"އެހެންވެ ދޯ ކާއިއާ ރާއްޖޭ މީހަކާއި އިންނަންވީމަ ގަބޫލުނުވަނީ؟ ބޭބެއާއި ހިތާވެދާނެތީތަ؟ މިޒަމާނުގައި ތިހާ ހާސްވާކަށް ނުޖެހޭނެ، އެކުއްޖެއްގެ ޑީއެންއޭ ޓެސްޓްކުރީމަ އެވީނު، އަހަރެން ހުއްޓާލާނީ އަހަރެންގެ ދަރިފުޅު ހުރިތަނެއް ހޯދާފައި. ކާއިއާއަށް ރަގަޅުވީހާ އަވަހަކަށް އަހަރެން ރާއްޖެ ދާނަން....." ފައިސަލް ފަތްތަރުމަތިން އަރަމުން ޝުވޭކާރަށް ބަލައިލިއިރު އެދެލޮލުން ފެނުނީ ބީރައްޓެހިކަމެވެ. މިވީހާތަނަށް އެދެލޮލުން އޭނައަށްޓަކާ ފެނިފައި ހުރި ކުލުނާއި ލޯބި ސިކުންތުކޮޅެއްގެ ތެރޭގައި ނެތިގެން ހިގައްޖެއެވެ. ޝުވޭކާރުގެ ހިތަށް ތޫނު ތަދެއްވެ މޭގައި އަތް އަޅާ އޮބާލެވުނެވެ. އިރުކޮޅަކަށް ހިތަށް ލިބުނު ތަސައްލީއަށްފަހު ފަހުން ވެދާނެގޮތަކާއިމެދު ޚިޔާލުކުރަން ޖެހިއްޖެއެވެ. ފައިސަލް އެހެރީ ދަރިފުޅު ހޯދަން އަޒުމް ކަނޑައަޅައިގެންނެވެ. އެފަދަ ދުވަހެއް އައުމަށްފަހު އެދަރިފުޅު އޭނައަށް މާފުކުރާނެބާވައެވެ.
ޝުވޭކާރު އޭނަގެ އެކުވެރިއެއްކަމަށްވާ ހިލްމާއަށް ގުޅިއެވެ. އެތައް އިރެއްވާންދެން އޭނަ ހިލްމާއާއި ވާހަކަދައްކަން ހުރުމަށްފަހު ގެއަށްވަންއިރު ފައިސަލް އިނީ އޮންލައިންކޮށް ޓިކެޓް ބުކްކުރާށެވެ. ޝުވޭކާރު އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ. އޭނަފަދައިން ފައިސަލްގެވެސް ގޮތްދޫނުކުރާ މިޒާޖެއް ހުރެއެވެ. ކުރަން އުޅޭކަމެއް އޭނައަކަށް ނުހުއްޓުވޭނެއެވެ. ދަރިފުޅު ދުނިޔޭގައި ހުރެއްޖެއްޔާ ފައިސަލް އޭނަ ހޯދާފައި ނޫނީ ދެން ހަމަ ނޭވައެއްލާނެ ކަމެއްވެސް ނޭގެއެވެ.
ކިޔަން އޭނަގެ ކޮއްކޮގެ އަނގައިގާ އައިސްކްރީމްކޮޅެއް ލައްވާދިނެވެ. ކާއިއާ އަނގަޔަށް ހަދައިލިގޮތުން ހިތި ބޭހެއް ކެއުމެކޭ ތަފާތެއްނެތެވެ. އޭނަ ކާކަށް ބޯކަށްވެސް ބޭނުމެއްނުވެއެވެ. އޭނަ ދެކޭގޮތުން ހައްލަކީ އޭނަ މަރުވުމެވެ.
"ކާރލީގާލީ. އައި ހޭވް ބޭޑް ނިއުސް......" ކިޔަން ކުއްލިއަކަށް ފޯނަށް ބަލަން އިނދެފައި ދެލޯ ބޮޑުކޮށްލިއެވެ.
"އިމީގެ ކަމަކަށް ނުވަންޏާ ދުނިޔޭގެ އެހެން އެއްވެސް ކަމެއް ބޮޑެއް ނުވާނެ. ހެޔޮ އެސްޓްރޮއިޑެއް ދުނިޔޭގައި ޖެހުނަސް، އާތްކުއޭކެއް އަޔަސް، ކްލޯޒް މީހެއް މަރުވިޔަސް، އައި ޑޯންޓް ކެއަރ އެނީ މޯރ.................." ކާއިއާ ހަމަޖެހިލާފައި ބުނެލިއެވެ.
