ދެތިން ދުވަސްފަހުން އެއްރޭ އައްމާރު ފޯނު ހިފައިގެން ބެލްކަނީގައި ހުރެފައި ކޮޓަރިއަށް ވަންއިރު ހިތާމައިގެ ތަސްވީރެއްފަދައެވެ. ސާރާ އެނދުގައި އޮށޯވެލައިގެން ފޯނުން ފޮޓޯ ގެލެރީ ބަލަން އޮތްވާ ކައިރީގައި އޮށޯވެލާފައި ބައްދާލިއެވެ.

"ސާރާ ބޭނުންގޮތް ވެއްޖެ....." އައްމާރު ބުނެލިއެވެ.

"ވަޓް ހެޕެންޑް...." ސާރާގެ ހިތް އަވަސްވިއެވެ.

"ކާއިއާގެ އެންގޭޖްމެންޓް މިރޭ އެބައޮތް، ސާރާ ހުރީ ކާއިއާ އަހަރެންގެ ދިރިއުޅުމުން ނުގޮސްގެން ކަން އަހަންނަށް ޔަގީންވޭ، ދުލުން ނުބުންޏަސް ސާރާވެސް ޖޭވާކަން އެނގޭ، އެހެންވެކަން ނޭގޭ މިހެން މިވީ....." އައްމާރު ސާރާގެ ގައިން ދޫކޮށްލާފައި ނިތްމަތީގައި އަތް ބާއްވައިގެން އޮށޯތެވެ. ފުރާނަފަދަ ލޯބިވެރިޔާ އެހާ އަސަރުކޮށްފައި ކަމަކާ ދެރަވެފައި އޮތްތަން ސާރާއަށް ފެނިފައެއްނުވެއެވެ. މޫނުމަތިން ފެނުނު ކުލަވަރުން ސާރާގެ ހިތުގައި ލޮނު މިރުސްއެޅުނެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. އޭނަ މިހިރީ އައްމާރުގެ އުފަލަށްޓަކާ ގުރުބާންވާން ތައްޔާރަށެވެ.

"ނޫން އިމީ، ބޭނުން އިމީ އުފަލުގައި ހުންނަތަން ދެކެން. އެއީ އިމީގެ ކިހާވަރެއްގެ މީހެއްކަން އެނގޭ، އަދި މިއަދު ދެރަވާނެވަރުވެސް އެނގޭ......" ސާރާ އައްމާރުގެ އަތުގައި ހިފާލައިގެން އޮވެ ވާހަކަދެއްކިއެވެ.

"ހޫމް، އަބަދުވެސް ކާއިއާ ކައިރީގައި ބުނަން ކާއިއާ ހިތްހަމަޖެހެންޏާ އެހެން މީހެއް ހޯދާށޭ، ބޭނުމީ ކާއިއާގެ އުފާތަކޭ، އަހަންނަށް އެހާ ދުރަށްދާކަށް ފަސޭހައެއްނޫނޭ، ދޭތެރެއަކުން ރުޅިވާހިސާބަށް ގޮސްފައިވެސް އެނބުރި އަންނާނެ، ޝީ ލަވްސް މީ ލައިކް ކްރޭޒީ......" އައްމާރު އިތުރަށް ބުނެދިނެވެ. ސާރާ އައްމާރުއަށް ވިސްނާދޭން އުޅެފައިވެސް ހިމޭންވިއެވެ. އައްމާރު އަމިއްލައަށްވެސް އެވަރު އެނގޭނެއެވެ. ކާއިއާއަކީ ބޭވަފާތެރި ކުއްޖަކީއެވެ. ހަމަ ކުއްލިއަކަށް މީހަކާއި އިންނަން ވާނެ ހެއްޔެވެ؟ އެއީ ކުޅޭ ކުޅިވަރަކީ ހެއްޔެވެ؟

"ކޮފީއެއް ގެންނަންތަ؟ " ސާރާ ތެދުވެ އިސްތަށިގަނޑުން ހުޅިއެއް ޖެހިއެވެ.

"އޯކޭ...." އައްމާރު ފިނިގޮތަކަށް ހިނިތުންވެލިއެވެ.

