"އައްސަލާމް އަލައިކުމް ކައި، ކިހިނެއްތަ؟ " ސާރާ ވާހަކަދެއްކީ ވަރަށް ރީތިކޮށެވެ. ކާއިއާ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ހަންޑިއެއް ފެނުނަސް މީހަކު އެހާ ބިރުގަންނާނެކަމެއް ނޭގެއެވެ.

"ވަޓް ދަ ހެލް އާރ ޔޫ ޑުއިން ހިއަރ...." ކާއިއާގެ މޫނަށް ރަތްކުލަ އެރިއެވެ. ސާރާގެ ހިތަށް ނުބައިގޮތެއްވިއެވެ. ލަދުން މަރުވާވަރުވިއެވެ. އޭނަ ހީކުރީ އޭނަ މިގެއަށް ގެނައީ ކާއިއާވެސް އެދިގެން ކަމަށެވެ. އޭނަ ފަހަރިއަކަށްވުމުން ކާއިއާގެ ހިތުގައި އޮތްހާ ނަފްރަތެއް ފިލާ ހިތް ސާފުވާނެކަމުގައެވެ. މިވާން އުޅެނީ ކިހިނެއްބާވައެވެ. އެވަގުތަކީ ކިޔަންވެސް ކޮޓަރިން ނުކުމެގެން އައި ވަގުތެވެ. ކާއިއާގެ ޖުމްލަތައް އިވުނުކަން އޭނަގެ މޫނުމަތިން އެވަގުތު ފެނުނު ކުލަވަރަށް ބަލާފައި ސާރާއަށް އެނގުނެވެ. ކިޔަން ކާއިއާގެ ކޮނޑުގައި އަތް ބާއްވަމުން ގަޔާއި ކައިރިކޮށްލުމުން ފޮޅުވާލަން އުޅުނެވެ.

"އަހަރެން މިއަހަނީ މި އަންހެނާ މިގޭގައި ކުރަނީ ކީއްބާވައޭ......." ކާއިއާގެ އަޑު ގަދަވިއެވެ. އޭނަ ސާރާއާއި ދިމާލަށް ދާން އުޅުމުން ކިޔަން ހިފެހެއްޓިއެވެ.

"ކާމްޑައުން ސިސް. މިއީ އިމީގެ ވައިފް.........." ކިޔަން ކާއިއާއަށް ވިސްނާދޭން އުޅުނެވެ.

"އާއިލާއިން ބޭރު އެއްވެސް މީހަކު މިގޭގައި އުޅޭކަށް ބޭނުމެއްނޫނޭ. ދެން ކީއްކުރަންތަ ސްޓްރޭންޖަރ އެއް މިގެއަށް ގެނައި؟ އަހަންނަކަށް ނޫޅެވޭނެ މިމީހާއާއި އެއްގެއެއްގައި....." ކާއިއާ ރުޅިގަދަވެގެންގޮސް ގައިގާ އަލިފާނުގެ ހުޅު ހިފައިފާވާކަހަލަ އިހުސާސެއް ކުރެވުނެވެ. ސާރާދެކެ އެހާ ބޮޑަށް ރުޅިއަތުވެދާނެކަމަށް ކާއިއާ ދުވަހަކު ގަބޫލެއްނުކުރެއެވެ.

"އޯމައިގޯޑް ހާދަ ރޫޑް އަންހެންކުއްޖެކޭ...." ސާރާ ހިތާހިތުން ބުނެލިއެވެ.

"އެއީ ފަހަރިއޭ، ކައިގެ ފަހަރިއޭ، މައިތިރިވެބަލަ، ހާދަ ފާޑަކަށޭ ވާހަކަ ތިހިރީ؟ ކައިއަކީ ތިކަހަލަ ކުއްޖެއްނޫނެއްނު....." ކިޔަން ހައިރާންވި ވަރަށް ލަދުވެސް ގަތެވެ. މިވަގުތު ސާރާއަށް ކުރެވޭނެ އިހުސާސް އޭނައަށް ރަގަޅަށް ވިސްނުނެވެ. ސާރާ އެހެރީ މިގެއަށް އާދެވުނުކަމުގެ މޮޔަހީވެފައެވެ. ކާއިއާގެ ނުރުހުމުގައި ސާރާ މިގޭގައި ހުރުމަކީ ވާނެކަމެއް ނޫނެވެ.

