"މިހާރު ހުމެއް ނެތެއްނު. ކިހާ ވަރުދެރަކޮށް މިއޮންނަނީވެސް، ކީއްވެ އިމީގެ މަންމަމެން ނާންނަނީ؟ ޝީޒް އޯލްސޯ އެ ޑޮކްޓަރ. ޚަލީސީއަށް ވެގެން އުޅޭގޮތެއްވެސް އެނގެނީއެއްނޫން...." ސާރާ އިނީ ފެންކަޅިވާގޮތްވެފައެވެ. އޭނަ ޚަލީސީގެ އަތުގައި ހިފާލިއިރު ކުދި ރަތްބިހިތަކެއް ނަގާފައި ހުއްޓެވެ. އޭނަ ހީކުރީވެސް ދޭ ބޭހަކަށް ނުގުޅިގެން ވާކަމެއް ކަމަށެވެ. ނަމަވެސް ޑެންގީގެ ލޭ އަންނަ ވައްތަރުން މިކަހަލަ ނިޝާންތައް ފާޅުވެޔޭ ބުނޭ ނޫންހެއްޔެވެ؟ އިހަށް ދުވަހުވެސް ކުޑަކުއްޖަކު މަރުވި ވާހަކަ ނޫސްތަކުގައި ލިޔެފައި އޮތެވެ. ސާރާގެ ހިތުގައި ބިރުވެރިކަން ވަކި ހިއްޕާލިއެވެ.

ގަދަޔަށް ހުން އައުމަށްފަހު ހުން ރަގަޅުވާ ދުވަސްކޮޅަކީ އެންމެ ސަމާލުކަންދޭން ޖެހޭ ދުވަސްކޮޅެކެވެ. އޭނައަށް އެކަން ނުވިސްނުނީ ކީއްވެބާވައެވެ.

"ޝީޒް އޯކޭއޭ. ސާރާ މާވަރަކަށޭ ހާސްވަނީ؟ "ކިތަންމެ ވަރަށް ނުތަނަވަސްވިޔަސް އައްމާރު އެކަން ފޮރުވަން މަސައްކަތްކުރިއެވެ. އައްމާރުގެ އެފަރުވާކުޑަކަމުން ސާރާ އެވަގުތު ވަރަށް ރުޅިއައިސްފާ އައްމާރުގެ އަތް ދުރަށްލިއެވެ. އައްމާރު އޭނަގެ މަންމައަށް ގުޅާކަށްވެސް އުޅުނީއެއްނޫނެވެ. ޚަލީސީއަށް އޮތީ ނިދިފައެވެ. އެހެންއޮވެވެސް މަޑުމަޑުން ކުކުރާލާތަން ފެނުމުން ހިތްތަކަށް އަސަރުކުރާހާވެއެވެ.

"އަހަރެންގެ އެކަނި ދަރިއެއްވީމަ އަހަރެން ނޫނީ ހާސްވާން ހުރީ ކާކުތަ؟ ޚަލީސީގެ ފެމިލީއެއް ނެތެއްނު. މި ދަރިފުޅަށް ކިރިޔާ ރަގަޅުވާއިރަށް އެންމެނާއި ދުރަށް ގޮސްދާނަމޭ. މިހުރިހާދުވަހުވެސް އެކަނި އުޅުނީއެއްނު، އޭރު ހިތަށް މާ ފަސޭހަ. ނުޖެހޭ އިތުރި މީހަކަށް ޑިޕެންޑްވާކަށްވެސް. ޚަލީސީއަށްވެސް ފެންނަން ނުޖެހޭ މަންޒަރުތައް ފެނުން ގިނަވެފައި އޮންނާނީ..............." އެންމެފަހުން ކެތްނުކުރެވިގެން ސާރާގެ ހިތުގައިވާ އުދާސްތައް ރުޅީގެ ސިފައިގާ ބޭރުކޮށްލިއެވެ.

