"ކުއްލިއަކަށް މިލިއަނަރަކަށް ވީމަ ސުވާލެއް ނުއުފެދޭތަ؟ ހީޒް އެ ކްރިމިނަލް، ގޭންގްސްޓަރ އެއް..ޕުއަރ މީ، އެމީހާގެ ރީތިކަމުގެ ދަލުގައި ޖެހިގެން ރަގަޅު ބޮނޑިއެއް ބޮވުނީ..ސާރާ ޔޫ ލުކް ސޯ ޕްރިޓީ، މި މެރޫން ޓޮޕާއި ވަރަށް ގުޅޭ........." ރައިޝާ މަޑުމަޑުން ކިޔާލިއެވެ. ދެކުދިން ވާހަކަދައްކަމުންގޮސް ރައިޝާގެ ކޮޓަރިއަށް ވަދެ މަޑުމަޑުން ދޮރު ލައްޕާލައިފިއެވެ. ދެމީހުންވެގެން ޖިދާންގެ ލެޕްގެ ޕާސްވޯޑް ޖަހަން މަސައްކަތްކުރަމުން ދިޔައިރު ދެމީހުންވެސް ތިބީ ހަމަޖެހިލާފައެވެ. ކުއްލިއަކަށް މީހަކު ދޮރުގެ ތަޅުގައި ހިފާލުމުން ރައިޝާ ސިއްސައިގެންގޮސްފާ މޭގައި އަތްއަޅާލެވިއްޖެއެވެ.

އޭނަ ހުއްޓުން އަރާފައި އިންދާ ސާރާ ދުއްވައިގަތީ ފިލާށެވެ. ބެލްކަނީގެ ދޮރު ހުޅުވާފައި ހުރިކަމީ ނަސީބެކެވެ. ޖިދާންގެ ނަޒަރުގައި އަޅައިނުގަނެ އެހިސާބަށް ފޯރުމުގެ ނަސީބު ލެއްވީ ހަމަ ކިރިޔާއެވެ. ފަޅި ސިކުންތުކޮޅެއްވެސް ލަސްވިނަމަ ޖިދާންއަށް ފެނުނީސްކަން ޔަގީނެވެ. ޖިދާން ދޮރު ހުޅުވާފައި ވަންގޮތަށް ޖިދާން ރައިޝާގެ އަނގަމަތީގައި ޖެހިއެވެ.

"އަހަރެންގެ ލެޕާއި ކުޅެނީ ކީއްކުރާނަމޭ ހިތާ؟ އޭނ؟ ވީޑިއޯތައް ޔޫޓިއުބަށް ލާނަމޭ ބުނީމަ އެ ފެންނާނެކަމަށްތަ ތިއުޅެނީ؟ ބަލަ ކަލޭހާ މޮޔައެއް ނޫނޭ މަށަކީ؟ މިކޮޓަރި އެފުށްމިފުށަށް ޖެހިޔަސް ނުފެންނާނެ....... " ޖިދާން ލެޕް ބާރަކަށް ލައްޕާލާފައި ދެވަނަފަހަރު ރައިޝާގެ ކަންކަށިމައްޗަށް ބޭލިއެވެ. ރައިޝާ ބިންމައްޗަށް ވެއްޓިގަތުމުން ދަމާ ކޫއްތަމުންގޮސް ފާޚާނާއަށް ވައްދާފައި ބޭރުން ދޮރުތަޅުލިއެވެ.

