ނީޒާއާއި ސާރާ ފިހާރައަށް ވަދެފައި ނުކުމެގެން ހިނގައިގަތްތަނާ ފެނުނު މަންޒަރަކުން ސާރާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. އައްމާރުގެ ހިޔަނިންވެސް ފާހަގަކުރެވޭނެހާ ބޮޑަށް ސާރާވަނީ އައްމާރު ދަސްކޮށްފައެވެ. އަތްދިގު ޓީޝާޓަކާއި މުށިކުލައިގެ ޖިންސެއްލައިގެން އަންހެންކުއްޖެއްގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ކުރިއަށް ދިޔައިރު ދެމީހުންވެސް ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. އެދެމީހުންގެ ގާތްކަމާއި އުޅުނުލެއް ލޯބިކަމުން ސާރާ ފެންކަޅިވާގޮތްވިއެވެ.

"އެއޮތް އުޅެނީ ވާރޭވެހެން. ރޭގަނޑަށް ކޮންމެ ރެއަކު ވާރޭ އެބަވެހޭ ދޯ، ހައު ރޮމެންޓިކް...."ކާއިއާ އައްމާރުގެ އަތުގައި ހިފަހައްޓައިގެން ހުރި ގޮތަކުން ހީވަނީ މީހަކު ޖަހައިގަނެގެން ގޮސްދާނެތީ ބިރުން އުޅޭހެންނެވެ.

"ޔާ ބޭބީ......"އައްމާރުވެސް ކާއިއާ ގަޔާއި ލައްކޮށްލިތަން ފެނިފައި ދުރުބަލައިލެވުނީ ހިތަށް ކުޅަދާނަނުވެގެންނެވެ. ސާރާ ނީޒާގެ އަތުގައި ހިފައިގެން އެންމެ ކުރިން ޖެހުނު ފިހާރައިގެ ތެރެއަށް ވަނުމުން ނީޒާ ދެލޯ ބޮޑުކޮށްލިއެވެ.

"ފަރުނީޗަރުތައް އާކުރަންތަ މިތަނަށް މިވަނީ؟ "ނީޒާ ހުރީ ސާރާގެ ހަރަކާތްހުރިގޮތުން އަޖައިބުވެފައެވެ. އޭނައަކަށް އައްމާރުއާއި ކާއިއާ ފަހަތުން ފެނުމުން ވަކިކުރާކަށް ނޭގުނެވެ. އެހެންނޫންނަމަ އޭނައަށްވެސް އެއްޗެއް ވިސްނުނީހެވެ.

"ވާރޭވެހެން އުޅޭތީ....." ސާރާ ގަދަކަމުން ކަރުނަތައް ދިރުވާލާފައި ހީލިއެވެ.

"އަދި ވެހޭކަށް ނުފަށައެއްނު، ހިނގާ އެހެރަ ބުކްޝޮޕަށް ވަންނަން، އޭރުން ވާރޭބޯކޮށްލިޔަސް ކުރާނެ ކަމެއް ފެންނާނެ. ހުރިހާ ވާހަކަތަކެއްގެ ޚުލާސާ ކިޔިދާނެ. މި ތަނުގައި ތިބެގެން މި އަގުބޮޑު އަރާމު އެއްޗެއްސަށް ބެލިޔަސް އަހަރެމެންނަށް މި ލިބޭނެ ގޮތެއްނެތް. ލަކީ ކޫޕަނެއް ލައްވައިގެން ނޫންގޮތަކަށް މީގެ ސޯފާއެއްގައިވެސް ނީށީދެވޭނެ......." ސާރާގެ އަތުގައި ހިފާ ދަމައިގަންނަމުން ނީޒާ އެފިހާރައިން ނުކުތެވެ. ސާރާ ބިރުންހުރެ ބަލައިލިއިރު އައްމާރު އާއި ކާއިއާގެ ހިލަމެއްނުވިއެވެ. އެދެމީހުން ލޯމަތިން އަދި ގެއްލުނުކަމުގައި ވިޔަސް އެދިޔައީ އޭނަގެ ހިތުގެ ހަމަޖެހުން ހިފައިގެންނެވެ. ހިތަށް އެތައް އަސަރުތަކެއްކުރުވާ ރޮއްވާލާފައެވެ. ހިތާހިތުން ރޮމުން ދިޔަސް އަމިއްލަ ނަފުސަށްވެސް އެކަން ސިއްރުކުރަން އޭނަ މަސައްކަތްކުރިއެވެ. ގެއަށްގޮސްވެސް ކުރަންވާ ކަންތައް ކޮށް ނިންމާފައި އެނދުގައި ހަމަޖެހިލާފައި ބޮކީގެ އަލި ފަނޑުކޮށްލައިފިއެވެ. އަދި އައްމާރުއާއި އޭނަގެ ފޮޓޯ ފްރޭމެއް ނަގާ މޭގައި ޖައްސާލިގޮތަށް މޮޅިވެރިގޮތަކަށް އޮށޯވެލައިގެން އޮތްއިރު އެތައް އެއްޗެއް ހިތަށް އަރާ ފޭބިއެވެ.

