އައްމާރު ފާމަސީއަށް ވަދެ ތަދުކަނޑުވާ ބޭސްއުރައެއް ގަނެލައިގެން ނުކުތްތަނާ ކޮންމެވެސް މީހަކު ގޮވާލުމުން އެނބުރި ބަލާލައިފިއެވެ. ޖިދާން ފެނުމުން ފޫހިވިޔަސް އެކަމެއް މޫނުމަތިން ދައްކައެއް ނުލިއެވެ.

"އައްމާރު، ޕްރިންސެއްގެ ގޮތުގައި ޕެލެސްގައި އުޅޭކަން މީހާއަށް ބަލާލީމަވެސް އެނގިއްޖެ. ކިހިނެއްތަ؟ އަޑުއެހިން ސިއްރުން ކައިވެނިކޮށްގެން އައި ވާހަކަ. ފެމިލީ މީހުންނަށް ކަލޭގެ ބެކްގްރައުންޑް އެނގުނީތަ؟ ނޭގެއެއްނު ބައްޕައަކީ ކާކުކަމެއްވެސް ދޯ........" ޖިދާން ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. އެހެންމީހުންނަށް އިއްވުމުގެ ނިޔަތެއް އަދި ނެތީއެވެ. ހަށިފާރަވެރިޔާ ތަންކޮޅެއް ދުރުގައި ހުރިތަން އައްމާރުއަށް ފެނުނެވެ. ޖިދާން ކުރި އަރާ ދިޔަލެއް ހަލުވިކަމުން އެހެން މީހަކަށް ހަމަ ޝައްކެއްވެސް ނުކުރެވެނީހެއްޔެވެ؟ އޭނަގެ ކަޅު ސިއްރުތައް އެނގުމަށްފަހުގައިވެސް މީހުންނަށް އެކަން މުހިއްމެއްނުވިއެވެ. ފައިސާއިން ނުވާނީ ކޮންކަމެއްހެއްޔެވެ؟ ސަނާ މަރާލުމުން އެކަންވެސް އެންމެފަހުން އޭނަގެ ބޮލުން ނެއްޓީއެވެ. ކުރެވުނީ ދޮގު ތުހުމަތެއް ކަމުގައި ކަނޑައެޅީއެވެ.

އައްމާރު އިވޭކަމަށް ހަދާނުލާ ހިނގައިގަތުމުން ޖިދާންވެސް އެކީގައި ކަހަލަ ގޮތަކަށް ހިނގާފައި އައެވެ.

"ބްރޯ ހާދަ ނައްޓާފައޭ. އަދި މާ ނައްޓާނެ އެއްޗެއް އަހަރެންގެ އަތުގައި އެބަހުރި ލިޓްލް ބްރަދަރ. މިހިރީ ސާރާގެ ނޭކެޑް ފޮޓޯތަކާއި ވީޑިއޯތައް. ހަމަ ތެދަށް މިބުނީ، ގަދަކޮށްލާފައި ކާރަށް ނާރާ ދިޔައްޔާ ބޭޒާރުކޮށްލާނަން......." ޖިދާން ކާރުގެ ދޮރު ހުޅުވާލާފައި އަރަން އެދުނެވެ. އެގޮތަށް ބްލެކްމެއިލް ކުރަން ފެށުމުން އައްމާރުއަކަށް ދާކަށް ނުކެރުނެވެ. ސާރާގެ އަބުރާއި އިއްޒަތަށްޓަކާ ކިތަންމެ ބޮޑު ނިކަމެތިކަމެއްވެސް ލިބިގަންނަން އޭނަ މިހިރީ ތައްޔާރަށެވެ.

އައްމާރު ކާރުގެ ކުރީ ސީޓުގައި އިށީންނައިރަށް ޖިދާން އޭނަގެ ފޯނުގައި ހުރި ފޮޓޯތައް ދައްކަން ފެށުމުން އައްމާރު ސިހޭގޮތްވިއެވެ. ޖިދާންގެ އެނދާއި ހަމަޔަށް ސާރާ ދިޔައީ ކީހިނެއްހެއްޔެވެ؟ ޖިދާންއާއި އެކުގައި މިފެންނަނީ ކީއްވެހެއްޔެވެ؟ ސާރާ އާއި ރައިޝާގެ އެކުވެރިކަމުގައި އެކޮޓަރިޔަށް ދިޔަސް މިފަދަ ފޮޓޯތަކެއް ނެގިގެން ނުވާނެއެވެ. ޖިދާން މަޖުބޫރުކޮށްގެން މިހާ ދަށް ފެންވަރުގެ ފޮޓޯތައް ނެގިއިރު ސާރާ އޭނަގެ ކައިރީގައި ނުބުނީ ކީއްވެހެއްޔެވެ؟ ގައިގާ ފޮތިކޮޅެއް ނެތްއިރު ޖިދާންއާއި ދިމާލަށް ބަލަން އެއޮތީ ހާދަ އެހެން ކަހަލަ ގޮތަކަށެވެ. އައްމާރުގެ ހިތަށް ނުބައި އަސަރުތަކެއްކޮށް ބޮލުގައި ރިއްސާލައިފިއެވެ. ހިތް ބިއްލޫރިކޮޅެއްފަދައިން ތެޅިގެން ހިގައްޖެއެވެ. ބިރުވެރި ހުވަފެނަކަށްވާނެނަމައެވެ.

