ސާރާ ދަރިފުޅު ރީތިކުރީ ހަވީރު ހިނގާލަން ގެންދަންވެގެންނެވެ. ނީޒާއާއި ރައިޝާވެސް އަންނާނެ ވާހަކަ ބުނެފައިވެއެވެ. ތިން އެކުވެރިން އެގޮތަށް ހިނގާލަން ނޫނީ ރެސްޓޯރެންޓަށް ކޮފީއަށް ދިޔުމަކީ އާދައެކެވެ. ސާރާ ދަރިފުޅު އުރާލައިގެން ހުރެ ފެންޑާއަށް ނުކުތުމާއިއެކު ލިބުނު ސިހުމުގައި ފިޔަވަޅުތައް ހުއްޓުނެވެ. ޝުވޭކާރު މިފަދަ ވަގުތެއްގައި ކިޔަންއާއިއެކު މިގެއަށް އަންނަންވީ ކީއްވެހެއްޔެވެ؟ މަންމަގެ ގާތްއެކުވެރިއަކަށްވިޔަސް ޝުވޭކާރު މިގެއިން ފެނުމަކީ އާއްމުކަމެއް ނޫނެވެ. ޚަލީސީ ޝުވޭކާރުއާއި ދިމާލަށް އަތްދިއްކޮށްލިގޮތުން މީހުންނާއި ފަސޭހައިން އެކުވެރިވާ މިޒާޖުގެ ކުއްޖެއްކަން ސާބިތުކޮށްދިނެވެ. ޚަލީސީގެ މައުސޫމްކަމާއި ރީތިކަން ފެނި ޝުވޭކާރު އާޝޯޚުވިނަމަވެސް އެކަން ހާމަނުކުރިތާގައި ސަމާލުކަމެއްވެސް ނުދީ ސާރާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.

"ސާރާ ބޭރަށް ދާން ތިއުޅެނީ؟ " ޝުވޭކާރު އަހައިލިއެވެ.

ސާރާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލާފައި ކިޔަންއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ކޮންމެގޮތެއް ވިޔަސް ގެއަށް އައި މެހުމާނުން ކޮޅަށް ބައިތިއްބައިގެން ވާހަކަ ނުދައްކާންވެގެންނާއި އައްމާރުގެ އާއިލާވީމަ އޭނަ އަވަހަށް އެމީހުން އެތެރެއަށް ވެއްދިއެވެ. އިރުކޮޅަކުން އައީ ކޮފީއާއި ޗިޕްސް ހިފައިގެންނެވެ. ޝުވޭކާރު ކޮފީތަށި ނަގާ އެތިފޮދެއް ބޯލީ ސިކުނޑީގެ ނުތަނަވަސްކަން ފިލުވައިލުމަށެވެ. އެހުރިހާ އިރެއްގައިވެސް ޚަލީސީ އުރުގައި ޖަހާލައިގެން ހުރިގޮތުން ސާރާ އެ ދަރިފުޅާއިގެން އުޅޭވަރު ޝުވޭކާރު ދެނެގަތެވެ.

"މަންމަ ހުރީ ނަމާދަށް، އިރުކޮޅަކުން އަންނާނެ....." ސާރާ ބުނެލިއެވެ.

"އަހަރެން މިއައީ ސާރާ އާއި ވާހަކަދައްކަން، އިށީދެބަލަ......." ޝުވޭކާރު އެދުނެވެ. ސާރާ ބަސްއަހާ ކުޑަކުއްޖެއްފަދައިން ވަގުތުން ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ. ޚަލީސީ އަނގަޔަށް އިނގިލި ޖަހާލައިގެން ލޯބިކޮށް ބަލަން އިންއިރު އޭނަވެސް އިނީ މަންމަމެންނަށް ފުރުސަތު ދީގެންނެވެ. ކިޔަންއަށް ބަލަން އިނދެފައި އިރުއިރުކޮޅާ ހީލާއިރު ލޯބިކަމުން މީހަކު ހިތްފުރޭހާވެއެވެ.

