"އިމީ......." ފައިސަލް އައްމާރުއަށް ގޮވަމުން ސިޑިއާއި ދިމާލަށް ދިޔައެވެ. އެހިސާބުން ލޭގެ އަސަރު ފެނިފައި ޝުވޭކާރުގެ މޭގަނޑު ބިރުވެރިގޮތަކަށް ނެގިނެގިފައި ޖެހެންފެށިއެވެ. ޕާޓޭންގެ ސަބަބުން މަގުމަތީގައި އެއްވެސް ވަރަކަށް ރައްކާތެރިކަމެއް ނެތް ދުވަސްކޮޅެކެވެ. އަބަދާއަބަދު ނޫސްތަކުން ފެންނަނީ ކޮންމެވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭ ވާހަކައެވެ. އެކަހަލަ ބައިގަނޑެއް އައިސް އޭނަގެ އައްމާރަށް އަނިޔާކުރީ ހެއްޔެވެ؟ އޭނަގެ ދަރިފުޅު ސަލާމަތުން ހުރެ ފެނުމަށް އެދި ދުޢާކުރެވުނެވެ. ފައިސަލް ސިޑިން މައްޗަށް އަރައިގެން ދިޔައިރުވެސް ޝުވޭކާރު ހުރީ ސިޑީގެ ރެއިލިންގައި ހިފެހެއްޓިގޮތަށް ހިތްއަވަސްވެފައެވެ. ފައިސަލްގެ ފަރާތުން އިޝާރާތެއް ލިބިގެން ނޫނީ އެންމެ ފިޔަވަޅެއް އަޅާނެ ހިތްވަރެއްވެސް އޭނަގެ ނެތެވެ.

"ޝުވޭ، ނިކަން އަވަހަށް އާދެބަލަ......." ފައިސަލްގެ އަޑުގައި ވި އަވަސްކަމުން ޝުވޭކާރުގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. ނަމަވެސް ދެފަޔަށް ލެވުނުހާ ބާރެއްލާފައި ސިޑިން އަރައިގެން ދިޔައީ ބަސްބުނާހާ ހިދުކޮޅެއްގެ ތެރޭގައެވެ.

ކޮރިޑޯގައި ވެއްޓިފައި އޮތް ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު ހީވަނީ ކޮށާލާފާ އޮތްހެންނެވެ. އެތަން މިތަނަށް ވަޅި ހަރާފައިވާއިރު އެކުއްޖާގެ މޫނު ހުދުކަމުން ކަފަކޮޅެކޭ އެއްވަރެވެ. ގަދަކަމުން ލޯ ހުޅުވަން މަސައްކަތްކުރާއިރު އެކުއްޖާ ކޮންވެސް އެއްޗެކޭ ބުނަން މަސައްކަތްކުރަމުން ދިޔައެވެ. އަނިޔާވެފައިވަނީ އޭނަގެ ދަރިފުޅަށް ނޫންކަން އެނގުމުން ލިބުނު ހިތްހަމަޖެހުމާއިއެކު ކުޑަކޮށް އަމިއްލަ ނަފުސަށް އަޑުވެސް ލެވުނެވެ. މިވެސް އެހެން ކޮންމެވެސް އަންހެނެއްގެ ދަރިއެކެވެ. އެ މައިމީހާއަށް ދަރިފުޅުގެ ޚަބަރު ލިބޭއިރަށް ކޮންފަދަ އަސަރެއް ކުރާނެހެއްޔެވެ؟

ޝުވޭކާރު އުޅުނީ އެކުއްޖާގެ ކަނދުރާއިން ދުނި ޖަހާފައި އަންނަ ލޭ މަނާކުރުމުގައި އަވަދިނެތިއެވެ. ޕްރެޝަރ ބެންޑޭޖްކޮށްލައިގެން ފައިސަލްގެ އަތްމަތީގައިވެސް އެކުއްޖާ ހޮސްޕިޓަލާއި ހަމަޔަށް ގެންދަން އެބަޖެހެއެވެ. އެފިރިހެންކުއްޖާ އުދަގޫގޮތަކަށް ތެޅެމުންގޮސް ހިމޭންވިއިރު ކަޅިވެސް އޮތީ ހުއްޓިފައެވެ. މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. އެއްޗެކޭ ބުނަން މަސައްކަތްކުރިހެން ހީވިއެވެ. ދެމަފިރިންނަށްވެސް ހާސްކަމެއް ލިބުނީ ކޮޓަރިން ނުކުތް އައްމާރު ފެނިފައެވެ. އޭނަގެ ގަމީސް ލެއިން ފެވިފައިވާއިރު އަތުގައި އޮތީ ތޫނު ފިޔޮއްސެކެވެ.

