"ކިޔަން، ކޮބާ ބޭނުމަކީ، މިގޮތަށް މިގެއަށް ގެނަޔަސް އަހަރެންނާއި ކިޔަންގެ މަންމަމެންނާއި ދޭތެރޭގައި އޮތް ގުޅުން އޮންނާނީ އެއް ހިސާބެއްގައި، ވީއިރު ނޭގޭ ...." އައްމާރު ހީވަނީ ގޮތުގައި ހިފަހައްޓަން މަސައްކަތްކުރާހެންނެވެ. ކިޔަން ހުރީ ދޭނެ ޖަވާބެއް ނޭގިފައެވެ. ފުންނޭވާއެއް ދޫކޮށްލާފައި ކޮނޑު އަރުވާލުން ފިޔަވާ އިތުރު ބަހެއް ނުބުނެވުނެވެ. އެންމެނަށްޓަކާ އޭނަ ހަމްދަރުދީވެއެވެ. މަންމަމެންނަށް ކުރެވުނީ ކުށެއްކަމުގައި ވިޔަސް އެކަން ވިސްނި އެކަމާއި ހިތާމަކުރާވަރު ދެކެފައި ހިތަށް ހާދަ އަސަރެއް ކުރެއެވެ. އައްމާރު މާފުދޭނެނަމައެވެ. ރޫޅެމުންދާ އާއިލާ ސަލާމަތްކޮށްދޭނެ ނަމައެވެ. އެންމެން އެކީގައި އުޅެން ފެށުމުން އެއާއިލާ ފުރިހަމަވީއެވެ.

މަންމަމެންގެ މަގާމު ދީނުގައި އޮތްގޮތް އެނގުނަސް މިފަދަ މަންމަމެންނަށް ހިތްހެޔޮކޮށް ކަމޭހިތަންވާނެބާވައެވެ. އޭނައަށް އެ ސުވާލުގެ ޖަވާބުއެނގެއެވެ. މައިންބަފައިން ދަރިންގެ ހައްގުތައް އަދާނުކުރުން އެއީ އެމީހުންގެ ކަމެކެވެ. ދަރިން މައިންބަފައިންނަށް ހެޔޮކޮށް ހިތަންޖެހޭނެއެވެ. ކޮންމެ ހާލެއްގައިވެސް ވެއެވެ. ކުއްލިއަކަށް ހަނދާންވީ އޭނަގެ މާމައެވެ. މާމަ ދަރިފުޅަށް ދިން އަނިޔާތަކެވެ. ނަބީލާ އެކަމުގެ ބަދަލުހިފި ނުބައިގޮތެވެ. އޭނަވެސް ދަސްކުރަންވީ ނަބީލާ އުޅުނު ގޮތްތައްހެއްޔެވެ؟

އައްމާރުގެ ހިތަށް ބުނެދޭންނޭގޭ ފަދަ ގޮތްތަކެއް ވެގެން ދިޔައެވެ. ކިޔަން އޭނައާއިއެކީ އައިސް ހުރެފާ ފޯނެއް އައިސްގެން މަޑުކޮށްލުމުން އައްމާރު އިންތިޒާރުގައި މަޑުކޮށްލީ ތަބަކަށް ލެނގިލައިގެންނެވެ.

"ނަބީލާކަހަލަ މީހަކަށް ދުވަހަކު ނުވާނަން، ޔަގީނުންވެސް އަހަރެންގެ މަންމައަކަށް އަނިޔާއެއް ނުކުރާނަން، މަންމަކުރި ކުށާއިމެދު މަންމަ ހިތާމަކުރުން އެއީ މުޅިން އެހެން ކަމެއް....." އައްމާރު ވިސްނައިލިއެވެ. މާމައާއި ނަބީލާގެ މިސާލު އޭނައާއި މަންމައާއި ދޭތެރޭގައި މީހުން ޖަހާކަށް އޭނަވެސް ނޭދެއެވެ. ދަރިފުޅަށް އަނިޔާދިނޭ ކިޔާފައި އޭގެ ބަދަލު ހިފުމުގެ މާނައެއް ނެތެވެ. މާމައާއިމެދު ވިސްނަން ފެށުމާއިއެކު ސާރާގެ ދޮން މޫނު ލޮލުގެ ކުރިމަތީގައި ކުރެހިވެގެން ދިޔައެވެ. މޭގައި ރިއްސާކަހަލަ ގޮތެއްވިއެވެ. ސާރާ ކޮބާހެއްޔެވެ؟ އެކުއްޖާ އޭނަގެ މަތިން ހަނދާންކޮށްފައި ހާދަ ކަރުނަ އޮއްސާނެއެވެ. ހާދަ ދެރައެވެ. އޭނަގެ ބަދުނަސީބު މާޒީ ސާރާއަށް އެނގޭނެނަމައެވެ. އޭރުން ސާރާއަށް އޭނަ ދުރަށް ދިޔަ ސަބަބު އެނގޭނެއެވެ.

