"ހޫމް....." އައްމާރު ފަރުވާކުޑަ ރާގަކަށް ހޫމްއެއް އަޅުވާލިގޮތަކުންވެސް ސާރާގެ ހިތަށް ތަދުވެއްޖެއެވެ. އައްމާރުދެކެ ލޯބިވާ އެހިތަށް ކުޅަދާނަވާނީ ކިހިނެއްހެއްޔެވެ؟ އައްމާރުގެ މަތިން ހަނދާންވާވަރުން މޮޔަވާވަރުވަނީއެވެ. މިހާރު ހުންނާނީ ކޮން ޖިންސަކާއި ޓީޝާޓެއްލައިގެން ހެއްޔެވެ؟ އޭނަ ކުރަނީ ކީއްހެއްޔެވެ؟ ގިނަފަހަރު އޭނަ އިސްތިރިކޮށް ނުދެންޏާ އޭނަ ރޫޖެހިފައިވާ ގަމީހަކާއި ޖިންސެއް ލައިގެން ހިނގައިދާނެއެވެ. އައްމާރު އަމިއްލަ ނަފުސާއި އަޅާނުލިޔަސް އަޅާލާ ބައިވެރިއަކު ހުއްޓާ އައްމާރު އެގޮތަށް އޭނަ ދޫކޮށްލުމަކީ އިންސާފެއް ނޫނެވެ.

"އިމީ، އަހަރެން މަރުވެދާނެ، އިމީއާއި ނުލައި އުޅުމަކީ ކެތްވާނެ ކަމެއްނޫން، އެނގޭ ލޫޒަރއަކަށް ވަނީ އަހަރެންކަން، އިމީގެ ގާލްއެއް އެބަހުރި، އިމީއަށް ދެރަގޮތެއްނުވާނެ، އަހަރެން މުޅިން އެކަނިވެރިވެދާނެ ދޫކޮށްފައި ނުދޭ ޕްލީޒް....." ސާރާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

"ސާރާގެ މައިންބަފައިން ހިތްހަމަޖެހޭނެ ބައިވެރިޔަކު ހޯދަދިފާނެއްނު........." އައްމާރު ބުނެލިއެވެ.

"ހުވާކޮށްފައި މިބުނަނީ އުމުރު ދުވަހު އެކަނި އުޅެން ޖެހުނަސް ދެން އެހެން މީހެއްގެ އަންބަކަށްނުވާނެ....." ސާރާގެ އެ ޖުމްލައިން އައްމާރު ހިމޭންވިއެވެ. ސާރާ ހެއްދެވިފަރާތް ގަންދީ ދެވަނަފަހަރަށް ހުވާކުރިއެވެ. ދުވަހަކު އެހިތް ބަދަލުނުވާނެކަމަށް ތަކުރާރުކޮށް ބުނުމުން އައްމާރު އެދުނީ ދުވަސްކޮޅަކަށް ވިސްނަން ފުރުސަތު ދިނުމަށެވެ. ސާރާގެ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. އައްމާރު އޭނަދެކެ ލޯތްބެއް ނުވާކަމަށާއި ކައިވެނިކުރީ ފައިސާއާއިހެދިޔޭ ބުންޏަސް ސާރާގެ ހިތް އެވާހަކަ ގަބޫލުކުރަން މުޅިން ދެކޮޅެވެ. އައްމާރުއަކީ ދުނިޔެއާއިހެދި އުޅޭ މީހެއް ފާޑެއް ނުޖަހައެވެ. ހިތަށް އެތައް ފަހަރަކު ވިސްނާދިނުމަށްފަހުވެސް ސާރާ ހިމޭނުން ހުންނާކަށް ބޭނުމެއް ނުވިއެވެ.

ޖެހިގެން އައި ދުވަހުން ފެށިގެން އޭނަ އައްމާރު އުޅޭތަނެއް ހޯދަން މަސައްކަތްފެށިއެވެ. ނަސީބު އޭނައާއި އެހީވެދިނެވެ. އައްމާރު އާއްމުކޮށް ކާންދާ ރެސްޓޯރެންޓަކަށް ވަންތަން ފެނިފައި ސާރާ އިންތިޒާރުކުރިއެވެ. އޭނަ ނިމެންދެން އެގަދަ އަވީގައި ހުރެފައި ތަންކޮޅެއް ދުރުގައި ހުރެގެން އޭނަ އައްމާރުގެ ފަހަތުގައި އެޅުވިއެވެ.

