އައްމާރު ރެސްޓޯރެންޓަކަށްވަދެ ކަޅު ކޮފީއެއް ބޮއިގެން ނުކުތެވެ. މަގުމަތި ހަލަބޮލިކަމުން ހިނގާލާފައި ދެވޭވަރެއްނޫނެވެ. އެހެންލާފައި ދިޔަ އަންހެންކުދިންގެ ފަރި ނަޒަރު އައްމާރުއަށް ހުއްޓުނުވަރުން ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. އެހާވަރަށް ބަލަން އޭނައަކީ އަންހެނެއް ހެއްޔެވެ؟ އަންހެންކުދިން އެހާވަރުން އުޅޭވަރުގެ މީހެއް ހެއްޔެވެ؟ އޭނަގެ ބަދުނަސީބުކަމުން އޭނަގެ ދުނިޔެއަށް އަންނަ އަންހެންކުދިންނަށް ވާގޮތް އެނގޭނެނަމަ އެކުދިން އޭނައާއި ވީފަރާތަށް ބަލާވެސް ނުލާނެއެވެ. އައްމާރު ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ޓްރެފިކް ލައިޓް ފެހިވަންދެން ހުރަސްނުކުރަން މަޑުކޮށްލިތަނާ އަނެއް ފަޅީގައި ހުރި ފިހާރައިން ނުކުމެގެން ހިނގައިގަތް އަންހެންކުއްޖާ ފެނިފައި އެހެން ހުރިހާ ކަމެއް ހަނދާން ނެތުނެވެ. އެއީ ސާރާއެވެ. އޭނަގެ ސާރާއެވެ. ދުވެލާފައި ކަހަލަ ގޮތަކަށް އައްމާރު ގޮސް އެކުއްޖާގެ ކޮނޑުގައި ހިފަމުން އޭނައާއި ދިމާލަށް އަނބުރުވާލައިފިއެވެ.
"ސާރާ....." އައްމާރު ގޮވާލިއެވެ. އެހެން ގޮވާލެވުނުއިރުވެސް އެއީ ސާރާ ނޫންކަން ޔަގީންވެފައި އައްމާރު ދެރަވިއެވެ. ވަގުތުން މާފަށް އެދުނެވެ. ފަހަތުންނާއި އެއް އަރިމަތިން ފެނުނުއިރުވެސް ސާރާއާއި ވައްތަރުކަމުން އޮޅުނީއެވެ.
"އިޓްސް އޯކޭ...." އެކުއްޖާ އައްމާރުއަށް ބަލާފައި އުއްކޮޅެއްހެން ހިތް ވިރިއްޖެއެވެ. ކޮންފަދަ އަސަރުން ފުރިފައިވާ މޫނެއްހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އެ ޒުވާނާ އެގޮވާލި ސާރާއަކީ ނަސީބުވެރިއެކެވެ.
ޝެހެނާޒް ކުރު ޗުއްޓީއަކަށް މާލެ އައުމަށްފަހު ޝުވޭކާރުއާއިއެކު އެތަންމިތަނުން ފެންނަންފެށިއެވެ. ދަރިންގެ މައްސަލާގައި ޚިޔާލުތަފާތުވިޔަސް ދެމީހުންގެ އެކުވެރިކަމާއި ގާތްކަމަށް ބުރުލެއް އެރިޔަނުދިނެވެ. ޝެހެނާޒްގެ ދަރިފުޅު ސާރާ ކިޔަވަން އޮސްޓްރޭލިއާއަށް ދިޔަކަން އެނގުމުން ޝެހެނާޒް ހުރީ ނިކަން އުފަލުންނެވެ. އައްމާރުއާއި ދެމީހުން ވަކިވެ އެހެން ދިރިއުޅުމެއް ފެށުމަށް އެދި ހިތާހިތުން ދުޢާކުރާތާ ކޮންދުވަހެއް ހެއްޔެވެ؟ ވަކިވުމުގެ މަލަމަތި ފެންނަން ފެށީކަންނޭގެއެވެ.