ފިކުރުތަކެއްގެ ކަނޑަކަށް ގެނބެމުންދަނިކޮށް މަންމަ ގޮވާލިއަޑު އިވުނީ ދާދި ކައިރިންނެވެ.

"އިމީ....." ޝުވޭކާރު ދެވަނަ ސިކުންތުކޮޅުގައި އޭނަގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ. އައްމާރުގެ މޫނުމަތިން އެއްވެސް އިތުރު އަސަރެއް ނުފެނުނެވެ. ދަރިފުޅު އޮފީސްހެދުމުގައި ފެންނަލެއް ސްމާޓްކަމާއި ޝަޚުސިއްޔަތު ވަރުގަދަކަމުން އޭނަގެ ބައްޕައެކޭ ތަފާތެއްނެތެވެ. ޝާހީ ގޮތްގަނޑު ކިތަންމެވަރަކަށްވެސް އެބަހުއްޓެވެ. ޝުވޭކާރު ފަޚުރުވެރިވާގޮތްވިއެވެ. މިއީ އޭނަގެ ފުރަތަމަ ދަރިފުޅުކަން މުޅި ދުނިޔެއަށް އަންގަން ބޭނުންވިއެވެ.

"މަންމަ ވަރަށް އުފާވެއްޖެ އިމީ މިގެއިން ފެނުނީމަ. އެތެރެއަށް ވަންނަންވީނު........" ޝުވޭކާރުގެ ޖުމްލައިން އައްމާރުގެ ހިތަށް ނުބައި އަސަރުތަކެއްކުރިއެވެ. އޭނަގެ މަންމައެއް ދުނިޔޭގައި ހުރިކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. ނަބީލާއަކީ އޭނަގެ މަންމަކަމުގައި ތުއްތުއިރުއްސުރެން ދެކުނު އަންހެނާއެވެ. މަންމަ ކިޔާފައި ގޮވުމުގެ ހައްގުދޭކަށްވެސް ބޭނުމެއްނުވި އަނިޔާވެރި އަންހެނެކެވެ. ބައިލޮޖިކަލް މަންމަ މިހިރީ ދަރިފުޅުގެ ހިތުން މަގާމެއް ހޯދަން އަތުކުރި އޮޅާލާފައެވެ. މި ދެމަންމައިންނަކީވެސް އެކަމަށް ނާލާއިގު ދެމީހުންނެވެ. މަންމަ ކިޔުއްވުމުން ބީރައްޓެހި ގޮތެއްވެސް ހުއްޓެވެ.

"ފައިސަލް ފައިސަލް. އިމީ އެބަހުރި މިގެއަށް އައިސްފަ......." ޝުވޭކާރު ފޯނުން ގުޅަމުން ވާހަކަދެއްކިއިރު ފޯރިއައިސްގެން އަޑުގައި ތުރުތުރެއްވެސް ހުއްޓެވެ. މަންމަމެންނަށް ލިބިފައިވާ އުފާވެރިކަން ހާމަޔަށް ފެންނަން އެހެރީއެވެ. މިހާރު އޭނައާއިގެން އުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ނަހަލާލު ދަރިއަކު ބަލައިގަތުން އެހާ ފަސޭހަވާންވީ ސަބަބެއްނެތެވެ. ފައިސަލްއާއި ޝުވޭކާރު އައްމާރު ގާތު އެދުނީ އިރުކޮޅަކަށް ނަމަވެސް އެގޭގައި މަޑުކޮށްލުމެވެ. ދެމީހުންވެސް އައްމާރުގެ ކައިރީ ދެއްކީ އެއްވާހަކައެކެވެ. ދެމަފިރިންވެސް އެދުނީ މާފަށެވެ. އެކުރެވުނު ކުށުގެ ކައްފާރާއެއްގެ ގޮތުން ފުރާނަވެސް ގުރުބާންކުރަން ޝުވޭކާރުވެސް ހުރީ ތައްޔާރަށެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މަންމައާއި ބައްޕައެއްގެ ލޯބީގެ ކުޑަ ކުޑަ މިންވަރެއް ލިބެން ފެށުމުން އައްމާރުއަށް ތަފާތު އަސަރުތަކެއްކުރިއެވެ. ނަމަވެސް އޭނަ ހުރީ އެހާ ފަސޭހައިން އެގެއަށް ބަދަލުވާގޮތަކަށް ނޫނެވެ.

