"ގޯޑް. ތިހިރަ ދެލޮލުގެ ފުރިހަމަކަމެއް......" ސާރާއަށް ބުނެވުނެވެ.
"ރިއެލީ؟ " އައްމާރު އިނީ ކަޅިވެސް ޖަހާނުލާ އެ ކަތި ނަޒަރުން ބަލާށެވެ.
"އަހަރެން ބުނަން މިއުޅޭ ވާހަކަ ބުނުމަށްފަހުވެސް ސާރާ އަހަރެން ދެކެ ތިގޮތުގައި ލޯބިވާނަންތަ؟ އަހަންނަށްޓަކާ ހިތުގައިވާ ޖާގައެއް ބަދަލެއް ނާންނާނެތަ؟ " އައްމާރުގެ މޫނުމަތިން ސީރިޔަސްކަން ފާޅުވިއެވެ. ސާރާގެ ހިތަށް ބުނަން ނޭގޭފަދަ ބިރުވެރިކަމެއް ވަނެވެ. އެތައް ދުވަހެއް ވެއްޖެއެވެ. އެ ސިއްރު ތައް ނޭގިގެންނެވެ. އެކަމަކު އައްމާރު އެވާހަކަ ފާޅުކުރަން އުޅުނީމަ އަޑުއަހާކަށް ނުކެރުނެވެ. އައްމާރު ބުނާ އެއްޗަކުން ހިތަށް ލޮޅުމެއް އަރައިފިއްޔާ މާ ދެރައެވެ. އައްމާރުގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ސާރާ ބޯ ހޫރާލިއެވެ.
"އިހަށް އެއްވެސް ވާހަކައެއް ނުބުނެ މަޑުކޮށްދީފާނަންތަ؟ "
"ބޭބީއަށް ފެންނަގޮތެއް، އެނގޭތަ؟ ކައިވެންޏަށްފަހު ދެމީހުންނަށް އެކަކު އަނެކަކު އެނގުން ވަރަށް މުހިއްމު، އެކަމަކު އަހަން ބޭނުން ނެތިއްޔާ ލީވް އިޓް. ލަވް ޔޫ....." އައްމާރު ސާރާގެ އިސްތަށިގަނޑުގައި އިނގިލިތައް ހިންގަން ފެށިއެވެ. ބަލަން އިނީ އެހާ ލޯބިންނެވެ. އިރުއިރުކޮޅާ ހިނިތުންވެލައެވެ. މޫނުގައި ފިރުމާލައެވެ. ލޯބިވާ ވާހަކަ ދޭތެރެއަކުން ބުނެލުމުން ސާރާގެ ހިތުގައި ގަނޑުފެން އަޅާދޭހެން ހީވިއެވެ.
ސާރާ ހީކުރި ވަރަށް ވުރެ ޢިޝްގީ މީހެއްކަން އެރޭ އައްމާރު އޭނައަށް ސާބިތުކޮށްދިނެވެ. އެއަތުގެ ފިރުމުންތަކުން ދުވަހަކު ޚިޔާލަށް ނުގެނެވޭހާ ފުރިހަމަ އުފާތަކާއި ހިތްހަމަޖެހުން ލިއްބާދިނެވެ. އައްމާރު ފުން ނިންޖަކަށް ގެނބުމުން އެ މޫނަށް ބަލަން ސާރާ އޮތްވާ މަޑުމަޑުން ލޯ މެރެމުންގޮސް ހުވަފެނުގެ ދުނިޔެއަކަށް ގެއްލެން މާ ގިނައިރެއް ނުނެގިއެވެ.
ސާރާއަށް ދަންވަރު ހޭލެވުނީ "ނަބީލާ ފެންފޮދެއްދީ ބަލާށޭ" ކިޔާފައި ކޮންމެވެސް އަންހެނަކު އާދޭހުގެ ރާގަކަށް ތަކުރާރުކޮށް ކިޔަން ފެށީމައެވެ. އެއަޑުގައިވި ވޭނަކުން ކެތްނުކުރެވިގެން ސާރާ އެހީވާން ގަސްތުކުރިއެވެ. އެހެން މީހަކު ހޭލެވިދާނެތީ އޭނަ ދޮރު ހުޅުވާލީ މަޑުމަޑުންނެވެ.ފިރިހެނަކާއި އަންހެނަކު ސިޓިން ރޫމްގެ ބޮކިތައް ނިވާލައިގެން މާ ގައިގޯޅިވެގެން ތިބިތަން ފެނިފައި ލިބުނު ސިހުމާއިއެކު އޭނަ ފަހަތަށް ދެމިގެންފާ ބާރަކަށް ދޮރު ލައްޕާލައިފިއެވެ. އެމީހުންނަށް އެއަޑު އިވުނުހެނެއްވެސް ހިޔެއް ނުވެއެވެ.