"ގެއަށް އަންނަންދެން ތިތާ އޮވޭ، ހެޔޮކޮށް ހިތަން އުޅުނަސް އަދި ހުންނަ ނުބައިކަމަކުން އަހަރެން ލައްވާ ކޮންމެވެސް އަނިޔާއެއް ހޯދުވާނެ، ކަމެއް ކުރީމަ މަ ދޯ ކުށްވެރިވާނީ. އެހެން މީހުންނަށް މިއަންހެނުންގެ ހުންނަ މަކަރުވެރިކަމާއި ނުބައިކަމެއް ނުފެންނާނެ. އަދި އެންމެ ރަގަޅުވާނީ ކުރަތްޕެއް ނޫނީ ނަންނުގައްޗެއް ކަހަލަ އެއްޗެއް ގެނެސް މީނާގެ ޕާޓްނަރަކަށް ހަދާފައި ފާޚާނާގައި ތަޅުލީމަ. އޭރުން އެއްޗެއް ވިސްނޭނީ، އަދި ކަލޭގެ ހިތަށް ނާރާފަދަ ލަނޑު ލިބޭނެ މައިތިރިވެގެން ނުހުރިއްޔާ، އަންޑަސްޓޭންޓް؟" ޖިދާން ފާރަށް އެތިފަހަރެއް ވީއްލާފައި އަޑުގަދަކުރިއެވެ. ސާރާ ބެލްކަނީގެ ފާރަށް ލެނގިލައިގެން ހުރިއިރު އޭނަގެ ހިތް ތެޅެމުންދިޔައީ އާދަޔާ ޚިލާފަށެވެ. ޖިދާންގެ ނުލަފާކަމާއެވެ. އެދެއްކި ވާހަކަތައް އިވުމުން ގައިން އިތުރަށް ހީބިހި ހިލުވާލައިފިއެވެ. ކޮންފަދަ އަނިޔާވެރި ވިސްނުމެއްހެއްޔެވެ؟

"ހީޒް މެންޓަލް، އެގޭ އެންމެނަށް ވެފައި މިތިބަގޮތެއް......." ސާރާ ހިތާހިތުން ކިޔާލިއެވެ. އޭނަ އެތާ ފިލާހުރިކަން އެނގިއްޖެއްޔާ ވާނެގޮތެއް ޚިޔާލުކޮށްލަންވެސް ދަތްޗެވެ. ޖިދާންގެ ބަރު ފިޔަވަޅުތަކުގެ އަޑު އިވުމުން ސާރާ ހުރީ ނޭވާވެސް ލާން ނުކެރިފައެވެ. އެފިޔަވަޅުތަކުގެ އަޑު ކައިރިވަމުން އައުމުން އިންޒާރުގެ ރަގަބީލު ޖެހެންފެށިއެވެ. ސާރާއަށް ވެވޭނެމަމަ ފާރަށްވަދެ ތަހުލީލުވީހެވެ. ޖިންނިން ފަދައިން އިންސާނާގެ ލޮލަށް ނުފެންނަ ގޮތަށް އުޅުމުގެ ބާރު ލިބިފައިވާނެނަމައޭ ހިތަށް އެރިއެވެ.

"އޯނޯ، އޭނަ އެއޮތް ބެލްކަނިވެސް ތަޅުލަނީ، ދެން ކިހިނެއްވާނެބާ. ރައި އެއޮތީ ފާޚާނާއަށް ލާފައި، އަހަރެން މިތާ ހައްޔަރުވެފައި....." ސާރާ އަތުގައި އޮތް ފޯނަށް ބަލައިލީ މޮޅިވެރިކަމާއި އެކުގައެވެ. ނަސީބު ދެރަކަމުން ފޯނު އޮތީ ޗާޖު ހުސްވެފައެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ހަޅޭއްލަވާކަށްވެސް ނުކެރުނެވެ. ޖިދާންއަކީ ހަމަ ރަގަޅަށްވެސް އިންސާނިއްޔަތުކަމުގެ އުރަތްޕެއް ހުރި މީހެއްވެސް ނޫނެވެ. ނުބައިކަމުގެ އިންތިހާއެވެ. އެމީހާގެ ސަބަބުން އޭނަގެ ދިރިއުޅުން ބަރުބާދުވެގެން ދަނީއެވެ.

ޖިދާން ކޮޓަރީގައި ނޫޅޭކަން ޔަގީންކުރާނެ ގޮތެއްވެސް ނެތެވެ. އެއްލި ކަޅިއަކުން ދެން ފެނުނީ ޖެހިގެން ހުރި ގޭގެ ބެލްކަންޏެވެ. އެތަނަށް މީހަކު ނުކުމެއްޖެއްޔާ ގޮވާލުމުން އަޑުއިވޭހާ ކައިރިއެވެ. ނަމަވެސް ވާރޭ ވެހެން ފެށުމުން އުއްމީދު ކުޑަވެ އެތާ ހައްޔަރުވީކަމަށް ހީކުރެވެންފެށިއެވެ. ވާރޭ ވިއްސަން ފެށުމުން ހީކަރުވާގޮތްވިއެވެ. އެއްފަރާތުގައި ހުރި ބޮޑު ގަހުގެ ގޮފިތައް ވައިގެ ތެރޭގައި ހޫރެންފެށިގޮތުން ހީވީ ގަހުގެ ގޮފިތައްވެސް ފަތްތައްހާ ލުއިކޮށް އުދުހެން ފަށާފާނެހެންނެވެ. އެހާވެސް ވައިގަދައެވެ. ލޯ ތަރަތަރަޖަހައިގެންދާފަދަ އަލި ރޮގުތަކެއް ކަޅު ވިލާތަކުގެ ތެރެއިން ފްލޭޝް ވެގެން ދިޔުމާއިއެކު ކަންފަތް ބައްވާހާ ބާރަށް ގުގުރިއެއް ޖެހިއެވެ. ސާރާ ބިރުން ހަޅޭއްވެސް ލަވައިގަނެވުނެވެ. އެއާއިއެކު ބޭއިޚުތިޔާރުގައި ދުއްވައިގަނެވުނީ ބެލްކަނީގެ ދޮރުތަކާއި ދިމާލަށެވެ.