އެރޭ ސާރާ އަޒުމް ކަނޑައެޅީ ކޮންމެގޮތެއް ހަދާފައިވެސް އައްމާރުގެ މޫނުމަތިން އަބަދު ހިނިތުންވުން ގެނެސްދިނުމަށެވެ. އޭނަގެ ބައްޕަ ކައިރީގައި ބުނެގެން ރަގަޅު ވަޒީފާއެއްވެސް ހޯދުވާނެއެވެ. އައްމާރުގެ ހަޔާތަށް ބަހާރު މޫސުމް ގެނެސްދޭނެއެވެ. ފަހަރެއްގައި ދަރިއަކު ލިބިއްޖެއްޔާ އެކާއިއާއެއްގެ މަތިން މުޅިން ހަދާން ނެތިދާނެއެވެ. ދުވާލު ހަތަރުދަމު ސާރާ އައްމާރުގެ ހިތް އުފާވާނެހާ ކަމެއް ކުރިއެވެ. އައްމާރު އަށް މީރުކޮށް އެއްޗެހި ތައްޔާރުކޮށް ކާންދިނެވެ. ހުރިހާ ހެދުމެއް ދޮވެ އިސްތިރިކޮށް އަލަމާރީގައި ތަރުތީބުން ބެހެއްޓިއެވެ. ބޫޓު ޕޮލިޝްކޮށްދިނެވެ. ތުވާއްޔާއި ބެޑްސީޓަށްދާން ދެން ދޮވުނެވެ. ތާޒާރަތް ފިނިފެންމާ ގެނެސް ވާސްގައި ޖެހިއެވެ. މަތީބައިގެ ބެލްކަނީގައި އުއްބައްތި ދިއްލާލައިގެން ތިބެ އެރޭ ކެއުން ކުރިއަށް ގެންދިޔައިރުވެސް އައްމާރު ހުރީ ނިކަން ރަގަޅު މޫޑެއްގައެވެ. މުސްތަގުބަލާއި ބެހޭގޮތުން ދެމީހުން ޚިޔާލު ބަދަލުކުރިއެވެ.

ސާރާ ދައްތަމެންނާއިއެކު ޕްރޮގްރާމެއް ބަލަން އިނދެލާފައި އައިއިރު އައްމާރު އިނީ ފޯނުގައި ހީހީފައި ވާހަކަދައްކާށެވެ. ސާރާގެ ހިތަށް ނުބައި ގޮތެއްވިއެވެ. އޭނަ ޖެހެނީ ހިޔަނިހެން ފާރައަށް ހުންނަން ހެއްޔެވެ؟ އެއްފަރާތް ވެލާއިރަށް އެއިނީ ކާއިއާއަށް ގުޅައިގެންނެވެ. ދެމީހުން ދެމީހުންނާއި އެކީގައި ދިރިއުޅެން މަސައްކަތްކުރާއިރު ވެސް މިގުޅުން ހުއްޓާނުލާނީ ހެއްޔެވެ؟

ފޯނު ނިމިގެން އައިސް އައްމާރު ސާރާގެ ގައިގާ ބައްދާލާ ދޮންދެމުން ދިޔައިރު ލިބިފައިވާ އުފާވެރިކަން ހުރީ ފެންނާށެވެ.

"ކާއި އެއްގޮތަކަށްވެސް އެ މީހަކާއި އިންނާކަށް ގަބޫލެއްނުވި، ޕޭރެންޓުންނަށް އެ ހަފްލާ ކެންސަލް ކުރަން މަޖުބޫރުވީ، ކާއި ވަރަށް ރުއި، އާދޭސްކޮށްފައި ބުނަނީ ތިމަންނަ ރާއްޖެ ގެނެސްދޭށޭ، އެކުއްޖާ ފެމިލީ ދެކެ ހޭޓްކުރާން ފަށައިފި، އެމީހުން ދެން އެހާވަރަށް ފޯސްކުރާކަށް ނުޖެހޭނެ ދޯ. ކާއިއާގެ ދޮންބެ ކިޔަން އާއިވެސް މިހާރު އަހަރެން ވާހަކަދައްކަން. ކިޔަން ހުރީ ކޮއްކޮއާއި އެއްކޮޅަށް، ބުނި މަންމަމެން މާ ބޮޑަށް ކިބުރުވެރިވަނީ ޔޯ ފެމިލީ މޮޅުވީމަ.............." އައްމާރުގެ ވާހަކަތައް އިވުމުން ސާރާގެ ހިތަށް ލިބުނު އަނިޔާތައް އޭނަ ފޮރުވިއެވެ. އައްމާރު އެހާ އުފަލުން ހުއްޓާ ދެރަކުރާކަށް ނުވާނެއެވެ. އުފަލަކީ އެހެން މީހުންގެ އުފާތައް ނިގުޅައިގަތުމެއް ނޫނެވެ. އެހެން މީހުންނަށް އުފާވެރިކަން ގެނެސްދިން މީހަކަށް ދެރަގޮތެއް ނުވާނެއެވެ.

