"އެހިތަށް އަނިޔާއެއް ދެވިއްޖެ. އެހެންވެކަން ނޭގޭ އަބަދާއަބަދު ފިކުރުގެ އޮއިވަރެއްގައި މިހުރެވެނީ، އެކަމަކު އައްމާރުގެ ކުށްވެސް އެބައޮތް. ކުށެއްނުކުރާ އިންސާނެއްނުވެސް ވާނެ. ހަތަރުއަނބިންނާއިގެން އުޅުނަސް އަހަރެމެންގެ އަންހެން ދަރިފުޅު އުފަލުގައި ބަހައްޓާއިރު ކުރާނީ ވަކި ކޮން ޝަކުވާއެއްތަ؟ އަހަރެން ޖެހޭނީ މާފަށް އެދެން. ހިތްހެޔޮކުރުވަން ކޮންމެފަދަ ކަމެއްކުރަން ޖެހުނަސް މިހުރީ ތާއްޔާރަށް. ކީއްވެބާ މިހާވަރަށް އެ ފިރިހެންކުއްޖާއާއި ދޭތެރޭގައި ވިސްނެނީ؟ މިވަރަށް ހިތަށް އުދަގޫވަނީ ކީއްވެތަ؟ މަގޭ ލޮލުން ކަރުނަވެސް އެބައާދޭ. އެއީ ކީއްވެތަ؟ މަންމައަކު ދަރިއަކާއި ދޭތެރޭ ގޯސްކޮށް ކަންތައްކުރި ޚަބަރު އިވުނީ އަލަކަށްނޫން، އެކަމަކު ހާދަ އަސަރެއްކޮށްފިއޭ. އެމާމައާއި ދޭތެރޭގައިވެސް ވިސްނަން މަޖުބޫރުކުރުވައިފި. އަހަރެން މާމައަށް ޔަގީންކަން ދިނީ ދަރިފުޅާއި ވަރަށް އަވަހަށް ބައްދަލުވާނެކަމަށް. މާމަ މިގެއަށް ގެނެސް އައްމާރުއާއި ބައްދަލުކުރުވަންވީކަން ނޭގޭ......އޭރުންކަން ނޭގޭ މި ހިތަށް ކިރިޔާވެސް ފިނިކަމެއްލިބޭނީ. އަހަންނަށް ވެގެން މިއުޅެނީ ކީއްތަ؟ އައިމް ނޮޓް މައިސެލްފް ދީސް ޑޭސް........" ޝުވޭކާރު ފުން ފުން ނޭވާތަކެއް ލިޔަސް ހާސްކަމެއް ނުފިލިއެވެ.

އައްމާރު ސިގްރެޓަކަށްފަހު ސިގްރެޓެއް ހުލިކުރަމުން ދަނިކޮށް ކޮންމެވެސް މީހަކު އައި ބާރުމިނުގައި ސިގެރްޓް އެމީހެއްގެ މުށުތެރޭގައި ލިތަން ފެނުނެވެ. އައްމާރު ސިހިފައި ކާއިއާގެ ކުޑަ ކުޑަ މުށް ހުޅުވާލިއިރު އެއަތްތިލަ ކޮންމެވެސް ވަރަކަށް ފިހި ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.

"އިމީ. ޕްލީޒް ސްޓޮޕް ސްމޯކިން. ހާދަ ދެރަވެއޭ. މި ރީތި ތުންފަތުގެ ކުލަވެސް ފަނޑުވާން ފަށައިފި. އަދި ނުފެނުނަސް ލަންގަށް ވާނެގޮތެއް ހިތަށް ނުގެނެވޭ.....ކީއްވެ އަމިއްލަ ނަފުސަށް ގެއްލުންދޭން އުޅެނީ؟ ޔޫ އާރ މައިން އެންޑް ބޭނުމެއް ނުވެއޭ މިހަށިގަނޑުގައި ކުޑަ ކުޑަ ސްކްރެޗެއް އެޅޭކަށް......" ކާއިއާ އައްމާރުގެ ތުންފަތުގައި އިނގިލި ބީއްސާލަމުން ވާހަކަދެއްކިއެވެ.

"އޯކޭ. ބަލާނަން ކައިއަށްޓަކާ މިކަން ހުއްޓަން..." ކާއިއާ ދެރަވެފައި ހުރިވަރު ފެނިފައި އައްމާރު ނިންމިއެވެ. އެހެން މީހުން އުފާކޮށްދިނުމަށްޓަކާ ގުރުބާންވީމަ ވީ ނޫންހެއްޔެވެ؟ އޭނަގެ އުފާތަކާއި އޭނަ ބޭނުންވާ ގޮތާއިމެދު އަޅާލާނީ ކިތައް މީހުންހެއްޔެވެ؟ އެކަކަށްވެސް އޭނަގެ އިހުސާސްތައް ދެނެގަނެވިފައެއް ނެތެވެ. ހިތަށް ވާ ތަދާއި ކުރާ އަސަރު ބަޔާންކޮށްދިނުން މިހާރުވަނީ އުދަގޫވެފައެވެ. ވަޒީފާއަކާއިމެދު އޭނަ ވިސްނާވަރުވެސް ދެނެވޮޑިގެންވަނީ މާތް ﷲއެވެ. ސާރާއާއި ކާއިއާއާއިއެކުގައި އުފާވެރި ދިރިއުޅުމެއް ބިނާކުރަން ދެކުނުހާ ހުވަފެންތައް ވިއްސިވިހާލިވެގެން ދަނީއެވެ. ކުރެވޭނެ ކަމެއްނެތެވެ. ކުޅިބަލަން މަޑުން ހުރުމަކީ އޭނައަށް އޮތް އެކަނި ހައްލެވެ.

