ސާރާ ގަސްތުކުރީ ދުވަސްކޮޅަކަށް ޗުއްޓީ ނަގާށެވެ. މާމައަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮންމެވެސް މީހަކު ކައިރީގައި ހުރެގެންނެވެ. މިވަގުތަށް އެފަދަ އެއްވެސް މީހަކުނެތެވެ. ސާރާ މާމަ ފެންވަރުވަން ފާޚާނާއަށް ވައްދާފައި ނުކުތްތަނުން ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭންފެށިއެވެ. ސާރާ ދޮރުގައި ހުންނަ ލޯވަޅުން ބޭރަށް ބަލައިލުމާއިއެކު މޫނު އަލިވެގެން ދިޔައެވެ. އޭނަ އުފާވިވަރު ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ. ދޮރުހުޅުވާލިގޮތަށް ރައިޝާ ގެނެސް މޭގައި ޖައްސައިލެވުނެވެ.

"ރައިޝް. ކިހިނެއްތަ؟ ހާދަ އުފާވެއްޖެއޭ ފެނުނީމަ...."ސާރާ ރައިޝާގެ އަތުގައި ހިފާ ގެނެސް ސޯފާގައި ބޭންދިއެވެ.

"މީ ޓޫ. ހަމަ ވަރަށް ހެޕީ، ޖިދާން އަހަރެން ވަރިކޮށްފި، އެއަށް ވުރެ ބޮޑު އުފަލެއް މީހަކަށް ނުލިބޭނެ. އޭނަ އުޅެނީ އެހެން އަންހެންކުއްޖަކާއި އިންނާށޯ. އެނގެއެއްނު ލަވަކިޔުންތެރިޔާ ރައްޔާ. މަޝްހޫރު މީހެއް ލިބުނީމަ ޗާންސްގެ ބޭނުން ކޮށްލީނު. އެގެއިން ނެރެލީމަ ވަގުތުން މިއައީ ސާރާއަށް ފެނިލަންވެގެން....." ރައިޝާގެ ދެލޮލުން ފެނުނީ އުފާވެރިކަމުގެ ކަރުނައެވެ. ރައިޝާގެ ދެލޮލުގައި ކަޅު ދާއިރާއެއް ހެދި ތުންފަތްވަނީ ހިކިފައެވެ. އަނގުރު ތަންމައްޗެއްގައި އޭނަ ވަގުތު ހޭދަކޮށްފައިވާކަން ހަށިގަނޑުގެ އެތަން މިތަނުގައިވި ލަކުނުތައް ހެކިދިނެވެ. ރައިޝާ ނުބުންޏަސް އޭނަ އުޅެފައިވާ ހާލު ސާރާއަށް ވަޒަންކުރެވިއްޖެއެވެ.

"ކިޔާދީބަލަ. އެހާވަރުން ދިޔަނުދީ ހިފަހައްޓައިގެން ބްލެކްމެއިލް ކުރަން ވީޑިއޯތައް ނަގަ ނަގާ އުޅުނު މީހާ ކުއްލިއަކަށް ޗޭންޖުވީ ކިހިނެއްވެގެންތަ؟ ހަމަ ހިތަށް އަރާއިރަށް ވަރިކޮށްލީތަ؟ "ސާރާ އުފަލުން ހުރިވަރު ރަމްޒުކޮށްދެނީ އެހުދުދަތްތައް ފެންނަވަރަށް ހެވިފައި ހުރިގޮތުންނެވެ. ސާރާ އަވަހަށް އުޅެގަތީ ދެމީހުންނަށް ކޮފީ ހަދާށެވެ. ފިނި ފިނި ދުވަހެއްގައި އާވިއަރަ އަރާ ހުރި ކޮފީއާއި ހޫނު ހެދިކާ ކެއުމަށް ވުރެ ބޮޑު އުފަލެއްނުވާނެއެވެ. ރައިޝާވެސް ސާރާއާއި ބައިވެރިވިއެވެ. އޭރު ފްލަފީވެސް ކޮންމެވެސް އެއްޗަކާއި ކުޅެކުޅެ އޮތްއިރު އެއްވެސް ފިކުރެއް ޚިޔާލެއްނެތް ފަދައެވެ. ބައެއްފަހަރު އިންސާނަކަށްނުވެ އެފަދަ މަޚުލޫގަކަށްވިނަމައޭ ރައިޝާ ހިތަށް އެރިފަހަރު މަދެއްނޫނެވެ. ސާރާ ފްލަފީގެ އިތުރުން މާމަ އެގެއަށް ގެނެސްގެން އުޅޭ ވާހަކަވެސް ބުނެލިއެވެ. ރައިޝާ ކޮޓަރިއަށްވަދެ މާމައާއި ސަމާސާއެއް ކޮށްލިއެވެ. މާމަ އިންނަނީ މޮޅިވެރިކަމުގެ ތަސްވީރެއްފަދައިންނެވެ.