"އެވެސް މަތިން ފޭބެންނެވި އެންޖެލްއެއްނޫނޭ ބްރޯ، އޭނަގެ ޑާކްސައިޑް މިހިރީ ލޮލަށް ފެންނަން، ހަށިގަނޑު ހާމަކޮށްލީ ތިމާގެ ފިރިމީހާގެ ބޭބެއަށް ދޯ. އެވަރު މީހެއްގެ ކޮން ލަދެއް ހަޔާތެއް ހުންނާނީ؟ ފައިސާގެ ދަޅައިގާ ޖެހިގެން އަދި އެކުއްޖާގެ ފަހަތުން އުޅުނަސް ހޭވެރިކަންވީމަ އެނގޭނީ ތިމާއަށް ފުންމައިލެވުނީ ކޮންފަދަ ނުބައި ކަނޑަކަށްކަން. އަދި ރަގަޅު ލަނޑެއް ލިބިގެން ދުރަށް ދާނެ އިނގޭ....." ޖިދާން މަލާމަތުގެ ފާޑަކަށް ހީލިއެވެ.

"ފޮޓޯ އެޑިޓްކުރަން ވަރަށް މޮޅު. ތެންކްސް....." އައްމާރުއަށް ގާތްގަނޑަކަށް ސާރާކަން ޔަގީންވިއިރުވެސް ދުލުން އެއްބަސްވާކަށް އޭނަ ބޭނުމެއްނުވިއެވެ. ދުވާލު މެންދުރު އިރުދައްކާފައި އެއީ ހަނދުކަމުގައި ބުނެ އެބަހުގައި ހިފެހެއްޓުން ކަހަލަ ކަމެއްކަން އަމިއްލައަށްވެސް ގަބޫލުކުރެވުނެވެ.

"ވީޑިއޯވެސް ބަލާލާ......" ޖިދާން ޖެއްސި ތަންކޮޅުން ފެނުނީ ސާރާ ގޮސް އެނދަށް އެރި މަންޒަރެވެ. ފަހަތުން ފެނުނަސް އެރީތި ހަށިގަނޑުގެ ވަނާތައް އޭނައަށް ނޯޅޭނެއެވެ. އޮމާންކަމުގެ ދެވަނައެއްނެތް ބުރަކަށި ހާމަޔަށްވާތަން ފެނިފައި އައްމާރުގެ ހިތަށް ތޫނު ކަށިތަކެއްހެރިގެން ދިޔައެވެ. އެހެން ފިރިހެނަކު އެކުއްޖާގެ ރީތިކަން ދެކެ ހިތް އުފާކުރާތަން ފެނުމުން ހިތަށް ކުރި އަސަރުތައް އެހެން ސިފައެއް ޚިޔާރުކޮށް މުޅި ޖިސްމުގައި އަލިފާން ރޯކުރުވިއެވެ. އަލިފާން އާވިތައް ދެލޮލުން ނުކުތްފަދައެވެ. ކުއްލިއަކަށް އައްމާރުގެ މަޑުމައިތިރިކަމާއި ރީތި އަޚުލާގުތައް އެކީ ނެތިގެން ހިނގައްޖެއެވެ. ޖިދާންގެ ކަރުވަޅުގައި ހިފާ ދަމައިގަތްގޮތަށް އެދެލޯ ކޮނެލަންވެސް އައްމާރުގެ ހިތް އެދުނެވެ.

"ކަލޭކަހަލަ މުޑުދާރު ހިތެއްނެތް މީހެއް ދުވަހަކު ނުދެކެން، ތިމާގެ ކޮއްކޮގެ އަންހެނުންގެ ގަޔަށް އަރައިގަންނަން ހިތަށް އެރިކަމީވެސް ނުލަފާކަމާއި ޖާހިލުކަމުގެ ހެއްކެއް.....ލަދުގަންނަންވީ މަށެއްނޫން، ކަލޭ......." އައްމާރު ދަތްތަކަށް ބާރުލަމުން ވާހަކަދެއްކީ އިހުތިރާމެއް ނެތް ގޮތަކަށެވެ. މިހުރިހާ ދުވަހު އޭނައާއި ދޭތެރޭ އަނިޔާވެރިވީއިރުވެސް އައްމާރު އެހާ ރުޅިން ވާހަކަދައްކާފައެއް ނެތެވެ.

