އެރޭ އައްމާރު ގެއަށް އައިއިރު އޭނަ ހުރީ ރަތްކުލައިގެ ޓީޝާޓަކާއި ސޯޓެއްލައިގެންނެވެ. ގިނައިރު އަވީގައި އުޅެފައިވާކަން މޫނަށް ބަލާލުމުން ސާރާއަށް އެނގުނެވެ. ބެކްޕެކް ކޮނޑުން ނަގާލާފައި އެއްފަރާތުގައި ބެހެއްޓުމުން ސާރާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ވަޒީފާއަށް ގޮސްފައި އެނބުރި އައިއިރު އައްމާރު ދަތުރުގޮސްފައި އައިމީހެއްފަދައެވެ. ސާރާ އެހާ ޝަކުވާކުރާކަށް ނޫޅުނެވެ. ދެމީހުން އެކީގައި ކާންވެގެން ކާރީގައި ހުރި ރެސްޓޯރެންޓަކަށް ގޮސްފައި އެނބުރި އައުމަށްފަހު އޭނަ ޒަކާއާއިއެކު ޓީވީ ބަލަން އިރުކޮޅަކު އިނެވެ. އެއަށްފަހު ކޮޓަރިއަށް ވަންއިރު އައްމާރު ހުރީ ފާޚާނާގައެވެ. ނުކުތުމުން ސެންޓުގެ ގަދަވަހުން އޭނަ ކޮށިއަރާގޮތްވިއެވެ. މިރޭވެސް އައްމާރުގެ ލޯ ރީތިކަމުން ސާރާގެ ހިތަށް ގޮތެއްވިއެވެ.

"އިމީ ޓޮއިލެޓްގައި ހާދަ ގިނައިރެކޭ ވީ....." ސާރާއަށް ބުނެވުނެވެ.

"އެނގެން ބޭނުންތަ؟ " އައްމާރު ސީރިޔަސްވެލިއެވެ.

"ހޫމް....." ސާރާ ކަންބޮޑުވެފައި ހުރެވެސް ހިނިތުންވެލިއެވެ. އައްމާރު ޖީބުން ނެގި ސިގްރެޓް ތުނބުގައި ޖަހާލާފައި ލައިޓަރ ރޯކޮށްލުމުން ސާރާ ކޮށި އަރާފައި ކެއްސަންފެށިއެވެ. އައްމާރު ހީލާފައި ބުނީ ހަމަ އެކްޓެއްކޮށްލަނީ އޭނަ ބިރުގަންނަވަން ކަމަށާއި ސިގްރެޓު ވަހުން އެހާ އުދަގޫވެގެން ނުވާނެ ކަމުގައެވެ.

"އިމީ ސިގްރެޓް ބޮނީތަ؟ ތީ ފާފައެއް ކަން އިމީއަށް ނޭގޭތަ؟ ހަރާމްކަމެއްކަން އެނގިހުރެ ކުރާކަށް ނުވާނެ، ހަށިގަނޑަށް ގެއްލުން ދޭ ކޮންމެ އެއްޗެއް ހަރާމްވާނެ އިނގޭ......"ސާރާ ދެލޯ ބޮޑުކޮށްލިއެވެ.

"މިދުވަސްކޮޅު އަހަންނަށް ސިގްރެޓާއި ނުލާ ނޫޅެވިގެން، އިހަށް މިކަންތައް ނުހުއްޓުވާ. އަސްލު އަހަރެންގެ ސިކުނޑީގައި ވަރަށް ގިނަ ކަންތަކެއް އެބަހުރި، ރިލެކްސްވާން މިނޫންގޮތެއްނެތް، ސޯ ޕްލީޒް ބޭބީ، ތިގޮތަށް ވާހަކަ އިހަށް ނުދައްކަފާނަންތަ؟ ފާފައެއް ނުކުރާ އިންސާނެއް ނުވެސް އުޅޭނެ ދޯ، މިސާލަކަށް މީހަކު ރާބޮނީޔޯ، އެކުރެވެނީ ފާފައެއް، އެއަށް ވުރެ މާ ބޮޑު މައްސަލައެއް އެއީ ފާފައެއް ނޫނޭ ބުނެ އެކަން ހުއްދަކޮށްގެން ހުރެ ކުރިއްޔާ، އަހަންނަށް ނޭގޭ ސިގްރެޓާއި ބެހޭގޮތުން ދީނުގައިވާ އެއްޗެއް. އެކަމަކު އަހަރެން ކުރާކަމެއް ބޭބީވެސް ކުރަން ޖެހޭނެ......" އައްމާރު އޭނައާއި ދިމާލަށް ފިޔަވަޅެއް އެޅުމުން ސާރާ ފަހަތަށް ޖެހުނެވެ. އައްމާރު އެދޭތެރޭގައިވާ ހުސްތަން ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ކަޑައްތުކޮށް އެއްއަތުގެ ތެރޭގައި ސާރާ ލާފައި ފިތާލަމުން ބިންމަތިން ހިއްލާލިއެވެ. ސާރާ ނުދާން ގަދަހަދަހަދާ އޮތްވާ އެބާރުގަދަ އަތުތެރޭގައި އުފުލާލައިގެންގޮސް ފާޚާނާއަށް ވަންގޮތަށް ފާޚާނާ ތަށިމަތީގައި ސާރާ ބޭންދިއެވެ.

