"އާވް ސްވީޓްހާޓް، ދަރިފުޅަށް އެނގެއެއްނު ޑެޑީ. މަންމަ އަބަދު ބައްޕަގެ ފޮޓޯތައް ދައްކަންޏާ ކިހިނެއް އޮޅޭނީ؟ ބައްޕައާއި ބޭބީ ދިމާވީމަ ވާނެގޮތެއް އިމޭޖިންކޮށްލާކަށްވެސް ނޭގޭ. މިއީ ހެއްދެވިފަރާތުން ދެއްވި އެންމެ އަގުބޮޑު ހަދިޔާކަމުގައި އިމީވެސް ގަބޫލުކުރާނެކަން ޔަގީން. ޑެޑީވެސް ދަރިފުޅުދެކެ ވަރަށް ލޯބިވެޔޭ، އެނގޭތަ އެކަން............" ސާރާ އަމިއްލަ ނަފުސާއި ވާހަކަދައްކާ ފަދަ ގޮތަކަށް ވާހަކަ ދައްކަމުން ޚަލީސީގެ މޫނުކޮޅުގަޔާއި އެތަން މިތާގައި ބޮސްދޭން ފެށުމުން ހީލިކަރުވައިގަތެވެ. އެތުއްތު ހުނުމުގެ އަޑު ކޮޓަރީގައި ގުގުމާލިއެވެ. ސާރާއަށް އޭރުވެސް ބެލެމުން ދިޔައީ ފޯނަށެވެ. އައްމާރުގެ ފޯނުގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައި އޮތްވަރުން މިރޭ ދަރިފުޅާއިމެދުވެސް އެހާ ސަމާލުކަމެއް ނުދެވުނެވެ. ކޮންމެ ފަހަރަކު ފޯނު ރިންގްވެލާއިރަށް ބަލައިލެވެނީ ހިތް އަވަސްވެފައި ހުރެއެވެ. އައްމާރު ނޫންކަން އެނގުމުން މާޔޫސްވެދެއެވެ. ޚަލީސީ ނިދުމުން ކައިރީގައި ބާއްވައިގެން އޮށޯވެލައިގެން އޮތްއިރު މާޒީގެ އެކި ދުވަސްތައް ސާރާގެ ހަނދާނުގެ ސްކްރީނުގައި ފިޔަޖަހަމުން ދިޔައެވެ. އެންމެފަހުން ލޮލުގެ އެސްފިޔަތައް ބަރުވެ ނިދީގެ އާލަމާއި ދިމާލަށް މިސްރާބު ޖެހިތަނާހެން އައި ފޯނު ކޯލަކުން އޭނަގެ ހުރިހާ އުއްމީދުތަކެއް ފުނޑުފުނޑުވެގެން ދިޔަކަމުގެ ނުބައި އިހުސާސްކުރެވުނެވެ.

އައްމާރު އަމިއްލައަށް މަރުވާންވެގެން އިމާރާތެއްގެ ފަސްވަނަ ބުރީގެ އިމާރާތެއްގެ މަތިން ފުންމައިލީއެވެ. އެތަން ދެކެން ތިބި ތިންމީހުންގެ ހެކިބަހުން އައްމާރު އަމިއްލައަށް ފުންމާލީކަން ޔަގީންވިކަމުގައި ކިޔަން ބުނުމުން ސާރާއަށް ކުރި އަސަރުތަކަކުން ލޯ ފުރިގެން އައެވެ. އޭނަ އައްމާރުއާއި ބައްދަލުކޮށްފައި ދެއްކި ވާހަކަތަކުން އައްމާރު މާ ބޮޑަށް ދެރަވީހެއްޔެވެ؟ ޔަގީނެވެ. ނަފްސާނީގޮތުން އަސަރުކުރާފަދަ ގޮތަކަށް މާމަގެ ވާހަކަތައްވެސް އައްމާރުއަށް ކިޔާދެވުނެވެ. ސާރާ ފޯނު ބޭއްވިގޮތަށް މުސައްލަމަތީގައި އިރުއަރާންދެން ދުޢާކުރުމުގައި އިނެވެ. ޖެހިގެން އައި ދުވަހަކީ ވިއްސާރާ ތޫފާނީ ދުވަހެއްކަމުން މެންދުރުވާންދެން ސާރާ އުޅުނީ ބޭރުގައެވެ. ކެއުމަށްފަހު ނީޒާއަށް ގުޅައިގެން އެވާހަކަތައް ހިއްސާކުރަން ބީޗަށް ދިޔައެވެ. އާއިލާގެ އެންމެން ޑިޕްރެޝަންގެ ޝިކާރައަކަށްވަމުން ދިޔަ ދުވަސްކޮޅެއްގައި އައްމާރު އަމިއްލައަށް މަރުވާން މަސައްކަތްކުރި ކުރުމުން އިތުރަށް ހިތް ހަލާކުވާވަރުވިއެވެ. އޭނަވެސް ބޭނުމީ މަރުވާންކަމުގައި ނީޒާ ކައިރީގައި ބުނެވުނީ އެހެންވެއެވެ.

