"ޖިމް ދެން ތި އިސްތަށިގަނޑު ކޮށާލާކަށް ނުވޭތަ؟ އެހެންވެ ޖަލަށްދާން ޖެހުނީ، ކަލެއެކޭ ޕާޓޭއެކޭ ތަފާތެއްނެތް. ތިހެން އުޅެގެން އިންނާނެ އަންހެންކުއްޖަކުވެސް ނުލިބޭނެ. އައްމާރުވެސް ރާއްޖެތެރެއިން ގެނައީ މުއްސަދި މަންޖެއެއްކަމަށް ވަނީ. އެކަމަކު އެގޭ މީހުންނާއި ދެކޮޅަށް އެކުއްޖާއައީމަ އަހަރެމެންނަށް ހުރީ ކޮން ފައިދާއެއްތަ؟ އެފިރިހެން ދަރިއަކަށްވެސް ނޭގޭ މާލޭގައި ގެދޮރު ހުރި މުއްސަދި އަންހެނަކު ގެނެސް ގެއަށް ވައްދާލާކަށް........." ނަބީލާ ވާހަކަދައްކަނީ ކާކާހެއްޔެވެ؟ ސާރާގެ ނަޒަރުގައި ދެން އަޅައިގަތީ ސޯފާގައި އިށީދެލައިގެން އިން ޒުވާނާއެވެ. ރަންކުލައިން ހައިލައިޓްކޮށްފައިވާ އިސްތަށިގަނޑު ފަހަތުން ފެނުމާއިއެކުގައިވެސް ސާރާގެ ހިތުގައި ބިރުވެރިކަން ހިނގާލައިފިއެވެ. އެއީ ހަމަ އެނުލަފާމީހާއެވެ. ސާރާގެ ލޮލުގެ ކުރިމަތީގައި ކުދި ކޮކާތައް ބުރައިލިހެން ހީވިއެވެ. އަނބުރައިގަންނަ ގޮތްވެގެން ދޮރުގައި ހިފާލެވުނުއިރު އަތްތިލަވެސް ތެމިއްޖެއެވެ.
އެތެރެއަށްވަދެ ރަގަޅަށް ދޮރު ތަންޑު އަޅުވާލުމަށްފަހު އޭނަ އަވަހަށް އައްމާރުގެ ނަމްބަރަށް މެސެޖްކޮށްލިއެވެ. ވީހާވެސް އަވަހަކަށް ގެއަށް އައުމަށް އެދިފައި އޭނަ ފޯނު ބޭއްވިއެވެ.
"އެއީ ހަމަ އެމީހާ. ޖަލަށްލީމަ ހާދަ އަވަހަކަށް ސަލާމަތްވެގެން އެއައީ، ނޫނީ ވައްތަރު މީހަކީތަ؟ އެއިސްތަށިގަނޑު. ދެރައީ އެމީހާގެ ނަން އެނގިފައިނެތްކަން، އޭރު ނޫސްތަކުގައި އެވާހަކަޖެހިއިރުވެސް އެމީހާގެ ނަން އެނގުންވެސް މުހިއްމުކަމަކަށްނުވި. އެކަމާއިހެދި ތެރަޕީ ނަގާ ކިޔެވުން ހަލާކުވި......" ސާރާ އެނދުގައި އިށީދެއިންއިރު ހިތް ޑަންޑަންލާފައި ތެޅޭ އަޑު އަމިއްލަ ކަންފަތަށްވެސް އިވުނެވެ.
އައްމާރު ގުޅަންފެށުމުން ނުނަގަން އިނދެފައިވެސް ސާރާ ފޯނުނެގިއެވެ. ބޭރުގައި އިންމީހާގެ ސިފަތައް ކިޔާދިނެވެ. ސާރާ ހީވީ ހަމަ ރޮއިގެންފާނެހެންނެވެ.
"ކާމްޑައުން ބޭބީ، ހަމަޖެހިބަލަ......" އައްމާރު ވަރަށް ލޯބިން ވާހަކަދެއްކިއެވެ.
