ކުއްލިއަކަށް ބާރުއަޑަކާއިއެކު އެންމެންގެ ހަޅޭކުގެ އަޑު އިވުމުން ޝުވޭކާރުގެ ހަށިގަނޑުން ހީބިހި ނަގައިގެންގޮސް ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ.

"މަގޭ ދަރިން ރައްކާތެރިކުރައްވާށި....." ޝުވޭކާރު ވިދުވަރެއްހާ ހަލުވިކޮށް އެއަޑުއައި ދިމާލަށް ދުއްވައިގަތްއިރު މީހުން އެއްދިމާލަކަށް ބޮނޑިވެފައިވާތަން ފެނުނެވެ. ނަސީބަކުން ހިނގީ އޭނަ ހީކުރި ކަހަލަ ހާދިސާއެއް ނޫނެވެ. އައި ކޮޅިގަނޑެއްގައި އެދިމާލަށް ލެނބިފައިވާ ގަހުގެ ގޮފިގަނޑެއް ބިންދައިގެން ގޮސް އެމީހުން ހަދާފައި ހުރި ކުޑަ ފޭލިގޭގެ މައްޗަށް ވެއްޓުނީއެވެ. އެންގޭޖްމެންޓަށްޓަކާ ތައްޔާރުކޮށްފައިވާ ތަނަށް މީހުން ވަނުމުގެ ކުރިން އެހާދިސާއެއް ހިނގީ މީހުންގެ ސަލާމަތަށެވެ. އެގަޑިއާއި ދިމާކޮށް ވައިގަދަވެ ގަސް ވެއްޓުނުނަމަ ޒިންމާ އެޅޭނީ އެމީހުންގެ ބޮލުގައިކަމާއިމެދު ޝައްކެއް ނެތެވެ.

ޝުވޭކާރު ހިތާހިތުން ޝުކުރުކޮށްފައި އެނބުރުނުއިރު ކާއިއާ ހުރީ ރީތިވެލައިގެން އައިހެވެ. އެމުނާސަބަތަށްޓަކާ ޚާއްސަކޮށް ފަހާފައިވާ ހެދުން ގަޔަށް އެހާ ފިޓްނުވީމަ ކާއިއާ ހުރީ ހިތްހަމަނުޖެހިފައެވެ. ތުންކޮޅު ވަށްކޮށްލައިގެން ހުރެ ޝަކުވާ ފުންޏެއް ބަންޑުންކޮށްލިއެވެ. ހީވީ ރޮއިގެންފާނެ ހެންނެވެ. މިހާ ޚާއްސަ ދުވަހެއްގައި ހުރިހާކަމެއް ފުރިހަމަވާން ކާއިއާ ބޭނުމެވެ.

ފައިސަލްގެ ޢާއިލާ މީހުން ތިބީ މި ކައިވެންޏާއިމެދު ވަރަށް ހިތްހަމަނުޖެހިފައެވެ. އައްމާރުގެ ޢާއިލާއަކީ ކޮބާކަން އެނގުމަށްފަހު ފައިސަލްގެ މަންމަވެސް އެންގޭޖްމެންޓަށް އަންނަން ފާޅުގައި ދެކޮޅުހެދިއެވެ. އެކައިވެނި ހުއްޓުވަން ފައިސަލްއަށް އެންމެންގެ ފަރާތުން އިންޒާރުތައް ކުރިމަތިވިއެވެ. ސިހުރުވެރިއެއްގެ ދަރިއަކާއި އެމީހުންގެ ހުރި މަލެއްފަދަ އަންހެން ދަރިފުޅު ހަވާލުކުރުމަކީ އެކުއްޖާގެ މުސްގަތުބަލް ހަލާކުކޮށްލުމެވެ. އެނގިހުރެ އަމިއްލަ ދަރިއަކު އަލިފާންގަނޑެއްގެ ތެރެއަށް ވައްޓާލަން އެއްބަސްވާނީ ކާކުހެއްޔެވެ؟ ކިރިޔާވެސް ދަރި ކުލުނު ހުރެއްޖެއްޔާ އެކުއްޖާއަށް ވިސްނާދޭންޖެހޭނެއެވެ. މަޖުބޫރުކުރުވަން ވާނެއެވެ. އެކަމުގެ ސަބަބުން ފައިސަލްވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ނަމަވެސް އައްމާރުއާއި ބައްދަލުވުމުން ސަލާމްކޮށްލެވުނު ގޮތަށް ހިތް ތައުރީފުކުރިއެވެ. އެންމެ ނަޒަރަކުންވެސް އެއީ މާތް ޒުވާނެއްކަމުގައި ހިތް ބުނެލިއެވެ.

"ފަސްޓް އިމްޕްރެޝަނުން ވަރަށް ރަގަޅު ކުއްޖެއްގެ ގޮތުގައި އިމީ ފެނުނީ، އެކަމަކު........ކައި ހިތްހަމަޖައްސާލަން އެންގޭޖްކުރިޔަސް މިވީގޮތުން ކައިވެނި ފަސްކޮށްލަން ޖެހޭނީ. ނޫނީ މަންމަމެން ބުނާފަދައިން ދެރަގޮތެއް ދިމާވެދާނެ...." ފައިސަލް ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރެ އެއްފަރާތްވެލިއެވެ.

