އައްމާރު ވީޗެޓުން ކާއިއާއާއި ވާހަކަދައްކަން ފެށިއިރު ސާރާވެސް ކައިރީގައި އިނެވެ. ކާއިއާ މިއަދުވެސް ލައިގެން އިނީ ވަރަށް ރީތި ކުރު ޓޮޕްކޮޅަކާއި ޓައިޓެކެވެ. ކަރުގައި ސްކާފެއް އޮޅާލާފައިވާއިރު ދޮންމޫނު ވިދާބަބުޅައެވެ. ޑައިމަންޑް ފޭޝަލް ހަދާފައި ބާވައެވެ. ކެމެރާއިން ފެންނައިރުވެސް ރީތިކަމުގެ މިސާލެއްނެތް ފަދައެވެ. ސާރާގެ ހިތުގައި އެހެން ކަހަލަ އަލިފާނެއް އަނދަންފެށިއެވެ. ހިތަށް ވިސްނާދޭން ކިތަންމެ ވަރަކަށް ވިސްނިޔަސް އޭނަގެ ހިތް ގަބޫލެއްނުކުރެއެވެ. ކާއިއާއާއި ދޭތެރޭގައި ރުޅިވެރިކަމާއި ހަސަދަވެރިކަން އުފެދުން ދުވަހަކަށްވުރެ ދުވަހެއް އިތުރުވިއެވެ.

"ކައި. ދެއަރސް ސަމްތިން އައި ހޭވް ޓު ޓެލް ޔޫ........." އައްމާރު އޭނައާއި ކައިރީގައި އިން ސާރާއަށް ބަލާލުމާއިއެކު ސާރާ މައުސޫމްގޮތަކަށް ހީލައިފިއެވެ. އައްމާރުއާއި އެކުއްޖާ ހީލިލެއް ގާތްކަމާއި ލޯބިކަން ފެނިފައި ސާރާއަށް ކެތްނުވެގެން އަވަހަށް ދުރަށް ޖެހިލިއިރު އޭނަގެ ހިތްތެޅޭވަރުން މޭފަޅާލަފާނެހެންވެސް ހީވިއެވެ. ބެލްކަންޏަށް ނުކުމެ ރައިޝާއާއި ޗެޓްކުރަން ހުއްޓަސް އޭނަގެ ހިތްވަނީ އައްމާރުއާއި އެކުގައެވެ. އައްމާރު އެވާހަކަ ބުނާނީ ކޮންގޮތަކުން ބާވައެވެ. އޭނައާއި ޚިޔާލު ބަދަލުކޮށްލާފައި ކާއިއާއަށް ގުޅިނަމައެވެ. އައްމާރު ބޭވަފާތެރިނުވަމޭ ބުންޏަސް ކާއިއާއަށް ލަނޑުނުދެވޭ ކަމަކަށް ނުވާނެއެވެ. ކޮންމެފަދަ މަގުސަދެއްގައި ކުރިނަމަވެސް ކާއިއާއަށް ނޭގި ކާއިއާގެ ލޯބިއެވަނީ އަތުން ބީވެގެން ގޮސްފައެވެ.

ގަޑިއެއްހާއިރުފަހުން އައްމާރު ނުކުތްއިރުވެސް ސާރާ ހުރީ އުޑުގައި ވިދާ ތަރިތަކަށް ބަލަހައްޓައިގެން ހިމޭނުންނެވެ. އައްމާރު ފަހަތުން އައިސް ބައްދާލާފައި މޫނުގައި ފިރުމާލިއެވެ.

"އެކަނި ކީއްކުރަނީ؟ ކީއްވެ އައީ؟ އަހަރެން ކާއިއާއާއި ވާހަކަދެއްކިއިރު ސާރާ ހުރިނަމަ........." އައްމާރު މަޑުމަޑުން ބުނެލިއެވެ.

"އިމީ ބުނީ ކީކޭތަ؟ "ސާރާ ސުވާލުކުރިއެވެ.

