ޝުވޭކާރު އެމަޑު ދޫލަމަތީގައި ހިނގާލާފައި ދިޔައިރު ފިޔަވަޅުގެ އަޑު އެއްގޮތަކަށްވެސް ނީވުމުން އެކަމުން އޭނައަށް ފައިދާވިއެވެ. ފައިސަލް ބެލްކަނީގައި ހުރެގެން އެންމެފަހުން ބުނެލި ޖުމްލަ އިވިފައި އަވަހަށް ފަހަތަށް ޖެހުނުއިރު ޝުވޭކާރުގެ ހިތް ތެޅިގަތްލެއް ބާރުކަމުން ހަށިގަނޑު ދޫކޮށްލާފައި ފުންމާލާނެހެން ހީވިއެވެ. އެހާވެސް ބުރަދަން ހުރި ޖުމްލައެކެވެ. ޝުވޭކާރުގެ ގައިވާހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ސިކުނޑި ގަނޑުވެގެންދިޔަ ބާރުމިނުގައި އޭނަގެ ހަށިގަނޑަށްވެސް ފިނިވެ އެވެގެން ދިޔަ ނުބައި ގޮތެއް ބަޔާންކޮށެއް ނުދެވޭނެއެވެ. މީހަކު އެއްޗެކޭ ބުނެލާއިރަށް ހަގީގަތް ބަލާނުލާ ގަބޫލުކުރުމުގެ ނަތީޖާ މިފެނުނީއެވެ. ޝުވޭކާރު އައްސިވެފައިވާ ދެފައި ދަމަމުން ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރު ލައްޕައިލިގޮތަށް މިސްރާބުޖެހީ ކާރާއި ދިމާލަށެވެ. އޭރުވެސް ތަކުރާރުކޮށް ކަންފަތުގައި ގުގުމަމުން ދިޔައީ ފައިސަލްގެ ޖުމްލައެވެ.

"އެންމެރަގަޅު، ނައީމާގެ ހަގީގީ ދަރިއަކީ އެބުނާ އަކްސަމްވެއްޖެއްޔާ ނައީމާ އަހަރެމެންގެ ދަރިފުޅަށް ކީއްކުރީތަ؟" ފައިސަލްގެ އެ ޖުމްލަ ޝުވޭކާރުގެ ކަންފަތުގައި ތަކުރާރުކޮށް ގުގުމަމުންދާން ފެށިއެވެ. ބާރުބާރަށް ހިނގާލާފައި ދިޔައިރު ލިބުނު ޝޮކް ފިލާ ރުޅިވެރިކަން ހިތުގައި އުތުރިއަރައިގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ. ރުޅިވެރިކަމުގެ ސަބަބުން މޫނުގެ ކުލަވެސް ގަދަ ރަތްކުލައަށް ބަދަލުވިއެވެ.

"ދޮގުވެރި މަކަރުވެރި އަންހެނާ. ހީލަތާއި މަކަރުން އޮޅުވާލައިގެން އަމިއްލަ ދަރި ކިޔައްވަން ފައިސާ ހޯދީ، ފައިސަލް ބުނިހެން އަހަރެމެންގެ ދަރިއަށް އެ އަންހެނާ ހެދިގޮތެއް އެނގެނީއެއްނޫން. އެއްލާލީކަމަށްވާނީ. ނޫނީ ކުޑަކުދިންގެ ހިޔާކަހަލަ ތަނަކަށް ގެންދިޔައީބާ؟ ކަންތައްމިވަމުން ދަނީ އަހަރެން ބޭނުންވާ ގޮތަކަށްނޫން، މާޒީއަށް ފަސްއަޅާ ފޮރުވުމުން އަލުން އަހަރެން ހޯންޓް ކުރަން މިއައީ ކީއްވެކަމެއްވެސް ނޭގުނު، ކުރެވުނު ފާފައިގެ ސަޒާ މިނޫންގޮތަކަށް ލިބުނުނަމަ. މިވާން އުޅެނީ ކިހިނެއްތަ؟ ފައިސަލްގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއްނުވާނެ. ފައިސަލް އެހެރީ ޖާސޫސުކުރަން މީހަކު ނެރެފައިކަމަށް ވީއިރު މިކަންތައް ނިއުޅާލެވޭނެކަމާއިމެދު ޝައްކެއްނެތް. އެކުއްޖާއަކީ ކްރިމިނަލްއަކަށް ވެއްޖެއްޔާ ވާނެ ގޮތެއް ނޭގޭ، އަކްސަމްއަށް ވީނަމަ ކިހާ ރަގަޅު، އޭރަށް ބުނެވިދާނެތާ ކޮންމެ ތަނެއްގައި ހުރެ ބޮޑުވިޔަސް ހަށިގަނޑުގައި ޝާހީ ލޭދައުރުކުރަންޏާ އެކުއްޖާ ރަގަޅު މީހަކަށޭވާނީ. އައި މީން އަހަރެމެން ފަދައިން ޑޮކްޓަރަކަށްވީކަން އޮންނާނެ. ފަޚުރުވެރިވެސް ވެވޭނެ. މިވީގޮތުން ބޯ ހަލާކުވާވަރުވެއްޖެ. އުފަލެއް ދެން ލިބެން ނެތީބާ. އަބަދު މާޒީ އަހަންނަށް މިގޮތަށް އުދަގޫކުރާނީތަ؟" ސިކުނޑީގައި އެކި ވާހަކަތައް އެނބުރެމުން ދިޔައިރު މަގަށްވެސް ފުރިހަމައަށް ސަމާލުކަމެއް ނުދެވުނެވެ. ނަމަވެސް ސަލާމަތުން ނައީމާގެ ގެއާއި ހަމަޔަށް ފޯރިއެވެ.