ބޯކޮށް ވާރޭވެހިގަތްގޮތަށް ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މެދުގޯތީގައި ފެންބޮޑުކޮށްލައިފިއެވެ. ވިއްސާރައާއިއެކު އަންނަން އުޅޭ ސުނާމީއެއްގެ އިންޒާރުގެ ސަބަބުން އެންމެން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް އައްމާރުއާއި ކާއިއާގެ މޫނުމަތިން ފާޅުވީ އުފާވެރިކަމުގެ އަސަރުތަކެވެ. ދެމީހުން އަނގޮޓީ އަޅުވާފައި އެކަކު އަނެކަކުގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. ޝުވޭކާރު ފޯނުން ފޮޓޯނަގަން ހުރިއިރު އޭނަވެސް އުފަލުން އަވަދިވަނީއެވެ. އައްމާރުއާއި ކާއިއާ އެއްތާކުން ފެނުމުން އެހެން ހުރިހާކަމަކަށްވުރެ އެ ޒުވާނުންގެ އުފާވެރިކަން އޭނައަށް މުހިއްމުވިއެވެ. އެދެކުދިން އެކަކު އަނެކަކު ދެކެ އެވާ މަތިވެރި ލޯބި އެލޮލުން ދައްކުވައިދެއެވެ.

ދެލޯބިވެރިންގެ މަންޒިލަށް ދާން އޮތް މަގު ކޮށާ އަލިވެ އުފާވެރިކަމާއި ދިމާލަށް ދަތުރު ފެށިއްޖެއެވެ.

ސާރާއާއި އެކުވެރިކުއްޖެއްކަމަށްވާ ނީޒާ ޓީވީ ހުޅުވާލައިގެން ތިއްބެވެ. އިންޑޮނޭޝިއާއަށް އައިސްގެން އުޅޭ ބިންހެލުން ލައިވްކޮށް ދައްކަމުން ދާތީ ސާރާއިނީ ކަންބޮޑުވެފައެވެ. އެކަމަކު ނީޒާ ތަފާތެވެ. އޭނައިންނަނީ އެކަހަލަ ހާދިސާއެއް ނުހިނގައިގެންނެވެ. ހަތެއް ޕޮއިންޓް އަށެއް މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިން ހެލުމަކަށްވުމުން ހަލާކުކުރުވަނިވި ސުނާމާއެއް އެރުމުގެ ފުރުސަތު ބޮޑެވެ. ސާރާ އޭނަގެ އާއިލާ އަދި އައްމާރުއާއި މެދު ވިސްނިއެވެ. މަންމަމެން މެލޭޝިއާއަށް ފުރުމުން އެކަމާއި އަސަރުކުރިއެވެ. މިކަހަލަ ދުވަހެއްގައި އެންމެން އެކީގައިވާނެނަމައެވެ. އައްމާރު ހޮޓަލުގެ އެކްޒެކިއުޓިވް މީޓިންއަކަށް ދާން ޖެހޭތީ އޭނައަށް މިރޭ ގެއަށް އާދެވޭނީ ތަންކޮޅެއް ލަހުންކަމުގައި ބުނެފައި ގެއިން ނުކުތީ ވަރަށް ރީތިވެލައިގެންނެވެ. އަދިވެސް އެގޭތެރޭގައި ހިފާލާފައިވަނީ އައްމާރު ޖެހި ސެންޓުގެ މީރުވަހެވެ. ނީޒާ ގެނައި ޕިއްޒާއާއި އައިސްކްރީމް ކޭކު ކާން ތިބިއިރު ދެކުދިންގެ ސަމާލުކަންވަނީ ޓީވީ ސްކްރީނަށް ހުއްޓިފައެވެ.

"ބައެއްފަހަރު ވަރަށް އެކްސައިޓް ވޭ، ލައިފް އިޒް ބޯރިން އެހެންވެ ކޮންމެވެސް ބޮޑުކަމެއް ވާނެނަމައޭ ހިތަށް އަރާ. ވަރުގަދަ ބްރޭކިން ނިއުސްއަކަށް ހިތް އެދޭ. މައި މައިންޑް އިޒް ސޯ ސްޓުޕިޑްދޯ......."ނީޒާ ކިޔާލައިފިއެވެ.

"ސުނާމީއެއް އަރައިފިއްޔާ ބޭރު ގައުމުތަކުގެ މީހުން އުސް ހިސާބުތަކަށް ދަނީޔޯ. ނީޒް ބުނެބަލަ، އަހަރެމެން ވަކި ދާނީ ކޮންތާކަށްތަ؟ " ސާރާ އިނީ ކަންބޮޑުވެފައެވެ.