"މަންމަ ބުނާހެން އެ އިމީއަކު ކައި މޮޔަކޮށްލައިފި. އެކަމަކު މެންޓަލް ހޮސްޕިޓަލަށް ލީމަ ތި އިމީއަކުވެސް ދޫކޮށްލާފައި ހިނގައިދާނެ، އައިސްކްރީމް ކައިގެން ވަރުޖެއްސީމައެއްނު ޓްރެވެލް ކުރެވޭނީ، އޯކޭ މަމްއަށް ބޭޑް ނިއުސްއެކޯ އެކަމަކު އައި ނޯ، ކައި އުފަލުން އެނދުމަތީގައި ނަށަން ފަށާނެ، އެނގޭތަ؟ ބައްޕަ މާލެ ބަދަލުވާން ނިންމައިފި. ޓިކެޓް ކޮންފާރމްޑް. މާލެގޮސް ކައިގެ ވެޑިން އޯ އޮތީ، އެވެސް ދޮންބެ މިހެން ހުސްހަށިބަޔަށް ހުއްޓާ، އަންފެއަރ، ވަރަށް އަންފެއަރ....." ކިޔަންގެ ވާހަކަ އިވުމުން ކާއިއާ މޭގައި އަތް އަޅައިގެންފާ އެނދަށް ވެއްޓިގަތެވެ. މޫނުގައި އަތްއެޅިއެވެ. މިފަހަރު އެ މުށި ދެލޯ ފުރިގެން އައީ އުފަލުގެ ކަރުނައިންނެވެ.
"އާރ ޔޫ އޯލްރައިޓް؟ " ކިޔަން ބިރުގަންނަގޮތްވިއެވެ. އުފާވެގެންގޮސް މީހުނަށް ހާޓްއެޓޭކް ޖެހެޔޭ މަންމަ ބުނި އަޑު އޭނަވަނީ އަހާފައެވެ. މާ ބާރަށް ގިނައިރުވާންދެން ހުނުމުންވެސް ހިތް ހުއްޓި މަރުވެދާނެއެވެ.
"ދޮންބެ، ބައްޕަ ރަގަޅަށްވެސް މާލެ ދުރުވަނީތަ؟ "ކާއިއާ މޫނުން އަތްނެގިއެވެ.
"ރޮނީ ކީއްވެގެންނޯ. ދުވަހަކު މި ގާލްސްއިން އަންޑަސްޓޭންޑެއްނުވާނެ......." ކިޔަން ސުވާލުކޮށްލިއެވެ.
"އުފާވިވަރުން ރޮވުނީ، އިމީއާއި މީޓްކުރާ ހިތުންނޭ......" ކާއިއާގެ މުށިދެލޮލުގައި ކަރުނަތައް ވިދާއިރު ތުންފަތް މައްޗަށް މަޑު ހިނިތުންވުމެއް ވެރިވެފައިވެއެވެ.
"އިމީ އަރަތްބެކޭ ތަފާތެއްނެތް، ދެ އަނބިން ދެފަރާތުގައި ލައިގެން ޝޮޕިންއާއި ތަންތަނަށްވެސް ދާނެ ދޯ، ދުވަސްކޮޅަކުން ފޫހިވެގެން ވަރިފަށަށް އަރާނެ......" ކިޔަން ދިމާކުރިއެވެ.
"ޑޯންޓް ވޮރީ، އެ ކަރާއަކު މިޕްލެނެޓުން ބޭރުކޮށްލާފައި ހުއްޓާލާނީ، އިމީއާއި އަޅައިގަނެވުނީތީ ޝީލް ރިގެރެޓް. އައި ހޭޓް ހާރ، މީހެއްގެ ހައްގަކަށް އަރައިގެން އުޅޭއޮރު ލަދެއްވެސް ނުގަނޭ، އެ އަންހެނާ މަގޭ އަތުން މަރުވާނެ.........." ކާއިއާ ކަޅިއަޅައިލިއެވެ.
