"އެއްޗެއް ދައްކަންތަ....." ޖިދާން ސާރާއާއި ދިމާލަށް ފާޑަކަށް ބަލާލާފައި އައްމާރުއަށް ގޮވާލިއެވެ. ސާރާ ބިރުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ޝައިތާނެއްކަހަލަ މީހެއްގެ ގޮތުގައި ސިފަކުރެވުނަސް އެހާ ބޮޑު ޝޮކެއް އައްމާރުއަށް ދޭން ކެރިދާނެކަމަކަށް ސާރާ ހިޔެއްނުކުރެއެވެ. ލޭގެ ގުޅުމެއް ނެތްކަމަށް އޭނަވަނީ އެތައްފަހަރު ބުނެފައެވެ. އެކަމަކު އެކުވެރިއެއްގެ ގޮތުގައި ދެކުނަސް ނޫނީ ތިމާގެ މުވައްޒަފެއްގެ ގޮތުގައި ބެލިޔަސް މީހަކަށް އެހާ ބޮޑު ނިކަމެތިކަމެއް ދޭންވާނެ ހެއްޔެވެ؟ އިންސާނިއްޔަތުކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް މީހެކެވެ. ސާރާ ބޭނުންވީ ދުވެގޮސް ފިލުމަށެވެ. އައްމާރު އޭނައާއި ދޭތެރޭގައި ހީކުރާނެ ގޮތެއްވެސް ނޭގެއެވެ. ޖިދާންގެ ކޮޓަރިއާއި ހަމަޔަށް އޭނަ ދިޔުމަކީ ގަބޫލުކުރެވޭނެ އުޒުރެއް ނޫނެވެ.

"ސެކްސީ ވީޑިއޯއެއް ވީމަތަ ބްލަޝް ވީ....." ސާރާ ކޮޓަރީގެ ދޮރު ހުޅުވާލިއިރު ޖިދާން ބުނި އަޑު އިވުނެވެ.

ސާރާ ނޭވާ ހިފަހައްޓާލައިގެން އިންތިޒާރުގައި ގަޑިތައް ގުނަން އިންދާ ބާރަޖަހައިފިއެވެ. އައްމާރުމެން ގޭގައި ނޫޅެނީހެއްޔެވެ؟ ކޮފީ ބޮއިގެން ދެން ބޭރަށް ދާންވީ ކީއްކުރަންހެއްޔެވެ؟ ގޭންގުތަކުގެ މާރާމާރީ ފެށޭނީވެސް ދަންގަޑީގައެވެ. ނޫނީ އޭނަދެކެ ރުޅިއައިސްގެން މިގެއަށް ނުވަންނަން ހުވާކުރީހެއްޔެވެ؟ ޖިދާން އެދެއްކީ ކާކުގެ ވީޑިއޯއެއްކަން ނޭގުނަސް އޭނަ ނޫންކަމާއިމެދު ޝައްކުވިއެވެ. ޖިދާން އޭނަ ތަޅުވާލީކަމަށް ވެދާނެއެވެ. ނޫނީ އޭނަ ހަގީގަތުގައި އެހެރީ އޭނަގެ ބޭނުންކުރަން ދަނޑިވަޅަކަށް ބަލަބަލާހެއްޔެވެ؟