"މަރުވާވަރު ކޮށްފަ އޮންނާނީ، ހޮސްޕިޓަލަށް ގެންދިޔުމުގެ ބޭނުމެއް ނެތް........" އައްމާރު އަސަރެއްނެތް ގޮތަކަށް ބުނެލިއެވެ.

"އިމީ......" ޝުވޭކާރުގެ ދެލޯ ބޮޑުވިއެވެ.

"ކާކުތަ މިކުއްޖާއަށް ހަމަލާދިނީ؟ ކީއްވެތަ؟ "ފައިސަލްގެ ހިތްވެސް ފިނިވެގެން ދިޔައެވެ.

"އައި ކިލްޑް ހިމް، ހުއްދަނެތި ވަނީމަ......" އައްމާރުގެ މޫނުމަތިން އެއްވެސް އަސަރެއްނުފެނެއެވެ. އޭނަ ހުރީ ގާވެފައިވާ ބުދެއްފަދައިން އެއް ދިމާލަށް ބަލަހައްޓައިގެންނެވެ. ރުޅީގައި ލާ އިންސާނީ އަމަލެއް ހިންގާފައި ހޭވެރިކަން ވުމުން ފަހުން އެކަމާއި ހިތާމަކޮށް ދެރަނުވާނެ މީހެއް ހުންނާނެހެން ހިޔެއްނުވެއެވެ. ކިރިޔާވެސް އިންސާނިއްޔަތުވަންތަ ކަމެއް ހުރި މީހެއް ވެއްޖެއްޔާ އުމުރަށް އެކަމާއި ކުށްވެރިވާނެއެވެ. އައްމާރުއަށްވެސް ވެފައި އެހެރީ އެކަހަލަ ގޮތެކެވެ.

"އިމީ. ކޮޓަރިއަށް ވަދޭ. އެހެން މީހަކަށް މިކަންތައް އެނގޭކަށް ނުޖެހޭ. ފުލުހަކަށްވެސް ގުޅާނެކަމެއް ނެތް، މިގެއަށް ވަން ބަޔަކު ކުރިކަމެކޭ ބުނޭ..........." ޝުވޭކާރު އައްމާރުއާއި ދިމާލަށް ހިނގައިތީ ފިޔޮހި އަތުލުމަށެވެ. އެކަން ދެނެގެން އައްމާރު އަތް ފަހަތަށް ލިއެވެ.

"ނޫނޭ، އަޅުގަނޑު މިހިރީ ފުލުހުންނަށް ގުޅައިގެން، މީހަކު މަރާފައި ސަލާމަތްވާކަށް ބޭނުމެއްނޫން.............." އައްމާރު އެއް އަތް ހުރަސްކުރީ އޭނަގެ މަންމަ ހުއްޓުވާށެވެ.

"ދަރިފުޅާ، މޮޔަނުގޮވާ، ހަމަހޭގައި ހުރެގެން ކުރިކަމެއް ނޫން ތިއީ، ޔޫ އާރ މެންޓަލީ އަންސްޓޭބަލް. ތިކުރެވުނު ކަމެއްވެސް ނޭގޭ ހާލުގައި ތިހިރީ......" ޝުވޭކާރުގެ ހިތަށް ކުރަމުން ދިޔައީ ބަޔާން ނުކުރެވޭފަދަ އަސަރުތަކެވެ. އޭނަގެ ދަރިފުޅު މިފަދަ ނުބައި އަމަލެއް ހިންގީ ހަމަހޭގައި ހުރެގެން ކަމަށް އޭނަ ގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. އައްމާރުގެ ބޭބެ ޖިދާންވަނީ ހަމަ މިގޮތަށް މީހެއްގެ ފުރާނަ ދަމައިގެންފައެވެ. ޑީއެންއޭ ދިމާވުމަށްފަހުގައި އަމިއްލަ ލޭ ހިނގާ ކުއްޖަކު މިފަދަ ފާފައަކަށް އަރައިގަތުމަކީ ހިތަށް ކެތްވާފަދަ ކަމެއްނޫނެވެ. އެވަގުތު ފުލުހުންގެ އަޑު އިވިފައި ޝުވޭކާރުގެ ހިތް ގެނބޭގޮތްވިއެވެ. މި ނުބައި ޖަރީމާ ހިންގުމަށްފަހު އައްމާރު އަމިއްލައަށް ފުލުހުންނަށް ގުޅީކަން ޔަގީނެވެ. މިގެއަށް ވަތް އެހެން ޒުވާނުންވެސް ބިރުން ދުވެފައި ދިޔައީ އައްމާރުގެ އަނިޔާވެރިކަން ފެނި ހިތަށް ބިރުވެރިކަން ވަދެގެންކަން ޔަގީނެވެ. އެދެމަފިރިންގެ ދަރިފުޅު މިހާ ނުލަފާ ޝައިތާނަކަށްވާނީ ނަފްސާނީ މައްސަލައެއްގެ ޝިކާރައަކަށްވެގެންނެވެ.