"ބޭރުގައި އެތިބީ ކޮންބަޔެއްތަ؟ ގޭގައި ޖާގަ ކުޑަވީމަ އެ ދެމަފިރިންވެސް ސިޓިން ރޫމްގައި ނިދަނީކަމަށް ވާނީ، އެކަމަކު އައްމާރު ބުނިގޮތުން މިގޭގައި އިތުރު ފިރިހެނަކު ނޫޅޭ، އެއީ ކާކުކަމެއްވެސް ނޭގޭ. އަދި އެމީހަކު އެހާވަރަށް ރޮއިހަދާއިރުވެސް ސިޓިންރޫމްގައި ތިބި މީހުންނަށް އަޑު ނީވޭތީވެސް ހައިރާންވެއްޖެ، އެވެދާނެ އައްމާރުގެ މާމައަށްވެސް. އެވަރަށް ފެނަށް އެދި އާދޭސްކުރާއިރު އެހީނުވުމަކީ ބޮޑު އަނިޔާއެއް، އައްމާރުގެ މަންމަ ގޭގައި ނޫޅެނީތަ؟ މަންމަ ހުރިނަމަ އެހެނެއް ނަހަދާނެ......" ސާރާ އެނދުގެ މަގަތުގައި އިށީދެލައިގެން އިނދެފައި އައްމާރުގެ މޫނަށް ބަލައިލިއެވެ. ފުން ނިންޖެއްގައި އޮތްހެން ހީވިއެވެ. އައްމާރު ނިދީގައި އޮތްވާ އުދަގޫނުކުރަން ކުރި މަސައްތަކަށްވުރެ ކުރި ހޯދީ މާމަގެ އާދޭހެވެ.
"އައްމާރު........" ސާރާ އައްމާރުގެ އަތުގައި ހިފާފައި ކުޑަކޮށް ތަޅުވާލިއެވެ.
ކުއްލިއަކަށް އައްމާރު ސިހިފައި ތެދުވިގޮތަށް ބާރު އެތިފަހަރެއް ވީއްލާލީ ބިންމައްޗަށެވެ. ސާރާގެ ހިތަށް ބިރުވެރިކަން ވަދެ ފަހަތަށް ޖެހުނުގޮތަށް މޭގައި އަތް އަޅާލައިގެން ބަލަން އިނދެވުނީ އައްމާރުގެ ފަރާތުން އެފެނުނު ނުރައްކާތެރި ސިފައަކުންނެވެ. ނިދީގައި އޮވެފައި އެ އެތިފަހަރު އޭނަގެ މޫނަށް ވީއްލާލިނަމަ އޭނައަށް ވާނީ ކީއްހެއްޔެވެ؟ އައްމާރު އެހާވެސް ރުޅިގަދައީހެއްޔެވެ؟ އޭނައަށް އައްމާރުގެ ނުބައި ސިފަތައް ފޮރުވައިގެން ހުރީހެއްޔެވެ؟ އައްމާރު ބިންމަތިން އަތް ނަގަމުން ކަންނެތްގޮތަކަށް ދެލޯ ހުޅުވާލިއެވެ. ސާރާގެ މޫނާއި އެލޯ އަމާޒުވުމާއި އެކު ސާރާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ.
"ސޮރީ ވީގޮތަކީ........" ސާރާ ބުނެލިއެވެ.
"ސޮރީ ބުނަންވީ ސާރާއެއް ނޫނޭ. އަހަރެން އެހާ ގަދަޔަށް ނިދާފައި އޮތްވާ ކުއްލިއަކަށް އަތްލީމަ ސިހުނީ. ރުޅިއަކުން ނޫނޭ، ކިހިނެއްވީ ބޭބީ؟ އައިމް ސޮރީ...... " އައްމާރު ތެދުވެ މޯޅިއަކަށް ދެމިލާފައި އަނެއްކާވެސް އެނދުގައި ހަށިގަނޑު ދަމާލިއެވެ. ޕިޖާމާއެއް ލައިގެން އޮތްއިރު ހިނދި ބަނޑުގައި މަސްތައް އެތުރިފައިވާލެއް ރީތިކަމުން ކަސްރަތަށް ފަރުވާ ބަހައްޓާ ޒުވާނެއްކަން ހާމަކޮށްދެއެވެ. ޖިންސް އިޝްތިހާރަކަށް އެންމެ އެކަށީގެންވާ ހަށިގަނޑެކޭ ސާރާގެ ހިތަށް އެރިއެވެ. ސާރާގެ ލޯ އެހަށިގަނޑަށް ހުއްޓިފައިވާތަން ފެނިފައި އައްމާރު އެއް ލޯ މަރާލާފައި އަތް ދިއްކޮށްލިއެވެ. އެއަތުގެ ތެރެއަށް ވަންނަ ހިތުން ސާރާގެ ހިތް ތެޅިގަތް ނަމަވެސް އެނގުނުކަމަކަށް ނެހެދިއެވެ.
