"އެބައުޅޭ. ވަރަށް މިސްވެޔޭ، ހަގްކޮށްލާހިތުން ހަމަ........" އައްމާރު އެހެން ބުނެލަމުން ވީޑިއޯ ކޯލް ކުރިއެވެ. ކާއިއާ ހީލާފައި ފޯނުގައި ތުންފަތްޖެއްސިއެވެ. އައްމާރުގެ ރީތި މޫނު ފެނުމުން ދުވަސް ފުރިހަމަވެގެން ދިޔަހެން ހީވިއެވެ. ދެން އައްމާރުއާއި ބައްދަލުވެ އޭނަގެ މީހަކަށްވާން މާ ގިނަ ދުވަހެއްނެތެވެ. ކުޑައިރުއްސުރެން ދެކުނުހާ ހުވަފެންތައް ފުރިހަމަވަނީއެވެ. ދުނިޔެއިން އޭނައަށް މަދުވާ އެއްޗެއް އައްމާރު ނޫނީ ނެތެވެ. އައްމާރު އައުމަށްފަހު ދިރިއުޅުން ފުރިހަމަވީއެވެ. ދަރިންނަށް ކިޔާނެ ނަމަށްދާންދެން އޭނައާއި އައްމާރުވަނީ ހަމަޖައްސާފައެވެ.

ކޮންމެވެސް މީހެއްގެ ހިލަންވެގެން ކާއިއާ ފަހަތަށް ބަލާލާފައި ހަޅޭއްލަވައިގަނެވެން އުޅުނެވެ. ހައިރާންކަމާއިއެކު ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ގަބޫލުކުރުން ދަތިވުމުންނެވެ. އެތައް ޖަޒުބާތުތައް މަސްހުނިވެގެން ކާއިއާ އަނގަމަތީގައި އަތްއެޅިގޮތަށް ބަލަން ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. އައްމާރު މިގޮތަށް އޭނަ ހުރި ތަނެއް ހޯދައިގެން އައުމަކީ ލޯބީގެ ކޮންފަދަ ބޮޑު އިއްތިފާގެއް ހެއްޔެވެ؟

"ކައި......" އައްމާރު ގޮވާލި ރާގުން ކާއިއާގެ ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބުނެވެ. ގަނޑުފެނުން ތެންމާލަދިނުމެކޭ އެއްވަރެވެ.

"އިމީ......" ކާއިއާވެސް ކުރިޔަށް އެއް ފިޔަވަޅުއެޅިއެވެ. ދެމީހުންގެ އިނގިލިތައް މަހާލެވި ގުޅިގެން ދިޔައިރު ދެލޯވަނީ ގުޅާލެވިފައެވެ. ދުރު ބަލާލާކަށްވެސް ނޭގުނެވެ. އޭރު ދެހިތުގެ ވިންދު އަވަސްވެ ގުޅާލެވިފައިވާ އަތްވެސް ގަނޑުފެނެކޭ އެއްގޮތެވެ.

"އަހަންނަށް އެނގޭ ކައި ތިހިރީ ވަރަށް ސަޕްރައިޒްވެފައި ކަން، މިތާގައި ހުރިކަން އެނގުނީ ކިހިނެއްބާވައޭ. ކައި ރާއްޖެ ތިއައީ އަންގާވެސް ނުލާ، ލޯތްބަކީ ވަރަށް އެހެން ކަހަލަ އެއްޗެއް، މިހެން ބުނެފިއްޔާ ގަބޫލުކުރާނަންތަ؟ އަހަންނަށް ކުޑަކޮށް ނިދުނުތަނާ ހުވަފެނުން ފެނުނީ ކައި މި ބެލްކަނީގައި ރެޑް ޓޮޕަކާއި އައިސްބްލޫ ޖިންސެއް ލައިގެން ހުއްޓާ، ވަގުތުން ތެދުވެގެން މިއައީ........" އައްމާރުގެ ވާހަކަތަކުން ކާއިއާ އިތުރަށް ހައިރާންވިއެވެ.

