ވިއްސާރަ ރެއެކެވެ. ގަދަ ވަޔާއެކު އައި ވާރޭތިކިތައް މުޅި މާލެ ތެންމަމުން ދަނީއެވެ. ވިދާލާއިރު ދުވާލު ރޭގަނޑަށް ހަދާލައެވެ. އަދި ޖަހާ ކޮންމެ ގުގުރި އަކާއި އެކު ކަންފަތްތައް ކޮޅަށް ޖެހިގެން ދެއެވެ. ގަޑިން އޭރު ދިހަ ގަޑި ބައިވަނީއެވެ. ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވާ ރެސްޓޯރެންޓް ތެރޭގައި އަންހެން ކުއްޖަކު އިނެވެ. އޭނާ އިން ގޮނޑި ކައިރީގައި ސޫޓްކޭހާއި، ކޮނޑުގައި އެލުވިފައި އަތް ދަބަސް އޮތެވެ. އެހެން ހުރިހާ އެންމެން ކޮފީ އާއި މިފަދަ ކޮންމެވެސް ހޫނު އެއްޗަކުން ރޭގެ ފިނިކަން ކަނޑުވާލުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައިރު މި އަންހެންކުއްޖާގެ ކުރިމަތީގައި ހުރީ އައިސްކިއުބް ތަކުން ފުރާލެވިފައިވާ ކޯކް ތައްޓެކެވެ. ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިން އޭނާ ބަލައިލަނީ އެއްފަހަރު، ވާރޭތިކިތައް ބޮސްދެމުން ދިޔަ ކުޑަ ދޮރާއި ދިމާއަށް އަދި އަނެއްފަހަރު އަތުތެރޭގައި އޮތް މޯބައިލަށެވެ. ކަޅު ކަނޑެއްފަދަ ފުން ދެލޮލުގައި ނަށަމުން ދިޔަ ނުތަވަސްކަން އެންމެ ބަލައިލުމަކުންވެސް ފެންނަ މީހަކަށް ދޭހަ ވާވަރު ވެއެވެ. ދޭތެރެއަކުން ތުންފަތުގައި ދަތް އަޅައިލައެވެ. އަދި ދެފަރާތުން ކޮޑުމައްޗަށް ފެތުރިފައިވާ ފަން އިސްތަށިގަނޑު މޫނަށް ފޭބިއަނުދީ ރީތިކޮށްލައެވެ. އަރައިގެން އިން ބޫޓުން މެދުކެނޑުމެއްނެތި އެއް ރާގަކަށް ތިރީގައި ތަޅަމުން ދިޔައީ ކޮންމެވެސް ކަމަކަށް އިންތިޒާރު ކުރާ ފަދަ ގޮތަކަށެވެ. 

ކުޑަ އިރުކޮޅެއް ފަހުން ރެސްޓޯރެންޓްގެ ދޮރު ހުޅުވުނު އަޑާއެކު ކޮންމެވެސް ދެޒުވާނަކު އެތެރެއަށް ވަނުމުން މުޅިތަންވެސް ހަލަބޮލި ވެގެން ދިޔަކަންފާހަގަ ވިއެވެ. ހާއްސަކޮށް މޭޒު ތަކުގައި ތިބި އަންހެން ކުދީންތަކުގެ އަޑު ގަދަވެއްޖެއެވެ. "ގޯޑް! ބޯތް ބްރަދަރސް އާ ލުކިން ހޯވވޓް." ފަހަތުން އިވުނު އަޑާއެކު ވަކި ހިޔާލެއްނެތިވެސް އޭނާއަށް ދޮރާއި ދިމާއަށް ބަލައިލެވިއްޖެއެވެ. އެވަގުތު ދޮރުމަތީ ތިބި ދެޒުވާނުން ކުރެ އެކަކު ފޯން ކަންފަތުގައި ޖަހައިގެން ފުރަގަސްދީފައި އެނބުރެނީއެވެ. ދެން ހުރި ޒުވާނާ ވަށައިގެން ލޯ ހިންގައިލާފައި އަންނަން ފެށީ ސީދާ އެއަންހެންކުއްޖާ އާއި ގާތަށެވެ.

