"ސާރާއަކަށް ނޭގޭ ކާއިއާގެ ވިސްނުން ހުރި ގޮތާއި އޭނަ ފަހުންވެސް ޚިޔާލު ބަދަލުނުކުރާނެކަން، އެހެން ހުރިހާ ކަމެއްގައި އެއީ ވަރަށް މަޑުމައިތިރި ހިތްހެޔޮ އަންހެންކުއްޖެއް، އެކަމަކު އަހަންނާއި ޖެހުނީމަ ނޭގޭ ބޮލަށް ޑެވިލް އެރޭގޮތެއް، ވަރަށް އެހެން ކަހަލަ ވިސްނުމެއް ކާއިއާ އެގެންގުޅެނީ، މިރޭ އަހަރެން ހިތަށް އަރާ އެއްޗެއް އެނގޭތަ؟ " އައްމާރު ދެން ބުނެލި ބަހަކުން ސާރާގެ ހިތް އާސްމާނުގައި އުދުއްސައިގަތްހެން ހީވިއެވެ. ލޮލުގެ އެސްފިޔަތަކުގައި ބޮނޑިވެގަތީ އުފާވެރިކަމުގެ ކަރުނައެވެ.

"އަލްހަމްދުލިﷲ........އެންޑް ތެންކިއު ލަވް......." ސާރާ ހިތާހިތުން ހެއްދެވިފަރާތަށް ހަމްދުކޮށްފައި އައްމާރުއަށް ޝުކުރުވެރިވިއެވެ. އައްމާރު އެބުނީ ސާރާއަށް އިވޭނެ އެންމެ އުފާވެރި ޖުމްލަތަކެވެ. އަބަދާއަބަދު ހިތުގެ ދުޢާއަކީ އެއީއެވެ. އައްމާރު މިރޭ އެވިސްނީ ކާއިއާއާއި ވަކިވުމަށެވެ. އަބަދަށްޓަކާ ދުރަށް ދިޔުމަށެވެ.

"ކުރިން ހީކުރީ ދެ އަނބިން ގެންގުޅުން ފަސޭހަވާނެކަމަށޭ، މިހާރު އެނގިއްޖެ އެއީ ނުވާނެކަމެއްކަން، ނޮޓް ޕޮސިބްލް، އަހަންނަށް ކާއިއާ ހިތްހަމަޖައްސާލަންވެސް އެކަމަށް އެ ޝަރުތުތަކާ ގަބޫލެއްނުވެވޭނެ. އަހަންނަށް ސާރާއާއި ދުރަކުން ނޫޅެވޭނެ، ކާއިއާ ބުނީ އޭނައާއި ކައިވެނި ކުރުމަށްފަހު ހުރިހާ ރެއެއްވެސް ހޭދަކުރަން ޖެހޭނީ އޭނައާއި އެކީގައި ގަޔޯ. މިހާރު އެކަން ސީރިޔަސްކޮށް ނުނަގައިފިއްޔާ ފަހުން ކިހާވަރެއްވާނެ. ބޭބީ އެހެނެއް ނެހެދޭނެ. ގޯޑް. ކީއްވެ ކާއިއާ އެހާ މޮޔައީ؟ ކީއްވެ އެހާ ނުވިސްނެނީ؟ އައި ލަވް ޔޫ ޓޫ ބޭބީ......." އައްމާރު ސާރާ ގަޔާއި ފިތާލަމުން ޖަޒުބާތުން ފުރިގެންވީ ގޮތަކަށް ބުނެލުމުން ސާރާގެ ހިތަށް ލިބުނު ފިނިކަމަކުން ހިނިތުންވެލެވުނެވެ.

