"އަނބި ގަބޫލުކޮށްފިން......." އައްމާރުގެ ދުލުން އެ ޖުމްލަ އިވުމާއިއެކު ކާއިއާގެ ހިތަށް ލިބުނު އުފާތައް ބަޔާންކޮށެއް ނުދެވޭނެއެވެ. މުޅި ހަށިގަނޑުވެސް ލުއިވެސް ފަތެއްހެން ފަޒާގައި އުދުހެވެންފެށިހެން ހީވިއެވެ. އައްމާރު ކާއިއާގެ ގަނޑުފެންކޮޅެއްފަދަ ފިނި އަތުގައި ހިފާލުމާއިއެކު ދެއަތުގެ އިނގިލިތައް ލާމެހުނެވެ. ދެމަފިރިންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރު ފެނުނީ ނިމުމެއްނެތް ލޯތްބާއި ދީވާނާކަމުގެ އަސަރުތަކެވެ. އެތައް އަހަރުތަކެއްގެ ދިގު އިންތިޒާރު ނިމުމަކަށް އައީއެވެ.

އެމަންޒަރު ދެކެން އިން ޝުވޭކާރުގެ ދެލޯ ފެންކަޅިވެގެން ދިޔައީ އުފަލުންނެވެ. ކާއިއާގެ މޫނަށް ވެރިވެފައިވާ ފިޔާތޮށިކުލައާއި ދެލޮލުން ފެނުނު އުފާވެރިކަން އެކުއްޖާގެ މުޅި ހަޔާތުގައިވެސް ޝުވޭކާރު ދެކެފައެއްނުވެއެވެ. މުއްސަދިކަމުން ޕްރިންސެސްފަދައިން ގެންގުޅުނު ކުއްޖެއްގެ މޫނުމަތިން މިފަދަ އުޖާލާކަމެއް ފެނުނީ އަލަށެވެ. އަލަތު ލޯބި ލިބުމަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއްނޫނެވެ. އެއީ ރަޙުމަތެކެވެ.

ފައިސަލްވެސް ތެދުވެ އައްމާރުއާއި ކާއިއާ ގެނެސް މޭގައި ޖައްސާލަމުން ހެޔޮ ދުޢާކުރިއެވެ. ޝުވޭކާރުއާއި މާހުނޫރު އަދި ކިޔަންވެސް އުފަލުން ހެވިލާފައި ތިބިއިރު އަދި ދެފަރާތުގެ އާއިލާގެ ރުހުން ނެތި ކުރެވުނު ކައިވެނީގެ ނަތީޖާ އަންނާނެ އަތުވެދާނެގޮތެއް ރޭކާނުލައެވެ.

ކައިވެންޏަށްފަހު އެންމެ ސިކުންތުކޮޅަކަށްވެސް އައްމާރުގެ އަތުން ދޫކޮށްލާކަށް ކާއިއާ ބޭނުމެއްނުވިއެވެ. ކޭކު ފަޅަންވެގެން މަތީބަޔަށް އެރިތަނާ ޖެހި ބާރު ގުގުރިއާއިއެކު ކާއިއާ ތެޅިގަނެގެން ދުއްވައިގަންނަން އުޅުމުން ލިބުނު ލަނޑުވެސް ދެރައެއްނޫނެވެ. އެހާވަރުން މާހުނޫރު ތައްޔާރުކުރި ކޭކުގައި އަތުން ޖެހި އެއޮތް ރީތި ކޭކުން ތަންގަނޑެއްނެއްޓި ކޭކުގެ ރީތިކަން ފަނޑުވިއެވެ. ޝުވޭކާރަށްވެސް އަނގަމަތީގައި އަތްއަޅާލެވުނެވެ. ހުރިހާ ކަމެއް ސުންޕާކޮށް މިދަނީ ކީއްވެހެއްޔެވެ؟ ކޭކުގެ ވަށައިގެންވާ އުއްބައްތިތައް ދިއްލައިލުންވެސް ވީ ބޮޑު މަސައްކަތަކަށެވެ. ގަދަ ވައިރޯޅިތަކާއި ހަނގުރާމަކުރާނެ ހިތްވަރެއްނެތި ހުޅުކޮޅު ދިއްލޭއިރަށް ނިވުނީއެވެ.

ކޭކުފެޅުމަށްފަހު ފޮޓޯ ނަގާ ނިމިގެން އައްމާރުއާއި ކާއިއާ ފުރަންވެގެން ދިޔުމުންވެސް ފާޑުފާޑުގެ ޝައްކުތަކުން ޝުވޭކާރު ހުރީ ފިނިވެފައެވެ. މިހާ ވައިގަދައިރު ފްލައިޓަށް ގެއްލުމެއް ނުލިބޭނެބާވައެވެ. ފްލައިޓް ނުވެއްޓޭނެހެއްޔެވެ؟ ޓާބިއުލެންސްގައި ޖެހިއްޖެއްޔާ ކާއިއާ ހާދަ ބިރުގަންނާނެއެވެ. ވިއްސާރައިގާ ޖެހިގެން ކިތަންމެ ހާދިސާތައް ބޭރުތަންތާ ހިނގާފައިވެއެވެ.