"ކާމް ޑައުން ކާމް ޑައުން......ތިއީ މަގޭ ކޮއްކޮކަމެއް މަށެއް ނުދަންނަން، ކިރިޔާވެސް ގޮތެއް ހުރި މީހަކު ފަހަރީގެ ގަޔަކަށް ނާރާނެ. މަމީ ފަހަރިން ގަޔަށް އަތްލާނެ ވައްތަރެއްނޫނޭ، ނޫޅެމޭ އަންހެނަކު ނުވެގެންނެއް. މަންމަ މަގޭ ކައިރީ އިހަށް ދުވަހު ބުނި ސިއްރެއް އެނގޭތަ؟ ކަލޭ ތިއީ މުސްކުޅި އަންހެނަކު ގެނެސް ހަވާލުކުރި ބައްޕަނެތް ކުއްޖެކޯ މަންމަ ބުނީ. ވާރޭ ވެހުނު ރެއެއްގައި ގެނައި ގޮތަށް ރޮއި ރޮއި އޮތީ ނޫވެފަޔޯ. ބޮލަށް އުދަގޫވެގެން ބޭރަށް ލާފައި އޮވެފައި ހެނދުނު ތެދުވެގެން މާމަ ނުކުމެފައި އެސޮރު ގެއަށް ވެއްދީ. މާމަގެ ސަބަބުން ނޫންނަމަ މަންމަ ކަލެއާއި ހަވާލެއްވެސް ނުވާނެ. މަންމަގެ އަމިއްލަ ދަރިއެއްނަމަ އެހާ ނުބަޔެއް ނުވާނެކަން ޔަގީން، އެހެންވެ މަންމަގެ ވާހަކަތައް އަހަރެން އޭ ޓު ޒެޑް ގަބޫލުކުރިން. މަންމަ ބުނި އެގޮތަށް ދަރިން ވިހާފައި އެއްލާލާނީވެސް ނިކަމެތިންނޭ، މޮޅު މުއްސަދިމީހެއްނަމަ އިންޑިއާ ތަނަކަށްގޮސްފައި ދަރި ވައްޓާލާނީއޯ މަންމަ ބުނީ. ސޯ....." ޖިދާންގެ ދެލޮލުން ފެނުނީ މަލާމާތުގެ އަސަރުތަކެވެ. އައްމާރު ކާރުން ފައިބަމުން ބަންލާފައި ދޮރު ޖެހިއެވެ. އޭރު ޖެހެމުންދިޔަ ވައި ބާރުވެ ވަޔާއިއެކު ބޯ ކޮށް ވާރޭވެސް ވެހެން ފެށިއެވެ. ވިއްސާރަ ތޫފާނެއްގެ ސިފައިވާ ވަށައިގެން ހަމަލާދޭންފެށިހެން ހީވިއެވެ.

"ޔޫ ނޯ ވަޓް؟ އައި ޑޯންޓް ކެއަރ އެނީ މޯ، މިއަދު އުފާކުރަން އަހަންނަށް އަނިޔާކުރި މީހުންނަކީ ލޭގެ ގޮތުން އެއްވެސް ގުޅުމެއްނެތް ބަޔެއްކަން އެނގުނީމަ...." ހިތާހިތުން ޝުކުރުވެރިވިއެވެ. ނަމަވެސް އަމިއްލަ ނަފުސާއިމެދު ހަމްދަރުދީވެސްވިއެވެ. އޭނައަށް އޭނައަކީ ކާކުކަން ނޭގުނުކަމާއިމެދުގައެވެ. އަމިއްލަ އާއިލާއަކީ ކޮބާކަން ނޭގުނީތީއެވެ.

ޖިދާންގެ ފަރާތުން އިވުނު ވާހަކަ އޭނައަށް ގަބޫލުކުރެވުނީ ކީއްވެކަމެއްވެސް ނޭގެއެވެ. މާޒީގެ އެކި ހަނދާންތައް ފިލްމެއްގެ މަންޒަރުހެން ލޮލުގެ ކުރިމަތީގައި ނިއުޅިގެން ދިޔައެވެ. އަބަދާއަބަދުހެން މަންމަމެންގެ ފަރާތުން ލިބުނު އަނިޔާތަކެވެ. ހަނދާން ހުންނަން ފެށީއްސުރެން އޭނަގެ ލޮލުން އޮހުނު ކަރުނަތަކެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު ދުވަހަކު މަންމަގެ ފަރާތުން ލޯބި ލިބުނު ހަނދާނެއްނުވެއެވެ. ހުރިހާވެސް މީހަކީ މާމައެވެ. މާމަ އޭނައަށް މެޓަލެއް ދިންކަން އެނގުނަސް މާމައަށް ބަވާލާނެއެވެ. އައްމާރު ހުންނަން ޖެހެނީ ރޮވިފައެވެ. މާމައަށް އަނިޔާކުރާއިރު އެކަން ހުއްޓުވަން އެކުޑަ ކުޑަ ހިތްތެޅެއެވެ. އެއްފަރާތެއްގައި އެ މަންޒަރު ބަލަން ފެންކަޅިވެފައި ހުންނައިރު މާމައަށް ލިބޭ އަދަބުތައް ހުއްޓުވާނެ އެއްވެސް ގޮތެއްނޭގުނެވެ. މާމަގެ ފަރާތުން މެޓާކަހަލަ އެއްޗެހި ހޯދަން އޭނަ އުޒުރުވެރިވެ މާމައާއި ދުރުވާންފެށިއެވެ. މަންމަގެ ރުހުން ހޯދަން ބައެއްފަހަރު އޭނަ މާމައާއި ދިމާލަށްވެސް ހަޅޭއްލެވިއެވެ. މާމައާއި އޭނައާއި ދޭތެރޭގައި މައްސަލަތައް ޖައްސަން މަންމަ އަބަދުވެސް އިސްކަމެއް ދޭންފެށިއެވެ. މަންމަ އެގޮތަށް ހަދާ ސަބަބެއް އޭރު އެތުއްތު ސިކުނޑިއަކަށް ވިސްނާކަށް ނޭގުނެވެ. މާމައާއި އައްމާރުއަކީ މަންމަގެ ދުޝްމިނުންގެ ލިސްޓުގެ ކުރީގައިވާ މީހުންކަމާއި ހިތުގައި ހަސަދައާއި ނަފްރަތު އޮތްވަރު އޭރަކު ނޭގުނެވެ.