އެވަގުތަކީ ޖިދާން ތިރިއަށް ހިމަކޮށް ހުރި ބިއްލޫރި ތަށްޓެއްގައި ހުރި ކޯކްކަހަލަ އެއްޗެއް ހިފައިގެން ހުރެ ބެލްކަންޏާއި ދިމާލަށް އައިވަގުތެވެ. ބިއްލޫރީގެ ދޮރުފަތުގައި މޫނު ޖައްސާލައިގެން ހުރި ރީތި ޕަރީއެއްފަދަ އަންހެންކުއްޖާ ފެނުމާއިއެކު ޖިދާންގެ ހިއްސުތައް އުދުއްސައިގަތެވެ. ތުންފަތަށް ވެރިވީ ނުލަފާ ހިންޏެކެވެ. ޖިދާން ވަގުތު ބޭކާރުނުކޮށް ހަލުވިކަމާއިއެކު ބިއްލޫރި ދޮރު ކަހާލައިފިއެވެ. ސާރާ ބިރުން ރޫރޫއަޅައިގަތީ ޖިދާން އެކަނި ސޯޓެއްލައިގެން އެ ތަނަވަސް ހަށިގަނޑު ދައްކާލައިގެން ހުރިގޮތުންނެވެ. އަންހެންކުދިންނަށް އަސަރުކުރާނެ ފަދަ ރީތި ހަށިގަނޑެއް އޭނައަށް ލިބިފައިވެއެވެ. ގަވާއިދުން ކަސްރަތުކޮށް ފަތާ ހެދުމުގެ ސަބަބުން މަސްތައް އެތުރިފައިވާލެއް ފުރިހަމައެވެ. ނަމަވެސް ސާރާ ވީ ފޫއްސެއްގެ ބޮޑުކަމުން އެންމެ ފަހަރަކުވެސް ބަލައިލާކަށް ބޭނުމެއްނުވިއެވެ.

"އޯ.......މަގޭ ސާރާވެސް. ހުވަފެނެއްތަ؟ ނޫނީ......." ޖިދާން އެއް ލޯމަރައިލިއެވެ.

"މިހާ ވިއްސާރަ ދުވަހެއްގައި އަހަރެންގެ ނަސީބު ކިހާ ރަގަޅު. ތޭންކް ގޯޑް....." ޖިދާން ހުރީ މަޖާވެފައެވެ. އަންހެންކުދިން ބިރުގަތުމުން އޭނަގެ ހަށިގަނޑުގައި އަލިފާން ރޯކުރުވައެވެ. އެންމެ އުފާވަނީ އަންހެންކުދިންނަށް އަނިޔާކޮށް ތަދުކޮށް ރޮއްވާލެވުނީމައެވެ. އޭނަ "ހައި" ވާ ގޮތަކީ އެއީއެވެ. ރަލަށްވުރެވެސް އަންހެންކުދިންގެ ހަޅޭކުގެ އަޑު އޭނަ މަސްތުކުރުވާލެއް ބޮޑެވެ.