"އައިމް ލައިކް އެ ސްޓޯކާ. ލޯބިވަންޏާ މިހެންވެސް ވާނެ......." ސާރާ ހުރީ ކުޑަކޮށް މަޖާވެފައެވެ. އައްމާރު ފިލައިގެން އުޅެނިކޮށް ހުރިތަން ފެނުމަކީވެސް ހެޔޮ ފާލެކެވެ. އައްމާރުގޮސްވަނީ ހޮސްޕިޓަލާއި ދާދި ކައިރީގައި ހުރި އިމާރާތަކަށެވެ. ސާރާ ދުވަމުންގޮސް އޭނައާއި އަރާހަމަވިއެވެ. ޖީބަށް އަތްޖަހާލައިގެން ހުރެ އައްމާރު ސިޑިން އަރައިގެން ދިޔައިރު ފަހަތުން ދުވަން ހަދައިގެން ސާރާ ލޮނޑުވިއެވެ. އެހާލުގައި ހަތަރުވަނަ ބަޔަށް އަރާފައި ދެން އައްމާރުއަށް ވީގޮތެއް ނޭގުނެވެ. އެބައިގާ ވާ ކޮޓަރިތަކުން އައްމާރު އުޅެނީ ކޮންބަޔެއްގައިކަން ޔަގީންނުވެ ވަންނަން ހަދައިގެން ލަނޑެއްވެސް ލިބިދާނެއެވެ. އިސްތަށިގަނޑު ދިގުކޮށްލާފައިވާ ފިރިހެންކުއްޖަކު ފެނިފައި ސާރާ އަވަސް އަވަހަށް ތިރިއަށް ދާން ހިނގައިގަތީ މާޔޫސްކަމާއިއެކުގައެވެ.

ސަލާމަތުން މަގަށް ނުކުމެވުނުކަމަށްޓަކާ ހަމްދުކޮށްފައި ސާރާ ދެން ވަނީ ޝޯލް ފިހާރައަކަށެވެ. އޭނައަސް ރީތިވިހާ ޝޯލްތަކެއް ގަނެލައިގެން ކޮތަޅުހިފައިގެން ނުކުތްއިރުވެސް ސާރާގެ ޚިޔާލުގައިވަނީ އައްމާރުއެވެ. ޖިދާންއަށް އޭނަ ބުރުގާ ނާޅާހުރުމުން ނޭގުނުކަމަށް ހީކޮށް ބުރުގާ އަޅަން ޖެހިލުންވިޔަސް މިހާރު ޖިދާންއަށް އޭނައަކީ ކާކުކަން ވާނީ އެނގިފައެވެ. ވީއިރު ވާޖިބު އަދާކުރަން ހުރަހަކަށްވެގެން ނުވާނެއެވެ.

ރައިޝާއަށް އޭނަ ގުޅަން ކުރާހާ މަސައްކަތް ވަނީ ނާކާމިޔާބެވެ. އެކުއްޖާ ފޯނުވެސް ޖިދާން އަތުލައިގަތީބާވައެވެ. ޖިދާންގެ ފަރާތުން އެއްވެސް ހިލަމެއްނުވެއެވެ. އެކުއްޖާ އުޅޭ ހާލެއް އެނގެނީއެއްވެސް ނޫނެވެ. ޖިދާންފަދަ އަނިޔާވެރިޔަކާއިއެކު އުޅެން ޖެހުމުގެ ސަބަބުން ރައިޝާއަށް ނަފްސާނީގޮތުން ކުރާނެ އަސަރުތަކެއް ހުންނާނެއެވެ. އޭގެ ކުޑަބޮޑުމިން ލަފާކުރަން އެނގޭނީ ސައިކިއޭޓްރިސްޓަކަށެވެ. އޭނަގެ އެކުވެރިންގެ ތެރޭގައި އެފަދަ ތަނެއްގައި މަސައްކަތްކުރާ ކުއްޖެއް ހުރިނަމަ އޭނަ އަންގާނެއެވެ. ސާރާ ބޭނުންވަނީ އެހުރަގެއިން އެކުވެރިޔާ ސަލާމަތްކުރުމެވެ.

ސާރާގެ ހިތަށް ކެތްނުވެގެން އެންމެފަހުން މައިދައިތައަށް ގުޅާލިއެވެ. ސާރާނޫންކަމަށް ހަދާފައި ބުނީ އެންމެންގެ ހާލު ބަލައިލަން ގުޅީކަމުގައެވެ. އެންމެފަހުން ރައިޝާއާއި ވާހަކަދައްކަން ބޭނުންކަމަށް ބުނުމުން ބުނީ ރައިޝާގެ ފޯނު ހަލާކުވެއްޖެކަމުގައެވެ. މިވަގުތު ވީ ޕާޓީއަކަށްގޮސްފައި ކަމުގައި ބުނެލީ ރުންކުރު ފާޑަކަށެވެ. ސާރާގެ ހާސްކަން އިތުރުވިއެވެ. ނަބީލާވެސް ޖިދާންއާއި ބައިވެރިވެގެން ރައިޝާގެ ދިރިއުޅުން ހަލާކުކުރަނީކަން ޔަގީނެވެ. ފޯނު ހަލާކުކޮށްލާނީވެސް ޖިދާންއެވެ. ރައިޝާއަކީ ޕާޓީތަކަށްގޮސް އުޅޭ ކަހަލަ އަންހެންކުއްޖެއް ނޫނެވެ.