"އެހެންވެ ދޯ ތިހާ ރުޅިއަންނަނީ؟ ވަޓް ޑޫ ޔޫ އެކްސްޕެކްޓް ފްރޮމް މީ ސާރާ ؟ އެންމެން ބޭނުންހާ ގޮތަކަށް ހެދިގެން އަބަދަށް ހުންނަންވީ. ކޮންމެ މީހަކު ދައްކާފައިވެސް ކޮއްކޮއޭ ބުނީމަ ގަބޫލުކުރަންވީ. މުޅީން ބީރައްޓެހި ބަޔެއް އައިސް ފެމިލީއޭ ބުނީމަވެސް ހެއްކެއްނެތަސް އެކަންވެސް އެކްސެޕްޓްކުރަންވީ. ކުއްޖަކު ގެނެއްސަ އަހަރެންގެ ދަރިފުޅޭ ބުނީމަ އަހަރެން އެކަމާ އެއްވެސް ސުވާލެއްނުކޮށް ދަރިފުޅު ބަލައިގަތީ. ކީއްވެކަން ސާރާ އަމިއްލަ ހިތާ ސުވާލުކޮށްބަލަ، ޖަވާބު ނުލިބެންޏާ އަހަރެން ކުރާނެކަމެއްނެތް......." އައްމާރު ހުރީ ބުމަގޮށްޖަހާލައިގެންނެވެ. އަބަދުހެން ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހި ރުޅިގަދަވެފައި ހުންނަ ގޮތަކަށް ހުރުމުން ކުރީގެ އައްމާރުއޭ ބުނެވޭވަރެއް ނުވެއެވެ. ކުރީގައި އެހާ ހިތާމައިގާ އުޅުނުއިރުވެސް އެގޮތަށް ރުޅިގަދަގޮތެއް ނުހުރެއެވެ.

"އެނގެނީ އެންމެ އެއްޗެއް. ކޮއްކޮކަން އެނގިހުރެ ދެމީހުން ތިކުރިކަންތައް ހިތުން ނުފިލާނެކަން އުމުރު ދުވަހުވެސް. އަބަދަށްޓަކާ އެ މަންޒަރު ލޮލުގެ ކުރިމަތިން ސިފަވާނެ. ހިޔެއްނުކުރަން އެންމެން އެހެން އުޅުނަސް އަހަރެންގެ ހަޒްބެންޑް އެހާ ގޮތްކުޑަ.............." ސާރާ ރުޅިވެރިކަން އެކުލެވޭގޮތަކަށް ވާހަކަދައްކަންފެށިއެވެ.

"އިނަފް.........." އައްމާރު އިންޒާރުގެ ނަޒަރަކުން ބަލައިލުމުން ސާރާ އިސްޖަހައިލީ އިތުރަށް ޒުވާބުނުކުރަން ވެގެންނެވެ. ކޮންމެ ގޮތެއްވިޔަސް ފިރިމީހާގެ މަގާމުގައި ހުރުމުން އިހުތިރާމް ކުރުމުގެ ގޮތުންނެވެ. އެދެމީހުންގެ ދޭތެރޭގައިވާ ގުޅުން ހީނަރުވަމުންދާއިރުވެސް އޭނަ އައްމާރުއަކީ ކާކުކަން ހަނދާނެއް ނުނެތެއެވެ. އެއީ އޭނަގެ ފުރަތަމަ އަދި ފަހުގެ ލޯތްބެވެ. ދަރިފުޅުގެ ބައްޕައެވެ.

އެތަނަށް ވެރިވެގެން ދިޔަ މަރުފަދަ ހިމޭންކަމާއިއެކު އައްމާރުވެސް އިތުރަށް ވާހަކަނުދައްކާ ސިގިރެޓެއް ރޯކުރަން އުޅުނެވެ. ސާރާ ފާޑަކަށް ބަލައިލުމުން އައްމާރު ނުކުމެގެން ހިނގައިގަތްއިރު ފުންނޭވަޔެއް ދޫކޮށްލިއެވެ. އައްމާރުގެ ވާހަކަތައް ހުރިގޮތުން ދެރަވާނެވަރާއި އެހިތަށް ކުރާނެ އަސަރު ކޮންމެވެސް ވަރަކަށް އިހުސާސްކުރެވި އައްމާރުއަށް ގޮވަން ބޭނުންވިއެވެ. ނަމަވެސް ކާއިއާގެ މަތިން ހަނދާންވުމުން ތުންފިތައިލިއެވެ. ދެލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމެން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ސާރާ ދަރިފުޅު މޭގައި ޖައްސާލައިގެން އޮތްއިރު ހިތަށްވާ ތަދުން ކެތްކުރެވުނީއެއް ނޫނެވެ. އެކަނިވެރިކަމާއި ހިތްދަތިކަން އޭނަ ވަށާލާފައިވަނީ އެހާވެސް ބޮޑަށެވެ.