އެކެއް ޖަހަން އުޅެނިކޮށް އައްމާރު ގެއަށް އައުމުން ސާރާ ހުރީ ޝަކުވާކުރާށެވެ. ނަމަވެސް ހީލާފައި ބައްދާލިގޮތަކުން އޭނައަށް މަޖުބޫރުވީ ހިމޭންވާށެވެ. ބައްދާލުމުން މިރެއަށް ވާޖިބު އަދާކުރެވުނީކަން ޔަގީނެވެ. ވާނީވެސް އެހެންތާއެވެ. ހިޔަނިހެން ތަތްވެގެން ހުންނަ ރަނިކަމަނާ ހުންނަނީ އައްމާރުއަށް ފާރަލައިގެންނެވެ. ގެއަށް ވަންތަނާހެން ގުޅަން ފެށިއެވެ. ފޯނު ދިއްލޭތަން ފެނިފައި ވީ އަމަށަކު ފޫއްސެއްނޫނެވެ. އެކުއްޖާއަށް ނުބައި ދުޢާކުރެވުނީ އިޚުތިޔާރަކު ނޫނެވެ. އެކަމާއި އަމިއްލަ ނަފުސް ކުށްވެރިކުރަމުން އެގޮތަށް ނުވުމަށް އެދެވުނެވެ. މާދަން ފަތިހު ޑިއުޓީ އޮތުމުން އޭނަ ދެން ބޭނުންވީ ނިދާލާށެވެ. އެނދަށް އަރާ ރަޖާ ބޮލުގައި އަޅާލިތަނާ އައްމާރު ހޮޅިބުރި ދިއްލުމުން ނިދި ލޮލާއި ވަކިވެއްޖެއެވެ. އައްމާރު ލޯބިން ކާއިއާއާއި ވާހަކަދައްކަނީއެވެ. އޭނަ އޮތީ އެނދުގައި އެކަނިވެފައެވެ.

އެންމެފަހުން ރުޅިގަދަވީ ކެތްކުރެވޭވަރަކަށް ނޫނެވެ.

"އެ ވިޗްގެ ސަބަބުން ނިދިވެސް ޚަރާބުވަނީ، ރުޅި ނާންނަން ހުއްޓަސް ރޭގަނޑު ލޮލު ފިޔަޖަހާނުލާ ޑިއުޓީ ކުރެވޭތަ؟ ހުރިހާ އެއްޗެއް ސެކްރިފައިސެއް ނުކުރެވޭނެ....." ސާރާ ކުއްލިއަކަށް ރަޖާ ދަމައިގެންފާ ވައިރޯޅިއެއްހާ ބާރަށްގޮސް ސްވިޗްތަކަށް ފިތާލިއެވެ. ކޮޓަރިތެރެ ކަނު އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ. އަނގައިން ބުނުމެއްނެތި އެދިޔަ ބާރުމިނުގައިގޮސް ފާޚާނާއަށް ވަދެ ދޮރުލައްޕާލައިފިއެވެ. ފާރަށް ލެނގިލައިގެން ހުރެ ފުންފުންކޮށް ނޭވާލިއެވެ.

ފަސްވަރަކަށް މިނިޓްފަހުން ނުކުތްއިރު އައްމާރު އޮތީ ނިތްކުރީގައި އަތް ބާއްވާލައިގެންނެވެ. އަދިވެސް އޭނަ އޮތީ ބިންމަތީގައި ކުނާމަތީގައެވެ.

ސާރާ ވައިބަރ އޮންކޮށްލުމަށްފަހު ގްރޫޕްގައި ވާހަކަދައްކަން ފެށިއެވެ.

"މިއުޅެނީ ނުނިދިގެން......" ސާރާ ބުނެލިއެވެ.

"ކީއްވެގެންތަ؟ "ކާއިއާ އަހާލީ ވަރަށް ހަމަޖެހިލާފައެވެ.

"ހައު ދަ ހެލް އައި ކެން ސްލީޕް ހުރިހާ ބޮކިތައް ދިއްލާލާފައި އޮތީމަ، ހެނދުނު ޑިއުޓީއަށް ދާމީހެކޭ މިއީ، އެކަކުވެސް އަހަންނަކަށް ކެއަރ އެއް ނުކުރޭ، އައްމާރުވެސް ހިތަކަށް އެއްޗެކޭ ނާރާ ތިމާގެ ވައިފް ނުނިދާ ހުއްޓަސް......" ސާރާ އައި ރުޅީގައި ހިތުގައިވާހާ އެއްޗެއް ބަންޑުންކޮށްލައިފިއެވެ.

އައްމާރު ބާރު ހިނިގަނޑެއް ޖަހާލިޔަސް ގްރޫޕްގައި ވާހަކަދައްކާކަހަލަ ޚިޔާލެއް ނުކުރިއެވެ.