ފައިސަލް އައްމާރުއާއި ދިމާލަށް ނުރުހުމުގެ ނަޒަރަކުން ބަލާފައި ބިންމަތީގައި އޮތް ޒުވާނާ ފުލުހުންގެ ވެހިކަލަށް އަރުވަން އެހީތެރިވެދިނެވެ. ލެޔާއި ތަތްތެޅިގެން އޭނަ ހުރެފައި އައިއިރު ފުލުހުން އައްމާރުގެ އަތުގައި ބިޑި އަޅުވަނީއެވެ. ޝުވޭކާރު ރޮމުން ފުލުހުން ހުއްޓުވަން މަސައްކަތްކުރިއެވެ.

"އޭނަ ދިޔަދީ. މީހުން މަރާ މީހަކަށް އަހަރެމެން ނުޖެހޭނެ ރަހުމް ކުރާކަށް، ގާނޫނީގޮތުން ލިބެން ޖެހޭ އަދަބެއް އޭނައަށް ހައްގު........" ފައިސަލް ހަރުކަށިކަމާއެކު އެހެން ބުނެލާފައި ޝުވޭކާރުގެ އަތުގައި ހިފަހައްޓައިގެން ގަދަކަމުން ކަހަލަ ގޮތަކަށް އެތަނުން ގެންދާން ފެށިއެވެ،

"ފައިސަލް، އަހަރެމެންގެ ދަރިފުޅަށް އެހެރީ ނަފްސާނީގޮތުން ވަރަށް އަސަރުކޮށްފައި، ފުލުހުން ވަރަށް އަނިޔާކުރާނެ، އެކަން ހުއްޓުވާ، ސައިކޭޓްރިސްޓަކަށް އޭނަ ދައްކާ.....ހެޔޮނުވާނެ...." ޝުވޭކާރު ތަންކޮޅެއް ހަމަޖެހެން މަސައްކަތްކުރިއެވެ. ފައިސަލް އެއަޑުއަހާކަށް ބޭނުމެއް ނުވިއެވެ. އޭނައަށް އައްމާރު ފެނުނީ މޮޔައެއްގެ ގޮތުގައެއް ނޫނެވެ. އައްމާރު އެކަންކުރީ ބަދަލުހިފާށެވެ. އެމީހުން ބަދުނާމުކުރާށެވެ. އެމީހުން ދިން ލޯބީގެ ބަދަލު އަދާކުރަން އޭނަ ދިން ހަދިޔާއަކީ އެއީއެވެ. ފައިސަލްގެ ހިތް އެހެން ގޮތަކަށް ލަނބާލަން މަސައްކަތްކޮށް ހިތާހިތުން ރުޔަސް އޭނަ އެކަން ފާޅުކުރާކަށް ނެތެވެ.

"ނަފްސާނީ ގޮތުން ގެއްލުން ވެފައި ހުރިއްޔާވެސް އެކަން ނިންމާނީ ޖަޖުން. ޖަލަށް ނޫނީ ގުރައިދޫ ގައި އެކަހަލަ މީހުން ތިބެން އެކަށީގެންވަނީ، އަންނަ ރުޅި ކޮންޓްރޯލް ނުވެ މީހުން މަރާ މީހުންނަކީ އިންސާނުންގެ ތެރެއަށް ދޫކޮށްލާފައި ތިބެން ޖެހޭވަރުގެ ބަޔެއްނޫނޭ. އެކަން އެނގޭތަ؟" ފައިސަލް ޝުވޭކާރުގެ އަތުގައި ހިފައިގެންގޮސް ގެއާއި ހަމަވީއިރު ވާރޭގެ ސަބަބުން ދެމީހުން ތިބީ ރަގަޅަށް ތެމިފައެވެ.

"އެއީ އަހަރެމެންގެ ދަރިފުޅޭ، އެކަން ފައިސަލް ހަނދާން ނައްތާލީތަ؟ " ފެންޑާއާއި އަރާހަމަވެފައި އަތް ވީއްލުވާލަމުން ޝުވޭކާރު ނުރުހުމާއިއެކު ފައިސަލްގެ މޫނަށް ބަލައިލިއެވެ.