"ފަހަރި؟ " ކާއިއާ ކުއްލިއަކަށް ނުބައި ގޮތަކަށް ހިނިގަނޑެއް ޖަހާލާފައި އޭނަގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

"ކިޔަން، މިއީ ކޮންކަމެއްތަ؟ ކިޔަން މަންމަ ބުނީ ކައި ވެސް ބޭނުންވެގެންނޭ........" ސާރާ މަޑުމަޑުން ބުނެލިއެވެ.

"މަންމަ އަމިއްލައަށް ބުނި އެއްޗެއް އެއީ، ކައިއަކަށް ނުވެސް އެނގޭ ސާރާ މިގެއަށް އަންނަން އުޅޭކަމެއްވެސް، ފެނުނީމަ ޝޮކެއް އެލިބުނީ، ކައިގެ ހާލު އަދިވެސް މުޅިން ރަގަޅެއްނޫނޭ ސާރާ، އެއްޗެކޭ ހީނުކުރައްޗޭ، ސިސްއަށް ވަރަށް ސަޕޯޓް ބޭނުންވޭ، ކުރިން އެހާ ރޫޑްކުއްޖެއްވެސް ނޫން، ސާރާ އައީމައެއް ނޫން އިނގޭ، ކޮންމެ މީހަކު މިގެއަށް އަޔަސް ކައި އެގޮތަށް މައްސަލަޖައްސާނެ، އޭނަގެ ޕްރައިވެސީއެއް ނެތޭ ކިޔާނީ، ކައި ބޭނުންވަނީ އެގޮތަށް ސޯޓާއި ކުރު އެއްޗެހިލައިގެން ގޭތެރޭގައި އުޅެން......." ކިޔަން ކޮއްކޮގެ ދިފާއުގައި ވާހަކަދެއްކިޔަސް އެކަން ގަބޫލުކުރުން ސާރާއަށް ފަސޭހަވާނީ ކިހިނެއްހެއްޔެވެ؟ އެހާ ބޮޑަށް އޭނަދެކެ ނަފްރަތުކުރާއިރު އޭނަ މިގޭގައި ހުންނާނީކިހިނެއް ހެއްޔެވެ؟

"އަހަންނަކަށް ނޭގޭ......" ސާރާ ބުނެލިއެވެ.

"ސާރާ، ޝީ ހޭޒް ގޯން ތްރޫ އެލޮޓް، ސާރާއަށްވެސް ވިސްނޭނެ، އެމަގާމުގައި ސާރާ ހުރިނަމަޔޯ؟ ލޯބިވެގެން މެރީ ކުރެވުނީ ތިމާގެ ބޭބެއަކާއިކަން އެނގޭއިރު ވާނެގޮތް ވިސްނޭނެ، ކިހާ ޓަފްކަމެއް، ކައި ސަފަރ ކުރާވަރަށް އެހެން މީހަކު ސަފަރކުރާނެއޭ މަށެއް ނުބުނާނަން، ކޮންމެގޮތެއްވިޔަސް ސާރާ އަކީ އިމީގެ ވައިފް، ކައިއަކީ ކޮއްކޮ، އެކަމަކު ކައި އަދިވެސް ހިތް ސާފެއްނުވޭ، އިމީގެ ލައިފަށް އަންނަ އަންހެންކުއްޖަކާއި ދޭތެރޭގައި އެހެން ގޮތަކަށް ވިސްނާނެހެން ހީވަނީ. އިޓް ވިލް ޓޭކް ޓައިމް ދޯ، އެކަމަކު ރިކަވަރ ވާނެ..........." ކިޔަން ދެއަތުން ދެދަބަސް އުފުލާލިއެވެ.