ކިޔަން ބެލްކަނީގައި ހުއްޓާ ބޯކޮށް ވާރޭވެހިގަތްތަން ފެނުނެވެ. އޭރު އެގާރަޖަހާ ބޮޑުވެއްޖެއެވެ. އިންތިޒާރުގެ ގަޑިތައް ގުނަގުނާ އިނދެ މާ ލަސްވާންފެށުމުން މިރޭ އައްމާރުއާއި ކާއިއާ އެހެން ތަނަކަށް ނިދަން ދިޔައީބާވައޭވެސް ހިތަށް އެރިއެވެ. ކާއިއާގެ ފޯނަށް ގުޅިއިރު ފޯނު ނިވާލާފައި އޮތުމުން މާ ކަންތައްބޮޑުވިއެވެ. ޖެހި ބާރު ގުގުރިއާއިއެކު ސިހިފައި އެތެރެއަށް ވަންނަން އެނބުރިލިތަނާ ލޮލުގެ ހިމަކޮޅުން ހަރަކާތެއްފެނުނުހެން ހީވެގެން ބަލައިލިއިރު އައްމާރުއާއި ކާއިއާ އަތުގައި ހިފައިގެން ދުވެފައި އަންނަތަން ފެނުނެވެ. ވާރެއިން ސަލާމަތްވާން ދުވަމުންގޮސް ފެންޑާއާއި އަރާ ހަމަވީއިރު ކިޔަން ގެ ފިޔަވަޅުތައް އަވަސްކޮށްލައިފިއެވެ. އޭރު ބޯވަމުންދާ ވާރެއާއި އެއްވަރަށް އޭނަގެ ހިތްވެސް ތެޅެމުން ދިޔައެވެ. އެހާ ފިނިވެ ހިތުގެ ހިނގުންވެސް މުޅިން ތަފާތެވެ. ނެތް ހިތްވަރުލާފައި މިރޭ އެވާހަކަ އައްމާރުމެންނަށް އިއްވުންވަނީ އޭނައަށް މަޖުބޫރުވެފައެވެ.

ކިޔަން ވާރޭކޯޓު ގަޔަށް މަހާލުމަށްފަހު އަވަސްފިޔަވަޅުތަކެއްގައިގޮސް ނަބީލާވިލާގެ މައިދޮރާށްޓާއި އަރާހަމަވީއިރު އަދި ފަސްމިނިޓްވެސް ނުވާނެއެވެ. ގޮބުގައި ހިފާލިއިރު ހުޅުވާފައި ހުރުމުން ފެނުނު ލަދުވެތި މަންޒަރުން ދެލޯ މަރާލަން ޖެހުނެވެ. އައްމާރު ސޯފާގައި ދިގުދެމިލައިގެން އޮތްއިރު ކާއިއާ އިނީ އޭނަގެ މޭމައްޗަށް އަރައެވެ.

"ކައި........" ކިޔަންގެ އަޑު ވާރޭގެ ތެރޭގައި ގުގުމައިގެން ދިޔަލެއް ބާރުކަމުން ސިހިފައި ކާއިއާ ފުންމައިގެން ތެދުވުނުގޮތަށް ސިލްކް ގަމީހުގެ ގޮށްތައް އަޅުވަންފެށިއެވެ. އޭރު އެރީތި ދެލޮލުން ފެންނަނީ ބިރުވެރިކަމެވެ. އޭނަގެ ދޮންބެ އެގޮތަށް ރުޅިއައިސްގެން ބާރަށް ހަޅޭއްލަވައިގަންނަންވީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟ ކުށްވެރިވަނީ ކާކުހެއްޔެވެ؟ އެދެމީހުންގެ އަމިއްލަ ގެއަކަށްވަދެ ކިޔަން އެގޮތަށް އަޑުގަދަކޮށްގެން ނުވާނެއެވެ. މިއީ ޕަބްލިކް ތަނެއްނޫނެވެ. ގެއަށްވަން ގޮތަށް ދޮރު ތަޅުލާކަށްވެސް ދެމީހުންކުރެ މީހަކު ހަނދާނެއްނުވީއެވެ. ވާރޭގެ ސަބަބުން ދެމީހުންގެ ޚިޔާލުގައިވެސް ވީ މުޅިން އެހެން ކަމެކެވެ. ރޭގަނޑު މިފަދަ ގަޑިއެއްގައި ދަޢުވަތު ނުދެނީސް މީހަކު އައިސްދާނެކަމަކަށް ހިޔެއްނުކުރެއެވެ.

ކާއިއާއަށް ލިބުނު ސިހުން ފިލާ ދިޔުމުން ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ ކިޔަންއާއި ނުރުހި ހުރެއެވެ. ދޮންބެއެއް ކަމަކު އެގޮތަށް ހުއްދަނެތި ވަންނާކަށް ނުޖެހޭނެއެވެ. ދޮންބެ ހަމަޖެހޭ މީހެއްނަމަ ދެމަފިރިން އެކަނި އުޅޭތަނަކަށް އެގޮތަށް އައިސް ވަދެނުގަތީހެވެ. ހިތާހިތުން ކުދިކިޔަމުންގޮސް އޭނަ ކޮޓަރިއަށްވަދެ ތެމިފައިވާ އިސްތަށިގަނޑު ހިއްކަންފެށިއެވެ. އޭރުވެސް ވާރޭވެހޭލެއް ބޯކަމުން ބޭރުން ދެކެވޭ ވާހަކަތަކެއް އޮޅުން ފިލާވަރެއްނުވިއެވެ.