"މާމަ ފެންފޮދެއް ނުލިބިގެން ގޮވާ އަޑު އިވުނީމަ އިމީއަށް ގޮވަން އަހަރެން އުޅުނީ......." ސާރާ ދެރަވެލާފައި ކިޔާލިއެވެ.
"މާމަ އޮންނަނީ މަންމަގެ ކޮޓަރީގައި. މަންމަ ފެން ދިނަސް މާމަ އެހެން ބުނެފާނެ، މާމަގެ ހަނދާނުގައި ކުޑަ މައްސަލައެއް އުޅޭ. އެކަމާ ވާހަކަ ދެއްކިއްޔާ މަންމަ މައްސަލަ ޖައްސާނެ......" އައްމާރު ނިތްކުރީގައި ފިރުމާލިއެވެ. އޭރު އެމޫނުމަތިން ކޮންމެވެސް ވަރެއްގެ ސީރިޔަސްކަމެއް ފާޅުވާން ފަށައިފިއެވެ.
"މިގޭގައި އެހެން ބަޔަކު ނޫޅޭތަ؟ ކުއްޔަށްވެސް؟ " ސާރާ ކުއްލިއަކަށް އަހާލައިފިއެވެ.
"މަތީބައި ހުންނަނީ ކުއްޔަށް ދޫކޮށްފަ....." އައްމާރު ކުރު ޖަވާބެއްދިނެވެ.
"ދެން އެހެން ފިރިހެން ކުއްޖެއް ނޫޅޭތަ؟ "ސާރާ އޮޅުން ފިލުވަން ބޭނުންވިއެވެ.
"ޖިދާން މިހުރިހާ ދުވަހު އޮތީ ޖަލުގައި. މިހާރު ބައްޕައާއިއެކު ލަންކާއަށް ގޮސްފައިވީ. އެކަމަކު ފަހަރެއްގައި ޒަކާގެ ބޯއިފްރެންޑް މިގެއަށް އައިސްދާނެ. ހޫމް ބޭބީ ދެން އިހަށް އެ ވާހަކަ ބާއްވާފައި އަހަރެމެން ފެށި ކަންތައް ނިންމަން ހިނގާބަލަ........" އައްމާރު ކުއްލިއަކަށް ތެދުވެގެން އައި ގޮތަށް ސާރާ އަތް ދަނޑި މައްޗަށް ނެގިގޮތަކުން ބޭއިޚުތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. ވިސްނާނުލާ ހުއްޓާ އައްމާރު ކުރާ ކަންތައްތަކުން ވާނީ އެހެން ނޫންހެއްޔެވެ؟
"މިހާރު މަންމަމެން ހީކުރާނީ އަހަރެން ސާރާ ތަޅާ މަރަނީކަމަށް. އަދަބު ލިބޭނެ އިނގޭ......." އައްމާރު ސާރާ ގެ މޫނަށް ބަލަން ހުރީ އިޝްގީ ނަޒަރަކުންނެވެ. އައްމާރުގެ ލާނެތް ސަމާސާތަކަކީ ސާރާ ދެކުނު ގޮތުން ހަނީމޫން ހިތުން ފިލައިގެން ނުދާނެފަދަ އަގުހުރި ހަދިޔާތަކެވެ. އައްމާރު މުއްސަދި ނުވިޔަސް ރީތި ތަނަކަށް ނުގެންދިޔަސް ފަގީރު ޖިފުޓިގަނޑެއްގައިވެސް އޭނައަށް އުޅެވިދާނެއެވެ. ބޭނުންވަނީ މިފަދަ ލޯތްބާއި އަޅާލުމެވެ. ފަޤީރުވިޔަސް އޯގާތެރި އަޅާލާ ބައިވެރިޔެކެވެ. ހިކި ރޮށިކޮޅެއް ކާލައިގެންވެސް ފިރިމީހާގެ މުލައްދަނޑީގެ ހިމާޔަތުގައި ނިދާލެވުނީމަ އޭނައަށް ދުނިޔޭގެ ހުރިހާ އުފާތަކެއްވެސް ހާސިލުވީއެވެ.