ބޯވާރެޔާއި ތެމިގެން ގެއާއި ހަމަޔަށް އައިއިރު ކާއިއާ ހުރީ އައްމާރުގެ އިންތިޒާރުގައި ފެންޑާގައެވެ. ވާރެޔާއި ތެމިލާހިތުން ހުރިވަރުން ފުންމައިގެންގޮސް އައްމާރުގެ ކޮނޑުގައި އެލިގަތްގޮތަށް ދެފައި ރީއްޗަށް އުނގަނޑުގައި އަޅުވާލިއެވެ.

"ބޭބީ، ވާރޭގެ ތެރޭގައި ސަކަރާތްޖަހާ ކަހަލަ މޫޑެއްގައެއްނޫނޭ މިހިރީ...." އައްމާރު އެއްލި ކަޅިއަކުން ފެނުނީ ޖެހިގެން ހުރި ގޭގެ ބެލްކަނީގައި ޝުވޭކާރު އެމަންޒަރުބަލަން ހުރެފައި ނިވާވިތަނެވެ. އެކަހަލަ ކަމެއް ފެނިލަން އޭނަގެ ހިތެއްނޭދޭނެއެވެ.

"ކިހިނެއްވީތަ؟ އަބަދު އިމީގެ މޫޑަށް ތިވާ ގޮތެއް ބުނެބަލަ ޕްލިޒް. މިހާ ލޯބިވާއިރު ކީއްވެ ދެރަކޮށްލަނީ؟ މިހާ މޫސުން ރީތިއިރު ވާރެޔާއި ތެމެން ބޭނުންނުވާންވީ ކީއްވެތަ؟ އަހަރެން ދެރަކޮށްލީމަ އިމީ އުފާވަނީކަން ޔަގީނޭ. އަހަރެން ހިޔެއްނުކުރަން އެހާވަރުން މަންމަމެން ދޫކޮށްލާފައި އިމީގެ ކައިރިއަށް އައީމަ އިމީ ތިހެން ހަދާނެއޭ......" ކާއިއާގެ ހިތުގައި ޖެހިފައި ވަގުތުން ލޮލަށް ކަރުނަ އައެވެ.

"ވާރެޔާއި ތެމުނީމަ އެކަނިއެއްނޫނެއްނު މަޖާކޮށްލެވޭނީ. ފަޔަށް ތަދުވެގެން އެހާ ވަރަކުން އުޅުނުކުއްޖާ މިހާރު އުޅޭގޮތުން ހީވަނީ ފުއްލާއެއް ފުމޭހެން.. ހިކިގެން އާދޭ، އޭރުން ފައިގާ ބޭސް ލާދޭނަން....." އައްމާރު ޖިންސްގެ ޖީބުން ނެގި ބޭސް އުރަ މޭޒުމަތީގައި ބޭއްވިއެވެ. އޭރު ކާއިއާ ހީކަރުވައިގެން ތުރުތުރުއަޅަންފެށިއެވެ.

"އައި ނީޑް އެ ހަގް......" ކާއިއާ އެދުނެވެ.

"ހޫނު ފެނުން ފެންވަރާލީމަ ހޫނުވާނެ. އެނީވޭސް އޯކޭ......" އައްމާރު މޫޑު ޚަރާބުވެފައި ހުރެވެސް ކާއިއާ ގެނެސް މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ. އެވަރުގަދަ ދެއަތުގެތެރޭގައި ހައްޔަރުވުމުން ލިބުނު ހޫނުކަމުން ހީފިލުމުގެ އިތުރުން އެކުރެވުނު އިހުސާސްތަކުން ދެލޯ މަރައިލެވުނެވެ. ވާރޭގެ ތާޒާ މީރުވަހުން ކާއިއާގެ ހިއްސުތަކަށް ފޮނި އަސަރުތަކެއްކުރިއެވެ. އެކަނި ބައްދާލައިގެން ހުރެވުނަސް އެއީ ކާއިއާ ދެކޭގޮތުން ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. އުފާވެރި ހޯމޯންތައް އުފައްދާދޭނެކަން ޔަގީނެވެ. ދެމީހުން އެހެން އުޅެލާފައި ކޫސަނި ކުދި އަރައިރުންތައް ވަމުންގޮސް އެންމެފަހުން ހިކިލައިގެން ކޮޓްން ހެދުންތައް ލައިގެން ގޮސް ސޯފާތަކުގައި ޖައްސައިލިއެވެ. އައްމާރުގެ އުނގުގައި ކާއިއާގެ ދޮންފައި ބޭއްވުމުން އައްމާރު ޓައިޓް ކުޑަކޮށް މައްޗަށް އަރުވާލާފައި ބޭހުން މަސާޖުކުރަންފެށިއެވެ. އެއަތުގެ އިނގިލިތަކަކީވެސް ސިހުރެކެވެ. އެބާރުގަދަ އަތުން އުގުޅާލާގޮތުން ފަޔަށް އެހާ އަރާމުވިއެވެ. އެހާ އަވަހަށް ތަދުކަނޑުވާލާކަށްވެސް ކާއިއާ ނޭދެއެވެ. އެގޮތަށް އައްމާރު އަބަދު މަސާޖުކޮށްލަ ދޭނެނަމައެވެ.