"ހޯންޓެޑް އައިސް. އެގޭގައި އުޅެފައި އައި ކޮންމެ މީހަކު ހުންނާނީ ޑިޕްރެސްވެ މޮޔަވެފައި. މާމައާއި ދޭތެރޭގައި އެ ރަހުމް ކުޑަ މީހުން ކަންތައްކުރީ އިންސާނިޔައްތުގެ ކަންފުޅެއްނެތި އިހާނެތިކޮށް. ސާރާ ކިހާ ސްވީޓް، އެހެން އަންހެންކުއްޖެއް ފިރިމީހާގެ މާމަ ތިގޮތަކަށް ބަލާ ނުދޭނެ. ސާރާ ސްވީޓީ، ކަންބޮޑުނުވޭ، މިހާރު އަހަރެންވެސް މިހިރީ، ގްރޭންސިޓްކޮށްދޭން އަންނާނަން. އޭރަށް ފީއެއް ނުލިބުނަސް ސަވާބު ލިބޭނެ........" ރައިޝާ ހިނިގަނޑެއް ޖަހައިލިއެވެ. އެއްތާކު ހިމޭނުން އިނދެވޭކަމަކަށްވެސް ނުވެއެވެ. އެތައް އަހަރެއްވާންދެން ޖަލުގައި ބަންދުކޮށްފައި ހުރި ގައިދީއަކު މިނިވަންވުމުން ލިބޭނެހާ ބޮޑަށް އުފާވިއެވެ. ދުނިޔޭގެ ކޮންމެ މަންޒަރެއް އޭނައަށް ފެންނަނީ އެތައް ގުނަ އިތުރަށް ރީތިވެފައެވެ. ބެލްކަނީގެ ދޮރު ހުޅުވާލާފައި ބޭރަށް ބަލައިލިއިރު ތުނިކޮށް ވާރޭވެހެމުން ދިޔަ މަންޒަރު ފެނުނެވެ.

"މާމަ ބޭނުމީ ކޮމްޕެނީ، އަނެއްހެން އަމިއްލައަށް ހުރިހާކަމެއް ކުރޭ...." ސާރާ ބުނެދިނެވެ.

"މާމައާއި އަނގަތަޅާލަން ދޯ ޖެހޭނީ. ސްޓޯރީތައް ވެސް ކިޔާދެވިދާނެ. މާމައަށް ކިޔައިދޭނީ ޖިންނި ވާހަކަތައް.........." ރައިޝާ އަޅައިގެން ހުރި ސްކާފް ނެގިއެވެ. އެއާއިއެކު ސާރާގެ ނަޒަރު ހުއްޓުނީ ރައިޝާގެ އިސްތަށިގަނޑަށެވެ. އެއްވެސް ތަރުތީބެއްނެތި ގޮތްގޮތަށް ކޮށާލާފައިވިއެވެ. ސާރާ ދެލޯ ބޮޑުކޮށްލިއެވެ.