"ތެންކިއު މައި ވަން އެންޑް އޮންލީ ލަވް. ހާދަހާ ބޮޑަށް ލޯބިވެއޭ...." ކާއިއާ ބޭނުންވީ އެފުން ދެލޮލުގެ ތެރެއަށް ގެނބިގަތުމަށެވެ. އެރީތި ދެލޮލުން ބަލައިލާ ކޮންމެ ފަހަރަކު ހިތަށްވާ ގޮތެއް ގަލަމަކުން ސިފަކޮށެއް ނުދެވޭނެއެވެ.

ވާރޭގެ ބޮޑެތި ތިކިތަކުން ދެމީހުން ތެންމަން ފެށުމުންވެސް އެކަކު އަނެކަކު އަތުގައި ހިފައިގެން ތިބީ ދެލޯބިވެރިން ފަދައިންނެވެ. ވާރޭގެ ސަބަބުން އައްމާރު ފުސްކޮށް ފެންނަމުން ދިޔަސް ކާއިއާ ހުރީ އިންތިހާއަށް އުފާވެފައެވެ. އައްމާރުގެ ހިތުގައިވާ އުދާސްތައް ނޭގި އޭނަ އުފާކުރަމުން ދާއިރު އައްމާރުވެސް ބައިވިއެވެ. ވާރެޔާއި ތެމިލައިގެން އެކި ހަނދާންތައް ރައްކާކުރުމަށްފަހު ކާއިއާ ގެއަށްވަނީ މިއަދު އާ އަޒުމަކާއިއެކުގައެވެ. މިދުވަހަށްފަހު އެހެން ކާއިއާއެއް ދުނިޔެއަށް އުފަންކުރަން އޭނަ ނިންމިއެވެ. އައްމާރު އޭނަދެކެ އެހާ ލޯބިވަންޏާ އައްމާރުއަށްޓަކާ އޭނަ ބަދަލުނުވާން ވީ ކީއްވެހެއްޔެވެ؟ އަމިއްލައަށް އުޅެވޭލެއް މޮޔަކަމާއި ޅަކަން އިހުސާސްވެސް ކުރެވެއެވެ. އެގޮތްތައް ދޫކޮށްލާ އޭނަ ހަރުމީހަކަށްވާނެއެވެ. ވަޒީފާއަށްވެސް ދާނެއެވެ. ބައްޕަގެ އޮފީހަކުން ރަގަޅު މަގާމެއް ނުލިބެންވީ އެއްވެސް ސަބަބެއްނެތެވެ.

ކާއިއާ އައްމާރު އާއި ވަޒީފާއާއި ބެހޭގޮތުން ވާހަކަދެއްކިއިރު އައްމާރުވަނީ އެހެން އޮފީހަކުން ވަޒީފާއަށް އެދި ސިޓީލާފައެވެ. ކާއިއާ އެކަމާއި ދެކޮޅަށް އެއްޗެކޭ ބުނަން އުޅެފައިވެސް ގަސްތުކުރީ އައްމާރު ބޭނުންވާ ގޮތަކަށް ކަންތައް ގެންދަން ދޫކޮށްލާށެވެ. އޭނަވެސް އެ އޮފީހުން ވަޒީފާއަކަށް އެދޭނީއެވެ. އައްމާރުއާއި ނުލައި އެންމެ ސިކުންތުކޮޅެއް ހޭދަކޮށްލަން ވިޔަސް އޭނަ ވާވަރު ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. ވަޒީފާގައިވެސް އަބަދާއަބަދުހެން އައްމާރު ފެންނަން ހުރެއްޖެއްޔާ ހިތަށް އެލިބޭ ހަމަޖެހުން އެތައް ގުނަ ބޮޑުވާނެއެވެ.

ސާރާ ޑިއުޓީއިން އައިއިރު ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން މައިނޭވާލެވިފައި ވިއެވެ. ހުދު އެސް ތަކުން ޖަރީކޮށް ރީތި ޑިޒައިންއަކަށް ހަދާފައިވާ ކަޅުކުލައިގެ ހެދުން ކޮނޑުގައި އަޅުވާލުމަށްފަހު ކުޑަކޮށް ގައިދޮވެލާ ހަދަން ފާޚާނާއަށްވަނެވެ. ނުކުތްއިރު ރައިޝާހުރީ ސައި ތައްޔާރުކޮށްލައިގެންނެވެ. ސާރާގެ މިލާފައިވާ މޫނަށް ބަލަން އިރުކޮޅަކު އިނީ އެދެލޮލުން ކަމެއް ދެނެގަންނަން އުޅޭފަދަ ގޮތަކަށެވެ.