ނައީމާ އެކަނިމާއެކަނި ސިޓިންރޫމްގެ ސޯފާއެއްގައި އޮށޯވެލައިގެން އޮތްއިރު ލޯ ހުއްޓިފައިވަނީ ޓީވީގެ ސްކްރީނަށެވެ. ދުފާދަޅުން ގަދަޔަށް ދުފާލައިގެން އޮތްއިރު އޭނަ އޮތީ ވަރަށް އުފާވެފައިކަން މޫނަށް ބަލައިލިމީހަކަށް އެނގޭނެއެވެ. މީހަކު ބެލްޖަހަން ފެށުމުން ނައީމާ ކުޑަކޮށް ލޯގަނޑު މޫނު ބަލައިލިއެވެ. ސްމާޓް ފިރިހެނަކާއިއެކު ކޮފީއަށް ދާންފެށިފަހުން އޭނަގެ ހިތް ޒުވާންވެ އަލުން ޅަދުވަސް ގެންނަން ބޭނުންވެ ކުޑަކޮށް މޭކަޕްވެސް ކުރެވެން ފެށިތާ ދުވަސްކޮޅެއްވެއްޖެއެވެ. ސެލޫނަށް ޒިޔާރަތްކުރުން އާދަވެއްޖެއެވެ. ދޮރު ހުޅުވާލުމާއިއެކު ޖިޔާދުގެ ބަދަލުގައި ޝުވޭކާރު ހުރިތަން ފެނިފައި މޫނުގެ ކުލަ ފަނޑުވާން އުޅުނެވެ. ނަމަވެސް ނައީމާއަކީ އެކްޓްކުރުމުގެ ފަންނާނެއްކަމުން ވަރަށް ބޮޑަށް ހިނިއައިސްފަ ހުރެ އެތެރެއަށް ވަންނަން ތަންދެއްކިއިރަށް މޫނަށް އެރި ދިލަ ތަނަކުން ހައިރާންކަމާއިއެކު ޝުވޭކާރުގެ މޫނަށް ބަލައިލެވިއްޖެއެވެ. އެބާރު އެތިފަހަރުން ލޮލުން ތަރިބުރައިގެންގޮސް ބޮލަށް އެނބުރުންވެސް އެރިއެވެ.

"ކހިނެއްވީތަ؟ " ނައީމާގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ.

"ނުވާކަމެއް ނެތެއްނު، އަހަންނަށް ދޮގުހަދާ އޮޅުވާލާފައި އަކްސަމްއަކީ މަގޭ ދަރިއެކޭ ބުނީމަ މަގޭ ގަމާރުކަމުން އަދި ގަބޫލުވެސް ކުރެވުނީ. ކަލޭ ތީ ކޮންކަހަލަ އަންހެނެއްތަ؟ ހީލަތުން ފައިސާ ހޯދާފައި ތިމާގެ ދަރިއަށް ހޭދަކޮށްކޮށްފައި އަދި މަގޭ ދަރިއެކޭ ބުނަން ކެރިއްޖެ...." ޝުވޭކާރު ފޫހިވިއެވެ.

ނައީމާ އިރުކޮޅެއްވާންދެން އަނގަ ހުޅުވިފައި މޫނުގައި ފިރުމާލަ ފިރުމާލާ ހުރިއިރު ޖިޔާދުއާއިމެދު ވިސްނައިލިއެވެ. ކުއްލިއަކަށް މ ސްމާޓް މީހެއް އޭނަ ގޮވައިގެން ކޮފީއަށް ގޮސްއުޅުނީމަ އޭނައަށް ނޭގުނީ ކީއްވެހެއްޔެވެ؟ ކޮންމެވެސް މަކަރަކުން އެމީހުން ހަގީގަތް އޮޅުން ފިލުވައިފިއެވެ.

"ބުނަންތަ ވާހަކައެއް. އަކްސަމްއަކީ މަގޭ ދަރިފުޅު. ޝުވޭކާރުގެ ކުއްޖާ ގެއްލިއްޖެ. އަހަންނަކަށްވެސް ނޭގުނު އެކުއްޖާއަށް ވީގޮތެއް. ރޭގަނޑު ބޭރަށް ގޮސްފައި އައިއިރު ކޮޓަރީގެ ދޮރުތައް ތަޅުލާފައި ހުރީ. ކުއްޖާނެތް. ހިތަށް އެރީ ޖިންނިއަކު ގެންދިޔައީއޭ. އެހެންނު ހިތަށް އަރާނީ ހުރިހާ ދޮރުތައް ތަޅުލާފައި ހުރިތަނަކުން ކުއްޖަކު ގެއްލުމަށްވުރެ ބޮޑު އަޖައިބުކަމެއް އޮންނާނެތަ؟ ދެންމީހަކު ކިޑްނެޕް ކުރިނަމަވެސް އެވާހަކަ ނޫސްތަކުގައިވެސް އޮންނާނެ. އެކަހަލަ އެއްވެސް ކަމެއްނެތް.. އަހަރެން މާފަށް އެދެން. އެހާ ލޯބިން ގެންގުޅެނިކޮށް އެކުއްޖާ ގެއްލުމުން އަހަރެން ބޭނުމެއްނުވި އެކަން ތިބޭފުޅާއަށް އަންގަން. އަމިއްލަ ދަރިއެއް ހުރީމަ އެކުއްޖާއަށް ކިޔައްވަން ޖެހޭނެތީ ފައިސާ ތަކުގައި ހިފުނީ. އަކްސަމް އެފައިސާ އަނބުރާ ދައްކަފާނެ.........." ނައީމާ މޮޅިވެރިގޮތެއް މޫނަށް ވެރިކުރުވިއެވެ. ދެލޮލަށް ކަރުނަ ގެނައެވެ. ނައީމާއަކީ ދޮންކޮށް ބިޔަކޮށް ހުންނަ ރީތި އަންހެނެކެވެ. ނަމަވެސް އެމޫނުމަތިން މަކަރުވެރިކަން ފާޅުވާން ހުރިކަމުގައި ޝުވޭކާރަށް ގަބޫލުކުރެވުނެވެ.