"އިމީގެވެސް ގެއޭ މިއީ، ކީއްވެ ބަދަލުނުވާންވީ؟ "ޝުވޭކާރު އަހާލިއެވެ.

"ފަސޭހަކަމަކަށް ނުވާތީ....." އައްމާރު ކުރު ޖަވާބެއްދިނެވެ. މަންމަމެން ނުވިސްނޭކަމަށް ހެދެނީހެއްޔެވެ؟ ކާއިއާ އަބަދު ލޮލު ކުރިމަތިން އުޅޭއިރު އޭނަ ގަންނާނެ ލަދާއި ނުތަނަވަސްވާވަރު ގައިމު އެމީހުންނަށް އިހުސާސްކުރެވޭނެއެވެ. ކޮއްކޮއަކާއި އެކު އޭނަ ހޯދި އުފާތައް މިއަދު ހިތި ޒަހަރަށްވެގެން އޭނަގެ ޖިސްމު ހަފުސްކޮށްލަނީއެވެ. ހަދާނެ އެއްވެސް ގޮތެއްނެތެވެ.

ފެނިލާފައި އެނބުރިދާންކަމަށް އުޅުނަސް ޝުވޭކާރު އާދޭސްކޮށްގެން ރޭގަނޑު ކެއުމުގައި ބައިވެރިވާން އައްމާރު ނިންމިއެވެ. އަމިއްލަ އިޚުތިޔާރުގައި ބޭނުންގޮތަކަށް ނެހެދިގެން އުޅުނީ އެހެން މީހުންގެ އިހުސާސްތަކަށް އޭނަ ސަމާލުކަންދޭ ވަރުންނެވެ. އެހެން މީހުން ދެރަކޮށްލަން ބޭނުންނުވާތީއެވެ. ބައެއްފަހަރު އެލޯތްބާއި އަޅައިލުން ފެނިފައި އެމީހުންނާއި ދޭތެރޭގައި އެހެން ނަޒަރަކުން ދެކެވޭކަހަލަ ގޮތެއްވިއެވެ. ނަމަވެސް މި މުއްސަދިކަމާއި އަރާމު އޭނައާއި އަރަފޯދިގެން ނުވާކަމަށް ހިތަށް ވިސްނާދިނުމަށްފަހު އެ ބީރައްޓެހިކަމުގެ ފާރު ގިރާނުކުރަން އޭނަގެ ޒަމީރު ވިސްނައިދިނެވެ.

މަޖުބޫރީކަން މަތީގައި އިނދެ ކައިގެން އޭނަ ބެލްކަންޏަށް ނުކުތީ ތާޒާ ވައިކޮޅެއް ހޯދުމަށެވެ. މަންމަ އިޝާ ނަމާދުކޮށްލައިގެން އަންނަންދެން މަޑުކޮށްލަދޭށޭ ބުނުމުން ވާޖިބު އަދާކުރަން ހިތަށް އަރުވައިގެންނެވެ. އެތަނަށް ނުކުތްގޮތަށް ޖިންސްގެ ޖީބުން ނެގި ދުންފަތްދަޅުން އެތިކޮޅެއް ކޮލަށް ލިއެވެ. އަދި ސިގްރެޓް ތުނބުގައި ޖަހައިގެން ހުރެ ރެއިލިންގަށް ލެނގިލިއެވެ. ފޯނަށް ބަލާލާފައި ހެޑްސެޓް އަޅާލިއިރު އޭނަގެ ހިތް ތެޅޭލެއް ބާރުކަމުގެ އިންތިހާއެވެ.

"ޔެސް؟" އައްމާރުއަށް ކިޔައިލެވުނެވެ.