"ވަރަށް ދުރުން އެވާހަކަ ފެށީ، މިގެ މުއްސަދި ފެމިލީއަކުން ގަތްވާހަކަ ބުނީ، އެފެމިލީ މީހުންނާއި ދިމާވެފައި ބައްޕަ ޖޮބެއް ދިން ވާހަކަބުނިން، ދެން އެގޭ ގާލްއަކަށް އަހަރެން ފެނިފައި ވަރަށް ބޮޑަށް ލޯބިވެވުނީ ކަމަށާއި ބައްޕަގެ ކައިރީ ބުނެގެން ޕްރޮޕޯސްކުރުވިކަމަށް އަހަރެން ބުނީ، ދެން އެމީހުން ރަގަޅުކަމުންނާއި ދީނީ މީހުންނަށްވެފައި ޖޮބް ގެއްލިދާނެތީ އެކަމަށް އެއްބަސްވި ވާހަކަ ބުނިން......." އައްމާރުގެ ޖުމްލަތަކުން ސާރާގެ ހިތަށް ތީރުތަކެއް ހެރުނެވެ. އައްމާރު އެގޮތަށް ވާހަކަދެއްކީ މަސްލަހަތަށްޓަކާ ކަމުގައި ވިޔަސް އެއީ ތެދުވާހަކައެއް ނޫނެވެ.

"އިމީ ތެދުހެދިނަމަ....." ސާރާއަށް ބުނެވުނެވެ.

"ލުކް ބޭބީ، އަހަރެން ހަގީގަތް ކިޔާދީފިއްޔާ އެކުއްޖާ މަރުވާނެ، މިހާރުވެސް ރޮއި ރޮއި ހަލާކުވަނީ، ނުވެސް ނިދޭނެޔޯ ދެން، ނުކެވޭނެޔޯ، ކީއްވެހެއްޔޯ އެހެން އަންހެންކުއްޖަކާ މެރީކުރަން ހިތަށްވެސް އެރުވީ......" އައްމާރު ސާރާގެ ގައިން ދޫކޮށްލާފައި ރެއިލިންއަށް ލެނގިލައިގެން ހުއްޓުމުން ސާރާ އައްމާރުގެ ބަނޑުގައި އަތް ޖައްސާލައިގެން ހުއްޓުނެވެ.

"އަހަރެން ބުނިން ޑޭޓެއްވެސް ނިންމައިފީމޭ. މިކަން ނުކޮށްވާކަށް ނެތޭ، ނޫނީ މިގެއިން ނެރެލާނެއޭ އަހަރެން ބުނިން، މަންމަމެންގެ ގެއިން ޖާގައެއް ނެތްކަމަށާއި މިހާރު ދާނެ އެއްވެސް ތަނެއް ނެތްކަމަށް ބުނުމުން ކާއި ސިމްޕަތީވީ، ދެން ކާއި ބޭނުމީ ޔޯ ސާރާއާއި ވާހަކަދައްކަން. ފްރެންޑްވާން......" އައްމާރު އެދުނެވެ.

"ވަޓް؟ " ސާރާ ދެލޯ ބޮޑުކޮށްލިއެވެ.

"އިޓްސް އޯކޭ ބޭބީ، ކާއިއާ ކިޔާ އެއްޗެއް އަހާލުމަކުން ގޯހެއްނެތެއްނު، އޭނަ ބުނަން އުޅޭ ވާހަކައެއްވެސް އެނގިދާނެއްނު ދޯ........." އައްމާރު ސާރާގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލަމުން ބަލައިލި ނަޒަރަކުން ސާރާ ނޫނެކޭ ބުނާނީ ކިހިނެއްހެއްޔެވެ؟ އެހާ އޯގާތެރި ލޯބިން ހިތްފުރޭފަދަ ނަޒަރެކެވެ. އެލޮލުގައި އެހުންނަ ފަދަ ރީތިކަމަކާއި ޖާދޫއެއް އެހެން ފިރިހެނަކަށް ދުވަހަކު ނުލިބޭނެއޭ ސާރާގެ ހިތަށް އެރިއެވެ. އޭނަ އައްމާރުއަށްޓަކާ އެހާ ކުޑަ ގުރުބާނީއެއް ވެދާނެއެވެ. ކާއިއާއާއި އަނގައިން ބުނެލުމަކީ އޭނަ ދެކޭ ގޮތުން ހަމަ ގުރުބާނީއެކެވެ. އެހާވެސް ހިތާއި ދެކޮޅަށް ކުރާނެކަމެކެވެ.