ކިޔަން ގުޅާފައި އައްމާރު ހޭ އެރި ޚަބަރު ލިބުމަށްފަހު ސާރާ އައްމާރުދެކެން ދާން ތައްޔާރުވާންފެށިއެވެ. ރީތިވާން ހުރިއިރުވެސް ރޮވޭވަރުން ދޭތެރެއަކުންގޮސް މޫނު ދޮވެލާން ޖެހުނެވެ. އައްމާރުއާއި ބައްދަލުކޮށްފައި ޚަލީސީގެ ވާހަކަ ދެއްކުމަށްފަހު އައްމާރުއާއި ޚަލީސީ ބައްދަލު ނުވަނީސް އައްމާރު އެކުރީ ކޮންފަދަ އަމަލެއް ހެއްޔެވެ؟ އައްމާރުއަށް ދަރިފުޅު ނުފެނި އަބަދަށްޓަކާ މި ދުނިޔެއާއި ވަކިވެގެންދަނީ ބާވައެވެ. ނޫނެކެވެ. އިރާދަކުރެއްވިއްޔާ އެހާ ދެރަގޮތެއްނުވާނެއެވެ. އެހާ ބަދުނަސީބު މީހަކަށް އޭނަ އަދި ޚަލީސީވެސް ނުވާނެއެވެ.

ސާރާ ދަބަސް އަޅުވާލައިގެން ނުކުމެގެން އަންނަނިކޮށް ދެރަވާކަހަލަ މަންޒަރެއް ފެނުނެވެ. ސުދާ އެކަނިމާއެކަނި ކާކޮޓަރީގައި އިނދެގެން ވާހަކަ ދައްކާފައި ހީނ ހަދާއިރު ހީވަނީ އެހެންމީހުންނަށް ނުފެންނަ ފަރާތެއް އޭނައަށް ފެންނަނެހެންނެވެ. ކުޑަކުދިން ގެންގުޅޭ ޚިޔާލީ އެކުވެރިޔާފަދަ މީހަކު ގެންގުޅެނީހެންނެވެ. ސުދާފަދަ ކިޔަވައިގެން ހުރި އަންހެންކުއްޖަކަށް ކުއްލިއަކަށް މިދިމާވި ކަންތައްގަނޑާއި ގުޅިގެން މަންމަމެންގެ ޚިޔާލު ހުރީ އެހެން ގޮތަކަށެވެ. ސިހުރުގެ އަސަރުކޮށްގެން އުޅެނީކަމުގައެވެ. ސާރާގެ ވިސްނުން ތަފާތެވެ. ސުދާއަށް ލިބުނު ދަރިފުޅުގެ ކުއްލި މަރާއި ގުޅިގެން ނަފްސާނީގޮތުން ގެއްލުމެއް ލިބުނީކަމުގައި އޭނަ ޔަގީންކުރިއެވެ. ސާރާއަށް ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯދަން އޭނަ ކެނޑިނޭޅި ކިޔާއިރު މަންމަމެންވަނީ ސުދާއަށް ފަންޑިތަ ހަދަން މީހަކު ގެންނަން ނިންމާފައެވެ.

ހޮސްޕިޓަލުގެ ތެރެއަށް ސާރާ ވަދެގެން ދިޔައިރު ވަރަށް ގިނަމީހުންގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުނުކަން ފާހަގަކުރެވި ލަދުގަންނަގޮތްވިއެވެ.