"މިސްކިތަށް......." ނީޒާ އަވަހަށް ބުނެލިއެވެ.

"ހޫމް ރަގަޅު ޚިޔާލެއް....." ސާރާ އެއްބަސްވެލިއެވެ.

"މިސްކިތަށްވުރެވެސް ރަގަޅުގޮތެއް ބުނެފާނަން. ކުޑަކުދިން އާމްބޭންޑް ނޫނީ ރިންގެއް އަޅުވައިގެން އެންމެން ކަނޑަށް ނިކުންނާނީ. ލައިފްޖެކެޓް އަދި ބެސްޓްވާނެ. އޭރަށް ފަތަން ނޭގޭ ކުދިންނަށް ކޮންމެވެސް ވަރެއްގެ ސޭފްޓީއެއް ދެވުނީ. ދޯންޏަށް އަރައިގެން މާކަނޑަށް ނުކުތީމަޔޯ ރައްކާތެރިކަމެއް ލިބެނީ، ސޯ އެންމެނަށް ދޯނިތަކުން ޖާގަ ނުލިބެންޏާ މިވެސް ރަގަޅުގޮތެއް. މިހާ ގިނަ ގިނައިން ބިން ހެލުން އަންނައިރު ދަ ބިގް ވަން އައުން ޕޮސިބްލް، އަދި ބޮޑު ސުނާމީއަށް އަރާ ކަމުގެ އިންޒާރުދީފިއްޔާ............" ނީޒާގެ ވާހަކަތަކުން ސާރާވެސް ވިސްނާލަން މަޖުބޫރުކުރުވިއެވެ. މާތް ﷲގެ ރަހުމަތް އަޅުތަކުންނަށް ޚާއްސަވެފައިވެއެވެ. ނަމަވެސް ބައެއްފަހަރު ގުދުރަތީ އެފަދަ ކާރިސާތަކުން މަރުވެގެން ދާމީހުންގެ އަދަދު ބޮޑުވެއެވެ. އެންމެނަކީވެސް މަރުވެގެން ހެއްދެވިފަރާތުގެ ހަޟުރަތަށް ކޮންމެ ވަގުތަކުވެސް ދަތުރުކުރަން ޖެހިފައިވާ ބަޔަކަށްވާތީއެވެ. ނަމަވެސް ސަލާމަތީ ވަސީލަތްތައް ހޯދުމަކީ އޮތްކަމެކެވެ.

"އާމް ބޭންޑް؟" ސާރާ ހޭންފެށިއެވެ. ނީޒާ ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެއެވެ.

"ކީއްވެ ހެނީ؟ " ނީޒާ ހިތްހަމަނުޖެހުނެވެ.

"ނީޒް މޮޔަވާހަކަ ދައްކާތީ. ސުނާމީގެ ވޭވްސް ތައް ދަތުރުކުރާ ސްޕީޑް ޖެޓެކޭ އެއްވަރު. އެހާ ބާރުމިނުގައި އަޔަސް ރަށުތެރެއަށް އަރާއިރު ސްޕީޑް ދަށްވޭ، އެކަމަކު ކާރާއި އިމާރާތްތައްވެސް ޓޯއިސްތައް ފަދައިން ހަލާކުކުރަމުންދާއިރު ނީޒް އިމޭޖިންކޮށްބަލަ އޭގެ ބާރުމިން ހުންނަވަރު. ގިނަފަހަރު މީހުން މަރުވަނީ ވަކަރުތަކާއި އޭތި މީތި ހަށިގަނޑުގައި ޖެހި ޗިސްވެގެން. ހިޔެއްނުވޭ އާމްބޭންޑަކަށް ހިފަހައްޓާލެވޭނެހެނެއް. އެވެސް ހަލާކުކޮށްލާނެ.........." ސާރާގެ ޚިޔާލު ފާޅުކުރިއެވެ.

"ވީއިރު ހެލްމެޓެއްވެސް ގަންނާނީ....." ނީޒާ އެހެން ޚިޔާލެއް ދިނެވެ.

"ޔަޕް. ޔޫ އާރ ރައިޓް، އެކަމަކު އެންމެ މޮޅުގޮތަކީ ރާއްޖެ އެކަހަލަ ބޮޑެތި ތޫފާންތަކުން ސަލާމަތް ކުރެއްވުމަށް އެދި އަބަދު ދުޢާކުރުން، ރާއްޖެ ޗާޓުންވެސް ފޮހެވިގެންގޮސްދާނެ ބޮޑު ސުނާމީއެއް އަރައިފިއްޔާ........." ސާރާ އެވާހަކަތަކުގައި އިންއިރުވެސް އިރުއިރުކޮޅާ ފޯނަށް ބަލައިލެވެނީ އައްމާރުގެ ކޯލަކަށް ނޫނީ މެސެޖަކަށް އިންތިޒާރުކުރެވި ކުރެވިއެވެ. ނީޒާ ޓީވީ ބަލަން އިންދާ އޭނަ މޭޒުމަތިވެސް ސާފުކޮށްލައިފިއެވެ. ކައިގެން ތަށިތައް ނުނަގާ އިރުކޮޅަކަށް ހުންނަންވެސް އޭނައަށް އުދަގުލެވެ. ސާރާގެ ސާފުތާހިރުކަމާއި ތަރުތީބުކަމަށް ނީޒާ ހިތާހިތުން ތައުރީފުކުރިއެވެ. އެހާ ރީތި ފިރިޔަކު ލިބުނީ ސާރާގެ ރީތިކަމާއި އެއްވަރަށް އުޅުން ހުރީމަކަން ނޭގެއެވެ. އޭނަ މީހަކާ ރައްޓެހިވާއިރަށް ރުޅިވަނީ އޭނަ ގެވެހި ކުއްޖަކަށް ނުވީމަހެއްޔެވެ؟ ނޫނީ މިހާ ދީންވެރި މަޑުމައިތިރި ކުއްޖަކަށް ނުވީމަހެއްޔެވެ؟