ސާރާއާއި ސުދާ ބާޒާރުކޮށްލަން ކަމަށް ނުކުތްއިރުވެސް ބާރުވައިރޯޅިތަކުގެ ހަމަލާތައް އަންނާތީ ކޮންމެ އިރަކުވެސް ވާރޭ ވެހިގެންފާނެކަން އެނގުނެވެ. ނަމަވެސް ސުދާ އެކުވެރިއެއްގެ އުފަންދުވަހަށް ކޮންމެވެސް ހަދިޔާއެއް ގަންނަން ކޮންމެހެން ބޭނުންވާތީ ދާން ބޭނުންވުމުން ސާރާވެސް ހިތާއި ދެކޮޅަށް ނުކުތީއެވެ. ވަޒީފާއިން އައުމަށްފަހު ލޮޑުވެފައި ހުއްޓަސް ދޮންތަ ރުއްސަން އޭނަ ބޭނުންވިއެވެ. ވަކި ހިސާބަކަށް ދިޔަތަނާ ވާރޭ ވެހިގަތުމުން ދެކުދިން ހިޔާވެލަން ވަނީ ރެސްޓޯރެންޓަކަށެވެ. ފަނޑު ރަތް އައްޔެއް ވެރިވެފައިވާ އެތަނުގެ މާހައުލު ހިމޭންވެފައި އަރާމެވެ.

"ހޫނު ކޮފީއެއް ބޮއިގެން ދާނީ....." ސުދާ ބުނެލިއެވެ. އާއްމުކޮށް ރެސްޓޯރެންޓުތަކަށް ދާ ކުދިންނަށް ނުވާތީ ސުދާވެސް ހުރީ ކަންބޮޑުވެފައެވެ. ދެކުދިން ކަނެއްގައި ހުރި މޭޒެއްގައި އިށީދެލިތަނާ ޒުވާނުންތަކެއް ހެމުން ކޮންމެވެސް ވާހަކައެއް ދައްކަމުން އަންނަތަން ފެނިފައި ސާރާއަށް ބަލައިލެވުނެވެ. އެއާއިއެކު އޭނަގެ ހިތް ފުންމާނުލީ ކިރިޔާއެވެ. ޖިދާންއާއި އިސްތަށިގަނޑު ދިގުކޮށްލާފައި ތިބި "ގޭންގް" މީހުން ހެން ހީވާ ދެތިން ޒުވާނުންނާއިއެކު ދެން ހުރީ އޭނަގެ ފިރިމީހާ އައްމާރުއެވެ. ކުޑަކޮށް ތެމިލައިގެން ހުރިއިރު އިސްތަށިގަނޑުގައި ފެންތިކިތައް ވިދާތަން ފެނުނެވެ. ސާރާގެ ހިތްއެދުނީ ދުވެފައިގޮސް އެވަރުގަދަ މުލައްދަނޑީގެ ހިމާޔަތް ހޯދުމަށެވެ. ދޮންތަ ފަދައިން އޭނަވެސް މޫނު ބުރުގާ އަޅައިގެން އާދެވުނުނަމައޭ ހިތަށް އެރިއެވެ. އޭނަ އެމީހުންނަށް ފުރަގަސްދީގެން އިނަސް އައްމާރުއާއި ޖިދާންއަށް އޭނަ ވަކިކުރަން އެނގޭނެއެވެ.

އައްމާރު އެހާ އުފާވެރި މޫޑެއްގައި ހުރީ ކޮންފަދަ އުފަލެއް ލިބިގެން ހެއްޔެވެ؟ އޭނައާއި ވަކިވުމުން އަސަރެއްވެސް ނުކުރަނީހެއްޔެވެ؟

"ބްރޯ ހަމަ ތެދަށް މިބުނީ، އެކުއްޖާ ބުނީ ޕޮއިޒަން ކާނަމޯ. އަންހެންވެރިން އެހާ ވަރުން އުޅެން އަހަރެމެންގެ ނެތް އެއްޗެއް އޮތީތަ؟ " އެއް ޒުވާނަކު ބުނެލިއަޑު އިވުނެވެ. ވިހަ ކާނަމޯ އެބުނީ ކާއިއާއަށް ރައްދުކޮށްފަ ހެއްޔެވެ؟

"އަންހެނުންގެ ސިކުނޑީގައި ތެތްކަމެއް ނުހުރޭ. ....." ޖިދާން އިށީނީ ސާރާމެން ތިބި މޭޒާއި ޖެހިގެން ހުރި މޭޒުގައެވެ. ޖިދާންއާއި އައްމާރުވެސް ސާރާއަށް ފުރަގަސްދީގެން އިށީންއިރު ދެން ތިބި ދެމީހުން ތިބީ ސާރާމެން ފެންނަގޮތަށެވެ.

"ކަޅު ފޮތި ބޮނޑިއެއްވެސް އެބައިން، އެހާވަރުން ފޮރުވިގެން އުޅެފައި ރެސްޓޯރެންޓުތަކަށް ވަންނަނީ ކީއްކުރަންށޯ؟ އަނގަޔާއި އަތް ދިމާވާނެތަ؟ އައި މީން ފޮތިގަނޑު ދަށުން ކާނީ ކިހިނެއްތަ؟ ޖިމް ބުނާހެން މި އަންހެންވެރިންގެ ގަމާރުކަން ސެހާދަތް........" ސުދާމެންނަށް އިވޭހާ ބާރަށް އެތަނުން އެކަކު ކިޔާލައިފިއެވެ.