ސާރާ އައްމާރުގެ ގައިގާ ބައްދާލައިގެން އޮތްއިރު މަންމަމެންގެ މަތިން ހަނދާންވިއެވެ. ކާކުކަން ނޭގޭ މީހަކާއި އިންނަން ޖެހުމުން މަންމަމެން ރުޅި ދައްކާ އެއްޗެހި ގޮވާލި ވަރު ހަނދާނަށް އައިސް ހިތަށް އުދަގޫކުރަން ފެށިއެވެ. ހަޤީގަތުގައިވެސް އައްމާރުގެ ޢާއިލާ އެންމެ ރަގަޅެއްނޫންކަން ފުރަތަމަ ދުވަހުވެސް އޭނައަށް އެނގިއްޖެއެވެ. ޢާއިލާގެ މީހުންގެ ފަތިފުށް އެނގެން ފެށުމުން ކޮންމެވެސް ވަރަކަށ ކަންބޮޑުވެ މިވަދެވުނު ތަނާއިމެދު ހިތުގައި ސުވާލު ނުއުފެދޭވަރެއް ނޫނެވެ. މަންމަމެން ދެއްކީ ރަގަޅު ވާހަކައެއް ހެއްޔެވެ؟ ފިރިމީހާއެކޭ އެއްވަރަށް ޢާއިލާގެ މީހުންގެ އުޅުމާއި އަޚުލާޤު މުހިއްމުވާނެ ހެއްޔެވެ؟ އެހެން މީހުން ކޮންމެ ގޮތަކަށް އުޅުނެކޭ ކިޔާފައި އޭނަގެ އައްމާރު އެހެނެއް ނޫޅެއެވެ. އައްމާރުގެ ލޯތްބަށްޓަކާ އޭނަ ދުނިޔެމަތީގެ ނަރަކައިގާ އުޅޭކަށްވެސް ފަހެއް ނުޖެހޭނެއެވެ. އައްމާރުއަކީ އޭނަގެ ފުރާނައެވެ. ހިތެވެ. ލޯތްބެވެ. ވީއިރު ހުރިހާ ކަމަކަށްވެސް އޭނަ ކެތްކުރާނެއެވެ.
ސާރާ ހެނދުނު ލޯ ހުޅުވާލިއިރު އޭނަ އަށް އޮވެވުނީ އަދިވެސް އައްމާރުގެ އަތުތެރޭގައެވެ. އިރުގެ ރަންއަލިތައް ކޮޓަރީގެ ބިއްލޫރި ދޮރުތައް ފުރާނާލާފައި އޭނަގެ މޫނަށް އެޅުމުން އުދަގޫވާގޮތްވިއެވެ. ފަތިސް ނަމާދަށްވެސް ހޭނުލެވި ހާދަ އަރާމުގައި ނިދާލެވިއްޖެއެވެ. ފެންވަރާލައިގެން އެންމެ އިސްކަމަކަށް ހެދީ ފަތިސް ނަމާދު ޤަޟާކޮށްލުމެވެ. މިއަދުން ފެށިގެން އޭނަ އެލާމްކުރަން ހަނދާން ކުރާނެއެވެ.
އައްމާރު ހޭލަންވާއިރަށް ސައި ތައްޔާރުކުރުމުގެ ނިޔަތުގައި ބޭރަށް ނުކުތްއިރު އިސްތަށިގަނޑު ބުޅި އަންހެންކުއްޖަކު ކޮފީއެއް ހިފައިގެންގޮސް ސޯފާގައި ޓީވީ ބަލަން އިނެވެ.
"ހައި، އިމީގެ އަންހެނުން ސާރާ ދޯ. ޔޫ ލުކް ޕްރިޓީ. ކޮންކަހަލަ ޝޭމްޕޫއެއް ތަ ބޭނުންކުރަނީ؟ " ޒަކާ އަމިއްލައަށް ތަޢާރަފުވެލަމުން ސާރާގެ އިސްތަށިގަނޑުގައި އަތްލިއެވެ. ޒަކާ ސާރާ މޫނުގައި ލާ ކްރީމަށްދާންދެން އޮޅުން ފިލުވިގޮތުން އޭނަ ޝައުގުވެރިވެފައިވާވަރު ހާމަވިއެވެ.