"ޖިދާންގެ ޝައިތާނީ އަމަލުތަކުގެ ތެރެއިން ހިތަށް އެންމެ އަސަރުކުރީ އެހާ ލޯބިން ގެންގުޅުނު އިސްތަށިގަނޑަށް މިގޮތަށް ހަދާލީމަ. ރޮއިރޮއި އާދޭސްކޮށް ހުއްޓާ ކަތުރުން ހިތަށް އެރިގޮތަކަށް ކޮށާލީ. މުޅިގައިގެ ކޮންމެ ތާކަށް ބެލިޔަސް އެ ބީސްޓް ލައްވާފައި ހުރި ލަކުނުތައް ފެންނާނީ. އޭނަ ސިފަކޮށްދޭން ބުނާނެ އެއްޗެއްވެސް ނެތް، ބީސްޓަކާއި އިން ނަމަވެސް އެއަށްވުރެ މާ ހިތަށް ފަސޭހަ ވީސް. ދުވާލަކު އެތައްފަހަރު ރޭޕްކުރޭ، އޭނައަށް ހިތްހަމަޖެހުން ލިބެނީ އަނިޔާކޮށް ރޮއްވާލީމަ، އެހެން މީހަކަށް ތަދު އިހުސާސްވާވަރަކަށް އޭނައަށް ލިބޭ އަރާމް ބޮޑީޔޯ. އެހެން ގޮތެއް ނެތިއްޔާ ތަނެއްގައި ދަތްއަޅާ ލޭއަރުވާލާ. ގައި ފާރުވެގެން ރޮއިރޮއި އޮންނައިރުވެސް އެމީހާގަނޑު ޖެއްސި އުދަގޫތަކުން ފިރިހެނުން މަތިން ފޫހިވެއްޖެ، ދުވަހަކު މީހަކާއި ނީންނާނަން......." ރައިޝާ ވާހަކަދައްކަމުން ދިޔައިރު ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

"ވަރަށް ދެރަވެއްޖެ ރައި، އެކަމަކު މިހާރު އެ އަނިޔާވެރިޔާގެ ކިބައިން ސަލާމަތްވީ، ދެން ނުރޮއި. ހުރިހާ ފިރިހެނުން އެއްގޮތެއްނުވާނެ، ރައި ހުހަށް ހުރިއްޔާ އޭނަ ހީކޮށްފާނެ އޭނައާއި ހެދި އުޅެނީއޭ، އޭނައަށްޓަކާ ހުހަށް ހުންނަނީއޭ. ވީމަ ރަގަޅު ފިރިހެންކުއްޖެއް ހަޔާތުގެ ބައިވެރިޔަކަށް ހޯދަންވާނެ........" ސާރާ ރައިޝާއަށް ވިސްނާދިނެވެ.

ހަޔާތުގެ ބައިވެރިޔަކާއިއެކު ދަތުރު ފެށުމަށްފަހު އެކި މީހުންގެ ހަޔާތަށް އަންނާނީ އެކި ކަހަލަ ކޮޅިގަނޑުތަކެވެ. ބައެއްމީހުންގެ ހަޔާތުގައި އެ ނަގާ ވިލާގަނޑުގެ ސަބަބުން ދިރިއުޅުން އެފުށްމިފުށަށް ޖެހިގެންގޮސްދާނެއެވެ. ރައިޝާއަށް ކުރިމަތިވި ވޭނާއި ހިތާމަތައް އޭނައާއި ނުބައްދަލެވެ. ރައިޝާއަށް ކުރީ އެކަނި ނަފްސާނީ އަސަރެއްނޫނެވެ. ޖިސްމާނީގޮތުން އެތައް ބޮޑު އަނިޔާތަކެއް ލިބިފައިވިއެވެ. އޭނައާއި އައްމާރު އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރުވެސް ދަތުރުދަނީ އެހާ އޮމާންކޮށެއް ނޫނެވެ. އެކަމުން އެނގެނީ އެއްވެސް އިންސާނަކަށް މިދުނިޔެއިން ހުރިހާ އުފާތަކެއް ނުހޯދޭނެކަމެވެ. ސާރާގެ ޚިޔާލު އެކިދިމާލަށް ދިޔައެވެ. ކުއްލިއަކަށް ޚިޔާލީ ދުނިޔެއިން ނުކުންނަން މަޖުބޫރުވިއެވެ. އޭނަގެ ހިތް އެޔެއް މިޔެއްނުބަލާ ތެޅިގަތީ ރައިޝާ ބުނި އެއްޗަކުންނެވެ. ހިތަށް ވީ ނުބައިގޮތް ބަޔާންކޮށްދިނުމަކީ އޭނައަށް ކުޅަދާނަކަމެއްނޫނެވެ.