"އެއީ އަހަރެންގެ ދޮންބެ ޖިދާން، އެންމެން އޭނައަށް ކިޔާއުޅޭ ނަމަކީ ޖިމް. ބޭބީ ބިރުން ތިއުޅެނީ ޕާޓޭއެއް ގެއަށް ވަދެގެން އުޅޭކަމަށް ހީކޮށް ދޯ. ޑޯންޓް ވޮރީ، އޭނަވެސް ދެން އަހަރެންގެ އަންހެނުންނަކާއި ބެހޭކަށް ނޫޅޭނެ.. ހުރޭ ގާލްފްރެންޑެއްވެސް. ދެންވެސް އަހަރެން އަންނަންވީތަ؟ ނޫނީ ބޭބީ އަހަރެން މިސްވެގެން އެއްޗެކޭ ކިޔައިގެން ގެއަށް ގެންނަން އުޅެނީ ދޯ، މިއިނީ ލޯންޗުގައި. ދެން މާ އިމަރޖެންސީ ކަމެއް ނަމަތާ ކަނޑުގައި ފަތާލާފައިވެސް އަންނާނީ، ބޭބީ ކަމަކަށް ނުވާކަމަކާއި ބިރުން ތިއުޅެނީ..........." އައްމާރު ހިތްހަމަޖައްސާދޭފަދަ ގޮތަކަށް ވާހަކަދައްކަން ފެށުމުންވެސް މިއަދު ސާރާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޖިދާންއަކީ ޖިމްއެވެ. ހަނދާނަށް ބާރުލުމުން އެމީހުންގެ ހަޔާތަށް ވިހަލާފައިވާ ނުބައި އިންސާނާއަށް ކިޔަނީވެސް މިފަދަ ނަމެއްކަން ހަނދާންވިއެވެ. ދެރައީ ގެއިން މީހަކަށް ގުޅާފައި އަހަންވެސް ނުކެރޭނެކަމެވެ. އޭނަ ޢާއިލާ ދޫކޮށްލާފައި އައިސް ވަން ގެއަކީ ޝައިތާނެއްފަދަ މީހަކު އުޅޭތަނެއްކަން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟
ސާރާގެ އަލަތު ކައިވެނިން ލިބުނުހާ އުފާތައް ފެނަށްވެގެން ހިނގައްޖެއެވެ. މިއާދެވުނުތަނުން ހިމާޔަތާއި ރައްކާތެރިކަން ލިބުމުގެ ބަދަލުގައި ކޮންމެ ސިކުންތަކު ހުންނަން ޖެހޭނީ އަމިއްލަ ނަފުސަށް ފާރަވެރިވެގެންކަން މިހާރު ޔަގީނާއި ގާތަށް އެނގުނީއެވެ. އޭނައަށް ހަމަޖެހުމުގެ ނޭވާއެއްވެސް ލެވޭނީ އައްމާރު ކައިރީގައި ހުރިހާ ސިއްރެއް ކިޔާދީގެން މިތަނުން ބޭރުވެވުނީމައެވެ. އިރުއިރުކޮޅާ އައްމާރުއަށް ގުޅާލެވުނެވެ. އައްމާރު ގެއަށް ނައިސްގެން ކެތްތެރިކަން ކޮޅުންލައިގެންދާހާވަރުވިއެވެ. އެންމެފަހުން ބޭރުތެރެއިން މީހެއްގެ ހިލަމެއްނުވުމުން އެއްވެސް މީހަކު ނޫޅެނީކަމަށް ހީކޮށް ނުކުތްއިރު ސިޓިންރޫމް އޮތީ ފަޅުކޮށެވެ. ބަނޑުހައިވެ ހާންތިވެފައިވާތީ އޭނަ ކޮފީއެއް ހަދަން އަވަސްވެގަތެވެ.