"އިމީ ހޭލަންވާއިރަށް ކޮފީހަދަން ކަމަށް މިއައީ، އަދި އެހާ ފަރިތައެއްނުވާނެ، ކޮފީމޭކަރެއް ނެތްތަ؟ "ސާރާ ހިނިތުންވުމަކާއިއެކު އަހާލައިފިއެވެ.
"މަންމަ ހުންނަނީ ކުރި ދަޅާއި ހުރިހާ އެއްޗެހި ތަޅުލި ތަނަކަށް ލާފައި، އަހަރެންގެ ބޯއިފްރެންޑު ދިން ކޮފީއެއް މި ބޯލަނީ. މަންމަ ކޮފީ ނުބޯތީ މަންމައަށް އިމްޕޯޓެންޓެއް ނޫން ކޮފީ ގަނެފައި ބަހައްޓާކަށް. މަންމައަކީ ވަރަށް ދަހި މީހެއް. މަންމަ ކައިރީގައި ނުބުނައްޗޭ އޯކޭ....." ޒަކާ ހުރިހާ ދަތްތައް ފެންނަވަރަށް ހީހުރިގޮތުން ސާރާ މާޔޫސްވާގޮތްވިއެވެ. ކުޑަކޮށް ލަދުވެސް ގަތެވެ. އޭނައަށް މިގެއިން މަރުހަބާ ނުކިޔާކަން ދެވަނަ ފަރާތުންވެސް ހާމަކޮށްދީފިއެވެ.
"އެބަޔަކު އަމިއްލައަށް ދޯ އެއްޗެހި ގަނެގެން ކައްކަން ޖެހެނީ؟" ސާރާ އަހާލިއެވެ.
"ޔަޕް......." ޒަކާ ފޮނިގޮތަކަށް ހީލިޔަސް އިރުކޮޅެއްނުވަނީސް ސާރާގެ ޢާއިލާއާއި ބެހޭގޮތުން ސުވާލުކުރަންފެށިއެވެ. ޒަކާގެ ކޮއްކޮ އީމާ ހެނދުނު ހޭލިގޮތަށް ބުޅި އިސްތަށިގަނޑު ވިހުރުވާލައިގެން ނުކުތުމުން ސަންތި މަރިޔަބުއޭ ކިޔާފައި ޒަކާ ދިމާކޮށްލިއެވެ. އީމާ ހުރީ ވަރަކަށް އަނދުން އަޅާލާ ގޮތިކް މޭކަޕެއްގައެވެ. ޒަކާ ސާރާ ތަޢާރަފުކޮށްދިނުމުން އީމާގެ ތުންފަތަށް ކުޑަ ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. އެކަމަކު މަންމަން ކުއްޖެއްފަދައިން އަނގައިންވެސް ނުބުނެ ފްރިޖުން ފެންފުޅިއެއް ނަގައިގެން ކޮޓަރިއަށް ވަންގޮތަށް ބާރަކަށް ދޮރު ލައްޕާލުމުން ފާރުތައް ގުގުމައިގެން ދިޔައެވެ.
"ޝީޒް ވިއާޑް، އަބަދު މިގެއިން ގޯސްޓްތައް ފެންނަނީޔޯ ކިޔާފައި އަހަރެމެންނަށް ބިރުދައްކާ، އެކުއްޖާ ކުރަހާފައި ހުރި އެއްޗެއް ފެނިއްޖެއްޔާ ސާރާ ބިރުން ފެއިންޓްވާނެ......." ޒަކާ ހެވިފާ އިނދެ ސާރާއަށް ކިޔާދިންއިރު ސާރާ އިނީ ކަންބޮޑުވެފައިވާ ކަހަލަ ގޮތަކަށް ބަލާށެވެ. އެގޮތަށް ދެލޯ ބޮޑުކޮށްގެން އިނުމުން އެހެން މީހުންނަށް އޭނަގެ ފިނޑިކަން އެންގުން ނޫންކަމެއް ނުވާނެކަން ވިސްނިފައި ސާރާ ކުއްލިއަކަށް ހީލައިފިއެވެ.
"އިންޓެރެސްޓިން، އެކަމަކު މިހާ މީހުން ގިނަތަނެއްގައި ޖިންނިން އުޅޭތަ؟ " ސާރާ ސުވާލުކޮށްލިއެވެ.
"ވެދާނެއްނު އައްމާރުއަކީވެސް ޖިންނިއެއްކަމަށް، އޭނަގެ ދެލޮލުގައި އެހުންނަ ކުލައަށް ބަލާލާފައި ސާރާގެ ހިތަކަށް އެއްޗެއް ނާރާތަ؟ އުޅޭލެއް ސްޓްރޭންޖެއް ނޫންތަ؟ "ޒަކާ ސީރިޔަސްވެލި ގޮތުން ސާރާގެ ގައިން ހީބިހިނެގިއެވެ.