"އިޓްސް ޓްރޫ ބޭބީ ގާރލް. އައި ސްވިއަރ. އެކަމަކު އެހާ ބޮޑަށް ކޮންވިންސް ވީ ކައިގެ މަންމައާއި ބައްދަލުވެފައި ހުރީމަ. މަންމަ ފެނުމުން ކައި މާލޭގައި ހުރިކަމާއިމެދު ޝައްކުވެފައޭ ހުރީ، ތޭންކް ގޯޑް، ކިހާ ސްވީޓްކޮށް މި ދިމާވީ........" އައްމާރު އެކްސިޑެންޓް ހިނގިގޮތް ކިޔައިދިނުމުން އޭނަގެ އަތާއި މޫނުގައިވާ ބެންޑޭޖުތަކުގެ އަސްލު އެނގުނެވެ. ކާއިއާ ހަނދާންވީ އޭނަގެ މަންމަ އައްމާރުގެ ފޮޓޯ ބަލަންވެގެން އެހާ ވަރުން އުޅުނު ސަބަބެވެ. " އިމީ" ކިޔާފައި އައްމާރުގެ ދޮންބެ ގޮވައިލުމުން މަންމައަށް ކިހާ ޝައްކުވާނެ ހެއްޔެވެ؟

"މިހާ ބޭނުންވާއިރުވެސް ހަގްކޮށްނުލާ މިހުރީ ކީއްވެކަން އެނގޭތަ؟ އަހަރެމެންގެ ގުޅުން އިސްލާމިކް ކޮށް ކުރިއަށް ގެންދަން ބޭނުމީ. އެނގޭ އަތުގައި ހިފާލާކަށްވެސް ނުވާނެކަން، އެކަމަކު އަހަރެން މި ރީތި ތުންފަތުގައި ބީހިލާނީވެސް މަގޭ ހައްގަކަށް ދީނީގޮތުން ވުމަށްފަހު، އޭރަށް ކައިވެނި ބާއްޖަވެރިވާނީ. މިހާރު ބަލާލައިގެން ހިތް ހަމަޖައްސާލާނީ. ޔޫ ލުކް ސޯ ޕްރިޓީ މަގޭ ކުޑަ ކުޑަ ރަތްޕަރީ......." އައްމާރު ލަސްލަހުން އެއަތްތިލަ ވަކިކޮށްލާފައި ޖީބަށް އަތްޖަހައިލިއެވެ. ކާއިއާ ހެވުނުވަރުން އަނގަމަތީގައި އަތް އަޅާލާފައި އައްމާރުއަށް ޝުކުރު އަދާކުރިއިރު އެ މުށި ދެލޯ ވިދައެވެ.

"ގޯޑް، ޔޫ ބިކޭމް ސޯ ރިލިޖަސް، ވަރަށް އުފާވެއްޖެ....." ކާއިއާގެ މޫނަށް އޭރު ވަނީ ރަތްކުލަ ވެރިވެފައެވެ.

އެވަގުތު ފިޔަވަޅުތަކެއްގެ އަޑު އިވުމުން ދެމީހުންނަށް އެއްފަހަރާ ބަލައިލެވުނުއިރު ކިޔަން އެވެ.

"ސޮރީ ފޯރ އިންޓެރަޕްޓިން، އެކަމަކު އަހަރެންގެ ޒިންމާވެސް އަދާކުރަންވާނެއްނު. ކައި ފަޅުގެއަކަށް ވަނީމަ އަހަރެން މިހިރީ ވާނުވާ ބަލަން. އެކަމަކު ނަސީބަކުން ޖިންނިއެއްގެ ބަދަލުގައި ހީ ނުކުރާ ފަރާތަކާއި މިތަނުން މިދިމާވީ. ހެލޯ ބްރަދަރ އިން ލޯ، ކިހިނެއްތަ؟ " ކިޔަން އަތް ދިއްކޮށްލަމުން ހިނިތުންވެލިއެވެ. އައްމާރުގެ ހިފާލުން ވަރަށް ބާރެވެ. އެއަތުގެ ބާރުގަދަކަން ކިޔަންއަށްވެސް އިހުސާސްކުރުވާދިނެވެ.

"ބޭނުން ސެލްފީއެއް ނަގާލަން..." ކުއްލިއަކަށް ކާއިއާ ދެމީހުންގެ ދޭތެރެއަށް ވަދެފައި ފޯނު ދިއްކޮށްލިއެވެ. ކިޔަން އަދި އައްމާރުވެސް ކާއިއާއާއި މޫނު ކައިރިކޮށްލަމުން ހިނިތުންވެލިއެވެ.