ޝުވޭކާރުގެ ދައުވަތަކަށް ވިލިމާލެއަށް ޝެހެނާޒްއައުމުން ޝުވޭކާރުގެ މަރުވެފައިވާ ހިތަށް ކުޑަ ދިރުމެއްލިބުނެވެ. ދެމީހުން ވާހަކަދައްކަމުންގޮސް މަޑުކޮށްލީ ނަބީލާވިލާގެ ކައިރީގައި އޮންނަ ގަސްތަކުން ހިޔާދީފައިވާ ހިސާބުގެ ބެންޗެއްގައެވެ. ތަންކޮޅެއް ދުރުގައި ކުދިވެރިންތަކެއް ބޯޅަކުޅެން ތިބިތަން ފެނުނެވެ. ދެކެވެމުންދިޔަ ވާހަކައިގާ ޝެހެނާޒްވެސް އޭނަގެ ކުޑައިރު ޝުވޭކާރަށް ފޮރުވާފައިވާ ބައެއް ސިއްރުތައް ހާމަކުރަންފެށިއެވެ. އެއްއިރެއްގައި އޭނަގެ ހިތްވެސް ފައިސަލްއަށް ދެވުނުކަމަށް ބުނުމުން ޝުވޭކާރު ދެލޯ ބޮޑުކޮށްގެން ޝޮކެއްގައި ކަހަލަ ގޮތަކަށް އިނދެފައި ޕަކަޕަކަ އަޅާފައި ހޭންފެށުމުން މާހައުލުގައި ވި ނުތަނަވަސްކަން ފިލައިގެން ދިޔައެވެ.
"އަނެއްކާ ނުބުނައްޗޭ ސާރާއަކީ ފައިސަލްގެ ދަރިއެކޭ، ދެމީހުން އެފެއަރއެއްވެސް ހިންގިއޭ....." ޝުވޭކާރު ކުއްލިއަކަށް ހުނުންގަނޑު މަތަކުރަމުން ވާހަކަދެއްކިއެވެ.
"ނޫނޭ، ދެން އެހާ ދަށް ފެންވަރަކަށް ނުވެއްޓޭނެއްނު، އެކަމަކު އެއްދުވަހު އޭނަ އަހަންނާއި ކިސްކުރި......." ޝެހެނާޒް ހާމަކުރި ސިއްރަކުން ޝުވޭކާރުގެ ހިތް އިރުކޮޅަކަށް ޝެހެނާޒަށްޓަކާއި ހަސަދައާއި ރުޅިވެރިކަމުން ފޯވިއެވެ. ނަމަވެސް އެއީ މާޒީއެވެ. ފައިސަލްއަކީ ރީތިމީހަކަށްވުމުން އެފަދަ ކިތަންމެ ކަންތައް އޭރު ހިންގާފައިވާނެއެވެ. އެކުވެރިއަކަށްވެ ހުރެ ޝެހެނާޒް އެފަދަ ގުޅުމެއް ބޭއްވިކަން ދެރައެވެ. ނަމަވެސް އޭނަ މާފުދޭނެއެވެ.
"ފޮގިވެން، އަހަރެން މިއީ ކިހާ މާތްމީހެކޭ މިހާރު ޝެހޭ ހިތަށް އަރާނެ، އެކަމަކު އަހަރެން އެބައޮތް ވަރަށް ބޮޑު ސިއްރެއް ބުނަންވެފައި. އެވާހަކަ ނުބުނެ ދެން ހުންނަން ވެއްޖެއްޔާ އަހަރެންގެ ސިކުނޑި ފަޅައިގެން ގޮސްދާނެ......" ޝުވޭކާރު ގަސްތުކުރީ އައްމާރުގެ ސިއްރު ޝުވޭކާރަށް ހާމަކުރުމަށެވެ. އޭރުން ޝެހެނާޒްގެ ލަފާވެސް ހޯދިދާނެއެވެ. އައްމާރުއަކީ ޝުވޭކާރާއި ފައިސަލްފެ ދަރިއެއްކަން އެނގުމުން ޝެހެނާޒްވެސް އިނީ ގަނޑުވެފައެވެ. ޝުވޭކާރުގެ އަތްތިލައަށް ބާރުކޮށްލެވުނުގޮތަށް އަނގައިންވެސް ނުބުނެވިފައި އޭނަ އިނެވެ. ވީއިރު ސާރާ ކައިވެނިކުރީ އެނުލަފާ ނުބައި އާއިލާއެއްގެ ދަރިއަކާއެއް ނޫނެވެ. ހެއްދެވި ފަރާތަށް ޝުކުރު ހުއްޓެވެ. ނަމަވެސް ދެރައީ އައްމާރުއަކީ ފާފައިގެ ނިޝާނަކަށް ވީކަމެވެ. ކައިވެނިން ބޭރުގައި ފައިސަލްއާއި ޝުވޭކާރު ހިންގި ގުޅުމުގެ ނަތީޖާއެވެ.