"ސަމްވަން އިޒް ނާރވަސް." ވަށައިގެންވި ހުރިހާ އަންހެން ކުދިންގެ ހިތްތަކާއި ކުޅެލާފައި އޭނާ އައިސް ކައިރީގައި އިށީންދެލީ ހުއްދަވެސް ނުހޯދައެވެ. އިތުރު މޭޒެއް ހުސްކޮށް ނެތުމުން އަޖައިބަކަށް ނުވި ނަމަވެސް އަންހެން ކުއްޖާއަށް އެކަމުން ނުތަނަވަސްކަމެއް ލިބުނެވެ. އޭނާ އިށީންދެގެނެއް ނޫނެވެ. އެކަމަކު ރެސްޓޯރެންޓްގައި ތިބި ހުރިހާ އަންހެން ކުދީންގެ ނަޒަރު އެދިމާއަށް ހުރީމައެވެ."ކިހިނެއް އެނގުނީ؟" އަނގައިން ނުބުނަން އިނދެފައިވެސް ޒުވާނާގެ މޫނުގައިވި ހިތްހެޔޮ ކުލައަކުން އަޅައިނުލައި އިންނަ ހިތެއް ނުވިއެވެ. "ނުތަނަވަސް ދެލޯ. ފިނި ކޯކް. ރެސްޓްލެސް ފައި. އިތުރަށް ކޯއްޗެއް ވިސްނާ މީހަކަށް ބޭނުނ ްވާނީ؟" އޭނާ ލުއި އެހެނަސް ފިރިހެންވަންތަ އަޑަކުން ހީލައިފިއެވެ. "ލޯންގް ސްޓޯރީ." އަންހެންކުއްޖާ ފުން ނޭވައެއް ލައިފައި ދުރު ބަލައިލި އެވެ. 

"ކުރިއަށް މުޅި ރޭގަނޑު އޮތީ." ޒުވާނާގެ ނަޒަރު ދާދި ކައިރީގައި ތިބި އަންހެން ކުދިންތަކަށް ހުއްޓޭ ގޮތްވިއެވެ. އެކުދިންތައް އިތުރަށް ތަޅުވާލުމުގެ ގޮތުން އެއްލޯވެސް މަރާލައިފި އެވެ. އަންހެންކުއްޖާއަށް އެތަން ފެނުނެވެ. "ކިޔަވަން ހުރި ގެއިން ފިރިހެނެއްގެ އުދަނގޫ ޖެހުނީ. އައި ކިކްޑް ހިޒް މޭން ބިޒްނެސް. އެން ހިއަރ އައި އޭމް. މިހާރު މިއިންނަނީ ކުޑަ މަންމަ ހުންނާނެ ގެއެއް ހޯދައިގެން އެމީހުން ބަލައި އަންނަންދެން. ހިތަށްއަރާ ދެން ބައްދަލު ކުރާނީ ކޮންކަހަލަ ޝައިތާނުން ތަކެއްބާއޭ؟" އޭނާ ކުރު ގޮތަކަށް ކިޔައިދިނެވެ. "ބްރޭވް." ޒުވާނާ ގާތަށް ހިނި އަތުވެއްޖެއެވެ. އެވަގުތު އަންހެންކުއްޖާ އަނެއްކާވެސް ގަޑި ބަލާލައިފިއެވެ. "ފެނިއްޖެ އޭނަ. ބްރޯ މަޑުކުރޭ. މިދަނީ ގޮވައިގެން." ޒުވާނާ ހަމަ ކުއްލިއަކަށް ފޯން ނަގާފައި ކަންފަތުގައި ޖަހައިލަމުން ދެއްކި ވާހަކައިން އަންހެންކުއްޖާ ސިހިފައި ކޮޅަށް ތެދުވެއްޖެއެވެ. 

"މީޓް ދި ޑެވިލް! މީ ޔާނިޒް." ޒުވާނާ ލާނެތް ހިނިތުން ވުމަކާއެކު ސަލާމަށް އަތް ދިއްކޮށްލިއެވެ. "ލަޔާލް." އޭނާ ތައާރަފް ދިން ނަމަވެސް ސަލާމެއް ނުކުރިއެވެ. ޔާނިޒްގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައީ އެހެންވެއެވެ. މިހާ އަވަހަށްވެސް އޭނާއަށް ޤަބޫލު ކުރަން ޖެހިއްޖެއެވެ. ލަޔާލް އަކީ މިއުޅޭ އާދައިގެ ކުއްޖެއް ނޫނެވެ.