"ހެހެ....." ސާރާ ހިނިއައެވެ.
"ނުހީބަލަ، ސީރިޔަސް އޭ....."ޒަކާ ކުޑަކޮށް ރުޅިއަންނަ ގޮތްވިއެވެ. ދެމީހުން ވާހަކަ ދައްކަން ތިއްބާ ނަބީލާ ނުކުމެގެން އައެވެ. މޫނު އަނދިރިކަމުން ކަޅުފޮއި ރެއެކޭ ތަފާތެއްނެތެވެ. ކޮފީއަކާއިއެކު ހެދިކާ ކައިގެން އޭނަ ކަޅު ސައިތަށްޓަކާއި ފާރޮށި މޭޒުމަތީގައި ބެހެއްޓީ ކާކަށް ކަމެއް ސާރާއަކަށް ނޭގުނެވެ. އިރުގަނޑެއް ފަހުން އަސާގަނޑެއްގެ އެހީގައި ނުކުމެގެން އައި މާމަ ފެނުމާއިއެކު އެއީ އައްމާރުގެ މާމަކަން ސާރާ ދެނެގަތެވެ. މާމަފާރޮށި ކަޅު ސަޔާއި ޖަހައިގެން ކާން ފެށުމުން ސާރާގެ ހިތަށް ނުބައި އަސަރުތަކެއް ކުރިއެވެ.
"އަހަރެން ކޮންމެ ކަމަކާއިމެދު ވިސްނާގޮތް ނުބައީ، މާމަގެ އުމުރުން އެހާ ދުވަސްވީމަ ހެދިކާ އެއްޗެހި ނުކެވެނީ ކަމަށް އެވާނީ، އަހަރެމެން ކުޅިކޮށް ކެޔަސް މާމައަކަށް އެކަހަލަ އެއްޗިއްސެއް ނުކެވޭނެ، މާމަ ކަޅު ސައިބޮނީ މީރުވެގެން ކަމަށްވާނީ.......އެކަމަކު މާމަ އެހާ މޮޅިވެރިކޮށް އެއިންނަނީ ކީއްވެތަ؟ ގޮސް ވާހަކަ ދައްކާލަންވީކަން ނޭގޭ........" ސާރާ އަމިއްލައަށް ގޮސް މާމައާއި ވާހަކަ ދެއްކުމުން މާމަ އަނގަޔަކުން ނުބުންޏެވެ.
"ޝީޒް ޑެފް. ހަޅޭއްލަވަން ޖެހޭނީ....." ޒަކާ ހަޅޭއްލަވައިގަތުމުން ސާރާ ހައިރާންވިއެވެ.
އައްމާރު ފެންވަރާލައިގެން ނުކުތްއިރު އޭނަ ހީވީ ފިލްމީތަރިއެއް ހެންނެވެ. ނޫކުލައިގެ ގަމީހާއިއެކު ކަޅު ފަޓުލޫނުގައި ޓައީ އަޅާލާފައި ހުރިއިރު ސްމާޓްކަމުން ސާރާވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.
"އިމީ ބުނަމެއްނު ޖޮބެއްގަ ނޫޅެމޭ....." ސާރާ ހައިރާންވިއެވެ.
"އަހަންނަށް ވަޒީފާ ހަމަޖެހުނީ ވަރަށް ފަހުން، އެކުވެރި އެއްގެ ބައްޕަގެ ރިޒޯޓުން ވަޒީފާ ލިބުނީ. ބޭބީއަށް ސަޕްރައިޒެއް ދޭންވެގެން ނުބުނެ މިހިރީ. މާދަން އަސްލު ޖޮބަށް ނިކުންނަން ޖެހޭ ދުވަސް އެކަމަކު ލެވީ ބުނި ދިހައެއް ޖަހާއިރަށް މީޓިންއަކަށް އަންނާށޭ....." އައްމާރު ރޭބަން އައިނު ނެގިއެވެ. ސާރާ ހުރީ އެ ރީތި ދެލޮލާއި ހަތަރުކަޅި ހަމަކުރަން އުދަގޫވެފައެވެ. އެލޮލަށް ބެލުމުން ވާގޮތްތައް ދުލުން ބަޔާންކޮށްދޭކަށް ކުޅަދާނައެއް ނޫނެވެ.