"ރާއްޖެ މީހުން ދީނަށްވުރެ ސިޔާސީކަންތައްތަކާއި އުޅެނީ. ދަ ބިގްވަން އަންނަންވާއިރަށް އަހަރެން ވެއްޖެ ދީންވެރިވާން....." ނީޒާ މާޔޫސްވީ ސުނާމީގެ އިންޒާރު ނެގުމުންނެވެ. ހުރިހާ ފޯރިއެއް ކެނޑިއްޖެއެވެ.

"ނީޒް. މަރުވާނީ އެކަނި ދަ ބިގް ވަން އައީމައެއްނޫން. އަބަދަށް މަރަށް ތައްޔާރުވެގެން ތިބެންޖެހޭނީ، މި ކުޑަ ދުވަސްކޮޅު ވޭސްޓްކޮށްލަން ހެޔޮނުވާނެ.." ސާރާ ބުނެލިއެވެ.

"އަހަރެމެން ނުވާނެކަމަކަށް ހަދައިގެން ތިއްބަސް ސުނާމީވެސް އަރާފާނެ. އެހެންވެ ދުރާލާ ރައްކާތެރި ފިޔަވަޅުއެޅުން ބުއްދިވެރި. މިވަގުތުން ފެށިގެން ތައުބާވެ ރަގަޅަށް އުޅެން ނިންމައިފިން............" ނީޒާ ސާރާއާއިއެކު އުޅެން ފެށިފަހުން ނަމާދަށް ފަރުވާތެރިވެ ކިތަންމެ ކަމެއް ބަދަލުވެއްޖެއެވެ. އެކުވެރިންގެ ސަބަބުން މަގު އޮޅި ގެއްލިގެން ދާފަދައިން ރަގަޅު އެކުވެރިންގެ ސަބަބުން ހެޔޮ މަގުވެސް ޚިޔާރުކުރެވިދާނެއެވެ.

ސާރާ ފާޚާނާއަށް ވަދެފައި ފޯނަށް ބަލައިލިއިރު ކާއިއާ ވައިބަރ ޕްރޮފައިލްއަށް އައްމާރުގެ އާ ފޮޓޯއެއް ލާފައި އިނުމުން ރަގަޅަށް ބަލައިލިއެވެ. މިރޭ އައްމާރު ފޮނުވި ފޮޓޯއެއްކަން ޔަގީނެވެ. އަވަހަށް ކާއިއާގެ އެފްބީ ހާވާލިއިރު އޭގައިވެސް ހުރީ މިރޭ އައްމާރު ލައިގެން ހުރި ހެދުމާއިއެކު ނަގާފައިވާ ފޮޓޯއެވެ. ހާދަ ސްމާޓެވެ. ކާއިއާއަށް ފޮޓޯތައް ލިބޭނީ އައްމާރު ފޮނުވީމައެވެ. މި ފޮޓޯތައް އޭނައަށް ނުފޮނުވާ މާދުރުގައި ހުރި މީހަކަށް ފޮނުވުމަކީ އިންސާފެއް ހެއްޔެވެ؟ ކާއިއާއިއެކު ރަގަޅު ގުޅުމެއް ބާއްވަން މަސައްކަތްކުރާ ކޮންމެ ފަހަރަކު މިގޮތަށް އޭނަގެ ހިތް ހަލާކުކޮށްލަނީ ކީއްވެހެއްޔެވެ؟ ތިރީގައި ހުރި ކޮމެންޓުތައް ކިޔާފައި ސާރާގެ ހިތަށް ޒަލްޒަލާއެއް އައެވެ. އެދެމީހުންގެ އެންގޭޖްމެންޓަށް އެންމެން އޮތީ މަރުހަބާ ކިޔާފައެވެ.

އެންމެފަހުން ހިތަށް އަސަރުކޮށްގެން ކަރުނުން ބަރާވި ދެލޮލުން މެދުކެނޑުމެއްނެތި ކޯތާފަތްމައްޗަށް ކަރުނަތިކިތައް ފައިބަންފެށިއެވެ. ނީޒާ ވަދެފައި އެހުމުން ބުނީ ލޮލަށް ޝަވަރޖެލް އެޅިގެން ފެންއަންނަނީ ކަމުގައެވެ.