ޔާނިޒް ސޫޓް ކޭސް ހިފާފައި ދެމީހުން އެއް ހަމައެއްގައި ގޮސް ރެސްޓޯރެންޓުން ނިކުމެއްޖެއެވެ. އޭރު މަގުމަތީގައި ޔާނިޒް އައި ކާރު އޮތެވެ. "އަވަހަށް އަރާ!" ޔާނިޒް ޑިކީ އަށް ސޫޓްކޭސް ލާން ދިޔަ ވަގުތު ލަޔާލް ދުވެފައި ގޮސް ފަހަތު ސީޓަށް އެރިއެވެ. އޭރު ޑްރައިވަރ ސީޓުގައި ކުރިއްސުރެ މީހަކު އިނެވެ. ލަޔާލްއަށް ވިސްނުނެވެ. އެއީ ޔާނިޒްގެ ބޭބެއެވެ. ކާރު ތެރެއަށް ވެރިވެފައިވާ ފަނޑު އަލީގައި ވިންޑް ސްކްރީނުން ފެންނަން ހުރި ދެލޮލަށް ލަޔާލް ބަލައިލީ ވަކި ހިޔާލެއް ނެތިއެވެ. އެކަމަކު ނަޒަރު ސީދާ ވުމުން ވަކިކޮށްލަން އުދަނގޫ ވެއްޖެއެވެ. ހިތަށް އެރިއެވެ. ހާދަ ތޫނު ދެލޮލެވެ. ލަޔާލްގެ ހިތް ތެޅިގަތީ ކުއްލި އަކަށެވެ. އަދި ހިސާބަކަށް ތެމިފައިވާ އިސްތަށިގަނޑުން ވެއްޓުނު ފެންތިއްކެއް ކޮނޑުގައި ޖެހިފައި އެކުރުވުނު ލުއި އިހްސާސްވެސް އޭނާ ސިހުމަކަށް ގެނައެވެ. އެވަގުތު އަތުތެރޭ އޮތް މޯބައިލް ރިންގް ވާން ފެށުމުން ތެޅިގަނެފައި އެވެސް ދޫކޮށްލެވިއްޖެއެވެ.

"ކިހިނެއްވީ؟" ޔާނިޒް އައިސް ކުރީ ސީޓުގެ ދޮރު ހުޅުވާ ލައިފައި ލަޔާލް ފޯނު ނަގަން ބޯ އަރި ކޮށްލިތަން ފެނިގެން ސުވާލު ކުރިއެވެ. ލަޔާލް ދައްކައިލީ ފޯނެވެ. ޔާނިޒް ލުއި ހިނިތުންވުމަކާއެކު އިށީން ފަހުންވެސް ލަޔާލްގެ ދެލޯ ވިންޑް ސްކްރީނަށް ހުއްޓޭ ގޮތްވިއެވެ. "ކީކޭ ކުޑަމަންމާ؟" ލަޔާލް ފޯން ކަންފަތުގައި ޖަހާފައި ވާހަކަ ދައްކަން ފެށިއެވެ. "ހޫމ...މިދަނީ އެގެއަށް. ގޮއްސަ ގުޅާނަން." ލަޔާލް އެކޮޅުން ކުރި ސުވާލަށް ޖަވާބުދީފައި ބެލީ އަވަހަށް ފޯން ބޭއްވޭތޯއެވެ. "ސޯ ޓެލް މީ! ކޯއްޗެއް ތި ކިޔަވަނީ؟" ޔާނިޒް ފުރުސަތަކަށް ބަލަން އިނދެފައި ވިންޑް ސްކްރީނުން ލަޔާލްގެ މޫނު ފެންނާނެ ގޮތަށް ހަދައިލި އެވެ. "ނާރސިން." ޔާނިޒްގެ ކައިރީގައި އިތުރު މީހަކު އިނުމުން ލަޔާލްއަށް ވާހަކަ ދައްކަން މާ ފަސޭހައެއް ނުވިއެވެ. "ނިމެން އުޅޭތަ؟" ޔާނިޒް އިތުރަށް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ. "ނޫން. މި ޖޫންގަ ފެށީ." ޖަވާބުދީފައި އަނެއްކާވެސް ލަޔާލްއަށް ބަލައިލެވުނީ ކުރިމަތީ ހުރި ސީޓަށެވެ. އެސީޓުގައި ހިމޭނުން އިން ޒުވާނާ އަށެވެ. ނަސީބަކުން ޔާނިޒް އިތުރަށް ސުވާލު ކުރިމަތި ނުކޮށް ސެޓް އޮންކޮށްލައިގެން ލަވައެއް ޖަހާލައިފި އެވެ. ހިމޭންވެލާނެ ފުރުސަތެއް ލިބުމުން ލަޔާލްއަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. ބޮލުން ބޮޑު ބަރެއް ނެގުނު ކަހަލައެވެ.

މަގުމަތީގައި ޓްރެފިކް އޮތުމުން ހީކުރި ވަރަށްވުރެ ގިނަ ވަގުތު ގެއަށް ދާން ނެގިއެވެ. ލަޔާލް އެހުރިހާއިރު ލޯ މަރައިގެން އިނދެފައި ހުޅުވައިލީ ގެއަށް އާދެވުނު ވާހަކަ ޔާނިޒް ބުނީމައެވެ. އަވަސް އަވަހަށް ތެދުވެފައި ބަލައިލުމުން ކުރިމަތީން ހުޅުވިގެން ދިޔަ ގޭޓާއި މައްޗަށް އުސްކޮށް ނަގާފައިވާ ފަސްބުރީގެ އިމާރާތް ފެނުނެވެ. އަދި ހަމަ އެގޭޓު ތެރޭގައި ވަކި ބިންގަލަކުން މައްޗަށް ނަގާފައިވާ އިތުރު ދެ އިމާރާތްވެސް ހުއްޓެވެ.