"ޝާހީ ބަޔަކީތަ؟ އެމީހުން މާލޭ އެޑްރެސް އިމީއަހަންވީނު...." ސާރާ ވާހަކަދެއްކީ ހިތާއި ދެކޮޅަށެވެ. ހިނިތުންވެލައިގެން އިނދެއެވެ. އައްމާރު ރުޅިއަރުވާލާކަށް އޭނައަށް ނުކެރޭނެއެވެ. ކުރީ ދުވަހު ހިނގި ހާދިސާ އަދިވެސް ތާޒާކަންމަތީގައި ސިކުނޑީގައި ހަރުލާފައިވެއެވެ.

"ޕްރިންސެސް އެއްހެން އެގެންގުޅެނީ، އޭނަގެ މަންމަ ނޫނީ ފެމިލީ މީހަކާއިއެކު ކާރުގައި ކޮލެޖަށް ގެންދަނީ، ވީމާ ކާއި ފިލުވައިގެން ގެނައިން ފަސޭހައެއްނުވާނެ، ސާރާވެސް އަހަންނާއި އެކީ ޔޫކޭއަށް ދާންވީނު...." އައްމާރު އެދުނު ކަމަކުން ސާރާ އިނީ ޝޮކެއްގައެވެ.

"އަހަންނަކީ މޮޔައަކީތަ؟ ތިމާގެ ފިރިމީހާ އެހެން އަންހެނަކާއި ގުޅުވަން އަދި އޭނަ މިވީ ދޭތެރޭގައި ހިނގާ މީހަކަށްވާންތަ؟ " ހިތާހިތުން ކިތަންމެ ވަރަކަށް ދެކޮޅު ހެދިޔަސް އޭނަ އައްމާރުއަށް އެކަމެއް ނުދައްކައެވެ. ސާރާ ހެއްދެވި ފަރާތަށް ދުޢާކުރިއެވެ. އައްމާރުގެ ހިތުން ކާއިއާގެ ލޯބި ފޮހެވިގެން ދިޔުމަށެވެ. އެދެމީހުންގެ ދިރިއުޅުމަށް އަންހެނެއްގެ ހިޔަނިވެސް ނޭޅުމަށެވެ. ނަމާދުކޮށް ނިމިގެން އޭނަ އެތައް ފަހަރު ދުޢާކުރިއެވެ. ހިތަށް ހަމަޖެހުމެއް ލިބި އުފާވެރިކަން އިހުސާސްކުރެވުނެވެ.

ސާރާ އައްމާރުއާއި ކުރަންވީ ޝަކުވާއަކީ ކޮބާހެއްޔޭވެސް ބައެއްފަހަރު ހިތަށް އަރައެވެ. އައްމާރު އޭނައަށް ކޮންމެ ރެއަކު ވަގުތުދެއެވެ. ކައިވެނީގެ ފުރިހަމަ ލައްޒަތާއި ހިތްހަމަޖެހުން ގެނެސްދިނުމަކީ އައްމާރުގެ ވާޖިބެއްހެން ހީވާފަހަރުވެސް އާދެއެވެ. އަމިއްލަ އުފަލަށްވުރެ ސާރާގެ އުފާތަކަށް އިސްކަންދެއެވެ. ސާރާއަށް އެހާ އަޅާލުމާއި ލޯބި އެއްވެސް ފަރާތަކުން މިވީހާތަނަށް ލިބިފައެއްނުވެއެވެ. އެހާ ރަގަޅު ފިރިޔަކު ހުއްޓާ ޝަކުވާކުރަން ހެޔޮނުވާނެއެވެ. އެހެން އަންހެންކުއްޖަކު ދެކެ ލޯބިވިޔަސް އެކަން ފޮރުވައިގެނެއްނެތެވެ. ވީއިރު އޭނަ ދެން ދުވަހަކު އައްމާރުއާއި އެކަމާއި ބެހޭގޮތުން ވާހަކައެއް ނުދައްކާނެއެވެ.

ޖިދާން ކުއްލިއަކަށް އެހާ ބޮޑު މުއްސަދިކަމެއް ހޯދިގޮތެއް ނޭގުނެވެ. ގެއަކާއި ކާރެއް ގަނެލާފައި އަމިއްލަ ވިޔަފާރިއެއްވެސް ފަށައިފިއެވެ. ވިލިމާލޭގައި ހުރި ހޮޓަލެއް ގަނެލާފައި އެތަނުގެ މެނޭޖަރުކަން ދޭންވެގެން އައްމާރުއަށް ގުޅުމުން އައްމާރުއަށްވެސް ޝޮކެއް ލިބުނެވެ. ޖިދާން ދޭން ބުނި މުސާރަ މަދެއްނޫނެވެ. ވިހިހާސް ރުފިޔާއެވެ. މަހުގެ މެދުން ވަޒީފާއަށް ދާން ޖެހުމުން މުސާރަ ދޭނީ އަންނަ މަސް ނިމުމުން ކަމުގައި ޖިދާން ބުނެލިއެވެ. އެއީ އައްމާރުއަށް މައްސަލައެއް ނޫނެވެ. މައްސަރެއްވާންދެން އޭނަ އެކުވެރިއެއްގެ ގޮތުން ލޯނެއް ނަގާފާނެއެވެ. އެފެންވަރުގެ ގާތް އެކުވެރިޔަކު ހުރިކަމީ ނަސީބެކެވެ. ވިހި ހާސް ރުފިޔާ ލިބެންފެށީމަ ޔޫކޭއަށް ދިޔުމަށްވެސް ފުރުސަތު އޮންނާނެއެވެ.