"ކިޔަން، މޮޔަވީތަ؟ ކިހިނެއްވެގެން ތިއުޅެނީ؟ ޖެހޭތަ ތިގޮތަށް ދަންވަރު ސިއްރުސިއްރުން ވަދެގަންނާކަށް....." އައްމާރު އޭރުވެސް އޮތީ ތެދުވާހިތް ނުވެފައި އެތާއޮތް ކުޝަން މޭމަތީގައި ބާއްވައިގެންނެވެ. އޮރެންޖް ޗާންދަލިޔާގެ އަލި މޫނަށް އެޅިފައިވާއިރު ޓޭންކުލައެއް އަރާފައިވެއެވެ. އައްމާރުގެ މޫނަށް ބަލާފައި އެއްޗެކޭ ބުނަން އުޅެފައިވެސް އޭނަ އުދަގޫވެގެން ހުއްޓައިލިއެވެ. އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިލަމުން ބޭރަށް ބަލަންފެށިއެވެ. އޭރު އޭނަ ލައިގެން ހުރި ވާރޭކޯޓުން ތިކިތަޅަމުންގޮސް މާބްލްމަތީގައި ކޮންމެވެސް ވަރަކަށް ފެން ހެދިއްޖެއެވެ.

"އިމީ. އައި ނީޑް ޓު ޓޯކް ޓު ޔޫ........" ކިޔަން ކުޑަކޮށް އެނބުރިލިއިރު އައްމާރުވެސް ތެދުވަނީއެވެ.

"މިއީ ވާހަކަދައްކަން މީހުން އަންނަ ކަހަލަ ގަޑިއެއްވެސް ނޫނެއްނު، އެހެރީ ގަޑިން ބާރަ ޖަހާ ބޮޑުވެފައި، އިމަޖެންސީއެއް ވިޔަސް ގުޅާފައިވެސް ބުނެވިދާނެ. ކޮންމެހެން އަންނަން ޖެހިއްޖެއްޔާވެސް ބެލް ހުރީ ކަމަކު. ހުއްދަނުހޯދާ ބެޑްރޫމަކަށް ވަނުމެކޭ ތަފާތެއް އެބަހުރިތަ؟ ސޯ ޑިސްގަސްޓިން...." އައްމާރު ރުޅިއައިކަމުގައި ވިޔަސް އޭނަ ވާހަކަދެއްކީ އާދައިގެ މަތިން މަޑުމައިތިރިކޮށެވެ.

ކިޔަންއަށްވެސް އައްމާރު ދެއްކީ ރަގަޅުވާހަކަތަކެއް ކަމާއި އޭނަ އެކުރިކަންތައް ދިފާޢުކޮށްފައި އަނގަ ހުޅުވާނުލެވޭނެކަން އެނގުނެވެ. އައްމާރުއާއި ކާއިއާއަކީ ދެބެންކަން އެނގުނަސް އަދި އެއީ ގޯހެއްހަދަން އޮތް ހުއްޖަތެއް ނޫނެވެ. އޭނަ ކުރީ ކުށެކެވެ.

"އިމީ، އައިމް ސޮރީ ބޯ ގޮވާފައި ހުރިވަރުން ހަނދާނެއްނެތް ޔޫ އެންޑް ކައިގެ އަސްލު ރިލޭޝަންއަކީ ކޮބާކަމެއް. ސޮރީ. އިމީ އެއީ އޭ މިދައްކަން އައި ވާހަކައަކީ. ކައިއަކީ އިމީގެ ވައިފަކަށްވާނެ އެއްވެސް ގޮތެއްނެތް. ހަގީގަތް އެނގުމަށްފަހު މިކައިވެނި ވަނީ ރޫޅިފައި، އެއީ އަސްލު ބައްޕަ ބުނުއްވި އެއްޗަކީ......." ކިޔަން މާފަށް އެދެމުން ވާހަކަދައްކަން ފެށިއެވެ. އެދެއްކި ވާހަކަ އައްމާރުއަށް އަޑުއިވުނީ މާނައެއްނެތް މޮޔަ ވާހަކަތައް ކަމުގައެވެ. އޭނަ ވަރިނުކުރަނީސް ކާއިއާ ވަރިވާނީ ކިހިނެއްހެއްޔެވެ؟ އެއާއިލާއިން ކިތަންމެ ނުރުހުނު ކަމުގައިވިޔަސް އެދެމީހުންނަނީ ގާނޫނީގޮތުން ދެމަފިރިންނެވެ.

"ތަންކޮޅެއް ހޭޖެހޭ ކަހަލަ ވާހަކައެއް ދައްކަބަލަ....." އައްމާރު ދެންވެސް ޚިޔާރުކުރީ މަޑުމައިތިރިކަމެވެ. އައްމާރުއަކީ ކިޔަން އަބަދުވެސް ދެކޭގޮތުން ކޫލް މީހެކެވެ. އެފަދަ ޒުވާނަކަށް މިފަދަ ޚަބަރެއް ދިނުން ހީކުރިހާ އުދަގޫކަމަކަށް ނުވެ ހިގައިދާނެއެވެ.