"ނިޒް ދޭ އެތެރެއަށް. އެބަ އަންނަން އަދި ތަނަކަށް ޖައްސާލައިފަ." ދޮރުފަތް ހުޅުވަން ވެގެން ގެންދިޔަ ލަޔާލްގެ އަތްތިލަވެސް ގަނޑުފެން ކޮޅަކަށް ވިއެވެ. ކަންފަތުގައި ހަރުލައިގެން ދިޔަ އެއީ މިދުނިޔެ މަތީން އޭނާ އެހި އެންމެ ފިރިހެންވަންތަ އަޑެވެ. އެތައް ސަތޭކަ އައިސް ކިއުބްތަކެއް މެއަށް އަޅައިލުމުން ހުރިހާ ނާރުތަކަށް ދާންދެން އެ ފިނީގެ އަސަރު ފޯރައިގެން ދިޔަހެން ހީވިއެވެ. ހަރަކާތެއް ނުކުރެވި، ހިނދުކޮޅަކަށް ނަމަވެސް ހިލައިގެ ބުދެކޭ އޭނާ ތަފާތެއް ނުވިއެވެ. އެވަގުތު ޔާނިޒް އާއެކޭ ބުނެ ޖަވާބު ދިން އަޑުވެސް ލަޔާލްއަށް އިވުނީ ހުވަފެނެއްގައި އޮތްވާ ގޮވައިލުމުން އިވުނު އަޑެއް ފަދައިންނެވެ. އަވަހަށް ދެ ފަރާތަށް ބޯ ހޫރުވާ ލައިފައި އޭނާ ފޭބިއެވެ. ޔާނިޒް ސޫޓްކޭސް ނަގާފައި ގެއާއި ދިމާއަށް ކުރިމަތި ލައިގެން ހިނގައިގަތުމުން ކާރު އަނބުރާ ގޭޓުން ނިކުންނަން މިސްރާބު ޖެހިއެވެ. ހިނގައިގަންނާނެ ބާރު ލަޔާލްގެ ދެފަޔަށް ލިބުނީ އަދި އެހިސާބުންނެވެ. އޭނާ ފަސްފަހަތުން ބާރަށް ހިނގާލައިފައި ގޮސް ޔާނިޒް އާއި އެކުގައިހެން އިމާރާތުގެ ފުޅާ ދޮރު މައްޗަށް ހުއްޓިއްޖެއެވެ.

ޔާނިޒް ބެލް ޖަހައިލުމުން ދޮރު ހުޅުވީ ގޭގައި އުޅޭ ނޯކަރެކެވެ. އެތެރެއަށް ވަދެގެން ދިޔައިރު ފުރަތަމައަށް ސިޓިންރޫމް ހުރެފައި ކުޑަ ތަންކޮޅެއް ދުރުން ބަދިގޭގެ ދޮރު ފެންނަން ހުއްޓެވެ. ތިރީބައިގައި މުޅިއެކުވެސް ދެބައި ހުރުމުން ފުދޭވަރަކަށް ތަނަވަހެވެ. ދެވަނަ ބުރިއާއި މަތީގައިވާ ކޮޓަރިތަކަށް ދެވޭގޮތަށް ހަދާފައިވާ ސިޑި ހުރީ ބަދިގެއަށް ދާ މަގުގެ ގާތްގަނޑަކަށް މެދާކަށް ހިސާބުގައެވެ. ޔާނިޒްގެ އިޝާރާތަކަށް ލަޔާޒް ގޮސް ސޯފާގައި އިށީންދެއްޖެއެވެ. ނޯކަރުސިޑިން އަރައިގެން މައްޗަށް ގޮއްސައި ކުޑަ އިރުކޮޅެއްގެ ތެރޭގައި ތިރިއަށް ފައިބައިގެން އަންނާތީ ފެނުނީ ފަންސާހަކަށް އަހަރުގެ ފިރިހެނެކެވެ. ލަޔާލް އަވަހަށް ކޮޅަށް ތެދުވިއެވެ. ޔާނިޒް ޖެހިގެން ހުރި ސޯފާގައި އިނީ ލަޔާލް އާއި ބައްޕަގެ ހަރަކާތްތަކަށް ބަލާށެވެ. އެ ފިރިހެންމީހާ ޔާނިޒްގެ އިސްކޮޅު ހުރެފައި ސިފަވެސް ނުހަނު ވައްތަރެވެ. ބޮލުގައި ގިނަ އަދަދަކަށް ނުރަ ހުއްޓަސް ހަށިގަނޑު ވަރުގަދަ ވެފައި މޫނު އަލި ފިރިހެނެކެވެ. މާ ފަލައެއްވެސް ނޫނެވެ.