ސަބީ މީޓިންގްގައި އިނދެފައިވެސް އައްމާރު ބައްދަލުކުރަން އައިކަން އެނގިގެން ނުކުތެވެ. އައްމާރުގެ މޫޑު އެހާ ރަގަޅެއް ނޫނެވެ. ދަރިފުޅު ބަލިވުމުން އެކަމާއި އަސަރުކޮށްފައި ހުރިވަރުން އެންމެ ފުރަތަމަވެސް ދެއްކީ ޚަލީސީގެ ވާހަކައެވެ. ޚަލީސީއަކީ އޭނަގެ ދަރިއެއްކަމުގައިވާއިރު މަންމަމެން އެއްވެސް ވަރަކަށް އަޅާނުލާތީ އެކަމާއި ހިތުގައި ސުވާލު އުފެދިފައިވެއެވެ. އެކަމަކު އޭނައާއިހެދި މަންމަ ގުރުބާންވާކަމަށް ހެދިގެން ހުރުން އެއީ ކުޅެލާ ޑްރާމާއެއްބާވައެވެ.

"ކޮންދުވަހަކުންތަ ޓެސްޓްގެ ނަތީޖާ ލިބޭނީ؟ " އައްމާރު ސުވާލުކުރިއެވެ.

"ވީކެއް ވަރުވާނެ، ބްރޯ ކީއްވެ މާ އާޖެންޓްކޮށް ބައްޕައަކީ ކާކުކަން ނޭގިގެން ތިއުޅެނީ؟ އެހާވެސް މުހިއްމުތަ؟ މިހުރިހާ ދުވަހު ގެންގުޅުނީ އެޑޮޕްޓްކުރި މަންމައޭ ކިޔާއިރު އަދިވެސް މަށަށް ކަންތައްތަކެއް އެބަފޮރުވާހެން ހީވޭ........." ސަބީ ހުރީ އައްމާރު ސިއްރުވެރިކަމުން ރުޅިގަދަވާގޮތްވެފައެވެ.

"އަހަރެންގެ މުޅި ލައިފްވަނީ ބޮޑު ދޮގުތަކެއްގެ މައްޗަށް ބިނާވެފައި. އިތުބާރުކުރަންވީ ކާކަށް ކަމެއް އަހަންނަކަށް ނޭގޭ. އަހަންނަކީ ކާކުކަމެއް އަދިވެސް ޔަގީނެއްނުވާތީ ސަބީ ކައިރިން ޓެސްޓް ހައްދަން މިޖެހުނީ، ބަޔަކު މީހުންގެ މަސްލަހަތަށްޓަކާ އަހަރެންގެ ދިރިއުޅުމާއި ކުޅޭކަށްވެސް ފަހެއްނުޖެހޭނެ. އެކަމަކު މިހާރު އެބަޖެހޭ އެކަން ޔަގީންކުރެވުނު ގޮތަކަށް ކުރަން. ސަބަބަކީ......." އައްމާރު ކާއިއާއާއި އޭނަގެ އޮތް ގުޅުމުގެ ވާހަކަދައްކަން ފަސްޖެހުނެވެ.