ޑިއުޓީއިން އައުމަށްފަހު ސާރާ ރޭގަނޑަށް ކެއްކުމުގައި އެހީވެ ކޮޓަރި ރީތިކޮށް ތާޒާ މާ ޖަހައެވެ. ހުރިހާކަމެއް ކުރަނީވެސް އައްމާރު އުފާކުރުވުމަށެވެ. ސުދާވެސް އެހާވަރަކުން އެހީވާކަށް ނޫޅެ ގިނައިން އިންނަނީ ކޮންމެވެސް ހިންދީ ސީރިއަލްއެއް ބަލާށެވެ. ކޮއްކޮ އެހާ ކަންނެތެވެ. ގޭމުކުޅުމާއި ނިދުން ނޫންކަމެއް ކުރާތަނެއް ނުފެނެއެވެ. ކިތަންމެ ވަރަށް ވިސްނާދިނަސް ބަދަލުވާކަށް ނޫޅެއެވެ. ސާހިލް ދޭތެރެއަކުން ގުޅާލާފައި ސާރާއާއި ވާހަކަދެއްކިޔަސް އޭނަ ހުންނަނީ ސާރާއާއި ދޭތެރޭ ނުރުހިފައެވެ. ސަބަބު ސާރާއަށް އެނގެއެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައިރު އައްމާރުއާއި ސާރާގެ ކައިވެނީގެ އެންމެ އުފާވެރި ދުވަސްތައް އެކީގައި ހޭދަކުރެވުނެވެ. ރޭގަނޑު ހިނގާލަން ދިޔުމާއި ބެލްކަނީގައި އަތު ގުޅުވާލައިގެން ކޮފީ ބޯލަން ތިބޭއިރުވެސް އައްމާރު ކުރާ ލޯބީގެ ސަމާސާތައް ސާރާގެ ހިތުން ދުވަހަކު ފިލައިގެނެއް ނުދާނެއެވެ. ދައްކާ ވާހަކަތަކުންވެސް ހާމަކޮށްދިނީ ލޯބިވާ މިންވަރެވެ. އަބަދަށް އެކީގައި ވުމަށް އެދި ކުރާ ވައުދުތަކުން ސާރާގެ އިތުބާރު ބޮޑުވިއެވެ. ސާރާ ޔަގީންކުރީ ކާއިއާ ދެން އެމީހުންގެ ހަޔާތަށް އެނބުރި ނާންނާނެ ކަމުގައެވެ. އެދޭތެރެއަށް އެޅުނު ހުރިހާ ހުރަހެއް ނެތިގެން ހިނގައްޖެކަމުގައެވެ.

އައްމާރު ސިގްރެޓް ބުއިން ހުއްޓާލިއެވެ. ސާރާގެ ހައްގުގައެވެ. އެވަރުންވެސް ސާރާއަށް ގިނަފަހަރު އައްމާރު ބުނާކަމެއް ކޮށްދެވިފައެއްނެތެވެ. އައްމާރު އެދުނީ އޭނަގެ މަންމަމެންނާއި ބައްދަލުކުރަން އޭނައާއިއެކީގައި މާލެ ދިޔުމަށެވެ. އެކަމަށް ސާރާ ދެކޮޅު ހެދިއެވެ. ނުސީދާކޮށް ދެކޮޅު ހެދުމުން އައްމާރު ވަކި އެއްޗެކޭ ނުބުންޏަސް އެކަމާއި ނުރުހުނުކަން އޭނައަށް އެނގުނެވެ. ދެމަފިރިން ވެއްޖެއްޔާ ކިތަންމެ ލޯބިން އުޅުނަސް އެކަހަލަ ކުނި ޖެހޭނެއެވެ.