"ބެސްޓް ސެލްފީ އެވަރ...." ކާއިއާ ވަގުތުން އިންސްޓަގްރާމަށް ލާން އުޅެފައި އަދި އެންމެ ރަގަޅު ވަގުތު ނޫންކަން ވިސްނުނެވެ. މަންމައަށް އަދި އައްމާރު އެނގިގެން ނުވާނެއެވެ. އިރުއޮއްސެމުން ދިޔަ މަންޒަރާއިއެކު އެންމެ ލޯބިވާ ދެމީހަކާއިއެކު ނެގުނު އެފޮޓޯ އޭނައަށް ވަރަށް ކަމުދިޔައެވެ.

ތިން މީހުން އިރުކޮޅެއްވާންދެން ވާހަކަދައްކަން ތިބުމަށްފަހު މަންމަމެންނާއި ބައްދަލުކުރުވަން ގެއަށް ގެންދަން އުޅުމުން އައްމާރު ދެކޮޅުހެދިއެވެ. އޭނަ އަންނާނީ ރަސްމީކޮށް ދައުވަތު ދިނުމުންކަމަށް ބުނެލީ ހީލާފައެވެ. އެކުޑަ ބައްދަލުވުމުންވެސް ދެހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ގެނެސްދީފިއެވެ. ދެމީހުން މީގެ ހަތްއަހަރު ކުރިން ދިމާވުމަށްފަހު ހާދަ ދިގު އިންތިޒާރެއް ކުރެވިއްޖެއެވެ. ދެމީހުން ދިމާނުވެގެން ހާދަ މަސައްކަތެއް ކުރެވިއްޖެއެވެ. ތަގުދީރުގައި ކަނޑައަޅުއްވާފައިވާ ގަޑިޖެހުމުން ލަހެއް ފަހެއްނުވާނެއެވެ.

އައްމާރުގެ މަންމަ ނަބީލާއާއި ޖަމީލު އަދި ޒަކާއާއި އީމާ ގޮވައިގެން އައްމާރު އެގެއަށް އަންނަން ދައުވަތުދިނީ ޝުވޭކާރު އަމިއްލައަށެވެ. ރޭގަނޑުގެ ކެއުމަކަށް ދިން ދައުވަތު ގަބޫލުކޮށްގެން އެގެއަށް އައިގޮތަށް ޖަމީލުއާއި ނަބީލާގެ ތުންފަތް މައްޗަށް ދަތްނާރާ އެންމެ ހިދުކޮޅެއްވެސް ނާދެއެވެ. ކުއްލިއަކަށް އެމީހުންގެ އެންމެ ލޯބިވާ ދަރިކަމުގައި އައްމާރު ވެއްޖެއެވެ. އެހާ ލޯބިން އައްމާރުއާއި ވާހަކަދެއްކުމުން އައްމާރު ފޫހިވާގޮތްވިއެވެ. ދެއްކުންތެރިކަމުގެ ހައްދެއްނެތެވެ. މިހާ ދުވަހު އޭނަވެފައިވަނީ ގޮނޑުން ހޮވި ކުއްޖެއްކަމުގައެވެ. މުއްސަދި ޅީދަރިއެއް ލިބެން އުޅުނީމަ އެހުރިހާ ކަމެއް ހަނދާން ނެތިއްޖެއެވެ. އިންސާނުންނަކީ އަމިއްލަ އެދުމުން ފޯވެފައިވާ ބަޔެކެވެ. ޝުވޭކާރަށް އައްމާރުއަކީ އޭނަގެ ދަރިފުޅުގެ ލޯބިވެރިޔާކަން ޔަގީންވުމުން ވަރަށް އުފާވިއެވެ. އޭނަ ކުރި ހީއަކީ ތެދު އެއްޗަކަށް ވެއްޖެއެވެ.

ފައިސަލްގެ މަންމަ އެރޭ ކުއްލިއަކަށް ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުމުން އޭނައަށް އެ ކެއުމުގައި ބައިވެރިވެ ނުވެވުނުކަމުގައި ޝުވޭކާރު ބުނެލިއެވެ. ޝުވޭކާރު އައްމާރުއަށް ބަލައިލީ ކުލުނުން ފުރިފައިވާ ނަޒަރަކުންނެވެ. އޭނަގެ އަތުގަޔާއި ބޮލުގައި ބޭސްއަޅަން ޖެހުމުގެ އަސްލަކީ އޭނަކަމަށްވާތީ އެކަމާއި ހިތަށް އުދަގޫވިއެވެ. އައްމާރުގެ ޙާލު އޮޅުން ފިލުވަން ސުވާލުކޮށްލުމުން އައްމާރު ވާހަކަދެއްކިއެވެ. އޭރު އެންމެންގެ ނަޒަރު އައްމާރުގެ މޫނަށް ހުއްޓިފައިވިއެވެ. ޚާއްސަކޮށް ކާއިއާ އިނީ ދުރު ބަލައިލަން ނޭގިފައެވެ.