"މީހުން އެހާ ވަރަށް ބަލަނީ ކީއްވެތަ؟ "ސާރާ ހިތާހިތުން ކިޔައިލިއެވެ. ނަސީބަކުން ކިޔަންއަށް މާ ދުރުން އޭނަ ފެނުމާއިއެކު އަތުން ހަނާ އަޅާލާފައި އެދިމާލަށް އަންނަން އެދުނެވެ. ސާރާގެ ހިތް ނޭގޭ ބިރަކުން ތެޅެމުންދިޔައެވެ. އައްމާރު އެހާލުގައި އޮތްވާ ދެކެން ވަންނަހިތެއްވެސް ނުވެއެވެ. އެންމެންގެ ކުރިމަތީގައި ރޮވިދާނެތީއެވެ. އައްމާރުގެ ގައިގާ ހިންޏެއް ދަތްއަޅާލާތަން ފެނުނަސް ހިތަށް އަސަރުކުރާއިރު ދެން ވާނީ ކިހިނެއްހެއްޔެވެ؟ އައްމާރުއޮތް ކޮޓަރިއަށް ވަންއިރު ތަނުގައިވާ މެޝިންތަކުގެ ބީޕް އަޑުއިވުމުން ހިތުގައިވާ ބިރުވެރިކަން ބޮޑުވިއެވެ. އައްމާރުއާއި ގުޅާފައިވާ މޮނިޓަރަށް ހިނދުކޮޅަކަށް ބަލަން ހުރެފައި އައްމާރު ސްޓޭބަލްކަން އެނގުމުން ކުޑަ ފިނިކަމެއް ލިބުނެވެ. ނަމަވެސް އައްމާރުގެ މޫނަށް ލިބިފައިވާ ޒަޚަމްތައް ފެނިފައި ކުރި އަސަރެއްގެ ބޮޑުކަމުން ސާރާގެ ދެލޮލަށް ކަރުނަ ޖަމާވާން ނެގީ ކުޑަ ސިކުންތުކޮޅެކެވެ. ދުވެފައިގޮސް މޭމައްޗަށް ވެއްޓިގަނެގެން ރޯން ހިތަށް އަރާފައިވެސް އޭނަ ކެތްކުރިއެވެ. ސާރާ ކައިރިއަށް ޖެހިލާފައި އައްމާރުގެ އަތުގައި ފިރުމަންފެށިއެވެ. އެއަތުގެ އިނގިލިތަކުގެ ތެރެއަށް އަތް މަހައިލިއެވެ. އައްމާރުގެ ރީތި ދެލޯ ސާރާއާއި އަމާޒުވިއެވެ.

"އިމީ. އަމިއްލައަށް މަރުވާން އުޅުނީ އަހަރެން މާމަގެ ވާހަކަ ދެއްކީމަތަ؟ ސޮރީ، އައިމް ރިއަލީ ސޮރީ އިމީ، މިލިއަންފަހަރުވެސް ސޮރީ، އިމީ އެކަހަލަ ކަމެއްކޮށްފާނެ ކަމަކަށް އެއްގޮތަކަށްވެސް ހިތަކަށް ނާރާ......." ސާރާ މަޑުމަޑުން ބުނެލިއެވެ. ކިޔަން ހުރީ ތަންކޮޅެއް ދުރުގައި ހުއްޓިލައިގެންނެވެ.

" ކާކު ބުނީ އަހަރެން ސުއިސައިޑްކުރަން އުޅުނީއޭ؟ "އައްމާރު ހައިރާންކަމާއިއެކު އަހައިލީ އުދަގޫގޮތަކަށް ހުއްޓަހުއްޓާފައެވެ. އޭނަގެ އެތަންމިތާގައި ބެންޑޭޖް އޮޅާފައިވުމުން ހަށިގަނޑުގެ ބޮޑުބައިވަނީ ފޮރުވިފައެވެ.

"ކިޔަން....." ސާރާ ކިޔަންއަށް ބަލައިލިއިރު އޭނަ ހުރީ ފޯނާއި ކުޅެލަކުޅެލައެވެ.

"ދެޓްސް ނޮޓް ޓުރޫ، ކިޔަން ހަދައިގެން އެގޮތަށް ވާހަކަދައްކަންވީ ސަބަބެއް އަހާބަލަ....." އައްމާރު ވާހަކަދައްކާލެއް މަޑުކަމުން ޖެހިގެން ހުރި މީހާއަށް ކިރިޔާ އިވޭކަމެވެ.

"ކިޔަން. އިމީ ބުނަނީ ސުއިސައިޑެއް ނޫނޯ......" ސާރާ ބުނެދިނެވެ.