ހުކުރުދުވަހު ސާރާގެ މަންމަ ބަލިވެގެން އައިޖީއެމް އެއްޗްގައި އެޑްމިޓްކުރެވުމުން ދުވާލު ހަތަރުދަމު މަންމަ ކައިރީގައި އޭނަ އިނެވެ. އޭނަ ގެއަށް އައީ ދޮންތަ ސުދާ އައީމައެވެ. ކޮޓަރިއަށް ވަންއިރު އައްމާރު ފޯނުގައި އިންތަން ފެނުމުން ހިތުގައި ފިނިރާޅެއް ދުވެލައިފިއެވެ. އޭނަ ގުޅައިގެން އިނީ ކާއިއާއަށް ކަން ޔަގީންވެފައި މާޔޫސްވީވަރުން ވަގުތުން ވަނީ ފާޚާނާއަށެވެ. އެތައް ދުވަހެއްފަހުން އެދެލޮލުން ކަރުނަ އޮހުނެވެ. ހިތްފުރެންދެން ރުއިމަށްފަހު ދޮރު ހުޅުވާލިއިރަށް އައްމާރު ބުނީ މިރޭ ކާއިއާގެ ކަންތައް މާ މައްޗަށް ދަނީކަމުގައެވެ. ކާއިއާ މިހާރު ސާރާއާއި އޭނަ ކައިވެނި ކުރާކަށް ގަބޫލެއްނޫނެވެ. ކާއިއާ ބުނަނީ އައްމާރު ކައިވެނިކޮށްފިއްޔާ އޭނަ މަރުވެދާނެކަމުގައެވެ. އޭނައަށް އައްމާރު އެހެން މީހަކާއި ހިއްސާ ނުކުރެވޭނެކަމުގައެވެ. ދެއިރު ދެދަޅައަށް ވާހަކަ ބަދަލުކުރުމުން އައްމާރުވެސް ފޫހިވާގޮތްވިއެވެ. އައްމާރު ބުނީ ކާއިއާ އެހާ ވަރުން ލޯބިވާކަމުގެ ހެކި ދައްކަން ބޭނުމިއްޔާ މާލެ އައުމަށެވެ. ހަތްއަހަރުވަންދެން ކުރި އިންތިޒާރު ނިމުމަކަށް ގެނައުމަށެވެ. ސާރާ ކިތަންމެ ވަރަކަށް ހިތް ހަމަނުޖެހުނަސް އައްމާރުގެ ކައިރިން އެދުނީ ރީތިކޮށް ވާހަކަދެއްކުމަށެވެ. ކާއިއާ ނަފްސާނީ ބައްޔެއް ހުންނަކަމުގައި ސާރާގެ ހިތް ބުނާތީއެވެ. ސާރާ އެނދުގައި އޮށޯވެލާފައި ވައިބަރ އޮންކޮށްލުމަށްފަހު ކާއިއާއަށް ހައި ޖަހާލިއެވެ.

"ސާރާ، އަހަރެން ބޭނުމެއްނުވޭ ސާރާ އިމީއާއި މެރީކުރާކަށް......." ކާއިއާ ވަގުތުން ޓައިޕްކުރިއެވެ.

"އަހަރެން މުޅި ފެމިލީ އަދި ފްރެންޑްސްކައިރީ އިއުލާންކޮށްފައި މިކައިވެނި ކެންސަލްކޮށްފިއްޔާ ކިލާ ލަދުގަންނާނެ، މީހުން ކިހާ މަލާމާތްކުރާނެ...." ސާރާ ލިޔުނެވެ.