"ސާރާ، އަހަރެން އަމިއްލައަށް އައި އައުމެއްނޫން މިއީ، ފައިސަލް ބޭނުންވެލައްވަނީ ސާރާއަކީ އައްމާރުގެ އަންހެނުންނަށްވީތީ ސާރާ އެގޭގައި ދުވަސްކޮޅަކަށް ނަމަވެސް ހުރެލަދޭން، އައްމާރު ސުއިސައިޑްކުރަން އުޅުމަށްފަހު ނަފްސާނީ ޑޮކްޓަރު ލަފާދެއްވީ އޭނަ ހިތްހަމަޖައްސާލާފައި ބަހައްޓަން. ހީވާގޮތުން އައްމާރުއަށް މިވަގުތު އަންހެނުންގެ އަޅާލުން މުހިއްމު، ކޮންމެހެން އަހަރެމެންނަށްޓަކާ އެގެއަށް އަންނާކަށް ނޫން ދޯ މިބުނަނީ، އައްމާރުގެ އަންހެނުންގެ ހައިސިއްޔަތުން އޭނައާއިއެކުގައި ވާން މިއަށްވުރެ އެކަށީގެންވާ ވަގުތެއް ނެތްކަމަށް ފެންނާތީ، ކީކޭ ސާރާ ބުނަނީ؟ " ޝުވޭކާރުގެ ވާހަކަ ހުރީ ކިޔަންވެސް އުއްމީދުކުރިގޮތަކަށް ނޫނެވެ. އެއިން ދޭހަވަނީ ޝުވޭކާރު ސާރާ އަންނަން ނޭދޭކަމެވެ. މަންމަގެ މިޒާޖެވެ. މީހަކަށް އާދޭސްކުރާކަށް ނޫނީ ކަމަކު ކިޔަންވެއްޖެއްޔާ އަމިއްލަ ގަދަރަށް އުނިކަމެއް އަންނަނީކަމަށް ހީކުރެވެނީއެވެ.

"ވެލް......." ސާރާ ހުރީ ކިޔަންވީ އެއްޗެއްވެސް ނޭގިފައެވެ.

"އިމީ ރިއަލީ ނީޑްސް ޔޯ ހެލްޕް....." ކިޔަން ބުނެލިއެވެ.

"އިމީ މިގެއަށް އަންނަންވީނު. މިގޭގައިވެސް މާ ގިނަ ބަޔަކު ނޫޅޭ. ނުދަންނަބަޔެއްގެ ތެރޭގައި ގޮސް އުޅޭކަށްވެސް ޚަލީސީއަކަށް ފަސޭހައެއްނުވާނެ. ޕްލަސް އިމީގެ ވައިފްގެ ގޮތުގައި ހުއްޓަސް އެކީގައި ނޫޅޭތާ އެތައް އަހަރެއްވެއްޖެ. ދަރިއެއްހުރިކަމެއް އިމީއަކަށް ނޭގޭ، އެކަކުވެސް މިކުއްޖާ ގަބޫލުކުރަން ތައްޔާރަށް ނެތްއިރު އެގެއަށް ދާންވީ ކޮން ހައިސިއްޔަތަކުން ކަމެއް ނޭގުނު........" ސާރާ ޚަލީސީ ގަޔާއި ކައިރިކޮށްލިއެވެ.

"ސާރާއަށް އެނގޭނެ އައްމާރުއާއި ކާއިއާގެ ދިރިއުޅުން ނިމިގެން އައިގޮތް، ކާއިއާ އިންގްލޭންޑުން އެނބުރި ގެންނަން އޭނަގެ ބައްޕައަށް މަޖުބޫރުވީ އައްމާރު އައިސީޔޫގައި ބޭއްވީމަ. ކާއިއާވެސް މިހާރު ބޭނުންވަނީ ސާރާ އެގެއަށް ގެންނަން. އައްމާރުގެ މަތިން ހަނދާންނައްތާލަން އެންމެ ފަސޭހަވާނީވެސް އައްމާރުގެ ވައިފް ކައިރީގައި ހުރީމަ. އިމީވެސް އެހުންނަނީ އެކަމާއި ބޯ ގޮވާފައި......." ޝުވޭކާރު އިތުރަށް ބުނެދިނެވެ.