"އެއީ އަދި އަންހެނެއްކަން ޔަގީންކުރީ ކިހިނެއް؟ މަށަކަށް ކޮން ޖިންސެއްކަމެއް ނޭންގޭ. ކެރެންޏާ ގޫންގަޓު ހިއްލާލާފައި ބަލާލަބަ...." ޖިދާން ހިނގަޑެއް ޖަހާލައިފިއެވެ. ވޭޓަރުން އައުމުން އެމީހުންނަށްވެސް އަމުރުކޮށްކޮށްފައި އުޅުނުގޮތުން ހީވީ އެމީހުންގެ ނުފޫޒާއި ބާރުގަދަކަން އަންގަން އުޅޭ ބަޔެއްހެންނެވެ. މިއީ މާ މަތީފަންތީގެ ބަޔަކީހެއްޔެވެ؟ ވެދާނެއެވެ. ގޭންގެއްގެ ބޮޑުންނާއި ވައްތަރެވެ. އެންމެ ދެރައީ އޭނަގެ ފިރިމީހާ މި މަޅީގައި ޖެހުނުކަމެވެ. އައްމާރަކީ މިފަދަ ބައިގަނޑެއްގެ ނުރައްކާ ނޭގޭވަރުގެ މޮޔައެއް ނޫނެވެ. އެމީހުންނާއިއެކު އުޅެން ހަދައިގެން ހީނުކުރާފަދަ ލަނޑެއް ލިބިދާނެއެވެ.

ސާރާ ދަތްތައް ބިންދައިގެންދާހާ ބާރަށް ދަތްތައް ވިކައިގަތެވެ. ވަގުތުން ދޮންތަގެ އަތުގައި ހިފައިގެން އެތަނުން ދާން ޚިޔާލުކޮށްފައިވެސް ޚިޔާލު ބަދަލުވީ އައްމާރުއާއި ވާހަކަދެއްކުމުގެ ފުރުސަތެއް ހޯދުމަށެވެ. އައްމާރުއަށް ފާރަލައިގެން އޭނައުޅޭތަނެއް ހޯދަން ހާދަ މަސައްކަތް ކުރެވިއްޖެއެވެ.

ނަސީބަކުން ދެން ޖިދާން ފެށީ ވިޔަފާރީގެ ވާހަކައެވެ. ބޭރު ދެތިން ހޮޓަލެއްގައި އިންވެސްޓްކުރި ވާހަކައެއް ދައްކާ ފޮނި ކަނޑަން ފެށުމުން ސާރާ ހައިރާންވެ އަންތަރީސްވިއެވެ. ޖަލުގައި އުޅެފައި އައިގޮތަށް މީނަ މިހާ މަތީފަންތީގެ ވިޔަފާރިއަކަށްވީ ހަލާލުގޮތުގައި ކަމަށް އޭނަ ގަބޫލެއްނުކުރާނެއެވެ. ޖިދާން ދެއްކި ވާހަކަތަކުން ހީކުރުވަން އުޅުނީ އެއީ އެކުވެރިއަކު ދިން ލޯނެއްކަމުގައެވެ. އެއީ އޭނައަށް އިއްވަން ދެއްކި ވާހަކަތަކެއް ކަން އޭނައަށް ޔަގީންވިއެވެ.

ޖިދާންމެންގެ މޭޒުމައްޗަށް ފިހުނު ކުކުޅާއި އެއްޗެހި އަރުވަންފެށިއެވެ. ހާހުން ގުނާނުލެވޭހާ އަގު ބޮޑު ކެއުމެކެވެ. އައްމާރުވެސް ހީހީފައި އެމީހުންނާއި ބައިވެރިވެގެން އުޅުނުއިރު ސާރާ އެތަނުގައި އިންކަމަށް ހަދާނުލިއެވެ. ސާރަ ދެރަވީ އެކަމާއެވެ.

"ކޮފީވެސް ބޮވޭކަށްނެތް، ހިނގާ މިތަނުން ދާން، ބަލާވަރުން ލޮލުން ކާލަފާނެހެން ވިއްޔަ ހީވަނީ...." ސުދާ ރުޅިއައިސް ރަތްވެފައި ދަތްތަކަށް ބާރުލިއެވެ.

"ދޮންތާ އިހަށް މަޑުކޮށްބަލަ ޕްލީޒް..." ސާރާ އެދުނެވެ.

"އޯކޭ. އެކަމަކު ވާރޭ ހުއްޓާލައިފި....." ސުދާ މޮބައިލުން ގަޑި ދައްކައިލިއެވެ.