"ސާރާ ނުދަންތަ އިމީއާއި ކާއިއާގެ އެންގޭޖްމެންޓަށް؟ ނަބީލާމެން އެތަނަށް ގޮސް އައިގޮތަށް ހާދަ ފޮނި ކެނޑިއޭ، ފައިސަލްއާއި ޝުވާކާރަކީ މާލޭގައި ތިބި އެންމެ ނަންހިގާ އާއިލާގެ މުއްސަދިން، އެމީހުންގެ ދަރިއަކާއި އިމީ އެންގޭޖްކުރުމަކީ ޖިދާންގެ މީހުންނަށް ލިބުނު ފަޚުރެއް، އިމީވެސް އެކަމަކު. ސާރާ ގަބޫލުވެގެން ކުރިކަމެއްތަ؟ ޒަކާވެސް ފޮނިވެފައި ފޮޓޯތައްވެސް ދެއްކި. އިމީ ސާރާ ވަރިކުރީޔޯ. ރިޗް ރިޗް ގާލްއަކާއި އިންނަން ވެގެންނޯ....މިއީ ކިހިނެއްވެގެން އުޅޭކަމެއްތަ؟ "ރައިޝާގެ ސުވާލުތަކަށް ސާރާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ އޭނަ އިނީ ޝޮކެއްގައެވެ. ރޯންވެސް ނޭގިފައެވެ. އޭނައަށް ސިއްރުން އައްމާރު އެހާ ބޮޑުކަމެއްކޮށްފާނެ ކަމަކަށް ގަބޫލުނުކުރެވިފައެވެ. ކާއިއާ އެކަން އިއުލާންކުރިޔަސް އެއީ ހަގީގަތެއްކަމަށް ގަބޫލުކުރަން އޭނަގެ ސިކުނޑިވަނީ ދެކޮޅު ހަދާފައެވެ. މިހާރު އެންމެ ގާތް އެކުވެރިޔާގެ ފަރާތުން ކަންފަތަށް އިވުމުން އަދިވެސް އަޑުނީވޭކަމަށް ހެދެންވީ ހެއްޔެވެ؟

މީހަކު ބެލްޖެހި އަޑަށް ރައިޝާ ތެޅިފޮޅިގެންފާ ސްކާފް ބޮލަށް މަހައިލިއެވެ.

"އެ އައީ އައްމާރު......" ސާރާ މަޑުމަޑުން ކިޔައިލިއެވެ.

"ސާރާ. އައިމް ސޮރީ، އަހަންނަށް ހީވެއްޖެ ދެންމެ ދެއްކި ވާހަކަތަކުގައި ވަރަށް ބޮޑު ސިއްރުތަކެއްވާހެން، އިމީ ޑިވޯސް ނުކުރޭދޯ، ޒަކާމެން ހަދައިގެން އުޅޭ ވާހަކައަކާއި ވައްތަރީ. އެހެންވިއްޔާ ވަރަށް ބޮޑަށް ސޮރީ، އެކަމަކު ކަމެއް އެބަހިނގާ ދޯ. އެނީވޭސް ފަހުން އަދި ދިމާވާނެ. އަހަރެން އާ ނަމްބަރެއްވެސް ނަގައިފިން، ގުޅާނަން އިނގޭ....." ރައިޝާ ދަބަސް ނަގައިގެން ދާން ތައްޔާރުވާންފެށި އިރަށް އައްމާރު ދޮރު ހުޅުވާލާފައި ވަދެއްޖެއެވެ.

ރައިޝާ އައްމާރުއާއި ހިނިތުންވެލިއިރު އައްމާރު ރައިޝާގެ ހާލު އޮޅުންފިލުވިއެވެ. ނަމަވެސް ވަރިކުރިކަން އެނގުނު ކަމަކަށް އައްމާރު ނެހެދިއެވެ. އޭރު ސާރާ ގޮސް ހުރީ ސިންކު ކައިރީގައި ތަށި ދޮންނާށެވެ. ރައިޝާ ނުކުތުމުން ދޮރު ތަޅުލާފައި އައްމާރު ގޮސް ހުއްޓުނީ ސާރާއާއި ދާދި ކައިރީގައެވެ.