ނައީމާ ދޮގުހަދަނީއެވެ. އެކުއްޖާ ވިއްކާލީ ނޫންކަމެއްވެސް ނޭގެއެވެ. އޭނައަށް ނައީމާ ކުށްވެރިކުރެވޭކަށް ނެތެވެ. އަމިއްލަ ނަފުސާއިމެދު ވިސްނުމުން ކުށުގެ ބުރަދަން އިތުރުވީ އޭނަގެ ކޮޅަށެވެ. އޭނަ އަމިއްލައަށް ވިހޭ ދަރިއަށް ނުބެހެއްޓި ރަހުމެއް ކުލުނެއް އެހެން އަންހެނަކު ހުންނާނެހެއްޔެވެ؟

"އަހަންނަކީ މޮޔައެއްތަ؟ ގަމާރެއްތަ؟ މިޒަމާނުގައި ތިގޮތަށް ޖިންނި ވާހަކަ ގަބޫލުކުރާމީހުން ވަރަށް މަދުވާނެ. އެކުއްޖާއަށް ކުރިކަމެއް ނައީމާ ބުނުމަކުން ވަކި ގެއްލުމެއްވާނެތަ؟ ނައީމާ ބޭނުންވި ކަންތައް ތިއޮތީވެފައެއްނު، އެކަމާއިމެދު އަހަރެންގެ ޝަކުވާއެއްނެތް. ފައިސާ އަނބުރާ ދައްކާނެ ކަމެއްނެތް. އެކަމަކު ނައީމާ. އަހަރެންގެ ދަރިފުޅު ވީތަނެއް ބުނެދީ......" ޝުވޭކާރު ރުޅި ފިނިކޮށްލާފައި ތަންކޮޅެއް އަޑުމަޑުކޮށްލީ މަސްލަހަތަށް ބަލާފައެވެ.

ނައީމާ އިރުކޮޅެއްވާންދެން ފާރަށް ބަލަހައްޓައިގެން ހުއްޓެވެ. ހަގީގަތް ފާޅުވުމަށްފަހު އޭނައަށް އިތުރަށް އެންމެ ފައިސާ ފޮތްޗެއްވެސް ލިބޭނެގޮތެއް ނެތެވެ. މިއޮތީ އަގުހުރި ފުރުސަތެކެވެ. އޭނަ އަނގަ ހުޅުވާނީ ފައިސާ ލިބޭ މިންވަރަކަށް ބަލާފައެވެ.

"އެންމެ ރަގަޅު، ޗެކެއްދީފާނަން....." ޝުވޭކާރު އެއްބަސްވިއެވެ.

"އެކުއްޖާ ގެންދިޔައީ އަހަރެންގެ މަންމަ. މަންމަ ހީކުރީވެސް އަހަރެން ނަހަލާލަށް ވިހޭދަރިއެއްކަމަށް. އެހެންވެ މަންމަ އެކުއްޖާ ގެންގޮސް އެއްލާލިތަނެއް ދިންމީހެއް އަހަންނަކަށްވެސް ނޭގޭ. މަންމަ ކެންސަރު ބަލީގައި މަރުވިތާ އެތައް އަހަރެއްވެއްޖެ. އެސިއްރުވަނީ މަންމައާއިއެކު ވަޅުލެވިފައި.........." ނައީމާގެ ވާހަކަތަކުން ޝުވޭކާރުގެ މާޔޫސްކަން އިތުރުވިއެވެ. ނައީމާގެ މަކަރުވެރިކަމުން ފައިސާ އަތުލައިގަތްގޮތަށް އެޗެކް އަތުލާ ވީދާލަން އުޅުނު ނަމަވެސް މީހެއްގެ ގަޔަށް އިތުރަށް އަތްލުމުގެ މާނައެއް ނުފެނުނެވެ. މި މައްސަލާގައި އެހެން މީހުން ކުށްވެރިވިޔަސް ކުށްކުރަން މަގު ކޮށާލަދިން މީހަކީ އޭނައެވެ. ޝުވޭކާރު އިސްއޮބާލައިގެން ހުރެ އެތަނުން ނުކުތްއިރު އޭނަގެ މޫނުގައި ފިނިދަލެއް ހިއްލާލައިފިއެވެ.

ގެއަށް އައިގޮތަށް ޝުވޭކާރު ކާކަށް ބޯކަށްވެސް ހަނދާނެއްނުވިއެވެ. ތަފާތު ޚިޔާލުތައް އުދަގޫކުރާވަރުން އޭނަގެ ބޯ ފަޅައިގެންދާވަރުވިއެވެ ބެލްކަނީގައި ބޭރަށް ބަލަން ހުރިއިރު އެހެން ދާ ކޮންމެ ޒުވާން ފިރިހެންކުއްޖަކާއިމެދު ވިސްނައިލެވެއެވެ. ތަފާތު އެތައް ވައްތަރެއްގެ ޒުވާނުން ފެނުނެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާ މާތް ވައްތަރު ޖަހާ މީހުންނެވެ. ބޯދިގުކޮށްލާފައި ތިބި މީހުންނެވެ. އެކި ސައިޒްގެ އިސްކޮޅެވެ. ދޮންމީހުންނާއި ކުރު މީހުންނެވެ. އަމިއްލަ އާއިލާގައި ރީތި މީހުން ތިއްބަސް އެކުއްޖާ ހުންނާނެ ސިފައެއް އޭނައަކަށް ނޭގެއެވެ. ކޮންމެ ގޮތެއްވިޔަސް މާލޭގައި ދިރިއުޅެމުންދާ މީހުންގެ ތެރޭގައި އޭނަގެ ދަރިފުޅު ހިމެނޭނެކަން ހިތަށް އަރާފައި ހިތަށް އަސަރުވެސް ކުރާން ފަށައިފިއެވެ. މައިވަންތަކަން ހޭލައިގަތީ މިހާރު ހެއްޔެވެ؟ އެކުއްޖާއަށްޓަކާ ހަމްދަރުދީވާން އެނގުނީ އެތައް އަހަރެއްފަހުން ހެއްޔެވެ؟ އެކުއްޖާފުޅު ދުނިޔޭގައި ހުރިކަމެއްވެސް އެނގެނީއެއްނޫނެވެ. ދެރަވެގެންގޮސް ލޮލުން ކަރުނަ އޮހެރެންފެށިއެވެ.