"ސާރާ ކޮން ލަދެއް ގަންނާކަށްތަ؟ ސާރާއަށް ރަގަޅަށް އެނގެއެއްނު އިމީ ލޯބިވަނީ އަހަރެން ދެކެ ކަމާއި އޭނަ އަހަންނާއިއެކު ވުން ބޭނުންވާ ވަރު. ދެން ސާރާ ދުރަށް ދިޔުމުން ސާރާއަށް އުނިވާނެ އެއްޗެއް ނީންނާނެ، އިމީ ސާރާދެކެ ލޯތްބެއް ނުވޭ، ދުވަހަކުވެސް ނުވާނެ، އެއީ ވާނެކަމެއްނޫން، މީހަކަށް ތެދުވެރި ލޯތްބެއް ވެވޭނީ އެންމެ ފަހަރަކު، އެންމެ މީހެއްދެކެ........" ކާއިއާ ބުނަމުން ދިޔައެވެ. ސާރާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެފަދަ ކޮންމެ ޖުމްލައަކުން އޭނަގެ ހިތް ޒަޚަމްވާވަރު ކާއިއާއަކަށް ރޭކާނުލާނެއެވެ. ކާއިއާއަށް ނޭގުނަސް އައްމާރުއަކީ އޭނަގެ ލޯބިވާ ފިރިމީހާއެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫނެވެ. ކޮންމެވެސް މީހެއްގެ ކުށަކުން މިއޮތީ އޭނަވެސް މި ކުޅިވަރުގައި ނޭގި ބައިވެރިވެފައެވެ. ބޯދަމައިގަނެވެން ނެތީ އޭނައަށް އައްމާރުދެކެ އިންތިހާއަށް ލޯބިވެވުނީމައެވެ. މިހާރު އޭނަވެސް ބޭނުންވަނީ މި ގޭމުން މޮޅުވާށެވެ.

ސާރާ ބަލައިލިއިރު އައްމާރު އިނީ ސިގްރެޓެއް ބޯށެވެ. ފޯނުގައެވެ.

"ޝީޒް ލައިކް އެ ފުރޭތަ، އެކަނބުލޭގެ ދުވަހަކު ފަހަތަކުން ނުފިލާނެ....." ސާރާގެ ހިތް ތަފާތު ވައްތަރުގެ ވަސްވާހުން ފުރުނެވެ. ބޭނުން ނުވާއިރުވެސް ހިތުން އެކުއްޖާއާއި ދިމާލަށް ނުކިޔާކަށް އެއްޗެއް ނެތެވެ. ހިތަކީ އަޖައިބެއްކަހަލަ އެއްޗެކެވެ. ވަރުބަލިކަމެއް ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާއިރު އިހުސާސްތަކާއި ޖަޒުބާތުތަކެއްވެސް ލައްވާފައިވެއެވެ. އޭނަފަދަ ހިތްހެޔޮކުއްޖަކަށްވެސް ބައެއް ފަހަރު ހިތުގެ މައްޗަށް ބާރު ނުފޯރާ ވަގުތައް އާދެއެވެ. ހަސަދައިގެ އަލިފާން ހިތުގައި ރޯވެ މުޅި ހަށިގަނޑަށް ކެންސަރުފަދައިން ފެތުރުމަށްފަހު ނަގާ އެއްލާލެވޭނެ ގޮތެއްވެސް ނެތެވެ. ކާއިއާއަށްޓަކާ އެތައް ބަދު ދުޢާއެއް ކުރެވުނެވެ.

އެތައް އިރެއްވާންދެން ހިމޭންކަން ޚިޔާރުކުރުމަށްފަހު ކާއިއާ ކުއްލިއަކަށް ވާހަކަދައްކަން ފެށިއިރު އޭނަގެ ރާގު މުޅިން ބަދަލުވެއްޖެއެވެ.

"ހީޒް އޯލް ޔޯރސް، އޭނަ ސާރާއާއި ކައިވެނި ކުރާނެ......" ކާއިއާ ޓައިޕްކުރިއެވެ.

"ވަޓް؟ "ސާރާ ހައިރާންވިއެވެ.

"އަހަރެމެން ބްރޭކްއަޕް ވެއްޖައިން...." ކާއިއާ ބުނެލިއެވެ.

"ކާކު ރުޅިވީ؟ ކާއިއާ ތަ؟ އައްމާރުތަ؟ "ސާރާ ނޭވާ ހިފަހައްޓާލިއެވެ.