ސާރާވެސް ހުޅުލޭ އެއަރޕޯޓުން ވަޒީފާ ހޯދަން ސިޓީލިތާ ދުވަސްކޮޅެއްގެ ތެރޭގައި އޭނަ ހޮވުނުކަން އެނގުނެވެ.

އެރޭ އެކަން ފާހަގަކުރުމުގެ ގޮތުން އައްމާރުއާއި ސާރާ ރެސްޓޯރެންޓަކަށް ދިޔައެވެ. ދެމީހުންވެސް ބޭނުންވީ ސަބްމެރިން ކާށެވެ. އޯޑަރުކުރުމަށްފަހު އުއްބައްތިން އަލިކޮށްފައިވާ މޭޒުގައި އިށީދެލައިގެން އެކަކު އަނެކަކުގެ ލޮލަށް ބަލަން ތިބީ ވަރަށް އިޝްގީކޮށެވެ. ސާރާ އިރުކޮޅަކަށް ނަމަވެސް ކާއިއާގެ މަތިން ހަދާން ނެތުނެވެ.

"ވިހި ހާސް ރުފިޔާ ލިބުނީމަ ދެން ވަރަށް ރަގަޅު ދޯ، އިމީ ސައިކަލެއް ގަންނަންވީނު...." ސާރާ ބުނެލިއެވެ.

"ތިކަމާ ވިސްނާނީ ތަންކޮޅެއްފަހުން، އޭގެ ކުރިން ނިންމަން ޖެހޭ ކަމެއް އެބައޮތެއްނު ބޭބީ........ހަދާން ނެތުނީތަ؟ ކާއިއާ އެ ފެމިލީގެ ފަރާތުން ސަލާމަތްކުރަން އަހަރެމެން އެބަޖެހޭ، ހާދަ ވަރަކަށޭ ސަފަރކުރަނީ، ނުފޫޒުގަދަ މަންމަމެންގެ ފަރާތުން ސަލާމަތް ނުވެވިގެން އުޅޭ ކުއްޖެއް........" އައްމާރު ހިނިތުންވެލާފައި ފޯނަށް ބަލަންފެށިއެވެ. އެވާހަކަ ނުފެށުނަމައޭ ސާރާގެ ހިތަށް އެރިއެވެ. ކާއިއާގެ ނަން އިވުމުން އޭނަގެ މޫޑު އެއްކޮށް ޚަރާބުވެ ކާހިތްވެސް ކެނޑުނެވެ.

"މައިންބަފައިންނަށް ފިލުމަށް ދީނުގައި އޮވޭތަ؟ "ސާރާ ނުރުހުން ވިޔަސް އެކަން ނުދައްކާ މަސްނޫއީ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ.

"މައިންބަފައިންވެސް ދަރިންގެ ހައްގުތައް ފުރިހަމަކުރަން ޖެހޭނެ ދޯ، ކާއިއާ އެހާ ފޫހިވާނީ ކޮންމެވެސް ކަމެއް ވީމައެއްނު.............." އައްމާރު ބުނެލިއެވެ.

"އިމީ، ތެދަށް ބުނެބަލަ، ބޮޑަށް ލޯބިވަނީ ކާކުދެކެ؟ ކާއިއާތަ؟ ނޫނީ އަހަރެންތަ؟ "ސާރާ ކުއްލިއަކަށް ސުވާލުކުރުމުން އައްމާރު ހޭންފެށިއެވެ.

"ސްޓުޕިޑް، ތިވެސް ދެން މީހުން ކުރާ ކަހަލަ ސުވާލުތަ؟ " ވައިގެ ގޯނާތަކުން ވިހުރެމުންދިޔަ އިސްތަށިގަނޑުގައި އައްމާރު އަތް ހިންގާލިއެވެ. ސިއްރުންވެސް ވައިރޯޅިއަކަށް އައްމާރުގެ ފަން އިސްތަށިގަނޑާއި ބީހިލެވޭކަށް ނޯވެއެވެ.

"ޕްލީޒް ބުނެބަލަ....." ސާރާ އެދުނެވެ.