"ދޮންބެއަށް ގުޅާފައި ބުނަންވީކަން ނޭގޭ. ޖިދާންގެ ސިއްރު އެނގުނީމަ ދޮންބެމެންވެސް ބޭނުމެއްނުވާނެ އަހަރެން މިގޭގައި ބަހައްޓާކަށް، އައްމާރު އަހަރެމެންގެ ގެއަށް ވަނުމުގެ ހުއްދަދީފިއްޔާ ކިހާ ރަގަޅު. އޭރަށް ކިހާ އުފާވެރި ދިރިއުޅުމެއް ލިބޭނެ............" ސާރާ ކޮފީ ގިރަން ހުރިއިރު ކިރިޔާ އަޑެއް އިވުނަސް ބަލައިލެވެނީ ސިހުމާއިއެކުގައެވެ. ކޮފީތަށް ހަދާނިމިގެން ސެންޑްވިޗެއް ތައްޔާރުކޮށްލައިގެން ތަބަކެއްގައި ބަހައްޓައިގެން ކުރިއަށް ފިޔަވަޅެއް އެޅިތަނާ ކުއްލިއަކަށް ސިޓިންރޫމުން ވަދެވެން ހުންނަ ފާޚާނާގެ ދޮރު ހުޅުވާލާފައި ނުކުތް މީހާގެ ގައިގާ ސާރާ އަޅައިނުގަތީ ކިރިޔާއެވެ.
"އާ........." ސާރާއަށް ހަޅޭއްލަވައިގަނެވުނީ ނިކަން ތޫނުކޮށެވެ. ސާރާގެ އަތުން ތަބައް ދޫނުވީ ހަމަ ކިރިޔާއެވެ. ފެންވަރާލައިގެން ތުވާލި އަނދެލައިގެން ހުރިއިރު އެހަށިގަނޑުވަނީ ހާމަޔަށެވެ. މޫނުގައި ފެންތިކިތައްވިދައެވެ.
"ހޫޒް ދިސް.....ކަންފަތް ފަޅާލައިފިއެއްނު......" ޖިދާން ބަލަން ހުރީ ފާޑަކަށެވެ.
"އޭނައަކަށް ނޭގުނު..އެވެސް ނަސީބެއް، އެހެންނޫންނަމަ އަހަރެން މަރާލާނެކަން ނޭގޭ.............." ސާރާ ހިތާހިތުން ކިޔާލިއެވެ.
"ތިއީ އިމީގެ ވައިފް ސާރާ. ސާރާ އަހަރެމެންގެ ހެންޑްސަމް ދޮންބެ ޖިދާން. ދޮންބެގެ ގާލްފްރެންޑާއި ސާރާ ވަރަށް ވައްތަރު ކެކެ..............." ޒަކާ ކޮޓަރިން ނުކުމެފައި އޭނަގެ ބޭބެ ޖިދާންއަށް ސާރާ ތަޢާރަފުކޮށްދިނެވެ.
ސާރާގެ ތުންފަތަށް ކުޑަހިނިތުންވުމެއް ވެރިވާން އުޅެފައިވެސް އޭނަ ބެލީ އެތަނުން އަވަހަށް ސަލާމަތްވުމަށެވެ. ޖިދާންއަށް އޭނައަކީ ކޮން ޢާއިލާއެއްގެ ކާކުކަން ނޭގުނުކަމީ ކާކުގެ ނަސީބެއްކަމެއްވެސް ނޭގުނެވެ. އެ ވަރުގަދަ ހަށިގަނޑު ފެނުމުން ސާރާގެ ހިތުގައި ވަޅުޖެހިފައިވާ އުދާސްތައް ރުޅިވެރިކަމުގެ ސިފައިގާ ބޭރުކޮށްލަން ބޭނުންވާންފެށިއެވެ. އެނުލަފާ މީހާކުރި ކުށުގެ ހައްގު އަދަބަކީ މަރެވެ. އެކަމަކު ލިބުނު ޢަފޫ އާއްމެއްގައި ދޫކޮށްލުމުން އެހެރީ އެކުށުން ބަރީއަވެގެން މުޅިން މިނިވަނަކަށްވެފައެވެ. މިއީ އިންސާފެއް ހެއްޔެވެ؟ ކުށްވެރިޔާ އެހެރީ މިނިވަންވެ ހިތުހުރި ގޮތަކަށް ދުނިޔޭގައި އުޅެން ދޫކޮށްފައެވެ. އަނިޔާ ލިބުނު މީހާގެ ހައްގު ކޮބާހެއްޔެވެ؟
އައްމާރު އައީ އިރުއޮއްސުނުފަހުންނެވެ. ކޮޓަރީގައި ހުރެ ނަމާދުކޮށްލުމަށްފަހު އޭނަ ސާރާއާއި ވާހަކަދައްކަން އިރުކޮޅަކު އޮވެފާ ކާއިއާ ގުޅަންފެށުމުން އެތައް އިރެއްވާންދެން އެކުއްޖާއާއި ވާހަކަދައްކަން ހުރުމުން ސާރާގެ ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. އައްމާރު ޚިޔާލީ ލޯބިވެރިޔަކަށްޓަކާ ވަގުތު ބޭކާރުކުރާއިރު ކައިރީގައި އަންހެނުން މިހިރީއެވެ. އައްމާރުދެކެ އޭނަވެސް އިންތިހާއަށް ލޯބިވެއެވެ.