ކިޔަންފަދައިން އެންމެންވެސް ސާރާއަށް ހެޔޮއެދޭނެނަމައެވެ. އަޅާލާނެނަމައެވެ. އޭނަ މިގެއަށް އައީ އުފާވެރި އުއްމީދުތަކާއިއެކުގައެވެ. މާމަވެސް ދޫކޮށްލާފައި ދުރަށް މިއައީ އަލުން ދިރިއުޅުމެއް ފަށާށެވެ.

ކޮޓަރީގެ ދޮރު ހުޅުވާލިއިރު އައްމާރު އާއި ޚަލީސީ ސެލްފީ ނަގަނަގާފައި ވަރަށް ގާތްކޮށް އުޅޭތަން ފެނުމުން ސާރާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެއީ ދުނިޔެއިން ފެންނާނެ އެންމެ ރީތި އެއް މަންޒަރެވެ. އައްމާރު އާއި ދަރިފުޅަށްޓަކާ ހިތް ލޯބިން ބަންޑުންވިއެވެ. ސާރާ ދަބަސް ހުޅުވާލާފައި ބައެއް ސާމާނުތައް ނަގަން ފެށުމުން އައްމާރު ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

"އިމީ، އިމީގެ މަންމަ ބޭނުންވީ ދުވަސްކޮޅަކަށް ނަމަވެސް އަހަރެން މިގޭގައި ހުރުން. އެނީ އޮބްޖެކްޝަންސް؟ " ސާރާ ކޮޅަށް ތެދުވެ ހިންދެމިލިއެވެ. އައްމާރު ތަންކޮޅެއް ލޯބިން ބަލައިލާނެނަމައެވެ. އެހާ ބީރައްޓެހިކޮށް އުޅުމުގެ މާނައަކީ ކޮބާހެއްޔެވެ؟ މިހާރު އެދޭތެރޭގައި ކާއިއާވެސް ހުރީއެއްނޫނެވެ. މިގޮތްދޫނުކުރާ މިޒާޖު ދޫކޮށްލަންވެއްޖެއެވެ.

"ނޯ....." އައްމާރު ދުރަށްބަލަން ފެށިއެވެ.

"ބޭބީ މިލްކްތަށި ބޯނަންތަ؟ " ސާރާ ދަރިފުޅާއި ސުވާލުކޮށްލިއެވެ.

"ޑެޑީގެ އަތުން ބޯނީ......" ޚަލީސީ އަވަސްއަވަހަށް ބުނެލިއެވެ.

"މިހާރު ޑެޑީގެ ކުއްޖަކަށްވީމަ މަންމަމަތިން ހަދާނެއްވެސް ނުވޭ....." ސާރާ ޚަލީސީގެ ކޮލުގައި ކޮށްޓާލިއެވެ. ޚަލީސީ އައްމާރުގެ ކަނދުރާގައި ދެއަތުން ބައްދައިގަތެވެ.

ސާރާ ކިރުތަށި ހިފައިގެން އައުމުން ކިރުތަށި ބުއީވެސް އައްމާރުގެ އަތުންނެވެ. އެންމެފަހުން ނިދީވެސް އައްމާރުގެ ކައިރީގައިއޮވެއެވެ. ނަމާދުކޮށް ކައިހަދައިގެން ނިދަން ތައްޔާރުވަނިކޮށް ޝުވޭކާރު އައްމާރުގެ ގައިގާ ބޭސްއަޅާލަދޭން އައެވެ. އައްމާރުގެ މަންމައަކީ ޑޮކްޓަރަކަށްވިޔަސް ދަރިފުޅަށްޓަކާ ނަރުހެއްގެ ވާޖިބުވެސް އޭނަ އެހެރީ އަދާކުރާށެވެ. އެހީތެރިވެދޭން ކައިރީގައި ހުރީ ސާރާއެވެ. ބޭސްގަނޑުތައް ނެއްޓިއިރު އައްމާރު އިނީ ކެތްކޮށްލައިގެން ތުންފަތުގައި ދަތްއަޅާލައިގެންނެވެ. އައްމާރުގެ ރީތި ހަށިގަނޑުގައިވާ ޒަޚަމްތައް ފެނިފައި ސާރާގެ ހިތުގައި ރިއްސާލިއެވެ. އެތަންތާ ވޭންއަޅާވަރަށް އޭނަގެ ހިތުގައި ވޭންއެޅިއެވެ. ޝުވޭކާރު ވަރަށް އޯގާތެރިކަމާއިއެކު ތަދުނުވާނެހެން ބަލައިގެން ޒަޚަމްތައް ސާފުކުރިއެވެ. ބޭސްއަޅާނިމިގެން ބެންޑޭޖްކޮށްލާފައި ދިޔުމުން ސާރާއާއި އައްމާރު ކޮޓަރީގައި އެކަނިވިއެވެ.