"ކަންނެތް ކުއްޖާ ނިދީތަ؟ "ކާއިއާ މާ މަޑުން އޮތްތަން ފެނިފާ އައްމާރު ބަނޑުގައި އަތް ޖައްސާލާއިރަށް ހަޅޭއްލަވަމުން ހެމުން ތެދުވެއްޖެއެވެ. އަދި ތެދުވެ އައްމާރުގެ ގައިގާ ދެއަތުން ތަޅައިގަތީ ސަމާސާއަކަށް ހަދާފައި ލޯބިންނެވެ. މަޣުރިބުނަމާދުގެ ބަންގީގެ އަޑު ދުރުން އިވެންފެށުމުން އައްމާރު އެދުނީ ނަމާދަށް ދާށެވެ.

"އައިމް ފްރީކިން ލޭޒީ...." ކާއިއާ ކަންނެތްވިއެވެ.

"ނަމާދު ނުކުރާ ކުއްޖަކާ އެއްވެސް ގުޅުމެއް ނުބޭއްވޭނެ. ނިދާނީވެސް ބިންމަތީގައި....." އައްމާރު ސީރިޔަސްވެލިއެވެ.

"އެހެން ބުންޏަސް ކައި ޕްރޭ ކުރާނެއްނު، ގޯޑްގެ ފަރާތުން އެހާ ބޮޑު ބްލެސިންއެއް ލިބުނީމަ އައި ޝުޑް ބީ ތޭންކްފުލް އެއްނު ހަނީ. އަދި މި ވާހަކައެއްނޫނޭ، މަންމަ އެބައޮތް މިރޭ ޑިނަރއަށް އިންވައިޓްކޮށްފަވެސް. ވާރޭވެހުނަސް ކޯޓުލައިގެންވެސް އަންނަންވާނެޔޯ....." ކާއިއާ ކުއްލިއަކަށް ހަނދާންވިކަހަލަ ގޮތަކަށް ބުނެލަމުން ހީލިއެވެ.

"ސޮރީ ކައި، އައިމް ނޮޓް ގޮއިން..." އައްމާރު ވަގުތުން އެގެއަށް ދާން ދެކޮޅުހެދިއެވެ.

"ކީއްވެތަ؟ ޕްލީޒް، ޕްލީޒް. މިރެއަށް އެހެންވެ އެއްޗެއް ނުވެސް ގެންނަން. އޯޑަރުވެސް ނުދެން..މަންމަ އެހާ ރުޅިއައީ ސާރާއާއި އިމީ މެރީކުރިކަން އެނގުނީމަ، މަންމައަކަށް ނޭގޭނެއްނު ކައި އެކަމަށް ހުއްދަދީގެން ކަން ސާރާއާއި މެރީކުރީ، ކައި ހުރިހާ ވާހަކައެއް ކިޔައިދިނީމަ މަންމަ ކިހާ އޯކޭވެފައި ހުރީ، އެހެންވެ މާފަށް އެދެންވެގެންނޭ ޑިނަރއަށް އިންވައިޓް އެކުރީވެސް. އެންމެންވެސް އިމީދެކެ ލޯބިއޭ........."ކާއިއާ އުއްމީދުން ފުރިގެންވާ ގޮތަކަށް ބުނެލަމުން އައްމާރުގެ މޫނުގައި ފިރުމައިލިއެވެ. އެކިގޮގޮތަށް ކާއިއާ ވާހަކަދައްކައިގެންވެސް އައްމާރު ދާކަށް އެއްބަސްނުވިއެވެ. ނުކައި ބަނޑަށް ހުންނަން ޖެހުނަސް އެގެއިން ކާކަށް އައްމާރުގެ ހިތެއްނުރުހެއެވެ. އެމީހުން ގޮވާލި އެއްޗެހި ކާއިއާއަށް އިވުނުނަމަ ކާއިއާއަށްވެސް އެކަން ދޭހަވާނެއެވެ. އޭނަ ނުދިޔަ ސަބަބު ގަބޫލުކުރެވޭނެއެވެ. މަގުބޫލު އުޒުރެއް އޮތްކަން އެނގޭނެއެވެ.