ސާރާ އިނީ ހައިރާންވެ އަންތަރީސްވެފައެވެ. އައްމާރު މިއުޅޭގޮތަކުން ކޮންމެ އަންހެންކުއްޖަކަށްވެސް އެފަދަ އިހުސާސްތަކެއް ކުރެވޭނެއެވެ.

"ކީއްވެ މިތަނަށް ތިގެނައީ؟ "ސާރާ އިނީ އަނގަޔަށް ނުބައި ގޮތެއް ހަދަލައިގެންނެވެ. ފާޚާނާތެރެ ކިތަންމެ އޮފްއަރުވާ ސާފުކޮށްފައި ބެހެއްޓިޔަސް ފާޚާނާވާނީ ފާޚާނާއަށެވެ. ގޭތެރޭގެ އެހެން ތަންތާ ފަދައިން ފާޚާނާތެރޭގައި މާގިނައިރު ކުރާކަށް ސާރާ ހިތްހަމައެއް ނުޖެހެއެވެ.

"ބޭބީ ހަޅޭއްލަވާނެ ވިއްޔާ ރޫމްގައި ހުރެ އަހަރެން ކަމެއްކުރިއްޔާ، މަންމަމެންނަށް ހީވާނީ ސާރާ ތަޅާމަރަނީހެން....." އައްމާރު ކުޑަކޮށް ހީލިއެވެ.

"އިމީ ދެން ކޮންކަމަކާތަ ދެރަވަނީ؟ ކޮންކަމެއް ނުވެގެން ތިއުޅެނީ؟ ވެގެން އުޅޭގޮތެއް ބުނީމައެއްނު އިނގޭނީ، ސިގްރެޓަކީ ހައްލެއްނޫން....." ސާރާ ބުނެލިއެވެ.

"ސާރާ ހީކުރާހާ ފަސޭހަކަމެއްނޫން، ސީރިޔަސްކޮށް. އިހަށް ތިގޮތަށް މޫނު ރަތްކޮށްލައިގެން ނީދެ ބޭރަށް ދޭ......" އައްމާރު މައުޟޫ ބަދަލުކޮށްލަންވެގެން އަނެއްކާ އެހެން މަގެއް ޚިޔާރުކުރިއެވެ. ސާރާވެސް ހުރީ އެވަގުތު އެތަނުން ބޭރަށް ނުނިކުމެވިފައެވެ. އައްމާރުގެ ފަރާތުން މިފެނުނު ސިފައަކުން ހާސްވެ މިފަދަ ކިތައް ކަންތައް އައްމާރު ފޮރުވާފައިވާނެ ބާވައޭ ހިތަށް އެރިއެވެ. އައްމާރުއަކީ ހަމަ "ބޭޑް ބޯއި" އެއް ހެއްޔެވެ؟ މާތް ޒުވާނެއް ފާޑު ޖެހިޔަސް އަދި މީހާ ދަސްނުވާނީ ބާވައެވެ. ފޮތުގެ ބޭރުގަނޑު ބަލާފައި ފޮތުގައިވާ އެއްޗެއް ދަސްނުވާނެއޭ ބުނާ އުސޫލުންނެވެ. ނޫނީ އަދި ސިގްރެޓް ބުޔަސް އައްމާރު އެހާ ގޯސް މީހަކަށް ނުވެ ހިނގައިދާނެއެވެ. ފެންނަ އެންމެ މަންޒަރަކުން އަދި މީހާއަކީ ނުބައި މީހަކަށްވެސް ނެހެދޭނެއެވެ. އިންސާނުންނަކީ އެހާ ފުރިހަމަ ބަޔެއްނޫނެވެ. ކޮންމެ މީހެއްގެ އުނި ސިފައެއް ހުރެދާނެކަމަށް ގަބޫލުކުރަން ޖެހެއެވެ.