ކިޔަން ހައިރާންވެ އަންތަރީސްވިއެވެ. މިވަރަށް ކާއިއާ މޮޔަކޮށްލަން އައްމާރު ކުރީ ކީއްހެއްޔެވެ؟ ދުނިޔެއިން ފިރިހެނުން ހުހެއްނުވެއެވެ. އޭނަ އުޅޭހެން ފަހަރަކު އަންހެންކުއްޖަކާއި ރައްޓެހިވާ އުސޫލު މާ ހިތަށް ފަސޭހައެވެ. ހިތަށް އަނިޔާއެއް ނުލިބޭނެއެވެ. ލޯތްބަކީ ފިލްމާއި ވާހަކަތަކުން ދައްކުވާދޭ ހަގީގަތެއްނެތް އެއްޗެކެވެ. އައްމާރު މީހަކާއި އިނދެގެން އުޅޭއިރުވެސް ކާއިއާ ދޫކޮށްލާކަށް ނޫޅެއެވެ. އެމީހަކަށްޓަކާ ފުރާނަ ގުރުބާން ކޮށްލަން ތައްޔާރަށް ހުރިކަމީ އަޖައިބުވާވަރު ކަމެކެވެ. ކިޔަންވަނީ އައްމާރު އާއި ބައްދަލުކޮށްފައެވެ. ރީތި މީހެކެވެ. އަންހެންކުދިން އަޅައިގަންނަހާ ސިފަތަކެއްވެއެވެ. ވާހަކަދެއްކުމުގައި ހުރި މަޑުމައިތިރިކަމާއި އޯގާތެރިކަމުން އެކަނިވެސް އޭނަ ހިތް އަތުލަފާނެއެވެ.
ކިޔަން އައްމާރަށް އިންޒާރެއްވެސް ދިނެވެ. ސާރާއާއި ދުރުނުވެއްޖެއްޔާ ސާރާ މަރާލާނެކަމުގައި ބުނެލިއެވެ. އައްމާރު އެކަން ގަބޫލުނުކޮށްފިއްޔާ އޭނަވެސް ކޮއްކޮއަށްޓަކާ ނުކުރާނެ ކަމެއް ނޯންނާނެއެވެ. ސާރާ ކިޑްނެޕްކޮށްގެން ޔޫކޭއަށް ގެންނާނެ ބާރުވެސް އޭނަގެ އެބަހުއްޓެވެ. އައްމާރުއަށް އެކަން ވިސްނިއްޖެއްޔާ ރަގަޅެވެ.
އައްމާރު މިސްކިތަށް ދިޔުމުން ސާރާވެސް ފަތިސް ނަމާދުކޮށްގެން ޤުރުއާން ކިޔަވަން އިރުކޮޅެއްވާންދެން އިނުމަށްފަހު އަވަސްވެގަތީ ހެނދުނުގެ ނާސްތާ ތައްޔާރުކުރާށެވެ. ހެނދުނަށް އެމީހުން އާއްމުކޮށް ކައި އުޅެނީ ލުއިކޮށެވެ. ޕާނުގައި ބަޓަރުޖަހާ ބިސްގަނޑު އެޅިއެވެ. ދެތަށި ކޮފީހެދިއެވެ. ބައެއް ދުވަހު އައްމާރު އެހީތެރިވެދިނަސް ރޭގަނޑު ނުނިދާ ހުންނަން ޖެހިފައިވާތީ ނަމާދުކޮށްގެން އައިސް ލިބޭ ކުޑަވަގުތުކޮޅުގައިވެސް ބަލަނީ ނިދިކޮޅެއް ހޯދުމަށެވެ. އައްމާރުއަށް ވަގުތު ހޯދެނީ އެކަނި ކާއިއާއަށެވެ. އެކަހަލަ ކުދި ކަންތައްތަކާ ވިސްނައިގެން ސިކުނޑި ލޮޑުކުރުމުގެ ބަދަލުގައި މިހާރަކަށް އައިސް ސާރާ ބަލަނީ "ޕޮޒިޓިވް" ކޮށް ހުރިހާ ކަމެއް ނެގުމަށެވެ. ދުޢާކޮށްގެން ހިތަށް ތަސައްލީ ހޯދުމަށެވެ.
"އިމީ، ސައިބޮއިގެން ނިދާބަލަ ޕްލީޒް. ވާހަކައެއްވެސް ބުނަން އެބައޮތޭ......" ސާރާ އައްމާރުގެ ފައިގާ ކޮށްޓާލިއެވެ.
"ސައި ބޯހިތެއްނެތް، ނިދިޔަދީބަލަ އިހަށް، ތިވާހަކަ ފަހުން ދައްކާނީ. ބާރަ ޖެހީމަ ގޮވާލަދެއްޗޭ....ހުކުރަށް ދާން...." އައްމާރު ލޯ ހުޅުވާނުލާ އޮވެގެން ކިޔާލައިފިއެވެ. ރޭ ހަތަރުދަމު ފޯނުގައި މާ އުފާވެރިކޮށް ހީހީފައި އުޅުމަށްފަހު އޭގެ ބަދަލުގައި އޭނައަށް ކުރިމަތިލާން މިޖެހުނީ މޫޑީ އައްމާރުއާއެވެ. އޭނައާއި ކާއިއާ ދެކެ އެއްވަރަކަށް ލޯބިވަމޭ ބުންޏަސް ގަބޫލުނުކުރެވެނީ މިފަދަ ވަގުތުތަކުގައެވެ. އެވަރުންވެސް ސާރާ ކެތްކުރިއެވެ.