"އަހަރެންވެސް ކޮލެޖަށް ދާންޖެހޭ، ރޭގަނޑު ހޭލާ ހުރެފައިވެސް ކޮލެޖަށްދަން، ސާރާއަށް ނުނިދާ ނުހުރެވޭތަ؟ އެކަމަކު އިމީދެކެ ލޯބިވާކަމަށް ދައުވާކުރަމެއްނު، އަހަންނަށް ނިންޖަށްވުރެ ހުރިހާ ކަމަކަށްވުރެ އިމީ މުހިއްމު، ހީޒް މައި ހެޕިނެސް، މަގޭ ދިރިއުޅުން، ފުރާނަ، ވަރަށް ވަރަށް ލޯބިވޭ......." ކާއިއާގެ ޖުމްލަތައް ސާރާގެ ހިތުގައި އެޅުނު ކޫރުންތަކަކަށް ވިއެވެ. ހިތުގައި ރިއްސަންފެށިއެވެ. އޭނައަކީ އަންހެނުންނެވެ. އެކަމަކު އައްމާރުދެކެ ވާ ލޯބި ހާމަކުރެވެންވެސް ނެތެވެ. ހީވަނީ ކާއިއާ މާ ގަދަކޮށްލާފައި އުޅޭހެންނެވެ.

"ކާއިއާ ހާދަ ކުޅަދާނައޭ ދޯ، ސުޕަރ ވުމެން ދޯ. އެނީވޭސް އަހަންނަކަށް ނުނިދާ ހުރެގެނެއް މަސައްކަތް ނުކުރެވޭނެ، މިގަޑީގައި ބޮކިނުދިއްލާ އެކަނި ވާހަކަ ދެއްކިޔަސް މައްސަލައެއް ހެން ހިޔެއްނުވޭ، އެހާ ވަރަށް ދެމީހުން އުޅުނަސް އެހެން މީހުންނަށް އުދަގޫކުރާކަށް ނުވާނެ. ޕްލީޒް ޑޯންޓް ޑިސްޓާބް މީ، ދެމީހުން ކޮންމެ ކަމެއްކުރިޔަސް އަހަންނަށް އުދަގޫނުކޮށްފިއްޔާ ރަގަޅު......" ސާރާ ރުޅިގަނޑު އެތެރެއަށް ހިންދާލަމުން ރީތިކޮށް ވާހަކަދެއްކިއެވެ.

އައްމާރު އަދި ކާއިއާވެސް ޖަވާބެއްނުދިނެވެ. އޭނަ ވައިބަރ އޮފްކޮށްލާފައި އަނެއް ފަރާތަށް އެނބުރިލިއިރު ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ކާއިއާ އޭނަގެ ނިދި ޚަރާބުކޮށްލައިފިއެވެ.

ދެތިން ދުވަސްފަހުން އައްމާރު މާވަރަކަށް މޫޑު އޮފްވެފައި ހުންނަން ފެށުމުން ސާރާ ސުވާލުކުރަންފެށިއެވެ. އެތައް ވަރަކުން އައްމާރު ބުނީ ކާއިއާ އަނެއްކާވެސް ވިހައެއް ކައިގެން ހޮސްޕިޓަލުގެ އައިސީޔޫގައި އޮތްވާހަކައެވެ. މިފަހަރު އައްމާރު އަށް ޝަރުތުކުރީ ސާރާ ވަރިކުރަންކަމަށާއި އެކަމާއި ދެކޮޅު ހެދުމުން އަމިއްލައަށް މަރުވާނެކަމުގައި ކާއިއާ އިންޒާރުދިނެވެ. އައްމާރު ވިސްނުމަކާއި ނުލައި ބުނީ ބޭނުމިއްޔާ މަރުވާންވީކަމުގައެވެ. އެކުއްޖާއަށް ވިސްނާދީ ދީ އައްމާރުގެ ސިކުނޑިވެސް ވަރުބަލިވެއްޖެއެވެ. އެފަހުން ކިޔަންގެ ފަރާތުން ކާއިއާ މަރާއި ހަނގުރާމަކުރަމުން ދާކަން އެނގުނެވެ. މިހާރު ފުރާނަ ނުރައްކަލުން ބޭރުވެފައި ވިޔަސް ބަލިކަމުގައި ބުނެލިއެވެ.