އައްމާރު ފާޚާނާއިން ނުކުމެގެން އައީ އިރުކޮޅެއްފަހުންނެވެ. މޫނު ދޮވެލާ ތާޒާވެލައިގެން ހުރިއިރު ސިގްރެޓްވަހުގެ ބަދަލުގައި ސައިބޯންޏާއި ޝޭމްޕޫގެ މީރުވަސްދުވަން ފެށިއެވެ. ސާރާ ހިމޭނުން އޮތީމަ ވާހަކަދައްކަން ނަހަދާ ބޭރަށް ގޮސްފައި އައީ ހޫނު ފެންއަޅާ ފޯންޗެއް ހިފައިގެންނެވެ.

"އައިމް އެޑިކްޓެޑް ޓު ކޮފީ......" އައްމާރު އެންގިއެވެ.

"ރިއަލީ؟ އެހެން އެއްޗަކަށް ދެވި ނުހިފާތަ؟ ކްލޭޝް އޮފް ކްލޭންސް އަށް ނުވޭތަ؟ "ސާރާ ކަންބޮޑުވީކަމަށް ހެދުނެވެ.

"ހެހެ....." އައްމާރު ހޭންފެށިއެވެ.

"އިމީ، އަހަންނަށް އިމީ ދަސްވާނީ ކިހިނެއް ހަދައިގެންތަ؟ އަހަންނަށް އެނގޭ ވަރަށް ގިނަކަންތައް ސިއްރުކުރާކަން. މިޢާއިލާގެ އެންމެންވެސް އުޅޭގޮތުން ހީވަނީ ކަންތައްތަކެއް ފޮރުވައިގެން ތިބޭހެން. އައްމާރުގެ ހަޤީގަތް އެނގިދާނެތީ އަހަރެން ބިރުގަންނަނީ އެކަން އެނގުމަށްފަހު މި ކުޑަ ކުޑަ އުފާވެރިކަންވެސް ގެއްލިގެން ހިނގައިދާނެތީ، އެކަމަކު އައްމާރުއަށްވެސް އަހަރެންގެ ސިއްރު އެނގޭނެނަމަ، އަހަރެން އެގެއިން ފިލައިގެން އައްމާރުއާއިއެކު އަންނަން ޖެހުނީ ކީއްވެކަން އެނގޭނެނަމަ. އައްމާރުދެކެ ލޯބިވިޔަސް އެހާވަރުން އެހާ އަވަހަށް އިންނަން އުޅުނު ސަބަބު އެނގޭނެނަމަ...." ސާރާ އަމިއްލަ ނަފުސާއި ވާހަކަ ދެއްކިނަމަވެސް އެއިން އެއްވެސް ވާހަކައެއް އައްމާރުގެ ކަންފަތާއި ހަމަޔަށް ފޯރުވާކަށް ނުކެރުނެވެ.

ނިދަން އެނދަށް އަރާފައި އައްމާރު ގެ އަތުގައި މަޑުމަޑުން ފިރުމަމުން ދަނިކޮށް ސާރާގެ ލޮލުގައި އަޅައިގަތީ އަތުގައި ހުރި މާކެކެވެ. އެތަންމިތާގައި ވަކި އަޅާފައި ހުރި ނިޝާންތަކެއްވެސް ފެނުނެވެ.

"މި ކިހިނެއްވެފަތަ؟ "ސާރާ އަހާލިއެވެ.

"އިންޖަރީވެފައި....." އައްމާރު އޮތީ ސީލިންއަށް ނަޒަރު ހުއްޓާލައިގެންނެވެ.