ބެލްކަނީގައި އެކަނިމާ އެކަނި ސައި ބޯންއިންއިރު އޭނަ ހިތަށް އަރަނީ އޭނަ ދޭން އުޅޭ ޚަބަރު އައްމާރު ނަގައިގަންނާނެ ގޮތަކާއިމެދުގައެވެ. އައްމާރު އުފާވާނެހެއްޔެވެ؟ ނޫނީ ހިތާމަކުރާނެ ބާވައެވެ. އެނގޭނީ މޫނަށް ވެރިވާ ކުލަތަކުންނެވެ. އެ ސިކުނޑިއާއި ހިތް ކިޔާލެވޭނެނަމައެވެ. ވިސްނާ ގޮތް އެނގޭނެނަމައެވެ.
މެންދުރަށް ކައްކާ ހިތް ކެނޑުނެވެ. އެކަނި އިނދެގެން ކާން އޭނަ ކެއްކުމުގެ މާނައެއް ނުފެނުނެވެ.
"ފަހަރެއްގައި ހޭލާއިރަށް މޫޑު ރަގަޅުވެދާނެ، އަހަރެންވެސް މޮޔަވެދާނެ، މިހުރިހާކަމަކީވެސް އެ ބޯބުޅި ސަފަރު ކައްދަގެ ކަންތަކޭ، ހަންޑިގަނޑު އަހަރެމެންގެ ލައިފަށް ނުވަތްނަމަ ކިހާ ހެޕީވާނެ، އެކަމަކު އަނެއްކާ އަހަރެންތަ އެމީހުންގެ ދޭތެރެއަށްވަނީ؟ ކޮންފިއުޒްވާވަރުވޭ....." ސާރާ ތަށިތައް ދޮވެލުމަށްފަހު ތަންތަން ސާފުކޮށް ނިމިގެން ޟުހާ ނަމާދުވެސް ކުރިއެވެ. ތިމާގެ އަންހެންކުއްޖަކު ޒުވާން އުމުރުގައި ލޭގެ ކެންސަރު ޖެހިފައި ދުނިޔެ ދޫކުރިފަހުން ސާރާ މިވަނީ ވީހާވެސް ބޮޑަށް އަޅުކަންތައްތަކަށް ސަމާލުކަން ދޭން ނިމްމާފައެވެ. މަރުވާނެ އިރެއް އެނގެނީއެއް ނޫނެވެ.
ކުރީ ދުވަހު އައްމާރު ދެއްކި ވީޑިއޯއެއް ބަލާފައިވެސް އޭނަ ވަކިން ބިރުގަތެވެ. ފެނުނީ މީހަކު ވަޅުލާން ގެންގޮސް އުޅޭތަނެވެ. ތަފާތު ކުލަކުލައިގެ ހަރުފަތައް ކަށްވަޅުގައި ދުވާތަނެވެ. ހަރުފަތައް ފިރުކެމުން އެކި ދިމާލަށް ދާތަން ފެނި މީހުންތައް ބިރުން ކޮޅުކޮޅަށް ދުއްވައިގަތް މަންޒަރު ފެނުނެވެ. އެއީ ސާރާގެ ލޯ ހުޅުވައިލަން މަޖުބޫރުވި އެއް ވީޑިއޯއެވެ. ގަސްތުގައި ނަމާދު އަޅާ މީހާ ވާނީ ކާފަރަކަށްކަން އޭނަ ދަނެއެވެ. މަރުވެގެން ކަށްވަޅަށް ދިޔުމަށްފަހު އެފަދަ އަޒާބަކާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. ކުރަތްޕެއް ފެނުނަސް އޭނަ އަރަނީ އައްމާރުގެ އުރަށެވެ. ފައިދިގު މަކުނެއް ފެނިލިޔަސް އެރެއަކު ނުނިދޭނެއެވެ. މަރުވި ދުވަހަކުން އޭނައަށް ލިބޭނީ ކާކުގެ ހިމާޔަތް ހެއްޔެވެ؟ ދުވާނީ ކޮންތާކަށް ހެއްޔެވެ؟
"ފިރިމީހާއަށްވެސް ކަމޭހިތަން ޖެހޭނެ، އޭނަ ދެ އަނބިން ތިއްބަސް ދެލޯބިވެރިން ތިއްބަސް އަހަރެން ވާޖިބު އަދާކުރީމަ ވީއެއްނު، އެކަމަކު މި ހިތަށް ހާދަ ތަދުވެސް ވެއޭ، ކިހިނެއް ކެތްކުރާނީ؟ އިމީދެކެ ހާދަ ވަރަކަށޭ ލޯބި މިވެވުނީ، އެހެން އަންހެންކުދިންނަށްވެސް މިވަރުވާނެބާ، ލޯބިނުވާ މީހަކާއިއެކު އުޅެންޏާ ދެން ކޮންމެ ގޮތެއްވެސް ހެޔޮވާނެ، އެކަމަކު ކޮންމެ ކޮންމެ ގޮތަކަށް އިމީ އުޅެގެން މަށަށް ވަރިހަމަ އެކޭ ނުބުނެވޭނެ........" ސާރާ ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ބޭރަށް ބަލަން ހުއްޓާ ސުދާ ގުޅިއެވެ.