"ފުލުހުންނަށް ހެކިބަސް ދިންމީހުން ބުނާގޮތަށް އަހަރެންވެސް މިބުނީ. އެނީވޭސް ސާރާ މި ހަފްލާގައި ލިބުނީ އިތުރު އުފަލެއް........." އިތުރަށް އެއްޗެކޭ ބުނަން އުޅުނުތަނުން ޝުވޭކާރު ވަންތަން ފެނިފައި ސާރާގެ މޫނުގެ ކުލަ ފަނޑުވިއެވެ. އިސްޖަހައިލެވުނެވެ. މަންމަގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ޑޮކްޓަރެކެވެ. މިއީ އައްމާރުގެވެސް ޑޮކްޓަރުކަމުގައިވެދާނެއެވެ. ޝުވޭކާރު ސާރާއާއި ދިމާލަށް ބަލައިލީ ފޫހިވެފައި ހުރެއެވެ. އެނަޒަރުން ސާރާގެ ހިތަށް ތަދުކުރުވިއެވެ. ޝުވޭކާރު އެހާ ވަރަށް ނުރުހިފައި އޭނައަށް ބަލަންވީ ކީއްވެހެއްޔެވެ؟ އައްމާރުގެ މައިދައިތަވީމަ ދަރިފުޅުގެ ހައްގުގައި ރުޅީގެ އެއްބައިގާ ހިފަނީއެވެ.

"ހައި މަމް......" ކިޔަން ޝުވޭކާރުގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

"ހައި ކިޔާ. އިމީ........" ޝުވޭކާރު އޭނަގެ ދެދަރިންނަށް ލޯބީގެ ނަޒަރަކުން ބަލައިލުށްފަހު ސާރާއަށް ބަލައިލީ ނުބައިގޮތަކަށެވެ. އެއަށްފަހު އެތާ ފަނަރަވަރަކަށް މިނިޓް ކޮށްލިއިރު އައްމާރުއާއި ވާހަކަދައްކަނީ "ދަރިފުޅު" ކިޔައިގެންކަން ސާރާ ފާހަގަކުރިއެވެ. އެކަމަކު ހަމަ ޑޮކްޓަރަކަށްވީމަހެއްޔެވެ؟ އެންމެފަހުން ޝުވޭކާރުދަމުން އިޝާރާތެއްކޮށްލުމުން ސާރާ ފަހަތުން ދިޔައިރު އޭނަގެ ހިތް ހުއްޓިފައި އަނެއްކާ ތެޅެންފެށިއެވެ. ދެމީހުންގޮސް މަޑުކޮށްލީ މީހުންނާއި ތަންކޮޅެއް އެކަހެރި ހިސާބެއްގައެވެ. އެހިސާބުގައި އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާތީ އެކަން އަންގާދޭން ބޯޑުތަކެއްވެސް ބަހައްޓާފައި ހުއްޓެވެ.

"ސާރާ ކޮލެޖް ނިމުނީތަ؟ " ޝުވޭކާރު އަހައިލިއެވެ.

"ލައްބަ....." ސާރާ ވާހަކަދެއްކީ އަދަބުވެރިކަމާއިއެކުގައެވެ.

"އިމީއާއި ސާރާގެ މައްސަލަޖެހެމުންގޮސް އެންމެފަހުން ވަރިފަށާއި ހަމަޔަށްވެސް ދިޔައީ ދޯ. އެންމެ ރަގަޅަށް އެކަންތައް އެހިނގީ. ކޮންމެހެން ރުޅިއައިސްގެން ސާރާއަށް ބްލޭމްކުރަނީއެއްނޫން އިނގޭ، ގޭތެރޭގައިވެސް ކަޅުހެދުމެއް ލައިގެން އުޅޭގޮތަށް ބޭރުތެރޭގައިވެސް ކަޅުހެދުން ނުލުމަކީ ހިޕޮކްރެސީގެ މިސާލެއް. މިހާރު ސާރާގެ ހިތަށް އަރާފާނެ އަހަރެން މިއީ .އެހެންމީހުނަށް ހާދަ ޖެއްސުން ކުރާ ބަޔެކޭ. އެކަމަކު ސާރާގެ އުޅުމާއި ބެހޭގޮތުން ދެކެވެމުން ދާ ވާހަކައަކަށް ރައްދުދޭން އަހަންނަށްވެސް މިވަނީ އުދަގޫވެފައި. އުޅުން ހުރި ރަގަޅުކުއްޖަކަށްވީއެއް ނޫން އެކަނި ތިހެދުން ލުމަކުން. އެކަން އުޅުމުން ސާބިތުކޮށްދީބަލަ........ސާރާ އެހެން މީހުންގެ ލޮލުގައި އަދުން އަޅުވާފައި ވަރަށް ގިނަ ކަންތައް ހިންގާލިއަޑުވެސް އެހިން. މިއައީ ސާރާ ފިލައިގެން މާ ދުރަށް ދިޔަތާ ދެއަހަރުފަހުން. އަނެއްކާ އައްމާރުގެ ލައިފަށް އައިއްޔާ ދެން ދިމާވެދާނެ ސުންޕާކަމެއް ވެސް އެނގެނީއެއްނޫން. އަދިވެސް އެއޮތީ ކްރިޓިކަލްކޮށް.. ހޭއެރިޔަސް އޭނަގެ ބޮލަށްވަނީ ބޮޑު ގެއްލުމެއް ވެފައި......." ޝުވޭކާރު މަލާމާތުގެ ނަޒަރަކުން ބަލައިލިއެވެ.