"މީހަކު ވަކި އަޅާފައި ހުރިހެން ހީވަނީ. ނޫނީ ޖަނަވާރެއްކަހަލަ އެއްޗެއް، ކޮކަޓޫއެއް ގެންގުޅެންތަ؟" ސާރާ ފަރުވާތެރިކަމާއިއެކު ބަލަންފެށިއެވެ. އައްމާރު އޭނައާއި ދިމާލަށް މޫނު އަނބުރާލިއިރު އިރުކޮޅަކަށް ކޮންމެވެސް ކަހަލަ ވޭނެއްގެ އަސަރު އެދެލޮލުން ފާޅުވިއެވެ. ލޯ ތެމުނުހެން ހީވިއެވެ. އެވަގުތު އައްމާރުގެ ފޯނު ވައިބްރޭޓްވާން ފެށިހެން ހީވެފައި ބަލައިލިއިރު އައްމާރުއަށް އައި މެސެޖެކެވެ. "ބޭބީ"ގެ ނަން އެރުމުން ސާރާގެ ހިތަށް ނުބައިގޮތެއްވެ އައްމާރުގެ މޫނަށް ބަލައިލެވުނުއިރު އެދެލޮލުން ކުށްވެރިކަމުގެ އިހުސާސްތައް ކިތަންމެ ރީއްޗަށްވެސް ފާޅުވިއެވެ.

"އެއީ ކާކުތަ؟ "ސާރާއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ.

"ސާރާ އަހަރެން ބޭނުން މިރޭ ވާހަކައެއް ބުނަން......." އައްމާރު ފޯނު ބަންޑުން ބާއްވަމުން ސާރާއާއި ހަތަރުކަޅި ހަމަކުރިއެވެ. ސާރާއިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެބުނަން އުޅޭވާހަކައެއްގެ ބުރަދަން ހުރިވަރާއި އޭނަގެ ހިތަށް އަންނާނެ ލޮޅުން މާކުރިންވެސް ސާރާއަށް އެނގުނެވެ. އައްމާރު އެޖުމްލަ ބުނުމުގެ ކުރިންވެސް އޭނަގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. އޭނަގެ ކައިރީ ކައިވެނީގެ ރޭވެސް އައްމާރު ބުނަން އުޅުނީ މިވާހަކައެވެ.

"އަހަރެންގެ ހުރޭ ލޯބިވެރިޔެއް. އޭނަދެކެ ވަރަށް ވަރަށް ލޯބިވޭ......" އައްމާރު އިޢުތިރާފުވިއެވެ.

"ދެން ކީއްވެ އަހަންނާއި ކައިވެނިކުރީ؟" ސާރާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ލޯބިވާ ފިރިމީހާ އެހެން މީހަކު ދެކެ ލޯބިވާކަމަށް އިޢުތުރާފުވުމުން ހިތުގައި އަޅާނެ ވޭން އެފަދަ ތަޖުރިބާއެއް ކުރެވުނު މީހަކަށް ނޫނީ އިހުސާސެއް ނުކުރެވޭނެއެވެ.

"ކާއިއާގެ ފެމިލީ ދިރިއުޅެނީ ޔޫކޭގައި، އޭނައާއި އަހަރެން ރައްޓެހިކަން އެނގުމަށްފަހު އެމީހުން އެއްގޮތަކަށްވެސް ބޭނުމެއްނުވި ކައި ރާއްޖެ އަންނާކަށް، އެވަރުންވެސް ކޮންމެވެސް ދުވަހަކުން ފިލައިގެން އައިސް މެރީކުރާނެ ކަމުގައި ކައިވަނީ ބުނެފައި، ސާރާވެސް ހައިރާންވާނެ އޭނަ އަހަރެންދެކެ ލޯބިވާރު އެނގުނީމަ، މި ހަތް އަހަރުތެރޭގައި އެއްވެސް ތަފާތެއްނެތް، އަބަދު ގުޅައިގެން ވާހަކަ ދައްކާ......" އައްމާރުގެ ކޮންމެ ޖުމްލައެއް ސާރާގެ ހިތަށް ތަދުކުރުވިއެވެ.

"އޭނައަށް އެނގޭތަ އަހަރެމެން މެރީކުރިކަން؟ "ސާރާ ސުވާލުކުރިއެވެ.