"އަހަރެންވެސް ދެން ސައިކޮލޮޖިސްޓަކަށް ދައްކަންވީ. މިހާ ބޮޑަށް ޝައްކުތައް ކުރުމަކީ މީހާއަށް ނަފްސާނީގޮތުން ގެއްލުންވާން ފެށިކަމުގެ ނިޝާނެއް. އަބަދު ހީވަނީ ބޮޑުކަމެއްވާން އުޅެނީއޭ، އެކަމަކު އިމީއާއި ކައިގެ ކައިވެނި ކުރެވިއްޖެ، ހުރިހާކަމެއް ސްމޫތުކޮށް ދިޔައީ. އެކަމަކު ސިކުނޑީގައި އެތައް ބައިވަރުކަންތައް ފުނިޖެހިފައިވާ ކަހަލަ. މިއީ އަލަށް ދިމާވާންފެށި ކަމެއް. ނުބައި ހުވަފެންތައް ފެނުމާއި ޝައްކުތައް ކުރުންފަދަ ކަންތައްތަކަކީ ރަގަޅު އަލާމަތެއްނޫން....." ޝުވޭކާރު މަޑު ސޯފާއެއްގައި ބުރަކަށި ޖައްސައިލިގޮތަށް ޓީވީ ހުޅުވައިގެން ބަލަން އިނެވެ. ޚިޔާލުތަކުން ދުރުވެވޭތޯއެވެ.

ޖިދާންއަށް ރައްޔިތުންގެ މަޖިލީހުން ގޮނޑިއެއް ލިބުމުން އެކަމުގެ އުފާފާޅުކުރަންވެގެން ޕާޓީއެއްދިނެވެ. މުއްސަދި ވިޔަފާރިވެރިއަކަށް ކުއްލިއަކަށް ވީގޮތަށް އިއްޒަތްތެރިއަކަށް ވުމުގެ ޝަރަފު ހޯދައިފިއެވެ. މާލެއިން ބޮޑުގެއެއް ގަނެލާފައި ބޮޑީގާޑަކު ގޮވައިގެން އުޅޭ ފެންވަރަށް ދިޔުމުން އެންމެ ބޮޑު ފަޚުރެއްލިބުނީ އޭނަގެ މަންމައާއި ކޮއްކޮމެންނަށެވެ. ކޮންމެފަދަ ގޮތަކުން ހޯދައިގަތް މޮޅުކަމަކަށްވިޔަސް ނަބީލާއަށް ހެވެވެ. އެމީހުންގެ ނިކަމެތިކަމުން އަރައިގަނެވި މުއްސަދިންނަށް ވެވިއްޖެއެވެ. ފައިސާ ލިބުނުގޮތަކާއި އާޚިރު ނަތީޖާއަށް ވިސްނާކަށް ބޭނުންވާނީ މަދު ބަޔެކެވެ. ފަތިޓީވީ ހުޅުވާލައިގެން އިނދެ ދަރިފުޅުގެ އިންޓަވިއުއެއް ބަލަން އިންއިރު ތުންފަތް މައްޗަށް ދަތްތައް އަރާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. އެކަމާއިހެދި ޒަކާ މަންމައާއި ދިމާކުރިއެވެ. އެއްފަރާތުގައި ލެޕްޓޮޕް އުނގުގައި ބައިންދައިގެން ޝީޝާއެއް ބޯންއިން ޒަކާވެސް އިނީ އެހާ ފޮނިވެފައެވެ. ފޭސްބުކްގައި އޭނަގެ ބޭބެ އިޝްތިހާރުކޮށްފައި މޮޅުވާހަކަތަކެއް ލިޔުނުއިރު އައްމާރުވެސް ހިމަނާލިއެވެ.

އޭނައަށް ލިބިފައިވާ ރީތި ދެބޭބެއިން މުޅި ދުނިޔެއަށް އިއުލާންކޮށްފިއެވެ. އައްމާރުއާއި ކާއިއާގެ އެންގޭޖްމެންޓް ފޮޓޯއެއްވެސް ހިމަނާލައިފިއެވެ. ޑޮކްޓަރ ޝުވާކާރުއާއި ފައިސަލްގެ ދަރިފުޅު ފަހަރިއަކަށް ލިބުމަކީ ފަޚުރެއްކަމަށް ލިޔުނެވެ. ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެވަނީ ކުޑަތަނަކަށްވެފައެވެ. ޕަބްލިކްގައި އެގޮތަށް ހާމަކުރާ ވާހަކަތައް ހުއިގަނޑެއްގައި ހުޅުހިފާހާ ފަސޭހައިން ފެތުރިގެން ހިނގައިދާނެއެވެ.