ޝުވޭކާރު އޭނައާއި ވާހަކަ މިދައްކަނީ ހެޔޮއެދޭނެ މީހަކު ވާހަކަ ދައްކާނެ އުސޫލުންނެއްނޫނެވެ. އަދި ބޮޑުދައިތައަކުވެސް އެހާ ވަރަށް ޖެއްސުންކޮށް މަލާމާތްކުރާ ހިސާބަކަށްނުދެއެވެ.

"އެކަމަކު........" ސާރާ އެއްޗެކޭ ބުނަން އުޅުނެވެ.

"ސާރާ ހެޔޮނުވާނެ. ދެން އަހަރެމެންގެ ލައިފުން ދުރަށް ދޭ، ސާރާ އައްމާރުގެ ލައިފަށް އައުމަށްފަހު އޭނައަށް އުފަލެއް ދެވުނުނަމަ އެހެން އަންހެންކުއްޖެއްގެ ފަހަތުން އަންނާކަށް ނުޖެހޭނެ ދޯ. ސާރާއަށް އެންމެ ރަގަޅުވާނީ އެހެން ބައިވެރިޔަކު ހޯދުން، އެކަން ވިސްނާދޭން އަހަރެން ސާރާގެ މަންމައަށްވެސް އެންގިން، އައްމާރު އަކީ ގަދަރުވެރި އާއިލާއެއްގެ ކުއްޖެއްކަން އެނގުނީމަތަ އަލުން ތިއައީ؟ ނިކަމެތިވީ ދުވަހު އެއްލާލާފައި ދުރަށް ދުވީ. ކިހާ ފެއަރ.... " ޝުވޭކާރުގެ ޖުމްލަތަކުން ސާރާގެ ހިތަށް ތޫނު ތީރުތަކެއް ހަރަމުން ދިޔަވަރަކަށް ހައިރާންކަމެއްވެސް ލިބުނެވެ.

"ނޭގޭ، ތިދައްކަނީ ކޮން ވާހަކައެއް؟ މުއްސަދިކަމެއް ނުދެނަހުރިން........." ސާރާ ދެކޮޅުހެދިއެވެ.

"އެނގޭނެ، ޝެހެނާޒް ނުބުނޭތަ؟ އައްމާރުގެ މަންމައަކީ ކާކުކަން ހަމަ ނުބުނަނީތަ؟" ޝުވޭކާރު ފާޑަކަށް ހީލިއެވެ.

"އަހަންނަކީ އޭނަގެ މަންމައަށް ވެއްޖެއްޔާ ސާރާ ހައިރާންވާނެހެން ހީވޭ، ބައެއްފަހަރު އިންސާނުންނަށް މިސްޓޭކްވެސް ހެދޭ.........." ޝުވޭކާރު ގަސްތުކުރީ ސާރާއަށް ހުރިހާ އެއްޗެއް ކިޔާދޭށެވެ. އެވަގުތު އައިސްޖެހިއްޖެ ކަމުގައި އޭނަ ގަބޫލުކުރިއެވެ.

"ދެން ކާއިއާއަކީ ކާކުތަ؟ ބޭބެއަކާއި އެއަންހެންކުއްޖާ ކައިވެނިކުރާނެ ގޮތެއް ނުވިސްނޭ.............. " ސާރާ ކުޑަކޮށް ފޫހިވާގޮތްވިއެވެ. ޝުވޭކާރުފަދަ ހަރުދަނާ ޝަޚުސިއްޔަތަކުވެސް މިކަހަލަ ބަޔެއް ދައްކަން ފަށައިފިއްޔާ އެމީހެއްގެ ގަދަރު އޭނަގެ ގާތުގައި ކުޑަވާގޮތްވެއެވެ.