"އިމީ. ވަރަށް ދެރަވޭ އިމީއާއި ދޭތެރޭ ކަންތައްވީގޮތުން...." ސާރާ އައްމާރުގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"އައި ޑޯންޓް ވޯންޓް ޔޯރ ޑޭމް ޕިޓީ......" އައްމާރު ސާރާގެ އަތް ނަގާ ދުރަށް ލީ ހިތްހަމަނުޖެހިފައިވާ ކަހަލަ ގޮތަކަށެވެ.

"އިމީ، އަދިވެސް ގަބޫލުނުކުރަނީތަ؟ އަހަރެންދެކެ ހިތްހަމަނުޖެހޭ ކަމެއް އޮތިއްޔާ ބުނެދީފާނަންތަ؟ " ސާރާގެ ހިތަށް ފުން އަސަރުތަކެއްކުރިއެވެ.

"ކޮންކަމެއް ގަބޫލުނުކުރާ ވާހަކަތަ؟ "އައްމާރު ސުވާލުކޮށްލިއެވެ.

"ޚަލީސީ....." ސާރާ ނިދަންއޮތް ދަރިފުޅުގެ މޫނަށް ބަލައިލިއެވެ. ތުންކޮޅު ދަމާލަ ދަމާލާއޮތްއިރު ހާދަ ރީއްޗެވެ. އަނގަޔަށް ހަދާލާގޮތަކުން ކޯތާފަތަށް އެޅޭ އަޑިކޮޅުން އިތުރަށް ފުރިހަމައެވެ. އައްމާރު ތެދުވެގެން ގޮސް ބެލްކަނީގެ ދޮރުފަތް ކަހާލާފައި ބޭރަށް ނުކުތެވެ. ސާރާވެސް ފަހަތުން އައިސް އައްމާރުގެ ކައިރީގައި ހުއްޓުނުއިރު އައްމާރު އެހާ އަވަހަށް ސިގިރެޓެއް ރޯކޮށްލައިފިއެވެ. ދުމުގެ އަސަރުކޮށްގެން ނޭވާއަށް އުދަގޫވާގޮތްވެ ކެއްސިޔަސް އޭނަ ދުރަށް ދާކަށް ނޫޅުނެވެ. އައްމާރު އެކަން އަމިއްލައަށް ވިސްނާފައި ސިގިރެޓް މުށުތެރޭގައި ލާ ޗިސްކޮށްލިއެވެ.

"ނުބުނަމެއްނު މިތަނަށް އަންނާށޭ....." އައްމާރުގެ އެކަތި ނަޒަރުން ސާރާގެ ހިތާއި ކުޅެލިއެވެ. ކޮންފަދަ ރީތި ދެލޯހެއްޔެވެ ؟ އެލޮލުގެ އެންމެ ފުރިހަމަކަމާއި އަސަރު ފެންނަނީ މިގޮތަށް ބަލަން ހުރީމައެވެ.

"އަހަރެން ޖަވާބު ބޭނުމޭ އިމީ، މަންމަމެންނެކޭ އެއްގޮތަށް އިމީވެސް ޚަލީސީ ގަބޫލުނުކުރާނީތަ؟ " ސާރާ އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ.