ޒަކާ ޕަބްލިކަށް ފެންނަގޮތަށް އައްމާރުއާއި އައިކާގެ ފޮޓޯ ލުމުން ސާރާ ލަދުން މަރުވާވަރުވިއެވެ. ދެމީހުންގެ އިނގިލީގައި އަޅާފައިވާ އަނގޮޓި ފެންނަފަދަގޮތަކަށް އެފޮޓޯގައި ތިބިއިރު ހިނިތުންވެލައިގެން ތިބިގޮތުން ހާސް ވާހަކަ ބުނެދެއެވެ. އެހާ އުފާވެރި ހިނިތުންވުމެއް ސާރާއަށް ފެނިފައެއް ނުވެއެވެ. އައްމާރު އެކުއްޖާދެކެ އެވާ މަތިވެރި ލޯބި އެފޮޓޯއިން އެކަނިވެސް ރަމްޒުކޮށްދީފިއެވެ. ސާރާގެ ހިތަށް އިތުރު ހިތާމަތަކެއް ލިބި ޒަޚަމްވެފައިވާ ހިތަށް ލިބުނު އިތުރު ވޭނަކަށްވިއެވެ. ނަމަވެސް ގިނަވަގުތު ނަމާދުކޮށް ދުޢާކުރުމުން އެ ޙާލާއިގެންވެސް ތެދުވެ އުޅޭނެ ހިތްވަރު ލިބިފައިވިއެވެ. އެކަމަކު ވަރުބަލިކަމާއި ހޮޑުލުމުގެ ބަލި ހައްތަހާ ގޯސްވެގެން ޑޮކްޓަރަށް ދައްކާން ދިޔައީ މާމައާއިވެސް އަޅާނުލެވި ހުރިހާކަމެއް ރައިޝާއާއި ހަވާލުކުރަން އުދަގޫވުމުންނެވެ.

ލެބޯޓްރީއަށް ގޮސްފައި ނަތީޖާ ލިބުމުންވެސް ދުވަހުން ދުވަހަށް ޑޮކްޓަރަށް ދެއްކޭނެ ގޮތެއްނުވިއެވެ. އެޕޮއިންޓްމެންޓް ލިބުނީ ޖެހިގެން އައި ދުވަހަށެވެ. އޭނަ ގެއަށް އައިއިރު ބޯކޮށް ވާރޭވެހެއެވެ. މަތިމައްޗަށް ބޯވިލާތައް ހެދެމުންގޮސް އިރުގެ އަލިކަން އެއްކޮށް ނައްތާލައިފިއެވެ. ގެއަށް އައިއިރު ރައިޝާ ކޮށާފައި ހުރި ހުތް އަނބު ތަށި ފެނިފައި ކުޅުދިޔާވިއެވެ. މެޔަށް ކިރިޔާވެސް ރަގަޅުވަނީ އެކަހަލަ ހުތް އެއްޗެއް ކާލެވުނީމައެވެ. އޭނަ އެތަށި ހިފައިގެން ގޮސް ޖައްސައިލީ ބެލްކަނީގައެވެ. ނީޒާ ގުޅަން ފެށުމުން ސްޕީކަރަށް ލިއެވެ.

"އައްމާރު ފުރަން ގޮސް ހުއްޓާ ދެކުނިން.. ސާރާ ގޮވައިގެން ނުދިޔައީ ކީއްވެތަ؟ " ނީޒާ ޝަކުވާކުރިއެވެ.

"ސެމިނާރަކަށް ދާއިރު ނުދެވޭނެއްނު....." ސާރާ މޮޅިވެރިގޮތަކަށް ބުނެލިއެވެ.

"ހާދަ ގިނަ ފޮށިތަކެއް ހިފައިގެން ސެމިނާރަށް އެ ފުރީ؟ މަވެސް ޖޭވިއޭ ޕެރިހަށް އޭނަ ދާތީ. އައިފުލް ޓަވަރވެސް ބަލާލެވޭނެ. ޕެރިހަކީ ކިހާ ރޮމެންޓިކްތަނެއް. ލަކީ ކޫޕަނެއް ލައްވައިގެންވެސް ދެވޭނެނަމަ........"ނީޒާ ހިނގަނޑެއްޖަހައިލިއެވެ. ދޭތެރެއަކުން އެޖަހާލާ ހިނިގަނޑަކީވެސް އުފާވެރިކަމުގެ ނިޝާނެކެވެ. ނީޒާ އެއްވެސް ފިކުރެއްޚިޔާލެއްނެތް މީހެއްބާވައޭ ސާރާގެ ހިތަށް އެރިއެވެ.

"އެންމެ ދަބަހެއްނޫންތަ ގެންދިޔައީ؟ ވެދާނެ އޭނައާއި އެއްކޮށް ޓީމެއް ދިޔައީކަމަށް....." ސާރާއަށް ހީވިގޮތަކަށް ވާހަކަދެއްކިއެވެ.

"ނޫނޭ، އޭނަ އެކަނި ޗެކިންއަށް ދިޔައީ، އެކަމަކު ފާހަގަވިކަމެއް ބުނެފާނަން. މިހެން ބުނީމަ ސާރާ ދެރަނުވައްޗޭ، އޭނައާއި އެކު ކިޔޫގައި ހުރި ވަރަށް ރީތި އަންހެންކުއްޖަކު ސްކިނީއަކާއި ޓޮޕެއްލައިގެން ޖެކެޓް ކޮނޑުގައި އަޅުވާލައިގެން. އެކުއްޖާ ރީތިކަމުން ވަރަށް ގިނަމީހުންނަށް ފާހަގަވެގެން ބެލި. ފުރަތަމަކޮޅު ވަކިން އުޅުނަސް އޭނަ އައްމާރުއަށް ވަރަށް ބެލިކަން ފާހަގަވި، އެކުއްޖާގެ އަތުގައި ލަގެޖެއްނެތް، ދެމީހުން ވަކިން ޗެކިން ހެދިޔަސް ހީވަނީ އެކީގައި ތަނަކަށް ދާން އުޅޭ ބަޔެއްހެން. ހެއްވައީ ނިމުނުއިރު ދެމީހުން އެކީގައި ކިޔޫގައި ތިބެ ޗެކިން ނިންމާލީ، ސަމްތިން ސްމެލްސް ފިޝީ......ނޫންތަ؟ " ނީޒާ ފޯރިއާއިއެކު ވާހަކަދެއްކިއެވެ.