ސާރާ އޭނަގެ ވައިބަރ އޮންކޮށްލުމަށްފަހު ކާއިއާއަށް "ހައި" އެއް ޖަހާލިއިރު ހިތަށް އެތައް ޓަނެއްގެ ބުރަކަމެއް ވެރިވެފައިވެއެވެ. ނަފްރަތާއި ފޫހިނޫން އެހެން އިހުސާސްތަކެއް އޭނަގެ ހިތުގައި އެއަންހެންކުއްޖާ އަށްޓަކާ ނުވެއެވެ. ކުށްވެރިއަކީ ކާއިއާ ނޫންކަމާއި ގޯސްހެދުނީ އައްމާރުއަށް ކަން އެނގޭއިރުވެސް ހިތް ދެކޮޅުވީ ކާއިއާއާއެވެ. ކާއިއާގެ ލޯތްބަށް ތެދުވެރިނުވެވުނީ އައްމާރުއަށެވެ. ކާއިއާ އޮޅުމުގެ ތެރޭގައި ބަހައްޓައިގެން އެހެން މީހަކާއި ކައިވެނިކޮށްގެން ހުރިހާ އުފާތަކެއް ހޯދަމުންދަނީ ހަމަ އައްމާރުއެވެ. ނަމަވެސް ރުހުމުގެ ލޮލަކަށް އައިބެއްނުފެންނާނެއޭ ބުނާ އުސޫލުން އޭނަ ރުޅިއައީ ކާއިއާދެކެއެވެ. މައިންބަފައިން ދެކޮޅުއިރު އެކުއްޖާ އައްމާރުގެ ފަހަތުން އަޅުވައިގެން ފިލަން އުޅެނީ ކީއްކުރަންހެއްޔެވެ؟ މައިންބަފައިންގެ ރުހުން ނެތި ކައިވެންޏެއް ބާއްޖަވެރިވާނެ ގޮތެއް ނޯންނާނެއެވެ.

ކާއިއާ ވާހަކަދައްކަން ފެށުމުން އެކުއްޖާއާއިމެދު ސާރާގެ ހިތް ރަގަޅުވާންފެށިއެވެ. ކާއިއާ އެހާ ހިތްހެވެވެ. އެހާ ލޯތްބެވެ. ގާތްކަމެއް އުފެދުނުކަމުގެ އިހުސާސް ކޮންމެވެސް ވަރަކަށް ކުރެވުނެވެ. އިރުކޮޅެއްވާންދެން ދެމީހުން އެކަކު އަނެކަކާއި ވާހަކަދައްކާ އެކުވެރިކަން ބަދަހިކުރާން މަސައްކަތްކުރިއެވެ. ސާރާގެ އުމުރާއި ތައުލީމީ ފެންވަރާއި ކުރާ ހިތްވާކަންތައްތަކަށް ދާންދެން ކާއިއާ އޮޅުން ފިލުވިއެވެ،