"އިމީ. އަޑުއަހާފާނަންތަ މިކިޔާދޭ ވާހަކަ، ހީވެދާނެ މިއީ ފެއަރީޓޭލްއެކޭ، އެކަމަކު މިއީ ބިޓަރ ޓްރުތު......." ކިޔަން އޭނަގެ އާއިލާގެ އަނދިރި ސިއްރުތައް ހާމަކުރަމުންގޮސް ކާއިއާއަށް ނެގުނު ސެލްފީއަކަށް ބަލާފައި އޭނަ އައްމާރުގެ ޑީއެންއޭ ޓެސްޓް ހެދި ވާހަކައާއި ޓެސްތްގެ ނަތީޖާ ހިނގައިގެންގޮސް މަންމަމެންނަށް ހާމަކުރުމުން ލިބުނު ޝޮކް ކިޔާދިނުމަށްފަހު އެ ރިޕޯޓްވެސް ދިއްކޮށްލިއެވެ. އައްމާރު ހިމޭން ސްތެޗޫއެއްހެން އެހުރިހާ ވާހަކަ އަޑުއަހަން ހުއްޓެވެ.

"އިޒް ދިސް ސަމް ކައިންޑް އޮފް އެ ސިކް ޖޯކް........" އައްމާރު ފޫހިކަމާއިއެކު އަތުގައި އޮތް ކަރުދާސްގަނޑު އެއްފަރާތަކަށް އެއްލާލިގޮތުން އޭނަ އެއިން އެއްވެސް ވާހަކައެއް ގަބޫލުނުކުރާކަން އެނގުނެވެ.

"ލިސެން........." ކިޔަން އެއްޗެކޭ ބުނަން އުޅުނެވެ.

"ވާހަކަތައް އުފަންނުކޮށް ރީއްޗަށް ބުނެބަލަ ތިމަންނަމެން ބޭނުމެއްނޫނޭ މިގޭގައި އުޅޭކަށް. އަހަރެން ގޮސްދާނަމޭ. ކިޔަންމެންގެ ޕޭރެންޓުން އަހަންނާއި ދޭތެރޭ ދެކޭގޮތް މާ ރީއްޗަށްވެސް ސާފުވެފައި ހުރީ. އަހަންނަށް އެނގޭ، އަހަރެންގެ އަސްލު ފެމިލީއަކީ ކޮބާކަން ނޭގުނީމަ މިހާރު ޕްރިޓެންޑްކުރަންފެށީ. ސޮރީ، އަހަރެން ނެތިން ތި ވާހަކައިގެ އެންމެ ޖުމްލައެއްވެސް ގަބޫލުކުރާކަށް............" އައްމާރު ވަގުތުން ދެކޮޅުހެދިއެވެ.

"އޯކޭ އިމީ، އެނގޭ އެހާ ފަސޭހައިން ސިކުނޑިއަށް ވެއްދޭނެ ކަމެއް ނޫންކަން. ކަންތައް ވެފައި ހުރިގޮތުން. އެންޑް ސިސްއެއްދެކެ އެފަދަ ލޯތްބެއްވާނެކަމަށް ގަބޫލުކުރާނީ ކާކު؟ އިމީ، ބަޓް ޓެސްޓާއި އެއްޗެހިން ހެކި ދެއްކީމަ ހޯޕްކުރަން ކައިއާއިމެދު ދެން ދެކޭނެގޮތް ތަފާތުވާނެކަމަށް. އައި ސްވިއަރ މި ޓެސްޓަކީ ޖެނުއިން އެއްޗެއް. މީގެ ވޭލިޑިޓީއާއި ބެހޭގޮތުން އެއްވެސް ޝައްކެއްވާނަމަ އިމީ އަމިއްލައަށް ޓެސްޓްކުރުވާ. ޕެޓާނިޓީ ޓެސްޓް ހަދަން މަޖުބޫރުނުވާނެ އެއްވެސް ގޮތެއްނެތް، ކައިއަކީ އަހަރެންގެ ސިސްއަށް ވީފަދައިން އިމީގެވެސް އެއްބަނޑު އެއްބަފާ ކޮއްކޮ. ހުރިހާކަމެއް އެނގިހުރެ އެފަދަ ނަޒަރަކުން ކައިއަށް ބެލިގެންވެސް ނުވާނެ. އެފަދަ ފާފައެއް ކުރަން އިމީވެސް ބޭނުމެއްނުވާނެ.................." ކިޔަންގެ ވާހަކަތަކުން އައްމާރުގެ ހިތަށް ވަމުން ދިޔައީ ނުބައި ގޮތެކެވެ.

"ދެން ހުއްޓާލާ...." އައްމާރުގެ ސިކުނޑީގެ ތެރެއިން އެތައްބަޔަކު އެއްފަހަރާ ހަޅޭއްލަވާހެން ހީވިއެވެ.

"އިމީ، ޓްރުތުން ފިލަން ދުވުމުގެ ބަދަލުގައި ހަގީގަތާއި ކުރިމަތިލާ ފިރިހެނެއް ފަދައިން. ގޮސް މަންމަމެންނާއި މީޓްކޮށްފަ........." ކިޔަންގެ ވާހަކަތައް އައްމާރު ހުއްޓުވާލީ އިނގިލި އުފުލާލަމުންނެވެ.