"ވަޒީފާއަށް ނުކުތުމުގެ ކުރިން މީޓިންއަށް އެޓެންޑްވުމަކީ މަޖުބޫރުކަމެއްތަ؟ " ސާރާ އައްމާރުގެ ޓައީ ރީތިކޮށްލަދިނެވެ.
"ބޭބީ ދެން ރީއްޗަށް ބުނެބަލަ ދާނެކަމެއްނެތޭ، ބޭނުމޭ....." އައްމާރު ކަތި ނަޒަރަކުން ބަލާލުމުން ސާރާގެ ހިތް އަވަސްވިއެވެ. ލާނެތް ފިރިހެނެކެވެ.
"ދެން އިމީ ގަނޑާ......." ސާރާ އައްމާރުގެ ކޮލުގައި ޖަހާލިއެވެ.
"އަހަރެންވެސް ހަނީމޫން ދުވަސްވަރު ވަޒީފާއަކަށް ދާކަށް ބޭނުމެއްނޫން، އެކަމަކު މިއީ ސީޒަންވެފައި އެމީހުންނަށް ވަރަށް އަވަހަށް އެ ވެކެންސީއަށް މީހަކު ބޭނުންވީ. ދޫކޮށްލައިފިއްޔާ އަލުން އެކަހަލަ ޖޮބެއް ނުލިބި ހިނގައިދާނެ. ވަން މޯރ ތިންގް.. ލެވީއަށް އަހަރެން މީހަކާއި އިންކަން އެނގިއްޖެއްޔާ އަންނަން ދަޢުވަތު ދޭނެ، ޑޯންޓް ވޮރީ ބޭބީ، ހަމަޖެހިލައިގެން ފްރެންޑުންނަށް ސާރާ ތަޢާރަފުކޮށް ދެވުނީމަ އަދި އެ ރިޒޯޓުގައި ހަނީމޫންވެސް ހެދޭނެ........" އައްމާރުގެ ވާހަކަތަކުން ސާރާގެ ހިތް އުފަލުން ފޮޅުނެވެ.
"އަހަންނަށްވެސް ރަގަޅީ އިމީ ޖޮބަށް ދިޔައީމަ، އަހަރެންވެސް އެޕްލައިކޮށްގެން މިހިރީ، ދެރަވަނީ އިމީގެ މަންމަވެސް އަދި ވާހަކަ ނުދައްކާތި. މަންމަމެން ދޫކޮށްލާފައި އައީމަ މިގޭ މީހުންވެސް އަހަންނަށް ހޭޓް ކުރަނީތަ؟ " ސާރާ އަހާލިއެވެ.
"މިހާ ލޯބި ލޯބި އަންހެންކުއްޖެއް ދެކެ ހޭޓްކުރާނީ ކާކުތަ؟ މަންމަ ހިތަށް އެރިއްޔާ އަނގައިން ބުނާނީ، އަހަރެން ކުރިންވެސް ބޭބީ ގާތު ބުނީމެއްނު މަންމަ ވަރަށް ފާޑަކަށޭ އުޅޭނީ..." އައްމާރު ސާރާއާއި ސަމާސާއެއްކޮށްލިއެވެ. އޭނަ ދާންފެށުމުން ސާރާ އައްމާރުއަށް ގޮވާލިއެވެ.
"އެލްކޮހޯލްއާއި ދުރުން އުޅެއްޗޭ، އަދި ޓޫރިސްޓުންނާއިވެސް އިނގޭ......" ސާރާ ސަމާސާގޮތަކަށް ނަމަވެސް ހިތުގެ ޝުޢޫރުތައް ބަންޑުންކޮށްލިއެވެ.
"ޔަގީނުންވެސް ބާރ ގައި މަސައްކަތް ނުކުރާނަން، ހެޕީތަ؟ ނައު ގިވް މީ އެގުޑް ލަކް ކިސް.........." އައްމާރު ސާރާ ގާތަށް ދަމާލިއެވެ.