"ސާރާ، އައި ލައިކް ޔޫ، އިމީއާއި މެރީކުރެވޭނީ އެކަނި އަހަރެންގެ ހުއްދަ އޮވެގެންކަމަށް އިމީ ބުނީ، އަހަރެމެން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ، މޮޔަވާހާވެސް ލޯބިވޭ، ފުރާނަވެސް ދުއްވާލަން ތައްޔާރަށް މިތިބީ، ކޮންމެހެން ރޯމިއޯ ޖޫލިއެޓް ކޮޕީކުރާކަށްނޫން ނޫނީ އެމީހުންނާއި ވާދައަކަށް ކުރާކަމެއްނޫން. އެކަމަކު ސާރާއަށް އަހަރެން އޭނަދެކެ ވާ ލޯބި މިއަދު ބުނެދޭނަން، ހީޒް މައި ލައިފް، އަހަރެންގެ ފުރާނައަކީ ހިތަކީވެސް އެއީ، އިމީ ނޫން ކޮންމެ އެއްޗެއްވެސް އަހަރެން މިހިރީ އެހެން މީހުންނާއި ހިއްސާކުރަން ތައްޔާރަށް، އަހަރެންގެ ކޮންމެ އެއްޗެއްވެސް ޝެއަރކޮށްފާނަން، އެކަމަކު އިމީ ހިއްސާކުރަން އެއްގޮތަކަށްވެސް ކެތެއްނުކުރެވޭނެ، އައި ކޭންޓް އިމޭޖިން ދެޓް، މީހަކު ބަލާލިޔަސް އަހަންނަށް އުދަގޫވޭ، އޭނަ ގެ ބޯދަށުގައި އޮންނަ ބާލީހަކީވެސް އަހަރެން ކަމަށްވުން އެދެން، އެހާވެސް ލޯބިވޭ، ސާރާގެ ނަސީބު ވަރަށް ރަގަޅު، އިމީ މެރީކުރަން ނިންމީތީ، އެކަމަކު އަހަރެން މި ކައިވެންޏާއި ގަބޫލުވާނީ އެންމެ ޝަރުތެއްގެ މަތިން......" ކާއިއާގެ ތޫނުފިލި ރީތި ދެލޮލުގައި ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ހިނގާލިއެވެ.

"ކޮންމެ ޝަރުތެއްވެސް ގަބޫލު......." ސާރާ ޝައްކެއްގެ މަތީގައި އިނދެފައި ކިޔާލިއެވެ.

"ނޯ ޓަޗިން ނޯ ކިސިން ނޯ............." ކާއިއާގެ ޖުމްލަތަކުން ސާރާއަށް ނުބައި ގޮތެއްވިއެވެ. ތިން ޝަރުތު ކިޔާލިއިރު ތިންވަނަށްއަށް ބުނި ލަފުޒު ތަންކޮޅެއް ރީތިކޮށް ބުނެލިނަމައޭ ސާރާގެ ހިތަށް އެރިއެވެ. ކާއިއާ އެކަހަލަ ބަހުރުވަ ދަސްކުރީ ކޮންތާކުންހެއްޔެވެ؟ ހޮލީވުޑް ބައެއް ފިލްމުތަކުން އެ ލަފުޒު ބޭނުންކުރުން އާއްމުކަމެކެވެ. ނަމަވެސް އެއީ ސާރާ ދެކޭގޮތުން ވަރަށް ދަށް ބަހުރުވައެކެވެ. މާތްބަހުން ވާހަކަ ދައްކަން ކާއިއާއަށް ނޭގޭކަމީ އަޖައިބެކެވެ.

"ހޫމް އޯކޭ......." ސާރާ ވިސްނާލާފައި ލިޔުނެވެ.

"އެއް ކޮޓަރީގައި ދިރިއުޅުނަސް ހެޔޮ، އެކަމަކު އިމީ އަދި ސާރާ ނުވެސް ދެކެން ދޯ. ދެން ކޮންމެވެސް ތާރީޚެއް ނިންމަބަލަ، ކައިވެނި ކޮށްފައި ފޮޓޯވެސް ފޮނުވަންވާނެ އިނގޭ......." ކާއިއާ އެދުނެވެ.