"ޑޮކްޓަރު ޝުވޭކާރުމެން މިހާރު އިމީ ދަރިއަކަށް ހަދަންވީ ކީއްވެތަ؟ މިހުރިހާ ދުވަސްވާންދެން އެހާ މުއްސަދިބަޔަކު ދަރިފުޅު ނަބީލާމެން ކަހަލަ އަންހެނަކަށްދީފައި އެހާ ދުވަސްވާންދެން ތިބެވިދާނެތަ؟ އަންބިލީވަބްލް. ޑޯންޓްވޮރީ. މިފަހަރު ޓެސްޓްހެދީމަ ހުރިހާކަމެއް ޔަގީންވާނެ. ތެދަށް ބުނަންޏާ އަހަންނަށް ރަގަޅީ އިމީ ތިއީ ފައިސަލްގެ ދަރިއަކަށް ނުވެއްޖެއްޔާ. އެފެމިލީ މީހުންނާއި އަހަރެންގެ ފެމިލީގެ ކޮމްޕެޓީޝަން ވަރަށް ބޮޑު، އެންމެ ބޮޑު ވާދަވެރިޔަކަށް އުޅޭ ބަޔަކީ އެމީހުން. ބަޓް އައި ސްވިއަރ އަހަރެން އިމީއަށްޓަކާ މިކަން ތެދުވެރިކަމާއިއެކު ކޮށްދޭނަން......" ސަބީ ޔަގީންކަންދިނެވެ. އެތައް ޒަމާނުއްސުރެން އެކީގައި އުޅޭ ވަފާތެރި އެކުވެރިއަކަށްވުމުން އައްމާރުއަށްވެސް އޭނަ ފަދައިން އިތުބާރުކުރާ އެހެންމީހެއް މިދުނިޔެއަކު ނެތެވެ.

ކިޔަން ޚަލީސީ ދެކެލަން ގޮސްފާ ސާރާގެ ލޮލުގައިވާ ކަރުނަތައް ފެނި ހަމްދަރުދީވެގެން އޭނަގެ މަންމައަށް ގުޅައިގެން ގެނައެވެ. މަންމަ ހުރީ ޑިއުޓީގައި ކަމުގައި ވިޔަސް އެދުވަހުވެސް އެންމެ ފަހަރަކުވެސް ޚަލީސީގެ ހާލު އޮޅުން ފިލުވާކަށްވެސް ގުޅާފައެއްނުވެއެވެ.

ބައިގަޑިއެއްހާއިރުފަހުން ޝުވޭކާރު ޚަލީސީއަށް ޒިޔާރަތްކޮށްފައި ބެލިއިރު ލޭގެ ޕްރެޝަރު ވަރަށް ދަށެވެ. ކިރިޔާ ޝޮކަކަށް ނުދާކަމެވެ. ދެން ޖެހުނީ އައިސީޔޫއަށް ބަދަލުކުރާށެވެ. ސާރާގެ ހިތްހަލާކުވާވަރުވިއެވެ. އެހިސާބަށް ދާންދެން އެކަކުވެސް އަޅާނުލިކަމީ ހިތުގެ ޝަކުވާއެވެ. ނަމަވެސް ސާރާ ހުރީ ކެތްތެރިވެލައިގެން ހިމޭނުންނެވެ. ދުޢާކުރުން ފިޔަވާ އެހެން އޮތްކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. ދަރިފުޅަކީ އެއާއިލާގެ ކުއްޖެއްކަމަށް ދެކެން އެމީހުންނަށް މަޖުބޫރުކުރުމުގެ މާނައެއްނެތެވެ. އައްމާރުގެ ތަބީއަތުގައި ކުޑަކުދިންނަށް އޯގާތެރިކަމެއް ލައްވާފައި ހުރުމުން ޚަލީސީއާއި ގާތްކޮށް އުޅެނީއެވެ. ޚަލީސީގެ މަގާމުގައި ކޮންމެ ކުއްޖެއް ހުރިނަމަވެސް އައްމާރު އުޅޭނީ ލޯބިންނެވެ. އޭނަވެސް އެއީ އަމިއްލަ ދަރިފުޅުކަން ހިތުގެ އަޑިން ގަބޫލުނުކުރަނީކަމަށް ވެދާނެއެވެ.