"އިނަފް. ދެން އެއްވެސް އެއްޗެކޭ ބުނާއަޑު އަހާކަށް ބޭނުމެއްނޫނޭ. ބުނަން އައި ވާހަކަ ބުނެވިއްޖެ. އެކަމަކު އަހަރެންގެ ނެތް އެއްވެސް ކަހަލަ އިންޓެންޝަނެއް ކިޔަންގެ ޕޭރެންޓުންނާއި ބައްދަލުކުރާކަށް. ގޮސް ބުނެދީ ތޭންކްސް އޭ......" އައްމާރުގެ ހިތަށް ކުރި އަސަރުތަކާއިއެކު އެވަގުތު ހިތަށް އައީ އެންމެ އެއްޗެކެވެ. އޭނަ އެއްލައިލި މައިންބަފައިންނަށް ޝުކުރިއްޔާ ބުނުމުން އެއީ ކުރެވުނު މަލާމާތެއްވެސް މެއެވެ. ކިޔަންވެސް ހުރީ ފެންކަޅިވެފައެވެ. ދެބެން އެކަކު އަނެކަކަށް ބަލައިލިއިރު ދެމީހުންގެ ލޮލުގައި ތެތްކަމެއްވިއެވެ. ކިޔަން އިތުރު އެއްޗެކޭ ބުނުމެއްނެތި އެ ރިޕޯޓްހިފައިގެން ނުކުމެގެން ދާން ހިނގައިގަތް ވަގުތު ފެނަށް އަރާފައި ކުޑަކޮށް ކައްސާލުމުން އައްމާރުއަށް ހިފާލެވުނެވެ. ކިޔަން ކުޑަކޮށް ހިނިތުންވެލުމުން އައްމާރު އެއަތުން ދޫކޮށްލައިފިއެވެ. އަދި އައްމާރު ބާރަކަށް ދޮރު ލައްޕާލިގޮތުން ފާރުތައްވެސް ގުގުމައިގެން ދިޔައެވެއެވެ. ބާރަށް ދޮރު ޖެހުމަކީވެސް އޭނަގެ އާދައެއްނޫނެވެ. ނަމަވެސް އެ ޚަބަރު އިވުމަށްފަހު އޭނައަށްވެފައިވާ ގޮތެއް އޭނައަކަށްވެސް ނޭގުނެވެ.

ކިޔަންގެ ވާހަކަތައް ވިރުވާފައިވާ ދޮންދަގަނޑު ކަންފަތަށް އެޅުންފަދަ ވިއެވެ. ދުނިޔެ ކުނޑިކުނޑިވެގެން ފައިބަންފެށިހެން ހީވިއެވެ. ހިތަށް ކުރި ފުން އަސަރާއިއެކު ފެންކަޅިވެފައި ހުރެ އެންމެ ކުރިން އެހީ ހޯދުނީ ސިގްރެޓަކުންނެވެ. އައްމާރު ފެންޑާއަށް ނުކުތްއިރުވެސް ވާރޭވެހެމުންދިޔައެވެ. ޖެހެމުންދާ ވައިރޯޅިތަކުގެ ބާރުކަމުން ހާމަޔަށްވާ ގަސްތައް މުލުން ލުހިގެން ފައިބަފާނެހެން ހީވިއެވެ. އެވަރުގެ ތޫފާނެއް އޭނަގެ ސިކުނޑީގައި އުފެދި ހިނދެއް ހިނދެއް ބާރުވަމުން ދަނީއެވެ. އައްމާރު ތަނބަށް ލެނގިލައިގެން ހުރެ ސިގްރެޓަށްފަހު ސިގްރެޓެއް ހުލިކުރިއެވެ.

އެއީ ހަމަތެދެއްހެއްޔެވެ؟ ކިޔަން އެދެއްކީ ތެދުވާހަކައެއް ހެއްޔެވެ؟ އޭނަގެ އަންހެނުންނަކީ އޭނަގެ ކޮއްކޮކަމަށް ވަންޏާ އޭނައަށް އަލުން އެއިން އެކަކާވެސް ކުރިމަތިލާނެ ހިތްވަރެއް ނުހުންނާނެއެވެ.

ރަގަޅަށް އެވާހަކަތަކާއިމެދު ވިސްނަން ފެށުމުން ނަބީލާމެން އޭނައާއިމެދު ކަންތައްކުރިގޮތް ހަނދާންވާންފެށިއެވެ. ކުޑައިރުއްސުރެން ލިބުނު އަނިޔާތަކެވެ. އަމިއްލަ މަންމައަކު އެހާ އިހާނެތިކޮށް ކަންތައްކޮށްފާނެކަމަކަށް އޭރުވެސް އޭނަނުދެކެއެވެ. އަބަދުވެސް އޭނަގެ ޟަމީރު އޭނައާއި ސުވާލުކުރިއެވެ. އެއީ ހަމަ އޭނަގެ މަންމަހެއްޔެވެ؟ އުފަންދަރިއަކާއިމެދު އެހާ ނިކަމެތިކޮށް މަންމައަކު ހަދަންޏާ ޝައްކުވެސްކުރެވޭނެއެވެ.