އެހެން ހުއްޓާ އެކުވެރި ޝެހެނާޒް ގުޅުމުން ފޯނު ނެގުމުން ލިބުނީ އަދި ވަކިން ހިތަށް އަސަރުކުރުވި ޚަބަރެކެވެ. އޭނަ އެހާ ލޯބިން އުޅޭ ދަނބިދަރިއަކީ ކެހިވެރި މަކަރުވެރިއެކެވެ. ރީތި ސިފައެއް ދެއްވާފައި ހުރުމުން ވާނީ ކޮންކަމެއްހެއްޔެވެ؟ ޝެހެނާޒްގެ ދަރިފުޅު ސާރާއާއި ކައިވެނިކޮށްގެން އުޅެމުން އޭނަގެ ދަރިފުޅުވެސް ހައްލާލީއެވެ. ޝެހެނާޒް އެކަން ޔަގީންކޮށްދޭން އައްމާރުއާއި ސާރާގެ ފޮޓޯތަކެއްވެސް ފޮނުވިއެވެ. އެފޮޓޯތައް ބަލަން ހުރިއިރު ޝުވޭކާރުގެ މޫނަށް އެތައް ކުލަތަކެއްވެރިވިއެވެ. އައި ރުޅީގައި ފޯނު އަތުކޮޅަށް ހޫރާލާފައި އޭނަ ދިޔައީ އައްމާރުއާއި ކުރިމަތިލުމަށެވެ.

އޭރު ފުދޭވަރަކަށް ބޯކޮށް ވާރޭވެހޭއަޑު ފަޒާގައި ހަރުލާފައިވިއެވެ. ވާރޭ ތުނިކުރަންދެން މަޑުކުރާނެހާ ކެތްތެރިކަމެއް ޝުވޭކާރުގެ ގަޔަކުނެތެވެ. ވާރޭކޯޓު ގަޔަށް މަހާލައިގެން އެވާރޭގެ ތެރޭގައި ހިނގައިގަތްއިރު ބޮލުގައި ވާރޭގެ ތިކިތައް ފުއްޓަކިޖަހަމުންދާއަޑުވެސް އިވެނީ މާ ބާރަށެވެ. ކަންފަތުން ދުންއަންނަވަރަށްވެސް ރުޅިގަދަވަނީއެވެ. އައްމާރުދެކެ އޭނައައިސްފައިވާ ރުޅި މަޑުކުރެވޭނީ އެ މަކަރުވެރިޔާގެ މޫނުމަތީގައި އަތް ހިންގައިލެވުނީމައެވެ. ޝުވޭކާރަށް މާ ދުރުންވެސް ފެންޑާގައި ފޯނު ކަންފަތުގައި ޖަހާލައިގެން ހުރި އައްމާރު ފެނިއްޖެއެވެ. އެހެރީ ވާރޭގެ ސަބަބުން އިޝްގުގައި ޖެހި ފުރަތަމަ އަނބިގޮޔަށް ގުޅައިގެންނެވެ. ޝުވޭކާރުގެ ރުޅި ވަކިން އިތުރުވީ އަވަހަށް އޭނަ ޖީބަށް ފޯނު ލީތަން ފެނިފައެވެ. އައްމާރު ގެ އެ ރީތި ހިނިތުންވުމަކަށް މިއަދު ޝުވޭކާރު "އިމްޕްރެސް" އެއް ނުކުރެވުނެވެ.

އ"މަންމާ....." އައްމާރު އެއްޗެކޭ ބުނަން އުޅުނެވެ. އެއައި ބާރުމިނުގައި ގޮސް އޭނަ އައްމާރުގެ މޫނަށް އެތިފަހަރެއް ވީއްލާލިއެވެ. ޖަވާބަކަށް ލިބުނު ހޫނު އެތިފަހަރުން އައްމާރުއަށްވެސް ސިހުމެއް ގެނުވިއެވެ.

"މަށަށް މަންމަ ކިޔާކަށް ލަދެއްނުގަނޭތަ؟ ތިއީ އެކަމަށް ލާއިގު އެކަށޭނަ މީހެއްނޫން. މަގޭ ތިބި ދެދަރިން ނޫން މީހަކު މަށަށް މަންމަ ކިޔައިގެން ނުވާނެ. މިހިރަ ވަގުކަލޭގެ. އަދިވެސް ހައިރާންކަމާއިއެކު ބަލަން ތިހިރީ އަހަރެމެންނަކީ އެއްޗެއް ނޭގޭ މީހުންކަމަށް ހަދާފައި މޮޔަ ހައްދާފަ. ފައިސާއާއިހެދި ހޭބަލިވެފަތަ ތިހިރީ. މަގޭ ދަރީގެ ގަޔަށް އަރައިގަތީ ކިތައް މީހުންގެ އަންހެންދަރިން ހަލާކުކޮށްލާފައިތަ؟ އޭނ ބުނޭ، މާ މާތް މީހަކަށް ހެދިގެން އިނޮސެންޓްކޮށް ބަލަން ހުންނާނެކަމެއްނެތޭ. ކަލޭބުނި އަގެއްވެސް ދީފާނެ ފައިސަލް، އެކަމަކު ކަލޭ.. ކަލޭ..........." ޝުވޭކާރު އައްމާރުގެ ގަމީހުގައި ގޮށްފަތީގައި ހިފާ ދަމައިގަތެވެ. އައްމާރުއަށް ލިބުނު ހައިރާންކަން ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ފިލާދިޔައެވެ. ޔަގީނެވެ. ސާރާއާއި އޭނަގެ ކައިވެނީގެ ޚަބަރު ޝުވޭކާރުގެ ކަންފަތަށް ފޯރީއެވެ. އޭނަގެ ހިތަކަށް ނާރައެވެ. މުއްސަދިން މިހާ ބޮޑާވާނެކަމަށެވެ. އެހާ ލޯބި ދީފައި މިހާ ހަޑި ބަހުރުވައަކުން މި މީހުން ވާހަކަދައްކާފާނެކަމެވެ.