އައްމާރު ނުރުހުނުކަން އެނގުމުން ކާއިއާގެ ސިކުނޑި ސުމަކަށް ދިޔައެވެ. އެންމެފަހުން އޭނަ އުޅުނީ ބެލްކަނިން ފުންމާލާށެވެ. އައްމާރު ފަހަތުންގޮސް މެދުހަށީގައި ބައްދައިގަތްގޮތަށް ދޫކޮށެއްނުލާ މާފަށް އެދުނެވެ. ކާއިއާ ކިތަންމެ ޅަކޮށް މޮޔަކޮށް އުޅުނަސް ކާއިއާދެކެ ހިތާއި ފުރާނައިން އޭނަ ލޯބިވެއެވެ. ކާއިއާގެ ފުރާނައަށް ނުރައްކަލެއްވާކަށް އޭނަގެ ހިތާއި ހަށިވެސް ނުރުހޭނެއެވެ. އައްމާރުއަށް މަޖުބޫރުވީ ކާއިއާއަށްޓަކާ ދުޝްމިނުންނާއި ކުރިމަތިލުމަށެވެ.

އެރޭގެ ކެއުން އޮތީ ވަރަށް ގަދަޔަށެވެ. އެކަމަކު ފައިސަލް އަދި ޝުވޭކާރުވެސް އެހެން ދުވަހާއި ބަލާއިރު ބަސްމަދެވެ. ސީދާކޮށް އައްމާރުއާއި ވާހަކަދައްކާކަށްވެސް ނޫޅުނެވެ. އައްމާރުގެ ސީރިޔަސްކަމާއި ބީރައްޓެހިކަން އެހެން މީހުންނަށް އިހުސާސްކޮށްދޭން އޭނަ މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. މިހާރުއްސުރެން ޝުވޭކާރުމެން ލަދުގަންނަން ޖެހިއްޖެއެވެ. އެދޭތެރޭގައިވާ ފިނިކަން ނައްތާލަން ކިޔަންއާއި ކާއިއާ މަސައްކަތް ކުރިއެވެ. ނަމަވެސް އެދެބެން ޖެހި ސަކަރާތަކަށްވެސް އެހެން މީހުންގެ ހިމޭންކަން ކަނޑުވައެއް ނުލެވުނެވެ. އެނުތަނަވަސްކަން ކެއުން ނިމެންދެން ދެމިގެން ދިޔައެވެ.

ގެއަށް ދިޔައިރު ވާރޭ ތުނިކޮށްލައިފިއެވެ. ވެފައިވާ ވަރުބަލިކަމެއްގެ ބޮޑުކަމުން މާގިނައިރުތަކެއް ނުވެ ކާއިއާއަށް ނިދުނަސް އައްމާރު އޮތީ ހޭލައެވެ. ކޮޓަރީގެ އިޝްގީކަން އިތުރުކުރުވަން ކާއިއާ ރޯކޮށްލި އުއްބައްތިތަކަށް ބަލަން އޮތްއިރު ހަނދާނުގައި ސިފަވަނީ ސާރާއެވެ. ސާރާ އޭނައާއި ހެދި އުޅުނުވަރެވެ. އެ ރީތިކަމެވެ. އެހިނިތުންވުންތަކެވެ. އޭނައަށް އޮޅުވާލަންވެގެން ޖިދާން ފޮޓޯތަކަކާއި ވީޑިއޯތަކެއް އެޑިޓްކުރީކަމުގައި އޭނަ ނިންމިއެވެ. މިޒަމާނުގައި ނުވާނީ ކޮންކަމެއް ހެއްޔެވެ؟ އޭނަގެ ހިތާމައަކީ އެއީއެއްނޫނެވެ. ސާރާފަދަ އަންހެންކުއްޖަކަށްވެސް ދެރަގޮތްގޮތް ދިމާވަނީ އޭނަގެ ސުންޕާކަމުންނެވެ. އޭނަފަދަ ބަދުނަސީބުމީހެއްގެ ހިޔަނި އެކުއްޖާގެ ހަޔާތަށް އެޅި މުޅިން ބަރުބާދުވެގެން ދިޔުމުގެ ކުރިން ދުރުވެލާން ލިބުނު ފުރުސަތެއް ނޫންހެއްޔެވެ؟ ސާރާ އޭނަ ބޭވަފާތެރިވީކަމަށް ހީކޮށް ދުވަސްކޮޅަކަށް ހިތާމަކުރިޔަސް ހިތް ބަދަލުވެދާނެއެވެ. ސާރާގެ މައިންބަފައިން މާ ރަގަޅު ބައިވެރިޔަކު ހޯދަދީފާނެއެވެ. އޭނަފަދަ ޢާއިލާ ކަށަވަރުނުވާ މީހަކާއެކު ދިރިއުޅުން ބޭކާރުކޮށްލަން ޖެއްސުމަކީ ސާރާއަށް ދެވޭ އަނިޔާއެއް ނޫންކަމުގައި ނުވާނެއެވެ.