"ސާރާ އޮ ސާރާ ސާރާ އޭސީ ތު ސާރާ ހަރު ކޯއި ޗާހޭ ތުޖުސޭ މިލްނާ އަކޭލާ......." ޖިދާންގެ ބަރުއަޑުން ކިޔާލި ލަވައަކުން ސާރާގެ ބިރުވެރިކަން އިތުރުކުރިވިއެވެ. ހިންދީ ލަވަ ކިޔަން އެނގޭކަންވެސް އަންގާލައިފިއެވެ. ރާގާއި އެއްވަރަށް އަޑުގައި ފިރިހެން ގޮތެއް ހުއްޓެވެ. ބަލަމުން ދިޔައީ މަސްތީ ނަޒަރަކުންނެވެ. ގަތް ބިރުން ސާރާ ދެލޯ ބޮޑުކޮށްގެން ހުރީ އިރުކޮޅަކަށެވެ. ކުއްލިއަކަށް މާޒީގެ ހަނދާންތައް ލޮލުގެ ކުރިމަތިން ފެނިލުމާއިއެކު ގެންފައިވާ ބިރު އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ޚިޔާރުކުރިއެވެ. މި ޝައިތާނާގެ ފަރާތުން ލިބިދާނެ އަނިޔާއަކާއިމެދުވެސް އެވަގުތު ސާރާގެ ފަރުވާލެއްނެތެވެ. އެފަދަ މީހެއްގެ ވަކިތަކުން ރައިޝާވެސް ސަލާމަތްކުރަން އޭނަ ހުރީ ބޭނުންވެފައެވެ. އަމިއްލަ ކޮއްކޮފަދައިން އެހެން ކުއްޖަކު ނިމިގެންދާތަން ދެކޭކަށް ހިތަކަށް ކުޅަދާނައެއްނޫނެވެ. ސާރާ އޭނަގެ އަތުގައި ނުޖެހި އެއްފަރާތަކުން ނުކުންނަން އުޅުމުން ޖިދާން ކުރި ބެއްދިއެވެ. އެލޮލުގައިވަނީ ދަހިވެތިކަމެވެ.

"ހެއްދެވި ފަރާތަށް ބިރެއްވެސް ނުގަނޭތަ؟ ތިމާގެ ކޮއްކޮގެ އަންހެނުންނާއި ބެހޭއިރު ހިތަށް އެއްޗެއް ނާރާތަ؟ " ސާރާގެ ގައިން ހީބިހި ހަލުވައިލިއެވެ.

"ސާރާއަށް ރަގަޅަށް އޮޅިފައި ތިހިރީ، ތިމާގެ އަސްލަކީ ކޮބައިކަން އަނބިމީހާއަށް އަންގާދޭކަށްވެސް އޭނައަކަށް ނުކެރުނު ދޯ، އޭނައަކީ ބޭނުންނުވެގެން މީހަކު އެއްލާލާފައި އޮތްވާ މަންމަ ގެނެސްގެން ބަލައި ބޮޑުކުރި ސޮރެއް. އަނެއްހެން ބުނަންޏާ އަންވޯންޓެޑް ބޭބީއެއް. އަހަރެމެންނާއި ލޭގެ ގޮތުން އެއްވެސް ގުޅުމެއްހުރި މީހެއްނޫން، އެހެންނޫންނަމަތާ ކޮއްކޮގެ އަންހެނުންނަށްވީމަ އަހަންނަށް ނުކެރެންވީ، ފުރަތަމަ ފެނުނީއްސުރެން އަހަރެންގެ އަމިއްލަ ނަފުސަށް ވައުދުވިން ސާރާ މަގޭ އަމިއްލަ މީހަކަށް ހަދަން، ކޮންމެ ރެއަކު އަހަރެން ތި ޚިޔާލުގައި އޮންނަން، ޚިޔާލީގޮތުން އަހަރެން ކިތަންމެ ރޭ ސާރާއާއިއެކު ނިދައިފިން، މިހާރު ތިހިރީ އަމިއްލައަށް އައިސް މަގޭ ކޮޓަރިއަށް ވަދެފައި، މަގޭ ކައިރިއަށް އަމިއްލަ އިޚުތިޔާރުގައި އައިސްފަ، ކިހާ ސަޅިކޮށް އައިސް އުގަށް ތި ވެއްޓިގަތީ........." ޖިދާން ކޮފީތަށި އެއްފަރާތުގައި ބަހައްޓާފައި ކުއްލިއަކަށް ފަރުދާތައް ދަމާލުމުން ކޮޓަރިތެރެ ކޮންމެވެސް ވަރަކަށް އަނދިރިވެއްޖެއެވެ. ދުވާލުވެސް ކަޅުފޮއި ރެއަކަށް ބަދަލުވެގެން ދަނީއެވެ.