"އެކަމަކު ޕެރިހަށްތަ ދިޔައީ؟ ނޫނީ....." ސާރާ ސުވާލުކުރަން އުޅެފައި ކުޑަކޮށް ކޮށިއަރާގޮތްވިއެވެ. އައްމާރު ދިޔައީ އޮސްޓްރޭލިއާއަށޭ ނުބުނެވުނީ ހަމަ ކިރިޔާއެވެ.

"އައްމާރުވީމަ އަހަރެން ގޮސް އަހާލީމޭ ކައުންޓަރުގައި ހުރި ކުއްޖާގެ ކައިރިން. ދުބާއީން ޕެރިހަށް ފުރަނީ. އެގާލްގެ ނަންވެސް ބަލައިލިން. އައިމިނަތު ކައްޔާ ފައިސަލްކަން ނޭގޭ. ޑިފިކަލްޓް ނަމެއްވީމަ އެހާ ހަނދާނެއްނެތް......." ނީޒާ ހުއްޓާނުލައި އެކި ވާހަކަތައް ދައްކަމުން ދިޔައިރު ސާރާއަށް އިތުރު އެއްޗެއް ނީވުނެވެ. ހީވީ މޫނަށް އަނދިރިވެދާނެހެންނެވެ. ދެލޮލުން ފައިބައިގަތް ބޮޑެތި ކަރުނަތިކިތައް ކޯތާފަތް ތެންމާލާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ވާނުވާ ނޭގިހުރެ ނީޒާ އަނގަތެޅިއިރު ސާރާ ރޮއިރޮއި ހަލާކުވާވަރުވިއެވެ. ސާރާގެ ކަރުނަތަކަކަށް ދުވަހަކު ނިމުމެއް އަންނާނީ ކިހިނެއްހެއްޔެވެ؟ އައްމާރު އޭނައަށް އޮޅުވާލީއެވެ. ދޮގުހެދީއެވެ.

ސެމިނާރަކަށް އޮސްޓްރޭލިއާއަށް ދާންއުޅޭކަމަށް ބުނެ މަކަރު ހަދާފައި ކާއިއާ ގޮވައިގެން އެދިޔައީ ޕެރިހަށެވެ. އަދި ކައިވެނިކުރި ކަމެއްވެސް ނޭގެއެވެ. މީހަކަށް އޮޅުވާލެވޭނީ އެހާކަށްހާވަރަށެވެ. އައްމާރު އޭނައަށް އެގޮތަށް ދޮގުހަދަންވީ ސަބަބެއް އޮތީއެއްނޫނެވެ. ފޮރުވަންޖެހޭވަރުގެ ކަމެއްވެސް ނެތެވެ. ޔޫރަޕްގައި ކައިވެނި ކުރިޔަސް އެންމެ ރަގަޅުކަމުގައި އޭނަ ބުނެފައިވާއިރު ހަގީގަތް ފޮރުވާފައި ފުރަން ޖެހުނީ ކޮން ސަބަބަކާއިހުރެ ހެއްޔެވެ؟ އެތައް ސުވާލުތަކެއް ސިކުނޑީގައި ފުނިޖެހި މޮޔަވާވަރުވިއެވެ.

ފާޚާނާއަށް ވަންގޮތަށް ފާރަށް ލެނގިލައިގެން މޮޅިވެރިކަމުގެ ތަސްވީރެއްފަދައިން އެއް ދިމާލަކަށް ބަލަން ހުރެވުނެވެ. އަމިއްލަ ނަފުސާއިގެން އެކަނި އުޅޭނަމަ އޭނަގެ ގައިގާ އެހެން ކަމެއްކުރާނެ ހިތްވަރެއް ނުހުންނާނެއެވެ. މާމަ ގޮވަންފެށުމުން އޭނަ އަވަސްވެލައިގެން މޫނު ދޮވެލާ ހަދައިގެން ނުކުތެވެ.

"ފިނިކަމުން ރޯގާ ވައްތަރުވެލީ......" ސާރާގެ އަޑު ކުރެހިފައިވާތީ އެކަމާއިމެދު މާމަ ވިސްނާނެތީ އޭނަ ކުޑަ ދޮގެއްހެދިއެވެ. "ވައިޓް ލައިސް" އިން ގެއްލުމަށްވުރެ ފައިދާވާނެކަމުގައި ނިންމާފައި އޭނަ އެކަހަލަ ކުދި ދޮގުތައް ހަދާފައިވެސް ކަންބޮޑުވެއެވެ. އެގޮތަށްވެސް ދޮގުހެދުމަކީ ރަގަޅުކަމެއްބާވައޭ ހިތަށް އަރައެވެ. ގައިގާ ހުރި އުނިސިފައެއްގެ ގޮތުގައި އަމިއްލައަށްވެސް ލިސްޓްކުރެވިފައިވާކަމެކެވެ.

"ސާރާ އަރާމްކޮށްލަން.. އޮށޯވެލާ. މާމާގެ އެއްވެސް....ކަމެއް ނުކުރިޔަސް...ހެވޭ.. މާމަ މުޅިން... ރަގަޅު........" މާމަ ލަސްލަހުން ވާހަކަދެއްކިއެވެ.