"އަހަންނަށް އެނގޭ، ކާއިއާ މުޅި ދުނިޔެއަށް އިއުލާން ކުރަމުން ހިނގާތީ ދޯ. ފޮނި އަންހެނުންވެސް އުޅޭ މިވަރެއްނުދެކެން. އައްމާރުއަކީ މަގޭ އެކަނި މީހެކޭ ކިޔައިގެން ހުރިހާ ފޮޓޯތަކެއް ލާންފަށައިފި. އަދި މިފޮޓޯ ދެކުނިންތަ؟ " ސާރާގެ ހިތުގެ ހާލަތު އެނގޭއިރުވެސް ފޮރުވާކަށް ރައިޝާ ބޭނުމެއްނުވިއެވެ. ރައިޝާ އެފްބީގެ ފޮޓޯއެއް ސާރާއަށް ދައްކައިލިއެވެ. އެއީ ދުނިޔޭގެ ފެންވަރުގެ މޮޅު ތަސްވީރެއްކަމާއިމެދު ޝައްކެވެ. އައްމާރު ފެންފުޅިއެއް ހިފަހައްޓާލައިގެން ހުރެ ކާއިއާގެ މޫނަށް އަނގައިން ބުރުއްސާލި ފެންތައް ވަރަށް ރީއްޗަށް ރޮގުތަކެއްހެން ދެމިގެންގޮސް ކާއިއާގެ މޫނުގައި ބޮސްދެމުން ދިޔައިރު ކާއިއާ ތުއިގޮތަކަށް ހެމުން ދިޔައެވެ. އައްމާރުވެސް ހުރީ އެހާ ހެވިލާފައެވެ. ދެމީހުންގެ ކޯތާފަތަށް އެޅިފައިވާ އަޑިކޮޅު އޭގެ އެންމެ ފުރިހަމަގޮތުގައި އިޝްތިހާރުކޮށްލައިގެންނެވެ.

ސާރާގެ ހިތް ވީދިގެން ދިޔަފަދަ ގޮތެއްވުމާއިއެކު ދެލޮލަށް ކަރުނަ ނައީ ހަމަ ކިރިޔާއެވެ. ރައިޝާގެ ފޯނުން ބަލަމުން ދިޔަވަރަކަށް ހަގީގަތް ސާފުވަމުން ދިޔައެވެ. އެއުޅެނީ ހާދަ ލޯބިންނެވެ. އައްމާރުއާއި ކާއިއާ އުޅެނީ ނަބީލާވިލާގައިކަން ނަގާފައި ހުރި ފޮޓޯތައް ހާމަކޮށްދިނެވެ. ވާރޭގެ ތެރޭގައި ދެމީހުން ސަމާސާކުރާ މަންޒަރުންވެސް ސާރާގެ ހިތަށް ތަދުކުރުވިއެވެ. ހިތާ ހިތުން އޭނަ ރޮމުން ދިޔައެވެ. ހިތް ފަޅިފަޅިވަމުން ލޭ އޮހޮރެމުން ދިޔައެވެ. އޭނަ އެހާ ބޮޑަށް އައްމާރުދެކެ ވީ ލޯބި އައްމާރުއަށް އެއްވެސް އެއްޗަކަށްނުވިއެވެ. މާލޭގައި ހުރެވެސް އޭނައަށް އެންގުމަކީ ބޭނުންކަމަކަށްނުވިއެވެ. ނިކަމެތިކަމާއިއެކު އޭނަ އެ ހަޔާތުން އެއްފަރާތްކޮށްލީއެވެ. ދެރަވެގެންގޮސް ކަރުތެރެ ބެދުނެވެ. ދެކުދިން އަމިއްލަ ވާހަކަތަކުގައި ތިބިއިރު މާމަވެސް ބައިވެރިކުރިއެވެ. މާމަ ކިރު ސަޔާއިއެކު ބިސްކޯދުކާން އިނީ އުފާވެފައެވެ. ރަހަމީރު ކިތަންމެ އެއްޗެއް ސާރާ ގެނެސްދެއެވެ. އައިސްކްރީމަށް ދާންދެން ކާންދިނެވެ. އެކަހަލަ އެއްޗެއް މިއިން ޒަމާނެއްގައިވެސް އަނގަޔަށް ލީ ހަނދާނެއް މާމަ ނެތެވެ. ޗޮކްލެޓާއި މެޓާ އައިސްކްރީމްފަދަ އެއްޗެހި މާމަކުރިމަތީގައި ކާތަން ފެންނަ ކޮންމެ ފަހަރަކު ކާހިތްވިއެވެ. މިހާރު ސާރާ ކާއެއްޗެއް މާމައަށް ނުދީ ރަހަބަލައިލަންވެސް އެކުއްޖާ ބޭނުންވާހެން ހިޔެއްނުވެއެވެ.

ސާރާގެ ކަރުނަތައް ބަންޑުންވެގަތީ ރައިޝާ ދިޔުމުންނެވެ. މޭޒު ސާފުކުރަން ހުރިއިރު ދޭތެރެއަކުން ލޯ ފޮހެލިއެވެ. މާމައަށް އެމަންޒަރެއް ނުފެންނާނެއެވެ. ދުވަސްވުމުގެ ސަބަބުން ލޯ ބޯ ކޮށިވިޔަސް ކަންފަތް އަދި މުޅިން ރަގަޅެވެ. ސާރާ ގިސްލިހެން ހީވެގެން ސުވާލުކުރަން ފެށުމުން އަރިދަފުސްއަޅާފައި ކަމުގައި ބުނެފައި ސާރާ އޮޅުވައިލިއެވެ.

