ޖެހިގެން އައި ދުވަހުވެސް އުޑުމަތި އޮތީ ފުދޭވަރަކަށް ބަނަކޮށެވެ. ދޭތެރެއަކުން ވާރޭ ކަނިޖަހާލައެވެ. އައްމާރު ބޮޑުކޮޓަރީގައި ފޯނެއްގައި އިނުމުން ސާރާ ކުޑަދޮރު ހުޅުވާލާފައި ބޭރަށް ބަލާލިއިރު އީމާ ފާރުކަނުގައި ކޮންމެވެސް އެއްޗެއް ވަޅުލާން އުޅޭތަން ފެނުނެވެ. ސާރާ ގަސްތުކުރީ އީމާއާއި ވާހަކަދައްކާލަން ނުކުތުމަށެވެ. ކުއްލިއަކަށް އީމާގެ މޫނުމަތިން ހާސްކަން ފެނުނެވެ.

"އަހަރެން ކުރިކަމެއް ފެނުނުތަ؟ " އީމާ ދެލޯ ތަންމިނަށް ހުޅުވާލިއެވެ. އޭރު އޭނަ ހުރީ ޗަކައިން ތަތްތެޅިފައިވާ އަތްތިލަ ފުރަގަހަށް ލާ ފޮރުވައިގެންނެވެ.

"މާ ބިންނަނީ ދޯ....." ސާރާ އެނގުނުކަމަކަށް ނެހެދިއެވެ.

"ހައް ހައް.. މާ ބިންނަނީޔޯ؟ އާރ ޔޫ އިންސޭން؟ މިތާގައި އެބަހުރިތަ މީހަކު ބިންނަ ޒާތުގެ މަލެއް، އަސްލު މަގޭ ޕީރިއެޑް ދުވަސްކޮޅޭ، ދެން ޑަސްބިނަށް ލުމުގެ ބަދަލުގައި ހިތަށް އެރީ ވަޅުލާނީއޭ......." އީމާ ހިނިގަނޑެއް ޖަހާލިއެވެ.

"އޭރަށް ބިންގަޑު ސަކަރާތްވާނެ އީމާ، މާރަގަޅު ޑަސްބިނަށް ލީމަ...." ސާރާ އޮޅުން ފިލުވާދޭން އުޅުމުން އީމާ ތުން ހަދާލިއެވެ.

"އެހެން މީހުންނަށް ގެއްލުންދޭން ވެގެންނޭ މިކަންތައް ކުރީ، އަހަރެމެން މިއުޅެނީ މިތަނުން ދާންވިއްޔަ....." އީމާ ފެންހޮޅިން އަތާއި ފައި ދޮވެލިއެވެ.

"އެހެންމީހުންނަށް އުފާދިނީމަ އުފާ ލިބޭނެ، އީމާ އެކަން ނުދަންނަންތަ؟ ގަސްތުގައި މީހުންނަށް ގެއްލުން ދޭކަށް ނުވާނެ އޯކޭ......."ސާރާ ވިސްނާދޭ ރާގަކަށް ބުނުމުން އީމާ ފާޑަކަށް މޫނު ހަދާލާފައި ދާން ހިނގައިގަތެވެ.

"ސާރާ ޑޯންޓް ޕްރީޗް.........." އީމާ ރާގެއް އަޅުވާލާފައި ކިޔާލިއެވެ. އަދި ނުލަފާ ހިނިތުންވުމަކަށްފަހު ގެއަށްވަންނަން ހުރި ތިރި ފަތްތަރުމަތީގައި އިށީދެއްޖެއެވެ. އަނގަ ފުރުންދެން ދުފާލާފައި ރަތްކުޅު ޖަހަންފެށީ އެކި ދިމާލަށެވެ. ޖެއްސުންކުރަން ދަންނަ އަންހެންކުއްޖެކެވެ. ގޭގެ އެކި ތަންތަނުގައި ތަތްކޮށްފައި ހުންނަ ޗުއިންގަމް ކިރުގެ އަސްލަކީވެސް އީމާކަން ސާރާއަށް ޔަގީންވިއެވެ. އައްމާރު ބުނިހެން މިކުއްޖާއަށް ނަފްސާނީ އަސަރުކޮށްފައިވަނީ ކުޑަކޮށެއްނޫނެވެ. ނޫނީ އީމާ ބުނާފަދައިން މިގޭތެރެއިން އޭނައަށް ޖިންނި ޝައިތާނުން ފެންނަނީހެއްޔެވެ؟