"ބަނޑުހައިވެއްޖެ، އަދި އެއްޗެއް ކާލައިގެން ދާނީ. ހިނގާ ސަބްއަކަށް އޯޑަރުކޮށްލަން، ދެމީހުންނަށް ކައިލެވިދާނެ....." ސާރާ އަތް އުފުލައިލުމުން ވޭޓަރު އައުމުން އެއް ސަބްމެރިން ގެނެސްދޭން އެދުނީ ސުދާއެވެ. ބިލް ދައްކާލާފައި ސާރާ ދުފަމުން ބޭރަށް ނުކުތީ އައްމާރުމެން ނުކުތުމުން ފަސްފަހަތުން ކަހަލަ ގޮތަކަށެވެ. އެމީހުން އައީ ސައިކަލްތަކުގައެވެ. ނުކުމެވުނުއިރަށް ސައިކަލްތައް ދުއްވާލުމުން އަޑުކޮޅަށް ހަޅޭއްލަވައިގަންނަން ސާރާ ބޭނުންވިއެވެ. އޭނަގެ ނަސީބު އޭނައާއި މިކުރަނީ ކޮންކަހަލަ ސަމާސާއެއްހެއްޔެވެ؟ އެންމެ ލޯބިވާ މީހާއަށްޓަކާ ހިތް މޮޔަވެފައިވާއިރުވެސް ލޯބިވެރިޔާގެ ކައިރިއަށް ދާނެ ނަސީބެއް ނުލިބުނެވެ. އެ ރަހުމަތާއި ނަސީބު ލިބިފައި ދުރުވުމުން ކިހާ އަސަރެއް ކުރާނެހެއްޔެވެ؟ ލޯބީގެ ފޮނިކަމާއި މީރުކަން ދަސްކޮށްދިން ފަރާތް ބަލަބަލާހުއްޓާ ލޯމަތިން ގެއްލިގެންދަނީއެވެ. ސާރާގެ ލޮލުން ކަރުނަ ހިލުނެވެ. ކަނިޖަހަމުން ދިޔަ ވާރެއަށް ނުކުމެވުނުއިރު އެދެލޮލުންވެސް ކަރުނައިގެ މުތީތައް ފައިބައިގަތެވެ.

"އިމީ އަހަރެން ޓޯޓަލީ އިގްނޯ ކޮށްލާފައި އެދިޔައީ...." ސާރާއަށް ބުނެވުނެވެ.

"ނޯ....." ސުދާ ބާރަށް ބުނެލިއެވެ.

"ވަޓް ނޯ؟ " ސާރާ ބުމަ ކައިރިކޮށްލިއެވެ.

"ރިކޮގްނައިޒް ނުވީކަމަށް ވެދާނެއްނު، ސާރާ ތިހިރީ ބުރުގާ އަޅާފައެއްނު. އެކަމަކު ސާރާ ތީ ހަމަ ރަގަޅަށްވެސް އިޑިއަޓެއް. އެވަރަށް ބަވާ އެއްޗެހި ގޮވާ ލޯބިނުވާކަން އެންގީމަވެސް އޭނައާއިހެދި މޮޔަވަނީ ތިހިރަ. ތިކަން ހުއްޓާލާފައި އެހެން މީހަކު ހޯދަން އުޅެފިއްޔާ ހިތަށް ލުއިވާނީ. ޓްރަސްޓްމީ ސާރާ. ލޯބިނުވާ މީހަކާއިއެކު އުޅުމަކީ ބޮޑު ވޭނެއް. އޭނަ ދިޔަދީ. އޭނަ ނުވާ ލޯތްބެއް ގަދަކަމަކުން ނުހޯދޭނެ. މައިންބަފައިންގެ ބްލެސިން ނެތި އުފާވެރި މުސްތަގުބަލެއް ނުހޯދޭނެ، ވީމަ ވަގުތީ އުފަލަކަށްޓަކާ ލައިފް ހަލާކުކޮށްނުލާ، ފޮގެޓް ހިމް. އޭނައަށް ވުރެ މާ ރަގަޅު ބައިވެރިޔަކު ލިބިދާނެ، ދުޢާކުރީމަ..." ސުދާ ކޮއްކޮއަށް ވިސްނައިދޭން މަސައްކަތްކުރިޔަސް އެއިން ލަފުޒެއް އޭނަގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. އޭރުވެސް އޭނަގެ ވިސްނުން ހުރީ އައްމާރުއާއި ބައްދަލުކޮށް އާދޭސްކުރާނެ ގޮތަކާއިމެދުގައެވެ. އައްމާރު އެނުލަފާ ގޭންގާއި ދުރުކުރުވަން ވެސް އޭނަ ބޭނުމެވެ. ލޯބިވާ މީހަކު ނުބައި މަގު ޚިޔާރުކޮށް ހަލާކުވެގެން ދާއިރު ހެޔޮއެދޭމީހެއް ވެއްޖެއްޔާ ހިމޭނުން ނުހުންނާނެއެވެ. ވަގުތު ފާއިތު ނުވަނީސް އޭނަ އައްމާރު ހޯދާނެއެވެ.

ސާރާ ކާރެއް ހުއްޓުވާފައި ގެންގޮސްދޭން ބުނީ އެހެން ގެއަކަށެވެ. ސުދާ ކަންބޮޑުވުމާއިއެކު ނުރުހުން ފާޅުކުރިޔަސް ކޮއްކޮ އެހާ ދެރަވެފައި އިނުމުން އެހީވާން ނިންމިއެވެ. ކޮންމެގޮތެއްވިޔަސް އައްމާރުއަކީ ސާރާގެ ފިރިމީހާއެވެ. ވަރިނުކުރަންޏާ އޭނަގެ ކައިރިއަށް ދިޔުން މަނާކުރާކަށް ނުޖެހޭނެއެވެ. ސާރާއާއި ސުދާ އިންތިޒާރުގައި ސިޑިބަރިމަތީގައި ތިއްބާ އައްމާރު ސިޑިން އަރައިގެން އަންނަތަން ފެނުނެވެ.

"ސާރާ......" ހައިރާންކަމާއިއެކު އައްމާރު ކިޔާލިއެވެ.