އޭރު ޒަކާއާއި އީމާ ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. އެގޭގެ ރީތިކަމާއި ޝާހީކަމަށް އެތައް ފަހަރު ތައުރީފުކޮށްފިއެވެ. އެތަން މިތަނަށް ބޯ ބާނަމުން އުޅުނީ އަމިއްލަ ތަނެއްފަދައިންނެވެ. އަދި ކިޔަންއާއި ވާހަކަދައްކާހިތުން ހީވަނީ އެހެން ކަމެއްހެންނެވެ. މަޝްހޫރު ސީރީޒްތަކުގެ އެތައް ތަރިންނަކާއި އޭނަ ވައްތަރުކޮށްފައި ތަޢުރީފުކުރިއެވެ. އެކުދިން އަނގަ ތަޅާވަރުން ނަބީލާ ރުޅިއައިސްގެން ދޭތެރެއަކުން ލޯ އަޅައިލިއެވެ. އަނގަ މަޑުން ލައިގެން އަދަބުވެރިވެގެން ތިބެން ބުނެވުނު އަދަދެއްވެސް ނޭގެއެވެ. އެވަރުންވެސް އަޑު އިވޭކަމަކަށް ނުވިއެވެ. މޭޒުމަތީގެ އަދަބެއްވެސް އެނގިފައެއް ނެތެވެ.

"އިމީ އެހެން ކުދިންނާއި ވަރަށް ތަފާތު، އެހެން ބައްޕައެއްތަ؟ "ކުއްލިއަކަށް ކިޔަން ކުރި ސުވާލުން ނަބީލާގެ މޫނުގެ ކުލަވަރު ބަދަލުވާން އުޅުނެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ ހިނިގަނޑެއް ޖަހައިލަމުން މޫނުމަތި ރީތިކޮށްލައިފިއެވެ.

"އައްމާރު ތަންކޮޅެއް އިސްކޮޅުން ދިގުވެފައި ދޮންވީމަ އެންމެން ކިޔާނެ ބޭރު ކުއްޖަކާއި ވައްތަރޭ، ކުޑައިރު އޭނަ މީހުންގެ ތެރެއަށް ގެންދަންވެސް ބިރުގަންނަ ހިސާބަށް ދިޔަ، ޖިދާން އާއި އައްމާރު ކުޑައިރުއްސުރެން ވަރަށް ތޮޅެ އަރައިރުންވާނެ، އަރައިރުންވާ ވަގުތުގައި އައްމާރު ރުޅިއަރުވަން ޖިދާން ކިޔާނެ ތީ ޓްރިވެންޑްރަމްގެ ގޮނޑުން މަންމަ ހޮވައިގެން ގެނައި ކުއްޖެކޭ، ދެން އެންމެންވެސް ރުޅިއަންނައިރަށް އައްމާރުއާއި ދިމާލަށް ބުނާ ހަރުބަހަކީ އެއީ، އަހަރެންގެ މަންމަ ވަރަށް ދޮންވާނެ، މަންމައާއި އައްމާރު ވައްތަރީ......" ނަބީލާ ވާހަކަދެއްކިއިރު އައްމާރު އިނީ ފޯނާއި ކުޅެކުޅެއެވެ. މާމާގެ ނަން އިވުމުން އައްމާރުއަށް އިސްއުފުލައިލެވުނެވެ. އޭނަ މާމަ މަތިން ހަނދާންވީ ހާދަ ދުވަހެއްކޮށްލާފައެވެ. މާމަދެކެ މިފަހުން ފޫހިވާވަރުން މާމަ އުޅޭ ކޮޓަރިއާއި ހަމަޔަށް ވަދެނުލާތާ ކޮން ދުވަހެއްހެއްޔެވެ؟ ކުއްލިއަކަށް ހިތަށް އަސަރުކުރިއެވެ. މާމަ މާޒީގައި ކިތަންމެ އަނިޔާވެރިވެފައިވި ނަމަވެސް އެއީ އޭނަގެ މާމައެވެ. އޭނަދެކެ އެންމެ ބޮޑަށް ލޯބިވެ އަބަދުވެސް ފިރުމާލަދިން އެކަނި މީހަކީ އެއީއެވެ.