"މާމައާއިއެކު ސައިބޮއިގެން އަރާމުކޮށްލާނީ...އެގޮތް މާ ރަގަޅުވާނެއްނު......" ސާރާ މާމަގެ އަތުގައި ހިފަހައްޓާލަމުން އިސްޖަހައިލިއެވެ. ހިތްދަތިވެގެންގޮސް ހިތް ކުދިކުދިވާއިރުވެސް މާމައަށްޓަކާ އޭނަ މިހުންނަނީ ހިނިތުންވެލައިގެންނެވެ. މާމަގެ ނާޒުކް ހިތަށް އަސަރުކޮށްފާނެތީ އެކަމާއި މާ ބޮޑަށް އޭނަ ވިސްނިއެވެ. އެކީގައި ސައިބޮއިގެން ގޮސް ކޮޓަރިއަށްވަދެފައި ސާރާ އެނދުގައި އޮށޯވެލަން ދަނިކޮށް ލޮލުގައި އަޅައިގަތީ ޓައިލްސްމަތީގައި ދެކޮޅަށް ކިރިލަ ކިރިލާ އޮތް ކަރުދާސްގަނޑެވެ. އޭނަގެ ރިޕޯޓް މޭޒުމަތީގައި ބޭއްވުމުން އުދުހިގެން ދިޔައީއެވެ. އެހާވެސް ވައިގަދައެވެ. ސާރާ ޓެސްޓްތަކުގެ ނަތީޖާ ބަލަންފެށީ ކޮންމެހެން މާ ބޮޑު އެއްޗެއް އެނގިގެނެއްނޫނެވެ. ނަމަވެސް އެންމެ ޓެސްޓެއްގެ ނަތީޖާ ލޮލުގައި އަޅައިގަތުމާއިއެކު ހިތް ތެޅިގަތީ އާދަޔާ ޚިލާފު ބާރަށެވެ. ދެވަނަފަހަރަށްވެސް ދެލޯ ފޮހެލާފައި އެ ތަންކޮޅު ކިޔާލައިފިއެވެ.

"އަލްހަމްދުލިﷲ......" ފުރަތަމަވެސް ސާރާގެ ދުލުގެ ކުރިއަށް އައީ އެލަފުޒެވެ. ރިޕޯޓުން ދައްކަނީ އޭނަ ބަލިވެއިންކަމަށެވެ. އުފަލުންގޮސް ހުރިހާ ހިތާމަތަކެއް އެއްފަހަރާ ހަނދާންނެތިގެން ހިގައްޖެއެވެ. ރިޕޯޓް މޭގައި ޖައްސާލައިގެން ހުރެ ދެލޯ މަރާލާފައި އެތައް ފަހަރަކު ހެއްދެވިފަރާތަށް ޝުކުރުކުރިއެވެ. ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހުގެ ތެރޭގައި ހިމެނިގެން ހިނގައްޖެއެވެ. ކާއިއާއަށް އެނގިދާނެތީ ބިރުން އައްމާރު ކިތަންމެ ވަރަކަށް ބަލައިގެން އުޅުނަސް ގުދުރަތުގެ ދީލަތިކަން ކިތަންމެހާވެސް ބޮޑެވެ.

އައްމާރުއަށް މެސެޖްކުރަން އުޅެފައި ސާރާގެ ހިތް އިންޒާރުކުރިއެވެ. އައްމާރުއަށް އެނގިއްޖެއްޔާ އޭނަ ވާނެ އުފަލެއްނެތެވެ. ކާއިއާއޮތީ އައްމާރު ލައްވާ ޝަރުތުކުރުވާފައެވެ. އެޝަރުތާއި އައްމާރު ޚިލާފުވެއްޖެއްޔާ ކާއިއާގެ ފަރާތުން އައްމާރުއަށް އަންނާނެ ރޯޅިއެއް އެނގެނީއެއްނޫނެވެ. ބަލިވެއިންކަން އޭނަ ޖެހޭނީ އައްމާރުއަށް ސިއްރުކުރާށެވެ. ދުނިޔެއަށްވެސް ސިއްރުކުރާށެވެ. ލިބޭނެ ކުއްޖަކަށް ރަފެއިލް، ޒޯހާން، ރަފާ ނޫނީ ޒޯރާ ކިޔަން އޭނައާއި އައްމާރު ވަރަށް ފަހުން ނިންމި ހަނދާނެއްވިއެވެ. އޭގެ ކުރިން އެދެމީހުން ހޮވި ނަމަށްވުރެ މި ނަންތައް މާ ރީއްޗެވެ. ބައެއްފަހަރު އިސްލާމިކް ނަމަށް ނުވާތީ މިގޮތް އެންމެ ރަގަޅު ބާވައޭވެސް އޭނަގެ ހިތަށް އަރައެވެ.

ޑޮކްޓަރަށް ނުދައްކާ އޭނަ އަމިއްލައަށް ފޯލިކް އެސިޑް ގަނެގެން ކާންފެށިއެވެ. އެކުވެރިކުއްޖަކު ބަލިވެއިންއިރު އޭނަ ކެއި ބޭސްތަކާއި އެއްޗެހި ވަރަށް ތަފުސީލްކޮށް ކިޔާދީފައިވާކަން ނަސީބެކެވެ.