"ލަޔާލް! މީ އަޒީބެ." އަޒީ އައި ގޮތަށް އައިސް ލަޔާލް އާއި ސަލާމަތް އަތް ދިއްކޮށްލައިފި އެވެ. އެވަގުތު އެމޫނުގައިވި ހިނިތުންވުން ލަޔާލްގެ ހިތުގައި އުފެދުނު ހުރިހާ ނުތަވަސްކަމެއް ދުރުކޮށްދިނެވެ. ހިތަށް އެރިއެވެ. ކުޑަ މަންމަ ބުނީ ތެދެކެވެ. އަޒީބެގެ މޫނުގައި ކިބުރުވެރި ކަމެއް ނުވެއެވެ. ލަޔާލް ސަލާމް ކޮށްލާފައި ހިނިތުންވުމުގެ ޖަވާބުދިނެވެ. އަޒީ އިޝާރާތް ކޮށްލުމުން އިށީންދެފައި ރަށުގެ ބައެއް ޚަބަރުތައް އޮޅުން ފިލުވައިދިނެވެ. "މިރޭ މާ ލަސްވެސް ވެއްޖެ ދޯ. ދޭ ދެން ލަޔާލް ހެދުން ބަދަލުކޮށްގެން ނިދަން. މާބޮޑަށްތެމިފަ ތިހުރީ. މާދަން ދެން އާއިލާގެ ބާކީ މެމްބަރުންނާއި ބައްދަލު ކުރާނީ. އަދި ހެނދުނު ކުލާހަށްވެސް ދާން ޖެހޭނެއެއްނު. ސިހާމާ ބުނި ލަޔާލް ހަދަނީ ނާރސިންއޭ." އަޒީ ތެދުވެފައި އިތުރަށް ވާހަކަ ދެއްކިއެވެ. ލަޔާލް ބޯ ޖަހާލައިފައި ދާނެ ދިމާއެއް ނޭނގިފައި ހުއްޓާ އޭނާ ކޮޓަރި އާއި ހަމައަށް ގެންދަން އަޒީ އެންގީ ޔާނިޒް އަށެވެ. 

އެހާ ކުޑަ ވަގުތު ކޮޅަކަށްވެސް ލަޔާލްއަށް ފާހަގަ ކުރެވުނީ އަޒީއަށް ޔާނިޒް ކުރާ އިޚުތިރާމެވެ. ކައިރީގައި އެއިން ވަގުތުކޮޅު އިސްވެ އެއްޗެއްވެސް އޭނާ ނުބުނެއެވެ.

"ހިނގާ ރޫމްއަށް ގެންގޮސްދޭނަން!" އަޒީ ގޮސް އޮބައިލުމުން ޔާނިޒް ތެދުވެފައި ލަޔާލްގެ ސޫޓްކޭސް ހިފައިގެން ސިޑި އާއި ދިމާއަށް ދާން ފެށިއެވެ. ފަސްފަހަތުން ލަޔާލް ހިނގައިގެންފައި ގޭގެ ދެވަނަ ބުރިއަށް އެރިއެވެ. ހުދު ހުދު ފާރުތަކާއި ގޭގެ ކޮންމެ ދިމާއަކުން ފެންނަމުން ދިޔަ ފަރުނީޗަރތަކުން އޮފް އަރައެވެ. ހިރަފުސް ކޮޅެއް ނެތްތާގައި ތަޅުންގަނޑުވެސް އޮމާންކަމުން ހީވަނީ ކައްސާލަފާނެ ހެންނެވެ. ތިރި ބޫޓަކަށް އަރައިގެން އާދެވުނީ ނަސީބޭ ލަޔާލް ހިތަށް އެރިއެވެ. 