"ކާއިއާ އޭނަގެ ބައްޕައާއިއެކު ލަންޑަނަށް ބަދަލުވީ އެ ހަގީގަތް އެނގުމަށްފަހު އޭނަގެ ބޭބެއާއި ކުރިމަތިލާނެ ހިތްވަރު ނުލިބިގެން ނަފްސާނީ މައްސަލަތައް ޖެހިގެން އޯކޭ؟މިހެން ބުނީމަ ސާރާ ވަރަށް އުފާވާނެކަން ޔަގީން. ކާއިއާ އައްމާރުގެ އަންބަކަށްވީތީ ވަރަށް ބަދު ދުޢާކުރި ކަމަށްވާނީ، އެހެންވެ އެދެކުދިންނަށް އެހާ ބޮޑު ލަނޑެއްލިބުނީ. ދެމަފިރިއަކަށް އެހާ ނުބައި ޚަބަރެއް ނުލިބޭނެހެން މަށަށް ހީވަނީ......" ޝުވޭކާރުގެ ހިތި ޖުމްލަތައް ސާރާގެ ހިތްކުދި ކުދިކުރިއެވެ. ހަގީގަތް ސާފުވާން ފެށުމުން އޭނައަށް އައްމާރުއާއިމެދު އެހެން ނަޒަރަކުން ދެކެވެންފެށުނެވެ. އައްމާރު ކުރާނެ ހިތާމަ އިހުސާސްކުރެވި ހަމްދަރުދީއިން ހިތްފުރުނެވެ. އެހެން ވާންވީ ކީއްވެހެއްޔެވެ؟ ޝުވޭކާރު އެވާހަކަދެއްކީ އެއްވެސް އަސަރަކާއި ނުލައެވެ.

"އިޓްސް ނޮޓް ޓްރޫ....." ސާރާއަށް ބުނެވުނެވެ.

ޝުވޭކާރު ސާރާއަށް ހަގީގަތްކިޔަދިނެވެ. އެވާހަކައިން ހިތަށް ތަފާތު އަސަރުތަކެއްކުރުވިއެވެ.

"އަދި ބުނަން ސާރާ، ސާރާގެ އެބަހުރިއެއްނު ދަރިއެއް. އެކުއްޖާ އައްމާރުގެ ދަރިއަކަށް ހަދަން ނޫޅެއްޗޭ. ސާރާގެ ހަގީގަތް އަހަރެމެންނަށް މާރަގަޅަށް އެނގިފައިވޭ، ސާރާ ޖިދާންއާއި އޮތް ގުޅުން ފޮރުވަންވެގެން އެއީ އައްމާރުގެ ދަރިއެއްގެ ގޮތުގައި ދުނިޔެއަށް ގެނެސް ނަސްލު އޮޅުވުމުން އަހަންނެކޭ އެއްފަދައިން ސާރާވެސް ތިއޮތީ ތިމާގެ އަބުރާއި އިއްޒަމް ސަލާމަތްކުރަން ބޮޑު ފާފައެއްކޮށްފައެއްނު. އަހަރެންގެ އައްމާރުއަށް އެހާ ބޮޑު ލަނޑެއް ދީގެން ނުވާނެ. ސާރާޖެހޭނީ ސެޓްފިކެޓުން ދަރިފުޅުގެ ބައްޕަގެ ނަން ކަނޑާލަން، އަހަރެން އެކަމަށް މަޖުބޫރުކުރާނަން...." ޝުވޭކާރު އޭނަގެ ހަރުކަށި މިޒާޖު ހާމަކުރަމުން ދިޔަވަރަކަށް ސާރާގެ ރުޅިގަދަވިއެވެ.

"ޑޮކްޓަރ ޝުވޭކާރު، އަޅުގަނޑު ވާހަކައެއް ބުނެފާނަން....." ސާރާގެ މޫނު ރަތްވެގެން ދިޔައީ ރުޅީގެ ސަބަބުންނެވެ. އެފަދަ އިލްޒާމެއް ބޮލުގައި އެޅުވުމުން އޭނަ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީއެވެ.

ކޮމެންޓް 0