"އިމީ އަދިވެސް ނާންނަނީތަ؟" ނީޒާގެ މަންމަ ބަލާ އައުމުން އޭނަ ދާން ޖެހުނެވެ.

"މީޓިން ނުނިމެނީކަމަށްވާނީ. ބިޒީކަމުން ނުވެސް ނަގާ......" ސާރާ ހިތަށް އަސަރުކުރިއެވެ. މިހާ ވިއްސާރަ ތޫފާނީ ރެއެއްގައި އަވަދިނެތި އުޅުނަސް އޭނަގެ ފޯނަށް ޖަވާބުދޭންވާނެ ނޫންހެއްޔެވެ؟ ޑޭޓާވެސް އޮންކޮށްނުލާ އެއުޅެނީ އޭނަ ބިރުގަންނަވާށެވެ. އޭނަ ލޯބިވާވަރާއި އަޅާލާވަރު އެންމެ ބޮޑަށް އެނގޭނީވެސް އައްމާރުއަށެވެ.

ނީޒާމެން ދިޔަތާ ފަނަރަވަރަކަށް މިނިޓްފަހުން އައްމާރު ގެއަށް ވަންއިރު އެމޫނުމަތިން ފެނުނީ އުފާވެރިކަމުގެ ކުލަވަރުތަކެވެ. ވަރަށް ހަމަޖެހިފައި ހުރިހެން ހީވިއެވެ. އޭނައައީ ސާރާއަށް ދޭން ކާ އެއްޗެހި ހިފައިގެންނެވެ. މިރޭ ނުކައްކަން ބުނީ އެހެންވެކަން ނޭގެއެވެ.

"މީޓިންއަށް ގެންދިޔަ އެއްޗެހިތަ؟ މައީވެސް ޕިއްޒާއާއި ކޭކު ގެނައީމަ ކުޑަކޮށް ކާލައިގެން މިހިރީ، ބަނޑުހައިވެއްޖެއްޔާ އަނެއްކާ ކާނީ. މިދުވަސްކޮޅު އަބަދު ކާހިތްވެފައި ހުންނަނީ........." ސާރާ ކޮތަޅުތައް ހާވާލާފައި ހުރިހާ އެއްޗެހި ފްރިޖަށްލިއެވެ. އޭނަ ޓީވީގެ ޗެނެލްތައް ބަދަލުކުރަމުން ދިޔައިރު އައްމާރުއާއި ޝަކުވާކުރަން ހިތަށް އަރާފައިވެސް އޭނަގެ ޟަމީރު ވިސްނައިދިނީ ހިމޭނުން ހުރުމަށެވެ. އައްމާރު އެހާ ލޯބިވާ އަންހެންކުއްޖަކާއި ބެހޭގޮތުން ޝަކުވާ ކުރަންޏާ އޭނަ ފޫހިވާނީއެވެ. އައްމާރުއޮތީ އެއީ ކިހާ މުހިއްމު މީހެއްކަން ސާރާއަށް ވިސްނާދީފައެވެ. އެންގޭޖްމެންޓްގެ ވާހަކަ އައްމާރު އިސްވެ ނުދައްކަންޏާ އޭނަ އެކަމާއި އަޅާނުލާ ހުންނާނީއެވެ. މިހާރު އޭނަގެ އައްމާރު ފިޔަވާ އެއްވެސް މީހެއްހުރީއެއް ވެސް ނޫނެވެ. މަންމަމެން މެލޭޝިއާއަށް ފުރީވެސް އޭނައާއި ބައްދަލުކޮށްލުމެއް ނެތިއެވެ. އޭނަވަނީ މުޅިން އެކަނިވެރިވެފައެވެ. އައްމާރުގެ ލޯބީގެ ހައްގުގައި އޭނަ އާއިލާވެސް ދޫކޮށްލީއެވެ.

އައްމާރު ނިދާކަށް ނޫޅެ ގޫގުލްކުރަންފެށިއެވެ. އޭނަގެ މާމައަށް ޖެހިފައިވާ ބައްޔަކީ ޑިމެންޝިއާކަމުގައި ޔަގީންކުރިއެވެ. ޑިމެންޝިއާ ބަލިމީހުންނާއި ބެހޭގޮތުން ވީޑިއޯތައް ބަލަން އިންއިރު ސާރާވެސް އައްމާރުގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތެވެ. މާމަދެކެ ލޯބިވާވަރު އެނގިފައި ހިތަށް އަސަރުކުރިއެވެ. އައްމާރުގެ ސަބަބުން މާމަ އަދި ފްލަފީދެކެވެސް އޭނައަށް ލޯބިވެވިއްޖެއެވެ. ފްލަފީ ގެނައި ފަހުން ނޭވާއަށް އުދަގޫކުރުމުގެ މައްސަލަ ތަންކޮޅެއް ބޮޑުހެން ހީވާއިރުވެސް އޭނަ އައްމާރުއަށް އެކަން ސިއްރުކުރިއެވެ. މިރޭވެސް އޭނަ އައީ އިންހޭލަރ ބޭނުންކޮށްގެންނެވެ. އެކަމަކު ނޭވާ ލާކަށް އެހާ ފަސޭހައެއްނޫނެވެ. އެ ދޮންމޫނަށް ބަލައިލިޔަސް އުދަގޫތަކެއް އިހުސާސްކުރާކަން އެނގޭނެއެވެ. އައްމާރު އެހެން ޚިޔާލުތަކުގައި ވުމުން އެކަންތަކަށް އެހާ ސަމާލުކަމެއް ނުދެވުނީއެވެ.