"ރެސްޓޯރެންޓުން ފެނުނުއިރުވެސް ނޭގުނު ދޯ، ނޫނީ ގަސްތުގައި އިގްނޯކޮށްލީތަ؟ "ސާރާ އައްމާރުއާއި އޭނަގެ ގުޅުން ކިލަބުވެފައި އޮތް މިންވަރު ހަނދާނެއްވެސް ނެތި ނުރުހުމާއި ލޯބި އެކުލެވޭފަދަ ރާގަކަށް ޝަކުވާކޮށްލިއެވެ.

"ފެންނަހާ އަންހެނުންނަށް ބަލަމުންތަ އުޅެންވީ؟ ކޮންއިރަކުން ބުރުގާ އަޅަންފެށީ، ދެޓްސް ގުޑް...." އައްމާރު އެހެން ބުނުމާއިއެކު އައްމާރުއަށް އޭނަ ނޭގުނު ސަބަބު ސާރާއަށް ވިސްނި ހިނި އަންނަގޮތްވިއެވެ.

"އިމީ، އަހަރެން ބޭނުން ވާހަކައެއް ބުނެލަން......" ސާރާ އެދުނެވެ.

"ހޫމް.......ކަމް އިންސައިޑް...." އައްމާރު އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ސާރާއާއި ސުދާ ވަންނަން އަތުން އިޝާރަތްކޮށްލައިފިއެވެ. ކޮޓަރިތެރޭގައި ސެންޓުވަހާއިއެކު ސިގްރެޓްގެ ވަސް ހިފާލާފައިވިއެވެ.

"އަހަންނަށް ގެއަށް ދެވިދާނެތަ؟ " ސުދާ އަހާލިއެވެ.

"އެކަނި ފޮނުވާލާކަށް ނުކެރޭނެ، މާރަގަޅުގޮތެއްނު، އަހަރެން ސުދާގެއަށް ލާން ހިނގައިދާނަން، ދާ މަގުމަތީގައި ސާރާ ތިކިޔަން އުޅޭ އެއްޗެއް ކިޔާބަލަ......." އައްމާރު ދެފިކުރެއްގެ ތެރޭގައި ހުރެފައި ދޮރު ތަޅުލާފައި އެކުދިންނާއި ދިމާލަށް އެނބުރުނެވެ.

މަގަށް ނުކުތްއިރު އަނދިރިކަމުން ޖެހިގެން ހުންނަ މީހާވެސް އެނގޭހާ ނުވެއެވެ. އަނިދިރި ގޯޅިން ހިނގާފައި ދިޔައިރު އައްމާރުއާއި ސާރާ އެއްހަމައެއްގައި ދިޔަކަމުން ބައެއްފަހަރު ފެންގަނޑުތަކުން ރެކެން ހަދައިގެން ސާރާގެ ގައިގާ ޖެހެވޭފަހަރު މަދެއްނޫނެވެ. މިދަތުރު އަވަހަކަށް ނުނިނުމަށް އޭނަ ހިތާހިތުން ދުޢާކުރިއެވެ. ތަންކޮޅެއް ބޮޑު މަގަކަށް ނުކުމެފައި ސުދާ ތަންކޮޅެއް ދުރުގައި ހުރެގެން ހިގަންފެށިއެވެ.

"ސާރާ އެއްޗެކޭ ކިޔާފައި އަހަންނާއިއެކު ހިނގާލަން ދާންވެގެން ކުރިކަމަކީތަ؟ ހިޔެއްނުވޭ އެހާ ބޮޑު ވާހަކައެއް ބުނަން އުޅޭހެނެއް......" އައްމާރު ފުންނޭވައެއް ދޫކޮށްލިއެވެ.

"ދޮންތަ ގެއަށް ލާފައި އަހަންނާއިއެކު ހިނގާލަން ގޮސްދީފާނަންތަ؟ އެންމެފަހު ރިކުއެސްޓް، ބުނީމެއްނު އަހަރެން އުފާކޮށްދޭންވެގެންނޭ ހުރިހާ ކަމެއްކޮށްދިނީ، އެހެން ބައިވެރިޔަކު ހޯދަންދާއިރު އެހެން މީހަކު އެހާ ހިތުގައި ޖައްސާލާފައި ގޮސްގެން އުފަލެއް ނުލިބޭނެއެއްނު، އެކަން އިމީއަށްވެސް އެނގޭދޯ، އެހެން މީހެއްގެ ކަރުނަތަކުން އުފަލެއް ބިނާ ނުކުރެވޭނެ، އެހެންވެ މިބުނަނީ އެންމެ ފަހުގެ ރިކުއެސްޓަކަށް އަހަންނާއިއެކު ހިނގާލަންދާށޭ...." ސާރާ މަޑުމަޑުން ބުނެލިއެވެ.