ކާއިއާގެ ނަން އިވުމުން މިއަދު ސާރާގެ ހިތަށް ހަމްދަރުދީ ވަނެވެ. އަމިއްލަ ބޭބެއަކާއި ލޯބީގެ ގުޅުން ބޭއްވުމުން ލަދުގަންނާނެވަރާއި އެކަމާއި ހިތާމަކުރާނެވަރު އޭނައަށް އިހުސާސްކުރެވުނެވެ. އައްމާރު ބަލިކަން އެނގުމުން އޭނައާއިއެކު ވާން ހިތް އެދުނެވެ.

"ސާރާގެ ހިތުގައި އައްމާރުއަށްޓަކާ ރަހުމްގެ ކުނޑިފަށެއްވާނަމަވެސް އާދޭ. އެހެން ހުރެފައި ސުއިސައިޑްވެއްޖެއްޔާ ސާރާ އެކަމުގެ ޒިންމާ ނަގަން ޖެހިދާނެ....." ޝުވޭކާރު ހީވަނީ އިންޒާރުދެމުންދާހެންނެވެ. އެއިން ކޮންމެ ޖުމްލައަކުން ސާރާގެ ހިތް ފިނިކުރުވިއެވެ. ޝުވޭކާރު އެހާ އިންޒާރު ދޭއިރު އައްމާރު ބޭނުންވާ ގޮތަކީ ކޮބާހެއްޔެވެ؟ އައްމާރު އެންމެ ފަހަރަކުވެސް އޭނައާއިއެކީގައި ވާކަށް ބޭނުމޭ ނުބުނެއެވެ. އެދޭތެރޭގައިވާ ގުޅުން ކެނޑުނުތަނާ ކޮން ދުވަހެއްހެއްޔެވެ؟ ނަމަވެސް ސާރާގެ ހިތުގައިވާ ލޯބި އަދިވެސް އެގޮތުގައިވެއެވެ. އެއްވެސް ފަނޑުވުމެއްނެތިއެވެ. ވީއިރު މިލިބުނު ފުރުސަތު ގެއްލުވާލާކަށް ނުވާނެއެވެ. އައްމާރުއާއި އަޅާލަން އެންމެ ގާތުގައި ހުންނަން ސާރާގެ ޟަމީރު ގޮވާލިއެވެ.

"ތިކަމާ ވިސްނާނަން....." ސާރާ އެންމެފަހުން ބުނެލިއެވެ.

ކިޔަން ޚަލީސީ އުނގުގައި ބައިންދައިގެން ވަރަށް ލޯބިން ވާހަކަ ދައްކާ މޫނުގައި ބޮސްދިނެވެ. ޝުވޭކާރު އިނީ ޚަލީސީއާއި ދިމާލަށް ނުބަލަން ހުވާކޮށްގެންކަމަށް ވެދާނެއެވެ.

"ސްޓަބްން ވިޔަސް ބޮޑުވަރު، ކިތަންމެ ރުޅިއަޔަސް ޚަލީސީގެ މާމަ ހަމަ..އަދި އެކަން ގަބޫލުކުރާނެ ދުވަހެއް އަންނާނެ......." ސާރާ ހިތާހިތުން ކިޔާލިއިރު ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވިއެވެ.

ސާރާގެ މައިންބަފައިންނަކީވެސް ރަށުގެ ގަދަރުވެރި އާއިލާއަކުން އައިސްފައި ތިބިބަޔެކެވެ. އެމީހުންވެސް އުޅުނީ ތަނަވަސްކޮށެވެ. ވީމަ ސާރާ އެގެއަށް އައީ އައްމާރު މުއްސަންޖެއްގެ ދަރިއެއްކަން އެނގިގެން ފައިސާގެ ބޭނުމުގައޭ ޝުވޭކާރަށް ބުނެވޭކަށް ނޯންނާނެއެވެ. އެއްއިރެއްގައި އައްމާރުގެ އާއިލާއަކީ ވިޔާނުދާބަޔެއްކަމަށް ހީކުރެވުނުއިރުވެސް އަމިއްލަ އާއިލާ ދޫކޮށްފައި އޭނަ އައްމާރުއާއިއެކު ދިޔައެވެ. ވީއިރު މިހާރު އައްމާރުގެ ނަސްލު އެނގި އެއީ ޑޮކްޓަރ ޝުވޭކާރުގެ ދަރިފުޅުކަން އެނގުނަސް އޭނަގެ ހިތުގައި އައްމާރުއާއި ދޭތެރޭގައި ދެކޭގޮތް ވަކި ބަދަލެއްނާދެއެވެ. އޭނަ އައީ އައްމާރުގެ ލޯބީގެ ހައްގުގައެވެ. އަދި ކާއިއާވެސް އޭނަގެ އެހީ ބޭނުންވާކަން އެނގިގެންހުރެއެވެ. އެގެއަށް އައިއިރު ކާއިއާއާއި ބައްދަލުކޮށް ވާހަކަދައްކާލާހިތުން ސާރާއަށް ހުރެވުނީއެއްނޫނެވެ.