"ނޫން، އެނގިއްޖެއްޔާ ކައި އަމިއްލައަށް މަރުވާނެ. އެހެން އަންހެންކުއްޖަކު އަހަންނަށް ބަލާލިތަން ފެނުނަސް ކެތެއްނުވާނެޔޯ ބުނީ. ކުރީދުވަހު ބުނިން އޮފީހުގައި ވަރަށް ރީތި އަންހެންކުދިން އުޅެޔޭ، ބުނީ އިޓްސް އޯކޭ އޭ އެމީހުން ބެލިޔަސް އެކަމަކު އިމީ އަންހެންކުއްޖަކާއި އަނގައިން ބުނެފިއްޔާ އައި ވިލް ކަޓް ޔޯރ ........" އައްމާރުގެ ޖުމްލައިން ސާރާއަށްވެސް ނުހީއެއް ނޯވެވުނެވެ. ހިތާ ހިތުން ރުޔަސް އައްމާރުގެ އެ ފަސާނާ އަޑުއެހުނީ ކީއްވެކަމެއް ނޭގުނެވެ. ހަތްއަހަރުވީއިރު އެކުއްޖާއަށް އައްމާރުގެ ލޯބި ކާމިޔާބުކުރުމުގައި ނުކުޅެދިފައިވާއިރު ބޮޑަށް ލޯބިވާ މީހަކު އައްމާރުއަށް ނޭގޭހެއްޔެވެ؟ އޭނަ މިހިރީ މައިންބަފައިންނާއި ދެކޮޅަށް އައްމާރުގެ ލޯބީގެ ހައްގުގައި އޭނަގެ ހުރިހާ އެއްޗެއް ޤުރުބާންކޮށްފައި އައިސްފައެވެ. ކާއިއާ ހާ މުއްސަދި ނުވިޔަސް ޔަގީނުންވެސް ރަށުގެ އެންމެ މުއްސަދި ގަދަރުވެރިންގެ ތެރޭގައި ސާރާގެ ޢާއިލާ ހިމެނެއެވެ.

"ސާރާ، އެކަމަކު ޓްރަސްޓްމީ، އަހަރެން ސާރާދެކެވެސް ލޯބިވޭ، ޔޫ އާރ މައި ވައިފް، އަހަރެންގެ އަންބަކަށްވުމަށްފަހުގައި އަހަރެން ދުވަހަކު އެމީހަކު ދޫކޮށެއްނުލާނަން، އަހަރެން ވަޢުދުވަން. އެކަމަކު އަހަންނަށް ކައިވެސް ދޫކޮށެއްނުލެވޭނެ، އޭނައާއި ވާހަކަނުދައްކާވެސް ނުހުރެވޭނެ. ނޫނީ އެކުއްޖާ ކޮންމެފަދަ ސްޓުޕިޑްކަމެއްވެސް ކޮށްފާނެ، ރެއާއި ދުވާލު އެތައްފަހަރަކު އަހަންނަށް ވީޑިއޯ ޗެޓްކޮށްގެން ނޫނީ އެކުއްޖާގެ ހިތްހަމައެއް ނުޖެހޭ........" އައްމާރު ބުނެދިނެވެ.

"ވަރަށް ރީތިތަ؟ " ސާރާ އަހާލިއެވެ.

އައްމާރު ހީލުމަކުން ފުއްދާލިއެވެ.

"އިންޓަނެޓް ލޯތްބަކީ ހަޤީގަތެއްނޫނެއްނު. ނެޓުން ވާހަކަ ދައްކަ ދައްކާފައި ދެމީހުން ދިމާވުމުން އެކެމިސްޓްރީ ނެތިއްޖެއްޔާ ވާނީ ކިހިނެއްތަ؟ "ސާރާ ކުޑަކޮށް ހީލިއެވެ.

"ލެޓްސް ސީ....." އައްމާރުގެ ތުންފަތަށް ވެރިވީ މާނަވީ ހިނިތުންވުމެކެވެ. ސާރާ އައްމާރު ކާއިއާއާއި ވާހަކަދައްކަން ހުއްދަދިނެވެ. އައްމާރުގެ ލޯބިވެރިޔަކު ހުއްޓަސް އޭނަގެ މައްސަލައެއް ނެތްކަމުގައި ބުނެލިއެވެ. ދެއަންބަށް ކާއިއާއާއި އިންނަން އުޅުނަސް ނުހުއްޓުވާނެކަމުގެ ޔަގީންކަން ދިނެވެ.

