"ޑޭމިޓް، ވަޓް ނައު......ހީވަނީ އަބަދު ކޮންމެވެސް ބޮޑު ދެރައެއް ލިބެން އުޅެނީހެން...." އައްމާރު ސޯފާއަށް ވެއްޓިގަންނަމުން ބޮލުގައި ދެއަތުން ހިފެހެއްޓަމުން ދެލޯ މަރައިލިއެވެ. ރޭގައި އެއްގޮތަކަށްވެސް ނުނިދާ ހުރުމުން ނިދީގެ އަސަރުވެސް ކޮށްފައިވަނީ ނިކަން ބޮޑަށެވެ. ގަދަކަމުން ލޯ ހުޅުވަމުންވެސް އޭނަ ގަނެފައިވާ ޗެރީރަހަލާ ދުންފަތްދަޅުން އެތިކޮޅެއް ކޮލުތެރެއަށް ލިއެވެ. އޭގެ ރަހަ އަނގައިގެ ތެރެއަށް ފޭދިގެން ދިޔުމުން ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ދެންވެސް ބެލީ ސިގްރެޓެއް ބުއިމަށެވެ. ދެތިން ސިގްރެޓް ބޮވުނުފަހުން ވީގޮތެއް ނޭގި ނިދީގެ ފުން އާލަމަށް ގެނބުނެވެ.

އެންމެފަހުން ހޭވެރިކަންވާންފެށީ ކޮންމެވެސް މީހަކު އޯގާތެރިކަމާއިއެކުގައި އިސްތަށިގަނޑުގައި ފިރުމަން ފެށުމުންނެވެ. ލިބުނު ހިތްހަމަޖެހުމާއިއެކު ލޯ ހުޅުވާލަން ބޭނުންނުވެފައި އޮތަސް އެއީ ކާކުކަން ދެނެގަންނަން ބޭނުންވިއެވެ. އެއީ ސާރާ އަދި ކާއިއާ އަތްލުމުންވެސް ކުރެވޭ ކަހަލަ އިހުސާސެއް ނޫނެވެ. ވަރަށް ތަފާތެވެ. ބަރު އެސްފިޔަތައް ލަސްލަހުން ހުޅުވާލިއިރު އޭނައާއި ދިމާލަށް ކުޑަކޮށް ގުދުވެލައިގެން ޝުވޭކާރު އޮތްއިރު ދާދި ކައިރީގައި ހުރީ ފައިސަލްއެވެ. އައްމާރުގެ މޫނުމަތިން އަސަރެއް ނުފެނުނުކަމުގައިވިޔަސް ހިތަށް ބުނެދޭން ނޭގޭފަދަ ގޮތެއްވިއެވެ. ކުރިމަތީގައި މިތިބީ އޭނަގެ މަންމައާއި ބައްޕައެވެ. ނަމަވެސް އޭނައަށްޓަކާ ހިލޭދެމީހުންނެވެ.

އައްމާރު ތެދުވާން މަސައްކަތްކުރުމުން ޝުވޭކާރު ތަންދިނެވެ. އައްމާރުގެ ކައިރީގައި ސޯފާގައި އިށީދެލިއެވެ.

"އިމީ، ނިދުމާއި ސިގްރެޓް އަބަދު ބޮއިގެން މީހާ ހަލާކުގެ ތެރެއަށް ވެއްޓިގަންނާކަށް ނުވާނެ. އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ ފާފައެއް. މުސްކުޅި ފިރިހެނެއްހެން ދުންފަތްވެސް ލަނީ. ކޮލުގައި އެ ގުޅަ ބާއްވައިގެން ގަދަޔަށް ނިދާލާފައި...ނޮޓް ބޭޑް......." ފައިސަލް ވަށައިގެންވި މާހައުލަށް ބަލައިލުމުން ހިތަށް އުދަގޫވިނަމަވެސް ނުތަނަވަސްކަން ކަނޑުވާލަން ސަމާސާވެސް ކޮށްލިއެވެ. ޝުވޭކާރުވެސް ކުޑަކޮށް ހީލިއެވެ. އައްމާރު ސިގްރެޓް ބުއިމުގެ އިތުރަށް ދުންފަތް ބޭނުންކުރަނީ ހަށިގަނޑަށް ގެއްލުންދޭން ގަސްތުގައިހެއްޔެވެ. މިބޭނުން ކުރުމުން އަނގައިގެ ކެންސަރު ޖެހޭނެކަމަށް ބުނާ ސްޓިކާކޮޅެއް އޭގެ ދަށްފުށުގައި ހިއްޕާލާފައިވާއިރުވެސް މެއެވެ.