ނަބީލާވިލާ ގެއާއި ޖެހިގެން ހުރި ގެ ރީތިކޮށް އިމާރާތްކުރުމަށްފަހު އެގެއަށް ބަޔަކު އަންނަން އުޅޭކަމުގެ ނިޝާންތައް ފެނިއްޖެކަމުގައި ސުދާ ބުނެލިއެވެ. ހީވާގޮތުން މުއްސަދި އާއިލާއެކެވެ. ގޭގެ ޑިޒައިނާއި ކުލަ އެހާ ޝާހީއެވެ. ގެނައި ފަރުނީޗަރުތައް ފެނުމުން ސުދާވެސް ހައިރާންވާވަރުވިއެވެ. އެހާ ރީއްޗެވެ. ބޭރުން އޯޑަރު ކޮށްގެންކަން ޔަގީނާއި ގާތަށް އޭނައަށް އެނގުނެވެ. ސުދާ ދެން ބުނީ އައްމާރުއާއި ސާރާ ގެއަށް ގެންނަން މަންމަމެންނަށް އޭނަ ބާރު އަޅާ ވާހަކަދައްކާ ކަމުގައެވެ. ޖިދާން އެނުބައި އަމަލު ހިންގިޔަސް އައްމާރުގެ ކުށެއް އޮތީއެއް ނޫނެވެ. އެ އާއިލާއިން އައްމާރުއަށް ޖާގައެއް ލިބުނީއެއްވެސް ނޫނެވެ. އަމިއްލަ އަންހެން ދަރިފުޅު ކުއްޔަށް ތަނެއް ހިފައިގެން އުޅެން ދޫކޮށްލުމަކީ އެންމެ ރަގަޅުކަމެއް ނޫންކަން އެމީހުންވެސް ދަންނަން ޖެހޭނެއެވެ. ސުދާ ބުނީ ސައިބޯން ރެޑްވެލްވެޓް ކޭކު ގެނެސްގެން އުޅޭކަމަށާއި ސާރާ މަތިން ހަނދާންވާކަމަށެވެ.
އައްމާރު ހުކުރަށް ދާން ތެދުވުނީ އެތައް ވަރުންނެވެ. އެންމެފަހު ވަގުތު ތެޅިފޮޅިގެން މިސްކިތާއި ހަމަޔަށް ދެވުނުއިރު ހުކުރު ނުކުރާކަމެއްވެސް ނޭގެއެވެ. އައްމާރު ބަދަލުވަނީ މާވަރަކަށެވެ. އެހާ ފަރުވާތެރިކަމާއިއެކު ނަމާދު ގާއިމް ކުރި ޒުވާނަކު ހެއްލުނީއެވެ. ސަބަބަކީ އެކަނި ކާއިއާއެވެ. ސާރާ މިހާރު ހުވަފެނުން ދެކޭ ރީތި ދިރިއުޅުން ނުހޯދިގެން އުޅެނީ އެކުއްޖާއާއި ހެދިއެވެ.
އައްމާރުގެ އިންތިޒާރުގައި ނުކައި އިނދެ ސާރާ ހާންތިވާވަރުވެގެން ތަށްޓަށް މަސްބަތް އެޅިތަނާހެން އައްމާރު އަންނަތަން ފެނުނެވެ. ހުދުކުލައިގެ އަތްދިގު ގަމީހާއި ކަޅުފަޓުލޫނުގައި ފެންނައިރު ނިކަން މާތް ފާޑުޖަހައެވެ.
"އިމީ، ހާދަ ލަހުން...." ސާރާ ޝަކުވާނުކުރަން ހުރެފައިވެސް އަހާލިއެވެ.