"މިގެއަށް ނާދެބަލަ ފޯރ ގޯޑްސް ސޭކް. އެންމެން ބޭބެކަމުގައި ނިންމިޔަސް އަހަންނަށް އެކަން ގަބޫލުކުރުން ފަސޭހައެއްނޫން، ބޭބެއެއްގެ ނަޒަރަކުން ނުބެލެވޭނެ. އަހަރެން މޮޔަވެދާނެ، މިގެއިން ދޭ، ދުވަހަކު ފެންނަ ހިސާބަށްވެސް ނާދޭ، ޕްލީޒް ޕްލީޒް އައި ބެގް ޔޫ، ނޫނީ އަހަރެން މަރުވެދާނެ...." ކާއިއާ ރޮމުން ވާހަކަދެއްކިއެވެ.

"އޯލްރައިޓް، އޯލްރައިޓް....." އައްމާރުގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. ކާއިއާގެ އިންޒާރުތައް އެހާ ލުއިކޮށް ނަގައިގަނެވޭކަށް ނެތެވެ. އެކަން ކާއިއާވަނީ ދެފަހަރު ސާބިތުކޮށްދީފައެވެ. އަމިއްލަ ފުރާނަ ދުއްވާލުމަކީ ކާއިއާ ފަސްޖެހޭކަމެއްނޫނެވެ. ކާއިއާ އެފަދަ މޮޔަ އަމަލެއް އޭނަގެ ސަބަބުން ހިންގައިފިއްޔާ އަމިއްލަ ނަފުސަށް މާފުދެވޭނެ އެއްވެސް ގޮތެއްނޯންނާނެއެވެ. ތަގުދީރުގެ ސަމާސާ ދެކެބަލާށެވެ. އޭނަގެ ލޯބިވެރިޔާކަމުގައި ދެކެމުން އައި އަންހެންކުއްޖާ މިވީ އޭނަގެ އެއްބަނޑު އެއްބަފާ އަންހެންކޮއްކޮއަށެވެ. އެހެން ހިތަށް އެރުމުންވެސް ޖިސްމު ރޫރޫއަޅާގޮތްވިއެވެ. ކުރެވުނު އަމަލުތައް ހަނދާންވެ މޫނުމަތި ރަތްވިއެވެ.

"އެބަ ފެނެއޭ ބެލްކަނީގައި ހުރިތަން. ޖަސްޓް ގޯ......." ކާއިއާގެ އަޑު ބާރުވިއެވެ.

 

އައްމާރުގެ ހިތަށް ކެކިކެކި ހުރި ހޫނު ފެން ބަންޑުންކޮށްލިހެން ހީވިއެވެ. ކާއިއާގެ އަޑުގައިވި ރުޅިވެރި ގޮތަކުން އެކުއްޖާއާއިމެދު ބިރު ހީވިއެވެ. ކާއިއާ މޮޔަކަމުން ކޮންމެފަދަ އަމަލެއްވެސް ހިންގަފާނެތީ އެއްޗެކޭ ބުނަން ފަސްޖެހިފައި އެތަނުން ދާން ހިނގައިގަތެވެ. ތިރިއަށް ފޭބިއިރު ކިޔަން ސިޓިންރޫމްގައި އިންތަން ފެނިފައި އައްމާރު އޭނައަށް ގޮވާލިއެވެ.

"ކިޔަން. ކައި ހަމަޔަކަށް އަޅުވަބަލަ، ޝީޒް ގެޓިން ހިސްޓެރިކަލް. މިގެއަށް އައުމުން ކަންތައް ރަގަޅުވުމުގެ ބަދަލުގައި ނުބައި ދިމާލަކަށް މިދަނީ......" އައްމާރު ފިނިވެފައިވާ އަތްތިލަ އުގުޅާލިއެވެ. އެއަމަލުންވެސް އައްމާރު ނުތަނަވަސްވެފައި ހުރިވަރު ކިޔަންއަށް އެނގުނެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ ދިމާވެގެން މިއުޅެނީ އާދައިގެ ކަމަކާއެއް ނޫނެވެ. އައްމާރުއާއި ކާއިއާގެ ސިކުނޑިއަށް ކުރާނެ ބާރާއި ނަފްސާނީގޮތުން ކުރާނެ އަސަރު އެހެން މީހުންގެ ހިތަކަށް ނުގެނެވޭނެއެވެ. ދެރަވާނެވަރާއި ލަދުގަންނާނެވަރު އަދި އެކަމުގައި ޝާމިލުވާ ބަޔެއްދެކެ ރުޅިވެސް އަންނާނެއެވެ.