"ސާރާ ބުރުގާ އަޅަންވީނު......" އައްމާރު ކުއްލިއަކަށް ފޯނު ބާއްވާފައި އައިސް ސާރާގެ އިސްތަށިގަނޑާއި ކުޅެންފެށިއެވެ.
"އެއީ ކީއްވެގެންނޯ....." ސާރާއަށް ލިބެމުން ދިޔަ އަރާމުގައި ދެލޯ މަރާލެވުނެވެ.
"އަހަންނަށް އެނގޭ ސާރާ ކައިރީ ބުރުގާ ނަގަން ބުނެވުނުކަން އެއީ ގޯހެއްކަން، އޭރު ދެން އަހަރެން ހިތަށް އެރީ ސާރާގެ ލޯބި އިމްތިހާނުކުރާނީއޭ، އެކަން ސާބިތުކޮށްދީފި، ވީއިރު އަލުން އަޅާ....." އައްމާރު އެދުނެވެ.
"އޯކޭ....." ސާރާ ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިނދެ ކިޔާލައިފިއެވެ.
"އެކަމަކު އިމީ އެހާވަރުން ބުރުގާ ނަގާފައި އަލުން އަޅުވަންވީ ސަބަބަކީ ކޮބާތަ؟ "ސާރާ ސުވާލުކުރިއެވެ.
"އިތުރަށް ސުވާލުނުކޮށް ބުނާގޮތަށް ހަދާބަލަ ސާރާ، އަހަރެން ނުބުނަމެއްނު ގޯސްކަމެއްކުރާކަށް. ޔޫ އާރ މައި ވައިފް އެހެންވެ އަހަންނަށްވެސް ކަންތައްތައް ކުރަން އަމުރުކުރެވެނީ، ދުރު ހިލޭމީހެއްނަމަ ހެދުން ނުލާ މަގުމަތީގައި އުޅުނަސް މަށަށް ހެވޭ......" އައްމާރު ލައިގެން ހުރި ކޯޓު ބާލާފައި އެނދުމައްޗަށް އެއްލާލުމަށްފަހު ގަމީހާއި ފަޓްލޫނުވެސް ހަށިގަނޑާއި ވަކިކޮށްލިއެވެ. ސާރާގެ ހިތަށް ކުރި އަސަރަކުން ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އައްމާރު އެހާ ލޯބިން އުޅެފާ އެހާއަވަހަށް މިޒާޖު ބަދަލުވެ މޫޑީވުމުން ހިތުގައި ޖެހުނީ މާވަރަކަށެވެ.
"އެކަމަކު އިމީ ބުންޏަސް މިފަހަރު ބުރުގާއަޅާކަށް ނުކެރޭނެ، ޖިދާންއަށް އަހަރެން ނޭގުނީ ބުރުގާ ނާޅާ ހުރީމަކަން ޔަގީން، ބުރުގާ އަޅައިފިއްޔާ އޭނަ ހަނދާން އެނބުރި އަންނާނެ، އޭރުން އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލާނެ، ވީމަ މިހާރު މިހިރީ ހަދަންވީގޮތެއް ނޭގިފައި، މަންމަމެން އިމީ އެކްސެޕްޓްކުރާނެނަމަ، މައިންބަފައިން އެގޮތަށް ހެދީމަ އަންހެންދަރިން ނިކަމެތިވުން ނޫންކަމެއް ނުވާނެ. ދަރިންނަށް ހެޔޮ ނުވިސްނުނަސް މައިންބަފައިން ނުޖެހޭނެ ދަރިން އެއްލާލަން....." ސާރާގެ ޚިޔާލުގައި އެކިވާހަކަތައް އެނބުރެމުން ދިޔައެވެ.