ސާރާ ވިސްނާލާފައި ނިންމީ އިތުރަށް އީމާއަށް ވިސްނާދޭން މިވަގުތު ނޫޅުމަށެވެ. އީމާގެ އުދަގޫތައް ހައްދު ފަހަނަޅާ ގޮސްދާނެއެވެ. އެކަހަލަ ކުއްޖެއްގެ ވިސްނުން ހުންނާނީ އާދައިގެ މީހެއްގެ ގޮތަކަށް ނޫނެވެ.

ކޮޓަރިއަށް ވަދެ އޮންލައިނުން ސަން ނޫސް ކިޔާލަން އުޅުނުތަނުން ފުރަތަމަ ނަޒަރުގައި އަޅައިގަތީ ޒަކާގެ ފޮޓޯއެކެވެ. ޒަކާ ގެއްލިގެން އުޅޭ ޚަބަރެވެ. އުމުރުން އަށާރަ އަހަރު ނުވާތީ ނޫހުގައިވެސް އޭނަ ލޭބަލް ކޮށްފައި އޮތީ ކުޑަކުއްޖެއްގެ ގޮތުގައެވެ. އައްމާރު ފެންވަރާލައިގެން ނުކުތްތަނުން ސާރާ އެ ލިޔުން ދެއްކުމުން އައްމާރުގެ މޫނުމަތިން މާޔޫސްކަމުގެ ކުލަވަރު ފެނިގެން ދިޔައެވެ. ކޮއްކޮ ދުނިޔޭގައި ހުރިކަމެއް ވެސް އެނގެނީއެއް ނޫނެވެ. ނަމަވެސް ޒަކާގެ އުޅުން ރަގަޅު ނޫންކަމާއި އެހާ ޅައިރުވެސް ފާޑު ފާޑުގެ ފިރިހެންކުދިންނާއި ގުޅިގެން އުޅޭކަން ދަނެއެވެ. ބައެއްފަހަރު މަރުވުންވެސް ޒަކާއަށް މާރަގަޅޭ ހިތަށް އެރިފަހަރު އައެވެ. އެވެސް އެހާ ރަގަޅުގޮތެއް ނޫންކަން މި އެނގުނީ ޒަކާ ގެއްލުނީމައެވެ. ކިތަންމެ ވިޔާނުދާކޮށް އުޅުނަސް ފެންނަން ހުރެއްޖެއްޔާ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭނެއެވެ.

"ޒަކާ ކިހިނެއްތަ ހަދައިގެން އެއުޅެނީ؟ އީމާ އެކިޔަނީ ތެދުވާހަކައެއްތަ؟ މިގޭތެރެއިން ޖިންނި އެއްޗެހި ފެންނަނީތަ؟ އިމީވެސް ބުނީމެއްނު މަޖަލަކަށް ހަދައިގެންވެސް ހޯންޓެޑް ތަނެކޭ........ " ސާރާ ހަނދާންކޮށްލަދިނެވެ. އައްމާރު ޖިންސްލުމަށްފަހު ގޮށްއަޅުވަންފެށިއެވެ.