އެވަގުތަކީ ފައިސަލްވެސް ގޭގެ ބެލްކަނިން އެމަންޒަރު ބަލަން ހުރެފައި އަވަސްވެގެން އެތަނަށް އައިސް ހުއްޓުނު ވަގުތެވެ. ޝުވޭކާރު އައްމާރުގެ އަތުގައިވާ އަގުބޮޑު ގަޑިވެސް ނައްޓައިގަތެވެ. ވާރޭގެތެރެއަށް ހޫރާލައިފިއެވެ. ޖެހި ތަބެއްހެން ހުރި އައްމާރު ކޮށްޕާލުމުން އޭނަ ވާރޭގެ ތެރެއަށް ނުކުތީވެސް ކޮންމެހެން ޝުވޭކާރުގެ ބާރަކުންނޫނެވެ. އަމިއްލައަށް ފަހަތަށް ޖެހުނީއެވެ. ފައިސަލްވެސް ހުރީ ނިއުޅެމުންދާ ތަމްސީލު ލޮލަށް ގަބޫލުނުކުރެވިފައެވެ. މިހާގަދަޔަށް ޝުވޭކާރު ރުޅިއައިސްގެން އައްމާރުގެ ގަޔަށް އަތްލަމުންދާއިރު އައްމާރުގެ ކައިވެނީގެ ރޭގައި އުފާވެރިކަމުގެ ކަރުނައައީ ޝުވޭކާރުގެ ދެލޮލުންނެވެ.

"ބަލަ ކިހިނެއްވެގެން ތިއުޅެނީ؟ މީހުންގެ ގަޔަށް އަތްލާ ހިސާބަށް ދާނީ ހާދަ ބޮޑުކަމެއް ދިމާވެގެންނޭ......" ފައިސަލް ޝުވޭކާރު ހުއްޓުވަންވެގެން ގޮސް އަތުގައި ހިފެހެއްޓީ ތަންކޮޅެއް ބާރަށެވެ.

"ނުވަނީ ކޮންކަމެއްތަ؟ މިހިރަ ކެހިވެރި ކަލޭގެ ކައިރިން އަހާބަލަ ކިތަން އަނބިން ގެންގުޅޭހެއްޔޭ. ކިތައް ދަރިން އެބަތިބިހޭ އަހާބަލަ. ޝެހެނާޒް ގުޅާފައި ބުނީ ކާއިއާ ދެއަންބަށް ހެއްޔޭ އައްމާރުއާއި އިނީ. ކިޔާފައި މިހިރަ މީހާއާއި ޝެހެނާޒްގެ ސާރާގެ ފޮޓޯތައް ފޮނުވީ. އަދި ސާރާއާއި ދިމާލަށް ބުނިކަމަށްވޭ ފައިސާއާއިހެދިއޭ އިނީ. ލޯތްބަކުން ނޫނޭ. ކިހާ ރީތި.......ބަލާބަލަ އަގުބޮޑު ގަޑިއާއި ހެދުން އަޅައިގެން ހުރިއިރު ކޮންފަދަ މުޑުދާރު ލެޔެއް ތިހިރީ. ކަނީވެސް ފެންވަރަނީވެސް އުޅެނީވެސް އަހަރެމެންގެ ފައިސާއިންނޭ މިހިރަ މަކަރުވެރިޔާ. ޝެހެނާޒްގެ ބޮލަށް ނޭރުނީމަ އަހަރެމެން ވާ ވައްދާލީ.........." ޝުވޭކާރުގެ ކޮންމެ ޖުމްލައެއް އައްމާރުގެ ހިތުގައި ޖެހިގަތީ އެތައް ބުރަދަނާއިއެކުގައެވެ. ހިތް ފިއްސާލިއެވެ. ކާއިއާގެ މަންމައަކީ އޭނަ ވަރަށް އިހުތިރާމްކޮށް ގަދަރުކުރި ޑޮކްޓަރެކެވެ. މިއަދު އެދުލުން އިވެމުންދާ ވިހަ ލަފުޒުތައް އޭނަގެ އަގު މުޅިން ވައްޓާލައިފިއެވެ. އޭނަގެ މަތިވެރި ލޯތްބާއިމެދު އެފަދައިން ޝައްކުކުރުމުން އެހާ ބޮޑަށް އަސަރުކުރިއެވެ.

ތެދެކެވެ. އަތުގައިވާ ގަޑިއާއި ލައިގެން ހުރި ހެދުމަކީވެސް ކާއިއާގެ ހަދިޔާތަކެވެ. ލޯބިން އަނބިމީހާ ދިން އެއްޗެހި މިގޮތަށް އޭނައަށް މަލާމާތްކުރުވާނެފަދަ އެއްޗަކަށްވާނެ ކަމަށް އޭނަ ހިޔެއްނުކުރެއެވެ. މުއްސަދި އަންހެންކުދިންނާއި އިނުމުން އަބުރު ކަތިލެވިގެންދަނީ ހާދަ ނުބައިކޮށެވެ.

"އައްމާރު އެއީ ތެދު ވާހަކައެއްތަ؟ "ފައިސަލްގެ ދެލޮލުންވެސް ބީރައްޓެހިކަން ފެނިލިއެވެ. އައްމާރުގެ ހިމޭންކަން ޖަވާބަކަށްވިއެވެ.