ޝޫވޭކާރުގެ ދެލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތް މަތިން ދަތުރުކުރަން ފެށިއިރުވެސް އޭނަ އިނީ ނަބީލާވިލާގެ ބެލްކަންޏާއި ދިމާލަށް ބަލާށެވެ. އެކުރި ފާފައިގެ ސަބަބުން އޭނަގެ ދެދަރިންވަނީ އޭނައަށް ގެއްލިގެން ގޮސްފައެވެ. އައްމާރު ނޫނީ ކާއިއާ އެގެއިން ފެނުމުގެ އުއްމީދުގައި އޭނަ އެގެއާއި ދިމާލަށް ބަލައިލާ އަދަދެއްވެސް ނޭގެއެވެ. އެދެކުދިން ކުރެ ކުއްޖެއްގެ ހިޔަނިވެސް އެގެއިން ނުފެންނަނީ ކީއްވެހެއްޔެވެ؟ ދުވަހަކު އެނބުރި ނާންނާނީބާވައެވެ.
"އެންމެ ރަގަޅުވާނީ ފަންޑިތައެއް ހެއްދުން، އަހަރެމެންގެ ރަށުގައި ހުންނާނެ އިބްރާހިމްބެ ކިޔާ ވަރަށް މޮޅު މީހެއް. އައްމާރުއާއި ކާއިއާއަށް ތަށި ލިޔެފައި ދިނީމަ އެދެކުދިން އެކަކު އަނެކަކަށް ހިތް ކެނޑި ހަމަޔަކަށް އެޅިދާނެ. އޭރުން ޝުވޭއަށް އައްމާރުގެ މާފުވެސް ލިބިދާނެ......" ޝެހެނާޒް ރަގަޅު ޚިޔާލެއް ދިނުމުން ޝުވޭކާރުގެ ދެލޯ ވިދާލިއެވެ.
"ޔަގީންތަ؟ " ޝުވޭކާރު ކޯތާފަތް ފޮހެލިއެވެ.
"ކާއިއާވެސް މަންމަމެން ދެކެ ރުޅިއައިގެން ގެއިން ފިލަން ޖެހުނީ އައްމާރުދެކެ އެވާ ލޯބީގެ ސަބަބުންތާ، އެކަން ހިތުން ފިލީމާ ކާއިއާވެސް އެނބުރި އައިސްދާނެ..." ޝެހެނާޒް ބުނެލިއެވެ.
"ދެރަވޭ މިވާހަކަ ބުނަން، ސާރާ ރަގަޅުކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތު ކޮށްފައި ހުއްޓަސް އޭނައާއި ޖިދާންގެ ގުޅުމެއް އޮވޭ، އޭނަގެ އަތުގައި ވީޑިއޯވެސް ހުރި، އެހެންވެ އައްމާރު ސާރާއާއި ދުރުވީކަމަށް ލަފާކުރެވޭ، މިހާރު އެންމެ ރަގަޅުގޮތަކީ އައްމާރުވެސް ސާރާވެސް އެހެން ބައިވެރިން ހޯދުން، ކީކޭ ޝެހޭ ބުނަނީ؟ " ޝުވޭކާރު ހިތުގައިވާ އެއްޗެއް ބުނެލާކަށް ފަހެއް ނުޖެހުނެވެ. އޭނަވެސް ސާރާއާއި ނުގަބޫލުކަން ނުސީދާކޮށް ހާމަކޮށްދިނީއެވެ.
"ގުޑް އައިޑިއާއެއް....." ޝެހެނާޒް ޝުވޭކާރުގެ ގައިގާ ކުޑަކޮށް ބައްދާލަމުން ހީލިއެވެ.