ސާރާ ހިނިއަންނަ ގޮތްވިއެވެ. އެކުއްޖާއަށް މިވަރަށް އޮޅުވާލާކަށްވެސް ނުވާނެއެވެ. މިއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ؟ އޭނައަށް މިވަދެވުނީ ކޮންފަދަ އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ހެއްޔެވެ؟ މިގޮތަށް އެހެން އަންހެންކުއްޖަކު ހައްދާލާކަށް ނުވެސް ވާނެއެވެ. އެހެން ކުއްޖެއްގެ ދިރިއުޅުމަށް މިފަދަ ހިތްދަތިކަމެއް ގެނެސްދޭކަށް ނުވާނެއެވެ. ބޭޒާރުވި ދުވަހަކުން އޭނަ ކާއިއާއަށް ދައްކާނީ ކޮން މޫނެއްހެއްޔެވެ؟ ހަގީގަތް ކިޔާދޭންވީއެވެ. އޭނައާއި އައްމާރުގެ ކައިވެނި ކުރެވިއްޖެ ކަމަށާއި އެތައް ބައިވަރު ސެލްފީތައް ނަގާފައި ހުރިކަމަށް ބުނަންވީއެވެ. ސާރާ އަކަށް ނުކެރުނެވެ. އައްމާރުގެ ހުއްދަ ނުހޯދާ އޭނަ އެފަދަ ނުބަޔެއް ނަހަދާނެއެވެ. މިތަނުން "ވިލަން" އަކީ ކާކުކަން އޮޅޭ ހިސާބަށް ހިގައްޖެއެވެ. އޭނަހެއްޔެވެ؟ އައްމާރުހެއްޔެވެ؟ އޭނަގެ ކުށަކީ ބަލާނުލާ ލޯބިން އުޅޭ ދެމީހެއްގެ ދޭތެރެއަށް ވަނުމެވެ. ނަމަވެސް އޭނައަށް އެކަން ފޮރުވީ އައްމާރުއެވެ. ހަގީގަތް ހާމަކޮށްދިންއިރު ވަގުތު ފާއިތުވެއްޖެއެވެ.

ކާއިއާއާއި ވާހަކަދައްކަން ބައިގަޑިއެއްހާއިރު ފަހުން އޭނަ ފާޚާނާއަށްވަދެ ދަތްއުނގުޅާ ނިދަން ތައްޔާރުވެލައިގެން އައިއިރު އައްމާރުއިނީ ފޯނުގައެވެ. ސާރާ އިންތިޒާރުގައި އޮވެ އޮވެ ގަޑީގެ ކަށި ދަތުރުކުރަމުން ދިޔައީ ކަހަނބުގެ ދުވެލީގައެވެ. އެންމެފަހުން ދެލޯ މެރެންފެށުމުން ސާރާ ގަދަކަމުން ދެލޯ ހުޅުވާލައިގެން އޮތެވެ. އެހެން ރޭ އެންމެ ގިނަވިޔަސް ދެގަޑިއިރެވެ. މިރޭ ކާއިއާ އަދިވެސް އައްމާރު ހިފަހައްޓައިގެން އުޅެނީއެވެ. ކައިވެނީގެ ވާހަކަ ދައްކާފައި އެންމެފަހުން ހުއްޓުވަން ކާއިއާ އުޅެނީކަމަށް ވެދާނެއެވެ.

ހަތަރެއް ޖެހުމުން ސާރާ ރުޅިގަދަވާގޮތްވިއެވެ. އެވަރުންވެސް އޭނަ އޮތީ އަނގައިން ނުބުނެ ހިމޭނުންނެވެ. ދެއަތަށް ފުރޮޅި އޮވެފާ ގަޑިއަށް ބަލާލީ ބަންގީގެ އަޑަށެވެ. އޭރު އައްމާރު ފޯނު ބާއްވާފައި އައިސް ސާރާގެ މަގަތުގައި އިށީދެއްޖެއެވެ.