"އަހަރެމެންގެ ދަރިއެއްކަން ގާނޫނީގޮތުން އެނގޭކަށް ނެތް، އޭނަގެ ހުރިހާ ލިޔެކިޔުމެއްގައި ބައްޕަގެ ނަމަކަށް އޮތީ ޖަމީލު، ވީއިރު މަގޭ ދަރިއެކޭ ކިޔާފައި ދުނިޔެއަށް ދާނީ ކޮން މޫނަކާއިގެންތަ؟ ނަސީބެކޭ އެހެން މީހަކު ތިމާގެ ދަރިއެއްގެ ގޮތުގައި ބަލައިގަތްކަންވެސް، މިއަދު އެކަމާއި އަހަރެން ހެއްދެވިފަރާތަށް ޝުކުރުކޮށްފިން، މަގޭ ދަރިއަކު އެހާބޮޑު ކުށެއްކޮށްގެން ގޮޅީގައި ހުންނަތަން ދުށުމަށްވުރެ މަރުވިޔަސް މާ ހިތަށް ފަސޭހަވާނެ، ޑީއެންއޭއާއިމެދުވެސް އަހަރެން ޝައްކު، ކިޔަންއާއި ޖިޔާދުވެސް އަހަރެމެންނަށް އޮޅުވާލަންވެގެން މީހަކު ލައްވާ ޓެސްޓް ރިޕޯޓެއް ލިޔުއްވައިގެން އައީ ކަމަށް ވާނީ. ޝުވޭކާރު މީގެ ފަހުން އައްމާރުގެ ނަންވެސް މިގޭތެރޭގައި ކިޔައިގެން ނުވާނެ. ހަނދާން ކުރާތި....." ފައިސަލްގެ ވާހަކަތަކުން ޝުވޭކާރު ހުރީ ގަބުވެފައެވެ. ހިތަށް އެހާ ވަރެއްގެ އަނިޔާއެއް ފައިސަލް ދީފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ.

"އަހަރެން އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހުންނާނީ އައްމާރުގެ މަންމަ ގޮތުގައި. އައްމާރުގެ ނަން ނުކިޔޭނެ ގޮތެއް ނެތް......." އިރުކޮޅެއްފަހުން ދުލުގައި ވަރުޖެހިގެން އޭނަ ފައިސަލްގެ ފަހަތުން ދިޔައެވެ. ފައިސަލް އަނގައިން ބުނުމަކާއި ނުލައި ފާޚާނާއަށްވަދެ ލައިގެން ހުރި އެއްޗެހި ބާލައިގެން ހޫނުފެނުން ފެންވަރައިލިއެވެ. އޭރުވެސް އޭނައަށް ފެންނަނީ މަރުވަމުން ދިޔަ ޒުވާނާގެ މޫނެވެ. ލޮލުގައިވި ބިރުވެރިކަމެވެ. އައްމާރުގެ މޫނުމަތިން ފެނުނު ފިނިކަމެވެ. މީހަކު މަރާލާކަށް އެއްވެސް ޖެހިލުމެއްނުވިއެވެ. ފައިސަލްގެ ހިތް ކިތަންމެ ހަރުކުރިޔަސް ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަންފެށިއެވެ. އޭނަ އެދަރިފުޅަށްޓަކާ ކިތަންމެ ވަރަކަށްވެސް ރުޔެވެ. ވާރޭގެ ތެރޭގައި އެއަޑު އޮބިގެން ދިޔައެވެ. ފައިސަލް ނުކުތްއިރު ޝުވޭކާރު ހުރީ ހެދުންތައް ޕެކްކުރާށެވެ.

"ކޮންތާކަށް ދާން ތިއުޅެނީ......" ފައިސަލް ހުރީ ނަފްސާނީގޮތުން ވަރުބަލިވާގޮތްވެފައެވެ.

"އަހަރެމެންގެ ޚިޔާލު މިހާ ތަފާތުވާން ވެއްޖެއްޔާ އެކީގައި އުޅެވޭނެ ގޮތެއް ނެތްކަމަށް ހިތް ބުނާތީ ވީހާވެސް ދުރަށް ދާންކަމަށް މިއުޅެނީ. އެތައް އަހަރެއްފަހުން އައްމާރު ލިބުނީމަވެސް އެކުއްޖާއަށް އެހީތެރިވާކަށް ނޫން ފައިސަލް ތިހިރީ، މިހާރު އެނގިއްޖެ، ބަލިވެއިންކަން އޭރު އެންގުނުނަމަ އެބޯޓްކުރަންވެސް އަމުރުކުރާނެ. އަހަރެންގެ ދަރިފުޅު ގާތިލަކަށްވިޔަސް އޭނަ ސަލާމަތްކުރަން އންމެ ފަހު ވަގުތާއި ހަމަޔަށްވެސް މަސައްކަތްކޮށްފައި ހުއްޓާނީ، ފުރާނަ ގުރުބާން ކުރަންވެސް މިއަދަކު ފަހެއް ނުޖެހޭނަން........." ޝުވޭކާރު އަސަރުކޮށްފައިހުރެ ބުނަމުން ދިޔައެވެ.