"ސާރާއެކޭ އަހަރެންގެ މަންމައެކޭ ހުރި ތަފާތެއް ބުނެބަލަ، އެތައް ޒަމާނެއްފަހުން އައިސް ކުއްޖަކު ގެނެސް ދައްކާފައި ތިބުނަނީ މިހިރީ ދަރިފުޅޭ، ޖަލުގައިވިޔަސް އެހެން ތާކު ވިޔަސް އަހަރެންގެ ދަރިއެއް ހުރިއްޔާ އެނގުމުގެ ހައްގެއް ނެތީތަ؟ އަހަރެން އެކަމާއި ރިއެކްޓްކުރާނެ ގޮތެއް ސާރާ ބަލާކަށް ނުޖެހޭނެ. ޖަލުގައި އޮތްއިރުވެސް އެޓްލީސްޓް ހިތަށް ހަމަޖެހުމެއް ލިބޭނެ ދޯ މަގޭ ދަރިއެއް ހުރިކަން އެނގުނީމަ. ފޮޓޯއެއްވެސް ދެއްކިދާނެ، ދެން ހުރިހާ ބަހަނާތަކެއް ދެއްކީމަ އަހަރެންވީ މާފުކޮށްފައި ހުރިހާ ކަމެއް ގަބޫލުކުރަން. ލައިކް އައިމް އެ ޕަޕެޓް، ކޮންމެ މީހަކުވެސް ކުޅޭ ނަޒަރަކުން ދެކެނީ އެހެންވީމައެއްނު، މަންމަވެސް އަހަރެން ބޭނުންނުވީމަ އެއްލާލީ، މިއަދު އަހަރެންވީ ކޮންމެ މީހަކު ބުނާހާ ގޮތަށް ހެދިގެން ހުންނަން، ވަޓް އެބައުޓް މައި ފީލިންގްސް؟ އެއްވެސް މީހަކު އަހަންނާއި ދޭތެރޭގައި ވިސްނިންތަ؟ ކޮންމެ ކަމެއްގައި އިމޯޝަނަލީ ބްލެކްމެއިލް ކުރުން ވިއްޔަ އޮންނަނީ........" އައްމާރުގެ އަޑުގައި ހިތިކަމެއްވިއެވެ.

ސާރާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެހެން މީހުންގެ އަނިޔާގެ ޝިކާރައަކަށް އައްމާރު ވީއިރު އައްމާރު އޭނައާއި ދޭތެރޭ ކަންތައް ކުރިގޮތް ހަނދާން ނައްތާލީބާވައެވެ. އޭނަވެސް ހާދަ ހިތާމައެއްކުރިއެވެ. ހާދަ ބޮޑަށް އެކަނިވެރިވިއެވެ. އައްމާރު މިގޮތަށް ވިސްނުމަކީ އިންސާފެއްނޫނެވެ. އައްމާރުގެ ކޮއްކޮއަކަށް ކާއިއާ ވުމަކީ އޭނަގެ ބާރުގައި އޮތްކަމެއްނޫނެވެ. އޭނަ ޖާދޫ ހަދައިގެން އައްމާރުގެ ދިރިއުޅުން ހަލާކުކޮށްލަން ކުރިކަމެއް ނޫނެވެ. ނަމަވެސް އައްމާރު އެކަމާއިހެދި ކުށްވެރިކުރަނީ ހެއްޔެވެ؟ ސާރާގެ ލޮލުގައި ކަރުނަ ތިކިތައް އެއްވާންފެށިގޮތަށް ހުއްޓައެއް ނުލެވުނެވެ. ހިތަށް ކުރި އަސަރުތަކެއްގެ ސަބަބުން ވާހަކަދައްކަން ކުޅަދާނަ ނުވުމުން ދާންވެގެން އެނބުރި ހިނގައިގަތްވަގުތު އައްމާރު ފަހަތުން އައިސް އޭނަގެ ތުނި ހަށިގަނޑުގައި ބައްދާލީ އޭނަގެ ހިތުގެ ވާހަކަ އެނގިގެން ކަހަލަ ގޮތަކަށެވެ.