"އެއީ ޒަކާގެ ފޯލްޓެއްނޫން، އަހަރެމެންނަށް އެކުއްޖާ ނުބެލެހެއްޓުނީމަ ވީގޮތް، ޒިންމާ ނަގަން ޖެހޭނީވެސް އަހަރެމެން......" އައްމާރު ސީރިޔަސްރާގަކަށް ބުނެލިއެވެ. ބައެއްފަހަރު އައްމާރުގެ ސަމާސާ މިޒާޖު ކެނޑި ކުއްލިއަކަށް އެއްކޮށް ބަދަލުވެދެއެވެ. އެކަމާ ސާރާއަށް ކިތަންމެހާވެސް އަސަރުކުރެއެވެ. އީމާ ޒަކާ އަދި އައްމާރުއެކޭ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ބޮޑުވި މާހައުލުގެ ސަބަބުން އެންމެންގެ ދިރިއުޅުމަށްވަނީ ހީނުކުރާފަދަ ބޮޑު އަސަރުތަކެއްކޮށްފައެވެ. އައްމާރުގެ ނަފްސާނީ މައްސަލައަށް ފަރުވާއެއް ނުހޯދާ ހުއްޓާ އިތުރަށް ގޯސްވެއްޖެއްޔާ ހާދަ ދެރައެވެ. ސާރާ އައްމާރުއާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން އިންނަން ފެށުމުން އައްމާރު ހީލިއެވެ.

"ވަޓް؟ ކީއްވެ ތިހެން ބަލަނީ؟ " އައްމާރު ފަރުވާކުޑަގޮތަކަށް އަހާލައިފިއެވެ.

"ހީ ޑަޒަންޓް ލަވް މީ....." ސާރާގެ ހިތަށް އެރިއެވެ. ބައެއްފަހަރު އައްމާރުގެ ތަބީޢަތަށް އަންނަ ބަދަލުތައް ސާރާއަށް މާނަކުރެވެނީ އޭގެ އެންމެ ނުބައިގޮތުގައެވެ. ކާއިއާގެ ރީތި ސޫރަ ފްލޭޝްއެއްހެން ކުރިމަތިން ފެނިލިއެވެ.

"ނަތިން......." ސާރާ އެ މައުޟޫއަށް ވާހަކަދައްކާހިތް ކެނޑުނެވެ.

ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭން ފެށުމުން ސާރާ ގޮސް ދޮރު ހުޅުވާލިއިރަށް އެތެރެއަށްވަނީ ނަބީލާއެވެ. ދަރިއަކު ގެއްލިގެން އުޅޭ މަޔެއްގެ މޫނުމަތީގައި ހުންނާނެފަދަ ކަންބޮޑުވުމުގެ އެއްވެސް ކުލަވަރެއް އެމޫނަކު ނެތެވެ. ނަބީލާ ހުރީ ހިތްހަމަޖެހިފައި ކަހަލަ ގޮތަކަށެވެ.

"ހުންނާނެ ޕާނުގައި އެއްޗެއް ތައްޔާރުކޮށްލާފައި، ދެކުދިން ކާންވީނު....." ނަބީލާ ހީލާފައި ބުނެލިއެވެ.

"ޝުކުރިއްޔާ މަންމާ...." އައްމާރު ކިޔާލައިފިއެވެ.

"އައްމާރު، ކައިގެން ޕެކްކޮށް ނިންމާލަންވީނު، މާދަން މިގެއިން ނުކުންނަން ޖެހޭ، މާލެއިން އަހަރެމެން ހޯދި އެޕާޓްމެންޓްގައި އައްމާރުމެންނަށް އަދި އުޅެން އުދަގޫވާނެ، ޖިމް ބުނި އޭނަގެ އެކުވެރިއެއްގެ ގެއިން ކޮޓަރިއެއް ހަމަޖެހިފައިވާ ވާހަކަ، އެހެންވީމަ ތަނެއް ހޯދުންވެސް އެއޮތީ ހައްލުވެފައެއްނު........."ނަބީލާ ވާހަކަދެއްކީ ވަރަށް ގާތްކޮށެވެ.