ސާރާގެ ހިތަށް ކުޑަ ލުޔެއް ލިބުނީ މިއީ ދެމީހަކު ދުނިޔޭގެ ދެކޮޅުގައި ތިބެގެން ވަމުންދާ ލޯތްބެއްކަން އެނގިފައެވެ. ހަތްއަހަރުތެރޭގައި ކަމެއް ނުކުރެވުނުއިރު ހަޔާތުގެ ބާކީ އޮތް ބައިގާވެސް ދެމީހުން އުޅެންޖެހޭނީ އެގޮތަށް ކަމުގައި ސާރާ އެވަގުތުކޮޅު ޔަގީންކުރިއެވެ. ކާއިއާވެސް ވާނީ ރަގަޅަށްވެއްޖެއްޔާ އިންޓަނެޓުން އެތައް ފިރިހެނުންނެއް ހައްދާ އަންހެންކުއްޖަކަށެވެ. އައްމާރުފަދަ ކިތަންމެ ލޯބިވެރިންނެއް ތިބޭނެއެވެ. އައްމާރުއަށް އެވަރު ނުވިސްނޭހެއްޔެވެ؟ އައްމާރުފަދަ ވިސްނޭ ޒުވާނަކު ހޭޖެހޭކަމެއް ކުރާނެނަމަ ކިތަންމެހާވެސް ރަގަޅެވެ. ކާއިއާއަކީ އޭނަގެ ކައިވެންޏަށް ބިރަކަށްވި ހިނދުކޮޅަކަށްފަހު ސާރާ އަމިއްލަ ހިތަށް ވިސްނާދީފައި ހަމަޖެހިލައިގެން އެނދުގައި ހަށިގަނޑު ދަމާލިއެވެ. އައްމާރު ފާޚާނާއަށް ވަދެފައި ދެން ސިގްރެޓެއް ރޯކޮށްލައިގެން ހުރެ ނުކުތުމުން ތަފާތު ވަހެއް ދުވަންފެށިއެވެ. ކޮފީއާއި ސިގްރެޓް އެއްވުމުން ދުވާވަހެއް ހެއްޔެވެ؟ ކޮންމެއަކަސް ހިތްގައިމުކަމެއް ހުއްޓެވެ.

އައްމާރު ސިގްރެޓް ބޯން ހުރެފައި އިރުއިރުކޮޅާ އެނބުރި ބަލާލާފައި ހީލަނީ ހާދަ ލޯބިކޮށެވެ. އެރީތި ދެލޮލުގެ ވިދުން ގަދަވެ މަސްތުން ފުރިފައިވާ ބެލުމަކަށްވިއެވެ. އެވަގުތު އޭނައަށް އައްމާރު ފެނުނީ ފިލްމުތަކުން ފެންނަ ރީތި ވެމްޕަޔަރެއްގެ ގޮތުގައެވެ. އިންސާނަކަށް އެހާ ރީތި އަސަރުން ފުރިފައިވާ ދެލޯ މިލްކުވެފައިވޭހެއްޔެވެ؟ ސާރާގެ ހިތްއެދުނީ ދުވެފައިގޮސް އެރީތި ހަށިގަނޑުގައި ބައްދާލާށެވެ. ނަމަވެސް ސާރާ ހިތާއި ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބުކުރިއެވެ. އައްމާރު އެހެން މީހަކު ދެކެ ލޯބިވަންޏާ އޭނަ އިސްވެ އައްމާރުއަށް އެހާ ލޯބިދޭންވީ ކީއްވެހެއްޔެވެ؟ މޮޔަވެގެން އުޅޭކަން އަންގަންވީ ކީއްކުރަންހެއްޔެވެ؟ އައްމާރުއަށް އެއްޗެއް ވިސްނެންދެން ދުރުން އުޅޭނީއެވެ. ސާރާ ދެލޯ މަރާލައިގެން ނިދާކަމަށް ހެދުނެވެ.

އިރުކޮޅެއްފަހުން އައްމާރު ކާއިއާއަށް ގުޅައިގެން ވާހަކަދައްކަން ފެށުމުން ސާރާގެ ހިތަށް އަސަރުކުރަންފެށިއެވެ. އައްމާރު ވާހަކަ ދައްކަނީ ހާދަ އިޝްގީކޮށެވެ. ހާދަ ގާތްކޮށެވެ. ކުލުނުން ފުރިފައިވާފަދަ ގޮތަކަށެވެ. ސަމާސާކުރުމުގެ ހައްދެއްނެތެވެ. އަނބިމީހާއަށް ވެ ހުރެ ކުއްލިއަކަށް އޭނައަކީ އައްމާރުއަށް ދުރުހިލޭ މީހެއްކަމުގެ އިހުސާސް ސާރާއަށް ކުރެވެން ފެށިއެވެ. އިންޓަނެޓު ލޯބިވެރިޔާވެސް އައްމާރު އާއި މާ ގާތްކަމަށް ހީކުރެވުނެވެ. ކަރުނައިން ކޯތާފަތް ތެމެން ފެށުމުން ޚުދު ސާރާވެސް ހައިރާންވިއެވެ. އޭނައަށް ރޮވުނީއެވެ.