ޔާނިޒް ދެވަނައަށް ހުރި ކޮޓަރިއަށް ސޫޓްކޭސް އެތެރެ ކޮށްލައިފައި ލަޔާލް ވަންނަން ތަން ދެއްކިއެވެ. ލަޔާލް ވަދެގެން ގޮސް އަތް ދަބަސް އެނދުމައްޗަށް ދޫކޮށްލައިފައި ވަށައިގެން ބަލަން ހުރީ އަދިވެސް ބީރައްޓެހި ވެފައެވެ. "މޭކް ޔޯސެލްފް ހޯމް." ޔާނިޒްއަށް އެކުލަވަރު ފާހަގަ ވެގެން ބުނެލައިފި އެވެ. "އިތުރު އެއްވެސް ކަމެއް ބޭނުން ވަންޏާވެސް ކޮންމެ ގަޑިއަކުވެސް އަހަރެން އެވެލެބްލްވާނެ. ދެފަހަރު ރިންގް ވާން ވާއިރަށް ޖެހިގެން އެހެރަ ކޮޓަރިން ނިކުމެގެން އަންނާނަން. ހާއްސަކޮށް މިޑްނައިޓްގަ އަހަރެން އުޅޭނީ ހޭލާ." ޔާނިޒް ނިކުންނަން ގޮއްސައި އަނެއްކާ އެނބުރި ވާހަކަ ދެއްކިއެވެ. ފަހު ޖުމްލަ ބުނެލި އިރު ކުރިއަށްވުރެ އަޑު މަޑުކޮށްލާފައި އެއްލޯވެސް މަރާލައިފި އެވެ. "ނިކުމެގެން އައި ގޭ މީހާއަށް ދިން ކަހަލަ ހަދިޔާއެއް ބޭނުމިއްޔާ ހަމަ މަރުހަބާ." ލަޔާލް ދެ އުކުޅުގައި އަތް ވިދެލާފައި ނުބައި ގޮތަކަށް ހިނިތުންވެލިއެވެ. "އޯއު...!" އެވަގުތު ޔާނިޒް ކުރިމަތީގައި ދެއަތް އަޅާފައި ޖައްސައިލި އެކްޓް ފެނުމުން ލަޔާލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. "ގުޑްނައިޓް." ލަޔާލް ނުސީދާ ބަހުން ޔާނިޒް އެތަނުން ނެރޭނެ މަގު ހޯދިއެވެ. އެކަނި ވުމުން ދޮރު ތަޅުލާފައި އައިސް އޭނާ އެނދުގައި ޖައްސައިލީ ކުޑަ މަންމަގެ ނަންބަރަށް ޑައިލް ކޮށްލައިފައެވެ.

ތަން ބަދަލު ވުމުން ފަސޭހައިން ނިދި ނާންނާނެކަން އެނގޭތީ ލަޔާލް ފޮށިން އެއްޗެހި ނަގައި އަލަމާރިއަށް އެޅިއެވެ. ކުއީން ސައިޒްގެ އެނދާއި ބޮޑު އަލަމާރިއެއްގެ އިތުރުން އަދި ސޯފާއެއްވެސް އެތާގައި ހުރުމުން އޭނާ ނުހަނު ހިތްހަމަ ޖެހުނެވެ. ނިކުމެގެން އައި ގޭގައި ކުޑަ ތަންކޮޅެއްގައި ނޭވާ އަންނަނީވެސް ކިރިޔާއެވެ. ދެން އިރާދަ ކުރެއްވިއްޔާ ހަމަޖެހިލައިގެން ކިޔެވިދާނެއޭ ހިތަށް އެރިއެވެ.

ނިދަންވެގެން އެނދަށް އެރި އިރުވެސް ވާރޭ ވެހޭކަން ލަޔާލްއަށް އެނގުނެވެ. މަސައްކަތުގައި އުޅުނު އިރު ކަހާލި ފޮތިގަނޑު ދަމާލައިފައި އޭނާ އަވަހަށް ރަޖާ ދަށަށް ވަނެވެ. ފުދޭވަރަކަށް ލަސްވެފައި ހުރުމުންނާއި އަދި ތަންމަތިވެސް އަރާމު ކަމުން ދެލޮލަށް ނިދި ސަވާރުވީ އަދި މިހެންނަކުން ނޫނެވެ. މިނިޓެއްވެސް ނުވަނީސް ހުވަފެނީ އާލަމަށް ލަޔާލްގެ ރޫޚު ދަތުރު ކޮށްފިއެވެ. 

ފަތިސް ނަމާދަށް ހޭލައިފައި އިތުރަށް ނިދާ ހިޔާލެއް ލަޔާލް ނުކުރިއެވެ. އިރު އަރަންވެސް ދެން މާގިނަ އިރެއް ނެތެވެ. ލައިގެން ހުރި އަތްދިގު ޓީޝާޓާއި ގަޔަށް ފަސޭހަ ދޫ ހަރުވާޅާއެކު އޭނާ ގޮސް ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލައިފިއެވެ. ފަނޑު އަލިކަމެއް ވެރިވެފައިވާ ކޮރިޑޯގައި އެކަކުވެސް ނެތެވެ. ލަޔާލް ނިކުމެފައި އިސްތަށިގަނޑުގައި ޖަހާފައިވާ ގޮށް މޮހާލައިގެން މިސްރާބު ޖެހީ ތިރިއަށް ދާށެވެ. އެހެން ހެދުމުން ފިނި ހިފާފައިވާ މާހައުލުގެ އުދަނގޫ ކަރާއި ކަނދުރާއަށް ކުރާލެއް ކުޑައެވެ.ގަނޑުފެންތަކެއް ފަދައިން ފިނިވެފައިވާ ހަރުފަތްތައް ގިރާކޮށްލައިފައި ގޮސް ސިޓިންރޫމަށް ހުއްޓުމުން ބަދިގޭގައި މީހަކު އުޅޭ ކަހަލަ އިޝާރާތެއް ވިއެވެ. ލަޔާލް އެދިމާއަށް ދާންވެގެން ދެފިޔަވަޅެއް ވަރު ކުރިއަށް އެޅިތަނާ އެތެރޭގައި އުޅޭ މީހާ ކިބިއްސެއް އަޅައިލި އަޑު އިވިގެން ތެޅި ގަނެވުނެވެ. އެއީ ފިރިހެނެއްގެ އަޑެވެ. ލަޔާލް އަވަހަށް ފަހަތަށް ޖެހިލާފައި ކައިރީގައި ހުރި ތަނބުގެ ފުރަގަހަށް ވަދެ ފިލިއެވެ. ޔާނިޒް އާއި އަޒީގެ އިތުރަށް އެގޭގައި އުޅެނީ ކިތައް މީހުން ކަމެއްވެސް ނޭނގޭ ވިއްޔާއެވެ. 