"މިގެއިން ނުކުމެގެން ދޭ. ހަމަ މިހާރު ނުކުމޭ......" ފައިސަލް އައްމާރުގެ ގަމީހުގެ ކަރުވަޅުގައި ހިފާ ދަމައިގަންނަމުން ދެލޮލަށް ބަލައިލުމާއިއެކު ފައިސަލްއާއި އައްމާރުވެސް މާކުރީގެ ހަނދާނެއް އައެވެ. ދެމީހުންނަށްވެސް ހައިރާންކަމެއް ލިބި ބަލަން ތިބީ އެދުވަސްމަތިން ހަނދާންވެފައެވެ. އެދުވަހުވެސް އައްމާރުގެ ކަރުގައި ފައިސަލް މިގޮތަށް ހިފެހެއްޓިއެވެ.

"ފުލުހުންނަށް ނުގުޅަނީސް ނުކުމޭ........" ފައިސަލްގެ އަޑު ވާރޭގެ ތެރޭގައިވެސް ގުގުމާލިއެވެ. ގޭތެރޭގައި ޓީވީބަލަން އިން ކާއިއާ ދުވަމުން ދުވަމުން އައިސް އެތަނަށް ނުކުތީ ފައިވާނަށްވެސް ނާރައެވެ. ކަކުލާއި ހަމަޔަށް އޮތް ޓައިޓަކާއި ހަމުގެ ކުލައިގާ ވާ ޓޮޕެއްލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ހާވާލާފައެވެ.

"ޕުއަރ ބޭބީ....." ޝުވޭކާރު ކާއިއާގެ ގައިގާ ބައްދައިގަތުމުން ތެޅިފޮޅިގެންފާ އޭނަ މަންމަގެ އަތުތެރެއިން ވިއްލިގެން ވެގެން އުޅެނީ ކިހިނެއްހެއްޔޭ އަހާލީ ރުޅިވެރިކަމާއި އެކުގައެވެ. ޝުވޭކާރު އަދި ވަރަށް ލޯބިން ވިސްނާދޭފަދަ ގޮތަކަށް ބުނެދީނިމުނުއިރު ކާއިއާ ހީވީ ޗާޖުވެފައިވާ ކުޑަ ކުޑަ ސިންގާއެއްހެންނެވެ. އޭނަގެ މައިންބަފައިން އޭނަ ދުނިޔެއިން އެންމެ ލޯބިވާމީހާ މިހާ ނިކަމެތިކޮށް އަނިޔާވެރިވާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އޭނަދެކެ މިމީހުންގެ ހިތުގައި ލޯބީގެ ކުޑިފަށެއްވާ ނަމަވެސް އޭނަގެ ލޯތްބަށް ގަދަރުކުރީހެއެވެ.

"އިމީއާއި ސާރާ ކައިވެނިކުރިކަން އެނގިފައޭ އޮތީ، ކައި ނާންނަ ރުޅިއެއް ޕޭރެންޓުން އައުމުގެ ކޮން ހައްގެއް އޮތީ؟ ކައި ލޯތްބެއް ނުވޭ މަންމަމެން ދެކެ ކުޑަކޮށްވެސް. އެކަނި މަގޭ މީހަކީ އިމީ، ލޯބިވަނީ އެކަނި އިމީދެކެ، މިދުނިޔެއިން ބޭނުންވާ އެއްވެސް އެއްޗެއް މީހެއް އެނޫނީ ނެތޭ، އެވަރު ނޭގޭތަ؟ މިގެވެސް ކައިއަށް ރެޖިސްޓްރީކޮށް ދިނުމަށްފަހު މިހާރު މަންމަ އަދި ބައްޕައަކަށްވެސް މިގެއިން އިމީ ބޭރަށް ލާނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއްނެތް، ދާން ޖެހޭ ބަޔަކީ ތިއީ.....އައި ހޭޓް ޔޫ އޯލް. މަގޭ ލައިފް ހަލާކުކުރަން އުޅޭ ބަޔެއް. އިމީ ވަކިވެއްޖެއްޔާ އަހަރެން މަރުވާނީ. މަރުވާނީ. އަޑުއިވިއްޖެތަ؟ އަހަރެން މަރުވީމަ ދޯ ހިތްހަމަޖެހޭނީ؟ އިޒް ދެޓް ވަޓް ޔޫ ވޯންޓް........" ކާއިއާގެ އަޑު ގަދަވަމުން ގޮސް ހަޅޭއްލެވުމަކަށް ބަދަލުވިއެވެ. އެއަޑު މުޅި ހިސާބުގައި ގުގުމައިލިއެވެ. އޭނަގެ ވިސްނުންވެސް އޭނައާއި ވަކިވެގެން ހިނގައްޖެއެވެ. ބާރަކަށް ގޮސް ތަބުގައި ބޯ ތަޅައިގަތްގޮތަށް ބޮލުން ލޭ އޮހޮރުވާލައިފިއެވެ. ފައިސަލް ޝުވޭކާރު އަދި އައްމާރުއަށްވެސް ކާއިއާއާއި ދިމާލަށް ދުއްވައިގަނެވިއްޖެއެވެ. ކާއިއާގެ ނަފްސާނީ މައްސަލަ ހިލިދާނެ ކަމެއް ކުރެވުނުކަމަށްޓަކާ ޝުވޭކާރު ހާސްވިއެވެ.

ކިތަންމެ ހަރުކަށި މީހަކަށްވެސް އަމިއްލަ ދަރިފުޅު އެގޮތަށް މަރުވެގަންނަތަން ދެކެން ހިތަކަށް ކެތްނުވާނެއެވެ. ގަނޑުފެންކޮޅެއްފަދައިން ހިތް ވިރިގެން ހިނގައިދާނެއެވެ. ޝުވޭކާރުވެސް ކާރުތެރޭގައި އިންއިރު ކާއިއާގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ.

