށް ގޮވަންވީތަ؟" ނަތާ އެނދުގެ މަގަތުގައި އިށީންދެ ދެއަތްދެއަތާއި އުނގުޅައިލަމުން އެހިއެވެ. "ނޫނޭ. އަހަރެން އައީ ނަތާ އާއި ބައްދަލު ކުރަން." ރާފިލް އިށީންދެފައި ޖަވާބުދިނެވެ. ނަތާ އިސްއުފުލައިލި އިރު އިނީ އަނެއްކާވެސް ހައިރާންވެފައެވެ. "ނަތާ އެހާ ދެރަވެގެން ގެއިން ނިކުތީމަ ވީގޮތެއް ބަލައިލަން ވެގެން މިއައީ." ރާފިލް ވީހާވެސް އާދައިގެ ގޮތަކަށް ވާހަކަ ބެހެއްޓޭތޯ މަސައްކަތް ކުރިއެވެ. ބުނެވޭ ބަހަކުން ނަތާގެ ހިތަށް އިތުރަށް އަސަރު ކޮށްގެން ރޯން ފަށައިފާނެތީ އޭނާ ކަންބޮޑުވެއެވެ. "ހާލު ފެންނަން މިހުރީ." ނަތާ އަނެއްކާވެސް ޓީޝޫއެއް ނަގާފައި ނޭފަތް ފުހެލައިފި އެވެ. އެމޫނާއި ނޭފަތު ކުރި އާއިއެކު މަޑު ފިޔާތޮށި ކުލައެއް އަރާފައި ވެއެވެ. ރާފިލް އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން އިސްޖަހާލައިފައި ދެން ބަލައިލިއިރު ނަތާ ފުރަގަސްދެނީއެވެ. ސިކުންތުކޮޅެއް ނުވެ އޭނާގެ ކަންފަތުގައި ހަރުލައިގެން ދިޔައީ އަނެއްކާވެސް ނަތާގެ ގިސްލުމުގެ އަޑެވެ. 

"އަގެއިން؟" ރާފިލްއަށް ނަތާގެ ކައިރިއަށް ދެވުނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. އޭނާ އަވަސްއަވަހަށް ނަތާގެ މަގަތަށް އަނބުރާލައިފައި މޫނު ނިވާކޮށްލެވިފައިވާ ދެއަތްތިލަ އެމޫނުން ވަކިކޮށްލިއެވެ. "ނަތާ އަހަރެންނަކަށް ނޭނގެ ނަތާއަށް ތިވަރަށް ހާޓްވާވަރުގެ ކޯއްޗެއް ކަމެއް ބުނެވުނީ." ރާފިލް ހާސްވެއްޖެއެވެ. ރުއިމުގެ އަޑަކީ އޭނާއަށް އަބަދުވެސް އަހަން އުދަނގޫ އަޑެކެވެ. 

އަފްލާކް ލަޔާލް އަތުގައި ހިފައިގެން ތިންވަނަ ބުރިއަށް އަރާފައި ވަކި ހިސާބަކުން ލޯމަތީގައި އަތް އަޅައިފިއެވެ. "އޯ ގޯޑް. އަފްލާކް އަޅެ ލޯމަތީ އަތްއަޅައިގެން ކޮންތާކަށް ތިގެންދަނީ؟" މަގު ފެންނަން ނެތުމުން ލަޔާލް ކުރިއަށް ދާންވެސް ޖެހިލުންވިއެވެ. އަފްލާކް ލުއި ހިނިގަނޑެއް ޖަހާލައިފައިވެސް ރައްދެއް ނުދެއެވެ. އިރުކޮޅަކުން ކަންފަތުގައި ޖެހުނީ ވާރޭގެ އަޑެވެ. އަދި ހުރަހެއްނެތް ވައިރޯޅިތައް އައިސް މޫނުގައި ފިރުމަން ފަށައިފިއެވެ. އަފްލާކް ލޯމަތިން އަތްނެގީވެސް ދެނެވެ. "ވާއު! ރެއިން އިން ބެލްކަނީ. އަދި ފެންގަނޑުވެސް ހެދިފަ... އޯހ ޔޭ..." ލަޔާލް ކުރިއަށް ބަލާލައިފައި ފޮނިވެގެން އަތް ޖަހާލައިފި އެވެ. "ވަން މިނިޓް! ލާކްއަށް ކިހިނެތް އެނގުނީ އަހަރެން ވާރެއާއި ތެމޭހިތްވާކަމެއް؟" ލަޔާލް ކުއްލިއަކަށް ދެއުކުޅުގައި އަތްވިދެލާފައި ސުވާލު ކުރިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަފްލާކް ގޮސް ހުއްޓުނީ ފެންގަނޑުގެ މެދާކަށް ހިސާބަށެވެ. އިސާހިތަކު ވާރޭތިކިތަކުން އޭނާ ތެންމާލައިފިއެވެ. 

"މޮޔަވީތަ؟ މިއޮތް ރޭގަނޑު ވާރޭއާއި ތެމުނީމަ ހީކަރުވާނެ." ލަޔާލް އަނގައަށް ގޮތެއް ހަދައިލި ތަނުން އަފްލާކް ފެންގަނޑުގައި ކުޑަ ކަކޫ ޖަހާލައިފި އެވެ. ކުރަން އެއުޅޭ ކަމެއް ނޭނގިފައި ލަޔާލް ހުއްޓާ އަފްލާކް ޖީބުން ނަގައި ދައްކައިލީ އަލިމަހުގެ އަނގޮޓިއެކެވެ. "ވިލް ޔޫ މެރީ މީ؟" އަފްލާކްގެ ޖުމްލަ ވާރެ އާއި އެކުވެގެން ދިޔައެވެ.

ކޮމެންޓް 0