ސާރާ ކާރުން ފޭބިއިރުވެސް ހުރީ ޚަލީސީ އުރާލައިގެންނެވެ. ފިޔާތޮށްޓާއި ހުދުކުލައިގެ ހެދުންކޮޅަކާއިއެކު ސްޓޮކިން ލައްވާފައިހުރިއިރު ބުދެއްފަދައެވެ. ކިޔަން ސާރާގެ ދަބަސްތައް ހިފައިގެންގޮސް ސިޓިންރޫމްގައި ބެހެއްޓިއެވެ. އޭނަ ސާރާގެ އަތުން ޚަލީސީ އަތުލައިގެން ކޮނޑަށްލިއެވެ.

"އިމީއަށް ސަޕްރައިޒެއް ލިބޭނެ. އިމީއަކަށް ނޭގޭ ފަހަރި އަންނަން އުޅޭކަމެއް، މަންމަވެސް ނުބުނޭ......." ކިޔަން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. ރަންކުލައިގެ ޑިޒައިނަރ ސިޑީގައިވާ ޑިޒައިންއާއިއެކު ސިޑިމަތީގައި ރަތްކުލައިން ދޫލައަޅާފައި ހުރުމުން ވަރަށް ހިތްގައިމެވެ. އެހާ ފުޅަލެވެ. ސާރާ ކިޔަންގެ ފަހަތުން ދިޔައިރު އޭނަގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުންދިޔައެވެ. އައްމާރުއާއި ޚަލީސީ ބައްދަލުކުރުވަން އުޅެނިކޮށް މިދިމާވީ އަދި އެހެން ގޮތެކެވެ. އައްމާރުގެ އާއިލާއިން އޭނަ އެގެއަށް ގެނައީއެވެ. އައްމާރު އެކަން ގަބޫލުކުރާނެބާވައެވެ. ބޮޑު ފުޅާ ދޮރެއް ލާފައި ހުރި ކޮޓަރިއަކާއި އަރާ ހަމަވެފައި ކިޔަން ސާރާއާއި ދިމާލަށް އެނބުރުނީ ހިނިތުންވުމަކާއި އެކުގައެވެ.

"މިއީ އިމީގެ ރޫމް......" ކިޔަންގެ ޖުމްލައިން ކުރިއަށްވުރެ ބޮޑަށް ސާރާގެ ހިތް އަވަސްވެލާ ފިނިކޮށްލިއެވެ. އައްމާރުއާއި މިބައްދަލުވަނީ އަލަކަށް ނޫނެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟ ކަންބޮޑުވުމާއި ނުތަނަވަސްކަން ހިތަށް ވެރިވީލެއް ބޮޑުކަމުން އޭސީގެ ފިނިކަމުގައިވެސް އޭނަގެ ތަނަވަސް ނިތްކުރިން މުތީތައް ފަދަ ކުދި ދާތިކިތައް ފާޅުވެލައިފިއެވެ.