އައްމާރުއާއި ކާއިއާ ރާއްޖެއައީ ޔޫރަޕްގައި މާމުއި ހަނދު ހޭދަކޮށްފައި ދިހަ ދުވަސްފަހުންނެވެ. މާލެއައުމަށްފަހު ރިޒޯޓެއްގައިވެސް ދުވަސްކޮޅެއް ހޭދަކޮށްލަން ހަމަޖެހިފައިވެއެވެ. ދެމަފިރިންނަށްޓަކާ ނަބީލާ ވިލާ މަރުހަބާކިޔެވެ. މާހުނޫރުއާއި ޝުވޭކާރުވަނީ އެގެ އެހާވެސް ޒީނަތްތެރިކޮށްލާފައެވެ. މާސްޓަރބެޑްރޫމްވެސް ތައްޔާރުކޮށްފައިވަނީ ކައިވެނީގެ ފުރަތަމަ ރެއަށްޓަކާ ތައްޔާރުކުރާފަދައިން ފުރިހަމަކަމާއިއެކުގައެވެ. އެނދުގައި ތުނި ސަދުވާ ދަމާލާފައިވާއިރު ޝާހީގޮތެއް ހުއްޓެވެ. ކޮންމެ ދިމާލަކުންވެސް ފެންނަނީ ލޮލަށް ފިނިކަން ގެނެސްދޭފަދަ މަންޒަރުތަކެވެ. ދެމަފިރިން އެކަނިވުމުން ކާއިއާ އައްމާރުގެ ގައިގާ ބައްދާލާފައި ކޮޓަރީގެ ކަނެއްގައި އިން އޭނަގެ ބޮޑު ޓެޑީ ބެއަރ ދައްކާލިއެވެ.

"ހީޒް ފީލިން ޖެލަސް........ " ކާއިއާ އައްމާރުގެ އަތުގައި ބޮސްދޭންފެށިއެވެ. އެހާ ދުވަސްވުމުންވެސް ކާއިއާގެ ހިތްފުރޭވަރެއްނުވެއެވެ. އައްމާރުއާއި ހެދި ދީވާނާވެފައި ހުންނަ ކުއްޖާ އަށް ދުނިޔެއިންވެސް އެނޫން އެހެން މީހެއް ތަނެއް ރީއްޗެއްނުވެއެވެ. އެދީވާނާކަމާއިމެދު އައްމާރުވެސް ބިރުގަންނަ ހިސާބަށް ވަނީ ދާން ފަށާފައެވެ. ބައެއްފަހަރު ކާއިއާއަކީ ރަގަޅަށްވެސް ސައިކޯ އަންހެންކުއްޖެއް ބާވައޭވެސް ހިތަށް އަރައެވެ. ލޯތްބާއި މޮޔަކަން އެކުވެއްޖެއްޔާ އެލޯބި އެހެން ސިފައެއްވެސް ޚިޔާރުކޮށްފާއެވެ. ސާރާއާއި ކާއިއާގެ ލޯބި އަޅާކިޔާލުމުން އައްމާރުއަށް އެހެން ގޮތެއް ހީވާންފެށިއެވެ. މިހާރު ސާރާ ކޮބާބާވައެވެ. ވައިބަރކުރުން މަދުކޮށްލިޔަސް ލޯބިން ފޮނުވާ މެސެޖްތަކަށް ބަދަލެއްނާދެއެވެ. ވަޒީފާ އަދި މާމަގެ ސަބަބުން ވައިބަރކުރާނެ ވަގުތެއް ނުވާކަމަށް ސާރާވަނީ ބުނެފައެވެ.

"ކޮންކަމަކާތަ؟ "އައްމާރު ބުމަ އަރުވައިލިއެވެ.

"އޭނަ ބާކީވީމަ، އަބަދު ތިމަންނައާއި ބައްދާލައިގެން ނިދަނިދާފައި މިހާރު ކީއްވެގެން ހެއްޔޯ އިމީއާއި ހަގް ތިކުރަނީ؟ ހެހެ.........އައިމް ސޯ އެކްސައިޓެޑް މައި ހެންސަމް ބޭބީ. ބައެއްފަހަރު ހިތަށް އަރާ ދިޒް އިސް ސޯ ފްރީކީއޭ.......ކޮންކަމެއްހެއްޔޭ މިކުރެވެނީ؟ ހަނީ. ޓެލްމީ، އެކަހަލަ ގޮތެއް ފީލްނުވޭތަ؟ އަހަރެމެން މިކުރާ ކަންތައް ހަމަ އޯކޭތަ؟ " ކާއިއާ ސުވާލުތަކެއް ކުރިއެވެ.