"ޒަކާވެސް ރައްޓެހިންނާއިއެކީގައި ގޮސްގެން އެންމެ ފަހުން ނޫސްތަކުގައި މަޝްހޫރުވާން ފެށީ، އަދި ކިތަންމެ ފަހަރަކު ފިލާނެ........" ނަބީލާ އިތުރަށް ވާހަކަދެއްކިއެވެ. ސާރާ ހުރީ ނުތަނަވަސްވެފައެވެ. މަންމަ ވާހަކަދައްކަން މަސައްކަތްކުރާ ދަނޑިވަޅެއްގައިވެސް އައްމާރު މިހުންނަނީ ހިލައިގެ ބުދެއްފަދައިން ހިމޭންވެފައެވެ.

"ވަރަށް ދެރަކަމެއްނު، ތަންތަނަށް ދާއިރު މަންމަ ކައިރިން ހުއްދަ ހޯދުމެއްވެސް ނެތީތަ؟ "ސާރާ ރީތިކޮށްލަންވެގެން އެއްޗެކޭ ބުނެލިއެވެ.

"ޒަކާމެން ކުދިން ބުނާގޮތަކަށް ނަހަދާނެ، ސާރާގެ މަންމަމެންގެ ޚަބަރެއް ނުވޭތަ؟ " ނަބީލާ ސުވާލުކުރުމުން ސާރާގެ ހިތް އަވަސްވެލިއެވެ. ތެދު ހަދައިފިއްޔާ އައްމާރު ރުޅިއައުން އެކަށީގެންވެއެވެ. ދޮގުހަދަންވެސް އޭނަ އާދަވެފައެއްނުވެއެވެ. އެވަގުތު ނަސީބަކުން އައްމާރު އަނެއްކާ ބޭރަށް ނުކުތެވެ.

"ކޮންތާކަށް އައްމާރު؟ " ނަބީލާ ގޮވާލިއެވެ.

"ފާޚާނާތެރޭގައި ހުރި އެއްޗެހި ނަގަން....." އައްމާރު ދަމުން ދަމުން ބުނެލިއެއްޗެއްގެ އަޑު ސާރާއަށް ކިރިޔާ އިވުނުކަމެވެ.

"މަންމަ ގުޅި..ވާހަކަދެއްކި...." ސާރާ ކިޔާލައިފިއެވެ.

"ދެން މަންމަމެން ވެއްޖެއެއްނު ރުޅި މައިތިރިކުރަން. އަހަރެމެން ދެން މިއީ އެއް ޢާއިލާއެއްނު.. މުސްލިމުން އެކަކު އަނެކަކަށް ހިތްނުބައިކޮށްގެން ވާހަކަނުދައްކާ ތިބޭކަށް ނުވާނެ. އަހަރެމެންނަކީވެސް ފައިސާނެތަސް ދެރަ ޢާއިލާއެއްގެ ބަޔެއްނޫން. ސާރާގެ މަންމަގެ ނަމްބަރު ދީފާނަންތަ............" ނަބީލާ އެހާ ރީތިކޮށް އެހުމުން ސާރާ މަންމަގެ ނަމްބަރު ކަރުދާސްކޮޅެއްގައި ލިޔެފައި ނަބީލާގެ އަތަށް ދިއްކޮށްލައިފިއެވެ.