"އައިމް ސޯ ނާވަސް. ފަސްޓް ޑޭޓުގައި ދިޔައިރުވެސް މިވަރެއްނުވޭ..." ސާރާއަށް ބުނެވުނެވެ. ކިޔަން ހުރީ މަޖާވެފައެވެ. އޭނަދެކެވެސް މިހާ ލޯބިވާ އަންހެންކުއްޖެއް ލިބޭނެނަމައެވެ. އެތައް އަހަރެއްވުމަށްފަހުގައިވެސް އެލޯތްބަށް އެއްވެސް ކަހަލަ ބަދަލެއް ނާދެއެވެ. ތެދުވެރި ލޯބިވެވޭނީ ކާމިޔާބު މީހުންނަށެވެ. ކިޔަން ހިތްވަރުދިނުމުގެ ގޮތުން އެއްޗެކޭ ބުނެލުމުން ޚަލީސީ ބިންމަތީގައި ބަހައްޓާފައި އޭނަ އެއްފިޔަވަޅު ކުރިއަށް އެޅިއެވެ. ކިޔަން ކުރިއަށް ޖެހިލާފައި އެކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. އައްމާރު ބުނީ ދޮރުހުރީ ހުޅުވާލާފައި ކަމަށާއި ވަނުމަށެވެ.

ސާރާ އެކަނިކޮށްލާފައި ކިޔަން ދިޔައީއެވެ. އޭނަ ހުރީ ދެފިކުރުމަތީގައެވެ.

ސާރާ މަޑުމަޑުން ދޮރު ހުޅުވާލިއިރު ފެނުނީ އައްމާރު ބެލްކަނީގެ ދޮރު ކަހާލާފައި ބޭރަށް ނުކުތްތަނެވެ. އޭނަ ސިގްރެޓް ބޮނީކަން އެނގިފައި ދަރިފުޅު ގޮވައިގެން އެތަނަށްދާން ސާރާ ފަސްޖެހުނެވެ. އައްމާރު އެ އާދަ ދޫކޮށްނުލާނީހެއްޔެވެ؟ ސާރާ ކޮޓަރި ތެރޭގައި އިންތިޒާރުގައި ހުރިއިރު ޚަލީސީ ވަރަށް ޝައުގުވެރިވެލާފައި އެކި އެއްޗެއްސާއި ކުޅެމުންދިޔައެވެ. ރީތިވާ މޭޒުމަތީގައި އެކި ވައްތަރުގެ ސެންޓްތައް އަތުރާލާފައި ހުރިވަރުން ޚަލީސީ ބޭނުންވީ އެފުޅިތަކެވެ.

"ނޫނޭ ދަރިފުޅާ، ފުޅިތައް ތެޅިދާނެ، ޑެޑީގެ ޕާފިއުމްތަކޭ މިއީ، ގެނޭ މަންމަ ސެންޓްޖަހާލަދޭނަން...." ސާރާ ފުޅިއަކުން ޚަލީސީގެ ހެދުމަށް ސްޕްރޭ ކޮށްލަދިނެވެ. މިއީ އައްމާރު އަމިއްލައަށް ގަންނާނެހާ ބައިވަރެއްނޫނެވެ. ޝުވޭކާރު އައްމާރުގެ ހިތް އަތުލަން ފައިސާއިން އައްމާރު ފެންވަރުވަނީއެވެ. މަންމައާއި ދަރިފުޅު އަލަށް ބައްދަލުވުމަށްފަހު އެދޭތެރޭގައި ގުޅުން އޮންނަންވީ ވަރަކަށް ނެތްކަން ކިޔަންގެ ވާހަކަތަކުން މިއަދު ސާރާއަށްވަނީ އެނގިފައެވެ. އެއީ ވާނެގޮތެވެ. މަންމަ ދަރިފުޅު އެއްލާލާފައި ދިޔުމުން އައްމާރު އަނގައިން ބުނިކަމީ އައްމާރުގެ ރަގަޅުކަމެވެ. އެހެން މީހެއްނަމަ ދުވަހަކު މާފެއްނުދޭނެއެވެ. އެކަމަކުވެސް މަންމަވާނީ މަންމައަށެވެ. ޚަލީސީ އެވަރުންވެސް އުޅުނީ އެފުޅިތަކާއިގެންނެވެ. އޭނަ މަސަލަން ކުރަން އުރާލަންވެގެން އުޅުނުއިރުވެސް އެކުޑަ އަތް ފޯރުވާފައި ނެގި ފުޅީގައި ރަގަޅަށް ނުހިފި ޚަލީސީގެ އަތުން ދޫވިއެވެ. އެއާއިއެކު ޚަލީސީ ބާރުބާރަށް ރޮއިގަތްއަޑާއިއެކު އައްމާރުވެސް ސިހިފައި ކޮޓަރިއަށް ވަނެވެ. ސާރާ ކުޑަކުއްޖަކު އުރާލައިގެން ހުރިތަން ފެނިފައި މިފެންނަނީ ހުވަފެނެއްބާވައޭވެސް ހިތަށް އެރިއެވެ.