"ޖިދާން ކޮބާތަ؟ "ޝުވޭކާރު އަހާލައިފިއެވެ.

"ޖިދާންއިޒް އެ ގޭންގް ލީޑަރ. ޔޫ ނޯ ލައިކް އަންޑަރވާލްޑް ބޮސް އެއް. މާފިއާ މީހެއް. ހީޒް ސޯ ހެންޑްސަމް...." ޒަކާގެ ޖަވާބުން އެތަނަށް މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ.

"ވާއު ރިއަލީ؟ މާފިއާތަ؟ " ކިޔަން ޝައުގުވެރިވިކަމަށް ހެދުނެވެ. ކިޔަން ވާހަކަ ދެއްކުމުން ޒަކާ ފޮނިވެގެން އަދި އިތުރަށް ދޮގުހަދަހަދާފައިވެސް ޖިދާން މޮޅުކުރަން ކިޔާދޭންފެށިއެވެ. އެވާހަކަދެއްކިއިރު އަޑު އެހާ ހިމަކޮށްލާފައި ތުއިވީވަރުން ޝުވޭކާރުވެސް އިނީ އުދަގޫވެފައެވެ.

"ޒަކާ މީހުންގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަން ދަސްކުރި ތަނެއްވެސް ނޭގޭ، ފާޑެއްގެ ރާއްޖެތެރޭގެ ކުއްޖެއް ގެއަށް ގެނައިފަހުން މިކުދިންގެ އަދަބެއް ސަދަބެއް ނުހުރޭ، ޖިދާން ސިޔާސީ މަގާމެއްގައި އުޅެގެން ފައިސާ ލިބެންފެށީމަ އަވަށްޓެރިން ހަސަދަލައިގެން ކިޔަންފެށި އެއްޗެއް އެވެސް. މިހާރު މާލޭގެ ދާއިރާއަކަށް ކުރިމަތިލައިގެން އެބައުޅޭ، އޭނަގެ ރަހުމަތްތެރިން އެހާ ގިނަ، ބައްޕައަކީ މުއްސަދި މީހަކަށްވީމަ އޭނައަށް ފައިސާ ނުލިބެންވީ ކީއްވެތަ؟ ޒަކާމެންނަކަށް އެކައްޗެއްވެސް ނޭގޭ، އަނގަޔަށް އެއްޗެއް ލައިގެންވެސް ތި އަނގަގަޑު މައިތިރިކޮށްގެން އިނދޭ......" ނަބީލާ އަޑުލިއެވެ.

"ސޮރީ މަންމާ، މާފު......" ޒަކާ ވައްތަރެއް ޖައްސާލާފައި ކުކުޅު ފަޔެއް އަނގައިގާ ޖެހިއެވެ.

"މިހާރު އެކުއްޖާ ވަރުގެ މުއްސަންޖެއް މި މާލޭގައެއް ނެތް. އެހެން ކުދިންގެ ބައްޕައަކީ މިއިންނެވި ޖަމީލް، އޭނަވެސް މިހާރު ހޮޓަލެއް ހުޅުވަންވެގެން އުޅެނީ. ވިޔަފާރިވެރިއެއް........" ނަބީލާ މަތިމައްޗަށް ދޮގުހަދަމުން ދިޔައެވެ.

"ބައްޕައަކީ ވިޔަފާރިވެރިއެއްނޫން. ބްލެކް މެޖިޝަނެއް، ޔޫ ނޯ، ސިހުރުވެރިއެއް......" އީމާ ހިތުން އުޅުނީ ފޮނި ކަޑާށެވެ.

"އީމާ....." ޖަމީލުގެ އަޑު ބާރުކަމުން އެންމެނަށް ސިހުމެއް ލިބުނެވެ.