"ކައި ކީކޭ ތިކިޔަނީ؟ ދިގު ދަތުރެއްކުރީމަ ސިކުނޑިވެސް ރެސްޓްކުރަން ޖެހޭނެ. އާދޭ އޮށޯވެލަން، އަހަރެންވެސް ނިދި އަތުވެއްޖެ......." މަލުގެ ފިޔަތަކުން ބަރާވެފައި ހުރި އެނދުގައި ހަށިގަނޑު ދަމާލުމާއިއެކުވެސް ސާރާގެ ހަނދާންތައް އާވެގަތެވެ. މިވަގުތުވެސް ސާރާއާއި މާމައާއި ބައްދަލުކުރަން ދާހިތުން ހިތް އެދި ގޮވަނީއެވެ. ސާރާއަށް އޮޅުވާލާފައި ކާއިއާއާއިއެކު ޔޫރަޕަށް ދިޔުމުންވެސް ހިތަކަށް ލިބުނު މާ ބޮޑު ހަމަޖެހުމެއްނެތެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވެނީއެވެ. އޭނައަކީ ސާރާގެ ކުށްވެރިޔާއެވެ. މިކަހަލަ އިހުސާސްތަކަށް ހިތުން ޖާގަ ދެވެނީ ކީއްވެކަމެއް އައްމާރުއަކަށްވެސް ނޭގެއެވެ. އޭނައާއި ކާއިއާގެ ގުޅުމުގައި މަސްނޫއީ ގޮތެއް ހުންނަކަމަށް ހީކުރެވޭއިރު ބައެއްފަހަރު ކާއިއާއާއި ގާތްވާން އުދަގޫވެސް ވެއެވެ. އެދެމީހުންގެ ގުޅުމުގައި އޮތް އުދަގޫތައް އޭނަ މީހަކަށް ކިޔާދޭކަށް ބޭނުމެއްނޫނެވެ.

"ކޮންކަމަކާ އަޕްސެޓްވެފައި ؟" އައްމާރު ނިތްމަތީގައި އަތް ބާއްވާލައިގެން ހިމޭނުން އޮތްތަން ފެނިފައި ކާއިއާގެ ހިތުގައި ރިއްސާލިއެވެ. އޭނަގެ ލޮލުން އައްމާރު ނޫން ތަނަކަށް ބަލާހިތެއްނުވެއެވެ. އަހާހިތްވަނީ އެކަނި އައްމާރުގެ އަޑެވެ. އެހާވަރުން މިއުޒިކާއިހެދި އުޅުނު ކުއްޖާ އެކަންވެސް ހުއްޓާލިތާ ކިތަންމެ ދުވަހެކެވެ. އައްމާރުގެ ހައްގުގައެވެ.

"ނޫނޭ....." އައްމާރު ކުރު ޖަވާބެއްދިނެވެ.

"ކީއްވެ އެހެން ދިމާލަށް ބަލަން ތިއޮތީ؟ ކީއްވެ ކައިއަށް ނުބަލަނީ؟ ވަޓް ހެޕެންޑް......."ކާއިއާ ސިހޭގޮތްވިއެވެ. އޭނައަށް ކުށެއްކުރެވުނީ ބާވައެވެ. ގޯސް އެއްޗެކޭ ބުނެވުނީހެއްޔެވެ؟

"ފީލިން ސްލީޕީ ބޭބީ....." އައްމާރު ދެލޯ މަރައިލިއެވެ.

"ނޯ، ޔޫ އާރ ތިންކިން އެބައުޓް ދެޓް ބިޗް......"ކުއްލިއަކަށް ކާއިއާ ރުޅިއަންނަގޮތްވެފައި އައްމާރުގެ މޭމައްޗަށް އަރާ އިށީނެވެ. މޫނުގައި މޫނު ޖެހޭހާ ކައިރިވެފައި ތިމަންނައަށް ބަލާލަބަލާށޭ ބުނެލީ ތަންކޮޅެއް ބާރަށެވެ. ކާއިއާގެ އެހުންނަ ޅަ ހަރަކާތްކުން އުދަގޫވިޔަސް އައްމާރު އެކަން ނުދައްކާވޭތޯ މަސައްކަތްކުރިއެވެ.

"ކައި، ދެވަނަފަހަރަކު ތިގޮތަށް ވާހަކަ ދައްކައިގެން ނުވާނެ، އޯކޭ؟ ބުނަމެއްނު ކައިވެސް ސާރާއަށް ރެސްޕެކްޓްކުރަން ޖެހޭނެއޭ، ޝީޒް މައި ވައިފް ޓޫ..އެއީ ބިޗެއްނޫނޭ. ދުލެއް އޮތަސް ހިތަށް އައި އެއްޗެއް ކިޔައިގެނެއްނުވާނެއްނު ބޭބީ.........." އައްމާރުވެސް ތަންކޮޅެއް ހަރުކަށިކޮށް ވާހަކަދެއްކިއެވެ. ދިހަ ދުވަސްފަހުން މާލޭގެ ފަސްގަނޑުގައި ޖެހުމާއިއެކު ދެމީހުންގެ ގުޅުމުގައި ކުޑަ ކުޑަ ކުނިކޮޅެއް ޖެހުމުން ކާއިއާއަށްވެސް ވަރަށް އަސަރުކޮށްފިއެވެ. އޭނަދެކެ އައްމާރު ލޯބިނުވަނީހެއްޔެވެ؟ ލޯތްބާއިއެކު ނޫނީ އައްމާރުއާއި އޭނަ ވާހަކަދައްކާފައެއް ނެތެވެ. އައްމާރު އޭނައަށް ހަރުކަށިކަން ދައްކަނީ ސަބަބެއް އޮވެގެން ނުވާނެއެވެ. މައްސަލައަކީ ސާރާއެވެ. އެ ސާރާއަކު އެދެމީހުންގެ ދޭތެރެއަށް ފުންމާލިގޮތަށް އައްމާރުގެ ލޯބި ފޭރިގަންނަނީއެވެ. އޭނަ އެހެން ވިޔަކަނުދޭނެއެވެ. ސާރާ ޖެހޭނީ އެދެމީހުންގެ ދިރިއުޅުމުން ދުރަށް ދާށެވެ. އައްމާރުއަކީ އެކަނި އޭނަގެ މިލްކެކެވެ. އޭނަގެ އެކަނި ފިރިމީހާއެވެ. އެހެންމީހަކާއި އައްމާރު ހިއްސާކުރަން މިހާރު އަމުދަކުން ހިތެއްނުރުހެއެވެ.