"ސޮރީ ބޭބީ، ރައްޓެއްސަކާއި ދިމާވެގެން ވާހަކަދައްކަން ހުރެވުނީ....." އައްމާރު ކާން އިށީދެފައި ސާރާއަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ހިތް ކަތިލާފަދަ އަޑިކޮޅު ސާރާގެ ހިތަށް ފިނިކަން ގެނެސްދިނެވެ.
"ހޫނުކަމުން ހަމަ ފިހޭވަރުވޭ، ދެރަވެސް ވޭ ސާރާ އޭސީއާއި ނުލައި ގެންގުޅެން ޖެހުނީމަ، ކީއްކުރާނީ؟ އަދި ހަމަ ރަގަޅުގޮތެއްނުވެގެން މިއުޅެނީ. ތަންކޮޅެއް ބޮޑު މުސާރައެއް ލިބޭނެނަމަ....." އައްމާރުގެ ފޯނު މޭޒުމަތީގައި ބޭއްވުމުން ސާރާ ނެގިއެވެ. ވިހިހާސް ރުފިޔާގެ މުސާރައަކުން ނުފުދެންޏާ ލައްކަ ލިބުނަސް އުޅެން ޖެހޭނީ ނުފުދިގެންނެވެ.
"ކިތައް ދުވަހު ބުނާނީ ތިކަހަލަ ވާހަކަ ނުދައްކާށޭ، ޔޫ އާރ އެވްރީތިންގް ޓު މީ، އޭސީއާއި އަރާމު ކޮޓަރިއެއް ބޭނުމެއްނޫނޭ........" ސާރާ ފޯނު ހުޅުވަން މަސައްކަތްކޮށްކޮށްފައި މޫނު ހަދައިލިއެވެ. އައްމާރު ލާނެތްކޮށް ހީލިއެވެ.
"އިމީ ޕާސްވޯޑްވެސް ޗޭންޖުކުރީ ދޯ...."ސާރާ ނުރުހުމުގެ ރާގަކަށް ބުނެލިއެވެ.
"ދެ ވައިފުން ފައިޓްކުރާތީ، މަގޭ ބޮލަށޭ އުދަގޫވަނީ، ބޭބީވެސް މެސެޖްތައް ކިޔަކިޔާފައި ރުޅިގަދަވާނީ، އަހަރެން ބުނަމެއްނު ސާރާދެކެވެސް ލޯބިވެޔޭ، އެހެންނޫންނަމަ ހަތްއަހަރުވާންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ހުއްޓާ އެހެން އަންހެންކުއްޖަކަށް ބަލާވެސް ނުލާނެ ދޯ، އަދި އޭނަ އަދި ސާރާއާއި ގުޅުމެއް ނުބާއްވާށޭ ކިޔަސް އަހަރެން އެވާހަކަވެސް އިގްނޯ މިކުރަނީ، ޓްރަސްޓްމީ، އަހަރެން ސާރާދެކެ ލޯބިވޭ. ވީމަ ޝައްކުނުކުރޭ..." އައްމާރު ފޯނު ޖީބަށް ލާ ނިމުނުއިރު ސާރާ އައްމާރުގެ ތަށްޓަށް ބަތްއަޅާދީފިއެވެ.
"އޯކޭ އޯކޭ އިމީ، ލަވް ޔޫ ޓޫ. ބޭނުން އިމީ ކައިރީ ވާހަކައެއް ބުނެލަން. ކަމެއްކޮށްދީބަލަ...އެއްޗެއް ގަނެދޭންވީ....." ސާރާގެ މޫނަށް ކުޑަރަތްކަމެއް ވެރިވާން އުޅުނެވެ.
"އޮފްކޯސް ބޭބީ...." އައްމާރު ބަތް ސުވަލެއް އަނގަޔަށް ލާފައި ސާރާއަށް ތައުރީފުކުރިއެވެ. މިހާ މީރުކޮށް ކައްކާ އަންހެންކުއްޖަކު ލިބުނުކަމީ ނަސީބެއްކަމުގައި ބުނެލިއެވެ. ސާރާ ވަރަށް އުފާވިއެވެ.
"ދެން ބުނެބަލަ، ކޯންޗެކޯ ގެނެސްދޭންވީ؟ "އައްމާރު އެހިއެވެ.
"ޕްރެގްނެންސީ ކިޓެއް، މިމަހު ޕީރިއެޑް މިސްވެއްޖެ....." ސާރާގެ ޖުމްލައާއިއެކު އައްމާރު ކޮށި އަރާގޮތްވިއެވެ.