ސާރާ ގަދަކަމުން ކަރުނަތައް ދިރުވާލައިގެން އިނަސް ދޭތެރެއަކުން ޓިޝޫއަކުން ލޯ ފޮހެލައެވެ. އައްމާރު ތަންކޮޅެއް ދުރުގައި ކިޔަންއާއި ވާހަކަދައްކަން ހުރެފައި ދޭތެރެއަކުން ސާރާއަށް ބަލައިލާއިރު އެނަޒަރުގައި ޚާއްސަކަމެއް ހުއްޓެވެ. ސާރާއަށް އެކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ އޭނަ އައްމާރުދެކެ ހިތްހަމަނުޖެހިފައިވާލެއް ބޮޑުކަމުން އެންމެފަހަރަކުވެސް އެދިމާލަށް ބަލައިލީއެއް ނޫނެވެ. އިރުކޮޅެއްފަހުން ބަލައިލިއިރު އައްމާރު ފެންނާކަށް ނެތެވެ.

އައްމާރު މިސްކިތަށް ވަދެފައި ނަމާދުކޮށްގެން ދުޢާކުރީ ދަރިފުޅަށް ޝިފާދެއްވުމަށް އެދިއެވެ.

މެންދުރު ކާންވެގެން އޭނަ ކާކޮޓަރިއަށް ދިޔައީ މަންމަ ގުޅާފައި އަންނަން އެދުމުންނެވެ. އޭރު އެންމެންހެން މޭޒުދޮށުގައި އައްމާރުގެ އިންތިޒާރުގައި ތިއްބެވެ. އައްމާރު ފެނުމުން ކާއިއާގެ މޫނުމަތި އެއްކޮށް ރަތްވިއެވެ.

"ޚަލީސީގެ ހާލު ކިހިނެއްތަ؟ " ފައިސަލް އަހާލިއެވެ.

"ބަލިކޮށް އޮތީ. އައިސީޔޫގައި އޮތީމަ އަހަރެންވެސް ޑިއުޓީ ނިންމާލާފައި ދެން މިއައީ، ސާރާ އެތާ ހުންނާނެއްނު. އިމީ ދަރިފުޅާ އިށީދެބަލަ........" ޝުވޭކާރު އައްމާރުއަށްވުރެ ކުރިން ޖަވާބުދިނެވެ. އަދި އައްމާރުއަށް ގޮނޑިކައިރިކޮށްލަދިނެވެ. ކިޔަންއިނީ މަންމަމެންގެ މިޒާޖު ހުންނަ ގޮތާއިމެދު ހައިރާންވެފައެވެ. ޚަލީސީއަކީ އަދި އައްމާރުގެ ދަރިއަކަށްނުވިޔަސް އިންސާނިއްޔަތަށްޓަކާވެސް މިހާރު ސާރާއާއި ދަރިފުޅަށް އެހީވުމާއި އަޅާލުމަކީ އެމީހުންނަށް ވާޖިބެކެވެ. ނަމަވެސް އެމީހުންގެ ފަރާތުން ފެންނަނީ ފަރުވާކުޑަކަމެވެ.

"ސާރާ. ސާރާ. އަބަދު ތަސްބީހައެއްހެން އެނަން ނޫނީ ނުކިޔޭ. އެއީ އެންޖެލްއެއްތަ؟ ގޯޑް އައި ހޭޓް ހާރ ސޯ މަޗް........" ކުއްލިއަކަށް ކާއިއާ ތަށި އެއްފަރާތަށް ހޫރާލިގޮތުން އެންމެނަށް ހައިރާންކަމެއް ލިބުނެވެ. މަޑު ދޫލަމަތީގައި ކާތަށި ޖެހުމުން ނަސީބަކުން ތެޅިގެން ނުދިޔަނަމަވެސް އެންމެން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

"ދަރިފުޅާ، ހަމަޖެހިބަލަ...." ފައިސަލް ކާއިއާގެ ކައިރިއަށް ޖެހިލާފައި އަތުގައި މަޑުމަޑުން ހިފަހައްޓާލިއެވެ.