"އައިމް ސޮރީ ބޭބީ. އަހަންނަށް އެނގޭ ސާރާ އަހަރެން ދެކެ ލޯބިވާކަން. އިޓްސް ޖަސްޓް............" އައްމާރު ސާރާގެ އިސްތަށިގަނޑުގެ ތެރޭގައި މޫނުފޮރުވައިލިއެވެ.

"ކީކޭ ބުނާނީ. އަހަންނަކަށްވެސް ނޭގޭ، ކަންތައް މިވާގޮތުން މީހަކު މޮޔަނުވާވަރެއްވެސް ނޫން. މަންމަ ބުނެގެން ނަމަވެސް އަހަންނާއިއެކު ވާން އައީތީ ތޭންކްސް......" އައްމާރުގެ ވާހަކަތަކުން ހައްތަހާ ބޮޑަށް ސާރާގެ ހިތަށް އަސަރުކުރިއެވެ. މަންމަ ދުވަހަކު ނުބުންޏަސް އޭނަގެ ލޯބީގެ ބާރު އޭނަ ދަމާފައި މިހިސާބަށް ގެންނާނެއެވެ. އައްމާރު ކަންތައްކުރިގޮތާއިމެދު ހިތުގައި ކިތަންމެ ޝަކުވާއެއް އޮތަސް އޭނައަށް ކިރިޔާވެސް ފުރުސަތެއް ލިބޭއިރަށް އައްމާރުއާއިއެކުގައި ވާނެއެވެ. ލޯތްބަކީ އެއީއެވެ. ކޮންމަފަދަ ބޮޑު ކުށެއްކުރިޔަސް މާފު ދިނުމެވެ. ލޯބިވަންޏާ އެއްވެސް އުނިކަމެއް ނުފެންނާނެއެވެ.

އެތައް އަހަރެއްގެ ފަހުން ދިމާވިއިރުވެސް އައްމާރުގެ ހާލަތު ހުރިގޮތުން ދެމީހުންނަށް އެންމެ ލޯބިން އުޅެލާނެ ފުރުސަތެއް ނުލިބުނެވެ. އައްމާރު ސާރާގެ އުނގުގައި ބޯ އަޅާލައިގެން އޮތްއިރު ދެމީހުންނަށް ކުރެވުނު ކަމަކީ އެކަކު އަނެކަކަށް ހިތްފުރެންދެން ބެލުމެވެ. ވާހަކަދެއްކުމެވެ. ނަމަވެސް ކޮންމެވެސް ކަހަލަ ދުރުކަމެއްވިއެވެ. އެނދަށް އަރާފައިވެސް ދަރިފުޅު ދެމެދުގައި ބާއްވައިގެން އެކި ވާހަކަތައް ދެއްކުމުގައި އެތައް އިރެއްވީފަހުން މަޑުމަޑުންގޮސް ދެމީހުންނަށް ނިދީގެ ފޮނި އާލަމަކަށް ދެވުނެވެ.

އައްމާރުއާއި ސާރާ އެގޭތެރޭގައި އެއް ކޮޓަރިއެއްގައި އުޅެމުންދާކަން އެނގިފައި ކާއިއާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ބޭސް ކެޔަސް އޭނަގެ ސިކުނޑީގެ މައްޗަށް ކުރި ހޯދުމުގައި ޝައިތާނާ ކާމިޔާބުކުރިއެވެ. ސާރާ އެގެއިން ފޮނުވާލަން ހަދަންވީގޮތަކާއިމެދު ވަރަށް ވިސްނިއެވެ. މަންމަމެންނަށް އޭނަ އެކަމާއި ނުރުހޭކަން އެނގޭއިރުވެސް ސާރާ ނެރެލާކަށް ނޫޅުނެވެ. އައްމާރުގެ ދަރިފުޅު ޚަލީސީ ފެނުމުން އަދި ވަކިން ބޮޑަށް ކާއިއާގެ ހިތުގައިވާ އަލިފާނުގެ ހުޅު ބޮޑުވެ ކުޅަދާނަނުވާވަރުވެއެވެ. ސާރާ ގަސްތުގައި ޖެއްސުމަށް މިގެއަށް އައީހެއްޔެވެ؟ ނޫނީ އައްމާރު ގަސްތުގައި އޭނަގެ ހިތަށް އަނިޔާކުރަން ކަންދައްކަނީ ބާވައެވެ. ކިތަންމެ ގަދަޔަށް ރުޅިއަޔަސް ފަހަރީގެ ގޮތުގައި ނޫނީ ބެލެވޭކަށް މިއަދަކު ނެތެވެ. އެދެމައިން ނެރެލުމަކީވެސް އެހާ ފަސޭހަކަމަކަށް ނުވެ ހިނގައިދާނެއެވެ. އޭރުން އައްމާރުވެސް މިގެއިން ގޮސްދާނެއެވެ. ސިއްރު ސިއްރުން އައްމާރުއަށް ބަލާނެ ފުރުސަތުވެސް ގެއްލިގެން ހިނގައިދާނެއެވެ.