ކޮޓަރިއަށްވަދެފައި އޭނަ އައްމާރުއަށް މެސެޖްކުރަން އެތައް ފަހަރަކު ފޯނުނެގިއެވެ. ނަމަވެސް އެހިތްވަރެއް ނުލިބުނެވެ. އައްމާރު އޭނަ ނަގާ އެއްލާލީއޭ ހީވެފައި ހުރިހާ ހިތްވަރެއްނެތިގެން ދިޔައީއެވެ.

މާމަ ގޮވައިގެން ސާރާ ދިރިއުޅުން ކުރިއަށް ގެންދިޔައެވެ. ހަޔާތުގެ ދަތުރު އޮމާނެއްނޫނެވެ. އެކަނިމާއެކަނި ނަގާހާ ރޯޅިއަކާއި ތޫފާނަކާއި ހަނގުރާމަކުރަން ޖެހުނަސް އޭނަ ހިތްވަރުބަލިކޮށެއް ނުލިއެވެ. ހެއްދެވިފަރާތުގެ ރަހުމަތާއިމެދު އުއްމީދު ކަނޑައެއްނުލައެވެ. ކޮންމެވެސް ދުވަހަކުން ކެތްތެރިކަމުގެ ފޮނި މޭވާ ލިބޭނެކަމުގައި އޭނަ ހީކުރިއެވެ. ދެރައީ ނަބީލާ އެގެއަށް ވަނުން ތަންކޮޅެއް ގިނަވާންފެށިކަމެވެ. ގަޑިއެއް ގަޑިއެއް ނޯވެއެވެ. މާމައާއި ދިމާލަށް ފާޑުފާޑު ވާހަކަދައްކާ ހަދާތީވެސް ސާރާ މޮޔަވާވަރުވިއެވެ. ނަބީލާ މާމަ ކުށްވެރިކޮށްފައި އެއްޗެހި ކިޔުމުން ނުލަފާވުމުގެ ބަދަލުގައި މާމަ އިންނަނީ ރޯލަ ރޯލައެވެ. އެފަކީރު އިންނަނީ ބިރުން ވިރިފައެވެ. އޭނަގެ ގޯނާތަކުގެ ޝިކާރައަކަށްވެފައިވަނީ އެކަނި މާމައެއް ނޫނެވެ. އެގެއިން ރައިޝާ ފެނިއްޖެއްޔާ އެހާ މަލާމާތްކުރެއެވެ. ޖިދާންގެ ކައިރިން ވަރިވެގެން އައުމުން މޮޅުތަކެއް ވެއްޖެހެއްޔޭ ކިޔާ ޖެއްސުންކުރިއެވެ. މިހާރު ރައިޝާ މުސްކުޅި އަންހެނެއްގެ އަޅަކަށްވެގެން ގުލާމުކަން ކުރާއިރު ލަދުނުގަންނަނީހެއްޔޭ އަހައިލިއެވެ.

އަސުރަށް ބަންގިނުދެނީސް ނަބީލާ އެގެއަށް އައިއިރު މާމައިނީ ތަސްބީހަ ހިފައިގެންނެވެ. ސާރާއާއި ރައިޝާ ރޭގަނޑަށް ކޮންމެވެސް އެއްޗެއް ކެއްކުމުގައި އަވަދިނެތި އުޅުނެވެ.

"މީހުންނަށް ހީވާނެ މިގޮތަށް ކަރުނަ އޮއްސަން މުސައްލަމަތީގައި އިނީމަ މާބޮޑު އަޅުވެރިޔެކޭ. ތިމާގެ ފިރިމީހާ ލައްވާ އަމިއްލަ ދަރީގެ އިއްފަތް ނަގުވާލިމީހަކަށް އުފާކުރުމުގެ އެއްވެސް ހައްގެއް ލިބިގެން ނުވާނެ. ޖަލަށް ލީމަ ނޫނީ އަހަންނަށް އިންސާފެއް ނުލިބޭނެ........" ނަބީލާ ކިޔައިލިއެވެ.

މާމަ މަޑުން އިންތަން ފެނިފައި ނަބީލާ ވަކިން ބޮޑަށް މޫނު އަނދިރިކޮށްލާފައި ލޯ ހަނިކޮށްލިއެވެ.