އައްމާރު ކޮޓަރިއަށްވަދެ މާމަގެ ހެދުންތައް ދަބަހަކަށް ލާންފެށިއިރަށް ނަބީލާ ދެލޯބޮޑުކޮށްގެން ބަލަން ހުރެފައި ކައިރިވެލިއެވެ.

"އައްމާރު ތިއުޅެނީ ކީއްކުރަންތަ؟ " ހިތުގައި ރުޅިވެރިކަން ކެކިއަރައިގަތް ނަމަވެސް އޭނަ މައިތިރިވެލީ އައްމާރު އަކީ މިހާރު އޭނައަށް ލައްވާފައިވާ ރަހުމަތެއްކަން ހަނދާންވެފައެވެ.

"މާމަ ގުރައިދޫއަށް ގެންދަންވެގެން....." އައްމާރު ހަމަޖެހިލާފައި ކިޔާލައިފިއެވެ.

"ކީކޭ؟ ގުރައިދޫއަށޭ؟ އެއީ ކީއްކުރަންތަ؟ ކާކު ބުނެގެން؟ އެއީ މޮޔައިން ލާތަނެއް، އަދި މާމަ މޮޔައެއްނުވޭ........." ނަބީލާ ސުވާލު ފަތްޗެއް އަމުނާލުމަށްފަހު ކިޔައިލިއެވެ.

"ކޮންމެވެސް ބަޔަކު ފުލުހަށް ރިޕޯޓްކުރީ، ދެން މަންމަ މައްސަލަ ޖައްސަން އުޅެފިއްޔާ މިކަންތައް ތަހުގީގުކޮށް މަންމަ ކުށްވެރިވާނެ. މަންމަ މާމައަށް އިހާނެތިކޮށް ކަންތައް ކުރާކަމަށް އެމީހުން ބުނީ. ލައިކް އެބިއުޒް ކުރާކަމަށް ރިޕޯޓްގައި އެވަނީ. އެކަން ސާބިތުވެއްޖެއްޔާ މަންމަ ގެންގޮސް ޖަލަށްލާނެ...." އައްމާރު ހުނުން ހިފަހައްޓައިގެން އިނދެ ބުނަމުން ދިޔައެވެ. މަންމަ އެހެރީ އޭނަގެ ވާހަކަތަކުން ބިރުން ފިތްކަނޑައިގެން ދާވަރުވެފައެވެ. ވާހަކައިގާ އިނދެ އޭނަ މާމާގެ ހެދުމާއި ޚަތިމް އަދި މާމަ ގެންގުޅުނުހާ ފޮތްތަކާއި ތަސްބީހަ ފަދަ ތަކެއްޗަށް ދާންދެން ދަބަހަށް ލައިފިއެވެ. ނަބީލާ ބިރުން މޭގައި އަތްއަޅާލިއެވެ. ނަމަވެސް އިސާހިތަކު ބިރުވެރިކަން އެހެން ސިފައެއް ޚިޔާރުކޮށް ނަބީލާގެ މޫނު އަނދިރިކޮށްލައިފިއެވެ.

"އެވަރުގެ ކަމެއްކުރަން ކެރުނީ ކާކަށްތަ؟ މަމީ މަންމައަށް ނުބައި މީހެއްނޫން، މަގޭ އަމާ މޮޔައިންގެ މަރުކަޒަށް ގެންދަން ޖެހުނީމަ އެނގެނީ އެބުނާ ފުލުހުންނަށްތަ؟ އަވަށްޓެރިންނަށް ދުއްޕާން މަކުރީތަ؟ އެމީހުންނަށް ކޮން ބާރެއްތަ ކުރަނީ؟ " ނަބީލާ ދެން ކިޔަންފެށި އެއްޗެހި އަޑުއަހަންވެސް އައްމާރުއަށް ފަސޭހައެއްނުވިއެވެ. އަވަށްޓެރިންނަށް ދުލަށް އައިހާ ހަޑި އެއްޗެހި ގޮވާލިއިރު ޒަކާއާއި އީމާ މަޖާވެފައި ހޭންތިއްބެވެ. އީމާ ގޮތިކް މޭކަޕްގައި ހުރިއިރު ޒަކާގެ ރީތިކަން ފަނޑުވެފައިވަނީ އޭނަ ހެދިގެން ހުރިގޮތުންނެވެ. މޭކަޕްކުރުން އިމުން ބޭރުވެފައެވެ.