އެރޭ ސާރާމެން ކައިގެން ގިނަވަގުތު ހޭދަކުރީ ޕެކްކުރުމުގައެވެ. ރައިޝާ ސާރާއަށް ގުޅައިގެން އެކޮޓަރިއަށް ގެންދިޔައީ ޖިދާން ގެއަށް ނާދެޔޭ ކިޔާފައެވެ. ސާރާ ދިޔައިރު ރައިޝާއިނީ ރޮއިރޮއި ހަލާކުވާން ކައިރިވެފައެވެ. އަނގަމަތި ދުޅަވެ މޫނުގެ ތަންގަނޑެއް ނޫފައިގެންފާވެއެވެ. ރައިޝާ އިނީ ގަނޑުފެން އަޅާށެވެ. ރައިޝާ ބުނީ އޭނަގެ ގައިގާ ތެޅީކަމަށެވެ. އަބަދާއަބަދު އޭނަ ބޭނުންވަނީ އެންމެ ކަމެއްކަމަށާއި މިއަދު ރައިޝާ ދެކޮޅުހެދުމުން އަނިޔާކުރީކަމުގައެވެ. ލޯބިން އެންމެ ޖުމްލައެއްވެސް ބުނެނުލާކަމަށާއި އަބަދު އިންނަނީ ގޭމް ކުޅެން ނޫނީ ޓީވީބަލަން ކަމުގައި ބުނެލިއެވެ.

"ދެން ރައިގެ ފެމިލީ ކޮބާތަ؟ " ސާރާ އަހާލިއެވެ.

"ޖިދާން އަހަރެން މަރާލިޔަސް މިގެއިން ދާކަށް ނުކެރޭނެ. އޭނަ އަހަރެން ބްލެކްމެއިލް ކުރަނީ........." ރައިޝާ ޓިޝޫއަކުން ނޭފަތް ފޮޅާލިއެވެ.

"ކިހިނެތްތަ؟ "ސާރާގެ ހިތް ހަމްދަރުދީއިން ފުރުނެވެ.

"ނޭކެޑް ވީޑިއޯތަކެއް ނަގާފައި ހުރީ، ބުނި އެންމެނަށް ދައްކާނަމޯ......." ރައިޝާ ހިތުގައި ޖެހިފައި އިނދެ ބުނެލިއެވެ.

"ލަވް މެރިޖެއްތަ؟ ކިހާ ދެރަކަމެއް ދެން....." ސާރާ ކިޔާލިއެވެ.

"ފެމިލީއާއި ދެކޮޅަށް މެރީކުރީ، އެންމެންވެސް ބުނި ޖިދާން ކަހަލަ މީހަކާއި ނީންނާށޭ، ފެމިލީވެސް ރަގަޅެއްނުވާނެއޭ، ތިކަން ހުއްޓާލާށޭ، އެކުވެރިންވެސް އެހާވަރަށް ވިސްނައިދިން، އެކަމަކު އޭރު ބޮލަށް ސަވާރުވެފައި ހުރީ އިޝްގު، މަންމަމެން ހަމަޖެއްސި ކުއްޖާ ދޫކޮށްލާފައި އައިސް މި ވެއްޓިގަނެވުނީ ބޮޑު ވަޅުގަނޑަކަށް. ހީޒް އެ މޮންސްޓަރ........ރިއަލީ ސާރާ، އަހަރެން އޭނަ ފެނުނަސް ބިރުގަނޭ، ހަމައިގައެއް ނޫން ހުންނަނީ. ބައެއް ވާހަކަތައް ސާރާއަށް ކިޔާދޭކަށްވެސް ނުކެރޭނެ........." ރައިޝާގެ ލޮލަށް ތާޒާ ކަރުނަ ދެވަނަ ފަހަރަށް ޖަމާވެއްޖެއެވެ.

"ނުރޮއި ރައި، އަހަރެމެން ތިކަމަށް ހައްލެއް ހޯދާނީ....." ޖިދާންއަކީ ކިހާވަރެއްގެ މީހެއްކަން ރައިޝާގެ ކައިރީ ބުނަންވީ ބާވައޭ ސާރާގެ ހިތަށް އެރިއެވެ. ސާރާގެ ކޮއްކޮއަކުވަނީ އެނުބައި ނުލަފާ ޝައިތާނާގެ އަތްދަށުވެ މިދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. އެނުލަފާމީހާއަށް ގިޔާމަތް ދުވަހުންވެސް އޭނަ މާފެއްނުކުރާނެއެވެ. އަބަދަށް އޭނައަށްޓަކާ ހިތުގައިވަނީ ބަދު ދުޢާއެވެ. މިއީވެސް ކިހާ އެހެންކަހަލަ އިއްތިފާގެއް ހެއްޔެވެ؟ ތަގުދީރު އޭނަ ގެނެސް މިވެއްދީ އެ ޢާއިލާގެ ތެރެއަށެވެ. އައްމާރުގެ ކުށެއް ނެތަސް މަންމަމެންނަށް އެކަން އެނގޭ ދުވަހަކުން އަދި ވާނެ ގޮތެއް ހިތަށް އަރުވާލަންވެސް ދަތްޗެވެ.