"ދަރިފުޅާއިމެދު ވަގުތު ފާއިތުވިފަހުން ވިސްނާންވީމަ އޭނަ ގެއްލިގެން އެދިޔައީ، މުޖުތަމަ އަށް ނުކުމެވޭވަރު ވަންދެން އޭނަ ބެހެއްޓިއްޔާ އެންމެ ރަގަޅުވާނީ....." ފައިސަލް ވާހަކަދެއްކި ގޮތުން އަލިފާނަށް ޕެޓްރޯލް ލުންފަދަ ވިއެވެ. ޝުވޭކާރުގެ ހިތާމަ ރުޅިވެރިކަމުގެ ސިފަ ޚިޔާރުކުރިއެވެ. އެތައް އަހަރެއްވާންދެން އެކީގައި އުޅުނު ފިރިމީހާވެސް އޭނަގެ ދަރިފުޅާއިމެދު އެހާ ފަރުވާކުޑަގޮތަކަށް ވާހަކަ ދައްކައިގެން ނުވާނެއެވެ.

"އޭނައާއިއެކު އަހަރެންވެސް ގެއްލިގެން ދިޔައީ ކަމަށް ބަލާ....." ދަބަހަށް ހުރިހާ އެއްޗެއް ގަންނަވާލާފައި ޝުވޭކާރު ބާރަކަށް ދަބަސް ލައްޕާލާފައި ތަޅުލިއެވެ. ފައިސަލް ހިތާމަވެރި ނަޒަރަކުން ބަލަން ހުރުމަށްފަހު ބެލްކަނީގެ ދޮރުތައް ކަހާލާފައި ނުކުތެވެ. އެވަގުތު މުޅި ސަރަހައްދުން ކަރަންޓު ކެނޑި ކަށްވަޅުފަދަ އަނދިރީގެ ތެރެއަށް ގެނބިގެން ދިޔައެވެ. އެކޮޓަރީގައިވާ އިމަޖެންސީ ލައިޓްތައް ދިއްލުނަސް ދުރުދުރަށްދާންދެން ފެންނަނީ ކަނު އަނދިރިކަމެވެ.

"ގުޑްބައި....." ޝުވޭކާރު މަޑުމަޑުން ބުނެލިގޮތުން އަމިއްލަ ނަފުސަށް ކިރިޔާ އިވުނުކަމެވެ. އޭނަ ހީކުރީ ފައިސަލް އޭނަ ހުއްޓުވާނެކަމުގައެވެ. ވާހަކަދައްކައިގެން ސުލްހަވާނެކަމުގައެވެ. އައްމާރުގެ ސަބަބުން ހީނަރުވި ގުޅުން ރަގަޅުވިތާ ދުވަސްކޮޅެއްފަހުން އަނެއްކާ އެދޭތެރޭގައި ލެވުނީ މާ ވަރުގަދަ ފާރެކެވެ.

ޝުވޭކާރު ދަބަސް ދަމަމުން ގޮސް ސިޓިންރޫމާއި އަރާ ހަމަވިތަނާ ކިޔަން ގޮވާލި އަޑު އިވުނެވެ. ކިޔަންގެ ރަތްވެފައިވާ މޫނުމަތިން ބަލިކަމާއި އެއްވަރަށް ހިތާމައިގެ އަސަރުވެސް ފެންނަން ހުއްޓެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ.

"މަންމަވެސް............" ކިޔަންއަށް ބުނެވުނެވެ.

"އާނ ދަރިފުޅާ، މަންމައަށް ޖެހިފައި މިއޮތީ ބައްޕަ ނޫނީ އައްމާރު ޚިޔާރުކުރަން......." ޝުވޭކާރުގެ ދެލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމިގަތުމާއިއެކު ކުއްލިއަކަށްގޮސް ކިޔަންގެ ގައިގާ ހިފައިގަނެވުނެވެ.