"އޭނަގެ ކޮޅަށް ޖެހިގެން މިހާރު ވާހަކަ ތިދައްކަނީ؟ ޔޫ އާރ ހާޓިން މައި ފީލިންގްސް އިނގޭ....." ކާއިއާގެ ލޮލުގައި ބޮޑެތި ކަރުނަތިކިތައް ވިދަންފެށިއެވެ.

"......ޔޫ " ދެރަވެ ހިތުގައި ޖެހިއްޖެއްޔާވެސް އައްމާރުއާއި ދިމާލަށް އެ ޖުމްލަ ކިޔުމަކީ ކާއިއާ ފަސްޖެހޭކަމެއްނޫނެވެ. އައްމާރު ދުވަހަކުވެސް އެކަން މަނާކުރަނީއެއް ނޫނެވެ. ހަގީގަތުގައި ކާއިއާ އެ ބަސްދަސްކުރީ އޭނަގެ ކައިރިންނެވެ. ކިތަންމެ ބަހުރުވަ ރީތިކޮށް ހުއްޓަސް އައްމާރުގެ އަނގައިންވެސް ބޭރުވާ އެންމެ ހުތުރުބަހަކީ އެއީއެވެ. މާ ގިނައިން އިނގިރޭސި ފިލްމުތައް ބެލުނީކަމަށް ވެދާނެއެވެ.

"ހެހެ....އެންގްރީބާޑް، ރުޅިއައިގޮތަށް ރުޅި ފިލުވަދޭންވެސް އިނގޭ..." އައްމާރު ކުޑަކޮށް ތެދުވެލަމުން އެ ވަރުގަދަ އަތުތެރޭގައި ކާއިއާ ހައްޔަރުކޮށްލިއެވެ. ކާއިއާގެ ލޮލުން އަންނަ ކަރުނަތަކުން ހިތަށް އަސަރުކުރިވަރުން އޭނައަށް މުހިއްމުވީ ކޮންމެ ގޮތެއް ހަދާފައިވެސް ކާއިއާ ހެއްވާލުމެވެ. ދެއަނބިންނާއި ދޭތެރޭގައި އެއްހަމަޔަކުން ކަންތައްކޮށް ހައްގު އަދާކުރުމަކީ އޭނައަށް އޮތް ވާޖިބެކެވެ. ހެއްދެވިފަރާތަށް އޭނަ ބިރުގަނެއެވެ. ވީހާވެސް ވަރަކުން އަނބިންގެ ހައްގުތަކަށް އޭނަވެސް ރައްކާތެރިވާނެއެވެ. ހަމަހަމަކޮށް ކަންތައްކުރަން މަސައްކަތްކުރާނެއެވެ. އަމިއްލަ ނަފުސަށް އެވައުދުވުމުން ކޮންމެވެސް ވަރަކަށް ހިތަށް ލުޔެއްލިބި ނިދީގެ ކަނޑަށް ފީނައިގަތުން ފަސޭހަވިއެވެ.

ޝުވޭކާރު އެމަޑު ދޫލަމަތީގައި ހިނގާލާފައި ދިޔައިރު ފިޔަވަޅުގެ އަޑު އެއްގޮތަކަށްވެސް ނީވުމުން އެކަމުން އޭނައަށް ފައިދާވިއެވެ. ފައިސަލް ބެލްކަނީގައި ހުރެގެން އެންމެފަހުން ބުނެލި ޖުމްލަ އިވިފައި އަވަހަށް ފަހަތަށް ޖެހުނުއިރު ޝުވޭކާރުގެ ހިތް ތެޅިގަތްލެއް ބާރުކަމުން ހަށިގަނޑު ދޫކޮށްލާފައި ފުންމާލާނެހެން ހީވިއެވެ. އެހާވެސް ބުރަދަން ހުރި ޖުމްލައެކެވެ. ޝުވޭކާރުގެ ގައިވާހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ސިކުނޑި ގަނޑުވެގެންދިޔަ ބާރުމިނުގައި އޭނަގެ ހަށިގަނޑަށްވެސް ފިނިވެ އެވެގެން ދިޔަ ނުބައި ގޮތެއް ބަޔާންކޮށެއް ނުދެވޭނެއެވެ. މީހަކު އެއްޗެކޭ ބުނެލާއިރަށް ހަގީގަތް ބަލާނުލާ ގަބޫލުކުރުމުގެ ނަތީޖާ މިފެނުނީއެވެ. ޝުވޭކާރު އައްސިވެފައިވާ ދެފައި ދަމަމުން ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރު ލައްޕައިލިގޮތަށް މިސްރާބުޖެހީ ކާރާއި ދިމާލަށެވެ. އޭރުވެސް ތަކުރާރުކޮށް ކަންފަތުގައި ގުގުމަމުން ދިޔައީ ފައިސަލްގެ ޖުމްލައެވެ.

ކޮމެންޓް 0