"އެއީ ގޯސްކަމެއްތަ؟ ކިހާ ކޫލް، ބައްޕަމެން އެކަން ފޮރުވަން އުޅުނަސް އައިމް ޕްރައުޑް ޓު ސޭ ދިސް، ޖެހިގެން އެހެރީ އަސްލު އަހަރެމެންގެ ގެ، އެގޭގައި ސިހުރު އެއްޗިސް ވަޅުލާފައިވެސް ހުރޭ....." އީމާ ކުރިޔަށް ގެންދިޔައެވެ. ޖަމީލުއާއި ނަބީލާ ތިބީ އަނގަ ސަކަރާތްވެފައެވެ. ހިތި ހަބަރުކޮޅެއް އަނގަޔަށް ލެވުމުން ވާނީ އެފަދަ ގޮތެކެވެ. އެހެން މީހަކު ނެތްނަމަ ނަބީލާ އީމާ ތަޅައިގަތްގަތީނުން ބިންމައްޗަށް ދަމާލީހެވެ.

ކާއިއާ ކިޔަންއާއި ދިމާލަށް ބަލާލާފައި ލޮލަށް ގޮތެއް ހަދައިލިއެވެ. އައްމާރުގެ ޢާއިލާ ފޫހިކަމުން އެންމެން ތިބީ ސަލާމަތް ނުވެވިފައެވެ. އައްމާރު އިނީ ލަދުގެންފައެވެ. އެންމެން އެހާ އަދަބުކުޑަކޮށް އުޅުމުން ކިތަންމެހާވެސް އުދަގޫވިއެވެ. ކިތަންމެ ފަގީރުކޮށް އުޅުނަސް އަޚުލާގު ރީތިވެއްޖެއްޔާ އެހެންމީހުންގެ ލޯބި ލިބޭނެއެވެ. މިވީ އެހެނެއް ނޫނެވެ. ބަޔަކު ދައުވަތުދީގެން ގެނައުމުން ކާއެއްޗިއްސަށް ޖެހިގަތްއިރުވެސް ހީވީ އެތައް ދުވަހެއް ވާންދެން ބަނޑަށް ތިބިބަޔެއް ހެންނެވެ. ވާހަކަދެއްކުމުގެ ބަހުރުވަވެސް ރީއްޗެއް ނުވިއެވެ.

ކެއުން ނިމުނުއިރު ޝުވޭކާރަށް ކިތަންމެ އެއްޗެއް ދަސްވެއްޖެއެވެ. އައްމާރުގެ ޢާއިލާގެ ގޮތެއްފޮތެއް ނެތްކަން އެނގި ހިތާމަކުރިއެވެ. ފައިސަލް އިންނެވިނަމަ މި ގުޅުމަށް ދެކޮޅު ނަހަދާނެކަމެއްވެސް ނޭގެއެވެ. އައްމާރު ކިތަންމެ ރަގަޅުވެފައި މަޑުމައިތިރިވިޔަސް "ގޭންގްސްޓާ" އާއިލާއެއްގެ ތެރެއަށް އަންހެން ދަރިފުޅު ދޫކޮށްލެވޭނެ ހެއްޔެވެ؟ އައްމާރުއަށްޓަކާ ހިތުގައިވާ ކުލުނެއްގެ ބޮޑުކަމުން ޝުވޭކާރަށް އަބަދު ވިސްނެނީ އެކުއްޖާއާއި ދޭތެރޭގައެވެ. ކާއިއާއާއި އައްމާރު އެކަކު އަނެކަކަށްޓަކާ ދީވާނާވެފައިވާއިރު އެދެލޯބިވެރިން ދުރުކޮށްލާނެ ހިތްވަރެއް އޭނަގެ ނެތެވެ. ދެރައީ އައްމާރުގެ އާއިލާއެވެ. އެމީހުންނާއި އައްމާރު ވަކިކުރުވާނެ ގޮތަކާއިމެދުވެސް އޭނަ ފިކުރުކުރިއެވެ.

އެންމެން ދިޔުމުން ކިޔަންއާއި ކާއިއާ ސިޓިންރޫމްގައި މަޑުކޮށްލިއެވެ. އޭރު ބޯކޮށް ވާރޭ ވެހޭ އަޑު އިވެމުންދިޔައެވެ. ހުޅަނގުގެ ވިއްސާރަ ހަދަން ފެށިފަހުން ދެވަނަވަރެއް ނުވެއެވެ. ކާއިއާގެ ދުޢާއަކީ އޭނަގެ ކައިވެނި ޕާޓީ ބާއްވަންވާއިރަށް ވިއްސާރަ އަލިވުމެވެ.