"ސާރާ ދެރަވަނީ ކީއްވެތަ؟ އިމީއަކީ އެކަނި ސާރާގެ މީހެއް، އެއީ ސާރާގެ ފިރިމީހާ، އެހެން އަންހެންކުދިން ކިތަންމެ ވަރަކަށް އުޅުނަސް އައްމާރު ލިބުނީ އަހަންނަށް، ދެން އައްމާރު އަތުން ބީވެގެން ގޮސްފިއްޔާ އެއީ އަހަރެންގެ ހުރި ބަލިކަށިކަން. ހިތްވަރުކޮށްފައި އައްމާރުގެ ލޯބި ކާމިޔާބުކުރަންވީ، އެބުނާ ކާއިއާއަކަށް އައްމާރު ނުލިބޭނެ އިރާދަކުރެއްވިއްޔާ....." ސާރާ ހިތަށް ވިސްނާދިނަސް ކަރުނަތަކަކަށް ނިމުމެއްނައެވެ. ނަސީބަކުން އައްމާރު ފޯނު ބާއްވަންވާއިރަށް އޭނަގެ މޫނު ފޮހެލާފައި ހަމަޖެހިލައިގެން ބާލީހުގައި ބައްދާލައިގެން އޮތްއިރު އެނދުން ކިރިޔާ ނުވެއްޓި އޮތްކަމެވެ.

އައްމާރުއަށް އޭނަ އޮށޯވެލައިގެން އޮތް ނުގޮތަކުން އުދަގޫވީކަން ނޭގެއެވެ. ނޫނީ އެހިތުގައި އޭނައަށްޓަކާއި ރަހުމާއި ކުލުނު ވަނީއެވެ. އޯގާތެރިކޮށް ސާރާ އަތްދަނޑިމައްޗަށް އުފުލާލުމަށްފަހު ރީތިކޮށް އެނދުގެ މަގަތުގައި ބާއްވާފައި ރަޖާގަނޑު އަޅާދިނެވެ. ގާތުގައި އޮށޯވެ ބައްދާލަމުން މޫނުގެ އެތަން މިތާގައި ބޮސްދޭންފެށިއެވެ. އެނޭވާގައި ދުވަނީ ތަފާތު މީރުވަހެކެވެ. ކޮފީގެ ވަސްހެއްޔެވެ؟ ސާރާގެ ދެލޯ މެރޭގޮތްވިއެވެ.

"އަހަންނަށް އެނގޭ އެހެން މިހަކާއި ވާހަކަދެއްކީމަ ދެރަވެފައިކަން ތިއޮތީ، އެކަމަކު އަހަރެން ބޭބީދެކެވެސް ލޯބިވޭ، ދުވަހަކު ދޫކޮށެއް ނުލާނަން، އައިމް ސޮރީ ހާޓްކުރެވުނުކަން އެނގުނީމަ، ބޭބީ ހުއްދަދިނީމަ އެއްކޮޓަރިއެއްގައި ހުރެގެން ވާހަކަ މިދެއްކީ........ސޮރީ ސޮރީ....އައި ލަވް ޔޫ......" އައްމާރު އެކިގޮތްގޮތަށް މާފަށް އެދިފައި އެންމެފަހުން ސާރާ ގަޔާއި ބޮނޑިކޮށްލައިގެން އޮވެ ފުން ނިންޖަކަށް ގެނބުނެވެ.

އެބާރުގަދަ އަތުގެ ހިމާޔަތުގައި ނިދާލަން ލިބުމުން ސާރާގެ ހިތަށް ތަފާތު އަސަރުތަކެއްކުރުވިއެވެ. އޭނަ އެތައް އިރެއްވާންދެން އޭނަގެ ލޯބިވާ ފިރިމީހާގެ މޫނަށް ބަލަން އޮތެވެ. ބެލިބެލިހެން ހިތުގައި ވި ލޯބި ފުންވީއެވެ. އާދައިގެ ޢާއިލާއެއްގެ ޒުވާނަކަށްވިޔަސް އެހިތުގައި ވާ ލޯތްބާއި އޯގާތެރިކަން ސާރާއަށްވަނީ ފެނިފައެވެ. ލޯބިން ފުރިފައިވާ ހިތެކެވެ. ވީއިރު އައްމާރުއަށްޓަކާ އޭނަ މިހިރީ ދުނިޔޭގެ ހުރިހާ ތޫފާނަކާއި ކުރިމަތިލާން ތައްޔާރަށެވެ. ދުވަހަކު އައްމާރުއާއި ވަކިނުވާން ހިތާހިތުން އޭނަ ވައުދުވިއެވެ.