"ދެމީހުންނަށް ފެނުނު އެންމެ ރަގަޅުގޮތް މިއީ. ދެމީހުންވެސް ބޭނުންވެގެން ރުޅިވީ، ސާރާ ނޫނީ ކާއިއާ ޗޫޒްކުރަން އަހަރެން އެދުނީމަވެސް އިމީއަކަށް ނުކެރުނު އަހަރެންގެ ނަން ބުނެލަން. އެނީވޭސް ގުޑްލަކް........" ކާއިއާ ފޯނު ކަނޑާލައިފިއެވެ. ސާރާ އައްމާރުގެ މޫނަށް ބަލައިލިއިރު ފަނޑު އަލިކަމުގެ ތެރެއިން އޭނައަށް ފެނުނީ ހިތްހަލާކުވެފައިވާ އައްމާރެވެ. އެޒުވާން ހިތަށް ކޮންފަދަ ތަކުލީފެއް ހެއްޔެވެ؟ އޭނަ ކާއިއާދެކެ ލޯބިވާ މިންވަރު ސާރާ އަށް އިހުސާސްކުރެވެއެވެ. މިފަދަ މަޖުބޫރީތަކުން އެހިތަށް ބަޔާންނުކުރެވޭފަދަ އަސަރުތަކެއް ކުރާނެކަންވެސް އިހުސާސްކުރެވުނެވެ.

ސާރާ އަނެއް ފަރާތަށް އެނބުރިގެން އޮވެ ނިދަން މަސައްކަތްކުރިއިރުވެސް ލޮލަށް ނިންޖެއް ނައެވެ. އައްމާރު ފޯނު ބާއްވާފައި އަންނާނެ އިރަކަށް އިންތިޒާރުކުރަނިކޮށް އެންމެފަހުން ފޯނު ޗާޖުހުސްވީއެވެ. އައްމާރު ޗާޖަށް ޖަހަން އައި ވަގުތު އޭނައާއި ކައިރީގައި އޮށޯވެލިއެވެ.

"އަހަރެން ކާއިއާ ދޫކޮށްލައިފިން......." އައްމާރު ބުނެލިއެވެ.

"ރިއަލީ؟ "ސާރާގެ ހިތަށް ތަފާތު އަސަރުތަކެއްކުރިއެވެ. އޭނަގެ ހިތް ޝަކުވާކުރީ ކަމަކާނުލައެވެ. ކުއްލިއަކަށް ކާއިއާއާއިމެދު ހަމްދަރުދީ އުފެދެން ފެށިއެވެ. ދުޝްމިނަކަށްވެސް ދެރައެއް ލިބޭކަށް ސާރާގެ ހިތެއްނޭދެއެވެ. އޭނައަށް ލިބިފައިވަނީ ކަފަކޮޅެއްފަދަ މަޑު ހިތެކޭ އެންމެން ކިޔާ ސަބަބަކީ އެއީއެވެ.

އައްމާރު އިތުރު ވާހަކައެއް ނުދައްކާ ސިގްރެޓް ފޮށި ހިފައިގެން މިސްރާބުޖެހީ ފާޚާނާއާއި ދިމާލަށެވެ.