"އިމީ، އަމާ ސީރިޔަސްކޮށް ގުރައިދޫއަށް ގެންދަނީތަ؟ "ޒަކާވެސް އޭނަގެ މަންމަގެ ބަހުރުވައިން ވާހަކަދެއްކިއެވެ. އައްމާރު ދެރަވިއެވެ. މަންމަގެ ސަބަބުން ކޮއްކޮމެންވެސް ހަލާކުވެގެން ދަނީއެވެ. އޭނަ ފައިސާ އެއްކޮށްގެން ޒަކާ އަދި އީމާވެސް ބޭރު ގައުމަކަށް ކިޔަވަން ފޮނުވަންވެސް ހިތަށް އަރައެވެ. ނަމަވެސް މިގޮތަށް ތަރުބިއްޔަތުވެފައިވާ ކުއްޖަކު ބޭރަށް ފޮނުވައިފިއްޔާ ދީނުން ބޭރުނުވާނެކަމެއްވެސް ނޭގެއެވެ. އެއީ އައްމާރު ފަޚުރުވެރިވާނެކަމެއް ނޫނެވެ. އައްމާރު ނުރުހުމުގެ ނަޒަރަކުން ބަލާލުމުން ޒަކާ ނުލަފާ ހިންޏެއް އައެވެ. މާމަ ދާތީ ސަލާމްކުރާކަށްވެސް އެއިން ކުއްޖެއް ނޫޅުނެވެ. އައްމާރު މާމަ ކޮނޑަށްލައިގެން ގޮސް ކާރަށް އެރުވުމުން ޒަކާއާއި އީމާ ތިބީ މަޖާކަމަކަށްވެ ހީހީއެވެ.

އޮފް ދުވަހަކަށްވާތީ ސާރާ ގޭގެ ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ބޮލުގައި ހީނާފަތްއެޅިއެވެ. ފޭޝަލް ހަދާ ވެކްސްކުރީވެސް އަމިއްލައަށެވެ. ވާދަކުރަން ޖެހޭ އަންހެނަކު ހުރިއިރު އަމިއްލަ ހަށިގަނޑާއިމެދު ވީހާ ވަރަކަށް އަޅާލާން ޖެހޭނެއެވެ. އޭނައަކީ ހުތުރުކުއްޖެއްނޫންކަން އޭނަ ދަނެއެވެ. ނަމަވެސް ފިރިމީހާއަށްޓަކާ ޒީނަތްތެރިވުމަކީ ނެތްކަމެއް ނޫނެވެ. އައްމާރު އަންނަގަޑިއަށް ފެންވަރާ އަނދުން އަޅާ މީރުވަސް ދުއްވާލުން އޭނަ އާދައަކަށް ހެދި ސަބަބަކީ އެއީއެވެ. ފޫހިވިޔަނުދިނުމަށްޓަކައެވެ. ފިރިހެންވެރިންގެ ހިތް ފަސޭހައިން ބަދަލުވެދާނެއެވެ.

ފެންވަރާލައިގެން ރަތްކުލައިގެ އަތްކެނޑި މިޑީހެދުމެއް ލައިގެން ލޯގަނޑު ދޮށުގައި ހުއްޓުނުއިރު އިސްތަށިގަނޑަށް އަރާފައިވާ މުށިކުލަ ފާޅުވާން ހުއްޓެވެ. މޫނުވެސް ވިދައެވެ. އަތާއި ފައިވެސް އެހެން ދުވަހަށްވުރެ އޮމާނެވެ.

"ބޭބީ ޔޫ ލުކް ޕްރިޓީ....." ކުއްލިއަކަށް އައްމާރު ފަހަތުން އައިގޮތަށް ބައްދާލުމުން ސާރާގެ މޫނު ރަތްވިއެވެ.

"ތެންކިއު ހަނީ....." ސާރާ ބޭނުންވީ އަބަދަށްޓަކާ އެގޮތަށް އެއަތުގެ ހިމާޔަތުގައި ހުރުމަށެވެ.

"ސާރާ. ވަރަށް ބޮޑުކަމަކު ކިޔަން އެބަޖެހޭ. އެނގޭ ވަޒީފާގައި އުޅެމުން ފަސޭހަ ނުވާނެކަން. އެކަމަކު އެހެންގޮތެއް ނެތުމުން މިއަދު މަޖުބޫރުވީ، އެބައިން މާމަ ގެނެސްފައި......އައިމް ސޮރީ އެކަމަކު އެހެން ގޮތެއްނެތީ....." އައްމާރު މާފަށް އެދުމުން ސާރާ ބުނީ މާފަށް އެދޭވަރުގެ ކަމެއްނޫންކަމަށެވެ. އެހާ މަޑުން އިންނަ މާމައެއް ބަލަން އުދަގޫނުވާނެކަމުގައެވެ. އައްމާރުވެސް ޔަގީންކަން ދިނެވެ. މާމަ އަމިއްލައަށް ދަތް އުނގުޅާ ފާޚާނާކޮށް ފެންވަރާވެސް ހަދައެވެ. އެކަމަކު މީހަކު އެހީތެރިވެ ފާޚާނާއާއި ހަމަޔަށް ގެންގޮސްދޭންވާނެއެވެ.