"ކިޔަން، މަންމަ ހަދަންވީގޮތެއް އެއްގޮތަކަށްވެސް ނޭގުނު، މިރޭ މިފެނުނު ކަންތައްތަކުން މަންމަވެސް ބޯ ހަލާކުވާވަރުވި، އައްމާރު އެކަހަލަ ކަމެއްކުރުމަކީ ލިބުނު ޝޮކެއް. ކިޔަން. އައްމާރު ފިރިހެންކުއްޖެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ހަމަލާއެއް ދީގެން ފުލުހުން ގެންގޮސްފި، އެކުއްޖާ ދުނިޔޭގައި އޮތިއްޔާވާނީ މިރެކްލްއަކަށް. އެހާ ބޮޑުވަރުވެފައި އޮތީ. ސިކުނޑިއަށް ލޭ އެޅިފައިކަން މަންމައަށް ޔަގީންވި...." ޝުވޭކާރު އެހާދިސާގެ ތަފްސީލު ކިޔާދީ ނިމުމުން ކިޔަންގެ ދެލޮލުންވެސް ކަންބޮޑުވުމުގެ އަސަރު ފެނުނެވެ.

"މަންމަ މިގެއިން ދިޔައީމަ ހައްތަހާ ފެމިލީ ބްރޭކްއަޕް ވާނީ، ކައިވެސް ދިޔައީ، ދެން މަންމަ ގޮސްފިއްޔާ ވާނީ ކިހިނެއްތަ؟ ބައްޕަ އެހެން ބުނުއްވިޔަސް އިމީ ސަލާމަތްކުރަން މަސައްކަތްކުރާނެ. ބައްޕައަކީ އެހާ ހަރުކަށިމީހެއްނޫނޭ މަންމާ، ޕްލީޒް މަޑުކުރޭ.........." ކިޔަން ދެއަތްތިލަ ގުޅުވާލަމުން ދަތްދޮޅީގައި ޖައްސާލައިގެން އިނީ އިންތިހާއަށް ދެރަވެފައެވެ. ފަހަރަކު މީހަކު ދުރަށް ދަމުންގޮސް އެންމެން ވަކިވެގެން ދިޔުމުން އެކުޑަ ކުޑަ އާއިލާވެސް ރޫޅިގެން ދިޔައީއެވެ. އާއިލާއެއް ބިނާކުރުމުގެ ބަދަލުގައި މިގޮތަށް ވިއްސިވިހާލިވެގެން ދިޔަދޭން މަންމައާއި ބައްޕަ ބޭނުންވާތީ ކިޔަން ހައިރާންވިއެވެ. ޚިޔާލު ތަފާތުވިޔަސް ވަކިވާން ޖެހޭނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

ފައިސަލްއާއި ޝުވޭކާރުގެ ޒުވާން ދުވަސްވަރު އެއީ ރާއްޖޭގައި އެންމެ މަޝްހޫރު ދެލޯބިވެރިންނަށްވިއެވެ. މަރުވާންދެން ދެމީހުން އެކީގައި އުޅެން ވައުދުވިއެވެ. އެތައް ހުވަފެންތަކެއް ދެކުނެވެ. ނަމަވެސް ދުނިޔޭގެ އުފާތަކާއި ހިތްހަމަޖެހުމަކީ ދާއިމީކަމަކަށް ނުވާތީ އެދެމަފިރިންގެ ދިރިއުޅުމަށް އެޅުނީ ހީވެސް ނުކުރާފަދަ ބަނަ ވިލާގަނޑެކެވެ. އެވިލާގަނޑު ކެހިގެންދާނެ ދުވަހެއް އަންޒާރާ ކުރެވެނީއެއްނޫނެވެ. ފައިސަލްއަށްވެސް ހުރިހާ އެއްޗެއް ގެއްލުނުހެން ހީވިއެވެ. އައްމާރުއާއި ކާއިއާ އަދި ޝުވޭކާރާއިމެދު ފައިސަލް ނުވިސްނާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. ނަމަވެސް ހުރިހާ ހިތާމަތަކެއް ފޮރުވައިގެން ހުރެ އޭނަ މަސައްކަތްކުރަމުން ދިޔައި ބަގުރޫޓުވަމުން ދިޔަ ވިޔަފާރި ކޮޅަށް ޖެހުމަށެވެ. އެކަމުގައި އެންމެ ބޮޑަށް އެހީތެރިވެދިނީ ކިޔަންއެވެ. ކިތަންމެ އަވަދިނެތި އުޅުނު ކަމުގައިވިޔަސް އޭނަ ކާއިއާ ހޯދުމުގެ މަސައްކަތްވެސް ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ. ކޮންމެވެސް ދުވަހަކުން އެންމެން އެކީގައިވުމަކީ ފައިސަލްގެ ދުޢާއެވެ.