"ސާރާ......" އައްމާރުއަށް ކިޔާލެވުނެވެ. ޚަލީސީ އެއޮތްވަރަށް ރޮއިރޮއިހުރި ކުއްޖާވެސް ކުއްލިއަކަށް އައްމާރު ފެނިފައި ރޮމުން ހިނިތުންވެލަމުން އައްމާރުގެ ކައިރިއަށް ދާންވެގެން ގަދަހެދިއެވެ.

"ޑެޑީ....ޑެ......" ޚަލީސީގެ ޖުމްލައިން އައްމާރުގެ އިތުރުން ސާރާވެސް ހައިރާންވިއެވެ. ކޮންމެ ދުވަހަކު ފޮޓޯތައް ދައްކަ ދައްކާފައި އުޅުނަސް އަދި އައްމާރު ފެނުމުން ކުޑަކުއްޖަކަށް އެނގެންވީ ކީއްވެހެއްޔެވެ؟ އަދި އައްމާރުގެ ތުނބުޅި ކުޑަކޮށް ދިގުކޮށްހުރުމުން ޚަލީސީ ދެނެގަތްކަމާއިމެދުވެސް ހައިރާނެވެ.

އައްމާރު ހައިރާންކަމާއިއެކު ޚަލީސީއަށް ބަލަން ހުއްޓެވެ. ޔޫރަޕްގެ ކުއްޖަކު ގޮވައިގެން ސާރާ މިއުޅެނީ ކީއްކުރަންހެއްޔެވެ؟ ޚަލީސީ ލައްވާ އޭނައަށް ބައްޕަ ކިޔުއްވުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ސާރާ އަމިއްލަ ދަރިއެއްގެ ގޮތުގައި މިކުއްޖާ ބޮޑުކުރަނީ ބާވައެވެ. ސާރާ ޚަލީސީ ބިންމަތީގައި ބެހެއްޓުމާއިއެކު އެތުއްތު ފިޔަވަޅުތައް އަޅަމުންގޮސް އައްމާރުގެ އަތުގައި ހިފާލިއެވެ.

"ބުނީމެއްނު އިމީއާއި ކުއްޖަކު ބައްދަލުކުރުވާނެ ވާހަކަ، ޚަލީސީ ކިޔާ ސްވީޓްގާލްއެއްގެ ވާހަކަ އިމީ ކައިރީބުނީމަ އިމީ ކިއުރިއަސްވެގެން އުޅުނީމެއްނު، ތިއީ އަހަރެމެންގެ ޕްރިންސެސް. ޚަލީސީއަށް އަބަދު އިމީގެ ފޮޓޯތައް ދައްކަން، އެކަމަކު ހައިރާންވެއްޖެ ދަރިފުޅަށް އިމީ ވަކިކުރަން އެނގުނީމަ........" ސާރާ ކައިރިއަށްގޮސް އައްމާރުއާއި ޚަލީސީގެ އަތްގުޅުވާލަދެމުން އޭނަގެ ދެއަތުން އެއަތްތިލަ ފޮރުވިއިރު ލޮލުގައި ކަރުނަ ވިދާލައިފިއެވެ.

"ސާރާ. މިއީ ކޮންކަމެއް؟ " އައްމާރު ބުމަ އަރުވައިލިއެވެ.