"ސާރާ......." އައްމާރު ބަލައިލީ ހައިރާންކަމުގެ ނަޒަރަކުންނެވެ.
"ކިހިނެއްވީތަ؟ "ސާރާ ކަންބޮޑުވެއްޖެއެވެ.
"ނުވާނެ ތިހެނެއް، އެހާ ބަލައިގެން އަހަރެން އުޅުނީ، ޔަގީންކަމެއް ނުވާނެކަން، ތިއީ އެހެން މައްސަލައެއް، ޑޮކްޓަރަށް ދައްކާ، ޕްރެގްވެއްޖެއްޔާ އަވަހަށް އެބޯޓް ކުރެވިދާނެއްނު. މިސްވާއިރަށް ބޭހެއް ކާލިޔަސް އަދި މައްސަލައެއް ނޫންކަން ނޭގޭ. އަހަރެމެންނަށް އަދި ދަރިއެއް ބަލާނެ ތަނަވަސްކަމެއް ނެތް، ކިރިޔާ މިއުޅެވެނީ. ދެންމެވެސް މިބުނީ ސާރާއަށް ކޮށްދޭން ޖެހޭ ކަންތައްވެސް ކޮށްނުދެވޭ ވާހަކަ. އެވަރުންވެސް އަންޑަސްޓޭންޑެއް ނުވޭ......." އައްމާރުގެ މޫނުމަތިން އުފާވެރިކަމުގެ ކުޑަވެސް އަސަރެއް ނުފެނުނުތާގައި އެ ޖުމްލަތަކުން ފާޅުކުރީ އެކަމާއި ނުރުހުނު ވަރެވެ. ސާރާގެ ލޮލަށް ކަރުނަ އަންނަގޮތްވިއެވެ.
"އިމީއަށް ލިބޭހާ ފައިސާއެއް ހަމަ ޔޫކޭއަށް ދާން ދޯ ސޭވްކުރެވެނީ؟ އައިމް ނަތިން...." ސާރާއަށް ކުރި އަސަރެއްގެ ބޮޑުކަމުން އިސްޖަހައިލެވިއްޖެއެވެ.
"އެހާވަރަށް ބުނެދިނީމަވެސް ސާރާ ވާހަކަ ތިހުންނަ ގޮތެއް ދޯ، ސާރާ ވިސްނާލަބަލަ، އަހަރެން ކާއިއާއި ދެކެ ލޯބިވާތާ އެތައް އަހަރެއްވެއްޖެ، ޝީޒް މައި ފަސްޓް ލަވް. އެހާ ލޯބިވާއިރުވެސް އެކަން ނުކޮށް ސާރާއާއި ކައިވެނި މިކުރީ، އެވަރުންވެސް އަހަރެން ސާރާއަށް ކަމެއްކޮށްދިން ކަމަކަށް ނުވޭ. ތިހެން އުޅެންޏާ ދެން އަހަރެން ނުފެންނަ ހިސާބަކަށް ހިނގައިދާނަން، ދުވަހަކު އަނބުރާ ނާންނާނަން..........." އައްމާރު ރުޅި އަންނަގޮތްވިއެވެ.
މިއީ އިންސާފެއް ނޫނެވެ. އައްމާރުގެ ވާހަކައިގާ ހަގީގަތް އެކުލެވުނަސް އެއީ އިންސާފެއް ނޫނެވެ. އައްމާރު އޭނައަށް ލިބެން އުޅޭ ދަރިފުޅު ގަބޫލުކުރަން ޖެހޭނެއެވެ. އަދި ދަރިފުޅު ވައްޓާލާށޭވެސް ބުނެފިއެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ އައްމާރު އެހާ ދަށު ދަރަޖައަކަށް ވެއްޓިގަތީ ކީއްވެހެއްޔެވެ؟ ބައެއް މީހުން ދަރިން ނުލިބިގެން މަރުދަންޖެހޭއިރު ބައެއް މީހުން އެ ނިޢުމަތަށް ފުރަގަސްދެނީއެވެ.
"އެހެނެއްނޫން، އޭނަ އޮތީ އަންގާފައެއްނު އަތްނުލާށޭ، ދަރިއެއް ލިބިއްޖެއްޔާ އެނގޭނެއްނު ވައި ޖެހިފައެއް ނޫންކަން ލިބޭނީ، އެހެންވެ އެކަމާއި ބިރުންދޯ...." ސާރާ ބޭނުން ނުވިޔަސް ވާހަކަދެއްކުނީ ފަރުވާކުޑަކޮށެވެ.