"ކާއި މިރޭ ހަމަ ރޮނީ، ކައިވެންޏަށް އެއްބަސްވަމޯ އެކަމަކު ހިތް ދަތިވަނީއޭ، އިމީ ގެއްލެނީހެއްޔޭ ކިޔާފައި، އެންމެފަހުން އެ ކުރިމަތިކުރީ ހާދަ ވަރުގަދަ ޝަރުތުތަކެކޭ، އެއްގޮތަކަށްވެސް ސާރާގެ ގައިގާ އިނގިލިކުރިވެސް ޖައްސާލައިގެން ނުވާނެއޭ، ނަމެއްގައޭ އަންބަކަށް ހަދަން ޖެހޭނީ، ނޫނީ އޭނަ މަރުވާނަކޭ، ފަހުން ދުވަހަކުން ދަރިން ލިބުނު ފަހުންވެސް ސާރާއާއި ގުޅުމެއް ބޭއްވިކަން އެނގިއްޖެއްޔާ ދަރިންނާއިއެކު އަމިއްލައަށް މަރުވާނީއޭ. އިޓްސް ގެޓިން އައުޓް އޮފް ހޭންޑް......." އައްމާރު ބޮލުގައި ދެއަތުން ހިފަހައްޓާލިގޮތަކުން އޭނައިނީ ހާސްކަމެއްގެ ތެރޭގައިކަން ސާރާއަށް އެނގުނެވެ. އަދި ކާއިއާއަކީ ނަފްސާނީ ބަލިމީހެއްކަމަށް ސާރާ ޔަގީންކުރިއެވެ. ދޫކުރީގައި އަމިއްލައަށް މަރުވުމުގެ ވާހަކަ އޮންނާނީ ހާދަ އީމާންތެރިކަން ކުޑަވީމައެވެ. ހެއްދެވިފަރާތަށް ކުޑަކޮށްވެސް ބިރުނުގަންނަނީހެއްޔެވެ؟ ފިރިމީހާދެކެ ލޯބިވިޔަސް ހުރިހާ ފަރާތަކަށްވުރެ ހެއްދެވިފަރާތްދެކެ ވާ ލޯބި މަތިވެރިވާން ޖެހޭނެއެވެ. ކާއިއާއަކީ ބޮޑު މޮޔައެކެވެ. ގުރައިދޫއަށް ލާން ވެއްޖެ މީހެކެވެ.

"އިޓްސް އޯކޭ، ބުނޭ ތިހެން ހަދާނަމޭ. އަތްނުލާނަމޭ ބުނޭ، ދެމީހުންނަށް އެކަނި ހަގީގަތް އެނގޭނީ، ކާއިއާއަށް ސިއްރުކުރީމަ ވީއެއްނު އިމީ، ޕްލީޒް ތިގޮތަށް ދެރަވެފައި ނީދެބަލަ ހާދަ ހިތަށް ތަދުވެއޭ......" ސާރާ އައްމާރުގެ ކަރުގައި ބައްދާލަމުން ހިތާމަވެރި ގޮތަކަށް ބުނެލިއެވެ. އައްމާރުދެކެ ލޯބިވަނީ އެކަނި ކާއިއާއެއް ނޫނެވެ. އޭނަވެސް އޭނަގެ ގޮތުގައި އައްމާރު އަށްޓަކާ ފުރާނަވެސް ދީފާނެއެވެ.

"އެވާހަކަ އިހަށް ބާއްވާނީ ދޯ. ހިނގާ އިހަށް ނަމާދުކުރަން...."އައްމާރު މިސްކިތަށް ދިޔުމުން ސާރާވެސް ވުޟޫކޮށްލައިގެން ނަމާދުކުރުމަށްފަހު ދުޢާކުރަން އެތައް އިރެއްވާންދެން މުސައްލަ މަތީގައި އިނެވެ. ހެއްދެވިފަރާތުން ނޫނީ އޭނަގެ ހިތާމަތަކަށް އެއްވެސް ލުޔެއް ނުލިބޭނެއެވެ. ހަޔާތަށް އަންނަން އުޅޭ ތޫފާނުގެ ބޮޑުކަން އަދި ކިރިޔާ ރޭކާލާންފެށީއެވެ.