ކިޔަން އެއްޗެކޭ ބުނަން އުޅެފައިވެސް ތުންފަތުގައި ދަތްއަޅައިލިއެވެ. ކޮއްކޮ އަމިއްލަ ހަށިގަނޑަށް ގެއްލުމެއްދޭން އުޅެފާނެކަމުގެ ބިރުހީވިއެވެ. އެމީހުން މިވަނީ ގޮތްހުސްވެފައެވެ.

ކިޔަން ކޮޓަރިއަށްވަންއިރު ފެނުނީ ވަރަށް މަޑުމަޑުން އިން ކާއިއާއެވެ. އިސްތަށިގަނޑުގައި ފުނާއަޅަން އިންއިރު އެމޫނުމަތިން އިތުރު ޝުއޫރެއް ނުފެނެއެވެ. ހުރިހާ އިހުސާސްތަކެއް އޭނަ ހިތުގައި ރައްކާކޮށްގެން އަމިއްލަ ނަފުސާއިގެން އުޅެން ދަސްކުރަނީއެވެ. އެހެންމީހުންނާއި އޭނަގެ އެއްވެސް ކަމެއް ހިއްސާކުރާކަށް ބޭނުމެއްނުވެއެވެ. އެހިތުގައިވާ އެއްޗެއް އޮޅުން ފިލުވުމަކީ ހިލަގަނޑަކުން ފެން ނެރުން ފަދަ ކަމެކެވެ.

އައްމާރު ދެވަނަ ދުވަހު އެގެއަށް އައީވެސް ޝުވޭކާރު ކިޔާވަރުންނެވެ. މިއަދު ޝުވޭކާރަށް ފެނުނީ ތަފާތު އައްމާރުއެކެވެ. އާދައިގެ ޓީޝާޓަކާއި ބާ ޖިންސެއްލައިގެން ހުރިއިރު އަރާފައި ހުރީ އާދައިގެ ފެންފައިވާނަކަށެވެ. ކިޔަން ޖިމަށްލާ ޓީޝާޓުވެސް އެތައްގުނަ އަގުބޮޑުވާނެއެވެ. އެމީހުން ދުވަހަކުވެސް ކިޔަން ފެންފައިވާނަކަށް ނާރުވައެވެ. ޝުވޭކާރުގެ ހިތުގައި ޖެހި ލޮލުން ފެންއަންނަގޮތްވިއެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އައްމާރު އެދުވަހުވެސް އިރުކޮޅެއްވާންދެން އޭނަގެ މަންމަ ދައްކާވާހަކަ އަޑުއަހަން އިދެލާފައި ދިޔައީއެވެ.

އައްމާރު ބެލްކަނީގައި ހުރިއިރު ހޫނުގަދަކަމުން މޫނުވެސް ފިއްސާލަފާނެހެން ހީވިއެވެ. މިގަދަ ހޫނުގައި ސަންސްކްރީން ލޯޝަނެއްނުލާ އުޅެން ވެއްޖެއްޔާ ހަމުގައި މައްސަލަޖެހޭނެކަން ޔަގީނެވެ. އައްމާރުގެ ނިތްކުރީގައި ކުދި ކުދި ދާތިކިތައް ބަބުޅާއިރު އެރީތި ދެލޮލުގެ ކުލަ ވަކިން އުޖާލާކަމަށް ދައްކައެވެ. ވައިޖެހޭކަމުގެ ނިޝާނެއް ފާޅުވާން ނެތަސް ސިއްރު ރޯޅިތައް އައްމާރުގެ ފަން އިސްތަށިގަނޑާއި ގޯނާކޮށްލާތަން ފެނުމުން ކުޑަކޮށް ނަމަވެސް ވައިޖެހޭކަމާއިމެދު ޝައްކެއްނެތެވެ. އައްމާރު ފޯނުން ބަލަމުން ދިޔައީ ސާރާގެ ފޮޓޯތަކަށެވެ. އޭނަ މާ ބޮޑަށް ސާރާގެ މަތިން ހަނދާންވަނީއެވެ. އަންހެނުން ކައިރިއަށް ދާން ބޭނުންވަނީއެވެ. އެއޯގާތެރިކަމާއި ލޯތްބާއި އަޅާލުމަށްޓަކާ ހިތް ރޮނީއެވެ. ލޮލުން ކަރުނަ ނައިކަމުގައިވިޔަސް އެހިތް ސާރާއަށްޓަކާ ވާވަރު ދެނެވޮޑިގެންވަނީ މާތްﷲއެވެ.