"މިސްކިތެއްގެ މުދިމަކަށް ހުއްޓަސް އެއީ ފިސާރި ނުލަފާ ޝައިތޯނެއް. އެމީހާ ހުރިހާ ނުލަފާކަމެއްކުރަނީ އެ މަގާމުގެ ނިވަލުގައި ހުރެގެން، މިއިނީ އެކަމަށް ހިތްވަރުދިން އަންހެނާ، އަހަރެން ދުވަހަކު މާފުކުރާނެކަމަށް ހީނުކުރާތި. ހަމަޖެހިގެން ވަގުތެއް ލިބޭއިރަށް ކޯޓަށްވެސް ގެންދާނަން. މަގޭ ދަރި މިހާރު ހުންނަނީ ސަރުކާރުގެ މަތީ މަގާމެއްގައޭ، އަހަރެން ބޭނުންހާގޮތަކަށް މަގޭ ދަރި ކަންތައްކުރުވަދޭނެ........" ނަބީލާ ބޮޑާގޮތަކަށް ވާހަކަދައްކާފައި ނުކުމެގެން ދަމުން ސާރާއަށްވެސް އިންޒާރުދިނެވެ. ސާރާ އަދި މާމަވެސް ތިބީ ހިމޭނުންނެވެ. ނަބީލާގެ ވާހަކަ އަޑުއަހާށެވެ. އެކަމުގެ ސަބަބުން ނަބީލާ ރުޅިގަދަވެގެން ނުކުމެގެން ދިޔުމުން ސާރާ އުޅެގަތީ އެހެން ތަނެއް ހޯދާށެވެ. އެނުބައި އަންހެނާގެ ފަރާތުން ސަލާމަތްވެވޭނެ އެހެން ގޮތެއް އެނޫނީ ވިސްނުމަކަށް ނައެވެ. ނަސީބަކުން އޭރު ނީޒާގެ ގޭގެ މަތީބައިގާ ކުއްޔަށް އުޅޭ މީހުން ލަންކާއަށް ބަދަލުވާންވެގެން އެތަން ހުސްކޮށްލުމުން ރަގަޅު ފުރުސަތެއްކަމުގައި ސާރާ ނިންމިއެވެ. އޭރަށް ނަބީލާގެ ނުރައްކަލުން މާމަ ސަލާމަތްކުރެވިދާނެއެވެ.

ސާރާ އައްމާރުއަށް މެސެޖް ނުކުރާން ހުރެފައިވެސް ވަރަށް ލޯބިން މެސެޖްފޮނުވިއެވެ. މާމަގޮވައިގެން އެހެން ތަނަކަށް ބަދަލުވާން ގަސްތުކުރާތީ އެކަން އަންގަން ބޭނުންވާ އެކަނި ފަރާތަކީ އައްމާރުކަމުގައި ބުނެލިއެވެ. މާމަ ބަލިވެ އުޅޭ ވާހަކައާއި އައްމާރު ދެކެލާހިތުން މާމަ އުޅޭވަރު ބަޔާންކޮށްދިނެވެ. އައްމާރުގެ ވާހަކަދައްކާއިރު އަސަރުކޮށްގެން އެ ދެލޯ ފެންކަޅިވާކަމަށާއި މާމައާއި ދޭތެރޭ އަޅާލަން އޭނަ އެދުނެވެ. ނިންމާލަމުން އޭނަ ލޯބިވާވަރާއި އިންތިޒާރުކުރާ ވަރު ބުނެދިނެވެ. ސެމިނާރު ނިމުނުހާ އަވަހަކަށް އަންނަން އެދުނެވެ. ތެޅިތެޅިވާ ހިތަކާއިއެކު ފޮނުވި މެސެޖަށް ޖަވާބެއް ލިބޭނެކަމުގެ އުއްމީދުގައި އެތައް ހާސްފަހަރު ފޯނަށް ބަލައިލެވުނެވެ. ވައިބަރ އިން މެސެޖް ލިބުނުކަމަށް އަރާފައި އިނުމުން ހިތަށް ކުރި އަސަރާއި ލިބުނު ވޭން ދުލަކުން ބުނެދޭނީ ކިހިނެއްހެއްޔެވެ؟ އުއްމީދުގެ ކުޑަކުޑަ ހުޅުކޮޅު ވަޔަށް ހުށަހެޅިފައިވާ ފަދައިން އެކި ގޮތްގޮތަށް ހޫރެމުން ދިޔައީ ކޮންމެ އިރެއްގައިވެސް ނިވިގެންދާ ފަދަ ގޮތަކަށެވެ. ތަފާތު ގޮތްގޮތަށް ހިތަށް ވިސްނައިދީގެން އޭނަގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އައްމާރު އަދި އަންނާނެއެވެ. އޭނަ ވީ ލޯބީގެ އަގު ވަޒަންކުރާނެއެވެ. ވީ ވަޢުދުތައް ހަނދާން ނައްތާނުލާނެއެވެ. ހަގީގީ ފިރިހެނެއްކަން އޭނަ ސާބިތުކޮށްދޭނެއެވެ.

ދެތިންދުވަސްފަހުން ލިބުނު އެޕޮއިންޓްމެންޓްގައި އޭނަ ޑޮކްޓަރަށް ދައްކައިގެން ސްކޭންކުރުވިއެވެ. ތުއްތު ދަރިފުޅުގެ ހިތްތެޅޭތަން ފެނުމުން ސާރާގެ ލޮލަށް ކަރުނަ ޖަމާވީ އައްމާރުގެ މަތިން ހަދާންވެފައެވެ. އައްމާރު ހުންނާނެނަމައެވެ. ފޯނުން އެ ޚަބަރުދޭކަށް އޭނަގެ ހިތެއްނޭދެއެވެ. އަންނާނެނަމައެވެ. އޭރުން އައްމާރު ހާދަ އުފާވާނެއެވެ.