ފަތިސް ނަމާދުން އައިގޮތަށް އައްމާރު ނުނިދާ ވަޒީފާއަށް ދާން އުޅުމުން ސާރާ ދެރަވިއެވެ. ކާއިއާގެ އުދަގުލާއިހެދި އައްމާރުއަށް ރޭގަނޑުގެ ހަމަ ނިދިލިބޭކަށް ނެތެވެ. މިކަހަލަ ލޯތްބެއް އެހެން މީހަކު ނުވިއްޔާ ރަގަޅެވެ. ނުނިދާހުރެ ވަޒީފާއަށް ދިޔުމާއި ނުކައި ހުރުމުން ސާރާގެ ހިތަކަށް ކެތެއްނުވެއެވެ. ކާއިއާއަށް މީހާގެ ޖިސްމާނީ ބޭނުންތައް ދެނެގަނެވޭކަމަކަށް ނުވެއެވެ. ކޮންކަހަލަ ލޯތްބެއް ހެއްޔެވެ؟

އައްމާރު އެރޭވެސް ގެއަށް ވަންގޮތަށް ހުރީ ފޯނުގައެވެ. ސާރާއަށް އަހާލާކަށްވެސް ނުކެރުނެވެ. ކޮފީ ގިރައިގެން އައިސް ކައިރީގައި ބަހައްޓާފައި އޭނަ އެނދަށް އެރިގޮތަށް ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. ކާއިއާގެ ކަންތައް އިންތިހާއަށް ދިޔައީއެވެ. އައްމާރުއާއިހެދި ދީވާނާވެ އެ އަންހެނާ އޭނަގެ ދިރިއުޅުންވެސް ހަލާކުކޮށްލަނީއެވެ. އެކުއްޖާ އެހެރީ ޔޫކޭގައެވެ. ލައްކައަކުން ފިރިހެނުން ފެންނައިރުވެސް އައްމާރު ނޫން މީހަކަށް ހިތް ނުޖެހުނީތާއެވެ. އަޖައިބެކެވެ. ކުރީ ރޭ ނުނިދާ ހުރުމުގެ ސަބަބުން ސާރާގެ ސިކުނޑިއަށް ވާންވެ ދެލޯ މެރެންފެށިއެވެ. ގަދަކަމުން ލޯ ހުޅުވާފައި ގަޑިއަށް ބަލާލިއިރު ތިނެއް ޖެހިކަން އެނގުނެވެ. އޭރުވެސް އައްމާރު ކޮޓަރީގެ ފާރަށް ލެނގިލައިގެން ކާއިއާއާއި ވާހަކަދައްކަން އިނެވެ.

"އެކުއްޖާ އެހެން މީހަކު ދެކެ ލޯބިވާނެނަމަ، އެބިޗްގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް ކޮންފަދަ އަސަރުތަކެއް ކުރަނީ، މަރުވާނެނަމަ....." އެންމެ ފަހު ލަފުޒުތައް ހިތަށް އެރުމުން ސާރާގެ ހިތަށް ލޮޅުން އެރިއެވެ. އެހާ ބިރުވެރި ބަދު ދުޢާއެއް އެހެން އިންސާނަކަށް ކުރާކަށް ނުވާނެއެވެ. އޭނަގެ ފިރިމީހާދެކެ އެހާ ލޯބިވާ އަންހެންކުއްޖެއް ދެކެއެވެ. އަދި އައްމާރުވެސް އެކުއްޖާދެކެ އެހާ ލޯބިވާކަން އެނގިހުރެއެވެ.

"ނޫން، އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ، އެކަމަކު އޭނަ ދުރަށްދާނެނަމަ.....ގޯޑް ހެލްޕްމީ...." އެންމެފަހުން ފުން ނިންޖަކަށް ގެނބެމުން ދިޔައިރު ސާރާގެ ސިކުނޑީގައި އެޖުމްލަތައް ހިނގާލިއެވެ.

އޭނަ ހޭލެވުނީ އައްމާރުގެ ބާރުގަދަ އަތުތެރޭގައި ބޮނޑިކޮށްލާފައި އެތަންމިތާ ބޮސްދެނިކޮށެވެ. ފުންނިދީގައި އޮވެފައި ގަދަކަމުން ދެލޯ ހުޅުވާލިއިރު ބަލައިލެވުނީ އައްމާރުގެ ދެލޮލަށެވެ.