"ވީ ނީޑް ޓު ޓޯކް....." ފައިސަލް އިށީނީ ކުރިމަތީގައި ހުރި ސޯފާގައެވެ.

އައްމާރު އިނީ އިސްއުފުލައިލަން ބޭނުންނުވެފައެވެ. ރުޅިވެރިކަން ހަށިގަނޑުގެ ކޮންމެ ސެލްއެއްގައި އުތުރިއަރަމުންދާއިރު ލަދުންވެސް އޭނަ މަރުވާވަރުވިއެވެ. އަމިއްލަ ކޮއްކޮއާއިއެކު ނޭގި ނަމަވެސް ކައިވެނީގެ އުފާތައް ހޯދާފައިވާކަން އެނގުމުން ދެން އެމީހަކަށްވާނީ ކިހިނެއްހެއްޔެވެ؟ އަދި މައިންބަފައިން އެވާހަކަ ދައްކަން އައުމުން ހިތަށް ވާ ނުބައިގޮތްތައް އެއީ ބަޔާންކޮށްދެވޭވަރުގެ ކަމެއްނޫނެވެ.

"އަންޑަސްޓޭންޑްވޭ އިމީ ތިހިރަ މަގާމުގައި ހުރިއްޔާ ކުރެވޭނެ އިހުސާސް. މިކަންތައް ހިނގާ ދިޔަގޮތް މިހާރު އިމީއަށް ވާނީ ރަގަޅަށް އޮޅުން ފިލާފައިކަން ޔަގީން. އިންސާނުންވީމަ ކުށްވެސްކުރެވޭނެ. ފާފަވެސް ކުރެވޭނެ. އެހެންވެ ތައުބާވުން ލައްވާފައި އޮތީ. މިވާހަކަދައްކައިގެން މާޒީ ބަދަލެއް ނުކުރެވޭނެ. އެކަން އެއޮތީ ވެ ނިމިފައި. ނަމަވެސް އިމީގެ ޕާސްޓުގައި ހިނގާ ދިޔަ ކޮންމެ ކަމެއްގެ ޒިންމާ އުފުލަން މިހިރީ....." މާފަށް އެދެން ފައިސަލް އިނީ ނުކުޅެދިފައެވެ. އެކަމަށް އެދޭނީ ކިހިނެއް ކޮން ދުލަކުން ކޮން ލަފުޒުތަކަކުން ކަމެއް އޭނައަކަށްވެސް ނޭގެއެވެ. އޭނަ ފަސްޖެހެވެނީ ކުރެވިފައިވާ ކުށުގެ ބޮޑުކަން އަންދާޒާކުރެވިފައިވާލެއް ބޮޑުކަމުންނެވެ. އަމިއްލަ ދެއަތުން ދަރިއަކު ދިރިހުއްޓާ ވަޅުލުންފަދަ ބޮޑު އަނިޔާއެއް މިވަނީ ދެވިފައެވެ. އެކުއްޖާގެ ކުށަކީ ކޮބާހެއްޔެވެ؟ ދުނިޔެއަށް ގެނެއްސަ އެވަރުން ނުފުދިގެން މަތިމައްޗަށް ދެވުނީ އަނިޔާއެވެ.

"އިމީ ކޮންމެވެސް އެއްޗެކޭ ބުނެބަލަ...." ފައިސަލް އެދުނެވެ.

"ދައްކާކަށް އިތުރު ވާހަކައެއް ނެތް...." ހިތުގައި ޝަކުވާތައް ގިނަވިޔަސް އޭނަ އެމީހުންނަށް އިހުތިރާމް ކުރަންވެގެން އެއްޗެކޭ ބުނެލިއެވެ.