ޑޮކްޓަރ ޝުވޭކާރު ތިރިކޮށް ހަދާފައިވާ ގޭޓް ހުޅުވާލާފައި އެތެރެއަށް ވަދެފައި ޝައުގުވެރިކަމާއިއެކު އޭނަގެ ކުޑަ ބަގީޗާއަށް ނަޒަރު ހިންގާލިއެވެ. ޑެއިޒީ ލިލީ ޓިއުލިޕްފަދަ އެކި ކުލަކުލައިގެ މާތައް ފޮޅިފައިވާއިރު ދޫލައެއްފަދައިން ފެހި ވިނަގަނޑު ވަނީ ބިންގަޑު ފޮރުވާލާފައެވެ. ކުއްލިއަކަށް ފޯނަށް ބަލާލާފައި ޝުވޭކާރުގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. ކާއިއާގެ ބޮޑާހޭކުމާއި ގޮތްދޫނުކުރުމުގެ ސަބަބުން ފައިސަލްވަނީ އެހެން ކޮޅަކަށް ދީލަން ފަށާފައެވެ. އޭނަ ޚިޔާލުކުރަނީ މާލެއަށް ބަދަލުވުމަށެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ކާއިއާ ލޯބިވާ ޒުވާނާއާއި ކައިވެނިކޮށްދިނުމަށެވެ. ޝުވޭކާރުގެ ބުއްދި ފިލާނުދިޔައީ ހަމަ ކިރިޔާއެވެ. ޑިއުޓީ ނުނިމެނީސް ބަލިކަމުގެ ބަހަނާ ދައްކާފައި އޭނަ ބޭނުންވީ އެމައްސަލާގައި ފައިސަލްއާއި ރަގަޅަށް ޒުވާބުކޮށްލުމެވެ.

 

ކުއްލިއަކަށް މީހަކު މެދުހަށީގައި ބައްދާލުމުން ޝުވޭކާރު ތޫލިކޮށް ހަޅޭއްލަވައިގަތެވެ.

"ދެން ފައިސަލްވެސް ކުރާކަންތައް، ބިރުން އަވަދިވެއްޖެ......" ޝުވޭކާރު މޫނު ހަދާލިއެވެ.

"މާތަކާއި ކުޅެނިކޮށް ޖިންނިއެއް އަވަލަފާނެ. ޝުވޭ މާ އަވަހަކަށް އައީ ޔޯ؟ އަހަރެމެންގެ ދަރިފުޅުގެ ހާލު ކިހިނެއްތަ؟" ފައިސަލް ޝުވޭކާރުގެ ކޮލުގައި އަތުން ބީއްސާލިއެވެ. އެއުމުރުގައިވެސް ދެމީހުން އުޅެނީ އެހާ ލޯބިންނެވެ. ޅަދުވަސް އައިސްގެން އުޅޭހެންނެވެ. ޅައުމުރުގައި ވެވުނު ލޯތްބާއި ގުޅުންތައް ދޭތެރެއަކުން ކެނޑުނަސް އެދެމީހުންނަކީ މާލެއަށް މަޝްހޫރުވި ދެލޯބިވެރިންނެވެ. ލޯބިވެރިންނަށް މިސާލެކެވެ.

"އެތާވެސް ނުހުރެވިގެން މިއައީ ފައިސަލް ދެއްކި ވާހަކައަކުން މަގޭ ބޯ ގޮވާވަރުވީމަ، މާލެއަކަށް ބަދަލުވާނެކަމެއް ނެތް، މިހާ ރަގަޅު މުސާރަ، އަރާމު ދިރިއުޅުން، މި މާހައުލު، ވިސްނާލަބަލަ، ކުޑަ ގޮޅިއެއް ކަހަލަ ތަނަކަށް ދާން ވިސްނާނީ ހަމަ މޮޔައެއް، ފައިސަލް އަމިއްލައަށް ދޭ، އަހަރެން ނުދާނަން...." ޝުވޭކާރު ހަށަން ބަދެލިއެވެ.