"ޖިދާންގެ ދޮންބައްޕަ ބަލާ އެއަރޕޯޓަށް ގޮސްފައި ހުރީ، މިހާރު ފްލައިޓް ޖައްސަން އުޅޭނެ......" ރައިޝާ ގަޑިއަށް ބަލާލިއެވެ.

އިރުކޮޅެއްވާންދެން ސާރާއާއި ރައިޝާ ވާހަކަދައްކަން ތިބިއިރު ދެކުދިންވެސް އެކުވެރިންނަށްވިއެވެ. ދެފަހަރިންނަށްވެސް މިފަދަ ގެއަކަށް އާދެވުނީ ހަގީގަތް ނޭގިއެވެ. އަދި މައިންބަފައިންގެ ވާހަކަތައް ހަނދާން ނައްތާލާފާ ލޯތްބަށްޓަކައެވެ. ދެމީހުންގެ ތަޖުރިބާ ތަފާތެވެ. އައްމާރުއާއިއެކު ސާރާއަށްވެސް އެންމެ އުފަލަކުން ނޫޅެވެއެވެ. އެއީ އައްމާރުގެ އެހެން ލޯބިވެރިޔަކު ހުރީމައެވެ. ނަމަވެސް އެސިއްރު އޭނަ ފަހަރެއްގައިވެސް އެހެންމީހަކަށް ފާޅެއް ނުކުރާނެއެވެ. ރައިޝާއާއި ހުރިހާ ވާހަކަތަކެއް ހިއްސާކުރާވަރަށް އެކުވެރިވެވޭ ދުވަހެއް އައި ކަމުގައި ވިޔަސް އައްމާރުގެ ސިއްރުތައް އޭނަ ހާމައެއް ނުކުރާނެއެވެ.

އިނގިރޭސިވިލާތަށް ފިނި މޫސުމް އައީ އެތައް ބަޔަކު ހާލުގައި ޖައްސަމުން މުޅީ ގައުމު ފިނީގެ ތެރެއަށް ގަންބާލާފައެވެ. ހުދު ސްނޯތަކުން ގޭގެ ފުރާޅުގައި ސީޓްލެވި މަގުމަތީގައި ސްނޯ ފުނިޖެހެމުންދިޔައިރު ބަލާބަލާ ފޫހިނުވާހާ ރީތި މަންޒަރަކަށްވިއެވެ. ކާއިއާ ލައިގެން ހުރި ކޯޓު ބާލާފައި ހެންގަރުގައި އެޅުވިއެވެ. ސިޓިންރޫމްގެ ފަޔަރޕްލޭސްގައި އަނދަމުންދާ އަލިފާނުގެ ސަބަބުން އަރާމު ހޫނުކަމެއް އިހުސާސްކުރެވުނެވެ. އެރީތި ދޮންމޫނަށް އަލިފާނުގެ ރަތްކުލަ ވެރިވެފައިވިއެވެ.

"ކައި، ހޫނު ޗޮކްލެޓެއް ބޯލަންވީނު......." ކާއިއާގެ މަންމަ ޝުވޭކާރަށް ދަރިފުޅު ގެއަށް ވަންކަން އެނގިފައި ގޮވާލިއެވެ.