"އިމީ ގަބޫލެއްނުކުރަން ދޯ އިމީއަކީ އަހަރެމެންނަށް ލިބުނު ދަރިފުޅުކަން. އެނގޭ އެހާ ފަސޭހައިން ގަބޫލުނުކުރެވޭނެކަމާއި ވަރަށް ބޮޑު އަނިޔާއެއް ދެވިއްޖެކަން، އެކަމަށް މާފަށް އެދުމަކީވެސް ފަސޭހަކަމެއްނޫން، އެކަމަކު މިވަނީ އެކުށްކުރެވިފައި އެކަމަށް މައިންބަފައިންވެސް ޖެހޭނީ މާފަށް އެދެން......." ފައިސަލް އިނީ އެވާހަކަ އެވަރަށް ދައްކަންވެސް އުދަގޫވެފައެވެ. ޖެހިލުން ނުވާންވީ ކީއްވެހެއްޔެވެ؟ އައްމާރުއަށް ދެވުނު އަނިޔާތައް އެހިތަކުން ދުވަހަކު ފިލައިގެނެއް ނުދާނެއެވެ.

"އިމީ ހިނގާ ގެއަށް ދާން..." ފައިސަލް އެހެން ބުނިއިރު ހިތުގެ ވިންދު އެތައް ގުނަ އަވަސްވެލައިފިއެވެ.

"ކޮން ގެއަކަށް؟ "އައްމާރު ހައިރާންވިއެވެ.

"އަހަރެމެންނާއިއެކު އިމީގެ ވެސް ގެއަށް.......އިމީ އަހަރެމެންގެ ދަރިއަކަށްވިކަން އެނގުމަށްފަހު ކިޔަންއާއި ކާއިއާއާއި އެއްވަރަށް ހައްގު ލިބިގެންވާކަމަށް ގަބޫލުކުރަން......" ފައިސަލްބުނެލިއެވެ. ކާއިއާގެ ނަން ބުނުމުން އައްމާރުގެ މޫނަށް ރުޅިވެރިކަމާއިއެކު ލަދުވެތިކަމުގެ ރަތްކުލަ ވެރިވެ ކުއްލިއަކަށް ކޮޅަށް ތެދުވެގެން ދާން ހިނގައިގަތެވެ. ދޮރާއި ހަމަޔަށް ގޮސްފާ އޭނަގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ.

"ތިއީ ރަގަޅަކަށްނޫން. އެއްވެސް ހައްގެއްނެތް. ބައޮލޮޖިކަލް ޕޭރެންޓުންނަށް ވުމުން އެނިމުނީއެއް ނޫން، ދުނިޔޭގައި މިކަހަލަ މީހުން ވަރަށް ގިނަ. މަންމައާއި ބައްޕަ ބޭނުންނުވެގެން އެއްލާލުމަށްފަހު އެބުނާ ހައްގުތައްވެސް އެދިޔައީ، ސޮރީ، ބޭނުމެއްނޫން މިއަދު އެއްވެސް އެއްޗެއް. ގެއެއް މުދަލެއް އެހެން އެއްޗެއްވެސް. މިއަދު މިދުނިޔެއިން ބޭނުންވާ އެއްވެސް އެއްޗެއް ނެތް....." އައްމާރުގެ ވާހަކަތަކުން ފައިސަލްއާއި ޝުވޭކާރުގެ ހިތް ފަޅައިގެން ދާވަރުވިއެވެ.

"އިމީ........މަންމަމެންނަށް މާފުކޮށްދީ....." ޝުވޭކާރު ފުރަތަމަ ފަހަރަށް ކުރެހިފައިވާ އަޑަކުން ގޮވާލިއެވެ.