"އިމީ، އަހަންނަށް އެނގޭ އިމީ ތިހިރީ ގަބޫލުކުރަން ދަތިވެފައިކަން، މިއީ އަހަރެމެންގެ ދަރިފުޅު، އަހަރެން ހުރީ ފުރުމުގެ ކުރިން އިމީ ކައިރީ ބުނަންވެގެން، އެކަމަކު އެނގެއެއްނު ކަންތައް ދިމާވިގޮތް، އެފަހުން އިމީ ކަމަކާއި ނުލާ އަހަރެން ދޫކޮށްލުމާއި އިމީ ޖަލަށް ލުމާއި އެހުރިހާ ކަންތައް އެހިނގީ އަހަރެމެންގެ ބަދުނަސީބުކަމުން، އަދި އެންމެ ހައިރާންވީ އިމީގެ މަންމަވެސް މިއީ އިމީގެ ދަރިއެއްކަމަށް ގަބޫލުކުރާކަށްނެތް، ޖިދާން ފާޑެއްގެ ފޮޓޯތަކެއް ދެއްކީޔޯ، އެންމެން ދެކެނީ އަހަންނަކީ ނާސިއެއްގެ ގޮތުގައި، ޚާއްސަކޮށް ޚަލީސީގެ ލޮލާއި އިސްތަށިގަނޑުގެ ކުލަ މިހެން ވާންޖެހުނީ ކީއްވެކަމެއް އެއްގޮތަކަށްވެސް ނޭގޭ، މަންމަމެން ބުނި ހޮސްޕިޓަލުން ދަރިފުޅު އޮޅުވާލީއޭ، އެކަމަކު ޑެލިވަރކޮށްގެން ވަގުތުން ބޭބީދެއްކި. އިމީ ބުނަން މިއުޅެނީ އައި ސްވިއަރ މިއީ އިމީގެ ދަރިފުޅުކަމަށް، އިމީ އެކަން ގަބޫލުކުރަން އަދި ނެތަސް މިއިނޮސެންޓް ކުއްޖާގެ ހިތަށް އަނިޔާއެއް ނުދީ ޕްލީޒް، އަހަރެން ދެކެ ރުޅިއަޔަސް އެކަން ނުދައްކަފާނަންތަ؟ " ސާރާގެ ވާހަކަތަކާއިއެކު އައްމާރުގެ ނިތްކުރީގައި ރޫތައް ގިނަވެލައިފިއެވެ.

"ޔޫ ޝުޑް ހޭވް ޓޯލްޑް މީ....." އައްމާރު ކޮންމެވެސް ވަރަކަށް ދަތްކުނޑި ވިކާލިއެވެ.

"ޕްލީޒް އިމީ...." ސާރާގެ ލޮލުގައި ކަރުނަ ގިނަވެލައިފިއެވެ. އޭރުވެސް ޚަލީސީ ވާނުވާ ނޭގިފައި އައްމާރުގެ އަތަށް ދަމަމުން ދިޔައީ ސަމާލުކަން ހޯދުމަށެވެ. އައްމާރު ގެ އެއްއަތުގައި ޕްލާސްޓަރު އަޅާފައި ހުރުމުން އޭނަގެ އަތް ބިނދިފައި ހުރިކަން ސާރާއަށް އެނގުނެވެ. ސާރާ އައްމާރުގެ އަތުން ދޫކޮށްލިއެވެ. އައްމާރު ކޮންމެގޮތެއް ހެދިޔަސް އިތުރަށް އޭނަ ކުރާނެކަމެއްނެތެވެ. މިއީ އެދެމީހުންގެ ލޯބީގެ ނިޝާނެވެ.