ނީޒާމެންގެއަށް ބަދަލުވުމުގައި ނީޒާގެ ޢާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އެގެއިން ލިބުނު ކޮޓަރި ކުޑަނަމަވެސް ކުޑަ ސިޓިންރޫމްކޮޅަކާއި ކައްކާބައި ހުރުމުން ފަސޭހައެވެ. ކުރިން އުޅުނު ގެއާއި ބަލާއިރު ބެލްކަނީން ފެންނަ މަންޒަރުވެސް ތަންކޮޅެއް ހިތްގައިމެވެ. ލިފްޓުހުރުމުން މާމަ ގޮވައިގެން ތިރިއަށްދާކަށް އުދަގުލެއްނޫނެވެ. ސާރާ ޑޮކްޓަރަށް ދައްކައިގެން ގެއަށް ވަންއިރު މާމަ އިނީ ނަމާދުކުރާށެވެ. ނަމާދުކުރަން އިންގޮތަށް ފަސް ރަކުޢަތްކުރުމުން މާމަގެ ވިސްނުން އެހާ ރަގަޅުނޫންކަން ސާރާ ދެނެގަތެވެ.

"މާމާ. މިއައީ އުފާވެރި ޚަބަރެއްބުނަން. މިވަގުތު އެ ޚަބަރުދޭން އެންމެ ބޭނުންވާ މީހާ ނެތުމުން ހުރި މީހަކީ އެކަނި ތިއީ. މާމަ މުނިމާމައަކަށްވަނީ. މާމަ ވަރަށް އުފާވާނެކަން އެނގޭ.........." ސާރާ މާމަގެ ދެއަތުގައި ހިފަހައްޓާލަމުން ހިނިތުންވެލިއިރު ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތްމަތިން ދަތުރުކުރާތަން ފެނުނެވެ. މާމަވެސް ހެމުން ރޮމުން ސާރާގެ ގައިގާ ބައްދައިލަމުން ހެޔޮ ދުޢާކުރިއެވެ. އައްމާރު ގެ ޙާލު ނޭގޭތީ އެކަމާއި ދެރަވާވާހަކަވެސް ބުނެލިއެވެ.

"މާމަ ނުރޮއި. އައްމާރު އަވަހަށް އަންނާނެ އިރާދަކުރެއްވިއްޔާ........." ސާރާ މާމަގެ އުނގުގައި ބޯ އަޅައިލިއެވެ. މިއަދު އޭނަވަނީ މާމަގެ ދުޢާއަށް ބޭނުންވެފައެވެ. އެއަތުގެ ފިރުމުންތަކަށް އޭނަ އެހާ އެދެއެވެ.

"މާމަ ހިތްހަމަޖައްސާދޭން ސާރާ ތިހެން ބުނީ. އެކަމަކު މާމައަށް އެ ދަރިފުޅު ހެޔޮ ހާލުގައިވަނިކޮށް ފެންނާނެކަމަކަށް މިހިތެއް ނުބުނޭ........" މާމަގެ އެޖުމްލައިން ސާރާގެ ހިތް ހުއްޓުނުފަދަ އިހުސާސެއްކުރެވި ފިނިވެއްޖެއެވެ. ބައެއްފަހަރު އެހެން ބުނެލާ ބަސްތައް ހަގީގަތަކަށްވާފަހަރުވެސް އާދެއެވެ. މާމައަށް ވާހަކަދައްކަން ދަތިކަމުން ބައެއްފަހަރު ކިޔާއެއްޗެއް ދޭހަވަނީ ސާރާ ނިކަން ރަގަޅަށް ކަނުލާއަޑުއަހަން އިނީމައެވެ. މާމަ ދެން ދައްކަންފެށީ މާމައަށް ލިބުނު ދެއަންހެން ދަރިންގެ ވާހަކައެވެ. ދުވަހަކު އަމިއްލަ ދަރިންގެ ވާހަކަ އެހެން މީހެއްގެ ކައިރީ ދައްކާ ބަދުނާމުކުރަން މާމަ މިވީހާތަނަށް މަސައްކަތްކޮށްފައެއް ނެތެވެ. މާމަ ސާރާއާއިމެދު ދެކެނީ އާއިލާގެ އެއްބައި ކަމުގައެވެ. މާމަގެ ސިކުނޑީގައި އެތައް ދުވަހެއްވަންދެން ފުނިޖެހިފައިވާ ވާހަކަތައް ބޭރުނުކޮށް ހުންނަންވެއްޖެއްޔާ ސިކުނޑި ފަޅައިގެން ހިނގައިދާނެއެވެ. ނަބީލާ އެންމެނަށް އޮޅުވައިލީއެވެ. ކުޑައިރުއްސުރެން ޚަސީލަތް ނުބައި ކުއްޖަކަށްވެފައި ޅައިރުއްސުރެން ދޮގުހަދާ ވައްކަން ކުރަންފެށިއެވެ. ރުޅިގަދަކަމުން އަވަށްޓެރިންނަށްވެސް އެހާ ދުއްތުރާކޮށްލައެވެ. އެހެން އުޅެމުންގޮސް ފުރާވަރަށް އެޅުމުން ގެއަށް ފިރިހެނުން ވައްދަންފެށުމުން މާމަ އެކަން ހުއްޓުވަން ކުރި މަސައްކަތުގެ ނަތީޖާފެނިގެން ދިޔައީ ވަރަށް ހިތިކޮށެވެ. ދުވަސްކޮޅަކުން ނަބީލާ ބުނަންފެށީ ދޮންބައްޕަ އޭނައާއި ބެހެންފެށިކަމުގައެވެ. ނަބީލާގެ ދޮންބައްޕައަކީ ރޭއަޅުކަންކޮށް ގިނަވަގުތު ނަމާދުކުރުމުގައި އުޅުނު ސާލިހު މީހެކެވެ. ދުވާލު މަސައްކަތުގައި އުޅުމަށްފަހު ގެއަށް އަންނަގޮތަށް މާމައާއިއެކުގައި ނޫޅޭވަގުތެއްނުވާނެއެވެ. އެފަދަ ކަމެއް ހިނގާނަމަ މާމައަށް ނޭގި ނުދާނެއެވެ. އެކަމަކު ބަދަލުހިފަންވެގެން ދޮންބައްޕަގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުމުން މާމަ ގަބޫލުނުކުރުމުން ނަބީލާ ވަކިން ފޯރިއާއިއެކުގައި ހިތަށް އެރިގޮތަކަށް އުޅެންފެށީއެވެ. އެންމެންގެ ކައިރީ ބުހުތާން ދޮގުހަދައިގެން އޭނަ ހަލާކުކޮށްލީ މަންމައާއި ދޮންބައްޕަކަމުގައި ކިޔަންފެށީއެވެ.