"ޒުވާން އުމުރު ޖަޒުބާތުގެ އޮއިވަރުގައިޖެހިގެން ކޮންމެ އިންސާނަކަށްވެސް ކަތި ފިޔަވަޅެއް އެޅިދާނެ، އެކަމުގެ ހިތިކަން ފެނިފައި މިތިބީ. އެކަމަކު ދަރިފުޅަކީ ކާކުކަން ދުނިޔޭގައި ތިއްބާ އެނގުމުން މާފަށް އެދޭނެ ފުރުސަތުވެސް ލިބިއްޖެ. އެއީ ލިބުނު އުއްމީދެއް. ލެއްވި ރަހުމަތެއް. މަންމަ އެކަމާ ވަރަށް ހިތާމަކޮށްފި، އަދި އިމީގެ މާފު ލިބުނަސް އެ ރިގްރެޓް އަބަދަށްޓަކާ ވާނެކަން ޔަގީން. އިމީ މަންމަ ލައްވާ އާދޭސްކުރުވަން ނަހަދާ މާފުދޭންވީނު، ނޫނީ މާފު ދިނުމުގެ ބަދަލުގައި ގެއަށް އާދޭ........" ފައިސަލް ބޮޑަށް ބޭނުންވަނީ އައްމާރު އެމީހުންނާއިއެކު އުޅެންފެށުމެވެ. އެއީ ކިހާ އުދަގޫކަމެއްކަން އެމީހުންނަށް ނުވިސްނުނީއެވެ. ކާއިއާ ފެންނަ ހިސާބަށް ދިޔުމުން އައްމާރުގެ ހިތަށް ކުރާނެ އަސަރު އެދެމަފިރިންނަށް އަންދާޒާ ނުކުރެވުނީއެވެ. އެފަދަ ކަމަކާއި ދިމާނުވާ މީހަކަށް އެކަން އިހުސާސެއް ނުކުރެވޭނެއެވެ.

"އޯކޭ މާފުދީފިން......." އައްމާރު ދެލޯ މަރައިލީ ހިތަށް ކުރާ ބާރެއްގެ ބޮޑުކަމުންނެވެ. ކަރުނަތައް ހިފަހައްޓައިލުން އޭނައަށް ވެފައިވަނީ ދަތިކަމަކަށެވެ.

ފައިސަލް ތެދުވެގެން އައިސް އައްމާރުގެ ކޮނޑުގައި އަތް ބޭއްވިއެވެ. އޯގާތެރިކަމުން ފުރިގެންވީ އަތެކެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ދަރިފުޅުގެ ހައިސިއްޔަތުން އެޒުވާނާގެ ގައިގާ ބީހިލުމުން ފައިސަލްގެ ހިތަށް ފުން އަސަރެއްކޮށް ލޯ ފެންކަޅިކުރުވިއެވެ. ތުއްތުއިރުން ފެށިގެން ދުޝްމިނުންގެ ތެރޭގައި ލިބުނު އަނިޔާއާއި އުޅޭނެ ހާލު ހިތަށް ތަސައްވަރުކުރެވި ދެރަވެގެންގޮސް ހިތުން ކަރުނައެޅިއެވެ.