ހެނދުނު ހޭލައިގެން ސާރާ އައްމާރުއަށް ކޮފީހަދާދިނެވެ. އައްމާރު ފެންވަރާލައިގެން ނުކުންނަންވާއިރަށް އޭނަ ބޮޑީސްޕްރޭ ޖަހާދީފައި ގަމީސްލައްވާފައި ގޮށްއަޅުވާ ޓައީ އަޅުވާދިނެވެ. އައްމާރުގެ އިސްތަށިގަނޑުގައި ޖެލް ހާކަދިނެވެ. ޚިދުމަތްތެރި އަންބެއްހެން ހުރިހާކަމެއް ފުރިހަމަކޮށް ދިންއިރު ކާއިއާގެ ލޯބި އައްމާރުގެ ހިތުން ނެރެލަން ސާރާވަނީ އަޒުމް ކަނޑައަޅާފައެވެ. ކާއިއާއަކީ ކޮން ކުއްޖެއްކަން ނޭގުނަސް ޔޫކޭގައި ދިރިއުޅޭވަރުވާނީ މުއްސަދި ބަޔަކަށްކަން އެނގެއެވެ. ވީމަ އޭނަ ދެނެހުރިކަމަށް ހަދާނުލާ ހުންނަން ހަދައިގެން އައްމާރު އޭނަ ދޫކޮށްލާފައި ހިނގައިދާނެއެވެ. މުއްސަދިކަން ބޭނުންނުވާނީ ކާކުހެއްޔެވެ؟

އައްމާރު ވަޒީފާއަށް ދަމުންވެސް ސާރާދެކެ ލޯބިވާވާހަކަ ބުނެފައި ނިތްކުރީގައި ބޮސްދިނެވެ. ސާރާގެ ހިތް އުފަލުން ފޮޅުނެވެ. ހެއްދެވިފަރާތަށް ހަމްދުކުރިއެވެ.

ސާރާ ކޮޓަރި ރީތިކޮށްލާ ހަދާލާފައި ކޮޓަރިން ނުކުންނަންވެގެން ކުޑަކޮށް ދޮރު ހުޅުވާލިއިރު ނަބީލާގެ އަޑު އިވުނެވެ.

"ޖިމް ދެން ތި އިސްތަށިގަނޑު ކޮށާލާކަށް ނުވޭތަ؟ އެހެންވެ ޖަލަށްދާން ޖެހުނީ، ކަލެއެކޭ ޕާޓޭއެކޭ ތަފާތެއްނެތް. ތިހެން އުޅެގެން އިންނާނެ އަންހެންކުއްޖަކުވެސް ނުލިބޭނެ. އައްމާރުވެސް ރާއްޖެތެރެއިން ގެނައީ މުއްސަދި މަންޖެއެއްކަމަށް ވަނީ. އެކަމަކު އެގޭ މީހުންނާއި ދެކޮޅަށް އެކުއްޖާއައީމަ އަހަރެމެންނަށް ހުރީ ކޮން ފައިދާއެއްތަ؟ އެފިރިހެން ދަރިއަކަށްވެސް ނޭގޭ މާލޭގައި ގެދޮރު ހުރި މުއްސަދި އަންހެނަކު ގެނެސް ގެއަށް ވައްދާލާކަށް........." ނަބީލާ ވާހަކަދައްކަނީ ކާކާހެއްޔެވެ؟ ސާރާގެ ނަޒަރުގައި ދެން އަޅައިގަތީ ސޯފާގައި އިށީދެލައިގެން އިން ޒުވާނާއެވެ. ރަންކުލައިން ހައިލައިޓްކޮށްފައިވާ އިސްތަށިގަނޑު ފަހަތުން ފެނުމާއިއެކުގައިވެސް ސާރާގެ ހިތުގައި ބިރުވެރިކަން ހިނގާލައިފިއެވެ. އެއީ ހަމަ އެ ނުލަފާމީހާއެވެ. ސާރާގެ ލޮލުގެ ކުރިމަތީގައި ކުދި ކޮކާތައް ބުރައިލިހެން ހީވިއެވެ. އަނބުރައިގަންނަގޮތްވެގެން ދޮރުގައި ހިފާލެވުނުއިރު އަތްތިލަވެސް ތެމިއްޖެއެވެ.

ކޮމެންޓް 0