"ހަމަޖެހޭނީ އެކަނި އެއަންހެނާ މިގެއިން ނެރެލީމަ. ބައްޕައަކަށް އެނގިނުލައްވާ، އެންމެންވެގެން ކައިއާއި ދެކޮޅަށް ޕްލޮޓްކުރަނީ، ސްޕެޝަލީ ކިޔަންއާއި އަންކަލް ކުރިހާކަމެއް އެނގެޔޭ. އެދެމީހުން ރާވައިގެން އިމީއަކީ މަންމަމެންގެ ދަރިއެކޭ ކިޔާފައި ޑީއެންއޭ ވެސް އޮޅުވާލީ، އެމީހުން ފައިސާދީގެން ކުރުވިކަމެއް. އަހަންނާއި އިމީ ދުރުކުރަންވެގެން މަކަރުވެރި ރޭވުންތައް ރާވަނީ. ވިލް ކިލް ޔޫ........." ކާއިއާ ކިޔަންއަށް ލޯ އަޅައިލީ ވަރަށް ގަދަޔަށެވެ. ކިޔަންއިނީ ފުރަތަމަ އިނީ ހައިރާންވެ ޝޮކެއްގައެވެ. އޭނަ އިރުކޮޅެއްވާންދެން އެހެން އިނދެލާފައި ހޭންފެށިއެވެ.

"އާ ޔޫ ސީރިޔަސް؟ ކޮން އަންކަލްއަކާއި ވާހަކަދައްކަނިކޮށް ފެނުނީ؟ ހަދަހަދައިގެން ވާހަކަދެއްކިޔަސް ތިކަހަލަ އައިޑިއާއެއް ހޯދީމަ ހަމަ ބުނާނެ އެއްޗެއް ވެސް ނޭގިފައި މިހިރީ. ގޯޑް. ކިހިނެއްވެފައި ކައިއަށް ތިހިރީ؟ " ކިޔަން ހުނުންގަނޑު ކޮންޓްރޯލް ކުރަމުން ފުންނޭވަޔެއް ދޫކޮށްލިއެވެ.

"ދެމީހުން ފޯނުން ވާހަކަދެއްކި އަޑު އިވުނީ. އަދި ކިޔަން ލޯބިވަނީ ޔޯ ސާރާ ދެކެ.........." ކާއިއާ އަދިވެސް ބޮޑަށް ބުމަގޮށްޖެހިއެވެ.

"މަމް. އިޒް ޝީ އޮން މެޑް؟ " އެހިސާބަށް ވާހަކަ ގެންދިޔުމުން ކިޔަންގެ މޫނުމަތިން ފުރަތަމަ ފަހަރަށް ރުޅީގެ އަސަރު ފެނިލިއެވެ.

"ކިޔަން ބަސްޓްވީމަ ކޮންމެހެން ބޭހެކޭ ކިޔާނެކަމެއްނެތޭ، މިގޭގައި އުޅެނީ މަކަރުވެރިކަމުން ފުރިފައިވާ ބަޔެއް. ވަރަށް ރުޅިއާދޭ..........އައި ހޭޓް ޔޫ އޯލް....." ކާއިއާ ތެދުވެގެން ދިޔަގޮތަށް ކިޔަންއާއި ދިމާކޮށްލިއެވެ. ކިޔަންގެ ގަޔަށް އަރައިގަނެގެން ދަތްއަޅާ އިސްތަށިގަނޑަށް ދަމަންފެށުމުންވެސް ކިޔަން ކޮއްކޮއަށް އަނިޔާއެއް ނުކުރަން މަސައްކަތްކުރިއެވެ. ކިޔަން ކާއިއާ ހިފަހައްޓަން އުޅުނުއިރުވެސް އައްމާރުއިނީ ގޮތްހުސްވެފައި ބަލަހައްޓައިގެންނެވެ. ކާއިއާ ހަމަރަގަޅަށްވެސް މޮޔަވީހެއްޔެވެ؟ ކިޔަންމެން ކިތަންމެ ވަރަކަށް އޮޅުވާލަން މަސައްކަތްކުރިޔަސް އެގޮތަށް ގަޔަށް އަތްލާހިސާބަކަށް ދާކަށް ނުވާނެއެވެ. ފައިސަލް ކިޔަންއާއި ކާއިއާގެ ދެމެދަށްވަދެ ކާއިއާ ރުއްސަން ވަރަށް ލޯބިން ވާހަކަދެއްކިއެވެ. އައްމާރުގެ ތަށްޓަށް އޭނަގެ މަންމަ ބަތްއަޅާދީފައި އުލާއި ސަމުސާ ލެއްވިތަނާ ސާރާ ގުޅަންފެށުމުން ފޯނުނެގިއެވެ.