އައްމާރު އާދައިގެމަތިން ފާޚާނާގައި އޮވެ ނިދަނީބާވައޭ ހިތަށް އަރާހާ އިރުކޮށްލާފައި ނުކުމެގެން އައިއިރުވެސް މީހާގެ ރުޅިމަޑުވާގޮތެއް ނުވެއެވެ. ކޮޓަރީގައި ހުރެ ސިގްރެޓެއް ރޯކޮށްލިއެވެ.
"ޑޯންޓް މޭކް ދެޓް ފޭސް ބޭބީ....." ސިގްރެޓް ދުންތަކުގެ ތެރެއިން އެހުދު ދަތްތައް ފެންނަވަރަށް ހީލަމުން އައްމާރު ރީތިވާ މޭޒަށް ކުޑަކޮށް ލެނގިލައިގެން ހުއްޓުނެވެ. ސާރާ އެއްޗެކޭ ނުބުނެ ބަލަން ހުރީއެވެ.
"ވަޓް؟ " އައްމާރު ބުމަ އަރުވާލާފައި ހީލުމުން ސާރާގެ ހިތް ފުރިގެން ބަންޑުންވިއެވެ. އޭނަގެ ފިރިމީހާގެ އެންމެ ރަގަޅު އެއްސިފައަކީ ރުޅިއައިސްފައި ހުންނައިރުވެސް ހިނިތުންވެލާތީއެވެ. އެއީ ސާރާގެ އުފަލެވެ.
"ތިހެން ބަލަންޏާ އަހަރެންގެ އަތުގައި ސިގްރެޓް ޖައްސާނީ...." އައްމާރު ކުއްލިއަކަށް ބުނެލި ޖުމްލައަކުން ސާރާ ސިހިފައި ދުވެފައި އައިގޮތަށް އައްމާރުގެ އަތުގައި ހިފެހެއްޓުމުން އައްމާރު ހޭންފެށިއެވެ. އޭނަ އަތުގައި ހުރި ނިޝާންތައް ސާރާއަށް ދެއްކިއެވެ.
"މިއީވެސް އަހަރެން އަމިއްލައަށް އަންދާފައި ހުރިތަންތަން....." އައްމާރު ތަންކޮޅެއް ސީރިޔަސްވެލިއެވެ.
"އިމީ އަހަންނަށް އެނގޭ. ބުރަކަށީގަޔާއި އެހެން ތަންތާ ތިހިރަ ލަކުނުތައްވެސް ކޮންމެވެސް ވާހަކައެއް ކިޔާދޭކަން އެނގޭ، އިމީއަށް މިހާ ބޮޑު ހިތާމައެއް ދެނީ ކާކުތަ؟ ކޮންކަމަކާއި އިމީ ޑިޕްރެސްވެފައި ތިހިރީ. އެނގޭތަ؟ އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ ނަފްސާނީގޮތުން މައްސަލަޖެހިފައިވާ މީހުން ކުރާކަމެއް......" ސާރާ އެވާހަކަދެއްކިއިރު ހީވީ ތަޖުރިބާކާރެއްހެންނެވެ.
"ވާއު، ބޭބީއަކީ ސައިކޮލޮޖިސްޓެއްތަ؟ " އައްމާރު ކުޑަކޮށް ހީލިއެވެ.
"އެކަހަލަ މީހަކަށް ނުވިޔަސް ވާހަކަތައް ކީމަ މައުލޫމާތު ލިބޭނެއްނު، އިމީ ސިއްރުނުކޮށް ކިޔާދީފާނަންތަ؟ " ސާރާ އައްމާރުގެ ފައިމަތީގައި އަތް ބާއްވާލައިގެން ހުއްޓުނެވެ.