"ފްރީކް ފެމިލީއެއް. ބޭބެއަކީ މާފިޔާ ބޮޑެއް، ބައްޕައަކީ ސިހުރުވެރިއެއް، ކުޑަ ދެ ބިޗުން ހީވީ ބިރުވެރި ފިލްމަކުން ނުކުމެގެން އައި ބަޔެއްހެން، އެހާ ގޮތިކްވެގެން ތިބީ، މަންމަ ސައިކޯއަކާއި ތަފާތެއްނެތް، އަބަދުހެން އިންނަނީ ކަޅިއެޅިފައި، ކައިއަށް އޭނަ ފެނުނީ ވަރަށް ނުލަފާ އަންހެނެއްގެ ސިފައިގާ، ގޯޑް، އިމީ އެކަހަލަ ގެއަކަށް ބިލޯންގް ވާކަން ގަބޫލުކުރާކަށްވެސް ބޭނުމެއްނޫން، އެކަމަކު. އަދި ނޭގޭ މަންމަ ރުޅިއައިސްގެން އެންގޭޖްމެންޓް ކެންސަލް ނުކުރާނެކަމެއްވެސް....." ކާއިއާ ސިޓިން ރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

"ކާމް ޑައުން އައިމިނާ ބީ......." ކިޔަން އޮތީ ކައުޗްގައި ދިގުދެމިލައިގެން ނިކަން އަރާމުކޮށް އެތައް ކުޝަންތަކެއް ގައިމަތީ ބާއްވާލައިގެން ކްލޭޝް އޮފް ކްލޭންސް ކުޅޭށެވެ.

"މަންމަ މެން ނޫނެކޭ ބުނެފިއްޔާ މޫދަށް ފުންމާލާނީ....."ކާއިއާ ދަތްތައް ވިކައިގަތެވެ.

"ދެޓްސް ގުޑް، ކޫލް.........." ކިޔަން ބުނެލިއެވެ.

"ދޮންބޭ، ސީރިޔަސްކޮށް އަޑުއަހާބަލަ، ހަޔާތުގެ އެންމެ މުހިއްމު ކަންތަކާއި ކުރިމަތިވެގެން ފެއިލްވާން އުޅޭއިރުވެސް ދޮންބެ ތިނަގަނީ ސަމާސާއަށްކަން އެނގޭ، އެކަމަކު އައިމް ނޮޓް އިމްމެޗުއަރ، މީހަކާއި އިންނާނީ ދެން ވިސްނޭ މީހަކަށްވެ އުފާވެރި ހަޔާތެއް ބިނާކުރަންވީމައެއްނު، އިމީގެ ފެމިލީއަކީ ޖިންނި އާއިލާއަކަށްވިޔަސް ވަކިވާކަށް ބޭނުމެއްނޫން، ބޭނުމީ މެރީކޮށްގެން ނަބީލާވިލާގައި އުޅެން....." ކާއިއާ ހީވީ ރޮއިގެންފާނެހެންންނެވެ.

"އެ ކުޑަ އަންހެންކުއްޖާ ބުންޏެއްނު އެގެއަށް ސިހުރު ހަދާފަޔޯ ހުރީ، ކައި ބިރެއްނުގަނޭތަ؟ " ކިޔަން މަޑުމަޑުން ކިޔާލިއެވެ.

"ސިހުރުން ސަލާމަތްވާނީ ކިހިނެއްތަ؟ " ކާއިއާ ބިރުގަންނަގޮތްވިއެވެ.

"ގޫގުލް......." ކިޔަން އެއްލޯމަރައިލިއެވެ.

"ގްރރްރރް..." ކާއިއާ އަޑެއްލައްވާފައި ކުޝަންތަކުން ކިޔަންގެ ގައިގާ ތަޅައިގަތެވެ.