އައްމާރުގެ ހިމޭންކަން ސާރާ ނެގީ އާއެކޭ ބުނުންކަމުގައެވެ. ސުދާ ގެއަށް ލާފައި ދެމީހުން ހިނގައިގަތްގޮތަށް ސާރާ އައްމާރުގެ އަތުގައި ހިފިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ދެއަތުގެ އިނގިލިތައް ލާމެހިގެން ދިޔައެވެ. ދެފަރާތްވެސް އެފަދަ ފުރުސަތެއް ނުލިބިފައި ތިބިފަދައިންނެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ދެމީހުން ނުކުތީ ޒުވާނުން މޫދު ކުޅިވަރު ކުޅޭ ދިމާލަށެވެ. އެދިމާލުގައިވާ ޖޯއްޔެއްގައި ޖައްސާލިގޮތަށް ސާރާ ދައްކަންފެށީ އައްމާރުއާއި ވަކިން ނޫޅެވޭނެ ވާހަކަތަކެވެ. އެންމެފަހުން އައްމާރު ހަގީގަތް ފާޅުކުރިއެވެ.

"ކުރީދުވަހެއްގައި ކިޔަންއާއި ދިމާވެގެން އިންޒާރުކުރީ، އޭނަގެ ކޮއްކޮ ނޫން މީހަކާއި އިނދެގެން އުޅޭކަން އެނގިގެން ވަރަށް ނައްޓާފައި ހުރީ، ބުނީ ނޭގެނީހޭ ކާއިއާއަކީ ހާޓް ޕޭޝަންޓެއްކަމާއި އެކުއްޖާ މަރުވެދާނެކަން، ސާރާއާއި ވަކިނުވެއްޖެއްޔާ ސާރާވެސް ދުނިޔެއާއި ވަކިކޮށްފާނަމޭ، ކިޔަންމެން ޔޫކޭގައި ތިބެ ބޮޑުވުމުން ދީނީކަންފުޅެއް ހުރި ފާޑެއްވެސް ނުޖަހާ، ބޮލުގައި ކުލަޖައްސާ ލެންސްލައްވައިގެން ހުރި ވަރުގަދަ ޒުވާނެއް، ޔަންގް އެކަމަކު އަހަންނަށްވުރެ ބިޔަ، ސާރާ، އަހަރެން ސާރާ ދެކެ ލޯބިވާތީ ދުރުން އުޅެން ބޭނުންވަނީ، އަހަރެން ހިތަށް އެރީ އަހަންނާއިއެކު އުޅެގެން ސާރާއަށް ކޮން އުފަލެއްހެއްޔޭ ލިބޭނީ، ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހޭނީ، މިހާރު އެނގިއްޖެ، ކާއިއާ ދުވަހަކު އަހަރެންގެ ފަހަތަކުން ނައްޓައެއްނުލާނެ، ސާރާއަށްވެސް އެކުއްޖާގެ ދީވާނާކަން ފެނިފައި ހުރީ، މީހަކު ބުނެދޭނެ ކިޔާދޭނެ އިތުރު އެއްޗެއް ނެތް. ސާރާގެ ކުރިމަތީގައި އޭނަ ސުއިސައިޑްކުރަން އުޅުނީ. އެކަހަލަ ކުއްޖަކާއިއެކު އުޅެންވެއްޖެއްޔާ ސާރާއަށް ފަސޭހަވާނެތަ؟ މާ ރަގަޅުވާނެ އެހެން މީހަކު ހޯދިއްޔާ. އަހަރެން ސާރާދެކެ ލޯބިވޭ އެކަމަކު........." އައްމާރު ބުނަމުން ދިޔައެވެ. ކާއިއާގެ ނަން އިވުމުން ބިރުވެރި ރެއެއްގެ ހަނދާން ލޮލުގެ ކުރިމަތީގައި ފިޔަޖަހައިލިއެވެ. ކާއިއާ އެދޭތެރެއަށް ނުވަންނާނެނަމައެވެ.

އައްމާރު އޭނަ ލޯބިވާ މިންވަރު ހާމަކޮށްދިނުމުން ސާރާއަށް ފުން އަސަރުތަކެއްކޮށް ރޮވުނެވެ. އައްމާރުގެ ލޯބީގެ ފޮނިކަން އޭނަވަނީ ތަޖުރިބާކޮށްފައެވެ.

އެހާވަރުގެ ނަސީބެއް ކޮންމެ ކޮންމެ ކުއްޖަކަށް ނުލިބޭނެއެވެ. ގެއިން ދަމުން އަދި ވަންނަމުން ބައްދާލާފައި ދޮންދީފައި ލޯބިވާ ވާހަކަ ދުވާލު އެތައްފަހަރު ބުނުމުން އެލިބޭ ހިތްހަމަޖެހުންވެސް ބުނެދޭކަށް ނޭގެއެވެ. ކުޑަކަމަކުންވެސް ހިތް އަތުލައިގަނެވިދާނެއެވެ. އައްމާރުއަކީ "ޗާމިން" އަދި "ރޮމެންޓިކް" ބައިވެރިޔެކެވެ. ސާރާގެ ޚިޔާލީ ލޯބިވެރިޔާގެ ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް މިލްކުވެފައިވާ ޒުވާނެކެވެ.