"ނޫޅެމޭ ދާކަށް. އެބުނާ އިމީ އެއް މިރަށަށް ގެންނަ ވާހަކަ މިދައްކަނީ. ކާއިއާ ދުނިޔެ ދޫކޮށްފިއްޔާ ޝުވޭ އަމިއްލަ ނަފުސަށް މާފުކުރާނެތަ؟ އެއީ އަހަރެމެންގެ ހެޕިނެސް، އަހަރެމެންގެ ފުރާނަ، އެކުއްޖާއާއި ނުލައި މިގެ ފަޅުތަނަކަށްވެގެން ހިނގައިދާނެ، އިއްޒަތާއި ގަދަރު ހަނދާން ނައްތާލާފައި އަމިއްލަ ދަރީގެ އުފަލަށް ވިސްނުމުގެ ވަގުތު ޖެހިއްޖެ، ކާއިއާ އެހެރީ ހަމަ ރަގަޅަށްވެސް ޑިޕްރެޝަންގެ ޝިކާރައަކަށްވެފައި، ޝުވޭ ކީއްވެތަ ރާއްޖޭ ކުއްޖަކާއި ކާއި އިންނަން ތިހާ ވަރަށް ދެކޮޅުހަދަނީ؟ ކޮންމެވެސް ރަގަޅު ރީޒަނެއް އޮންނަން ޖެހޭނެ، ނޫނީ އަހަރެން މިހިރީ ވީހާ އަވަހަކަށް މިކަންތައް ނިންމާލަދޭގޮތަށް......." ފައިސަލް ހިޔާދޭ ގަހެއްގެ ދަށުގައި ހުރި ސިމެންތި ގޮނޑިއެއްގައި އިށީދެ ޝުވޭކާރު ކައިރީގައި ބޭންދިއެވެ.

"ފައިސަލް، އަހަންނަށްވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައި......" ޝުވޭކާރު ގެ މޫނު ހުދުވާގޮތްވިއެވެ.

"ކޮންކަހަލަ ކުށެއްތަ؟ " ފައިސަލްގެ ހިތް އަވަސްވިއެވެ.

"ޑޫ ޔޫ ރިމެމްބަރ، އަހަރެމެން ދަތުރު ދިޔައީމެއްނު ފަޅުރަށަކަށް، ބާރަ ނިންމާލިފަހުން. އެރޭ ވަރަށް ތޫފާނީ ރެއެއްނު. އެރޭ އަހަރެމެންނަށް ލިބުނީ ރަނުގެ ފުރުސަތެއް، އެހާ ބޭނުންވެފައި ތިއްބާ ދެމީހުން އެކަނިވުމުން އެފާފަވެސް ކުރެވުނީ، މާލެއައިފަހުން އަހަންނަށް ފެނުނީ ފައިސަލް އާއި ރީނާ އެއްކޮޓަރީގައި ތިއްބާ. ދެމީހުން ބްރޭކްއަޕްވީ، އެފަހުން ފައިސަލް ކޯހެއްގައި ފުރައިގެން އެމެރިކާއަށް ދިޔަތަނާ އަހަންނަށް އެނގުނީ ޕްރެގްކަން......." ޝުވޭކާރުގެ އަޑު ތުރުތުރުލިއެވެ.

"ވަޓް؟ މަގޭ ދަރިއަކަށް؟ "ފައިސަލް އަށް ލަސްލަހުން ތެދުވެވިއްޖެއެވެ.

"ހޫމް......" ޝުވޭކާރު އަބަދު ހަރުކަށިކަން ދައްކައިގެން ހުއްޓަސް މޫނުމައްޗަށް މަޑުމައިތިރިކަމެއްވެރިވިއެވެ. ދެލޮލުގައި ކަރުނަ ހިނގާލައިފިއެވެ.

"ކޮބާ އެކުއްޖާ......." ފައިސަލް ފިނިވަމުން ދިޔަ އަތްތިލަ ޖީބަށް ޖަހާލާފައި ތަންކޮޅެއް ބާރަށް ސުވާލުކޮށްލިއެވެ.