އައްމާރު ކުއްލިއަކަށް ގުދުވެލާފައި ޚަލީސީގެ ކައިރީގައި ކުޑަކަކޫ ޖެއްސިއެވެ. އެތުއްތު އިސްތަށިގަނޑު ހާވާލާފައި މޫނުގައި ބޮސްދިނެވެ. ގެނެސް މޭގައި ޖައްސައިލިއެވެ. އަދި ވަރަށް ލޯބިން ވާހަކަދައްކަންފެށުމުން ސާރާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލިއެވެ. އެތައްސަތޭކަ ޓަނެއްގެ ބުރަދަން ސިކުނޑިން ލުއިވެގެން ދިޔަހެން ހީވިއެވެ. އައްމާރު ހަގީގަތުގައިވެސް ޚަލީސީއަކީ ދަރިފުޅުކަމުގައި ގަބޫލުކުރީހެއްޔެވެ؟ ނޫނީ އޭނަގެ އާދޭހުގެ މަތިން އެކުއްޖާ ދެރަކޮށްނުލާންވެގެން ކުޅެލާ ޑްރާމާއެއް ހެއްޔެވެ؟ އައްމާރު އެއްއަތުން ޚަލީސީ އުފުލާލަމުން އެކި ސުވާލުތައް ކުރަމުން ދިޔައެވެ. ޚަލީސީގެ ތުއްތު ބަހުރުވައާއި އެއްގޮތަށް އައްމާރުވެސް ވާހަކަދެއްކިއެވެ. ކުޑަކުދިންނާއި ވާހަކަދެއްކުމުގެ ހުނަރު ކޮންމެ ކޮންމެ މީހެއްގެ ނުހުންނާނެއެވެ. އައްމާރު ހާދަ މޮޅެވެ. އެންމެ މިނިޓެއްގެ ތެރޭގައި ޚަލީސީގެ ހިތް މުޅިން އަތުލުމުގައި އައްމާރު ކާމިޔާބުކޮށްފިއެވެ.

ސާރާ އެދެބެފައިންނަށް ވަގުތު ދީފައި ނުކުމެލީ ކޮޓަރިން ބޭރަށެވެ. ދަރިފުޅުގެ ދަބަހާއި އެއްޗެހި މައްޗަށް ގެނެސްދިނުމަށް އެދި އޭނަ ކިޔަންއަށް ގުޅިއެވެ. ސިޑިން ތިރިއަށް ފޭބީ ކިޔަންއަށް އެހީވުމުގެ ގަސްތުގައެވެ. އޭނަ ލައިގެން ހުރި އަބާޔާގެ ފަސްބައި ކުޑަކޮށް އުފުލާލައިގެން ސިޑިން ފޭބިއިރު ޝުވޭކާރު ތަންކޮޅެއް ދުރުގައި ފޯނު ކަންފަތުގައި ޖަހާލައިގެން ބަލަން ހުއްޓެވެ. ހީވެސް ނުލިއެވެ. ޝުވޭކާރުގެ މޫނުމަތިން އެވަގުތުވެސް ސާރާއަށް ފެނުނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އޭނަދެކެ އައިސްފައިވާ ރުޅި މަޑުވާނީ ކިހިނެއް ހަދައިގެންހެއްޔެވެ؟ ތިރިއަށް ގޮސްފައި ކިޔަންގެ އިންތިޒާރުގައި ހުއްޓާ ކޮންމެވެސް މީހަކު ކަރުކެހިލިހެން ހީވެގެން ބަލާލައިފިއެވެ. ކާއިއާ ފެނުމުން ސާރާ ކުޑަކޮށް ނުތަނަވަސްވާގޮތްވެފައިވެސް އަވަހަށް ހިނިތުންވެލިއެވެ.

"އައްސަލާމް އަލައިކުމް ކައި، ކިހިނެއްތަ؟ " ސާރާ ވާހަކަދެއްކީ ވަރަށް ރީތިކޮށެވެ. ކާއިއާ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ހަންޑިއެއް ފެނުނަސް މީހަކު އެހާ ބިރުގަންނާނެކަމެއް ނޭގެއެވެ.

"ވަޓް ދަ ހެލް އާރ ޔޫ ޑުއިން ހިއަރ...." ކާއިއާގެ މޫނަށް ރަތްކުލަ އެރިއެވެ. ސާރާގެ ހިތަށް ނުބައިގޮތެއްވިއެވެ. ލަދުން މަރުވާވަރުވިއެވެ. އޭނަ ހީކުރީ އޭނަ މިގެއަށް ގެނައީ ކާއިއާވެސް އެދިގެން ކަމަށެވެ. އޭނަ ފަހަރިއަކަށްވުމުން ކާއިއާގެ ހިތުގައި އޮތްހާ ނަފްރަތެއް ފިލާ ހިތް ސާފުވާނެކަމުގައެވެ. މިވާން އުޅެނީ ކިހިނެއްބާވައެވެ. އެވަގުތަކީ ކިޔަންވެސް ކޮޓަރިން ނުކުމެގެން އައި ވަގުތެވެ.

ކޮމެންޓް 0