"އިމީ. އަހަރެމެންގެ އާއިލާއަކީ ޒަމާނުއްސުރެން މުއްސަދި ފައިސާވެރި ބަޔެއް، ފައިސާއަކީ މީހާ ވަރަށް ފަސޭހައިން ހަވާނަފުސަށް ލަންބުވާލާ އެއްޗެއް. ދީނާއި އާޚިރަތްމަތިން ހަނދާނެއް ނުހުރޭ. ހުރިހާ އެއްޗަކީ ފައިސާކަމުގައިވެ އަރާމާއި އުފަލުގައި އުޅެން ބޭނުންވީ. ބޭނުންވަރަކަށް ފައިސާއާއި ރީތި އަންހެންކުދިން ލިބޭ، އުޅެވުނީ ރަގަޅަކަށްނޫން. މަޖާކޮށްލުމަކީ އެންމެ ރަގަޅުކަމެއްކަމުގައި ގަބޫލުކުރެވި ރަލާއ އަންހެންކުދިންގެ މަސްތުގައި ޖެހެވުނީ، ލޯތްބާއި ފާހިޝް އަމަލުތައް މަސްހުނިކުރެވުނީ. ނަސީބުދެރަކަމުން މަންމަ އިމީއަށް ބަލިވެއިނުމަށްފަހުގައިވެސް އަހަންނަށް އެނގުން މުހިއްމު ކަމަކަށް ނެހެދި، އެވަގުތު އެންމަ ރަގަޅުކަމަށް އޭނަ ގަބޫލުކުރިގޮތަށް އެކަން ނިންމާލީ، ދަރިފުޅު ނައީމާއާއި ހަވާލުކުރުމަށްފަހުވެސް ކޮންމެ މަހަކު އެތައް ހާސްރުފިޔާއެއް ފޮނުވި، ނައީމާ އެކުއްޖާ ގެންގުޅުނީ ވަރަށް ލޯބިން. ކިޔައްވާދީ ބޭރަށް ގެންގޮސް ރަޝިއާއިން މެޑިސިން ހަދާ ނިންމާލިކަމުގައިވަނީ. މަންމައަކަށްވެސް ނޭގުނު ނައީމާ އަދި މަންމައަށް އޮޅުވާލައިގެން އެފައިސާއިން ބަލާބޮޑުކުރީ ނައީމާގެ އަމިއްލަ ދަރިކަމަށް، ކޮންމެހެން މަންމަ ޑިފެންޑްކުރަން ދައްކާ ވާހަކައެއްނޫން، މަންމަ ކުރިކަންތައް ޖަސްޓިފައި ކުރެވޭނެ އެއްވެސް ގޮތެއްނެތް......" ފައިސަލް ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ނަމަވެސް އޭރު މަންމަވެސް ބޭނުންނުވީ ބަދުނާމް ވާން، ފައިސާހުރީމަ އެކުރި ފާފަ ފޮރުވަން އިތުރު ކުށެއްއެކުރެވުނީ، އޭގެ ނަތީޖާ މިފެނުނީ އަމިއްލަ ނަފުސަށް ދުވަހަކު މާފުނުދޭވަރުގެ ގޮތަކަށް. މިހާ ވޭނީ ސަޒާއެއް ދުނިޔެއަކުން ނުފެންނާނެ، އެފާފައިގެ ސަބަބުން އެއްބަނޑު އެއްބަފާ ދެބެން ކައިވެންޏަކާއި ހަމަޔަށް އައީ.........." ފައިސަލް ގެ ޖުމްލައިން އައްމާރުގެ މޫނު ކުލަވަރު ބަދަލުވެގެން ދިޔުމާއިއެކު އޭނަ ދާންވެގެން ހިނގައިގަތެވެ.

ޝުވޭކާރު ދުވެފައިގޮސް އައްމާރުގެ އަތުގައި ހިފެހެއްޓިއެވެ.

"އިމީ މަންމަމެންނަށް ހިތްހެޔޮ ނުކުރާނީތަ........." ޝުވޭކާރުގެ އަޑުގައިވަނީ އާދޭހުގެ ރާގެކެވެ.

އައްމާރުގެ ފިޔަވަޅުތައް ގަނޑުވިއެވެ. މަންމައާއި ބައްޕަ އޭނަގެ ގާތުގައި އާދޭސްކުރަނީއެވެ. މާފަށް އެދެނީއެވެ. އެކަމުގެ ސަބަބުން އެތައް ޖަޒުބާތުތައް އެކުވެ އޭނަގެ ސިކުނޑި ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލައިފއެވެ. އެއްވެސް ބަޔަކު ލައްވާ އާދޭސްކުރުމަކީ އޭނަގެ ތަބީއަތުގައިވާކަމެއްނޫނެވެ. އޭނައަކީ އެހާ ހަރުކަށިމީހެއް ނޫނެވެ. އޭނަ ގެންގުޅުނު މީހުން އެހާ އިހާނެތިކޮށް ހެދިއިރުވެސް އޭނަ ފަހަރެއްގައިވެސް އެމީހުންނާއި ދެކޮޅުވެ އެއްޗެކޭ ބުނެފައެއް ނެތެވެ. އަމިއްލަ ބަދުނަސީބަށް ހަމްދުކޮށްލައިގެން ހުރެ އޭނަ ބޮޑަށް ކުއްތަންވީ ހެއްދެވިފަރާތަށެވެ. އެކަނިވެރި އިންސާނަކު ނުވާނެއެވެ. އެންމެން ދޫކޮށްލިކަމުގައިވިޔަސް ހެއްދެވި ފަރާތްވެއެވެ. ނަމަވެސް މިވަނީ ކިހިނެއް ހެއްޔެވެ؟