"ނަސީބަކުން އޭރު އަހަންނަށްވެސް ވަނީ މެޑިސިން ހަދަން ކޮލެޖުން ޖާގަލިބިފައި، ހޮޑުލައިލައި ހަލާކުވީއިރުވެސް އެންމެނަށް ސިއްރުކުރިން، ކާއެއްޗެހީގެ ސަބަބުން ވާކަމެއްކަމަށް އެކުވެރިން ދެކުނީ، ފަލަވާން ފެށީމަ ވަރަށް ދިމާކުރި ޝުވޭ ފަލަވެ ބެރަކަށް ވަނީ ނޫންހެއްޔޭ ކިޔާފައި. ވިހާ ދުވަސް ކައިރިވީއިރު މާލެއަށް އައީ، އޭރު ކޮންމެވެސް ވަރަކަށް އެނގޭ ދަރިފުޅު ލިބިއްޖެއްޔާ ހަދަންވީގޮތް، އަމިއްލައަށް ކޮޓަރީގައި ވިހައިގެން ސާފުކުރުމަށްފަހު ބޭގަކަށް ލައިގެން މީހަކަށް ގެންގޮސްދިނީ، އެއީ ކޮންތާކު ހުރި ގެއެއްކަމަށް ހަދާނެއްނެތް، އެމީހާގެ ސިފަ އެނގުނަސް ނަމެއްވެސް އަހާނުލަން، އެމީހާއަށް އާދޭސްކޮށްފައި ބުނިން މީހެއްގެ ކައިރީ ދަރިފުޅުގެ ސިއްރު ހާމަނުކުރާށޭ................" ޝުވޭކާރުގެ ޖުމްލަތަކުން ފައިސަލް ހުރީ ދެބުމަ ކައިރިކޮށްލިގޮތަށް ބަސްހުއްޓިފައެވެ. ޖީބަށް ޖަހާލައިގެން ހުރި އަތް މުށްކެވުނެވެ.

"ހައު ޑެއަރ ޔޫ....." ފައިސަލް ދަތްތަކަށް ބާރުކޮށްލިއެވެ.

"ފައިސަލް އަދިވެސް ރުޅި އަންނަންވީ އަހަރެން ދެކެތަ؟ރީނާއާއި އެއްކޮށް ނޫޅުނުނަމަ މިދުވަސް ދެކޭކަށް ނުޖެހޭނެ......." ޝުވޭކާރު ހިތްހަމައެއް ނުޖެހުނެވެ.

"އެހެނޭ ކިޔާފައި ކުށެއްނެތް މައުސޫމް ކުއްޖަކު ގެންގޮސް ނުދަންނަ މީހެއްގެ އަތް މައްޗަށް ދޫކޮށްލާފައި ޝުވޭ ތިއައީ، މަގޭ ފަރާތުން ބަދަލު ހިފަންވެގެންވެސް އަމިއްލަ ދަރިއަކު އެއްލާލަފާނެކަމަކަށް އަހަރެން ހިޔެއްނުކުރަން، ތިއީ ކޮންކަހަލަ އަންހެނެއްތަ؟ ކޮންކަހަލަ މަޔެއްތަ؟ ހިތެއްވެސް ނެތީތަ؟ އަހަރެމެންގެ ކާއިއާ އާއި ކިޔަންއެކޭ އެއްފަދައިން އެކުއްޖާއަށްވެސް އަހަރެމެންނާއިއެކު ދިރިއުޅުމުގެ ހައްގު އޮންނާނެ، އެކުއްޖާއަށް މަންމައާއި ބައްޕަ ކިޔުމުގެ ހައްގެއް ނެތީތަ؟ އެހުރިހާކަމެއް ނިގުޅައިގަތީ، ކިޔަންއާއި ކާއިއާ އެގޮތަށް ބީރައްޓެހި ބަޔަކާއިއެކު އުޅޭނެ ގޮތް ހިތަށް ގެނެސްބަލަ، އަހަރެމެންގެ ލެޔޭ އެއީ، ކީއްވެ އަހަންނަށް ނޭންގީ؟ " ފައިސަލްގެ އަޑު ގަދަވިއެވެ.