އޭރުވެސް ގުގުރީގެ އަޑާއިއެކު ދޮރުތައްވެސް ތެޅިލައެވެ. ރައިޝާ ފާޚާނާގެ ދޮރުގައި ތަޅާފައި ހަޅޭއްލަވަންފެށިއެވެ.

"އެ އަންހެނާވެސް މައިތިރި ވާނީ މަގޭ އަތުން ރަގަޅު ބޮނޑިއެއް ބޮއިގެން، ސެހާދަތް އުދަގޫ ބޮޑު އަންހެނެއް......" ޖިދާން ނުލަފާ ހިންޏެއް އައިސްފާ ހުރެ އަލަމާރީގެ ވައްގަނޑެއް ހުޅުވާލިއެވެ. އޭގެއިން ނެގި ބޭސްގުޅަތަކެއް ތަށްޓަކަށް ލައިގެން ގެނެސް ސާރާގެ ކައިރީގައި އެދުނީ ބުއިމަށެވެ. ސާރާ ވަގުތުން ދެކޮޅުހެދިއެވެ. ޖިދާން ގަދަކަމުން ސާރާގެ އަނގަޔަށް ބޭސްގުޅައެއް ލެއްވިއެވެ. ސިގްރެޓަށް ކޮންމެވެސް އެއްޗެއް އަޅައިގެން ބޯންފެށިއެވެ. އެވަހަށް ނޭވާނުލާން ހުއްޓަސް ހުރިހާ ދުމެއް ފޮނުވަމުން ދިޔައީ އޭނަގެ މޫނަށެވެ. ޖިދާން އޭނަ ހިފަހައްޓައިގެން ހުރުމުން ސަލާމަތް ވެގެން ދުރަށް ދެވޭނެ އެއްވެސް ގޮތެއްނެތެވެ. އެކަތަ ފަދަ އިންސާނާގެ މުށުތެރޭގައި އޭނަ ބަދެވިފައި ހުރިއިރު ސާރާގެ މޫނު ދަލުން ފެންވެރުނެވެ. ހުދު ކަފަކޮޅެއްފަދަވިއެވެ. އޭނަ ސަލާމަތްވާން ހަޅޭއްލަވާއަޑު ވާރެއާއިއެކު އޮބެމުން ދިޔައިރު ޖިދާން ހެމުން ދިޔައީ ލިބުނު ކާމިޔާބަކުންނެވެ.

އެންމެފަހުން އޭނައާއިއެކު ސިގްރެޓް ބޯން މަޖުބޫރުވިއެވެ. ކެއްސަމުންގޮސް ފުއްޕާމޭވެސް ފަޅައިގެންގޮސްދާނެހެން ހީވިއެވެ. ބޮޑުދެލޮލުން ފެންފައިވަން ފެށިއެވެ. އެންމެފަހުން ނިދޭގޮތްވާން ފެށުމުން ނުނިދަން ސާރާ ކިތަންމެހާވެސް މަސައްކަތްކުރިއެވެ. އެކަމަކު އެކަން ކާމިޔާބެއްނުވިއެވެ. ސާރާ ފުން ނިންޖަކަށް ގެނބުމަށްފަހު ވީނުވީއެއް އޭނައަކަށް ނޭގުނެވެ. ހޭލެވުނުއިރު އޭނަ އޮތީ އެބޮޑު އެނދުގައެވެ. ހަށިގަނޑުގައި އަޅާފައިވާ ރަޖާވެސް އޮތީ ގަޔާއި ވަކިވެފައެވެ. ފިނިގަދަކަމުން ރޫރޫއަޅާގޮތްވެފައި އޭނަ ތެދުވެ ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މިއަދުގެ ހާދިސާ އެތައް ޓަނުގެ ބުރަދަނާއިއެކު އޭނަގެ ސިކުނޑީގައި ޖެހިގަތުމުން ކުރި އަސަރެއްގެ ބޮޑުކަމުން ސާރާއަށް ރޮއިނުގަނެވުނީ ކިރިޔާއެވެ.