"އެއްޗެއް ބޯހިތެއްނެތް....." ކާއިއާ ފޫހިވެފައި ހުއްޓަސް މޫނުމަތިން އެކަން ނުދައްކަން މަސައްކަތްކުރިއެވެ.

"ނުކައި ނުބޮއި ހުއްޓަސް ތި މަގުސަދުގައި ކާއިއާ ރާއްޖެ ފޮނުވާކަށް ބައްޕަ ތައްޔާރެއް ނޫން، ރަގަޅަށް އެނގޭނެ ކާއިއާގެ ބައްޕަމެންނަކީ ކިހާ ފެންވަރެއްގެ ބަޔެއްކަން، ވެވުނުގޮތަކަށް ތިކަން ހުއްޓުވާނަން، ކާއިއާ ގޮތްދޫނުކޮށް ތިހެން އުޅުނީމަ ވަކި މޮޅުތަކެއްވާނީއެއްނޫން އެނގިއްޖެތަ؟ ބައްޕަ ކިހާ ފަޚުރުވެރިވި ކުއްޖެއް ތިއީ، ކިހާ ބަސްއަހާ ދަރިއެއްގެ ގޮތުގައި ހުރީ، އެމީހަކާއި ޖެހުނު ފަހުން ބޮލަށް އެނޫންކަމެއް ސަވާރެއްނުވޭ، މޮޔަކޮށްލާފައި ތިހިރީ، އެމީހަކު އަވަހަށް އެހެން މީހަކާއި އިނދެގެން ދާނެނަމަ........" ޝުވޭކާރު ވާހަކަދެއްކީ އިނގިރޭސިބަހުންނެވެ.

"މަންމާ، އައިމް ގެޓިން އޯލްޑް. ދެން އެހެން މީހަކާއި ނީންނާނަމޭ ކިތައްފަހަރު ބުނާނީ، މަންމަމެން ތިހަމަޖައްސާ މީހުން ކައިއަކަށް ކަމަކު ނުދޭ......." ކާއިއާ އޭރުވެސް މޮބައިލްއިން ބަލަން އިނީ އައްމާރުގެ ފޮޓޯތަކަށެވެ. އައްމާރުގެ ލޯތްބަށްޓަކާ އޭނަވެފައިވާވަރު އެހެން މީހަކަށް އިހުސާސްނުކުރެވޭނީ ހެއްޔެވެ؟ އެއީ އޭނަގެ ފުރާނައެވެ. އޭނަގެ އުފަލެވެ. އައްމާރުގެ ވަށައިގެން ޖެހޭ ވަޔާއިމެދުވެސް އޭނަ ހަސަދަވެރިވެއެވެ. އައްމާރު ފައި ބީއްސާލާ ފަސްގަނޑުދެކެވެސް މެއެވެ. އައްމާރުގެ އެކުވެރިންދެކެވެސް ހަސަދަވެރިވެއެވެ. އެރީތި ޒުވާނާއާއިހެދި އޭނަ މިވަރަށް އުޅޭއިރުވެސް މަންމަމެން އެއްބަސްނުވާނީ ހެއްޔެވެ؟ އަމިއްލައަށް މަރުވާންވެސް އޭނަ ޚިޔާލުކުރެއެވެ. އައްމާރު ނުލިބިއްޖެއްޔާ އޭނައަށް އެނޫން އެހެން މަގެއްނެތެވެ. އައްމާރު އޭނައަށްޓަކާ ހާދަ ދިގު އިންތިޒާރެއްކޮށްފިއެވެ. އެތެދުވެރި ލޯބިވެރިޔާއަށްޓަކާ އޭނަވެސް ގުރުބާންވެދާނެއެވެ.