ދެއަހަރު ފަސް

ސާރާ ކަނޑުގެ ލޮނުގަނޑަށް ބަލަން ހުރިއިރު އެރީތި ދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާ ނީޒާ ހިތްވަރުދޭން ކައިރީގައި ނެތްނަމަ ވާނެގޮތެއްވެސް ނޭގެއެވެ. ހިތާމަތައް ހަތަރުފަރާތުން ވަށާލާ ފިތަމުންގޮސް އޭނަގެ ފުރާނަ ނުކުމެގެން ހިނގައިދާނެހެން ހީވިއެވެ.

"ސާރާ، އައިމް ސޯ ސޮރީ. އެކަމަކު ސާރާގެ ފޯލްޓެއް ނޫން............." ނީޒާ މަޑުމަޑުން ބުނެލިއެވެ.

"އަހަރެންވެސް ބޭނުމީ މަރުވާން. އަހަރެންގެ ސަބަބުން ނޫންނަމަ.............." ސާރާއަށް ގިސްލެވި އަޑު ބެދުމުން ޖުމްލަ ފުރިހަމަ ނުކުރެވި ދޮންވެލިގަނޑު މައްޗަށް ތިރިވެވިއްޖެއެވެ. އެހިތާމައިގާ ވިލާތައްވެސް ބައިވެރިވީކަން ނޭގެއެވެ. ބުރަހެލި ވިލާތަކަށް ނުކުޅަދާނަވެގެން ވާރޭގެ ސައިލެއް ބިމަށް ފައިބައިގަތް ގޮތަށް އެދެ އަންހެންކުދިން ތެންމާލީ ކުރިން އިންޒާރު ދިނުމަކާއި ނުލައި ހަމަ ކުއްލިއަކަށެވެ. ކަނޑުގެ ރާޅުތަކުގެ އަޑުގަދަވިއެވެ.

"ތޫފާނީ ދުވަހަކަށް މިވީ. ނިކަން އުޑުމައްޗަށް ބަލާބަލަ. ކިރިޔާ ތިނެއްޖެހީ އެކަމަކު އިރުއޮއްސުނީމަވެސް އަނދިރިވާނީ މިހާކަށްހާ ވަރަށް. މިތާ ތިބުން ސޭފެއް ނޫން......" ނީޒާ ހަމްދަރުދީ ފާޅުކުރި ނަމަވެސް އޭނަ ހުރީ މި ކަޅު ފޮއި އަނދިރިކަން ދެކެ ބިރުގެންފައެވެ. އެކަނިމާ އެކަނި މިހިސާބުގައި އުޅެނިކޮށް ޕާޓޭންތަކަށް ފެނިއްޖެއްޔާ އަވަށްޓެރި ކުއްޖެއް ކަމަށްވާ ޝިނާއަށް ޖެހުނު ހާލު ޖައްސަފާނެއެވެ. ފަހަތުގައިވާ ގަސްބޮނޑިތައް ވަޔާއި ހޫރޭތަން ފެނުމުންވެސް ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ދުވެލިއެވެ.

"އައި ޑޯންޓް ކެއަރ، އެކަނި ބައިންދާފައި ދޭ......ޕްލީޒް......"