"އެ ނުލަފާ ފިރިހެނާ އަހަންނަށް ކީއްކުރީތަ؟ ރޭޕް ނުކުރާކަމެއްވެސް ނޭގޭ. ނޫން ނޫން، އިރާދަކުރެއްވިއްޔާ ނުވާނެ. އެހެންވެއްޖެއްޔާ............ " ސާރާ އޭނަގެ އަންނައުނު ބިންމަތިން ނެގިއިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. މޭނުބައިކޮށް އޯކާ ދަމާގޮތްވިއެވެ. ދެން ދުއްވައިގަނެވުނީ ފާޚާނާއާއި ދިމާލަށެވެ. ދޮރު ހުރީ ތަޅުލާފައެވެ. އޭނަ އެތަންމިތަން ހޯދަމުންދަނިކޮށް ފެނުނު ތަޅުދަނޑިފަތިއަކުން ދޮރު ހުޅުވަން މަސައްކަތްކުރަމުން ދިޔައިރު އިނގިލިތައް ތުރުތުރުއަޅާވަރުން އެއީވެސް އުދަގޫކަމަކަށްވިއެވެ. އެންމެފަހުން ދޮރު ހުޅުވާލުމާއިއެކު ފެނުނީ ދޮރުކައިރީގައި ލެނގިލައިގެން އިން ރައިޝާއެވެ.

"ސާރާ......" ރައިޝާ ރޮމުން އައިސް ސާރާގެ ގައިގާ ބައްދައިގަތެވެ.

"ކޮބާތަ އެމީހާ ގަނޑު، ދިޔައީތަ؟ ސާރާ ކީއްވެ އެކަނި ޖިންސްލައިގެން ޓޮޕް ނުލާ ތިހިރީ؟ މިދުވަނީ ކޮންވަހެއްތަ؟ ސާރާވެސް ރާ ބުއީތަ؟ އަހަންނަށް އެނގޭ އެމީހާ ރާބޯތީ އޭގެ ވަސް ވަކިކުރަން، ޖިދާން ފޯސްކުރީތަ؟ ބުނެބަލަ، ކީއްވެ އެއްޗެކޭ ނުބުނެ ބަލަން ތިހިރީ. އަހަރެން ބިރުނުގަންނަވަ ބަލަ. އާރ ޔޫ އޯލްރައިޓް؟ " ރައިޝާ އެއް ނޭވައިން އެތައް ސުވާލުތައް އެއްފަހަރާ އޮއްސާލައިފިއެވެ. ސާރާ ހުރީ ގާބުދެއްހެންނެވެ. ރައިޝާ ދެއްކި ވާހަކަތައް ސިކުނޑިއަށް ނަގައިގަނެވެން ފެށުމުން ޖިދާން އޭނައަށް އެއްޗެއް ބޯންދީ މަސްތުކުރުވައިގެން ބޭނުންގޮތެއް ހަދާލީކަން ޔަގީންވިއެވެ. ރަގަޅަށްވިއްޔާ އޭނަ ވީޑިއޯވެސް ކުރާނެއެވެ. ބްލެކްމެއިލްވެސް ކުރާނެއެވެ. ރައިޝާ ފަދައިން މުޅި އުމުރަށް އޭނަ ހުންނަން ޖެހޭނީ އެކަމުން ސަލާމަތް ނުވެވިފައެވެ. ސަނާފަދައިން މަރުވިނަމަ މާރަގަޅެވެ. އެތައް ހާސްމަރަކުން މަރުވުމަށްވުރެ އެއްފަހަރުން މަރުވުން ރަގަޅުނުވާން ވީ އެއްވެސް ސަބަބެއް ނެތެވެ.

ރައިޝާ ސާރާގެ އަތުގައި ހިފައިގެންގޮސް ސޯފާގައި ބޭންދިއެވެ. އޭރު ސާރާ ޓޮޕް ބޮލަށް މަހާލައިފިއެވެ.

"އެ ބީސްޓް ނާންނަނީސް މިތަނުން ސަލާމަތްވާން ހިނގާބަލަ....." ރައިޝާ އެއްޗެއް ވިސްނިގެން ދާން ހިނގައިގަތެވެ. ދޮރުތަޅުގައި ހިފާލިއިރު ނަސީބަކުން ހުރީ ހުޅުވިފައެވެ.