ދޮންބައްޕަގެ ދިފާޢުގައި މާމަ އަބަދުވެސް އަމިއްލަ ދަރިއާއި ދެކޮޅަށް އަޑު އުފުލިއެވެ. ބާރެއްނެތް ދުވަހަކުން އެދެ އަންހެންދަރިންގެ އަތްދަށުވެދާނެކަމަކަށް އޭރު މާމަ ހިޔެއްނުކުރެއެވެ.

ނަބީލާގެ ނުލަފާކަން އިންތިހާއަށް ދިޔައެވެ. ބަޔަކު އެއްލާލާފައި އޮތް ކުޑަފިރިހެންކުއްޖަކު މާމަ ގެނެސްގެން ބަލަންފެށުމުން ނަބީލާ ދުވަސްކޮޅެއްވާންދެން މައިތިރިވިއެވެ. އެކުއްޖާއާއިހެދި އުޅެއުޅެފައި ފަހުން ހަސަދަވެރިވާންފެށި ސަބަބެއްނޭގުނެވެ. އެއޮތްކުޑަކުއްޖާއާއި ޖައްސާލި ދުވަހުން ފެށިގެން އޭނައާއި މާމައާއި ދޭތެރޭގައި އޮތް ގުޅުން އިތުރަށް ކިލަބުވިއެވެ. އެކުއްޖާއާއި މާމައަށް އަނިޔާވެރިވެ އެތައް ގޯނާއެއްކުރިއެވެ. ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުން ކުށެއްނެތް ދެމީހުންގެ ފުރާނަވެސް ރޮއިގަންނަވަރު ކުރިއެވެ. އަދި އަދަށްދާންދެން މާމައުޅެންޖެހިފައިވަނީ އަމިއްލަގޭގައި ޚާދިމާއެއްފަދައިންނެވެ. އެއްވެސް އާރެއްބާރެއްނެތި ގެންގުޅުނު ޣުލާމެއްފަދަވިއެވެ. އޭނަގެ އުމުރުގެ އެންމެފަހު ދުވަސްތަކުގައި ހެޔޮލަފާ އަންހެންކުއްޖަކު ހަޔާތަށް އައިސް އޭނަގެ ހިތަށް ގެނެސްދިން ހަމަޖެހުމަކީ ގިޔާމަތާއި ހަމަޔަށްވެސް އޭނަ ޝުކުރުވެރިވާނެކަމެކެވެ. މިވާހަކަތައް ކިޔައިދިނަސް އެއްވެސް މީހަކު ގަބޫލުކުރާނީ ކިހިނެއްހެއްޔެވެ؟ ހެއްކެއްނެތެވެ.

މާމަގެ ވާހަކަތައް އަހަން ސާރާ އިނީ ހައިރާންވެފައެވެ. ނަބީލާއަކީ ދޮގުވެރި ރަހުމް ކުޑައަންހެނެކެވެ. ތިމާގެ މައިމީހާއާއި ދޭތެރޭގައި އެހާ އަނިޔާވެރިވާނީ ހިތުގެ ބަދަލުގައި ހިލަގަނޑެއްއޮތް މީހެކެވެ. އެ ނުބައި ނުލަފާ އާއިލާއަށް އައްމާރު ނިސްބަތް ނުވާކަމީ ނަސީބެކެވެ. އޭނަގެ ދަރިފުޅު ލައްވާ ނަބީލާއަށް މާމަކިޔުއްވާ ހިތެއްނުވެއެވެ. ޖިދާންއަށް ބޮޑުބޭބެ ކިޔުއްވާކަށް އަމުދުން ހިތެއްނުރުހެއެވެ. ނަބީލާއަކީ ކޮންކަހަލަ އަންހެނެއްހެއްޔެވެ؟ ތޫފާނަކަށް ނަންދޭން އޭނައާއި ހަވާލުވެއްޖެއްޔާ އެންމެ ކުރިންވެސް ހިތަށް ގެނެވޭނެ ނަމަކީ "ހަރިކޭން ނަބީލާ"އެވެ. އެހާ ރީތި ނަމެއްވެސް އެ ރުޅިގަދަ ނުލަފާ އަންހެނާ ކިލަބުކޮށްލައިފިއެވެ. ނަބީލާ އެންމެނަށް އޮޅުވާލައިގެން މާމައާއިމެދު ހިތް ނުބައިކުރުވީ މާމަގެ އެއްވެސް ކުށެއްނެތިއެވެ. މާމަހެން މަޑުމައިތިރިކޮށް އުޅޭ ހެޔޮލަފާ މީހަކާއި އެކަހަލަ ކަމެއް ނުވެސްގުޅެއެވެ. މީހުން ހަދަހަދައިގެން ދައްކާ ވާހަކަ ގަބޫލުކޮށްގެން އެމީހަކާއިމެދު ގޮތެއް ނިންމަން ހެޔޮނުވާނެއެވެ.