"ހީޒް ހާޓްބްރޯކެން، ކިހިނެއް އަހަރެން ހަދަންވީ؟ ވެވޭނެނަމަ ދުނިޔޭގެ ހުރިހާ އުފާތަކެއް ގެނެސްދިނީމު، އެކަމަކު އެނގޭ އިމީ އެކުއްޖާދެކެ ލޯބިވާވަރާއި ބޭނުންވާވަރު. މަޖުބޫރީ ހާލަތަކަށް އިންސާނާ ދާނީ މިހާކަށްހާވަރަށް، މިއީ މުޅިންވެސް ހެއްދެވިފަރާތުން ކުރައްވާ އިމްތިހާނު، ކޮންމެވެސް ކަހަލަ މައްސަލަތަކެއް ދިރިއުޅުމުގައި ނުޖެހި ނުދާނެގޮތެއް ނުވާނެ، އެއްވެސް އިންސާނަކަށް ހުރިހާ އުފާތަކެއް ނުލިބޭނެ. އުނިކަންތައްވެސް ހުންނާނެ، ލިބޭ މިންވަރަށް ހަމްދުކުރަން ޖެހެނީ އެހެންވީމަ. އިމީއަށް އެކަން ވިސްނާދޭނީ ކިހިނެއްތަ؟ ލޯބިވާ އެންމެން ނުލިބި ހިނގައިދާނެ، ވެދާނެ ކާއިއާއަކީ އިމީއަށް ލިބިއްޖެއްޔާ ފަހުން މައްސަލައެއް ޖެހިދާނެ ކުއްޖެއްކަމަށްވެސް، ހެއްދެވިފަރާތުން އެކަން ދެނެވޮޑިގެންވާނެ، ހަތްއަހަރުގެ ދިގު އިންތިޒާރު މިގޮތަށް ނިމިގެންދާނެ ސަބަބެއް އޮންނާނެ. ކޮފީއެއް ހަދަންދާންވީކަން ނޭގޭ. އެކަމަކު، ތެދުވާނެ ހިތްވަރެއްވެސް ނެތް......." ސާރާ ކޮންމެވެސް ވަރަކަށް ނޭވާއަށް އުދަގޫވާތީ އޭނަވެސް މުޅިން ރަގަޅެއްނޫނެވެ. މިފަހަކަށް އައިސް އެކަމުގެ އުދަގޫ ބޮޑުވެ އިންހޭލަރ ބޭނުންކުރާ ހިސާބަށް ހިނގައްޖެއެވެ. އޭރު ކޮންމެވެސް ވަރަކަށް ފިނީގެ އަސަރުވެސް ކޮޓަރީގައި ހިފާލާފައިވިއެވެ. ދޮރުގައި ދަމާފައިވާ ވައިލެޓް ކުލައިގެ ފޮތިތައް ހެލިލާގޮތުން ބޭރުގައި ގަދަޔަށް ވައި ޖެހެމުންދާކަން އިއުލާންކުރެއެވެ. އެވެސް ސާރާގެ އުދަގޫތައް އިތުރުކުރުވިކަމެކެވެ. ސާރާ ބާލީހުގައި ބައްދާލައިގެން މޮޅިވެރިގޮތަކަށް އޮތްވާ ނޭފަތުގައި ހިފާލީ ސިގްރެޓްގެ ދުމުގެ ވަހެވެ. މަޑުމަޑުންގޮސް އެވަހަކީވެސް ކަމުދާ ވަހެއްކަމުގައި ވާންފެށިއެވެ. ކުރިން އެންމެ ރުޅިއަންނަ ނޭދެވޭ ވަސް އައްމާރުގެ ސަބަބުން ބަދަލުވީއެވެ.

ތަފާތު ޚިޔާލުތަކެއްގެ އޮއިވަރުގައި ޖެހިފައި އޮތް ސާރާއަށް ކުއްލިއަކަށް ހޭވެރިކަންވެ ވަށައިގެންވާ މާހައުލާއިމެދު ވިސްނާލަން މަޖުބޫރުކުރުވީ ކުއްލިއަކަށް އައްމާރު ފޯނުން ބުނެލި ޖުމްލައަކުންނެވެ.

"ޕްލީޒް ކައި، ޑޯންޓް ޑޫ ދިސް. ޑޯންޓް ޑޫ ދިސް ޓު މީ ސްޓުޕިޑް..ސްޓޮޕް އިޓް ސްޓޮޕް އިޓް....ޕްލީޒް............" އައްމާރުގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. އޭނައަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް އެނގޭހެން ހިޔެއްނުވެއެވެ.

ސާރާގެ ހިތަށް ބިރުވެރިކަން ވަދެ އަދިވެސް ބޮޑަށް ބާލީސް މެޔާއި ލާ ފިތާލެވުނެވެ. އޭނަ އައްމާރުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު ވެގެން އުޅޭގޮތް ޔަގީން ނުވިޔަސް ބޮޑުކަމެއްވާން އުޅޭކަމަށް ހިތް ތަކުރާރުކޮށް އިންޒާރުކުރިއެވެ. ސައިކިކް ފަދަ ހުނަރެއް ލިބިފައި ނެތަސް އޭނައަށް އެކަން ނަގައިގަނެވުނެވެ. ކާއިއާ ކުރަން އުޅޭ ކަމެއްގެ ބޮޑުކަން ހިތަށް ތަސައްވަރު ކުރެވިއްޖެއެވެ.