"ޝަޓަޕް ކާއިއާ، ޖަސްޓް ޝަޓަޕް......" ކުއްލިއަކަށް ޝުވޭކާރު ހަޅޭއްލަވައިގަތް އަޑު ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. އެއާއިއެކު ކޮންމެވެސް އެއްޗެއް ތެޅުނު އަޑުފަށްގަނޑަށް ކާއިއާވެސް ދެ ކަންފަތުގައި ދެކުޝަން ޖައްސާ ބާރުކޮށްލިއެވެ. އޭރުވެސް ކާއިއާގެ ދެލޯ ހުއްޓިފައިވަނީ ބިއްލޫރި ދޮރުތަކުން ބޭރަށެވެ. ދޮރުގައި ދަމާފައިވާ ބޯފޮތިތައް ކަހާލާފައި ހުރުމުން ސްނޯ ވެހެމުންދާ މަންޒަރު ނިކަން ހިތްގައިމުކޮށް ފެނެއެވެ.

"ދުނިޔެއަކީ ކިހާ ރީތިތަނެއް، އެކަމަކު އިމީއާއި ނުލައި މިއިން އެއްވެސް ކަމަކުން ހިތަކަށް އުފަލެއް ނުލިބޭ. އަމިއްލައަށް މަރުވާނީ، އޭރަށް މަންމަމެން ދެރަވާނެ، ހިތަށް އަރާނެ އެއްބަސްވެވުނުނަމައޭ، އެކަމަކު އަދި މަރުވީމަ އިމީ ލިބޭނެތަ؟ ހާދަ ހިތަށް ތަދުވެޔޭ ހާދަ ލޯބިވެޔޭ އަހަރެންގެ ފުރާނަ، މިހިތުގެ ވެރިޔާ، މިލިއަން ފަހަރަށްވެސް ލޯބިވޭ. ޕްލީޒް އަހަރެން ގެންދެބަލަ، އަހަރެން ސަލާމަތްކޮށްދީބަލަ. މަރުނުވަނީސް ތިރަށަށް ގެންދޭ. ލަވް ޔޫ ބޭބީ ލަވް ޔޫ ސޯ މަޗް..........." ކާއިއާ މޮޔައެއްހެން އައްމާރުގެ ފޮޓޯގައި ބޮސްދޭންފެށިއެވެ. ކުއްލިއަކަށް ރަހުމްކުޑަކަމާއިއެކު އޭނަގެ އަތުގައި އޮތް ފޯނު ދަމައިގަތުމުން ކާއިއާ އަޑުކޮޅަށް ހަޅޭއްލަވައިގަތްގޮތުން ހީވީ މީހަކު އޭނައަށް ވަރަކަށް އަނިޔާކުރަންފެށިހެންނެވެ.

އައްމާރު އާއި ސާރާ ކޮޓަރީގައި ތިބިއިރު ކޮންމެވެސް ވަރަކަށް ވާރޭވެހޭ އަޑުން ފަޒާގެ ހިމޭންކަން ކަނޑުވާލާފައިވިއެވެ. އައްމާރު މިރޭ ކާއިއާއާއި ވާހަކަނުދައްކާތީ ސާރާއަށް ލިބިފައިވާ ހަމަޖެހުން ބުނެދޭކަށްވެސް ނޭގުނެވެ. އައްމާރުގެ ހުރިހާ ސަމާލުކަމާއި ލޯތްބެއް އޭނައަށް ޚާއްސަވެފައިވިއެވެ. ދެމީހުން އަމިއްލަ ދުނިޔެއެއްގައި ތިއްބާ ސިޓިން ރޫމްގެ ބޮކިތައް ދިއްލައިގެން ކޮންމެވެސް ބަޔަކު ވާހަކަދައްކާ އަޑުއިވެން ފެށިއެވެ.

"އަހަރެންގެ ބައްޕަ އައީހެން ހީވަނީ......" އައްމާރުގެ މޫޑު ސަކަރާތްވިއެވެ.

"ބައްޕައަކީ ސިހުރުވެރިއެއްތަ؟ އެއީ ތެދުވާހަކައެއްތަ؟ " ސާރާ ޔަގީންކޮށްލަން ބޭނުންވިއެވެ.

ކޮމެންޓް 0