ކާއިއާ ލައިގެން ހުރި ކުރު ޓޮޕާއި ސޯޓުގެ ސަބަބުން ހަށިގަނޑުގެ ބޮޑުބައިވަނީ ހާމަޔަށެވެ. ފައިގާ ކްރީމް ލާން އިންއިރު އޭނަ ހަނދާންވީ އައްމާރު އޭނަގެ ފައިގާ އެގޮތަށް ކްރީމް ލާ ދިން ދުވަސްތަކެވެ. އެރީތި ތުންފަތް ޖައްސާލަމުން ކުރި ތައުރީފުތަކެވެ. ބައެއްފަހަރު އެހުދު ހުދު ދަތްތަކުން ދަތްއަޅާލާނެއެވެ. އެހެން ހިތަށް އެރުމުންވެސް ގައިގާ ހީބިހިނެގިއެވެ. ރަކިގޮތަކަށް ހީލެވުނެވެ. އެއާއިއެކު ދެން ވިސްނުނީ އެފަދަ ދުވަހެއް ދެން ދުވަހަކު ހަޔާތަށް ނާންނާނެކަމެވެ. އޭނަގެ ލޯތްބަށް އައި ބަހާރު މޫސުމް ނިމި ޚަރީފުގެ ހިޔަނި އެޅިއްޖެކަމެވެ. އެހުރިހާ ކަމެއް އައްމާރު ދެން ކުރާނީ ސާރާއާއިއޭ ހިތަށް އެރުމުން ހިތާމައިގެ މައްޗަށް ރުޅި ކުރި ހޯދައިފިއެވެ.

"އައި ހޭޓް މައި ފެމިލީ. މައި ޕޭރެންޓްސް ޑޯންޓް ގިވް އެ ޑޭމް އެބައުޓް މީ، އެންމެން އުފަލުގައި، ހުރިހާ ކަޕްލްސްއިން އަހަރެންގެ ކުރިމަތީގައި އަތުގައި ހިފާލައިގެން.....ޝޭމް އޮން ޔޫ.. ޔޫ......." ކާއިއާ ދަތްތައް ކާރުވައިގަތެވެ. އެނދުގައިވާ ހާ ބާލީސްތަކާއި ކުޝަންތައް އެކި ދިމާލަށް ހޫރުވާލާފައި ތެދުވެގެންގޮސް ދޮރު ހުޅުވައިލިއިރު ފެނުނީ އޭނަގެ މަންމައާއި ބައްޕަ ގެއިން ނުކުމެގެން ދިޔަތަނެވެ. ދެމީހުން ތިބިލެއް ރަސްމީކަމުން މުހިއްމު ބޭނުމަކު ތަނަކަށް ދަނީކަން ވިސްނުނެވެ. މުޅި ހިސާބުގައި ހިފާލާފައިވަނީ ސެންޓްގެ މީރުވަހެވެ. މިގަޑީގައި ކިޔަންވެސް ގޭގައި އުޅޭހެނެއް ހިޔެއްނުވެއެވެ. ޚަލީސީގެ ތުއްތު އަޑު ނީވުމުން ސާރާ އުޅޭކަމާއިމެދު ޝައްކެވެ. ރޭގައި އެކުއްޖާ ހުންގަދަވެގެން އުޅުމުން ޑޮކްޓަރަށް ދައްކަން ގެންދިޔައީބާވައެވެ. ޑޮކްޓަރަށް ދައްކައިގެން ބޭސް ހޯދަން މަންމަ ބުނި އަޑު އޭނަވަނީ އަހާފައެވެ.