ފައިސަލްގެ ހަނދާނެއްވެސް އޭނައާވިއެވެ. އޭރު އޭނަގެ އުމުރުން އެންމެ ސޯޅައަހަރެވެ. ހުންނަނީ ނިކަން ހިކޮށެވެ. ގިނަފަހަރު ހުންނަނީ ނުކައި ބަނޑަށެވެ. އެހާލުގައި ހުންނައިރުވެސް އެއްވެސް މީހެއްގެ ކައިރިން ދުވަހަކުވެސް ކަމަކަށް ނޭދެއެވެ. އެދުވަސްކޮޅު މާމަ ވަރަށް ބޮޑަށް ބަލިވެގެން އޮޕަރޭޝަނެއްކުރަން ޖެހުނެވެ. ފައިސާ ނެތިގެން އެކަން ނުވެގެން މާމަ ވޭނުގައި އުޅޭތަން ފެނުމުން އައްމާރު ގެއިން ނުކުތީ ފައިސާ ހޯދުމުގެ އަޒުމުގައެވެ. މީހުންނަށް އެކި މަސައްކަތްކޮށްދީގެން މާ ބޮޑު އެއްޗެއް ލިބުނުކަމަކަށް ނުވިއެވެ. މާޔޫސްކަމާއިއެކު ހިނގަމުން ދަނިކޮށް ވަރަށް ރީތިކޮށް ހަދާފައިވާ ގެއެއް ފެނުމުން ގަސްތުކުރީ މާމައަށްޓަކާ ފުރަތަމަ ފަހަރަށް މީހެއްގެ ކައިރިއަށް ސަލާމް ޖަހަން ދިޔުމަށެވެ. އެގެއަށް ވަދެފައި ގޭގެ ހައިބަތު ބޮޑުކަމުން އޭނައަށް އަސަރުކުރިއެވެ. ކޮންމެ އެއްޗަކުން ހާމަކޮށްދިނީ މުއްސަދިކަމެވެ. ސްމާޓް ރީތި ފިރިހެނަކު ނުކުމެފައި އައްމާރުއަށް ބަލައިލީ ރުންކުރުވެފައިވާ ކަހަލަ ގޮތަކަށެވެ. އައްމާރު އޭނަގެ ބޭނުން ހާމަކުރުމުން މޫނުމަތީގައި އެތިފަހަރެއް ޖަހާފައި އޭނަ ކޮށްޕާލުމުން ބާރެއްނެތި ވެއްޓުނެވެ.

"ނުކުމޭ ހަމަ މިހާރު ނުކުމޭ......" އެމީހާ އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި އައްމާރު ގެއިން ބޭރަށް ލިއެވެ.

އެއީ ފައިސަލްއެވެ. ނަބީލާވިލާގައި ފައިސަލް އެހާ ކައިރިން ފެނި އޭނަގެ ގަމީހުގެ ކަރުވަޅުގައި ހިފާ ދަމައިގަތްދުވަހު އޭނަ އެހާދިސާގެ މަތިން ހަނދާންވިއެވެ. އެއީ ދުރުހިލޭމީހެއްނޫނެވެ. ނަހަލާލުގޮތުގައި އޭނަ ދުނިޔެއަށް ގެނައި ބައްޕައެވެ. ލޯބީގެ ނަމުގައި ފާފަކޮށްފައި ހުރިހާ ދެރައެއް ލިބުނީ ކުށެއްނެތް މައުސޫމް ދަރިފުޅަށެވެ. އެވަރުންވެސް ފުދުނީއެއްނޫނެވެ. ލޯތްބާއި ހަމްދަރުދީގެ ކުނޑިފަށެއްނެތް ބަޔެއްގެ ތެރެއަށް އޭނަ އެއްލާލާފައި އެމީހުން އަމިއްލަ ދުނިޔޭގައި އުފާކުރީއެވެ. އޭނަގެ މުޅި އިމުރު ވޭތުވެގެން ދިޔައީ ނަރަކައެއްފަދަ ތަނެއްގައެވެ. ޔަގީނުންވެސް އޭނައަށް އޭނަގެ މާޒީ ސިފަކުރެވުނީ ދުނިޔެމަތީގެ ނަރަކައިގާ އުޅުންފަދަ ގޮތެއްގައެވެ.

މިއަދު އެވާހަކަ އަންގައިގެން ކިޔަން އޭނަގެ ބާކީއޮތް އުފާކޮޅުވެސް ނެތިކޮށްލައިފިއެވެ. އޭނައަކީ ނަހަލާލު ބޭނުންނެތި ލިބުނުކުއްޖެއްކަން އަންގައިފިއެވެ. އަންހެނުންނަކީ ކޮއްކޮކަން ބުނެދީފިއެވެ. އެހާވަރުގެ ސުންޕާ ބިރުވެރި ޚަބަރެއް އެހެން އިންސާނަކަށް ދެވިދާނެހެއްޔެވެ؟ އޭނަގެ ހިތާއި ފުރާނައަށް އެކަމުގެ ސަބަބުން ލިބުނު ވޭނާއި ކެކުޅުން އެހެން ފަރާތަކަށް ބަޔާންކޮށެއްނުދެވޭނެއެވެ. ހިތަކީ ނެތް އެއްޗެއް ކަމުގައިވެއްޖެއެވެ. މިވަގުތު އޭނަގެ އެންމެ ބޮޑު އުފަލަކީ މަރުވުމެވެ. އެހެން އިންސާނަކަށް ނުފެނި އޭނަ ގެންދަވާނެނަމައެވެ. އިތުރު މީހަކާއި ކުރިމަތިލާނެ ހިތްވަރެއްވެސް ނެތެވެ. ނަސީބެކެވެ. އޭނަގެ ލޯބިވާ ސާރާ ދުރުކޮށްލެވުނީ ހަމަ ރަގަޅަށެވެ. އޭނަފަދަ މީހަކާއި އެކުއްޖާ އެކަށީގެނެއް ނުވެއެވެ.