"މަންމަމެން ރުޅިއައީ ކައިވެސް އެކަމާއި ނުގަބޫލުވާނެކަމަށް ހީކޮށްފައޭ. ކައިގެ މައްސަލައެއްނެތިއްޔާ މަންމަމެންނަށް އޯކޭ...." ޝުވޭކާރު ހިތާއިދެކޮޅަށް ވާހަކަދެއްކިއެވެ. އޭނަ އައްމާރުއާއި ދިމާލަށް ކިޔާލި އެއްޗެހި އަޑުއިވުނުނަމަ އަދި ކާއިއާ މާފުދޭނެކަމެއްވެސް ނޭގެއެވެ. އައްމާރުގެ އަތުގައިވާ ގަޑި އެއްލާލިކަން އެނގުނުނަމަ ވެސް އެގޮތަށް ހިތްހަމަޖެހިގެނެއް ނީންނާނެއެވެ. ނަސީބަކުން އިރުކޮޅަކުން ކާއިއާ މަންމައަށް މާފުކޮށްފައި ވާހަކަދައްކަން ފެށިއެވެ. އޭރުވެސް ކާއިއާގެ އަނެއްފަރާތުގައި އިށީދެލައިގެން އިން އައްމާރުގެ އަތުން ދޫކޮށެއްނުލައެވެ. އައްމާރު އިނީ ވަރަށް އުދަގޫވެފައެވެ. ކާއިއާގެ މަޖުބޫރުދެއްކުމުގެ ސަބަބުން އެކީގައި އުޅެން ނިންމިޔަސް އޭނަ ހުރީ ދުވަހަކުވެސް ޝުވޭކާރުމެންގެ އަތުން އެއްޗެއް ނުހޯދަން އަމިއްލަ ނަފުސަށް ވައުދުވެފައެވެ. ކާއިއާވެސް މަސައްކަތްކޮށްގެން ލިބުނު އެއްޗަކުން ހަދިޔާ ދޭންވީއެވެ. ފައިސަލްއާއި ޝުވޭކާރުގެ މުއްސަދިކަމުން ހޯދާ ފައިސާ އޭނައަށް ހަރާމެވެ.

އައްމާރު އެދުވަހު އެހެން ވަޒީފާއަކަށް އެދި ސިޓީލައިފިއެވެ. ފައިސަލްގެ ކުންފުންޏެއްގައި މަސައްކަތްކޮށްގެން ލިބޭ ފައިސާ އޭނަ ދެން ބޭނުމެއްނޫނެވެ. އޭނަ ކާއިއާއާއި ގެއަށްވެސް ޚަރަދުކުރާނީ އަމިއްލަ މަސައްކަތުން ލިބޭ އެއްޗަކުންނެވެ. މީހުންގެ ދުލުން ރައްދުވާ ބަދުބަސްތަކަކީ ގައިގާޖަހާ އެތިފަހަރަށްވުރެ ހިތަށް އަނިޔާ ލިބޭ ހަތިޔާރެކެވެ. އައްމާރު ކާއިއާގެ އާއިލާދެކެ މުޅިން ފޫހިވެ ހިތް ކެނޑުނެވެ. ކާއިއާގެ ސަބަބުން ގުޅުމުގެ ރޮދިފަށް ނުކެނޑި ހުއްޓަސް މިހާރު އެދޭތެރޭގައިވަނީ ބީރައްޓެހިކަމުގެ ފާރެކެވެ. އެންމެންވެސް ހިތްވަރުކުރަނީ ކާއިއާއަށްޓަކައެވެ. ކާއިއާ ގޯހެއް ހަދާފާނެކަމުގެ ބިރަށެވެ.

ވާރޭ މޫސުމަށް ލޯބިކުރާ ކުއްޖަކަށްވިނަމަވެސް ސާރާއަށް ވާ އުދަގޫތައް އެންމެ ބޮޑުވަނީ ވާރޭ ވެހެން ފެށީމައެވެ. މޫސުމް ބަދަލުވުމުން ނޭވާއަށް އުދަގޫކުރުމުގެ މައްސަލަތައް އިތުރުވިއެވެ. މިއަދުވެސް ހޭލެވުނުގޮތަށް އިންހޭލަރ ބޭނުންކުރުމުންވެސް ހުރީ ނޭވާކުރުވެ މަސައްކަތްކުރާނެ ހިތްވަރެއް ނެތިފައެވެ. މޫނުގައިވާ ފިޔާތޮށިކަން ކެނޑިފައެވެ. ބަލިކޮށް އުޅެމުންވެސް އޭނަ މާމައާއި ފްލަފީއާއި އަޅާލިއެވެ. މާމަ ބުނެގެން ފެނުގައި އަލުވި ކެއްކުމުން ސާރާއަށްވެސް މީރުވިއެވެ. ނަސީބަކުން މިދުވަސްކޮޅު އޭނައަށްވެސް ކަމުދަނީ މާމައަށް މީރުވެގެން ކައި އުޅޭ ކަހަލަ އެއްޗިއްސެވެ. ފްލަފީ ދަހިކޮށް "ކެޓް ފުޑް" ކާން އޮތްއިރު ސާރާ ހުރީ ބެލްކަންޏަށް ނުކުމެ މަގަށް ބަލާށެވެ. އެއީ މިހާރު އޭނަގެ އާދައެކެވެ. އައްމާރުގެ އިންތިޒާރުގައި ހުރެ ދެ ހަފްތާވެގެން ދިޔުމުން ހިތްދަތިކަން އިތުރުވެ މާޔޫސްވިޔަސް އަންނާށޭ ބުނަން ފަސްޖެހުނެވެ. އައްމާރުގެ އުފާތަކަށް އޭނަ ހުރަސް އަޅަންވީ ކީއްވެހެއްޔެވެ؟ އައްމާރުއަށް ދަރިފުޅުގެ ޚަބަރުދޭހިތުންވެސް އޭނަ ގަޑިގުނަމުންދަނީއެވެ. ނަމަވެސް އޭނަ ދެން ހުންނާނީ އައްމާރު ބެހެއްޓި ހިސާބެއްގައެވެ. އައްމާރުއަށް ވިސްނިގެން އަންނަންދެން އޭނަ ކެތްކޮށްލައިގެން ހުންނާނެއެވެ.