"ކިހިނެއްވެފައި ލަވް؟ "ސާރާ ހުރިގޮތުން އައްމާރުއަކަށް ފުރަތަމަ ނޭގުނެވެ.

"ނަތިން....." ސާރާ ތަށިތައް ބަހައްޓަމުން ދިޔައީ ތަންކޮޅެއް ބާރަށެވެ.

"ކެއަރފުލް ........" އައްމާރުއަށް ބުނެވުނެވެ.

"އިމީ ގެއަށް އަންނަން ވަގުތެއްވީތަ؟ "ސާރާއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއެކު އައްމާރުއާއި ސާރާގެ ހަތަރުކަޅިހަމަވިއެވެ. ކިތަންމެ މަޑުމަޑުން ހުއްޓަސް ސާރާގެ ދެލޮލުގައި ވި ނުރުހުމާއި ހިތާމަތައް އަންދާޒާކޮށްލުން އައްމާރުއަށް ދަތްޗެއްނުވިއެވެ. އެއާއިއެކު ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކުރިއެވެ. ކިތަންމެ ސިއްރުން ކަމެއްކުރިޔަސް މާލެފަދަ ކުޑަތަނެއްގައި އެކަން ފޮރުވުމަކީ މުސްތަހީލް ކަމެކެވެ. ރައިޝާއަށް އެންގޭޖްމެންޓްގެ ޚަބަރު ނުލިބޭނެ ގޮތަކީ ނެތްގޮތެކެވެ. އައްމާރު ހުރީ ހިމޭނުންނެވެ. ބުނަންވީ އެއްޗެއް ނޭގިފައެވެ.

"ހުރިހާކަމެއް އެނގިއްޖެ، ރައިޝާ ހުރިހާ ވާހަކައެއް ކިޔާދީފި، އެހާބޮޑުކަމެއް ވީއިރުވެސް އަހަރެންގެ ކައިރީގައި ބުނުން މުހިއްމެއްނުވި، އެކަމަކު ބުނާނެ ޑްރީމަކީ ތިންމީހުން އެކީގައި އުޅޭނެ ދުވަހެއް ފެނުމޭ، ލޯބިން އެކީގައި އުޅެން ބޭނުންވާ ވާހަކަ، އަހަރެން ނުވެއެއްނު އެއްވެސް މީހަކަށް، އިމީގެ ހިތުގައި އެހާ ޚާއްސަކަމެއް އޮތްނަމަ، ޖާގައެއް އޮތްނަމަ ސިއްރަކުން ނޫނެއްނު އެހާ ބޮޑުކަމެއް ނިންމާނީ. އެހެން މީހުންގެ ފަރާތުން މިއެނގުނީ، ދެރަވާނެ ވަރު ނޭގުނު، އިމީއަކަށް އަހަރެންގެ އިހުސާސްތަކާއި ހިތާމަތައް ފީލްއެއްނުވި، އެހެން މީހުން ކުރާނެ މަލާމާތް ނުވިސްނުނު، މައްސަލައެއް ނެތޭ ޔޫކޭއަށް ގޮސް ތިހުރިހާކަމެއް ކޮށްގެން ހުރިނަމަ. އެކަމަކު މާލޭގައި، ދެން ކީއްވެ ލޯބިވެޔޭ ކިޔައިގެން އަހަންނަށް އޮޅުވާލީ؟ މިއީ ލޯތްބެއްނޫން، އެހެން އެއްޗެއް. އަހަރެންގެވެސް ވަނީ ހިތެކޭ، އެހިތުގައިވާ ލޯބި އެނގޭނެ މީހެއް ތިނޫނީ ނެތް، އެކަމަކު ތިދިނީ ބޮޑު ކެއްސެއް. އޮޅުވާލާފައި މީޓިންއަށޭ ކިޔާފައި އެރޭ އޮތީ އެންގޭޖްމެންޓް، އަދި ގެނައި ކާއެއްޗެއްސަކީ އެޕާޓީއިން......" ސާރާގެ އަޑު ކެނޑިއްޖެއެވެ. ހިތަށް ކުރި އަސަރުގެ ބޮޑުކަމުން ވާހަކަދެއްކޭނެ ގޮތެއްނުވިއެވެ.