ސާރާ ލޯބިވާ އެއްވެސް ފަރާތެއް ރިޒޯޓް މަސައްކަތެއްކުރަން ފޮނުވާކަށް އޭނަގެ ޒަމީރު އެއްބަހެއްނޫނެވެ. ރިޒޯޓްތަކާއިމެދު އޭނަގެ ޢާއިލާވެސް އެފަދަ ގޮތަކަށް ދެކޭތީ ކުޑައިރުއްސުރެން އޭނަގެ ސިކުނޑިއަށް އެއީ އެންމެ ނުބައި މަސައްކަތް ކަމުގައި ވިސްނިފައި އޮތީއެވެ. އޭނަގެ ބައްޕަ ބުނާގޮތުން ވިއްޔާ އެއީ ރަލުގެ ވިޔަފާރީގެ މަރުކަޒުތަކެވެ. އެތަންތަނުން ލިބޭ މުސާރަ ހަލާލެއް ނުވާނެއެވެ. ބޭބެމެން އެހާ ދީންވެރިއެވެ. ކިޔަވައިގެން އައުމަށްފަހު އޭނަ ބުރުގާ އަޅުވަން މަޖުބޫރުކުރުވިއެވެ. އެކަމަކު އައްމާރު އާއި ކައިވެނި ކުރަންވެގެން އައްމާރު އެދުނީ ބުރުގާ ނެގުމަށެވެ. އައްމާރުގެ އެދުމަށް އިޖާބަދޭންވެގެން ސާރާ އޭނަގެ މަންމަގެ ތަރުބިއްޔަތު ވަގުތީގޮތުން ހަނދާން ނައްތާލީއެވެ. އައްމާރުގެ ލޯތްބަށްޓަކައެވެ. ލޯތްބަކީ ކަނު އެއްޗެކޭ ބުނަނީ އެހެންވީމަތާއޭ ސާރާގެ ހިތަށް އެރިއެވެ. އައްމާރުގެ ޖާދޫގައި ޖެހުނުފަހުން ކޮންމެވެސް ވަރަކަށް ފާފަތަކަށް އެބަ އަރައިގަނެވެއެވެ. މައިންބަފައިންނާއި ދެކޮޅުވުން އެއީވެސް ފާފައެކެވެ. ބުރުގާވެސް ދޫކޮށްލެވުނީއެވެ. އަދި ނަމާދަށް ތަންކޮޅެއް ފަރުވާކުޑަކުރެވިއްޖެއެވެ.
"ފެމިލީ ވަރަށް ދީންވެރި އެކަމަކު އަހަރެން މީ މޮޑެރޭޓް މީހެއްކަމަށްވާނީ. އެކަމަކު ބޭނުން ވީހާވެސް ރަގަޅަށް އުޅެން. އެނގޭ ކޮންމެވެސް ދުވަހަކުން މަރުވާނެކަން، އައްމާރު ކައިރީ ބުނާނަން ބުރުގާ އަޅަން ހުއްދަދޭށޭ، ވާޖިބުކަމެއް ނުކޮށްހުއްޓާ މަރުވެއްޖެއްޔާ ވާނެގޮތެއްނޭގޭ.........." ސާރާ ހިތާހިތުން ކިޔާލައިފިއެވެ.
އެރޭ އައްމާރު ގެއަށް އައިއިރު އޭނަ ހުރީ ރަތްކުލައިގެ ޓީޝާޓަކާއި ސޯޓެއްލައިގެންނެވެ. ގިނައިރު އަވީގައި އުޅެފައިވާކަން މޫނަށް ބަލާލުމުން ސާރާއަށް އެނގުނެވެ. ބެކްޕެކް ކޮނޑުން ނަގާލާފައި އެއްފަރާތުގައި ބެހެއްޓުމުން ސާރާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ވަޒީފާއަށް ގޮސްފައި އެނބުރި އައިއިރު އައްމާރު ދަތުރުގޮސްފައި އައިމީހެއްފަދައެވެ. ސާރާ އެހާ ޝަކުވާކުރާކަށް ނޫޅުނެވެ. ދެމީހުން އެކީގައި ކާންވެގެން ކާރީގައި ހުރި ރެސްޓޯރެންޓަކަށް ގޮސްފައި އެނބުރި އައުމަށްފަހު އޭނަ ޒަކާއާއިއެކު ޓީވީ ބަލަން އިރުކޮޅަކު އިނެވެ. އެއަށްފަހު ކޮޓަރިއަށް ވަންއިރު އައްމާރު ހުރީ ފާޚާނާގައެވެ. ނުކުތުމުން ސެންޓުގެ ގަދަވަހުން އޭނަ ކޮށިއަރާގޮތްވިއެވެ. މިރޭވެސް އައްމާރުގެ ލޯ ރީތިކަމުން ސާރާގެ ހިތަށް ގޮތެއްވިއެވެ.
"އިމީ ޓޮއިލެޓްގައި ހާދަ ގިނައިރެކޭ ވީ....." ސާރާއަށް ބުނެވުނެވެ.
"އެނގެން ބޭނުންތަ؟ " އައްމާރު ސީރިޔަސްވެލިއެވެ.