"މިގޭގައި އުޅެނީ މަށާއި އިމީ އެކަނިތަ؟ ވެދާނެ، ބޭބެއެކޯ؟ ދެން ކާކު އެކަހަލަ ވާހަކައެއް ގަބޫލުކުރާނީ؟ ބޭބެއަކަށްވިޔަސް ދެން މަށަށް ހެވޭ. އޮފިޝަލީ މައި ލަވް ލައިފް އެންޑެޑް އެކަމަކު އަހަރެންވެސް ކުރެވެން އޮތް ކަމެއް ކުރާނަން. އެންމެނަށް ހަމަޖެހިލައިގެން އަރާމުކޮށް ފެމިލީއެއްގެ ގޮތުގައި އުޅެދޭން އަހަރެން ވީ ސެކްރިފައިސްވާންށޯ، ހިތް ހަލާކުވިޔަސް މަޑުމަޑުން ހުންނާކަށް ވަކި ނުޖެހޭނެ. އަހަރެންވެސް އެންމެނަށް ޑިސްޓާބް ކުރާނަން. ސާރާއަކަށްވުރެ އަހަރެންވެސް ޖެއްސުންކުރަން ދެރައެއްނުވާނެ. އޭނަ ދެން ކީއްކުރަންށޯ ކުއްލިއަކަށް މިތަނަށް ފުންމާލީ. އެ ބިޗް........." ކާއިއާ ގެ ސިކުނޑީގައި އެތައް ޚިޔާލުތަކެއް ދައުރުކުރަމުން ހަލަބޮލިވަމުން ދިޔައެވެ. އެއް ފަހަރުވެސް ސިކުނޑިއަށް ލުއިވަނީއެއް ނޫނެވެ. ބޭސްނުކެއުމުން އުދަގޫތައް ބޮޑުވާކަން އެނގިހުރެވެސް ބޭސް ކެއުން ހުއްޓާލީ މައިތިރިވެގެން ހުންނަން ބޭނުން ނުވާތީއެވެ. މިގެއަށް ކުޑަވަރެއްގެ ގިޔާމަތެއް ގެނެސްފައި ނޫނީ އޭނަވެސް ހުއްޓައެއްނުލާނެއެވެ. އޭނަ އަތުން ގެއްލޭނެ އެއްޗެއް ދެން އޮތްކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

ކާއިއާ ރަންކުލައިގެ އޮފް އަރާ ސިޑި ހުރަސްކޮށް މައްޗަށް އަރައިގެން ދިޔައީ ވިދުވަރެއްހާ ހަލުވިކޮށެވެ. ދަމުން އަދި ޓޮޕްކޮޅުގެ މަތީގޮށްތައް ނައްޓާލައިފިއެވެ. އެތެރެއިން ލާފައި ހުރި ދެކުލައިގެ އެތިކޮޅުވެސް ހުރީ ހާމަޔަށެވެ. ކާއިއާ އައްމާރުގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަންއިރު އައްމާރު ފާޚާނާއިން ނުކުމެގެން އަންނަނީއެވެ. މިއަދު ހުރީ ތުނބުޅި ތުނިކޮށް ކޮށާލާފައެވެ. މޫނު ދޮވެލައިގެން އައުމުން ތާޒާކަމުން އަތް ހިންގާލާހިތްވިއެވެ.

"މޯނިން އިމީ......." ކާއިއާ ދޮރު ލައްޕައިލިއެވެ.

ކޮމެންޓް 0