"ފިފްޓީ ފިފްޓީ ތެދަށް ބުނަންޏާ މިހާރު ހިތަށް އަރާ އަހަރެންގެ ނަސީބުގައި ވަނީ އެކަނި ސާރާބާވައޭ، ހަތްއަހަރުގެ އިންތިޒާރަކަށްފަހުވެސް އަހަންނަށް ކާއިއާ ނުލިބުނު، އެހެންވެ އަހަރެން ހިތަށް އަރާ އަހަރެންގެ ޗޮއިސްއަކީ އެކަނި ސާރާއޭ، ޔޫ ނޯ ވަޓް؟ މިފަހަކަށް އައިސް ކާއިއާ ވަރަށް ބުނާނެ އިމީ ޗޭންޖުވެއްޖެއޭ، ހީވަނީއޭ އިމީ މެރީކުރިހެން، ވަރަށް ހައިރާންވި، ހިތަށް އަރާ ކާއިއާއަށް އަހަރެމެން މެރީކުރިކަން ނޭގި އެގޮތަށް އެފީލްވީ ކީއްވެބާވައޭ. އަދި ބުނި ވަރަށް ހިކި ދިގު ކުއްޖެކޭވެސް...." އައްމާރު ބިއްލޫރިތަށްޓަށް ފެންއެޅުމަށްފަހު ސާރާގެ ކައިރީގައި ބަހައްޓާފައި އޭނަގެ ތަށްޓަށް ފެންއެޅިއެވެ.

"ކަމޯން އިމީ ކޮންމެވެސް ގޮތަކަށް ކާއިއާއަށް އެނގިގެން އެހެން އެބުނީ. ޝީޒް ސައިކިކްތަ؟ ހާދަ ގަބޫލެއް ނުކުރެވެއޭ. ކާކަށް ފިއުޗަރ ރީޑް ކުރެވޭނީ؟ ނޫނީ އެހެން ތަނެއްގައި ވާގޮތް ދެނެގެނެވޭނީ.........." ސާރާ ވަގުތުން ދެކޮޅުހެދިއެވެ. އައްމާރު ބުނިގޮތުން އޭނަވެސް ހައިރާންވާފަހަރު އާދެއެވެ. ކާއިއާ އެގޮތަށް ވަރަށް ގިނަކަންތައް ދިމާކުރެއެވެ. މިފަހަރުވެސް އޭނަ ނުބުނަނީސް ދިގު ހިކިކުއްޖަކާއި ކައިވެނިކޮށްގެން އުޅޭކަމުގައި ބުނެލީއެވެ. ސާރާ ޔަގީންކުރީ ޖިދާން ފަދަ މީހަކާއި ކާއިއާ ގުޅުން އޮތީކަމުގައެވެ. ޔޫރަޕްގައި އުޅޭ އަންހެންކުއްޖަކު ރަގަޅެއްނުވާނެއެވެ. ޖިދާންކަހަލަ ރީތި ފިރިހެނެއްގެ ސިހުރުގައި ކާއިއާވެސް ޖެހިދާނެއެވެ. މިޒަމާނުގައި ބޭބެއަކަށްވެސް އިތުބާރުކުރާކަށް ނުވާނެއެވެ.

އައްމާރު ހެނދުނު ދާގޮތަށް ގެއަށް ވަދެލަނީ މެންދުރު ކެއުމަށާއި ރޭގަނޑު އަށެއް ޖެހުމުންނެވެ. ސާރާވެސް ވަޒީފާއަށް ދާން ފެށުމުން ކޮންމެވެސް ވަރަކަށް ދިރިއުޅުން ބުރަވިއެވެ. ގެއަށް އަންނަގޮތަށް ކޮޓަރި ސާފުކުރުމާއި އައްމާރުގެ ކަންތައްތަކުގައި އުޅެ އައްމާރުއަށް މީރުވާނެހެންހީވާ އެއްޗެހި ކައްކައެވެ. އެވަރުންވެސް ސާރާ ފަރުޟު ފަސްނަމާދަށް ފަރުވާ ބަހައްޓާ ގުރުއާން ކިޔަވައެވެ. ދެމީހުން އެކީގައި ހޭދަކުރާ ކުޑަ ވަގުތުކޮޅުގައި އުޅެނީ ނިކަން ލޯބިންނެވެ. އައްމާރުވެސް ހުންނަނީ ނިކަން ހިތްހަމަޖެހިފައެވެ. ލޯބިވާ އަންބަކު އެބަހުއްޓެވެ. އޭނައަށް އިންތިޒާރުކުރާ ލޯބިވެރިޔާއާއި ބައްދަލުވާކަށްވެސް ދެން މާ ގިނަ ދުވަހެއް އޮތްހެނެއް ހިޔެއްނުވެއެވެ. ނަސީބު އަތުގައި ހިފުމުން އުފާނުވާނީ ކާކުހެއްޔެވެ؟ ހުރިހާ ނަސީބެއް އެއްކޮށް އައްމާރުގެ އަތުގައި ހިފީއެވެ.