"އެންމެފަހުން އަހަރެން ޝަކުވާކުރަނީއޭ ކިޔާފައި އަންޑަސްޓޭންޑް ނުވަނީ އޭ ކިޔާފައި ދޫކޮށްލާނީތަ؟ އެއީތަ ބޭނުންވާ ގޮތަކީ؟ ރަގަޅަށް ބުނެބަލަ، ކިހިނެއް ހަދަންތަ ތިއުޅެނީ؟ އަނދިރީގައި ބަހައްޓާފައި އޭނައާއިއެކު ރޭގަނޑު ހަތަރުދަމު ތިއުޅެނީ؟ އެޓްލީސްޓް މާލެއައި ވާހަކަވެސް ނުބުނެވުނު، އެއީ ދޯ މިހާރު ޗެޓްނުކުރާ ސަބަބަކީ؟ " އެތައް ސުވާލުތަކުން އައްމާރުއަށް ހަމަލާދެމުން ދިޔައިރު އައްމާރު ހުރީ ހިމޭންވެފައެވެ. ކުށްވެރި އިހުސާސްތަކެއް ކުރެވިފައިކަމެއް ނޫނީ ދޭން ޖަވާބު ހުސްވެފައި ކަހަލަގޮތަކަށް ހުރެފައި ގޮސް ފްރިޖް ހުޅުވިއެވެ.

"އައި ވޯންޓް އާންސާރސް، ކީއްވެތަ؟ ކީއްވެ އަހަންނަށް ފޮރުވަނީ؟ ވާހަކަދައްކަބަލަ....." ސާރާގެ އެސްފިޔަތަކުގެ ބޯ ފަރުދާ ފޫދުއްވާލާފައި އޮހިގަތް ކަރުނަތައް އެއޮމާން ކޯތާފަތުން ތިރިއަށް ދެމިގަތެވެ.

"އިމީ ބުނެބަލަ، އަހަރެންދެކެ ލޯބިނުވަނީތަ؟ އަހަރެން އެއްވެސް މީހަކަށް ނުވަނީތަ؟ " އަދިވެސް ސުވާލުތަކެވެ.

ސާރާއަށް އެއްވެސް ޖަވާބެއް ނުލިބުމުން އޭނަ ދުވަމުން ދުވަމުންގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލިއިރު އައްމާރު ފަހަތުގައި ޖައްސާލާފައި ހުއްޓެވެ. ސާރާ މޫނަށް ފެން އަތްގޮށި ޖަހަމުން ދިޔައިރުވެސް ސައިލެއްފަދައިން ކަރުނަ މަނާނުވެ އޮހެމުން ދާތަން ފެނުނެވެ. އައްމާރު ފަހަތުން އައިސް ސާރާ އޭނަގެ ގަޔާއި ލާ ފިތާލަމުން އިސްތަށިގަނޑު އެއްފަރާތް ކުރަން މަސައްކަތްކުރިއެވެ. ފަންއިސްތަށިގަނޑުގެ ނުކިޔަމަންތެރިކަމުން ވޫލްކޮޅަށްވެސް ކެތްނުވެގެން އިސްތަށިގަނޑުން ވަކިވުމުން އެރީތި އިސްތަށިގަނޑު ފައިބައިގަތީއެވެ.