ކިޔަން ގުޅަން ފެށުމުން އައްމާރު ފޯނު ނަގާއިރަށް ކަންފަތަށް އިވުނު ޖުމްލައިން އޭނަގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ.

"އިމީ. ކައި ފިލައިގެން ހިނގައްޖެ......"

"ކޮންތާކަށްތަ؟ "

"ނަސީބަކުން ސީރިޔާއަކަށް ނޫން، އެންމެން މިހާރު ދާތަނަކީ އެއީތާ، ކައި ގޮސްފައިވަނީ އެއަރލަންކާއިން ކަމަށްވަނީ، އޭގެ ފަހުން ހެދިގޮތެއްނޭގޭ، ކައި ދަންނަ މީހަކު ލަންކާގައި އުޅެނީއެއްވެސް ނޫން، ކޮންމެފަދަ ދެރަގޮތެއްވެސް މެދުވެރިވެދާނެ، މަންމަވެސް ޝޮކެއްގައި، އަންހެންދަރިއަކު އެގޮތަށް ގެއިން ދިޔައީމަ ވެދާނެގޮތަކާއިމެދުވެސް މަންމަ ވިސްނާނެއްނު، އަހަރެންވެސް މިއުޅެނީ ކޮއްކޮގެ ޚަބަރެއް ވޭތޯ ބަލަން ލަންކާއަށް ދާންވެގެން. މަންމަމެން އެކަނި ގޭގައި އުޅޭނީ. އިމީ ގެއަށް އައިސްދީފާނަންތަ؟" ކިޔަން އެދުނެވެ.

"އެހާވަރުން ބަލަހައްޓާއިރު ފިލައިގެން ދެވުނުގޮތެއް ބުނެބަލަ......." އައްމާރުގެ އަތްފައި ފިނިވެ ގަނޑުފެންކޮޅަކަށްވެއްޖެއެވެ. އެއްދުވަސްވަރެއްގައި އިޝްގީ ލޯތްބެއްވެގެން ދެމީހުން މޮޔަވެގެން އުޅުމަށްފަހު އެދެމީހުންގެ ދޭތެރޭގައިވަނީ ލޭގެ ގުޅުންކަން އެނގުނަސް ވާ ލޯތްބަކަށް ބަދަލެއްނައެވެ. ވިއްޔާ ވަނީ އިތުރެވެ. ކާއިއާގެ ގަޔަށް ކަށްޓެއްގެ މިންވަރު ހެރެންވެސް އޭނަގެ ހިތެއްނޭދެއެވެ. ކާއިއާގެ ސަލާމަތާއިމެދު ވިސްނެން ފެށުމުން ވަގުތުން ބޮލުގައި ރިއްސާލައިފިއެވެ. ލޮލުން ކަރުނަހިލޭގޮތްވިއެވެ.

"ހެދުނުން ފެށިގެންވެސް ކޮޓަރިން ބޭރަކަށް ނުނިކުމޭ. މަންމަވެސް ބޮލުގައި ރިއްސާތީ ކޮޓަރިއަށް ވަންތަނުން ނިދުނީ، ބައްޕަވެސް އިންނެވީ ލައިބްރަރީގައި. އައި ފީލް ގިލްޓީ. އެނގޭތަ މަންމަ ބުނި ކޮއްކޮ ހަދާ ނަހަދާ ބަލާދޭށޭ. އެކަމަކު ކްލޭޝް އޮފް ކްލޭން ކުޅެން އެގަޑީގައި އޮވެވުނީމަ ހަނދާނެއްނުވި. ފަހުން ކައިގެ ރޫމަށް ދިޔައިރު ކައި ފެންނާކަށް ނެތީމަވެސް އަޅާނުލެވުނީ. މާފަހުން އެނގުނީ ކައި ގޭގައި ނޫޅޭކަން.........." ކިޔަން ތަފްސީލުކޮށް ކިޔާދިނެވެ.

"ދެން ކިހިނެއް ހަދާނީ؟ "އައްމާރުގެ ވިސްނުން އޭނައާއި ވަކިވެގެން ހިނގައްޖެއެވެ.