"ފައިސަލްއާއި ރުޅިވީފަހުން ޕްރެގްކަން އެނގުމުން އަހަރެން ގަންނާނެ ބިރާއި ވާނެ ދެރަ ފައިސަލްވެސް ހިތަށް ގެންނަންވީނު، ހާދަ ރުއީމޭ، ނުކައި ނުބޮއި ނުނިދާ އޮވެ އެކަނިމާ އެކަނިއޭ އެބުރަ އުފުލީ، ތުއްތުކުދިން މަތިންވެސް ފޫހިވި. ދުވަހަކު ދަރިއެއް ނުހޯދަން ނިންމީ އެހެންވެ، އެކަމަކު ފައިސަލްގެ މަންމަ ރުއްސަން ފައިސަލް ވެއްޖެ މަށަށް ލަނޑުދޭން، އެހެންނޫންނަމަ ދަރިން ހޯދުމަކީ އަހަރެން ދުވަހަކު ކުރާނެކަމެއްނޫން......." ޝުވޭކާރު ނުރުހިފައިވާ ރާގަކަށް ބުނެލައިފިއެވެ.

"އޭރު އެވާހަކަ ބުނިނަމަ އަހަރެން ކައިވެނި ކުރީމު....." ފައިސަލް ފުން ނޭވަޔެއް ދޫކޮށްލިއެވެ. އެމީހުންގެ ދަރިފުޅު ކޮބާހެއްޔެވެ؟ އެފިރިހެންކުއްޖާ ވީ ކޮންތާކުހެއްޔެވެ؟ ދިރިދުނިޔޭގައި ހުރިކަމެއްވެސް ނޭގެއެވެ. ބީރައްޓެހި ކުއްޖަކު އެހާ ލޯބިން އެހެން ބަޔަކު ބަލާފާނެހެއްޔެވެ؟ ވާހަކަތަކުންނާއި ފިލްމުތަކުން އެފަދަ ކަންތައްތައް ހިނގާކަން އެނގުނަސް އަމިއްލަ ދިރިއުޅުމުގައި މިފަދަ ދުވަހެއް ދެކެން ޖެހިދާނެކަމަކަށް ފައިސަލް ހިޔެއްނުކުރެއެވެ.

"އެދުވަސް އަލުން ނާންނާނެ ފައިސަލް، އަހަންނަށް އެކުށްކުރެވިއްޖެ، އައިމް ސޮރީ......" ޝުވޭކާރު މާފަށް އެދުނެވެ. އެތައް އަހަރުތަކެއްވާންދެން އެކަން ސިއްރުކޮށްގެން ހުރުމަށްފަހު ފިރިމީހާއާއި ހިއްސާކޮށްލެވުމުން ބޮލުން ބޮޑު ބުރަޔެއް ލުއިވެގެން ހިނގައްޖެއެވެ.

އޭނަ ފޮރުވީ އަދިވެސް އެ އަންހެންމީހާއަށް ބަރާބަރަށް ފައިސާ ފޮނުވާކަމެވެ.

"އެހެންވެ ދޯ ކާއިއާ ރާއްޖޭ މީހަކާއި އިންނަންވީމަ ގަބޫލުނުވަނީ؟ ބޭބެއާއި ހިތާވެދާނެތީތަ؟ މިޒަމާނުގައި ތިހާ ހާސްވާކަށް ނުޖެހޭނެ، އެކުއްޖެއްގެ ޑީއެންއޭ ޓެސްޓްކުރީމަ އެވީނު، އަހަރެން ހުއްޓާލާނީ އަހަރެންގެ ދަރިފުޅު ހުރިތަނެއް ހޯދާފައި.....ކާއިއާއަށް ރަގަޅުވީހާ އަވަހަކަށް އަހަރެން ރާއްޖެ ދާނަން....." ފައިސަލް ފަތްތަރުމަތިން އަރަމުން ޝުވޭކާރަށް ބަލައިލިއިރު އެދެލޮލުން ފެނުނީ ބީރައްޓެހިކަމެވެ.

ކޮމެންޓް 0