އައްމާރުމެން އުޅޭ ކޮޓަރީގެ ދޮރު ހުޅުވާލާފައި ހުރުމުން ކިޔަން އެތެރެއަށް ވަނެވެ. ގޭތެރެވަނީ އިންތިހާއަށް ހިމޭންކޮށެވެ. އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ކިޔަން ޓީވީ ރެކްމަތީގައި ހުރި ފޮޓޯތަކަށް ބަލަމުން ގޮސް ލޮލުގައި އަޅައިގަތީ އޭނައާއި ކާއިއާ އަދި އައްމާރު އެކީގައި ނަގާފައި ހުރި ސެލްފީއެވެ. ތަސްވީރަކަށް ހަދާފައި ފްރޭމަކަށްލާފައިވާއިރު އެފޮޓޯގެ ރީތިކަން ފާޅުވާން ހުއްޓެވެ. ކިޔަން އެފޮޓޯއަށް ބަލަންހުރީ ވިސްނުންތެރިކަމާއިއެކުގައެވެ. ތިންމީހުންވެސް ތިބީ އެއްވަރަކަށް ހީލައިގެންނެވެ. ކޯތާފަތުން އަޑިކޮޅު ފާޅުވާން ހުއްޓެވެ. ތިންމީހުނަށް ލިބިފައިވާ އެއްގޮތް ސިފައަކީ އެއީއެވެ.

މާމަ ފާޚާނާތެރެއަށް ކައްސާލައިގެން ވެއްޓުނުއިރު ސާރާ ހުރީ ޑިއުޓީއަށް ގޮސްފައެވެ. ސާރާ ހާސްވެދާނެތީ ރައިޝާ މާމަ ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔައިރު އަންގައެއްނުލިއެވެ. އޮޕަރޭޝަން ޑޮކްޓަރަށް ދައްކަން ނަމްބަރެއް ނަގައިގެން އިންތާ މާ ގިނައިރެއްނުވެ ނަމްބަރުޖެހިގެން އޭނަ މާމަ ގޮވައިގެން އެތެރެއަށް ވަނެވެ. ޑޮކްޓަރު ޝުވޭކާރަކީ ރީތި އަންހެނެކެވެ. ކުޑަކޮށް މޭކަޕްކޮށްލާފައިވާއިރު މީހާގެ ޝަޚުސިއްޔަތު ވަރުގަދަވެފައި ސީރިޔަސްގޮތެއް ހުއްޓެވެ. ނަމަވެސް ބަލިމީހާއާއި ދިމާލަށް އެނބުރި ހިނިތުންވުމަކާއިއެކު ފެނިގެން ދިޔައީ މުޅިން އެހެން ފަރާތެކެވެ.

ރައިޝާ ހުރިހާކަމެއް ފާހަގަކުރިއެވެ. މާމައަށް ވީ އަނިޔާތައް އޮޅުން ފިލުވާ ބަލަމުން ދިޔައިރު މާމަވެސް ކުޑަކޮށް ވާހަކަދެއްކިއެވެ. ދެލޮލުން ކަރުނަ އަންނަގޮތްވިއެވެ. މާމަ ބުނާގޮތުން މާމަގެ ފިރިހެން ދަރިފުޅު ނުފެނި ގިނަދުވަސްވާން ފެށުމުން އެކަމާއި އަސަރުކޮށް މާ ބޮޑަށް ވިސްނެނީއެވެ. އަނިޔާ ވީވެސް ބަލާނުލާ އުޅެން ހަދައިގެންނެވެ. ފިރިހެންކުއްޖާގެ ވާހަކަދައްކަމުންގޮސް އެކުއްޖާއަކީ މާމަކުއްޖެއް ކަމަށާއި މަންމަ ދަރިފުޅާއިމެދު ކަންތައް ކުރިގޮތް އިހާނެތިކަމުން ހިތަށް އެރިޔަސް ލޮލުން ކަރުނަ އަންނަކަމުގައި ބުނެލިއެވެ. ބަނޑުހައިވެގެން ފަހަތުން އާދޭސްކުރަމުން ދާއިރު ކާއެތިކޮޅެއް ނުދޭނެއެވެ. ނިންދަވާނީ ހަރު ބިންމަތީގައެވެ. އަނިޔާކުރުމުގެ ހައްދެއްނުހުރެއެވެ.

"އައްމާރުގެ އަންހެނުން ސާރާއާއި މި ދަރިފުޅުގެ އެހީތެރިކަމުން މިއުޅެވެނީ، އެކުދިންނަށް ބުރައަކަށްވެގެން ދުނިޔޭގައި ހުންނަ ހިތެއްވެސް ނުވޭ......." މާމަގެ ލޮލުގައި ކަރުނަތިކިތައް ވިދަންފެށިތަން ފެނިފައި ޝުވޭކާރަށް އަސަރުކުރިއެވެ. އަމިއްލަ މަންމަމަތިން ހަނދާންއާވިއެވެ. އަދި އައްމާރުއާއިމެދު ވިސްނާލަން މަޖުބޫރުވިއެވެ. އަނިޔާވެރި މަންމައިން ދުނިޔޭގައި އުޅޭކަން އޭނަދަނެއެވެ. އޭނަވެސް ހިމެނެނީ އެ ގިންތީގައެވެ. އައްމާރުއެކޭ އޭނަ އެއއްލާލި ދަރިފުޅެކޭ ވަކި ތަފާތެއްވާނެހެއްޔެވެ؟ އެކުއްޖާވެސް އުޅޭނީ އެފަދަ ހާލެއްގައި ނޫންކަމެއް ނޭގެއެވެ. މާމަގެ ވާހަކަތަކުން ހައްތަހާ ބޮޑަށް މާޒީއާއިމެދު ވިސްނެންފެށުނެވެ.