"އާނ ސާރާ، ސާރާއަށް އެނގޭނެ ކާއިއާ ސުއިސައިޑްވާން އުޅުނުކަން. ދެފަހަރު........" އައްމާރުގެ ލޮލުން ސާރާއަށް އެވަގުތު ރުޅިވެރިކަން ފެނުނެވެ. ކާއިއާއަށްޓަކާ އޭނަ ސާރާދެކެ ރުޅިއަންނަން ފެށީހެއްޔެވެ؟ ސާރާގެ ހިތުގައި ފިނި ރާޅެއް ޖަހާލައިފިއެވެ.
"އެވަރު މީހަކަށްޓަކާ އިމީ އެބަޖެހޭތަ ތިވަރުވާން. ހެއްދެވި ފަރާތަށް ބިރުގަންނަ މީހަކު ސުއިސައިޑް ކުރާކަށް ނޫޅޭނެ..................." ހިތުގައިވާހާ އެއްޗެއް އެއްފަހަރާ އޮއްސާލަން ސާރާ ބޭނުންވިއެވެ.
"އަހަރެން ދެކެ ލޯބިވާލެއް ބޮޑުކަމުން ބައެއްފަހަރު ނުވިސްނެނީ...." އައްމާރު ދިފާއުކުރިއެވެ.
"ދެން އެހެންވިއްޔާ އަމިއްލައަށް މަރުވާ އެންމެނަކީވެސް ތިބުނާހެން ބުއްދި ހަމަނުޖެހޭ މީހުންތަ؟ " ސާރާ އަހާލިއެވެ.
"އިނަފް....." އައްމާރު އިންޒާރުގެ ރާގަކަށް ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"އެކަމަކު......."
"ޝަޓަޕް. ވިލްޔޫ؟ ބުނެފީމެއްނު ހުއްޓާލާށޭ، އިތުރަށް ތިވާހަކަ ދައްކައިގެން ނުވާނެ، އަޑުއިވެއްޖެތަ؟ "އައްމާރު ހިތްހަމަނުޖެހުނު ވަރުން ނުވެސް ކައި ތެދުވެގެން ދިޔުމުން ސާރާގެ ލޮލުގައިވާ ކަރުނަތައް އޮހިގެންފިއެވެ. އަތްދޮވެލުމަށްފަހު ބެލްކަންޏަށް ނުކުމެ ޓިޝޫއަކުން ކަރުނަތައް ފޮހެން ހުރެފައި ކުއްލިއަކަށް އައްމާރު ދެއްކި ވާހަކަތަކާއިމެދު ވިސްނާލަން މަޖުބޫރުވިއެވެ.
އައްމާރު ބުނިގޮތަށް އައްމާރު "މޫޑްސް" ގެނައީވެސް ކާއިއާއަށް އޮޅުވާލާށެވެ. ދޭތެރެ ދުރުކުރުން އައްމާރުއަށް ވެފައިވާނީ ވާޖިބަކަށެވެ. ލޯބިވެރިޔާ ބުނެފިއްޔާ އައްމާރު މާރސްއަށްވެސް ހިނގައިދާނެއެވެ. އޭނަގެ ބޮސްކަމަށް ވެގެން ކާއިއާ އަމުރުކުރާތީ ސާރާ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އަނބިދަށުވެގެން އުޅޭ ވައްތަރެވެ. އެވަރު އައްމާރުއަށް ނުވިސްނޭހެއްޔެވެ؟ މާ ވަރެއްގެ ލޯތްބެކެވެ. އަންހެންކުއްޖާ ކޮންމެ ކަމަކު ބުންޏަސް އައްމާރު އެކަމެއް ކޮށްދޭގޮތުން ހާދަ ފޫއްސެއް ވެއެވެ. އައްމާރު ބުނާނީ މަރުވެދާނެތީކަމަށެވެ. މިހާރު ބިރަކީ އެހާ ބަލައިގެން އުޅެނިކޮށް އޭނަގެ ޕީރިއެޑް ލަސްވާންވީ ކީއްވެހެއްޔެވެ؟ ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ހަށިގަނޑުގައި ފިނި ރާޅުތަކެއް ދުވެލައިފިއެވެ. ހިތް ތެޅިގަތްލެއް ބާރުކަމުން ހުއްޓިދާނެހެން ހީވިއެވެ.
"އޯ ގޯޑް......އޯ މައިގޯޑް.....ނޫން ނޫން...." ސާރާ ބޮލުގައި ދެއަތުން ހިފަހައްޓާލިއިރު ބޮލުތެރޭގައި ހަނގުރާމައެއް ކުރެވެމުންދާހެން ހީވިއެވެ.