އައްމާރު އަނގައިން ނުބުނިކަމުގައި ވިޔަސް ހަރަކާތުން ފާޅުކޮށްދިނީ ލޯބިވާވަރެވެ. އޭނައާއި ދިމާލަށް އަނބުރާލަމުން ކޯތާފަތް ފޮހެދިނެވެ. ލޮލާއި ނިތްކުރީގައި ބޮސްދެމުން ނުރޯށޭ ބުނާފަދަ ގޮތަކަށް ބޯ ހޫރާލިއެވެ. ސާރާއަށްވެސް އެރީތި ދެލޮލަށް ބަލައިލުމަށްފަހު އިތުރަށް އަރައިރުންވާނެ ހިތްވަރެއް ނުލިބުނެވެ. މޫނާއި މޫނު ޖައްސާލުމަށްފަހު އައްމާރުގެ ހަށިގަނޑުގައި އެނާޒުކް އަތުން ބައްދައިލިއިރުވެސް ރުއިން ހުއްޓައެއް ނުލެވުނެވެ. ކާއިއާއަކީ އައްމާރުގެ ލޯތްބެވެ. އުފާތަކެވެ. އެވާހަކަ އެތައް ފަހަރު އައްމާރުވަނީ އޭނަގެ ކައިރީގައި ބުނެދީފައެވެ. ވީއިރު އައްމާރުގެ އުފަލަށްޓަކާ އޭނަ ޖެހޭނީ ކެތްތެރިވާށެވެ. ކެތްކުރެވޭނެ އެންމެ މައްޗަށް އޭނަ ކެތްކުރާނެއެވެ.

ކާއިއާގެ ކައިވެންޏަށްޓަކާ ހެދުން ފަހާ ކާޑުތައް ތައްޔާރުކުރެވެމުން ދާއިރު ކާއިއާ ހުންނަނީ އުފަލުން ފޮޅިފައެވެ. އޭނަ ދެރަވަނީ އެކަނި ބޭސްކާންޖެހޭތީއެވެ. އޭނަ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެފައިވަނީ އައްމާރުގެ ލޯބީގެ ސަބަބުންހެއްޔެވެ؟ ބޭސްކެއުމުން ސިކުނޑި ހުންނަނީ ވަރަށް ލުއިވެފައެވެ. އުފާވެރިކަން އިތުރުވެފައެވެ. "ހައި" ވެފައެވެ. އެކަމަކު ނުގުޅޭ އަސަރުތައްވެސް ކުޑައެއްނޫނެވެ. ބޭސްކެއުމުން ގަދަޔަށް ނިދެއެވެ. ވަރުބަލިވެއެވެ. ކުރިން ހުންނަވަރަށް ލޯބީގެ ވާހަކަދައްކާ އަމަލުތައް ކުރާކަށް ފޯރިއެއް ނުހުރެއެވެ.

ކުޑަކޮށް ވާރޭވެހެމުން ދިޔައިރު ޝުވޭކާރު ކާރުގައި ދިޔައީ އޭނަގެ ދައްތައެއްގެ ގެއަށެވެ. ދައްތަ ކުޑަކޮށް ބަލިވެއުޅޭތީ ޒިޔާރަތްކޮށްލުމަށެވެ. ހަނިގޯޅިތަކުން ލާފައި ދަނިކޮށް މާވިއްކާ ފިހާރައަކުން އައްމާރު ނުކުތްތަން ފެނިފައި ޝުވާކާރު ގޮވާލަން ބޭނުންވިއެވެ. އެކުއްޖާގެ އެހުންނަނީ މީހުން ލޯބިނުވާކަހަލަ ސިފަތަކެއްނޫނެވެ. ފިނިފެންމަލުން ހަދާފައިވާ ގުލްދަސްތާއެއް ހަދައިގެން އެގެންދަނީ ކާއިއާއަށް ދޭންކަން ޔަގީނެވެ. އިޝްގީ ބައިވެރިޔެއްކަންވެސް ސާބިތުކޮށްދެނީއެވެ. އައްމާރު ލަދުގަންނަވާލަން ލިފްޓެއް ދޭންވީއެވެ.