ހުކުރު ދުވަހު އުޑުމަތި އޮތީ ބަނަކޮށެވެ. ސާރާ ގަސްއިންދާ ހިތުން އުޅޭތީ އައްމާރުވެސް އޭނައާއި ބައިވެރިވެގެން ޕޮޓްތަކަށް ފަސްލާދޭން އިނެވެ. ޝެހެނާޒްއާއި ސާރާގެ ދޮންތަ ސުދާވެސް އެހާ ފޯރި ހުންނަ ކަމަކަށްވާތީ އެއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ވީރާނާ ވެފައި އޮތް ބިންގަނޑުގައި ތަފާތުވައްތަރުގެ މާގަސްތައް އިންދާލައިފިއެވެ. ސާރާ ބޭނުމީ ބެލްކަނީގައިވެސް ޕޮޓްތައް ބެހެއްޓުމަށެވެ. ރައިޝާ ގުޅާފައި ޒަކާ ފެނުނު ވާހަކަ ބުނެ ކަންހިނގިގޮތް ކުރުކޮށް ކިޔާދިނީ އެކަމުގައި އެމީހުން އަވަދިނެތި ތިއްބައެވެ.

"ނަސީބެއް ނު ޒަކާ ފިލައިގެން އުޅެނިކޮށް ފެނުނުކަން، ބޯއިފްރެންޑްއާއިއެއްކޮށް ފަޅުރަށެއްގައި......ގަބޫލުކުރަންވެސް ދަތި. މަންމަމެން ހިތަކަށް އެއްޗެކޭ ނާރާ ހަމަ ކޫލްކޮށް އެކަން ނެގީ، މަންމަ ބުންޏޯ ފިލައިގެން ނުދިޔަސް އެގޭގައި އެ ފިރިހެންކުއްޖާއަށް ހުރެވިދާނެޔޯ..........." ސާރާ ރައިޝާ ކިޔާދިން ވާހަކަތައް ކިޔާދިނުމުން އައްމާރުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. މަންމަ ކޮއްކޮމެންގެ މުސްތަގުބަލާއިމެދު އެއްވެސް ވަރަކަށް ވިސްނާނުލަނީ ހެއްޔެވެ؟ އައްމާރު އެވާހަކަ ދައްކާ ހިތްނުވެފައި ހުކުރަށް ދާންވާއިރަށް ގަސްތައް އިންދާ ނިމުމަށް ސާރާގެ ކައިރިން އެދުނެވެ.

"ދިސް އިޒް ފޯރ ޔޫ........." ސާރާ އަތަށް އަންގިލައްވައިގެން ހުރެ ޕޮޓްގައި ރަތް ފިނިފެންމާ ގޮފިކޮޅެއް އިންދިއެވެ.

"އާވް ތެންކިއު ބޭބީ...." އައްމާރު ސާރާގެ ނިތްކުރީގައި ބޮސްދިނެވެ.

"އައްސަލާމް އަލައިކުމް......" ޖިދާންގެ ބަރު އަޑުއިވިފައި ސާރާގެ އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އައްމާރު ސަލާމުގެ ޖަވާބު ދީ ނިމުނުއިރު ޖިދާން ހުރީ ކުރިމަތީގައި ޖައްސާލާފައެވެ. އޭނައާއި ކައިރީގައި ރައިޝާ ހުރިއިރު އެކުއްޖާގެ ދެލޮލުން ފެންނަނީ ކަންބޮޑުވުމުގެ ކުލަވަރެވެ. ޖިދާން ރޭބަން އައިނަކުން ލޯ ފޮރުވާފައިވާއިރު ލައިގެންހުރި ހެދުމާއި އަތުކުރީ އޮތް ގަޑިންވެސް މީހާގެ ހައިބަތާއި މުއްސަދިކަން ހާމަކޮށްދެއެވެ. ޖިދާން ބުނީ އެމީހުން އެކުވެރިއަކަށް ޒިޔާރާތްކުރަން އައިސްފާ މިގެއަށް ވަދެލީކަމުގައެވެ. ޖިދާންވެސް އެގެއާއި ވަރަށް ގަޔާވިއެވެ. ގެ ހުރި ހިސާބުގެ ގޮތުންނާއި ގަސްތައް ގިނަވުމުން ހިތްފަސޭހަކަމުގެ އިންތިހާއެވެ. އައްމާރު ޖިދާންގެ ކައިރީގައި މިގޭގެ ވެރިންނަކީ ސާރާގެ މައިންބަފައިންކަމުގައި ހާމަކުރުމުން ހީލިއެވެ. ހާދަ އެހެން ކަހަލަ އިއްތިފާގެކޭ ބުނެލިއެވެ. ދެމީހުން ވާހަކަދައްކަމުން ގޭޓާއި ހަމަޔަށް ދިޔައިރު ސާރާ ރައިޝާގެ ކައިރިން ހާލު އޮޅުން ފިލުވިއެވެ. ރައިޝާގެ ލޮލުންކަރުނަ އަންނަގޮތްވިއެވެ.