ރޮމެންޓިކް މޫޑު ޚަރާބުވިއެވެ. ސާރާ ބޭނުންވިފަދަ ހަވީރެއް ނުގެނުވުނެވެ. އެކަމަކު މިއޮތީ އައްމާރުގެ ހިތުން އިތުރު ޖާގައެއް ހޯދަން މަގުފަހިވެފައެވެ. އައްމާރު އެހާ ލޯބިވާ ފަރާތަކަށް ޚިދުމަތް ކޮށްދިނުމުން އައްމާރު އެކަން ޝުކުރުވެރިކަމާއިއެކު ބަލައިގަންނާނެއެވެ. ކާއިއާއަށްވެސް މިފަދަ ކަމެއް ކޮށެއް ނުދެވޭނެއެވެ. ސާރާ ބޭރަށް ނުކުތްއިރު މާމަ އިނީ ސޯފާގައި ބޭންދިގޮތަށް އުނގުގައި އަތް ބާއްވައިގެން ފާރާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ފްލަފީ ކުޑަ ބޯޅައަކާއި ކުޅެން ތަޅުންމަތީގައި ދުވެ ދުވެ އޮތްއިރުވެސް މާމަގެ ސަމާލުކަމެއް ނުލިބެއެވެ. ސާރާ ވާހަކަދެއްކުމުން އަނގަޔަކުން ނުބުނެ އިނީއެވެ. އޭނަ ކިރުތަށްޓަކާއި ބިސްކޯދު ގެނެސްދިނުމުން ކާކަށް ނޫޅުނެވެ. އަނގައިގާ ލައްވަން އުޅުމުން ތުންފަތް އިތުރަށް ބާރުކޮށްލައިފިއެވެ. އެކަމަކު ދެލޮލުން ފެންއަންނަގޮތްވިއެވެ.

"ކަސްޓަޑް ޔޯގަޓް ކަހަލަ އެއްޗެހިވެސް ދޭންވީ..." އައްމާރު ހަމްދަރުދީވިއެވެ.

"މަންމަ ބުނާހެން ކަޅު ސައި އެކަނި މީރީކަމަށްވާނީ...." ސާރާ ފްރިޖަށް ތަށި ލާފައި ކަޅުސައިތަށްޓެއް ހަދަން އުޅެގަތެވެ.

"ނޫނޭ ސާރާ، މަންމަ އެގޮތަށް ހައްދާފައި ހުރީމަ މާމަ ބޭނުންނުވަނީއޭ އެހެން އެއްޗެހި ކާން، ދޯ މާމާ...." އައްމާރު މާމަގެ އަތުގައި ފިރުމަމުންދާތަން ސާރާއަށް ފެނުނެވެ. އެވަރުންވެސް އައްމާރު ދޭތެރެއަކުން ފޯނުން ޗެޓްކުރަމުން ދިޔައެވެ. ކާއިއާގެ އެނޫންކަމެއް ދުނިޔޭގައި ނެތީހެއްޔެވެ؟

ކަޅުސަޔާއި ބަނަހެއް ދިނުމުން މާމަ އަވަސްއަވަހަށް ކާންފެށުމުން ކޮށިއަރާގޮތްވެސްވިއެވެ. ސާރާ ވަރަށް ދެރަވިއެވެ. މުސްކުޅިވީދުވަހުން ލޯތްބާއި އޯގާތެރިކަން ބޭނުންވުމުން ނިކަމެތިކޮށްލީއެވެ. ދެން ދަރިން ނަބީލާއާއިމެދު ކަންތައްކުރާލެއް ވަކި ރަގަޅުވާނެހެއްޔެވެ؟ ނަގައިއެދެވުނީ ރަގަޅު ފިލާވަޅެއްނޫނެވެ.

ސާރާ ގަސްތުކުރީ ދުވަސްކޮޅަކަށް ޗުއްޓީ ނަގާށެވެ. މާމައަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮންމެވެސް މީހަކު ކައިރީގައި ހުރެގެންނެވެ. މިވަގުތަށް އެފަދަ އެއްވެސް މީހަކުނެތެވެ. ސާރާ މާމަ ފެންވަރުވަން ފާޚާނާއަށް ވައްދާފައި ނުކުތްތަނުން ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭންފެށިއެވެ. ސާރާ ދޮރުގައި ހުންނަ ލޯވަޅުން ބޭރަށް ބަލައިލުމާއިއެކު މޫނު އަލިވެގެން ދިޔައެވެ. އޭނަ އުފާވިވަރު ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ.

ކޮމެންޓް 0