"ޕްލީޒް އަވަސް، މިހާ ރަގަޅު ފުރުސަތެއް ނުލިބޭނެ. އޭނަ އަތުވެއްޖެއްޔާ ދެން އަހަރެމެންގެ ހަން ނޮޅާލަންވެސް ފަހެއް ނުޖެހޭނެ. ހުރިގޮތަށް ހުރި ޑެވިލްއެއް. ޑެވިލްގެ ސޯލްހާ ކަޅު ފުރާނައެއްކަން ނޭގޭ ހުރީ. ދެން އިރާދަކުރެއްވިއްޔާ މި ޖަލުން ސަލާމަތްވީ. ސާރާ އަވަސް އަވަސް............" ރައިޝާ ގެ ހިތް އަވަސްވިއެވެ. ސާރާވެސް ރަބަރުގަނޑަކަށްވެފައިވާ ފައި ދަމަމުން ކުރިއަށް ފިޔަވަޅު އަޅަމުންގޮސް އެކޮޓަރީގެ ދޮރުން ބޭރުވިއިރު ނަބީލާ ސިޓިން ރޫމްގައި ސީރީޒްއެއް ބަލަން އިނދެފައި ފާޑަކަށް ބަލައިލިއެވެ. ޖިދާންގެ ނުބައި އަމަލު މި އަންހެނާއަށްވެސް އެނގޭހެން ހީވިއެވެ. ނަމަވެސް އޭނަ އިނީ ހިމޭނުންނެވެ. ރައިޝާ ސާރާގެ އަތުގައި ހިފާފައި ދަމަމުން ކަހަލަގޮތަކަށް ގޮސް ލިފްޓަށް އެރިއެވެ. ހިތް އަވަސްވެފައިވާވަރުން ފިތަންވީ ނަމްބަރެއް ނޭގިފައި އިރުކޮޅެއްވާންދެން ހުއްޓާ ސާރާ ގެ އަތް ހަރަކާތްކުރިއެވެ.

"ތެންކިއު........" ރައިޝާގެ ތުންފަތް މައްޗަށް ފިނި ހިނިތުންވުމެއް ވެރިވިއެވެ.

ސާރާއަށް އެވަގުތު ރައިޝާއާއިމެދު ވެސް ޝައްކެއްވިއެވެ. މިކުއްޖާވެސް އޭނައަށް އޮޅުވާލަނީހެއްޔެވެ؟ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނަ ހައްލާލައިގެން ޖިދާންގެ މުށުތެރެއަށް ގެންނަން ކުޅެލި ޑްރާމާއެއް ހެއްޔެވެ؟ ފިލްމުތަކުންނާއި ވާހަކަތަކުންވެސް ބައެއްފަހަރު އެންމެ ރަގަޅުކަމަށް ހެދިގެން ހުންނަ މީހާ ނުބައި މީހާއަށް ވާ ފަހަރު އާދެއެވެ. ފެންނަ ކޮންމެ މީހަކާއިމެދު ޝައްކުގެ ނަޒަރަކުން ބަލަން އާދަވެފައި ނެތަސް ކަންތައް ވަމުން އަންނަ ގޮތުން އެއްވެސް މީހަކީ އިތުބާރުކުރަން ޖެހޭ މީހެއްކަމަށް ނުދެކޭ ހިސާބަށް ހިނގައްޖެއެވެ.

ސާރާ ބަލަން ހުރިގޮތުން ރައިޝާ ހައިރާންވިއެވެ.

"ވަޓް؟ " ރައިޝާ ދެލޯ ބޮޑުކޮށްލިއެވެ.

"ނަތިން....." ސާރާ އިސްޖަހައިލިއެވެ.

"ކޮންމެވެސް ކަމެއްވެއްޖެ، ސާރާއަށް ކިހިނެއްވެފައި ތިހިރީ؟ ތިއީ ކުރިން ތިހެން މަޑުން ހުންނަ ކުއްޖެއްނޫނެއްނު، ސާރާ ބުނެބަލަ......ކިޔާދީބަލަ، ކިހިނެއްވެފައި ތިހިރީ؟ "ރައިޝާ ސާރާގެ އަތުގައި ހިފާލިއިރު އެއަތްތިލަ ގަނޑުފެންކޮޅެއްފަދައެވެ. ލިފްޓް ހުޅުވުމާއިއެކު ރައިޝާއަށް ހަޅޭއްލަވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. ޖިދާން އަރާހަމަވީއެވެ. ސިގްރެޓެއް ކަންނެތްގޮތަކަށް ތުންފަތުން ހިފަހައްޓާލައިގެން ހުރިއިރު ދެލޯ ވިދާބަބުޅައެވެ. ސާރާ ދަނޑިވަޅު ބަލާފައި ދުއްވައިގަތަސް ރައިޝާއަށް އެފަދަ ޚިޔާލެއްނުކުރެވުނެވެ. އެހެންނޫނަސް އޭރު ޖިދާން އޭނަގެ ކަނައަތުގެ މުލައްދަނޑީގައި ތަދުވާހާ ބާރަށް ހިފަހައްޓާފައި ލިފްޓުގެ ތެރެއަށް ގަންނަވާލާފަ ވާދެ ދޮރުލައްޕާލިއެވެ. ރައިޝާގެ ހަޅޭކުގެ އަޑު ލިފްޓްގެ ކުޑަ ގޮޅީން ބޭރަށް އިވުނުކަމަކަށްނުވިއެވެ.