އެއް ތޫފާނަކުން އަރައިނުގެނެވެނީސް އަނެއް ތޫފާން ބޯމައްޗަށް ބިންދާލުމުން ސަލާމަތްވާން ދުވާނީ ކޮންތާކަށް ހެއްޔެވެ؟ ބަލައިލާ ކޮންމެ ދިމާލަކުން ފެންނަނީ މަރުގެ ވަކިތަކެވެ. ހިމާޔަތް ދޭނެ އިންސާނެއް ނެތެވެ. މަޑުމަޑުން ތިރިވިގޮތަށް ތަބުގެ ބުޑުގައި އިށީދެވިއްޖެއެވެ.

"ހަނީ.....ކީއްކުރަނީ؟ ދޮންބެ ދިޔައީތަ؟ " ކާއިއާ ނުކުމެގެން އައީ އައްމާރުގެ ކޮޓްން ގަމީހެއްލައިގެންނެވެ. ފައިގެ ފަލަމަސްގަނޑު ކިރިޔާ ފޮރުވެނީއެވެ. ކާއިއާ އައިގޮތަށް އޭނަގެ އުނގުތެރެއަށް ވަންނަން އުޅުމުން އައްމާރު އޯގާތެރިކަމާއިއެކު ކާއިއާ ދުރަށް ޖައްސައިލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

"ކައި. ބުނަން ވާހަކައެއް. އަހަރެންގެ ނެތް މޫޑެއް. ދުރުގައި ހުރޭ......އޯކޭ؟ " އައްމާރުގެ ހަރުކަށިކަމުން ޖެހިލުންވެފައި ކާއިއާ ހުއްޓިލީ ތަންކޮޅެއް ދުރުގައެވެ.

"ދޮންބެ ކީކޭ ކިޔައިގެން އުޅެނީ؟ ޕްލީޒް ބުނެބަލަ. ކައިއަށް އެނގެން ޖެހޭނެއްނު، ކޮންމެވެސް އެއްޗެކޭ ކިޔައިގެން ތްރެޓްކުރީ ދޯ. އިމީ ޖެހޭތަ އެމީހުން ކިޔާހާ އެއްޗެއް އަހާފައި މޫޑް އޮފްކުރަން........." ކާއިއާގެ ހިތަށް އަސަރުކުރިއެވެ.

"ކައި ގޮސް އަހާބަލަ އެފެމިލީއިން އަހަންނާއިމެދު އެކަނި ނިކަމެތިކޮށް ކަންތައްކުރަނީހެއްޔޭ، ނުވާ ކަމެއް އެބައޮތްތަ؟ ހިތަށް ނާރާ މިފަދަ ގޮތަކަށޭ އަހަރެމެންގެ ރިލޭޝަނަށްވާނީ. އެކަމަކު. ޕްލީޒް ދެން އިތުރަށް އަހަންނާއި ސުވާލުނުކޮށް ގޮސް ކައި އަމިއްލަ އާއިލާ މީހުންނާއި ވާހަކަދައްކާ. އަހަރެން މޮޔަނުކޮށް. ލީވް މީ އެލޯން......" އައްމާރު ހަޅޭއްލަވައިގަންނަމުން ކާއިއާގެ ގައިގާ ޖަހަން އަތްވެސް އުފުލައިލިއެވެ. ދުވަހަކުވެސް މީހެއްގެ ގައިގާ ޖަހަން އުފުލައިލަން ބޭނުންވި އަތެއް ނޫނެވެ. ނަމަވެސް އޭނައަށް ކޮށްފައިވާ އަސަރާއި އޭނަ ދެރަވެ ރުޅިއައިސްފައިވާ ވަރުން އޭނައަކީ އެހެން މީހެއްކަމުގައިވެސް ހީކުރެވުނެވެ.

ކާއިއާ ދެރަވެފައި ހުރިވަރުން ސޯފާއަށް އެރިގޮތަށް އަނެއްފަރާތަށް އެނބުރިގެން އޮވެ ގިސްލަގިސްލާފައި ރޯންފެށިއެވެ. ވެގެން އުޅޭގޮތެއް ނޭގުމުން ކާއިއާއަށް ނެގުނީ ނުބައި މާނައެކެވެ. ހީކުރެވުނީ ތަފާތުގޮތަކަށެވެ. އައްމާރު ހަމަ ސާރާދެކެ ލޯބިވަނީއެވެ. އޭނަދެކެ ލޯބިވާނަމަ އޭނަ މިހާ ދެރަކޮށެއް ނުލާނެއެވެ. ރޯތަންދެކެން ކުޅަދާނައެއް ނުވާނެއެވެ. އޭނަ މިފަހަކަށްއައިސް ބަދަލުވެފައިވަނީ އެކަނި އައްމާރުއަށްޓަކައެވެ. އައްމާރު ގެ ސަބަބުން ފުރިހަމަ އަންބަކަށްވާން ބޭނުންވިއެވެ. އޭނަ އެތައް ފޮތެއް ބަލައިގެން އުޅުން ދަސްކުރަން ފެށިއެވެ. ފިރިމީހާއަށް ކޮށްދޭން ޖެހޭ ހުރިހާ ޚިދުމަތެއް ދަސްކުރިއެވެ. ޒިންމާދާރުވުމަކީ ކޮބާކަން ދެނެގަތެވެ. ނުލާހިކު އުފާވެރި ހަޔާތެއްގެ އުއްމީދުގައި ހުއްޓާ އައްމާރުގެ މިޒާޖަށް މިއައީ ހިތަށް ނާރާ ބަދަލެކެވެ. މިހާ ފަރުވާކުޑަކޮށްލާފައި އައްމާރު އޭނައާއި ވާހަކަދެއްކުމުން ހާދަ ދެރަވެއްޖެއެވެ.