"މީހެއްގެ ތްރެޓަކުން އަދި ބިރުގަންނަވައެއް ނުލެވޭނެ. ޕްލީޒް އިމީ، އިމީއާއިއެކު އުޅުމުގެ ޗާންސްދީ، އިމީގެ ލޯބީގައި މަރުވެ ދިޔުން އެއީ ލިބޭނެ ޝަރަފެއް. މައިންބަފައިންދެކެ ލޯބިނުވަނީއެއްނޫން، އެކަމަކު އެމީހުންނަށްވެސް އަހަރެންގެ ފިރިމީހާއާއި ވަކިކުރުވުމުގެ ހައްގެއް ނެތް، އިމީގެ ކުށެއް އޮތްނަމަ އެންމެ ރަގަޅު، އެކަމަކު ބޭބެއަކު ކުރި ކުށެއްގެ ބަދަލުގައި އިމީއަކަށް ސަޒާ ލިބިގެން ނުވާނެ............" ސާރާ އައްމާރުގެ އަތްތިލައިގާ ބޮސްދިންއިރު ކަރުނައިގެ ތިކިތަކުން އެ އަތްތިލަ ތެންމާލައިފިއެވެ.

ސާރާގެ ލޯބި އޭނަގެ ފިރިމީހާއާއި ވަކިން އުޅުމަކަށް ތަނެއްނުދިނެވެ. އައްމާރުއަށް މަޖުބޫރުވީ އޭނަ އުޅޭތަނަކަށް ސާރާ ގެންދިއުމަށެވެ. މިފަހަރުވެސް ސާރާ އެއައީ މުއްސަދިކަމާއި ތަނަވަސްކަން އަދި އާއިލާ ދޫކޮށްލާފައި އޭނަގެ ކައިރިއަށެވެ. އެވަރު އައްމާރު ދަންނަން ޖެހޭނެއެވެ. އެކޮޓަރިއަށް ވަނުމުން ކާއިއާގެ އިހުސާސްތައް ކުރެވެންފެށިއެވެ. އައްމާރު ކާއިއާއަށް ގުޅައިގެން ހުންނަ ވަގުތު ގިނަވެފައިވުމާއިއެކު އޭނައަށް ދެވޭ ވަގުތު މަދުވާނެއެވެ. ކާއިއާ އެހާ ދުރުގައި ހުރެގެން އެވަރުގެ ނުފޫޒެއް ފޯރުވާން ވެއްޖެއްޔާ ކައިރިވުމުން ހާލު ހުންނާނީ ކިހިނެއްހެއްޔެވެ؟ ހިޔަންޏެއް ފަދައިން އެކުއްޖާ ހުންނަނީ ޖައްސާލާފައެވެ. އައްމާރުއާއި ވާހަކަ ނުދައްކާ އިރެއްނުވެއެވެ. ދެތިން ދުވަސްވީއިރު ކުރިންހެން ސާރާގެ ބޮލަށް އުދަގޫވެ އެކަމާއި ޝަކުވާނުކޮށް ނުހުރެވޭވަރުވެއްޖެއެވެ. ހެނދުނު ފަތިހާ ތެދުވެ ޑިއުޓީއަށް ދާންޖެހޭއިރު އޭނައަށް ނިދިޔަނުދޭތާ އައްމާރުގެ ލޮލު ފިޔަ ޖަހައިލެވޭކަމަކަށްވެސް ނުވެއެވެ.

ބޮލުގައި ރިއްސުމުގެ އިތުރުން ނޭވާލާން އުދަގޫވުމުން އިންހޭލަރ ބޭނުންކުރުމަށްފަހު ބެލްކަންޏަށް ނުކުމެލީ ތާޒާ ވައިކޮޅެއް ހޯދާލުމަށެވެ. ނިދަންވެގެން ލޭސްފޮތީގެ ހެދުމެއްލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ވޫލްކޮޅަކުން އައްސާލާފައެވެ. އިރުކޮޅެއްވާންދެން އެތާ ހުރެފައި އޭނަ ނުކުންނަން އައިއިރު ޖިދާން ފެނިފައި ފިޔަވަޅުތައް ގަނޑުވިއެވެ. ސާރާ ފެނުމުން ޖިދާން ނުލަފާ ހިންޏެއް އައިސްފައި އިނދެފައި ކޮފީ ހަދަން ހުރި އައްމާރުއަށް ގޮވާލައިފިއެވެ.

"އެއްޗެއް ދައްކަންތަ....." ޖިދާން ސާރާއާއި ދިމާލަށް ފާޑަކަށް ބަލާލާފައި އައްމާރުއަށް ގޮވާލިއެވެ. ސާރާ ބިރުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ޝައިތާނެއްކަހަލަ މީހެއްގެ ގޮތުގައި ސިފަކުރެވުނަސް އެހާ ބޮޑު ޝޮކެއް އައްމާރުއަށް ދޭން ކެރިދާނެކަމަކަށް ސާރާ ހިޔެއްނުކުރެއެވެ. ލޭގެ ގުޅުމެއް ނެތްކަމަށް އޭނަވަނީ އެތައްފަހަރު ބުނެފައެވެ. އެކަމަކު އެކުވެރިއެއްގެ ގޮތުގައި ދެކުނަސް ނޫނީ ތިމާގެ މުވައްޒަފެއްގެ ގޮތުގައި ބެލިޔަސް މީހަކަށް އެހާ ބޮޑު ނިކަމެތިކަމެއް ދޭންވާނެ ހެއްޔެވެ؟ އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް މީހެކެވެ.

ކޮމެންޓް 0