އެމީހަކު ބަދިގެއިން ނިކުމެގެން ގޮސް ސިޑިން އަރަން ފެށުމުން ލަޔާލް އަވަހަށް ތަނބުގެ އަނެއް ފަރާތަށް އައިސް ނުފެންނަ ހިސާބުގައި ހުރެފައި ރަނގަޅަށް ބަލައިލި އެވެ. އަށާރަ އަހަރުވީ ހަޔާތުގައި ލަޔާލް އެސްފިޔަ ޖަހައިލަން ހަނދާން ނެތުނު އެއީ ފުރަތަމަ ވަގުތުކޮޅެވެ. ހަމައެކަނި ފުރަގަހުންވެސް އެޒުވާނާ އޭނާގެ ހިތުގައި ވިކާލައިފިއެވެ. ކަކުލާއި ހަމައަށް އަންނަ ސޯޓެއްގައި ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން ދިޔަ އެޒުވާނާ އިސްކޮޅުން ދިގުވެފައި ނުހަނު ރޫފަ ރަނގަޅެވެ. އެހަށިގަނޑުގެ ބިޔަ ކަމާއި އެއްވަރަށް ވަރުގަދަ ކަމަށް ދައްކައެވެ. ރީތި ވަރަކަށް ކޮށާލައިފައިވާ އިސްތަށިގަނޑު ފަންވެފައި އެހާމެ ކަޅުކުލަ ގަދައެވެ. އެއޮތް ފިނި ފަތިހުވެސް ދާތިކި ހަރުލާފައިވާ ބުރަކަށްޓަށް ބަލައިލުމުން ކަސްރަތު ކޮށްފައި ހުރިކަން ދޭހަވެއެވެ. އަތުގައި ހުރި ފިނި ޖޫސްތަށިވެސް އެކަމަށް ހެކިވިއެވެ. ލަޔާލް އޭނާގެ މޫނު ފެންނާނެ ނަމައޭ ހިތަށް އަރައިގެން ކެތްތެރިކަން ކުޑަވެފައި ހުއްޓާ ލޯމަތިން އޮބާލީއެވެ. "އެއީ ކާކުބާ؟ ޔާނިޒްގެ ބޭބެތަ؟" ލަޔާލް ހިތާއި ހިތުން ސުވާލު ކޮށްލައިފައި ތަނބުގެ ފުރަގަހުން ނިކުތެވެ. 

އިރުކޮޅަކުން މީހަކު އަންނަ އަޑު އިވިފައި ގޭގައި އުޅޭ ދެ ނޯކަރުން އައިސް ބަދިގެއަށް ވަދެއްޖެއެވެ. ލަޔާލް ސޯފާގައި އިނދެފައި މައްޗަށް ދާން އުޅެނިކޮށް އަޒީ އައީ ދާހިތްލައި ފޯވެގެން ހުރެއެވެ. "އާދީ ކޮބާ މިލްކް ތަށި؟" އަޒީއަށް ލަޔާލް ފެނުނީ ކައިރިއަށް އައި ފަހުންނެވެ. ހަމަ ފެންނަ އިރަށް ހިނިތުން ވުމާއެކު ހެނދުނުގެ ސަލާމް އިއްވައިލި އެވެ. "މޯނިން އަޒީބެ. ތިއައީ ކަސްރަތު ކޮށްފައިތަ؟" ލަޔާލް ތެދުވެފައި ސުވާލު ކޮށްލިއެވެ. "އާ. ކަސްރަތު ނުކޮށް އުޅެވޭކަށް ނެތޭ ކަނބުލޯ. ހަކުރާ ފުށާ ލެޔާ ހުރިހާ އެއްޗެއް މައްޗަށް ދަނީ." އަޒީގެ ސަމާސާ އެކުލެވުނު ޖަވާބުން ލަޔާލް ހެއްވައިލި އެވެ. 