ސާރާ ގެއަށް ވަންގޮތަށް ފާޚާނާއަށްވަދެ ޝަވަރުދޮށުގައި ހުއްޓުނެވެ. އެތައްފަހަރު ސްކްރަބާއި ޝަވަރޖެލް ލައިގެން ގައި ދޮވުމުންވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ހަން ރަތްވެ ދިލަނަގާންފެށުމުން އޭނަ ތުވާލި އޮޅާލައިގެން ނުކުތްއިރު ރޮއިރޮއި ދެލޯ ރަތްވެ ދުޅަވެފައިވެއެވެ. ފޯނަށް ބަލައިލެވުނީ އެއްވެސް ފަރާތަކުން މެސެޖެއް އައިސްފައި އިނދެދާނެކަމަށެވެ. ރައިޝާގެ ޚަބަރެއްވެސް ނުވިއެވެ. ޖިދާން އެކުއްޖާފުޅަށް ކުރާނެ އަނިޔާއެއްވެސް އެނގެނީއެއް ނޫނެވެ. ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުންވެސް އަސަރުކުރާހާ ބޮޑަށް ޖިދާންގެ ފަރާތުން އެކުއްޖާއަށް އަނިޔާލިބިއްޖެއެވެ. ނަސީބުކުޑަ އަންހެންކުއްޖެކެވެ. ފްލޯރަލް ސްކިނީއަކާއި ހުރަސްރޮގުދެމި ޓޮޕެއްލައިގެން ސާރާ ބެލްކަންޏަށް ނުކުތްއިރު އެރީތި އިސްތަށިގަނޑު ވިހުރެން ދޫކޮށްލާފައިވެއެވެ. ވައިރޯޅިތައް އިސްތަށިގަނޑަށް ގޯނާކުރަމުން ދިޔައިރު ސާރާ އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން ހުރީ ހިރިލަންވެސް ނޭގިފައެވެ. އެންމެފަހުން އޭނަ ފޯނު ނަގާފައި އައްމާރުގެ ނަމްބަރުތަކަށް ފިތާލިއިރު ހިތް ފިނިވެއްޖެއެވެ.

ހުއްޓުމެއްނެތި ދިހަވަރަކަށް ފަހަރު ގުޅިތަނާ އައްމާރު ފޯނު ނަގައިފިއެވެ.

"އިމީ ޕްލީޒް ނުބާއްވަބަލަ، އަހަރެން މިދައްކާ ވާހަކަ އަޑުއަހާފާނަންތަ؟ ޕްލީޒް އިމީ........" ސާރާ އާދޭހުގެ ރާގަކަށް ވާހަކަދައްކަން ފެށުމާއިއެކު ރޮވިއްޖެއެވެ.

"ހޫމް....." އައްމާރު ފަރުވާކުޑަ ރާގަކަށް ހޫމްއެއް އަޅުވާލިގޮތަކުންވެސް ސާރާގެ ހިތަށް ތަދުވެއްޖެއެވެ. އައްމާރުދެކެ ލޯބިވާ އެހިތަށް ކުޅަދާނަވާނީ ކިހިނެއްހެއްޔެވެ؟ އައްމާރުގެ މަތިން ހަނދާންވާވަރުން މޮޔަވާވަރުވަނީއެވެ. މިހާރު ހުންނާނީ ކޮން ޖިންސަކާއި ޓީޝާޓެއްލައިގެން ހެއްޔެވެ؟ އޭނަ ކުރަނީ ކީއްހެއްޔެވެ؟

ކޮމެންޓް 0