"ޓްރަސްޓްމީ ބޭބީއަށް އެނގިއްޖެއްޔާ ދެރަވާނެ، އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން ސާރާ ދެރަވާކަށް......" އައްމާރު ވާހަކަދެއްކިއިރު އެރީތި ދެލޯ ތެމިގެން ދިޔައެވެ. ސާރާ އައްމާރުގެ ގައިގާ ބައްދާލިއިރު ހިތުގެ އަޑު އިވެން ފެށުމުން އެއަޑަށް ސަމާލުކަން ދެވުނެވެ. ހުރިހާކަމެއް ހަނދާންނައްތާލާފައި އޭނަގެ ލޯބިވާ އައްމާރުގެ ހިތުގެ ތެޅުމުގެ އަޑުއަހަން ހުރުމުން ހިތަށް ލުޔެއްލިބުނެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ބޭރުން އެއްޗެހިތަކެއް ތަޅައިގެން ދިޔައަޑުފަށްގަނޑަށެވެ. ވީނުވީއެއް ނޭގުނަސް ސާރާގެ ހިތަށް އައީ ޖިދާންގެ ނަމެވެ. ކޮންމެވެސް މީހަކު ހަޅޭއްލަވައިގަތްއަޑުވެސް ގުގުމައިގެން ދިޔުމުން ސާރާގެ ގައިން ހީބިހިނެގިއެވެ.
"އެއީ ކޮންއަޑެއްތަ؟" ސާރާ އަހާލިއެވެ.
"މައި ހާޓްބީޓް...." އައްމާރު ސަރާގެ ދަތްދޮޅީގައި ހިފާފައި އޭނައާއި ދިމާލަށް އުފުލާލިއެވެ. އައްމާރުގެ ދެލޮލުން ފެނުނު އަސަރުތަކުން ސާރާގެ ހިތަށް ގޮތެއްވިއެވެ.
"އިމީވެސް ދެން.....އެހެނެއްނޫނޭ، ބޭރުން އެއިވުނީ ކޮންއަޑުފަށްގަނޑެއްތަ؟ "ސާރާ އޮޅުންފިލުވަން ބޭނުންވިއެވެ.
"ހުރިހާކަމަކާއިމެދު ވިސްނާކަށްނުވާނެ، ތަނެއް ގޮވީކަމަށްވާނީ. މިހާރުވެސް އަހަރެމެން ބޮލުތެރޭގައިވާ ކަންތައްތައް މަދެއްނޫނެއްނު....." އައްމާރު ސާރާގެ މޫނުގައި ބޮސްދީފައި ދެން އުޅެގަތީ ކޮންމެ ރެއަކު އޭނަ ކުރާ މައްސައްކަތް ފެށުމަށެވެ. ނަމާދުކުރާ މުސައްލާ ބިންމަތީގައި ފަތުރާލާފައި އައްމާރު އެދުނީ އޭނަގެ ބުރަކަށިމަތީގައި ސާރާ އޮށޯވެލުމަށެވެ. ސާރާ ބުރަކަށިމަތީގައި ބާއްވައިގެން ޕުޝްއަޕް ހަދަންފެށުމުން މަޖާވެފައި ސާރާއަށް ހެވެންފެށިގޮތަށް ހުއްޓައެއްނުލެވުނެވެ. ބައިގަޑިއެއްހާއިރު ކަސްރަތުކޮށް ނިމުނުއިރު އެރީތި ހަށިގަނޑުވަނީ ދަލުން ފެންވެރިފައެވެ. ހަށިގަނޑުގެ މަސްތައް ވަރުގަދަވެ ކަސްރަތީވަމުންދާއިރު ސާރާއަށް ހުރެވެނީ އާޝޯޚުވެފައި ބަލާށެވެ. އެކަމުން ނިމިގެން ފެންވަރާލުމަށްފަހު ސާރާ ކާންދާން އެދުނެވެ. އައްމާރު ހުރީ ކާކަހަލަ މޫޑެއްގައެއްވެސް ނޫނެވެ.