ސާރާ އިރުކޮޅެއްވާންދެން މޫނު ފޮރުވައިގެން އިނދެލާފައި ތެދުވެގެން ދިރުމެއްނެތް ގޮތަކަށް ނީޒާއާއި ދިމާލަށް ބަލާލިއެވެ. ނީޒާއަށް އޭނަގެ ހިތާމަތަކާއި ޖަޒުބާތުތައް އެއްގޮތަކަށްވެސް އިހުސާސް ނުކުރެވުނީ ހެއްޔެވެ؟ ނޫންނަމަ އެކަން ހަނދާން ނައްތާލަން ބާރު އަޅަނީކަމަށް ވެދާނެއެވެ. އުފާވެރި ދިރިއުޅުމެއް ބިނާކުރަން ކުރި އުއްމީދުތައްވަނީ ގާތްގަނޑަކަށް ވަޅުލެވިފައެވެ. އެހެން އެވީ ކާކުގެ ކުށަކުން ހެއްޔެވެ؟ ކުށްވެރިޔަކީ މި އަނިޔާވެރި ދުނިޔެހެއްޔެވެ؟ އޭނަގެ ބަދުނަސީބުކަމާއި ހިތާމަތައް އެހެން މީހުންނަށް ވާރުތަކޮށް ވަށައިގެންވާހާ ބަޔަކު "ޑިޕްރެޝަން" ގެ ޝިކާރައަކަށް ވަނީ ބާވައެވެ. އޭނަ ކިތަންމެ ހިތްވަރުކުރިޔަސް އެހެން މީހުންނަށް ހިތާމަތައް އުފުލުމުގެ ކުޅަދާނަކަން ލިބިފައިނުވަނީއެވެ. އެކަނި ޑިޕްރެޝަންއެއް ނޫނެވެ. އަވަށްޓެރިން ބުނާގޮތުން ވެއްޖެއްޔާ އެމީހުން ދިރިއުޅޭ ގެއަކީ ސިހުރުގެ ހާއްޔެކެވެ. އެތަނުގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވަނީ ސިޙުރުގެ ނުރައްކާތެރިކަމެވެ. އެކަން ގަބޫލުކުރަން ސާރާގެ ހިތް އެއްބަހެއް ނުވެއެވެ. ނަމަވެސް ލޯބިވާ ބައިވެރިޔާ އަތުން ބީވެގެން ދާން ފެށުމުން އޭނަ ސަލާމަތްކުރަން އޭނަ މިހިރީ ހިތާއި ދެކޮޅަށް ކުރެވުނު ކޮންމެކަމެއް ކުރަން ތައްޔާރަށެވެ.

ސާރާ ގެއަށް ވަނުމާއިއެކު ކުޑަ ރަތްޓޮޕަކާއި ސޯޓެއްލައިގެން ހުރި ރީތި އަންހެންކުއްޖަކު ދުވަމުން ދުވަމުން އައިސް އޭނަގެ އުރަށް އެރިއެވެ. އެކުއްޖާ ފެނުމާއިއެކު ސާރާގެ ހިތާމަތައް ކުޑަ ހިނދުކޮޅަކަށްނަމަވެސް ފިލާދިޔައެވެ. މިއީ އޭނަގެ ހުރިހާ އުފާތަކެވެ. އޭނަގެ ފުރާނައެވެ. ދުނިޔެއަށް ނޭވާލާ ސަބަބެވެ.

"ސާރާ ހާދަ ލަހުން ތިއައީ؟ މަންމަ ވަރަށް ގުޅައިފިން. ޚަލީސީ ތިހިރީ ބުއްތަށިވެސް ނުބޮއި. މާމަވެސް ޚަލީސީއަކަށް ދޫނުކުރޭ، ދެކުދިން ބުދަކާއިހެދި މާ ވަރަކުން އުޅުނީ، އެކަމަކު ޚަލީސީ ހާދަ ލޯބިއޭ. މިހާ ކުޑައިރުވެސް މިކުއްޖާގެ އެބަހުރި ދީލަތިކަން އެހާ ބޭނުންވީއިރުވެސް މާމައަށް ދީފައި އައިސް އެހެރީ....... "ޝެހެނާޒް ޕޮޓްތަކުގައި ހުރި މާގަސްތަކަށް ފެންދޭން ހުރެފައި ފެންދޭ އެތި ބަހައްޓާފައި އައެވެ.

"މާމަ އެއްޗެއް ކައިފިތަ؟ " ސާރާ ޚަލީސީގެ ފަން އިސްތަށިގަނޑާއި ކުޅެލަމުން މަންމައަށް ބަލައިލިއެވެ.

"ޑޮކްޓަރު ބުނީ ދެން ފީޑިން ޓިއުބް ޖަހަންވީއޭ،ކިހާ ދުވަހެއްވާންދެން ސާރާ އެކަމާއި އިންކާރުކުރަންވީ؟ މާމައަކަށް ނޭގޭ ދިރުވާލާކަށް، އަނގަޔަށް ލާގޮތަށް ކިތަންމެ އިރެއްވިޔަސް އެހެން އިންނަނީ، އެންމެ ދެރައީ ކޮށި އަރާވަރުން، ސާރާ، މަންމައަށް ފެންނަނީ ދަރިފުޅު އެމީހުން ބުނާގޮތަށް ހެދުން...." ޝެހެނާޒް މޫނުގައިވާ ދާތިކިތައް ފޮހެލާފައިގޮސް އުނދޯލީގައި އިށީދެއްޖެއެވެ.

"މާމައަށް ހާދަ އަނިޔާވާނެއޭ.........." ސާރާ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ފޯނު ރިންގުވާން ފެށުމުން ކަންފަތުގައި ފޯނު ޖައްސައިލިއިރު އޭނަގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ.

ކޮމެންޓް 0