"އިމީ. އަހަރެމެންގެ ދަރިފުޅު...މަރުވަނީ. ބީޕީވެސް ނުލިބޭ، ނޭފަތުން ބައިވަރު ލޭ......" ސާރާ ހިތްކުދިކުދިވާ ފަދަ ގޮތަކަށް ރޮއިގަތެވެ.

"ގޯޑް....ނޯ......"އައްމާރު ކުއްލިއަކަށް ކަންބޮޑުވެފައި ކޮޅަށް ތެދުވުނުއިރު އޭނަގެ މޫނުވަނީ ހުދުވެފައެވެ. އަތުގައިވާ ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުނުއިރު އެންމެންގެ ސަމާލުކަންވެސް އައްމާރުއަށް ހުއްޓުނެވެ. ޝުވޭކާރުވެސް ކެއުން ހުއްޓާލާފައި ތެދުވެގެން އައިގޮތަށް އައްމާރުގެ ގައިގާ ހިފެހެއްޓިއެވެ.

"ކިހިނެއްވީތަ ދަރިފުޅާ. އާރ ޔޫ އޯލްރައިޓް. އިށީދެބަލަ........." ޝުވޭކާރު އެވަގުތުވެސް ވިސްނީ ހަމައެކަނި އައްމާރުގެ ހާލަތާއިމެދުގައެވެ.

"އިމީ. ބޭބީއަށް ކަމެއްވީތަ އަނެއްކާ. އަވަހަށް ހިނގާ ހޮސްޕިޓަލަށް.........." ކިޔަންވެސް ކަންބޮޑުވެފައި ޓިޝޫއިން މޫނުމަތި ފޮހެމުން ތެދުވެ އައްމާރުގެ ކޮނޑުގައި އަތް ބޭއްވިއެވެ. ބޮޑުކަމެއްވެއްޖެކަން ކިޔަންއަށް ޔަގީންވިއިރު އެއީ ޚަލީސީ އާއި ގުޅޭކަމެއްކަން އޭނަ ދެނެގަތެވެ. ޚަލީސީއަށް ޑެންގީ ހުން ޖެހިފައިވާއިރު އެއީ ކިހާވަރެއްގެ ނުރައްކާތެރިކަމެއްކަން އެހެން މީހުންނަށްވެސް ނޭގެނީއެއް ނޫނެވެ. އެހެން މީހުން އަޅާނުލީއެވެ. އައްމާރުގެ ދަރިފުޅުކަމަށް ގަބޫލުނުކުރުން އެއީ އަދި އެހެން ކަމެކެވެ. އެހާލުގައި އޮތް ކުއްޖަކަށް އެންމެންވެސް އަޅާލާ އެހީތެރިވާންވާނެއެވެ.

"އެކުއްޖާ މަރުވެއްޖެއްޔާ މާ ރަގަޅު، އެއީ އަދި އިމީގެ ދަރިއެއްވެސް ނޫނޭ. އެ ނުލަފާ އަންހެނާގެ މަކަރުވެރިކަމުން އިމީގެ ބޮލުގައި އެޅުވީތީ އެކަމުގެ ސަޒާކަން ނޭގޭ އެލިބުނީ، ތޭންކް ގޯޑް..އެހާވަރަށް ބުނީމަވެސް އެންމެންވެގެން އެމީހާ މާ ގާތްކޮށްގެން އުޅުނީ ކައި ދެރަކުރަންވެގެން، އެހެންވެ ގޯޑް އެންމެނަށް ޕަނިޝްކުރަނީ......." ކާއިއާގެ އެ އަނިޔާވެރި ޖުމްލަތަކުން އެންމެން ސިހުނެވެ. ނުބައި އަސަރުތަކެއް ކުރުވިއެވެ. ކިޔަން ދުއްވައިގަތީ ގަރާޖުން ކާރު ނެރުމަށެވެ.

ކޮމެންޓް 0