ކާރުގައި ގެއަށް ވަންނަން ދިޔައިރު އައްމާރު ފާރަށް ލެނގިލައިގެން ސިގްރެޓެއް ބޯން ހުރި މަންޒަރު ފެނިފައި ޝުވޭކާރުގެ ހިތް ހަމްދަރުދީން ފުރުނެވެ. ލޯތްބާއި އަޅައިލުމަކީ ކޮބާކަންނޭގި ހުރެ ބޮޑުވެފައިވާ ޒުވާނަކާއި ދޭތެރޭގައި އޭނަވެސް އަމަލުކޮށްފައިވަނީ ނިކަމެތިކަމުން ފުރިފައިވާ ގޮތަކަށެވެ. ވަގަށްވެސް ގޮވީއެވެ. ހިތުގައިވާ ކެކުޅުމާއި ނުތަނަވަސްކަން ފެށިފައިވަނީ ނުވިސްނާ ކުރާ އަމަލުތަކުންނާއި ބުނެލެވޭ ބަސްތަކުންނެވެ. އޭނަގެ ޟަމީރު ގޮވަމުން ދިޔައީ މާފަށް އެދުމަށެވެ. އެކިޔުނު އެއްޗެހި އަނބުރާ ގެނައުމަށެވެ. ރަގަޅަށް ވިސްނާލިއިރު އައްމާރުގެ އަތުގައި އަޅާފައި އޮތް ގަޑިވެސް ނެތެވެ.

"އެހިތަށް އަނިޔާއެއް ދެވިއްޖެ. އެހެންވެކަން ނޭގޭ އަބަދާއަބަދު ފިކުރުގެ އޮއިވަރެއްގައި މިހުރެވެނީ، އެކަމަކު އައްމާރުގެ ކުށްވެސް އެބައޮތް. ކުށެއްނުކުރާ އިންސާނެއްނުވެސް ވާނެ. ހަތަރުއަނބިންނާއިގެން އުޅުނަސް އަހަރެމެންގެ އަންހެން ދަރިފުޅު އުފަލުގައި ބަހައްޓާއިރު ކުރާނީ ވަކި ކޮން ޝަކުވާއެއްތަ؟ އަހަރެން ޖެހޭނީ މާފަށް އެދެން. ހިތްހެޔޮކުރުވަން ކޮންމެފަދަ ކަމެއްކުރަން ޖެހުނަސް މިހުރީ ތާއްޔާރަށް. ކީއްވެބާ މިހާވަރަށް އެ ފިރިހެންކުއްޖާއާއި ދޭތެރޭގައި ވިސްނެނީ؟ މިވަރަށް ހިތަށް އުދަގޫވަނީ ކީއްވެތަ؟ މަގޭ ލޮލުން ކަރުނަވެސް އެބައާދޭ. އެއީ ކީއްވެތަ؟ މަންމައަކު ދަރިއަކާއި ދޭތެރޭ ގޯސްކޮށް ކަންތައްކުރި ޚަބަރު އިވުނީ އަލަކަށްނޫން، އެކަމަކު ހާދަ އަސަރެއްކޮށްފިއޭ. އެމާމައާއި ދޭތެރޭގައިވެސް ވިސްނަން މަޖުބޫރުކުރުވައިފި.. އަހަރެން މާމައަށް ޔަގީންކަން ދިނީ ދަރިފުޅާއި ވަރަށް އަވަހަށް ބައްދަލުވާނެކަމަށް. މާމަ މިގެއަށް ގެނެސް އައްމާރުއާއި ބައްދަލުކުރުވަންވީކަން ނޭގޭ......އޭރުންކަން ނޭގޭ މި ހިތަށް ކިރިޔާވެސް ފިނިކަމެއްލިބޭނީ. އަހަންނަށް ވެގެން މިއުޅެނީ ކީއްތަ؟ އައިމް ނޮޓް މައިސެލްފް ދީސް ޑޭސް........" ޝުވޭކާރު ފުން ފުން ނޭވާތަކެއް ލިޔަސް ހާސްކަމެއް ނުފިލިއެވެ.

އައްމާރު ސިގްރެޓަކަށްފަހު ސިގްރެޓެއް ހުލިކުރަމުން ދަނިކޮށް ކޮންމެވެސް މީހަކު އައި ބާރުމިނުގައި ސިގެރްޓް އެމީހެއްގެ މުށުތެރޭގައި ލިތަން ފެނުނެވެ.

ކޮމެންޓް 0