"މިވީގޮތުން އަހަރެން ޖެހޭނެ ސާރާއަށް މާފުދޭން، އޭނަ އުޅޭ ހާލުވެސް ބަލައިލަން ބޭނުން، އެ ނުލަފާ އަންހެނާގެ ދަރިއަކާއި އިނީމަ އަހަރެމެންގެ ލައިފުން ސާރާ ބޭރުކޮށްލީ، ދެން އެދުވަސް މާޒީއާއިއެކުވެގެން ދިޔައީ، ވަރަށް އުފާވެއްޖެ ޝުވޭ އަހަންނަށް ހަގީގަތް ކިޔާދިނީމަ، އެހެންނޫންނަމަ މުޅި އުމުރަށް އަހަރެމެންގެ ސާރާވެސް އަހަރެމެންނާއި ވަކިވެ ދުރުގައި އުޅޭނީ، ސިއްރުތައް ހާމަކުރުމުން ބައެއްފަހަރު ދިރިއުޅުމަށް ހާދަ ބޮޑު ޗޭންޖެއް އާދެއޭ ދޯ. ވަރަށް ވަރަށް އުފާވެއްޖެ......" ޝެހެނާޒް އުފަލުން ގޮސް މޫނުވެސް ރަތްވެލައިފިއެވެ. ފިރިމީހާގެ ކައިރީ އެވާހަކަ ބުނަންވެސް ޝުވޭކާރު ހުއްދަދިނެވެ. ސާރާއަށް އެދެމަފިރިންގެ ގެއިން ޖާގަ ލިބި އެންމެނަށް އުފަލުގައި އުޅެވޭނީ އޭރުންނެވެ.
ފުލުހުން އެގެއަށް ވަދެ މުޅި ގެ ފާސްކޮށް ޖަމީލު ސިހުރު ހަދަން ބޭނުން ކުރާ ސާމާނު ގެންގޮސް ޖަމީލު ހައްޔަރުކުރިތަން ފެނިފައި ނަބީލާގެ ދެލޯ މުދުނަށް އެރިއެވެ. ރުޅިގަދަވެގެން އެމީހުންނާއި ދިމާލަށް ދުލަށް އައިހާ އެއްޗެއް ގޮވާލިއެވެ. އީމާ ހުރީ މަންމަގެ އެ އަމަލުން ހިނިއައިސް ހަލާކުވެފައެވެ. އޭރު އެ ޚަބަރު ލިބިގެން ޖިދާންވެސް އެގެއަށް އައިސްވަނީއެވެ. ނުފޫޒު ބޭނުންކޮށްގެން އެކަން ހުއްޓުވަން އޭނަ އެކި ފަރާތްފަރާތަށް ގުޅުމުންވެސް މައްސަލައިގެ ގޮތުން މަދަދު ލިބޭގޮތެއް ނުވިއެވެ. ސަރުކާރުގެ އިސްފަރާތެއް އަވަހާރަކޮށްލަން ޖަމީލު ސިހުރުހެދުމަކީ ގަބޫލުކުރެވޭ ޒާތުގެ ކަމެއްނޫނެވެ.
"ކަލޭވެސް ފާޑުފާޑަށް ހޭނެކަމެއްނެތް....." އެންމެން ގޮސް އެޕާޓްމެންޓްތެރެ ހިމޭން ވުމުން ނަބީލާ އީމާއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ.
"ކަލޭމެން ދެމީހުން އެކީ ޖަލަށް ލިނަމަ އަދި މާރަގަޅުވީސް. ލަދުގަނޭ ޕޭރެންޓުންގެ ނަން ބުނަންވިޔަސް......." އީމާ ރުޅިއަންނަ ގޮތްވިއެވެ.
"ސާބަހޭ އީމާ، މަންމަގެ މޫނުމަތީގައި ޒުވާބުކުރަން ދަސްކުރީތަ؟ " ޖިދާން ހައިރާންވިއެވެ.
"ރަންދަރި މަޑުން ހުއްޓަސް ހިމޭނުން ހުންނާކަށް ދެނެއް ނެތިން. އަހަރެމެންދެކެ ލޯބިވާ މަންމައެއް ބައްޕައެއްވެސް ނުހުރޭ، ފޫހިވޭ ހުވާ....." އީމާ އަތުކޮޅަށް ދޮރު ލައްޕާލާފައި އެތެރެއަށް ވަނެވެ.