އެހެން މީހުންނާއި އޭނަގެ މަންމަމެން ތަފާތެވެ. އޭނަ ދުނިޔެއަށް އުފަންކޮށްފައި އަނިޔާވެރި ބަޔަކާއި ހަވާލުކޮށްފައި އެތައް އަހަރެއްފަހުން އޭނަ ހޯދަން އުޅުނަސް އެކަމެއްވެގެން ނުވާނެއެވެ. މިހާރު ކޮން އާދޭހެއްކުރާކަށްހެއްޔެވެ؟ މިހުރިހާ ދުވަހު އޭނަ ގަނެތެޅުނުއިރު އެމީހުންގެ ލޯބި ކޮބާހެއްޔެވެ؟ އޭނައަށްޓަކާ އެއިން ލޮލަކުން ކަރުނަތިއްކެއް އޮހޮރުވާލިހެއްޔެވެ؟ އޭނަ ހާދަވަރަކަށް ރުޔެވެ. ނޫނެކެވެ. އޭނަ އެމީހުންނަށް އެހާ ފަސޭހައިން ހިތް ހެވެއް ނުކުރާނެއެވެ. އައްމާރުގެ ސިކުނޑީގެ ކަނަކުން ބަޣާވާތް ކުރަންފެށިގޮތަށް އޭނަގެ މިޒާޖު ދުވަހަކު ނުވާވަރަށް ބަދަލުވިއެވެ.

"ވަޓް ޑޫ ޔޫ ވޯންޓް ފްރޮމް މީ؟ މާފުދީފީމޭ ގަދަކަމުން ބުނުވަން އުޅުނީމަ އެހެން ބުނެގެންވެސް އަހަރެން ހިމޭނުން ހުރިޔަ ދޭން ބޭނުންނުވަނީތަ؟ ބުނެފީމެއްނު ތި މުދަލާއި އިއްޒަތާއި ފައިސާއާއި ކައިރިވާކަށްވެސް ބޭނުމެއްނޫނޭ. މިހާރަކު ބޭނުމެއްނުވޭ ލޯތްބެއްވެސް، ބޭނުންވި ދުވަސް މާޒީއާއިއެކު ވެގެން ހިނގައްޖެ......" އައްމާރު ތަންކޮޅެއް ބާރަށް ވާހަކަދެއްކިއެވެ. އެއަޑުގައިވި ހަރުކަށިކަމުން ޝުވޭކާރާއި ފައިސަލް އިރުކޮޅެއްވާންދެން ބަސްހުއްޓިފައި ތިއްބެވެ. އައްމާރު އެނބުރިފައި އެމީހުންނަށް ބަލައިލީ ނުރުހުމުގެ ނަޒަރަކުންނެވެ. އެއާއިއެކު އޭނަގެ ހިތަށް ހަމްދަރުދީވަނެވެ. ފައިސަލްއާއި ޝުވޭކާރުގެ މޫނުމަތިން ފެނުނީ މޮޅިވެރިކަމެވެ. ދެލޮލުގައި ވޭނެވެ. އޭނަ ހިލޭބަޔަކާއިވެސް އެގޮތަށް ވާހަކަ ނުދައްކައެވެ. އެހާ ބޭއަދަބީވެވުނީ ކީއްވެކަމެއް ވެސް ނޭގުނެވެ.

"ވެލް......" އައްމާރު މައިތިރިވިއެވެ.

"އިމީ ތިގޮތަށް ގޮސްފިއްޔާ ކާއިއާ ކޮންމެފަދަ ގޯހެއްވެސް ހަދާފާނެ، އެޓްލީސްޓް މިގޭގައި ހުރެދީފާނަންތަ އޭނަ ހަމަޔަކަށް އެޅެންދެން. މިއަދުވެސް އޭނަ ބޭސްކައިގެން ހޮސްޕިޓަލަށް ގެންގޮސްގެން ސްޓަމަކް ވޮޝްއެއް ހެދީ......" ޝުވޭކާރު ފަހުން ބުނީ ތެދުވާހަކައެއް ނޫނެވެ. އައްމާރު ހުއްޓުވަންވެގެން އޭނަ ކޮންމެހެންވެސް ބޭނުންވިއެވެ.

އައްމާރުގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ފިނި ރާޅުބާންޏެއް ދަތުރުކޮށްލިއެވެ. ކާއިއާއަށް ދެރަގޮތެއްވާކަށް އޭނަގެ ހިތާއި ފުރާނަ ދުވަހަކުވެސް ނޭދޭނެއެވެ. އެއީ އެއް އިރެއްގައި އަމިއްލަ ފުރާނަފަދައިން ލޯބިވި އަންހެންކުއްޖާއެވެ. ކޮއްކޮއެއްގެ ގޮތުގައި ބަލައިގަންނަން އަދިވެސް އެހިތް ދެކޮޅުހަދައެވެ.

"ތިކަމާ ވިސްނާނަން...." އައްމާރު އެއްބަސްވިއެވެ.

އައްމާރުއަށް އެއްފަހަރާ މަޖުބޫރުކޮށްފިއްޔާ އޭނަ ފޫހިވެދާނެއެވެ. ކުއްލިއަކަށް މަންމައާއި ބައްޕަ ފެނިގެން އޭނަ އެމީހުން ބަލައިގަންނާނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. މިއީ ފިލްމެއް ނޫނެވެ. ވާހަކައެއް ނޫނެވެ. ފެންނައިރަށް ބައްދައިގަނެ ބޮސްދީ ހަދާފަދައިން އެހާ ފަސޭހަކަމަކަށް ނުވެ ހިނގައިދާނެއެވެ. ފައިސަލް އިޝާރާތެއް ކޮށްލުމުން ޝުވޭކާރަށް ވިސްނިގެން އެތަނުން ދާން ހިނގައިގަންނަމުން އައްމާރުއަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އައްމާރުއަށްވެސް އިސްއުފުލާފައި އޭނަގެ މަންމައާއި ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެހެންކަހަލަ ގޮތެއްވިއެވެ. ވަގުތުން އެސްފިޔަތައް ތިރިކޮށްލެވުނެވެ.

އައްމާރުއަށް މަންމަމެން ފޮނުވި ކާއެއްޗެހީގައި އަތްނުލާ އެހުރި ގޮތަށް މޭޒުމަތީގައި ހުއްޓެވެ. އޭނަ އަމިއްލައަށް ކޮފީތަށްޓަކާއި ބިސްކޯދުން ހައިހޫނުކަން ފިލުވުމަށްފަހު ބެލްކަނީގައި ހުރި ސަންބެޑެއްގައި ޖައްސާލިތަނުން ލޮލަށް ނިދިވެރިވެގަނެ ގަދަކޮށްލިއެވެ. ހޭލެވުނީ ތުންފަތުގައި ފިނިފިނި މަޑު އެއްޗެއް ޖެހުމުންނެވެ.

ދެލޯ ހުޅުވާލިއިރު އޭނައާއި ދިމާލަށް ގުދުވެގެން އޮތީ ކާއިއާއެވެ.

"ވަޓް ދަ.........." އައްމާރު ހާސްވިއެވެ.

"އިމީ، އިޓްސް ނޮޓް ޓްރޫ، އެމީހުން ޑްރާމާ ކުޅެނީ، އައި ޑޯންޓް ބިލީވް ވަން ވޯޑް. ތިއީ މަގޭ ބޭބެއަކަށް ވާނެ އެއްވެސް ގޮތެއްނެތް. މަންމަ ވަރަށް ފޭކްވާނެ، މަންމަ ސްޓޯރީއެއް ހަދައިގެން އެހެން މީހުން ކޮންވިންސް ކުރުވިޔަސް އަހަރެން ނޫޅެން އެވާހަކަ ގަބޫލުކޮށްގެން އިމީއާއި ދުރުވާކަށް. އައި ލަވް ޔޫ........" ކާއިއާއަށް އެއީ ހަގީގަތެއްކަން އެނގޭއިރުވެސް އެކަން ގަބޫލުކުރަން ސިކުނޑި ދެކޮޅުހެދިއެވެ. އައްމާރުގެ ބަނޑުމަތީގައި އިށީދެލައިގެން އިންއިރު އެދެލޯ ފުރިފައިވަނީ ބޮޑެތި ކަރުނަ ތިކިތަކުންނެވެ.