"ލިސެން ބޭބީ، މިކިޔާ އެއްޗެއް އަޑުއަހާބަލަ. ޑޯންޓް ސްވެލޯ. ޕްލީޒް............." އައްމާރު ތަކުރާރުކޮށް ކޮންމެވެސް އެއްޗެއް ނުދިރުވަން އެދެމުންދިޔައިރު ތަންކޮޅެއް އަޑުގަދަވިއެވެ. އަޑުގައި އަވަސްކަމެއް އެކުލެވުނެވެ. އެތައްފަހަރު އެހެން ކިޔަމުންގޮސް އައްމާރުގެ ފޯނު އަނެއްކާ ޗާޖު ހުސްވާން އެނގުނީވެސް އެގަޑީގައެވެ. އޭނަ ތެދުވެގެން އައިސް ފޯނު ޗާޖަށް ޖެހިއެވެ.

"ކާއިއާ ބޭސްތަކެއް ކައިފި، އަތުގެ ފުރެންދެން ހުރި ބޭސްތަކެއް ދިރުވާލައިފި، އޯމައި ގޯޑް. އޯމައި ގޯޑް. އޯމައިގޯޑް. އެކުއްޖާ އެކުރީ ކީއްތަ؟ ވަޓް ޝީ ހޭޒް ޑަން............" އައްމާރު ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. އޭރު ސާރާ އޮތީ ޝޮކެއްގައެވެ. ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ސިކުނޑިވެސް ގަނޑުވިއެވެ. ބިރުވެރިކަން ފިނި ރާޅުތަކެއްގެ ސިފައިގާ މުޅި ހަށިގަނޑުގައި ޖަހަމުން ދިޔައެވެ. ކާއިއާ އަމިއްލައަށް މަރުވާން މަސައްކަތްކުރީއެވެ. އަމިއްލައަށް މަރުވީހެއްޔެވެ؟ އަބަދު އެހެން ކިޔާއިރުވެސް އޭނަ އަމިއްލަ ފުރާނަ ނަގާލަފާނެކަމަށް ހީކުރާނީ ކިހިނެއްހެއްޔެވެ؟

"އޯ މައި ގޯޑް....." އައްމާރުވެސް ހުރީ ހަމަހޭވެރިކަން ގެއްލޭގޮތްވެފައެވެ.

ތުރުތުރުއަޅާ އިނގިލިތަކުން އޭނަ ފޯނު ޗާޖަށް ޖަހާފައި ކުޑަކޮށް ޗާޖުވާން ފެށުމުން އައްމާރު އަނެއްކާ ފޯނުނެގިއެވެ.

"ސާރާ، ކައި އަނގައިން ލޭ މިއަންނަނީ........" އައްމާރު ވީޗެޓުން އޮންކޮށްލާފައި ހާސްކަމާއިއެކު ކިޔާލިއެވެ.