ޝުވޭކާރުގެ ސްކޫލްދައުރުގެ އެކުވެރިއެއްކަމަށްވާ ޝެހެނާޒް މެލޭޝިއާއަށް ފުރާތީ އޭނަ ޝެހެނާޒާއި ބައްދަލުކުރަން ރެސްޓޯރެންޓަކަށް ދިޔައެވެ. ދެމީހުން ދިހައަކާއި ހަމަޔަށް ބެސްޓްފެރެންޑުންގެ ގޮތުގައި އުޅެފައިވެސް ދިމާވިގޮތުން ޝެހެނާޒްގެ އާއިލާ ރަށަށް ބަދަލުވީއެވެ. އެފަހުން މަޑުމަޑުންގޮސް ދެމީހުން ދުރުވެ އެކަކު އަނެކަކަށް މިފެނުނީ އެތައް އަހަރުތަކެއް ފަހުންނެވެ. ދެމީހުންވެސް އާއިލާގެ ވާހަކަތައް ހިއްސާކުރަންފެށިއެވެ. ހަޔާތުގެ ބައިވެރިންނާއި ދަރިންގެ ވާހަކަތައް ކިޔާދިނެވެ. ޝެހެނާޒް އޭނަގެ ދަރިފުޅު ސަނާގެ މަރުގެ ހާދިސާ ނިކަން އަސަރާއިއެކު ކިޔާދިނެވެ. އެކަން ކުރި ގާތިލަކީ ޖިދާން ކިޔާ މީހެއް ކަމުގައި ބުނުމުން ޝުވޭކާރުގެ މޫނު ކަފަކޮޅެއްހާ ހުދުވިއެވެ. އެކަމެއް ޝެހެނާޒަށް ނޭގުނީ ލޮލުން ފައިބައިގަތް ކަރުނަތަކުން ލޯ ފުސްވުމުންނެވެ.

ޝެހެނާޒްވެސް އޭނަގެ ދަރިފުޅު ސާރާ ކައިވެނިކޮށްގެން އުޅެނީ ޖިދާންގެ ކޮއްކޮއަކާއި ކަމުގައި ފާޅުކުރަން ފަސްޖެހުނެވެ. ހަމަ އެގޮތަށް ޝުވޭކާރަށްވެސް ނުކެރުނީ އޭނަގެ ދަރިފުޅު ކާއިއާ ހިތާވެގެން އުޅެނީ ޖިދާންގެ ކޮއްކޮއަކާއި ކަމުގައި ބުނާށެވެ. ދެމީހުންގެ ދަރިން ހިތާވެގެން އުޅެނީ އެކަކާއި ކަމެއް ނޭގުނީ ދެމީހުންވެސް އެކަން ސިއްރުކުރުމުންނެވެ. އެހެންނޫންނަމަ ވަރަށް ބޮޑު ގޯހެއް ހެދުމުން ސަލާމަތް ކުރެވުނީސްކަން ނޭގެއެވެ.

ގެއަށް އައިއިރު ޝުވޭކާރު ހުރީ ކުޑަކޮށް ތެމިފައެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގޭތެރެއަށް ވެރިވެފައިވާ ގަދަ ފިނިކަމުގެ ސަބަބުން އޭނަ ހީކަރުވާގޮތްވިއެވެ. އެންމެ ފުރަތަމަ ބަލައިލެވުނީ އޭނަގެ ލޯބިވާ ދެދަރިންގެ ހާލެވެ. ކިޔަން އޮތީ ނިދާފައެވެ. ކާއިއާވެސް ބޯ ރަޖާގެ ދަށުގައި އޮތްތަން ފެނިފައި ޝުވޭކާރު ހިނިތުންވެލިއެވެ. ރަޖާގެ ދަށުގައި އޮވެގެންވެސް އޭނަ ޗެޓްކުރަނީކަން ޝުވޭކާރު ދެނެގަތެވެ. މިއަދު އޭނަގެ ހިތަށް ނުބައި އަސަރުތަކެއް ނުކުރިއެވެ. އޭގެ ބަދަލުގައި ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ނަމަވެސް ކޮންމެވެސް ކަމެއް ހަނދާނުގެ މަޑިކިލަބުގައި ފިޔަޖަހައިލުމުން އެ ހިނިތުންވުން ގެއްލުނެވެ. އޭނަ އަވަސްވެގަތީ ފައިސަލް ހުރި ހިސާބެއް ހޯދުމަށެވެ. ފައިސަލް އޭރުވެސް އިނީ ލައިބްރަރީގައި ކޮންމެވެސް މަސައްކަތެއްގައެވެ. އެތަނުގެ އޭސީ ތަންކޮޅެއް ދަށްކޮށްފައިވާތީ އަރާމު ހޫނުކަމެއް އިހުސާސްކުރެވުނެވެ.

"ފައިސަލް، ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އޮތީމަ މިއައީ....." ޝުވޭކާރު މަޑުމަޑުން ބުނެލިއެވެ.

ކޮމެންޓް 0