އިރުކޮޅެއްވާންދެން ދެ ޚިޔާލެއްގައި ކާއިއާގެ ލޮލަށް ބަލަހައްޓައިގެން ގެއްލިފައި އިން އައްމާރު ހަމަހޭވެރިކަން ވުމުން ކާއިއާ ގަދަކަމުން ނަގާފައި ބިންމަތީގައި ބެހެއްޓިއެވެ. އައްމާރު ބަލަން ހުރީ ސީރިޔަސް ނަޒަރަކުންނެވެ. ކާއިއާ ލަދުގަންނަންފެށީ އެ ބެލުމުގައި ހުރި ބީރައްޓެހިގޮތަކުންނެވެ. އައްމާރުގެ ދެލޮލުން އޭނައަށް ކިޔަންގެ ސޫރަ ފެނިލިއެވެ. ހިތް ގަބޫލުކުރަން ބޭނުން ނުވުން އެއީ އެހެން ކަމެކެވެ. އައްމާރުއަކީ އޭނަގެ ބޭބެއެވެ. އެކަން ދެން ބަދަލެއްނުކުރެވޭނެއެވެ. ޖެނެޓިކް ޓެސްޓްވެސް އެކަން ސާބިތުކޮށްދީފިއެވެ. ކާއިއާގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔުމާއިއެކު އޭނަ ދެފަޔަށް ބާރުލާފައި ދުއްވައިގަތީ ވީހާވެސް ދުރަށް ދިޔުމަށެވެ.

"ގޯޑް ހެލްޕް މީ، ކޮންފަދަ އުދަގޫކަމެއް..." އައްމާރު ރެއިލިންގައި ބޯ ޖައްސައިލަމުން އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ.

ޝުވޭކާރު އައްމާރުގެ ހިތް އަތުލަން ތަފާތުގޮތްގޮތަށް ވިސްނިއެވެ. ސާރާ ހޯދައިގެން އެގެއަށް ގެނައުމަކީ އޭނަގެ މަގުސަދެވެ. ތައްޔާރުވެލައިގެން އޭނަ ނަބީލާމެން ދިރިއުޅޭގެއަށް ވަންނަން ދިޔައިރު ހިތުގައި ފޫހިކަމެއްވެސް ވިއެވެ. މިއީ އޭނަގެ ދަރިފުޅުގެ ހަޔާތް ބަރުބާދުކޮށްލި ނުލަފާ މީހުން ދިރިއުޅޭގެއެވެ. އެ އަންހެނާ ހޯދާފައި އެމީހާގެ މޫނުމަތި ނޮޅާލާފައި ސުވާލުކުރަން އޭނަ ބޭނުމެވެ. ނަމަވެސް އަމިއްލަ ކުށް ހަނދާންކޮށްފައި އެކަންތައް އެއްފަރާތްކޮށްލަނީއެވެ. އޭނަ ބެލް ޖެހުމުން ނުކުމެގެން އައީ ޖިދާން ފިޔަވާ ދެވަނަމީހެއްނޫނެވެ. އޭނަ ހުރީ ނުލަފާ ހިންޏެއް އައިސްފައެވެ.

"އައްމާރުގެ މައިދައިތަ........." ޖިދާންގެ ނަޒަރު ޝުވޭކާރުގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ދަތުރުކުރިއެވެ.

ޖިދާންފަދަ ޒުވާނަކު އެހާ ލަދެއްނެތި ބަލައިލިގޮތުން ޝުވޭކާރު ރުޅިއައިސްގެން ފަޅަފަޅައިގެން ދާވަރު ވިނަމަވެސް އޭނަ ކެތްތެރިވިއެވެ.

ކޮމެންޓް 0