"ކައި، ކައި........ތެދުވެބަލަ.......ލޯ ހުޅުވަބަލަ. ގެޓްއަޕް.. އައި ލަވް ޔޫ ބޭބީ............." އައްމާރު އެތައް ފަހަރަކު ކިޔަންފެށުމުން ސާރާއަށް ކެތްނުވެގެންގޮސް ބަލައިލެވުނެވެ. ފެނުނީ އެނދުމައްޗަށް ދެމިފައި އޮތް ކާއިއާއެވެ. މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ. ގަދަކަމުން ލޯ ހުޅުވަން މަސައްކަތްކުރަމުން ދިޔައިރުވެސް އެސްފިޔަތައް މެރެނީއެވެ. ސާރާގެ އުމުރުގައިވެސް އެހާ ބޮޑަށް ބިރުގަން ވަގުތެއް ނާދެއެވެ. ހެޔަށް ގޮތެއްވެ މޫނަށް އަނދިރިވާކަހަލަ ގޮތެއް ވުމުން އަވަހަށް ގޮސް އެނދުގައި އިށީދެވިއްޖެއެވެ. އޭރު ހިތް އޮބިނޯންނަވަރަށް ތެޅުނެވެ. އޭނަގެ ކުރިމަތީގައި މީހަކު މަރުވުމެކޭ ކެމް އިން ފެނުމެކޭ މާ ބޮޑު ތަފާތެއްނުވިއެވެ. މަރުގެ ބިރުވެރިކަން ބާރުބާރަށް ސިކުނޑީގައި ޖެހިގަތްއިރު ކެތްކުރާނެ ގޮތެއްވެސް ނޭގުނެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވިއްޖެއެވެ. ކާއިއާ މަރުވެގެން އެދަނީ އޭނަގެ ސަބަބުންނެވެ. އެމީހުންނަށް އެހީވެވޭނެ އެއްވެސް ގޮތެއްނެތެވެ. އެ އާއިލާ މީހެއްގެ ނަމްބަރު އެނގެނީއެއްނޫނެވެ. އެމީހުންނަށް އެންގޭނެ އެއްވެސް ގޮތެއްނެތެވެ. އެހާ ގޮތްހުސްވިއިރެއް ހަޔާތުގައިވެސް ނާދެއެވެ. އޭރުވެސް އައްމާރު ކެނޑިނޭޅި ކާއިއާ ކައިރީ ތެދުވެގެންގޮސް މަންމަމެންނަށް އަންގަން ތަކުރާރުކޮށް އެދި އާދޭސްކުރަމުން ދިޔައެވެ.

"އައި ފީލް ގިލްޓީ.....އިމީ ކިހާ ދެރަވާނެ، އުމުރަށްވެސް އަހަންނަށް މާފެއްނުކުރާނެ، ކުށްވެރިޔަކީ އަހަރެން، ދެން ހަދާނީ ކިހިނެއްބާ، ޝީ އިޒް ޑެޑް............" ސާރާގެ ހިތްވަރު މުޅިން އެލި ހަށިގަނޑު ގަނޑުފެންކޮޅެއްހާ ފިނިވިއެވެ. އޭރު ސިކުނޑިވެސް މަސައްކަތްކުރަނީއެއް ނޫނެވެ. އިސްއުފުލާލިއިރު ލޮލުގައި އަޅައިގަތީ އޭނަ މޭވާ ކޮށަން ގެނެސްފައި އޮތް ތޫނު ފިޔޮއްސެވެ. އައްމާރުވެސް ހުންނާނީ ލޯބިވެރިޔާގެ ނިމުން އައި ގޮތުން ހަމަހޭވެރިކަން ގެއްލިފައެވެ. ސިކުނޑި ހަމައިން ނައްޓާފައި ހުރެ އެފިޔޮހިން އޭނައަށް ހަމަލާނުދޭނެބާވައެވެ. މަސްހުނި ޖަޒުބާތުތަކުގެ ތެރޭގައި ޣަރަގުވަމުން ދިޔަ ސާރާ މަޑުމަޑުން ގޮސް ފިޔޮހި ނަގާފައި ފައިލްތަކުގެ ދަށަށް ލެއްވިއެވެ. މިވަގުތު އެއްވެސް މީހަކަށް އޭނަ އިތުބާރެއްނުކުރާނެއެވެ. މަސްރަހުވަނީ ގޯހުން ގޯހަށް ގޮސްފައެވެ.

"ސާރާ......." އައްމާރު ގޮވާލީ ހިތްހަލާކުވެފައިވާ ފަދަ ގޮތަކަށެވެ.

ކޮމެންޓް 0