"ރީތިކަމުގެވެސް ދެވަނައެއްނެތް، ބައިމަތިފުޅާވެފައި އިސްކޮޅުން ދިގު، ކޮލަށް އެޅޭ އަޑިކޮޅު..އެސްފީނާއިން ސަލާމަތްކުރައްވާށި........." ޝުވޭކާރު ހިތާހިތުން ތައުރީފުކުރިއެވެ. ޝުވާކާރު ގޮވާލަން އުޅެނިކޮށް އައްމާރު އެހެން ޒުވާނެއްގެ ސައިކަލުގެ ފަހަތަށް އެރިތަން ފެނުމުން ޝުވޭކާރު ފުންނޭވަޔެއް ދޫކޮށްލިއެވެ. ޝުވާކާރު ގެއަށް ދިޔަގޮތަށް އިންތިޒާރުކުރިއެވެ. ނުހުރެވިގެން ކާއިއާ ގެ ކޮޓަރިވެސް ޗެކްކުރިއެވެ. އައްމާރު ކާއިއާއަށް ފިނިފެންމާތައް ގެނެސްދިންކަމުގެ އެއްވެސް ނިޝާނެއްނެތެވެ. ޝުވޭކާރު އެކަމާއިމެދު ވިސްނިއެވެ. އޭނަހާދަ މޮޔައެވެ. އެއީ އައްމާރުގެ އެކުވެރިޔާ ގަތް މާތަކަކަށްވުން އެކަށީގެންވެއެވެ. އައްމާރުއާއިމެދު ޝައްކުކުރުމަކީ ބޭކާރުކަމެކެވެ. ހަތްއަހަރުވާންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާއަށް އައްމާރު ކެއްސެއް ނުދޭނެއެވެ. އޭނަގެ އަންހެންދަރިފުޅަށް އެހާ އެކަށީގެންވާ ބައިވެރިޔަކު ދުނިޔޭގައި އަތްފުނާ އެޅިޔަސް ނުފެންނާނެއެވެ.

އައްމާރު މޭޒުމަތީގައި ބޭއްވި ސިޓީ ނަގައިގެން ކިޔަންފެށުމާއިއެކު ޖިދާންގެ ބުމަގޮށްޖަހައިލެވި ރުޅީގެ އަސަރުތައް މޫނުމައްޗަށް ވެރިވެގެންފިއެވެ.

"ވަޒީފާގަނޑެއް ނުލިބިގެން ލާހޫރެނިކޮށް ރަގަޅު މަގާމެއް ދިނީމަތަ މަގޭ މޫނުމަތީ ކޮޅުފައިން ޖަހަން ތިއެނގުނީ؟ ނޫން. ކަލެއަކަށް މި ވަޒީފާ ދޫކޮށްފައި އެހެންތާކު ހުންނަން ލާހިކެއްނޫން......." ޖިދާން ތެދުވެ މޫނުމަތީގައި ގޮށްމުށުން އެތިފަހަރެއް ވީއްލާލިއިރު ކަނދުރާގެ ނާރުތައް ފުއްޕާލައިފިއެވެ. އައްމާރު ހައިރާންވެ އަންތަރީސްވިއެވެ. މިއީ އަދި މީހަކު ރުޅިއައިސްގެން ގަޔަށް ބޮލަށް އަރައިގަންނަންވީ ވަރުގެ ކަމެއްނޫނެވެ. އޭނަ މަގާމުން އިސްތިއުފާ ދިނަސް އެކަމަށް އެކަށީގެންވާ ކިތަންމެ މީހުންނެއް މި ރާއްޖޭގައި އެބަތިއްބެވެ. އިޢުލާންކުރާއިރަށް ސަތޭކައިން މި މަގާމަށް ކުރިމަތިލާނެއެވެ. ކާއިއާގެ ބައްޕަ އެހާ ރީތިކޮށް އޭނަގެ ކުންފުންޏަކުން ވަޒީފާ ދިނީމަ އޭނަ ގަބޫލުކުރީ އެތައް ސަބަބަކާއިހުރެއެވެ. ކާއިއާވެސް އެތައް އާދޭހެއްކޮށްގެންނެވެ. ކާއިއާގެ އުފަލަށްޓަކައެވެ.

"ވަޒީފާގައި ހުންނަތާ ކޮން ދުވަހެއް؟ އެކަމަކު ދުވަހަކު ބަރާބަރަށް ފައިސާއެއް ލިބެނީއެއްނޫން، އަމިއްލަ ކަމެއްގެ ގޮތުގައި މިހުރިހާ ދުވަހު ކޮށްދިނީ. ދެން ހުންނާކަށް ބޭނުމެއްނޫން. އައިމް ސޮރީ....." އައްމާރު ދާން ހިނގައިގަތުމުން ފަހަތުން އައިގޮތަށް ގަމީހުގައި ހިފާ ދަމައިގަތެވެ.

ކޮމެންޓް 0