އައްމާރު ކިޔަންއާއި ވާހަކަދައްކަމުން ދިޔައީ ކާއިއާއަށް މިދިމާވި ކަންތަކުން އަރައިގަތުމަށް ދެބެންވެގެން އެހީވުމަށެވެ. އައްމާރު ފިރިހެނަކަށްވިޔަސް އޭނައަށްވެސް ވަނީ އެކަމުގެ ސަބަބުން ލަދުވެތިކަންފަދަ އެތައް އިހުސާސްތަކެއް ކުރަންޖެހިފައެވެ. އެދެލޮލުން އަބަދު ފެންނަ މޮޅިވެރިކަމާއި އިންތިހާ ދަރަޖައިގެ ވޭނުގެ ސަބަބަކަށް ކާއިއާވެސް ހިމެނެއެވެ. އައްމާރު އެކަނިވާއިރަށް ކާއިއާއި ސާރާގެ ތަފާތު ހަނދާންތައް ހިތަށް ކަށި ހަރަންފެށިއެވެ. އޭނަ އެހާ ލޯބިވި ދެ އަންހެންކުދިންވެސް ހަޔާތުން ބީވެގެން ހިނގައްޖެއެވެ. ހާދަ ދެރައެވެ. ހަދާނީ ކިހިނެއްހެއްޔެވެ؟ ދެން އުމުރު ހޭދަކޮށްލަން ޖެހޭނީ އެކަނިވެރިއެއްގެ ގޮތުގައެވެ. އެރޭ ނިދުންވެސް އޭނައަށް ބޭކާރުކަމަކަށްވިއެވެ.

އެންމެފަހުން ކާއިއާއަށް ވައިބަރކުރީ ކޮންމެހެން އޭނައާއި ދިމާވާނެކަމަކަށް ނޫނެވެ. މެސެޖް ލިބުނުކަން ޔަގީންވުމުން އައްމާރުގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ.

"ކައި. އަނގައިން ބުނެބަލަ. ކޮންތާކު ތިހިރީ؟ " އައްމާރު ސުވާލުކުރިއެވެ.

"އެންމެނާއި ދުރަށް ދާންބޭނުމީ، މަރު ނޫން އެހެން އެއްޗަކަށް އަހަރެންގެ މި ހިތާމަ ފިލުވައެއް ނުދެވޭނެ...." ކާއިއާގެ ޖަވާބު އައެވެ.

"އައި ކެން އަންޑަސްޓޭންޑް. ކައި ދެރަވާނެވަރާއި ހިތާމަކުރާނެވަރު އެންމެ ބޮޑަށް އިހުސާސްކުރެވޭނީ މަށަށް ނޫން ކާކަށްބާވައޭ ހިތަށް އަރާ، މަރަކީ ހައްލެއްނޫން. ކައި. ކަމް ބެކް ޕްލީޒް........" އައްމާރު ކާއިއާއަށް ވިސްނާދޭން މަސައްކަތްކުރިއެވެ.

"ސޮރީ، ބޭނުމެއްނޫން ފެމިލީ މީހަކާއި ބައްދަލުކުރާކަށް. ދޭ މާޑާޑް މައި ލަވް. ދިރިއުޅުން ހަލާކުވެ ނިމުމަށްފަހު މި ދުނިޔޭގައި ހުރުމުގެ ބޭނުމެއް އެބައޮތްތަ؟ ކޯންޗެއް ދެން އަލުން ބޭނުމީ؟ ބޭނުންވި އެއްޗެއް ނުލިބުނު، ވީއިރު މިއަށްވުރެ ނަރަކަވެސް މާ ރަގަޅުވާނެ........"ކާއިއާ ވާހަކަދައްކާގޮތުން އައްމާރުގެ ގައިން ހީބިހި ހަލުވައިލިއެވެ. ރަގަޅަށްވެސް ކާއިއާ މަރުވާން ނިންމީހެއްޔެވެ؟ މާޒީގެ ހަނދާނެއް ލޮލުގެ ކުރިމަތީގައި ސޫރަވުމުން އައްމާރުގެ ހިތް ފިނިވިއެވެ.