"ގޯޑް، މިއީ ކޮންކަހަލަ ކަމެއްތަ؟ ކާއިއާ އެކިޔާ އެއްޗަކާއި އެއްގޮތަކަށްވެސް އެއްބަސްވެވޭކަށް ނެތް، އެތައްވަރަކަށް ވިސްނައިދީފިން މިއީ ދީނުގައި ހުއްދަކަމެއްނޫނޭ، ހެއްދެވިފަރާތާއި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމްގެ ނުރުހުންވެސް ލިބޭނެކަމަކޭ، ދެ އަނބިން ތިއްބެއްޖާ އެއްވަރަކަށް ނޫންހޭ ރައިޓްސް ދޭންޖެހޭނީ، ކާއިއާ އެއްގޮތަކަށްވެސް ގަބޫލެއްނުކުރި، ބޯ ހަލާކުވާވާރު އެބަވޭ......." އައްމާރުގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމުގެ އިންތިހާއެވެ. ނުނިދާ ގިނައިރުވުމުގެ ސަބަބުން ލޮލަށް ކުޑަ ރަތްކަމެއް ވެރިވެފައިވާއިރު ވަރަށް ހިތްގައިމެވެ. އެދެލޮލަށް ބެލުމުން ހީވަނީ ހޫނުކަން ގަދަ ދުވަހެއްގައި ރޭހެއް ނިންމާލުމަށްފަހު ފިނި ފެންއަޅާފައި ހުރި ޓަބެއްގެ ތެރެއަށް އެރެވުމުން ލިބޭފަދަ އަރާމެކެވެ. ކޮންފަދަ ތޫނުފިލި ދެލޯހެއްޔެވެ؟ އޯގާތެރިކަމުގެ އިންތިހާއެވެ. ހިތް ފިދާވާވަރުވިއެވެ.

"އިމީ، އެކަމަކު އެކުއްޖާ ހިތްހަމަޖެހިދާނެއްނު އިމީ އެކަމަށް އެއްބަސްވީމަ، އާއެކޭ ބުނީމަ އެވީނު......." އައްމާރުގެ ވާހަކަތަކުން ސާރާއަށް ކުޑަ ހިތްވަރެއް ލިބުނު ނަމަވެސް އެކަން އަންގާކަށް އޭނަ ބޭނުމެއްނުވިއެވެ. އޭނަ ދެއްކީ އެހެން ފަރާތެކެވެ.

"ސާރާއަކަށް ނޭގޭ ކާއިއާގެ ވިސްނުން ހުރި ގޮތާއި އޭނަ ފަހުންވެސް ޚިޔާލު ބަދަލުނުކުރާނެކަން، އެހެން ހުރިހާ ކަމެއްގައި އެއީ ވަރަށް މަޑުމައިތިރި ހިތްހެޔޮ އަންހެންކުއްޖެއް، އެކަމަކު އަހަންނާއި ޖެހުނީމަ ނޭގޭ ބޮލަށް ޑެވިލް އެރޭގޮތެއް، ވަރަށް އެހެން ކަހަލަ ވިސްނުމެއް ކާއިއާ އެގެންގުޅެނީ، މިރޭ އަހަރެން ހިތަށް އަރާ އެއްޗެއް އެނގޭތަ؟ " އައްމާރު ދެން ބުނެލި ބަހަކުން ސާރާގެ ހިތް އާސްމާނުގައި އުދުއްސައިގަތްހެން ހީވިއެވެ. ލޮލުގެ އެސްފިޔަތަކުގައި ބޮނޑިވެގަތީ އުފާވެރިކަމުގެ ކަރުނައެވެ.

"އަލްހަމްދުލިﷲ........އެންޑް ތެންކިއު ލަވް......." ސާރާ ހިތާހިތުން ހެއްދެވިފަރާތަށް ހަމްދުކޮށްފައި އައްމާރުއަށް ޝުކުރުވެރިވިއެވެ.

ކޮމެންޓް 0