"ކޮންމެ ގަޑިއެއްގައި އެހާވަރުން ނުކެޔަސް އަހަންނަށް ފުދިދާނެ، ބޭބީ ތިހާ ކެއަރ ކުރާތީ ހަމަ ހައިރާންވެއްޖެ، ދުވަހަކު މިވީހާތަނަށް ތިހާ ލޯބިން އެއްވެސް މީހަކު އުޅުނީއެއްނޫން، ކެއިތޯ ބަލާލާނެ މީހެއްވެސް ނުހުރޭ، އެހެންވެ ކާގަޑިއަކަށް ސަމާލުކަމެއް ނުދެވޭ......" އައްމާރުގެ ވާހަކައިން ސާރާއަށް ކޮންމެވެސް އެއްޗެއް ދޭހަވެއްޖެއެވެ. އެޢާއިލާތެރޭގައި ގާތްތިމާގެ ކަމުގެ ގުޅުން ކުޑަވެފައިވާވަރު އެނގި އައްމާރުގެ މާޒީއާއިމެދު ފުންކޮށް ވިސްނާލަން މަޖުބޫރުކުރުވިއެވެ. އައްމާރުދެކެ އެއްވެސް މީހަކު ލޯބިނުވަނީހެއްޔެވެ؟ މަންމަވެސް އެއުޅޭގޮތުން އައްމާރުއާއި އަޅާލާހެން ހިޔެއްނުވެއެވެ. އައްމާރު އެހެރީ ހާދަ ގިނަ ވޭނާއި ހިތާމަ ހިތުގައި ފޮރުވައިގެންނެވެ. އަމިއްލަ ނަފުސަށް ނުލިބުނު ލޯތްބާއި އޯގާތެރިކަން އަމިއްލަ އަންހެނުންނާއި ދަރިންނަށް ދޭން އޭނަ ބޭނުންވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅެވެ.
އައްމާރު އާއި ސާރާ ވާހަކަދައްކަން ތިއްބާ ނަބީލާ އައިސް ކާން އަންނާށޭ ބުނުމުން ސާރާ ލަދުގަންނަގޮތްވިއެވެ. ޖިދާން އުޅޭތީ އޭނަ ހަތަރުދަން ހޭދަކުރީ ކޮޓަރީގައެވެ. ކޮންމެގޮތެއްވިޔަސް ނަބީލާ ކައްކާފައި ކާން ގޮވާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. މައިދައިތައަށް މިވަރެއްގެ ބަދަލެއް އައީ ކީއްވެހެއްޔެވެ؟ ނުކުތްއިރު މޭޒުމަތީގައި ނޫޑުލްސްއާއި ކޯކް ފުޅިއެއް ބަހައްޓާފައި ހުއްޓެވެ.
"ޖިމް މީހަކާއި އިނީމަ އެހެންވެ ޢާއިލާ މީހުންނަށް އެ އަންހެންކުއްޖާގެ ގޭގައި ކުޑަ ކެއުމެއްދިނީ، އަހަންނަށްވެސް ނުދެވުނީމަ މިގެއަށް ވާވަރަށް ފޮނުވާފައި މިހިރީ. އެކަމަކު އެމަންޖެ ބޭނުންވަނީ މިގޭގައި ހުންނާށޯ، އައްމާރުމެންގެ ކޮޓަރި ޖިމްއަށް ދީފައި ޖިމް އުޅޭ ކޮޓަރިއަށް އައްމާރު ބަދަލުވާންވީނު. ޖިމްގެ ކޮޓަރީގައި މިހާރު ޒަކާމެން އެއުޅެނީ، ދެން ޒަކާމެން އުޅުނު ކޮޓަރީގެ ފާޚާނާ ބޭރުގައި ހުރީމަ ޖިމްއަކަށްވެގެން އެތާ އުޅޭކަށް ފަސޭހައެއް ނުވާނެއޯ ބުނީ........" ނަބީލާގެ ޖުމްލައިން އައްމާރުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ސާރާއަށް ފެނުނެވެ.
އައްމާރު އެއްޗެކޭ ބުނަން އުޅެނިކޮށް ކޮންމެވެސް ދޮރުގައި ޓަކިދޭންފެށިއެވެ. ނަބީލާ ގޮސް ދޮރުހުޅުވާލުމާއިއެކު ސާރާގެ ހިތަށް ބިރުވެރިކަން ވަދެ ގައިން ހީބިހި ހަލުވާލައިފިއެވެ.