ޝުވޭކާރަށް ކިޔަންގެ ފަރާތުން އިވުނު ވާހަކަތަކުން ހިތް އިތުރަށް ޒަޚަމްވެ ހަށިގަނޑުން ފުރާނަ ނުކުމެގެންދާ ވަރުގެ ކަމަކަށެވެ. އައްމާރު މައިންބަފައިންނަށް ޝުކުރުއަދާކުރަން ކިޔަންގެ ކައިރިން އެދުނީ އެހިތުގައި ކިހާ ބޮޑަށް ނަފްރަތާއި ރުޅިވެރިކަން އަދި ޝަކުވާއޮތީމަހެއްޔެވެ؟ އައްމާރު އޭނަގެ ކާރުގައި ޖެހި އެކްސިޑެންޓްވީ ދުވަހުން ފެށިގެން އެޒުވާނާއަށްޓަކާ ހިތުގައި ޚާއްސަ މަގާމެއް ދެވުނީ ނޭގި ނަމަވެސް މައިވަންތަކަމުގެ އިހުސާސްތައް ހިތުގައި ހޭލައިގަތުމުންނެވެ. ނައީމާ އޭނައަށް އޮޅުވާލައިގެން ދަރިފުޅުކަމުގައި ޔަގީންކޮށްދީ އަކްސަމްގެ ފޮޓޯތައް ދެއްކުމުން އޭނައަށް އަސަރުނުކުރި ސަބަބަކީ އެއީއެވެ. މިހާރު އޭނަގެ ހަރުކަށިކަން ދިޔަތަނެއްވެސް ނޭގެއެވެ. މޮޅިވެރިކަމާއި ހިތްދަތިކަން އޭނަ ވަށާލާ ލޮލުން ކަރުނަ ހިލުވާނުލާ އިރެއް ނާދެއެވެ. ކިޔަން އޭނަގެ މަންމައަށް އެކިގޮތްގޮތަށް ވިސްނައިދޭ އަޅާލާއިރުވެސް އެހިތަކަށް ލިބުނު ތަސައްލީއެއްނެތެވެ. ކުށްވެރިކަމުގެ އިހުސާސްތައް އޭނަގެ ފުރާނައާއި ޖިސްމުވެސް ދިރުވާލަން އުޅޭހެން ހީވިއެވެ.

ޝުވޭކާރުއާއި ފައިސަލްއާއި ދެމީހުންގެ ދޭތެރޭގައި އޮންނަ ބީރައްޓެހިކަމުގެ ސަބަބުން ކެތްނުކުރެވިގެން ޝުވޭކާރު އެހެން ކޮޓަރިއަކަށް ބަދަލުވެ އެކަނި އުޅެން ނިންމިއެވެ. ދަރިފުޅަށްޓަކާ ހިތާމަކުރަން ފަސޭހަވާނީވެސް އެކަނި ވީމައެވެ. ފާޚާނާއިން ނުކުމެގެން އައިގޮތަށް ލޯގަނޑު ކައިރީގައި ހުރެ ބަލައިލުމުން ހީވީ އެހެން މީހެއް ފެނުނުހެންނެވެ. އިސްތަށިގަނޑުގައި ފުނާ ނާޅާ ހާވާލާފައި އޮތްއިރު އެއްދިމާލަކުން ނުރައިގެ އަސަރުވެސް ފެންނަން ހުއްޓެވެ. ލޮލުގެ ކައިރީގައި ކަޅުދާއިރާއެއް ހެދިއްޖެއެވެ. ތުންފަތުގައި ކުރިން އެހުންނަ އޮމާންކަމެއްނެތި ކުރަކިވެފައިވެއެވެ. އޭނަގެ ހިތާމަތައް އޭނަގެ އުމުރުން އެތައް ދުވަހެއް ކުރިއަށް ޖައްސާލައިފިއެވެ. މިހާރު މަންމަ ބަލި އެނދުގައި އޮތްއިރާއި އޭނަގެ މޫނު ވައްތަރުގޮތެއް ހުރިކަން ފާހަގަވިއެވެ.

ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނެވެ.

"ދޮރު ތަޅުލާފައެއް ނޫނޭ ހުރީ. ވަދޭ..." ޝުވޭކާރު ގައިގާ ވަރުނެތަސް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމުން އޭނަ އެނބުރި ބަލައިލިއެވެ.

ކޮމެންޓް 0