އެކިކަންކަމުގައި އުޅެމުން ދޭތެރެއަކުން އަރާމުވެސް ކުރިއެވެ. މެންދުރު ކެއުމަށްފަހު އާދައިގެ މަތިން މާމަ އޮށޯވެލުމުން ރަޖާ އަޅާދީފައި ސާރާ ނުކުތްތަނާހެން ބެލްޖަހާއަޑަށް ދުއްވައިގަނެވުނީ ފޮނި އުއްމީދަކާއިއެކުގައެވެ. ފެނުނީ އޭނަ އިންތިޒާރުކުރި މީހެއްނޫނެވެ. ނަބީލާ ވަރަށް ހިނިއައިސްފައި ހުރެ އެތެރެއަށް ހިނގައިގަތުމުން ސާރާ ކަންބޮޑުވިއެވެ. މާމަ އުޅޭކަން އެނގިއްޖެއްޔާ ގަދަކަމުން ގެންދާނެއެވެ. ދޮރު ލައްޕަން އުޅެނިކޮށް ނަބީލާ ފުންމައިގެންގޮސް ދޮރުގައި ހިފިއެވެ. އެތެރެއަށް ބޯދިއްކޮށްލާފައި މާމަ އެނދުގައި އޮތްތަން ފެނިފައި އަނގަޔަށް ގޮތެއް ހަދައިލިއެވެ.

"އައްމާރު ބުނި ގުރައިދޫއަކީ މިއީތަ؟ އަހަރެން މަންމަ ކިޔާ މީހާ އެއޮތީ. އެކަމަކު އޭނަ ދާންޖެހޭ ތަނެއް އެނގޭތަ؟ ޖަލަށް......." ނަބީލާ ތަންކޮޅެއް ބާރަށް ވާހަކަދެއްކީ މާމައަށް އިއްވަންވެގެން ގަސްތުގައެވެ.

"ޕްލީޒް މަންމާ ތިގޮތަށް ވާހަކަ ނުދައްކަބަލަ، މާމަ ނިދާށޭ އެއޮތީ..ގުރައިދޫއަށް ގެންދިޔަސް އާއިލާ މީހުން ބޭނުންވެއްޖެއްޔާ ގެނެވޭނެ.." ސާރާ ހުރީ ވަރަށް ނުރުހުންވެފައެވެ.

"އަހަރެންނަށް އެހާ ނުބައިކޮށް ހިތާފައި ހުރި މީހަކު އިންނަން ޖެހޭނީވެސް އެކަހަލަ ތަނެއްގައި. ޖަލަށް ލާފައި ނޫނީ ދެން ހުއްޓައެއްނުލާނަން...... " ނަބީލާ ރުޅިއަންނަގޮތްވިއެވެ.

ސާރާ ވާހަކަދައްކަން ހުރެފައި ބަލައިލިއިރު މާމަ ތަންތަނުގައި ހިފައިގެން އައިސް ދޮރުކަނީގައި ލެނގިލައިގެން ބަލަން ހުރިއިރު ބިރުގެންފައި ހުރިކަން އެނގުނެވެ. މާމަ ގެންދަން އުޅެނީކަމަށް ހީކޮށް އެހެރީ ކުޑަކުއްޖެހެން ބިރުންނެވެ. ސާރާ ބަލައިލުމުން ލޮލުގެ އިޝާރާތުން އެންގީ ނުފޮނުވުމަށެވެ. ކަރުނައިގެ އަސަރު އެކުލެވޭ ދެލޮލަށް ބަލައިލުމުންވެސް ސާރާގެ ހިތަށް ހަމްދަރުދީވަނެވެ.

"ހޫމް. ހުރިހާ ވާހަކައެއް ކިޔާދޭނަން ފުލުހުންނަށް، ހަމަ ޖަލަށް ގެންދާނީ...." ނަބީލާ ބިރުދެއްކިއެވެ. އަމިއްލަ އަންހެންދަރި މަންމައަށް އިހާނެތިކޮށް ހިތާތީ ސާރާ އައީ އަމަށަކު ރުޅިއެއްނޫނެވެ. ނަބީލާ ބުނީ އޭނައަށް ސާރާ މާމަ ގޮވައިގެން އެތަން މިތަނުގައި އުޅޭތަން ފެނިގެން ޔަގީންވެގެން އަމިއްލަ ލޮލުން ދެކެލަން އައީކަމުގައެވެ. ނަސީބަކުން ފޯނެއް އައިސްގެން ނަބީލާ އެއްފަރާތަކަށް ޖެހިލި ވަގުތު ބަލާލާފައި ސާރާ މާމަ އަތުލަފިކޮށްގެން ގެންގޮސް އެނދުގައި ބޭންދިއެވެ. މާމަގެ ލޮލުން ކަރުނަ ތިކިތައް ފައިބައިގެން ދިޔުމާއިއެކު ބުނީ އޭނަ އެމީހުންނާއިއެކު ނުފޮނުވުމަށެވެ. ސާރާ ވައުދުވިއެވެ. ނަބީލާ ބިރުދެއްކިޔަސް ޖަލަށް ނުލެވޭނެކަމުގައި ބުނެދީ މާމަގެ ހިތް ހަމަޖައްސާދިނެވެ. މާމައެކޭ ކުޑަކުއްޖެކޭ އެއްގޮތެވެ. އެއުމުރަށް ދިޔުމުން ހަމަ ކުޑަކުއްޖެއްގެ މައުސޫމްކަމެވެ. އާރެއް ބާރެއްނެތެވެ. އެހެން މީހުންގެ އެހީއަށް އިންތިހާއަށް ބޭނުންވެފައެވެ.

އައްމާރު ފާމަސީއަކަށް ވަދެފައި ތަދުކަނޑުވާ ބޭސްއުރައެއް ގަނެލައިގެން ނުކުތްތަނާ ކޮންމެވެސް މީހަކު ގޮވާލުމުން އެނބުރި ބަލާލައިފިއެވެ.

ކޮމެންޓް 0