"މިގެއަށް ގެނައި ސުންޕާ ދެއަންހެނުން ގެ ފަރާތުންނޭ އެކުއްޖާ ވިޔާނުދާ ކަންތައް ކޮޕީކުރީ، ޖިދާން، ދަރިފުޅާ، މަންމަ މިއުޅެނީ ސަބްމެރިންއެއް ކާހިތުން، މެންދުރުވެސް ނުކައި މިހިރީ، އެއާއިއެކު ކާނެ ރަގަޅު ޖޫހެއް އެއްޗެއްވެސް ގެނެސްދެއްޗޭ. އަބަދު ބަނޑުގައި ރިއްސާފައި އެއްޗެއް ނުކެވި އުދަގޫތައްވަނީ..........." ނަބީލާ ސޯފާގައި ޖައްސާލަމުން ޓީވީ ހުޅުވާލިއިރު ދެންމެ ހިނގި ހާދިސާއެއްކޮށް ހަނދާންނެތިއްޖެއެވެ.
ޖަމީލު ހައްޔަރުކޮށްގެން ގެންދިއުމަށްފަހު ނަބީލާގެ އެކަނިވެރިކަން އިތުރުވިއެވެ. ކޮންމެވެސް ވަރަކަށް އޭނަގެ މަންމައާއި ޒަކާގެ މަތިން ހަނދާންވާންފެށިއެވެ. ޒަކާވެސް މީހަކާއި އިނދެގެން ދިޔަގޮތަށް ޚަބަރެއްވެސް ވެލީއެއްނޫނެވެ. މަންމަ ރާއްޖޭގައި ނެތްކަން އެނގުނީ ދާދިފަހުންނެވެ. އައްމާރުއާއި ސާރާ ވަކިވިކަމަށްވެސް ޚަބަރުލިބިފައިވެއެވެ. އައްމާރު މާމަ އެއަންހެންކުއްޖާއާއިއެކު ފޮނުވައިލީ ކީއްކުރަންހެއްޔެވެ؟ އެތައް އަހަރެއްފަހުން ފިނިހިތަކުން ވިސްނައިލުމުން އަމިއްލަ މަންމައާއިމެދު ކަންތައްކުރެވުނީ އިންސާފުންބާވައޭ ހިތަށް އަރަންފެށިއެވެ. އޭނަގެ ދަރިން އެވައްތަރަށް އުޅެންފެށީ އޭނަ ނަކަލުކޮށްގެންނެވެ. އޭނައާއިމެދު އިހާނެތިކޮށް ކަންތައްކުރަން ފެށިގޮތުން މަންމަގެ އުމުރަށްދާއިރު ގެންގުޅޭނެ ގޮތެއް ޚިޔާލަށްވެސް ނުގެނެވެއެވެ.
"ޖިދާން މަންމަ ބަލާދޭންވީނު، ޖިދާން ހުންނަ ގެއަށް މަންމަ ގެންދަންވީނު....." ނަބީލާ އަހާލިއެވެ.
"އޭރުން އީމަ ބަލާނީ ކާކުތަ؟ އެހެންނޫނަސް އަހަރެންގެ އަންހެނުން ބޭނުމެއްނުވެޔޯ މައިދައިތައާއިއެކު އުޅެން، އަހަރެންވެސް ޕްރައިވެސީ ބޭނުންވޭ. މަންމައަށް ރީތި އެޕާޓްމެންޓެއް ހޯދާފައި ބޭނުންވާހާ އެއްޗެއް ހޯދަދޭނަން، ހާސްނުވޭ، ބަލިވެއްޖެއްޔާ ބަންގާޅީއެއްވެސް ގެނުވޭނެ ފެންވަރު އެބަހުރި، އަހަރެން މަންމަ އެއްލައެއްނުލާނަން......." ޖިދާން ޔަގީންކަން ދިނެވެ.
"ޖިދާންވެސް ދައްކާ މޮޔަވާހަކަ. އަދި ބަލިވާ އުމުރަކަށް މަންމަ ނުދޭ......" ނަބީލާ ހިނިގަނޑެއް ޖަހައިލިއެވެ.