"ހަޒްބެންޑަށް ނާންގާ ދޭތެރެ ދުރުކުރާ ބޭސްކާން ވާނެތަ؟ ރައިއަށްވެސް ގޯހެއް ތިހެދުނީ، އެކަމަކު އެހެނޭ ކިޔާފައި އެހާވަރަށް އަނިޔާކުރަން ޖެހޭތަ؟ " ސާރާ މަޑުމަޑުން ކިޔާލިއެވެ.

"އެކަހަލަ މާހައުލެއްގައި ދަރިން ހޯދޭތަ؟ ބޭނުމީ ވަރިވާން، ވީހާވެސް އަވަހަށް އެކަމަކު ކިހިނެއް ހަދާނީވެސް، އެމީހާގަނޑު އަހަރެންގެ ދިރިއުޅުން ފުނޑާލައިފި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދެމުންގޮސް ބޯ ގޮވާ ހިސާބަށް ހިގައްޖެ، ކުރީރޭވެސް ފާޚާނާ ތެރެއަށް ލީގޮތަށް ބޭރުދޮރުގައި ތަންޑު އަޅުވައިގެން އޭނަ ނިދީ. ހެދުނު ވަންދެން ފާޚާނާ ތެރޭގައި ހުރެ ހުރެ ނޭވާ ހާސްވެގެން ހަލާކުވާވަރުވި، އޭނަ ކޮންކަމެއްގެ ބަދަލު ހިފަންބާ އެއުޅެނީ. އެހާ ލޯބިން އުޅެފައި ކުއްލިއަކަށް ބަދަލުވީ ބީސްޓަކަށް......" ރައިޝާ ލޮލުން ކަރުނަ ފޮހުނެވެ.

"ސާރާ އަވަހަށް ދޮންބެމެންނަށް ސައިހަދާބަލަ......" އައްމާރު ދުރުގައި ހުރެފައި ސާރާގެ ކައިރިން އެދުނެވެ.

މީހުން ސައިބޯ ގަޑިއެއްވެސް ނޫނެވެ. އެގާރަ ޖަހަނީއެވެ. އެހެންނޫނަސް ސާރާގެ އަތުން ހަދާފައި އެ ގާތިލަށް ސައިދިނުމަކީ ކުރާނެ ކަމެއްނޫނެވެ. މިގެއިން ޖިދާންއަށް ޖާގައެއްނެތެވެ. ސާރާ އާއެކޭ ބުނެފައިވެސް ގަސްއިންދުމާއިގެން އަވަދިނެތި އުޅެނިކޮށް ދެވަނަފަހަރަށްވެސް އައްމާރު ތަކުރާރުކޮށް އެކަމަށް އެދުނެވެ. ޖިދާން ބަލަން ހުރީ ނުރުހުމުގެ ނަޒަރަކުންނެވެ.

"އިމީ ފަހަރި އެހާ ބިޒީކޮށް ހުއްޓާ އިތުރު އުދަގުލެއް ޖައްސާކަށްނުވާނެ، މިގޭ ގާޑަން ހަދާ ނިމުނު ދުވަހަކުން ކޮންމެ ދުވަހަކު ހަވީރު ސައިބޯން އަންނާނީ، މިހާރު ހިތަށް އެބައަރާ މިގެ ގަންނަން، މިގެ ފެނުނީމަ އަމިއްލަ ކުރާހިތްވެއްޖެ......" ޖިދާންގެ ނަޒަރު ސާރާއަށް ހުއްޓުނުތަން ފެނިފައި އަދި އެބުނި ޖުމްލައަކުން ސާރާގެ ގައިން ހީބިހި ނަގާގޮތްވިއެވެ. ޖިދާންގެ ނުރައްކާތެރިކަމުން އައްމާރުއަށް އަނިޔާއެއް ކުރާކަށްވެސް ފަހެއް ނުޖެހޭނެއެވެ.