"ކައި އަހަރެން ކައިއާއި ބައްދަލުކުރަން ބޭނުންވެއްޖެއްޔާ ؟ " އައްމާރުގެ ސުވާލުން ކާއިއާގެ ފުށުން ޖަވާބު އައުން ހުއްޓުނެވެ. އައްމާރު ވާހަކަދައްކަ ދައްކާ އެކޮޅުން ޖަވާބެއް ނުލިބުމުން އައްމާރުގެ ހިތުގައިވާ ބިރުވެރިކަން ބޮޑުވިއެވެ. ކާއިއާގެ ސިކުނޑިއަށް ވެފައިވަނީ ކިހިނެއްހެއްޔެވެ؟ ލޯތްބަކީ ހުރިހާ އެއްޗެއްކަމުގައި ގަބޫލުކުރާކަށް ނުވާނެއެވެ. ނަމަވެސް އިޝްގުގެ މޮޔަކަން ބޮލަށް ސަވާރުވުމަށްފަހު ބައެއްފަހަރު ގޯސްތައް ހެދޭނެއެވެ. ލޯތްބަށްޓަކާ ވަރަށް ގިނަ މީހުންވަނީ އަމިއްލަ ނަފުސް ގުރުބާންކޮށްފައެވެ. އައްމާރު ނުކުރާނެކަމަކީ އެއީއެވެ. ކިތަންމެ ވަރަށް ލޯބިވިޔަސް އޭނަގެ އީމާންތެރިކަން ވަރުގަދަކަމުން އެފަދަ ކަމަކަށް އޭނަ ފުރުސަތެއް ނުދޭނެއެވެ. އައްމާރު ކާއިއާއަށް ގުޅަން މަސައްކަތްކުރިއެވެ. އެކިގޮތްގޮތަށް ވާހަކަދައްކަންވެސް އުޅުނެވެ. ކާއިއާގެ އެހިމޭންކަމުން އޭނަ ދެނެގަންނަންވީ ކޯންޗެއް ހެއްޔެވެ؟ ބައްދަލުކުރާ ވާހަކަ ބުނުމުން ރުޅިއަންނަންވީ ކީއްވެހެއްޔެވެ؟ އެދަންވަރުވެސް އައްމާރު ކިޔަންއަށް ގުޅާފައި ކާއިއާއާއި ދިމާވިކަމަށްބުނުމުން ކިޔަންމެންގެ ހިތަށްވެސް ހަމަޖެހުމެއްލިބުނެވެ. ކާއިއާ އަދި ދުނިޔޭގައި ހުރިކަން ޔަގީންވިއެވެ.

އައްމާރު ރެސްޓޯރެންޓަކަށްވަދެ ކަޅު ކޮފީއެއް ބޮއިގެން ނުކުތެވެ. މަގުމަތި ހަލަބޮލިކަމުން ހިނގާލާފައި ދެވޭވަރެއްނޫނެވެ. އެހެންލާފައި ދިޔަ އަންހެންކުދިންގެ ފަރި ނަޒަރު އައްމާރުއަށް ހުއްޓުނުވަރުން ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. އެހާވަރަށް ބަލަން އޭނައަކީ އަންހެނެއް ހެއްޔެވެ؟ އަންހެންކުދިން އެހާވަރުން އުޅޭވަރުގެ މީހެއް ހެއްޔެވެ؟ އޭނަގެ ބަދުނަސީބުކަމުން އޭނަގެ ދުނިޔެއަށް އަންނަ އަންހެންކުދިންނަށް ވާގޮތް އެނގޭނެނަމަ އެކުދިން އޭނައާއި ވީފަރާތަށް ބަލާވެސް ނުލާނެއެވެ. އައްމާރު ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ޓްރެފިކް ލައިޓް ފެހިވަންދެން ހުރަސްނުކުރަން މަޑުކޮށްލިތަނާ އަނެއް ފަޅީގައި ހުރި ފިހާރައިން ނުކުމެގެން ހިނގައިގަތް އަންހެންކުއްޖާ ފެނިފައި އެހެން ހުރިހާ ކަމެއް ހަނދާން ނެތުނެވެ. އެއީ ސާރާއެވެ. އޭނަގެ ސާރާއެވެ. ދުވެލާފައި ކަހަލަ ގޮތަކަށް އައްމާރު ގޮސް އެކުއްޖާގެ ކޮނޑުގައި ހިފަމުން އޭނައާއި ދިމާލަށް އަނބުރުވާލައިފިއެވެ.

"ސާރާ....." އައްމާރު ގޮވާލިއެވެ.

ކޮމެންޓް 0