"ހަނދާންކޮށް ހަތްގަޑި ސާޅީހަށް މޭޒު ދޮށަށް އަންނާތި އިނގޭ. މިގޭ ހުރިހާ ކުދިންނާއި ލަޔާލް ބައްދަލު ކޮށްދޭނަން އެގަޑީގައި." އާދީ ގެނެސް އަތަށް ދިން ފިނި ކިރުތަށިން އެތިފޮދެއް ބޯލައިފައި އަޒީ އެތަނުން ސޯފާއެއްގައި އިށީނެވެ. "އަހަރެންވެސް އަދި އަޒީބެ އާއި ވާހަކަ ދައްކައިލަން ބޭނުންވެފަ މި ހުންނަނީ. ރޭގައި މާ ލަހުން އާދެވުނީމަ މިގޭގައި ކުރަން ޖެހޭނެ ކަންތައްތަކުގެ ވާހަކަ އަހައިނުލެވުނީ." ލަޔާލް ކުރިންވެސް އިންތާގައި އިށީންދެފައި ވާހަކަ ފެށިއެވެ. "ލަޔާލް މިގެއަށް އައީ ހުންނާނެ ތަނެއް ނެތިގެން. އެއްގޮތަކަށްވެސް ހީނުކުރާތި މަސައްކަތް ކުރަން ޖެހޭނެއޭ. އެކަން ކުރަން ނޯކަރުން ތިބޭނެ. ލަޔާލް ބަލާ ރަނގަޅަށް ކިޔެވޭތޯ. އެހެންނޫނީ ސަހާމާ ބުނާނެ ގެނެސް ނޯކިރީ ކުރާށޭ ޖެއްސީ." އަޒީގެ ޖުމްލަ ނިންމާފައި ލުއިއަޑަކުން ހީލިއެވެ. 

"އަސްލު އަޒީބެ އާއި ކުޑަ މަންމަ ކިހިނެއްތަ ރައްޓެހީ؟" ލަޔާލް އަހައިލި އެވެ. ސަހާމާ ދައްތައަށް އަޒީފަދަ މުއްސަނދި ހިތްތިރި އެކުވެރިއަކު ލިބުނު ގޮތެއް އޭނާ އޮޅުން ފިލުވަން ބޭނުންވިއެވެ. "ސަހާމާ މާލެ އައިސް ކިޔަވަން ހުރިއިރު އެއްކުލާހެއްގައި އުޅުނީ. އޭގެ ފަހުން ދެން ހަމަ ރައްޓެހި." އަޒީ ކިޔައިދިނެވެ. ކިރު ތަށި ހުސްކޮށްލައިފައި އަޒީ މައްޗަށް އަރައިގެން ދިއުމުން ލަޔާލްވެސް ކޮޓަރިއަށް ދިޔައެވެ.

ފެންވަރާ ރީތިވެލައިގެން އޭނާ ތައްޔާރު ވީ ސައިމޭޒު ދޮށަށް ދިއުމަށެވެ. ލަޔާލް އެތެރެއަށް ވަންއިރު ނޯކަރުން ތަށިތައް އަތުރައި ނުވެސް ނިމެއެވެ. ގަޑި ބަލާލައިފައި އޭނާ އެތަނުން އިށީންނަންވީ ގޮނޑިއެއް ނޭނގިފައި ހުއްޓާ އަޒީ ވަނެވެ. އަތްދިގު ގަމީހާއި ފަޓްލޫނުގައި އަޒީ ނުހަނު ޝަހުސިއްޔަތު ވަރުގަދަ ވެފައި ޝާހީ ގޮތެއް ހުއްޓެވެ. "އާދޭ މީތާ އިށީންނަން." އަޒީ މޭޒުގެ ކޮޅުގައިވާ ގޮނޑީގައި އިށީންދެފައި ލަޔާލްއަށް ދެއްކީ ކަނާތް ފަރާތުން އެންމެ ކައިރީގައި ހުރި ގޮނޑިއެވެ. ލަޔާލް އެގޮނޑީގައި އިށީންދެފައި ހަމަޖެހި ނުލެވިގެން އުޅެނިކޮށް ދޮރާއި ދިމާއިން ފިޔަވަޅުތަކެއްގެ އަޑު އިވިގެން ދިޔައެވެ. އެފިޔަވަޅު ތައް ކައިރި ވަމުން އައި ވަރަކަށް ލަޔާލްގެ މޭގެ ތެރޭގައި އޮތް ހިތްވެސް އަވަސްވެގެން ދިޔައެވެ.

ކޮމެންޓް 0