ޖިދާން އާއި ރައިޝާ ދިޔުމުން އައްމާރު އެކަމާއި ޝަކުވާކޮށްފައި އެއްޗެކޭ ނުބުނިކަމުގައި ވިޔަސް އޭނަ ހުރީ ހިތްހަމަނުޖެހިފައިކަން ސާރާއަށް ޔަގީންވިއެވެ. ސާރާއާއި އަނގައިން ބުނެނުލާ އެތެރެއަށް ވަދެގެން ދާން ފެށުމުން ސާރާ ގޮވާލަންވެގެން އުޅުނެވެ. ނަމަވެސް އޭނަ ހިމޭންކަން ޚިޔާރުކުރިއެވެ. ޖިދާންގެ ހަގީގަތް މިވަގުތު އައްމާރުއަށް ހާމަކުރުން ރަގަޅެއްނޫނެވެ. އައްމާރުއަށް ރަގަޅު މުސާރާ ލިބެން އޮތްވާ އެކަމަށް ހުރަސްއަޅާކަށް ނުވާނެއެވެ. މައިންބަފައިންގެ ކައިރީގައި ހުރުމުން ޖިދާންއަށް އެހާ ބޮޑު ގެއްލުމެއް އޭނައަކަށް ނުދެވޭނެއެވެ.

އައްމާރު ފެންވަރާލައިގެން ނުކުތްއިރު ސާރާ އައްމާރުގެ ގަމީހާއި ފަޓުލޫނު އިސްތިރިކޮށް ކޮނޑުގައި އަޅުވާލާފައި އޮތެވެ. ގެވެހިކަމުގެ ނަމޫނާއެކެވެ. ހުކުރުން އައިގޮތަށް އާއިލާ އެންމެން އެކީގައި ކައި ނިމުނުއިރު އައްމާރުގެ ތަބީއަތު ރަގަޅުވެ ޖިދާން އައުމުން ސާރާ މެހުމާންދާރީ އަދާނުކުރިކަން ހަދާން ނެތިއްޖެއެވެ.

"ސާރާ. ވަރަށް ވިސްނައިފިން، އެހެން މީހެއްގެ ފަރާތުން އެނގުމުގެ ކުރިން މިއުޅެނީ ސާރާގެ ވާހަކަ ކާއިއާ ކައިރީގައި ބުނަން، މެރީކުރި ވާހަކައެއް ނޫން ބުނާނީ، މެރީކުރަން އުޅޭ ވާހަކަ. ކައިވެނިކޮށްފީމޭ ބުނެފިއްޔާ ކާއިއާ މަރުވެދާނެ، ޔަގީންކަމެއް އެއީ......" އައްމާރުގެ ވާހަކަ ހުރިގޮތުން ސާރާ ހިނި އައެވެ. އެއަންހެނާ ދައްކާ ވާހަކަތަކަށް އައްމާރު ހެއްލިފައި މިހިރީ ހާދަ ވަރަކަށެވެ. ނެޓުން ލޯބިވެގެން އުޅެފައި އަމިއްލައަށް މަރުވަނީ ހެއްޔެވެ؟ ލައިލާ މަޖުނޫނެއް މިޒަމާނަކު ނެތެވެ. ޖޫލިއަޓް ހެދެން އުޅުނަސް އެއީ ދެއްކުންތެރިކަމެވެ. ތެދުވެރި ލޯތްބެއްނޫނެވެ.

އައްމާރު ވީޗެޓުން ކާއިއާއާއި ވާހަކަދައްކަން ފެށިއިރު ސާރާވެސް ކައިރީގައި އިނެވެ. ކާއިއާ މިއަދުވެސް ލައިގެން އިނީ ވަރަށް ރީތި ކުރު ޓޮޕްކޮޅަކާއި ޓައިޓެކެވެ. ކަރުގައި ސްކާފެއް އޮޅާލާފައިވާއިރު ދޮންމޫނު ވިދާބަބުޅައެވެ. ޑައިމަންޑް ފޭޝަލް ހަދާފައި ބާވައެވެ. ކެމެރާއިން ފެންނައިރުވެސް ރީތިކަމުގެ މިސާލެއްނެތް ފަދައެވެ. ސާރާގެ ހިތުގައި އެހެން ކަހަލަ އަލިފާނެއް އަނދަންފެށިއެވެ. ހިތަށް ވިސްނާދޭން ކިތަންމެ ވަރަކަށް ވިސްނިޔަސް އޭނަގެ ހިތް ގަބޫލެއްނުކުރެއެވެ. ކާއިއާއާއި ދޭތެރޭގައި ރުޅިވެރިކަމާއި ހަސަދަވެރިކަން އުފެދުން ދުވަހަކަށްވުރެ ދުވަހެއް އިތުރުވިއެވެ.

"ކައި. ދެއަރސް ސަމްތިން އައި ހޭވް ޓު ޓެލް ޔޫ........." އައްމާރު އޭނައާއި ކައިރީގައި އިން ސާރާއަށް ބަލާލުމާއިއެކު ސާރާ މައުސޫމްގޮތަކަށް ހީލައިފިއެވެ.

ކޮމެންޓް 0