"މާމަދެއްކި ވާހަކަތައް އެހެން މީހަކު ގަބޫލުނުކުރިޔަސް އަޅުގަނޑު ކޮށްފިން. ނަބީލާގެ ވާހަކަތައް އަހާނީވެސް އެކަހަލަ މިޒާޖެއް ލިބިފައިވާމީހެއް. ދެރަނުވޭ މާމާ، ދެރަގޮތެއް ނުވާނެ އިރާދަކުރެއްވިއްޔާ. އެކުޑަ ބޯއިއަކީ އައްމާރުތަ؟ އެކުއްޖާގެ މަންމައާއި ބެހޭގޮތުން މާމައަށް އެނގެނީ ކިހާވަރަކަށްތަ؟ " ސާރާ ކެތްތެރިކަން ކުޑަވެފައިވާގޮތަކަށް ސުވާލުކޮށްލިއެވެ.

މާމަ ބުމަކައިރިކޮށްލީ ހަނދާން އާކުރަން މަސައްކަތްކުރާފަދަ ގޮތަކަށެވެ.

ބެލްކަނީގެ ދޮރުތައް ކަހާލާފައި ހުރިއިރު ފިނިފިނި ވައިރޯޅިތައް ހުރަހެއްނެތި ވަންނަމުން ދިޔައެވެ. ފަލަކުގައި ސާދަވިލޭރޭގެ ހަނދު އޭގެ އެންމެ ޝާއްބަކަމާއިއެކުގައި ވިދަވިދާހުރީ ރޭގަނޑުގެ ރާނީކަމުގައިވީތީ ފަޚުރުވެރިވަމުންނެވެ. ޝުވޭކާރު އެމަންޒަރު ބަލަން އިރުކޮޅަކު ހުރެލާފައި ފުންނޭވަޔެއް ދޫކޮށްލުމަށްފަހު އައިސް އިސްތަށިގަނޑުގައި އޮޅާލާފައިވާ ތުވާލި ނައްޓާލާފައި ހެއަރޑްރަޔަރއިން ހިއްކަންފެށިއެވެ. މޫނުގައި ކްރީމެއް ހާކާލިއެވެ. އެ އުމުރަށް ދިޔައިރުވެސް ހަށިގަނޑު ރީތިކޮށް ބަހައްޓަން މަސައްކަތްކުރާތީ ހަންގަނޑުވަނީ ވަރަށް އޮމާންކޮށެވެ. ފިޔަވަޅުތަކެއްގެ އަޑުއިވުމުން ޝުވޭކާރުގެ ހިތް ތެޅިލިއެވެ. ފިރިމީހާއާއި ދޭތެރޭގައިވާ ބީރައްޓެހިކަމާއި ހިލޭކަމުގެ ފާރު ހައްތަހާ ބޯވަމުންދާކަމުގައި އިހުސާސްވިއެވެ. އެއްކޮޓަރިއެއްގައި އުޅޭއިރުވެސް ދެމީހުން އަނގައިން ބުނުމެއްނެތެވެ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ދައްކާއިރުވެސް ފައިސަލް ހުންނަނީ ނުރުހުންވެފައެވެ. ހުރިހާ ކަމަކާއި ފިކުރުކުރަން ހަދައިގެން އޭނަ މޮޔަވެދާނެއެވެ. ބޭހެއް ނުކައި ފަރުޖެއްސޭކަށްވެސް ނެތެވެ.

ޝުވޭކާރު އިސްތަށިގަނޑުގައި ފުނާއަޅަން އިންދާ ފައިސަލް ފޯނު ހިފައިގެން ބެލްކަންޏަށް ނުކުތެވެ. ޝުވޭކާރުގެ ކަންފަތް ރަގަޅަށް ހުޅުވާލައިގެން އިންއިރުވެސް ވައިރޯޅިތައް ބާރުކަމުން ކިޔާ އެއްޗެއް ދޭހައެއްނުވިއެވެ. އެދައްކާ ވާހަކައަށް ކިތަންމެ ވަރަކަށް ޝއުގުވެރިވިނަމަވެސް މިފަހަކަށް އައިސް ފައިސަލްގެ ހުރިހާކަމެއް އޭނައަށް ސިއްރުވެ ބީރައްޓެއްސެކޭ ތަފާތެއްނެތެވެ. ޝުވޭކާރު ރީތިވެލުމަށްފަހު ތެދުވުނުތަނާ ފައިސަލް އަރާ ހަމަވެފައި މޫނަށް ވީއްލައިލި އެތިފަހަރަކުން ކުދިކޮކާތައް ބުރައިގެން ދިޔަހެން ހީވިއެވެ.

ކޮމެންޓް 0